ބޯފޮޅި ދުވަހުގެ ތާރީޚާއި ބޯފޮޅި ފިހާގޮތް

ބޯފޮޅި ދުވަހަކީ، ރާއްޖޭގައި މީގެ 50 ވަރަކަށް އަހަރު ކުރިން އެންމެންހެން ފާހަގަކުރަމުން ދިޔަ ދުވަހެކެވެ. މި ދުވަހުގެ އެންމެ ޚާއްޞަ ކަމަކީ، ތަންކޮޅެއް ބޯކޮށް ފިހާ ފޮޅިއެއް އެ ދުވަހު ތައްޔާރުކުރާ ކަމެވެ. ޙަޤީޤަތުގައި ބޯފޮޅި ދުވަހަކީ އެއް ދުވަހެއް ނޫނެވެ. ބޯފޮޅި ފިހާ ހަތަރު ދުވަހެއް ހިޖުރީ އަހަރު ތެރޭގައި އަންނަ ކަމަށް ވެއެވެ. މިއީ ދިވެހި ސަގާފީ ކަލަންޑަރުގައި ކުރިން ފާހަގަކުރި، އަލުން ދިރުމެއް ގެންނަން ޖެހޭ ނުވަތަ އިޙްޔާ ކުރަން ރަނގަޅު ދުވަހެކެވެ. މީރު ކެއުމެއް ތައްޔާރުކުރަން ޖެހޭ ކޮންމެ ދުވަހަކީ، އަލުން އިޙްޔާކުރަން ޖެހޭ ދުވަހެކެވެ :-).

އަޅުގަނޑުގެ މަޒުމޫނުތައް ޢާއްމުކޮށް ކިޔުއްވާ ބޭފުޅުންނަށް، ހުދާ ކިޔާ މަޝްހޫރު ކެއްކުންތެރިއެއް  އަވައްޓެރިއަކަށް އަޅުގަނޑު ވާކަން އެނގިވަޑައިގަންނަވާނެއެވެ. އޭނާގެ އަސާރަތަކާއި ހަވާދުތައް މާލޭގައި އެއް ދުވަސްވަރެއްގައި ވަރަށް ވިއްކާ ހެދިއެވެ. ހުދާ އަކީ އޭނާގެ ޢާއްމު ނަމެއް ނޫނެވެ. މި މަޒުމޫނުގައި އަޅުގަނޑު މި ދަންނަވާލަނީ، އޭނާ ކިޔައިދިން ގޮތަށް ބޯފޮޅި ދުވަހާ ބެހޭ ކުރު ތާރީޚަކާއި ބޯފޮޅި ފިހާ ގޮތެވެ.

ދިވެހި ބަހުގެ އެކެޑެމީގެ މި ލިންކްގައިވާ ގޮތުން، ރާއްޖާގައި ފާހަގަކުރާ ބޯފޮޅި ދުވަސްތަކަކީ، ޖުމާދިލްއާޚިރު މަހު 29 ވަނަ ދުވަހާއި ޝަޢުބާން މަހު 14 ވަނަ ދުވަހާ އެ މަހުގެ 29 ވަނަ ދުވަހާ ޙައްޖު މަހުގެ 8 ވަނަ ދުވަހެވެ. މި ދުވަސްތަކަކީ ގޭގެ ޢާއްމު ދެރަ ކެއުމަށް، އިންތިޒާރުކުރެވޭ މީރު ބަދަލެއް އަންނަ ދުވަސް ދުވަހެވެ. ބޯފޮޅި ދުވަހުގެ ޚާއްޞަ ކަމަކީ ބޯފޮޅި ފިހެ އެ ކެއުމެކެވެ. ޢާއްމުކޮށް، ކޮންމެ ގެއެއްގައި ވެސް މަރުވެ ގޮސްފައިވާ ތިމާގެ މީހުންނަށް ޖަމާޢަތެއްގެ މީހުން ގެނެސްގެން ބޯފޮޅި ދުވަހު ޞަލަވާތް ފާޠިހާ ކިޔަވާ ހަދާނެއެވެ. އަދި ތިމާގެ މީހުންނަށާއި އަވައްޓެރީންނަށް ބޯފޮޅި ބަހާނެއެވެ. ދިވެހީންގެ އެއްބައިވަންތަކަން ބިނާ ވެފައިވަނީ މިފަދަ ދުވަސްދުވަހު ބަދަލުކުރެވޭ ތަށިބަރިތަކުގެ މައްޗަށެވެ.  މީހަކު ގިނަ ދުވަހު ބަލިވެ އުޅޭނަމަ، ބަލިތަނެއްގެ މަތީގައި ސާފު ފޮތިގަނޑެއް އަޅައި ފޮތި މަތީ ބޯފޮޅިއަތުރައި ފަގީރުުންނަށް އެ ބޯފޮޅިތައް ބަހައި ހަދައެވެ. މިއީ، ބަހާނެ މިންވަރު ދެނެގަތުމަށް ކުރާ ކަމެކެވެ.

