ފާއިތުވީ މާޗް މަހު، ނޫސްތަކުންނާއި އެހެން ލިޔުންތަކުން ފާހަގަ ކުރެވުނު އެއްކަމަކީ، މާޗް މަހަށް މާރިޗު މަސް ކިޔަމުންދާ ކަމެވެ. މިއީ ދިވެހިބަހުގެ އެކެޑެމީއިން ނިންމާފައިވާ ގޮތެއް ކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް، މި ލަފުޒު އަޑު އިވޭ އަދި ފެންނަ ކޮންމެ ފަހަރަކު އެތައް ނުތަނަވަސް ކަމެއް އަޅުގަނޑަށް އިޙްސާސް ކުރެވެއެވެ. ދިވެހިބަހުގެ އަޑުތަކާއި ގަވާއިދުތަކުގެ ހަމަތަކުން އެކެޑެމީގެ މި ނިންމުން މީޒާން ކުރެވެއެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، މި ނުތަނަވަސްކަން އިޙްސާސް ކުރެވޭ ސަބަބުތަކެވެ. މަޒުމޫނު އެއްކޮށް ކިޔުއްވައިފިނަމަ، ތިބާ ފަހަރެއްގައި އަޅުގަނޑަށް ތާއީދުކުރައްވާފާނެ އެވެ. އެންމެ ފުރަތަމަ އަޅުގަނޑު ބަލައިލާނީ މި މައްސަލައަށް ތާރީޚީ ނަޒަރަކުންނެވެ.

މުޙައްމަދު އަމީން ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ދިވެހި ތާރީޚަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވީ އެޗް.ސީ.ޕީ. ބެލް ކަމަށް ބަޔާންކުރައްވާފައި ވެއެވެ. ފާއިތުވީ ޒަމާންތަކުގައި، ދިވެހި ރަސްކަލުން ކޮޅުބުގެ ވެރިކަން ކުރެއްވި ފަރާތްތަކަށް ފަތްކޮޅު ފޮނުވުމަކީ ޢާއްމުކަމެކެވެ. ސިލޯނުގެ ޤައުމީ އަރުޝީފުން ރާއްޖެއިން ފޮނުވާފައިވާ މިފަދަ 160 އަށް ވުރެ ގިނަ ފަތް ހޯދިފައިވާކަމަށް ބެލް ބަޔާންކޮށްފައި ވެއެވެ. މިއިން ބައެއް ފަތްތައް ނިމޭތަނުގައި، ފަތް ލިޔުއްވި މީލާދީ އަހަރު، އަދި ބައެއް ފަތްތަކުގައި މީލާދީ ތާރީޚް ޖަހާފައި ވެއެވެ. މިއިން ވަރަށް މަދު ފަތެއްގެ ނަކަލު ނޫނީ ދިވެހީންނަށް ފެނިފައެއް ނުވާނެއެވެ. ދާދި އިހަކަށް ދުވަހާ ހަމައަށް ސްރީލަންކާގެ ނޭޝަނަލް އާކައިވްސްގެ ވެބްސައިޓް ގައި އެތަނުގައި ހުރި އަގުބޮޑު ތަކެތީގެ ރަމްޒެއްގެ ގޮތުގައި، ދިވެހި ރަސްކަލަކު ފޮނުއްވާފައިވާ ފަތެއްގެ ފޮޓޯ ހިމަނާފައި ވިއެވެ.

ފެންނަން ހުރި ރަސްކަލުންގެ ފަތްތަކުން މީލާދީ އެކި މަސްތަކުގެ ނަންތައް ލިޔުމުގައި ހަމައެއް ހިފެހެއްޓިފައިވާ ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. މަސްތައް ލިޔާގޮތުގައި ވަނީ ބޭސާބިތުކަމެވެ. އެ ދުވަސްވަރުގެ ގިނަ ދިވެހި ލިޔުންތަކުގައި މީލާދީ ތާރީޚް ނުޖަހާތީ، މީލާދީ މަސްތައް އެ ދުވަސްވަރު، ވަކި ގޮތަކަށް ލިޔުނު ނަމަ، އެ ނަންތައް ވަނީ ތާރީޚްގެ ދުންފިނީގެ ތެރެއަށް ގެއްލި ޣައިބުވެފައެވެ.

