ތައާރަފު


އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްވެސް ހިތުން ފިލުވާލަން ދަތި މުދައްރިސުންނާ ބައްދަލުވެފައިވާނެ އެވެ. އެކި ސަބަބުތަކާ ހުރެ މި މުދައްރިސުންގެ ހަނދާންތައް އަޅުގަނޑުމެން ހިތުގައި އައުވެ އައުވެ ހުރެއެވެ. މުދައްރިސުންނަކީ، ދަރިވަރުންގެ ޝަޚްޞިއްޔަތު ބައްޓަންކުރުމަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ ބައެކެވެ. ބައެއް މުދައްރިސުން އަޅުގަނޑުމެން ހަނދާން ހުންނަނީ، އެމީހުންގެ އާދަޔާ ޚިލާފު އުޅުމުގެ ސަބަބުންނެވެ. ބައެއް މުދައްރިސުން އަޅުގަނޑުމެން ހަނދާން ކުރަނީ އެމީހުން އަޅުގަނޑުމެންގެ ނަފުސު ހޭލައްވާލައި އެ ނަފުސުގައި އުފެއްދި އިލްހާމްއާއި އިތުބާރުގެ ސަބަބުންނެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑަށް ކިޔަވައިދެއްވި މުދައްރިސުންގެ ތެރެއިން، މިސްޓަރ ލޯރެންސް ގެ ހިތުން ނުފިލި ބައެއް ހަނދާނެވެ.

ކަންދިމާވި ގޮތުން، އަޅުގަނޑުގެ ހެޔޮ ނަސީބުން، މަޖީދިއްޔާގައި ކިޔަވަން އުޅުނު ދުވަސްވަރަކީ، އެތަނުގެ ރަން ދުވަސްވަރެވެ. އެ ދުވަސްވަރަކީ 1970 ގެ އަހަރު ތަކެވެ. އެއީ އެންމެ ރަނގަޅު މުދައްރިސުން މަޖީދިއްޔާގައި ކިޔަވައިދޭން އުޅުނު ދުވަސްވަރެވެ. މީގެ ތެރެއިން ގިނަ މުދައްރިސުންނަކީ ސިލޯނުގެ ރަށްވެހީންނެވެ. މި މުދައްރިސުންނަށް ސަރުކާރުން ދީފައިވަނީ ދީލަތި ޢިނާޔަތްތަކެކެވެ. އާއިލާއެއް ނަމަ، ވަރަށް ހިތްގައިމުކޮށް ހަދާފައިވާ ދޮރުމައްޗާއެކު އޮންނަ ގެއެއް ހަމަޖައްސައި ދެއެވެ. މީގެ އިތުރަށް ކޮއްތުއާއި އެއްޗެތި ދޮވުމާއި ކެއްކުމަށް ޚާދިމެއް ވެސް ހޯދައިދެއެވެ. އެ ދުވަސްވަރު، މާލޭގެ އެންމެ ހިތްގައިމު ގެތަކަކީ، ބިދޭސީ މުދައްރިސުން ތިބުމަށް ހަދާފައިވާ ގެތަކެވެ. ކިޔަވައިދިނުމުގެ ޚަރަދު ބޮޑުކަމުން، މަޖީދިއްޔާ (އަދި އަމީނިއްޔާ ވެސް) ވެފައިވަނީ ޚާއްޞަ މަދަރުސާތަކަށެވެ. ޖައްސަ ޖައްސައިގެން ދެއަހަރު ފާސްނުވެއްޖެ ނަމަ، ސްކޫލުން ދަރިވަރު ވަކިކުރެއެވެ. ބައެއް އަޚްލާޤީ މައްސަލަތަކުގައި ވެސް ދަރިވަރުން ފުރަތަމަ އިންޒާރާއެކު ވަކިކުރެއެވެ. މަޖީދިއްޔާ ކުދީން ރަށުތެރޭގައި އުޅޭގޮތް ބަލާ ބަޔަކު ވެސް އުޅެއެވެ. އާދެ! އެފްރިކާގެ ހަރުބަހެއްގައި ބުނާ ފަދައިން، ކުއްޖަކު ތަރުބިއްޔަތު ކުރަން ގަމެއް (ރަށެއްގައި އުޅޭ އެންމެން) ބޭނުންވެއެވެ. މާނައަކީ، ކުޑަކުދީންނަށް ރަނގަޅު ތަރުބިއްޔަތެއް ލިބެނީ އެކުދީންނާ ދިމާވާ ރަށުގެ ކޮންމެ މީހެއް ފައްސިކޮށް އެކުދީންނާ މުޢަމާލާތްކޮށް އަޅާލައި، ރައްކާތެރިކަމާއި ބެލެހެއްޓުންތެރިކަން ދީގެންނެވެ.

މިސްޓަރ ލޯރެންސް އަކީ، މަޖީދިއްޔާގައި އޭރު އުޅުނު ބައެއް މަދު މުދައްރިސުން ފަދައިން ބާގަރ މީހެކެވެ. ބާގަރ މީހުންނަކީ، ސިލޯނަށް ވެރިވި އިނގިރޭސީންނާއި ޑަޗް މީހުންނާއި ޕޯޗުގީޒުން އެ ޤައުމުގެ އަހުލުވެރީންނާ ކައިވެނިކޮށްގެން ލިބިފައިވާ ކުދީންނެވެ. މި މީހުންގެ ގައިގެ ކުލަ އަލިވެފައި، ކިޔާނަންނަން ޔޫރަޕުގެ މީހުންނަށް ކިޔާ ނަންތަކާ އެއްގޮތް ކަމެއް ހުރެއެވެ.  މިސްޓަރ ލޯރެންސް އެންމެ ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދިނީ އީކޮނޮމިކްސް އެވެ. ނަމަވެސް، އޭނާ އެހެން މާއްދާތައް ކިޔަވައިދެއެވެ. އަދި އެހެން ޙަރަކާތްތަކުގައި ބައިވެރިވެއެވެ.

