ރަށް ފުށުގެ ތަނަވަސްކަމަށް

ބޮނޑިހަލުވާ އާއި ހުނި ބަރުފީ އާއި ބައުންޓީ ބާރ ހަދާނޭ ގޮތް

ބޮނޑިހަލުވާ އާއި ބަރުފީ އާއި ބައުންޓީ ކިޔާ ޗޮކްލެޓުލީ ހުނިހަކުރަކީ ދާދި އެއްގޮތަކަށް ހަދާ އެއްޗިއްސެވެ. ކުރީ މަޒުމޫނުގައި، ބޮނޑިހަލުވާ ހަދާގޮތާއި، އެގަންނަ މީހުން އެދޭ މިންވަރު (ނުވަތަ ޑިމާންޑު) އިތުުރުކުރުމަށް ކުރެވިދާނޭ ބައެއް ކަންކަން ލިޔެފައިވާނެއެވެ. އެ މަޒުމޫނު މިއޮތީ އެވެ.

މި މަޒުމޫނުގައި ހިމަނާނީ، ދިވެހީން ހަދާ ހުނިހަކުރާ ދާދި އެއްގޮތަކަށް، އިންޑިއާ މީހުން ހަދާ ބަރުފީ ހަދާ ގޮތާއި ޗޮކްލެޓްލީ ހުނިހަކުރު ނުވަތަ ބައުންޓީ ހަދާ ގޮތެވެ. އަދި ބޮނޑި ހަލުވާއަށް އޮންނަ ޑިމާންޑު އިތުރުކުރުމަށް ކުރެވިދާނެ ކަންކަމެވެ.

މަޒުމޫނުގެ ވަކި ބަޔަކަށް ޝައުޤުވެރިކަން ހުރި ނަމަ އެބަޔަކަށް ދާން، ތިރީގައިވާ ލިންކްތަކުން،  ގުޅޭ ސުރުޚީއަށް އޮބާލާށެވެ. އެއްކޮށް ކިޔަން ކުރިއަށް ދާށެވެ.

އަޅުގަނޑު އެންމެ ފުރަތަމަ ބަރުފީ ދުށީ ސިލޯނުގެ މުދައްރިސުން މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދޭން އުޅުނު ދުވަސްވަރު، އެމީހުންގެ އާއިލާގެ މީހުން އެމީހުންނަށް  ފޮނުވާ ހަދިޔާއެއްގެ ގޮތުގައެވެ. އެއީ ތުތިމަހަށް ވާ ގޮތަށް ކޮށާފައި ހުންނަ ކާށިހުނިން ހަދާ ކާ އެއްޗެކެވެ. އިންޑިއާ ދަރިފަސްކޮޅުގެ މީހުން އެއަށް ކިޔަނީ ބަރުފީ އެވެ. ތިރީގައި އެވަނީ ބަރުފީ ހުންނަ ގޮތުގެ ފޮޓޯއެކެވެ. ހަތަރެސްކަނަށާއި އެހެން ބައްޓަންތަކަށް ބަރުފީ ހަދާފައި ހުރެއެވެ. މިބާވަތުގެ މެޓާ ދިވެހީން ހަދާފައި ހުއްޓަތީއެއް ނުދެކެމެވެ. ނަމަވެސް ”ތުތިމަސް“ ގެ މާނަތަކަށް އަދި ވިސްނާލަމާތޯއެވެ؟

ތުތިމަސް:

  1. ހަތަރެސްކަނަށް ވުރެ ކަންކުތިކޮށް ދިގުކޮށް، އަނެއް ދެކަން ކުރުކޮށް ހުންނައިރު ހުންނަގޮތް.
  2. ހަނޑުލު ފުށުން ނުވަތަ އަލަ ކައްޓަލަ ފަދަ އެއްޗެހީން ހަކުރު އަޅައިގެން ހިލައި ތުތިމަސްކޮށް ހުންނަ ތައްގަނޑަށް އޮބައިފައި ހުންނައެއްޗެހި.

