މާލެއާއި ހުޅުމާލެއާ ދެމެދު އޮންނަ މައިމަގުން ދަތުރުކުރާ މީހުން، 2018 ވަނަ އަހަރާހަމައަށް އެންމެ އުފާވި ކަމަކީ، މަގުގެ އިރުމަތީ ފަރާތުން ފެންނަ ހިތްފަސޭހަ މަންޒަރެވެ. ގޮނޑުދޮށާ ދުރުން ފެންނަ ހާމަކަން ބޮޑު ތަނަވަސް އުދަރެހެވެ. އުރަފަށުން އުފެދޭ ރާޅުތަކުގެ ހުޅިތައް ހުދުފޮނަށް ބިނދިގެންދާއިރު އިވޭ ހިތްފަސޭހަ އަޑެވެ. ގައިގާ ބީހޭ ސާފު ވައެވެ. ކަނޑުގެ ސާފު ލޮނުވަހެވެ. ބައެއް މީހުން މި ހިތްފަސޭހަ މަންޒަރު ދުށުމަށް، މާލޭގެ ހަލަބޮލި، ނުތަނަވަސް، ތަޣައްޔަރު ޖައްވުން، ސައިކަލާއި ކާރުގައި ދަތުރުކޮށް ހަދައެވެ. އެބައިމީހުންގެ މަންޒިލަކީ މި މަންޒަރެވެ.
މިހެން މިކަން ހިނގަނިކޮށް ހުޅުމާލޭގެ އިދާރީ އޮފީހުން މި މަގުގެ ބައެއް ހިސާބުގެ އިރުމަތީ ފަރާތު އަރިމަތީގައި ވަރަށް ހުތުރުގޮތަކަށް ސޯލާމަޅުތަކެއް ހަރުކޮށް މުޅި މަންޒަރު ޚަރާބުކޮށްފިއެވެ. މިކަން ހިނގީ 2019 ވަނަ އަހަރު އެވެ. މަގުގެ މެދުގައި އޮންނަ މީޑިއަން ސްޓްރިޕްގައި ވެސް، ވަރަށް ގިނަ ދަގަނޑުތަކެއްގެ މަތީގައި މި މަޑުތައް ހަރުކޮށްފައި ވެއެވެ. މަންޒަރު މިހާރު ފެންނަގޮތް ތިރީގައި އެވަނީއެވެ.
ސޯލާމަޅުތައް ބެހެއްޓުމުން، މުޅި މަގުގެ ރީތިކަންވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ދަތުރުކުރާ މީހުންނަށް އިޙްސާސްވާނީ ނުތަނަވަސްކަމާއި ހާސްކަމެވެ. އެންމެ ދެރަކަމަކީ ކުރިން އޮތް ހިތްގައިމު މަންޒަރު ގެއްލުނު ކަމެވެ. އަޅުގަނޑަށް ވިސްނޭގޮތުން، މަގުގައި ސޯލާމަޅުތައް ހަރުކޮށްފައިވަނީ، ބޭރު ޤައުމުތަކުގައި ދަނޑުތަކާއި ބޮޑެތި ސަރަޙައްދުތަކުގައި ހަރުކުރާ ގޮތަށެވެ. ދުއްވާމީހުންނަށް އެކްސިޑެންޓްވުމަށް ފަހިވާ ފަދަ ގޮތަކަށެވެ. ތިރިކޮށް، ވަރަށް ގިނަ ދަގަނޑު ހޮޅިތަކެއް ބޭނުންކޮށްގެންނެވެ. ބައެއް މީހުން ތަން ސިފަކުރާނީ ދަގަނޑު ހޮޅީގެ ވަލެއްގެ ގޮތުގައެވެ.
މި މައްސަލަ ބޮޑުކަމަކަށް ވެގެން އުޅެނީ އަޅުގަނޑަށް އެކަންޏެއް ނޫނެވެ. ދަތުރުކުރާ އެންމެންނަށް ވެސް މި ބަދަލުގެ ސަބަބުން، ފަރުދާވި ހިތްގައިމު މަންޒަރުގެ ސަބަބުން ނުތަނަވަސްކަމާއި ރުޅިވެރިކަން އިޙްސާސްވާނެއެވެ. ޤަބޫލުކުރެވޭނީ، މިކަން ކުރި ފަރާތާއި ކުރަން ހުއްދަދިން ފަރާތުގެ ނާތަހުޒީބުކަމާއި ނުވިސްނޭ ކަމެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް މިކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެޚަބަރު، ތިރީގައިވާ ތަޞްވީރަށް އޮބައިލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ.
