މިނިވަން ދުވަހޭ ތޯއެވެ؟

ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ، އެމީހަކު އުޅޭ ޒަމާނެއްގެ ގޮތުން ބަދަލުވާ އެއްޗެކެވެ. އަޅުގަނޑަށް އެނގިގެން ދިވެހިރާއްޖޭގައި މަދުވެގެން ތަފާތު ހަތަރު ދުވަސް، މިނިވަން ދުވަހުގެ ގޮތުގައި، ސަރުކާރުގެ ފަރާތުން ފާހަގަކޮށްފައި ވެއެވެ. މި ދުވަސްތަކުން ހަނދާންކުރާ މުނާސަބަތްތަކަށް ފިކުރު ހިންގައިލައިފި ނަމަ، އަދި، މިނިވަންކަމުގެ ޙަޤީޤީ މާނައަށް ވިލިކައިފިނަމަ ، އެއިން އެއްވެސް ދުވަހަކީ މިނިވަންދުވަހުގެ ގޮތުގައި ފާހަގަ ކުރެވޭނޭ ދުވަސްތަކެއް ނޫންކަމަށް ތިޔައިގެ ގިނަ ބޭފުޅުން އަޅުގަނޑާ އެއްބަސްވާނެކަމާ މެދު ޝައްކެތް ނެތެވެ.

މިނިވަން ކަމަކީ ކޮބައިތޯއެވެ؟ އަޅުގަނޑު އަޑުއަހާގޮތުން، ”މިނި“ މި ލަފުޒުގެ މާނައަކީ އިންސާނުންނެވެެ. މިސާލެއްގެ ގޮތުން މިނިމަހަކީ އިންސާނާގެ މަހެވެ. މިނިކައްޓަކީ އިންސާނުންގެ ކައްޓެވެ.  ”ވަން“ މި ލަފުޒަކީ އެއްޗެއްގެ ސިފަ ހުރުމަށް އިޝާރާތްކުރާ ނަންއިތުުރު އުފައްދަން ބޭނުންކުރާ އަކުރެކެވެ. ނަމެއްގެ ފަހަތަށް އެއްކުރާ ލަފުޒެކެވެ. މިސާލެއްގެ ގޮތުން ރަންވަން ލޮއި އަކީ ރަނުގެ ކުލަ ހުންނަ ލޮއި އެވެ. މި ނަޒަރުން ބަލާއިރު ”މިނިވަން“ އަކީ އިންސާނުންނާ އެއްގޮތްކަމެއް ކޮންމެވެސް ސިފައެއްގައި ހުންނަ ތަކެއްޗަށް އިޝާރާތް ކުރަން ބޭނުން ކުރާ ނަންއިތުރެކެވެ. ނަމަވެސް، އިހުގެ ލަފުޒުތަކުގެ މާނަ، އައު ކަންތައް ތަކަށް ބޭނުންކުރާ އުޞޫލުން، މިނިވަނުގެ ޙަޤީޤީ މާނަ މިހާރު ބަދަލުވެފައި ވެެއެވެ. އެ ލަފުޒުން މިހާރު މާނަކުރަނީ، އެހެން އެއްޗަކަށް ބަރޯސާވުމެއް ނެތް، ބަންދެއް ނެތް ނުވަތަ ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވާ ޙާލަތް ސިފަކުރުމަށެވެ.

އިނގިރޭސިބަހުން، މިނިވަންކަމަށް ކިޔަނީ ”އިންޑިޕެންޑެންސް“ އެވެ. މި ލަފުޒު އުފައްދާފައިވަނީ ”ޑިޕެންޑެންސް“ މި ލަފުޒު އިދިކުރުމަށް ނުވަތަ ނަފީކުރުމަށް ”އިން“ އިތުރުކޮށްގެންނެވެ. ޑިޕެންޑެންސް އިން މާނަކުރަނީ، އެހެން ފަރާތަކަށް ނުވަތަ އެއްޗަކަށް ބަރޯސާ ވެގެން ވުމަށެވެ. އިނގިރޭސި ބަހުން އިންޑިޕެންޑެންޓް ޤައުމަކީ، އިދާރީ ގޮތުން އެ ޤައުމެއް ހިންގުމުގެ ބާރު އެ ޤައުމެއްގެ ރައްޔިތުންނަށް ލިބިގެން ވާ ޤައުމެކެވެ. ޤައުމެއްގެ ސަރުކާރު ހިންގުމަށް، އެހެން ޤައުމަކަށް ބަރޯސާ ކުރަން ޖެހިފައި ނުވުމެވެ. ތިިރީގައި މިވަނީ ގިނަބަޔަކަށް ލިބެން އޮތް ލިޔުމެއްގައި މިނިވަން ޤައުމު ކަޑައަޅާފައިވާ ގޮތެވެ.

Independence is a condition of a nation, country, or state in which its residents and population, or some portion thereof, exercise self-government, and usually sovereignty, over the territory.

މަތީގައި އިނގިރޭސި ބަހުން އޮތް ޖުމުލައިގެ އިޖްމާލީ މާނައަކީ، ”މިނިވަންކަމަކީ، އުއްމަތެއްގައި ނުވަތަ ޤައުމެއްގައި ނުވަތަ ދައުލަތެއްގައި، ދިރިއުޅޭ ނުވަތަ އަހުލުވެރި މީހުންނަށް، އެ ތަނެއްގެ ސަރުކާރު ހިންގުމުގެ ބާރު ލިބިގެންވާ، އަދި އާއްމުކޮށް އެ ފަރާތް ނިސްބަތްވާ ސަރަޙައްދަށް މިލްކުވެރިކަން ލިިބިގެންވާ ޙާލަތެވެ.“

މަތީގައިވާ ޝަރުޠުތަކުގެ ޢަލީގައި ދިވެހިރާއްޖެ މިިނިވަންނޫން ދުވަސްވަރެއް ގޮސްފައި ވޭތޯ އެވެ؟

ދިވެހިރާއްޖޭގެ ތާރީޚާ ބެހޭ ގޮތުން، ލިޔެފައިވާ ލަފުޒުތަކުގެ ޢަދަދުންނާއި ލިޔެފައިވާ ދާއިރާތަކުގެ ފުޅާކަމުން، އެންމެ ފުރިހަމަ ފޮތެއް ލިޔެފައިވަނީ އެޗް.ސީ.ޕީ. ބެލް ކިޔާ އިނގިރޭސި އެކެވެ. އޭނާ ލިޔުނު މަޝްހޫރު މޮނޮގްރާފްގެ 48 ވަނަ ޞަފުޙާގައި ވެއެވެ.

The Sultans have been, past the records of their country, Sovereigns of the Maldive Group, and have ever, so far as is known, exercised Supreme Rule in the internal affairs of the Islands uncontrolled by other nation; except on the rare and temporary occasions of forcible Foreign interposition, such as that of the Portuguese in the Sixteenth Century.

މަތީގައިވާ ޢިބާރާތުގެ މާނަ، ތިރީގައި އެވަނީ ޚުލާޞާ ކޮށްލާފައެވެ.

”މިސާލެއްގެ ގޮތުން ސޯޅަވަނަ ޤަރުނުގައި ޕޯޗުގީޒުން އަރައިގެން ފަދަ މަދު އަދި ޤަރާރުވެ ނުތިބެވޭ ގޮތުން،  ގަދަކަމުން ބިދޭސީން އަރައިގަތް ހާދިސާތައް ފިޔަވައި، އެމީހުންގެ ޤައުމުގެ ތާރީޚް ހެކިދޭ ފަދައިން، އަދި އެނގޭ އެންމެ ކުރިއަކަށް،  ދިވެހިރާއްޖޭގެ ރަށްތަކުގެ ދާޚިިލީ ކަންތައްތައް ހިންގުމުގެ އިސް ވެރިކަން، އެހެން ޤައުމެއްގެ ކޮންޓްރޯލެއް ނެތި، ދިވެހި ރަދުންނަށް ލިބިގެންވިއެވެ.“

މަތީގައިވާ ޢިބާރާތާއި ކުރިން ބަޔާން ކުރި މިނިވަންކަމުގެ ޝަރުޠުތަކަށް ވިސްނައިލުމުން، އެޗް.ސީ.ޕީ.ބެލް ވެސް ދިވެހިރާއްޖޭއަކީ ޤަދީމީ ދުވަސްވަރުންސުރެ މިނިވަން ޤައުމެއްކަމަށް ޤަބޫލުކުރިކަން ދޭހަވެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިފައިވަނީ ދެ ފަހަރު އެވެ. އެއީ ޕޯޗުގީޒުން އަރައިގެން އަރައިގަތުމުގަ އާއި ހޮޅީން އަރައިގެން އަރައިގަތުމުގަ އެވެ. ނަމަވެސް، މި ބާރުތަކަށް ދިވެހިރާއްޖޭގައި މާ ގިނަ ދުވަހު ޤަރާރުވެ ތިބެވިފައެއް ނުވެއެވެ. ދިވެހީން އެމީހުން ފައްސާލައިފިއެވެ.