”ތުތިމަސް“ މި ލަފުޒުން އަހުރެމެންނަށް އެނގެނީ ހަނޑުލު ފުށުންނާއި ކައްޓަލަ ބާވަތުގެ ތަކެތިން ހަކުރު އަޅައިގެން ހިލައި ބަރުފީ ބައްޓަމަށް ހުންނަ ކާ އެއްޗެއް ދިވެހީން ހަދާ އުޅޭ ކަމެވެ. ތުތިމަހާ  ބަރުފީ އާ ހުރި މައިގަނޑު ތަފާތަކީ، ތުތިމަސް ހަދަން ހުނި ބޭނުން ނުކުރާ ކަމެވެ. ބަރުފީއަށް ހުނި ތުތިމަސް ކިޔުން ކިހިނެއް ވާނެ ތޯއެވެ؟

އިންޑިޔާގެ މުއްސަނދި މީހުންގެ ކައިވެނި ސައިތަކުގައި ބަރުފީ ހުންނަނީ ޚާލިޞް ނުވަތަ މައް ރަން އެއް ފަރާތުގައި ލާފައެވެ.  މައް ރަނަކީ 24 ކެރެޓުގެ (އެހެން އެއްޗެއް އެއާ އެއްނުކޮށް، ގަނޑުބަޑުކޮށްފައި ނުވާ) ސާފު ރަނެވެ. ރަން ހުންނަނީ ވަރަށް ތުނިކޮށް  ދެ ކަރުދާސްގަނޑު ދޭތެރެއަށްލައި، މަރުތޭލުން ތަޅައި ފަތަށް ހަދާ ފައެވެ. މިގޮތަށް ތަޅައިގެން ތުނިކޮށްފައި ހުންނަ ރަން ފަތަށް ކިޔަނީ ވަރަޤް އެވެ. މި ރަން ފަތްތައް ބަރުފީގެ އެއްފަރާތުގައި ލާފައި ހުރެއެވެ. ތަންކޮޅެއް ތަނަވަސްކަން ކުޑަ މުއްސަނދިން ބަރުފީގެ ބޭރުގައި ޖަހަނީ ރިހިފަތެވެ.

ރަނަކީ އަދި ރިއްސަކީ ހަށިގަނޑުގެ އެއްވެސް އެއްޗަކާ އެކުވާނޭ އެއްޗެއް ނޫންކަމުން، ރަނުގެ ސަބަބުން ރަހައަށް އެއްވެސް މީރުކަމެއް ނާންނާނެއެވެ. ރަންލުމުގެ މައިގަނޑު ބޭނުމަކީ، މުއްސަނދިކަން ހާމަކުރުމެވެ. ނުވަތަ ކަމަށް ދޭ އިސްކަން ހާމަކުރުމެވެ. އިންސާނާއަކީ، ބައެއް އަގުބޮޑު ތަކެއްޗަށް ޖާދުވީ ބާރުތައް ދީ އުޅޭ ބައެކެވެ. އެހެންކަމުން، ކުރީ ޒަމާނުގައި، ގައިގެ ތަންތަނުގައި ރިއްސާތީ، މައް ރަން ހޫނުކޮށް ހަންގަނޑުގައި ދިވެހީން ޖައްސާ ހަދައެވެ. މިހާރު ވެސް ބައެއް ޤައުމުތަކުގައި،އަންހެން ވެރިންގެ މޫނު އޮމާން ކުރަން ރަން ފަތް ޖަހައެވެ. މިކަމުން އެއްވެސް އަސަރެއް ކުރާނޭ ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ރަނާއި ރިހި ފަތް އަގުބޮޑުކަމުން، ގިރިޓީ ކުރި އެލުމިނިއަމް، ރަނުގެ ގޮތުގައި ބޭނުން ކޮށްފާނެތީ، އަދި ރިހީގެ ބަދަލުގައި އެލުމިނިއަމް ބޭނުން ކޮށްފާނެތީ، މިފަދަ ފަތް ޖެހި ބަރުފީ އަޅުގަނޑު ކައެއް ނޫޅެމެވެ. އެއީ، އަތާއި ފައި ތުރުތުުރު އަޅާ، އަދި ހަނދާން ބަލިކުރާ އެލްޒައިމަރ ބަލި ޖެހޭ މީހުުންގެ ސިކުނޑީގައި މާ ގިނައިން އެލުމިނިއަމް ހުންނަ ވާހަކަ ލިޔެފައި ހުންނާތީ އެވެ. ތަނަވަސްކަން ހުންނަ މީހުން ކައްކާ ހަދަނީ ވެސް އެސްއެސް ނުވަތަ ރަތުލޯ ކަންވާރުގައެވެ.