ބޯފޮޅިއަކީ، މި ޒަމާނުގައި ފިހާރަތަކުގައި ވިއްކަން ހަދާފައި ހުންނަ ފޮޅިއަށް ވުރެ މީރު ދިވެހިވަންތަ ފޮޅިއެކެވެ. މި ފޮޅި ހަދާ ގޮތާ ބެހޭ ގޮތުން ހުދާ ކިޔައިދިން ގޮތް ތިރީގައި މި ގެނެސްދެނީއެވެ.

އަޅުގަނޑު: ބޯފޮޅި ފިހާގޮތް ކިޔާދެއްވައި ފާނަންތޯ؟

ހުދާ: އާދައިގެ ސައިޒެއްގެ ގަބުޅިއެއް ހޯދައި، އޭގެ ފެން ތައްޓަކަށް އަޅައި ފަހުން ބޭނުންކުރަން ބަހައްޓާށެވެ. އެއަށް ފަހު، ގަބުޅިން ހުނިގާނާށެވެ. މިޒަމާނުގައި ނަމަ، ސަމުސަލަކުން ހެވާތައް ނަގައި މިކްސަރަކުން ހިމުން ކުރަން ބެހެއްޓިދާނެއެވެ. ދެން، ކުރިން ފެނުލާފައި ހުރި ލާއްސެއްގެ ހަނޑުލާއި ގަނބުޅި ހުންޏާ އެއްކޮށް ފުޑާށެވެ. ނުވަތަ މިކްސަރަކުން ހިމުން ކުރާށެވެ. ދިޔާ ކުރަން ބޭނުންކުރާ ނަމަ، ފެނަކަށް ބޭނުންކުރާނީ ގަބުޅިން ނެގި ފެނެވެ. ނުވަތަ ހުވަނދުމަލުގެ ފެނެވެ. މާފެނެވެ.

ބޯފޮޅީގެ ފޮނިކަން ނުކުންނަނީ އެއަށް އަޅާ ހަކުރުގެ ސަބަބުންނެވެ. ހަކުރަކަށް ބޭނުންކުރާނީ ބައި ޖޯޑު ދޯބުރާލި ހަކުރެވެ. ދެން ދެތިން މޭޒުމަތީ ސަމުސާ ދިޔާހަކުރެވެ. ދެން، މިތަކެތީގެ ތެރެއަށް އެއް ކުކުޅުބިސް އަޅައި، ހަކުރުތައް ގިރެންދެން ގިރާނީއެވެ.

ބޯފޮޅި ފިހަން އިހު ޒަމާނުގައި ބޭނުންކުރަނީ ރަތުލޯ ތަވައެވެ. އާދައިގެ ތަވައިގައި ވެސް ފިހެވޭނެއެވެ. ބޯފޮޅި އެޅުމުގެ ކުރިން ތަވާގައި ހާކަން ކިރުފެލި ހުނި އަޅާފައި އޮންނަ ބޮނޑިއެއް ގެންގުޅޭނެއެވެ. ގިރާފައި ހުރި ކުކުޅުބިސް ތައްޓެއްގައި މި ބޮނޑި ޖައްސައި ތަވާގެ މަތީގައި އުނގުޅާލާނީއެވެ.   ދެން ޖޯޑަކުން ނުވަތަ އުނދުޅިއަކުން، ހޫނު ތަވާގެ މައްޗަށް ބޭނުންވާ ބޮޑުމިނަކަށް ގިރާފައި ހުރި ފުށްގަނޑު އަޅައި ފިހާނީއެވެ. އެއް ފަރާތް ރަނގަޅަށް ފިހެވުމުން ފުށުން ޖަހައި އަނެއް ފަރާތް ފިހާނީއެވެ.