މަތީގައި ނަކަލުކޮށްފައިވާ ބެލްގެ ޢިބާރާތުގައި، ދާޚިލީ ކަންތައްތަކުގެ މިނިވަންކަމަށް އިޝާރާތްކޮށްފައި ވެއެވެ. މިހެން އޭނާ ބުނެފައިވަނީ ކީއްވެ ތޯއެވެ؟ ކަމުގެ އަޞްލުގެ ތެރެއަށް ވަނުމަށްޓަކައި، އަޅުގަނޑުމެންނަށް ޖެހޭނީ، 1887 ވަނަ އަހަރަށް ދާށެވެ. އެ ދުވަސްވަރު ސިލޯނަކީ ހުރިހާ މަޢުނައެއްގައި ވެސް، އިނގިރޭސީންގެ ކޮލޮނީ އެކެވެ. އިނގިރޭސީން ވެރިކަން ކުރާ ޤައުމެކެވެ. އެ ޤައުމުގެ ސަރުކާރު ހިންގަން ތިބެނީ އިނގިރޭސީންނެވެ. އަދި، ޤާނޫނުތަކާއި ޝަރީޢަތްތަކާއި ވާރުނެގުމާއި މިފަދަ ހުރިހާ ކަމެއް ހިންގަނީ އިނގިރޭސީންނެވެ. ހަމަ އެދުވަސްވަރު ސިލޯނާއި ޚިލާފަށް، ރާއްޖޭގެ ވެރިއަކަށް ހުންނަނީ ރަސްކަލެކެވެ. ނަމަވެސް އިދާރީ ގޮތުން ޤައުމު ހިންގުމުގައި، އިސްވެރިޔަކީ ރަންނަބަޑޭރި ކަމުގެ މަޤާމުގައި ހުންނަ މީހެކެވެ. ރާއްޖޭގައި އެ ދުވަސްވަރު، މި ވެރިކަމުގައި، ވާދަވެރިކަމާއި އެކު ދެ އާއިލާއެއް ޙަރަކާތްތެރި ވިއެވެ. މިއިން އެއް އާއިލާއެއްގެ ބާރު ކެނޑުމުން، އެ އާއިލާގެ މެންބަރުން ރަންނަބަޑޭރިކަން ހޯދުމަށް، ސިލޯނުގައި އެދުވަސްވަރު އޮތް އިނގިރޭސި ސަރުކާރާ ބައްދަލުކޮށް، ވެރިކަމަށް އައުމަށްޓަކައި އިނގިރޭސީންގެ މަދަދު ހޯދިއެވެ. ސިލޯނާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އެގްރީމަންޓް އެއްގައި ސޮއިކުރުމަށް އިނގިރޭސީން ރަދުންނަށް ދެންނެވުމުން ރަދުން އެކަމަށް އިންކާރު ކުރެއްވި އެެވެ. ދެން އިނގިރޭސީން އައީ، ޢަރަބި ބަހުން އެމީހުން ބޭނުން ގޮތަކަށް ލިޔުމެއް ލިޔެގެންނެވެ. މި ފަހަރުވެސް ރަދުންނެއް ސޮއެއް ނުކުރެއްވިއެވެ. ތިންވަނަ ފަހަރު، އިނގިރޭސީން އައީ އިނގިރޭސި ބަހުން ސިޓީއެއް ލިޔެގެންނެވެ. މިފަހަރު ސޮއިކުރައްވަން އިންކާރު ކުރެއްވުމުން،  އިނގިރޭސިން ހެދިގޮތަކީ، އެމީހުން އައި މަނަވަރުގެ ބަޑިތައް މާލެއާ ދިމާކޮށް، ބާރު ސްޕީޑެއްގައި މާލޭ އުތުރު ތޮށިގަނޑާ ގާތްވެ، މާލެއަށް ބިރު ދައްކައި، އެމީހުން ގެނައި  އިނގިރޭސި ބަހުން ލިޔެފައި އޮތް ސިޓީއެއްގައި ރަދުންލައްވައި ސޮއި ކުރެއްވީއެވެ.  މި ވާހަކަތައް، ތަފްޞީލާއި އެކު ޢަބްދުލްޙަކީމް ޙުސައިން މަނިކު 1981 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ”ބޮޑު ހުޅުގެ ތާރީޚް“ މިފޮތުގައި ވެއެވެ.

ރަދުންނެއް، ތާނައަކުރެއް، އަދި ޢަރަބި ބަހެއް އަދި ކީއްތޯ، ޢަމްދުން އިނގިރޭސި ބަހެއް ދެނެވަޑައެއް ނުގަންނަވައެވެ. މިކަން އެނގެނީ، އިނގިރޭސީން އެމީހުންގެ ގަވަރުނަރަށް ލިޔެފައިވާ މި ސިޓީއިންނެވެ.

ދެން ކުރިން ބަޔާން ކުރިފަދައިން، ދިވެހީންގެ ވެރިކަމުގެ ދެ އާއިލާއެއްގެ ދެމެދުގައި ހިނގި ވާދަވެރިކަމެއްގައި، އެއިރު ސިލޯނުގެ ގަވަރުނަރަކަށް ހުރި ގޯރޑްން ކިޔާ މީހަކު އެއްބަސްވި ލިޔުމެއް ލިޔެގެން ގެނެސް، އެއިރު ރަސްކަމުގައި އިންނެވި މުޙައްމަދު މުޢީނުއްދީނު II ލައްވައި، ޑިސެމްބަރު 16، 1887 ގައި ގަދަކަމުން ސޮއިކުރުވީ އެވެ.

ދިވެހިރާއްޖެއާ ބެހޭގޮތުން ބެލް ލިޔެފައިވާ ފޮތުގައި މިވާހަކަ ގެނެސްފައިވަނީ، އިނގިރޭސީންގެ ކޮޅަށް ފަހިކޮށެވެ. އިނގިރޭސީން ތާރިޚް ލިޔާ ނަމަ ލިޔާނެ، ”ލިޔަންވާނެ“ ގޮތަށެވެ. ސިޓީއަށް ކިޔާފައިވާ ނަމަކީ  ”ސްޓޭޓް އެގްރީމަންޓް“ އެވެ. ކަން އަޞްލު ހިނގިގޮތުގެ ނޭންގާނިކަމަށް އޮތް ހަމައެކަނި އިޝާރާތަކީ އަންނަނިވި ޖުމުލައެވެ.

After some undignified shuffling and needless delay, Sultan Muhammad Muinuddin II at Male’ ultimately signed the agreement.

ކީރިިތިކަމެއް ނެތް، ފައިކާއްތަމުން ހިނގި ހިނގުމަކަށް ފަހު، އަދި ބޭނުމެއް ނެތި ކުރި ލަސްކުރުމަކަށް ފަހު، އައްސުލްޠާނު  މުޙައްމަދު މުޢީނުއްދީނު II އެންމެ ފަހުން އެގްރީމަންޓްގައި މާލޭގައި ސޮއިކޮށްފިއެވެ.“

ތިރީގައި ރޮނގުދަމާފައި އެވަނީ އަޅުގަނޑު ފާހަގަކޮށްލާ ބައެއް ލަފުޒުތަކުގައެވެ.

ބެލްގެ ފޮތުގައިވާ ގޮތުން،
މި ”އެގްރީމަންޓް“ އިން، ރަދުން، (ހ) އޭނާއާއި އޭނާގެ ފަހުން އަންނަ ރަސްކަލުންގެ ފަރާތުން، އިނގިރޭސި ވިލާތުގެ ރަދުންގެ ޝަހެންޝާހުކަން، ދިވެހިރާއްޖޭ މައްޗަށް އޮންނަކަމަށް ފުރިހަމައަށް އެއްބަސް ވެއެވެ.
(ށ) ބިދޭސީ އެހެން ބާރަކާއެކު އެއްވެސް އެއްބަސްވުމެއް ނުވަތަ މުޢާހަދާއެއް، ސިލޯނުގެެ ވެރިން މެދުވެރިނުކޮށް ކުރުމަށް، ލިިބިފައިވާ ހުރިހާ ޙައްޤަކާއި ޤަޞްދެއް ދޫކޮށްލައެވެ.އިނގިރޭސިވިލާތުގެ ފަރާތުން އެއްބަސްވިކަމަށް ވަނީ:(ހ) ބިދޭސީ ޢަދުއްވުންގެ ފަރާތުން، ދިވެހިރާއްޖެ އަބަދު ވެސް ރައްކާތެރިކުރުމަށާއި،
(ށ) ޤަބޫލުކުރެވެން އޮތް އެންމެ ބޮޑަށް ދިވެހިރާއްޖޭގެ އިދާރީ ކަންކަމާއި އެތެރޭގެ ހަމަނުޖެހުންތަކާ ނުބެހުމަށެވެ.

ބެލް ޙަވާލާދިން ލިޔުމުގައި، މަތީގައިއެވާ ގޮތަށް ލިޔެފައިވާތީ އަޅުގަނޑަކަަށް ނުފެނުނެވެ. މި ޖުމުލައަށް ފިއްތަވާ ލައްވަނިކޮށް އެ ލިޔުމަށް ވަޑައިގެންނެވޭނެއެވެ. އަދި  އިނގިރޭސި ވިލާތުން ޛިންމާވާން ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން (ށ) ގައި އެވާ ކަމެއް ރަދުން ސޮއިކުރެއްވި އިނގިރޭސި ބަހުން ލިޔެފައިވާ އަޞްލު ސިޓީއެއްގައެއް ނުވެއެވެ. ތިރީގައި އެވަނީ އިނގިރޭސީން ލިޔެގެން ގެނެސް، އެ ބަސް ނުދަންނަ ރަދުން ލައްވައި ސޮއިކުރުވި ސިޓީއެވެ.

އިނގިރޭސީން އަމިއްލައަށް ލިޔުނު ސިޓީގައި ރަދުން ލައްވައި ސޮއިކުރުއްވައިގެން ގެންދިއުމަށް ފަހު، އިނގިރޭސީން އެ ސިޓީގެ ޖަވާބެއް ފޮނުވިއެވެ. އެއީ 23 ޑިސެމްބަރު 1887 ގެ ތާރީޚްގައި  ފޮނުވި ސިޓީއެކެވެ. އެ ސިޓީ މި އޮތީ އެވެ. އެ ސިޓީގައި އޮތީ، ދިވެހިރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ  އިނގިރޭސީން ނުބެހޭނެކަމަށް، އެމީހުންގެ ރާނީ (ކްއީން ވިކްޓޯރިއާ) ގެ ނަމުގައި އަހުދު ވެފައެވެ. ބެލް ބުނެފައިވާ ގޮތަކަށް އެ ސިޓީއަކު ލިޔެފައެއް ނުވެއެވެ.