ވިހިވަނަ ގަރުނު ފެށި ދެތިން ދަސް އަހަރު ހިނގިއިރުވެސް، ދިވެހިރާއްޖޭގައި ޢިލްމީ ބަހެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ޢަރަބި ބަހެވެ. ތާރީޚް ޖަހަމުން އައީ މުޅީން ހިޖުރީ ތާރީޚެވެ. ޢަރަބި ބަހުގެ އަޑުތަކުގައި ޗަވިޔަނީގެ އަޑު ނުހިމެނޭތީ، ޢަރަބި އަކުރުތަކުން މާޗް އެއް ނުލިޔެވެއެވެ. މިއާއެކު، ބައެއް ދިވެހީން ފަދައިން އޭރުގެ ޢަރަބި ކަލާމުގެ ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އިނގިރޭސި ލިޔާއިރު ލިޔާ ކޮންމެ އަޑަކީ ކިޔަން ޖެހޭ އަޑެއް ކަމަށެވެ. އެހެންކަމުން March ލިޔަންޖެހޭނޭ ގޮތަކީ ރ ފާޅުވާގޮތަށް ކަމަށެވެ. ވީމާ، މަދު ބައެއް ލިޔުންތަކުގައި، މާޗް ލިޔެފައިވަނީ مَارِج  މިގޮތަށެވެ. އާދެ! މާރިޖު އެވެ. ނަމަވެސް މިގޮތަކީ ދިވެހީން ކުރިން މާޗް ލިޔެއުޅުނު ގޮތްކަމަށް ދެންނެވޭނީ ޚިޔާލުގެ ލަގަން މުޅީން އަތުން ދޫކޮށްލައިގެންނެވެ. އެހެން މިދެންނެވީ މަޖީދިއްޔާ އާއި އަމީނިއްޔާގައި އިނގިރޭސި ބަހުން ކިޔަވައިދޭން ފެށެންދެން، ރާއްޖޭގައި ތާރީޚް ޖަހާ އުޅުނީ މުޅީން ހިޖުރީ ތާރީޚުންނެވެ.

ހިޖުރީ ތާރީޚް ބޭނުން ކުރުން އުވެން ދިމާވީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، މަޖީދިއްޔާ އާއި އަމީނިއްޔާގައި އިނގިރޭސި ބަހުން ކިޔަވައިދޭން ފެށުމާ ގުޅިގެންނެވެ. އެއީ 1961 ވަނަ އަހަރު ހިސާބުގައެވެ. އޭގެ ކުރީ ދަސް އަހަރުގައި، މަދްރަސަތުލް މަޖީދިއްޔާގައި ޢަރަބި އުރުދޫ ކިޔަވައިދެއެވެ. އެހެންކަމުން، އުރުދޫ ދަންނަ މީހުން މާލޭގައި ކޮންމެވެސް ވަރަކަށް އުޅުނެވެ. އުރުދޫ ރާއްޖޭގައި ފެތުރެން ދިމާވި ދެތިން ސަބަބުގެ ތެރޭގައި މާކުރީންސުރެ، ރާއްޖޭގައި ފާރިސީ ބަސް ބޭނުންކުރަމުން އަންނާތީ އާއި އުރުދޫ އަކީ ފާރިސީ ބަހާ ވަރަށް ގާތް ބަހަކަށް ވުމާއި، ހިންދުސްތާނު ފިލްމުތަކުގެ ސަބަބުންނާއި ރާއްޖޭގެ މަދު ބަޔަކު އުތުރު އިންޑިޔާއިން ޢިލްމު ޙާޞިލްކުރުން ހިމެނެއެވެ.  މީގެ އިތުރަށް އިނގިރޭސީން އިންޑިޔާގެ އެކި ރަސްކަންތައް ފަތަޙަކޮށް ހެދި ދުވަސްވަރު، އުތުރު އިންޑިޔާގައި އޮތް ވެރިކަމުގައި އުރުދޫ ބަސް ބޭނުންކުރާތީ، އެ ބަހަށް ބޮޑު ސަމާލުކަމެއް ދެވުނެވެ. އިނގިރޭސީން ވެސް އުރުދޫ ދަސްކުރިއެވެ. އެމީހުން އެ ބަހަށް ކިޔަނީ ހިންދުސްތާނީ އެވެ. މިހާރު އިންޑިޔާގެ ޤައުމީ ބަހަށް ހަދަން އުޅޭ ހިންދީ ބަސް އިންޑިއާގައި ޢާއްމުވާން ފެށީ 1940 ގެ ތެރޭގައެވެ.

