އަމީން ދައުރުގެ ތަޢުލީމީ ސިޔާސަތުތައް
މި ތިންވަނަ ބާބުގައި އަޅުގަނޑުމެން ބަޔާންކުރާނީ އަމީން ދައުރުކަމަށް ކަނޑައަޅާ ދައުރުގައި، އާދެ! 1934 އިން 1954 އާދެމެދު ރާއްޖޭގެ ތަޢުލީމީ ކަންތައްތައް ހިނގަމުން ދިޔަ ގޮތުގެ ބަޔާނެކެވެ. ކުރީ ބާބާ އެއްގޮތަށް، މި ބާބުގައި ވެސް ފުރަތަމަ ޚުލާޞާ ކޮށްލާނީ މި ދުވަސްވަރުގެ ސިޔާސީ ތާރީޚެވެ. އެއަށްފަހު، އަމީންގެ ޙަޔާތްޕުޅުގެ ކުރު ބަޔާނެކެވެ. ދެން ތަޢުލީމީ ކަންތައްތައް ހިނގަމުން ދިޔަ ގޮތެވެ. މި ދައުރަކީ ވިއްސަކަށް އަހަރު ދުވަހުގެ ކުރު ދައުރެއް ކަމުގައި ވިޔަސް، ވަރަށް ބޮޑެތި ކަންތައްތަކެއް މި ދައުރުގައި ހިނގިއެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ހިނގީ 1939 ގެ ފަހު ކޮޅުން ފެށިގެން 1945 ގެ މެދަކާ ހިސާބަށެވެ. ދިވެހިރާއްޖޭގެ އެއްހާސް އަހަރަށް ވުރެ ގިނަ ދުވަސްވީ ރަސްކަން އުވި، ޖުމްހޫރިއްޔާ އަކަށް ރާއްޖެ ފުރަތަމަ ފަހަރަށް ބަދަލުވީ ވެސް މި ދައުރުގައެވެ. މިދައުރުގައި ކަންތައްތައް ހިނގާދިޔަގޮތް ”ލޮލުންދެކި އަތުން ހިފާފައިވާ“ މީހުން، މި ބަޔާން ލިޔަމުން ދާއިރު، 2016 ގައި، ދުނިޔޭގައި އެބަތިބި މެއެވެ.
ތަޢުލީމީކަންތައްތައް ދެނެގަތުމަށް، މި ދައުރުގައި ސިޔާސީ މަސްރަޙު އޮޅުން ފިލަން ޖެހެއެވެ. ކުރިން ވަނީ ސިޔާސީ ކަންތައްތައް ހިނގަމުން ދިޔަގޮތުގެ ކުރު ބަޔާނެއް ގެނެސް ދީފައެވެ. އެ މަޒުމޫނު މިއޮތީއެވެ. ތަޢުލީމީ ކަންތައްތަކާ ޚިލާފަށް، ސިޔާސީ މަސްރަޙަށް ތަޙުލީލީ ނަޒަރަކުން ބަލާލާފައެއް ނުވާނެއެވެ. ތަޢުލީމީ ކަންތައްތައް މިގެނެސްދެނީ އެކަންކަމުގެ އެނެލީސިސް ނުވަތަ ތަޙުލީލާއެކުއެވެ.
އަމީންގެ ދައުރުގެ ތަޢުލީމީ މުހިއްމު ކަންތައްތައް
މިފޮތުގައި، 20 ވަނަ ޤަރުނުގެ ތަޢުލީމީ ދައުރުތަކަށް މީހުންގެ ނަން ދީފައިވަނީ، އެ ދައުރެއްގައި އެންމެ ގިނަ އަސަރުތަކެއް ތަޢުލީމަށް ކުރުވި ފަރާތެއްގެ ނަމުންނެވެ. އެ ފަރާތަކީ ޤައުމުގެ ވެރިކަން އެ ދައުރެއްގައި އޮތް ފަރާތެއް ނޫނެވެ.
ކުރިން ފާހަގަ ކޮށްފައިވާނޭ ފަދައިން، އަމީން ދައުރުކަމަށް މިފޮތުގައި ކަނޑައަޅާފައިވާ މުއްދަތުގައި، 1934 އިން 1954 އަށް، ޤައުމު ހިންގުމުގެ އިދާރީ އިސް ބާރު ދެފަރާތަކަށް ލިބިފައި ވިއެވެ. އެއް ފަރާތަކީ، ޙަސަން ފަރީދެވެ. އެއީ އޭނާއަށް ދާޚިލިއްޔާ ގެ ވަޒީރުކަން ލިބިވަޑައިގެން ދުވަސް، އާދެ، 22 ޑިސެމްބަރ 1932 އިން ފެށިގެން އެ މަޤާމުން 12 ޖަނަވަރީ 1942 ގައި ޗުއްޓީ ނަންގަވަންދެނެވެ. ނުވަ އަހަރާއި ދުވަސްކޮޅެކެވެ. 12 ޖަނަވަރީ 1942 އިން ފެށިގެން، ޖުމްހޫރިއްޔާ އުވާލަންދެން، 21 އޯގަސްޓް 1953 އާ ހަމައަށް ވެރިކަން ކުރެއްވީ މުޙައްމަދު އަމީނެވެ. އެއީ އެގާރަ އަހަރާއި ދުވަސްކޮޅެކެވެ.
ޙަސަން ފަރީދުގެ ވެރިކަން ފާހަގަވެފައިވަނީ، ތަޢުލީމީގޮތުން ރާއްޖެ ކުރިއަށް ދުވަމުން ދިޔަ ދުވުން ހުއްޓި ފަހަތަށް ޖެހި ދުވަސްވަރެއްގެ ގޮތުގައެވެ. މިގޮތުން ދެކަމެއް ފާހަގަ ވެފައި ވެއެވެ. އެންމެ ފުރަތަމަ ކަމަކީ އަންހެންކުދިން މަދުރަސަތުއްސަނިއްޔާއަށް ފޮނުވަން ފެށި ފޮނުވުން، ހުއްޓާލުމެވެ. ދެވަނަ ކަމަކީ، ކިޔަވައިދިނުން ވަރަށް ބޮޑަށް ހަނިކޮށްލުމެވެ. ފުރަތަމަ ކަންތަކާ ބެހޭ ގޮތުން ރައްޔިތުން މަޖިލިހުގައި މަޝްވަރާކޮށް ނިންމީ އަންހެންކުދިންނަށް، ފިރިހެނުން ކިޔަވައިދިނުމަކީ ނުރަގަނޅު ކަމެއް ކަމުގައި ފެންނާތީ، އަންހެން މުދައްރިސުން އުފައްދައިގެން އަންހެންކުދިންނަށް މަދަރުސާގައި ކިޔަވައިދެވެންދެން އެ ކުދިން މަދަރުސާއަށް އައުން ހުއްޓުނީ ކަމަށެވެ. އަންހެން މުދައްރިސުން ތަމްރީނުކުރުމަށް ނިންމީ މަޙަކްމަތުލްމަޢާރިފުން ފިރިހެން މުދައްރިސުން އެކުދިންގެ ތެރެއިން ބައެއް މޮޅެތި ކުދިންގެ ގެއަށް ފޮނުވައިގެންނެވެ. މިގޮތަށް ނިންމީ 31 ޖުލައި 1935 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލިހުގެ 72 ވަނަ ޖަލްސާގައެވެ. ޙަސަން ފަރީދުގެ ވެރިކަން ނިމެންދެން، އަންހެންކުދިން ކިޔަވަން އެނބުރި މަދަރުސާތަކަށް ދިޔަކަމެއް މި މައްސަލަ ދިރާސާކުރަން ބެލި ފޮތްތަކުން ފެނިފައެއް ނުވެއެވެ. އަދި، އެ ނިންމުމާ އެއްގޮތަށް އަންހެންކުދިންނަށް ކިޔަވައިދޭނޭ އަންހެން މުދައްރިސުން އުފެއްދިކަމެއް އެނގޭކަށް ނެތެވެ.
ދެވަނަ ކަމެއްގެ ގޮތުގައި، ފާހަގަ ކުރެވެނީ ކިޔަވައިދިނުން ވަރަށް ބޮޑަށް ހަނިކޮށްލެއްވުމެވެ. މިކަމަށް އިޝާރާތް ކުރާ އެންމެ މުހިއްމު ދަލީލަކީ އެ ދުވަސްވަރު ފާސްކޮށްފައިވާ ދެ ޤާނޫނެކެވެ. ފުރަތަމަ ޤާނޫނުން ޤުރްއާނާއި ޢަރަބިތާނަ އަކުރާއި ޙިސާބުނޫން މާއްދާތައް ހުއްދަނެތި ކިޔަވައިދިނުން މަނާވިއެވެ. ދެވަނަ ޤާނޫނުން ފޮތް، މަޖައްލާ ނޫސް ފަދަ ތަކެތި ގެނައުން މަނާވިއެވެ. މަނާ ކުރެވުނު ކަންތައްތައް ހުއްދަކުރެވެނީ ވަޒީރުލްއަޢުޡަމް އާއި މަޙަކްމަތުލްމަޢާރިފުން ހުއްދަ ލިބޭ ފަރާތްތަކަށް އެކަންޏެވެ. އެއްވެސް ފަރާތަކަށް މިކަންކަން ކުރުމަށް ހުއްދަދިން ކަމެއް އޭރުގެ ލިޔުންތަކުން ސާބިތުކުރެވޭކަށް ނެތެވެ. މި ދެ ޤާނޫނުގެ އަޞްލު ޢިބާރާތްތަކަށް މި ބާބުގެ ފަހުކޮޅުގައި ތަޙުޤީޤީ ނަޒަރަކުން ބަލާލެވޭނެއެވެ.
އަޙްމަދު ޝަފީޤު (1996) ބަޔާންކޮށްފައިވާ ގޮތުން، މާއްދާތައް ހަނިކޮށްލުމުގެ ޤާނޫނު ނުކުތުމުން ޤާނޫގައިވާ މާއްދާތައް ފިޔަވައި ދެން ކިޔަވައިދޭ މާއްދާތައް ކިޔަވައިދިނުން ހުއްޓުނީއެވެ. އިތުރަށް ކުރިން ކިޔަވައިދިން މާއްދާތަކަކީ އުރުދޫ، އިނގިރޭސި، ދިވެހި ތާރީޚާއި ދިވެހިބަސް، އަދި ފިޤްހު އާއި ސީރަތާއި ލުޣަތު އެވެ. އެހެންކަމުން، ޤާނޫނުން އަމާޒުކޮށްފައިވަނީ މި މާއްދާތައް ކިޔަވައިދިނުން ހުއްޓުވުމަށެވެ. ދެވަނަ އަށް ވާ ޤާނޫނު (ބިލް ނަންބަރު 12) ގައި، ވަނީ ފޮތް، ނޫސް މަޖައްލާ ފަދަ ތަކެތި ގެނައުން މަނާކޮށްފައެވެ.
މި ދެ ޤާނޫނަކީ، ތަންފީޒުކުރި ދެޤާނޫނެއްކަން، އެހެން ބައެއް ހެކިތަކުން އޮޅުން ފިލައެވެ. މިގޮތުން، އެއް ހެއްކަކީ އެ ދުވަސްވަރު އުޅުއްވި މީރުބަހުރުގޭ މުޙައްމަދު އިސްމާޢީލް ދީދީގެ އަންނިވި ބަޔާނެވެ (މުޙައްމަދު އިސްމާޢީލް ދީދީ، 1960، ޞ. 3).
އަލްއަމީރު ޙަސަން ފަރީދު ވެރިކަން ކުރެއްވި ޒަމާނުގައި، ދިވެހިރާއްޖެ ކުރިއަރުވައި، ތަރައްޤީ ކުރައްވާން ކުރެއްވި އެއްވެސް ކަމެއް މިފޮތުގައި ލިޔާން ފުދޭވަރަށް އަޅުގަޑަށް އެގިފައެއް ނެތެވެ. އާދެ، މަދްރަސަތުއްސަނިއްޔާގެ ތަޢުލީމީ ދާއިރާ ވަރަށް ވެސް ކުޑަކޮށްލެއްވިއެވެ. ދެން މާލެއާއި ރާއްޖެތެރޭގެ ކިޔަވައިދިނުމާއި ކިޔެވުން މުޅިންހެން ބަންދުކޮށް ލެއްވިއެވެ. އަދި ގޭގޭގައި މައުލޫދު ކިޔުންވެސް ބަންދު ކުރެއްވިއެވެ. ބޭރުން މާލެއަށް އަންނަ ނޫސްތައް ބަންދުކޮށްލެއްވުމަށްފަހު، ފޮތް ގެނައުންވެސް ދިޔައީ ހުއްޓެމުން ބަންދުވަމުންނެވެ. ނަމަވެސް ސަރުކާރުގެ ޚަރަދުގައި ކިޔަވައިދޭން 6 ކުދީން ކޮޅުބަށް ފޮނުއްވިއެވެ. އެއިން ކުއްޖަކު އެއްވެސް އިސްކޫލްއަކަށް ނުލައްވައެވެ. އެއް ތިންކުދިންނަށް ކިޔަވައިދެއްވީ ޕާނަދުރާގައި ޢަބްދުލްޙަމީދު ދީދީ އެވެ. އަނެއް ތިން ކުދިންނަށް ކެންޑީގައި ކިޔަވައިދެއްވީ އިބްރާހީމް ޙަބީބް އެވެ. އަދި އައްނަބީލް ޙުސައިން ޙަބީބު އާއި އޭނާގެ ދިހަ އަހަރުފުޅުވީ ދަރިކަބަލުން އަލްފާޟިލާ ޙަބީބާ، ހައިދަރުއާބާދުއަށް ކިޔަވައިވިދާޅުވާން ފޮނުއްވިއެވެ. އެތާގައިވާ އަންހެން ކުދީންގެ އިންޓަރމީޑިއޭޓް ކޮލެޖްއަކުން ތުއްޕުޅު ޙަބީބާ އިގިރޭސިއާއި އުރުދޫ ކިޔަވައިވިދާޅުވިއެވެ. މި ހުރިހާ އިސްތިބްދާދީ އަމުރެއް ހިންގެވި ނަމަވެސް، ބޮޑު އިސްޓޯރުގެ ތެރެއިން ބިދޭސީ ވިޔަފާރިވެރީންނަށް ކަޑުމަސް ލިބޭން ފެށީ ޙަސަން ފަރީދުގެ ވެރިކަމުގައެވެ. މިގޮތުގައި އިސްޓޯރަށް މަސްގަންނަ އަގަށް ވުރެ، ކޮންމެ ހަންދަރަކުން 5 ރުފިޔާ އަގުބޮޑުކޮށޭ ވިޔަފާރިވެރީންނަށް މަސްވިއްކަނީ. ޙަސަން ފަރީދުގެ ވަކި ހޮބީފުޅެއް ނޯވެއެވެ. ފޫހިފުޅު ފިލުއްވާން ގިނައިން ކުރައްވާ ކަމަކީ، އެމަނިއްޕުޅަށް ވުރެ ދަށް މީހުން އެއް ކުރައްވައިގެން ވާހަކަފުޅު ދެއްކެވުމެވެ. އެހެންވީމާ، ޙަސަން ފަރީދު އާ މެދު ބުނެވޭނީ އެއީ ޢަމަލު މަދު ވާހަކަ ގިނަ ބޭފުޅެއް ކަމުގައެވެ.