މައްސަލައިގެ ހައްލު
ކަމަކާ ދޭތެރޭ ފާޑުކިޔުމަކީ ދުލެއް އޮތިއްޔާ ފަސޭހަކަމެކެވެ. އުނދަގޫކަމަކީ ކަމެއް ރަނގަޅުކުރާނޭ ގޮތެއް ތަދުބީރުކޮށް ތަންފީޒުކުރުމެވެ. މި މައްސަލައިގެ ހައްލު ދެންނެވުމުގެ ކުރިން، ކަމާ ގުޅޭ، އިނގިރޭސި ދެ ލަފުޒެއްގެ މާނަ ދަންނަވާނަމެވެ. އެއް ލަފުޒަކީ ރޯޑް އެވެ. ރޯޑް ގެ ޢާއްމު މާނައަކީ އެއް ބަސްތީއިން (މީހުން އުޅޭ ހިސާބުން) އަނެއް ބަސްތީއަށް ނުވަތަ އެއް ގަމުން އަނެއް ގަމަށް ދަތުރުކުރަން އޮންނަ މަގެވެ. މި މާނައަށް ބަލާއިރު މާލޭގައި އެއްވެސް ރޯޑެއް ނުވެއެވެ. މަގުގެ ދެ ފަރާތުގައި ގެއާއި ޢިމާރާތް ހުންނަނަމަ، އެ މަގަށް އިނގިރޭސި ބަހުން ކިޔަނީ ސްޓްރީޓްއެވެ. މާލެއާއި ހުޅުމާލޭގައި ވަނީ މުޅިންހެން ސްޓްރީޓް އެވެ. ރޯޑެއް ކަމަށް ބެލެވޭ މަގެއް ވަނީ ހަމައެކަނި މާލެއާއި ހުޅުމާލެއާ ދެމެދުގައެވެ. މި މަޒުމޫނުގައި އެ ބުނާ ސޯލާމަޅުތައް ބަހައްޓާފައިވަނީ ރޯޑެއްގައެވެ. މި މަގުގެ ރަސްމީ ނަމަކީ މިދިލި މަގެވެ. މިހާރަކަށް އައިސް ހަލިމަގު ކިޔައެވެ. ”ހަލި“ ގެ މާނައަކީ ހަލުވި/އަވަސް އެވެ. ލަފާކުރެވޭ ގޮތުން ހަލިމަގު ކިޔަނީ ޢާއްމު ނަމެއްގެ ގޮތުގައި highway އަށް އިޝާރާތް ކުރުމަށެވެ.
ރޯޑެއްގައި ނުވަތަ ހަލި މަގެއްގައި، ސޯލާމަޅު ހަރުކުރާނަމަ، އެކަން ކުރާގޮތަކީ، އަދި އެކަން ކުރަން ރަނގަޅުގޮތަކީ، މަގަށް ހިޔާވާގޮތަށް މަގުގެ މަތީގައި ހަރުކުރުމެވެ. ތިރީގައިވާ ފޮޓޯއަށް ބައްލަވާށެވެ. [ފޮޓޯ ފެނިވަޑައިގަތުން ލަސްނަމަ، ފޮޓޯއަށް އޮބައިލެއްވުމުން ފޮޓޯ ވަކިން ހުޅުވި ބޮޑުވާނެއެވެ.]
