ދެވަނަ ބޮޑު ހަނގުރާމައާ ގުޅިގެން އައްޑޫއަށް އިނގިރޭސީން ފޭބުމާއި ދެން ހިނގާދިޔަ ކަންކަން ހިނގާދިޔަ ގޮތް ތެދަށް އެނގިވަޑައި ގަންނަވާނީ ވަރަށް މަދު ބަޔަކަށެވެ. ކަންހިނގިގޮތް ދެނެގަތުމަށް ތާރީޚީ ގިނަ ލިޔުންތަކެއް ކިޔުއްވައި ދެނެގަންނަން ޖެހޭނެއެވެ. ތިރީގައި މި ޚުލާޞާކުރަނީ މިކަން ހިނގައިދިޔަ ގޮތެވެ.
އިނގިރޭސި ވިލާތުގެ ކޮލޮނީއެއްގެ ގޮތުގައި އޮތް ސިލޯނުގެ ގަވަރުނަރަށް 1887 ދިވެހިރާއްޖޭގެ ރަދުން ސިޓީއެއް ”ފޮނުއްވިއެވެ.“ މި ސިޓީގައި ރަދުން ސޮއިކުރައްވައި ވިދާޅުވެފައިވަނީ އެތެރޭގެ، ދާޚިލީ ކަންކަމުގައި އަމުރު މައުރޫފް ހިންގުމުގެ ބާރު ދިވެހިރަސްކަމަށް ކުރިން އޮތްގޮތަށް އޮތަސް، ބޭރުގެ (ޚާރިޖީ) ކަންތައްތަކުގައި އިނގިރޭސީން ދިވެހިރާއްޖެއަށް ރައްކައުތެރިކަން ދޭނޭ ވާހަކައާއި ”ރަސްކަލުންގެ ރަސްކަން“ އިނިގރޭސީންނަށް އޮންނަކަން (suzerainty) ރަދުން ޤަބޫލުފުޅުކުރައްވާ ވާހަކައެވެ. މިސިޓީ ޢަރަބި ބަހުން ލިޔެ ހިފައިގެން އައީ އިނގިރޭސީންނެވެ. ރަސްގެފާނަށް އެ ސިޓީގައި އޮތް އެއްޗެއް އަމިއްލަފުޅަކަށް ދެނެވަޑައެއް ނުގަންނަވައެވެ. މި ސިޓީގައި ރަދުން ލައްވައި ސޮއިކުރުވީ އިނގިރޭސިން ބިރުދައްކައިގެންނެވެ. ބަދަލުކުރެވުނު ސިޓީގެ އިނގިރޭސި ތަރުޖަމާ ”ދިވެހި ޑައިޖެސްޓް“ ގައި ވެއެވެ. ފަހުގެ މީހުން، މިސިޓީއަށް އެގްރީމަންޓް ކިޔަސް، މިއީ ހުރިހާ މާނައެއްގައި ރަސްގެފާނު ސޮއިކުރެއްވި ސިޓީއެކެވެ. ދިވެހިރާއްޖޭގެ ކަންކަމުގެ ތެރެއަށް އިނގިރޭސިން ވެއްދީ ރާއްޖޭގެ ރަންނަބަޑޭރިކަން ބޭނުންވެގެން އުޅުނު ދެ ސިޔާސީ އާއިލާއެއްގެ ސަބަބުން އެއިން އެއް ފަރާތެކެވެ.
