މިދުވަސްވަރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ލިބޭ އާމްދަނީ އިން ނުފުދޭވަރަށް ޚަރަދު ބޮޑު ވުމެވެ. މިއާއެކު، އެކި ދައުރުތަކުގައި ނަގާފައިވާ ލޯނުތަކާއި އޭގެ އިންޓްރަސްޓްއަށް ދައްކަން ޖެހޭ މިންވަރު އިންތިހާއަށް ބޮޑުވެފައި ވުމެވެ. ދަރަންޏާއި ޚަރަދުތައް ބޮޑުވެފައިވަނީ އެކަމަށް ގެންގުޅޭ މިންގަނޑުތަކުން ބަލާއިރު ދުނިޔެއިން އެއްވަނަ ލިބޭ މިންވަރަށެވެ. މިއީ ފަޚުރުވެރިވާންވީ ދަރަޖައެއް ނޫނެވެ. އަދި ކިއެއްތަ! މިއީ މިކަން މެދުވެރި ގޮތްތަކާ މެދު ވިލިކައި އެފަދަ ކަމެއް ތަކުރާރު ނުވޭނޭ ގޮތުގެ މަތީން މާލީ ކަމާކެމި އިޞްލާޙްކުރަންވީ މައްސަލައެކެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑުގެ ނަޒަރުގައި އާމްދަނީއިން ދެކޮޅު ޖައްސަން ސަރުކާރަށް އޮތް އިޚްތިޔާރާތްތަކެވެ. އާދެ! އޮޕްޝަން ތަކެވެ.
ރ. ނާޞިރުގެ ދައުރު ނިމުނު އިރު، ރާއްޖެއަކީ މާބޮޑަށް ބޭރު ޤައުމުތަކަށް ދަރާފައިވާ ޤައުމެއް ނޫނެވެ. ދެން އައި ރ. މައުމޫންގެ ދައުރުގައި، ލޯނު ނެގުން އިތުރުވެގެން ދިޔައެވެ. އަދި އެ ދައުރުގެ ފަހުކޮޅުގައި، ތަކުރާރުވާ މުތަކައްރިރު (ރިކަރަންޓް) ޚަރަދުތައް ބޮޑުވެފައި ވިއަސް، އާމްދަނީ އިން ފުދެއެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރު ދަރަނީގެ މިންވަރު ހުރީ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުން އެކަށޭނެ މިންވަރަކަށެވެ. ޤައުމެއްގެ އެންމެން އަހަރެއްގައި އުފައްދާ ތަކެއްޗާއި ދޭ ޚިދުމަތްތަކާއި ކުރާ މަސައްކަތް އަގުމަގުކޮށްފި ނަމަ، ޖެހޭ މިންވަރަށް ކިޔަނީ ޖީޑީޕީ އެވެ. އިޤްތިޞާދީ މާހިރުން ބުނާގޮތުގައި އެއްވެސް ޤައުމެއްގެ ދަރަނި މި ޖީޑީޕީގެ %60 އަށް ވުރެ އިތުރުވުމަކީ އެދެވޭ ކަމެއް ނޫނެވެ. [މިކަރުދާހުގައި ބުނާ ފަދައިން %77 އަށް ވުރެ މަތިވެއްޖެނަމަ، ދަރަނިން ވާނީ ދިގުމުއްދަތުގައި ގެއްލުމެވެ.] ތިރީގައި އެވަނީ ދާދި ފަހާ ޖެހެންދެން، ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރެވެ.
ޗާޓުގައި ނުސާފުކަމެއް ވާނަމަ، ކްލިކް ކުރެއްވުން އެދެމެވެ.
މި ޗާޓުގެ ބޮޑު ބަޔަކީ، މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާ އަޙްމަދު މުނައްވަރުގެ މަޒުމޫނުގައި ހިމެނުއްވި ޗާޓެކެވެ. އަޅުގަނޑު ވަނީ 2021، 2022، 2023 މި ތިން އަހަރު، ޖީޑީޕީގެ ނިސްބަތުން ދަރަނީގެ އިންސައްތަ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައިވާ ތަފާސް ހިސާބުތަކުން ބަލައި ހިމަނާފައެވެ. އެ ތިން އަހަރަށް ވާ ޢަދަދުތަކަކީ، %115 އާއި %114 އާއި %123 އެވެ. %60 އާ ދިމާއިން ރަހަ ރޮނގެއް ދަމާފައި އެވަނީ މާލީ މާހިރުން ދަރަނި ބޮޑު ނުކުރަންވާ ކަމަށް ބުނާ ނިސްބަތަށެވެ. ނަމަވެސް މިހާރު ދަރަނިވަނީ އެ ނިސްބަތުން ދެގުނަ (ޑަބަލް) ބޮޑުވެފައެވެ. މިގޮތަށް ދަރަނި ބޮޑުވާން ފެށީ ރ. ޔާމީން ގެ ދައުރުގައެވެ. އެކި ހިސާބުތަކަށް ފިކުރުހިންގުމުން ރ. މައުމޫނަށް ފަހު، ރާއްޖޭގެ ޚަރަދުބަރަދު އެންމެ ރަނގަޅު ކަމަށް ފެންނަނީ ރ. ވަޙީދުގެ ދުވަސްވަރު އެވެ.
ލޯނުތައް ނަގަން ޖެހެނީ، ލިބޭ މިންވަރަށް ވުރެ ޚަރަދު ބޮޑުކުރާތީ އެވެ. އިތުބާރު ހުރި އާމްދަނީ އާއި ޚަރަދުގެ ހިސާބުތައް ވަރަށް ގިނަ ތަފްޞީލްއާއެކު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ވެއެވެ. ތިރީގައި މިވާ ޗާޓުގައި އެވަނީ މި ޚަރަދުތައް ގުރާފުކޮށްފައެވެ.