ފޮޓޯއިން އެ ފެންނަނީ މަގުގެ ދެ ފަރާތުގައި ދަގަނޑު މުޑި ނުވަތަ މެއްލަ ޖަހާފައި، ވިއްސަކަށް ފޫޓު އުހުގައި، ގިޔުގަނޑެއް ހަދައި ސޯލާމަޅުތައް ހަރުކޮށްފައިވާ ތަނެވެ. މިއީ ރާއްޖޭގައި ދަގަނޑު ހޮޅިން ގުދަން ހަދާފައި ހުންނަ ގޮތަށް، ކޮށްފައިވާ ކަމެކެވެ. މި ފޮޓޯގައި މަގު މެދުގައި ބިމަށް މުޑި ނުވަތަ މެއްލަ ޖަހާފައި ހުރިކަމުގައި ވިއަސް އެއީ ބޭނުން ކަމެއް ނޫނެވެ. ހަމައެކަނި ދެ ފަރާތުގައި މުޑި ޖަހައިގެންވެސް ފުދޭނެއެވެ. [އުޅަނދެއް ދަތުރު ކުރަން މަގުގައި ރޮނގުދަމާފައި ހުންނަ ލޭނެއްގެ ފުޅާމިނަކީ 10 ފޫޓެވެ. ނުވަތަ 3.5 މީޓަރެވެ. މެދުވަކި ކުރާ ހުރަހާއި ދެފަރާތުގެ ހަވާސާއާއެކު ހަތަރު އުޅަނދު ދަތުރުކުރަން 50 ފޫޓު، މަގުގެ ފުޅާމިނުގައި ހުރުމުން ފުދޭނެއެވެ. އެމެރިކާގެ އެންމެ ގިނަ ”ސްޓްރީޓް“ އަދި ”ރޯޑް“ ގެ ފުޅާމިނަކީ 66 ފޫޓެވެ.] ދެ މުޑި ދޭތެރޭ މި ފުޅާމިން (ވަތްތިލަ ނުވަތަ ސްޕޭން) ހުންނަގޮތަށް މަގުގެ މަތީގައި ދަގަނޑުން ގިޔުގަނޑެއް ހެދުމަކީ ވަރަށް ފަސޭހަކަމެކެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަން އެ ހުންނަނީ އެއަށް ވުރެ ފުޅާކޮށް ތަނބު ނުޖަހައި ދަގަނޑުން ހަދާފައެވެ.
ފޮޓޯއިން ފެންނަނީ އޭގެ ތެރެއިން އަވިދަތުރުކުރާ ސޯލާމަޅެވެ. މިއީ މި ޒަމާނުގައި ހުންނަ ވައްތަރެކެވެ. ފިނި ޤައުމުތަކުގައި މިބާވަތުގެ މަޅު، މަގުގެ މަތީގައި ހަރުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ވިއަސް، ރާއްޖޭގައި އެއީ ބޭނުންކަމެއް ނޫނެވެ. މި ބާވަތުގެ މަޅުން ހަކަތަ އުފައްދާވަރު ކުޑަވާނެއެވެ. ނަމަވެސް މަޅުތައް ޖަހާއިރު، މަގަށް ވަކި މިންވަރަކަށް އަވިދޭގޮތަށް މަޅުތަކުން މުޅި މަގު ހިޔާނުވާގޮތަށް، މަޅުތައް ހަރުކުރުން މުހިއްމުވާނެއެވެ. މަޅުތައް ދޮވެ، މަރާމާތުކުރުމަށް މަޅުތަކުގެ ދެމެދުގައި ހިނގާބިނގާވާނޭ ޖާގަ އޮންނަން ވާނެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، މަގު، ސޯލާމަޅުން މުޅިން ”ހިޔާކޮށްގެން“ ނުވާނެއެވެ.
މިއީ 10 ލޭންގެ ފުޅާމިނުގެ މަގެކެވެ. މި މަގުގައި ވެސް ސޯލާ ޕެނަލް ޖަހާފައިވާއިރު ކޮންމެވެސް ވަރަކަށް އަވިދޭ ގޮތަށް މަޅުތައް ދުރުކޮށްފައި ވެއެވެ.
މަގުގެ މަތީގައި ސޯލާ މަޅުތައް ހަރުކުރުމުގެ މަންފާއަކީ ކޮބާ؟
1. އެންމެ މުހިއްމު ކަމަކީ މަގުގެ ދެ ފަރާތުގެ މަންޒަރު ނުގެއްލި ބޭނުންވާ ކަންތައް ޙާޞިލްކުރެވޭ ކަމެވެ. މަގުގައި ދުއްވާފައި ދާއިރު ޓަނަލްއަކުން ނުވަތަ އުމަގުން ދަތުރުކުރެވޭ ކަމަށް މިހާރު ކުރެވޭ އިޙްސާސް ނެތޭނެއެވެ. މި މަގަކީ، މުޅި ރާއްޖޭގައި އެފަދައެއް ނުވާ ފަދަ ހިތްގައިމު މަގަކަށް ހެދޭނެއެވެ. މިކަމާ ގުޅިގެން އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މަގުގައިވާ އެކްސިޑެންޓް މަދުވާނެއެވެ.