ދެވަނަ ބޮޑު ހަނގުރާމަ ފެށުނީ 1939 ވަނަ އަހަރުއެވެ. ހަނގުރާމަ ފެށުމާ ގުޅިގެން، އިނގިރޭސީންނަށް އެހީވުމުގެ ގޮތުން 35000 ރިހި ރުފިޔާ ދިވެހި ސަރުކާރުން އިނގިރޭސީންނަށް ހަދިޔާކުރިއެވެ. މި ހަނގުރާމަ ފެށުމުގެ ސަބަބަކީ ފުރަތަމަ ހަނގުރާމައިގައި ޖަރުމަނު ބަލިވި ބަލިވުމުގެ ސަބަބުން އެބައިމީހުންނަށް ގެއްލުނު ބިމާއި ވިޔަފާރިއާއި ދޭންޖެހުނު ބަދަލު ނުޙައްޤުކަމަށް ފެނިގެން ހިނގާ ދިޔަ ކަންތައްތަކެވެ. 1940 ވަނަ އަހަރު ޖަރުމަނުގެ ބަޔަށް ޖަޕާނު މީހުން ވަދެފިއެވެ. އަދި، ދުނިޔޭގެ އިރުމަތީ ބިތުން އިނގިރޭސީން އަތްދަށުލާފައިވާ ޤައުމުތައް، ޖަޕާނު މީހުން ފަތަޙަކުރަން ފަށައިފިއެވެ. ހަނގުރާމަ އެތެރެވަރިއަށް ފެތުރެމުން ގޮސް، އިނގިރޭސީން އަޅުވެތިކޮށްގެން އުޅުނު މެލޭސިއާ 1941 ވަނަ އަހަރު ޖަޕާނު މީހުން ހިފިއެވެ. މާ ގިނަ ދުވަހެއް ނުވެ ސިންގަޕޫރުވެސް ހިފިއެވެ. އެހެންކަމުން، އިނގިރޭސީންގެ ކޮލޮނީކަމުގައިވާ ސިލޯނާއި އިންޑިއާ އާ ޖަޕާނު މީހުން ދިމާކުރާނެ ކަން އިނގިރޭސީންނަށް އެނގެއެވެ. އަދި ސިލޯނަށާއި އިންޑިއާއަށް ހަމަލާދޭނެކަން ވަރަށް ބޮޑަށް ލަފާކުރެވުނެވެ.
1941 ވަނަ އަހަރު 8 ޖުލައިގައި އާރު.އޭ.އެފް. ގެ ބަޔަކު މާލެއައިސް، ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ނުރައްކާ ވެދާނެތީ، ކަންތައްތައް ކުރާނެ ގޮތާ މެދު ރާއްޖޭގެ ވެރިންނާ މަޝްވަރާ ކުރިއެވެ. މިކަމުގައި ދިވެހިރާއްޖެއިން ވެވެން އޮތްހާ އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށް އެއްބަސްވިއެވެ. ކަމަކީ ރާއްޖޭގެ މަޞްލަޙަތަށް ވުރެ އިނގިރޭސީންގެ މަޞްލަޙަތު އޮތް ކަމެކެވެ. އެކަން އެނގެނީ ހަނގުރާމައިގެ ފަހުން ޝާއިޢުކުރިން ލިޔުންތަކުންނެވެ:
The British Eastern Fleet had left most of its base facilities in Singapore, including drydocks and repair sheds. In the event of Singapore’s loss, it was to fall back on Trincomalee on Ceylon’s eastern coast. But Admiral James Somerville, the fleet commander, found the port inadequate and doubted that it could be defended from determined attack. He wanted an alternative base somewhere in the middle of the Indian Ocean, which became known as “Port T.” Not openly stated, but understood, was that such a secret island base would also be secure from the prying eyes of Indian nationalists, all of whom were suspected of being in league with the Japanese during the paranoid days of late 1941. http://www.avalanchepress.com/AdduAtoll.php
”ރާއްޖެ ޙިމާޔަތް ކުރުމަށް“ ރާއްޖޭގެ ދެކޮޅު ދެ ހިސާބަކަށް އިނގިރޭސި ސިފައިން ފޭބުމަށް އެއްބަސްވެވުނެވެ. ފުރޭފުކުރެވިފައިވާ މި އެއްބަސްވުންތަކުގައިވަނީ އިނގިރޭސީން ފައިބާ ފައިބުމަކީ ވަގުތީ ކަމެއްކަމަށާއި ހަނގުރާމަ ނިމުމުން އެނބުރި ދާނެކަމަށެވެ. މިދުވަސްވަރު، އިދާރީ ގޮތުން ކަންތައްތައް ހިންގަވަން ރާއްޖޭގައި ހުރި ވެރިޔަކީ ޙަސަން ފަރީދެވެ. އައްޑޫއަށް އިނގިރޭސީން ފޭބުމުގެ ކަންތައްތަކާ ޙަވާލުކުރީ ސިލޯނުގައި ހުންނަ ރެޕްރެޒެންޓޭޓިވް ޙުސައިން ޙިލްމީ އާ އެވެ. މި ދުވަސްވަރު، އައްޑޫ އާއި ފުވައްމުލަކާއި ހުވަދޫ މި ތިން އަތޮޅުގެ އަތޮޅުވެރިޔަކީ ހުސައިން ރަޙާ (ފަޟީލަތުއްޝައިޚް ޙުސައިން ޝަރަފުއްދީނުލް އަޒްހަރީ) އެވެ. މީނާއަށް އޭރު ވަޒީރުލްއަޢުޡަމްއަކަށް ހުންނެވި މުޙައްމަދު ފަރީދު އިނގިރޭސީން އައްޑޫއަށް ފޭބުމުގެ ކަންކަމާ މަތިކޮށް ފަތެއް ފޮނުއްވިއެވެ. ޙުސައިން ރަޙާ އަންގާ ކަންކަން ކުރުމަށް މާލެއިން މަސައްކަތްތެރި ބަޔަކު ފޮނުވިއެވެ. މި މީހުންގެ ވެރިޔަކަށް ފޮނުވީ ބުޗާ ޙަސަން ކަލޭގެފާނެވެ.
