ކޮންމެ އައު ރިޔާސީ ދައުރަކީ، ދިވެހިރާއްޖޭގެ މަދްރަސީ ތަޢުލީމު އައު މިސްރާބަކަށް ހޭރިޔާކުރުމަށް ލިބޭ ހަނި ފުރުޞަތެކެވެ. މިފެށޭ ރިޔާސީ ދައުރުގައި ތަޢުލީމީ ދާއިރާއަށް ގެނެވިދާނޭ އިޞްލާޙްތަކަކީ ކޮބައިތޯއެވެ؟ ތަޢުލީމީ ދާއިރާއާ ބެހޭގޮތުން ކޮންމެ މީހެއްގެ ވެސް ވަކި ރައުޔުއެއް، ޚިޔާލެއް ހުރެއެވެ. ސަބަބަކީ ކޮންމެ މީހެއްގެ ދިރިއުޅުމާ ވެސް މަދްރަސީ ތަޢުލީމާ ފަރުދީ ގޮތުން ގުޅިފައިވާ ކަމެވެ.
މި ދާއިރާގައި، ފަންނީ ފެންވަރެއްގައި އަޅުގަނޑު ޢަމަލީ ގޮތުން މަސައްކަތްކުރާތާ މިހާރު 40 ވަރަކަށް އަހަރު ވެދާނެއެވެ. އަދި ޔުނިވަރސިޓީގައި، ކިޔަވައިދޭ ދެ މާއްދާއެއް ކަމުގައިވާ ”ތަޢުލީމުގެ ފަލްސަފާ“ އާއި ”ތަޢުލީމުގެ މިހާރު މައްސަލަތައް“  ބޭރުން ކިޔެވުމަށް ފަހު އެ މުޤައްރަރުތައް އެކުލަވައިލައި އެ މާއްދާތައް އެކި ދުވަސްވަރު ކިޔަވައިދިނުމުގައި އުޅޭތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ތަޢުލީމަށް އަންނަ ބަދަލުތަކާއި ގެންނަންވީ ބަދަލުތަކާ ބެހޭގޮތުން ދުނިޔޭގެ އެކި މުއައްސަސާތަކުގެ ރިޕޯޓުތައް މުޠާލިޢާކުރުމުގައި މިހާރުވެސް ވަގުތު ހޭދަކުރަމެވެ. މިތަޖުރިބާގެ މައްޗަށް ބުރަވެ ތިރީގައި މިދަންނަވާލަނީ، އެ ބަދަލުތަކެއްގެ ސަބަބުން، ތަޢުލީމީ ދާއިރާއަށް ދެމެހެއްޓެނިވި ހެޔޮ އަސަރުތަކެއް ކުރާނޭކަމަށް އަޅުގަނޑަށް ފެންނަ ކަންކަމެވެ.

ނިޒާމީ ކަންކަން

1.  ރާއްޖޭގައި އެއް ޖިންސަށް ކިޔަވައިދޭ މަދަރުސާތައް ގިނަކުރުން


 

މަޖީދިއްޔާ އާއި އަމީނިއްޔާއަކީ 60 ވަރަކަށް އަހަރު ވަންދެން އެއް ޖިންސްގެ ދަރިވަރުންނަށް ކިޔަވައިދިން މަދަރުސާތަކެވެ. މި މަދަރުސާތައް ދެ ޖިންސަށް ބަދަލުކުރިތާ އަދި މިވީ ގާތްގަޑަކަށް ދޮޅަހަކަށް އަހަރެވެ.

ކިތަންމެ ދިރާސާތަކަކުން ދައްކަނީ، އަންހެން ކުދީންނަށް ވަކީން ކިޔަވައިދިނުމުން އެކުދީންގެ ނަތީޖާތައް މާބޮޑަށް ރަނގަޅުކަމެވެ. ހާވާޑް ޔުނިވަރސިޓީގެ މި ހޯދުންތަކާއި އެތައް ދިރާސާތަކެއް ޚުލާޞާކޮށްފައިވާ މި ހޯދުންތަކުން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. އަންހެން ކުދީންގެ އިސްދާނަކަން މަތިވުމާއި ތަޢުލީމީ ނަތީޖާ %10 އަށް އިތުރުވާނެކަމަށް ދައްކައެވެ. ޗައިނާއަކީ މަދްރަސީ ތަޢުލީމުގައި މިހާރު އެންމެ ކުރީގައިވާ ޤައުމެވެ. އެ ޤައުމުގައި ވެސް، ޖިންސް ވަކިން ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތައް އަންނަނީ ގިނަވަމުންކަމަށް މި ޚަބަރު ބުނެއެވެ. ސްރީ ލަންކާގެ އެންމެ މަޝްހޫރު ހުރިހާ މަދަރުސާއަކީ ޖިންސް ވަކީން ކިޔަވައިދޭ މަދަރުސާއެވެ.

އަޅުގަނޑުގެ ނަޒަރުގައި، އާބާދީ ބައިބޯ ރަށްރަށުގައި، ވެވެން އޮތް މިންވަރަކުން އެއް ޖިންސްގެ މަދަރުސާތައް ޤާއިމްކުރުމަކީ، ދަރިވަރުންނަށާއި ޤައުމަށް، ޚާއްޞަކޮށް އަންހެންކުދީންނަށް ވަރަށް ބޮޑު މަންފާއެއް ކުރާނޭ ކަމެއްކަން ޔަޤީން އެވެ. މިކަން އެންމެ ފުރަތަމަ ފަށަންވީ މަޖީދިއްޔާ އާއި އަމީނިއްޔާ އެއް ޖިންސްގެ މަދުރަސާއަށް އަލުން ބަދަލުކޮށްގެންނެވެ. މި ރިޔާސީ ދައުރުގައި މިކަން ނުކުރެވުނަސް، މުސްތަޤްބަލްގައި މިގޮތަށް މިކަން ހަމަޖެހިގެން ދާނެ ކަމާ މެދު އަޅުގަނޑުގެ އެއްވެސް ރީބައެއް – ޝައްކެތް – ނެތެވެ.

2. ކިޔަވައިދޭ ވަގުތު އިތުރުކުރުން


 

ގިނަބަޔަކަށް މިހާރުވެސް އޮޅުން ފިލާނޭ ފަދައިން، ދިވެހިރާއްޖެއަކީ ނިސްބަތުން ޗުއްޓީ އެންމެ ގިނަ، ވަޒީފާ އަދާކުރާ މުއްދަތު އެންމެ ކުރު ޤައުމެވެ. މިކަމުގެ ނަތީޖާއަކީ ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު އެހެން ޤައުމުތަކާ އަޅާ ބަލާއިރު މާ ބޮޑަށް މަދުކަމެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކަލަންޑަރުގައި 2023/2024 ގެ ދިރާސީ ކަލަންޑަރުގައި 201 ދުވަސް ޓާމު ދުވަސްވަރުކަމަށް ފާހަގަކޮށްފައި އޮތަސް، ޙަޤީޤަތުގައި އަހަރުގެ ތެރޭގައި އެތައް ދުވަހެއް އެކި ސަބަބުތަކާ ހުރެ ބަންދުކުރެއެވެ. އަދި މި ކަލަންޑަރުގައި ފާހަގަކޮށްފައިވާ އެތައް ދުވަހަކީ ކިޔަވައިދޭ ދުވަސްތަކެއް ނޫނެވެ. އިމްތިޙާނު އޮންނަ ދުވަސްތަކާއި އިމްތިޙާނަށް ފަހު ނުކިޔަވައިދޭ ދުވަސްތައް ކިޔަވައިދޭ ދުވަސްތަކުގެ ގޮތަކު ނުހިމަނެއެވެ. މި ސަބަބާ ހުރެ، މިކަން ތަފާސްކޮށް އެކުލަވައިލާ ރިޕޯޓްތަކުގައި، ކިޔަވައިދޭ ދުވަސްތަކަށް ކިޔަނީ ”އިންސްޓްރަކްޝަން“  ނުވަތަ އިރުޝާދު ދޭ (އުނގަންނައިދޭ) ދުވަސްތަކެވެ.  ތިރީގައިވާ ޗާޓަށް ވިސްނަވާށެވެ.