މަތީގައިވާ ބަޔާނުން، ރާއްޖެތެރޭގެ މަދަރުސާތައް ވަރަށް ބޮޑަށް ހަނިކޮށްލިކަން އެނގެއެވެ. ދެވަނަ ހެއްކަކީ މަޝްހޫރު ސިޔާސީ އަދި ތަޤްރީރުކުރައްވާ ބޭފުޅެއް ކަމުގައިވާ އިބްރާހީމް ޝިހާބު (1922 – 1988) ދެއްވާފައިވާ ތަޤްރީރެކެވެ. މި ތަޤްރީރަކީ އޭނާ އެންމެ ފަހުން ދެއްވި ތަޤްރީރެވެ. އެއީ 1987 ގައެވެ. އެ ތަޤްރީރު، ޔޫޓިއުބްގައި ވެއެވެ. އޭގައި އޭނާ ވިދާޅުވަނީ:
އަޅުގަނޑުގެ އަތުގައި އެބައޮތޭ ވަރަށް ވަރުގަދަ ސިޓީއެއް . . . . . . މިތާނގެ ވުޒާރަތުލްމަޢާރިފުން އަޅުގަނޑުގެ ބައްޕަޔަށް . . . އޭރު ކާކުތޯ؟ ރާއްޖޭގެ ފަނޑިޔާރު މީހާ . . . ފަޟީލަތުއްޝޭޚު ޙުސައިން ޞަލާޙުއްދީނަށް ވެދުން ސަލާމް ދެންނެވުމަށްފަހު ދަންނަވަމޭ . . . މިހާރުވެސް އަޅުގަނޑު ދައްކަން އެބައޮތް ތައްޔާރަށް. . . މަނިކުފާނުގެ ބޭފުޅަކަށް ވިއަސް މި ވުޒާރާއިން ހުއްދަ އޮތް ޢިލްމެއް ހުއްދަ އޮތް މިންވަރަކަށް…ހުއްދަ އޮތް ގޮތެއްގައިނޫނީ ކިޔަވައިދެއްވައިގެން ނުވާނޭ. މަޙަކްމަތުލް މަޢާރިފުގެ ވެރިޔާ ސޮއިކުރައްވާފައި. އެއީ މަޙަކްމަތުލް މަޢާރިފު އޭރު އޮތް ގޮތް. މަދުރަސަތުއްސަނިއްޔާގައި، މިއަދުގެ މަޖީދިއްޔާގައި، 25 ކުދިން ކިޔަވަން ތިބިއިރު އޭގެތެރެއިން އެއް ދަރިވަރަކަށް ނިކަމެތި އަޅުގަނޑުވިން. މުޅި މަދަރުސާގައި 25 އޭ.
(https://www.youtube.com/watch?v=Hj3EPja-4ws 41:59-43:00)
މި ބަޔާން ތަކުން އެނގެނީ ޙަސަން ފަރީދު ގެ ދައުރުގައި ކިޔަވައިދިނުމާބެހޭ ގޮތުން ހެއްދެވި ޤާނޫނަކީ ރަމްޒީ ޤާނޫނެއް ނޫންކަމެވެ. އެއީ ތަންފީޒުކުރި ޤާނޫނެއް ކަމެވެ. މީހުންނަށް ކިޔަވައިދޭތޯ ބެލުމަށް ސަރުކާރުން ފާރަލާ ހެދިކަމަށް އެކި މީހުންގެ ރިވާޔަތްތަކުން އޮޅުން ފިލައެވެ (ޢަބްދުލްޙަކީމް ޙުސައިން މަނިކު، 1997). ޙަސަން ފަރީދުގެ ފަހު ދެއަހަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. އެހެންކަމުން ދަތިކަން އެންމެހާ ބޮޑެވެ. ފަޤީރުކަމުން ގަޔަށް އެއްޗެއް ނުލައި، ފޮތް ފަންސުރުނެތި ކުދިން މަދަރުސާއަށް އަންނަން ފެށުމުން އެކަން ހުއްޓުވިއެވެ. ކަރުދާސް ލިބުން ދަތިކަމުން، ވިޔަފިލާގަނޑާއި ފޯލި ހިފައިގެން ބައެއް ކުދިން އައެވެ. ބޭނުންކޮށްފައި ހުންނަ ކަރުދާހުގެ ނުފުށް ނުވަތަ ލިޔެފައި ހުންނަ ފޮތްތަކުގެ ހަވާސާއިން ފޮތް ހަދައިގެން ދަރިވަރުން ބޭނުން ކުރަމުން ދިޔައެވެ (އަޙްމަދު ޝަފީޤު، 1992). އެ ދުވަސްވަރު ކުދިންނަށް ޑެސްކު ނުހުންނާތީ، ކުދިން ކިޔަވަނީ ދިގުގޮޑީގައި އިށީދެގެން އުނގުގައި ފޮތް ބާއްވައިގެންނެވެ. މި ހާލަތެއްގައި އަހަރުތައް ވޭތިވަމުން ގޮސް، ޙަސަން ފަރީދުގެ ވެރިކަން، ނުވަ އަހަރާއި ދުވަސްކޮޅެއްގެ ތެރޭގައި ނިމި، މުޙައްމަދު އަމީނަށް ދާޚިލިއްޔާގެ ވެރިކަން ވަގުތީ ގޮތުން ލިބިއްޖެއެވެ. އެއީ ކުރިން ބަޔާން ކުރި ފަދައިން، 12 ޖަނަވަރީ 1942 ގައެވެ.
ސަރުކާރުގެ ހިންގުމަށް އައި ބަދަލާ ގުޅިގެން 30 ޖަނަވަރީ 1942 ގައި، އަޙްމަދު ކާމިލް ދީދީ، މަޙަކްމަތުލް މަޢާރިފުގެ ވެރިކަމަށް އިސްކުރެވުނެވެ. މި ދުވަސްވަރު ވެސް، ސަރުކާރުގެ ފަރާތުން މަތީ ވަޒީފާތަކުގައި ތިއްބެވި ވެރިންގެ ދަރިންނަށް ކިޔަވައިދިނުމަށް ސިލޯނަށް ފޮނުވުނެވެ. މިގޮތުން 2 ނޮވެމްބަރު 1942 ގައި، މާޖެހިގޭ މުހައްމަދު ދީދީ، ފާރޫޤު ޙަބީބު ދީދީ، މުޙައްމަދު ޒަކީ، އަޙްމަދު ޒަކީ، ޢަބްދުއްރައްޒާޤު، މީރުބަހުރުގޭ ޢަލީ ރިޟާ ސިލޯނަށް ފޮނުވުނެވެ.
ޗުއްޓީ ނެންގެވުމަށްފަހު، ދާޚިލިއްޔާއިން ވަކިވެވަޑައިގަތުމަށް އެދި ޙަސަން ފަރީދު ސިޓީ ފޮނުއްވުމާ ގުޅިގެން، ވުޒާރަތުއްދާޚިލިއްޔާ ހިންގުން މުޙައްމަދު އަމީން އާ ރަދުން ޙަވާލުކުރެއްވީ 8 މާރޗް 1943 ގައެވެ. ޙަސަން ފަރީދު ކުރައްވާފައިވާ މަނާ ކަންތައްތައް ދޫކޮށްލަން ފުރުޞަތު ލިބިވަޑައިގަތީ އެ ފަހުންނެވެ. ޙަސަން ފަރީދަކީ، މުޙައްމަދު އަމީން އާއި ރައްޔިތުން ވަރަށް އިޙްތިރާމް ކުރައްވާ ޢަބްދުލްމަޖީދު ގެ ބާރުގަދަ ދަރިކަލުންނެވެ. އެހެންކަމުން، އޭގެ ކުރިން ބަދަލެއް ގެނައުމަށް ދަތިވީކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެ އެވެ.
އަމީން ގެންނެވި ބަދަލުތަކުގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ 17 އޮކްޓޯބަރ 1943 ގައި، އޭރުހުރި މަދްރަސަތުއްސަނިއްޔާ އަށް 17 އަހަރު ފުރުމާ ގުޅިގެން، އެ މަދަރުސާގެ ކުދިންނާއި ދައުލަތުގެ މަތީ ދަރަޖައިގެ ބޭފުޅުން ހިމެނޭ ގޮތަށް ޖަލްސާކޮށް، މަދްރަސާގެ ކިޔެވުން އެހިނދަށް ވަޅުޖަހާފައިވާލެއް ބޮޑުކަމަށް ވާހަކަ ދެކެވި، މަދްރަސާގެ ކަންތައްތައް ރަނގަޅު ކުރުމަށް ނިންމުމެވެ. ދެން، އަވަށުވެރީންނާ ފަހުން ޖަލްސާކޮށް ކޮންމެ އަވަށަކުން، އެކަށީގެންވާ ޢަދަދަކަށް މަދަރުސާއަށް ކުދިން ފޮނުވަން ކަނޑައެޅުނެއެވެ. އަދި އޭގެ ފަސްވަރަކަށް ދުވަސް ފަހުން، މުލީއާގޭގައި ޖަލްސާކޮށް، ބޯރާވިޔަފާރިވެރިންގެ އަތުން އިސްކޫލް ފޮތާއި، ވިޔަފިލާގަނޑާއި ފޯލި ސަރުކާރުން ނަގައިގެން، ކޮންޓްރޯލް އަގެއްގައި ދަރިވަރުންނަށް ސަރުކާރުގެ ކުޑަ އިސްޓޯރުން ވިއްކަން ނިންމުނެވެ. ހަމަ މިދުވަހު، މަދަރުސާއަށް ދާ ކުދިން (ހަނގުރާމައިގެ ދުވަސްވަރު އަންނައުނު ދަތިކަމުން) ގަންޖުފަރާސް ލައިގެން ދިއުން ހުއްދަކޮށް، ފޮތް ނުލިބިއްޖެނަމަ، ވިޔަފިލާގަނޑާއި ފޯލި ގެންދިއުން ހުއްދަކަމުގައި ނިންމުނެވެ. މިވާހަކަތައް މިއަށް ވުރެ ތަފްޞީލުކޮށް އަޙްމަދު ޝަފީޤު (1992) އާއި [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] މިފޮތުގެ 68 ވަނަ ޞަފުޙާގައި ވެއެވެ.
މަދްރަސަތުއްސަނިއްޔާގެ ކިޔެވުން، މުދައްރިސުންނާއި އެހީތެރިންނާއި ލައި، ދަރިވަރުން ގިނަކޮށް ފެށުނީ 30 އޮކްޓޯބަރ 1943 ގައެވެ. [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] މިފޮތުގައި 6 ނޮވެމްބަރު 1943 ވީ ހޮނިހިރު ދުވަހު ހިނގިކަމެއްގެ ގޮތުގައި، މަދަރުސާ ”ފެށި ދުވަހު“ ގެ ޕްރޮގްރާމެއް ވެއެވެ. މުޙައްމަދު އަމީން ދެން ނަޒަރު ހިންގެވީ ބަންޑާރަ އަވަށު އެދުރުގެތަކަށެވެ. އެ ތަންތަނަކީ، ސަރުކާރުން މުސާރަދޭ އެދުރެއްގެ ބެލުމުގެ ދަށުން، އެ އެދުރު ހުންނަ ގޯތީގައި ހިންގާ އެދުރުގެއެކެވެ. ގެންނެވި ބަދަލަކީ:
އަނެއް ދުވަހު ހަތަރު އަވަށު ބަންޑާރާ އެދުރުގޭގެ ކިޔެވުމުގެ ކަންތައް ވެސް އައުކޮށް، ވަރަށް ބޭނުންތެރި އިޞްލާޙުތައް ގެނެވުނެވެ. ގެނެވުނު އެއް އިޞްލާޙު އަކީ ކޮންމެ އެދުރެއްގެ ދަށަށް މުޢާވިން އެއް ލެވުނު ކަމެވެ. އަނެއް އިޞްލާޙުއަކީ، ހަތަރު އަވަށު އެދުރުގެއަކީ މަދްރަސަތުއްސަނިއްޔާގެ ދަށުގައިވާ ތަންތަން ކަމަށް ހަދައި، އެދުރުގޭގެ ކަންތައް ހިގާނުހިގާގޮތް މަދްރަސާގެ ފަރާތުން ބަލަހައްޓާން ފެށުނު ކަމެވެ. (މުޙައްމަދު އަމީން، 1949، ޞ. 229)
މި މަދަރުސާތަކަށް އެންމެ ބޮޑު ބަދަލެއް ދެން އައީ 27 ނޮވެމްބަރު 1944 ގައެވެ. އެންމެ މުހިއްމު ބަދަލަކީ އަންހެން ކުދިންނަށް މަދަރުސާގެ ޚާއްޞަ ގޮތްޕެއް އުފެއްދުމާއި ފިރިހެން ކުދިންނަށް ޚާއްޞަ ގޮތްޕެއް އުފެއްދެވުމެވެ. އަންހެންކުދިންގެ ގޮފީގެ ނާޒިރާއާއި އޭނާގެ އެހީތެރިންނަކީ އަންހެން ކަނބަލުންނެވެ. އަންހެން ގޮފީގެ އިފްތިތާޙީ ޖަލްސާ އޮތީ މި ދުވަހުގެ ރެއެވެ. އެއީ އަންގާރަ ވިލޭރެއެކެވެ. ފިރިހެން ކުދިންގެ ގޮފި އިފްތިތާޙް ކުރީ ޖެހިގެން އައި އަންގާރަ ދުވަހުއެވެ.
މަދްރަސަތުއްސަނިއްޔާ، އަންހެން ކުދިންގެ ގޮތްޕަކަށާއި ފިރިހެން ކުދިންގެ ގޮތްޕަކަށް ހަމަޖެއްސެވުމުގެ އިތުރަށް، މަންހަޖަށް ވެސް ވަރަށް ބޮޑު ބަދަލެއް ގެނެވުނެވެ. އެއީ ކުރިން ކިޔަވައިދެމުން އައި މާއްދާތަކުގެ އިތުރަށް އަންނަނިވި މާއްދާތައް ކިޔަވައިދިނުމަށް ފެށުމެވެ: އިނގިރޭސި، އުރުދޫ، ޞިއްޙަތު، ސައިންސް، ތާރީޚް އަދި ދިވެހި ބަހެވެ.
މަދްރަސަތުއްސަނިއްޔާ އަށް އައި ބަދަލުތަކާ އެކުގައި، ނައިފަރުގައި މަދްރަސަތުލްއިފްތިތާޙް އަލުން ފަށައި، ދަރަވަންދޫއާއި ކުޑަހުވަދޫގައި މަދަރުސާއެއް ފެއްޓުނެވެ. މަދްރަސަތުލް އިފްތިތާޙު ޙަސަން ފަރީދު ދުވަސްވަރު ނުހުއްޓޭކަމަށް އަޙްމަދު ޝަފީޤު (1992) ބަޔާން ކުރެއެވެ. ނަމަވެސް، އަލުން ފަށަން ޖެހޭނީ ތަނެއް ހުއްޓުމަށް ފަހުއެވެ. އެތަނާ ބެހޭ ގޮތުން، އަޙްމަދު ޝަފީޤު ބަޔާން ކުރަނީ (ޞ. 185):
އެތާނގައި އުނގަންނައިދިނުމުގެ އުޞޫލަށް ބަލާއިރު، އަޅުގަނޑަށް ވިސްނިފައި އޮންނަނީ މަޢުހަދެއް ކަހަލަ ގޮތަކަށް ހިނގިތަނެއްކަމަށެވެ. ހުރިހާ ފެންވަރަކަށް އަދި ހުރިހާ ޢުމުރަކަށް ވެސް އެތަނުން ރަނގަޅަށް ކިޔެވެއެވެ. އަދި ޢިލްމީ ބައެއް ވެސް އުނގަންނައި ދެވެއެވެ. އެތާނގެ ބާނީއަކީ ފަޟީލަތުއްޝައިޚް ޢަބްދުﷲ ފަހުމިލް އަޒްހަރީއެވެ.