އުރުދޫ ލިޔުމުގައި، މާޗް ލިޔަނީ މާރިޗު މިގޮތަށެވެ. ނަމަވެސް ދިވެހި ލިޔުންތަކުގައި މިގޮތަށް ލިޔެފައި ހުންނާނީ ވަރަށް މަދުފަހަރަކު އެވެ. އެހެންކަމުން ދިވެހީން ކުރިން މާޗް ލިޔަނީ ”މާރިޗު“ ކަމަށް ކުރާ ދަޢުވާ އަކީ އަޅުގަނޑުގެ ނަޒަރުގައި ބާޠިލް ދައުވާ އެކެވެ. ރާއްޖޭގައި ރަސްމީ ލިޔުންތަކުގައި މީލާދީ ތާރީޚް ލިޔަން ފެށީވެސް، ނާޞިރުގެ ވެރިކަމުގައެވެ. އޭނާގެ އެއް ނިންމެވުމަކީ ރަސްމީ ހުރިހާ ސިޓީއެއްގައި ލިޔަންޖެހޭނީ ހަމައެކަނި މީލާދީ ތާރީޚް ކަމަށް ނިންމެވި ނިންމެވުމެވެ. މިހާރު މިޖަހާ ގޮތަށް، މީލާދީ އަދި ހިޖުރީ ތާރީޚް ރަސްމީ ސިޓީތަކުގައި ޖަހާގޮތަށް ނިންމެވީ މައުމޫން ވެރިކަން ފެށުނު ތަނާއެވެ.

