މަންހަޖަކީ ދަރިވަރުންނަށް މަދަރުސާތަކުން ކިޔަވައިދޭ ތަކެއްޗެވެ. މަންހަޖުގެ ތެރޭގައި ލިޔަންކިޔަން ދަސްކޮށްދިނުމާއި ހިސާބުޖަހަން ދަސްކޮށްދިނުމާއި މި ނޫން ވެސް މިފަދަ ޢިލްމީ ބައިތައް ހިމެނެއެވެ. ދަރިވަރުންނަށް އިތުރު ޙަރަކާތްތަކުގެ ތެރެއިން ދަސްކޮށްދޭ ހުނަރުތައް ބައެއް މީހުން މަންހަޖުގެ ތެރޭގައި ހިމަނައެވެ. މަންހަޖަށް އިނގިރޭސިބަހުން ކަރިކިޔުލަމް ކިޔައެވެ. މިއީ އިހުގައި އަސް ގާޑިއަލަކަށް އަދި ފަހުން އެ ދުއްވާ މަގަށް ކިޔާ ނަމެކެވެ.
ދިވެހިރާއްޖޭގައި ޤައުމީ މަންހަޖެއް ތައާރަފުކުރަން އެންމެ ފުރަތަމަ ޖެހުނީ، ޤައުމީ ފެންވަރުގައި އިންތިޙާނުތައް ބާއްވައި، ދަރިވަރުން މާލެގެނެސް އިނާމުދޭ ގޮތަށް ހަމަޖެހުމާ ގުޅިގެންނެވެ. މިކަން ފެއްޓެވީ މުޙައްމަދު އަމީނެވެ. ތިރީގައި މި ގެނެސްދެނީ ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ މަންހަޖެވެ. މި މަންހަޖު ޝާއިޢުކޮށްފައިވަނީ ”ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް“ މި ފޮތްބައިގެ 11 ވަނަ ޢަދަދުގައެވެ. އަހަރަކީ 1953 އެވެ. ރާއްޖޭގައި ދެވަނަ ފަހަރަށް ޤައުމީ މަންހަޖެއް ތަޢާރުފުކުރެވުނީ ކޮމިޔުނިޓީ ސްކޫލްތައް ޤާއިމްކުރަން ފެށުމާ ގުޅިގެން 1983 ވަނަ އަހަރު ބޭއްވުނު ބައްދަލުވުންތަކަށް ފަހުއެވެ.
މި މަންހަޖާ މެދު
އަމީން ދައުރުގެ މަންހަޖު، މިހާރުގެ މަންހަޖާ އަޅާ ބަލާއިރު އޭގެ މަކަ/ބަރުދަން ވަޒަންކުރެވެނީ ކިހިނެއްތޯ އެވެ؟ މުޅި ޤައުމުގައި އެއް ފޮތްތަކެއް ގެންގުޅޭ ނަމަ، މަންހަޖު ބައެއް ފަހަރު އެކުލަވައިލަނީ ފޮތްތަކަށް ހަވާލާދީއެވެ. އެ ފޮތްތަކުގައި އެކި ފިލާވަޅުތަކުގައި ހުންނަންވީ ތަކެތި ކިޔަވައިދޭން ޖެހޭ ފުޅާމިނާއި ފުންމިނަށް ލިޔެވިގެންވާނެއެވެ.
އަޅުގަނޑުގެ ނަޒަރުގައި އަމީން ދައުރުގެ މަންހަޖަކީ، ރާއްޖެއާ ވަރަށް ގުޅޭ މަންހަޖެކެވެ. އެއީ މީގެ 75 އަހަރު ކުރީގެ މަންހަޖެއް ކަމުން، ބައެއް ކަހަލަ އިތުރު ކިޔެވެލި މިހާރު ހިމަނަން ޖެހޭނެއެވެ. މި ޒަމާނާއި މަކާނަށް ބަލައި އިރާހަމަކުރަން ޖެހޭނެއެވެ. ނަމަވެސް، އަމީން ގެ މަންހަޖު ކިޔަވައިގެން ދަސްވެނިވާ ކުއްޖަކު، މިހާރުގެ ކުއްޖަކަށް ވުރެ ސުލޫކު ރަނގަޅުވާނެއެވެ. ވާހަކަ ދެއްކުމަށް ކުޅަދާނަ ވާނެއެވެ. ލިޔެކިޔަން ފަރިތަވާނެއެވެ. އެރިތުމެޓިކް ކިޔާ ބާވަތުގެ ހިސާބަށް މޮޅުވާނެއެވެ. މުޢާމަލާތްތައް މޫރިތި ވާނެއެވެ. ބޭރުގެ ތަކެއްޗަށް ރޭރުވުން ކުޑަވާނެއެވެ. މައިންބަފައިންނާއި ޤައުމުދެކެ ލޯބިވާނެއެވެ. ތިބާއަކީ މަންހަޖު ދާއިރާގެ ހުނަރުވެރިކަން ހުރި މީހެއް ނަމަ، މި ޚިޔާލަށް ތިބާ ތާއީދުކުރައްވާނަން ތޯއެވެ؟ އިންކާރު ކުރައްވާނީ ކޮން ސަބަބުތަކެއްގެ މައްޗަށް ބުރަވެތޯ އެވެ؟
ރާއްޖޭގައި މިހާރު ބޭނުންކުރާ މަންހަޖަކީ، އަޅުގަނޑުގެ ނަޒަރުގައި، ވަރަށް ކަމުނުދާ މަންހަޖެކެވެ. މަންހަޖާއި ތަޢުލީމުގެ ޤާނޫނާ އެތައް ފުށުއެރުންތަކެއް ވެއެވެ. ރާއްޖޭގެ މަދްރަސާތަކުގައި ތަންފީޒުކުރަމުންދާ މަންހަޖާއި ކަމާބެހޭ ފަރާތްތަކުން ފައުޅުކޮށްފައިވާ މަންހަޖާ ގުޅުން ކުޑައެވެ. މިހެން މިވީ ހުޅަނގުގެ ކޮންސަލްޓަންޓުންގެ ޚިޔާލަށް ދީލާލެވި، ނިއޯލިބަރަލިޒަމްގެ ހަމަތައް މަންހަޖުގެ ތެރެއަށް ފޭދި، ރާއްޖޭގެ މާހައުލާއި އާދަކާދައާއި ޤަދަރުދޭ ކަންތައްތަކާ ގުޅުން ކެނޑިގެންނެވެ.