ދަރަވަންދޫ އާއި ކުޑަހުވަދޫގައި މަދަރުސާ ފެއްޓުނު ތާރީޚް، [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] މިފޮތުން ކިޔާކަށް ނޭނގެއެވެ. ނަމަވެސް، މިކަން ހިނގީ 1944 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކަމަށް ލަފާ ކުރެވެއެވެ. މަދްރަސަތުއްސަނިއްޔާގެ ފިރިހެން ގޮފީގެ ދުވެލީގެ ފުރަތަމަ 25 އަހަރު، އަޙްމަދު ޝަފީޤު (1992) ގައި ތަފްޞީލުކޮށް ބަޔާން ކުރައްވާފައިވެއެވެ. އޭނާ ވިދާޅުވާގޮތުން، މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން ހަތަރު ބަޔަކަށް (ހައުސްއަށް) ބެހީ 9 މާރޗް 1945 ވީ ހުކުރު ދުވަހުއެވެ. މިއަށްފަހު، މި ހަތަރުބައިގެ މެދުގައި، ކުޅިވަރާއި ކިޔެވުމާއި އަދި އެހެނިހެން ވާދަކުރުމުގެ މުބާރާތްތައް ބޭއްވެމުން ގޮސްފައި ވެއެވެ. މަދަރުސާގައި ކިޔަވައިދިނުމާއި އެހެން ކަންކަން، ތަކެތި ލިބޭ މިންވަރުގެ ނިސްބަތުން، އެޒަމާނުގެ ފެންވަރަށް ކުރިއަށް ގޮސްފައި ވެއެވެ. މަދަރުސާއަށް މިޒަމާނުގެ ޑެސްކް ލިބުނީ 12 މޭ 1945 ގައެވެ. އޭގެ ކުރިން ދަރިވަރުން ކިޔަވަން ތިބެނީ ދިގުގޮނޑީގައި އުނގުމަތީ ފޮތް ބާއްވައިގެންނެވެ.
ދެން ހިނގި މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ސަރުކާރުން ދަރިވަރުން ތިބޭ ހޮސްޓަލެއް ނުވަތަ ދަނާލެއް ޤާއިމްކުރުމެވެ. މިކަން ކުރައްވަން ނިންމަވައި، 18 ނޮވެމްބަރު 1944 ގައި، އަތޮޅުތަކަށް ސިޓީއެއް ފޮނުވުނެވެ. އޭގައި ބަޔާންވެގެންވަނީ ސަރުކާރުން އަހަރަކު 6 ހެދުމާއި ކެއުމުގެ ޚަރަދަށް 12 ރުފިޔާ ދެއްވާގޮތަށް، ކޮންމެ އަތޮޅަކުން ކިޔަވާ ޒާތުގެ ދެ ކުއްޖަކު ފޮނުވުމަށެވެ. މި ކުދިން ބޭތިއްބުމަށް، މަދްރަސަތުއްސަނިއްޔާ ހުރި ކޮށީގައި ހުރި ދެގެއެއް، ބަދަލުދީ ނަންގަވައި، އެތަނުގައި ދަނާލެއް ޤާއިމް ކުރެވުނެވެ. މި ދަނާލު (ދާރުލްއިޤާމާ) ހުޅުވީ، 18 ޖޫން 1945 ގައެވެ. ޖުމްލަ 35 ކުދިން ރާއްޖޭގެ ހުރިހާ އަތޮޅުތަކުން މި ދަނާލުގައި ތިބެން ގެނައެވެ. އިތުރު މަޢުލޫމާތު [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] މި ޔައުމިއްޔާގެ 253 ވަނަ ޞަފުޙާގައި ވެއެވެ.
ތަޢުލީމީ ގޮތުން ދެން އެންމެ މުހިއްމު ކަމެއް ހިނގީ 11 ޖުލައި 1945 ވީ ބުރާސްފަތި ވިލޭރެއެވެ. އެއީ ދިވެހިރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ލައިބްރަރީ، އާދެ! މަޖީދީ ލައިބްރަރީ ނާދީއްތަމައްދަން ގެ ބައެއްގައި ހުޅުވުނު ރެއެވެ. ނާދީއްތަމައްދަން އަކީ ސަރުކާރުގެ މުހިންމު މަޖިލިސްތަކާއި، ތަޤްރީރުތަކާއި އެއްވުންތަކާއި ޕާރޓީތައް ބޭއްވުމަށް ޢިމާރާތް ކުރެވި ހަމަ އެރޭ ހުޅުވުނު ޢިމާރާތެކެވެ. މިއީ ކުރިން ޢަބްދުލްޙަމީދު އަފަންދީގެ ލަކުޑި ގުދަނެއް ކަމަށާއި ސަރުކާރަށް ގޯތި ބައްލަވައިގަތީކަމަށް ނާދީ ހުޅުވުމާ ބެހޭގޮތުން ”ސަރުކާރުގެ ޚަބަރު“ގައި ޖަހާފައިވާ ޚަބަރުގައި ވެއެވެ.
ރާއްޖޭގައި މަސައްކަތްތެރިކަމުގެ ތަޢުލީމު ފެށުނީ މިދުވަސްވަރުއެވެ. މިވާހަކަތައް ވަކި ސުރުޚީއެއްގެ ގޮތުގައި ފަހުން ބަޔާން ކުރެވޭނެއެވެ.
އެ ދުވަސްވަރު މަދްރަސީ ކަލަންޑަރު ކަނޑައަޅަނީ ހިޖްރީ އަހަރުންނެވެ. މަދަރުސާ ފެށޭ ދުވަހަކީ 10 ޝައްވާލުކަމަށް އަޙްމަދު ޝަފީޤު ބަޔާން ކުރައްވައެވެ. 7 ސެޕްޓެމްބަރ 1946 ގައި ފެށުނު ތަޢުލީމީ އަހަރުގެ ކަންތައްތައް ހިނގަން ފެށިގޮތް އޭނާ ބަޔާންކޮށްފައިވަނީ އަންނިވި ގޮތަށެވެ (ޞ. 127).
އާދެ، ދިރާސީ އަހަރު ފެށުމާއެކު، މިއަހަރަކީ ރާއްޖެތެރެއަށް ވެސް ތަޢުލީމުގެ އައު ރޫޙެއް ލިބެން ފެށި އަހަރަކަށް ވިއެވެ. މީހުން އުޅޭ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ރައްޔަތުންގެ ފަރާތުން، ކިޔަވައިދޭނޭ މަދްރަސާއެއް އުފެއްދިއެވެ. ގިނަ ރަށުގައި ދަނޑިފަނުގެ ޢިމާރާތްތަކެވެ. އަދި ތަނަވަސް ބޮޑެތި އަތޮޅުއަތޮޅުގައި އެ އަތޮޅެއްގެ ރަށްރަށުން ކުދިން ހޮވައިގެން އަތޮޅުވެރިކަން ކުރާ ރަށަށް ގެނެސްބައި ތިއްބައިގެން، “އަތޮޅު މަދްރަސާ” އުފައްދައިގެން އެތަނުގާ ކިޔަވައިދޭން ފެއްޓުނެވެ. އަތޮޅު މަދްރަސާގެ ނާޡިރަކީ ޚުދް އަތޮޅުވެރިންނެވެ. ރަށްރަށުގެ މަދްރަސާގައި އެ މަޤާމަށް އިސްކޮށްފައިވަނީ އެ ރަށެއްގެ ކަތީބެވެ. ނުވަތަ އަތޮޅުވެރިން ޚިޔާރުކުރައްވާ ޚާއްޞަ ވެރިއެކެވެ. މި އައު ކުރިއެރުމަށް ފެށުނުއިރު ވެސް، ކުރީއްސުރެން މެދުނުކެނޑި ކިޔަވައިދޭ ބައެއް މަދްރަސާ ރާއްޖެތެރޭގައި ހުއްޓެވެ. މިސާލަކަށް ނައިފަރު މަދްރަސަތުލް އިފްތިތާޙް ފަދައެވެ. މައްސަލައަކަށް ކުރިމަތިވެފައި އޮތީ، ރާއްޖެއަށް ކުރިމަތިވެފައިވާ ކުރިން ދެންނެވި ތަދުމަޑުކަމެވެ. ކަން މިހެން އޮތް ކަމުގައި ވިއަސް، ރާއްޖެތެރޭގެ މަދަރުސާތަކުން ވަނަވަނައަށް އަންނަ ކުދިން، މާލެއަށް ގެނެސް، ސަރުކާރުގެ ޖަލްސާ ކުރާ ބޮޑުގޭގައި (ނާދީއްތަމައްދުން ގައި) ތަޢުލީމީ މުބާރާތްތަކުގެ އިނާމުދެވޭ ޖަލްސާގައި އެ ކުދިންނަށް އިނާމު ދެވެއެވެ (އަޙްމަދު ޝަފީޤު، 1992، ޞ، 148).
މީގެ އިތުރަށް އަޙްމަދު ޝަފީޤު ބަޔާން ކުރާގޮތުގައި، މާލޭގެ މަދްރަސާއަށް ވަންނަ ކުދިންގެ ޢާއްމު ފެންވަރަށް ބަލާއިރު، ރާއްޖެތެރެއިން، ޚާއްޞަކޮށް ފާދިއްޕޮޅުންނާއި ތިލަދުންމަތިންނާއި ހުވަދުއަތޮޅާއި، އައްޑޫއަތޮޅުން އަންނަ ގިނަ ކުދިންގެ ފެންވަރު މަދްރަސާގެ އެއްވަނަ ކިލާހަށް ވުރެ މައްޗެވެ. އަދި އޭނާއާ ތިންވަނަ ކިލާހުން ބައްދަލުވި ކުދިން ޢަރަބިބަހާއި ހިސާބުން އޭނާއަށް އުނގަންނައިދެވޭހާ ފެންވަރު ހުއްޓެވެ (ޞ. 185).
ތަދުމަޑުކަން ޢާއްމު ވިއަސް، ސަރުކާރުން ބައެއް ދަރިވަރުން މާލެގެންނަވައި މާލޭގެ މަދްރަސާތަކަށް ވެއްދެވިއެވެ. ތިލަދުންމައްޗާއި ފާދިއްޕޮޅުގެ ރައްޔިތުން ގުޅިގެން، އެ ދެ އަތޮޅުގެ ދަރިވަރުން މާލޭގެ މަދަރުސާއަށް ދާއިރު، މާލޭގައި ތިބުމަށް ރުވާޤުއްޠަލަބާ ގެ ނަމުގައި، 3 ނޮވެމްބަރ 1946 ވީ ހޯމަ ވިލޭރޭ ދަނާލެއް ހުޅުވުނެވެ. މިއީ ފިރިހެން ކުދިން ތިބޭ ތަނެކެވެ. މިތަން ހުރީ މާފަންނު ތުއްކެނޑި ހުސައިން ކަލޭގެފާނު ހުންނެވި ގޭގައެވެ (އަޙްމަދުޝަފީޤު، 1992). މިހިސާބުގަޑުގައި މިހާރުވެސް ރުވާގުގެ ކިޔާ ގެއެއް ހުރެއެވެ. ހަމަ މިއަހަރުގެ ތެރޭގައި، މާފަންނުގައި، މަގުމަތީ ކުދިން ބެލެހެއްޓުމަށްޓަކައި، އިޞްލާޙިއްޔާގެ ނަމުން، ޚާއްޞަ ބޯޑިންގ އެއްވެސް ހިންގަވަން ފެއްޓެވިއެވެ. އަޙްމަދު ޝަފީޤް ހަނދުމަފުޅު ހުންނަގޮތުން، އެތަން ފުރަތަމަ ހުރީ ބަތްހިއްކާ ދޮންކަލޭފާނު ހުންނެވި ގޭގައެވެ. ފަހުން ޙަސަންކޮއިގެއޭ ކިޔާ ޢިމާރާތެއްގައި ކަމަށް ބަޔާން ކުރައްވައެވެ. ކޮންމެ އަކަސް ތިރީހަކަށް ކުދިން އަވަށުތެރެއިން ހޮވައިގެން އިޞްލާޙިއްޔާގައި ބެލެހެއްޓުނުކަމަށް އޭނާ ބަޔާން ކުރައްވާފައި ވެއެވެ.
މާލޭގައި ދެވެމުން އައި މަދްރަސީ ތަޢުލީމަށް ދެން އެންމެ ބޮޑު ބަދަލެއް އައީ 5 މޭ 1947 ވީ ހޯމަ ދުވަހުއެވެ. އެ ދުވަހު މަޖިލިސް ހިންގާ ޖަލްސާއެއްގައި، މުޙައްމަދު އަމީން ފާޅުކުރެއްވި ޚިޔާލުފުޅަކާ ގުޅިގެން، ހަތަރު އަވަށު އެދުރުގެ މަދަރުސާގެ ދަރަޖައަށް އުފުލަން ނިންމުނެވެ. އެންމެ ފުރަތަމަ ކުރެއްވިކަމަކީ، މަދްރަސަތުއްސަނިއްޔާގެ ފިރިހެން ގޮފީގެ ނަން، ޢަބްދުލްމަޖީދަށް ނިސްބަތްކޮށް، މަދްރަސަތުލްމަޖީދިއްޔާ އަށް ބަދަލުކޮށްލެއްވުމެވެ. މިކަން ހިނގީ 7 މޭ 1947 ގައެވެ. ދެން އެހެން އަވަށުއެދުރުގެތަކުގެ ނަންތައް ބަދަލުކުރެވުނެވެ. ބަދަލުކުރެވުނު ނަމާއި ތާރީޚް ތަކަކީ: ގަޅޮލު އަވަށު އެދުރުގެ މަދްރަސަތުލްފަރީދިއްޔާއަށް (8 މޭ 1947 ވީ ހުކުރު ވިލޭރޭ)؛ ހެންވޭރު އަވަށު އެދުރުގެ މަދްރަސަތުލް އަމީރުއަޙްމަދުއަށް (15 މޭ 1947 ވީ ހުކުރު ވިލޭރޭ)؛ މާފަންނު އެދުރުގެ މަދްރަސަތުލް ޞަލާޙިއްޔާއަށް (23 މޭ 1947 ވީ ހޮނިހިރު ވިލޭރޭ)؛ މަދްރަސަތުލް ޙަމީދިއްޔާ (29 މޭ 1947 ހުކުރު ވިލޭރޭ) މިއެވެ. އެކި މަދަރުސާތަކުގެ އަހަރީ ދުވަސް ފާހަގަ ކުރުމާއި، މަދަރުސާތަކުގެ މެދުގައި ތަފާތު ކުޅިވަރު ޙަރަކާތްތައް އަމީން ދައުރު ނިމެންދެން ހިނގިއެވެ. އަޙްމަދު ޝަފީޤު (1992) ގައި ބަޔާން ކުރާ ގޮތުގައި، ހަތަރު އަވަށުގައި މި ހުޅުވުނު މަދަރުސާތަކަކީ މަޖީދިއްޔާ އާ ގުޅުން ހުރި ތަންތަނެވެ. އެއީ އަމީންގެ ތަޢުލީމީ މަޝްރޫޢު ރޭވިފައިވާ ގޮތުންނެވެ. [މަދްރަސަތުލްމަޖީދިއްޔާ އަށް ސީދާ ނުވަދެވޭވަރުގެ ފެންވަރުގެ ކުދިން މިއިން މަދްރަސާއަކަށް ވަދެ ފެންވަރު ރަނގަޅުވެގެން މަޖީދިއްޔާއަށް ވަދެއެވެ] (ޞ. 174). ސަރުކާރުގެ ރަސްމީ ޔައުމިއްޔާ [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] ގައި އެންމެ ގިނައިން ލިޔެ ފައި ހުރީ މި މަދަރުސާތަކުގެ މެދުގައި ހިނގި އެކި މުބާރާތްތަކުގެ ވާހަކަތަކާއި އަދި މިނޫނަސް މަދަރުސާގެ އެހެން ޙަރަކާތްތަކުގެ ވާހަކަތަކެވެ. ފަރީދިއްޔާ ހުރީ ނީލޯފަރުމަގާއި ކެނެރީގޯޅީގެ ކަންމަތީގައެވެ. އަމީރު އަޙްމަދު ހުރީ ސޯސަންމަގުގެ ހ. ވިންޑީ ރެސްޓް (މިހާރު ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް ހުރި ތަނު) ގައެވެ. ޞަލާޙިއްޔާ ހުރީ މާފަންނު ޖީޒާގެ ހުރި ތަނުގައެވެ. ޙަމީދިއްޔާ ހުރީ އިސްކަންދަރު ސްކޫލް ހުރިތަނުގައެވެ.
