ދިވެހި ތާރީޚްގެ ތެރެއިން

ސޮލަވާތްފުޅު ކިޔެވުން އުވިގެން ދިއުން

ތާރީޚާ ބެހޭ މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، ސޮލަވާތްފުޅު ކިޔެވުން ރާއްޖެއިން އުވި ދިޔަގޮތެވެ. މީގެ 40 ވަރަކަށް އަހަރު ކުރިން، ސޮލަވާތްފުޅު ކިޔެވުމަކީ ރާއްޖޭގައި ވަރަށް ޢާއްމު ކަމެކެވެ. ސަރުކާރުގެ ފަރާތުންނާއި ޢާއްމުންގެ ފަރާތުން އެކި އެކި މުނާސަބަތާއި ކަންކަމާ ގުޅިގެން ސޮލަވާތްފުޅު ކިޔަވާ އުޅެއެވެ. ނަމަވެސް މި ޒަމާންވީ އާދަ ދިވެހިރާއްޖެއިން ފިލައިދާން ކައިރިވެއްޖެއެވެ. ސޮލަވާތްފުޅު ކިޔެވުމުން އަޅުގަނޑު މާނަކުރަނީ ޤުރްއާންގެ އާޔަތްތަކަކާއި ޞަލަވާތްތަކަކާއި ޒިކުރުތަކަކާއި ޚާއްޞަ ދުޢާތަކެއް ހިމެނޭ ކިޔެވެއްޔެއް ކިޔެވުމަވެ. މި ކިޔެވެލީގެ އެންމެ ޚާއްޞަ އެއް ކަމަކީ ”ތުންޖީނާ ޞަލާވާތް“ ކިޔާ ޞަލާވާތެއް ޖެހިޖެހިގެން 10 ފަހަރު ކިޔެވުމެވެ. ޖަމާޢަތެއްގައި ނުވަތަ ޚާއްޞަ ތަނެއްގައި ސޮލަވާތްފުޅު ކިޔަވާނަމަ، މީރުވަސް ދުވާ އެއްޗަކުން ދުން އަޅާނެއެވެ. ސޮލަވާތްފުޅު ކިޔެވުމުން މާނަކުރަނީ ޚާއްޞަ މާނައެއްގައެވެ. ޢާއްމު މާނައިގައި، ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމަކަށް ނޫނެވެ. ސޮލަވާތްފުޅު ރާއްޖޭގައި ކިޔަވާ ދުވަސްތަކާއި ކިޔަވާގޮތުގެ ކުރު ބަޔާނެއް، އުތީމު އާދަމް ޢަބްދުއްރަޙްމާނު ލިޔުއްވާފައިވާ ”ދިވެހި ދިރިއުޅުމުގެ ތެރެއިން“ (2013) މިފޮތުގައި ވެއެވެ. ފޮތުގެ 94 ވަނަ ޞަަފުޙާގައި އޭނާ ބަޔާން ކުރެއެވެ:

[ދިވެހީން] އާއްމުގޮތެއްގައި އެންމެ ބޮޑު ސަމާލުކަމެއް ދިން އެއްކަމަކީ، ހުކުރުދުވަހާއި ހުކުރު ހޯމަ ވިލޭރޭ ގޭގައި ޞަލަވާތްފުޅު ކިޔެވުމުގެ ކަންތަކެވެ. އާއިލާއެއްގައި ޒިންމާދާރުވެގެން އުޅޭ ފިރިހެނަކު، ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާން ޖެހިއްޖެނަމަ، ހަމަޖައްސާ އެއްކަމަކީ ހުކުުރުހޯމަ ވިލޭރެއާއި ހުކުުރުދުވަހު ގޭގައި ޞަލަވަތް ފުޅު ކިޔެވުމުގެ ކަންތަކެވެ. ތިމާ ރަށުން ފައިއުފުރާލުމުގެ ކުރިން [ރަށުން ފުރުމުގެ ކުރިން] އެކަށީގެންވާ އިތުބާރު ކުރެވޭ މީހަކާއި މިކަން ޙަވާލުކޮށް، ގޭގައި ޞަލަވާތްފުޅު ކިޔެވުމުގެ ކަންތަކާއި މަތިކުރެއެވެ. އެއީ މީގެ ތެރެއިން އެންމެ ދުވަހަކުވެސް އަދި އެންމެ ރެޔަކުވެސް، ޞަލަވާތްފުޅު ނުކިޔެވި ދޫނުކުރުމަށްޓަކައެވެ.