މިޒަމާނުގައި، ސާނަވީ ފެންވަރު ބެލުމަށް ދަރިވަރުން ލައްވައި އެތައް ޤައުމެއްގައި ހައްދާ ޓެސްޓެއް އޮވެއެވެ. އެ ޓެސްޓަށް ކިޔަނީ ޕިސާ ޓެސްޓެވެ. ތިރީގައި އެވަނީ އެ ޓެސްޓުގެ 2022 ވަނަ އަހަރުގެ ނަތީޖާތަކެވެ. އެއްވަނައިގައި އުޅެނީ ކޮން ޤައުމެއް ތޯއެވެ؟ އަޅުގަނޑުމެން ތަޢުލީމީ ދާއިރާއިން އުހަށް އެރުމަށް ތަޤްލީދު ކުރަން ރަނގަޅުވާނީ 1 ވަނައިގައިވާ ޤައުމު ތޯއެވެ؟ ނުވަތަ 24 ގައިވާ ޤައުމުތޯއެވެ؟ ސިންގަޕޫރުގައި ކީސްޓޭޖްތަކަކަށް މަދްރަސީ ދައުރު ބަހާފައިވޭތޯއެވެ؟ އަޅުގަނޑަށް ޔަޤީން ކުރެވޭ ގޮތުން، ރާއްޖޭގެ ތަޢުލީމުގެ މަންހަޖުވަނީ ވަރަށް ބޮޑަށް މުރާޖަޢާ ކުރަން ޖެހިފައެވެ. ނަމޫނާ އަކަށް ބަލަންވީ ޕިސާ ޓެސްޓްތަކުގައި ވަނަވަނައިގައި އުޅޭ ޤައުމުތަކުގެ އުސޫލުތަކެވެ. އިނގިރޭސިވިލާތް ލައްވާ ކޮންމެ ބަނޑިއަކަށް ބަނޑިއެއް ލައްވައިގެން އަޅުގަނޑުމެންނަށް މި ވަދެވުނީ ވަލަށް ނޫންތޯއެވެ؟ ކުރީގެ މަންހަޖަށް ވުރެ ވެސް، މިހާރުގެ މަންހަޖު ދެރަވަރުކަމުގައި އަޅުގަނޑަށް ފެނެއެވެ. އެންމެ ފުރަތަމަ މަދްރަސީ ތަޢުލީމު ދޭ ސަބަބު ބަޔާންކުރުން ކިހިނެއް ވާނެތޯއެވެ؟
ރާއްޖޭގެ މަދްރަސީ ތަޢުލީމަށް އައު ރޯޝަންކަމެއް ގެންނަން ބޭނުންވާ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން މަންހަޖު ރިވިޔޫ (މުރާޖަޢާ) ކުރުމަށް ވުރެ އިސްކަމެއް ވެއެވެ. އެއީ ތަޢުލީމުގެ ޤާނޫނު މުރާޖަޢާ ކުރުމެވެ. މި ޤާނޫނު ފަރުވާތެރިކަމާ އެކު ކިޔުއްވުމުން މަދްރަސީ ތަޢުލީމަށް ފާގަތި ބޭފުޅުންނަށް ފާހަގަކުރެއްވޭނީ އެއީ ވަރަށް ދެރަވަރުގެ އެއްޗެއް ކަމުގައެވެ. ދިވެހި އާދަކާދައާއި ވެއްޓާއި މާހައުލާއި ފޯރުންތެރިކަމަށް ބަލައި، އަލުން ޖެހޭނީ ޤާނޫނު ލިޔާށެވެ.
މި ”ހާސަރަށް“ ފަހު، ދެން މިގެނެސްދެނީ ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ މަންހަޖެވެ.
