ދިރިއުޅުން ހޭދަކުރާނޭ ގޮތުގެ ހަމަތައް -2

ފިނިފެންމަލުގެ ބަގީޗާ — އަށްވަނަ ބާބުގެ ދެވަނަ ބައި

މީގެ 760 އަހަރު ކުރިން ލިޔެފައިވާ ފާރިސްކަރައިގެ ސަޢުދީ (ابومحمد مصلح‌الدین بن عبدالله شیرازی‎) ގެ ”ގުލިސްތާނު“ (ފިނިފެންމަލުގެ ބަގީޗާ) ގެ ބޮޑުބައި މިހާރު ވަނީ ތަރުޖަމާ ކުރެވިފައެވެ. ބާކީ އޮތީ ފޮތުގެ 8 ވަނަ ބާބެވެ. އެއީ އެންމެ ފަހު ބާބެވެ. ނަމަކީ ދިރިއުޅުން ވޭތިކުރާނޭ ގޮތުގެ ގަވާއިދެވެ. މި ބާބުގައި ހިމަނާފައިވަނީ، ޅެންބަހުން ދިރިއުޅުމުގެ ހަމަތަކެކެވެ. ނުވަތަ ގަވާއިދުތަކެކެވެ. ތިރީގައި މި ތަަރުޖަމާ ކުރަނީ މިގޮތުން، އެ ބާބުގައިވާ ވާހަކަތަކުގެ ތެރެއިން 7 ވަނަ ވާހަކައިން 25 ވަނަ ވާހަކައާ ހަމައަށެވެ.

މިފޮތުގެ ކުރީގެ ބައިތައް މި ލިންކުން ފެނެއެވެ.

—7—

ނުބައިނުލަފާ މީހުންނަށް ރަޙުމްކުރުމަކީ، ރަނގަޅު މީހުންނަށް އަނިޔާ ދިނުމެވެ. ޒާލިމުންނަށް މަޢާފުދިނުމަކީ، ދަރުވޭސީންނަށް އަނިޔާވެރިވުމެވެ. [ޒާލިމުންނަކީ އަނިޔާވެރި ވެރީންނެވެ.]

ގޮތެއްފޮތެއް ނެތް މީހުންނާ ގާތްވެގެން އުޅޭނަމަ،

ތިބާގެ މުދަލުން އޭނާ ފާފަކޮށް އެކަމުގައި ތިބާ ބައިވެރިކުރާނެއެވެ.

  ނަސޭހަތް 1

އަމީރުންގެ ރައްޓެހިކަމަށާއި ކުޑަކުދީންގެ ހިތްގައިމު އަޑަށް އިތުބާރު ކުރާކަށް ނުވާނެއެވެ. އެއީ ހިތަށް އަރާގޮތަކަށް ކުރީ މީހާ ބަދަލުވެއެވެ. އެއް ރޭގެ ތެރޭގައި ފަހުން ބުނެވުނު ފަރާތް ބަދަލުވެއެވެ.  ތިބާގެ ހިތް، އެއްހާސް ލޯބިވެރިން ގެންގުޅޭ މީހަކަށް ނުދޭށެވެ.ތިބާ އޭނާއަށް ހިތް ދިންނަމަ، އެ ދެވުނީ ވަކިވުމުގެ ހިތެވެ.

ނަސޭހަތް 2
ތިބާގެ ކޮންމެ ސިއްރެއް ރައްޓެއްސަކަށް ނުކިޔާދޭށެވެ.
އޭނާ ކޮންމެވެސް ދުވަހަކުން ތިބާއާ ދެކޮޅުވެރި ނުވާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟
ދަންނަ ހުރިހާ އަނިޔާއެއް ޢަދާވާތްތެރިއަކަށް ނުދޭށެވެ.

ކޮންމެވެސް ދުވަހަކުން އޭނާ ތިބާގެ ރައްޓެއްސަކަށް ވެދާނެއެވެ.

ނަސޭހަތް 3
ތިބާގެ ސިއްރު، އިތުބާރުކުރެވޭ މީހަކަށް ވިއަސް ހާމަނުކުރާށެވެ.
ތިބާއަށް ވުރެ ބޮޑަށް ތިބާގެ ސިއްރު ރައްކާތެރިކުރެވޭނީ ކާކަށް ހެއްޔެވެ؟
.
ބުނަށް ނުވާ އެއްޗެއް އެއްވެސް މީހެއްގެ ގާތުގައި ބުނުމަށް ވުރެ ހަނުހުރުން ހެޔޮވެގެން ވެއެވެ.
އޭ ނުވިސްނޭ މީހާއެވެ.  އާރު ފެށޭތަނުން ބަންދުކުރާށެވެ.
ކޯރެއް ވަރަށް ފެންގަނޑު ދެމެން ފެށުމުން އެ ބަންދެއް ނުކުރެވޭނެއެވެ.