މާޗް އަށް މާރިޗް ކިޔުމުގެ މައްސަލަތައް

  1. މާޗް މަހަށް މާރިޗް ކިޔުމުން ނުކުންނަ މައްސަލަތަކުގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލާ ފުރަތަމަ ކަމަކީ ބައެއްގެ ނުރަނގަޅު ގޮތްތައް ކޮޕީކުރުމަކީ  –ތަޤްލީދު ކުރުމަކީ–  ދިވެހީން ކޮންމެހެން ކުރާންޖެހޭ ކަމެއް ނޫންކަމެވެ. ފަހެ، އިންސާނުންގެ ކިބައިގައި ހުންނަ ޠަބީޢީ އެއް ސިފައަކީ އިވޭ ހުރިހާ އަޑެއް، ތިމާ ދަންނަ އަޑުތަކަށް ފައްތާ ކިޔުމެވެ. ފެންނަ ކޮންމެ ކަމެއް ވެސް، ތިމާކޮށްފައިވާ ތަޖުރިބާގެ ތެރެއިން އެ ”ތަރުޖަމާ“ ކުރުމެވެ. އުރުދޫ ފަދަ ބަސްތަކުގައި ر އަކީ ކިޔާ އަޑެކެވެ. އެހެންކަމުން، އުރުދޫ އާއި ހިންދީ ބަސްބަހުގެ އަހުލުވެރީން، އިނގިރޭސި ލަފުޒުތަކުގައި ކިޔަން ނުޖެހޭ ތަންތަނުގައި ރ ގެ އަޑު ނެރެއެވެ. އިންޑިއާގެ މުދައްރިސުން surface (ސާފަސް = ސަޠަޙަ) ކިޔަނީ ސަރުފަސް ނުވަތަ ސަރުފޭސް ގެ ގޮތުގައެވެ. ޒަވިޔަނީގެ އަޑު ޖަވިޔަނީގެ އަޑަށް ބަދަލުކުރުމަކީ ވެސް އިންޑިޔާގެ އަހުލުވެރީންގެ ކިބައިގައި ޢާއްމު ކަމެކެވެ. މިސާލެއްގެ ގޮތުން، ފިޒިކްސް އަށް އެވެރީން ފިޖިކްސް ކިޔައި އުޅެއެވެ. މިއީ އެމީހުން ވާހަކަ ދައްކާ މާދަރީ ބަހުގައި ހިމެނޭ އަޑުތަކުން ވާކަމެކެވެ. ދިވެހި އަޑުތަކުގެ މަޚްރަޖަތަކަށް މާޗް ކިޔޭނެތީ މާރިޗު ކިޔުމަކީ އެދެވޭ ކަމެއް ކަމަކަށް ނުފެނެއެވެ.
  2. 1977 ވަނަ އަހަރު، ސަރުކާރުގެ ފަރާތުން ރަސްމީ ލިޔުންތައް ލިޔަންވާނީ، ލެޓިން އަކުރުން ކަމަށް ނިންމިކަން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެއެވެ. މައުމޫންގެ ވެރިކަމުގައި މިނިންމުން އުވާލެވުނަސް، ލެޓިން އަކުރުން ތާނަ ލިޔުމުގެ އުސޫލު އުވައެއް ނުލައްވައެވެ. އެ ދުވަސްވަރު ނެރުނު ދިވެހިބަހުގެ ގަވާއިދުވެސް އަދި ވެސް ހިނގައެވެ. ލެޓިން އަކުރުން ތާނަ ލިޔާއިރު، ޢާއްމުކޮށް ބޭނުންކުރާ އިނގިރޭސި ލަފުޒުތައް ލިޔަންވާނީ، އިނގިރޭސީން ލިޔާގޮތަށް ކަމަށް އެ ގަވާއިދުގެ 8 ވަނަ ނަންބަރުގައި ވެއެވެ. ނަމަވެސް، ލެޓިން އަކުރުން ދިވެހީން ކިޔާގޮތަށް ވެސް ލިޔެވިދާނެ ކަމަށް އެ ގަވާއިދު ބުނެއެވެ. މި ގަވާއިދާ ދޭތެރޭ ނަޒަރު ހިންގާލުމުން، އެންމެ ރަނގަޅު ގޮތަކީ އިނގިރޭސީން ލިޔާގޮތަށް ލިޔުންކަމަށް އަޅުގަނޑަށް ވިސްނެއެވެ. ނޫނީ މިކަމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ވަރަށް ބޮޑަށް އޮޅޭނެއެވެ. އާދެ! އިނގިރޭސި ޓެސްޓްތައް ސްކޫލް ކުދީން ހަދާއިރު March ލިޔަން ޖެހޭ ތަންތަނުގައި Maarich ޖެހޭން ފެށުމެވެ. ދަރިވަރުންނަށް އިނގިރޭސި ލަފުޒުތަކުގެ އިސްޕަލިން މުޅީން އޮޅޭގޮތް ދިމާވުމެވެ.