މަންހަޖު ލިޔެފައިވަނީ ފިރިހެން ގޮތްޕާއި އަންހެން ގޮތްޕަށް ވަކީންނެވެ. ލިޔުންގަނޑު ކުރުކުރުމުގެ ގޮތުން އަޅުގަނޑު މި މަޒުމޫނުގައި ވަނީ ދެބައި އެއްކޮށްލައި ފަރަގުތައް ފާހަގަކޮށްފައެވެ. ފިރިހެން ގޮފީގެ މަންހަޖު ވަނީ ތިން ބަޔަކަށް ބަހާފައެވެ. ފެށެނީ އެދުރުގޭގައި ދޭ ޤާނޫނުން ލާޒިމްކުރާ އިލްޒާމީ ތަޢުލީމުގެ ތިން އަހަރުންނެވެ. ދެން އޮތީ އިބްތިދާއީ (ޕްރައިމަރީ) މަރުހަލާއެވެ. މި މަރުހަލާވަނީ ފިރިހެން ކުދީންނަށް ދެ ބަޔަކަށް 1، 2 އަށް ބަހާފައެވެ. ފުރަތަމަ ބައިގައި ހިމެނެނީ ދެ އަހަރު ދުވަހެވެ. ދެވަނަ ބައިގައި ހިމެނެނީ ތިން އަހަރެވެ. މިއަށް ފަހު ދެން އޮތީ ޘާނަވީ (ސެކަންޑަރ) މަރުހަލާއެވެ. މި މަރުހަލާގައި ހިމެނެނީ ދެ އަހަރެވެ.
އަންހެން ގޮފީގެ އިލްޒާމީ ތަޢުލީމުގައި ހިމެނެނީވެސް ތިންއަހަރެވެ. އިބްތިދާއީ ތަޢުލީމުގެ ފުރަތަމަ ބައިގައި ހިމެނެނީ ފިރިހެން ކުދީންނާ އެއްގޮތަށް ދެ އަހަރެވެ. ނަވަމެސް އިބްތިދާއީ ތަޢުލީމުގެ ދެވަނަ ބައިގައި އަންހެންކުދީންނަށް އެއް އަހަރު ގިނައެވެ. ޖުމުލަ ހަތަރު ގްރޭޑް ނުވަތަ ކްލާސް އޮވެއެވެ. 1953 ވަނަ އަހަރު ޝާއިޢުކުރި މި މަންހަޖުގައި އަންހެން ކުދީންނަށް ޘާނަވީ ގްރޭޑްތަކެއް އޮންނަކަމަކަށް ނުފެނެއެވެ. އެހެންކަމުން ފިރިހެން ކުދީންނަށް އޮންނަނީ ޖުމުލަ 10 އަހަރެވެ. އަންހެން ކުދީންނަށް 9 އަހަރެވެ. ޖިންސްތަކުގެ މެދުގައި ތަފާތު ހުރީ ފަހު ހަތަރު އަހަރު ދުވަހުއެވެ. މަދްރަސަތުއްސަނިއްޔާ އާއި މަދްރަސަތުލްމަޖީދިއްޔާ އަކީ ޙަޤީޤަތުގައި އެއް މަދަރުސާއެކެވެ. ކުރިން ކިޔަނީ މަދްރަސުއްސަނިއްޔާއެވެ. މިތަނަށް ފިރިހެން ކުދީން ކިޔަވަން އަންނަނީ ދުވާލުއެވެ. އަންހެން ކުދީން ކިޔަވަން އަންނަނީ ރޭގަނޑުއެވެ. ދެން 6 މެއި 1947 ގައި ހެނދުނު އަންނަ މަދްރަސާއަށް މަދްރަސަތުލް މަޖީދިއްޔާ ކިޔައި، ރޭގަނޑު އަންނަ ކުދީން ކިޔަވަން އަންނަނީ މަދްރަސަތުއް ސަނިއްޔާއަށް ކަމަށް ހަމަޖެހުނެވެ. ނަމަވެސް ދެނަން ކިޔަސް ބޭނުންކުރަނީ އެއް ކިލާސްކޮޓަރި ތަކެކެވެ.
މަކްތަބް (އިިލްޒާމީ ތަޢުލީމްދޭ އެދުރުގެ)
1 ވަނަ ކްލާސް
-
ޢަރަބި އަކުރު ދަސްކުރުން
-
ތާނަ އަކުރު ދަސްކުރުން
-
ޢަރަބި އާއި ތާނަ އަކުުރު ބަލައިގެން ލިއުން
-
ޤުރްއާން. 30 ވަނަ ފޮތުގެ ނިޔަލަށް – ތިރިން ފަށައިގެން.
2 ވަނަ ކްލާސް
-
ޤުރްއާން. 29 ވަނަ ފޮތުން ފަށައިގެން 24 ވަަނަ ފޮތުގެ ނިޔަލަށް
-
ޢަރަބި އަކުރު ކިޔާން ދަސްކުރުން. (ފިލިޖަހާފައި، ޢަރަބީން ލިޔެފައި އެއްޗެހި އެނގޭ ވަރަށް)
-
ތާނަ ކިޔާން ދަސްކުރުން
-
ޙިސާބު. ފަންސާހާއި ހަމަޔަށް ގުނާށާއި ޖަހަން ސްކުރުން.
3 ވަނަ ކްލާސް
-
ޤުރްއާން. 23 ވަނަ ފޮތުން ފެށިގެން 17 ވަނަ ފޮތުގެ ނިޔަލަށް
-
ދީނިއްޔާތު. އީމާން، އިސްލާމް، އިޙްސާންކަން، ވުޟޫޢުކުރާނޭ ގޮތް، ވުޟޫޢުގެ ނިޔަތާއި ދުޢާ، ނަމާދުކުރާނޭ ގޮތާއި ނަމާދުގެ ދުޢާ އއި ޛިކުރުތައް.