މީގެ 40 ވަރަކަށް އަހަރު ކުރިން، ކޮންމެ ނަމާދަކަށް ފަހު، މިސްކިތުން އަވަހަށް ފައިބާން ޖެހިފައިނުވާ މީހެއްނަމަ، މިސްކިތުގައި އިނދެގެން ސޮލަވާތްފުޅު ކިޔަވާނެއެވެ. ގިނަ ފިހާރަތަކުގައި، ކޮންމެ ހެނދުނަކު ފިހާރަ ހުޅުވުމަށް ފަހު، ސޮލަވާތްފުޅު ކިޔަވައެވެ. އަދި، ތަނަވަސްކަން ހުރި މީހުން، އެހެން މީހުން ލައްވާ ގޭގައި ސޮލަވާތްފުޅު ކިޔަވައެވެ. މިކަން ޢާއްމުކޮށްކުރަނީ ރޭވިލޭ ކިޔާ ހުކުރުވިލޭރެއާއި ހޯމަވިލޭރެއެވެ. މިއީ ބައެއް މީހުން އާމްދަނީ ހޯދަން ވެސް ކުރާ ކަމަކަށް ވެފައި ވެއެވެ. މިހާރު ބައެއް މީހުން ޓިއުޝަން ދޭން އެއް ގެއިން އަނެއްގެއަށް ހިނގާއުޅޭ ބީދައިން ސޮލަވާތްފުޅު ކިޔެވުމަށް އެއްގެއިން އަނެއް ގެއަށް ހިނގާ އުޅެއެވެ.

ސަރުކާރުގެ ކޮންމެ ޖަލްސާއެއް، ކޮންމެ ބައްދަލުވުމެއް ފެށޭނީ ސޮލަވާތްފުޅުންނެވެ. މިކަން އެނގެނީ 1942 ވަނަ އަހަރުން ފެށިގެން ސަރުކާރުން ލިޔަމުން އައިސްފައިވާ ”ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް“ ކިޔާ ފޮތްބައިންނެވެ. މި ފޮތްބައިގައި، އެކި ކަންކަމާ ގުޅިގެން ޖަލްސާތައް ފައްޓަނީ ސޮލަވާތްފުޅުންކަމާއި ސޮލަވާތްފުޅު އިސްވެ ކިޔެވިފަރާތުގެ ނަންތައް ލިޔެފައި ހުރެއެވެ. ސޮލަވާތްފުޅު ކިޔެވުން އެންމެ ގިނަދުވަހު ދެމިއޮތީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށުމުގައެވެ. ނަމަވެސް މިހާރު މަޖިލިސް ފަށާއިރު ކިޔަވާ ސޮލަވާތްފުޅު ކިޔާގޮތް، މީގެ 50 އަހަރުގެ ކުރީގެ މަޖިލިސްގެ މެންބަރަކަށް ފެނިއްޖެނަމަ ޙައިރާން ވާނެއެވެ. ކޮންމެ ކަމެއްވެސް ކުރަންނޭނގޭ ހާލުގައި، މާދެރަކޮށް ކުރުމުން، ދިވެހިބަހުން ބުނެ އެޅެނީ ކީކޭކަން އެނގިވަޑައިގަންނަވާތޯއެވެ؟

އަޅުގަނޑު ހަނދާން ހުންނަން ފެށީންސުރެ، ގޭގައި ހިނގާ ޚާއްޞަ ކަންތައްތަކާ ގުޅިގެންވެސް ސޮލަވާތްފުޅު ކިޔަވައެވެ. މީގެ ތެރޭގައި، އައު ކަމެއް ކުރަން ފެށުމާއި، ރަނގަޅު ކަމެއް މެދުވެރިވުމުންނާއި މުޞީބާތެއް ކުރިމަތިވުން ހިމެނެއެވެ. މޭވާ އަޅާ ގަހެއް ފުރަތަމަ ފަހަރަށް ފޯދުމުން ވެސް ސޮލަވާތްފުޅު ކިޔަވައި އެކިޔެވި ބަޔަކަށް އެ އެއްޗެއް ކާންދެއެވެ.  ދިގު ދަތުރުތައް ފަށާއިރާއި ނިންމާއިރު، އަދި ދޯނިފަހަރު ބާލާއިރު ސޮލަވާތްފުޅު ކިޔަވައެވެ.  ޢީދު ދުވަހު، މެންދުރު ކެއުމަށް އިންސާފު ކުރާނީ ގޭގެ އަހުލުވެރިންގެ އިތުރަށް ބޭރު ބަޔަކު ހިމެނޭ ގޮތުން ކުޑަ ޖަމާޢަތެއްގައި ސޮލަވާތްފުޅު ކިޔަވާފައި އެވެ. މި ޖަމާޢަތުގެ މީހުންނަށް ކައްކާ ތަކެތިން  ބައި އެޅުމަށް ކިޔަނީ ވަތްކުރުމެވެ.