މި ޗާޓަށް ނަޒަރު ހިންގުމުން ފާހަގަކުރެވެނީ 2014 އިން ފެށިގެން 2024 އަށް ކޮންމެ އަހަރެއްގައިވެސް ދައުލަތަށް ލިބޭ އެއްޗަކަށް ވުރެ ކުރާ ޚަރަދު ބޮޑުވެފައިވާ ކަމެވެ. މި ތަފާތު އެންމެ ކުޑަވީ ރ. ވަޙީދުގެ ދުވަސްވަރުއެވެ. ދެން ރ. ޔާމީންގެ ދައުރުގައި، 2016 ގައި އޭނާ ގެންނެވި ބަދަލުތަކެއްގެ ސަބަބުން ޚަރަދާއި އާމްދަނީ ގެ ފަރަގު ކުޑަވިއެވެ. ރ. ޞާލިޙްގެ ދައުރުގައި، ޔާމީންގެ ޚަރަދުކުޑަކުރުމުގެ ބަދަލުތައް އުވާލުމުން، މި ތަފާތު ދިޔައީ ބޮޑުވަމުންނެވެ. އޭނާގެ ދުވަސްވަރު އާމްދަނީ ކުޑަވެފައި އެވަނީ ދުނިޔެއަށް ބޯޑު ރޯގާއެއް ފެތުރުމާ ގުޅިގެން އިޤްތިޞާދު ދަށަށް ވެސް ދިއުމުންނެވެ. ރ. ޞާލިޙްގެ ދައުރުގައި އާމްދަނީއާއި ޚަރަދުގެ ފަރަގު ރެކޯޑު މިންވަރަކަށް (13 ބިލިއަނަށް) ބޮޑުވެފައި ވެއެވެ. 2024 ވަނަ އަހަރު މި ފަރަގުވަނީ 9 ބިލިއަނުގައެވެ. ނަމަވެސް 9 ބިލިއަން އަކީ ވެސް ދެމެހެއްޓޭނޭ މިންވަރުގެ ފަރަޤެއް ނޫނެވެ.
މާލީ ސުލޫކު
ފިނޭންސަލް ޑިސިޕްލިން އަކީ ނުވަތަ މާލީ ސުލޫކަކީ، ޚަރަދުކުރުމާއި ވުނަކުރުމާއި (އިންވެސްޓު ކުރުމާއި) ފަހަށް ރައްކާކުރުމުގައި ދިގު މުއްދަތުގެ ތަނަވަސްކަމަށް އަމާޒުކޮށް ޢަމަލުކުރުމެވެ. އެއީ ލިބޭ މިންވަރަށް ބަރޯސާކުރުމާއި ދަރަނިވެރިވިޔަ ނުދިނުމާއި މާލީގޮތުން ސާބިތުކަން ހުރުމެވެ. މާލީ ސުލޫކަކީ ޤައުމެއް ހިންގުމުގައި، އަދި ކުންފުނިތަކާއި އާއިލާތައް ހިންގުމުގައި އެންމެ ބޮޑު އިސްކަން ދޭންޖެހޭ ކަމެވެ. ފަހުގެ މާޒީގައި އެއް ރަސްކަލެއް ޢަޒުލްކުރެވިފައިވަނީ ވެސް މާލީ ސުލޫކު ނެތުމުގެ ސަބަބުންނެވެ. ފަހުގެ އެތައް ވެރީންގެ މަޤާމު ގެއްލިފައިވަނީ ވެސް، އޭގެ އަޞްލަށް ބަލައިފިނަމަ، މާލީ ހިންގުމުގައި ހަރުދަނާކަން ނެތުމުންނެވެ. ކޮންމެ ވެރިކަމަކީ އަމާނާތެކެވެ. މި އަމާނާތް އަދާކުރަންވާނީ ޤައުމުގެ މިނިވަންކަމާއި ކަރާމަތާއި ޝާންއާއި ފުދުންތެރިކަމަށް ވިސްނައި، ދެކޮޅުޖެހޭނޭ ގޮތެއްގެ މަތީންނެވެ. ކަނޑާއި ބިމުން އަގުބޮޑު މަޢުދަނާއި ގޭހާއި ތެޔޮ ނަގާ ބޮޑެތި ޤައުމުތަކުގެ ފޭޑި، ނުދެމެހެއްޓޭނެ ގޮތަށް، ވަގުތީ މަންފާއަކަށް ދިވެހީން ތަޤްލީދުކުރުމަކީ ނުވަތަ ނަޤުލް ކުރުމަކީ ޤައުމަށް ޚިޔާނާތްތެރިވުން ކަމުގައި ނޫނީ ނުވާނެއެވެ.
ޚަރަދުތައް ބޮޑު ވެފައިވަނީ ކޮން ކަންކަމަކަށް؟
އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުން އެކަންޏެއް ނޫނެވެ. ނަގާފައިވާ ބޮޑެތި ލޯނުތައް އަދާކުރުމަށް ފައިސާ ބާކީ ކުރުމެވެ. އެކަން ބިނާވަނީ ޚަރަދުކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ މައްޗަށެވެ. ޢާއްމުކޮށް ކޮންމެ މަހަކު ނުވަތަ އަހަރަކު ކުރަންޖެހޭ ތަކުރާރުވާ، ރިކަރަންޓު ޚަރަދުތައް ކުރުމަށް ލޯނު ނެގުމަކީ މި މައްސަލަ ޙައްލު ކުރަން އެންމެ ނުރަނގަޅު ގޮތެވެ. އެއީ ނުބައި މަގަކުން ކުރިއަށް އިތުރަށް ދުއްވުމެވެ. ވަގުތީ ބޭނުމަކަށް ދާއިމީ ތަނަވަސްކަން މާރުކުރުމެވެ.
ޚަރަދުކުޑަކުރަން ބަލާއިރު އެންމެ ފުރަތަމަ ވިސްނަންވީ އެންމެ ބޮޑެތި ޚަރަދުތައް ކުރަންޖެހެނީ ކޮންކޮން ކަންކަމަކަށް ތޯއެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް އަޅުގަނޑުމެން ރުޖޫޢަވާންޖެހޭނީ މާލީ ވުޒާރާގެ ހިސާބުތަކަށެވެ.
ޗާޓުގައި ނުސާފުކަމެއް ވާނަމަ، ކްލިކް ކުރެއްވުން އެދެމެވެ.
2024 ވަނަ އަހަރުގެ ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް މިދަނީ ދައުލަތުގެ މުވައްޒަފުންގެ އުޖޫރައަށެވެ. އެއީ ޚަރަދުގެ %24 އެވެ. ގާތްގަޑަކަށް މުޅި ޚަރަދުގެ ހަތަރު ބައިކުޅަ އެއްބައެވެ. ދެން އެންމެ ބޮޑު ޚަރަދެއް މިދަނީ އާސަންދަ ފަދަ އިޖްތިމާޢީ ރައްކައުތެރިކަމާ ބެހޭ ކަންކަމަށެވެ. އެއީ %18 އެވެ. މިއާ ދާދި އެއްވަރެއް މި ޚަރަދުވަނީ އެހެނިހެން އެލަވަންސް ތަކަށެވެ. ހީނުކުރާހާ ބޮޑު ބައެއް، %13، ލޯނުތަކަށް އިންޓްރަސްޓް ދައްކަން ދެއެވެ. މި ޗާޓުން އަޅުގަނޑުމެންނަށް ކަށަވަރު ވަނީ، ޚަރަދުކުޑަކުރަން ވިސްނާނަމަ، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އެންމެ ބޮޑު ޚަރަދުތައް ހިނގާ ތިންކަމަށެވެ. އިންޓްރަސްޓް އަކީ ލޯނު ނެގުމާ ގުޅިގެން ދައްކަން ޖެހޭ އެއްޗެކެވެ. އެ ދެއްކުން ލަސްކުރެވިދާނެއެވެ. ނަމަވެސް، ނުދައްކައި ފަރަކު ނުޖެހޭނެއެވެ. ދެން ހުރި އެހެން ކަންކަމުން، މި ދެންނެވި ތިންކަމުން ބާކީ ކުރެވޭހާ ބޮޑު ނިސްބަތެއް ސަލާމަތެއް ނުކުރެވޭނެއެވެ.
ކޮވިޑްއާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު %20 ދަށް ވިއެވެ. އެހެން ގޮތަކަށް ބުނާނަމަ، ހުރިހާ އެއްޗެއްގެ އަގު ގާތްގަޑަކަށް %20 އަށް އުފުލުނެވެ. ނަމަވެސް، ޚަރަދުތައް ބޮޑު ވެފައިވަނީ މި ނިސްބަތުން ބާވައެވެ؟ 2018 ގެ ބަޖެޓުގެ އެކި ކަންކަމަށް ކުރި ޚަރަދާއި 2024 ގައި އެ ކަންކަމަށް ކުރަންޖެހޭ ޚަރަދާ އަޅާބަލަނިކޮން، އެންމެ ބޮޑު ބަދަލުތައް އައި ކަންކަން ފާހަގަވާނެއެވެ.
މަތީގައިވާ ޗާޓުގައި އެވަނީ ޚަރަދުގެ ބައެއް އައިޓަމްތައް، 2018 އިން 2024 އަށް ބޮޑުވެފައިވާ ނިސްބަތް، އިންސައްތައިންނެވެ. މި ހިސާބުތަކުގައި އައިޓަމްއެއް %100 އަށް ބޮޑުވެފައިވާނަމަ، އޭގެ މާނައަކީ 2018 އާ އަޅާބަލާއިރު ޑަބަލް (ދެގުނަ) ބޮޑެވެ. އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ދަރަނީގެ އިންޓްރަސްޓް %166 އަށް ބޮޑުވެފައިވާ ކަމެވެ. މީގެ އިތުރަށް ޕެންޝަން އާއި އިޖްތިމާޢީ ރައްކައުތެރިކަމާ ބެހޭ ޚަރަދުތަކާއި ބޭރުގެ ޖަމްޢިއްޔާތަކަށް ދައްކަން ޖެހޭ އިސްތިރާކު ޑަބަލްއަށް ވުރެ މައްޗަށް ބޮޑުވެފައި ވެއެވެ. މިއީ ދެމެހެއްޓޭނޭ ބޮޑުވުމެއް ނޫނެވެ. މުސާރައާއި އުޖޫރަ ވެސް ބޮޑުވެފައިވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި ނުހިފެހެއްޓޭނޭ ވަރަށެވެ. ތަމްރީނާއި ބައެއް ޢިނާޔަތްތައް 2024 ގައި ކުޑަވެފައި ވެއެވެ.
އަޅުގަނޑުގެ ނަޒަރުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި %15 އަށް ވުރެ ޚަރަދެއް ބޮޑުވާނަމަ، އެއީ ދިގު މުއްދަތުގައި ދެމެހެއްޓޭނެ ކަމެއް ނޫނެވެ. މި ހިސާބުތައް ހަދާފައިވަނީ މި ޖުމުލައަށް އޮބައިލުމުން ޑައުންލޯޑުވާ މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުންނެވެ. ތިޔަ ބޭފުޅުން ތޯރާލުމަށް (ޗެކުކުރުމަށް) އަމިއްލަފުޅަށް ހިސާބުތައް ހެއްދެވިއަސް، ނުކުންނާނީ އަޅުގަނޑަށް އައި ނަތީޖާއެވެ.
އާމްދަނީއިން ދެކޮޅު ޖެއްސުމަށް އަވަހަށް އަޅަންޖެހޭ ފިޔަވަޅުތައް
ޚަރަދުތައް ކުޑަކުރުން
(1) ދައުލަތުގެ އެންމެ ބޮޑު ޚަރަދެއް މިހާރު ހިނގަނީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށެވެ. މިކަން ޙައްލުކުރުމަށް އޮތްގޮތަކީ، ބޮޑެތި މުސާރަތައް ލިބޭ މުވައްޒަފުންގެ ޢަދަދު މަދުކުރުމެވެ. ކުރިން ހަވާލާދީފައިވާ މަޒުމޫނުގައި އަޙްމަދު މުނައްވަރު ފާހަގަކޮށްފައިވަނީ ދައުލަތުގެ އެންމެ ބޮޑެތި މުސާރަ ލިބެނީ ސިޔާސީންނަށް ކަމަށެވެ. މި މީހުންނަށް ލިބޭ މުސާރައާއި ސިވިލް ސާވިސް ފަދަ ފަރާތްތަކުގެ މުސާރަތަކާއި މެދު ވަރަށް ބޮޑު ފަރަގެއް ވާކަމަށް އޭނާ ފާހަގަކޮށްފައި ވެއެވެ. ބައެއް މަޤާމުތައް މަދުކުރުމަށް، ޤާނޫނަށް ބަދަލު ގެންނަން އެބަޖެހެއެވެ.