އިހުގައި ފޮޅިފިހަނީ ތުނިކޮށް ހަދާފައި ހުންނަ ފުޅަފިކޮޅަކުންނެވެ. ލަކުޑިން ތުނިކޮށް މަށައިގެން ހަދާފައި ހުންނަ ދޭފަތް ވައްތަރުގެ ފޮޅިފިހާ ދޭފަތް ވެސް ގެންގުޅެއެވެ. އިހުގައި ފޮޅިކަނީ ހުހަށެވެ. ދިޔާ ހަކުރުގައި ޖަހައިގެން ނުވަތަ ދިޔާހަކުރު އުނގުޅައިގެން ފޮޅިކައެއް ނޫޅެއެވެ.

މުހައްމަދު އަމީންގެ ރެސިޕީ


1950 ވަނަ އަހަރު މުޙައްމަދު އަމީން އެކުލަވައިލެއްވި ”ކަރުނަ އާއި ނުލައި ކެއްކުން 2“ މިފޮތުގައި، ބޯފޮޅި ފިހާނޭ ގޮތް ލިޔުއްވާފައި ވެއެވެ. ތިރީގައި މި ނަކަލު ކޮށްލަނީ އެ ރެސިޕީ އެވެ.

ފިލާވަޅު – 8 ބޯފޮޅި
ބޭނުންވާ ތަކެތި –

ހަނޑޫ ލާހި 1، ދެ ގަބުޅީގެ ހުނި، ފޮނި ހެޔޮވަރުވާ ވަރަށް ހަކުރު، ކާށިކިބައެއްގެ ބޯކިރު، ކުކުޅު ބިސް 1.

ފިހާނެ ގޮތް –

ހަނޑުލާއި ހުންޏާއި، އެއްކޮށް ފުޑުއްވާށެވެ. ތެލިބުރިއެއްގެ ތެރެޔަށް، ފުޑުއްވެވި ފުށް އަޅުއްވަވާށެވެ. އޭގެ ތެރެޔަށް، ކާށިކިބައެއްގެ ކިރާއި ކުކުޅުބިސް އަޅުއްވަވާށެވެ. . .  ރަނގަޅަށް އެއްކޮށް ލައްވާށެވެ. ފިހަން ފަސޭހަ ވަރަށް ވުރެ އޮލަނަމަ، ކުޑަކުޑަ ފެންފޮދެއް އަޅުއްވައިގެން ހެޔޮވަރު ކުރައްވާށެވެ. އާދެ! ފޮޅި ފިހާ ތަވައެއްގައި، ފިއްސަވަމުން ގެންދަވާށެވެ. ތަވާގައި ކުކުޅުބިސް އުގުޅުއްވަންވާނެއެވެ.

އައްޑޫ ބޯފޮޅި


ތެއްލާ އަދި ފިހާ ބޯފޮޅިއެއް އައްޑޫ އަތޮޅުގައި ފުށްގަނޑު ކަމީރުކޮށްގެން ހަދައެވެ. މިއީ ވެސް ބޯފޮޅީގެ ވައްތަރެކެވެ. ކަމީރުކުރުމަކީ، ފުށްގަނޑުގެ ތެރެއަށް ކަމީރު އަޅައި ކަމީރުތައް ގިނަ ކުރުމެވެ. މިގޮތަށް ހެދުމަށް ދިވެހިބަހުން ކިޔަނީ ރާމާކުރުމެވެ. އިނގިރޭސިބަހުން ކިޔަނީ ފާރމަންޓް ކުރުމެވެ.  ކަމީރު ކިޔަނީ، ގަސްގަހާ ގެހީގައި ޖަހާ  ލޮލަށް ނުފެންނަ ބާވަތެއްގެ ފަންގަހަކަށް ނުވަތަ ފުލަކަށެވެ. މިއީ ދިރުން ހުންނަ އެއްޗެކެވެ. އޭގެ ކާނާއަކީ ތަކެތީގައި ހުންނަ ފޮނިކަން ނުވަތަ ތާނެވެ. ފޮނިކަން ނުވަތަ ތާން (ސްޓާޗް) ހުންނަ  އެއްޗެއްގައި މި ފޫ ޖަހައިފިނަމަ، އެ ފޮނިކަން ކާނާގެ ގޮތުގައި ކަމީރު ބޭނުންކުރާނެއެވެ. އަދި  ކާރބަން ޑައިއޮކްސައިޑް ކިޔާ ގޭހަކާއި ޢަމަލުވާ ރާ (އެލްކޮހޯލް) އުފައްދާނެއެވެ. ރުކުން ބާލާ ރަލުގައި ޤުދްރަތީ ގޮތުން ކަމީރު ކޮންމެވެސް ވަރަކަށް އެކުވެފައި ހުރެއެވެ. މީގެ ރާތައްޓެއް ގިނައިރުވުމުން، އޭގެ މަތީގައި ފޮނު އުފެދެނީ، ކަމީރުގެ ސަބަބުން ކާރބަން ޑައިއޮކްސައިޑް ކިޔާ ގޭސް އުފެދޭތީއެވެ. ރުކުރާ މާ ގިނައިރު ބަހައްޓައިފިނަމަ، އަމަލުވާ ވަރަށް ރުކުރާ، ބަނގުރަލަށް ބަދަލުވާނެއެވެ. މި ބަނގުރާ ހޫނުވާ ތަނެއްގައި 40 ވަރަކަށް ދުވަހު ހުރެއްޖެނަމަ، ވައިގައި ހުންނަ އޮކްސިޖަން އާ އެކުވެ، ރާހުތަށް ބަދަލުވާނެއެވެ. ރުކުރާ، ބަނގުރަލަށް ބަަދަލުވުން ހުއްޓުވުމަށް އެއަށް ދުފާއިރު ބޭނުންކުރާ ހުނި އަޅައެވެ.