ބަރުފީ ހަދާނޭ ގޮތް


ބަރުފީއަކީ، ބޮނޑި ހަލުވާ ފަދައިން މައިގަނޑު ގޮތެއްގައި ހަކުރާއި ހުނި ހިމެނޭ ހަލުވާ އެކެވެ. ފޮނި މެޓައެކެވެ. ބޮނޑި ހަލުވާ ފަދައިން، ބަރުފީ މީރު ކުރުމަށް ތަފާތު އެހެން ތަކެތި މި ދެބާވަތަށް އެއްކުރެ އެވެ. ދޯބުރާލި ހަކުރާއި ދިވެހި ހަކުރު ނުވަތަ ދިޔާ ހަކުރުގައި ބަރުފީ ހެދިދާނެއެވެ. އަދި ގޭނި ތާޒާ ހުނީގަ އާއި ހިއްކާފައި ހުންނަ ހުނީގައި ވެސް ބަރުފީ ހެދިދާނެއެވެ.

ހިއްކި ހުންޏަށް އިނގިރޭސި ބަހުން ކިޔަނީ ޑެސިކޭޓަޑް ކޮކޮނަޓް އެވެ. ޑެސިކޭޓަޑް ގެ މާނައަކީ، ”ފެން ހުސްކޮށްފައި ނުވަތަ މަދުކޮށްފައިވާ“ އެވެ. ހުނިން ފެން މަދުކުރުމުން، އެ ހުނި ކަރެއް ނުވަތަ ނުބައެއް ނުވާނެއެވެ. އެހެންކަމުން، ގިނަ ދުވަހު ގެންގުޅެން ތަނޫރަށް ނުވަތަ އަވަނަށް ލައި، ހުނި ހިއްކާ ހަދައެވެ. އަދި ފިހާރަތަކުގައި މިގޮތަށް ހިއްކާފައި ހުންނަ ހުނި ޕެކެޓް ވިއްކަން ހުރެއެވެ. ތާޒާ ހުނީގައި ފެން ހުންނާތީ، ގިނައިރު ވުމުން އެ ކަރުވާނެއެވެ.  ތާޒާ ހުނީގައި ބަރުފީ ހަދާނަމަ، ހުނީގައިވާ ފެންތައް އާތްވަށް އަރައިގެން ދަންދެން އުނދުންކައިރީގައި މަޑުކުރަން ޖެހޭނެއެވެ. ނަމަވެސް މިގޮތަށް ހެދުމުން ތާޒާކަމުން، ރަހަ މީރުވާނެ އެވެ.

މަޢުލޫމާތަށްޓަކައި، ޑެސިކޭޓަޑް ހުނި ހަދާގޮތަށް ނަޒަރު ހިންގާލަމާތޯއެވެ؟ އެ ހަދާގޮތަކީ، ކާށި ގާނައި، ދަގަނޑު ތަބަކަކަށް  ތުނިކޮށް އެޅުމަށްފަހު، އަވަނަކަށް ލައިގެން ހޫނުކުރަނީ އެވެ. ސަތޭކަ ވިހި ސެލްސިއަސްގައި، ދިހަވަރަކަށް މިނެއްޓު ވަންދެންނެވެ. ނުވަތަ މުރަނަ ވަންދެންނެވެ. ހުނި ފުއްތައް ލަބާލުމުން ބިދޭވަރު ވަންދެންނެވެ. މިއީ ގިނަ ދުވަހަށް ހުނި ބަހައްޓަން، ކަރުނުވާގޮތް ހަދަން ވަރަށް ފަސޭހަ ގޮތެއް އެހެން ނޫންތޯއެވެ؟