-
ޙިސާބް. ވިއަ އަކުރުން 1000 އާހަމައަށް ޢަދަދު ކިޔާށާި ޖަހަން ދަސްކުރުން.
-
ޢަރަބި އަކުރާއި ތާނަ އަކުރު ބަލައިގެން ލިއުން.
މަދްރަސަތުލްމަޖީދިއްޔާގެ 1948 ގެ ދަރިވަރުން ކޮޅެއް
އިބްތިދާޢީ ތަޢުލީމުގެ 1 ވަނަ ބައި
ރާއްޖެތެރެއާއި މާލޭގެ ހަތަރު އަވަށުގެ މަދްރަސާ
1 ވަނަ ކްލާސް
-
ޤުރްއާން. 16 ވަނަ ފޮތުން ފެށިގެން 9 ވަނަ ފޮތުގެ ނިއަލަށް.
-
ދީނިއްޔާތު. ތަޢުލީމުއްދިޔާނާގެ 1 ވަނަ ފޮތުން 17 ވަނަ ފިލާވަޅުގެ ނިއަލަށް.
-
ޙިސާބް. ނަވަތައާއި ޢަދަދު ދަސްކުރުން، އެއްކުރުން.
-
ލިޔުން. ޢަރަބިތާނަ އަކުރު ރީތިކުރުން.
-
ކިޔުން. ޢަރަބި ތާނަ ޗާޕްކޮށްފައި ހުރި ތަކެތީން ބަލައިގެން ކިޔާން ފަރިތަކުރުން.
-
ތަޖްވީދް. ތަޝްދީދުލްއަޒްހާން (ދެބައިކޮށް ކުރީބައި)
2 ވަނަ ކްލާސް
-
ޤުރްއާން. 8 ވަނަ ފޮތުން ފެށިގެން ޚަތިމްކުރުން
-
ދީނިއްޔާތު. ތަޢުލީމުއްދިޔާނާގެ 1 ވަނަ ފޮތް، 18 ވަނަ ފިލާވަޅުން ފޮތުގެ ނިޔަލަށް.
-
ޙިސާބް. އެއްކުރުން، ކެނޑުން، ގުނަކުރާ ނަވަތަ ފަރިތަކުރުން.
-
ލިޔުން. ޢަރަބި ތާނަ އަކުރު ރީތިކުރުން
-
ކިޔުން. ޢަރަބިތާނަ ޗާޕުކޮށްފައި ހުންނަ ތަކެތީން ބަލައިގެން ފަރިތަކުރުން
-
ތަޖްޥީދު. ތަޝްދީދުލްއަޒްހާން (ފޮތުގެ ފަހުބައި)
-
ދިވެހި. ތާނަ އިމްލާ ލިއުއްވުން.
މަދްރަސަތުލްމަޖީދިއްޔާގެ 1953 ގެ ފޯމް 2 ގެ ޓައިމްޓެއިބްލް. މަޖީދިއްޔާގައި މި ދުވަސްވަރު، މިހާރުގެ ގޮތުން ގްރޭޑް 1 އިން ފަހަކަށް ކިޔަނީ 1، 2، 3، 4، 5 އެވެ. ކިލާސްތަކަށް އޭ، ބީ، ސީ، ކިޔުމުގެ ބަދަލުގައި ކިޔަނީ ހ، ށ، ނ… ފަދަ އަކުރެވެ. ފަސްވަނަ ކިލާހުން މައްޗަށް ފޯމް 1، ފޯމް 2، މިހެން ގޮސް ފޯމް 5 އާ ހަމައަށް ކިޔައެވެ. މި އަހަރު މަޖީދިއްޔާގައި އެންމެ މައްޗަށް އޮންނަނީ ފޯމް 2 އެވެ. ފޯމްގެ ޙަޤީޤީ މާނައަކީ ދިގު ގޮނޑިއެވެ. އެތައް ފެންވަރެއްގެ ދަރިވަރުން އެއް ޖާގައެއްގައި ކިޔަވާނަމަ، ވަކި ފެންވަރުގެ ދަރިވަރުން އިށީންނާނީ ވަކި ދިގު ގޮނޑިއެއްގައެވެ. މިހެންވެ، މީގެ 200 އަހަރު ކުރިން އިނގިރޭސި ވިލާތުގައި މިހެން ކިޔާތީ ރާއްޖޭގައި ވެސް މިހެން ކިޔަނީއެވެ. އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ ރާއްޖޭގައި ފޯމް 1 ކިޔަނީ ސާނަވީ ގެ 1 ވަނަ ފެންވަރަށެވެ. ފޯމް 2 ކިޔަނީ ދެވަނަ ފެންވަރަށެވެ. އެންމެ މައްޗަށް 1955 އައި އިރު އޮންނަނީ ފޯމް 2 ކަން މި މުޤައްރަރުން ސާފު ވެއެވެ.