2. މިހާރަށް ވުރެ ގިނަ ސޯލާ މަޅު ހަރުކުރޭވޭނެއެވެ. ކިހާ ގިނައެއްކޮށް ތޯއެވެ؟ މޫދާވީ ފަރާތުގައި ޖަހާފައިވާ ސޯލާމަޅުތަކުގެ ޖުމުލަ ދިގުމިނަކީ 2500 މީޓަރެވެ. މީގެ ބޮޑު ބައެއްގައި ހުރީ 7.5 މީޓަރުގެ ފުޅާމިނެވެ. އެއީ 18750 އަކަ މީޓަރުގެ ސޯލާމަޅެވެ. މަގުގެ ފުޅާމިނަކީ 16 މީޓަރު ކަމަށް ބަލާނަމަ، 1200 މީޓަރު ދިގު ”ފުރާޅެއްގައި“ މި މިންވަރުގެ ސޯލާމަޅު ހަރުކުރެވޭނެއެވެ. މެދުގައިވާ ބަޔާއި ދެ ފައްޗަށް ޖަހާފައިވާ ސޯލާމަޅުތައް ހިމަނައިފިނަމަ، މިހާރު ޖަހާފައިވާ ސޯލާ ޕެނަލްތައް މިގޮތަށް ޖަހަންދާ ފުރާޅުގެ ދިގުމިން މިހާރު ޖަހާފައިވާ ދިގުމިނަށް ވުރެ މާ ބޮޑަށް ކުރުވާނެއެވެ. އިތުރަށް ސޯލާއިން ހަކަތަ އުފެއްދުމަށް ފަހި ފުރުޞަތެއް ލިބޭނެއެވެ.
3. މަގަށް ހިޔާވުމުން، މުޅި ހުޅުމާލެއާއި ސަރަޙައްދަށް ފިނިކަން ލިބޭނެއެވެ. މަގެއް ތާރުއަޅައިގެން ހަދައިފިނަމަ، އެ މަގު ހިމެނޭ ސަރަޙައްދު 5 ވަރަކަށް ދަރަޖައަށް ހޫނު މަތިވާނެއެވެ. އެއީ ކަޅުތަކެތީގައި ހޫނު ހިފަހައްޓާ ޠަބީޢީ ބާރެއް ހުންނާތީއެވެ. ހިތަދޫގެ މަގުތަކުގައި ތާރު އެޅުމާ ގުޅިގެން މުޅި ރަށުގެ ހޫނުކަން މަތިވިކަމަށް މީހުން ބުނެއެވެ. މަގު ކޮންމެވެސް ވަރަކަށް ހިޔާވުމުން މަގު ބޭނުންކުރާ އެންމެންނަށް ފިނިކަމާއި ހިތްގައިމުކަން އިޙްސާސްކުރެވޭނެއެވެ.
4. މަގު ބައްތި، މަގުގެ މެދަށް ސީދާ އަލިވާގޮތަށް ހަރުކުރެވޭނެއެވެ. އަދި، ބޭނުންނަމަ، ކެމެރާތަކާއި ކާރުތަކުގެ ދުވެލި މިންކޮށް ފޮޓޯނަގާ ސާމާނުތައް ބެހެއްޓޭނެއެވެ.
ހަލިމަގު ނުވަތަ މިދިލިމަގު ތަހުޒީބުކުރަން ކުރެވިދާނޭ އެހެން ކަންތައްތަކަކީ ކޮބާ؟
- މިހާރަށް ވުރެ މި މަގު ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށް ހަދަން ކުރަން އެންމެ މުހިއްމު އެއްކަމަކީ، މައު އަޅާ ހިތްގައިމު ގަސްތަކެއް މޫދާވީ ފަރާތުގައި އިންދުމެވެ. މިފަދަ އެއް ގަހަކީ، ޖުމްހޫރީ މައު ނުވަތަ ބޯގަންވިލާއެވެ. ގަދަ އަވީގައި، ތިރިކޮށް ހެދޭ ގަހެކެވެ. މޫދާ ކައިރީގައި ހެދޭ، ގިނަ ކުލަތަކެއްގެ މައު އަޅާ ގަހެކެވެ. ފެން ދޭން ޖެހެނީވެސް ވަރަށް މަދުންނެވެ. .