ބަރުފީ އަކީ އިންޑިޔާގެ އުފެއްދުމެކެވެ. ދިވެހިރާއްޖެއާ ގާތުގައިވާ ހިސާބުގައި އުފެއްދި ކާނާއެއް ކަމުގައި ވިއަސް، މިހަދާގޮތް ދަސްކުރުމަށް މި ދާންޖެހެނީ ވަރަށް ދުރަށެވެ. އޮސްޓްރޭލިއާ އަށެވެ. ނަވާރަވަނަ ގަރުނުގައި، އިންޑިޔާގެ ރައްޔިތުންތަކެއް،  ފިޖީގެ ހަކުރު ދަނޑުތަކުގައި މަސައްކަތްކުރުވަން ބާވަތެއްގެ އަޅުންތަކެއްގެ ގޮތުގައި، އިނގިރޭސީން ގެންދިޔަ އެވެ. ފިޖީ އަކީ  އޮސްޓްރޭލިއާގެ ކައިރީގައިވާ ޤައުމެކެވެ.  ފަހުންއެމީހުން ފިޖީގައި ވަޒަން ވެރިވީއެވެ. ފިޖީގެ ނަސްލީ ހަމައެއް ނެތުމުން، އިންޑިޔާގެ ދަރިފަސްކޮޅުގެ މީހުންގެ ތެރެއިން، ފޯރުންތެރިކަން ހުރިމީހުން އޮސްޓްރޭލިއާ އަށް ހިޖުރަ ކުރިއެވެ. ބަރުފީ ހަދާ ގޮތް އަޅުގަނޑަށް ކިޔައިދިނީ، މިހާރު އޮސްޓްރޭލިއާގެ ސިޓީއެއް ކަމުގައިވާ ސިޑްނީގައި ދިރިއުޅޭ، އެތައް ސަތޭކަ ފަހަރު ބަރުފީ ހަދާފައިވާ ފިޖީ މީހެކެވެ.

ބަރުފީ، ތިން ގޮތަކަށް ހެދި ދާނެއެވެ. އެއީ ހިކި ހުނީގައާއި، ތާޒާ ހުނީގައާއި އެވެ. މި ދެބާވަތުގައި ބޭނުން ކުރާނީ ދޯބުރާލި ހަކުރެވެ. ތިންވަނަ ގޮތަކީ ދިޔާ ހަކުރު ބޭނުންކުރުމެވެ.

ތާޒާ ހުނީގައި ބަރުފީ ހަދާގޮތް

  1. 2 ޖޯޑު ތާޒާ ގޭނި ހުނި
  2. ދޮޅުޖޯޑު ހަކުރު
  3. ސައިސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި މުގުރި ކާފޫރުތޮޅި
  4. 1 މޭޒުމަތީ ސަމުސާ މަދު
  5. ބައިޖޯޑުފެން

ކައްކަން ފެށުމުގެ ކުރިން، ބަރުފީ އަޅާނޭ ތަބަކެއްގައި ތެޔޮ ނުވަތަ ގިތެޔޮ އުނގުޅުމަށް ފަހު އެއްކާރީގައި ބަހައްޓާށެވެ.

ދެ ޖޯޑުވަންދެން ހުނި ގާނާށެވެ. ހުދުކުލައިގައި ބަރުފީ ބަހައްޓަން ބޭނުން ނަމަ، އުނޑަލީގައި  ޖެހެންދެން ނުގާނާށެވެ. ދެން ތަވައަކަށް ހުނި އަޅައި އެއަށް އިރުކޮޅަކު ހޫނުކޮށްލާށެވެ. ހޫނު ކުރާނީ އެ ނާނދާ ވަރަށެވެ. ބޭނުމަކީ ހުނީގައި ހުރި ފެން މަދުކޮށްލުމެވެ. ދެން މި ހޫނު ހުނި ތައްޓަކަށް އަޅައި އެއްފަރާތުގައި ބަހައްޓާށެވެ.