ކޮންމެ އަކަސް، ރަދުން މި ސޮއި ކުރެއްވި ސިޓީއަކީ، ނުވަތަ ބެލް ބުނާގޮތުން ނަމަ، ”ސްޓޭޓް އެގްރީމަންޓް“ އަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް ތިންވަނަ ފަހަރަށް ވަގުތީ ނުސާފުކަމެއް އައި ކަމެކެވެ. ނަމަވެސް، މިނިވަން ޤައުމެއްގެ ޝަރުޠުތައް ކުރިން ކަނޑައެޅި ހަމަތަކުންް، އަދިވެސް، ދިވެހިރާއްޖެ އަކީ، މިނިވަން ޤައުމެކެވެ.  މި ނިންމުމަށް ބާރުލިބޭ އެތައް ހެކިތަކުގެ ތެރެއިން، 14 ފެބްރުއަރީ 1960 ގައި ދިވެހިރާއްޖެ އާއި އިނގިރޭސި ިވލާތާ ކުރެވުނު އޯލްޕޯރޓް އެގްރީމަންޓް ހިމެނެއެވެ. ތިރީގައި އެވަނީ އެ އެގްރީމަންޓްގެ ފުރަތަމަ ދެ މާއްދާ (”އިއްޔެ“) ކިޔާ މަޖައްލާގައި ލިޔެފައިވާ ގޮތަށް ނަކަލުކޮށްފައެވެ.

މަތީގައިވާ ދެ މާއްދާގެ ތެރެއިން ފުރަތަމަ މާއްދާ ފަށާފައިވަނީ، އަންނަނިވި ގޮތަށެވެ. ”ދިވެހިރާއްޖޭގެ ސަރުކާރުން 1887 ގައި، އިނގިރޭސި ވިލާތުގެ ރަދުންނާ، ދިވެހިރާއްޖެ ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ މަސްޢޫލިއްޔަތު މަޖުބޫރުކަމެއް ނެތި އަމިއްލައަށް އެދިގެން ޙަވާލުކުރުމާއި…“ މަޢާފު ކުރައްވާށެވެ! އަމިއްލައަށް އެދިގެންނޭތޯ އެވެ؟ ބިރުދައްކަން ފޮނުވި މަނަވަރާއި ކަން ޙަޤީޤަތުގައި ހިނގިގޮތް ދިވެހި ތާރީޚް ފޮތްތަކުގައި، ކަޅުދެލިން ހުދުކަރުދާހުގައި ލިޔެފައިވަނީ ޒަމާނުގެ ހިރަފުހުން ފަނޑުނުވާނޭ ވަރަށް ވުރެ ކުލަ ގަދަކޮށެވެ. އާދެ! އަޅުގަނޑު ދެންނެވިހެން ތާރީޚަކީ ލިޔާ މީހާގެ ތަޢައްޞުބުން ވަކިކުރެވޭ އެއްޗެއް ނޫނެވެ.

މަތީގައިވާ ފުރަތަމަ މާއްދާގައި، ދިވެހިރާއްޖެ ސިފަކޮށްފައިވަނީ އަންނަނިވި ގޮތަށެވެ:

composite sovereign and independent state of the Maldive Islands

މި ޢިބާރާތުގެ އިޖްމާލީ މާނައަކީ ”އެތައް ބައިތަކަކުން (އަތޮޅުތަކަކުން) އެކުލެވިފައިވާ މުރައްކަބު، ސިޔާދަތު ލިބިގެންވާ މިނިވަން ދައުލަތެއް ކަމުގައިވާ ދިވެހި ރާއްޖެ“ އެވެ. އާދެ! ރަސްމީ އެގްރީމަންޓްގައި ދިވެހިރާއްޖެ އަކީ މިނިވަން ޤައުމެއް ކަމުގައި އިނގިރޭސީން އިޢުތިރާފުވެފައި އެވަނީ ވަރަށް ފުރިހަމަ އަށެވެ.

ދިވެހިރާއްޖެއިން ސިލޯނަށް ފޮނުވަމުން ގެންދިޔަ ”ވެދުން“ އަކީ، އެތައް ސަތޭކަ އަހަރެއްގެ ކުރިން ފޮނުވަމުން ގެންދިޔަ ވެދުމެކެވެ. އިނގިރޭސީން ސިލޯނު ހިފުމުގެ މާ ކުރިންނެވެ. އެއީ ދިވެހިރާއްޖެއިން ސިލޯނަށް ދައްކާ ޖިޒީއެއް ހެއްޔެވެ؟ ސިލޯނުގެ އެއްވެސް ތާރީޚީ ލިޔުމެއްގައި، ދިވެހިރާއްޖެއަކީ ސިލޯނުގެ ”ސަރުކާރަށް“ ޖިޒީ ދޭ ޤައުމެއް ކަމަކަށް ބަޔާންކޮށްފައެއް ނުވެއެވެ. ކޮމާކޯޅިއެއްގެ ތެރޭގައި ސަރުކާރު މި ލިޔުނީ ސިލޯނުގެ ތާރީޚީ ފޮތްތަކުގައި އެ ބައްރުގައި މަދުވެގެން ފަސް ރަސްކަމެއް އޮންނަކަމަށް ބަޔާންކޮށްފައި ވާތީއެވެ. ޕޯޗުގީޒުންގެ އަތްދަށަށް ސިލޯނު ފުރަތަމަ ދިޔައީ ވެސް މި ރަސްކަންތަކުގެ ތަޅާފޮޅުމުގެ ތެރެއިން ކަމަށް ވެސް އެ ފޮތްތަކުގައި ވެއެވެ.  އެހެންކަމުން 1887 ގައި ރަދުން ލައްވައި އިނގިރޭސީން ސޮއިކުރުވި ސިޓީގައި ދިވެހިރާއްޖެއަކީ ސިލޯނުގެ ”ޓްރިބިއުޓަރީ“ އެއްކަމަށް އިނގިރޭސީން ލިއުނީ ކީއްވެ ހެއްޔެވެ؟ އިނގިރޭސި ބަހުން ބޭނުން ކޮށްފައިވާ ލަފުޒު ގެ އަޞްލުކަމަށްވާ ”ޓްރިބިއުޓް“ ގެ ދެ މާނައެއް ވެއެވެ. އެއް މާނައަކީ، އިޙްތިރާމާއި، ޝުކުރުވެރިކަމާއި ތަޢުރީފުގެ ރަމްޒެއްގެ ގޮތުން ދޭ ހަދިޔާ އެވެ. އަނެއް މާނައަކީ، އެއް ޤައުމެއް އަނެއްޤައުމަކަށް، އަޅުވެތިކަމުގެ ދަށުން ދައްކާ ފައިސާ ނުވަތަ މުދަލެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި، ދިވެހިރާއްޖެއިން ސިލޯނުގެ ވެރިކަންކުރާ ފަރާތަށް ދެމުން ގެންދިޔައީ ވެދުމެކެވެ. ފުރަތަމަ މާނައިގައި ހިމެނޭ ހަދިޔާއެވެ. އަޅުވެެތިކަމުން ދައްކަން ޖެހޭ އުޖޫރައެއް ނޫނެވެ. މިހެން އަޅުގަނޑަށް ވިސްނޭ ސަބަބަކީ، ބައެއް ފަހަރު، ސިލޯނުން ދިވެހިރާއްޖެއަށް ފޮނުވާ ވެދުމުގެ އަގު، ރާއްޖެއިން ފޮނުވާ އެއްޗަކަށް ވުރެ ބޮޑުހެން ހީވާތީއެވެ. އަދި، ރަދުން ފޮނުވާ ސިޓީގެ ޢިބާރާތަށް ބަލައެވެ. މި ސިޓީތައް އަހަރުން އަހަރަށް ބަދަލުވަނީ ވަރަށް ކުޑަކޮށް ކަމާއި، ފޮނުވާ އަދި ލިބޭ ތަކެތީގެ ބާވަތްތައް މި ފޮތުގައި ހިމެނެއެވެ. އަދި އެ ފޮތުގައި ވެދުން ގެންދާއިރު ޒަމާނުއްސުރެ އޮންނަ އާދަކާދަ ވެސް ބަޔާންކޮށްފައި ވެއެވެ. 2017 ވަނަ އަހަރު، އެމެރިކާގެ ރައީސް ސަޢުދީ އެރެބިއާ އަށް ޒިޔާރަތް ކުރެއްވުުމުން، ސަޢޫދީ ރަސްގެފާނު، އެއް ބިލިއަން ޑޮލަރަށް ވުރެ އަގުބޮޑު  ވެދުން ޓްރަމްޕްއަށް އެރުވިކަމަށް ނޫސްތަކުގައި ވެއެވެ. މިއީ އެމެރިކާގެ އަޅުވެތިކަމުގައިވާ  ޤައުމަކަށް ސަޢޫދީ އެރެބިއާ ވާތީ، އެމެރިކާއަށް ރަސްގެފާނު ދެއްކެވި ޖިޒީ ތޯ އެވެ؟

ފުރަތަމަ މިނިވަން ދުވަސް

މަތީގައި ބަޔާން ކުރެވުނު އޯލްޕޯޓް އެގްރީމަންޓް ގެ ކުރިން، އެހެން އެގްރީމަންޓް އެއް ދިވެހިރާއްޖެ އާއި އިނގިރޭސި ސަރުކާރާ ދެމެދު ކޮށްފައި ވެއެވެ. މި އެގްރީމަންޓް ކުރެވުނީ 24 އޭޕްރިލް 1948 ގައެވެ. މިކަން ހިނގިގޮތުގެ ފަސްމަންޒަރަށް އަލިއަޅުވާލަމާތޯ އެވެ؟