—8 —

ބަލިކަށި ޢަދާވާތްތެރިއެއް، މާ ދެރަވެގެން ރަޙްމަތްތެރިކަން ހާމަކުރާނަމަ، ހުޝިޔާރުވާށެވެ. ކަލެއަށް ވުރެ ބާރުވެރިވުން ނޫން އޭނާގެ އެހެން ބޭނުމެއް ނުވެއެވެ. ބުނެވެއެވެ:.މިތުރުންގެ މިތުރުވެރިކަމަށް އިތުބާނު ނުކުރެވޭއިރު، ހަތުރުން ކުރާ ޚުޝާމިދަށް އިތުބާރު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ނަސޭހަތް 4

ކުޑަ ދުޝްމިނަކަށް އަޅާނުލާ މީހާ، އަލިފާނާ މެދު ފަރުވާކުޑަކުރާ މީހާއާ އެއްފަދައެވެ..އެ ނިއްވާލެވޭހާ ކުޑައިރު، މިއަދު އެ ނިއްވާލާށެވެ.ހުޅު ބޮޑަށް ހިފުމުން، މުޅި ދުނިޔޭގައި ރޯވެއެވެ.ދުޝްމަނެއްގެ ދުނި ދެމިއަ ނުދޭށެވެ. އެއިން ނުކުންނަ ތީރު ފޫއަޅުވާނެއެވެ.

 ނަސޭހަތް 5

ޢަދާވާތްތެރި ދެމީހަކާ ދެމެދު ވާހަކަ ދައްކަންވާނީ އެމީހުން ފަހުން ރައްޓެހިވެ އެކުވެރިވިއަސް، ތިމާ ލަދުގަންނަން ނުޖެހޭ ގޮތަށެވެ.

.
ދެ ފިރިހެނުންގެ ދެމެދުގެ ޒުވާބަކީ އަލިފާން ފަދަ އެއްޗެކެވެ.
ދެބަކުޓުވާ ދަރުވިއްކާ މީހާ،
އެ ދެމީހުން ފަހުގެ ދުވަސްތަކެއްގައި ރައްޓެހިވުމުން،
އެ ދެމެދުގައި ލަނދުގަނެ ހިތާމަކުރާނެއެވެ.
ދެ ފިރިހެނުންގެ ދެމެދު ހުޅުރޯކުރުމަކީ

އެ ހުޅުގައި  ތިމާ ރޯވުން ފަދަ ސޭކު ކަމެކެވެ.

 .

ރައްޓެހީންގެ ގާތުގައި މަޑުމަޑުން ވާހަކަ ދައްކާށެވެ.
ރަޙުމްކުޑަ ހަތުރަކަށް އަޑު އިވިދާނެތީ އެކަމުގެ ބިރަށެވެ.
ފާރެއްގެ ކުރިމަތީގައި ވާހަކަ ދައްކާނަމަ ފަރުވާތެރިވާށެވެ.

އޭގެ އަނެއް ފަރާތުގައި ކަންފަތެއް ވެދާނެއެވެ.

ނަސޭޙަތް 6 

މީހަކަށް އަދާވަތްތެރި ބަޔަކާ ޞުލްޙަވެގެން އުޅޭ މީހުން، ރައްޓެހިމީހާގެ ހިތްދަތިކުރެއެވެ.

.

އޭ ބުއްދިވެރިޔާއެވެ. ތިބާގެ ހަތުރުންނާ އެއް ސުފުރާމަތީގައި ކާ މީހާގެ ފަރާތުން އަތްދޮވެލާށެވެ.

ނަސޭހަތް 7

ތިބާއަށް ޔަޤީންކަމެއް ނުވާ މުޢާމަލާތެއް ކުރާ ނަމަ، ޔަޤީނުންވެސް ތިބާއަށް ނުރައްކަލެއް ނުވާ ބައި އިޚްތިޔާރު ކުރާށެވެ.

.

މަޑުމައިތިރިކޮށް ވާހަކަދައްކާ މީހަކާ ހަރުކަށިކޮށް ވާހަކަ ނުދައްކާށެވެ.

ޞުލްޙައިގެ ދޮރުފަތުގައި ޓަކިޖަހަން އެދޭމީހާއާ ތަޅާފޮޅުމެއް ނުފަށާށެވެ.

ނަސޭހަތް 8

ރަނުން [ފައިސާއިން] ކަމެއް ނިންމެން އޮތްނަމަ، އަނިޔާއެއް ލިބޭ ފަދަ ކަމެއް ކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.

.

  އުކުޅެއް ބޭނުންކޮށްގެން ކޮންމެ އެތިފަހަރަކުން ރައްކާތެރިވާ ނަމަ،

ކަނޑީގެ މުށްގަނޑުގައި ހިފުން ހުއްދަ ވެއްޖެއެވެ.