ދެން ފާހަގަ ކުރެވޭ އެންމެ މުހިއްމު ކަމަކީ، އަވަށު މަދަރުސާތައް، މަޙަކްމަތުލް މަޢާރިފުގެ ފަރާތުން އިމްތިޙާނު ކުރެވޭ ކަމެވެ. މިއީ މަދަރުސާތަކުގެ ފެންވަރު، އަޅާކިޔޭނޭ ޢާއްމު އިމްތިޙާނެކެވެ. މިގޮތުން، އިމްތިޙާނު ކުރެވި، 24 ޖުލައި 1948 ވީ އާދީއްތަ ވިލޭރޭ ވަނަވަނަ އަށް އައި އަވަށު މަދަރުސާއަށާއި ކުދިންނަށް އިނާމު ދެވުނެވެ. މިއީ އަހަރީ ކަމެއްގެ ގޮތުގައި، މުޙައްމަދު އަމީންގެ ދައުރު ނިމެންދެން ކުރިއަށް ދިޔައެވެ.
ރާއްޖެތެރޭގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދެން އެންމެ މުހިއްމު ޙަރަކާތެއް ހިންގީ 27 ޖުލައި 1948 ވީ އަންގާރަ ދުވަހުއެވެ. އެ ދުވަހު އަވަށުވެރިންނާއި މަދަރުސާ ވެރިންނާއެކު ޖަލްސާއެއް ކުރެވުނެވެ. މި ޖަލްސާގައި ހަތަރު އަވަށު ވެރިންގެ އިތުރަށް މާލޭގެ ބައެއް ޢިއްޒަތެރި ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މިއީ ރާއްޖެތެރެއިން ކުދިން ކިޔަވަން މާލެގެނައުމާ ބެހޭ ޖަލްސާއެކެވެ. ރާއްޖެތެރެއިން ގެންނަ ކުދިންގެ ޚަރަދު ލިބިއްޖެނަމަ، އެކުދީން ބެލެހެއްޓުމާއި އަވަށުގެ ފަރާތުން ޙަވާލުވާނޭކަން މުޙައްމަދު އަމީނަށް ޔަޤީންފުޅުކޮށް އެރުވިއެވެ. ފިރިހެން ކުއްޖެއްގެ ޚަރަދަކީ މަހަކު 16 ރުފިޔާ ކަމަށާއި އަންހެންކުއްޖެއްގެ ޚަރަދަކީ މަހަކު 20 ރުފިޔާ ކަމަށް ކަޑައެޅުނެވެ. މިގޮތުން ނިންމުނު ކަންތައްތައް ތިރީގައި އެވަނީއެވެ:
- ދާރުލްއިޤާމާގައި ކުދިން ތިބި ރަށްރަށުން ފިރިހެން ކުދިން ނުގެނެސް ކޮންމެ ރަށަކުން ފިރިހެން ކުއްޖަކާއި އަންހެންކުއްޖަކު ގެނައުން. މިގޮތުން ގެންނަ ކުދިންގެ ޚަރަދުގެ ދެބައިކުޅައެއްބައި ދައުލަތުން ދެއްވުން.
- ގެންނަ ކުދިންގެ ތެރެއިން ފިރިހެން ކުދިންގެ ޢުމުރަކީ 15 އަހަރާއި 16 އަހަރާ ދެމެދު. އަންހެން ކުއްޖެއްނަމަ، 10 އަހަރާއި 12 އަހަރާ ދެމެދު.
- މިގޮތުން ގެންނަ ކުދިން، މަދްރަސަތުލްމަޖީދިއްޔާ އާއި މަދްރަސަތުއްސަނިއްޔާ އާއި 4 އަވަށު މަދަރުސާއަށް ވައްދައިގެން އަވަށުވެރީންގެ ބެއްލެވުމުގެ ދަށުގައި، އަވަށުވެރީންނަށް ފެނިވަޑައިގަންނަވާ ގޭގޭގައި ބައިތިއްބައިގެން ކިޔަވައިދެއްވަމުން ގެންދިއުން.
އަދި މި ޖަލްސާގައި ކޮންމެ ރަށަކުން މެ، އެ ރަށެއްގެ މަދަރުސާ ހިންގުމަށްޓަކައި، މަސްބައެއް ނެގުމަށް ހުށަހެޅުނެވެ. އަޙްމަދު ޝަފީޤު (1992) ބަޔާން ކުރާގޮތުގައި، ފުރަތަމަ ބުރުގައި 108 ފިރިހެން ކުދިންނާއި 99 އަންހެން ކުދިން މާލެ ގެނެވުނެވެ. އަދި އިތުރަށް އަޙްމަދު ޝަފީޤް ބަޔާން ކުރެއެވެ: ”ޚާއްޞަ ކުދިންނަށް ތަޢުލީމު ދެއްވުމުގެ މަޝްރޫޢު ހިމެނުނީ، ރާއްޖޭތެރެއަށް ތަޢުލީމު ފެތުރުމަށް އެޅުނު އެންމެ މުހިންމު އަދި އެކަމުގެ ހެޔޮ އަސަރު ދެމިހުރި ހަރުދަނާ ފިޔަވަޅު ކަމަށެވެ“ (ޞ. 200).
މުޙައްމަދު އަމީންގެ ދައުރު މިހާ ހިސާބަށް އައިއިރު، އޭނާއަށް ޢަދާވަތްތެރި މީހުން ތަފާތު ވާހަކަތައް ފަތުރަމުން ދިޔައެވެ. މިގޮތުން އެއް ވާހަކައަކީ، ފުޓުބޯޅަކުޅެން ދަނޑު ހަދަން، މަހާނަގާތައް ނަގަންޖެހޭ ވާހަކައާއި، މަގު ހަދަން ރުއްގަސް ކަނޑަން ޖެހޭ ވާހަކައާއި، ރާއްޖެތެރޭގެ މަދަރުސާތަކުގެ މުދައްރިސުންނަށް ލަނީ މަދްރަސަތުލްމަޖީދިއްޔާއިން ކަނޑާލާފައި ތިބޭ މީހުންކަމަށާއި ރާއްޖެތެރޭ މަދަރުސާ ތަކުގައި ކުދިންލައްވާ ސަފުހައްދައިގެން ސިފައިން ގޮވާގޮތަށް ގޮވާކަމުގެ ވާހަކައެވެ. މި މައްސަލާގައި 16 ޖޫން 1949 ވީ ބުރާސްފަތި ދުވަހު، ފަޅުއޮޑިފަހަރުގެ މީހުންނާއި ޚާއްޞަ ވަކީލުން ބައިވެރިވި ޖަލްސާއެއްގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން، ޙަޤީޤަތް މީހުންނަށް އޮޅުންފިލުވާދެއްވި އެވެ. އަދި ރާއްޖެތެރެއަށް ޙަޤީޤަތް ހާމަކޮށް، ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަންތައްތައް ބަލަން ޚާއްޞަ ވަކީލުން ފޮނުއްވާ ގޮތަށް ނިންމިއެވެ. އަދި މިދުވަހަށްފަހު، މަޙަކްމަތުލްމަޢާރިފުގެ ހުއްދައެއް ނެތި، ނުކިޔަވައިދެވޭ ގޮތަށް ވެސް ނިންމުނެވެ. މި ޖަލްސާގައި މުޙައްމަދު އަމީން ދެއްކެވި ވާހަކަފުޅުގެ ރިޕޯޓެއް [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] ގެ 492 ވަނަ ޞަފުޙާގައި ވެއެވެ.
ހަމަ މި މޭރުމުން، މިދުވަހު މެންދުރުފަހު، ޚާއްޞަ ވަކީލުންނާއި ރަށްރަށުގެ އަތޮޅުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުކުރެއްވުމުގައި، އެއްވެސް ހަމައެއް ނެތި، ރަށްރަށުގައި މަދަރުސާތައް އަޅަމުންދާތީ، މަދަރުސާ އަޅާނެ ބޮޑުމިނަކާއި އަޅާނެގޮތެއް ކުރަހައިގެން ގެނެސް މަޙަކްމަތުލްމަޢާރިފުން ފާސްކޮށްގެންނޫނީ މަދަރުސާތައް އަޅައިގެން ނުވާނެކަން ފާހަގަ ކުރެއްވިއެވެ. އަދި ޤާބިލްކަން ނެތް މުދައްރިސުން ކިޔަވައިދެމުންދާތީ، ކަނޑަންޖެހޭ މުދައްރިސުން ކަނޑާ، އެހެން މުދައްރިސުންނަށް އިމްތިޙާނެއްދީ ސަނަދެއް ދެއްވާނޭކަމަށް ވިދާޅުވިއެވެ. އެކަށީގެންވާގޮތެއްގައި މަދަރުސާއެއް ހެދެން ނެތްނަމަ، މުސްކުޅި ގަވާއިދުން ބަންޑާރަ އެދުރުގޭގެ ގޮތުގައި ކިޔަވައިދެމުން ގެންދިއުން ރަނގަޅުކަން ފާހަގަ ކުރެއްވިއެވެ. މި ޖަލްސާގައި ދެއްކެވި އިތުރު ވާހަކަތައް ކުރިން ހަވާލާދެވުނު ފޮތުގެ 495 ވަނަ ޞަފުޙާގައި ވެއެވެ. ޖެހިގެން އައި ހޮނިހިރު ދުވަހު، 18 ޖޫން 1948 ގައި، އަވަށުވެރިންނާ ބައްދަލުކުރައްވާ، ކިޔަވަން މާލެ ގެނެސްފައިވާ ކުދިން، ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކޮށްލުމަށް ރަށްރަށަން ފޮނުވަން ޤަޞްދުކުރައްވާ ވާހަކަ ވިދާޅުވިއެވެ.
މިއަށްފަހު، ތަޢުލީމީގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިއްމު ކަމަކީ 24 ޑިސެމްބަރު 1949 ގައި، އެމަނިކުފާނު، ރައްޔިތުން މަޖިލިހަށް ހުށަހަޅުއްވާ ފާސްކުޅަ 3 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން ނުވަތަ މަޝްރޫޢު އެކެވެ. ބާރަ ޞަފުޙާގެ މައްޗަށް އެކުލެވޭ ޕްލޭންއިން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދަށް ކަން އެނގެއެވެ. އަދި އިސްކަން ދެވިފައިވަނީ ޚަރަދު ކުޑަކުރަންކަމަށް ފެނެއެވެ. ޕްލޭން ފެށެނީ ނުކުރަން ފެންނަ ހަތަރު ކަމެއް ބަޔާން ކުރުމަށް ފަހުއެވެ. އޭގެ ތެރެއިން އެއްކަމަކީ، މިޞްރަށް ދީނީ ޢިލްމު އުނގަންނައިދޭން ފޮނުވާ ދެތިން މީހަކު ނުވަތަ ދެތިން ކުއްޖަކު ފިޔަވައި އިތުރު ބަޔަކު ސަރުކާރުގެ ޚަރަދުގައި ބޭރަށް އެ ތިން އަހަރު ދުވަހުގެ ތެރޭގައި ނުފޮނުވުމެވެ. 1950 ވަނަ އަހަރު ކުރަން ރާވާފައިވާ ތަޢުލީމީ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ދެތިން ހަތަރު މީހަކު ދީން ކިޔެވުމަށް މިޞްރަށް ފޮނުވުމެވެ. މިގޮތުން މުޙައްމަދު އަމީން ފާހަގަކުރައްވާފައިވެއެވެ: ”ނަމަވެސް އަޅުގަޑުގެ އީމާނަކީ، މިޞްރު ނޫން އެހެން އެއްވެސް ތަނެއްގައި، އެދެވޭގޮތުގެ މަތީން، ދީނުގެ ތަޢުލީމު މި ޒަމާނުގައި ޙާޞިލް ނުވާނޭކަމެވެ.“ މުޙައްމަދު އަމީން، (1941، ޞ. 14). މި ޢިބާރާތުން އޭނާ މާނަކުރައްވަނީ، ސަޢުދީ އެރެބިޔާގައި ފެތުރިފައިވާ ޢަބްދުލްވައްޙާބުގެ ދީނީ ގޮތްތައް ދަސްކޮށްފި ނަމަ، ރާއްޖޭގެ އިޖްތިމާޢީ ފޭރާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އިނގިރޭސީންނާ ގުޅިގެން ޚިލާފަތު ރޫޅާލުމަށް އިބްނު ސަޢުދު ކުރި ބަޣާވަތުގައި 1926 ވަނަ އަހަރު ކާމިޔާބު ވުމާ ގުޅިގެން އިބްނު ސަޢުދުވަނީ އެރެބިޔާއަކީ ވަކި ރަސްކަމެއްގެ ގޮތުގައި އިޢުލާނުކޮށްފައެވެ. މި ބަޣާވަތުގައި، ދީނީ ގޮތުން އޭނާއަށް އެއްބާރުލުން ދިނީ ޢަބްދުލްވައްޙާބު ކިޔާ ޢިލްމުވެރިއެކެވެ. ވެރިކަން ލިބުމާއެކު، ޢަބްދުލްވައްޙާބުގެ ހަރުކަށި ދީނީ ވިސްނުން ފަތުރަން މަސައްކަތް ކުރަމުން ދިޔައެވެ. މިކަން މިހާރުވެސް ކުރިއަށް ދެއެވެ. މިއީ އޭޝިޔާގައިއޮތް، އަދި ނަޖްދާއި ޢަރަބިއާގައި އޮތް ޒަމާންވީ އިސްލާމީ އުސޫލުތަކާ ވަރަށް ޚިލާފުގޮތްތަކެކެވެ. މަޝްރޫޢުގައި އަމީން ފާހަގަކުރައްވާގޮތުގައި، މިޞްރަށް ކިޔަވަން ގޮސް ތިބޭ ސިލޯނު މުސްލިމުން، ނުވަތަ ސޯޅިޔާއިން ތިބޭ ގެއެއްގައި، ރާއްޖެއިން ފޮނުވާ ކުދިން ބޭތިއްބިދާނެ އެވެ. މިކަމަށް ސޯޅިޔާއިންގެ ސިލޯނުގެ ކޮމިޓީގެ ހުއްދަ ލިބިދާނެކަމަށް ވެސް އަމީން ފާހަގަކުރެއްވާފައި ވެއެވެ. 1952 ވަނަ އަހަރު ފިރިހެން ކުދިންނަށް މަދަރުސާއެއް އާރާސްތުކުރާގޮތަށް ބަޔާން ކޮށްފައިވެއެވެ. މި މަދަރުސާ ވީ މަދްރަސަތުލް މަޖީދިއްޔާ އަށެވެ.