އިނގިރޭސީން އިންޑިޔާ އާއި ސިލޯނު ފަޠަޙަކޮށްގެން އެތަނުގައި ވެރިކަން ކުރަމުން ދިޔަ އިރުވެސް، އެ ދެ ޤައުމުގައި ވެސް، މިނިވަންކަމާއި ޙުއްރިއްޔަތުގެ ވަރުގަދަ އޮއިވަރެއް ދެމެމުން ދިޔައެވެ. މި ދެ ޤައުމު، ޚާއްޞަކޮށް އިންޑިއާ،  އިނގިރޭސީންނަށް އޮބެހެއްޓެމުން ދިޔައީ ކިރިޔަ ކިރިޔާއެވެ. ހަތިޔާރާއި އަނިޔާވެރިކަމުގެ ބާރުގައެވެ. މިހެން މިކަން ހިނގަމުން އަންނަނިކޮށް ދެވަނަ ބޮޑު ހަނގުރާމަ ފެށި ނިމިއްޖެއެވެ. އިނގިރޭސީންގެ އިއްތިޙާދުން، ދެވަނަ ބޮޑު ހަނގުރާމަ ކާމިޔާބު ކުރެވުނީ އެމީހުން ވެރިކަން ކުރަމުން ދިޔަ އިންޑިއާ އާއި ސިލޯނު ފަދަ ކޮލޮނީތަކުގެ އެހީގައެވެ. ހަނގުރާމަ ނިމުމުން، އިނގިރޭސީންނަށް މަޖުބޫރުވީ، އިންޑިޔާ ފަދަ އަޅުވެތިކޮށްގެން އުޅޭ ޤައުމުތަކަށް މިނިވަންކަން ދޭށެވެ. މިގޮތުން 1947 ވަނަ އަހަރު އިންޑިޔާ އިނގިރޭސީންގެ އަތުން މިނިވަން ވެއްޖެއެވެ. ސިލޯނު މިނިވަންވީ 1948 ގައެވެ. މުޙައްމަދު އަމީން ލިޔުއްވާފައިވާ  ”ދިވެހިރާއްޖެ . . . . . .ހަނގުރާމައަށް ފަހު“ މިފޮތުގައިވަނީ، ސިލޯނަށް މިނިވަންކަން ލިބުމުގެ ކުރިން، އިނގިރޭސި ދައުލަތަށް ދެވެމުން އަންނަ ޖިޒީއަށް ހުއްޓުމެއް އަރުވާލެވޭތޯ އޭނާ އަހަރެއްގެ ކުރިން މަސައްކަތް ފެއްޓެވި ކަމަށެވެ. އަދި، އިނގިރޭސިވިލާތުގެ  ރަޙްމަތްތެރިން މެދުވެރިކޮށް އެ މައްސަލަ ނުރަސްމީ ގޮތެއްގައި އިނގިރޭސި ވިލާތަށް ހުށަހެޅުއްވި ކަމަށެވެ. ޖަވާބު ފަހިކަމުން، ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނަށް މައްސަލަ ހުށަހެޅުއްވުމުން، ޢަބްދުލްމަޖީދު ޖަވާބު ދެއްވީ އިނގިރޭސީންގެ ހިމާޔަތުގައި ތިބުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށާއި ނަމަވެސް، އަމީން އަށް ފެނިވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންދެވިއަސް އެންމެ ރަނގަޅު ކަމަށެވެ. އަމީން ބޭނުންފުޅުވަނީ ސިލޯނު ފަދައިން ޙިމާޔަތުން ވެސް، މުޅިން މިނިވަންވުންކަން، އަމީންގެ ލިޔުއްވުންތަކުން އެނގެއެވެ. މި ވާހަކަތައް ވަނީ ކުރިން ނަން ގަނެވުނު ”ދިވެހިރާއްޖެ . . . . . .ހަނގުރާމައަށް ފަހު“ މި ފޮތުގައެވެ. ޢަބްދުލްމަޖީދު އެހެންވިދާޅުވި ސަބަބެއް ކަމަށް ލަފާކުރެވެނީ، މިނިވަން އިންޑިޔާއިން ދިވެހިރާއްޖެ ”ކައިލާފާނެ“ ބިރު އަބަދުވެސް އޮންނާތީކަމަށް ލަފާކުރެވެ އެވެ. މިހެން މިދެންނެވީ، މުޙައްމަދު އަމީންގެ ގެކޮޅަށް އެ ދުވަސްވަރު ވަދެ އުޅުއްވި ބޭފުޅަކު އަޅުގަނޑުގެ ކައިރީގައި ދެއްކެވިި ވާހަކަފުޅުތަކެއްގެ މައްޗަށް ބުރަވެއެވެ. ދޭތެރެ ދޭތެރެއިން ޢަބްދުލްމަޖީދު ވިދާޅުވެގެން، އަމީން ސިލޯނަށް ވަޑައިގެން އިންޑިއާގެ ބާރު ދިވެހިރާއްޖެއަށް ކުޑަކުރުމަށް މަސައްކަތް ކުރައްވާ ވާހަކަ އޭނާ ވިދާޅުވެފައި ވެއެވެ. ޢަބްދުލްމަޖީދުގެ ދުރު ވިސްނުންފުޅުގެ މުހިއްމުކަން އެނގިވަޑައިގަންނަވާނީ، އިންޑިއާ މިނިވަން ވުމަށް ފަހު، މިނިވަން ކަޝްމީރު އާއި މިނިވަން ސިއްކީމް އަށް ވީގޮތް އެނގިވަޑައިގަންނަވާ ބޭފުޅުންނަށެވެ. ދުނިޔޭގެ ތާރީޚް އެނގިވަޑައިގަންނަވާ ބޭފުޅުންނަށެވެ.

ކޮންމެއަކަސް، އަމީންގެ މަސައްކަތްޕުޅުގެ ނަތީޖާއަކަށް ވީ، 1948 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު މާލޭގައި، އިިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު އައު އެގްރީމަންޓް އެއްގައި ސޮއި ކުރެއްވުމެވެ. މި ޖުމުލައަށް ފިއްތަވާލައްވަނިކޮށް އެ އެގްރީމަންޓްގެ ފޮޓޯއެއް، ފެނިވަޑައިގަންނަވާނެއެވެ. މުޙައްމަދު އަމީން ކުރައްވާފައިވާ ތަރުޖަމާ ވަނީ ކުރިން ޙަވާލާދެވުނު އޭނާ ލިޔުއްވި ފޮތުގައެވެ.

މި ތަރުޖަމާއިން އަޅުގަނޑު ފާހަގަކޮށްލާ އެއްކަމަކީ، އެ ތަރުޖަމާ ފަށަނީ 1887 ވަނަ އަހަރު ދިވެހިރާއްޖެ އާއި އިނގިރޭސި ވިލާތާ ބަދަލު ކުރެވުނު ދެ ސިޓީއަކަށް ޙަވާލާ ދީ އެވެ. ބެލް ބަޔާން ކުރި ”ސްޓޭޓް އެގްރީމަންޓް“ ނުވަތަ ދެ ދައުލަތުގެ ދެމެދުގައި ވެފައިވާ މުޢާހަދާ އެއްގެ ވާހަކައެއް ބެލްގެ ފޮތުން ނޫނީ ނުފެނެއެވެ.

އައު އެގްރީމަންޓްގައި ސޮއިކުރުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލެއް ގެނައެވެ. އެއީ ފުރަތަމަ މާއްދާ އަށެވެ. އެ މާއްދާ ބަދަލު ކުރި ގޮތަކީ:

”ދިވެހިރާއްޖޭގެ ރަސްކަމަކީ، އިންތިޚާބީ ރަސްކަމެކެވެ. ދިވެހިރާއްޖޭގެ ދައުލަތަކީ، ފުރިހަމައަށް މިނިވަންކަން ލިބިގެންވާ ދައުލަތެކެވެ. އަދި 1948 ގެ އޭޕްރީލުން 24 ވަނަ ދުވަހު، އިނގިރޭސި ދައުލަތާއި، ދިވެހިރާއްޖޭގެ ރަދުންނާއި ދެމެދުގައި ސޮއިކުރި މުޢާހަދާއަކުން، އިނގިރޭސި ދައުލަތުގެ ޙިމާޔަތްތެރިކަން ލިބިގެންވާ ދައުލަތެއް މެއެވެ.“

އައު އެގްރީމަންޓް  ގައި ސޮއިކުރެވުނު ދުވަހުން ފެށިގެން ކޮންމެ އަހަރަކު އެ ދުވަސް (ޖުމާދިލްއާޚިރާ މަހުގެ 13 ވަނަ ދުވަސް)، މިނިވަން ދުވަހުގެ ނަމުގައި، ދިވެހިރާއްޖޭގައި ފާހަގަކުރަމުން ގޮސްފައި ވެއެވެ. މިސާލެއްގެ ގޮތުން. ތިރީގައި އެވަނީ ސަރުކާރުގެ ރަސްމީ ޔައުމިއްޔާގައި މީލާދީ ގޮތުން 1956 ވަނަ އަހަރު އެ ދުވަސް ފާހަގަކުރިކަން ރެކޯޑްކޮށްފައިވާ ގޮތެވެ.

މިނިވަން ދުވަހުގެ މައުލޫދު

13/6/75ހ ވީ ހުކުރު ދުވަހަކީ، އާދައިގެ މިނިވަން ދުވަހުގެ މައުލޫދު ކިޔާ ދުވަހެވެ. ކުރީ އަހަރެކޭ ވެސް އެއްފަދައިން، މި މައުލޫދު ކިޔުނެވެ. މައުލޫދު ފެށުނީ 4 ޖެހިއިރު އެވެ. ރަސްމީ މައުލޫދު ކިޔާ ހަރުގޭގައެވެ. ގަޑިޖެހުމާއި އެކު، ކީރިތި މަހާރަދުން ހަރުގެއަށް ފައިންޕުޅު އަޅުއްވައިފިއެވެ. މައުލޫދު ފެށުނީ ޞާޙިބުއްސަޢާދާ އައްޝައިޚް މުޙައްމަދު ޖަމީލް ދީދީ ދުވަހާއި އެކަށީގެންވާ ފަދަ ވާހަކަކޮޅެއް ދައްކަވާލެއްވުމަށް ފަހުގައެވެ.

