ލޮނު ޒިޔާރަތް
މި މަޒުމޫނުގައި މި ގެނެސްދެނީ މާލޭގެ އިރު ދެކުނު ފަރާތުގައި ކުރިން ހުރި ”ލޮނު ޒިޔާރަތް“ ކިޔާ ބިނާއަކާއި އެ ތަނުގައި ވަޅުފުޅުލައްވާފައިވާ ބައެއް މީހުންނާއި ރަސްކަލެއްގެ މަޢުލޫމާތެވެ. މި ލޮނުޒިޔާރަތް ހުރި ތަނުގައި އެކަމުގެ އެއްވެސް ޢަލާމާތެއް މިހާރަކު ނެތެވެ. އިބްރާހީމް ނާޞިރު ވެރިކަމުގައި މާލޭގެ ތާރީޚީ ތަންތަން ނައްތާލުމުގެ ޙަރަކާތްތަކުގެ ތެރެއިން އެތަން ބިމާ އެއްވަރުކޮށްލެވުނެވެ. ދެން މައުމޫން ދައުރުގައި އެ ހިސާބުގައި ވަށައިގެން ފާރު ރާނާފައިވާ ޤަބުރު ހުރި ތަންތަން (ބިސްތާނުތައް) ނައްތާލެވުނެވެ. ލޮނު ޒިޔާރަތް ހުރިތަން ވީ މާލޭ-ހުޅުމާލޭ ފާލަމުން ހުޅުލެއަށްދާއިރު ވާތް ފަރާތު އަތިރިމަތީގައެވެ. މި މަޢުލޫމާތު އަޅުގަނޑު ނަގާފައިވަނީ 1920 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެތަން ދުށް މީހަކު ލިޔެފައިވާ ލިޔުމަކުންނެވެ. އެ އަޞްލަށް މި ޖުމުލައަށް ފިތާލައްވަނިކޮށް ދެވޭނެއެވެ.
މާލޭގެ އިރު ދެކުނު ކަނަކީ ވަރުނުލާ ރާޅުގަނޑު އޮންނަ ހިސާބެވެ. ވަރުނުލާރާޅު ކިޔަނީ މެދުނުކެނޑި ނަގާ ރާޅަށެވެ. އުސްކޮށް ރާޅުނަގާ ހުރިހާ ތަނަކީ ތިލަ ތަންތަނެވެ. މިތަނުގައި އުސްރާޅުތައް ނަގާ ސަބަބެއްކަމަށް ފެންނަނީ މާ ފުންތަނަކާ ގުޅިފައިވާ ތިލައެއް އޮންނާތީއެވެ. ހުޅުލެއާ މާލެ ގުޅާލާ ފާލަން މި ރާޅުތަކުގެ މަތިން ހަދައިފައިވާ އެއް ސަބަބަކީ މިތަން ތިލަކަމެވެ. ޤުދްރަތީ ގޮތުން މާލެ އުފެދިފައިވާ ގޮތުން، އިރުމަތީ ފަރާތަކީ މާލޭގެ ފުއްޓަރު ފަރާތެވެ. އެދިމާ އަތިރި މައްޗަށް ރާޅުޖަހައެވެ. ނަމަވެސް މި ދެކުނު އިރުމަތީ ފަރާތަކީ ވަރުނުލާ ރާޅުޖަހާ ތަނެކެވެ. ރަށް ހެދިފައިވާ ގޮތުން މިދިމާއިން ”މުށްކަވާފައިވާ އަތެއްހެން“ ނުކުމެފައިވާ ދާއިމީ ތުނޑިއެއް ފަދަ ތަނެއް އޮވެއެވެ. ލޮނު ޒިޔާރަތް ހުރީ މިތަނުގައެވެ.
ތިރީގައި އެވަނީ 1920 ހިސާބުގައި ކުރަހާފައިވާ މާލޭގެ ޗާޓެއްގެ ބައެކެވެ. ވިސްނުންތެރިކަމާ އެކު މި ޗާޓު ބައްލަވާށެވެ.