ދިވެހިބަހުން ކަމީރު ކިޔަނީ އިނގިރޭސިބަހުން ޔީސްޓް ކިޔާ ފުލަކަށެވެ. މިއީ ލޮލަށް ނުފެންނަހާ ކުދި، ދިރުން ހުންނަ އެއްޗެކެވެ. ފޮނި އެއްޗަކާ މި އެކުވުމުން ކާރބަންޑައިއޮކްސައިޑް އާއި އެލްކޮހޯލް އުފެދެއެވެ. އިހުގައި، ޔީސްޓް ގިނަކުރަނީ، ފޮނި ދޮންކެޔޮ (މާޅޮސް ކެޔޮ) ނުވަތަ ކައްކައި މުގުރާފައި ހުންނަ ވިލާތުއަލުވި ގިނައިރު ބަހައްޓައިގެންނެވެ. ނުވަތަ ރާމާކޮށްގެންނެވެ. ދޮންކެޔޮ ކަޖުރު ހަދާއިރު ވަރަށް ފޮނި މާޅޮސް ކެޔޮ އެޅުމުން އެ މީރުވާ އެއް ސަބަބަކީ، ކާރބަން ޑައިއޮކްސައިޑް ގޭހުން، ފުށްގަނޑުގެ ތެރޭގައި ބޮކި ހެދި، ފުށްގަނޑު ފުފި ލުއިވާތީއެވެ. މި ޒަމާނުގައި  ޕެކެޓްގައި ޔީސްޓް ބަންދުކޮށްފައި ހުރެއެވެ.  ހަކުރުފެނާ މި ޔީސްޓް ނުވަތަ ކަމީރު އެއްކުރުމުން، ކާރބަން ޑައިއޮކްސައިޑް އުފެދޭނެއެވެ. ގޭސް ލުއިކަމުން، އެ ހުންނާނީ ބޮކިތަކެއްގެ ސިފައިގައި ފެންމަތީގައެވެ. ބޮޑަށް ދޮންވެފައިވާ ހުރިހާ މޭވާއެއްގައި ޔީސްޓް (ކަމީރު) އަދި އެލްކޮހޯލް ހުރެއެވެ. ދޮންވި ވަރަކަށް އެލްކޮހޯލް ގިނަވާނެއެވެ. ނަމަވެސް %1 އަށް ވުރެ އެލްކޮހޯލް އާދައިގެ މޭވާއެއްގައި ގިނައެއް ނުވާނެއެވެ.

އަޅުގަނޑަށް އައްޑޫ ބޯފޮޅި ހަދާގޮތް ކިޔައިދެއްވީ ޢާމިރާ އެވެ. އޭނާ ވިދާޅުވީ އޭނާ ކުޑައިރު މަންމަ ހަދާ އެއްޗެއް ކަމަށެވެ.