ޙުސައިން ރަޙާ ކާވެނި ކުރައްވައިގެން އުޅުއްވަނީ ހިތަދޫ އެޅަދީދީ ގެ ޢަލީދީދީގެ ދަރިކަނބަލަކާ އެވެ. މި ޢަލީ ދީދީ އަކީ ހިތަދޫގައި އެ ދުވަސްވަރު ހުރި އެންމެ މުއްސަނދި މަހުޖަނެވެ. އޮޑިދޯނި ފަހަރު ހުރެއެވެ. އަދި އޮޑެއްސައު ކިޔާ ބިން ރަނގަޅު ސަރަހައްދެއް ސަރުކާރުން ދެއްވާފައި އޮވެއެވެ. މިތަނުގައި މަސައްކަތް ކުރަން މަދުވެގެން 250 މީހުން ތިބެއެވެ. ގަމުގައި އިނގިރޭސީންނަށް މަސައްކަތްކޮށްދޭން ދާ އެންމެންގެ ކާޑު ސަރުކާރުން ދިނަސް ގުދަން ކުރެވިފައިވަނީ ޢަލިދީދީގެ ގުދަން ތަކުގައެވެ. މި ޢަލިދީދީ ގެ ދެ ފިރިހެން ކުދީންގެ ތެރެއިން އެއް ކުއްޖަކަށް ކިޔަނީ ޢަބްދުﷲ ޢަފީފެވެ. ދުނިޔޭގައި ހުރި އަނެއް ކުއްޖަކީ މުޙައްމަދު ދީދީ އެވެ. މި ޢަބްދުﷲ ޢަފީފް އާއި މުޙައްމަދު އިބްރާހީމް ލުޠުފީ މިޞްރުގައި ކިޔަވަން ތިބެފައި، ހަނގުރާމަ ފެށުމުން، ބިރުން ކިޔެވުން ހުއްޓާލައިފައި ހިތަދޫއަށް އެނބުރި އައެވެ. މި ދެ މީހުންނަށް ޢަރަބި ބަހާއި އިނގިރޭސި ބަސް ކޮންމެވެސް ވަރަކަށް އެނގެއެވެ. ޢަބްދުﷲ ޢަފީފް މަސައްކަތް ކުރީ ހިތަދޫ ކޯއްޓޭގައި ހުރި އިނގިރޭސީންގެ މަރުކަޒެއްގައި ތަރުޖަމާނެއްގެ ގޮތުގައެވެ.
އިނގިރޭސި ސިފައިންނާއި އެމީހުންގެ މަދަދުވެރި ސިފައިން އައްޑޫއަށް ފޭބީ 29 ސެޕްޓެމްބަރ 1941 ގައެވެ. އެންމެ ފުރަތަމަ ފޭބީ ވިލިގިއްޔަށް 150 މީހުންނެވެ. ގޮނޑު ދޮށުގައި ފޭލިގެޖަހައިގެން މި މީހުން ތިބުމަށްފަހު، މުޅި އަތޮޅަށް އަވަހަށް ފެތުރިއްޖެއެވެ. އެ ދުވަސްވަރު ވިލިގިއްޔަކީ ފައިފަލަބަލީގެ މީހުން ބައިތިއްބާ ރަށެކެވެ. ގިނަ ދުވަހެއް ނުވެ، އެމީހުންގެ މަސައްކަތަށް 154 ދިވެހީން ގެންދަން ފަށައިފިއެވެ.