- ދިވެހީންނަކީ، މޫދު ފެންނަ ހިސާބުގައި އުޅެން ފަރިތަވެފައިވާ ބައެކެވެ. އެހެންކަމުން، މި މަގުގެ އިރުމަތީ ފަރާތުގެ ހިތްގައިމު މަންޒަރު ބަލަންބޭނުންވާ މީހުންނަށް އެތަނަށް ދެވޭނޭ ”ރެސްޓް އޭރިއާ“ އެއް ނުވަތަ އަރާމު ކުރުމުގެ ތަނެއް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މަގުގެ މެދެއްހާ ހިސާބުން، މަގު ކަފިކޮށްގެން ގޮނޑުދޮށަށް ފައިބާ ފައްނެކެވެ. އެތަނުގައި ދެތިން ކާރާއި ސައިކަލު ޕާކު ކުރާ ޖާގައެއް އޮންނަން ވާނެއެވެ. ބާރަށް ދުއްވާ އެއްޗިއްސަށް މި މަގަކަށް ނުވަދެވޭނެއެވެ. ބޭނުންނަމަ، މިތަނުގައި ފުލުހުންގެ ޖިފުޓިއެއް ހެދިދާނެއެވެ. އެއް ފޮޓޯއަކީ އެއް ހާސް ލަފުޒުކަމަށް ބުނާ ފަދައިން، ތިރީގައިވާ ފޮޓޯތަކުން އަޅުގަނޑު މި ދަންނަވާ ވާހަކަތައް ބޮޑަށް އޮޅުންފިލާ ވަޑައިގަންނަވާނެއެވެ. .
- މިހާރު، މާލެއިން ހުޅުމާލެއަށް ހިނގާފައި އަދި ބައިސްކަލްގައި ދެވޭނޭ ގޮތެއް ނޯވެއެވެ. ފަތިހަށް ހިނގަން ނުކުންނަ ކިތަންމެ ބަޔަކު، ނުވަތަ ކަސްރަތަށް ދުވާ އެތައް ބަޔަކު، ހުޅުމާލެއަށް ފާލަން ހުރަސްކޮށް ދާން ބޭނުންވާނެއެވެ. ނަމަވެސް،ހުޅުލެއާ ފާލަން ގުޅޭކޮޅުގައި އޮންނަނީ ވަލެއްޖަހާ ބަންދުކޮށްފައެވެ. މިއީ މިކަން އޮންނަންވީ ގޮތެއް ނޫނެވެ. މި މައްސަލަ ހައްލުކުރަން އެދި ފުލުހުންގެ ވެރީންނަށާއި ޒުވާނުންނާބެހޭ ވަޒީރަށް ކުރީ ދައުރުތަކުގައި އެތައް ބަޔަކު ވަނީ އަންގާފައެވެ. އަދި އެކަމެއް ވާގޮތެއް ނުވެއެވެ. ފޯރިމަރާ މީހުން ހުޅުލޭ ކޮޅުގައި ބައިތިއްބައިގެން ނަމަވެސް، ހިނގާފައި ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރެވެން ޖެހޭނެއެވެ. އެހެންކަންކަމަށް ވިއްދައި މިކަން މަނާކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. ބަސްނާހާ ދެތިން ހާސް މީހުން ނުކުމެ، ހިނގާފައި މާލެއިން ހުޅުމާލެއަށް ނާރަނީސް ސަރުކާރުން ވީ މިކަން ހައްލުކުރާށެވެ. ހިނގުމަށް ނުވަތަ ދުވުމަށް މި ދިލި މަގުގެ ބޭރު ފަރާތުގައި ދިހަވަރަކަށް ފޫޓުގެ ދުވާރެއްވެސް އޮންނަން ވާނެއެވެ. މިކަންކަމުން އާޚިރުގައި ރައްޔިތުންނަށް ލިބޭނީ ފައިދާއެވެ. ޞިއްޙަތު ރަނގަޅުކަމުން، އާސަންދައިން މީހުންނަށް ކުރާ ޚަރަދުވާނީ ކުޑައެވެ. އެހެން މުހިއްމު ކަންތައްތައް ކުރުމަށް ފައިސާ ވާނީ އިތުރެވެ.