  3. އިނގިރޭސި ބަހުގައި އޮންނަ R ގެ އަޑަކީ ދިވެހި ބަހުގައި އޮންނަ ރ ގެ އަޑެއް ނޫނެވެ. (ނަމަވެސް ޢަރަބި ބަހުގައި އޮންނަ ر ގެ އަޑަކީ ދިވެހިބަހުގައި އޮންނަ ރ ގެ އަޑެވެ.) ދިވެހި ބަހުގައި އޮންނަ ރ ގެ އަޑަށް ކިޔަނީ trilled r ނުވަތަ rolled r އެވެ. މި ރ ކިޔާއިރު ދުލުގެކުރި، މަތީ ތައްޔާ ކައިރި ވާއިރު ރާރާ އަޅާނެއެވެ. ތުރުތުރު އަޅާނެއެވެ. މިއީ ވަރަށް ފާޅުކަން ބޮޑު ރ ގެ އަޑެކެވެ. ”ރާއްޖެ“ ކިޔާއިރު ދުލުގެ ކޮޅަށްވާ ގޮތަށް ވިސްނަވާށެވެ. އިނގިރޭސި r ގެ އަޑަކީ ދިވެހި ރ އަށް ވުރެ ލުއި އަޑެކެވެ. މި އަޑު ކިޔާއިރު ދުލުގެ ކުރި ކައިރި ވާނީ ދަތްތަކުގެ މައްޗާ ގާތުގައިވާ ތައްޔާއެވެ. ތަލީގައި ދޫ ނުޖެހޭނެއެވެ. ދުލުގެ ކުރި ތުރުތުރެއް ނާޅާނެއެވެ. މާޗް އަށް މާރިޗު ކިޔުމުން ވާގޮތަކީ، އިނގިރޭސި ބަހުގައި ނެތް އަޑެއް ލަފުޒުގެ ތެރެއަށް ވެއްދެނީ މާ ފާޅުކަން ބޮޑު ގޮތަކަށް ކަމެވެ.
  4. ހަތަރުވަނަ މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ އިނގިރޭސީން ވާހަކަ ދެއްކުމުގައި ދިމާވެދާނޭ މައްސަލަތަކެވެ. މިގޮތުން އިނގިރޭސި ބަހުން ވާހަކަ ދައްކާ ޙާލަތެއްގައި މާޗް ބުނަންވީ ޙާލަތެއްގައި މާރިޗު ކިޔޭގޮތް މެދުވެރިވުމެވެ. މިހެން މިދެންނެވީ ބައެއް ދިވެހީން އިނގިރޭސިބަހުން ވާހަކަ ދައްކާއިރު ވާރކްޝޮޕް ކިޔަން ޖެހޭ ތަންތަނަށް ވޯކުޝޮޕް ކިޔާ އަޑުއިވޭތީއެވެ.
  5. ފަސްވަނައަށް އަޅުގަނޑު ފާހަގަކުރާ ކަމަކީ، އެކެޑެމީން މަސްތަކަށް ކިޔަން ނިންމި ނަންތަކަކީ ދިވެހި ނަންތަކެއް ކަމަށް ބަޔާންކުރިއަސް، ދިވެހި ހަމަތަކަށް އެ ލަފުޒުތައް ނުފެތޭކަމެވެ. ތާނައިގައި ސުކުން ކުރެވެނީ ”އާސީނުތަށި“ ގައިވާ އަކުރުތަކުގައި ކަމަށް ބައެއް ދިވެހި އަދީބުން ފާހަގަކުރެއެވެ. މައް ބަހުރުވަތައް ހިމަނައިފިނަމަ ލާމު ވެސް ސުކުން ކުރެވޭ އަކުރުތަކުގެ ތެރޭގައި ހިމަނަން ޖެހޭނެއެވެ. އެއީ ބައެއް އަތޮޅުތަކުގައި، މިސާލެއްގެ ގޮތުން މަލަށް މަލް ކިޔާތީ އެވެ. އެކަމަކު އެކެޑެމީން ނިންމި މީލާދީ މަސްތަކުގައި ޕަވިޔަނީގައި ސުކުންކޮށްފައި ވެއެވެ. މައް ދިވެހީގައި ޕަވިޔަނީގައި ސުކުނެއް ނުކުރެވޭނެއެވެ.