ސައިސަމުސަލެއްގެ ތެޔޮ ނުވަތަ ގިތެޔޮ ތަވާ ތެރެއަށް އެޅުމަށް ފަހު، ތަވާއަށް ކަނަމަދު ނުވަތަ ކަޖޫ (މާކަނަމަދު) އަޅައި ތެލުގައި ލާށެވެ. ކުލަބަދަލު ވަންދެންނެވެ. ދެން މި މަދުތައް ތައްޓަކަށް އަޅައި ރާޅުކޮށް ކުދިކުދި ކޮށްލާފައި ބަހައްޓާށެވެ. ދެން ބައިޖޯޑު ފެނަށް ހަކުރު އަޅައި، ތަވާގައި މަޅުކުރާށެވެ. ފަސޭހައިން މަޅުވާނީ އުނދުޅިއަކުން ނުވަތަ ބޮޑު ސަމުސަލަކުން ކުޑަކޮށް ގިރާނަމައެވެ. ހަކުރު މަޅުކުރާނީ ދެ އިނގިލި ދެމެދުގައި ޖައްސާލުމަށްފަހު އިނގިލި ދުރުކޮށްލުމުން ފަލަ ނަރެއް ވަރަށް ދެމެންދެންނެވެ. މި މިންވަރަށް މަޅުވޭތޯ ބެލުމަށް އިރުއިރުކޮޅުން ބަލަމުން ގޮސް، އެވަރު ވީމާ، އަވަހަށް މުގުރި ކާފޫރު ތޮޅި އަޅައި އެއްފަހަރު ގިރާލާށެވެ. އެއަށް ފަހު، ކުރިން ހޫނުކުރި ހުނި އަޅައި ހިލަމުން، ގަށަމުންދާށެވެ. ހުއްޓާނުލައި ގަށަމުން ދާށެވެ. މަޑު ހޫނުގައި މަޅުކުރަމުން ގެންދާށެވެ. ހުނިހަކުރުގައިވާ ފެން ވަޔަށް އަރައިގެން ދިއުމުން މޭޒުމަތީ ސަމުސަލެއްގެ ގި/ތެޔޮ އަޅާށެވެ. އަރިމަތީގައި ތަތްނުލައި، އެކަތިގަނޑެއް ގޮތަށް ވީމާ މަދުތައް  އަޅައި ހަލާށެވެ. ދެން ކުރިން ތެޔޮލީ ތަބަކަށް އަޅައި، މަތި އެއްވަރުކޮށްލާށެވެ. ދިހަވަރަކަށް މިނެއްޓު ވުމުން، ވަޅިއަކުން ތުތިމަހަށް ނުވަތަ އަކަގޮތަށް ޅިޔަ އަޅައި، ހިހޫވަންދެން ބަހައްޓާށެވެ. ނުކޮށައި ގިނައިރު ވެއްޖެނަމަ، ފަހުން ކޮށަން އުނދަގޫ ވާނެއެވެ. ބަރުފީ ބޮޑަށް ހުދުކުރަން ބޭނުން ނަމަ، ކެކެން ފެށުމުން އެއް ސަމުސާ ކިރު އެޅިދާނެއެވެ.

ހިކިހުނީގައި ބަރުފީ ހަދާގޮތް

  1. 1 ޖޯޑު ހިކި ހުނި (ފިހާރަތަކުން ވިއްކާ ޑެސިކޭޓަޑް ހުނި)
  2. 3/4 ޖޯޑު ހަކުރު
  3. 3/4 ޖޯޑު ފެން
  4. އެއް ސައިސަމުސާ ގި/ތެޔޮ
  5. 2 މޭޒުމަތީ ސަމުސާ ހިކި ކިރު
  6. 1 މޭޒުމަތީ ސަމުސާ ތާޒާކޮށް ހަނާކޮށް ރާޅުކޮށް މުުގުރާފައި ހުރި ކަނަމަދު/މާކަނަމަދު/ކަޖޫ

ހަދާނެގޮތް: މަޑު ހޫނެއްގައި ތަވާއަށް ފެނާއި ހަކުރު އަޅައި ގިރަމުން މަޅުކުރާށެވެ. މަޅުކުރާނީ ބަރާބަރު 15 މިނެއްޓު ވަންދެންނެވެ. ދެން ގިނި މަޑުކޮށްލުމަށް ފަހު ހިކިހުނި އަޅައި އެއް މިނެއްޓު ވަންދެން ހިލާށެވެ. އެއް މިނެއްޓު ވުމުން، ހިކި ކިރު އަޅާށެވެ. ދެން ފަސް މިނެއްޓު އިރު މަޅުކުރުމުން، ތަވާގެ އަރިމަތީގައި ހުނިހަކުރު ތަތްނުވެ އެކަތި ގަނޑަކަށް ވާނެއެވެ. އެވީ ކުރިން ތެޔޮލާފައި ހުރި ތަބަކަށް އަޅާށެވެ. ދެން އޭގެ މައްޗަށް މަދުތައް ބުރުއްސާލުމަށްފަހު، މަތި އޮމާންކޮށް، ތެޔޮލީ ވަޅިއަކުން އެދޭ ގޮތަކަށް ބަރުފީގައި ޅިޔަ އަޅާށެވެ. ފިނިވުމުން ބަރުފީ ހަރުވާނެއެވެ.