އެއް އިރަކު ނާޒިރުކަމާއި މަދަރުސާތައް ހިންގުމާ ބެހޭ ކޯހެއް ބޭރު ޤައުމެއްގައި ކިޔެވިއިރު، ދަސްވި އެންމެ މުހިއްމު ކަމަކީ، ނާޒިރެއްގެ އެންމެ އިސް ވާޖިބަކީ ”އިންސްޓްރަކްޝަން ޓައިމް“ ނުވަތަ ކިޔަވައިދޭ ވަގުތު ޙިމާޔަތް ކުރުން ކަމެވެ. މަތީގައިވާ ޗާޓު ބައްލަވާފައި، ބައެއް ބޭފުޅުންގެ ހިތްޕުޅަށް އަރާނެއެވެ. އެ ދުވަސްތަކުގެ ތެރޭގައި، އިމްތިޙާނު ދުވަސްތަކާއި އެހެން ބަންދު ނޫން ނަމަވެސް ނުކިޔަވައިދޭ ދުވަސްތައް ހިމެނެއެވެ. މިހެންް ހީކުރައްވާ ބޭފުޅުން މި ޖުމުލައަށް އޮބާލައްވަނިކޮށް ކިޔަވައިދޭ ދުވަސްތަކުގެ ތެރޭގައި އިމްތިޙާނު އޮންނަ ދުވަސްތަކާއި އެހެން ދުވަސްތައް ނުހިމެނޭކަން ކަށަވަރު ވާނެއެވެ.

ރާއްޖޭގެ ދަށު ސާނަވީގައި، ދަރިވަރުން މަދަރުސާގައި އުޅެނީ  ގާތްގަޑަކަށް 6 ގަޑިއިރާއި 15 މިނެއްޓު އިރެވެ. މިއީ ދުނިޔޭގެ ނިސްބަތުން މަދު މިންވަރެކެވެ. މިކަން ބޮޑަށް ފާހަގަކުރެވޭނީ ޖުމުލަކޮށް ދަރިވަރުން މަދަރުސާގައި ސީދާ ކިޔެވުމަށް ހޭދަކުރާ ވަގުތު ހިސާބުކުރުމުންނެވެ. މި މައުލޫމާތު މި ލިންކުން ފާހަގަކުރެއްވޭނެއެވެ.  މަދްރަސީ ތަޢުލީމު މިނާ ބައިނަލްއަޤްވާމީ މިންގަނޑު، PISA، އިން އެއްވަނައަށް މިހާރު އަންނަ ޗައިނާގައި، ކޮންމެ ދުވަހަކު 9 ޕީރިއަޑް އޮވެއެވެ. ތިރީގައި މިވަނީ ސާނަވީ ފެންވަރުގެ ކުއްޖެއްގެ ތާވަލެވެ. ގަޑިތަކަށް ވިސްނަވާލައްވާށެވެ. ދެން އެއޮތީ ކަޒަކްސްޓާން ގައި ކިޔަވައިދޭ ވަގުތުތަކެވެ.

އަޅުގަނޑު މަޖީދިއްޔާގައި އުޅުނު ދުވަސްވަރު، އެއް ޒަމާނެއްގައި ހެނދުނާއި މެންދުރުފަހުން ކިޔަވައިދިނުން އޮވެއެވެ. ހެނދުނުގެ ދަންފަޅި ފެށެނީ 7:30 ގައެވެ. ހަވީރުގެ ދަންފަޅި ނިމެނީ 3:30 އެހާކަން ހާއިރުއެވެ. މެންދުރު ކެއުމަށް ދޮޅުގަޑިއިރު ދެއެވެ. މިކަން ހުއްޓުނީ އާބާދީ ބޮޑުވަމުން ދިޔަ ނިސްބަތުން މަދަރުސާތައް ޢިމާރާތް ނުކުރެވުމުންނެވެ. މަތީގައިވާ ތާވަލުން ފާހަގަ ކުރެއްވޭނޭ ފަދައިން ޗައިނާގައި ވެސް މެންދުރުކެއުމަށް ދޮޅު ގަޑިއިރު ހުސްކޮށްދެއެވެ.

ކިޔަވައިދޭ މުއްދަތު ދިގުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިވިލް ސާވިސްގެ މަސައްކަތު ގަޑިއެވެ. އެއްބަޔަކު – މުދައްރިސުން – ގިނަ އިރު މަސައްކަތް ކުރާކަށް ނޭދެވޭނެއެވެ. މިކަންކަން އިޞްލާޙްކުރެވޭނީ ވަޒީފާއާ ބެހޭ ޤާނޫނަށް ބަދަލުތަކެއް ގެނެސްގެންނެވެ. މި ޤާނޫނަކީ ރާއްޖޭގެ ޕްރޮޑަކްޓިވިޓީ ނުވަތަ މަސައްކަތްތެރީންގެ އުފެއްދުންތެރިކަން ދަށްކުރި ޤާނޫނެކެވެ.  ރާއްޖޭގައި ދަރިވަރުން ރަނގަޅަށް ތަރުބިއްޔަތުކުރުމަށާއި މޮޅުވުމަށް ބޭނުންނަމަ، އަޅުގަނޑުމެން ކުދީންނަށް ކިޔަވައިދޭންޖެހޭ ގަޑި އިތުރުކުރަން ޖެހެއެވެ. މިކަން ނުކުރާނަމަ، އެއް ދަންފަޅިއަށް ހިންގާ މަދަރުސާތައް ބިނާކުރުމުގެ ބޭނުމެއް ނެތެވެ.

3. ދިރާސީ އަހަރު އިހު އޮތް ގޮތަށް މީލާދީ އަހަރާ އެކު ފެށޭގޮތަށް ބަދަލުކުރުން


ކޮވިޑް އާ ގުޅިގެންނާއި އެހެން ސަބަބުތަކާ ހުރެ، ދިރާސީ އަހަރު މިހާރު ވަނީ ޖުލައި މަހު ފެށޭގޮތަށް ހަމަޖައްސާފައެވެ. ބުނެވޭ ގޮތުގައި، މިކަންކުރި މައިގަނޑު ސަބަބަކީ، ރިޒޯޓްތަކުގެ މުވައްޒަފުން އެދޭތީކަމަށް ވެއެވެ. މިގޮތަށް މިކަން ބަދަލުކުރިތާ މާގިނަ ދުވަހެއް ނުވެ، ފާހަގަކުރެވެން ފެށީ، ދިގު ޗުއްޓީގެ ދުވަސްވަރު ދިމާވަނީ ރާއްޖެއަށް ވަރަށް ބޯކޮށް ވާރޭ ވެހޭ، ދަތުރުފަތުރުކުރަން ދަތި ދުވަސްވަރާ ކަމެވެ.  ހަތަރު މޫސުން އަންނަ ހުޅަނގުގެ ޤައުމުތަކުގައި، ދިގުޗުއްޓީ ދިމާކުރަނީ، މީހުންނަށް ޗުއްޓީއާ ދިމާކޮށް އެކި ކަންކަމުގައި އުޅެވޭ ހޫނު މޫސުމާއެވެ. ޤައުމު އޮންނަ ތަނުން، ހޫނު މޫސުން ދިމާވަނީ ޑިސެމްބަރާ ކަމުގައި ވަނީނަމަ، ދިގު ޗުއްޓީ ޑިސެމްބަރާ ދިމާކުރެއެވެ. މިސާލެއްގެ ގޮތުން އޮސްޓްރޭލިއާ އާއި ނިޔު ޒީލަންޑްގައި ދިރާސީ އަހަރު ފެށެނީ ޖަނަވަރީ ގައެވެ. ގިނަ ބެލެނިވެރީން އަހަރީ ޗުއްޓީ ބޭނުންވަނީ ޖުލައި މަހުކަމަށް ބުނާ ބުނުމަކީ ބަރުދަން ހުރި ދިރާސާއެއްގެ މައްޗަށް ބުރަވެ ބުނާ ބުނުމެއް ނޫނެވެ. އެހެނީ ރާއްޖޭގައި، އުޅޭ 94000 މަދަރުސާ ދަރިވަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ދަރިވަރުންގެ ބެލެނިވެރީންނަކީ ރިޒޯޓްތަކުގެ ވަޒީފާގައި އުޅޭ ފަރާތްތަކެއް ނޫނެވެ. މިކަން ޔަޤީންވަނީ މި ދަރިވަރުންގެ ތެރެއިން %40 ދަރިވަރުންނަކީ މާލޭގައި ކިޔަވާ ދަރިވަރުންނަށް ވާތީއެވެ. މާލޭގެ ވަރަށް މަދު ބެލެނިވެރިޔަކު ނޫނީ ރިޒޯޓް ވަޒީފާގައެއް ނޫޅޭނެއެވެ. މަދު ބަޔަކު އެދޭ ގޮތަށް، މަންފާކުޑަ ގޮތަކަށް މުޅި ނިޒާމު ގުޑުވާލުމަކީ ޙިކްމަތްތެރި ކަމެއް ނޫނެވެ.