ހުށަހެޅުން

ބުނެވޭ ގޮތުގައި މީލާދީ މަސްތަކަށް ނަން ކިޔާފައިވަނީ މީސްމީހުންގެ ނަންނަމާއި ރޫމީން އަޅުކަންކުރި އިލާހުތަކަށް ނިސްބަތްކޮށެވެ. މާޗް މި ލަފުޒު އައިސްފައިވަނީ ގުރަހައްޔެއް ކަމުގައިވާ މާސް އަށް ނިސްބަތް ކޮށެވެ. މިއީ ރޫމީންގެ ހަނގުރާމައިގެ ކަލާނގެއެވެ. ދިވެހި ބަހުން މާސް އަށް ކިޔަނީ އަންގާރަ އެވެ. ނަމަވެސް، މިފަދަ ދިވެހި ނަން މީލާދީ މަސްތަކަށް ކިޔައިފިނަމަ މިހާރަށް ވުރެ އަދި މައްސަލަތައް ބޮޑުވާނެއެވެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ އިނގިރޭސި ބަހުން ކިޔާ ގޮތާ އެންމެ ގާތްކޮށް ތާނައަކުރުން ލިޔެވޭގޮތަށް މަސްތަކަށް ނަން ކިޔުންކަމަށް އަޅުގަނޑަށް ހީވެއެވެ. މި ނަޒަރުން ވިސްނާއިރު މީލާދީ މަސްތަކަށް އަޅުގަނޑު ހުށަހަޅާ ނަންތައް ތިރީގައި އެވަނީއެވެ.

އައި.ޕީ.އޭ. އަކީ ބައިނަލްއަޤްވާމީ ފޮނެޓިކް އަލިފުބާ އެވެ. މިއީ ދެމީހަކު ކިޔާގޮތް ތަފާތުނުވާ ގޮތަށް ސީދާކިޔާގޮތަށް ލިޔެވޭ އަލިފުބާއެކެވެ. ތާނައިގައި އިނގިރޭސީގެ ބައެއް އަޑުތަކެއް އަދި ފިއްޔެއް ނުހިމެނެއެވެ. އެހެންކަމުން، އިނގިރޭސި ބަހުން މަސްތައް ކިޔާ ގޮތާ ސީދާ ދިމާވާގޮތަށް ތާނައަކުން ނުލިޔެވޭނެއެވެ. މިސާލެއްގެ ގޮތުން، ޖެނުއަރީ ކިޔާއިރު ޖ ގައި ޖެހޭ ފިއްޔަކީ ތާނައިގައި ހިމެނޭ ފިއްޔެއް ނޫނެވެ. އެބެފިލި ޖެހުމުން ތަންކޮޅެއް ކުރުވެއެވެ. އޭބޭފިލި ޖެހުމުން ދިގުވެއެވެ. މިއާ އެކު މިފިލީގައި އެއިބެއި ފިލީގެ އަޑުގެ ބައެއް ވެސް ހިމެނެއެވެ. އިނގިރޭސިބަހުގައި އީބީ ފިއްޔަކީ y އެއް ނޫނެވެ. January, family ފަދަ ލަފުޒުތައް ނިމޭއިރު ޖެހޭ ފިއްޔަކީ ކުރު ފިއްޔެކެވެ. އެކަން، ކޭމްބްރިޖް ޑިކްޝަނަރީ އިން ނަގައި އައި.ޕީ.އޭ. އަކުރުން މަތީގައިވާ ތާވަލުގައި ލިޔެފައިވާ ލަފުޒުން ފާހަގަ ކުރެއްވޭނެއެވެ.

ނިންމުން

މި މަޒުމޫނުގައި މި ދަންނަވާލީ، މާޗް މަހަށް މާރިޗު މަސްކިޔުމާ މެދު އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑުގެ މައިގަނޑު ހުށަހެޅުމަކީ މީލާދީ މަސްތަކަށް ކިޔާ ނަންތައް އެއްގޮތަކަށް ލިޔުމުގެ މާދިގު ތާރީޚެއް ދިވެހި ރާއްޖޭގެ ލިޔުންތެރިކަމުގައި ވާކަމަށް ޤަބޫލުނުކުރެވޭތީ، އެންމެ ރަނގަޅު ގޮތަކަށް ވާނީ އިނގިރޭސި ބަހުން ކިޔާ ގޮތާ އެންމެ ގާތްކޮށް ތާނައަކުރުން ލިޔެވޭ ގޮތަށް މީލާދީ މަސްތައް ލިޔުމެވެ.