ޙަވާލާދެވުނު މަޒުމޫނުގައި، ފާހަގަކޮށްފައިވާ އަނެއް ނުކުތާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކަމާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކަމެވެ. މީގެ ތެރޭގައި ޕްރޮސިކިޔުޓަރ ޖެނެރަލް ގެ އޮފީސް ވެސް ހިމެނެއެވެ. މުސާރަތައް ބޮޑުކަމުގައި ވިއަސް މި ތަންތަނުގެ އުފެއްދުންތެރިކަން ކުޑަކަން ނުސީދާކޮށް މުނައްވަރު ފާހަގަ ކޮށްފައި ވެއެވެ. އެއް ދުވަހަކު އަޅުގަނޑު ސައިބޯން އިން ހޮޓަލެއްގައި ދެ މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. އެކަކު ދެއްކީ ޝަރީޢަތެއް އަވަސް ކުރަންވެގެން، ޤާޟީއަށް ރިސްވަތު ދިން ވާހަކައެވެ. އެ ނޫން ގޮތަކަށް އެ ޝަރީޢަތް ކުރެވޭ ގޮތް ނެތީއެވެ. ދެން އަނެއް މީހާ ކިޔައިދިނީ އެކި އެކި ފިއްތުންތަކާ ހެދި، އަމިއްލަ މަންފާއަށް ޝަރީޢަތް ކޮށްދިން ޤާޟީއެއް ދެއްކި ވާހަކައެކެވެ. އަޅުގަނޑަށް ވިސްނުނީ ޢާއްމު ރައްޔިތުންގެ މެދުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާ ދޭތެރޭ އިތުބާރާއި އިޢުތިމާދު ގެއްލިފައިވާ ކަމެވެ. ޝަރީޢަތްތައް ލަސްވެ އިންސާފު ގެއްލޭ ކަމެވެ. ނުޙައްޤަށް ޝަރީޢަތްތައް ނިންމާ ކަމެވެ. ނަމަވެސް، ޝަރީޢަތްތަކާ ދޭތެރޭ ގިނަ މީހުންނަށް ފެންނަ ގޮތް ޔަޤީންވާނީ ސާވޭއެއް ކޮށްގެންނެވެ. ނަމަވެސް ބޮޑު މުސާރައިން އެދެވޭ ނަތީޖާއެއް ނުނެރެވޭކަމަށް ލަފާކުރެވެއެވެ. އެންޓިކޮރަޕްޝަން ކޮމިޝަނާއި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް ޕޮލިޓިސައިޒް ވެގެން (މޫނަށް ކަނދުރާއަށް ބަލައި ކަންކަންކުރާތީ) އެތަންތަނުގެ ހެޔޮ އަސަރު ކުޑަވެފައިވާ ކަން ކުރިން ޙަވާލާ ދެވުނު މަޒުމޫނުގައި މުނައްވަރު ފާހަގަކޮށްފައި ވެއެވެ. އެ މަޒުމޫނުގައިވާ ގޮތުން، ފާއިތުވެފައިވާ ދުވަސްތަކުގައި އެންމެ މުސާރަ ބޮޑުވެފައިވަނީ ޓެކްސް ނަގާ އިދާރާގެއެވެ. އެއީ އެބައެއްގެ އަތްދަށުގައި މުސާރަތައް ކަނޑައެޅުމުގެ ބާރު އޮންނަ ފިނޭންސް މިނިސްޓްރީ ގެ ދަށުން ހިނގާ ތަނެކެވެ.
(2) ބައެއް ފަރާތްތަކުގެ މުސާރަ/އުޖޫރަ ކުޑަކުރުން. މުސާރަތައް ބަޖެޓަށް އޮބިނޯންނަވަރަށް ބޮޑުވެފައިވާ ބައެއް މަޤާމުތަކުގެ މުސާރަތައް ކަޑައެޅިފައިވާ މިންގަނޑަކުން ކުޑަކުރަން ޖެހެއެވެ. މި ޙަރަކާތް ހިންގަންވީ ސިޔާސީންނާއި ބައެއް މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ. އެއްގޮތަކީ މި ވެރީންގެ އުޖޫރަ، ސަރުކާރުން ކަނޑައަޅާ އިންސައްތައަކުން (މިސާލަކަށް %20 ) ކުޑަ ކުރުމެވެ. ހަމަ މިއާއެކު، ރައްޔިތުންގެ މަޖިލީހުން އެ ތަނުގެ މެންބަރުންގެ އުޖޫރަ ކަނޑައެޅުން އެ މަޖިލީހުން ނަގަން ވެސް ޖެހެއެވެ. އެއް ހުށަހެޅުމަކީ، ރައްޔިތުންގެ ޚިޔާލު ހޯދައިގެން އެންމެ ދަށް އުޖޫރައިގެ ވަކި ގުނައެއް މެންބަރުންނަށް ދޭގޮތަށް ޤާނޫނުތައް ހަމަޖެއްސުމެވެ. މިސާލެއްގެ ގޮތުން، މިހާރު އެންމެ ދަށް އުޖޫރައަކީ، 7000 ރުފިޔާނަމަ، އޭގެ 4 ގުނަ ނުވަތަ ކަނޑައަޅާ އެހެން ގުނައެއް މެންބަރުންނަށް ދޭނީއެވެ. މިހެން ހެދުމުން ފަޤީރުންގެ އުޖޫރައަށް ބަދަލު ނުގެނެސް، ސިޔާސީންގެ އުޖޫރަ ބޮޑެއް ނުކުރެވޭނެއެވެ. [އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އުޖޫރައަކީ ދިވެހި ވިހި ހާސް ރުފިޔާ އެވެ. އެތެރެވަރީގެ އެންމެ އުޖޫރަބޮޑު ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ މަޖިލީހެވެ.]
(3) ބައެއް ޢިނާޔަތްތައް ހަމަޖެހޭ ގޮތަކަށް ދަށްކުރުން. މަތީގައި ބަޔާންކުރެވުނު ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި، އެކި ޢިނާޔަތްތަކާއި އުޖޫރަތަކާއި މުސާރައަށް ބަޖެޓުގެ ބޮޑު ބައެއް ޚަރަދު ވެއެވެ. ޙަވާލާދެވުނު މަޒުމޫނުގައި ވަނީ އަންނަނިވި ގޮތަށެވެ. With regard to components of recurrent expenditures, on average almost 70 percent of the expenditure was spent on wages, allowances and other administrative expenses. ފާއިތުވީ އަހަރުތަކުގައި އެކި ބޭނުމަށް ތަޢާރުފު ކުރި އެލަވަންސްތައް މިހާރު ޢާއްމު ވެއްޖެއެވެ. އެންމެ ރަނގަޅު މިސާލަކީ ނޮން-ޕްރެކްޓިސިން އެލަވަންސް އެވެ. މިއީ ބައެއް އިދާރާތަކުން ނުރަސްމީ ވަގުތުގައި ވެސް އުޖޫރަލިބޭ ގުޅުންހުރި މަސައްކަތެއް ނުކުރުމަށް ޝަރުޠުކޮށް ދޭން ފެށިއުޖޫރައެކެވެ. މިހާރު މި އުޖޫރަ ނުލިބޭ ދައުލަތުގެ ވަޒީފާއެއް އޮންނަހެން ހިޔެއް ނުވެއެވެ.
