ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ މަންހަޖު (ކަރިކިޔުލަމް)

މަންހަޖަކީ ދަރިވަރުންނަށް މަދަރުސާތަކުން ކިޔަވައިދޭ ތަކެއްޗެވެ. މަންހަޖުގެ ތެރޭގައި ލިޔަންކިޔަން ދަސްކޮށްދިނުމާއި ހިސާބުޖަހަން ދަސްކޮށްދިނުމާއި މި ނޫން ވެސް މިފަދަ ޢިލްމީ ބައިތައް ހިމެނެއެވެ. ދަރިވަރުންނަށް އިތުރު ޙަރަކާތްތަކުގެ ތެރެއިން ދަސްކޮށްދޭން ހުނަރުތައް ބައެއް މީހުން މަންހަޖުގެ ތެރޭގައި ހިމަނައެވެ. މަންހަޖަށް އިނގިރޭސިބަހުން ކަރިކިޔުލަމް ކިޔައެވެ. މިއީ އިހުގައި އަސް ގާޑިއަލަކަށް އަދި ފަހުން އެ ދުއްވާ މަގަށް ކިޔާ ނަމެކެވެ.

ދިވެހިރާއްޖޭގައި ޤައުމީ މަންހަޖެއް ތައާރަފުކުރަން އެންމެ ފުރަތަމަ ޖެހުނީ، ޤައުމީ ފެންވަރުގައި އިންތިޙާނުތައް ބާއްވައި، ދަރިވަރުން މާލެގެނެސް އިނާމުދޭ ގޮތަށް ހަމަޖެހުމާ ގުޅިގެންނެވެ. މިކަން ފެއްޓެވީ މުޙައްމަދު އަމީނެވެ. ތިރީގައި މި ގެނެސްދެނީ ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ މަންހަޖެވެ. މި މަންހަޖު ޝާއިޢުކޮށްފައިވަނީ ”ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް“ މި ފޮތްބައިގެ 11 ވަނަ ޢަދަދުގައެވެ. އަހަރަކީ 1953 އެވެ. ރާއްޖޭގައި ދެވަނަ ފަހަރަށް ޤައުމީ މަންހަޖެއް ތަޢާރުފުކުރެވުނީ ކޮމިޔުނިޓީ ސްކޫލްތައް ޤާއިމްކުރަން ފެށުމާ ގުޅިގެން 1983 ވަނަ އަހަރު ބޭއްވުނު ބައްދަލުވުންތަކަށް ފަހުއެވެ.

މި މަންހަޖާ މެދު

އަމީން ދައުރުގެ މަންހަޖު، މިހާރުގެ މަންހަޖާ އަޅާ ބަލާއިރު އޭގެ މަކަ/ބަރުދަން ވަޒަންކުރެވެނީ ކިހިނެއްތޯ އެވެ؟ މުޅި ޤައުމުގައި އެއް ފޮތްތަކެއް ގެންގުޅޭ ނަމަ، މަންހަޖު ބައެއް ފަހަރު އެކުލަވައިލަނީ ފޮތްތަކަށް ހަވާލާދީއެވެ. އެ ފޮތްތަކުގައި އެކި ފިލާވަޅުތަކުގައި ހުންނަންވީ ތަކެތި ކިޔަވައިދޭން ޖެހޭ ފުޅާމިނާއި ފުންމިން ލިޔެވިގެންވާނެއެވެ.

އަޅުގަނޑުގެ ނަޒަރުގައި އަމީން ދައުރުގެ މަންހަޖަކީ، ރާއްޖެއާ ވަރަށް ގުޅޭ މަންހަޖެކެވެ. އެއީ މީގެ 75 އަހަރު ކުރީގެ މަންހަޖެއް ކަމުން، ބައެއް ކަހަލަ އިތުރު ކިޔެވެލި މިހާރު ހިމަނަން ޖެހޭނެއެވެ. މި ޒަމާނާއި މަކާނަށް ބަލައި އިރާހަމަކުރަން ޖެހެއެވެ. ނަމަވެސް، އަމީން ގެ މަންހަޖު ކިޔަވައިގެން ދަސްވެނިވާ ކުއްޖަކު، މިހާރުގެ ކުއްޖަކަށް ވުރެ ސުލޫކު ރަނގަޅުވާނެއެވެ. ވާހަކަ ދެއްކުމަށް ކުޅަދާނަ ވާނެއެވެ. ލިޔެކިޔަން ފަރިތަވާނެއެވެ. އެރިތުމެޓިކް ކިޔާ ބާވަތުގެ ހިސާބަށް މޮޅުވާނެއެވެ. މުޢާމަލާތްތައް މޫރިތި ވާނެއެވެ. ބޭރުގެ ތަކެއްޗަށް ރޭރުވުން ކުޑަވާނެއެވެ. މައިންބަފައިންނާއި ޤައުމުދެކެ ލޯބިވާނެއެވެ. ތިބާއަކީ މަންހަޖު ދާއިރާގެ ހުނަރުވެރިކަން ހުރި މީހެއް ނަމަ، މި ޚިޔާލަށް ތިބާ ތާއީދުކުރައްވާނަން ތޯއެވެ؟ އިންކާރު ކުރައްވާނީ ކޮން ސަބަބުތަކެއްގެ މައްޗަށް ބުރަވެތޯ އެވެ؟