މަތީގައިވާ ޗާޓުން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އެންމެ ފުރަތަމަ މާލޭގެ އިރުމަތީ ފަރާތު އަތިރިއަށް ކިޔަނީ އައިފާނު މަގު އަތިރިކަމެވެ. އަތިރިއާ ޖެހިގެން މަގަތަށް އޮތް މަގަށް ކިޔަނީ ބަޑިމަގެވެ. މިއީ ބޮޑު ރަސްގެފާނު ރޭނުއްވި ބޮޑު ފާރުގައި ތަންތަންކޮޅުގައި ބަޑި ބުރުޒު ހުންނާތީ ކިޔާ ނަމެއްކަމަށް ލަފާ ކުރެވެއެވެ. ޗާޓުގައި ބޮޑުފާރު ކަޅު ރޮނގެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ. ބޮޑު ފާރު ގޮސް ނިމެނީ ލޮނުޒިޔާރަތްކޮޅުގައިވާ ބުރުޒަކަށެވެ. ތަންތަންކޮޅުން ބޮޑު ފާރު ކަނޑާފައިވާ ކަން ފާހަގަކުރެވެއެވެ. ލޮނުޒިޔާރަތަށްވާ ޖާގައިގެ އެތެރޭގައި ފެންވަރާ ވެވެއް އޮވެއެވެ. ލޮނު ޒިޔާރަތާ ޖެހިގެން އުތުރަށް ވިލެއް ފަދަ ތަނެއް އޮވެއެވެ. މިތަނުގެ އުތުރު ފަރާތުގައި ތޮށްޓެއް ވެއެވެ.
ޗާޓުގެ ހުޅަނގު ފަރާތަށް ބަލާލާއިރު، މިހާރުގެ މަޖީދީ މަގަށް ކުރިން ކިޔަނީ ބޮޑު މަގުކަން އެނގެއެވެ. ސޯސަން މަގަށް ކިޔަނީ ހެންވޭރު ކެނބު އަޅާ މަގެވެ. ކެނބު ކިޔަނީ ވަރަށް ފަލަ ވަލަށެވެ. ނަމުން މާފަންނުގައި ވެސް ކެނބު އަޅާ މަގެއް އޮންނަކަން އެނގެއެވެ. އަޅުގަނޑު ވަރަށް ކުޑައިރު ނައުފަހަރުގެ ކެނބު، މާފަންނު ކެނބުއަޅާ މަގުގައި އަޅަނިކޮށް ދުށީމެވެ. ބައެއް ކެނބުގެ ދިގުހުރަސް މިނުގައި ހަތަރު އިންޗި ވަރު ހުންނާނެއެވެ. މި ވައު އެޅުމަށް އެތައް ގިނަ ބޮބިނަރުން ހަދާފައިވާ އުޅިތަކެއް ހުރެއެވެ. މި އުޅިތަކުގައި އެތައް ލީލިއެއް ހުރެއެވެ. ވައު އަޅާ ތަނުގެ ދެ ކޮޅުގައި ހުންނަނީ ސޯބުތަކެއް ލާފައި ހުންނަ ހަރެކެވެ. މިއަށް ކިޔާ ނަމަކީ ސަރަކައެވެ. ބޮޑެތި ސަރަކަތަކުގެ އުސްމިނުގައި ގާތްގަޑަކަށް އަށެއްކަ ފޫޓު ހުންނާނެ އެވެ. މި ސަރަކައިގައިވާ ހެންޑެއްޔެއް އެނބުރުމުން ސޯބުތަކެއް މެދެވެރިކޮށް ހުރިހާ އުޅިތަކެއް އެނބުރި ހަރުވެއެވެ. ބައެއް ކެނބުގައި ތިން އުޅި ބައެއް ކެނބުތަކުގައި ހަތް އުޅި ހުރެއެވެ. ތިން