މައުލޫދު ފަރިއްކޮޅު އޮތީ ބަޑޭރިގޭގައި، 6:30 ގައެވެ. މި  ދުވަސް ހުކުރު ދުވަހަކާއި ދިމާވުމުގެ ސަބަބުން، އެކަމަށްޓަކައި، ވަކި ރަސްމީ ބަންދު ދުވަހެއް ނާދެއެވެ.

މަތީގައިވާ ބަޔާނުން އޮޅުން ފިލަނީ، 1948 ގައި ކުރެވުނު އެގްރީމަންޓް އާ ގުޅިގެން މިނިވަން ދުވަހުގެ ގޮތުގައި އެގްރީމަންޓްގައި ސޮއިކުރެވުނު ދުވަސް ފާހަގަކުރަމުން ގޮސްފައިވާ ކަމެވެ.  އަދި މިދުވަހަކީ، މަސައްކަތު ދުވަހެއް ނަމަ، ބަންދު ދުވަހަކަށް ހަމަޖައްސާ ކަމެވެ. މި މިނިވަން ދުވަހަށް، އަމީން ދައުރު ނިމުމުން،  އާދައިގެ މިނިވަން ދުވަސް ކިޔާ ސަބަބު އެނގިވަޑައިގަންނަވާނީ އަންނަނިވި ބައި ކިޔުއްވުމުންނެވެ.

ދިވެހިރާއްޖެ، 1 ޖަނަވަރީ 1953 ގައި ޖުމްހޫރިއްޔާ އަކަށް ބަދަލުވުމާ ގުޅިގެން، އެތައް ޤައުމެއްގެ ވެރިން ދިވެހި ސަރުކާރަށް ތަހުނިޔާގެ މެސެޖްތައް ފޮނުވާފައި ވެއެވެ. މިގޮތުން، ޕާކިސްތާނާއި ސިލޯނުގެ ވެރިން ހިމެނެއެވެ. އަދި އިނގިރޭސި ރާނީ ކްއީން އެލިޒަބަތު ވެސް ހިމެނިވަޑައިގަންނަވައެވެ.  ތިރީގައި އެވަނީ އެމެރިކާގެ ރައީސް، ޓްރޫމަން ފޮނުއްވި މެސެޖެވެ.

ދިވެހިރާއްޖެއަކީ މިނިވަން ޤައުމަކަށް ނުވާނަމަ، ދުނިޔޭގެ އެންމެ ބޮޑު ދެ ބާރުން ތަހުނިޔާގެ މެސެޖްތައް ފޮނުވީސް ބާވައެވެ؟

{ނޯޓް: ވެދުން ބޭލުމުގެ ރަސްމިއްޔާތު އޮންނަ ގޮތުން، ސިލޯނުގެ ސަރުކާރު ހިންގަނީ އިނގިރޭސީން ކަމަށް ނުވާ ނަމަ، އެކަމެއް ކުރިން ކުރަމުން އަންނަ ގޮތަކަށް ނުކުރެވޭނެކަން، ވެދުން ބާލާގޮތް އެނގިވަޑައިގަންނަވާ ބޭފުޅުންނަށް ޔަޤީންވެ ވަޑައިގަންނަވާނެ އެވެ. މިއާއި އެކު، މުޢީނުއްދީނު II ލައްވައި އިނގިރޭސީން ސޮއިކުރުވި ސިޓީގެ ޢިބާރާތް އޮތްގޮތުން، ސިލޯނު މިނިވަން ވުމުން، ބައެއްކަންކަމާ މަތިވާނީ ސިލޯނު ސަރުކާރެވެ. އިނގިރޭސީންނެއް ނޫނެވެ. އެހެންކަމާއެކު ވެސް، އެގްރީމަންޓް އައުކުރުމާއި، ވެދުން ކަނޑާލުން މަޖުބޫރުވެއެވެ.  މުޙައްމަދު އަމީނަށް، އިނގިރޭސީންގެ ޙިމާޔަތުން ވެސް މި ދުވަސްވަރު ދިވެހިރާއްޖެ ވަކި ކުރެވޭނެެ އެވެ. ނަމަވެސް، އޭނާ ޢަބްދުލްމަޖީދުގެ ނިންމެވުމަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން އެކަން ނުކުރެއްވީ އެވެ. މިހާރު ވެސް ދުނިޔޭގައި ހުންނެވި ނާޞިރުގެ މިނިސްޓަރެއް ވިދާޅުވި އެވެ. މުޙައްމަދު އަމީން، ޢަބްދުލްމަޖީދަށް ކުރައްވާ އިޙްތިރާމެއްގެ ބޮޑުކަމުން، އެނާ އިންނެވި ތަނެއް ގައި، މުޙައްމަދު އަމީން އެއްވެސްގޮތަކަށް އިށީދެވަޑައި ނުގެން، ހުންނަވާނީ ކޮށްޅަށެވެ.}

ދެވަނަ މިނިވަން ދުވަސް

1953 ވަނަ އަހަރުގެ ޖަނަަވަރީ 1 އިން ފެށިގެން، ދިވެހިރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔާ އަކަށް ބަދަލުވިއެވެ. އެއީ ޢާއްމު ވޯޓަކުންނެވެ. ދިވެހި ތާރީޚްގައި މިއީ ރަސްކަން ޖުމްހޫރިއްޔާއަކަށް ވީ ފުރަތަމަ ފަހަރެވެ. ރައީސް އަކަށް އިންތިޚާބުވެ ވަޑައިގެންނެވީ މުޙައްމަދު އަމީން އެވެ. ރަސްކަން ޖުމްހޫރިއްޔާ އަކަށް ބަދަލުވި ސަބަބުތަކާއި ކަންތައްތައް ހިނގިގޮތް، މުޙައްމަދު އަމީން ލިޔުއްވާފައިވާ ”ޖުމްހޫރީ ދަރުބާރުގެ މައްޗަށް، އަވަސް ކަޅިއެއް“ މިފޮތުގައި ވެއެވެ.

މުޙައްމަދު އަމީން އަށް ރައީސްކަން ލިބިވަޑައިގެންނެވި ދުވަސްވަރު، އޭނާ އުޅުއްވީ ވަަރަށް އާލާސްކަން ފުޅައެވެ. ޙާލުކޮޅު ބޮޑުކަމުން ހޭފުޅު ނުހުންނަ ވަގުތުތައް ވެސް ދާކަމަށް ވެއެވެ. އޭނާގެ ގެކޮޅުގެ ބޭރުގައި، ރައީސްގެ އެ ވަގުތެއްގެ ޙާލުކޮޅު އަންގައިދޭ އިޢުލާނެއް ހުންނަ ކަމަށް ވެއެވެ. މި އިޢުލާނު ދުށް ދެތިން މީހުންނާ އަޅުގަނޑާ ބައްދަލުވެފައި ވެއެވެ.

ކަން މިހެންވުމުން، ރައީސް ސިލޯނުގެ މަގުން އިންޑިޔާއަށް ބޭސްކޮޅަކަށް ވަޑައިގެން ހުންނަވަނިކޮށް، ބަޣާވަތެއްކޮށް، ސަރުކާރު ބަދަލުކޮށްލައިފިއެވެ. މިކަން ހިނގީ 1372 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 11 ވީ ހުކުރު ދުވަހު އެވެ. މި ބަޣާވަތުގައި އިސްކޮށް އުޅުއްވީ އަމީންގެ ނާއިބް ރައީސް އިބްރާހީމް މުޙައްމަދު ދީދީ އާއި ޙުސައިން ޙަބީބު އާއި، ބުުރުނީގޭ އިބްރާހީމް ދީދީ އާއި އިބްރާހީމް ޒަކީ އާއި މުޙައްމަދު ޒަކީ އާއި އަޙްމަދު ޒަކީ އާއި މާޖެހިގޭ މުޙައްމަދު ދީދީ އާއި އިބްރާހީމް ނާޞިރެވެ. މި ވާހަކަ ”އިއްޔެ“ މަޖައްލާގެ 59 ވަނަ އަރީގައި ވެއެވެ. މި ލިސްޓުން އުނިކުރާނެ ނުވަތަ އިތުރު ކުރާނެ ނަމެއްވޭތޯ ބެލުމަށް ނާޞިރު ދައުރުގެ އިސް ދެތިން ވެރިންނާއި އަމީން އާއިލާގެ ދެބޭފުޅަކާ ސުވާލުކުރުމުން އެބޭފުޅުން ވިދާޅުވީ ލިސްޓް ރަނގަޅު ކަމަށެވެ. ކަންތައްތައް ހިނގާދިޔަ ގޮތާއި ބާޣީން މިކަން ރޭވިގޮތް، އެކަކަށް ފެނުނުގޮތަށް ޢުމަރު ޒާހިރުގެ ޑައެރީގެ 3 ވަނަ އަދަދުގައާއި 4 ވަނަ އަދަދުގައި ވެއެވެ. މި ޑައެރީ ޢަދަދުތަކަކީ ނޮވެލްޓީ ބުކްޝޮޕްގައި ވިއްކަން ހުންނަ ފޮތް ތަކެކެވެ.