ގްރޭޑް 2 އޭ ގެ ކިލާސްރޫމް ކުރިމަތީގައި މިސްޓަރ ލޯރަންސް އާއި އޭނާގެ ދަރިވަރުން. 1960 ގެ ކުރީކޮޅުގައި.

ޖިމްނާސްޓިކްސް ސްކްވޮޑްގެ ކުދިން ކޮޅަކާއެކު މިސްޓަރ ލޯރެންސް.

މަތީގައިވާ ދެ ފޮޓޯ ސްކޭން ކޮށްފައިވަނީ ކަރުދާސް ފޮޓޯއަކުން މަތީ ރިޒޮލުޝަންއެއްގައެވެ.  ފޮޓޯއަށް ފިތާލުމުން އެ ބޮޑުވާނެއެވެ.

އީކޮނޮމިކްސް ކިޔަވައި ދިނުން


އަޅުގަނޑުމެން މަޖީދިއްޔާގައި އުޅުނު ދުވަސްވަރު ހުރިހާ ކުދީންވެސް ހުރިހާ މާއްދާއެއް ކިޔަވައެވެ. ސައިންސާއި އާއި އާޓްސްގެ މާއްދާތައް ހުރިހާ ކުދީންނަށް މަޖުބޫރުވާނެއެވެ. އެއިރު ނުވަ އޯލެވެލް މާއްދާގައި ބައިވެރިވުމަކީ ޢާއްމުކަމެކެވެ. މަޖީދިއްޔާގެ ޚާއްޞަ ކަމުގެ މަޤާމު ގެއްލި، ނުކިޔަވާ ކުދީން ވެސް ސްކޫލްގައި ގެންގުޅެން ޖެހުމުން، ކިޔަވަންޖެހޭ މާއްދާތައް މަދުކުރީ 1980 ގެ އަހަރުތަކުގައެވެ. ނަމަވެސް މިހާރުވެސް އިނގިރޭސިވިލާތުގެ އެންމެ ގިނަ ކުދިން 11 މާއްދާގައި ބައިވެރިވެއެވެ. ރާއްޖޭގެ ތަޢުލީމުގެ ފެންވަރު ވޭތިވެދިޔަ 40 އަހަރުގެ ތެރޭގައި ޢިލްމީގޮތުން ކުރިއަކަށް ނުދެއެވެ. ނަމަވެސް ވަރަށް ބޮޑަށް ފުޅާކޮށް ފެތުރިއްޖެއެވެ.

މިސްޓަރ ލޯރެންސްގެ އެންމެ އާދަޔާ ޚިލާފުކަމަކީ އޭނާގެ ޝަޚްޞިއްޔަތެވެ. އޭނާއަކީ ގަޑިއަށް ވަރަށް ފަރުވާ ބަހައްޓާ މީހެކެވެ. ކިލާހަށް އައުމުގައި އެއްވެސް ގޮތަކަށް ލަހެއް ނުވާނެއެވެ. އަދި، ކިޔަވައިދޭ ގަޑިއަށް މާކުރިން ބައެއް ފަހަރު އައިސް، ކިލާހުގައި ހުރި މުދައްރިސް ނުކުންނަށްދެން ބޭރުގައި މަޑުކުރާނެއެވެ. ކިޔަވައިދިނުމުގައި އޭނާއަކީ ލާ މަސީލު މީހެކެވެ. ދަރިވަރުންނާ އެއްވެސް ގޮތަކަށް ސަމާސާ ވާހަކައެއް ނުދައްކާނެއެވެ. ކިޔަވައިދޭ މާއްދާއާ ނުގުޅޭ ވާހަކައެއް ނުދައްކާނެއެވެ. މިހެން ކަމުން، އޭނާ ބުނާ ކޮންމެ ބަހަކީ ދަރިވަރުން ކަނުލައި އަޑުއަހައި އަދި ހަނދާންކުރަން ޖެހޭ ބަހެކެވެ. މިހާރެކޭ އެއްފަދައިން އެ ދުވަސްވަރު ވެސް، އީކޮނޮމިކްސް ކިޔަވާނެ ޓެކްސްޓް ފޮތް ދަރިވަރުންނަށް ސްކޫލްއިން ދެެއެވެ. ނަމަވެސް، ހުރިހާ މުދައްރިސުންހެން، ބޯޑުގައި ލިޔެގެން ނުވަތަ ފޮތެއް ބަލައިގެން ނޯޓުތައް ކިޔައިދީ، ކުދީން ލައްވައި އެނަކަލުކުރުވައި ހަދައެވެ. މިސްޓަރ ލޯރެންސްގެ އާދަޔާ ޚިލާފު ސިފައަކީ އީކޮނޮމިކްސްގެ ނޯޓުތައް އޭނާ ހިތުން ކިޔާކަމެވެ. ދެން ދަރިވަރުން އެ އަޑުއަހައިގެން ޑިކްޓޭޝަން ލިޔާގޮތަށް ލިޔެއެވެ. މިސްޓަރ ލޯރެންސް ފާހަގަކޮށްެލެވޭ އެއް ކަމަކީ، އޭނާ ހިތުން އެ ނޯޓުތައް ކިޔާކަމާއި ޖެހިގެން ހުރި ކިލާހުގެ ކުދީންނަށް ހަމަ އެ ނޯޓުތައް ކިޔާއިރު،  ދެ ކިލާހުގައި ކިޔާ ނޯޓުތައް މުޅީން އެއްގޮތް ކަމެވެ. ގަޑި ނިމެން ކައިރިވާން ތީރިހަކަށް ސިކުންތު ވުމުން އޭނާ Now you can rest till the bell rings {ރަނގަބީލު ޖަހަންދެން ކަލޭމެނަށް ދެން އަރާމުކުރެވިދާނެއޭ} ބުނާނެއެވެ. އެހެން ބުނާތާ މާގިނައިރެއް ނުވަނީސް ރަނގަބީލު ޖަހާނެއެވެ. މިކަންކަމުން، އޭނާގެ ފަރާތުން އަޅުގަނޑުމެންނަށް ދަސްވި އެއްކަމަކީ ގަޑިއަށް ކަންކަން ފެށުމާއި ނިންމުމުގެ މުހިއްމު ކަމެވެ.  އެކަން އަޅުގަނޑުމެންގެ ޠަބީޢަތުގައި ހަރުލީ އޭނާގެ އުޅުމުންނެވެ. ތަރުބިއްޔަތަކީ ވައުޒަށް ވުރެ ނަމޫނާއިން އަށަގަންނަވަން ފަސޭހަ އެއްޗެކެވެ.