ކަނޑަށް ޖައްސާ މަތިންދާ ބޯޓު ޖެއްސުމަށް ހިތަދޫގެ މާމެންދޫ ރަށްކެޑެ އިން ފެށިގެން އިރު ދެކުނަށް ރަށް ނިމެންދެން ގައުގޮއްވައިގެން ފަޅު ސާފުކޮށް ދެ ފަރާތުގައި ބޮއިޖަހާފައި ވިއެވެ. އައްޑޫ އަތޮޅަށް ވަންނަން އޮންނަނީ ހަތަރު ކަނޑުއޮޅިއެވެ. މި ހުރިހާ ކަނޑުއޮޅިއެއް ހުންނަނީ ދައު ޖަހާ ބައްދާފައެވެ. އިނގިރޭސީން ބޭނުންކުރަނީ ގަން ކަނޑުއޮޅިއެވެ. ދެ ފަށް ދާ ޖަހާފައި އޮތަސް، މި ކަނޑު އޮޅިން ޖަޕާނު މީހުން ފޮނުވި ޓޯޕިޑޯއަކުން ހުޅުދޫ ހެރެތެރެ ކައިރީގައި އަޅާފައި އޮތް ތެޔޮބޯޓަކަށް ހަމަލާ ދިނެވެ. އިނގިރޭސީން މުޅީން ދިރިއުޅުނީ ފޭލިގޭގައެވެ. ހުރިހާ ހިސާބަކަށް އިލެކްޓްރިކް ބާރުދެނީ ގަމުންނެވެ. މަރަދޫގައި ސްލިޕްވޭއެއް ހަދާފައި ވިއެވެ.
އައްޑޫ އަތޮޅު ގަމަކީ 1927 ވަނަ އަހަރުން ފެށިގެން ވާރުކުރާ ރަށެކެވެ. ވާރުގެ ހުރިތަނުގައި އެހެން ގެއެއް އަޅައި މިތަނަށް ފަހުން ޙަސަން ފަރީދު ދެއްވި ނަމަކީ މާރަނގައެވެ. އައްޑޫ އަތޮޅު ރައްޔިތުންގެ ފަލަމަޑިއާއި ގޮވާމުގެ މައި ކޮށާރަކީ ގަމެވެ. މިއާއެކު، އައްޑޫ އަތޮޅަކީ އެ ދުވަސްވަރު މަސްވެރިކަން ކުރި އަތޮޅެއް ކަމުން ފަޤީރުކަން ކުޑައެވެ. ގަމުގައި މީހުން ވަޒަން ވެރިވެގެން އުޅެއެވެ. ހަނގުރާމައިގެ ލަޝްކަރަށް ބޭނުންވުމުން، ގަމުގެ މީހުން ބަދަލުކުރީ ހިތަދޫ ގެ މާމެންދޫއަށެވެ. ފޭދޫ މީހުން ވެސް ހިތަދޫގެ މާމެންދޫއަށް ބަދަލުކުރުމަށް ފަހު، ފޭދޫ ވެސް ހުސްކުރެވުނެވެ. އަދި ޖަންގަލި ކުރެވުނެވެ. ހަނގުރާމައިގެ ކުރީކޮޅުގައި ގަމުގައި، ފިޔަމަތީ ފިޔަލީ (ބޯޓު މަތިކޮށް ތިރިކުރާ ދެ ފިޔައިގެ އިތުރަށް ބޯޓުގެ ކޮންމެ ފަރާތެއްގައި ފިޔަމަތީ ފިޔަ ހުންނަ) މަތިންދާބޯޓު ޖައްސާ އުޅުނެވެ. މި ޖައްސާ އުޅުނީ ގަމުގެ ހުރަހަށް ހަދާފައިވާ ބޮޑު މަގަކަށެވެ. އެ ފަދަ ބޯޓު ޖައްސާފައިވާ ފޮޓޯ މިހާރުވެސް ލިބެން އެބަހުއްޓެވެ. ނަމަވެސް، ގިނައިން ބޭނުންކުރީ ހިތަދޫ ފަޅުގައި ހަދާފައިވާ ކަނޑުގައި ޖައްސާ ބޯޓު ފަހަރު ޖައްސަން ހެދި ”ރަންވޭ“ އެވެ.