ނަސޭހަތް 9

އަދާވަތްތެރިއެއްގެ ބަލިކަށިކަމަށް ހިތާމަ ނުކުރާށެވެ. އޭނާއަށް ބާރުލިބުމުން ތިބާ ބާކީއެއް ނުކުރާނެއެވެ.

.

އަދާވަތްތެރިޔާ ބަލިކަށިވެފައިވާތަން ފެނުމުން، ތިމާގެ މަތިމަހާ މެދު ފޮނިނުކަނޑާށެވެ.

ކޮންމެ ކަށިގަނޑެއްގައި މަދުވެއެވެ، ކޮންމެ ލިބާހެއްގައި މީހެއް ވެއެވެ.

—9 —

ޖައްބާރަކު ގަތުލުކުރާ މީހާ، މުސީބާތަކުން އިންސާނުން ރައްކާތެރިކުރެއެވެ. އަދި ކަލާނގެ ކޯފާއިން އެމީހާ ރައްކާތެރިކުރެވެއެވެ.

.

މަޢާފުދިނުމަކީ، މަތިވެރިކަމެއް ކަމުގައި ވިއަސް،
މީސްތަކުންނަށް ގޯނާކުރާ މީހެއްގެ ފާރުތަކުގައި ބޭސް ނޫގުޅާށެވެ.
ހަރުފައަކަށް ރަޙުމްކޮށް މަޢާފުކުރާ މީހާ،

އާދަމުގެދަރިންނަށް އެކުރެވެނީ އަނިޔާއެއް ކަމެއް ނޭނގެއެވެ.

—10 —

އަދާވާތްތެރިއެއްގެ ނަސޭހަތް ގަބޫލުކުރުމަކީ ކުށެކެވެ. އެކަމަކު އެ ނަސޭހަތް އަޑުއެހުން ހުއްދައެވެ. އެއަށްފަހު، އެންމެ ބޮޑަށް ހުއްދަވެގެންވަނީ އެ ނަސޭހަތާ އިދިކޮޅަށް އަމަލުކުރުމެވެ.

.

އަދާވާތްތެރިއެއް ތިބާކައިރީގައި ބުނާ ވާހަކައާ މެދު ފަރުވާތެރިވާށެވެ.
ނޫންނަމަ، ތަދުގެ އަތުން ތިބާގެ ކަކުލުގައި ޖެހިދާނެއެވެ.
ތީރެއްހެން ކަނާތް ފަރާތަށް އޭނާ މަގު ދައްކާނަމަ،

އެ މަގުން ނުހިނގާ ވާތް ފަރާތު މަގުން ހިނގާށެވެ.

.

ނަސޭހަތް 10

ހައްދެއްނުވާ ވަރަށް ރުޅލި ގަދަކުރުމުން އުފެދެނީ ބީރައްޓެހިކަމެވެ. އަދި މާބޮޑަށް އޯގާތެރިވުމުން އަމުރުވެރިކަން ގެއްލެއެވެ. މީހުން ނަފުރަތު ކުރާ މިންވަރަށް ހަރުކަށިނުވާށެވެ. އަދި އެމީހުން ޖެހިލުންކުޑަވާވަރަށް މަޑުމޮޅިނުވާށެވެ.

.

ޑޮކްޓަރަކު ހަންގަނޑު ކަފައި އަދި ބޭސް އަޅާ ފަދައިން، އެންމެ ރަނގަޅީ
ހަރުކަށިކަމާއި މަޑުމޮޅިކަން އެއްވަރުވެގެން ވުމެވެ.
ބުއްދިވެރިން ހަރުކަށިކަމެއް ނިހާޔަތަކަށް ނުގެންދެއެވެ.
އަދި ތިމާގެ އަމުރުވެރިކަން ގެއްލިދާނެތީ މަޑުމައިތިރިކަން ހިފަހައްޓައެވެ.
ބުއްދިވެރިއަކު ޢަޒީޒުވަންތަކަން މައްޗަކަށް ނުގެންދެއެވެ.

އަދި ނަފުރަތުގެ ޙާލަތަކަށް ހުށަހެޅިއެއް ނުގަނެއެވެ.

.

ޒުވާނަކު އޭނާގެ ބައްޕައަށް ބުންޏެވެ: ”ޙިކްމަތްތެރިއާ އެވެ. މުސްކުޅިއެއް ފަދައިން އަހުރެންނަށް ނަސޭހަތުގެ ބަހެއް އިއްވަބަލާށެވެ.“ އޭނާ ބުންޏެވެ: ”އޯގާތެރިވާށެވެ.  ނަމަވެސް ތޫނު ދަތްތަކެއްވާ ޒިއުބެއް މާ ޖެހިލުންކުޑަ ނުވާވަރަށް މީހުންނާ ދޭތެރޭ އޯގާތެރިކަން ވަކި ދަރަޖައެއްގައި ހިފަހައްޓާށެވެ.