ދިވެހިރާއްޖޭގައި މިކަން މިގޮތަށް ހިނގާތާ 730 އަހަރުވީ ފަހުން، ސޮލަވާތްފުޅު ކިޔެވުން އުވިގެންދާން ދިމާވީ، މައުމޫން ދައުރުގައެވެ. އޭނާގެ ދައުރުގައި، ޖަލްސާތައް ފެއްޓުމުގެ ކުރިން ސޮލަވާތްފުޅު ކިޔެވުމުގެ ބަދަލުގައި ޤުރްއާން ކިޔަވާ ގޮތަށް ހަމަޖެހިގެން ދިޔައެވެ. އަދި އާދައިގެ ބައްދަލުވުންތައް ފެށުމުގެ ކުރިން ސޮލަވާތްފުޅު ކިޔެވުން ހުއްޓުނެވެ. ސަރުކާރުގެ ފަރާތުން ކިޔެވެނި ބޭކަލުން ކިޔަވާ ސޮލަވާތްތައް ކިޔެވުން ހުއްޓި އެ މަޤާމުތައް ވަނީ ނާޞިރުގެ ދައުރުގައި އުވާލާފައެވެ.   ކުރިއާ އަޅާ ބަލާއިރު، ރާއްޖޭގައި ސޮލަވާތްފުޅު ކިޔެވުން ވަރަށް ބޮޑަށް މަދުވެއްޖެއެވެ.

ދިވެހިރާއްޖޭގައި، ތުންޖީނާ ޞަލާވާތް ކިޔަވަން ފެށުނީ މީގެ 730 އަހަރު ކުރިންނެވެ. ތުންޖީނާ ޞަލަވާތް ރާއްޖޭގައި ކިޔަވަން ފެށުނު ގޮތް، 1 ރަބީޢުލްޢާޚިރު 1366 ގައި ނެރުނު ”ސަރުކާރުގެ ޚަބަރު“ ގެ 40 ވަނަ ޢަދަދުގެ 2 ވަނަ ސަފުހާގައި ޙުސައިން ޞަލާހުންދީނު ބަޔާންކުރައްވާފައިވަނީ އަންނަނިވި ގޮތަށެވެ.

 السُّلطَان دَاؤود كَلَمِنجَا  ރަސްކަމުގެ ޒަމާނުގައި، މޫސުމުގެ ވިއްސާރަ ނުލާހިކު ގަދަވެ، ކަނޑު ގަދަވެ ބޮޑުވެ ރާއްޖޭގެ ގިނަ ރަށްރަށަށް ވަރަށް ބޮޑަށް ގެއްލުންވާން ފަށައިފިއެވެ. މިކަމާއިމެދުގައި ކުރައްވާނޭ ކަމެއް އެގިވަޑައިނުގެން ޙައިރާންފުޅުވެގެން ހުންނަވަނިކޮށް، العَلامة نُورَالدّين الزيدَانِي މި ރާއްޖެވަޑައިގެންފިއެވެ. މިކަލޭގެފާނަކީ، އެ ޒަމާނުގައި اسلامِي عَالم ގައި مَشهور امَام އެކެވެ.  މިކަލޭގެފާނާއި داؤود ރަސްގެފާނުން މިވާހަކަފުޅު ދެއްކެވީމާ، އެކަލޭގެފާނުން ރަސްގެފާނަށް، تنجِينَا صَلواة ދަސްފުޅުކޮށް އަރުވައި ދަންނަވައިފިޔޭ. މި ރާއްޖޭގެ މީހުން عَاد ކޮށްގެން މި صَلواة ކިޔަވައި އުޅޭން އަމުރުކުރަށްވާށެވެ.  މާތް ރަސްކަލާނގެ ދީލަތިކަމުން، ތިޔަ  مُصِيبَة ކުޑަކުރަށްވައިފުމީ އެދެވޭ ކަމެކެވެ. ދެން އެ ރަސްގެފާނު މާލޭގައި ކޮލިލައްވައި، ރާއްޖެއަށް ފަތްތޫރަ ހިންގަވައި، فَرض ފަސްނަމާދަށް ފަހު ގައްޔާއި، ހުކުރު ހޯމަ ވިލޭރެއަށް މިކަންތައް ކުރާން އަމުރު ކުރައްވައިފިއެވެ. އަދި އަދަށްދާދެން މި عَادَ ރާއްޖޭގައި ހިގައިފައިއޮތް ވަރުގަދަކަމީ މި ވާހަކައިގެ މައްޗަށް ހެކިވާކަމެކެވެ. މި ނަންގަތް نُورَالدّين الزيدَانِي މާލޭގައި ފުރައުއްތަވެ، ފަސްދާނު ލެވުނުކަމަށް ابن بَطوطه އޭނާގެ ތާރީޚްގައި مَدينة الزيداني މިރަށުގެ ވާހަކަ ދެއްކިތާގައި ބަޔާން ކުރައްވާފައި ވެއެވެ. رَحمَةالله.  މި ނަންގަތް دَاؤود  ރަސްގެފާނު ރަސްކަމަށް އިސްވީ، 701 سنة އަވަހާރަވީ 706 سنة މިވަނަ އަހަރުއެވެ.