އަޅުގަނޑު: އައްޑޫ ބޯފޮޅި ހަދަނީ ކިހިނަކުންތޯއެވެ؟

ޢާމިރާ: މަންމަ ބުނީ، ބޭކިން ޕައުޑަރާއި އެއް ސައިސަމުސަލުގެ ޔީސްޓް (ކަމީރު) ބައި ޖޯޑު ފެނަށް އަޅައި، ބައިގަނޑިއިރު ވަންދެން ބަހައްޓަނީ ކަމަށެވެ. ދެން އެއް ކިލޯ ގޮދަން ފުށަށް ލޮނުކޮޅެއް އަޅައި މި ބައިޖޯޑު ފެން އަޅައި، ބޭނުންވާ ވަރަށް އިތުރު ފެން އަޅައި ފުށްގަނޑު މޮޑެ، ރޮށިފިހާ މިންވަރުގެ ކުދި ގުޅައަށް ބައިކޮށް، ބައިގަނޑި އިރުވަންދެން ބަހައްޓަނީ ކަމަށެވެ. ދެން އެއަށް ފަހު، މި ފުށްގުޅަ ރޮށިދަމާ ފޯއްޔަކުން ދަމައި، ފިހަނީއެވެ. ނުވަތަ ތެތްލަނީ އެވެ. އައްޑޫ ބަހުރުވައިގައި މުޅިންހެން ބޭނުންކުރާ ލަފުޒަކީ ފޮޅިއެވެ. ރޮއްޓަކީ އެ ހިސާބުގައި ހުތުރު ލަފުޒެކެވެ.

އަޅުގަނޑު: ބޭކިން ޕައުޑަރު ސައިސަމުލަކާއި ޔީސްޓް ސަމުސާ ތޯއެވެ؟

ޢާމިރާ: އާދެ! ކޮންމެ ބާވަތަކުން އެއް ސައިސަމުސަލެވެ. އެއީ ޖޯޑަށްލާ ކުދި ސަމުސަލެވެ.

އަޅުގަނޑު: މާލެ ބަހުރުވައިގައި ބޯފޮޅިއަކީ ފޮނި އެއްޗެކެވެ. އެކަމު އައްޑޫ ފޮޅިއަށް ހަކުރު ނާޅަންޏާ ފޮންޏެއް ނުވާނެ ނޫންތޯއެވެ؟

ޢާމިރާ: އައްޑޫގައި ޔީސްޓް އަޅައިގެން މި ހަދާ ފޮޅިއަކީ ފޮނި އެއްޗެއް ނޫން. އެއީ ރޮށީގެ ބަދަލުގައި ރިހަ އާ އެކު ކައިއުޅޭ ޔީސްޓް ފޮޅިއޭ މަންމަމެން ކިޔާ އުޅެނީ.  އެއީ މާލެބަހުން ނަމަ ބާވަތެއްގެ ބޯ ރޮއްޓެއް. މައިގަނޑު ތަފާތަކީ މަޑުވެފައި އެތެރެ ފުފިފައި އޮންނަކަން.

އައްޑޫ ޔީސްޓް ފޮޅިއާ ވަރަށް އެއްގޮތަށް ބޭރު ގައުމުތަކުގައި ރޮއްޓެއް  ފިހައެވެ. ނަމަވެސް ތެލުލާކަމެއް އެނގިފައެއް ނެތެވެ. މި ބާވަތުގެ ފޮޅިއަށް ކިޔަނީ ޕިޓާ ބްރެޑް  (الخبز العربي) އެވެ. މިއީ ޚާއްޞަކޮށް ޢަރަބި ކެއުމުގައި ބޭނުން ކުރާ އެއްޗެކެވެ. މި ބާވަތުގެ ފޮޅި ފިހަނީ ވަރަށް ހޫނު ތަވާގައެވެ. މި ފަދަ ތަވައަށް ފިހަން ލުމުން، އޭގައި ހުންނަ ފެން ވަގުތުން އާތްވަށް ވެގެން ދެ ފަށަލަ ދުރުވެ، އެތެރެ ފުފެއެވެ. މި ޒަމާނުގައި މި ފަދަ ފޮޅީގެ ތެރެއަށް މަހާއި ތަރުކާރީ އަޅައިގެން ކައި އުޅެއެވެ.