—11 —

ކަލާނގެ އަށް ތަބާނުވާ އަމީރެއް،
ގައުމެއްގެ ވެރިއަކަށް ދުވަހަކު ވެސް ނުލައްވާށިއެވެ!
.
ނަސޭހަތް 11

ރަސްކަލެއްގެ ރަހްމަތްތެރިން ރުއްސަން ނޫން މިންވަރަކަށް ރަސްކަލެއްގެ ކޯފާ ގަދަކުރުން ހެޔޮވެގެން ނުވެއެވެ. ކޯފާގެ އަލިފާނުން އެންމެ ފުރަތަމަ އަނދަނީ އޭގެ ވެރިފަރާތެވެ. އެއަށް ފަހު، އޭގެ ހުޅުގަނޑު އަދާވާތްތެރިޔާ އާ ހަމައަށް ފޯރާފާނެއެވެ. ނުވަތަ ނުފޯރާ ވެސް ފާނެއެވެ.

ބިމުގެ ވެލިން އުފެދުނު އާދަމުގެ ދަރީން،
ބޮޑާކަމުގެ ވައިންނާއި ބޭރަޙުމުން އެމީހުންގެ ބޯ ފުއްޕުން އެދެވިގެން ނުވެއެވެ.
ތިޔަހާ ގަދަ ހޫނާއި ގޮތް ދޫނުކުރުން ހާމަކުރާ މީހާ،

އަހުރެންނަށް ހީވާގޮތުގައި އުފެދިފައިވަނީ ވެއްޔަކުން ނޫނެވެ. އަލިފާނުންނެވެ.

.

ބިލްގަން ގެ ދުރު ހިސާބެއްގައި އެކަހެރިކޮށް އުޅޭ އަޅުވެރިއަކާ ބައްދަލުކޮށް، އޭނާގެ އިރުޝާދުން އަހުރެންގެ ގަމާރުކަން ފުހެލަދިނުމަށް އެދުނީމެވެ. އޭނާ ބުންޏެވެ: ”އޭ ގާޒީއެވެ. ބިންގަނޑު ފަދައިން ކެތްތެރި ވާށެވެ. ނޫނީ ތިބާގެ ހުރިހާ ޢިލްމުވެރިކަމެއް ބިންގަނޑުގައި ވަޅުލާށެވެ.“

—12 —

ރުޅިގަދަ މީހަކު ނަމަ ވަނީ އޭނާގެ ހަތުރެއްގެ އަތްދަށުގައި ގައިދުވެގެންނެވެ. ކޮންމެ ތަނަކަށް ދިޔަޔަސް އެ ގައިދުން އޭނާ ސަލާމަތްވެގެން ނުވެއެވެ.

.

ރުޅިގަދަ މީހަކު، ބަދުނަޞީބުން ސަލާމަތްވާން އުޑަށް އެރިއަސް، އޭނާގެ ނުބައި މިޒާޖު، އެ ބަދުނަޞީބުގައި އޭނާ ދަމަހައްޓައެވެ.

ނަސޭހަތް 12

އަދާވާތްތެރިޔާގެ ލަޝްކަރުގައި އެއްބައިވަންތަކަން ނެތްކަމަށް ފާހަގަކުރެވިއްޖެ ނަމަ، ހަމަޖެހޭށެވެ. އެބައި މީހުން އެކަތިގަނޑަކަށް ވެގެން އުޅޭނަމަ، ތިބާއަށް ކުރިމަތިވާނެ ދުއްތުރަލަށް ފާރަވެރިވާށެވެ.

.

އަދާވާތްތެރިންގެ މެދުގައި ހަނގުރާމަ ހިނގާނަމަ،
ރަޙްމަތްތެރިންނާ އެކުގައި ހިތްގައިމުކަމުގައި ވާށެވެ.
އެމީހުން އެކައްޗެއް ކިޔާކަމަށް ފެންނަ ނަމަ،

ދުނިދަމައި، ކިއްލާގެ ބޮޑުފާރުން އުކާނޭ ގައު އެއްކުރާށެވެ.

—13 —

އަދާވާތްތެރިއެއްގެ ހުރިހާ އުކުޅެއް ނާކާމިޔާބުވުމުން، ރަޙްމަތްތެރިކަމުގެ ހިލިހިލާގަނޑު ތަޅުވައި، އަދާވާތްތެރިއަކަށް ނުކުރެވޭނޭ ރަޙްމަތްތެރިކަމުގެ ޢަމަލުތައް އޭނާކުރެއެވެ.