(4) އިޖްތިމާޢީ ރައްކައުތެރިކަމަށް ކުރާ ޚަރަދު ކުޑަކުރުން. ބައެއް ނޫސްތަކުން ބުނާގޮތުގައި އާސަންދަ ފަދަ ހިލޭ އެހީދޭ އިދާރާތަކުގައި ބޮޑެތި މައްސަލަތަކެއް ވެއެވެ. މިކަމުން މުއްސަނދިވީ ބައެއް ބާވަތުގެ ވިޔަފާރިތައް ހިންގާ ފަރާތްތަކެވެ. އިޖްތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދެވޭނީ، ފައިސާ ލިބޭ މިންވަރަކަށެވެ. މިކަމުގެ އިތުރު ތަފްޞީލް މަޒުމޫނު ކުރުކުރުމުގެ ގޮތުން އަޅުގަނޑު ނުލިޔާނަމެވެ. ނަމަވެސް، ބަޖެޓުގެ ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ހިނގާ ދާއިރާއަށް ބަދަލުތަކެއް ނުގެނެސް ލިބޭ އާމްދަނީއިން ފަރުޖައްސާނީ ކިހިނެއްތޯއެވެ؟
(5) ޕެންޝަން ނިޒާމު އަލުން މުރާޖަޢާ ކުރުން. މިހާރު މިއޮތް ޕެންޝަން ނިޒާމަކީ ދެމެހެއްޓޭނޭ ނިޒާމެއް ނޫނެވެ. މި ނިޒާމު މުރާޖަޢާކުރަން ކުރީ ސަރުކާރުން ހުށަނޭޅީ އިންތިޚާބު ކައިރިވެފައިވާތީ ކަމަށް ލަފާކުރެވެއެވެ. ކުރަންޖެހޭ މުހިއްމު ކަންކަމުގެ ތެރޭގައި، ޕެންޝަން ލިބޭ ޢުމުރު މަތިކުރުމާއި، 55 އަހަރުވުމާ ގުޅިގެން ވަޒީފާއިން ވަކިވުމުން ލިބޭ ޕެންޝަން ކުޑަކުރުން ހިމަނަން ޖެހޭނެއެވެ. އަދި ވަޒީފާ ދޭ ފަރާތުން (ދައުލަތުން ދައްކާ މިންވަރު) ކުޑަކުރަން ޖެހޭނެއެވެ. މިއީ އެހެން ޤައުމުތަކުގައި ވެސް މިކަން މިހާރު ބަދަލުކުރަމުން އަންނަ ގޮތެވެ. އާމްދަނީ ނެތްނަމަ، ޚަރަދުކުރެވޭނޭ ގޮތެއް ނޯންނާނެއެވެ.
އާމްދަނީ އިތުރުކުރުން
(1) އިންކަމް ޓެކްސް އިން ލިބޭ މިންވަރު ގިނަކުރުން. ޤާނޫނަށް ގެންނަ ބަދަލަކުން އިންކަމް ޓެކްސް އިން ލިބޭ އާމްދަނީ ބޮޑުކުރަން ޖެހެއެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ކުޑަ އާމްދަނީގެ 5 ގުނައިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ނަގަން ވާނެއެވެ. ޓެކްސް ނަގާ ބުރެކެޓްތަކާއި ނަގާ މިންވަރު މުރާޖަޢާ ކުރަންޖެހެއެވެ.
(2) ޓެކްސްތައް އިތުރުކުރުން. އާމްދަނީ އިތުރުކުރުމަށް ޓެކްސް އިތުރުކުރެވިދާނެއެވެ. ރ. ޞާލިޙްގެ ދައުރުގައި ޖީއެސްޓީ ވަނީ %8 އަށް މަތިކޮށްފައެވެ. ސިންގަޕޫރުގައި ޖީއެސްޓީ ރޭޓަކީ %9 އެވެ. ނަމަވެސް މިހާރު މިކަން ކޮށްފިނަމަ، ތަކެތި އަގުބޮޑުވެ ސަރުކާރުގެ ފެނުން ހުތުރުވާނެއެވެ. ޓެކުސް އާމްދަނީ އިތުރުކުރުމަށް ޓެކްސްނަގާ ކަންތައްތަކާއި ނަގާ މިންވަރު ގިނަ ކުރެވިދދާނެއެވެ. އަދި ޓެކްސް ދެއްކުމުން ރެކުން މަދުކުރެވިދާނެއެވެ. ޓެކުސް އިން ރެކެން ތަފާތު ކަންކަން ކުރެއެވެ. އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ބައެއް ވިޔަފާރިތަކުން ބިލް ނުހަދައި، އެއްޗެއްގެ އަގު އަމިއްލަ ނުވަތަ ވަކި އެކައުންޓަކަށް ފޮނުވާ ފޮނުވުމެވެ.
(3) ޤާނޫނުތައް ހިންގުން ހަރުދަނާ ކުރުން. ބައެއް ޤާނޫނުތަކަކީ ހިނގާ ޤާނޫނުތަކެއް ނޫނެވެ. ނޫސްތަކުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ބިދޭސީން ދައްކަން ޖެހޭ ފީ ނުދައްކާ އޮތް މިންވަރެވެ. މިފަދަ އެތައް ފީތަކަކާއި ޖުރުމާނާތައް ނުދައްކާ ވެއެވެ. މިފައިސާ ހޯދިއްޖެނަމަ، އެއީ އާމްދަނީއެވެ. ބިދޭސީގެން ފީ އިތުރުކުރުމަކީ ވެސް ހައްލެކެވެ.
1600 މިލިއަން ނުވަތަ 1.6 ބިލިއަން އަށް ބިދޭސީންގެ ފަރާތުން ނުދައްކާ ފީ ބޮޑުވާނީ 1 މިލިއަން ވެގެންނެވެ. މިހާ ހިސާބަށް ބޮޑުވިއިރު، އެ ބައެއްގެ މަސްއޫލިއްޔަތަކީ ފީ ހޯދުންކަމަށްވާ ދައުލަތުގެ މުވައްޒަފުން ވެސް މަޤާމުތަކުގައި ތިބޭނެއެވެ. އެމީހުންގެ މަސައްކަތް ބަލާ ވެރީންވެސް ތިބޭނެއެވެ. މިހެން މިކަންކަން ވެފައިވަނީ މުވައްޒަފުން ޒިންމާ އަދާނުކޮށްގެންނެވެ. އެކި ފެންވަރުގައެވެ. މިއީ ސަރުކާރު ހިންގަން ތިބޭ ބައެއް ވަރަށް ވިސްނައި ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ.