އިބްތިތިދާޢީ ތަޢުލީމުގެ ދެވަނަ ބައި
(މަޖީދިއްޔާ އަށާއި ސަނިއްޔާ އަށް)
1 ވަނަ ކްލާސް
-
ދީނިއްޔާތު. ތަޢުލީމުއްދިޔާނާ ގެ ދެވަނަ ބައިގެ 13 ވަނަ ފިލާވަޅުގެ ނިއަލަށް
-
ދިވެހި. އިމްލާ ލިއުން، ޗާޕުކޮށްފައި ހުންނަ ފޮތްފޮތުން މަޒުމޫނު މުޠާލިއާ ކުރުން، ކުދި ސިޓީލިއުން.
-
ޙިސާބް. ގުނަ ގެއްލުން، ކުރިޔަށް ދިޔަތަން ފަރިތަކުރުން
-
ލިޔުން. ޢަރަބި ތާނަ އަކުރު ރީތިކުރުން.
-
އަޚްލާޤް. ދުރޫސުލްއަޚްލާޤްގެ 20 ވަނަ ފިލާވަޅުގެ ނިޔަލަށް
-
ޢަރަބި. ދުރޫސުއްލުޣަތުލްޢަރަބިއްޔާ ގެ 1 ވަނަ ބައިގެ 22 ވަނަ ފިލާވަޅުގެ ނިޔަލަށް
މިއަހަރު އަންހެެން ކުދީންނަށް ކިޔަވައިދޭން ޖެހޭ ކަމަށް ލިޔެފައި އޮތް (6) ތަފާތެވެ. އަންހެން ކުދީންނަށް ކިޔައިދޭ މިންވަރު ބޮޑެވެ. ފިރިހެން ކުދީންނަށް އުރުދޫ ކިޔަވައިދޭކަން މަންހަޖަކުން ސާފެއް ނުވެއެވެ. .
ޢަރަބި ނުވަތަ އުރުދޫ. ޢަރަބި ނަމަ، ދުރޫސުއްލުޣަތުލްޢަރަބިއްޔާގެ 1 ވަނަ ބައިގެ 40 ވަނަ ފިލާވަޅުގެ ނިޔަލަށް. އުރުދޫ ނަމަ، މުޙައްމަދު އިސްމާޢީލްގެ ޕަހެލީކިތާބު
2 ވަނަ ކްލާސް
-
ދީނިއްޔާތު. ތަޢުލީމުއްދިޔާނާގެ ދެވަނަ ބައިގެ 14 ވަނަ ފިލާވަޅުން ފެށިގެން 25 ވަނަ ފިލާވަޅުގެ ނިޔަލަށް، ޞަލަވާތް ފާޠިޙާ ފައި ހުއްޓާން ދަސްކުރުން
-
ދިވެހި. ”ދަރިވަރުންގެ އެހީތެރިޔާގެ“ ޤަޥާޢިދު، 1 ވަނައިން 4 ވަނައިގެ ނިޔަލަށް، 5 އިމްލާ ލިއުއްވުން، 6 މަޟްމޫނު ލިއުން، ޗާޕުކޮށްފައިވާ ފޮތްފޮތުން މަޟްމޫނު މުޠާލިއާ ކުރުން، ޅެން ދަސްކުރުމާއި މުޠާލިއާ ކުރުން.
-
ޙިސާބް. ހަތަރު ޤަޥާޢިދު ފަރިތަކުރުން.
-
ލިޔުން. ޢަރަބި ތާނަ އަކުރު ރީތިކުރުން.
-
އަޚްލާޤް. ދުރޫސުލްއަޚްލާޤް ގެ 20 ވަނަ ފިޅާވަޅުން ފެށިގެން ފޮތުގެ ނިޔަލަށް
-
ޢާއްމު މަޢުލޫމާތު. ރާއްޖޭގެ ތާރީޚް، ރާއްޖޭގެ ޖިއޮގްރަފީ، ޞިއްޙަތު، ޒިރާޢަތު، މިކަންކަމުގެ މައްޗަށް އެކުލެވިގެންވާ ފިޅާވަޅުތަކެއް.
-
ޢަރަބި. ދުރޫސުއްލުޣަތުލްޢަރަބިއްޔާގެ 1 ވަނަ ބައިގެ 23 ވަނަ ފިލާވަޅުން ފެށިގެން 51 ފިލާވާޅުގެ ނިޔަލަށް
ފިރިހެން ކުދީންނަށް މިއަހަރު ކިޔަވައިދޭ ތަކެތި މިހާ ހިސާބުން ނިމުނީއެވެ. އަންހެން ކުދީންނަށް ތިރީގައިވާ އިތުރު ބައިތައް ހިމެނެއެވެ.
-
ޢަރަބި ނުވަތަ އުރުދޫ. ޢަރަބި ނަމަ ދުރޫސުލުޣަތުލްޢަރަބިއްޔާ ގެ 40 ވަނަ ފިލާވަޅުން ފެށިގެން ފޮތުގެ ނިޔަލަށް. އުރުދޫ ނަމަ. [ދެން އޮތީ ތިރީގައިވާ ގޮތަށް]
-
ތަދްބީރު މަންޒިލީ. ކެއްކުން ދޮވުމާއި އިސްތިރިކުރން، ގޭތެރެ ބެލެހެއްޓުން، މިކަންކަމުގެ މައްޗަށް އެކުލެވިގެންވާ ފިލާވަޅުތަކެއް.