1931 ވަނަ އަހަރު ބޯހިމެނި ހިސާބުން ދައްކާގޮތުން އަތޮޅުގެ ޖުމުލަ އާބާދީއަކީ 4664 އެވެ. މީގެ ތެރެއިން 1961 މީހުންނަކީ ހިތަދޫގެ ވަޒަން ވެރީންނެވެ. މި މީހުން ކުރިން ކައިބޮއެ އުޅުނީ ދަނޑުގޮވާން ކޮށްގެންނާއި މަސްވެރިކަމުންނާއި ރުކުން ލިބޭ އެއްޗަކުންނެވެ. އެތައް ހާސް އިނގިރޭސީންނެއް އަތޮޅުގައި ވަޒަންވެރިވެ، އެމީހުންގެ ބޭނުމަށް ދަނޑުބިންތަކާއި ރުށްތައް ކަނޑައި ސާފުކުރުމުން، ރަށުގެ ރައްޔިތުން ދާދިއަވަހަށް ބަނޑަށް ޖެހޭ ގޮތް ވިއެވެ. ނަމަވެސް، އިނގިރޭސީންގެ ކާނާ ކަމުގައިވާ ރޭޝަންތައް ރައްޔިތުންނަށް ނުދެވޭނެކަން ސަރުކާރަށް އަންގިއެވެ. އިނގިރޭސީންނާ މުޢާމަލާތް ކުރުމާއި އެމީހުންނާ ވިޔަފާރިކުރުމާއި، ހަދިޔާ ބަދަލުކުރުމާ ބެހޭ ހަމަތަކެއް ސަރުކާރުން އަންގާފައި ވިއެވެ. ނަމަވެސް ބަނޑަށް ޖެހެން ކައިރިވުމުން މިކަންކަމަށް ސަމާލުކަމެއް ނުދެވުނެވެ. އަންހެނުންނާ ނަހަމަ ގުޅުން ހިންގާ ފަރާތްތަކާއި އެހެން ކުށްވެރީން ހުވަދޫ އަތޮޅަށް އަރުވައިލުމުން ޙުސައިން ރަޙާ ޙުސައިން ޙިލްމީއަށް އެންގެވިއެވެ. އަދި ގޮތް ނެތިފައިވާ މީހުން ވަޒަންވެރިވުމަށް ހުވަދޫ އަތޮޅުން ރަށެއް ހަމަޖައްސައި ދެއްވުމަށް ވެސް އެެދިވަޑައިގަތެވެ. މުވާޞަލާތް ދަތި މި ދުވަސްވަރު، ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނުއެޅުއްވުމުން ޙުސައިން ރަޙާގެ އަދަބުދިނުން ހައްދުފަހަނައަޅައި މީހުންގެ ކުރިމަތީގައި ބަސް ނުވިކޭ ގޮތް ވިއެވެ.