އިބްރާހީމް ނާޞިރުގެ ޕާރސަނަލް ސެކްރެޓަރީ އަކަށް އުޅުއްވި ބޭފުޅަކު، މުޙައްމަދު އަމީން އެހާ އާލާސްކަންފުޅާ އުޅުއްވަނިކޮށް ސަރުކާރު ބަދަލުކޮށްލެއްވީ ކީއްވެގެންތޯ އިބްރާހީމް ނާޞިރާ ސުވާލުކުރެއްވުމުން، ނާޞިރު ޖަވާބުގައި ވިދާޅުވިކަަމަށްވަނީ، އެ ދުވަހު އެހެން ނުހެއްދެވި ނަމަ، ވެރިކަންދާނީ އިބްރާހީމް ޙިލްމީ މެނަށް ކަމަށެވެ. މިވާހަކަތައް އެ ސެކްރެޓަރީ ވިދާޅުވި އިރު، އަޅުގަނޑުގެ އިތުރަށް ދެމީހަކާއި ޑިޖިޓަލް ރެކޯޑަރެއް އެތަނުގައި ވިއެވެ.

މުޙައްމަދު އަމީންގެ ސަރުކާރު ވައްޓާލި ދުވަސް، ދިވެހިރާއްޖޭގައި ކުރިއަށް އޮތް އެތައް އަހަރަކަށް ފާހަގަކުރަމުން އައީ ”ޙަޤީޤީ މިނިވަން ދުވަސް“ މި ނަމުގައެވެ. ކުރިން ބަޔާން ކުރެވުނު މިނިވަން ދުވަހަކީ ”އާދައިގެ“ މިނިވަން ދުވަހެވެ. މިސާލެއްގެ ގޮތުން ތިރީގައި އެވަނީ، ދިވެހި ދައުލަތުގެ ރަސްމީ ޔައުމިއްޔާގައި  (”ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް“) ޙަޤީޤީ މިނިވަން ދުވަސް 1955 ވަނަ އަހަރު ފާހަގަކުރި ގޮތް ބަޔާންކޮށްފައިވާ ގޮތެވެ.

އާދޭހެވެ! އެދުވަސްވަރު، ރާއްޖޭގައި ދެ މިނިވަން ދުވަހެއް ފާހަގަ ކުރެވެމުން ދިޔައެވެ. ”ޙަޤީޤީ މިނިވަން ދުވަސް“ ފާހަގަ ކުރަމުން ދިޔަކަން ސާބިތުވާ އަނެއް ހެއްކަކީ 1960 ގެ އަހަރުތައް ފެށުނު އިރު ހެންވޭރު ސިއްކަގޭގައި އުޅުނު ފުރާވަރުގެ ކުއްޖަކު އެ ދުވަހުގެ މުނާސަބަތު ގައި، ކަރުދާސް ފޮށިގަނޑެއްގެ އެއް ފަރާތުގައި ”ޙަޤީޤީ މިނިވަން ދުވަސް“  ލިޔެ، އަކުރުތައް ކަނޑައި ފުޅި ބައްތިލައިގެން ދިއްލައި އެގޭ ދޮރޯށި މަތީ ބަހައްޓައި އުޅުނު ވާހަކަ މިހާރުވެސް ކިޔައިދޭތީ އެވެ. މިއީ އެ ޢުމުރުފުރާގެ ކުދިން ކޮށްއުޅުނު ކަމެއްކަމަށް މިހާރު 70 އަހަރަށް ވުރެ މަތިވެފައިވާ އޭނާ ކިޔައިދިނެވެ. އޭނާ ނޫނަސް މި ދުވަސް ހަނދާން ހުންނަ އެތައް ބަޔަކު އަދިވެސް ދިރި ދުނިޔޭގައި ވެއެވެ.

ތިންވަނަ މިނިވަން ދުވަސް

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އިނގިރޭސީންގެ ސިފައިން އައްޑޫ އަތޮޅުގެ ބައެއް ރަށްތަކަށާއި ކެލައަށް ފޭބިއެވެ. މި މީހުންގެ ބޭރުފުށުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖެ ޙިމާޔަތް ކުރުން ކަމުގައި ވިއަސް، މި ފޭބިފޭބުމުން އެންމެ ބޮޑު މަންފާއެއް ކުރީ އިނގިރޭސީންނަށެވެ. އެއީ، 5 އޭޕްރިލް 1942 ގައި، ސިލޯނުގެ ކޮޅުބަށާއި ދުވަސްކޮޅެއްގެ ފަހުން ޓްރިންކޮމަލީއަށް ޖަޕާނު ސިފައިން ބޮން އެޅިއިރު، އިނގިރޭސި ގިނަ މަނަވަރުތަކެއް ފިލަން ވަދެ ވަނީ އައްޑޫ އަތޮޅުގައެވެ.  މިކަމުގެ ސަބަބުން، އިންގިރޭސީންނަށް އައްޑޫ އަތޮޅުގެ ބޭނުންތެރިކަން ވަނީ އެނގިފައެވެ. މި ޖުމުލައަށް ފިއްތަވާލައްވަނިކޮށް ފެނިވަޑައިގަންނަވާ ޢިބާރާތުން، އިނގިރޭސީންނަށް މި ސަރަޙައްދުގެ މުހިއްމުކަން އޮޅުންފިލާވަޑައިގަންނަވާނެއެވެ.  ވުމާއި އެކު، އިނގިރޭސީންނާއި ރާއްޖެއާ ދެމެދު 1948 ގައި ސޮއިކުރެވުނު އެގްރީމަންޓްގައި، ދިވެހިރާއްޖެ ދިފާޢުކުރަން، ނުވަތަ އިނގިރޭސި ވިލާތުގެ ދަށުގައިވާ ތަނެއް ދިފާޢުކުރުމަށްޓަކައި، ބޭނުން ވެއްޖެ ހިނދެއްގައި، އެކިކަންކަން ދިވެހިރާއްޖެއިން ފަހިކޮށްދޭނޭ ކަމަށް ބުނާ މާއްދާއެއް އެގްރީމަންޓްގައި ހިމަނާފައި ވެއެވެ. މި އެގްރީމަންޓް ދިވެހިރާއްޖެ، ޖުމްހޫރިއްޔާއަކަށް ވުމާ ގުޅިގެން 1 ޖަނަވަރީ 1953 ގައި އައުކޮށްފައި ވެއެވެ. މި އައު ކުރެވުނު އެގްރީމަންޓްގައި ވެސް، ހަމަ މިމާއްދާ ހިމެނެއެވެ. ބައެއްގެ ޙިމާޔަތުގައި ތިބޭނަމަ، އެ ބަޔަކަށް ކޮންމެވެސް އަގެއް ދޭން ޖެހޭނެއެވެ. މިއީ މިޒަމާނުގައި ނޭޓޯ ފަދަ އިއްތިޙާދުތަކުގައި ކަން އޮންނަ ގޮތެވެ.

ސިލޯނަށް މިނިވަންކަން ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކުން ބުނަމުން ދިޔައީ، މިނިވަންކަން ލިބުމުން، އިނގިރޭސި ވިލާތުގެ ހަނގުރާމަ މަތީ މަރުކަޒުތައް އެ ޤައުމުން ބޭރުކުރާނެކަމަށެވެ. އޭގެ ކުރިން، 1947 ވަނަ އަހަރު އިންޑިއާ ބައްރު ވަނީ މިނިވަން ވެފައެވެ. މިހެންވުމުން އިނގިރޭސީންނަށް، ސިފައިންގެ މަރުކަޒެއް މި ސަރަޙައްދުން ބޭނުން ވެފައި ވިއެވެ. އެއް ސަބަބަކީ ރޭޑިއޯ ސިގްނަލްތައް އިރުމަތީ އޭޝިއާއަށް ސީދާ ނުފޮނުވޭތީ، މެދުތެރޭ ހިސާބުން އެ ސިގްނަލްތައް ރިލޭ ކުރާނޭ ތަނެއް ބޭނުންވާ ކަމެކެވެ. އަނެއްކަމަކީ، ސިންގަޕޫރު، އޮސްޓްރޭލިއާ އަދި ނިޔު ޒީލަންޑް ފަދަ ތަންތަނަށް ޔޫރަޕުން ދަތުރުކުރާ މަތިންދާބޯޓު ތެޔޮ އެޅުމަށްޓަކައި ޖައްސާނޭ ތަނެއް ބޭނުން ވެގެން ވުމެވެ. އެ ޒަމާނުގައި މަތިންދާ ބޯޓަށް ތެޔޮނާޅާ  މާ ދުރު ހިސާބުތަކަކަށް ދަތުރެއް ނުކުރެވެއެވެ.

މިހެންކަމުން، މުޙައްމަދު އަމީންގެ ސަރުކާރު ބަދަލުކޮށްލި ފަހުން، ބޮޑު ވަޒީރަކަށް ހުންނެވި ފާމުލަދޭރި ކިލެގެފާނު، ސިލޯނަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި، އައްޑޫ އަތޮޅު ގަމުގައި ރޭޑިއޯ ސްޓޭޝަނެއް ހެދުމަށް  110 އޭކަރު ބިން، 100 އަހަރަށް، އަހަރަކު 2000 ޕައުންޑްގެ މަގުން އިނގިރޭސީންނަށް ކުއްޔަށް ދިނުމަށް އޮތް މުޢާހަދާއެއްގައި އިނިޝިއަލް ނުވަތަ އަރިމަތީ ރަމްޒީ ސޮއި އެއް ކުރެއްވިއެވެ. މި އިނިޝިއަލް ކުރެއްވި އިރު، އެކަން ސަރުކާރުގެ އެހެން ވެރިންނާ މަޝްވަރާ ކުރެއްވިކަމެއް ނުވަތަ ނުކުރައްވާ ކަމެއް ތާރީޚީ ލިޔުންތަކުން ސާފެއް ނުވެއެވެ. ކޮންމެއަކަސް، މިކަން މާލޭގެ ވެރިންނަށް ”އެނގުމުން“ މި ޑީލް އާ ދޭތެރޭ ހިތްހަމަ ނުޖެހި،  ސިޔާސީ ބޮޑު ހަމަ ނުޖެހުމަކަށް އެކަން ހެދިއެވެ. އިނގިރޭސީން ހެދިގޮތަކީ، ދިވެހިރާއްޖޭގެ ވެރިންނާ އޮންނަ ގާތްކަމަށް އިތުބާރުކޮށް، އެގްރީމަންޓް ފުރިހަމަ ނުކުރެވެނީސް، 25 ޑިސެމްބަރު 1955 ގައި އައްޑޫގެ މަރުކަޒު ހެދުމަށް ޢަމަލީގޮތުން މަސައްކަތް ފެއްޓީއެވެ. އެގްރީމަންޓްގައި ސޮއި ކުރެވުނީ މާލޭގައި، 15 ޑިސެމްބަރ 1956 ގައެވެ. މާލޭގެ ބައެއް ބޮޑުން އެގްްރީމަންޓް އާ ދެކޮޅުކަމުން، މިކަން ސިޔާސީ ހަމަނުޖެހުމަކަށްވެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާމުލަދޭރި ކިލެގެފާނު ވަޒީރުލް އަޢުޡަމް ކަމުން އިސްތިޢުފާ ދެއްވައިފިއެވެ.  ދެން ބޮޑު ވަޒީރަކަށް ހަމަޖެހިގެން ދިޔައީ އިބްރާހީމް ނާޞިރެވެ.