މިކަން އެންމެ އެދެވޭ ގޮތަށް ނިންމޭނީ ރާއްޖޭގެ ހުރިހާ ދަރިވަރުންގެ ބެލެނިވެރީންގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. އެއިރުން ގިނަ ބަޔަކު އެދޭ ގޮތް ހާމަވެގެން ދާނެއެވެ. ވޯޓުގެ ނަތީޖާ ގިނަ ބޭފުޅުންނަށް މިހާރުވެސް އަންދާޒާކުރެއްވޭނެއެވެ.

4. ދެ ޓާމުގެ ބަދަލުގައި ތިން ޓާމަށް ދިރާސީ އަހަރު ބަދަލުކުރުން


ރާއްޖޭގައި ފަހަކަށް އައިސް ދިރާސީ އަހަރު މިއޮންނަނީ ދެ ޓާމަށް ބަހާލާފައެވެ. ނަމަވެސް، ސްރީ ލަންކާ އާއި އިންޑިއާ އާއި ސިންގަޕޫރާއި އިނގިރޭސިވިލާތުގެ މަދަރުސާތަކުގެ ދިރާސީ އަހަރު އޮންނަނީ ތިން ޓާމަށް ބަހާފައެވެ. އޮސްޓްރޭލިއާ އާއި ނިޔު ޒީލަންޑްގެ ދިރާސީ އަހަރުގައި އޮންނަނީ ހަތަރު ޓާމެވެ.

ރާއްޖޭގެ މަދަރުސާތަކުގައި މިހާރު މިއޮންނަ ދެ ޓާމުގެ ބަދަލުގައި ތިން ޓާމަށް ބެހުމަކީ ދަރިވަރުންނަށް މަންފާ ކުރާނޭ ކަމެކެވެ. ދުވަސް ދުވަސް ކޮޅުން ގަހަކަށް ކާދުއެޅުމުން އެއަށް ކުރާ މަންފާ ބޮޑެވެ. އަހަރަކަށް ބޭނުންވާ ކާދު، ގަހަކަށް އެއް ފަހަރާ އަޅާލައިފި ނަމަ، ގަސް މަރުވުން ގާތެވެ. ކުދީންނަށް ކިޔަވައިދނުމަކީ މިފަދަ ކަމެކެވެ. ތަކެތި ހަނދާން ހުންނަނީ އެހެން ކަމެއްގައި އުޅެފައި، އެއެއްޗެއް މުޠާލިއާ ކުރަމުން ދާނަމައެވެ. ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި އޮންނަނީ ތިން ޓާމެވެ. ހަތަރު ޓާމު އޮތް ދުވަސްވަރެއް ވެސް ދިޔައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކާ ތަފާތުގޮތަކަށް ރާއްޖޭގެ ދިރާސީ އަހަރު ބައްޓަން ކުރުމުގެ ބޭނުމަކީ ފަހެ ކޮބައިބާވައެވެ؟

ދިރާސީ އަހަރު ދެ ޓާމަށް ބެހުމަކީ އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކަންކުރާ ގޮތެވެ. ޔުނިވަރސިޓީތަކުގައި އެއް ޓާމެއްގައި ކިޔަވައިދޭ އެއްޗަކުން ޖެހިގެން އަންނަ ޓާމަކު ސުވާލެއް ނާންނާނެއެވެ. މަދަރުސާތަކުގައި ދެތިން އަހަރުން ކިޔަވައިދޭ އެއްޗެތި ވެސް ހަނދާންކުރަން ޖެހެއެވެ. ނިހާއީ އިމްތިޙާނުގައި އެތަކެތީން ސުވާލު އަންނާނެއެވެ. އެހެން ކަމުން، ޔުނިވަރސިޓީ ތަޢުލީމު ބައްޓަން ކުރާގޮތަށް، މަދްރަސީ ތަޢުލީމު ބައްޓަން ކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.

މަންހަޖު ނުވަތަ ކަރިކިޔުލަމް

1. މަދްރަސީ ތަޢުލީމުގެ މަޤްޞަދު ކަނޑައެޅުން


ތަޢުލީމީ ނިޒާމެއް ބައްޓަންކުރާ އެންމެ ބޮޑު ބާރަކީ މަންހަޖު ނުވަތަ ކަރިކިޔުލަމް އެވެ. ކުރުގޮތަކަށް ބުނާނަމަ، އެއީ މަދުރަސާއިން ހުރިހާ ގޮތްގޮތުން ދަރިވަރަކަށް ދަސްވާ ހުރިހާ އެއްޗަކާއި ކަމެކެވެ. އުނގަންނައިދޭ ފަރާތްތަކުން މަންހަޖު މާނަކުރާނީ، ޤައުމެއްގެ ރައްޔިތުން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ބޭނުންވާ ޤަދަރުދޭ ހުރިހާ ކަމެކެވެ. މީގެ ތެރޭގައި އުޅުންތައް ހުންނަންޖެހޭ ގޮތާއި، އާދަކާދަތަކާއި ތާރީޚާއި އިލްމާއި ހުނަރުތައް ހިމެނެއެވެ.

މިހާރު ޢަމަލުކުރަމުންދާ މަންހަޖަކީ، ލިބަރަލް ޑިމޮކްރެސީގެ ބޮވަނަ ފިކުރުގެ މައްޗަށް ރިއާޔަތްކޮށް އެކުލަވައިލާފައިވާ މަންހަޖެކެވެ. މި މަންހަޖުގެ ސަބަބުން އުފެދޭނީ ބައިނަލްއަޤްވާމީ ދަރިވަރުންނެވެ. ދިވެހީންނެއް ނޫނެވެ. އާޚިރު ނަތީޖާ، އައްލާމާ އިޤްބާލްގެ މި ޅެމުގައި ވެއެވެ:

”ޙުޝްތޮހޭ ހަމްބީ ޖަވާނޯންކީ ތަރައްޤީ ސޭ މަޤަރު      ލަބެ ޚަންދާންސެ ނިކަލްޖާތީހެ ފަރިޔާދުބި ސާތުސާތުހަމް ސަމަޖުތޭތެ ލާއޭގީ ފަރާޣަތު ތަޢުލީމް      ކިޔާ ޚަބަރުތީކެ ޗަލާ އާއޭގާ އިލްޙާދުބި ސާތު“ޒުވާނުން ތަރައްޤީވަމުން ދާތީ އަހުރެން ވެސް އުފާވެއެވެ.އެކަމަކު އެކަމާ ހިނިތުންވެފައި ހުރި ތުންފަތް މައްޗަށްޝަކުވާގެ ބަސްތައް ވެސް އާދެއެވެ.އަހުރެންނަށް ވިސްނޭގޮތުގައި، މި ތަޢުލީމުން ގެނެސްދޭނީވަޒީފާނެތުމެވެ. ބޭކާރުކަމެވެ. އަދި އެނގޭ ހެއްޔެވެ؟ މި ތަޢުލީމާ އެކު އިލްހާދުވެސް އަންނާނެއެވެ. [އިލްހާދަކީ ދީން ޤަބޫލު ނުކުރުމެވެ.]