{ކިޔަވައިދޭ އުކުޅެއްގެ ގޮތުގައި ނޯޓުތައް ކޮޕީކުރުވުން ނުވަތަ އަޑުއަހައިގެން ލިޔުމަކީ ކިހާ މަންފާ ހުރި ކަމެއްތޯ އެއީ ސުވާލު އުފެއްދޭނޭ ކަމެކެވެ. ކިޔަވައިދިނުމުގެ ތެރޭގައި SQ3R ފަދަ ނޯޓުތައް ހަނދާން ކުރާނޭ ގޮތްތައް އޭނާ ކިޔަވައިދެއެވެ. ކޮންމެއަކަސް، މިހާރުވެސް އަޅުގަނޑަށް ފައިސާގެ ސިފަތަކާއި ޑިމާންޑް އާއި ސަޕްލައި އާއި ބޭންކުން ކުރާ ކަންތައްތައް ފަދަ އޯ ލެވެލް ފެންވަރުގެ އީކޮނޮމިކްސް ގެ މައުޟޫޢުތައް ހިތުން އެނގެއެވެ.  މި ޒަމާނުގައި ކަންކުރާ ގޮތަށް ނޯޓުތައް ކުދިން ނުލިޔާނަމަ، ކިޔަވައިދިން މައުޟޫޢު އެއްވެސް ގޮތަކަށް ނުކިޔާ ވަރަށް ގިނަ ކުދީން މަދަރުސާތަކުގައި އުޅޭނެެއެވެ. މިސްޓަރ ލޯރެންސް ބަލާ ސޮއިކޮށްފައި ހުރި އަޅުގަނޑުގެ ނޯޓުފޮތްތަކުގެ ތެރޭގައި އިނގިރޭސި ކިޔަވައިދިން ފޮތްތައް ވެސް ހިމެނެއެވެ. އޭނާ އެއް ދުވަސްވަރެއްގައި، އަޅުގަނޑު ހަނދާވާގޮތުން ގްރޭޑް 6 ނުވަތަ 7 ގައި، އިނގިރޭސި ބަސް ވެސް ކިޔަވައި ދިނެވެ.}

އަޅުގަނޑުގެ ރައްޓެހި އިބްރާހީމް ޢަފީފް ވިދާޅުވިގޮތުގައި މިސްޓަރ ލޯރަންސް އެއް ދުވަސްވަރެއްގައި ގްރޭޑް 6 އަދި 7 އަށް ޖޯގްރަފީވެސް ކިޔަވައި ދިނެވެ. ޢަފީފް އަށް މިސްޓަރ ލޯރެންސް ގެ މުޢާމަލާތެއް ތަޖުރިބާ ކުރެވުނުގޮތް އޭނާ ކިޔާދިނެވެ. ތިރީގައި މިއޮތީ ޢަފީފް ކިޔައިދިން ގޮތަށް އެވާހަަކަ ލިޔެފައެވެ.

One day two of our classmates hung a bicycle on a branch of a “jeymu gas” [inside the school] and was caught red-handed by him. He connected the incident as a disobedience to the State! He said, “You have violated a school rule. When you break a school rule, you have violated a rule of the Ministry of Education. When you violate a rule of the Ministry, you have disobeyed the President of the Maldives. And when you disobey the President, you have violated the law and order of the State of the Maldives.”

މި މުޢާމަލާތުން މިސްޓަރ ލޯރަންސް ގެ މިޒާޖާ މެދު ތިބާއަށް ފެންނަނީ ކިިހިނަކުންތޯއެވެ؟

އޭނާ ކިޔަވައިދިން ދުވަސްވަރު، އެތައް ބައެއްގެ އެންެމެ މަޤްބޫލް މާއްދާއަށް އީކޮނޮމިކްސް ވިއެވެ. އަދި، އެހެން އެއްވެސް މާއްދާއަކުން ފާސް ނުވާ ކުދީން އީކޮނޮމިކްސް އިން ފާސްވެފައި ވެއެވެ.