މަދްރަސަތުލްމަޖީދިއްޔާގެ 1948 ގެ ދަރިވަރުން ކޮޅެއް
3 ވަނަ ކިލާސް
-
ދީނިއްޔާތު. ތަޢުލީމުއްދިޔާނާގެ 25 ވަނަ ފިލާވަޅުން ފޮތުގެ ނިޔަލަށް
-
ދިވެހި. “ދަރިވަރުންގެ އެހީތެރިޔާ” ގެ 5 ވަނައިން ފެށިގެން 10 ވަނައިގެ ނިޔަލަށް، 8 މަޟްމޫން ލިއުން، އިމްލާއު ލިއުން. ޗާޕުކުރެވިފައިވާ ފޮތްފޮތުން މުޟްމޫން މުޠާލިޢާ ކުރުން. ޅެން ދަސްކުރުމާއި މުޠާލިއާކުރުން
-
ހިސާބު. ކަމްޕައުންޑް ރޫލް ބ.މ.ބ. ބ.ދ.ގ.
-
ލިޔުން. ޢަރަބި ތާނަ އަކުރު ރީތިކުރުން.
-
އަޚްލާޤް. ތަފްސީރުލްއަޚްލާޤް (ތަރުޖަމާ)
-
ޢާއްމު. މަޢުލޫމާތު ރާއްޖޭގެ ތާރީޚް، ރާއްޖޭގެ ޖިއޮގްރަފީ، ޞިއްޙަތު، ޒިރާޢަތު، މިކަންކަމުގެ މައްޗަށް އެކުލެވިގެންވާ ފިލާވަޅުތަކެއް.
-
ޢަރަބި. ދުރޫސުއްލުޣަތުލްޢަރަބިއްޔާގެ 1 ވަނަ ބައިގެ 52 ވަނަ ފިލާވަޅުން ފެށިގެން ފޮތުގެ ނިޔަލަށް.
އަންހެން ކުދީންނަށް ފުރަތަމަ ހަތަރު ބައި އެއްގޮތެވެ. ފަހު ފަސް ބައިގައި ލިޔެފައިވަނީ އަންނަނިވި ގޮތަށެވެ. މި ތަފާތު ގެނެސްފައިވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ލިޔުމެއްގެ ކުށެއްކަމަށް ބަލައި ދެތިން ފަހަރު ތޯރާލުމުން ވެސް ނަކަލުކުރެވިފައިވަނީ ރަނގަޅަށް ކަމަށް ފާހަގަ ވެއެވެ.
-
-
އަޚްލާޤް. އާދާބުލްފަތާތު (މުތަރުޖިމް)
-
ޢާއްމު މަޢުލޫމާތު. ރާއްޖޭގެ ތާރީޚް. ރާއްޖޭގެ ޖިއޮގްރަފީ. އިސްލާމީ ތާރީޚް. މިކަންކަމުގެ މައްޗަށް އެކުލެވިގެންވާ ފިލާވަޅުތަކެއް.
-
ޞިއްޙަތު. އިންސާނާގެ ޞިއްޙަތު. 9 ވަނަ ފިލާވަޅުގެ ނިއަލަށް.
-
ޢަރަބި ނުވަތަ އުރުދޫ. ޢަރަބި ނަމަ ދުރޫސުއްލުޣަތުލް ޢަރަބިއްޔާގެ 2 ވަނަ ބައިގެ 25 ވަނަ ފިލާވަޅުގެ ނިއަލަށް.
-
އުރުދޫ ނަމަ، ތަދްބީރު މަންޒިލީ. ކެއްކުން. ދޮވުމާއި އިސްތިިރިކުރުން. ގޭތެރެ ބެލެހެއްޓުން. މިކަންކަމުގެ މައްޗަށް އެކުލެވިގެންވާ ފިލާވަޅުތަކެއް.
ފާހަގަ ކުރެވޭ އަނެއް މުހިއްމު ކަމަކީ އަންހެން ކުދީންގެ ސާނަވީ ފެންވަރުގެ މުޤައްރަރުތައް މަންހަޖުގައި ނުހިމެނޭ ކަމެވެ. އެހެންކަމުން ލަފާކުރެވެނީ ކޮންމެ ވެސް ސަބަބަކާ ހުރެ، އެ ފެންވަރަށް ނުކިޔަވައިދެނީ ކަމަށެވެ. ނަމަވެސް ޢަޖާއިބުކުރުވަނިވި އަނެއްކަމަކީ، އިބްތިދާޢީ ފެންވަރުގެ ދެވަނަ ބައިގައި ފިރިހެން ކުދީންނަށް މުޤައްރަރުތައް އޮތީ ތިން އަހަރަށް ކަމަށް ވިއަސް، އަންހެން ކުދީންނަށް ހަތަރު އަހަރުު އޮތް ކަމެވެ. އެހެންކަމުން މިފެންވަރުގެ އަންހެން ކުދީންނަށް އިތުރު އެއް އަހަރު ކިޔަވައި ދެއެވެ. މިއީ ސާނަވީ ގެ ފުރަތަމަ އަހަރު ކަމަށް ބެލިއަސް އެއް އަހަރު އަންހެން ކުދީންނަށް މަދުވެއެވެ. އަންހެން ކުދީންނަށް އެކަނި އޮތް ހަތަރު ވަނަ އަހަރުގެ މުޤައްރަރު ތިރީގައި އެވަނީއެވެ.