އަޅުގަނޑަށް އެންމެ ބޮޑު އުނިކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މަދްރަސީ ތަޢުލީމުގެ މަޤްޞަދު މަންހަޖުގައި ބަޔާންކޮށްފައި ނުވާކަމެވެ. އަމާޒު ނޭނގޭނަމަ، ދާންވީ ދިމާ އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ދެވޭ ކޮންމެ ފަރާތެއް ވެސް ހަމަ ރަނގަޅުވާނެ ނޫން ހެއްޔެވެ؟ މަންހަޖެއް އެކުލަވައިލާއިރު ކުރަންޖެހޭ ފުރަތަމަ ކަމަކީ ތަޢުލީމު އުންގަންނައިދިނުމުގެ ބޭނުން ކަނޑައެޅުމެވެ. އެންމެ ޖުމުލައަކުންނެވެ.

2. ދިވެހި ބަހަށާއި ޤައުމިއްޔަތަށް ދެވޭ އިސްކަން އިތުރުކުރުން.


2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދިވެހިބަހުން ވާހަކަ ދައްކަން ނުދަންނަ ކުޑަކުދީން ގިނަވަމުންދާ ކަމަށް އިޝާރާތްކުރައްވާ ދެ ފަހަރަކު ވާހަކަފުޅު ދައްކަވާފައި ވެއެވެ. މިފަދަ އެއް މުނާސަބަތުގައި ރައީސް ދެއްކެވި ވާހަކަފުޅު މިއޮތީއެވެ. މިކަމަކީ ދިވެހީން ވަރަށް ބޮޑަށް ވިސްނައި، މިކަން އިޞްލާޙްކުރަން، މިހާތަނަށް އަދި އަޅާފައިނުވާ  ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމެކެވެ.

2023 ވަނަ އަހަރު،  އެމް.ޑީ.ޕީ. ގެ ތަޢުލީމާ ބެހޭ މެނިފެސްޓޯ ނެރުނު އިރު، އޭގައި އޮތީ އިސްލާމް މި މާއްދާ އިނގިރޭސިބަހުން ބައެއް ދަރިވަރުންނަށް މަދަރުސާތަކުގައި ކިޔަވައިދޭނޭ ވާހަކައެވެ. މިކަމާ ކަންބޮޑުވެ، އަންތަރީސްވެގެން  މިކަމުގައި ރައީސް އޮފީހުގައި އުޅުއްވާ މުޞްޠަފާ ލުޠުފީ އާ ގުޅުއްވިކަމަށް އަޅުގަނޑު އިން ތަނަކު ރައްޓެއްސަކު ވާހަކަ ދެއްކިއެވެ. ދިވެހިބަހުގައި، އިސްލާމް ދީނާއި ރަސޫލުންނާއި ﷲ އަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަށް ޚާއްޞަ ލަފުޒުތަކެއް ހުރެއެވެ. އިނގިރޭސި ބަހުން އިސްލާމް މި މާއްދާ ސްކޫލްތަކުގައި ކިޔަވައިދިނުމަކީ ދިވެހި ޤައުމިއްޔަތަށާއި އިސްލާމީ ތަރުބިއްޔަތުގެ ހިތަށް އަބެއް ޖެހުން ކަމުގައި ނޫނީ ނުވާނެއެވެ.  އެ މެނިފެސްޓޯގެ ކަމާބެހޭ ބައި މި ޖުމުލައަށް އޮބައިލުމުން ހާމަވާނެއެވެ.

ކުޑަކުދީން ދިވެހިބަހަށް ބީރައްޓެހިވުމަކީ ވަރަށް ޙައްޞާސް، ނުހަނު ޚުޠޫރަތްތެރި މައްސަލައެކެވެ. އެއީ ކުޑަކުދީން ދިވެހިބަހުން ވާހަކަ ދައްކަން ނޭނގޭނަމަ، އެކުދީން ބޮޑުވުމަކުން އެކަމެއް ދަހެއް ނުވާނެއެވެ. ނަތީޖާއަކަށް ވާނީ ދިވެހި ވަޙްދަތު ގެއްލި، ދިވެހި އެއްބައިވަންތަކަން ނެތުމެވެ. ނިހާއީ ނަތީޖާއަކަށްވާނީ، ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުމެވެ. ސަރުކާރެއްގެ އެންމެ ބޮޑު ޒިންމާއަކީ، އެންމެ ބޮޑު މަޞްލަޙަތީ ޤައުމީ އެއްބައިވަންތަކަމާއި މިނިވަންކަން ޙިމާޔަތްކުރުމެވެ. މި މައްސަލައިގައި ތިރީސް އަހަރު ވެރިކަން ކުރެއްވި، ރައީސް މައުމޫން ފަތްތޫރައިގެ ފުރަތަމަ ޢަދަދުގައި ވިދާޅުވެފައި ވެއެވެ.

”ޤައުމިއްޔަތުގެ މައިގަނޑު އަޞްލަކީ ޤައުމީ ބަސް ފިޔަވައި ދެވަނައެއް ނޫނެވެ…. އަޅުގަނޑުމެންގެ އަމިއްލަ ބަސް އުވިގެން ހިނގައްޖެ ނަމަ އެ އުވިގެން ދަނީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ ޚާއްޞަ އެއް ބިންގަލެވެ. އޭގެ ފަހުގައި ދިވެހި ޤައުމިއްޔަތެއް އޮންނާނޭ ކަމަކަށް އަޅުގަނޑު ހަމަގައިމު ވެސް ނުދަންނަވާނަމެވެ.“

މައުމޫން ޢަބްދުލްޤައްޔޫމް

މި މައްސަލައަށް އަޅުގަނޑު ހުށަހަޅާ ހައްލުތައް ތިރީގައި މިދަންނަވާލަނީއެވެ:

  1. ކަރިކިޔުލަމްގެ ތެރެއަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދިވެހި ތާރީޚް ހިމެނުން.

  2. ލިޔަންކިޔުމަށާއި ބަސް ބޭނުންކުރުމަށް ސަމާލުކަން ލިބޭގޮތަށް ”ދިވެހި“ މުޤައްރަރު ބަދަލުކުރުން.

  3. އެކަމަށް ގިނަ ބެލެނިވެރީން އެއްބަސްވާ ޕްރައިމަރީ ސްކޫލްތައް ދިވެހި މީޑިއަމް އަށް ބަދަލުކުރުން. ގިނަ މީހުން ހީކުރާ ގޮތާ ޚިލާފަށް، ދިވެހިބަހަށް ދަރިވަރުން ފަރިތަވުމުން، އިނގިރޭސި ބަހަށް އެކުދީން މޮޅުވާނެއެވެ. މި ފޮޅުވަތަށް އޮބާލުމުން ފެންނަ މަޒުމޫނުގައި، ވަރަށް ތަފްޞީލުކޮށް ދަލީލުތަކާ އެކު މި ވާހަކަ ބަޔާންކޮށްފައިވާނެއެވެ. މީގެ އިތުރަށް، މި ލިންކަށް އޮބައިލުމުން، އަލްމަރްޙޫމް ޑރ ޢަބްދުﷲ ވަޙީދާއި އަމީނާ މުޙައްމަދު ދީދީ އާއި އަޅުގަނޑު، 2008 ވަނަ އަހަރު އޮތް ކަރިކިޔުލަމްއާ ބެހޭ ބައްދަލުވުމެއްގައި ހުށަހެޅި ކަރިކިޔުލަމްއަށް ގެންނަށް ޖެހޭ އިޞްލާޙުތައް ހާމަވާނެއެވެ.

  4. ދިވެހިބަހުގެ އެކެޑަމީ ހަރުދަނާކޮށް، އިދާރީ ހުރަސްތައް ނައްތާލުން.