(4) ކޮރަޕްޝަންކުޑަކުރުން. ދައުލަތް ހިންގުމުގައި އެކި ބާވަތުގެ ބޮޑެތި ކޮރަޕްޝަންތައް ހިނގަމުން ދެއެވެ. ފެންމަތިވަނީ ވަރަށް މަދު ކަންކަމެވެ. ދާދި އިހަކަށް ދުވަހު، މަހުގެ ވިޔަފާރިކުރާ ސަރުކާރުގެ ކުންފުންޏަކުން އެތަނުގެ ބައެއް މުވައްޒަފުން ހިންގާ ބައެއް ބާވަތުގެ ކޮރަޕްޝަން ހާމަ ކުރިއެވެ. ކޮރަޕްޝަންގެ ސަބަބުން ބަޖެޓުން ގެއްލޭ އާމްދަނީއަކީ ވަރަށް ބޮޑު ޢަދަދެކެވެ. ކޯޓުތަކުން ޙުކުމްނުކުރަނީސް، އެކި ފަހަރު، ބޮޑެތި ޢަދަދުތަކުގެ ފައިސާ ސަރުކާރުން އަމިއްލަ ފަރާތްތަކަށް ބަޖެޓުން ދީފައި ވެއެވެ. މިފަދަ ކަންކަން ހުއްޓުވޭނީ، ރައްޔިތުންގެ މަޖިލިސް ހަރުދަނާ ވެގެންނެވެ. ދައުލަތުގެ ފައިސާ ބަދަލެއްގެ ގޮތުގައި އަމިއްލަ ފަރާތަކަށް ދޫކުރެވޭނީ ކޯޓަކުން ނިންމާ ނިންމުމެއްގެ މަތިންކަމަށް، އަދި އިސްތިޢުނާފުގެ މަރުޙަލާތައް ހުސްވެގެން ކަމަށް، ޤާނޫނަކުން ކަނޑައެޅިގެންނެވެ. މިހާރު މިވާ ގޮތަކީ، ފަސް އަހަރުގެ ދައުރެއްގައި ކޮންމެ ފަދަ ކޮރަޕްޝަނެއް ހިންގިއަސް، އެކަން ފަހުން ބަލައެއް ނުހަދައެވެ. އެހެންކަމުން، ދެން އަންނަ ސަރުކާރަކުން ކޮރަޕްޝަންގެ ތެރައަށް ވަނުމަށް މި ބޭޙަރަކާތްތެރިކަންވަނީ ވަރަށް ބޮޑު ހިތްވަރަކަށެވެ. ކޮރަޕްޝަން ނައްތާލެވޭނީ އެކަމުގައި ބައިވެރިވި މީހުންގެ މައްޗަށް ޝަރީޢަތް ކުރެވިގެންނެވެ. މަޤާމެއްގައި ހުރެ ބަޖެޓަށް ގެއްލުންވާ ކަމެއް ކޮށްފިނަމަ، މަޤާމުގައި ނެތަސް އެމީހެއްގެ މައްޗަށް ޝަރީޢަތް ކުރެވިގެންނެވެ. ގެއްލުނު ރައްޔިތުންގެ ފައިސާއަށް ޒިންމާ ކުރުވިގެންނެވެ.
{ރ. ނަޝީދުގެ ދައުރުގައި ޚަރަދުތައް ބޮޑުވެ އޮބިނޯވެގެން، ޑޮލަރުގެ އަގު %20 އަށް ދަށް ކުރިއެވެ. މާނައަކީ ކުރިން 12.85 ލާރިއަށް ވިއްކާ 1 ޑޮލަރު، 15.85 ލާރިއަށް ވިއްކާ ގޮތަށް ހަމަޖެއްސިއެވެ. [މިއީ ދިވެހި ތާރީޚްގައި ޑޮލަރުގެ އަގަށް އެންމެ ބޮޑު ބަދަލެއް ގެނައި ފަހަރެވެ.] މިކަމާ ގުޅިގެން ހުރިހާ ތަކެއްޗެއްގެ އަގު ގާތްގަޑަކަށް %25 އަށް އުފުލުނެވެ. މިހާރު ވެސް ސަރުކާރުން މިގޮތަށް ޑޮލަރު ވިއްކާ އަގު ބޮޑުކޮށްފިނަމަ، އާމްދަނީ އިތުވާނެއެވެ. ނަމަވެސް މިއާއެކު މުދަލުގެ އަގުބޮޑުވެ އިޖްތިމާޢީ ހަމަހިމޭންކަން ގެއްލުމުގެ ބިރު އޮންނާނީ ވަރަށް ގާތުގައެވެ. އެހެންވެ، މިއީ އާމްދަނީ ބޮޑުކުރުމަށް އޮތް އިޚްތިޔާރެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.}
އުފެއްދުންތެރިކަން އިތުރުކުރުން
ޚަރަދުތައް މަދުކޮށް އާމްދަނީ އިތުރުކުރުމަކީ ޚަރަދުތައް ހަމަޖެއްސުމަށް އޮތް ދެ ގޮތެވެ. އަދި އިތުރު ގޮތެއް ވެސް ވެއެވެ. އެއީ، މުވައްޒަފުންނާއި އޮފީސްތަކުގެ އުފެއްދުންތެރިކަން މަތިކުރުމެވެ. އޮފީސް ހުރުމުގެ ނުވަތަ މުވައްޒަފުން ތިބުމުގެ އަސަރު ނުވަތަ ތާސީރު ނުވަތަ ނަތީޖާ މަތިކުރުމެވެ. އެއީ ވީހާވެސް މަދު ވަގުތާއި މަދު ވަސީލަތްތަކާއި މަދު ޚަރަދާ އެކު އެދެވޭ ނަތީޖާ ނެރުމެވެ. މި ދެންނެވި ޚިޔާލަށް ނުވަތަ މަފްހޫމަށް މިހާރަކަށް އައިސް ސަމަކާރަ މަތިކުރުންކަމަށް ކިޔައެވެ. ދައުލަތުގެ ކިތަންމެ އިދާރާތަކަކީ ސަމަކާރަ ދަށް އަސަރުވެރިކަން ނެތް ތަންތަނެވެ. މި ކަމާ ހެދި، މީގެ ހައެއްކަ އަހަރު ކުރިން ބައެއް ތަންތަން އުވާލައި، އެހެންތަންތަނާ އެއްކޮށްލާފައި ވެއެވެ. މިފަދަ ޚަރަދުކުޑަކުރުމުގެ ޙަރަކާތްތަކަށް މިހާރުވެސް ފުރުޞަތު އެބައޮތެވެ.
