މި މަޒުމޫނުގައި އަޅުގަނޑު މި ދަންވާލަނީ 1830 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ ސަރުކާރު (އިދާރީގޮތުން ހިންގާ ފަރާތް) އެކުލެވިފައިވާ ގޮތެވެ. އޭގެ ފަހުން މިހާރު ދުއިސައްތަ ވަރަކަށް އަހަރުވަނީއެވެ. މި މަޒުމޫނުގައި ލިޔެފައިވާ ހުރިހާ މަޢުލޫމާތެއްގެ އަޞްލު މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. އޭގައި ހަމަ ކޮންމެ ބުނުމެއް ބުނެފައިވާ ފަރާތަށް ހަވާލާދީފައި ވެއެވެ. މިފަދަ ލިޔުމެއް ދިވެހި ތާރީޚީފޮތެއްގައި ސާފުކޮށް ލިޔެފައި އޮއްވައި އަޅުގަނޑަށް ފެނިފައެއް ނުވެއެވެ. މާތުރަ، އަޙްމަދު ޝަފީޤުގެ ”ސާސްތުރަ“އިގައި މީގައި ހިމެނޭ ބައެއް ވާހަކަ އެހެން ގޮތަކަށް ހިމެނެއެވެ.  [މިއީ 1830 ގެ އަހަރުތަކުގައި މާލެއަށް އައި ބޭރު ބަޔަކު ލިޔެފައިވާ ލިޔުމަކުން ޚުލާޞާކޮށްފައިވާ ތަރުޖަމާ އެކެވެ. މަތީގައިވާ ޢިމާދުއްދީނު ރަދުންގެ ފޮޓޯފުޅަކީ 1901 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެކެވެ. އެއީ މި ލިޔުން ލިޔުނުތާ 60 އަހަރު ފަހުގެ ފޮޓޯއެކެވެ. މި ފޮޓޯ ނަގާފައިވާ ފޮތް މިލިންކުން ކިޔުއްވޭނެއެވެ.]

ދިވެހި ދައުލަތް ހިންގުމާއި އާމްދަނީގެ ހުރިހާ ކަމެއް ހަވާލުކުރެވިފައިވަނީ ރަދުންގެ ބެއްލެވުމުގެ ދަށުން ވަޒީރުންނާއި މަޖިލިސްގެ ބަޔަކަށެވެ. މި މަޖިލިސްގެ މެންބަރުންނަށް ކިޔަނީ ”މުސްކުޅީން“ ނެވެ. މި މުސްކުޅީންނާ އެކި ކަންކަމާ ގުޅިގެން ގިނައިން ރަދުން މަޝްވަރާ ކުރައްވަތެވެ. ރަދުންނަށް މަޝްވަރާ އެރުވުމުގައި ވަޒީރުންނަށް ފުރުޞަތު އޮތަސް، ރަދުންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތެއް އެމީހުންނަކަށް ނޯވެއެވެ. ނަމަވެސް، އެ މީހުންގެ މަޤާމުން ލިބޭ ފުރުޞަތުތަކުން، ރައްޔިތުންނަށް ދަތިވާ ކަންކަން ކުރެއްވުމުން ރަދުން ފޭކުރެވެއެވެ. މިކަން ކުރާ އެއްގޮތަކީ، ރައްޔިތުން ބޮޑު ޖަމާޢަތެއްގެ ގޮތުގައި އެއްވެގެން ރަދުންނަށް ވަކިގޮތަކަށް ދެންނެވުމަށް ބާރުއެޅުމެވެ. (ހަވަރު އެއްވުމެވެ)

1830 އަހަރާ ވަރަށް ގާތްކުރަންދެން ސަރުކާރުގެ އެންމެ އިސް ފަރާތްތަކަކީ، ހަ ވަޒީރުންނާއި ފައިސާގެ ކަންތައްތައް ބަލަހައްޓާ މީހަކާއި ބަނދަރުގެ ވެރިޔެއެކެވެ. މި ހަ ވަޒީރުންގެ މަޤާމުގެ ނަން ތިރީގައި އެވަނީއެވެ.