އުޅި ނުވަތަ ހަތް އުޅި ހުންނަ ކެނބު އުޅިއެއްގެ ގޮތުގައި ބޭނުންކޮށްގެން އެއަށް ވުރެ ފަލަ ކެނބެއް ވެސް ހަދާފާނެއެވެ. ހަނދާންވާގޮތުން އެއްކޮޅު ސަރަކަ ހުންނަނީ ލަކުޑި ފުރޮޅުތަކެއްގައި ދުވާ ގޮތަށެވެ. އަނެއް ކޮޅުގައިވާ ހަރު ހުންނަނީ ބިމަށް ޖަހައި ހަރުކޮށްފައެވެ. އުޅިތައް ހަރުވުމުން، އެއް ސަރަކައިގެ އުޅިތައް ސަރަކައިން ނަގައި، އެއްކޮށް، ލަކުޑިގަނޑެއް ކަނޑައި ނަގައިގެން ހަދާފައި ހުންނަ ”ކާށި“ ކިޔާ އެއްޗަކަށް އަމުނައިގެން އަނެއްކޮޅަށް ގެންދަނީއެވެ. އެއިރުން އުޅިތައް އެއްވަމުން ދާނެއެވެ. ދެން ކެނބު އެޅެމުންދާ ސަރަކަ ބޭނުންކޮށްގެން ކެނބު ހަރުކުރެއެވެ. ކާށީގެ ދެ ފަރާތުގައި މުށްގަނޑެއް ލާފައި ހުރެއެވެ. ބޮޑެތި ކެނބު އަޅާއިރު ދެ ފަރާތުގައި ދެމީހުން ތިބެއެވެ. ކާށީގެ ތެރެއިން އުޅިތައް ނިކުމެ އެއް ކެނބަކަށް އެއްވެއެވެ. ކެނބުއަޅާން ބޭނުންކުރާ ތަކެތި ސަރުކާރުން ހިންގި ކުލީބައިގައި 1980 ގެ އަހަރުތަކާ ހަމައަށް ހުރިކަމަށް ލަފާކުރެވެއެވެ. ފަހުން އެތަކެތި ނީލަންކިޔައި ނުވަތަ އުކާލީއެވެ. އެއާ އެކު ދިވެހި މަށް ޓެކްނޯލޮޖީއެއް ގެއްލުނީއެވެ. ޗާޓަށް ދެން އެނބުރި ދަމާތޯއެވެ.
ދެން ފާހަގަ ކުރެވޭ އެއްތަނަކީ ދިއްލީ މިސްކިތެވެ. މި މިސްކިތަކީ ގަބުރުސްތާނަކާ އެކު ޖަނަވަރީ މަގާ ހަމައަށް ކުރިން އޮންނަ މިސްކިތެކެވެ. ގަބުރުސްތާނު އޮންނަނީ ޖަނަވަރީ މަގާ ހަމައަށެވެ. މިސްކިތުގެ ގަބުރުސްތާނުން މިހާރުވަނީ އެތައް ގޯއްޗެއް ދީފައެވެ. އެންމެ ފުޅާގޮތެއްގައި މިކަންކުރީ ނާޞިރު ދައުރުގައި، އަޙްމަދު ޒަކީގެ ޕްރައިމް މިނިސްޓަރު ކަމުގައެވެ. ޖަނަވަރީ މަގު، އެހެން މަގުތަކަށް ވުރެ ފުޅާކޮށް އޮންނަ ސަބަބަކީ ކޮންމެ ރޯދަމަހަކު ރަދުން އެ މަގުން ހިއްޗަށް ވަޑައިގަންނަވާތީ ކަމަށް ލަފާކުރެވެއެވެ. މި މަގު ނިމެނީ ލޮނުޒިޔާރަތަށް ސީދަލަށް ދެވެން އޮންނަ ލޮނު ޒިޔާރަތް މަގަށެވެ. މި ދުވަސްވަރު، ހެންވޭރު ބޯޅަދަނޑު ހާ ބޮޑު ދަނޑެއް ބޮޑު