ސަމަކާރަ މަތިކުރަން ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ އިންޓާނަލް އިފިޝަންސީ މަތިކުރުމަށް އެތައް ވަޒީފާތަކެއް މަދުކުރެވިދާނެއެވެ. މިހާރު ވެސް ކިތަންމެ ސިޔާސީ އަދި ސިޔާސީނޫން މަޤާމުތަކުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނެތް މުވައްޒަފުން ދައުލަތުގައި ހިމެނެއެވެ. އެއް ދުވަސްވަރެއްގައި އެ ބައެއްގެ ބޭނުން ބޮޑު، ނަމަވެސް، ކަންކަން ބަދަލުވެ މިހާރު އެ މަޤާމުތައް ބޭނުންނުވާ ވަޒީފާތައް ސަރުކާރުގައި ވެއެވެ. ނޫސްތަކުން ފެންނާނީ މުސާރަ ޙަލާލުނުވާތީ ބައެއް މީހުންގެ ޒަމީރަށް ކެތް ނުކުރެވިގެން ވަޒީފާ ދޫކޮށްލާ ވާހަކައެވެ. ނުވަތަ އިށީންނާނޭ ތަނެއް، ކުރާނޭ ކަމެއް ނެތިގެން ބައެއް ސިޔާސީން އޮފީހަށް ނުނުކުންނަ ވާހަކައެވެ. ނަމަވެސް މިއީ މި ގަނޑުފެން ފަރުބަދައިގެ ކަނޑުން މައްޗަށް ފެންނަ ތަންކޮޅެވެ. ދިހަބައިކުޅަ ނުވަ ބައި ވަނީ ސަތަހައިގެ އަޑީގައެވެ. އެވާހަކައެއް ނުދައްކައެވެ. މިކަންކަން މިހާ ހިސާބަށް އައިސްފައިވާ އިރު، ވެރިކަމަކީ އަމާނާތެއް ކަމާއި އެ އަމާނާތުގެ މަސްއޫލިއްޔަތުތައް ހަނދާން ހުންނަނީ ކިތައް މީހުން ބާވައެވެ!
މުވައްޒަފުންގެ އުފެއްދުންތެރިކަމާއި އަސަރު މަތިކުރަން ބޭނުން ނަމަ، މިހާރު މިއޮތް ބޭނުން އިރަކު އޮފީހަށް އައިސް، ސައި މޭޒުދޮށުގައި ވަގުތު ބޭކާރުކޮށްފައި، އާއިލާގެ އެކި މީހުންނަށް ޓެކްސީކޮށްދިނުމަށް ފަހު ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތް ކޮށް، އެކުވެރީންގެ މަޖިލިސްތަކުގައި މުނިފޫހިފިލުވައި، 30 ސަލާން ހަމަކޮށް ދެން ވެސް ރަސްމީ ގަޑީގައި އުޅޭނޭ ގޮތަކަށް އުޅުމުގެ ސަގާފަތް ބަދަލުކުރަން ޖެހެއެވެ. ސިޔާސީ މަޤާމެއްގައި ހުރި ކޮންމެ މީހަކު ވިސްނަންވީ، އެމީހާއަށް އެ މަޤާމު ދައުލަތުން ދީފައިވަނީ ކޮށްފައިވާ ޢަމަލުތަކެއް އިނާމެއްގެ ގޮތުގައި ނޫންކަމެވެ. މަޤާމު ދެނީ ޒިންމާތަކަކާއި ވާޖިބުތަކެއް އަދާކުރުމަށެވެ. މަތީ ފެންވަރުގެ މަޤާމުތަކުގައި އުޅޭ ކޮންމެ މީހެއްގެ އުޖޫރައަށް ގަޑިއަކު 300 ރުފިޔާ ވަރު ޖެހެއެވެ. އާދެ! މިނެއްޓަކަށް 5 ރުފިޔާއެވެ. ހުސް އަނގަތެޅުމަށް ހޭދަކުރާ ކޮންމެ މިނެއްޓަކީ ޓެކުސް ދައްކާ ރައްޔިތުންގެ އަތުން ކުރެވޭ ވައްކަމެކެވެ. މިކަންކަން ބަލަން ތިބި ވެރީން، ވާނެގޮތެއްވާން ދޫކޮށްލާނަމަ، މި ތުހުމަތުން އެމީހުންވެސް ބަރީޢައެއް ނުވެވޭނެއެވެ. މަޖިލިސްގެ މެންބަރުންނާއި ސިވިލް ސާވިސް ވެސް، ދައުލަތުގެ މުވައްޒަފުންގެ މަސައްކަތުގެ ސުލޫކު ރަނގަޅު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެއެވެ. ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙްކުރަން ވެއްޖެއެވެ. ނޫނީ އެމީހުންވެސް ހިމެނޭނީ ނުކުރުންތެރި ނުއުފެއްދުންތެރި މީހުންގެ ތެރޭގައެވެ.
ނިންމައިލުން
މި މަޒުމޫނުގައި އަޅުގަނޑު ޚުލާޞާކޮށްލީ، އާމްދަނީގެ ނިސްބަތުން، ދައުލަތުގެ ޚަރަދުތައް ބޮޑުވެ ޤައުމު ދަރަނިވެރިވެ، ދައްކަންޖެހޭ އިންޓްރަސްޓް ބަޖެޓުގެ %13 އަށް މަތިވެ، ޤައުމު ބަނގުރޫޓުވުމުގެ ބިރު ކުރިމަތިވުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުންނެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މަތީ އުޖޫރަލިބޭ މަޤާމުތައް މަދުކޮށް، ވަކި ފެންވަރެއްގެ އުޖޫރަތައް ދަށްކޮށް، އިޖްތިމާޢީ ރައްކާތެރިކަމާއި އެލަވަންސްތަކާއި ޕެންޝަންތަކަށް ކުރާ ޚަރަދު މުރާޖަޢާ ކުރުމުގެ ވާހަކައެވެ. އާމްދަނީ އިތުރުކުރުމަށް އިންކަމް ޓެކްސް ނަގާ ބުރެކެޓުތައް މުރާޖަޢާކޮށް، ޓެކްސްއިން އުނިވާބައި ހޯދައި، ފަސާދަކުޑަކޮށް، ޤާނޫނުތައް ހިންގުން ހަރުދަނާ ކުރުމުގެ ވާހަކައެވެ. ތިންވަނައަށް ކުރަން ފެންނަ ކަމެއްގެ ގޮތުގައި ބުނެފައިވާނީ ދައުލަތުގެ އިދާރާތަކާއި މުވައްޒަފުންގެ އުފެއްދުންތެރިކަމާއި އަސަރުވެރިކަން ބޮޑުކުރުމެވެ. މިކަންކަން ކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީންގެ ދައުރު ބޮޑެވެ. އެމީހުންގެ ޒިންމާތައް މަތިވެރިއެވެ.
އަޅުގަނޑު މިދެންނެވި ކަންކަމުގެ އިތުރަށް ދައުލަތުގެ އިދާރާތަކުގެ ބަޖެޓުގެ އެހެން ދާއިރާތަކުން %1 އާއި %5 އާ ދެމެދުގެ ޚަރަދުކުޑަކުރުމެއް، ޚިދުމަތުގެ ފެންވަރަށް ބުރޫނާރާގޮތަށް، ގެނެވިދާނެއެވެ. މިކަމަށް އޮތް މައިގަނޑު ދައްޗަކީ، ބޮޑު ސޯބު އެނބުރޭ ގޮތަށް ކުދި ސޯބު އެނބުރެއޭ ބުނާހެން، ސިޔާސީންގެ ޢަމަލުތައް ހުންނަ ގޮތުން، މިފަދަ ޚަރަދުކުޑަކުރުމުގެ ޙަރަކާތްތަކުގައި ދައުލަތުގެ އިދާރާތަކުން ވާގިލުމުގައި ފަސްޖެހޭނޭ ޖެހުމެވެ. ޚަރަދުކުޑަކުރުމުގެ ޙަރަކާތްތަކުގައި މިސާލު ދައްކަންވީ އިސް ވެރީންނެވެ. އިސްދާރުންނެވެ.