  5.  ޤައުމީ ބަހަށް އިސްކަންދޭ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމަށް ރައީސް އޮފީހުން ހުރިހާ މުއައްސަސާތަކަށް މަޖުބޫރުކުރުން. މިގޮތަށް ޢަމަލުނުކުރާ ފަރާތްތަކާމެދު އެ ޤާނޫނުގައި ވާ ގޮތަށް ފިޔަވަޅު އަޅަމުން ގެންދިއުން.

  6.  ސިވިލް ސާވިސްގެ ފަންނީ ފެންވަރުތަކުގެ ހުރިހާ ވަޒީފާއަކަށް ވަނުމަށް، ދިވެހިބަހުން ދަށް ވެގެން ދަށު ސާނަވީ ފެންވަރު ހުރުން މަޖުބޫރުކުރުން އަދި މިކަން ޓެސްޓަކުން ޔަޤީންކުރުން.

  7.  ދައުލަތުގެ ހުރިހާ ވެބްސައިޓެއް ދިވެހިބަހުން ހުރުން މަޖުބޫރުކުރުން. މިސާލަކަށް އިމިގްރޭޝަން، އެމްކިޔޫއޭ ފަދަ އެތައް ސަރުކާރުގެ  ވެބްސައިޓަކީ މުޅީން އިނގިރޭސިބަހުން އެކުލަވައިލާފައިވާ  ވެބްސައިޓެވެ.

3. މަދަރުސާގެ ފޮތްތައް


މީގެ 15 ވަރަކަށް އަހަރު ކުރިން ގްރޭޑް 8 އިން ދަށުގެ މަދަރުސާތަކުގައި ކިޔަވައިދޭ ހުރިހާ ފޮތަކީ، ދިވެހިރާއްޖޭގައި ދިވެހި ރައްޔިތުން އެކުލަވައިލާ ފޮތްތަކެވެ. އެތައް ފޮތެއް ޗާޕުކުރަނީ ދިވެހިރާއްޖޭގައެވެ. މިފަހަކަށް އައިސް، މިކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ގިނަ ފޮތްފޮތް ލިޔަނީ ބިދޭސީންނެވެ. ޗާޕުކުރަނީ މުޅީންހެން ބޭރުންނެވެ. މިކަމާ ގުޅިގެން އެތައް މައްސަލަތަކެއް ވޭތިވެދިޔަ 15 ވަރަކަށް އަހަރު ނުކުމެފައި ވެއެވެ. ޓެކްސްޓް ފޮތަކީ، ޚާއްޞަކޮށް ޕްރައިމަރީ ފެންވަރުގެ ފޮތްތަކަކީ ކުޑަކުދީންގެ ”ބޮލަށް ތަފާތު ޗިޕް“ ޖެހުމަށް ބޭނުންކުރެވޭނޭ ވަސީލަތެކެވެ. ރާއްޖެ ފިޔަވައި، މި ހިސާބުގެ އެއްވެސް ޤައުމެއްގައި ޕްރައިމަރީ ތަޢުލީމުގެ ފޮތްތައް އެ ޤައުމުން ބޭރުގެ މީހުން ލައްވައެއް ނުލިޔެއެވެ. މިހާރަށް ވުރެ ވަސީލަތްތައް ތަދު މާޒީގައި މިކަން ކުރަމުން އައީ ދިވެހީންނެވެ. އެކަމުގެ ސަބަބުން ދިވެހީންގެ ފަންނުވެރިކަމާއި ޤާބިލްކަން އިތުރުވެގެން ދިޔައެވެ. ރާއްޖޭގައި ފޮތްތައް ޗާޕުކުރުމުން ދިވެހިރާއްޖޭގައި ފައިސާ އެނބުރުން އިތުރުވެގެން ދިޔައެވެ.

ދިވެހިރާއްޖޭގެ ތަޢުލީމު، މި އިސްތިޢުމާރުގެ ދަށުން މިނިވަން ކުރަން ވެއްޖެއެވެ.

4. ދަށު ސާނަވީ ފެންވަރުގައި ކިޔަވައިދޭ މާއްދާތައް ގިނަކުރުމާއި ބަދަލުކުރުން.


އިނގިރޭސި ވިލާތުގެ ދަރިވަރުންގެ ތެރެއިން ގިނަ ކުދީން ދަށު ސާނަވީ ފެންވަރުގައި ބައިވެރިވަނީ ކިތައް މާއްދާގައިތޯ އެވެ؟ ޖަވާބު ތިރީގައި އެވަނީ އެވެ.

މި ތާވަލުން ދައްކާގޮތުގައި، ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިން ހަދަނީ 9 މާއްދާ ނުވަތަ އެއަށް ވުރެ ގިނަ މާއްދާއެވެ. ދިވެހިރާއްޖޭގެ ދަރިވަރުން މަދު މާއްދާ ކިޔަވަންޖެހޭ ގޮތަށް ހަމަޖެހިފައި އޮތުމަކީ، އެ ކުދީންގެ ތަޢުލީމު ހަނިކުރެވޭ ކަމެކެވެ.
މާއްދާތަކާ ބެހޭ އަނެއް މުހިއްމު ކަމަކީ، ރާއްޖޭގެ ދަރިވަރުން އިނގިރޭސި ބަހުގެ ވަރަށް ފެންވަރު ދަށް އިނގިރޭސި މާއްދާއެއްގައި ބައިވެރިވާ ކަމެވެ. ރާއްޖޭގެ މަދަރުސާތަކަކީ އިނގިރޭސި މީޑިއަމް މަދަރުސާތަކަކަށް ވާއިރު، އަދި ދިވެހި ކުޑަކުދީންނަށް ދިވެހިބަހުން ވާހަކަ ދައްކަން ނޭނގޭއިރު، ފެންވަރު ރަނގަޅު އިނގިރޭސި ބަހުގެ މާއްދާގައި ބައިވެރިނުކޮށް އެއަށް ޤަދަރުނުދޭންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. މަތީގައި މި ދެންނެވުނު ދެކަން ތަންފީޒުކުރެވިއްޖެ ނަމަ، ނަތީޖާއަކަށް ވާނީ ދިވެހި ދަރިވަރުންގެ ފެންވަރު ރަނގަޅުވުމެވެ.
މީގެ އިތުރުން ކަރިކިޔުލަމް އަށް ގެންނަންވީ ބަދަލުތަކުގެ ތެރޭގައި، ފިޝަރީޒް ސައިންސް ގެ ބަދަލުގައި މަޢުލޫމާތު ފުޅާ މާއްދާއެއް ކިޔަވައިދިނުން ހިމެނެއެވެ. މިކަމުގެ ޙަޤީޤީ ސަބަބުތައް މި ލިންކުގައި ބަޔާންކޮށްފައި ވާނެއެވެ.

މުދައްރިސުން

މުދައްރިސުންނަކީ ތަޢުލީމު ކުރިއެރުވުމުގައި އެންމެ މުހިއްމު ރޯލެއް ކުޅޭ މީހުންނެވެ. މި މީހުންނަށް ވުރެ މުހިއްމު އެހެން ބައެއް މި ދާއިރާއަކު ނޫޅޭނެއެވެ. ޢިލްމުވެރީން ބުނެއެވެ: ”މުދައްރިސުންގެ ފެންވަރަށް ވުރެ މަދްރަސީ ނިޒާމުގެ ފެންވަރު މޮޅެއް ނުވާނެއެވެ. މަދަރުސާ ނިމޭ ދަރިވަރުންގެ ސުލޫކީ އަދި ޢިލްމީ ފެންވަރު މޮޅު ކުރެވޭނެ ހަމައެކަނި ގޮތަކީ ކިޔަވައިދިނުން މޮޅުކުރުމެވެ.“

މޮޅު މުދައްރިސުން އުފެއްދޭނީ، މޮޅު ދަރިވަރުން މުދައްރިސުންނަށް ވާން ބޭނުން ވެގެންނެވެ. މަދްރަސީ ތަޢުލީމު އެންމެ ރަގަނޅު ޤައުމުތަކުގައި މުދައްރިސުންނަށް ވެވެނީ މަތީ ސާނަވީގެ އެންމެ ރަނގަޅު ނަތީޖާ ހޯދި %10 ކުދީންނަށެވެ. މޮޅު ދަރިވަރުން މުދައްރިސް ކަމާ ކުރިމަތިލާނީ މުދައްރިސްކަމުގެ މުސާރަ ބޮޑުނަމައެވެ. 2018 އިން 2023 އަށް ދެމިގެން ދިޔަ ދިރާސީ ދައުރުގައި ތަޢުލީމީ ނިޒާމުކުރިއެރުވުމަށް ކުރެވުނު އެންމެ ރަނގަޅު ކަމަކީ، މުދައްރިސުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނައުމެވެ. މިކަމުގެ ނަތީޖާ ފެންނާނީ 15 ވަރަކަށް އަހަރު ފަހުންނެވެ.