  1. ދޮށިމޭނާ
  2. ހަކުރާ
  3. ވެލާނާ
  4. ފާމުދޭރި
  5. މާފަތް
  6. ދަހަރާ

މި ވަޒީރުންނަކީ މާލޭގައި އެބައިމީހުން ދިރިއުޅޭ ސަރަޙައްދުގެ ވެރީންނެވެ. އެ ސަރަޙައްދުގެ މީހަކަށް ވަކި ޙުކުމެއް ފަނޑިޔާރު ކޮށްފިނަމަ، އެ ހުކުމެއް ތަންފީޒުކުރާނީ އެ މީހަކު އުޅޭ ސަރަޙައްދެއްގެ ވަޒީރެވެ. މީގެ އިތުރަށް ޢާއްމު ފައިދާއަށް ކުރާ ޢިމާރާތްތައް ކުރުމާއި، ފަޅުގެ ތޮށިން ބައެއް ބެލެހެއްޓުމާއި ރަދުންގެ އަމުރުތައް ތަންފީޒުކުރުމަކީ މި ވަޒީރުންގެ މަސްއޫލިއްޔަތެކެވެ. މި ވަޒީރުން ޢައްޔަނުކޮށް ވަކިކުރައްވަނީ ރަދުންނެވެ. ވަޒީރުކަމަށް ޢައްޔަނުކުރައްވާ އިރު، އެމީހުންނަށް، މަޤާމުގެ ރަމްޒެއްގެ ގޮތުގައި، އަސައެއް ރަދުން ދެއްވައެވެ. ޢާއްމު ތަންތަނަށް ވަޒީރުން ދާއިރު، އެމީހުން އެ އަސާ ގެންގުޅެތެވެ. މީހަކު ވަޒީރުކަމަށް ޢައްޔަނުކުރެއްވުމުން، އެކަން އިޢުލާނުކުރުމަށް ކޮލިލާން މީހަކު މަގުމަތީގައި އެ ވާހަކަ ތަންތަންކޮޅުގައި ގޮވާ ހަދަތެވެ. މިގޮވާއިރު، އެމީހާ، ގެމީންގެ ސަމާލުކަން ހޯދުމަށް ދުންމާރިއެއް ފުމެއެވެ. [މި ފޮތްތަކުގައި ވަނީ ކޮލި ލޯގަނޑެއްގެ ވާހަކައެއް ނޫނެވެ. ލަފާ ކުރެވޭ ގޮތުން ކޮލި ލޯގަނޑަކީ ދުންމާރީގެ ބަދަލުގައި ފަހުން ބޭނުންކުރި އާލަތެކެވެ.]  ކޮލިލުމުގެ ކުރިން، ވަޒީރުން ރަދުންނަށް ބައިތުހިފައި ހުވައެއް ކުރެއެވެ.

ދޮށިމޭނާ ވަޒީރަށް އޮންނަނީ އަސްކަރީ ކަންކަން ބެލެހެއްޓުމެވެ. ވެލާނާ ވަޒީރަށް އޮންނަނީ ކަނޑުމަތީ އަސްކަރީންގެ ކަންކަން ބެލެހެއްޓުމެވެ. އެހެން ވަޒީރުންނަށް ވަކި ދާއިރާއެއްގެ މަސައްކަތް ޚާއްޞަވެގެން ނުވެއެވެ. މި ތާރީޚު ލިޔުނު ފަރާތުން ބުނެފައިވަނީ ފުރަތަމަ ފަސް ވަޒީރުން ނިޔާވުމަށް ފަހު އެ މަޤާމުތަކަށް 1830 ގެ އަހަރުތަކުގައި އައު މީހުން ޢައްޔަނުކޮށްފައި ނުވާކަމަށެވެ. މި ދުވަސްވަރު ހުރީ ހަމައެކަނި ދަހަރާ ވަޒީރެވެ.

ބެލް ލިޔެފައިވާ ލިޔުމާއި ހެންވާރު ޝަފީޤުގޭ އަޙްމަދު ޝަފީޤު ލިޔުއްވާފައިވާ ”ސާސްތުރަ“ މިފޮތުގައި މިވާހަކަތައް އައިސްފައިވާގޮތް ވަރަށް ތަފާތެވެ. މިކަމާ ބެހޭގޮތުން ޝަފީޤުގެ ލިޔުއްވުން ފޮޓޯއަށް ފިއްތަވާލައްވަނިކޮށް ކިޔުއްވޭ ވަރަށް ބޮޑުވާނެއެވެ.