ރާއްޖޭގެ ދަރަނި މިހާރު ވަނީ ޖީޑީޕީގެ ނިސްބަތުން ވަރަށް މަތީގައެވެ. މިކަމުން ހުތުރު އެއްވަނައެއް ލިބޭ މިންވަރުގައެވެ. ދައްކަންޖެހޭ ދަރަނިތަކުގެ ތަފްޞީލް މާލީ އިދާރާގެ ވެބްސައިޓުގައި ވެއެވެ. މި ޖުމުލައަށް ފިތާ ލެއްވުމުން ދަރަނީގެ ލިސްޓް ފެނިވަޑައިގަންނަވާނެއެވެ. މި ހުރި ހިސާބުގައި ހުރެ ފަހަތަށް ބެލުމުން، މީގެ ތެރެއިން ބައެއް ދަރަނި/ލޯނުތައް ނަގާފައިވަނީ ޤައުމު ބިނާކުރުމަށް އެކަށީގެންވާ މަންފާއެއް ނުކުރާނޭ ކަންކަމަށް ކަން ބައެއް މާލީ މާހިރުން އެއްބަސްވެވަޑައިގަންނަވާނެއެވެ.
ނޭކަށޭނެ މިންވަރަށް މުވައްޒަފުންނާއި މުސާރަތައް ބޮޑުކޮށްގެންނާއި ހިންގުން ދޯހަޅިވެ އާމްދަނީއިން ދެކޮޅު ނުޖެއްސިގެން، ރިކަރަންޓު ޚަރަދު ހަމަޖައްސަން އެކި އެކި ޤައުމުތަކުގެ އެހީއަށް އެދި އާދޭސްކުރުމަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ކަރާމަތާއި ފުރަމާނަ ގެއްލި، އަބުރުގެއްލޭނޭ ކަމެކެވެ. މިފަދަ ކަންކަމަކީ ވަގުތީ ހައްލެވެ. ކޮންމެ އަހަރަކުވެސް ކުރަންޖެހޭނޭ ކަމެކެވެ. އެކި ޤައުމުތަކުގެ ފައިބުޑަށް ވެއްޓޭނޭ ކަމެކެވެ. މިހާރު ބޭނުންވަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމެވެ. އާމްދަނީއާ އެއްވަރަށް ޚަރަދުތައް ކުޑަކުރުމެވެ.
”ލަދެއްނެތި އަތް ދިމާކުރުމީ ތިމާގެ އެދުންތަކާ މެދުގައި،
—ހިނގާގޮސް އަނެކަކު ގާތަށް ކަމެއްތޯ ހުތުރު ނުވެދާނޭ
ލިބޭ މިންވަރު ނިކަން ދަނެގެން ވިބޭނުންތައް ބަހާލައިގެން
—ތިބޭ ނަމައީ ފިކުރުކޮށްގެން މި ބޭޒާރެއް ނުވެސް ވާނޭ“
މި ލޯނުތަކުގެ ތެރެއިން ވަކި ޤައުމަކަށް ދަރާފައިވާ މިންވަރު ހިސާބުކޮށް އަޙްމަދު މުނައްވަރު، ”ދަރަނީގައި ގެނބެނީ“ މި عُنْوان ގެ ދަށުގައި ލިޔުނު މަޒުމޫނު، މި ޖުމުލައަށް އޮބާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. އެ މަޒުމޫނުގައި ތިރީގައިވާ ޗާޓު ހިމެނެއެވެ. އަޅުގަނޑަށް ހީވާގޮތުން، އެ ޗާޓު ހިމެނުމުގެ އެއް މަޤްޞަދެއް ކަމަށް ވާނީ”ޗައިނާގެ ދަރަނި ދަންތުރަ“އިގައި ޖެހުނު ކަމަށް މަޒުމޫނު ޝާއިޢު ކުރެއްވި ދުވަސްވަރު ސިޔާސީއަކު މާގިނައިން ވާހަކަ ދައްކާ އުޅޭތީ، ރަނގަޅު ގޮތަކީ ”އިންޑިއާގެ ދަރަނި ދަންތުރަ“އިގައި ޖެހިފައިވާކަން ހާމަކުރުންކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ.
source: https://mfr.mv/reports/drowning-in-debt
ފަހެ، ޤައުމެއްގެ ސިޔާދަތާއި ޝައުކަތު، މުސްތަޤްބަލާއި އިސްތިޤްލާލު ރަހީނުކޮށް، ދަރަނިނެގުމަކީ ޤައުމަށް އަމާނާތްތެރިވި ކަމަކަށް ނުބެލެވޭނެއެވެ. ވެރީންނަކީ ވެސް އެކި ނުފޫޒުތަކުގެ ސަބަބުން ފަސާދަވާ ބައެކެވެ. މި ފަސާދައިން ވެރީން ހިމާޔަތް ކުރުމުގެ ޒިންމާވަނީ ރައްޔިތުންގެ މަޖިލިހުގައެވެ. ވެރިކަމުގައި ހުންނަ ފަރާތަކަށް ވެސް، ލޯނު ނެގޭނޭ ކަންކަމާއި މިންވަރަށް ހައްދުތަކެއް ކަނޑައެޅުމުގައެވެ. ވެރީން އެކި މަޤާމުތަކުގައި ތިބެ ކުރާ ފަސާދައިގެ ޢަމަލުތަކަށް، ފަހުން ނަމަވެސް ޒިންމާ ކުރެވިގެންނެވެ.
މުސްތަޤްބަލަށް ވިސްނައިލުމުން ހިތް ހަމަ ޖެހޭ ކަށެއް ނެތޭ،
ފުސްކަން އެހެރަ ފިލާކަށެއް ވިސްނޭ ގޮތުން އަދަކު ނެތޭ
މީ ފެހި ޒަމާނެކޭ ނިކަން، މީ ރަން ޒަމާނެކޭ ވިދާ،
މީހަކު ކިޔަސް ބަލާނުލާ ކުރިއަށް ދެވޭ ކަށެއް ނެތޭ.
—މުޙައްމަދު އަމީން
Leave A Comment