އައު ސަރުކާރަށް އޮންނާނެ އެންމެ ބޮޑު ގޮންޖެހުމަކީ، ތަޢުލީމީ ދާއިރާގެ މުސާރައަށް ގެނެސްފައިވާ ކުރިއެރުން އެގޮތުގައި، ތަމްރީނަށް ދާ މުއްދަތާއި މަސައްކަތުގެ މާހައުލުގެ ދަތިކަމަށް ރިއާޔަތްކޮށް، އެހެން ދާއިރާތަކުގެ މުސާރަތަކުގެ ނިސްބަތުން، ހިފެހެއްޓުމެވެ. ނަމަވެސް، މިހާރުވެސް މިކަން ފޫވެއްޓިއްޖެއެވެ. ނޭޝަނަލް ޕޭ ކޮމިޝަންގެ މަސްއޫލިއްޔަތަކީ، އުޖޫރަތައް އެކަމުތުވާ ގޮތަށް —ހާމަނައިޒްވާ ގޮތަށް— ކަނޑައެޅުމެވެ. ނަމަވެސް ދާދި ފަހުން، މަތީ ތަޢުލީމުގެ މުސާރަތައް ކަނޑައެޅިއިރު މި އަސާސީ ހަމަވަނީ ދޫކޮށްލެވިފައެވެ.

މުދައްރިސުންގެ ތަމްރީނުގެ ފެންވަރު ކަނޑައެޅުމަކީ ތަޢުލީމާ ބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސްއޫލިއްޔަތެކެވެ. ތަމްރީނުގެ މުއްދަތާއި އެ ލިބިގަންނަ ގޮތް ވަރަށް ހަރުދަނާ ގޮތެއްގައި ނުހިފެހެއްޓިއްޖެ ނަމަ، ނަތީޖާއަކަށް ވާނީ، ފެންވަރު ދަށްކޮށް މުދައްރިސުން ތަމްރީނުކުރުމަށް ވާގިވެރިވެ، ހުއްދަދޭ ފަރާތަކަށް އެ ވުޒާރާވުމެވެ. އަޅުގަނޑުގެ ނަޒަރުގައި، މުދައްރިސްކަމުގެ ތަމްރީނުގެ އެންމެ މަދު މުއްދަތަކީ، އެހެން ވަޒީފާއެއްގައި ނޫޅެ ހަތަރު އަހަރު ދުވަހުގެ ކިޔެވުމެވެ. ބައެއް ޤައުމުތަކުގައި، މި މުއްދަތު ފަސް އަހަރަށް މަތިކޮށްފައި ވެއެވެ.
ވަޒީފާގައި ތިބި މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ވޭތިވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ތަފާތު ތަޖުރިބާތައް ކޮށްފައި ވެއެވެ. އަޅުގަނޑުގެ ނަޒަރުގައި ތަޖުރިބާކުރި ހުރިހާ ގޮތްގޮތުން ފެންވަރު މަތިކުރުމަށް އެންމެ ރަނގަޅު ގޮތަކަށް ވެފައިވަނީ، މަދުވެގެން އަހަރު ދުވަހަށް މުދައްރިސުންނަށް މުސާރައިގެ އެލަވަންސް އާ އެކު ވީއްލުމެވެ. މިކަން މިގޮތަށް ހިނގީ ރައީސް މައުމޫން ދައުރުގައެވެ. މިބީދައިން ޢަމަލުކުރުމުން، ފުލްޓައިމްކޮށް، ކިޔެވުމަށް މުދައްރިސް ހުސްވެ، ކިލާހަށް ހާޒިރުވެގެން ހެނދުނުގެ އެންމެ ހިތްފަހި. ހިތްއަލި ވަގުތު ކިޔެވޭ ގޮތް ވާނެއެވެ..

އިމްތިޙާނުތައް

ސާނަވީ މަދަރުސާތަކުގައި، ދަރިވަރުންގެ ތަޢުލީމު ކޮންޓްރޯލް ކުރާ އެއްޗަކީ އިމްތިޙާނުތަކެވެ. ސާނަވީ ދަރިވަރުން ގިނަ ވަގުތުތަކެއް ހޭދަކުރަނީ ގްރޭޑް 9 އިން ފެށިގެން ކުރީގެ ޓެސްޓު ޕޭޕަރުތައް ހެދުމަށެވެ. މި އިމްތިޙާނުތަކުގެ އަސަރު ދަށު ގްރޭޑް ތަކަށް ވެސް ކުރެއެވެ. އިމްތިޙާނުތަކުން މޮޅު ނަތީޖާ ހޯދުމަކީ މިފަދަ ކުރީގެ ޓެސްޓުޕޭޕަރުތައް ހަދައިގެން ލިބިގަންނަ ހުނަރެކެވެ. ވިސްނުމުގެ ފެންވަރު މަތިކުރާނަމަ، ޖެހޭނީ އިމްތިޙާނަށް ވުރެ އުނގަންނައިދިނުމަށް ސަމާލުކަން ދޭށެވެ. އަޅުގަނޑު ދަންނަ މީހަކު ބުނެފައި ވެއެވެ: ”އެތެއް ފަލަކުރާ ނަމަ، އަހުރެމެން އެއަށް ގިނައިން ކާންދެނީއެވެ. އިރުއިރުކޮޅާ ކިރަނީކީ ނޫނެވެ.“ މިފަދަ ސަބަބުތަކާ ހުރެ، ތަޢުލީމީ ނިޒާމު އައު ގޮތަކަށް ތަރުތީބުކުރާނަމަ، އިމްތިޙާނުތަކަށް ސަމާލުކަން ދޭން ޖެހޭނެއެވެ.

ރާއްޖޭގައި، އިސްލާމް އާއި ދިވެހިބަހުގެ އެސް.އެސް.ސީ. އިމްތިޙާނު ހިންގާތާ އެތައް އަހަރެއް ވެއްޖެއެވެ. ތަޢުލީމީ ދާއިރާގެ ގިނަ މުފައްކިރުން ދެކޭގޮތުގައި އެހެން އިމްތިޙާނުތައް ވެސް މަޑުމަޑުން އެސް.އެސް.ސީ. އިމްތިޙާނަށް ބަދަލުކުރަން ވެއްޖެއެވެ. މިކަމުގެ ސަބަބުން، ދަރިވަރުންގެ ފެންވަރު ދަށެއް ނުވާނެއެވެ. އެއީ، ހުރިހާ ދާއިރާތަކުން ވަރަށް ފެންވަރު ރަނގަޅު އިމްތިޙާނުތައް އެކުލަވައިލާ ހިންގޭނޭ ފަރާތްތައް ރާއްޖޭގައި އެބަތިއްބެވެ. ބެލެނިވެރީންގެ ތެރެއިން އޯލެވެލް ފެންވަރުގެ ބޭރުގެ އިމްތިޙާނުތަކުގައި ދަރިވަރުން ބައިވެރިކުރަން ބޭނުންވާ މީހުން، އެމީހުންގެ އަމިއްލަ ފައިސާގައި ބޭރުގެ އިމްތިޙާނުތަކުގައި ބައިވެރިކުރާނީއެވެ. މިގޮތަށް ބަދަލުކުރުމުން، އިމްތިޙާނުތައް ރާއްޖޭގެ ވެއްޓާ ގުޅުވުމާއި، ރާއްޖޭގެ ދިރާސީ ކަލަންޑަރާ އެންމެ ގުޅޭގޮތަށް އިމްތިޙާނުތަކުގެ ފޯވަހި ތަރުތީބުކުރެވުމާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރެވުން ހިމެނެއެވެ.