ޝަފީޤުގެ ލިޔުއްވުމަކީ، 1573 އިން ފެށިގެން އެކަން އޮތް ގޮތްކަމަށް ވެދާނެއެވެ. ނަމަވެސް، 1830 ގެ އަހަރުތަކުގައި، މިކަންކަން އޮތީ މިގޮތަށް ނޫންކަން، ތަރުޖަމާކުރަމުންދާ ލިޔުމުން ފާހަގަކުރެއްވޭނެ އެވެ. އަޅުގަނޑަށް ބޮޑަށް ޤަބޫލުކުރެވެނީ، އެންމެ ފުރަތަމަ މީހުން ޢައްޔަނުކުރެވެނީ އެވެ. އެމީހުންނީ މި ޒަމާނުގެ ބަހުރުވައިން ވަޒީރުން ކަމަށް ބެލިދާނެއެވެ. ދެން އެމީހުންގެ އެހެން މަސައްކަތުގެ އިތުރަށް އެކި ”ވަރު“ގެ ވެރިކަން ހަވާލުކުރެވެނީ އެވެ. ހަވަރު ތިނަދޫ އަށް ހަވަރު ތިނަދޫ ކިޔާ ގޮތާ ބެހޭ އެތައް ނަޒަރިއްޔާއެއް ވާނެއެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުން މިހެން ކިޔާ ސަބަބަކީ ތިނަދޫގެ ވާރުން ދައުލަތަށް ލިބޭ ތަކެތި، ބޮޑުބަޑޭރިގެއަށް ދެއްކުމުގެ ބަދަލުގައި، މި ހަވަރުގެ އަސްކަރީންނަށް (ހަވަރަށް) ދޭގޮތަށް ހަމަޖެހިފައި ވާތީއެވެ. މިހެން މިދަންނަވާ ސަބަބަކީ، ހިއްޗަށް ވަޑައިގަންނަވާ އިރު ހަވީރު ސައިގައި ތައްޔާރުކުރާ ބައެއް ބާވަތުގެ ފޮނިހެދިކާ ހަދަން ބޭނުންވާ ސާމާނު އަބަދުވެސް އަންނަނީ ވަކި ރަށަކުން ކަމަށް އެޗް.ސީ.ޕީ.ބެލް. ލިޔުއްވާފައި ވާތީ އެވެ. މިގޮތަށް އެކި ރަށްރަށުން ރާއްޖޭގެ ޤައުމީ ފެންވަރުގެ އެކި ކަންކަމަށް އިޝްތިރާކުދޭކަން ތާރީޚުން ހާމަވެއެވެ.

1830 ގެ އަހަރުތައް އައި އިރު، މި ބަޔާނުގައިވަނީ ބަޔާންކުރެވުނު ގިނަ މަޤާމުތައް އުވިގޮސްފައިވާ ކަމަށެވެ. ބައެއް ލަޤަބްތައް ބޭނުން ކުރަނީ މީހުންނަށް ޢިއްޒަތް ދިނުމަށެވެ. ކޮލިލައެވެ. މިކަން ބޮޑަށް ޤަބޫކުރެވޭ ސަބަބަކީ މާފަތްކަމުގެ މައިގަނޑު މަސްއޫލިއްޔަތު، އެކަމުގައި ހުންނެވި އެއް ބޭފުޅަކު މަލިމް މޫސާ މާފަތްކިލެގެފާނު ލިޔުއްވާފައިވާތީއެވެ. އެ މަސްއޫލިއްޔަތުން އެއް ކަމަކީ ރަދުންނަށް ބޭނުންފުޅުވާ ފަތްކޮޅުތަކާއި ދައުލަތުގެ މުހިއްމު ފަތްކޮޅުތައް ލިޔުއްވުމެވެ. އެއީ އެނަމުންވެސް ދޭހަވާ މާނައެވެ. އެންމެ ފަހުން ހުންނެވި މަލިމް މޫސާ މާފަތްކިލެގެފާނު ނިޔައުވީ އަޅުގަނޑުގެ ހަނދާނުގައެވެ. އޭނާއަށް މާފަތްކަމަށް ކޮލިލީ ތާރީޚު ފުރޭފުކުރެވިފައި ވެއެވެ. އޭނާގެ ބެއްލެވުމުގެ ދަށުގައި އެއްވެސް ”ވަރެއް“ ހުރިކަން އެނގިފައެއް ނެތެވެ. މިކަންކަމުން މި ތަރުޖަމާ ކުރަމުންދާ ބަޔާނުގެ ތެދުކަމަށް ވަރަށް ބޮޑު ބުރަދަނެއް ލިބެއެވެ.