މިސްޓަރ ލޯރެންސް އަކީ ވަރަށް ފިސާރި މީހެކެވެ. ހައިބަތު ބޮޑު މީހެކެވެ. މަދަރުސާގެ ގަވާއިދުތަކަށް ޢަމަލުކުރުމުގައި، އަދި ޒިންމާނެގުމުގައި އޭނާއަކީ ލާމަސީލު މީހެކެވެ. އަޅުގަނޑު ހިތުންފިލުވާލަން ދަތި އެއްކަމަކީ، އޭނާގެ އެއްފަޔަށް ކޮންމެވެސް ގެއްލުމެއް ލިބި ބެންޑޭޖުކޮށްގެން، ކިހިލިދަނޑިގަޑެއްްގައި {ނުހިނގޭ މީހުން ގެންގުޅޭ ކަހަލަ ކިހިލިފަތްދަށަށް ލައިގެން ހިނގާ ކްރަޗް ހިފައިގެން} ކިޔަވައިދޭން އައި ދުވަސްވަރެކެވެ. އޭނާ އަންނަ އިރު ރަނގަޅުފައި ލާފައި ހުންނާނީ ބޫޓަކަށެވެ. ބެންޑޭޖް ކުރި ފައިން ހުންނާނީ ފެންފައިވާނަކަށް އަރައެވެ. މި ޒަމާނުގައި މުދައްރިސުން ވަރަށް އާދައިގެ ބަލީގައި ކިޔަވައިދިނުމުން ސަލާން ބުނެއެވެ. މިކަންކަމާ ހެދި، އަޅުގަނޑު ކިޔަވައިދޭން އުޅުނު ދުވަސްވަރު، ކޮންމެ ފަދަ ޙާލަތެއްގައި ވެސް މަދަރުސާއަށް ސަލާންނުބުނެ ވޭތޯ ބަލަމެވެ. އަދި ނުވެސް ބުނަމެވެ. ދަރިވަރުންނަށް ކަންކަން ދަސްވަނީ މުދައްރިސުންގެ އުޅުމުންނެވެ. ތަރުބިއްޔަތު ކުރުމުގައި ވައުޒަށް ވުރެ ނަމޫނާ މާ ބާރުގަދައެވެ.

ޖިމްނާސްޓިކްސް ފެށުން


މަޖީދިއްޔާގެ ރަން ދުވަސްވަރު، މަދަރުސާ ހިނގަނީ އެއް ސެޝަން އަށެވެ. މެންދުރު ފަސް ޚާއްޞަކުރެވިފައިވަނީ ކިޔެވުމުގެ ކުރު މުއްދަތުގެ ކިލާސްތައް ބޭއްވުމަށާއި އެކި އެކި ޙަރަކާތްތަކަށެވެ. މި ޙަރަކާތްތައް ހަފުތާ ބަންދުގައި ވެސް ކުރިއަށް ދެއެވެ. މިސްޓަރ ލޯރެންސްގެ އެންެމެ ކުލަގަދަ ޚިދުމަތެއްކަމުގައިވާނީ، އޭނާ ޖިމްނާސްޓިކްސް ފަށައި އެ ތަރައްޤީ ކުރި ކުރުމެވެ. މަދަރުސާއިން ފާހަގަކުރާ ޤައުމީ އެކި ދުވަސްދުވަހު ޖިމްނާސްޓިކްސް ސްކްވޮޑް (ޖަމާޢަތު) އިން ދައްކާ ކުޅަދާނަކަމަކީ ބަލާމީހުން ވަރަށް ފޫހިފިލާ ކަސްރަތު ކުޅިވަރެކެވެ. އަޅުގަނޑަށް ލަފާކުރެވޭގޮތުން، ކުދިން އޭގެ ވަށައިގެން އެނބުރި ކުޅިވަރުދައްކާ ހޮރިޒޮންޓަލް ބާރ (ރަހަ ދަނޑި) އާއި ފާޓު ހަމަ ރަހަ ދެ ދަނޑި (ޕެރެލަލް ބާރ) އާއި ލަކުޑި އަހާއި ބޭނުންކުރާ ގޮދަނޑިތައް ސިލޯނުން ގެނައީ ވެސް މިސްޓަރ ލޯރެންސް ޖިމްނާސްޓިކްސް ޙަރަކާތްތައް ފެށުމަށެވެ. ޖިމްނާސްޓިކްސް އަކީ  ވަރަށް ބޮޑު ހަރުދަނާކަމެއް ކުދީންނާއި މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ކަސްރަތެކެވެ. ކުއްޖަކު ކުރާކަމަކުން ވަރަށް ބޮޑު އަނިޔާއެއް ލިބުން އޮންނާނީ ވަރަށް ގާތުގައެވެ. އެހެންކަމުން،  މިސާލަކަށް އުހުގައި އޮންނަ ރަހަ ދަނޑިއެއްގައި ހިފައިގެން ދަރިވަރުން އެނބުރޭ އިރު މިސްޓަރ ލޯރެންސް ހުންްނާނީ ދަނޑިއާ ވަރަށް ގާތުގައެވެ. ވަރަށް ހުޝިޔާރު ވެއެވެ. ގްރޭޑް 10 ގައި އަޅުގަނޑު އުޅުނު އިރު، ޖިމްނާސްޓިކްސް ސްކްވޮޑްގައި އަޅުގަނޑުވެސް އުޅުނީމެވެ. އަޅުގަނޑުގެ ކޮޑަށް އަރައިގެން އަޙްރާމްތައް ހެދި ދަރިވަރެއް މިހާރުވެސް ދުނިޔޭގައި އުޅޭނެއެވެ. މިސްޓަރ ލޯރެންސް މަދަރުސާއިން ވަކިވުމުން މިކަން އުވިއްޖެއެވެ. މި ކުޅިވަރަށް ޢާއްމުންގެ މަޤްބޫލްކަށް އޮންނަވަރުން 1990 ގެ ކުރީކޮޅު ޖިމްނާސްޓިކްސް ދިރުވޭތޯ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މީހަކު ގެނެސްގެން މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. 1960 ގެ އަހަރުތަކުގައި، ގެނައި ޖިމްނާސްޓިކްސް އާ ބެހޭ ލަކުޑިއަހާއި ޕެރެލަލް ބާރ ފަދަ ތަކެތި، ރިނބުދޫ މީހަކު މަޖީދިއްޔާގެ ސީނިއަރ އެސިސްޓަންޓް ޕްރިންސިޕަލަކަށް އުޅުނު ދުވަސްވަރު ނީލަމަށްލައި ނުވިކުނު ތަކެތި ގޮނޑަށް އަޅައި ނެތި ހިނގައްޖެއެވެ. މިސްޓަރ ލޯރެންސްގެ ކައިރިން އަޅުގަނޑަށް ދަސްވިކަމަކީ، މިފަދަ ކުޅިވަރުތަކުގައި ޠާޢަތާއި ކިޔަމަންތެރިކަމުގެ މުހިއްމުކަމެވެ. ވަގުތަށް ބަހައްޓަންޖެހޭ ފަރުވާތެރިކަމެވެ. ނުބުނާކަމެއް ކޮށްފިނަމަ ލިބިދާނޭ ގެއްލުމެވެ.