1944 ވަނަ އަހަރު ޖަނަވަރީގެ ދުވަހެއްގައި ހިތަދޫގައި ވަރަށް ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. މިކަން ހިނގާދިޔަ ގޮތަކީ، ހިތަދޫގެ ބަޔަކު ފަޅުގައި އޮތް ބޯޓަކާ ވިޔަފާރީގެ މުޢާމަލާތެއް ހިންގިކަން ދޯންޏެއްގައި ދިޔަ ބަޔަކަށް ފެނިގެން އެމީހުންނަށް އަދަބު ދިނުމެވެ. މި ހަމަ ނުޖެހުމުގައި ކަންކަމުގައި އެހީތެރިވާން ފޮނުވި ބުޗާގެ ޙަސަން ކަލޭފާނަށް ދިމާކުރަން އެތައް ބަޔަކު ނުކުމެ ވަރަށް ބޮޑު ހަމަނުޖެހުން ހިނގިއެވެ. މި ގަޑުބަޑުގައި ނުކުތް ގިނަ މީހުންނަކީ، އޮޑެއްސާގައި މަސައްކަތް ކުރާ ޢަލިދީީދީގެ މީހުންނެވެ. މި ކަން ހިނގިއިރު، ޝެއިޚް ޙުސައިން ރަހާ އޮންނެވީ ކޯއްޓޭ ކައިރީގައި ހުރި ފޭލިގެ ހޮސްޕިޓަލެއްގައި އާލާސްކަންފުޅާއެވެ. ޅިޔަނު ކަމުގައި ވިއަސް ޙުސައިން ރަޙާ އާއި ޢަބްދުﷲ ޢަފީފް އާ ގުޅުމެއް ރަނގަޅެއް ނޫނެވެ. ޢަފީފް، ޙުސައިން ރަޙާއަށް ކަންކަން ސިއްރުކުރައްވައެވެ. ޢަފީފްގެ ބައްޕަ، ޢަލީދީދީ އޭނާގެ ދެން ދުނިޔޭގައި ހުރި ފިރިހެން ދަރިފުޅާއެކު އޭނާގެ އޮޑި ސިލޯނަށް ދިޔަ މަގުމަތީގައި ޖަޕާނުމީހުންގެ ޓޮރުޕިޑޯއަކުން ފައްތާލައި ދަރިފުޅު (މުޙައްމަދު ދީދީ) ނެތިދިއުމުން ޢަލީ ދީދީ ގެ ކިބައިގައި ޢަފީފް އަށް މަގު ދެއްކުމުގެ ހިތްވަރެއް ނެތެވެ.
މައްސަލަ ޙައްލުކުރުމަށް 1944 މާޗްގައި ޙަސަން ފަރީދު ހިތަދޫއަށް ވަޑައިގެން ހުންނެވީ ޙުސައިން ރަޙާ ގޭގައެވެ. ކޮއްތު އޮންނަނީ ޢަލި ދީދީ ގޭގައެވެ. ޢަލި ދީދީ އަށާއި ޙުސައިން ރަޙާއަށް ސިއްރުން ޙަސަން ފަރީދުގެ ކޮއްތުއަށް ސިޙުރު ހަދައި، ބާކީބައި ވަޅުލާކަމަށް ޢަލީ ދީދީގެ އާއިލާގެ މެންބަރެއް ކަމަށް ވާ ”ސިންގަޕޫރު މަނިކުފާނު“ ލިޔުއްވާފައި ވެއެވެ. ކޮންމެ އަކަސް ޙަސަން ފަރީދު ފުރާވަޑައިގެންނެވި ބޯޓު ޖަރުމަނުގެ ހަމަލާއެއްގައި ފެތި ޙަސަން ފަރީދު ނިޔާވިއެވެ. އައްޑޫގެ މައްސަލަ ޙައްލުކުރަން މެއި 1944 ގައި މުޙައްމަދު އަމީން އާއި ޖަމާޢަތެއް މީހުން އައްޑޫއަށް އައެވެ. މި މީހުން ކުރި ތަޙްޤީޤުން ޙަސަން ފަރީދު އެންގެވިގޮތާ ޚިލާފަށް އެތައް ލިޔުމެއް ޢަބްދުﷲ ޢަފީފްގެ ފޮށީގައި ހުރިތަން ފެނުނެވެ. އޭގެ ތެރޭގައި، ޅިޔަނު ޙުސައިން ރަޙާއަށް ދެކުނުގެ ތިން އަތޮޅުގެ އަތޮޅުވެރިކަން ދެއްވިކަން ބަޔާންކުރި ފަތްކޮޅުވެސް ރައްދުނުކުރައްވާ އޮތެވެ. އަދި ބިދޭސީންނާ އެތައް ހުއްދަނޫން މުޢާމަލާތްތަކެއް ކޮށްފައި ވިއެވެ.