ނަސޭހަތް 13

ހަރުފައެއްގެ ބޮލުގައި، އަދާވާތްތެރިއެއްގެ އަތުން ޖެހުމުން ދެ މަންފާއިން އެއް މަންފާ ކުރާނެއެވެ: އަދާވާތްތެރިއާ ކާމިޔާބު ވެއްޖެނަމަ، ހަރުފަ މަރުވާނެއެވެ. ނޫންނަމަ، އަދާވާތްތެރިއެއްގެ އުނދަގުލުން ތިބާ ސަލާމަތްވާނެއެވެ.

 

އިރުޝާދު:

މީހެއްގެ ހިތް ދެރަކުރާނޭ ޚަބަރެއް ތިބާއަށް އެނގުނަސް، އެހެން މީހަކު އެވާހަކަ އޭނާގެ ކައިރީގައި ބުނަންދެން ހަމަހިމޭނުން ހުންނާށެވެ.

.

ބުލްބުލް ގެންނަނީ ބަހާރު މޫސުމުގެ ޚަބަރެވެ.

ނުބައި ޚަބަރު ބަކަމޫނު ގެނުވިޔަދޭށެވެ.

އިންޒާރު 1

ޤަބޫލުފުޅުކުރައްވާނެ ކަމުގެ ޔަޤީންކަން ނެތް ނަމަ، ރަސްކަލަކަށް އެއްވެސް މީހެއްގެ ބޭވަފާތެރިކަން ކަޝްފު (ހާމަ) ނުކުރާށެވެ. ނޫންނަމަ، ތިމާ ހުށަހެޅެނީ ތިމާގެ އަމިއްލަ ހަލާކަށެވެ.

.

ތިބާގެ ބަސްތަކުން އަސަރެއް ކުރާނެކަމަށް ޤަބޫލު ކުރެވެންޏާ ނޫނީ

ބަހެއް ބުނަން ތައްޔާރު ނުވާށެވެ.

.

ވާހަކަ ދެއްކުންތެރިކަމަކީ އިންސާނާގެ ރޫޙްގެ ފުރިހަމަ ކަމެވެ.

އެކަމަކު ވާހަކަ ދައްކައިގެން ތިމާ ހަލާކުގެތެރެއަށް ވެއްޓިނުގަންނާށެވެ.

—14—

ގޮތްދޫނުކުރާ މީހަކަށް ނަސޭހަތްދޭ މީހަކަށް ނަސޭހަތް ބޭނުން ވެގެން ވެއެވެ.

ނަސޭހަތް 14
އަދާވާތްތެރިއެއްގެ އޮޅުވާލުން ދިރުވާނުލާށެވެ. ތިބާއަށް މަދަހައާއި ސަނާކިޔާ މީހެއްގެ ފަރާތުން ކިބުރުވެރިކަން ނުގަންނާށެވެ. އެކަކު ދަންތޫރަ ޖަހަނީ ތަކެތި ހޯދުމަށެވެ. އަނެކަކު އަނގަހުޅުވަނީ އަމިއްލަ އެދުމުގައެވެ.

—15 —

ގަބުރެއްގެ ދުޅަވެފައިވާ ފުންނާބުން މީހާ ފަލަކަމަށް ހީވާ ފަދައިން، ޚުރުޝާމިދުގެ ބަސްތަކުން މޮޔައިން ހިތްހަމަ ޖެހެއެވެ. [خرشامد – ޚުރުޝާމިދުކުރުމަކީ، ދީލަތިކަމާއެކު މީހަކަށް ސަނާކިޔުމެވެ. މިކަން ގިނަ ފަހަރު ކުރަނީ އިޚްލާޞްތެރިކަމެއް ނެތް ގޮތެއްގައި، އަމިއްލަ މަޞްލަޙަތު ކުރިއެރުވުމަށެވެ.]

.
ތިމާއަށް ސަނާ ކިޔާ މީހުންގެ އަޑުނާހަން ފަރުވާތެރިވާށެވެ.
އަގުހެޔޮ ކަމުން އެމީހުން ތިބާގެ ފަރާތުން ފައިދާ ލިބިގަތުމަށް އުއްމީދުކުރެއެވެ.
އޭނާގެ އުއްމީދުތައް  ތިބާއަށް ފުއްދައިނުދެވޭ ދުވަހު،

ތިބާގެ ދުއިސައްތަ ކުށް އޭނާ ވިޔަކޮށް ކިޔައިދޭނެއެވެ.

—16 —

ވާހަކަ ދެއްކުންތެރިއެއްގެ ކުށްތައް މީހަކު ފާހަގަ ނުކުރާނަމަ، އޭނާގެ ރަނގަޅު ކަންތައްތަކުގެ ވާހަކައެއް ނުއިވޭނެއެވެ.

.

މޮޔައެއްގެ އިސްތިޙްސާނުގެ ބަސްތަކުން ނުވަތަ އަމިއްލަ ޚިޔާލުން

ތިބާގެ ވާހަކަ ދެއްކުމުގެ ފުރިހަމަ ކަމާ މެދު ފަޚުރުވެރި ނުވާށެވެ.