މަތީގައި އެ ދަންނަވާލެވުނީ، ސޮލަވާތްފުޅު ކިޔެވުން ރާއްޖޭގައި ފެށި ގޮތްކަމަށް ދިވެހި ތާރީޚްގެ ފޮތްތަކުން ފެންނަން އޮތްގޮތެވެ. މިވާހަކަ އެހެން ޢިބާރާތްތަކަކުން ”ދިވެހީންގެ ވާހަކަ“ މިފޮތުގައި ވެއެވެ. ތާރީޚަށް ލޯބިކުރައްވާ ފަރާތްތަކަށް މިއޮތީ އެ ފޮތުގެ މިކަމާގުޅޭ ޞަފުޙާތަކުގެ ސޫރައެކެވެ.  އާދެ! ތުންޖީނާ ސޮލަވާތްފުޅު ކިޔެވުމަކީ މީގެ 730 އަހަރު ކުރިން ފެށިގެން އައި، ބޮޑު ޢިލްމުވެރިއެއްގެ އެދިވަޑައިގަތުމަކަށް، ރަދުން ނެރުއްވި އަމުރުފުޅެއްގެ މަތިން ކުރެވެމުން އައި ކަމަކެވެ. ނަންގަނެވުނު ދާވޫދު ކަލަމިންޖާ އަކީ ރާއްޖޭގެ ފުރަތަމަ މުސްލިމް ރަދުންގެ ދަރިކޮޅުގެ ބޭފުޅެކެވެ. ދެން މިކަން މިގޮތަށް ހިނގާތާ 7 ޤަރުނު ވާން ކައިރިވެފައިވަނިކޮށް،  ފަހުން އައި ބައެއް މީހުން، ސޮލަވާތްފުޅު ކިޔެވުމަކީ ބިދުޢާއެއްކަމާއި، އަދި މިކަމުގައި ހިމެނޭ ތުންޖީނާ ޞަލާވާތަކީ ކިޔަވައިގެން ނުވާނޭ އެއްޗެއްކަމަށް ފަތުވާ ދޭން ފަށައިފިއެވެ. މިހެން މިކަން ދިމާވާން އެންމެ ފުރަތަމަ ފެށީ ޢަބްދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނުގެ ދައުރުގައި 1920 ގެ ތެރޭގައެވެ.  އެ ދުވަސްވަރު، ބަންގާޅުމަގުން މިސުރަށް ކިޔަވަން ފޮނުވި މީހަކު ކިޔަވާނިމިގެން އައިސް،  ވަރަށް އާދަޔާޚިލާފު ފަތުވާ ދޭން ފެށިއެވެ. މީނާ މިސުރަށް ފޮނުވާލުމުން ދެވަނަ ފަހަރަށް 1931 ވަނަ އަހަރު އަނެއްކާ މާލެއައިސް، އެކިއެކި ވާހަކަ ދައްކަން ފަށައިފިއެވެ. މިގޮތުން، ކީރިތި ޤުރްއާން ބިންމަތީގައި ބޭއްވުން އެންމެ ރަނގަޅުވާނެކަމަށާއި ވެލާމަސް ހަލާލުވާނެ ކަމަށާއި، ﷲ ކޮންމެ ކަމަކަށް ކުޅަދުންވަންތަނޫންކަމަށް ވާހަކަ ދައްކަތެވެ.   އަދި އޭރުގެ ވަރަށް ބޮޑު ޢިލްމުވެރިއެއްކަމަށްވާ ޙުސައިން ޞަލާޙުއްދީނުގެ ފެންވަރާމެދު ފާޑުފާާޑުގެ ވާހަކަތައް ދައްކަތެވެ.  މި މައްސަލާގައި މީނާ ބަންދުގައި ހުރެ އެންމެ ފަހުން މަރުވީ ކާފުއަތޮޅު ވިލިގިލީގައެވެ. މީނާގެ ވާހަކަ މިއަށް ވުރެ ތަފްޞީލްކޮށް، 1 ޑިސެމްބަރު 2014 ގައި ނުކުތް ދިވެހި ޑައިޖެސްޓްގެ 21 ވަނަ ޢަދަދުގެ 33 ވަނަ ޞަފުޙާއިން ކިޔުއްވޭނެއެވެ. މިއޮތީ  އެ މަޖައްލާގެ ލިންކެވެ.