ރާއްޖޭގައި އޭ ލެވެލް ނުކިޔަވައިދޭ އިރު، އޯ ލެވެލް ފެންވަރުގެ އިމްތިޙާނުތައް ބޭރުގެ އިމްތިޙާނަށް ވުމަކީ މުހިއްމު ކަމަކަށް ވެފައި ވިއެވެ. ނަމަވެސް، މިހާރު އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ ޢަދަދުތައްވަނީ ވަރަށް މަތިވެފައެވެ. އޯ ލެވެލް ފެންވަރުން މަތީ ތަޢުލީމުގެ ކޯހަކަށް ނުވަދެވޭނެއެވެ. އަދި، ދުނިޔޭގެ ޔުނިވަރސިޓީތަކަކީ ވިޔަފާރިތަކަކަށް މިހާރު ވެފައިވާތީ، ބޭރުގެ އޯ ލެވެލް ބަލައިގަންނަ ކޮންމެ ބަޔަކު ދިވެހި ސަރުކާރުގެ އޯ ލެވެލް (އެސް.އެސް.ސީ) ވެސް ބަލައިގަންނާނެއެވެ. އޭ ލެވެލް އިމްތިޙާނުތައް ދިވެހި ސަރުކާރުގެ އިމްތިޙާނުތަކަކަށް ހަދާކަށް އެއްވެސް ތަޢުލީމީ މުފައްކިރެއް ހުށަނާޅާކަން ފަވައި ފާހަގަކުރަމެވެ.

ރާއްޖޭގެ ދަރިވަރުން ބައިވެރިވަނީ ކޭމްބްރިޖް ޔުނިވަރސިޓީގެ ދަށު ސާނަވީ ފެންވަރުގެ އިމްތިޙާނު ތަކުގައެވެ. ނަމަވެސް އޭ ލެވެލް (މަތީ ސާނަވީގެ)  ދަރިވަރުން ބައިވެރިވަނީ އިނގިރޭސި ވިލާތުގެ ވިޔަފާރި ކުންފުންޏެއްގެ އިމްތިޙާނުތަކުގައެވެ. މި ސަބަބާ ހުރެ، އޭ ލެވެލް އިމްތިޙާނުތައް ކޭމްބްރިޖް އިމްތިޙާނުތަކަށް ބަދަލުކުރުމަށް ތާއީދުކޮށް އެއް ފަހަރަކު އަޅުގަނޑު މަޒުމޫނެއް ލިޔުނީމެވެ. އެ މަޒުމޫނު މިއޮތީ އެވެ. މި މަޒުމޫނު ލިޔެފައިވަނީ ދިވެހި ނާޒިރުންނާ މަޝްވަރާކޮށް، އެމީހުންވެސް އެކަމަށް ތާއީދުކުރީމައެވެ. މަޒުމޫނު ޝާއިޢުކުރުމުން ގާތްގަޑަކަށް އެއްކޮށް އެ އިނގިރޭސިބަހަށް ތަރުޖަމާކޮށް ނަންނޭނގޭ ނުފޫޒަކުން ރާއްޖޭގެ ނޫހެއްގައި ޖެހިއެވެ. އެ ތަރުޖަމާ މިއޮތީއެވެ. މި ތަރުޖަމާ ހިފައިގެން އޭ ލެވެލް އިމްތިޙާނު ހިންގާ އިނގިރޭސިވިލާތުގެ ވެރިޔަކު ރާއްޖެއައި ވާހަކަ އަޅުގަނޑު އަޑުއެހީމެވެ. އާޚިރުގައި، 2023 ނިމުނު ރިޔާސީ ދައުރުގައި މިކަމެއް ނުވިއެވެ. ހިނގާދިޔަ ކަންކަމުން އަޅުގަނޑަށް ވިސްނުނީ، އިމްތިޙާނުތަކަކީ ވިޔަފާރިއެއް ކަމުން، މިހާރު އޮތްގޮތަށް މިކަން މިގޮތުގައި ދަމަހައްޓަން ބޭނުންވާ ބަޔަކު، އަދި މިހާރު އޮތްގޮތުން އުފަކާރަ ލިބޭ ބަޔަކު ރާއްޖޭގައި އުޅޭ ކަމެވެ. ބޭރު ބަޔަކު ލައްވާ ދިވެހިރާއްޖޭގައި ބޭނުންކުރާ ޓެކްސްޓް ފޮތްތައް ލިޔެ ޝާއިޢު ކުރުވުމުގައި ވެސް މިފަދަ އަނދިރި ނުފޫޒުތަކެއް ވާކަމަށް ބުނާތީ އަޑުއެހީމެވެ. މިކަންކަން މިގޮތަށް ހިނގާތާ މިހާރު މަދުވެގެން ފަނަވަރަކަށް އަހަރު ވެދާނެއެވެ.

ތަޢުލީމާ ބެހޭ ވުޒާރާ އަލުން އިންތިޒާމުކުރުން

ތަޢުލީމީ ވުޒާރާގެ މަސައްކަތްތަކަށް އައު ދިރުމެއް ގެނައުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ، އެ ވުޒާރާގެ އެކި ގުނަވަންތައް އަލުން ތަރުތީބުކުރުމެވެ. މީގެ 15 އަހަރު ކުރީގެ ގިޔުގަނޑެއްގެ ދަށުން ހިނގަމުންދާ އެ ވުޒާރާއަށް އައު ރޯޝަންކަމެއް ގެންނަން، އެކަން ކުރަން އުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ހުރަސްތަކެއް ކުރިމަތިވާނެއެވެ.

ކަމަކީ އުނދަގޫ، އަދި އެތައް އަހަރަކުން ނޫނީ ތަންފީޒު ނުކުރެވޭނޭ ކަމެކެވެ. ނަމަވެސް، ކުރީ އަހަރުތަކުގެ މައްސަލަތަކަށް ހައްލުހޯދަން އެކުލަވައިލި ގިޔުގަނޑެއް މިހާރުގެ މައްސަލަތައް ހައްލުކުރަން އެކަށީގެންނެއް ނުވާނެއެވެ. މިހާރުގެ މައްސަލަތަކަކީ ތަފާތު މައްސަލަތަކެކެވެ. 1980 ގެ އަހަރުތަކުން ފަށައިގެން އެކުލަވައިލި ވުޒާރާގެ އޮނިގަނޑަށް އެންމެ ބޮޑު ބަދަލެއް އައީ ރައީސް ވަޙީދުގެ ދައުރުގައި، ”ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު“ އުވާލުމާ ގުޅިގެންނެވެ. އެ ފަހުން މިވީ 11 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ، މަންހަޖު ނުވަތަ ކަރިކިޔުލަމް ގެ ފަންނީ މަސައްކަތްތައް ހީނަރު ވެފައި ވާކަމެވެ. ބޮޑެތި މީހުންގެ ތަޢުލީމު ނުވަތަ ނުރަސްމީ ތަޢުލީމު ވަޅުޖެހިފައިވާ ކަމެވެ. މި މަސައްކަތްތަކަކީ އެކަމަށް ކުރިން ޚާއްޞަ އިދާރާތައް ހުރި ކަންކަމެވެ. އަޅުގަނޑުގެ ނަޒަރުގައި، ސިންގަޕޫރުގައި  ”ކަރިކިޔުލަމް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓް އޮފް ސިންގަޕޯރ“ ހުންނަ ހެން، ރާއްޖޭގެ މަންހަޖަށް ފޯކަސްކޮށްގެން ވަކި އިދާރާއެއް ޤާއިމްކުރުމަކީ ކޮންމެހެން ކުރަން ވެއްޖެ ކަމެކެވެ.