މަގުގެ ދެކުނު ފަރާތުގައި ވެސް އޮވެއެވެ. މި ދެ ދަނޑު ބޮޑު ފާރާ ހަމައަށް އިރަށް އޮވެއެވެ. ދިއްލީ މިސްކިތުގެ ކުރިމަތީގައި ވެސް އޮންނަނީ ދަނޑެކެވެ. އެއީ ކުރިން ސަރުކާރުގެ މަރުކަޒީ ހޮސްޕިޓަލް އަދި ފަހުން އޭޑީކޭ ހޮސްޕިޓަލް ހުރި ތަނެވެ. މުޙައްމަދު އަމީން ދައުރުގައި ހޮސްޕިޓަލް ހުރިތަނަށް ކިޔަނީ ވައިލެޓް ފެހި އެވެ. ފެހި ނުވަތަ އިނގިރޭސި ބަހުން ގްރީން ބޮޑެތި ހުސް ދަނޑަށް ވެސް ކިޔައެވެ. ކޮޅުބުގެ ގޯލް ފޭސް ގްރީން އަކީ މިގޮތަށް ކިޔާ ނަމުގެ މިސާލެކެވެ. އައިފާނު މަގު އަތިރި، ތޮށިނުލާ ރާޅުޖަހާ އަތިރިއެއްގެ ގޮތުގައި އޮންނަ ހަނދާންވާ މީހުން ރާއްޖޭގައި މިހާރުވެސް އުޅޭނެއެވެ. އަޅުގަނޑުގެ އެންމެ ޅައިރުގެ ހަނދާނުގައި، އަތިރީގެ އުތުރު ފަރާތަށް ރާޅުޖެހި މަންޒަރު ވެއެވެ. 1921 ވަނަ އަހަރު ނަގާފައިވާ ބޯހިމެނުމުން ދައްކާގޮތުގައި، މާލޭގައި ދިރިއުޅެނީ 3359 ފިރިހެނުންނާއި 2768 އަންހެނުންނެވެ. ފިރިހެނުން ގިނައީ ބިދޭސީންނާއި ރާއްޖެތެރެއިން މާލެ ފޭބި ފިރިހެނުން ގިނަކަމުންނެވެ. ޖުމުލަ 6127 މީހުންނެވެ. އާދެ! މިހާރަށް ވުރެ 15 ވަރަކަށް ގުނަ މަދު ޢަދަދެކެވެ. އެހެންކަމުން އެ ދުވަސްވަރު މާލޭގެ ތޮއްޖެހުން މިހާރަށް ވުރެ ވަރަށް ބޮޑުތަން ކުޑަވާނެއެވެ.
ލޮނު ޒިޔާރަތް
”ލޮނު ޒިޔާރަތް“ މިހެން ބުނުމުން ޚިޔާލަށް އަންނަނީ އެންމެ ޒިޔާރަތެއް ކަމެވެ. ނަމަވެސް ޙަޤީޤަތުގައި، ލޮނު ޒިޔާރަތް ކަމަށް ބުނާ ތަނުގައި އެތައް ޒިޔާރަތެއް ވެއެވެ. ޒިޔާރަތުގެ އިތުރުން އެހެން ތަންތަން ވެސް ވެއެވެ.
ޢަރަބި އަދި ދިވެހިބަހުން ޒިޔާރަތުގެ އެއް މާނައަކީ ތަނަކަށް ދާ ދިއުމެވެ. މި މޭރުމުން، ޒިޔާރަތް ކުރާ ތަނަށް ވެސް ޒިޔާރަތް ކިޔަނީ އެވެ. ބަސްފޮތުގައި، ނަބީ ރަސޫލު ބޭކަލުންނާއި ވަލީވެރިންނާއި ރަސްރަސް ކަލުންގެ ބިސްތާނަކީ ޒިޔާރަތްކަމަށް ލިޔެފައި ވެއެވެ. ލޮނު ކިޔާ ސަބަބަކީ، މި ޒިޔާރަތް ހުންނަނީ މޫދު ލޮނު ޖަހާހާ މޫދާ ގާތުގައި ކަމުންނެވެ.