ދިޔާ ހަކުރުގެ ބަރުފީ

ދިޔާ ހަކުރުގެ ބަރުފީ ޞިއްހީ ގޮތުން މާ ރަނގަޅުވާނެ އެހެން ނޫންތޯ އެވެ؟ ތިރީގައި އެވަނީ ދިޔާ ހަކުރުގެ ބަރުފީހަދާނޭ ގޮތެވެ.

ބޭނުންވާ ތަކެތި: ދެ ޖޯޑު ތާޒާ ހުނި، ދޮޅު ޖޯޑު ދިޔާ ހަކުރު، އެއް ސައިސަމުސާ މުގުރި ކާފޫރުތޮޅި

ހަދާނެގޮތް: ހުނި ހިމުން ނޫންނަމަ، މިކްސަރަކުން ހިމުން ކޮށްލުމަށް ފަހު، ދިޔާ ހަކުރު އަޅައިގެން މަޑު ގިނީގައި މަޅުކުރާށެވެ. ތަވާގެ ނުވަތަ ތެލިބުރީގެ އަރިމަތީގައި ނުހިފާ ވަރުވުމުން، ގާތްގަޑަކަށް 20 މިނެއްޓު ފަހުން، ކާފޫރު ތޮޅި އަޅައި، ހަލާލާފައި، ތެޔޮ އުނގުޅި ތަބަކަކަށް އަޅައި، މަތި އޮމާން ކުރުމަށް ފަހު ކަފާށެވެ. ހިހޫވުމުން ބަރުފީ ހަދާ ނިމުނީއެވެ. ދިޔާ ހަކުރުގެ އޮލަމިނުން ދޮޅުޖޯޑު ދިޔާ ހަކުރު ވެސް ރަނގަޅުވެދާނެއެވެ.

ހުނިހަކުރު ހަދާ ގޮތް


ބަރުފީ ހަދާ ގޮތް، ހުނިހަކުރު ހަދާ ގޮތާ އެއްގޮތް ކަންތައްތަކެއް އެބަހުރި ނޫންތޯއެވެ؟ މައިގަނޑު ތަފާތަކީ، ހުނިހަކުރުގެ ބޭރު ފަށަލަ ހަނޑުލުފުށުން ހަދާކަމެވެ. އަދި ތެލުލައިގެން ނުވަތަ އާވިން ނުވަތަ ފިހެގެން ނުވަތަ ފެނުކައްކައިގެން ރޯ ފިލުވާ ކަމެވެ. ހުނިހަކުރުގައި ފެން ގިނަކަމުން، އަވަހަށް ނުބައިވާނެ އެވެ. ތިރީގައި އެވާ ގޮޅީގައި އެވަނީ މުޙައްމަދު އަމީންގެ ”ކަރުނައާއި ނުލައި ކެއްކުން 2“ މިފޮތުގައި، ހުނިހަކުރު ހަދާ ދެގޮތް ބަޔާންކޮށްފައިވާ ގޮތެވެ.

ހުނި ހަކުރު — ”ކައްކާ“ ފަތަފޮޅި

ބޭނުންވާ ތަކެތި: ހަނޑޫ ލާހި (270 މިލިލީޓަރު)، ޅަގަބުޅި 1، ހަކުރު ގައު 1 (113 ގްރާމް)

ކައްކާނޭގޮތް: އެންމެ ފުރަތަމައިން، ގަބުޅި ހިމުންކޮށް ގާނުއްވާށެވެ. ކެކި ތަތްވާއިރު، ނުހިކި ހުންނަވަރަށް، ހުނިކޮޅުގެ ތެރެޔަށް ހަކުރު އަޅުއްވަވާށެވެ. އާދައިގެ ގަބުޅިއެއްގެ ހުންޏަށް، ހަކުރު ގަލެއް ހެޔޮވަރު ވާނޭކަމުގައި، އަޅުގަނޑަށް ފެނެއެވެ. . . . ހުންޏާއި ހަކުރު ތެލި ބުރިއަކަށް އަޅުއްވަވައިފައި، އުދުން މައްޗަށް އުއްދަވާށެވެ. ކައްކަވަމުން ގެންދަވާ ތަތްވީމާ، ބާލުއްވަވާށެވެ.