ހަތަރުވަނަ ކްލާސް
-
ފިޤުހު. ތަޢުލީމުއްދިޔާނާގެ 3 ވަނަ ފޮތުން ނުވަތަ އައްދިޔާނަ އިން (ޤަޞްރުކުރުމާއި ޖަމްޢުކުރުން. ސުންނަތް ނަމާދުތައް. ނަމާދު ގަޟާކުރުން. ކުށު ސަޖިދަ. ޝުކުރުގެ ސަޖިދަ. ކަށުކަމާކެމީގެ ތެރެއިން ހިނެއުމާއި ކަފުންކުރުން. ޒަކާތް، ރޯދަ، އިޢުތިކާފު. ޙައްޖު، ޢުމްރާ.
-
ދިވެހި. އަހަދު ދުވަހުގެ ތެރޭގައި 8 މަޟްމޫނު ލިއުން. ހޮވިފައިވާ ޅެމާއި މަޟްމޫނު މުޠާލިޢާކުރުން. ޅެންދަސްކުރުން. ޤަޥާޢިދު 11 އިން ނިޔަލަށް އަދި އިޢާދަކުރުން.
-
ހިސާބު. އާދައިގެ ކަސްރު.
-
އަޚްލާޤް. އާދާބުލްފަތާތު. (މުތަރުޖިމް).
-
ޢާއްމު މަޢޫލޫމާތު. ރާއްޖޭގެ ތާރީޚް. ރާއްޖޭގެ ޖިއޮގްރަފީ. ދުނިޔޭގެ ޖިއޮގްރަފީ. ދުނިޔޭގެ މަޢުލޫމާތު. މިކަންކަމުގެ މައްޗަށް އެކުލެވިގެންވާ ފިލާވަޅުތަކެއް.
-
އިސްލާމީ ތާރީޚް.
-
ޞިއްޙަތު. އިންސާނާގެ ޞިއްޙަތު. 10 ވަނަ ފިލާވަޅުން ފޮތުގެ ނިއަލަށް.
-
ޢަރަބި ނުވަތަ އުރުދޫ. ޢަރަބި ނަމަ، ދުރޫސުއްލުޣަތުލްޢަރަބިއްޔާގެ 2 ވަނަ ފޮތުގެ 25 ވަނަ ފިލާވަޅުން ފޮތުގެ ނިއަލަށް. އުރުދޫ ނަމަ
ތަދްބީރު މަންޒިލީ. ފެހުން. ތިނޯހުގެ މަސައްކަތް. ބަލިމީހުން ބެލުން. ކުދިން ބެލުން. މިކަންކަމުގެ މައްޗަށް އެކުލެވިގެންވާ ފިލާވަޅުތަކެއް.
މަދްރަސަތުލްމަޖީދިއްޔާގެ މުދައްރިސުންނާއި ފޯމް 2 ގެ ދަރިވަރުން. ފޯމު 2 ގައި އެއިރު އުޅެނީ 15 ދަރިވަރުންނެވެ. މި ލިސްޓަކީ މަޖީދިއްޔާގެ ހެޑްމާސްޓަރުކަން ކުރެއްވި ޢުމަރު ޒާހިރުގެ އަތުލިޔުއްވުމެކެވެ.
ޘާނަވީ ތަޢުލީމުގެ 1 ވަނަ ބައި
މަޖީދިއްޔާ އަށް
1 ވަނަ ކްލާސް
-
-
ފިޤުހު. ތަޢުލީމުއްދިޔާނާގެ 19 ވަނަ ފިލާވަޅުގެ ނިޔަލަށް (ހުކުރު ނަމާދުން ފެށިގެން ކަށުކަމާ ކެމީގެ ކަންތައްތަކާ ހަމައަށް).
-
ހިސާބް. އާދައިގެ ކަސްރު
-
ދިވެހި. އަހަރު ދުވަހުގެ ތެރޭގައި 8 މަޟްމޫނު ލިޔުން، ހޮވިފައިވާ ޅެމާއި މަޟްމޫނު މުޠާލިޢާކުރުން، ޅެން ދަސްކުރުން، ޤަޥާޢިދު “ދަރިވަރުންގެ އެހީތެރިޔާ” ގެ ޤަޥާޢިދު ގެ ނިޔަލަށް
-
ލިޔުން. ޢަރަބި ތާނަ އަކުރު ރީތިކުރުން.
-
އަޚްލާޤް. އާދާބް އަލްފަތީ. (މުތްރަޖަމް).
-
އިސްލާމީ ތާރީޚް
-
ޢާއްމު މަޢުލޫމާތު. ދުނިޔޭގެ ޖިއޮގްރަފީ، ރާއްޖޭގެ ތާރީޚް. ދުނިޔޭގެ ތާރީޚް. ޞިއްޙަތު. މިކަންކަމުގެ މައްޗަށް އެކުލެވިގެންވާ ފިލާވަޅުތަކެއް.
-
ޢަރަބި. ދުރުސުއްލުޣަތުލްޢަރަބިއްޔާ ގެ ދެވަނަ ބައި. 14 ވަނަ ފިލާވަޅުގެ ނިޔަލަށް.
-
އުރުދޫ ނުވަތަ އިނގިރޭސި. އުރުދޫ ނަމަ (މުޙައްމަދު އިސްމާޢީލް ގެ ފޮތްބައި)
-
ކުރެހުން.