މިސްޓަރ ލޯރެންސް ވެރިއަކަށްވެ ހުރެ ހިންގި ޖިމްނާސްޓިކްސް ސްކްވޮޑް ގެ ބާވަތަށް މި ޒަމާނުގައި ކިޔާނީ ޑިސްޕްލޭ ޖިމްނާސްޓިކްސް އެވެ. މިއީ އެތައް ކުދީންނެއް ވެގެން މުނިފޫހިފިލުމުގެ ހަރަކާތެއްގެ ގޮތުގައި ދައްކައިދޭ ކުޅިވަރެކެވެ. މިސްޓަރ ލޯރެންސްއަށް ލިބިފައިވާ ތަޢުލީމެއްގެ ސަބަބުން، އޭނާއަކީ އެކި ކަންކަން ރާވައި ހިންގުމާއި މީހުން ޝައުޤު ހުންނަގޮތަށް ކަންކަން ކުރުމުގެ ހުނަރު ހުންނަ މީހެކެވެ. އޭނާގެ އާދަޔާ ޚިލާފު އަނެއް ހުނަރަކީ، ތަމްސީލު އުފެއްދުމެވެ. މަޖީދިއްޔާގައި ކުޅުނު އެންމެ މަޝްހޫރު ދެ ތަމްސީލު، ޝޭކްސްޕިއަރ ގެ ޖޫލިއަސް ސީޒަރ އާއި ހެމްލެޓްގެ ޕްރޮޑިއުސަރަކީ ވެސް މިސްޓަރ ލޯރަންސް ކަމަށް އަޅުގަނޑުގެ ކައިރީގައި މަޖީދިއްޔާގެ ތާރީޚް ދިރާސާ ކުރައްވާ އިބްރާހީމް ޢަފީފް ވިދާޅުވިއެވެ. މި ދެ ތަމްސީލުފަދަ ތަމްސީލެއް އަދިއަދާ ޖެހެންދެން ވެސް ރާއްޖެއަކު ނުބޭއްވެ އެވެ. ތަމްސީލުގެ ޕްރޮޕްތައް ކުރެހުމަށް އާޓް މުދައްރިސް ދެތިން މަސް ހޭދަކުރިއެވެ.

ޒަމާނީ މިޔުޒިކް ފެށުން


1960 ގެ އަހަރުތަކަކީ ދެވަނަ ބޮޑު ހަނގުރާމަ ނިމި، ދުނިޔެއަށް ވަރަށް ބޮޑު އިޖްތިމާޢީ ބަދަލުތަކެއް އައި ދުވަސްވަރެކެވެ. މިގޮތުން އެންެމެ ފާހަގަކޮށްލެވޭ ކަމަކީ ޕޮޕް މިޔުޒިކް ޢާއްމުވެގެން ދިއުމެވެ. މަޖީދިއްޔާގައި ޕޮޕް މިޔުޒިކް ބޭންޑެއް ފެށީވެސް މިސްޓަރ ލޯރެންސް ގެ އެހީތެރިކަމާ އެކުގައެވެ. ޕޮޕް އަކީ ޕޮޕިއުލަރ (މަޤްބޫލް) ކުރުކޮށް ކިޔާ ގޮތެވެ.   މި ބާވަތުގެ މިޔުޒިކް ކުޅޭނީ ޑްރަމް ސެޓާއި ގިޓާ ބޭނުންކޮށްގެންނެވެ. މިސްޓަރ ސެމިޑޮން ކިޔާ ސްރީ ލަންކާގެ ބޭންޑް މާސްޓަރ އެއްގެ ބެލުމުގެ ދަށުން މަޖީދިއްޔާގައި އެންމެ ފުރަތަމަ ފެށީ ފައިފް އެންޑް ޑްރަމް ބޭންޑް އެކެވެ. އެއަށް ފަހު ދެން އޮތީ މިހާރު ވެސް މި އޮންނަ ބްރާސް ބޭންްޑް އެވެ. މިއީ އިބްރާހީމް ޢަފީފް މި ތާރީޚް ކިޔައިދެއްވާ ގޮތެވެ.