ހަނޑޫކޮޅު ފުޑުއްވަވާށެވެ. ހެޔޮވަރު ވާނޭ ކަމަށް ހީފުޅުވާ ވަރަށް . . . ފަތުގައި ތުނިކޮށް ޖައްސަވަމުން، އެތެރެޔަށް، ހުނިހަކުރު އަޅުއްވަމުން، ލަންބަވަމުން، ތުން ބައްދަވަމުން، ގެންދަވާށެވެ.

ހުނިހަކުރު ފަތަފޮޅި، ކައްކާ ކަހަލަ، ޖާލީ ލީ އެއްޗަކަށް ފެން އަޅުއްވަވާފައި، އުނދުން މައްޗަށް އުއްދަވާށެވެ.  އާދެ! ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ފެން އަޅުއްވަވަން ވާނީ ޖާލީ ގައި ނުޖެހޭ ވަރަށެވެ. ޖާލީގެ މަތީގައި ކެއޮފަތް އަޅުއްވަވާށެވެ. ފަތުގެ މަތީގައި ފަތަފޮޅިތައް، އަތުރުއްވަވާށެވެ. މަތީގައި ވެސް ފަތް އަޅުއްވަވާށެވެ. މަތި ޖައްސަވައިގެން މަޑު ގިނީގައި ކައްކަވަމުން ގެންދަވާށެވެ. ރަނގަޅަށް ރޯފިލީމާ ބާލުއްވަވާށެވެ.

ހުނިހަކުރު  — ”ފިހާ“ ފަތަފޮޅި

ބޭނުންވާ ތަކެތި: ހަނޑު ލާހި 1 (270 މިލިލީޓަރު)، ކާށި 2، ގަބުޅި 1، ހަކުރު ގައު 1 (113 ގްރާމް)

ފިހާނެ ގޮތް: ގަބުޅި ހިމުންކޮށް ގާނުއްވާށެވެ. ކެކި ތަތްވާއިރު، ނުހިކި ހުންނަ މިންވަރަށް، ހަކުރު އަޅުއްވާށެވެ. އާދޭހެވެ!  ހެޔޮވަރުގެ ގަބުޅިއެއްގެ ހުންޏަށް، ހަކުރު ގަލެއް ފުދޭނޭކަމަށް ހީވެއެވެ. ތެލިބުރިއަކަށް އަޅުއްވައިގެން، ތަތްވަންދެން ކައްކަވާށެވެ.

ހަނޑޫ ލާހީގެ ތެރެޔަށް، ކާއްޓެއްގެ ހުނި ލައްވަވައިގެން ހިމުންކޮށް ފުޑުއްވަވާށެވެ. އަނެއްކާށި، ހިމުންކޮށް، ގާނުއްވަވާށެވެ. ފުޑުއްވެވި ފުށާއި ހުނި، އެއްކޮށް މޮޑުއްވަވާށެވެ. . . . މޮޑުއްވެވި ފުށް، ހެޔޮވަރުގެ މިންވަރަކަށް، ކެޔޮފަތުގައި، ތަންކޮޅެއް ބޯކޮށް ޖައްސަވަމުން، ހުނިހަކުރު އަޅުއްވަމުން، ލަންބަވަމުން، ތުން ބައްދަވަމުން، ގެންދަވާށެވެ. ދެން. . . . އާދެ! ދެން ތަވާގައި ބަހައްޓަވައިގެން، މަތިން އަންދަވައިގެން ފިއްސަވާށެވެ.