އަޙްމަދު ޝަފީޤް (1992) ގެ 141 ވަނަ ޞަފުޙާގައި، އަމީންގެތައުލީމީ މަޝްރޫޢު ރޭވިފައިވާ ގޮތުގެ ޗާޓެއް ހިމަނާފައި ވެއެވެ (ކުރެހުން 3.1). މި ޗާޓު އަޅުގަނޑުމެންނަށް އެއްވެސް އެހެން ލިޔުމަކުން ފެނިފައެއް ނުވެއެވެ. އެހެންކަމުން، މިއީ އަޙްމަދު ޝަފީޤު ކަންހިނގިގޮތަށް ވިސްނަވާ އަމިއްލައަށް ކުރެއްސެވި އެއްޗެއްކަމަށް ލަފާކުރެވެއެވެ. ޗާޓުން ފާހަގަ ކުރެވޭ ގޮތުގައި މިޞްރާއި އިންޑިޔާއާއި ސިލޯނުގައި ކިޔަވަން ތިބޭ ކުދިންގެ ކަންތައްތައް ބަލަހައްޓަވާނީ ވުޒާރަތުލްޚާރިޖިއްޔާ އިންނެވެ. އަތޮޅުތަކުގެ މަދަރުސާތަކާއި އަތޮޅުތަކުގެ ކުދިންތިބޭ މާލޭގައި ހުންނަ ދަނާލުތައް ބަލަހައްޓާނީ ވުޒާރަތުއްދާޚިލިއްޔާގެ ދަށުން އަވަށުވެރިންނާއި އަތޮޅުވެރިންނެވެ. ވުޒާރަތުލްމަޢާރިފުން ބަލަހައްޓާނީ މާލޭގެ މަދަރުސާތަކާއި ސަރުކާރުގެ ދަނާލުތަކާއި އަމިއްލަ ކުލާސްތައް ފަދަ ތަންތަނެވެ.
ކުރެހުން 3.1: މުޙައްމަދު އަމީންގެ ތަޢުލީމީ މަޝްރޫޢު އެކުލެވިފައިވާގޮތް (އަޙްމަދު ޝަފީޤު، 1992).
25 ފެބްރުއަރީ 1950 ގައި އަވަށުން ބަލަހައްޓަމުން ގެންދާ ފަޤީރުކުދިން ވަކި ރަށަކަށް ތަމްރީނަށްޓަކައި ލުމަށް ހަމަޖެއްސުނެވެ.
ދެން ފާހަގަ ކުރެވޭ ކަމެއް ހިނގީ 23 ޖުލައި 1950 ގައެވެ. މި ދުވަހު އަވަށު މަދަރުސާތަކުގައި ހަތަރު ވަނަ ކިލާސް އަށް ވުރެ މަތީ ކިލާސްތައް ނުބާއްވާގޮތަށް އަމީންނިންމެވިއެވެ. އަދި އަންހެން ކުދިންގެ ކުޅުމުގައި ފިރިހެން ކުދިން އެއްވެސް ގޮތަކަށް ނުހިމެނުމަށް ނިންމެވިއެވެ. އަވަށު މަދަރުސާތަކުގައި ހަތަރުވަނަ ކިލާހަށް ވުރެ މައްޗަށް، މިހާރު ކިޔާ ގޮތުން ނަމަ، ހަތަރުވަނަ ގްރޭޑަށް ވުރެ މައްޗަށް ނުބާއްވާ ގޮތަށް ނިންމެވިކަމަށް ލަފާކުރެވެނީ އެ މަދަރުސާތަކުގެ ޖާގަ އިތުރުކުރަންކަމަށް ލަފާކުރެވެއެވެ.
ތަޢުލީމާ ގުޅިގެން، އަމީން ދައުރުގައި އޭނާ އެންމެ ފަހުން ކުރެއްވި ކަމަކީ 4 ޖުލައި 1953 ގައި، ކޮންމެ އަވަށު މަދަރުސާގައި އަންހެން ފިރިހެން ވަކިން ކޮންމެ ގޮތްޕެއްގައި 140 ކުދިން ހަމަވާގޮތަށް، މަދަރުސާތަކަށް ނުވަދެތިބި ކުދިން، މަދަރުސާތަކަށް ޚާއްޞަ ގޮތެއްގައި ވެއްދި ވެއްދުމެވެ. ދެން 7 އޯގަސްޓްގައި އެމަނިކުފާނު ސިލޯނަށް ވަޑައިގަތްތާ ފޮއި ދުވަހުގެ ތެރޭގައި ބަޣާވަތެއް ގެނެސް އަމީންގެ ދައުރު ނިމުމަކަށް އައެވެ.
ދެން ވަކި އަރިމަތީ ސުރުޚީއެއްގެ ދަށުގައި، ދެކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ސަރުކާރުގެ ޚަރަދުގައި މީހުން ރާއްޖެއިން ބޭރަށް ފޮނުވުމާއި މަސައްކަތްތެރިކަމާއި މަތީ ތަޢުލީމުގެ ކަންތައްތައް އަމީން ދައުރުގައި ހިނގާ ދިޔަ ގޮތެވެ. ކުރިން ބަޔާންކުރެވުނީ ނިޒާމީ މަދަރުސާތަކުގެ ވާހަކައެވެ.
ރާއްޖެއިން ބޭރަށް ކުދިން ކިޔަވަން ފޮނުވުން
އަމީން ދައުރު ފެށުމުގެ 50 ވަރަކަށް އަހަރު ކުރިން ފެށިގެން، ސަރުކާރުގެ ޚަރަދުގައި ބޭރަށް ކުދިން ކިޔަވަން ފޮނުވާފޮނުވުން، ކުރިއެކޭ އެއްގޮތަށް މި ދައުރުގައި ކުރިއަށް ގެންދެވުނެވެ. ނަމަވެސް ކުރިއާ ޚިލާފަށް، ފޮނުވުނު ކުދިންގެ ޢަދަދު ގިނަވެފައި، އެކުދިން ސިލޯނުގައި ބެލެހެއްޓުން ނިޒާމީގޮތަކަށް ހަމަޖެހިގެން ދިޔައެވެ. މިކަންތައް ހިނގާދިޔަ ގޮތް، ފިރިހެން ދަރިވަރުންނާ ޙަވާލުވެގެން އެ ދުވަސްހުރި މުދީރު ބަޔާން ކުރަނީ އަންނަނިވި ގޮތަށެވެ.
In the year 1939, the Maldivian Government recommended to send batches of students to Ceylon… They were in Kandy, Panadura and Bambalapitiya at various times, but in 1946, Mr Didi secured for a hostel the excellent premises of “Sosun Villa,” Kavaratne Place, Pamankada… There are 20 students ranging from those in kindergarten to those in S.S.C. An H.S.C student has just left…
Source: Dias, E. (1949). The Maldives and Education. p. 47. In Amin, M. Editor, Ladies and Gentlemen…… The Maldive Islands (41—49). Male: Government of the Maldives.
16 ޖަނަވަރީ 1945 ގައި އަބްދުލްމަޖީދު ސިލޯނުގައި ހުންނަވާތީ އޭނާއާ ބައްދަލުކުރެއްވުމަށާއި ބައެއް ކަންކަން ހަމަޖެއްސެވުމަށް މުޙައްމަދު އަމީން މަނަވަރެއްގައި ސިލޯނަށް ވަޑައިގެން އިރު އަރިހުގައި ކާތިބެއްގެ ގޮތުގައި (މާދޫގޭ) އަލީ އަޙްމަދު ގެންދެވިއެވެ. ކިޔަވަން ބަހައްޓަން މުޙައްމަދު ޒާހިރު (ނަޞީރު) ގެންދެވިއެވެ. 23 މާރޗް 1945 ގައި ޢަދުނާނު ޙުސައިނާއި ޢަބްދުﷲ ޒުބޭރާއި ޙަސަން ޒަރީރާއި އިބްރާހީމް ނާޞިރު އާއި އާދަމް ޙަލީމް ކިޔެވުމަށް ސިލޯނަށް ފުރުއްވިއެވެ (މުޙައްމަދު އަމީން، 1949، ޞ. 420).
17 ޖަނަވަރީ 1949 ގައި ޙައްޖު ނިންމާ މާލެ އައި މީހުންނާއެކު ސޯސަންވިލާގައި ކިޔަވަން ތިބި މިކުދިން މާލެ އައެވެ: މުޙައްމަދު އިބްރާހީމް ދީދީ، އިބްރާހީމް ނާޞިރު، ޒަކަރިއްޔާ ޙަމީދު، އާދަމް ސަލީމް. އޭރު އިބްރާހީމް ނާޞިރުގެ ޢުމުރުފުޅުން 22 އަހަރުފުޅު ފުރި އޮތީ 23 އަހަރަށެވެ. އޭނާ އުފަންވެވަޑައިގަތީ 1926 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާ އައުމުން އެންމެ ފުރަތަމަ ދެއްވި ވަޒީފާއަކީ ސިފައިންގެ އޮފިސަރު ކަމެވެ. މި އިބްރާހީމް ނާޞިރަކީ މުޙައްމަދު އަމީންގެ ހަށިކޮޅަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުއްވި ވެލާނާގޭ މުޙައްމަދު ދީދީގެ ކާފަ ދަރިކަލެކެވެ. އަދި، އެކުގައި ވަޑައިގެން މުހައްމަދު އިބްރާހީމް ދީދީގެ ދެބެންގެ ދެދަރި ބޭފުޅެކެވެ.
25 ޖޫން 1949 ގައި އަމީން އާ އެކު، ސަރުކާރުގެ ޚަރަދުގައި އަންނަނިވި ފަރާތްތަކަށް ކިޔަވައިދިނުމަށް ފޮނުވުނެވެ: މުއުމިނާ ޙަލީމް، ނަސީމާ މުޙައްމަދު، ކަނޑި ޙައްވާ މަނިކެ، ހުސެން މޫސާ ދީދީ، ޒުބޭދާ މޫސާ ދީދީ.
ރާއްޖެއިން ބޭރަށް އަންހެންކުއްޖަކު ކިޔަވަން ފުރަތަމަ ފަހަރަށް ފޮނުވުނީ ޝަމްސުއްދީނު ރަސްކަމުގައި ޙަބީބާ ހުސައިން ޙަބީބެވެ. އެ ވާހަކަ [މޮޓަރު ބޯޓު] ގަނޑުބަޑުގައި ވެއެވެ. އެއީ ޝަމްސުއްދީނު ރަދުންގެ އެންމެ ހަނގު ދަރިކަބަލުންގެޝަހީމާ ޝަމްސުއްދީނު (ތުއްތުގޮމާ) ގެ ބޭފުޅެކެވެ. އޭނާގެ ބައްޕާ ހައިދަރުއާބާދަށް ކިޔަވަން ވަޑައިގެން އިރު އެކުގައެވެ. ދެން ފޮނުވުނީ 5 ކުދިންނެވެ. މީގެ ތެރެއިން އެއް ކުއްޖަކު ވަގުތީ ގޮތުން ބަލިވެ އުޅޭތީ ނުފޮނުވުނެވެ. އަނެއް ހަތަރުކުދިން ފޮނުވީ 18 އޭޕްރިލް (1946) ގައި އެވެ. މުހައްމަދު އަމީން (2001، ޞ. 20) ގައި އަންހެން ކުދިން ސިލޯނަށް ކިޔަވަން ފޮނުވުމާ ބެހޭ ގޮތުން ވިދާޅުވެއެވެ:
ނަމަވެސް އެ ފިޔަވަޅު އަޅުގަނޑުގެ އެޅީ ދައުލަތް ހިންގެވުމުގައި އެންމެ އިސްވެ ތިއްބެވި ބެއިފުޅުންގެ ރާއީ އާ ދިމާ އިދިކޮޅަށެވެ. އަދި ކިއެއްތޯއެވެ؟ ކޮންމެހެން މަޝްވަރާ ކުރަންޖެހިފައިވާ ބައެއް ފަރާތާއިވެސް މަޝްވަރާ ކުރުމަކާ ނުލައެވެ. ނަތީޖާއެއްގެ ގޮތުން އެ ޠާލިބާއިންކޮޅުގެ ފައިންޕުޅު، ހަމަ ކަށަވަރުން ވެސް އަހަރެއްހާ ދުވަސް ވަންދެން، ސިލޯނުގައި، ހަރުލަމުންދިޔައީ، ހަމަ ކިރިޔަ ކިރިޔާއެވެ. ނަމަވެސް އިރާދަ ކުރެއްވީތީ، އެކުދިންކޮޅު އަނބުރާ ގެންނަތަނެއް ނައުދެއެވެ.
މިހާލުގައި ކަންތައްތައް ފެށުނު ކަމުގައި ވިއަސް، 1949 އޯގަސްޓްގައި، ސިލޯނުގައި 12 އަންހެންކުދިން ކިޔަވަމުން ދިޔަކަން ތިރީގައިވާ ލިޔުމުން އެނގެއެވެ.
Fourteen girls are now in Ceylon, accommodated in a large bungalow in Bambalapitiya under the direct supervision of a House Mistress and the Maldivian Government Representative in Ceylon. These girls attend the Holy Family Convent.
Source: Dias, E. (1949). The Maldives and Education. p. 46. In Amin, M. Editor, Ladies and Gentlemen…… The Maldive Islands (41–49). Male: Government of the Maldives.
މަތީގައި ޙަވާލާ ދެވުނު ފޮތުގެ 50 ވަނަ ޞަފުޙާގައި ސިލޯނުގައި ނުކުންނަ ނޫހެއް ކަމުގައިވާ ”ދަ ސަންޑޭ އޮބްޒާރވަރ“ އަށް ޙަވާލާދީފައިވާ ލިޔުމެއްގައި އޭރު ސިލޯނުގައި ކިޔަވަމުންދާ ދަރިވަރުންނަކީ ދިވެހިރާއްޖެއިން މަތީ ތަޢުލީމު ހޯދަން އެންމެ ފުރަތަމަ ބޭރަށް ދިޔަ ކުދިންކަން ބަޔާންކޮށްފައި ވެއެވެ.
4 ޖަނަވަރީ 1950 ގައި، އަމީން ސިލޯނަށް ފުރާވަޑައިގަންނަވަމުން، ދިޔާނާ ޢަބްދުލްވައްހާބާއި އިރުމަތީގޭ އަޙްމަދު ޖަލީލު ކިޔަވައި ދެއްވުމަށް ގެންދެވިއެވެ. 18 ޖަނަވަރީ 1950 ގައި، މުޙައްމަދު ޖަމީލާއި މޫސާ ފަތުޙީ މިޞްރަށް ކިޔަވަން ފޮނުއްވުމަށްޓަކައި އެބޭފުޅުން އަދާކުރައްވަމުން ގެންދެވި މަޤާމުތަކަށް އެހެން ބޭފުޅުން ހަމަޖެއްސެވިއެވެ. މި ދެބޭފުޅުން މިޞްރަށް ވަޑައިގަތުމަށް ފުރާވަޑައިގަތީ 27 ޖަނަވަރީ 1950 ވީ ހުކުރު ދުވަހުއެވެ. އަދި ހަމަ މިދުވަހު އަޙްމަދު ޒަކީ ސިލޯނުން ކިޔަވައި ނިންމަވައިގެން މާލެ ވަޑައިގަތެވެ.
މަޖީދިއްޔާގެ ކުއްޖަކު، ފިލައިގެން ދެކުނު އޮޑިއެއްގައި ސިލޯނަށް ގޮސް، އެތަނުގައި ތިބި ދިވެހީންގެ ބައެއްގެ އަތުން ފައިސާތަކެއް ހޯދައިގެން ފިލި މައްސަލައެއް 21 އޮކްޓޯބަރު 1948 ގައި މަދްރަސަތުލްމަޖީދިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމަކަށް ހުށަހެޅުނެވެ. މި ޖަލްސާގައި ދެކެވުނު އެހެން ވާހަކަ ތައް ކުރިން ބަޔާންކުރެވިއްޖެއެވެ. މި ޖަލްސާގައި ސަރުކާރުގެ ވެރިން ހިމެނިވަޑައިގަތެވެ. މި މައްސަލަ، ފަހަށް އޭގެ މުހިއްމުކަމަށްޓަކައި ނޯޓުކޮށްލަމެވެ. އަޙްމަދު ޝަފީޤް (1992، ޞ. 208) ބަޔާން ކުރެއެވެ.