ޕޮޕް މިޔުޒިކް ބޭންޑް ފެށެން ދިމާވި ގޮތް، އެބޭންޑްގެ އެއް ތަރި ”އެކްސްރޭ ޢާޠިފް“ ވަރަށް ތަފްޞީލުކޮށް ލިޔުއްވާފައި ވެއެވެ. އެ ލިޔުއްވުން މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. އެ ލިޔުން ޚުލާޞާކޮށްލާނަމަ، ވީގޮތަކީ  މަޖީދިއްޔާގެ ދެ ކުއްޖަކު މިޔުޒިކަށް ޝައުޤުވެރިވެ ގޭގައި ފޮށިގިޓައަކުން ކޮންމެވެސް ވަރަކަށް ގިޓާ ކުޅެން ދަސްކޮށް، މިސްޓަރ ލޯރެންސްގެ ގެއަށް ގޮސް އޭނާ ގެންގުޅޭ އިލެކްޓްރިކް ގިޓައެއް ބޭނުންކޮށްގެން ގިޓާ ކުޅެން ބޮޑަށް ދަސްކުރީއެވެ. މި ދެކުދީންނާއި އެހެން ދެ ކުއްޖަކު ވެގެން ޕޮޕް މިޔުޒިކް ބޭންޑް އެއް އުފެއްދީއެވެ. ބޭންޑްގެ ނަމަކަށް ކީ ”ދަ ޝޫޓިން ސްޓާޒް“ އެވެ. އިސް މީހަކަށް ހުރީ، ފަހުން މަޝްހޫރުވި ގިޓާ ކުޅުން ތެރިޔާ ނައިބުގޭ މުހައްމަދު ޝިހާމްއެވެ.  މި ގްރޫޕްގެ ދެތިން ދެއްކުމެއް ބޭއްވިތަނާ އޯޑިއޯންގައި ބޭއްވުނު ޚާއްޞަ ޝޯއެއް އޭރުގެ ކެބިނެޓް ބައްލަވައި، ސަރުކާރުގެ ފަރާތުން ބޭންޑްއަކަށް ބޭނުންވާ ބައެއް ސާމާނު ގެނެސް މަޖީދިއްޔާއާ ޙަވާލުކުރީއެވެ.

މި ސާމާނުތައް ބޭނުންކޮށްގެން މަޖީދިއްޔާގައި  މި ބާވަތުގެ މިޔުޒިކް ކުޅެން ދަސްކޮށްދިނީ މިސްޓަރ ލޯރަންސް އެވެ. ވަޑިގޭ އިސްމާޢީލް ޢަބްދުﷲ  ބުނިގޮތުގައި، އެކި އާލަތް ކުޅޭނެ ގޮތް ދަސްކޮށްދިނީ މިސްޓަރ ލޯރެންސް އިސްވެ ހުރެއެވެ.  އިސްމާޢީލް ދަސްކުރީ ބެރުސެޓު ޖަހަންށެވެ. ދެން މި ޖަމާޢަތުގައި ހިމެނުނީ ބެންހާގޭ ޙަބީބްއާއި، މަނާގޭ އަބްދުﷲ ފާއިޒާއި، ލަކްސްލިން މަހްދީ ފަދަކުދިންކޮޅެކެވެ. މިބޭންޑްގެ ނަމަކަށް ކީ ‘ދަ ކޮރަލްސް” އެވެ. މަޖީދިއްޔާގައި މި ބޭންޑްގެ އެކި ދައްކާލުންތައް ދޭތެރެދޭތެރެއިން ބާއްވައެވެ. ރާއްޖޭގައި 1980 ގެ އަހަރުތަކުގައި މަޝްހޫރިވި މޫސީގާރުންގެ ފެށުން ވަނީ މިސްޓަރ ލޯރެންސް އާ އެކި ގޮތްގޮތުން ގުޅިފައެވެ.

އެންމެ ތިރީގައި އެވާ ފޮޓޯއިން ފެންނަނީ ހަފުތާ ބަންދުގައި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް ސްކޫލުން ދިން އާލަތްތައް ހިފައިގެން މަދަރުސާގެ މަތީބުރިން ތިރިއަށް ފައިބަން ހިނގާތަނެވެ.