ގަން ހެދުމަށްޓަކައި، އިނގިރޭސީންވަނީ ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްފައެވެ. ނަމަވެސް، ކިލެގެފާނަށްފަހު އައި ދިވެހިރާއްޖޭގެ ސަރުކާރުން ތިބީ، ސޮއިކުރެވުނު އެއްބަސްވުމަށް ތަންދޭކަށެއް ނޫނެވެ. މިކަމާ ގުޅިގެން ނުކުތް ހަމަ ނުޖެހުންތަކުގައި، އިނގިރޭސީންގެ ނުފޫޒުގައި، ދެކުނުގެ ތިން އަތޮޅު، ދިވެހިރާއްޖެއިން ވަކިވެގަތުމަށް ބަޣާވަތެއް ކުރުވައި، މަސައްކަތް ކުރިއަށް ގެންދިޔައެވެ. ބަޣާވާތް އިޢުލާނުކުރީ 1 ޖަނަވަރީ 1959 ގައެވެ. މި މައްސަލަ ނިމުނީ 29 ސެޕްޓެމްބަރ 1963 ގައި، ބާޣީ ސަރުކާރުގެ ވެރިޔާ، ޢަފީފު ސޭޝެލްސްއަށް އިނގިރޭސީން ގެންދިއުމުންނެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި، އިނގިރޭސީން އަލަށް އެގްރީމަންޓްއެއް ކުރިއެވެ. އެ އެގްރީމަންޓް ކުރެވުނީ 14 ފެބްރުއަރީ 1960 ގައެވެ. މި ”އޯލްޕޯޓް“ އެގްރީމަންޓްގެ ދަށުން، 100 އަހަރަށް އޮތް މުއްދަތު 30 އަހަރަށް ކުރުވުމާއި އެކު، 850 ހާސް ޕައުންޑް އެކި ކަންތައްތަކަށް ދިވެހިރާއްޖެއަށް ދިނުމަށް ނިންމުނެވެ. އަދި ބަޣާވަތް ސަރުކާރު ބަލައިނުގަތުމަށް ވެސް އެއްބަސް ވެފައި ވެއެވެ.

ދިވެހިރާއްޖެ، އިނގިރޭސީންގެ ޙިމާޔަތުން ނުކުންނަށް ދިމާވި ސަބަބު، ނާޞިރުގެ ގާތް މިނިސްޓަރެއް ކަމުގައިވާ ކަރަންކާގޭ އިބްރާހީމް ރަޝީދު ކިޔުއްވައި ދެއްވިގޮތަށް، ދިވެހި ޑައިޖެސްޓްގެ 68 ވަނަ ޢަދަދުގައި (5 ޖުލައި 2016 ގައި) ވާރެޔާފުށީ ޢަލީ ޙުސައިން ލިޔުއްވާފައި ވެއެވެ. މި ދުވަސްވަރު، ކޮންޓްރެކްޓަރުން ގަން ހަދަމުންދާތީ އާއި މިކަމާ ގުޅިގެން އައި ހަމަނުޖެހުމުގެ ސަބަބުން،  ދޫނިދޫގައި އިނގިރޭސި ސަފީރެއް ބަހައްޓާފައި ހުރެއެވެ. އޭނާގެ ނަމަކީ ޑޭވީ އެވެ. މި ޖުމުލައަށް ފިއްތަވާލައްވަނިކޮށް، ޑޭވީގެ ސަބަބުން އިނގިރޭސި ޙިމާޔަތުގެ ދަށުން ރާއްޖެ ނުކުންނަން ޖެހުނު ސަބަބު ލިޔެފައިވާ ލިޔުން ފެނިވަޑައިގަންނަވާނެއެވެ. އެ ލިޔުމުގައި ބަޔާންކޮށްފައިވާ ހާދިސާ އާ ގުޅިގެން ޑޭވީއަށް ޖެއްސުން ކުރުމުގެ ޙަރަކާތްތަކެއް ފެށިގެން ދިޔައެވެ. މިކަމުގެ ނަތީޖާ އަކީ 26 ޖުލައި 1965 ގައި އިތުރު އެގްރީމަންޓެއް ގައި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ސޮއި ކުރެވުމެވެ. އެ އެގްރީމަންޓްގެ އެންމެ މުހިއްމު ދެވަނަ މާއްދާގައިވަނީ: ”ދިވެހިރާއްޖެއަކީ ވަކި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ، މިނިވަން އަދި ފުރިހަމަ މަޢުނައިގާ މުސްތަޤިއްލު ދައުލަތެއްކަން ޤަބޫލުކޮށް ޔޫ.ކޭ ސަރުކާރު ތަޞްދީޤު ކުރެއެވެ. އަދި ސިޔާސީ ގޮތުންނާއި އެހެނިހެންވެސް ގޮތްގޮތުން، ހުރިހާ ޤައުމަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ހުރިހާ ޙައްޤެއް ދިވެހިރާއްޖެއަށް ފުރިހަމައަށް ލިބިގެން ވެއެވެ.“ (ވިޔަފާރި މިއަދު، 26 ޖުލައި 1965). އަޞްލު އެގްރީމަންޓްގައި ވަނީ މިގޮތަށެވެ:

 “The United Government confirm their recognition of the State of the Maldive Islands as a sovereign and fully independent State possessing all the rights to have direct relations politically and otherwise with all the countries and international organizations.”

ދިވެހިރާއްޖޭގައި މިކުރެވުނު އެގްރީމަންޓް އާ ބެހޭ ގޮތުން، އިނގިރޭސި ޕާލަމެންޓްގެ ހައުސް އޮފް ލޯޑްސްގައި ބަހުސް ކުރެވުނެވެ. އެ ބަހުސް، އެދުވަހުގެ މަޖިލިހުގެ ޔައުމިއްޔާ (ހެންސާރޑް، 268) ގައި  ވަނީ އަންނަނިވި ގޮތަށެވެ. ވާހަކަ ދައްކަނީ ލޯޑް ޓޭލަރ އެވެ:

My Lords, Britain never had these Islands. They were the property of, and belong to, the people of the Maldives and the Government of the Maldive Islands. They were in the relationship of a protected State.

  ”މަގޭ ސާހިބުންނޭވެ. އިނގިރޭސި ވިލާތަކަށް މި ޖަޒީރާތައް އެއްވެސް އިރަކު މިލްކުވެގެން ނުވެއެވެ. އެ ރަށްތަކަކީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރަށް މިލްކުވެގެންވާ، އެ ފަރާތްތަކުގެ ތަކެއްޗެވެ. އެރަށްތައް ވީ ޙިމާޔަތް ކުރެވިގެންވާ ދައުލަތެއްގެ ޙާލަތުގައެވެ.“

މަތީގައިވާ ޢިބާރާތުން، އޮޅުން ފިލަނީ އިނގިރޭސި ވިލާތުގެ އެންމެ މަތީ މަޖިލިހުން ވެސް، ދިވެހިރާއްޖެ އަކީ އިނގިރޭސީން އަޅުވެތިކޮށްފައިވާ ތަނެއް ނޫންކަމަށް އެމީހުން ޤަބޫލުކުރާ ކަމެވެ. ބޮޑު ހަނގުރާމަ ނިމުމާއި 1965 އާ ދެމެދު، އަޅުވެތިކޮށްފައިވާ ދައުލަތްތަކާއި ހިމާޔަތް ކުރެވިފައިވާ ދައުލަތްތަކުގެ ތެރެއިން 23 ދައުލަތަކަށް އިނގިރޭސީން މިނިވަންކަންދީ، ޙިމާޔަތާ ބެހޭ މުޢާހަދާތައް އުވާލާފައި ވެއެވެ.

ދިވެހިރާއްޖޭގައި  26 ޖުލައި މިނިވަން ދުވަހުގެ ގޮތުގައި  1965 އިން ފެށިގެން ދިހަވަރަކަށް އަހަރު  ފާހަގަ ކުރިއެވެ. ދެން އަނެއްކާ ވެސް، އެހެން މިނިވަން ދުވަހެކެވެ.