އިންޑިއާގައި، ސީދާ ހުޅުގަނޑަށް ލައިގެން ފުފޭގޮތަށް ފިހާ ރޮއްޓެއް ހަދައެވެ. މި ރޮއްޓަށް ކިޔަނީ ފުލްކާ އެވެ. މިއީ ދިވެހީން ރޮށި ފިހާގޮތަށް ފިހާ ރޮއްޓެކެެވެ. ތަފާތަކީ، ނަރު ދައުގަނޑެއްގެ މަތީގައި ނުވަތަ ސީދާ ހުޅުގަނޑު މަތީގައި ފިހާ ކަމެވެ. ފިހަން ލާއިރަށް ހޫނު ގަދަކަމުން، ފުށްގަނޑުގައިވާ ފެން އާތްވަށް ވަގުތުން ބަދަލުވެ ރޮށި ފުފެއެވެ. ރޮށި މީރުވަނީ ފުށްގަނޑަށް ކެމިކަލް ބަދަލުތަކެއް އައިސްގެންނެވެ. އެންމެ އެދެވޭ ބަދަލުތައް ގެނެވެނީ ވަރަށް ގަަދަ ހޫނުންނެވެ.

ބޭރު ޤައުމުތަކުގެ ބޯފޮޅި 


ބޭރު ޤައުމުތަކުގައި ބޯފޮޅިއަށް ކިޔަނީ ޕޭންކޭކް އެވެ. ޕޭން ކިޔަނީ ތަވައަށެވެ. ބޯފޮޅިއަށް ޕޭންކޭކް ކިޔާ ސަބަބަކީ ތަވައެއްގެ މަތީގައި، ކޭކް ފަދައިން ފިހާ އެއްޗެއް ކަމަށް ވާތީ ކަމަށް ލަފާކުރެވެއެވެ. ބޭރު ބޯފޮޅިއަކީ، ކޭކު ފަދައިން ފޮނި އަދި ފުށްގަނޑުގެ އެތެރޭގައި ބޮކި ހުންނަ އެއްޗެކެވެ. ބޮކިއެރުވުމުގެ ބޭނުމަކީ ފުށްގަނޑު ލުއިކުރުމެވެ. ބޮކިއަރުވަނީ ނުވަތަ ފިހުމުން  އެތެރޭގައި ލޯވަޅު ހުންނަގޮތް ހަދަނީ އައްޑޫ ބޯފޮޅި ފަދައިން ފުށްގަނޑު ގިރާއިރު، އެއަށް ބޭކިން ޕައުޑަރު އަޅައިގެންނެވެ. ފޮޅި މަޑުކުރުމަށް އެއަށް ކިރު ވެސް އަޅައެވެ. ބޯފޮޅި ބޭރު ޤައުމުތަކުގައި ޢާއްމުކޮށް ކަނީ ދިޔާ ހަކުރު ފަދައިން، ގަހެއްގެ ”ކިރަކުން“ އުފައްދާ ފޮނި ދިޔައެއް އަޅައިގެންނެވެ. މިހަކުރަން ކިޔަނީ މެއިޕްލް ސިރަޕް އެވެ.

ބޭރު ބޯފޮޅި ފިހަން ބޭނުންވާ ތަކެތި

1 ޖޯޑު ގޮަދަން ފުށް
3/4 ޖޯޑު ކިރު (ކޯސްޓް ކިރު ފަދަ ހިކިގެރިކިރުން މި ފަސޭހައިން ހެދިދާނެއެވެ.)
2 މޭޒުމަތީ (ބޮޑު) ސަމުސާ ރާހުތް
2 މޭޒުމަތީ ސަމުސާ ދޯބުރާލި ހަކުރު
2 މޭޒުމަތީ ސަމުސާ ދިޔާ ބަޓަރު ނުވަތަ ގިތެޔޮ
1 ސައި ސަމުސާ (ކުޑަ) ބޭކިން ޕައުޑަރު
1 ކުކުޅު ބިސް
1/2 ސައިސަމުސާ ބޭކިން ސޮޑާ
1/2 ސައިސަމުސާ ފުއް ލޮނު

ބައެއް ބާވަތުގެ ރެސިޕީތަކުގައި، ބޭކިން ޕައުޑަރު އާއި ބޭކިން ސޮޑާ ބޭނުން ކުރެއެވެ. ބޭކިން ސޮޑާއިން ގޭސް އުފައްދާނީ ރެސިޕީގައި ހުތްކަމެއް (އެސިޑްއެއް) ހުންނަ ނަމައެވެ. ބޭކިން ޕައުޑަރަކީ ހުތާއެކު ހަދާފައި ހުންނަ ބޭކިން ސޮޑާ އެވެ. އެހެންކަމުން، ހުތެއް ރެސިޕީގައި ނުހިމެނުނަސް މި ހޫނުކުރުމުން ގޭސް އުފައްދާނެއެވެ. ބޭކިން ސޮޑާ އާއި ބޭކިން ޕައުޑަރާއި ދެކުޑި އަޅާނީ ހުތްކަމެއް ހުންނަ އެއްޗެއް ރެސިޕީގައި ހިމެނިފައި އެއިން ފުށްގަނޑު މުޅިން ނުފުފޭނެކަމަށް ފެންނަ ޙާލަތްތަކުގައެވެ.  