ފަހަކަށް އައިސް ތުންޖީނާ ޞަލަވާތާ ބެހޭގޮތުން، ރާއްޖޭގެ އެހެން މީހުންވެސް ފަތުވާތައް ނެރެފައި ވެއެވެ. މިގޮތުން ތުންޖީނާ ޞަލާވާތާ ބެހޭ ގޮތުން ދިވެހި މި ވެބްސައިޓްގައިވަނީ އަންނަނި ގޮތަށެވެ.

މި ދެ ސަލަވާތުން [ތުންޖީނާ ޞަލަވާތާއި ނާރިއްޔަ ޞަލަވާތުން] ކުރެ އެއްވެސް ޞަލަވާތަކީ އާންމު އަދި ޚާއްޞަ އެއްވެސް ހާލަތެއްގައި ކިޔުން ހުއްދަ ސަލަވާތެއް ނޫނެވެ. އަދިކިޔެއް، މި ދެ ދުޢާގެ ޢިބާރާތާއި މި ދެ ދުޢާ ކިޔުމަށްޓަކައި އެ ހެދި މީހުން ކަނޑައަޅައި އަންގާފައިވާ ގޮތަކީ ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި މުޅިން ޚިލާފު ގޮތް ތަކެކެވެ. އަދިކިޔެއް، މި ދެ ދުޢާގެ ޛާތުގައި އެކުލެވިގެން އެވަނީ ބިދުޢަތާއި ޚުރާފާތާއި ޝިރްކުގެ ކަލިމަތަކާއި ދެންނެވުން ތަކެވެ.

ހަވާލާދެވިފައިވާ ވެބްސައިޓުގެ ލިންކުން އެ ޞަފުޙާއަށް ނުވަދެވޭނަމަ، މިއޮތީ އެ ލިންކުގެ ސޫރައެކެވެ.

ނަމަވެސް ދީނީ އެތައް ކަމެއްގައި، ޢިޚްތިލާފު ހިމެނެއެވެ. ޚާއްޞަކޮށް، މަޒުހަބުތަކުގެ މެދުގައެވެ. އަޅުގަނޑަށް މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މިސުރުން ކިޔަވައިގެން އަންނަ މީހުންނާއި ސަޢޫދީ އެރެބިޔާ އިން ކިޔަވައިގެން އަންނަ މީހުންނާ ދެމެދުގައެވެ. ސަޢޫދީ އެރެބިއާ އަކީ ހަންބަލީ މަޒުހަބަށް ގިނަ މީހުން ތަބަޢަވެގެން އުޅޭ ޤައުމެކެވެ. ގިނަ ދިވެހީންނަކީ ޝާފިޢީ މަޒުހަބަށް ތަބަޢަވާ ބައެކެވެ. ދީނީ އެކި ކަންތައްތަކުގައި، މިދެ މަޒުހަބުގައި ތަފާތުތަކެއް ހުރެއެވެ. މިހެންކަމުން، ތުންޖީނާ ޞަލަވާތާ ދޭތެރޭ ވެސް ޚިޔާލު ތަފާތު ވެދާނެތާއެވެ. ދެން އަޅުގަނޑު މިގެނެސްދެނީ، ކުވޭތު ޔުނިވަރސިޓީގެ ޝަރީޢަތާ ބެހޭ ފެކަލްޓީގެ ޕްރޮފެސަރެއް ކަމުގައިވާ އަލްއުސްތާޛު ޑޮކްޓަރ  محَمد بن عَبد الغَفار بن عَبد الرحمن الشريف، ތުންޖީނާ ޞަލަވާތާ ބެހޭ ގޮތުން ދެއްވާފައިވާ ފަތުވާގެ ތަރުޖަމާއެކެވެ. އަޞްލު މިއޮތީ އެވެ.

kuwaitiprofކީރިތި ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުމުގެ އަމުރުފުޅު (މާތް ﷲ ގެ ޙަޟުރަތުން) އައިސްފައިވަނީ، މުޠުލަޤުކޮށް ކަން ކަށަވަރެވެ. މުޠުލަޤުން މާނަކުރަނީ ވަކި ޚާއްޞަ އެއްޗެއްކަން ކަނޑައަޅައި ޢައްޔަންކޮށްފައި ނުވާ އެއްޗިއްސަށެވެ.  އިތުރު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ވަކި ޚާއްޞަ ޞީޣާއެއް ނުވަތަ ލަފުޒުތައް އެތުރިކަނޑައެޅިފައިވާ ގޮތެއް  (އެކަލާނގެ ޙަޟުރަތުން) ކަނޑައަޅުއްވާފައެއް ނުވެއެވެ. (އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.)

إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا       ސޫރަތުލްއަޙްޒާބް (33):56

މާނައީ، ”ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!“

ﷲ ގެ ރަސޫލާ (صلى الله عليه وعلى آله وسلم) ގެ މައްޗަށް ޞަލަވާތް ކިޔަވާނެ ގޮތެއް އޮޅުންފިލުވައިދެއްވުން އެދިވަޑައިގެން، އަޞްޙާބުބޭކަލުން އިތުރުއެކަލޭގެފާނަށް ދެންނެވިއެވެ. އެހިނދު، އިތުރުއެކަލޭގެފާނު އެބޭކަލުންނަށް އުނގަންނަވައިދެއްވީ އިބްރާހީމިއްޔަ ޞަލަވާތުގެ ނަމުން މަޝްހޫރުވެފައިވާ (ޞަލަވާތުގެ) ޞީޣާއެވެ. (އެއީ):

أَللَّهُمَّ صَلِّ عَلَى مُحَمَّدٍ  وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ  عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ،   وَبَارِكْ عَلَى مُحَمَّدٍ  وَعَلَى آلِ مُحَمَّدٍ  كَمَا بَارَكْتَ عَلَى إِبْرَاهِيمَ  وَعَلَى آلِ إِبْرَاهِيمَ  فِى الْعَالَمِينَ  إِنَّكَ حَمِيدٌ مَجِيدٌ   މިއެވެ.

ވަރަށް ގިނަ ޢިލްމުވެރިން އިސްތިޙުބާބުކުރައްވާފައި ވަނީ (ނުވަތަ މޮޅުއިތުރު ގޮތް ކަމުގައި ބަލާފައިވަނީ) އިތުރުއެކަލޭގެފާނުގެ ޢިއްޒަތްތެރި ނަންފުޅުގެ ކުރިއަށް، ”ސިޔާދަތުގެ ލަފުޒު“ (އެބަހީ: ސައްޔިދުނާ) އިތުރުކުރުމަށެވެ. އެ ޞީޣާ އަކީ (އެބަހީ: އިބްރާހީމިއްޔަ ޞަލަވާތަކީ) އިތުރުއެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށް އޮތް އެންމެ މޮޅުއިތުރު ޞަލަވާތުގެ ޞީޣާއެވެ. އެހެނަސް، އެއީ، އެނޫން އެހެން ޞީޣާތައް މަނާކުރާ އެއްޗެއް ނޫނެވެ. ހަމައެފަދައިން (އެބަހީ: ޞަލަވާތް ކިޔެވުމުގެ އަމުރުފުޅު އައިސްފައިވާ ފަދައިން) ދުޢާކުރުމުގެ އަމުރުފުޅު ވެސް އައިސްފައިވަނީ، މުޠުލަޤުކޮށްނެވެ. (މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.)

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ       ސޫރަތު ޣާފިރު (40):60

މާނައީ، ”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.“

ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ތިބާ ކުރާ ދުޢާ، މާތް ﷲ އިޖާބަކުރެއްވުމަށް އެދޭނަމަ، އެކަލާނގެ ޙަބީބާ (صَلى الله عَليه وَعَلى آله وَسَلم) އަށް ޞަލަވާތް ކިޔެވުމުން އެ ދުޢާ ފަށައި، (އިތުރުއެކަލޭގެފާނަށް ޞަލަވާތް ކިޔެވުމުން) އެ ދުޢާ ނިންމާށެވެ! ފަހެ، އެއީ، އެކަލާނގެ ނަބިއްޔާގެ މައްޗަށް ކިޔެވޭ ޞަލަވާތް އިޖާބަކުރެއްވުމުގައި އެ ދުޢާ ޖާމިނުވެދާނެތީއެވެ. ފަހެ، އުންމީދުކުރެވެނީ، ދެ ޞަލަވާތުގެ ދެމެދުގައި ކުރެވޭ ދުޢާ އެކަލާނގެ ދީލަތިވަންތަކަމުން އިޖާބަކުރައްވާނެ ކަމަށެވެ.