1836 ވަނަ އަހަރުގައި ވަޒީރުންގެ ފެންވަރުގައި ތިއްބެވީ ތިން މީހެކެވެ. އެއީ

  1. ހަނދޭގިރި

  2. ދަހަރާ

  3. މީރު ބަހުރު

ހަނދޭގިރި ނުވަތަ ބޮޑު ބަޑޭރި އަކީ ދައުލަތުގެ ޚަޒާންދާރެވެ. ދައުލަތުގެ އާމްދަނީ އާއި ޚަރަދުގެ ކަންކަން ބަލަހައްޓަނީ އޭނާއެވެ. މި ދުވަސްވަރު އަނެއް ދެ ވަޒީރަށް ވުރެ އޭނާގެ ނުފޫޒު ގެމީންގެ ތެރޭގައި އުފުލިގެން ވިއެވެ. އޭނާއަށް އެހީ ތެރިވުމަށް ފައިސާގެ ހިސާބުކިތާބު ބަލަހައްޓާ އެތައް ބައެއް އުޅެއެވެ.

އަތޮޅުވެރީންނަށް ތިބޭ މީހުން މީހަކު ވާރު (ރައްޔިތުންގެ އަތުން ނަގާ ފައިސާ) ނުދައްކައިފިނަމަ އެ ހޯދުމަށް މެދުވެރިވަނީ ހަނދޭގިރިއެވެ. ވާރު ނެގުމުގައި މައްސަލައެއް މެދުވެރިވެއްޖެ ނަމަ، އެކަމަށް ޒިންމާވާން ޖެހެނީ އަތޮޅުވެރިޔާއެވެ.

ދަހަރާ ވަޒީރަކީ ވަކި ޚާއްޞަ ދާއިރާއެއްގެ ކަންކަން ހަވާލުކުރެވިފައިވާ މީހެއް ނޫނެވެ. ސިފައިންނަށާއި ރަށުގެ އެކި ކަންކަން ބެލެހެއްޓުމުގައި ބަސްބުނުމުގެ އިތުރަށް، ކަމެއް ނެތި ބޮޑު އާމްދަނީއެއް އޭނާއަށް ލިބެއެވެ.

މީރު ބަހުރު (ދިގުކޮށް އަމީރުލްބަހުރު) އަކީ ބަނދަރުގެ ހުރިހާ ކަންކަމާ ބެހޭ ފަރާތެވެ. އޭނާ ހުރިހާ ނަވަކަށް އަރައި، ނަވުގެ ހާލުބަލައި، މީހުން ރަށަށް ފޭބުމަށް ހުއްދަދެނީ އެއްވެސް ބައްޔެއް ނަވުގައި ނެތްކަން ކަށަވަރުކޮށްފައެވެ.

ކުރުކޮށް ދަންނަވާ ނަމަ، ހަ ވަޒީރުންނަށް ކުރިން ބެހިފައިވާ ދައުލަތުގެ ހުރިހާ މަސައްކަތެއް، 1830 ގެ އަހަރުތަކުގައި ކުރަމުން ދަނީ މީރުބަހުރާއި ހަނދޭގިރި (ބޮޑުބަޑޭރި) މި ދެ ފަރާތުން އެކަންޏެވެ.

ވާރު ނެގުމަށް، ކޮންމެ އަތޮޅެއްގައި އަތޮޅުވެރިއެއް ނުވަތަ ވާރުވެރިއެއް ރަދުން އައްޔަނުކުރައްވާފައި ވެއެވެ. ޢައްޔަނުކުރާނޭ މީހުން ކަނޑައަޅަނީ ހަނދޭގިރިއެވެ. ވާރުވެރީންނާއި އަތޮޅުވެރީންގެ ތެރެއިން ބައެއް މީހުން ދިރިއުޅެނީ މާލޭގައެވެ. އެމީހުންގެ މަސައްކަތް ރަށުފެންވަރުގައި ކުރަނީ އެމީހުން ޢައްޔަނުކުރާ ބައެކެވެ.