-
ދެވަނަ ކްލާސް
-
-
-
ތަޢުލީމުއްދިޔާނާގެ ތިންވަނަ ފޮތުގެ 19 ވަނަ ފިލާވަޅުން 44 ވަނަ ފިލާވަޅުގެ ނިޔަލަށް ކަށުކަމާކެމީގެ ވާހަކައިން ފެށިގެން ޒަކާތުގެ ނިއަލަށް.
-
ޕްރެކްޓިސް، ދެބާވަތުގެ ކަސްރު.
-
ދިވެހި. އަހަރު ދުވަހުގެ ތެރޭގައި 8 މަޟްމޫނު ލިއުން. ހޮވިފައިވާ ޅެމާއި މަޟްމޫނު މުޠާލިއާކުރުން. ޅެން ދަސްކުރުން. ޤަޥާޢިދު. (ސުލުއްމުލްއަރިބުގެ ސުކުނުގެ ފަޞްލުން ފެށިގެން 44 ވަނަ ޞަފްޙާގައިވާ ނ. ސުކުނުގެ ނިޔަލަށް)
-
ލިޔުން. ޢަރަބި ތާނަ އަކުރު ރީތިކުރުން.
-
އަޚްލާޤް. އާދާބްއުލްފަތީ (މުތަރްޖަމް)
-
އިސްލާމީ ތާރީޚް.
-
ޢާއްމު މަޢުލޫމާތު. ދުނިޔޭގެ ޖިއޮގްރަފީ، ދުނިޠޭގެ ތާރީޚް، ޞިއްޙަތު، މިކަންކަމުގެ މައްޗަށް އެކުލެވިގެންވާ ފިލާވަޅުތަކެއް.
-
ޢަރަބި. ދުރޫސުއްލުޣަތުލްޢަރަބިއްޔާގެ ދެވަނަ ބައިގެ 14 އިން ފެށިގެން 28 ވަނަ ފިލާވަޅުގެ ނިޔަލަށް.
-
އުރުދޫ ނުވަތަ އިނގިރޭސި.
-
ކުރެހުން
-
-
{ލަފާކުރެވޭ ގޮތުން މިއީ އިމްތިޙާނު ކުރެވޭ މުޤައްރަރެވެ. އެހެނީ މިއަށް ފަހު، ހަވާލާ ދެވުނު ފޮތުގެ 1063 ވަނަ ޞަފްޙާގައި ވަނީ މަޖީދިއްޔާ އިމްތިޙާނުކުރުން އޮތީ 7.1.74 ހ. ވީ ހޯމަދުވަހުއެވެ. ސަނިއްޔާގެ އިމްތިޙާނު އޮތީ 7.1.74 ހ. ވީ ހޯމަ ވިލޭރެއެވެ. މީލާދީގޮތުން މިއީ 6 ސެޕްޓެމްބަރ 1954 އެވެ. }
މި މަންހަޖުގައި މަތީ ފެންވަރުގެ ތަޢުލީމު ދެނީ މަދްރަސަތުއް ސަނިއްޔާ އާއި މަޖީދިއްޔާގައި ކަމަށް ލިޔެފައި ވިއަސް، އެ ފެންވަރުގެ ތަޢުލީމު ރާއްޖެތެރޭގައި ވެސް ދެމުން ގެންދިއަކަށް ސާބިތުވެއެވެ. މުޙައްމަދު ޔޫސުފް 2024 ވަނަ އަަހަރު ލިޔުއްވި ”ބ އަތޮޅު ވަށައިގެން“ މިފޮތުގެ 32 ވަނަ ޞަފުޙާގައި އޭނާ އޭދަފުށީގެ ހަތަރު އަހަރުން ސާނަވީ ފުރިހަމަ ކުރިކަމަށް ބަޔާންކޮށްފައި ވެއެވެ. މި ފެންވަރަށް ހުރިހާ ރަށެއްގައި ކިޔަވައިދޭނޭ ކަމަށް ލަފައެއް ނުކުރެވެއެވެ. އެއީ މުދައްރިސުން ނެތުމާ ގުޅިގެންނެވެ. އޭދަފުށީގައި އެ ފެންވަރަށް ކިޔަވައިދިނުމަށް މާލެއިން މުދައްރިސުން ފޮނުއްވިކަމަށް އެ ފޮތުގައި ވެއެވެ. މުޙައްމަދު އަމީން ދައުރުގައި މަކްތަބުތައް ހުރިހާ ރަށެއްގައި ޤާއިމްކުރުމަށް އެންގެވިކަމަށް ވިއަސް، ބައެއް ރަށްރަށުގައި މި ފަދަ ތަންތަން ނެތްކަން އެނގެއެވެ. އެހެނީ، އަމީން އަވަހާރަވުމަށް ފަހު ވެސް، އިންޤިލާބީ ސަރުކާރުން ހުރިހާ ރަށެއްގައި މަކްތަބްތައް ޤާއިމްކުރުމަށް ނިންމުމެއް ނިންމި ވާހަކަ ދިވެހިރާއްޖޭގައި އެކިކަންކަން ހިނގިގޮތް ލިޔެފައިވާ ރަސްމީ ފުރޭފުގައި ބަޔާންކޮށްފައި ވެއެވެ.
I think these curricula provide sufficient food for thought to determine the foudations for the badly needed revisions to the existing deformed curricula.