ނިންމައިލުން
20 މިލިއަން ރުފިޔާގެ ސުވާލު
ރ. މުޢިއްޒު ވިދާޅުވިކަމަށް ނޫސްތަކުގައި ބުނާ ގޮތަށް، މި ދައުރުގައި، މިދިލިމަގުގައި ހުރި ސޯލާމަޅުތައް އެހެން ދެ ރަށަކަށް ބަދަލުކުރާނެ ހެއްޔެވެ؟ ނޫނީ، ދިވެހީންނަށް ޖެހޭނީ މިތަކެތި ބާވެގެން ނަގަންދެން، މި ފެނުމުން ލޮލަށާއި ހިތަށް ކުރާ ވޭން 25 އަހަރުވަންދެން ބަރުދާސްތުކުރަން ހެއްޔެވެ؟
އަޅުގަނޑުގެ ނަޒަރުގައި، އެހެން ރަށަކަށް މި ޕެނަލްތައް ބަދަލުކުރުމަކީ މައްސަލައިގެ ހައްލެއް ނޫނެވެ. އެއީ ކަރަންޓު އުފައްދާތަނާއި (ސޯލާމަޅުތަކާއި) އެ ބޭނުންކުރާ ތަނާއި (ހުޅުމާލެއާ) ދުރުވުމަކީ އިލެކްޓްރިކް ހަކަތަ އެއިން ގެންދާ ނަރުތައް ދިގުވެ، އަގުބޮޑު ވެގެން ދެކޮޅު ޖެހޭނޭ ކަމަކަށް ނުވާނެއެވެ. ސޯލާމަޅުތައް މިހާރު ހުރިތަނުން ނަގައި، މަގުގެ މަތީގައި ބެހެއްޓުމަކީ އެންމެ އެދެވޭ ގޮތް ކަމަށް އަޅުގަނޑަށް ފެނެއެވެ. މިކަމަށް ދާނީ ކިހާ ޚަރަދެއް ހެއްޔެވެ؟ އަލީބާބާ ފަދަ ދަގަނޑު ގުދަން ފަދަ ތަކެތި ވިއްކާ ތަންތަނުން، މަޅުހަރުކުރަން އެކަށޭނެ ގިޔުގަނޑުގެ އަގު ކިޔަނީ އަކަމީޓަރުންނެވެ. އަކަމީޓަރެއް 15 ޑޮލަރެވެ. އެހެންކަމުން، މިފަދަ ތަކެތި ގަނެ، ގެނެސް، ރޭވުމާއި، މިހާރު ހުރި ތަކެތި އެތުރުމުގެ އަންދާޒާއަކީ 20 މިލިއަން ރުފިޔާއެވެ. މިގޮތަށް ގެންނަ ދަގަނޑު ބޮޑެތި ގުދަންބާވަތުގެ ގިޔުގަނޑު ވާންވާނީ، މޫދާ ގާތްތަނެއްކަމުން، ދިޔާ ތުތިޔަ ހުރި ބިލިގާއެއްގެ ތެރައަށް ލައިގެން (hot-dipped galvanized) ކަލާކޮށްފައިވާ ތަކެއްޗަށެވެ. ކާރަކުން ޖެހި ހަލާކު ނުވާނޭ ފަދައިން މެއްލަތައް ހުންނަވާނީ ކޮންކްރީޓުން ޙިމާޔަތް ކުރެވިފައެވެ. ދެން އެންމެ މުހިއްމު ސުވާލެވެ. މިކަން މި ދައުރުގައި ވާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދިނުމަށް އަޅުގަނޑު ދޫކޮށްލާނީ ކިޔުންތެރީންނަށެވެ.