ބައުންޓީ ބާރ ހަދާ ގޮތް

ބައުންޓީ ބާރ އަކީ ފިހާރަތަކުގައި ވިއްކާ، އެތެރެއަށް ހުނިހަކުރު އެޅި ޗޮކްލެޓެކެވެ. މި ހަދާފައިވާ ގޮތަށް ބަލާލުމުން ވިސްނޭނީ، މިއީ މައިގަނޑު ގޮތެއްގައި، ބަރުފީ ކަމެވެ. ބޮނޑި ހަލުވާ ކަމެވެ. ތަފާތަކީ، އެ ހަދާއިރު، އެއަށް ގެރިކިރާއި ވެނީލާ އެސެންސް އަޅާފައި ހުންނަ ކަމެވެ. ދެން ބޭރުގައި ޗޮކްލެޓް ލާކަމެވެ. ބައުންޓީ ބާރ ހަދާ ގޮތް، ތިރީގައިވާ ވީޑިއޯ އިން، ފެންނާނެއެވެ. ހުނިގަނޑު ހަދަން ބޭނުން ކުރަނީ 1 ޖޯޑު ކްރީމް އާއި، ބައިޖޯޑު ހަކުރާއި، ބައިޖޯޑު ބަޓަރާއި، 3 ޖޯޑު ހިކިހުންޏެވެ. ބޭރުގައި ލާފައި ހުންނަ ޗޮކްލެޓަކީ ކައްކާ އިރު ބޭނުން ކުރާ ޗޮކްލެޓެވެ. ވީޑިއޯ ގައި ބޭނުން ކުރަނީ 200 ގްރާމް ގެ ޗޮކްލެޓެކެވެ. ހުޅަނގުގެ މީހުންނަކީ ކައްކާ ވަރަށް ގިނަ އެއްޗިއްސަށް ކިރުގެ ބާވަތްތައް އަޅާ ބައެކެވެ. ދިވެހީންނާ ކިރުގެ ރަހައާ މާބޮޑަށް ގުޅޭނެހެނެއް ހިއެއް ނުވެއެވެ. އެހެންކަމުން، ދިވެހި ދޫތަކަށް ހިތްފަސޭހަވާ ގޮތަށް ބައުންޓީ ބާރ ވައްތަރުގެ ތަކެތި ތައްޔާރު ކުރުމުގެ ފުރުޞަތު ވަރަށްބޮޑެވެ. ދެން ބަޔާން ކުރާނީ މި މަޒުމޫނުގެ މައިގަނޑު ބޭނުމެވެ.

ބޮނޑިހަލުވާ ގިނައިން ވިކޭގޮތް ހެދުން


މި މަޒުމޫނުގެ މުހިއްމު އެއް ބޭނުމަކީ، ބޮނޑިހަލުވާ ގިނައިން ވިކޭގޮތަށް ތައްޔާރު ކުރާނޭ ގޮތް ކިޔާދިނުމެވެ. މިކަމުގެ ވާހަކަ ދެއްކުމުގެ ތެރޭގައި، ފައިދާހުރި ބައެއް ތަކެތި ހަދާނޭ ގޮތް ބަޔާން ކުރެވިއްޖެއެވެ. އަދި  ބޮނޑިހަލުވާއަށް މީހުން އެދޭ މިންވަރު ބޮޑު ކުރުމަށް ކުރަންޖެހޭ ކަންކަން އަމިއްލައަށް ކިޔުންތެރިންނަށް ވިސްނޭނެއެވެ. މިގޮތުން އެއް ކަމެއް ކުރިން ފާހަގަ ކުރެވިއްޖެއެވެ. އެއީ، އެކަކަށް ކެވޭ ވަރަށް، ގާތްގަޑަކަށް 45 ނުވަތަ 50 ގްރާމް ހުންނަ ވަރަށް، ކާން ފަސޭހަގޮތަށް، ރީއްޗަށް ބަންދުކުރެވޭ ގޮތަށް ބޮނޑިހަލުވާ ތައްޔާރު ކުރުމެވެ.

ދެވަނަ ގޮތަކީ، ބޮނޑިހަލުވާގައި ޗޮކްލެޓް ލުމެވެ. މިއީ ހީކުރާ ވަރަށް ވުރެ ޚަރަދު ކުޑަކަމެކެވެ. ބޮނޑިހަލުވާގެ މާރުކެޓް ފުޅާވާނޭ ކަމެކެވެ. ބޮޑެތި އަގުތަކުގައި ވިއްކުމަށް ބޮނޑިހަލުވާގައި، ވަރަޤުވެސް ލެވިދާނެއެވެ. އެއީ މުއްސަނދިން ހަދިޔާއަށް ރައްޓެހިންނަށް ދޭން ގެންދިއުމަށެވެ. ވަރަޤު ލާފައި ހުންނަ ހަލުވާ އިންޑިޔާގައި ވިކެނީ އެ ގަންނާނޭ ބަޔަކު އުޅޭތީ އެވެ. ރަށްފުށުގެ ތަނަވަސްކަމަށް، ގޭގައި ކުރެވޭ މިފަދަ މަސައްކަތެއް ފެށުން ކިހިނެއް ވާނެތޯ އެވެ؟