ހަދާނެ ގޮތް

ކިރާއި ރާހުތް އެއްކުރުމަށް ފަހު، 5 މިނެއްޓު ވަންދެން ބަހައްޓާށެވެ.

ފުށާއި ހަކުރާއި ބޭކިން ޕައުޑަރާއި ބޭކިން ސޮޑާ އާއި ލޮނު އެއްކުރާށެވެ. މިއަށް ފަހު، ކުކުޅު ބިސް، ކިރުގެ ތެރެއަށް އަޅައި، މުޅިން ގިރެންދެން އުލެއް ފަދަ އެއްޗަކުން ގިރާށެވެ. ދެން ހިކި ތަކެތި މި ދިޔަގެ ތެރެއަށް އަޅައި މުޅިން ގިރެންދެން އުލެއް ފަދަ އެއްޗަކުން ގިރާށެވެ.

މިއަށް ފަހު، ތަވައެއް މެދު ގިނީގައި ބަހައްޓައި ހޫނުވުމުން، ޖޯޑެއްގެ ހަތަރު ބައިކުޅަ އެއްބައި ފުށް އަޅައި، އެއް ފަރާތުގައި ބޮކި ޖަހަން ފެށުމުން، އަނެއް ފުށަށް ޖަހައި ކުޑަކޮށް ރަތްވަންދެން ފިހާނީއެވެ.

ނިންމުން


މި މަޒުމޫނުގައި ކުރުގޮތަކަށް ބަޔާން މިކުރެވުނީ ބޯފޮޅީގެ ތާރީޚާއި ބޯފޮޅި ފިހާ ގޮތެވެ. ހުދާ ބުނި ގޮތުގައި، ދިވެހި ބޯފޮޅިއަކީ ވަރަށް މީރު އެއްޗެކެވެ. ޚާއްޞަކޮށް ގަބުޅިފެނުގައި ގަބުޅި ހުނީގައި ހަދާ ނަމައެވެ. މާލޭގެ ފިހާރަތަކުގައި އެ ހުންނަ ބަންގާޅު މީހުން ހަދާ ފޮޅިއާ ޙަޤީޤީ ދިވެހި ފޮޅިއާ ރަހައިގެ ގޮތުން ބަލާއިރު އުޑާ ބިމާހާ ތަފާތު ވާނެއެވެ. ބޯފޮޅި ދުވަހާ ގުޅޭ އަނެއް ކެއުމަކީ ނީވާބަތެވެ. ތިރީގައި އެވަނީ ބަސްފޮތުގައި މި ލަފުޒުގެ މާނަ ލިޔެފައިވާ ގޮތެވެ.

ނީވާބަތް

އިނގިއްޔެއްގެ ފަލަމިނުގައި ފޯލިކޮށް ވަށައި ކެޔޮފަތަށް ލައިފައި ހުންނަ ބޮނޑިބަތެއް. މިއީ އިހުގައި ބޯފޮޅި ދުވަސް ދުވަހު ބޯފޮޅިޔާއެކު ގަނޑުވަރު ތެރެއިން މިސްކިތަށް ގެންދާބަތެކެވެ.

ބޯފޮޅި ތިރަށުގައި ފިހަނީ ކޮންގޮތަކަށް ތޯއެވެ؟ ބޯފޮޅި ދުވަހާ ގުޅޭ، މި މަޒުމޫނުގައި ނެތް މަޢުލޫމާތެއް އެނގިވަޑައިގަންނަވާނަމަ، ތިރީގައިވާ ކޮމަންޓް ގޮޅީގައި، އެހެން ކިޔުންތެރިންގެ މަންފާއަށް ލިޔެލައްވާދީފާނަންތޯއެވެ.؟

އެންމެ ފަހުގެ މަޒުމޫނުތައް