ފަހެ، ބަޔާންކުރެވިފައިވާ ޞަލަވާތް، ތިބާ ބަޔާންކުރައްވާފައިވާ ޞީޣާއިން ކިއުންމަތީ ދެމިހުރުމަކީ، އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެނީ، އެ ޞަލަވާތަކީ، ބައެއް ވަލީވެރި ބޭކަލުންގެ އަރިހުން ވާރިދުވެ، އަދި ތަޖުރިބާކުރެވިފައިވާ މުޖައްރަބު ދުޢާއެކެވެ. މާތް ﷲ ގެ އަޅުތަކުންގެ ތެރެއިން، ޞާލިޙު އަޅުތަކުންނާއި، (އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމުގައި) ޢާރިފުންގެ (ނުވަތަ ދަންނަބޭކަލުންގެ) މަތިވެރި ދަރަޖަ ލިބިވަޑައިގެން ތިއްބެވި ބޭކަލުން ވަނީ އެ ޞަލަވާތުން ޞަލަވާތް ކިޔަވާވިދާޅުވުން މަތީ ދެމިތިއްބަވާފައެވެ.

وَالله أعلَم

މި ދެފަތުވާ މި ގެނެސްދިނީ ދީނީ ކަންކަމާ މެދު އެންމެން އެއް ބަހެއް ނުކިޔާކަން ފަވާލުމުގެ ގޮތުންނެވެ.  މި ބަޔާންކުރެވުނު ދެ ފަތުވާ އާ މެދު، ގޮތެއް ނިންމަން އަޅުގަނޑު ދޫ ކޮށްލާނީ ކިޔުންތެރިންގެ ވިސްނުމަށެވެ. އެހެނީ އަޅުގަނޑަކީ މިފަދަ ފަތުވާތައް މުނާޤަޝާ ކުރަން ނުވަތަ ބަހުސް ކުރަން އެއްވެސް ގޮތަކަށް އެކަށީގެންވާ މީހެއް ނޫނެވެ.

ބައެއް މީހުން،  އެމީހުން ޤަބޫލުކުރާ ގޮތްތަކަށް ލޮޅުމެއް އަރާނެފަދަ ހުރިހާ ކަމަކުންދުރުވެގަނެއެެވެ. އެމީހުންވަނީ ކުރިން އެނގިފައިވާ މަޢުލޫމާތަކާއި އަމިއްލަ ޚިޔާލާއި ފިކުރުގައި ޤައިދުވެފައެވެ. ދަންނަ އެއްޗެއް ފިޔަވައި އިތުރު އެހެން ޚިޔާލުތަކަށް، އެމީހުންގެ ފިކުރު ހާމަކުރެވި، ހިތް ހުޅުވިގެންނެއް ނުވެއެވެ. އެއް ފަހަރަކު، އިމާމް ޣަޒާލީގެ ފަލްސަފާއާ ބެހޭ ފޮތެއްގެ ތަރުޖަމާ ކުރަން ދަތިވި ޖުމްލައެއް ތަރުޖަމާ ކޮށްދޭން އަޅުގަނޑު ރައްޓެއްސެއްގެ ކައިރީގައި އެދުމުން، އޭނާ އެކަމުން ދުރުވެގަތީ، އިމާމް ޣަޒާލީގެ ފޮތަކީ އޭނާގެ އިޢުތިޤާދާ ޚިލާފު އެއްްޗެއްކަމަށް ބުނެއެވެ.  ދަންނަބޭކަލަކަށް ނިސްބަތްކޮށް ބުނާ ޢިބާރާތެއް ވެއެވެ: ބޭނުން ނުކުރާ ގުނަވަންތަކުގައި ވަރު ނުހުންނަ ފަދައިން، ތޫނު ނުކުރާ ވަޅި މޮށްވާފަދައިން، ޑިބޭޓް ނުވަތަ މުނާޒަރާ ނުކުރާ ފިކުރު ގަބުވާނެއެވެ. މަތީގައި އެވާ ތުންޖީނާ ޞަލަވާތާ ބެހޭ، މުޙައްމަދު ބުނު ޢަބްދުލްޣައްފާރުގެ ފަތުވާ ވެސް އަޅުގަނޑަށް ތަރުޖަމާ ކޮށްދިނީ ޢަރަބި ރަނގަޅަށް ދަންނަ އެހެން ދާއިރާއެއްގެ ފަންނާނެކެވެ. އޭނާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