ރާއްޖޭގައި މިހާރު ބޭނުންކުރާ މަންހަޖަކީ، އަޅުގަނޑުގެ ނަޒަރުގައި، ވަރަށް ކަމުނުދާ މަންހަޖެކެވެ. މަންހަޖާއި ތަޢުލީމުގެ ޤާނޫނާ އެތައް ފުށުއެރުންތަކެއް ވެއެވެ. ރާއްޖޭގެ މަދްރަސާތަކުގައި ތަންފީޒުކުރަމުންދާ މަންހަޖާއި ކަމާބެހޭ ފަރާތްތަކުން ފައުޅުކޮށްފައިވާ މަންހަޖާ ގުޅުން ކުޑައެވެ. މިހެން މިވީ ހުޅަނގުގެ ކޮންސަލްޓަންޓުންގެ ޚިޔާލަށް ދީލާލެވި، ނިއޯލިބަރަލިޒަމްގެ ހަމަތައް މަންހަޖުގެ ތެރެއަށް ފޭދި ، ރާއްޖޭގެ މާހައުލާއި އާދަކާދައާއި ޤަދަރުދޭ ކަންތައްތަކާ ގުޅުން ކެނޑިގެންނެވެ.

މިޒަމާނުގައި، ސާނަވީ ފެންވަރު ބެލުމަށް ދަރިވަރުން ލައްވައި އެތައް ޤައުމެއްގައި ހައްދާ ޓެސްޓެއް އޮވެއެވެ. އެ ޓެސްޓަށް ކިޔަނީ ޕިސާ ޓެސްޓެވެ. ތިރީގައި އެވަނީ އެ ޓެސްޓުގެ 2022 ވަނަ އަހަރުގެ ނަތީޖާތަކެވެ. އެއްވަނައިގައި އުޅެނީ ކޮން ޤައުމެއް ތޯއެވެ؟ އަޅުގަނޑުމެން ތަޢުލީމީ ދާއިރާއިން އުހަށް އެރުމަށް ތަޤްލީދު ކުރަން ރަނގަޅުވާނީ 1 ވަނައިގައިވާ ޤައުމު ތޯއެވެ؟ ނުވަތަ 24 ގައިވާ ޤައުމުތޯއެވެ؟ ސިންގަޕޫރުގައި ކީސްޓޭޖްތަކަކަށް މަދްރަސީ ދައުރު ބަހާފައިވޭތޯއެވެ؟ އަޅުގަނޑަށް ޔަޤީން ކުރެވޭ ގޮތުން، ރާއްޖޭގެ ތަޢުލީމުގެ މަންހަޖުވަނީ ވަރަށް ބޮޑަށް މުރާޖަޢާ ކުރަން ޖެހިފައެވެ. ނަމޫނާ އަކަށް ބަލަންވީ ޕިސާ ޓެސްޓްތަކުގައި ވަނަވަނައިގައި އުޅޭ ޤައުމުތަކުގެ އުސޫލުތަކެވެ. އިނގިރޭސިވިލާތް ލައްވާ ކޮންމެ ބަނޑިއަކަށް ބަނޑިއެއް ލައްވައިގެން އަޅުގަނޑުމެންނަށް މި ވަދެވުނީ ވަލަށް ނޫންތޯއެވެ؟ ކުރީގެ މަންހަޖަށް ވުރެ ވެސް، މިހާރުގެ މަންހަޖު ދެރަވަރުކަމުގައި އަޅުގަނޑަށް ފެނެއެވެ. އެންމެ ފުރަތަމަ މަދްރަސީ ތަޢުލީމު ދޭ ސަބަބު ބަޔާންކުރުން ކިހިނެއް ވާނެތޯއެވެ؟

ރާއްޖޭގެ މަދްރަސީ ތަޢުލީމަށް އައު ރޯޝަންކަމެއް ގެންނަން ބޭނުންވާ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން މަންހަޖު ރިވިޔޫ (މުރާޖަޢާ) ކުރުމަށް ވުރެ އިސްކަމެއް ވެއެވެ. އެއީ ތަޢުލީމުގެ ޤާނޫނު މުރާޖަޢާ ކުރުމެވެ. މި ޤާނޫނު ފަރުވާތެރިކަމާ އެކު ކިޔުއްވުމުން މަދްރަސީ ތަޢުލީމަށް ފާގަތި ބޭފުޅުންނަށް ފާހަގަކުރެއްވޭނީ އެއީ ވަރަށް ދެރަވަރުގެ އެއްޗެއް ކަމުގައެވެ. އެ ޤާނޫނާ މެދު އެންމެ ހިތްހަމަޖެހޭނީ ޔޫރަޕިއަން ޔޫނިއަންގެ ވެރީންނެވެ. ދިވެހި އާދަކާދައާއި ވެއްޓާއި މާހައުލާއި ފޯރުންތެރިކަމަށް ބަލައި، އަލުން ޖެހޭނީ ޤާނޫނު ލިޔާށެވެ.

މި ”ހާސަރަށް“ ފަހު، ދެން މިގެނެސްދެނީ ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ މަންހަޖެވެ.