މުޙައްމަދު އަމީން އާއި ޖަމާޢަތުގެ މީހުން ތަޙްޤީޤް ނިމުމުން ސަރުކާރުގެ އިސް ފަރާތްތަކަށް އަމީން ރިޕޯޓެއް ހުށަހެޅުއްވިއެވެ. މި ރިޕޯޓާ ގުޅިގެން މާލެއަށް މި ގަޑުބަޑުގައި އުޅުނު މީހުން ގެންދެވުނެވެ. ބަނޑޭރިގޭގައި ރާއްޖޭގެ އިސްވެރީންގެ މެދުގައި ކުރެވުނު ތަޙްޤީޤަށް ފަހު މަޙަކްމަތުއްޝަރުޢިއްޔާ އިން ”ޙުކުމުން އައި ގޮތަކީ ޢަބްދުލްމަޖީދުގެ ޢަލި ދީދީ، ތުއްބީގެ ޢަލީދީދީ، ކަތްދާފާނުގެ މުޙައްމަދު ސަލީމް މެންނީ ފިތުނައިގެ އެންމެ ބޮޑު ވެރީންނަށް ބުރީން ހަންގެންފާ އަރުވާލުމަށެވެ.“ ދެން ތިއްބެވި މީހުން ތަޢުޒީރުކޮށްފައި އަރުވައިލުމަށެވެ. ހަނގުރާމަ ނިމުނު އިރުވެސް، ޢަބްދުﷲ ޢަފީފް ހުރީ އަރުވާލެވިފައެވެ. އޭނާ ހަތެއްކަ އަހަރު މާލެއަތޮޅު އެކި ރަށްރަށުގައި އަރުވާލެވިގެން ހުއްޓެވެ. މިކަމުން ޢަފީފް ވީއްލުނީ ޖުމްހޫރީ ވެރިކަން ފެށުމާ ވިއްދައި ދެއްވި ޢަފޫޢާއްމު އެއްގައެވެ. މި ހިނގާ ދިޔަ ކަންތައްތަކުން، ޢަބްދުﷲ ޢަފީފްގެ ހިތުގައި، ދިވެހި ސަރުކާރަށް ލޯތްބާއި ޤަދަރެއް ނޯންނާނެކަން ކަށަވަރެވެ. ފަހުން ފެށުނު އައްޑޫ ބަޣާވަތުގައި، ޢަބްދުﷲ ޢަފީފް ދައުރު އެނގުމަށް މި ހާދިސާ ދެތުމަކީ ބޭނުންތެރިކަމެކެވެ. {ޢަފީފުގެ މިދުވަސްވަރުގެ ވާހަކަ ތަފްޞީލްކޮށް ލިޔެފައިވަނީ މި ޖުމުލައަށް ފިއްތަވާލެއްވުމުން ފެނިވަޑައިގަންނަވާ ”ދިވެހި ޑައިޖެސްޓް“ ތަކުގެ 69 ވަނަ ނަންބަރުގެ 266 ވަނަ ޞަފުޙާއިން ފެށިގެންނެވެ.}
ޖަޕާނުގެ 127 މަތިންދާ ބޯޓުން ސިލޯނަށް ބޮން އެޅީ 5 އޭޕްރިލް 1942 ގައެވެ. ބޮން އަޅާފާނެ ކަމަށް ބަލައި، އިނގިރޭސީންގެ މަނަވަރުތައް އޭރުވަނީ އައްޑޫއަށް ގެނެވިފައެވެ. މި މަނަވަރުތައް ސިލޯނުގައި ވީނަމަ، ހަމަލާދީ ސުންނާފަތިކުރާނެކަން ޔަޤީންއެވެ. މަނަވަރުތަކަށް ރައްކާތެރިކަން ހޯދުމަށް އައްޑޫގެ މުހިއްމު ރޯލު ފަހުން އިނގިރޭސީންގެ ބޮޑުވަޒީރު ވެސް ފާހަގަކޮށްފައި ވިއެވެ. އިނގިރޭސީން ރާއްޖޭގެ އުތުރުގައި (ކެލާގަައި) ތިބީ ނަމަކަށެވެ. އައްޑޫ އާ ޚިލާފަށް ސަތޭކަވަރަކަށް ވައިސިފައިން ގެ މީހުން 11 މަސް ވަރު ވަންދެން ބަދަލުވާގޮތެއްގައި ކެލާގެ ތުނޑީކޮޅުގައި ތިއްބެވެ. މި ލިންކުގައި އިތުރު ތަފްޞީލް ވެއެވެ: https://thiladhunmathitimes.com/36055