ޢިލްމާ ދޭތެރޭ އަޅުގަނޑު އެންމެ ބޮޑަށް ޔަޤީންކަން އޮތީ ގުރޭޑު 10 ގައި އުޅުނު އިރުއެވެ. މައްޗަށް ކިޔެވުނު ވަރަކަށް ހާމަވަމުން ވިސްނެމުން އައީ، އެއްްޗެއް ނޭނގޭ ކަމެވެ. ޢާއްމުކޮށް ޖާމިޢާތަކުން ދީ އުޅޭ އެންމެ މަތީ ސަނަދު ލިބުމުން، އެނގުނީ ކުރިން ޔަޤީންކަން އޮތް ޢިލްމުތަކުގެ ތެރެއިން ގިނަ ތަކެއްޗަކީ ޢިލްމު ވަޒަންކުރާ އުޞޫލުން ވަޒަން ކުރާނަމަ، نظرية المعرفة އިން ކިރާނަމަ، (ނުވަތަ އެޕިސްޓެމޮލޮޖިކަލް ހަމަަތަކުން ބަލާނަމަ) ޝައްކު ޢިލްމެވެ.  ޔަޤީންކަން އޮންނަނީ ވަރަށް މަދު ޢިލްމަކަށެވެ. އިންސާނާ ވަނީ ހެއްލުމެއްގަ އެވެ. މިކަން މިހެންއޮތް އިރު، ބައެއް މީހުން ވަރަށް ހަރުބަސްތަކުން ބައެއް ކަންކަން ވާގޮތާއި ކަންކަން އޮންނަ ގޮތް، ކިބުރުވެރިކަމާއެކު ކިޔާއަޑު އިވުމުން އަޅުގަނޑު އާސޯޚު ވެއެވެ.  ރަނގަޅު ގޮތަކަށް ވާނީ، ސަބަބުތަކުގެ މައްޗަށް ބުރަވެ، ހަވާލާދީގެން މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކުމެވެ. އިންސާނާގެ ޙާލަތް ހަނދާން ބެހެއްޓުމެވެ. ތަވާޟުޢުވެރިކަން ނުވަތަ ހިޔުމިލިޓީ އިސްކުރުމެވެ.  إِنَّ الْإِنسَانَ لَفِي خُسْرٍ. މީހަކު 50 ވަރަކަށް އަހަރު އިސްލާމް ދީން ކިޔެވިއަސް، އޭގެ ތަފާތު ގޮފިތަކާއި ފިކުރުތަކާއި ހަމަތަކާއި ޒުވާބުތަކާއި މުނާޤަޝާތަކަށް އޭނާ ފާގައްޗެއް ނުވާނެއެވެ. އެއީ އެއަށް ވުރެ މާފުޅާ ޢިލްމެކެވެ.

 ދިވެހިރާއްޖޭގެ ތާރީޚާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މި އާދެވުނީ ކޮން މަންޒިލަކަށް ހެއްޔެވެ؟ ތިޔަ ބޭފުޅުންގެ ފަރާތްޕުޅުން މަޢާފު އެދެމުން، މި މަޒުމޫނު އަޅުގަނޑު ނިންމާލާނީ ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމުގެ އިތުރުކަމުގެ މައްޗަށް އަޅުގަނޑަށް އެންމެ ބޮޑަށް އަސަރު ކުރުވި މަޒުމޫނަށް ޙަވާލާ ދެމުންނެވެ. މިއީ މި މައުޟޫޢުއަށް އެންމެ ފުރަތަމަ ދިވެހިން ލިޔެފައިވާ އެންމެ ޞަރީޙަ މަޒުމޫނެވެ. އެއިރު ލިބެންހުރި ވަޞީލަތްތަކާއި ހާލަތުގެ މައްޗަށް ވަޒަން ކޮށް، ރާއްޖޭގައި ނުކުތް އެންމެ ފުރިހަމަ ދީނީ މަޖައްލާ އަކީ އަމީން ދައުރުގައި ނުކުތް ”ދީނީ ރޫޙް“ އެވެ. ޞަލަވާތް ކިޔުމުގެ މުހިއްމުކަމާއި ބައެއް ޞަލަވާތް ހިމެނޭ މި މަޒުމޫނުވަނީ ދީނީ ރޫޙްގެ 2 ސެޕްޓެމްބަރު 1955 ގައި ނުކުތް އެ މަޖައްލާގެ 28 ވަނަ ޢަދަދުގައެވެ. މިއޮތީ އެ މަޒުމޫނުގެ ފުރަތަމަ ސަފުހާއެވެ. ޤައުމީ ކުތުބުޚާނާގައި މި މަޖައްލާގެ ކޮޕީތައް އެބަހުއްޓެވެ.

tempeststorm1