[އިސްތިޙްސާނަކީ މީހެއްގެ ކާމިޔާބަށް ތަޢުރީފުކުރާ ކުރުން ނުވަތަ ރުހޭކަން ހާމަކުރާކުރުމެވެ.]

 

—17 —

ކޮންމެ މީހެއްވެސް އޭނާގެ ވިސްނުމުގެ ފުންކަމަކީ ބަރާބަރު އެއްޗެއް ކަމަށާއި ދަރިންނަކީ ރީތިކަމުން ފުރިހަމަ ބައެއް ކަމަށް ދެކެއެވެ.

.

އެކަމާ އަހުރެން ހިނިއައިސްގެން ފަޅައިގެން ދަންދެން
ޔަހޫދީއަކު މުސްލިމަކާ ޒުވާބެއް ކުރިއަށް ގެންދިއައެވެ.
މުސްލިމު ރުޅިވެރިކަމާ އެކު ބުނެއެވެ: ”މިކުރާ ޢަމަލީ ރަނގަޅު ނޫން ޢަމަލެއް ނަމަ، އަހުރެން ޔަހޫދީއެއްގެ ގޮތުގައި މަރުގަންނަވާށެވެ!“

ޔަހޫދީ ބުނެއެވެ: ”އަހުރެންގެ ވަޢުދަކީ ތެދަކަށް ނުވާނެ ނަމަ، ތައުރާތު ގަންދީ ބުނަމެވެ. އަހުރެން ކަލޭ ފަދައިން މުސްލިމެއްގެ ގޮތުގައި މަރުގަންނަވާށިއެވެ.“

.

ބިމުގެ މަތިން ޙިކްމަތްތެރިކަން އަރުއްވައި ގަތަސް، އެއްވެސް މީހަކު އޭނާގެ ގަމާރުކަމަކަށް އެއްބަހެއް ނުވާނެއެވެ.

—18 —

ދިހަ މީހުންނަށް އެއް ސުފުރާ މަތިން ކެވުނަސް، އެއް މަސްގަނޑާ ހެދި ދެ ކުއްތާ އަރައިރުން ވާނެއެވެ.
.
ދަހި މީހަކު މުޅި ދުނިޔެ ލިބުނު ކަމުގައި ވިއަސް ބަނޑުފައިގެން ވާނެއެވެ. އެކަމަކު ދަހިނޫން މީހާ އެއް ރޮށިން ހިތްހަމަޖެހޭނެ އެވެ.
ޙިކްމަތްތެރިން ބުނެފައި ވެއެވެ:
ފަޤީރުކަމާ އެކު ފުދިގެންވުން މުދައުވެރިކަމާ އެކު ހިތްހަމަ ނުޖެހިވުމަށް ވުރެ ރަނގަޅެވެ.
.
ހިކި ރޮއްޓަކުން ހިމަ ގޮހޮރެއް ފުރާލެވެއެވެ. އެކަމަކު ދުނިޔޭގެ ބިންމަތީގައިވާ މުދަލުން ދަހި ލޮލެއް ނުފުރޭނެއެވެ.
.
އަހުރެންގެ ބައްޕަގެ އަޖަލު ހަމަވުމުން، މި ނަސޭހަތް ދިނުމަށްފަހު ނިޔާވެއްޖެއެވެ:
ޝަހުވަތަކީ (އެދުންގިނަވުމަކީ) އަލިފާނެވެ. އެއިން ދުރުހެލިވާށެވެ.
ތިބާއަށް ތޫނު އެއްޗަކަށް ނަރަކައިގެ ހޫނު ވިޔަ ނުދޭށެވެ.
އެ އަލިފާނަކަށް ތިބާއަކަށް ކެތެއް ނުކުރެވޭނެއެވެ.
ފެނުން މިއަދު އެ އަލިފާންގަނޑު ނިއްވާލާށެވެ.
ނަސޭހަތް 15
ކުޅެދުންތެރިކަން ހުރި އިރު ރަނގަޅު ކަންތައްތައް ނުކުރާމީހާއަށް
ނުކުޅެދުންތެރިކަން ދިމާވުމުން ހިތްދަތިކަން ފެންނާނެއެވެ.
.
މީހުންނަށް ދަތިކުރި މީހާހާ ބަދުނަސީބުވެރި އަކު ނުވެއެވެ.
ބަދުނަސީބު ކުރިމަތިވުމުން އޭނާގެ އެއްވެސް ރައްޓެއްސެއް ނުހުންނާނެއެވެ.