ޖަޕާނުގެ މަތިންދާބޯޓުތަކުން ސިލޯނަށް ބޮންއެޅި އެޅުމުން އިނގިރޭސީންގެ ހުރިހާ މަނަވަރެއް ސަލާމަތްވީ އައްޑޫގައި އޮތުމުން ކަމުން، އިނގިރޭސީންގެ ހިތުގައި ރާއްޖެއަށް ޤަދަރެއް ދެވިފައި ވިއެވެ. ހަނގުރާމަ ނިމުނު އިރު، އިނގިރޭސީން ވަނީ ފަޤީރުވެފައެވެ. އަދި، އިނގިރޭސި ލަޝްކަރުގެ ގާތްގަޑަކަށް %40 އަކީ ސިލޯނާއި އިންޑިއާ ފަދަ އެމީހުންގެ ކޮލޮނީތަކުގެ ސިފައިންކަމުން، މި ޤައުމުތަކުން މިނިވަންކަމަށް ކުރަމުން އައި މަސައްކަތް، ހަނގުރާމަ ނިމުމުން ގަދަކުރިއެވެ. 1947 ގައި އިންޑިއާ މިނިވަންވިއެވެ. ޖެހިގެން އައި އަހަރު ސިލޯނު މިނިވަން ވިއެވެ. އެއިރު ސިލޯނުގައި އިނގިރޭސީންގެ މުހިއްމު އަސްކަރީ މުއާޞަލާތީ ސްޓޭޝަންތައް ހުއްޓެވެ. އިނގިރޭސިވިލާތުން ފޮނުވާ ސިގްނަލްތައް ދުނިޔޭގެ އިރުމަތީ ބިތުގައިވާ އެމީހުންގެ އަސްކަރީ މަރުކަޒުތަކަށް މ. ސިިންގަޕޫރަށް ފޮނުވުމަށް، ރިލޭ ކުރަމުންދަނީ ސިލޯނުންނެވެ. ސިލޯނު މިނިވަންވުމަށް ކުރި ކެމްޕޭންގައި މިނިވަންވުމުން އިނގިރޭސި ސިފައިން ސިލޯނުން ބާލާނެ ވާހަކަ އެ ޤައުމުގެ ސިޔާސީން ދިޔައީ ބުނަމުންނެވެ. މިކަމާ ގުޅިގެން އެ މުއާޞަލާތީ ތަން އައްޑޫގައި ބިނާކުރުމާ ބެހޭގޮތުން އިނގިރޭސީން 1955 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރީންނާ މަޝްވަރާކުރަމުން ދިޔަ ކަމަށް ލަފާކުރެވެއެވެ.
1950 ދަހަރުގެ ފަހުކޮޅު އެމީހުން ދެވަނަ ފަހަރަށް އައްޑޫއަށް ފޭބިއެވެ. މިކަމާ ގުޅިގެން ފާއިތުވީ ދިހަވަރަކަށް އަހަރު އަލުން އާބާދުވެފައިވާ ގަމާއި އެހެން ބައެއް ހިސާބުތަކުން މީހުން އައްޑޫގެ އެހެން ރަށްރަށަށް އަނެއްކާ ބަދަލުކުރިއެވެ. ޢަފީފުގެ ޣައްދާރީ ޢަމަލުތައް ދެވަނަ ފަހަރަށް ފެށެނީ މި ބުރުގައި އިނގިރޭސީން ފޭބި ފޭބުމާ ގުޅިގެންނެވެ. އެއީ ވަރަށް ދިގު އެހެން ވާހަކައެކެވެ.
މިވާހަކަތައް ވަރަށް ތަފްޞީލްކޮށް، ކާފީ ހެކިތަކާ އެކު، ދިވެހި ޑައިޖެސްޓްގެ އެކި ނަންބަރުތަކުގައި ވެއެވެ. ހުރިހާ މަޖައްލާއެއް މި ލިންކުން ފެނިވަޑައިގަންނަވާނެ އެވެ.
https://books.novelty.com.mv/v2/downloads/
އަޅުގަނޑު މަތީގައި ޚުލާޞާކުރި މުހިއްމު ވާހަކަތައް މި ޢަދަދުގައި ވެއެވެ: ދިވެހި ޑައިޖެސްޓް 68، 5 ޖުލައި 2016.
Dr.Hassan thikurahvaa masahkiypulhah shukuri dhananavan