ފިލައިގެންގޮސް ކިޔަވަން މީހުން އުޅެނީ ސަރުކާރުން އެކަމަށް އެއްވެސް މަގެއް ނޯންނާތީއެއް ނޫނެވެ. ސަރުކާރުގެ ބޯޑިންގެއެއްގައި ތިބެގެން ނޫނީ އިސްލާމީ ސްކޫލަކުންނޫންތާކުން ދިވެހިދަރިން ކިޔަވައިކަށް ނުފެނެއެވެ. މަޒުހަބީ ޚިލާފުތައް ހުންނަ ތަންތަނުންނާއި ކޮމިޔުނިސްޓް ތަންތަނުން ކިޔަވައިދޭކަށްވެސް އަދި ނުފެނެއެވެ. މާލީގޮތުން ތަނަވަސްކަން ނެތްކަން އެނގޭ ފަރާތެއްގެ މީހަކަށްވެސް އަމިއްލަގޮތުން ކިޔަވަން ދިޔުމުގެ ހުއްދައެއްވެސް ދެވޭކަށް ނޯންނާނެއެވެ. މިހުރިހާ ކަމެއްގެ ތެރޭން، އިތުރަށް ދިމާވާ އެންމެ ސީރިއަސް އަމެއް ކަމަކީ، ދިވެހީންނަށް އަދި މިހާތަނަށް ރާއްޖޭން ބޭރުގައި އުޅެވެން އޮތީ ބްރިޓިޝް ޕާސްޕޯޓް ލިބިގެންނެވެ. އެ ޕާސްޕޯޓް ލިބުމުގައި ޝަރުޠުތަކެއްވެސް އޮވެއެވެ….
މިވާހަކަތައް މުހިއްމުވާ ކަމަކީ، ފަހުން އަންނަ ދައުރެއްގައި، ދިވެހީންނާ ތަފާތު މަޒުހަބަށް އުޅޭ ޤައުމުތަކުން، އިސްލާމް ދީން ކިޔަވައިގެން އައި މީހުންގެ ސަބަބުން، ރާއްޖޭގެ ދީނީ ވަޙްދަތުއަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރީތީއެވެ. މި ދުވަހުގެ ޖަލްސާގައި މި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ބަޔާން ކުރެވުނު ކަންތައްތަކުގެ އިތުރު ކަންތައްތައް އަޙްމަދު ޝަފީޤް ބަޔާންކުރައްވާފައި ވެއެވެ.
ސިލޯނަށް ކިޔަވަން ފޮނުވާ ކުދިންނާ ބެހޭ ގޮތުން، އެތަނުން ކުއްޖަކު ފާހަގަ ކުރިގޮތުގައި، ކިޔަވަން މާލެދާއިރު، އެ ކުދިން ތިބެނީ، ސިލޯނުގެ ކޮލެޖްތަކަށް (މަދަރުސާތަކަށް) ވަދެވޭ ވަރަށް ވުރެ ދޮށިވެފައިއެވެ. އެހެންކަމުން، ގޭގައި އެއް އަހަރު ނުވަތަ އެއަށްވުރެ ގިނަ އަހަރު ޓިއުޝަން ދީގެން ބައެއް ކުދިންނަށް މަދަރުސާތަކަށް ވަދެވެއެވެ. އަނެއް ބައިކުދިން، ޓިއުޝަންގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު، މަސައްކަތް ދަސްކުރުމަށް ކޮންމެވެސް ކުންފުންޏެއް ނުވަތަ އެފަދަ މުއައްސަސާ އެއްގައި އުޅުމަށް ފަހު މާލެ އަންނަނީއެވެ. މަދަރުސާއަށް ވަދެވޭ ކުދިން، ދަށު ސާނަވީ ނުވަތަ މަދުމަދުން މަތީ ސާނަވީ ފުރިހަމަ ކުރެއެވެ. ނަމަވެސް އެއްވެސް ކުއްޖަކު މި ދައުރުގައި ސިލޯނުގެ ޔުނިވަރސިޓީއަކަށް ނުވަދެއެވެ. ސިލޯނުގެ ފުރަތަމަ ޔުނިވަރސިޓީ ޤާއިމްކުރީ 1942 ގައެވެ. ދިވެހި ކުދިން، އެސް.އެސް.ސީ އިމްތިޙާނުގައި ސިންގަޅައިގައި ބައިވެރިވުން މަޖުބޫރުވާތީ، ސިލޯނުގެ ސަރުކާރާ ވާހަކަ ދައްކައިގެން ސިންގަޅައިގެ ބަދަލުގައި ދިވެހިބަހުގައި ބައިވެރިވެވޭގޮތް އަމީން ހަމަޖެއްސެވިއެވެ. އެއީ އޭނާގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށެވެ. ސިލޯނުގައި ތިބޭ ދަރިވަރުންނަށް ދިވެހި ކިޔަވައިދިނުމަށް، މާލެއިން ދިވެހި މުދައްރިސުން ސިލޯނުގައި ވަޒީފާދީގެން ގެންގުޅުއްވިއެވެ. ސިލޯނަށް ފޮނުވާ ކުދިން ހޮވަނީ ޓެސްޓަކުންކަން އެނގެއެވެ. އެކަމަށް ހެކިދެނީ ތަޞްވީރު 3.2 ގައި އެވާލިއުމުގެ ހަތަރުވަނަ ޕެރެގްރާފެވެ. އެއީ މުޙައްމަދު އަމީން، ސިލޯނުގެ ނޫހަކަށް ދެއްވި އިންޓަރވިޔޫ އަކާ ގުޅިގެން 4 ޖަނަވަރީ 1953 ގައި އެ ނޫހުގައި ޝާއިޢުކޮށްފައިވާ ބަޔާނެކެވެ. އަޞްލުގެ ފޮޓޯ ތަޞްވީރު 3.2 ގައި އެވަނީއެވެ. ތިރީގައި އެވަނީ ހަތަރުވަނަ ޕެރެގްރާފުގެ ތަރުޖަމާއެކެވެ.
ކުރެހުން 3.2: ޖުމްހޫރީ ދަރުބާރަށް ސިލޯނުން އައި ރިޕޯޓަރަކަށް އަމީން ދެއްވި އިންޓަރވިޔޫ އާ ގުޅިގެން ސިލޯނުގެ ނޫހެއްގައި ޖެހި މަޒުމޫނު
ދިވެހި ސަރުކާރުން ކޮޅުބުގައި ހިންގާ ދެ ދަނާލަކުން ސިލޯނުގައި މިހާރު ކިޔަވައިދެމުންދާ ކުދިންނަށް ކެއުމާއި އަންނައުނާއި ޓެކްސްޓްފޮތާއި ހިޔާވަހިކަން ފޯރުކޮށްދެއެވެ. ކުއްޖާއަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދެނީ ހިލެއެވެ. ވިސްނުމުގެ ވަކި ފެންވަރެއް ހުންނަ ކުދިން ހޮވުމަށް، މާލެ ކައިރީގައިވާ ރަށްތަކާއި އަތޮޅުތަކުގެ ކުދިންނަށް އިސްކަންދޭ، ކުދިން ހޮވާ އިމްތިޙާނެއް ދެވެއެވެ.
މިކަންކަމުން، ސިލޯނުގައި ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ދިނުމުގެ ކަންތައްތައް ކުރިއަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ހިނގާކަން ސާބިތުވެއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމުގެ ތަޢުލީމު
މަސައްކަތްތެރިކަމުގެ ތަޢުލީމާއި މަތީ ތަޢުލީމާ ގުޅޭގޮތުން، މުޙައްމަދު އަމީން، މުހިއްމު މަސައްކަތްޕުޅު ތަކެއް ކުރައްވާފައި ވެއެވެ. މިގޮތުން، 16 ޑިސެމްބަރ 1945 ގައި ފޭރާން ވިޔާން ދަސްކޮށްދޭނޭ މީހެއް ސިލޯނުން ގެނެސް، މާލޭގެ ބައެއް މީހުންނަށާއި ރާއްޖެތެރޭގެ ބައެއް މީހުންނަށް ވިޔަން ދަސްކޮށްދިނުމަށްޓަކައި، ކުޑަކުޑަ މަދަރުސާއެއް ހުޅުވުނެވެ. [މަދަރުސާއަކީ އަމީން އެތަން ސިފަކުރައްވަން ބޭނުން ކުރައްވާފައިވާ ލަފުޒެވެ]. މި ދެންނެވި މަދުރަސާ ތައްޔާރު ކުރީ މާފަންނު މައިޒާންދޮށުގޯތީގައެވެ (މުޙައްމަދު އަމީން، 1949، ޞ. 12). އިރުޝާދުދޭ މީހާ ފުރީ 23 އޭޕްރިލް 1946 ގައި ކަމަށް [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] މިފޮތުގައި ވެއެވެ.
އަޙްމަދު ޝަފީޤު (1992، ޞ. 185) ގައި ބަޔާން ކުރަނީ [ރަށްރަށުގެ ޚަޠީބުކަމަށް، މުދިންކަމަށް، ނާއިބުކަމަށް، އަދި ބޭސްވެރިކަން ފަދަ ކަންކަމަށް މާލޭގައި ކިޔަވައިދީ އުނގެނި އެކަމަށް ސަރުކާރުގެ ހުއްދައެއް ދެވިގެން އެ ވަޒީފާތަކުގައި މީހުން ނޫޅޭ ޒަމާނެއް ވަގުތެއް އަޅުގަނޑުމެން ދެކެފައެއް ނުވެއެވެ.] އަދި، އަމިއްލަ ގޮތުން، އެކިއެކި ބޭފުޅުންނާއި ބޭކަލުންގެ އަރިހުން ކިޔެވޭނޭ މަގު ބަންދުވެފައި އޮތް ދުވަސްވަރެއް އޭނާ ދެކެފައި ނުވާކަމަށް ވިދާޅުވެއެވެ. މިގޮތުން، ސަރުކާރުގެ ވަގުތު ނޫން ވަގުތުތަކުގައި، ހިލޭ ދަރުމައަށް، މީހުންނަށް ޢިލްމު އުނގަންނައިދެއްވުމުގައި ގޮސް އެބޭފުޅުންގެ މުޅި ޙަޔާތް ނިމިގެން ދިޔަ ފަރާތްތަކެއްގެ ނަންތައް އޭނާ 186 ވަނަ ޞަފުޙާގައި ބަޔާން ކުރައްވައެވެ. އޭގެ ތެރޭގައި ޙުސައިން ޞަލާޙުއްދީނާއި މުޙައްމަދު އަމީނާއި އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ނަންފުޅު ހިމެނެއެވެ.
ބޭސްވެރިކަމާ ބެހޭ ގޮތުން، އަޙްމަދު ޝަފީޤު (1992، ޞ. 188) ވިދާޅުވަނީ [އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އަރިހަށް ޙަކީމީ ބޭސްވެރިކަން އުނގެނޭން ރާއްޖެތެރޭން އެކި ފެންވަރުގެ މީހުން މާލެއައިސް އޭރު އެމަނިކުފާނު ހުންނެވި ނޫމަރާގެއަށް ގޮސް ބޭސްވެރިކަން ކިޔަވައި އުޅެއެވެ.] މިގޮތަށް ބޭސްވެރިކަމާއި މާލިމީކަން އަމިއްލަގޮތުން ކިޔަވައިދޭ މީހުން އެދުވަސް ވަރު އުޅެއެވެ. ސަރުކާރުން އިންތިޒާމްކޮށްގެން ބޭސްވެރިކަން ކިޔަވައިދޭގޮތް ހަމަޖެއްސީ މުޙައްމަދު އަމީންކަމަށް [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] މިފޮތުގެ 815 ވަނަ ޞަފުޙާގައި ވެއެވެ.
ބޭސްވެރިކަން ދަސްކޮށްދޭ ކިލާސް ހުޅުއްވުން
62/1/17ހ {24 ޖަނަވަރީ 1943} މި ދުވަހު މެންދުރުން އަބުރާ 2 ޖެހިއިރު، ނާދީއްތަމައްދުންގައި، ރާއްޖެތެރެއިން ގެންނެވި، ބޭސް ދަސްކުރާ ކުދީންގެ ކްލާސް ހުޅުއްވުން އޮތެވެ. ކްލާސް ހުޅުއްވެވީ، ވަޒީރުއްޞިއްޙާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން އެވެ.
ޖަލްސާ ތަޢާރުފު ކުރެއްވުމަށް ފަހު، ކްލާސް ހުޅުއްވެވުމުގެ މަޤްޞާދު އާއި، ބޭސްވެރިކަން، މިހާރު ވެއްޓިފައިވާ ފުން ވަޅުގަނޑު އެމަނިކުފާނު ބަޔާން ކުރެއްވިއެވެ. މިރޮގުން ހިސާބަކަށް ވާހަކަފުޅު ގެންދެވުމަށްފަހު، މި ހުޅުވޭ ކިލާހުގައި، ކިޔަވައިދެއްވަން ޤަޞްދުކުރައްވައިފައިވާ ގޮތް އެންގެވިއެވެ. އެއީ: އެތެރެހަށީ، ބޭހުގެ ތާސީރު، ޢާއްމު ޞިއްޙަތުގެ މައްޗަށް ނަޞީހަތު އާއި އިރުޝާދު ދިނުން. އެތެރެހަށި ކިޔަވައިދެއްވާނީ އަލްފާޟިލް އަޙްމަދު ކާމިލް ދީދީ އެވެ. ބޭހުގެ ތާސީރު އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. ޢާއްމު ޞިއްޙަތުގެ މައްޗަށް ނަޞީޙަތު އާއި އިރުޝާދު ސުމުއްވުލްއަމީރު މުޙައްމަދު އަމީން އެވެ.
ދެތިން މަސް ވަންދެން މިގޮތަށް ގެންދެވުމަށް ފަހު، ޑޮކްޓަރުގެ ކައިރިން ފިލާވަޅު ލިބޭނެގޮތް ވެސް ހެއްދެވުމަށް ޤަޞްދުކުރައްވައިފައިވާ ވާހަކަވެސް ވިދާޅުވިއެވެ.
ފިލާވަޅު ދިނުމުގެ ވަގުތަކީ، ކޮންމެ ދުވަހަކު 1 ން 2 ށް، 2 ން 3 ކަށެވެ. ޢާއްމު ޞިއްޙަތުގެ ފިލާވަޅު އަށްޑުވަހަކުން 2 ދުވަހު ކޮންމެވެސް ގަޑިއެއްގާ ބޭއްވެވުމަށެވެ.
މުޙައްމަދު އަމީންގެ ވާހަކަފުޅު ނިންމެވުމަށްފަހު، އަލްފާޟިލް އަޙްމަދު ކާމިލް ދީދީ އާއި، އަލްމުޙްތަރަމް ޚަޠީބު ކާންނާކަލޭގެފާނު ވާހަކަ ދެއްކެވިއެވެ.
ކްލާހުގެ އިސް މުދައްރިސް އެއްކަމުގައި ލެއްވީ، އަލްފާޟިލް އަޙްމަދު ކާމިލް ދީދީ އެވެ. ކްލާހުގެ މުރުޝިދްއެއް ކަމުގައި ލެއްވީ އަލްމުޙްތަރަމް މާރަންދޫ މުދިމްކަލޭގެފާނު އެވެ. ޙާޟިރީ ބެލުމަށް ޙަވާލުކުރެއްވީ ނައިފަރު ޔޫސުފުގެ ޢަބްދުﷲ އެވެ.