ދިވެހީން މިހާރު ބަރުދާސްތުކުރަމުން ދަނީ، ދިވެހިރާއްޖޭގެ ތާރީޚްގައި އައިސްފައިނުވާ ފަދަ ފަސާދައާއި ކުށްކުރުމާއި ފާފަވެރިވުމާއި ކަންދެއްކުމާއި މިފަދަ މުންކަރާތްތަކުން ފުރިގެންވާ ދައުރެކެވެ. ފަސް އަހަރުގެ ތެރޭގައި ގިނަ ސިޔާސީން މަސައްކަތްކުރަނީ އެމީހަކަށް ނެގޭނެ އެންމެ ބޮޑު ޒާތީ މަންފާތަކެއް ނެގުމަށެވެ. ޕަބްލިކް މުދަލުން ޕްރައިވެޓް މަންފާ ނެގުމަށެވެ. ކުންފުނިތަކުގެ ވެރީންވެސް މިކަމުން ބަރީޢަވާނީ ކިހިނަކުން ހެއްޔެވެ؟ މިދިލިމަގަށް އަމުރުމަޢުރޫފް ހިންގަނީ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިންނެވެ. ރ. ޞޯލިޙްގެ ދައުރުގައި، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ނަން އާރބަންކޯ އަށް ބަދަލުކުރުމަށް، 776 ހާސްރުފިޔާ ޚަރަދުކުރިކަމަށް މި ޚަބަރު ބުނެއެވެ. މި ޚަރަދުކުރިތާ މާ ގިނަދުވަހެއް ނުވެ، ސަރުކާރު ބަދަލުވުމާއެކު ކުރީގެ ނަން އަނބުރާ އިޢާދަކޮށްފިއެވެ. އެ ޚަބަރުގައި، އެކަންކުރީ ބަޔަކަށް ފައިސާތަކެއް ދޫކުރުމަށް ކަމަށް ރ. މުޢިއްޒު ވިދާޅުވިކަމަށް ވެއެވެ. މިފަދަ ކުންފުނިތަކާ ބެހޭ ގޮތުން މިއަށް ވުރެ މާބޮޑު ފަސާދަތައް ޝާއިޢުކޮށްފައި ވެއެވެ. ކުންފުންޏަކީ ދައުލަތުގެ ތަނެއްކަމުން، މި ގެއްލުމުގެ ބަދަލަށް ރައްޔިތުންނަށް ޒިންމާވާނީ ކާކު ހެއްޔެވެ؟ މި ކުންފުނިތައް ހިންގާ ޤާނޫނުތައް އެކުލަވައިލާ މެންބަރުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރޭ ހެއްޔެވެ؟
މި ޖީލުގެ ބޮޑުބައެއް ވަނީ ހަލާކުވެފައެވެ. ފަޑިޔާރުންނާއި ފުލުހުން ފަސާދަ ވެއްޖެއެވެ. ސިފައިންނާއި ސިޔާސީން ކުށްކުރުމުގައި ޝަރީކުވެއެވެ. ޑްރަގު ގަނެވިއްކާ މީހުންނާއި ޑާކޫން ރޯމާ ދުވާލު އެމީހުން އެކަންކުރުމުގައި ޤަރާރުވެގެން ވެއެވެ. ވެރިކަމަށް ހޮވާ މީހުންނަށް މިކަންކަން ވަރިހަމަ ވެއްޖެއެވެ. އާހް އެވެ. … އަޅުގަނޑަށް ފެންނަ ގޮތުގައި، މިފަދަ މައްސަލަތަކުގެ ހައްލުވަނީ މަދްރަސީ ނިޒާމަށް ގެންނަންޖެހޭ އިޞްލާޙްތަކުގައެވެ. ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކުގައެވެ. މީހުން ބޮޑު ވަނީ ކުޑަކުއްޖަކަށް ވުމަށް ފަހުގައެވެ. ކުޑަކުދީންގެ ކިބައިގައި ވަކި ސުލޫކަކާއި އަޚްލާޤެއް އަށަގަންނުވަނީ މައިންބަފައިންނާއި މަދަރުސާތަކުންނެވެ. އެކުދިންނަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުންނެވެ.
raathaa gaabarin fufuneh kamaku dhabaru dhangaduthakaa furaalhuthakun manzaru vvvv huthuru. bayaku hamain nethigen udhuhifa ulhandhuthah dhuvviyas emmen ulhenee efaadakah noon. reethikoh nalakoh chaalukoh ethan onnan jeheynee. mihaaru bolah thuraa vey. vai baariyyaa ethanun tinugandeh vissaigen karaa dhimaa ah naannaanebaaey hithah araa.
ގިނަ މަޢުލޫމާތު ލިބި ތަރައްޤީ އަށް މަސައްކަތް ކުރުމުގައި ވިސްނާންޖެހޭއެތައްކަމެއް ސާފުވެގެން ހިނގައްޖެއެވެ.
ވަރަށް ހެޔޮދުޢާ އަދާކުރާ އެވެ!
Interesting article. You have sticked to the idea of roofing of solar panels. Seems biased as your mind is quite set on that. Why not the idea of floating solar panels? Or having them in town making shady places like bus stops etc.
I find that the last 2 paragraphs are unrelated to the heading. I think it will be interesting as well, if there’s an article in that topic.