—19—

ދިރިހުރުން ވަނީ އެންމެ ނޭވާއެއް ހިފެހެއްޓުމުގައެވެ. ދުނިޔެއަކީ ދެ ހަލާކެއްގެ ދެމެދުގައިވާ ދިރިއުޅުމެކެވެ. ދުނިޔެއަށްޓަކައި ދީން ވިއްކާ މީހުންނަކީ ހިމާރުތަކެކެވެ. އެމީހުން ޔޫސުފްގެފާނު ވިއްކާލިއެވެ. އެކަމަކު ބަދަލުގައި ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟

أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ

އޭ އާދަމްގެ ދަރީންނޭވެ! ތިމަންސުވާމީންގެ ތިޔަބައި މީހުންނަށް ސައިތާނަށް އަޅުކަން ނުކުރަން ނުއަންގަވަން [ތިޔަބައިމީހުން ލައްވައި އަހުދެއް ނުކުރައްވަވަން] ހެއްޔެވެ؟ (ޤުރްއާން 36:60)

.
އަދާވާތްތެރިއެއްގެ ބަހަށް ތިބާ ރަޙްމަތްތެރިއަކަށް އޮތް އިތުބާރު ނަގާލީ ހެއްޔެވެ؟
ތިބާ ގުޅުން ކަނޑާލީ އަދި ފަހުން ގުޅުނީ ކާކާ ކަމާ މެދު ވިސްނިން ހެއްޔެވެ؟

—20—

ސައިތާނަކަށް އަޅުވެރިންނެއް ފަތަޙައެއް ނުކުރެވެއެވެ. ރަދުންނަކަށް ފަޤީރުންނެއް ފަތަޙައެއް ނުކުރެވެއެވެ.
.
ފަޤީރުކަމުން އަނގަ ހުޅުވިގެން ވިއަސް،
ނަމާދުނުކުރާ މީހަކަށް ދަރަންޏަށް ތަކެތި ނުދޭށެވެ.
ކަލާނގެ އެންގެވުންތަކަށް ފަރުވާލެއް ނެތް މީހާ،
ތިބާއަށް ދަރަނިވެރިވެފައި ވިއަސް ފަރުވާލެއް ނުހުންނާނެއެވެ.

—21—

އަވަހަށް ކުރެވޭ ކަމެއްގައި ގިނަ ދުވަހަށް ދެމިގެންވުމެއް ނުވެއެވެ.

މަޝްރިޤުގައި މުށިން ޖޯޑެއް ހަދަނީ

ސާޅީސް ދުވަހުން ކަމަށް ބުނާތީ އަހުރެން އެހީމެވެ.

ބަޣްދާދުގައި ކޮންމެ ދުވަހަކު ކިސަޑުން ސަތޭކަ ޖޯޑު ހަދައެވެ.

އޭގައި އަގެއް ނެތީ ކީއްވެގެންކަން ތިބާއަށް އެނގޭނެއެވެ.

ބިހުން ނުކުންނަ ކުޑަ ފިޔޮއް ކާނާ ހޯދައެވެ.
އިންސާނާގެ ދަރިން ވިހާއިރު ޢިލްމެއް ޙިއްސެއް ފިކުރެއް ނުވެއެވެ.
އެކަމަކު ބޮޑުވުމުން ފިޔޮކަށް މަތިވެރިކަމެއް ނުލިބެއެވެ.

އިންސާނާ ބޮޑުވުމުން މަތިވެރިކަމާއި ޤަދަރުގައި އެހެން ތަކެތީގެ ކުރީގައި ވެއެވެ.

ބިއްލޫރި ހުރިހާ ތަނެއްގައި ވެއެވެ. އެހެންކަމުން އޭގައި އަގެއް ނެތެވެ.

އެކަމަކު ޔާގޫތު ހޯދުމަށް ދަތިކަމުން، އޭގެ އަގު މަތިވެރިވެގެން ވެއެވެ.

—22—

ކަންކަން ކާމިޔާބުވަނީ ކެތްތެރިކަމުންނެވެ. އަވަސް އަރައިގެން އުޅޭ މީހާ ވެއްޓެއެވެ.

ލަހުން ހިނގާ މީހެއް ބާރަށް ހިނގާ ކުރިއަރައިގެން ދިޔަތަން

ސަހަރާގެ ތެރޭގައި އަހުރެންގެ ލޮލުން ދުށީމެވެ.

ވަޔަށް ވުރެ ބާރަށް ދުވެފައި ދިޔަ އަހެއް މަޑުކުރަން ޖެހި،

ޖަމަލެއްގައި ފަހަތުން އައި މީހާ ކުރިއަރައިގެން ދިޔައެވެ.

—23—

ތަންދޮރު ނުދަންނަ މީހަކަށް އެންމެ ރަނގަޅީ ހަނު ހުރުމެވެ. އަދި އޭނާއަށް އެގޮތަކީ ރަނގަޅު ގޮތްކަން އެނގޭނަމަ، އޭނާ ތަންދޮރު ނުދަންނަ މީހަކަށް ނުވީހެވެ.