މި މަޢުލޫމާތުގެ ތެރޭގައި ބޭސްވެރިކަމުގެ ފުރަތަމަ ކިލާހުގައި ކިޔަވަމުންދާ 31 މީހުންގެ ނަން ހިމެނެއެވެ. މި މީހުންގެ ތެރޭގައި އެއް އަންހެނަކުވެސް ހިމެނެއެވެ. މި ކިލާހުގައި ކިޔަވައިދިނުމަށް މުޙައްމަދު އަމީން ލިޔުއްވާފައިވާ ބޭސްފޮތެއް މިހާރުވެސް ގެންގުޅެއެވެ. އެފޮތުގެ ނަމަކީ ”ދިވެހިބޭހުގެ އަތްގާތްކޮށްދިނުން“ އެވެ. {މި ތާނގައި ނަންގަނެވިފައިވާ ޢަބްދުﷲ އަކީ ނައިފަރު ދޮންކަލޭގެފާނުގެ ޢަބްދުﷲ އެވެ. އޭނާ ފަހުން، ޙަކީމީ ބޭސްވެރިކަން ކިޔަވަން އިންޑިޔާއަށް ސަރުކާރުން ފޮނުއްވިއެވެ. މާލެއައި ޓީމަކުން ލޮލުގެ ބައެއް ކަންތައްތައް ދަސްކުރައްވައިގެން ލޮލުގެ ޑޮކްޓަރެއްގެ ގޮތުގައެވެ. އޭނާއަކީ އެމް.ބީ.ބީ.އެސް އޮންނަ ”ޑޮކްޓަރެއް“ ނޫނެވެ. މިވާހަކަ މިދަންނަވާލީ ބައެއް ޗާޕުކުރިތަކެތީގައި އެހެން ގޮތަކަށް ލިޔެފައި ހުންނާތީ އެވެ.}
ބޭސްވެރިކަމުގެ ކިލާސް ހުޅުވުނު ދުވަހާ ޖެހިގެން އައި ދުވަހު، އެގްރިކަލްޗަރ ނުވަތަ ދަނޑުގޮވާންކުރުމާ ބެހޭ މާހިރަކު މާލެ ގެންނެވިއެވެ. މީނާ މެދުވެރިކޮށް އަތޮޅުތަކުގެ އަތޮޅުވެރިންނަށް ފިލާވަޅުތަކެއް ދެއްވިކަމަށް [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] މިފޮތުގެ 816 ވަނަ ޞަފުޙާގައި ވެއެވެ. އަދި އެފޮތުގައި އޭނާ ދެއްވި ފިލާވަޅުތައް މުޙައްމަދު އަމީން އެކުލަވާލެއްވި [ދިވެހިރާއްޖެގެ ރުއްތަކަށް ތާޒާކަމެއް] މިފޮތުގައި ޚުލާޞާކޮށްފައިވާނޭކަމަށް ބަޔާންކޮށްފައި ވެއެވެ.
ފޭރާން ވިޔުމާއި، ދަނޑުހެއްދުމާއި ބޭސްވެރިކަމުގެ އިތުރަށް، މުޙައްމަދު އަމީން، ކުޅިވަރުގެ މާހިރެއް ގެންނަވައި އޭނާ މެދުވެރިކޮށް އެކިއެކި ކުޅިވަރުތައް ދަސްކޮށްދެއްވިކަމަށް [ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް] މިފޮތުގައި ވެއެވެ.
9 ޖޫން 1951 ގައި، ރާއްޖޭގައި (ފުރަތަމަ ފަހަރުކަމަށް ޤަބޫލު ކުރެވޭ ގޮތެއްގައި) ވަކީލްކަމުގެ އިމްތިޙާނު ކުރެވުނެވެ. މި އިމްތިޙާނުގައި 20 މީހުން ބައިވެރިވެގެން އެއްވަނަ ދަރަޖައިގައި ފާސްވީ މުޙައްމަދު އަމީނާއި އިބްރާހީމް ޝިހާބެވެ. ވަކީލްކަމުގެ އިޤްރާރު ކިޔުން އޮތީ މީގެ ހަ ދުވަސް ފަހުންނެވެ. އެ ދުވަހު، ނުވަތަ އެފަހުން އެ ދެބޭފުޅުން ނަންގަވާފައިވާ ފޮޓޯއެއް މިއަދާއި ހަމައަށް ގެންގުޅެއެވެ. މިފޮޓޯ އެހާ ޢާއްމުނުވަތީ، ތިރީގައި އެފޮޓޯ ހިމެނީމެވެ.
ކުރެހުން 3.2: ޤާނޫނީ ވަކީލުންގެ ހެނދުމުގައި (ކ.ވ.) އިބްރާހީމް ޝިހާބާއި މުޙައްމަދު އަމީން.
މަދްރަސީ ތަޢުލީމު، މަސައްކަތްތެރިކަމުގެ ތަޢުލީމާ ގުޅުވުމަށް އެންމެ ފުރަތަމަ ފިޔަވަޅެއް އެޅިކަން އެނގެނީ 21 އޮކްޓޯބަރ 1948 ގައި ސަރުކާރުގެ އިސްވެރިންނާއެކު، މަދްރަސަތުލްމަޖީދިއްޔާގައި މުހައްމަދު އަމީން ބޭއްވެވި ބައްދަލުވުމެއްގެ ނިންމުންތަކުންނެވެ. މި ބައްދަލުވުމަށް މުހިއްމު ކަންތައްތަކެއް ހުށަހެޅުނެވެ. ފުރަތަމަ މައްސަލައަކީ، ތަޢުލީމުދެވެމުންދާ ކުދިން ކިޔަވައި ނިންމުމަށްފަހު، އެކުދިންގެ ބޭނުން ހިފާނޭ ގޮތެކެވެ. އެންމެ މައްޗަށް ކިޔަވައި ދެވެނީ ފޯމު 2 ނުވަތަ 7 ވަނަ ކިލާހާ ހަމައަށެވެ. މަދަރުސާނިންމާ 4/3 ކުދިންނަކީ ރާއްޖެތެރޭގެ ކުދިންނެވެ. އެހުރިހާ ކުދިންނަށް ސަރުކާރުން ވަޒީފާ ދެވޭހާ ތަނަވަސްކަމެއް ދައުލަތުގެ ބައިތުލްމާލަކު ނެތެވެ. މިއާއެކު، ރަށްރަށުގައި ކުދިންނަށް ހުރި ވަޒީފާތަކަކީ ކޮންމެ ރަށެއްގައި 9 ވަރަކަށް ވަޒީފާއެވެ. ގިނަ ވަޒީފާތަކުގައި މިހާރުވެސް މީހުން އެބަތިއްބެވެ. މި މައްސަލާގައި އިބްރާހީމް ފާމުލަދޭރިކިލެގެފާނު ހުށަހެޅުއްވި ގޮތަށް ބޭފުޅުންގެ ތާއީދު ލިބިވަޑައިގަތެވެ. އެއީ މަދްރަސަތުލްމަޖީދިއްޔާ އާއި މަދްރަސަތުއްސަނިއްޔާ ގައި ތަޢުލީމު ނިންމާ ފެންވަރު މަތިކުރުމާއެކު، ރާއްޖެތެރޭގެ އަތޮޅު މަދްރަސާތަކާއި އެ ފެންވަރުގައި އެކި ރަށްރަށުގައި ހިންގާ މަދްރަސާގެ މުޤައްރަރުގައި އެކިއެކި ޚާއްޞަ މަސައްކަތް ދަސްކޮށްދޭ އުޞޫލެއް ކަޑައެޅުމެވެ. އެއީ ދަނޑުވެރިކަމާއި މަސްވެރިކަމާއި ކިއްސަރު ވަޑާމާއި ފޭރާން ކުރުމާއި ދިގުހަރުލިޔުމާއި ދެފަށްލާޖެހުމުގެ މަސައްކަތާއި ރުކުފަތީގެ މަސައްކަތާއި ގަލުވަޑާމާއި އަދި އަންހެންކުދިންނަށް ފެހުމާއި ތިނޯހުގެ މަސައްކަތާއި ފޫޅުމައިކަމާއި ކުނާ ސާންތި ވިޔުންފަދަ ކަންކަން ހިމެނުމެވެ. މިގޮތަށް ނިމި ތިލަދުންމައްޗާއި ފާދިއްޕޮޅާއި ހުވަދުއަތޮޅާއި އައްޑުއަތޮޅުގައި ތަޖުރިބާކުރަން ކުރިއަށް އޮތް އަހަރު މިކަން ހިންގަން ނިންމައި، އައު މުޤައްރަރު ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފޮނުވާ ތަންފީޒު ކުރެވުނެވެ (އަޙްމަދު ޝަފީޤު،1992، ޞ. 205).
ދެން މި ބައްދަލުވުމުގައި ވާހަކަ ދެކެވުނީ ކިޔަވަން ބޭނުންކުރާ ފޮތްތަކާއި މުދައްރިސުންގެ މައްސަލައެވެ. ހިސާބުފޮތްތައް އެކުލަވާލަން އަލްފާޟިލް ޢަބްދުﷲ އިސްމާޢީލް (ތުއްތު ސާހިބު) އާ ޙަވާލުކޮށް އޭނާ ލިޔުއްވާ ފޮތްތައް ސަރުކާރުން ޗާޕުކުރަން ނިންމުނެވެ. އަދި އިތުރު ފޮތް ކަމާ ބެހޭ މީހުން ލިޔުމަށާއި ލިޔެފައިވާ ފޮތްތައް ރަނގަޅުކަމަށް ނިންމިއެވެ. އަޙްމަދު ޝަފީޤު (1992) ބަޔާންކުރާ ގޮތުގައި، އެ ޖަލްސާގެ ބައިވެރިން ބާރުއެޅުއްވީ ފަންނުތަކާއި ޢިލްމު ދިވެހިބަހުން ކިޔަވައި ދިނުމަށެވެ.
މުދައްރިސުންގެ މައްސަލައިގައި ނިންމެވީ، މަދްރަސާތައް ފަށައިގަންނަންވެގެން ހަމަޖެއްސުނު ފަދައިން، ކޮންމެ ރަށެއްގެ ކަތީބުންނާއި މުދިމުންނާއި ނާއިބުންނަކީ އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި އިތުރު އުޖޫރައެއް ނެތި ކިޔަވައިދޭން ޖެހޭ ބައެއް ކަމަށެވެ. ރައްޔިތުންގެ މާލިއްޔާއިން ހިންގާ މަދަރުސާއެއް ނަމަ، ލިބޭ އާމްދަނީއަކުން ނުވަތަ މަސްބައެއް ނަގައިގެން މުސާރައިގެ އުޖޫރަ ހަމަޖެއްސުމަށެވެ. މާލޭގައިވެސް، ސަރުކާރުގެ ވަޒީފާއެއް އަދާކުރާނަމަ، ރޭގަނޑު ނުވަތަ ދުވާލު ކަޑައެޅޭ ގަޑިތަކެއްގައި، އިތުރު އުޖޫރައެއް ނެތި، ކިޔަވައިދޭން ޖެހޭނޭ ކަމަށެވެ. މިވާހަކަތައް ވިދާޅުވަމުން ގެންދިޔައިރު، މުޙައްމަދު އަމީން ވިދާޅުވިކަމަށް އަޙްމަދު ޝަފީޤު (1992، ޞ.207) ބަޔާން ކުރަނީ:
ބޭރުން މުދައްރިސުން ގެނެސްގެން ކިޔަވައިދޭން ފަށަން ދެފަހަރަކު މަތިން، މުސްތަޝާރުލްއަޢުޡަމް ޢަބްދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނު އަންގަވައިފިއެވެ. އެކަމަކު އަޅުގަނޑަށް އެކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށާއި، އިޤްތިޞާދީ ގޮތުންވެސް އަދި އެކަން ސަރުކާރަށް އުފުލަން ދަތިވާނެކަމަށް ތިއްތިބޭއަށް ދަންނަވަމުން ގެންދެވުނެވެ. މި މައްސަލަ މިތާ ތިއްބެވިބޭފުޅުންގެ ތެރެއިން ދައުލަތް ހިންގާ މަޖިލިސްގެ މެންބަރުން ދެނެވަޑައިގަންނަވާނެއެވެ.
މުޙައްމަދު އަމީން ދައުރު ނިމުނު އިރު، ރާއްޖޭގައި ނިޒާމީގޮތެއްގައި މަސައްކަތު ތަޢުލީމާއި މަތީތަޢުލީމު ދޭނޭ މަރުކަޒެއް ނެތެވެ. މިހެން ދެންނެވިއަސް، އެ ދުވަސްވަރުގެ މަދަރުސާތަކުގެ ފެންވަރަކީ، މިހާރުގެ މަދަރުސާތަކުގެ ފެންވަރާ އަޅާ ބަލާއިރު، އަދަބުގެ ގޮތުން މާ މަތީ ފެންވަރެކެވެ. މުޙައްމަދު އަމީންގެ ދައުރުގައި ކޮލެޖް ޤާއިމްކުރުމުގެ ޚިޔާލު ކުރައްވާފައިވާ ކަން ޔަޤީން ވެއެވެ. އަދި ދިހަވަރަކަށް އަހަރު ފަހުން، ޔުނިވަރސިޓީއެއް ޤާއިމްކުރުމުގެ ޚިޔާލުގެންގުޅެފައިވާ ކަން ކަށަވަރު ވެއެވެ. މިކަން ޔަޤީންވަނީ، އޭރުގެ އަމީންގެ ގާތް ބޭފުޅެއް ކަމުގައިވާ، ފާޠިމަތު ޢަބްދުލްވައްޙާބު، ”ދިވެހިރާއްޖޭގެ މުސްތަޤްބަލް“ މިނަމުގައި ޝާއިޢުކޮށްފައިވާ ލިޔުމަކުންނެވެ. އޭނާ ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ މުސްތަޤްބަލްގެ ތަރައްޤީ ސިފަކޮށް ދެއްވަމުންނެވެ.
އިސްކޯލްތަކާއި ކޮލެޖްތައް ދަނީ ގިނަވަމުންނެވެ. ލަސްތަކެއް ނުވެ، ޔުނިވަރސިޓީ އަކަށް ދުނިޔޭގެ އަލިކަން ފެނިދާނެކަމުގެ މަންޒަރުތައް ވަނީ، އުދަރެހަށް ޢާއްމު ވެފައެވެ. އާދޭހެވެ! ޔުނިވަރސިޓީއެއް އުފެއްދުމާއި މެދު ބައިނުން ޚިޔާލުތައް ދަނީ އެއްކުރެވެމުންނެވެ. ޢިމާރާތުގެ ކުރެހުންތައް ދަނީ ކުރެހެމުންނެވެ. (ފާޠިމަތު ޢަބްދުލްވައްޙާބު، 1953، ޞ.61-62)
އަމީން ދައުރު ނިމުމުނު ކުއްލިގޮތެއްގެ ސަބަބުން، މި ޚިޔާލުތައް ތަންފީޒުކުރެވިފައެއް ނުވެއެވެ.
މުޙައްމަދު އަމީންގެ ލިޔުއްވުންތަކުންނާއި ސަރުކާރުގެ ޚަބަރުތަކުން ފާހަގަ ކުރެވޭގޮތުގައި، ބޭރު މުދައްރިސުން ގެނެސްގެން، ވިޔުމާއި، ކުޅިވަރު ކުޅުމާއި، ދަނޑުވެރިކަން އެދުވަސްވަރު ކިޔަވައި ދެއްވާފައި ވެއެވެ. ބޭސްވެރިކަމުގެ އެއް ކިލާސް ކިޔަވައި ދެއްވިކަން ކަށަވަރު ވެއެވެ. މަދަރުސާގެ ކިޔެވުން، ސީދާ [ތަޢުލީމަށް] އަމާޒުކޮށްފިނަމަ، ކިޔަވައި ނިންމާ ކުދިންނަށް ވަޒީފާ ހޯދުމުގައި ދަތިވާނެކަން އެ ދުވަސްވަރުވެސް ސަރުކާރުގެ އިސް ފަރާތްތަކަށް ފާހަގަ ކުރެވި އެކަން ޙައްލުކުރުމަށް ފިޔަވަޅުއެޅިފައި ވެއެވެ.