މިސްޓަރ ލޯރެންސް މަޖީދިއްޔާއިން ވަކިވުމާއި ނިޔާވުން


1977 ވަނަ އަހަރަކީ މަޖީދިއްޔާއަށް 50 އަހަރު ފުރިގެން ރަން ޔޫބީލް ފާހަގަ ކުރިއަހަރެވެ. ދުވަހަކުވެސް ރާއްޖޭގައި ނުބާއްވާފަަދަ ކުލަގަދަ، އަލިގަދަ ކާނިވަލެއް މަޖީދިއްޔާގައި އޮތެވެ. ކާނިވާ ނިމުނުތަނާ މާ ގިނަ ދުވަހެއް ނުވެ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަޒީރު ބަދަލުވެ އައު ބަޔަކާ އެތަން ހިންގުން ހަވާލުވެއްޖެއެވެ. އައު މީހުން ހެދި ގޮތަކީ މަޖީދިއްޔާގައި ތިބި އެންެމެ ހަރުދަނާ މުދައްރިސުން ކުޑަކަމަކާ ގުޅިގެން ވަކިކުރީއެވެ. މިސްޓަރ ލޯރެންސް މި ދުވަސްވަރު އުޅުނީ މަޖީދިއްޔާއަށް ކިޔަވައިދޭން އައި އަންހެން ޓީޗަރަކާ ކައިވެނިކޮށްގެންނެވެ.

ރަންޔޫބީލްއާ ގުޅިގެން މަޖީދިއްޔާއިން ޝާއިޢުކުރި މަޖައްލާއެއްގައިވާ ގޮތުން، މިސްޓަރ ލޯރެންސް ސްކޫލް އާ ގުޅުނީ 24 ސެޕްޓެމްބަރ 1961 ގައެވެ. އެހެންކަމުން، އޭނާގެ އެންމެ ޒުވާން އުފެއްދުންތެރި އަހަރުތައް ހޭދަކޮށްފައިވާނީ މަޖީދިއްޔާގެ މުދައްރިސެއްގެ ގޮތުގައެވެ. މަދުވެގެން 17 ވަރަކަށް އަހަރު އޭނާ މަޖީދިއްޔާގައި އުޅުނެވެ. 1961 ވަނަ އަހަރަކީ މަޖީދިއްޔާ ސްކޫލްގެ ކިޔެވުން އިނގިރޭސި މީޑިއަމް އަށް ބަދަލުކުރުމާ ގުޅިގެން ބިދޭސީ މުދައްރިސުން މާލެގެނައި އަހަރެވެ. މިކަން މިގޮތަށް ހަމަޖައްސަން މެދުވެރި ސަބަބުތައް އަޅުގަނޑު ބައިވެރިވެގެން ލިޔެފައިވާ  Education in the Maldives 1900–2015 މިފޮތުގައި ވާނެއެވެ. މަތީގައިވާ ލިސްޓުން ފާހަގަ ކުރެވޭ ފަދައިން މިސްޓަރ ލޯރެންސް އަކީ ތަޢުލީމީ ގޮތުން މާ މަތީ މީހެއް ނޫނެވެ. ނަމަވެސް ޝަޙްޞިއްޔަތާއި ހައިބަތުގެ ގޮތުން އޭނާ ވަނީ ޑިގްރީ ނަގާފައިވާ އެތައް ބަޔަކަށް ވުރެ ކުރީގައެވެ. މިއީ އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެކެވެ. މުދައްރިސެއް މޮޅުވަނީ އޭނާގެ ފާސްތަކެއްގެ ސަބަބުން ނޫނެވެ. ޚާއްޞަކޮށް މިޒަމާނުގައެވެ.

މަތީގައިވާ ލިސްޓްގައި ހިމެނޭ ގިނަ މުދައްރިސުން އަޅުގަނޑުމެންނަށް އަލްވަދާޢު ކިޔައި ފުރައިފިއެވެ. މިހާރު ދުނިޔޭގައި ތިބީ އެއިރު ތިބި މުދައްރިސުންގެ ތެރެއިން ހަތަރު ފަސް ފަރާތެކެވެ.  އެމީހުންވެސް ވަނީ ދަތުރަށް ތައްޔާރުވެ ފާލަން މަތީގައެވެ.

[ފޮޓޯ: މުޙައްމަދު ޢަބްދުﷲ ސަޢީދު]

މިސްޓަރ ލޯރަންސް އަކީ ފަސްމީރު ކުރިރުކެވެ. އޭނާގެ ހުނަރުތަކުގެ ތެރެއިން އެހެން ބައެއް ކަންކަން އޭނާގެ ދަރިވަރެއްކަމުގައިވާ އަބްދުﷲ ކަމާލުއްދީނު ވިދާޅުވެދެއްވިއެވެ:

މިސްޓަރ ލޯރަންސް އަޅުގަނޑުމެންނަށް އެޓިކެޓް (މީހުންގެ ތެރޭގައި އުޅޭއިރު އަދަބުތައް ހުންނަންޖެހޭ ގޮތް) ކިޔަވައިދޭ ކިލާހެއް ހިންގިއެވެ. މި ކިލާހުގައި މީހުންނާ ވާހަކަ ދައްކާނަމަ ކޮޅަށް ހުންނަން ޖެހޭ ގޮތާއި ގޮނޑީގައި އިށީންނާނޭ ގޮތް ފަދަ ކަންތައްތައް ދަސްކޮށްދެއެވެ. މިސްޓަރ ލޯރަންސްގެ އަނެއް ފާހަގަ ކުރެވޭ އިސްނެގުމަކީ، ލިޓަރަރީ (އަދަބީ) ޖަމްޢިއްޔާއެއް މަޖީދިއްޔާގައި އޭނާ ހިންގުމެވެ. ޖޫނިއަރ އަދި ސީނިއަރ ލިޓަރަރީ އެސޯޝިއޭޝަން އެއް އޭނާގެ ބެލުމުގެ ދަށުން އުފައްދައި ހިންގިއެވެ. ހިންގާ ކޮމިޓީ ހޮވަނީ ވޯޓުލައިގެން އޭނާގެ ބެލުމުގެ ދަށުންނެވެ. މިކޮމިޓީއިން މުނާޒަރާތަކާއި މުބާޝަރާތައް ބާއްވައެވެ. ބަހުސްތަކާއި ޅެންހަވީރުތައް ހިންގައެވެ. އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ، އޭނާ ޕްރޮޑިއުސްކުރި (އުފެއްދި) ޝޭކްސްޕިއަރގެ މަޝްހޫރު ބައެއް ތަމްސީލެވެ. މި ތަމްސީލުތަކުގެ ސެޓްތައް ހެދުމާއި ސައުންޑް އިފެކްޓްސް (ގުގުރުންފަދަ އަޑުތައް) ނެރުނު ގޮތް އަޅުގަނޑު ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ ދަތި ދުވަސްވަރެއްގައި، އީޖާދީ ވިސްނުމަކުން، ހިތްވަރުން ކޮށްފައިވާ ކަންކަމެވެ.