ކޮންމެ އަތޮޅެއްގައި ވާރުގެ އެއް ހުރެއެވެ. މިއީ މާލެ ފޮނުވުމުގެ ކުރީން ވާރަށް ނަގާ ތަކެތި ގުދަން ކުރާ ތަނެވެ. ވާރު ނެގުމުގެ މަސައްކަތަކީ ފައިދާވާ ކަމެކެވެ. އެހެނީ އެ ކަންކަމާ މަތިކޮށްފައިވަނީ ރަދުންގެ އަރިސް މީހުންނެވެ. ވާރުވެރީންގެ މަޤާމަކީ ޢުމުރަށް ދެމި އޮންނަ މަޤާމެކެވެ. ވާރުވެރިއަކު މަރުވެއްޖެނަމަ، ނުދައްކާއޮތް ވާރެއް އޭނާގެ މުދަލުން ނަގައެވެ. ވަކި ރަށްރަށުގައި ވާރުގެ ކަންކަން ބަލަހައްޓަނީ ކަތީބު ނުވަތަ ވެރިމީހާ އެވެ.  ވާރުން ބޮޑުބަޑޭރިގެއަށް އެއްކުރާ މުދަލުން ބައެއް ރަދުންގެ އޮޑިތަކުގައި އެކްސްޕޯޓު ކުރެއެވެ.

ޢުމުރުން 12 އަހަރުވުމުން ހުރިހާ މީހުން ވާރު ދައްކަން ޖެހެއެވެ. އެއީ އަހަރަކު ކޮންމެ މީހަކު 1 ކޮއްޓެ ބޮލި، 12 ގަނޑު ފަން،  އަންހެނެއް ނަމަ 28 ރާތާ ރޯނެވެ. މީގެ އިތުރަށް 50 ހިކި މަސް، 100 ކާށި، 50 އަޑުބާ ހަކުރު ނަގައެވެ.  [ބައެއް ޢަދަދުތަކަކީ ބޮޑު ޢަދަދުތަކެއް ކަމަށް ފެނެއެވެ. އެހެނީ ކޮއްޓޭ ބޮއްޔަކީ 12000 ބޮއްޔެވެ. ނަމަވެސް ލިޔުނު ފަރާތުން މި މިންވަރާ ދޭތެރޭ ރައްޔިތުންގެ ޝަކުވާއެއް ނުވާކަމަށް ލިޔެފައި ވެއެވެ.] ދަނޑުވެރިކަން ކުރާ ރަށްރަށުގެ ވާރަކީ ގޮވާމުގެ ނުވަތަ މޭވާގެ ފަސްބައިކުޅަ އެއްބައެވެ. ފޭރާން ކުރާ އަތޮޅުތަކުން ފޭރާމާއި ކުނާ ވެސް ވާރުގެ ގޮތުގައި ނަގައެވެ. މިހާރަކަށް އައިސް، ތަކެތީގެ ބަދަލުގައި ލާރި ވެސް ނަގައެވެ.  ރާއްޖެއަށް އުރޭ ހުރިހާ ނައު ފަހަރަކީ ރަދުންނަށް އޮންނަ ތަކެއްޗެވެ. އަދި، ރާއްޖެއަށް މުދައު ގެންނަ ނައު ފަހަރުން ލުއި އަގެއްގައި ރަދުންނަށް މުދާ ގަނެވެއެވެ.