މަތިވެރިކަން ތިބާއަށް ރަނގަޅަށް ލިބިފައި ނުވާނަމަ،
އެންމެ ރަނގަޅު ގޮތަކީ އަނގައިގެ އެތެރޭގައި ދޫ ބޭއްވުމެވެ.
ދުލުގެ ސަބަބުން މީހަކަށް މަލާމާތް އައުދެއެވެ.
މަދުނެތް ޖޫޒު (ގޮބު) ލުއިވާނެއެވެ.

[ޖޫޒުކިޔަނީ ވޯލްނަޓް ކިޔާ ގަހެއްގައި އަޅާ މޭވާއަކަށެވެ. މި މޭވާގެ އެތެރޭގައި ކައިއުޅޭ ރޫޖެހިފައި އޮންނަ މަދެއް (އޮށެއް) ވެއެވެ.“

.

ހިމާރަކަށް ކިޔަވައިދިނުމުގައި މޮޔައަކު އޭނާގެ ވަގުތާއި ހަކަތަ ހޭދަކުރަތެވެ.
ބުއްދިވެރިއަކަށް މި މަންޒަރު ފެނި ބުންޏެވެ: އޭ މޮޔައާ އެވެ. ތި ބޭކާރު މަސައްކަތުން މަލާމާތްކުރާ މީހުންގެ އިލްޒާމަށް ބިރުގަންނާށެވެ.

ޖަނަވާރަކަށް ވާހަކަ ދައްކަން ކަލޭގެ ފަރާތަކުން ދަހެއް ނުވާނެއެވެ. ޖަނަވާރުގެ ފަރާތުން ހަނުހުރުމަށް ކަލޭ ދަސްކުރާށެވެ.

.

ޖަވާބުދޭން ޖެހޭ ފަރާތް، ސުވާލުކުރި ފަރާތުގެ ހިޔަންޏެއް ކަމުގައި ނުވާނަމަ،

ގިނަ ފަހަރު ވާހަކަ ދައްކާނީ ނުރަނގަޅަށެވެ.

.

އަންނާށެވެ. ލަފުޒުތައް ބުއްދިވެރިއެއް ހެން އަތުރާށެވެ.

ނޫންނަމަ ޖަނަވާރެއް ހެން، ހަމަހިމޭނުން އިށީދެ އިންނާށެވެ.

 

ނަސޭހަތް 16

އެހެން މީހަކަށް ވުރެ ބޮޑަށް ކަމެއް އެނގޭކަން ސާބިތުކުރަން މީހަކު ވާހަކަ ދައްކަން ފަށާނަމަ، އޭނާއަށް ނޭނގޭކަން މީހުންނަށް އެނގޭނެއެވެ.

ތިބާއަށް ވުރެ މޮޅު މީހަކު ވާހަކަ ދައްކަން ފެށުމުން،

ތިބާއަށް ބޮޑަށް ކަން އެނގުނަސް، އޭނާ ދައްކާ ވާހަކައަށް އިއުތިރާޒު ނުކުރާށެވެ.

—24—

ނުބައި މީހުންނާ އެކުލަވައިގެން އުޅޭ މީހަކަށް ރަނގަޅެއް ނުފެންނާނެއެވެ.

މަލާއިކަތެއް ސައިތާނަކާ އެކުގައި އުޅެން ފެށުމުން،
އޭނާގެ ފަރާތުން ދަސްވާނީ، ބިރާއި ޚިޔާނާތާއި މުނާފިޤުކަމެވެ.
ނުލަފާ މީހުންގެ ފަރާތުން ނުލަފާކަން ނޫނީ ދަހެއް ނުވާނެއެވެ.
ޒިއުބެއްގެ ފަރާތުން ގަމީސް ފަހާކަށް ދަހެއް ނުވާނެއެވެ.

[ޒިއުބަކީ ހިޔަޅު އާއިލާގެ މިނިމަސްކައިއުޅޭ ޖަނަވާރެކެވެ. އިނގިރޭސި ބަހުން ”ވުލްފު“ ކިޔަނީ ވެސް މިއަށެވެ.]

ނަސޭހަތް 17
މީހުން ސިއްރުން ކުރާ ނުބައިކަންތައްތައް ފާޅުނުކުރާށެވެ.

އެކަމުން އެމީހުން ލަދުގަންނާނެއެވެ. އަދި ތިބާގެ އަމިއްލަ އިތުބާރު ގެއްލޭނެއެވެ.

—25—

ޢިލްމު ލިބިމެ އެއިން ޢަމަލުނުކުރާ މީހާ، ފިރިހެން ގެރިއެއް އޮވެމެ، އެ ބޭނުންކޮށްގެން ފަސްގަނޑުޖަހާ ދަނޑުވެރިކަން ނުކުރާ މީހާ ފަދައެވެ.