މަތީގައިވާ ފޮޓޯގައި އެވަނީ މިސްޓަރ ލޯރެންސް ޕްރޮޑިއުސްކުރި ހެމްލެޓްގެ މަންޒަރެކެވެ. މުމައްސިލުންނަކީ މަރްޙޫމް އަޙްމަދު ރާޒީ އާއި ރިލުވާން ޝަރީފާއި މުޙައްމަދު ޙަލީމާއި ޢަބްދުﷲ ކަމާލުއްދީނެވެ. މި ސެޓްގެ ފުރިހަމަ މަސައްކަތުން އިހު މީހުންގެ މޮޅުކަން ޔަގީންވެއެވެ.

މިސްޓަރ ލޯރެންސް ބޭރު ޤަވްމުތަކުގައި ކިޔަވައިދެއްވަން އެތައް އަހަރަކު އުޅުމަށްފަހު، އަނބުރާ ލަންކާއަށް ވަޑައިގެން ބަލިކޮށް އުޅޭ ޚަބަރު ލިބިގެން، ވީގޮތް ބެލުމަށް ޝައުޤުވެރިވެގެން އިސްމާޢީލް އާއި ބެންހާގޭ ޙަބީބު، އޭނާ އުޅޭކަމަށް ބުނާ ސްރީލަންކާގެ ހިސާބުގަޑަށް ގޮސް އެކި މީހުންގެ ކައިރީގައި އަހައިގެން، އެގެ ހޯދައި، އޭނާއާ ބައްދަލުވިއެވެ. ރާއްޖޭގެ ހަނދާންތައް ވަރަށް ރަގަޅަށް ހުރިކަމަށް ވެއެވެ. ބައެއްކުދީންގެ ނަންތައްވެސް ކިޔާ އެކުދީންކޮބައިތޯ އެހިކަމަށް ވެސް ވެއެވެ. ރާއްޖެއިން ވަކިވުމަށް ފަހު، ލޯރެންސްގެ ދެމަފިރިން ހިޖުރަކުރީ އެފްރިކާގެ ޤަވްމްއަކަށެވެ. އޭގެ ފަހުން އެމެރިކާއަށެވެ. އެތަނުގައި ކިޔަވައިދޭން އެތައް އަހަރަކު އުޅުމަށް ފަހު، އަންހެނުން ބަލިވެގެން އޭނާގެއަންހެނުން ރަށަށް އެނބުރި އައީއެވެ. މާގިނަ ދުވަހެއް ނުވެ، މިސްޓަރ ލޯރެންސް ކިޔަވައިދޭން ކާރުގައި ދުއްވާފައި ދަނިކޮށް ހާޓް އެޓެކެއް ޖެހިގެން އޭނާ ކިޔަވައިދޭ ޔުނިވަރސިޓީގެ ދޮރޯށީގައި ކާރު ޖެހި އެކްސިޑެންޓްއެއް ވީއެވެ. އެހެންވެ ފަހުން އޭނާވެސް އެނބުރި ސްރީ ލަންކާއަށް އައީ ބަލިމީހެއްގެ ގޮތުގައެވެ.  މިކަމެއް ހިނގީ 2005 ހާތާނގައެވެ. ދެން މާގިނަ ދުވަހެއް ނުވެ މިސްޓަރ ލޯރެންސް ނިޔާވެއްޖެއެވެ.

މިސްޓަރ ލޯރެންސް އަކީ ރާއްޖޭގެ ތަޢުލީމަށާއި ކުޅިވަރަށް، މިޔުޒިކަށާއި ކަސްރަތަށް ވަރަށް ބޮޑު ޚިދުމަތްތަކެއް ކުރި ފިސާރި މުދައްރިސެކެވެ. އޭނާ ކިޔަވައިދިން ދިވެހި ދަރިވަރުންގެ ހިތްތަކުގައި މިސްޓަރ ލޯރަންސްއަށް އޮންނާނީ އިޙްތިރާމް  އާއި އިކްރާމް އާއި އިތުބާރުކަން ޔަޤީންއެވެ. މާތް ﷲ މިސްޓަރ ލޯރަންސް އަށް ރުއްސެވުމާއި ފުއްސެވުން ލައްވާދޭވެ! އާމީން!

Obituaries

އެހެން މިފަދަ ލިޔުންތައް