މަދަރުސާގެ ބިނާވެށި

އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، 2018 އިން ފެށިގެން 2023 އަށް ހިނގި ރިޔާސީ ދައުރުގައި އެންމެ ގިނަ ދުވަހަށް ދެމިގެންދާނެ ތަރައްޤީގެ ރެކޯޑަކަށްވާނީ، މަދަރުސާތަކުގެ އިމްރާނީ ތަރައްޤީއަށް ކުރި ހޭދައާއި މުދައްރިސުންގެ މުސާރައަށް ގެނައި ބަދަލެވެ. ކުރިއަށް ހިނގާނެ ދެ ދިރާސީ ދައުރުގައިވެސް، މި ރެކޯޑު މުގުރައެއް ނުލެވޭނެއެވެ. ނަމަވެސް . . .

ރާއްޖޭގެ ވަރަށް ގިނަ މަދަރުސާތަކުގައި، މި ރިޔާސީ ދައުރުގައި އެތައް ބޭނުމެއް ކުރެވޭ ބޮޑު މާލަމެއް ޤާއިމްކޮށްފިއެވެ. އެހެން ބޭނުންވާ ޖާގަތައް  ފުރިހަމަކުރުމަށް ފަހު، މިކަން ކުރާނަމަ، މިއީ ވަރަށް އެދެވޭ ކަމަކަށް ވާނެއެވެ.  އަޅުގަނޑުގެ ނަޒަރުގައި އެންމެ އިސްކަމެއް ދޭންވީ ހަމަ ކޮންމެ މަދަރުސާއެއްގައި ރަނގަޅު ލައިބްރަރީ އަކާއި ސައިންސް ލެބޯރަޓަރީތައް ޤާއިމްކުރުމަށެވެ. މަދުވެގެން ހަތަރު ލެބޯރަޓަރީ ބޭނުންވާނެއެވެ. މިހެން މި ދަންނަވަނީ ކީއްވެގެން ތޯއެވެ؟

މި ރިޕޯޓްގެ 8 ވަނަ ޞަފުޙާއަށް ބައްލަވައި ލެއްވުމުން، ފާހަގަ ކުރެއްވޭނީ އިނގިރޭސި ވިލާތުގައި ވެސް، ބިޒްނަސް ސްޓަޑީޒް ކިޔަވަނީ ސައިންސް ކިޔަވާ ކުދީންގެ ތިންބައިކުޅަ އެއްބަޔަށް ވުރެ މަދު ދަރިވަރުން ކަމެވެ. މި ދެންނެވީ 1794 ގައި ”ހުސް ސޭޓުން އުޅޭ ޤައުމެކޭ“ (a nation of shopkeepers) ބުނެ ނެޕޯލިއަން ސިފަކުރި އިނގިރޭސިވިލާތުގެ ވާހަކައެވެ. ރާއްޖޭގެ ޙާލަތަށް ބަލައި، މަދުވެގެން %75 ދަރިވަރުން ކިޔަވަން އެންމެ އެދެވެނީ ސައިންސް އެވެ. ސައިންސް ކިޔެވުމުން، ރާއްޖޭގައި މިހާރު ފެތުރިފައިވާ ކޮރަޕްޝަން ކުޑަވެ، ދަރިވަރުންގެ ސުލޫކަށް ވަރަށް އެދެވޭ ބަދަލެއް އަންނާނެއެވެ.

ދެން އަޅުގަނޑު ފާހަގަކުރާ އަނެއް ކަމަކީ، ދިވެހިރާއްޖެ ތަރައްޤީވަމުން ދިޔަ ވަރަކަށް، ދަރިވަރުންނަށް މެންދުރު ކެއުން މަދަރުސާތަކުގައި ދިނުން ފެށޭނެކަމެވެ. އެހެންކަމުން، މިކަމަށް ތައްޔާރުވެ، ދެ ބުރަކަށް ހުރިހާ ދަރިވަރުންނަށް ވަދެވޭނެ ކާ މާލަމަކާއި ބަދިގެއާއި ބަނޑަހަ ކޮޓަރިތައް މަދަރުސާތައް ބިނާކުރާއިރު ހިމަނަން ޖެހޭނެއެވެ. މި ނޫނަސް މަދަރުސާގެ ޢިމާރާތްތައް ބިނާކުރާއިރު ވިސްނަންޖެހޭ އެހެން ކަންކަން ހުރެއެވެ. ގިނަ ޤައުމުތަކުގައި، މަދަރުސާއެއްގައި ހުންނަންޖެހޭ ޖާގަތަކާބެހޭ  މިޢުޔާރުތައް (ނުވަތަ ސްޓޭންޑަޑްތައް) އެކުލަވާލައި ޝާއިޢުކޮށްފައި ވެއެވެ. ރާއްޖޭގައި އެންމެ އިސްކަން ދޭންވީ އެއްކަމަކީ ކިލާސްކޮޓަރީގެ ސައިޒު ބޮޑުކުރުމާއި ކޮރިޑޯތައް ފުޅާކުރުމަށާއި ސާފު ފިނި ވަޔާއި އަލި ލިބޭގޮތަށް ބިނާތައް ކުރުމަށެވެ.

ނިންމައިލުން

ތަޢުލީމީ ދާއިރާއާ ބެހޭ ގޮތުން، ދައްކަން ހުރި ވާހަކަތައް ވަރަށް ގިނައެވެ. ނަމަވެސް މަޒުމޫނު މާބޮޑަށް ދިގުވާތީ މިހިސާބަށް ކުރުކުރީމެވެ.

އައު މިސްރާބަކަށް މަދްރަސީ ތަޢުލީމު ހޭރިޔާ ކުރެވޭނީ އެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންގެ ވިސްނުމާއި ސިޔާސީ ހުރިހާ ވެރީންގެ ޚިޔާލުތައް އެއްގޮތްވެގެންނެވެ. ކަންކަން ކުރުވަން ތިބި ސިޔާސީ ވެރީންނަކީ ތަޢުލީމުގެ މަޤްޞަދާއި ދާންބޭނުންވާ މިޞްރާބާއި ތަޢުލީމުގެ ފަންނަން ފާގަތި، ޤާބިލް، މުރާލި ބަޔަކަށް ވެގެންނެވެ. އިޞްލާޙީ، އިންޤިލާބީ ބަދަލެއް ގެނައުމަށް ޖޯޝާއި ފޯރި ހުރި ބަޔަކަށް ވެގެންނެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި، ހިހޫތަނުން ކައިގެން، ބޭރު ދަތުރުކުރުމަށް ހެސްގަނެގެން، ބޭނުންއިރަކު އޮފީހަށް ވަދެ ނުކުމެ އުޅޭ މީހުންގެ ނާކާމިޔާބުން ޢިބްރަތް ލިބިގަނެގެންނެވެ. ވަޒީރަކަށް ހުންނަ މީހާއަށް، އޭނާގެ ދަށުން މަސައްކަތްކުރާނޭ އެކި ފެންވަރުގެ ސިޔާސީ މީހުން ހޮވުމުގެ އިޚްތިޔާރު އޮވެގެންނެވެ. އެމީހުންގެ މައްޗަށް ބަސްބުނާނެ މީހަކީ ހަމައެކަނި ވަޒީރަށް ވެގެންނެވެ.  އެންމެން އެއް އަމާޒަކަށް ދަތުރުކުރުމަށް ފަލިވަޅުތައް ހަމަކޮށްގެންނެވެ.  ދިވެހި ތަޢުލީމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރުމަށް،  އާރާއި ބާރާއެކު ފަލިޖަހަން ކެރިގެންނެވެ.

މަދްރަސީ ތަޢުލީމާ ބެހޭ އެހެން ބައެއް މަޒުމޫނުތަކާއި ހޯދަން ދަތި ރިޕޯޓްތައް