* * * * * * *
އަމީންގެ ދައުރުގައި ތަޢުލީމީ ޙަރަކާތްތައް ޚުލާޞާ ކޮށްލަމާތޯއެވެ؟ ދައުރު ނިމުނު އިރު، ރާއްޖޭގެ ކޮންމެ ރަށެއްގައި، ރަށުގެ މީހުން ބަލަހައްޓާ މަދަރުސާއެއް ހުއްޓެވެ. މާލޭގައި 5 މަދަރުސާ ހުއްޓެވެ. ބައެއް ލިޔުންތަކުގައި މާލޭގެ ހަތަރު އަވަށު މަދަރުސާއަކީ 8 މަދަރުސާގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ. އެއީ އަންހެން ކުދިންގެ ގޮތްޕަކީ ވަކި (އަންހެން) ވެރިން ލައިގެން ވަކި ދަންފަޅިއެއްގައި ހިންގާ ތަންތަނެވެ. މި މަދަރުސާތަކުން ނިންމާ ކުދިން ވަންނަނީ، ފިރިހެން ކުދިންނަމަ، މަދްރަސަތުލްމަޖީދިއްޔާ އަށެވެ. އަންހެން ކުދިންނަމަ، މަދްރަސަތުއްސަނިއްޔާ އަށެވެ. އެއީ ޑައެސް (1949) ތިރީގައި ފާހަގަ ކޮށްފައިވާ ފަދައިންނެވެ.
In 1948 in each of the four wards of Male, two schools were established, one for girls and the other for boys. These 8 schools are feeder schools for the two Central schools, while practically in each of the 215 inhabited islands of the Maldives, some sort of a school was established.
Source: Dias, E. (1949). The Maldives and Education. p. 45. In Amin, M. Editor, Ladies and Gentlemen…… The Maldive Islands (41–49). Male: Government of the Maldives.
މާލޭގެ މަދަރުސާތަކަށް ރާއްޖެތެރޭގެ ކުދިން ވެއްދުމަށްޓަކައި، ސަރުކާރުން ހިންގާ އެއް ބޯޑިން އެއް (ދަނާލެއް) ހުރެއެވެ. އަދި ދެއަތޮޅެއް ގުޅިގެން ހިންގާ ދަނާލެއް ވެސް ހުރެއެވެ. މިދެތަނަކީ ވެސް ފިރިހެން ކުދިންނަށް އަމާޒުކޮށްފައިވާ ތަންތަނެވެ. ރާއްޖެތެރޭގެ އަންހެން ކުދިން މާލެގެނެސް، އެމީހުން ތިބުމުގެ ދެބައިކުޅަ އެއްބައި ޚަރަދު ސަރުކާރުން ދިނުމަށްފަހު، މާލޭގައި އެކި ފޯރާވަރުގެ ގޭގޭގައި ތިބެ ކިޔަވަމުން ދިޔައެވެ. ގޮތެއް ނެތި މާލޭގެ މަގުމަތީގައި އުޅޭ ކުދިންނަށް އިޞްލާޙިއްޔާ ކިޔާ ތަނެއް ޤާއިމް ކުރެވުނެވެ. އަދި މިފަދަ ކުދިންނަށް ވަކި ރަށެއްގައި ތަމްރީނުދިނުމަށް ނިންމިފައި ވެއެވެ.
މާލޭގެ މަދަރުސާތަކަށް ސަރުކާރުގެ ފަރާތުން އިމްތިޙާނުދީ ވަނަވަނައަށް އަންނަ ފަރާތްތަކަށް އިނާމު ދިނުން އޮވެއެވެ. އަދި ރާއްޖެތެރޭގެ މަދަރުސާތަކުން ގެނެސް ވެއްދޭ ކުދިންނަށް އިނާމު ދިނުން އޮވެއެވެ.
މި ދުވަސްވަރު އެކިއެކި މުބާރާތްތައް މާލޭގެ ސްކޫލްތަކުގައި އޮވެއެވެ. މީގެ ތެރޭގައި، ރަނގަ، ކްރިކެޓް، ހޮކީ، ބޮކްސިންގ، ވާހަކަ ދެއްކުން، ޤުރްއާން ކިޔެވުން، ޕިންގޕޮންގ، ޓެނިސް، ހިފުން، ހިތްމަތު ބޯޅަ ފަދަ މުބާރާތްތައް އޮވެއެވެ. ކުރީގެ ބައެއް ކުޅިވަރުތައްވެސް އޮވެއެވެ. އެއީ ތާރަ ޖެހުމާއި ބަށިފަދަ ކުޅިވަރު ތަކެވެ. މަދަރުސާތައް ހިގަނމުން ގޮސްފައިވަނީ އަހަރީ ރިޕޯޓް އިއްވުން ފަދަ ބޭރުގެ މަދަރުސާތަކާ އެއް ބާވަތަކަށެވެ.
ސަރުކާރުގެ ފަރާތުން، އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ސިލޯނުގައި މަދަރުސާއަށް ދެވޭނޭ ގޮތް އިންތިޒާމް ކުރެވިފައި ވެއެވެ. މިއީ މަދަރުސާތަކުން ނިންމާ ފެންވަރު ރަނގަޅު ކުދިންނަށް އޮންނަ ކަމެއްކަމަށް ފެނެއެވެ.
ދީން ކިޔަވަން ސަރުކާރުން ފޮނުވަނީ މިޞްރަށެވެ. މަސައްކަތް ތެރިކަމުގެ ތަޢުލީމު ދެވެނީ ބޭނުން ޖެހުމުންނެވެ. ގިނަ ފަހަރު ބޭރުން މުދައްރިސުން ގެނެސްގެންނެވެ. މަދަރުސާތަކުގެ މުދައްރިސުންގެ ތެރޭގައި ތިބީ މަދަރުސާ ނިންމި ދަރިވަރުންނާއި ބޭރުން ކިޔަވައިގެން އައި ފަރާތްތަކެވެ. ޢަބްދުލްމަޖީދު ދެފަހަރަށް ބޭރުން މުދައްރިސުން ގެނައުމަށް ދެންނެވިއަސް، ތަނަވަސްކަން ނެތުމުން އެކަން މުޙައްމަދު އަމީން ދައުރުގައި ކުރައްވާފައެއް ނުވެއެވެ. އަމީންގެ ދައުރުގެ ތަޢުލީމީ ސިޔާސަތުތައް އަންނަނިވިގޮތަށް ޚުލާޞާކޮށްލެވިދާނެއެވެ.
- ކިޔަވައިދިނުމާއި ކިޔެވުން ވަގުތީގޮތުން ހަނިކޮށްލުން.
- އަންހެން ކުދިންނަށް ކިޔަވައިދޭން ފުޅާގޮތެއްގައި ތަންފީޒުކުރެވުން
- މަދްރަސާތައް ފުޅާކޮށް ކިޔަވައިދިނުން، ބައިނަލްއަޤްވާމީ ފެންވަރާ ހަމަކުރުން
- ރާއްޖޭގެ ކޮންމެ ރަށެއްގައި މަދަރުސާއެއް ފެށުން
- ތަޢުލީމީ މަންހަޖު ފުޅާކުރުން
- ޢިލްމީ މުޤައްރަރުގެ ބޭރުން ހިންގޭ ޙަރަކާތްތައް އިތުރުކުރުން
- ފެންވަރަށް ދެވޭ ސަމާލުކަން އިތުރުކުރުން
- މަދަރުސާގެ ބައެއް އިމްތިޙާނުތައް ސަރުކާރުން ކުރުން
- މުދައްރިސުންނަށް ސަނަދުދޭގޮތަށް ހަމަޖެއްސުން
- ކޮމިޔުނިޓީ މަދްރަސާތައް އަޅާގޮތް ކޮންޓްރޯލް ކުރުން
- ސިލޯނުގައި ދިވެހީންނަށް ދެވޭ ތަޢުލީމަށް ނިޒާމީ ސިފައެއް ގެނައުން
- އަތޮޅުތަކުން މާލެއަށް ކިޔަވަން ކުދިން ގެނައުން
- މަސައްކަތްތެރިކަމުގެ ތަޢުލީމު ފެށުން
މި ޚުލާޞާއަށް ފަހު، އަޅުގަނޑުމެން ދެން ބަޔާންކުރާނީ ”ކްރިޓިކަލް ތިއަރީ“ އާއި”ޕޯސްޓް ސްޓްރަކްލަރަޒިމް“ ގެ ހަމަތަކުން އަމީންގެ ދައުރު (1934 އިން 1953) ގެ ތަޢުލީމީ ސިޔާސަތުތަކަށާއި އެ ސިޔާސަތުތައް އުފަންކުރުވި ނުފޫޒުތަކާއި ސިޔާސަތުތަކުގެ ޢިބާރާތްތަކާއި ސިޔާސަތުތަކުގެ އަސަރުތަކަށެވެ. ކުރީ ބާބުގައި ބަޔާން ކުރެވުނު ފަދައިން، މިއިން ކޮންމެ ކަމަކަށް ތިން ދަރަޖައެއްގައި ބަލާލެވިދާނެއެވެ. އެއީ ބައިނަލްއަޤްވާމީ ފެންވަރާއި ޤައުމީ ފެންވަރާއި މުއައްސަސާތަކުގެ ފެންވަރުގައެވެ. މުއައްސަސާތަކުގެ ފެންވަރުގައި އެކި މީހުންގެ ޒާތީ ނުފޫޒުތައް ހިމެނެއެވެ.
މި މަޒުމޫނު ފަށައިގަންނަމުން ދަންނަވާފައިވާނީ، މި މަޒުމޫނުގައި، އަމީން ދައުރުގެ ތަޢުލީމީ ސިޔާސަތުތައް އުފަން ކުރުވި ނުފޫޒުތަކާއި އޭގެ ޢިބާރާތްތަކާއި އަސަރުތައް ތަޙުޤީޤީ އެނެލީސިސް އާއެކު ގެނެސްދޭނެ ކަމަށެވެ. ނަމަވެސް، އަދި މިގެނެސްދެވުނީ އެ ދައުރުގައި ހިނގާދިޔާ ތަޢުލީމީ މައިގަނޑު ކަންތައްތަކެވެ. މިހާރު ތިރީހަކަށް ޞަފުހާ ވުމާއެކު، ކިޔުންތެރިންގެ ފަރާތުން މަޢާފަށް އެދެމުން، އަންނަ ހަފުތާގައި ނުނިމިއޮތްބައި ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. މިއީ މުޅިއެކު 70 ވަރަކަށް ޞަފުޙާގެ ބާބެކެެވެ.
ފަށައިގަންނަމުން ދަންނަވާފައިވާނީ، މި މަޒުމޫނުގައި، އަމީން ދައުރުގެ ތަޢުލީމީ ސިޔާސަތުތައް އުފަން ކުރުވި ނުފޫޒުތަކާއި އޭގެ ޢިބާރާތްތަކާއި އަސަރުތައް ތަޙުޤީޤީ އެނެލީސިސް އާއެކު ގެނެސްދޭނެ ކަމަށެވެ. ނަމަވެސް، އަދި މިގެނެސްދެވުނީ އެ ދައުރުގައި ހިނގާދިޔަ ތަޢުލީމީ މައިގަނޑު ކަންތައްތަކެވެ. މިހާރު ތިރީހަކަށް ޞަފުހާ ވުމާއެކު، ކިޔުންތެރިންގެ ފަރާތުން މަޢާފަށް އެދެމުން، އަންނަ ހަފުތާގައި ނުނިމިއޮތްބައި ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. މިއީ މުޅިއެކު 70 ވަރަކަށް ޞަފުޙާގެ ބާބެކެެވެ.
މި ލިޔުމުގެ ހަވާލާ ލިސްޓެއް ހިމަނާލެވިދާނެތޯ؟
Bahaaru Eesaafulhu vidhaalhuvee Ameen didi avahaara kollevunu iru thimannaa akee 18varakah aharuge zuvaaneh kamah.
Amin didi ge hayaathah funkoh visnai belumun ,e manikufaanu anhen beyfulhunnaai dhoalhuvumaai aris kurevvun boduvumakee zuvaan furaige firihen kudhin rulhi gadhavi kameh kamuga eve.
Rah rashah vadaigannavaa dhathurufulhu thakugai soatu buriaai Europe vaththaruge hedhun kolhu thuru kurevvumaai anhen kanbalun gendhevumakee meege heiykeiy kamugai.
Note. Bahaaru Eesaafulhakee doctaru Ahanmaidhee ge an’bikanbalun Saeeda ge beybey fulheh.
Hama mifadha meyrumakun H.Dh Makundhoo Suththi Umaru be ves vidhaalhuvi.
” Umarakee Nolhivaranfarugai huri atholhu madharusaa in Male ge gedhavai
Kiyavaidhevvi eh dharivaru.
Eynaa vidhaalhuvee Amin vadage kiyavaa kudhinnaa badhdhalu kuravvaa iru , reyganduge vaguthugai anhen kudhinnaai badhdhalu kuravvaa kamah.
އަމީން ވެރިކަމުން ބޭލުއްވި އަަޞްލު ސަބަބަކީ، މާލޭގެ ދެ އާއިލާއެއްގެ ދެމެދުގައި ހިނގިވާދަވެރިކަމެއްގެ ސަބަބުންކަމަށް އިބްރާހީމް ނާޞިރު އޭނާގެ ޕްރައިވެޓް ސެކްރެޓަރީއެއްގައި އަރިހުގައި ވިދާޅުވިކަމަށް އެ ސެކްރެޓަރީ ވިދާޅުވެއެވެ. ވާހަކަތަކުގެ ރެކޯޑިން އަޅުގަނޑުގެ އަތުގައި ވެއެވެ.ސެކްރެޓަރީ ނާޞިރާ ސުވާލުކުރެއްވީ އަމީން ދީދީ އެހާ އާލާސްކަންފުޅާ އުޅުއްވަނިކޮށް ވެރިކަމުން ދުރުކުރެއްވީ ކީއްވެތޯއެވެ؟ ޖަވާބުގައި ނާޞިރު ވިދާޅުވީ އެއީ ކަކާގެއަށް ވެރިކަން ހިގާދާނެތީކަމަށެވެ. މިއީ އެ ރެކޯޑިންގެ ކުރު ޚުލާޞާއެކެވެ. ބޭނުންވާ ނަތީޖާ ނެރެން ޒުވާނުންނާއި އެހެން ފަރާތްތައް ހައްލަން ވަރަށް ގިނަ ވާހަކަތަކެއް އެ ދުވަސްވަރު ނެރުނުކަމަށް ވެއެވެ.
މާލޭގައި އަންހެންކުދިން ކިޔަވަން ދަނީ އަމީން ދުވަސްވަރު ރޭގަނޑުއެވެ. އެމީހުންގެ ބައްދަލުވުންތައް ވެސް އޮންނަނީ ރޭގަނޑުއެވެ. މިވާހަކަތައް ދިވެހިބަހުން ތާރީޚީ ފޮތްތަކުގައި ވެސް ވެއެވެ.
މިއީ ވަކިކޮޅަކަށް ނުޖެހޭ ކަންފަތަކަށް އިވުނު ޚަބަރެވެ.
Mohamed Ameen kahala Khidhumaitheri beyfulhahu rayyithun nikume thalhaa maraalan jehunu gothuge dhiraasaa eh hedhumuge muhimmukan milyun kiyaalumun ihsaas kurevunu.
Dear Sir
To my knowledge, Uz Ibrahim Shihab died on 15th January 1988. Hence, the life period of him quoted in the article (1909-1989) is not correct.
Thank you for your comment.
There was an error in both the start and end dates of his lifespan which has now been corrected.
Thank you once again.