ހަތަރުވަނަ މިނިވަން ދުވަސް

ނަވާރަ ސަތޭކަ ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގައި ދުނިޔެއަށް ޓެކްނޯލޮޖީގެ ގޮތުން ވަރަށް ބޮޑު ބަދަލުތަކެއް އައެވެ. އެއްކަމަކީ، ސެޓެލައިޓް ޖައްވަށް ފޮނުވުމާ ގުޅިގެން ހަނގުރާމަމަތީ މުވާޞަލާތް ކުރާގޮތް ބަދަލުވުމެވެ. ބޮޑެތި ޤައުމުތައް ބޭނުންކުރަން ފެށީ ސެޓެލައިޓެވެ. މިގޮތުން، އިނގިރޭސީން ބޭނުން ކުރި ނިޒާމަށް ކިޔަނީ ސްކައިނެޓް އެވެ. މިކަމުން ރިލޭ ސްޓޭޝަންތަކުގެ ބޭނުން ކެނޑިއްޖެއެވެ. އަދި، މަތިންދާބޯޓަށް އައި ކުރިއެރުމާ ގުޅިގެން ދުރު ރާސްތާތަކަށް ތެޔޮ ނާޅާ މަތިންދާ ބޯޓަށް ދަތުރު ކުރެވޭ ގޮތް ވެއްޖެއެވެ. ދުވަސް ވަރަކީ، ފިނި ހަނގުރާމަ އެންމެ ބޮޑު އިރެވެ. އެންމެންނަށް ވެސް ވިސްނުނީ، މަނަވަރަށް ވުރެ ހަނގުރާމައިގައި ކަނޑުގެ އަޑީގައި ދުއްވޭ ސަބްމެރީންގެ ރައްކާތެރިކަން މާ ބޮޑުކަމަށެވެ. މިކަންކަމާއި އެކު، އިނގިރޭސި ވިލާތުގެ ކޮލޮނީތައް މިނިވަންވެ، އިނގިރޭސީންގެ ތަނަވަސްކަން ކުޑަވެއްޖެއެވެ. އެހެންކަމުން، އިނގިރޭސީން ކުއްލި ގޮތަކަށް ގަމުން ފޭބީއެވެ. މިކަން ހިނގީ 29 މާރޗް 1976 ގައެވެ.

އިނގިރޭސީން ގަމުން ފޭބުމުން، ދިވެހިރާއްޖޭގެ މިނިވަން ދުވަސް، އެމީހުން ފޭބި ދުވަހަށް ނާޞިރު ބަދަލު ކުރެއްވިއެވެ. ޖުލައި 26 ގެ އެގްރީމަންޓްގައި ސޮއި ކުރެއްވި ރައީސް ނާޞިރު، މި ބަދަލު ގެންނަވާނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންކަން ޔަޤީން އެވެ. މިގޮތަށް މި ބަދަލު ގެންނަން ފެންނަ ދެ ސަބަބެއް އަޅުގަނޑަށް ވިސްނެއެވެ. މާރޗް މަހުގެ 29 ވަނަ ދުވަސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރެވުނީ އެއް އަހަރު އެވެ. އެއީ  1978 ވަނަ އަހަރު އެވެ. މި އަހަރު ނާޞިރުގެ ވެރިކަން ނިމި، ރައީސް ކަމަށް މައުމޫން ހޮވިވަޑައިގަތުމުން، މިނިވަން ދުވަސް ޖުލައި 26 އަށް މައުމޫން ބަދަލު ކުރެއްވި އެވެ. ދެތިން އަހަރު ވަންދެން މިނިވަން ދުވަސް 29 މާރޗް ގެ ގޮތުގައި ފާހަގަ ކުރެވުނު ނަމަ، މިނިވަން ދުވަހެއްގެ ގޮތުގައި މިއަހަރު ވެސް ފާހަގަ ކުރާނީ 29 މާރޗް އެވެ.

މުނާޤަޝާ

ތާރީޚީ ހެކިތަކަށް ބަލައި، މިނިވަންކަމުގެ މާނައަށް ފިކުރު ހިންގުމުން، އަޅުގަނޑު މެންނަށް ޔަޤީން ވާނީ، ދިވެހިރާއްޖެ އަކީ ފެށުނީއްސުރެ މިނިވަން ދައުލަތެއް ކަމެވެ. އިނގިރޭސި ވިލާތުން އެކަން ތަފާތު އެގްރީމަންޓްތަކުގައި ބަޔާންކޮށްފައި ވެއެވެ. އިނގިރޭސި ހައުސް އޮފް ލޯޑްސް ގައި އެގޮތަށް ބުނެފައިވާކަން ރެކޯޑްތަކުން ކަށަވަރު ވެއެވެ. ޚާރިޖީ ކަންކަމުގައި، އެއްވެސް ޤައުމެއް މުޅިއަކުން މިނިވަންވެގެންނެއް ނުވެއެވެ. މިޒަމާނުގައި، ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް އެމީހުންގެ ދާޚިލީ ކަންކަމުގައި ވެސް ބޭނުންގޮތަކަށް ޤާނޫނުތަކެއް ނުހެދެއެވެ. މިހެން ކަމަކު އެ ޤައުމު ތަކަކީ ސިޔާދަތު ނެތް ޤައުމުތަކަކަށް ނުވެއެވެ. ސާރކް ގައި ދިވެހިރާއްޖެ ބައިވެރިވުމުން، ބައެއް ޚާރީޖީ ކަންކަން، ބޭނުން ގޮތަކަށް ނުކުރެވެ އެވެ. މިކަންކަމުން، މިނިވަންކަން ކުޑައެއް ނުވެ އެވެ.

ވަރަށް ފަހާ ޖެހޭންދެން މިނިވަން ދުވަހުގެ ނަމުގައި ފާހަގަކުރި ދުވަސްތައް ފާހަގަކޮށްފައިވަނީ ދީނީގޮތުންނާއި ރޫޙާނީ ގޮތުން ޝުކުރުވެރި ވުމަށެވެ. މައުމޫން ސަރުކާރު ފެށުމާ އެކު މިނިވަން ދުވަސް ފާހަގަކުރާގޮތް ވަރަށް ބޮޑަށް ބަދަލުވިއެވެ. އެ ދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށް  މިނިވަން ދުވަހުގެ އެންމެ މުހިއްމު އެއް ކަމަކީ އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާ ބާއްވާ ރިސެޕްޝަނެކެވެ. މި ރިސެޕްޝަނަށް ބިދޭސީ ޢިއްޒަތްތެރިންނަށް ދަޢުވަތު ވެސް ދެއެވެ. ބައެއް މީހުން މި ރިސެޕްޝަން ފާހަގަ ކުރަނީ ވެރިން އެމީހުންގެ ޖާހާއި ޝާން ޝައުކަތު  މައުރަޒުކުރާ އިޙްތިފާލެއްގެ ގޮތުގައެވެ.

މުޙައްމަދު އަމީން ލިޔުއްވި ތާރީޚާ ބެހޭ ބޮޑު ފޮތް، މުޢީނުއްދީނު II ގެ ރަސްކަމުގައި ހިނގި ކަންތައްތައް ނުހިމަނުއްވައި ނިންމަވާލައްވާފައި ވެއެވެ.  ނާޞިރުގެ ދައުރުގައި މުޙައްމަދު އަމީންގެ ދައުރު ޙަޤީޤީ ތާރީޚް ގެ ވާހަކަތަކެއް ނުދެކެ ވެއެވެ. މައުމޫންގެ ދައުރުގައި ނާޞިރުގެ ވާހަކަތައް ވެސް މިފަދަ އެވެ. މިއާއި އެކު، ދިވެހިރާއްޖޭގެ ތާރީޚަކީ، ސާނަވީ މަދަރުސާތަކުގައި ކިޔަވައިދޭ އެއްޗެއް ނޫނެވެ.  ދިވެހި ތާރީޚުން ދެތިން އަރިއެއް، ވަރަށް ފެންގޮތެއްގައި، ފަށާ ތަޢުލީމުގައި ކިޔަވައި ދިނަސް، ދިވެހީންނަކަށް އެމީހުންގެ ތާރީޚެއް ނޭނގެއެވެ. ފަހުގެ ތާރީޚްގެ މުހިއްމު ލިޔުންތައް ޝާއިޢުވީ ނޮވެލްޓީއިން  ނެރޭ ފޮތް ތަކާއި މަޖައްލާ ތަކުގައެވެ. ނަމަވެސް އެ ލިޔުންތަކުގައި، އެކި ކަންކަން ތަރުތީބުކޮށް ލިޔެފައި ނުވާތީ، ހުރިހާ ލިޔުންތަކެއް ކިޔައިގެން ނޫނީ ކަންތައްތައް ހިނގައިފައިވާ ގޮތް، އޮޅުމެއް ނުފިލާނެއެވެ.

ބޭނުންނަމަ، އަޅުގަނޑުމެންނަށް އަހަރަކު އެއް ދުވަސް ނުވަތަ ދެތިން ދުވަސް ވެސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރެވިދާނެ އެވެ. ނަމަވެސް، އަޅުގަނޑަށް ޤަބޫލުކުރެވެނީ ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މިނިވަން ދައުލަތެއް ކަމަށެވެ. ޕޯޗްގީޒުންނާއި ހޮޅީންގެ ދުވަސްވަރު ފިޔަވައެވެ. މިކަމަށް ހެކިވާ ފަރާތްތައް ގިނައެވެ. ތިބާގެ ނިންމުމަކީ ކޮބައިތޯ އެވެ؟ އަދި އެ ނިންމުން ނިންމަވަން ބޭނުން ކުރައްވާ ހެކިތަކަކީ ކޮބައިތޯއެވެ؟

ބުރޫނާއީ އާއި ބޫޓާން އާއި ޔަމަނާއި އަފްޣާނިސްތާނަކީ ވެސް އިނގިރޭސީންގެ ހިމާޔަތުގައިވި ޤައުމެވެ. ނަމަވެސް، މި ޤައުމުތަކުން ”މިނިވަން“ ދުވަހެއް ފާހަގައެއް ނުކުރެއެވެ. ޤައުމީ ދުވަސް ދުވަސް ފާހަގަ ކުރެއެވެ.