އަސްކަރީން

އަސްކަރީންގެ ކަންކަން ހަމަޖެހިފައިވާ ގޮތަކީ އެބައިމީހުންނަކީ ކުރިން ބުނެވުނު 6 ވަޒީރުންގެ ބެލެހެއްޓުމުގެ ދަށުގައި އުޅޭ ބައެކެވެ. މީގެން ކޮންމެ ވަޒީރެއްގެ ދަށުގައި 100 އާއި 200 އާ ދެމެދުގެ މީހުން ތިބޭނެއެވެ. ނަމަވެސް އަހުރެމެންގެ ކައިރީގައި މާލޭގެ މީހުން ބުނީ ޖުމުލަ 1200 މީހުންނަށް ވުރެ އެމީހުންގެ ޢަދަދު ގިނަ ނުވާނޭ ކަމަށެވެ. މި މީހުންނަށް އެކަށީގެންވާ ތަމްރީނެއް ހަމަޖެހިފައެއް ނުވެއެވެ. މި މީހުންނަށް ކިޔާ ނަމަކީ ހަނގުބޭކަލުންނެވެ. ވެރި ވަޒީރަށް ބޮޑުބޭކަލުން ކިޔައެވެ. އެމީހުންގެ ތަމްރީނަކީ އަހުރެމެން ތިބި ދުވަސްވަރު އެހާ މުހިއްމު ކަމަކަށް ވެފައެއް ނުވެއެވެ. އެހެނީ ރާނާ މީހުންގެ ގޮތުގައި ވެސް ހަނގުބޭކަލުން ތިބެއެވެ. އަދި، ދައުލަތުގެ ނައުތަކުގައި ވެސް  ފަޅުވެރީންގެ ގޮތުގައި އަސްކަރީން ތިބެއެވެ. ގަނޑުވަރު ބެލެހެއްޓުމަށް 40 ކުދިބޭކަލުން ތިބެއެވެ. މި މީހުންގެ ސަރުދާރަކީ މާބަޑޭރިތަކުރުފާނެވެ. ރަދުން ބޭރަށް ނުކުންނަވާއިރު ބަޑިހިފައިގެން ”ދެގެދޭތެރެ ބޭކަލުން ތިބެއެވެ. ސަރުކާރުގެ ނައުފަހަރުގައި ކަލާސީނުންގެ ގޮތުގައި 200 އާއި 300 އާ ދެމެދުގެ މީހުން ތިބެއެވެ. މި މީހުންގެ ޢާއްމު އުޖޫރައަކީ ކޮންމެ ފޮއެ  (14) ދުވަހަކު 12 ނާޅި ހަނޑުލެވެ. އަހަރަކު މުސާރައަށް ލާރިއާއި ހެދުން ދެވެއެވެ.

ތަރުޖަމާކޮށް ޚުލާޞާކުރަމުން އައި ލިޔުން މިހިސާބުން ނިންމާލަމެވެ. މީގައި އެބުނާ އެބައެއްގެ ދާއިރާގެ މަސައްކަތް ނޭނގޭ ހަކުރާ، ފާމުދޭރި ފަދަ ނަންނަމުގެ މާނަ މިހާރު ވަނީ ގެއްލިފައި ކަމަށް ލަފާކުރެވެއެވެ. މި ނަންނަމުން މާނަކުރާނީ، މާނަ އެނގޭ ދާއިރާތައް ކަމަށް މާފަތް، ދޮށިމޭނާ، ވެލާނާ ފަދަ ކޮންމެވެސް ހިންގުމުގެ ދާއިރާ އެކެވެ.

މަތީގައިވާ ބަޔާނުގައި، ފަނޑިޔާރުގެ ވާހަކަ އައިސްފައި ވެއެވެ. އޭނާއަކީ ވަރަށް ކުރީންސުރެ އެކަށީގެންވާ މިނިވަންކަމެއްގައި، ރަދުންގެ ސީދާ ބާރު ނޯންނަ ފަރާތެކެވެ. މިހެން ދެންނެވިއަސް، އެކި ދައުރުތަކުގައި ރަދުންނާއި ފަނޑިޔާރާ ދެމެދު މައްސަލަޖެހި އެކި ކަންކަން ހިނގާފައި ވެއެވެ. މާޒީގައި ހިނގި އެންމެ ގިނަ މީހުން ދަންނަ ކަމަކީ، (ރަދުން ގެންގުޅުއްވި އަޅުންތަކެއްގެ) ޝަރީޢަތެއް ކުރެއްވި ގޮތާ ހިތްހަމަޖެހިވަޑައިނުގެން ރަދުންގެ އެންގެވުމަކަށް ފަނޑިޔާރު މީހާ ކަފަބަނދެ ރޯކޮށްލުމެވެ. މި ރަދުންގެ ނަމަކީ ހިކަނދި ޙަސަން ރަސްގެފާނެވެ. އެހެން ކިޔަނީ އޭނާއަށް ހާޖީ ޙަސަން ރަސްގެފާނު ނުކިޔަންވެގެންނެވެ.

ދިވެހިއްޔަތާ ބެހޭ މަޒުމޫނުތައް

މުޅި ވެބްސައިޓްގެ ފިހުރިސްތު