ލޮނު ޒިޔާރަތް ޢާއްމުންނަށް ވަދެވޭގޮތަށް ހުންނަތާ 300 އަހަރު ވެދާނެކަމަށް ބެލް 1920 ގައި ބުނެއެވެ. އެއީ އައްސުލްޠާނު މުޙައްމަދު ޝުޖާޢު ޢިމާދުއްދީނު I (މ. 1620 – 1648) ބޮޑު ރަސްގެފާނު މާލޭގެ ވަށައިގެން ބޮޑު ފާރު ރާނުއްވައި 11 ބުރުޒު ހެއްދެވި ދުވަސްވަރުން ފެށިގެންނެވެ. އެ ރަސްގެފާނު ޕޯޗުގީޒުން ރާއްޖެއާ ދިމާކުރާލެއް ގިނަކަމުން، މާލޭގެ ބޮޑު ފާރު ހިރިން ރޭނުއްވިއެވެ. އެންމެ ފުރަތަމަ ޕޯޗުގީޒުން ރާއްޖެއާ ދިމާކުރީ ކަޅު މުޙައްމަދު ރަސްގެފާނުގެ އެދިވަޑައިގަތުމަކަށް މ. 1518 ވަނަ އަހަރުއެވެ. އެ ފަހަރު ޕޯޗުގީޒުން މާލޭގައި ހެދި ކިއްލާ ދާދި އަވަހަށް އެކަކަށް ވަންދެން ޤަތުލުކޮށް ފަޅުކުރެވުނެވެ. ދެން، މ. 1558 ގައި ޢަޒުލުކުރެވުނު ނުވަވަނަ ޙަސަން ރަސްގެފާނު ރަސްކަން ހޯއްދަވަން ވެގެން ކޮއްޗޭއިން ޕޯޗުގީޒުން ފޮނުވައިގެން ދެ ފަހަރަކަށް ދިމާކޮށް ނާކާމިޔާބު ވިއެވެ. ތިން ވަނަ ފަހަރު، ރަސްކަމުގައި އިންނެވި ޢަލީ ހަވަނަ ރަސްގެފާނު ޝަހީދުކޮށް، 15 އަހަރު ވަންދެން (މ. 1573 އާ ހަމައަށް) މާލެ ހިފައިގެން އެމީހުން ތިއްބެވެ. ދެން ބޮޑު ތަކުރުފާނާއި ޙަސަން ތަކުރުފާނު އެމީހުން ބަލިކުރައްވައި، ޕޯޗުގީޒުންގެ ވެރިއަކަށް ހުރި އަދިރިއަދިރިން ޤަތުލުކުރައްވައި މާލެ ހިއްޕެވިއެވެ. އެއަށް ފަހު މާލެއަށް ޕޯޗުގީޒުން ހަމަލާދިނީ ގޯވާއިން އައިސް މ. 1631 ވަނަ އަހަރުއެވެ. އެއަށް ފަހު މ.1649 ވަނަ އަހަރު ވެސް ޕޯޗުގީޒުން މާލެ ހިފުމަށް އައެވެ. މި ދެފަހަރު ވެސް އެމީހުންވީ ނާކާމިޔާބެވެ.
ލޮނު ޒިޔާރަތުގެ ބޮޑު މިނަކީ ދިގުމިން 324 ފޫޓު ފުޅާމިން 210 ފޫޓެވެ. އެއީ މާލޭގެ ބިން ފަހަކަށް އައިސް ބަހާފައި ހުންނަ ކޮށްޓަކަށް ވުރެ ބޮޑު ޖާގައެކެވެ. [ލަފާކުރެވޭ ގޮތުން ބެލް އެ ބުނަނީ ޒިޔާރަތް ހުންނަ އުސްކޮށް ހުންނަ ބިމުގެ ބޮޑުމިނެވެ] ލޮނު ޒިޔާރަތުގެ ހުޅަނގު ފަރާތުގައި ހުރި ލޮނުޒިޔާރަތް ބުރުޒު ވަނީ 1920 ވަނަ އަހަރަށް އައި އިރު ވަރަށް ބޮޑަށް ހަލާކުވެ، ބުޑު ނޫނީ ނުފެންނަ ވަރުވެފައެވެ. މި ބުރުޒުގެ ހުޅަނގަށާއި އުތުރަށް ބުރުޒާ ގުޅިފައިވާ ބޮޑުފާރު ކޮންމެވެސް ވަރަކަށް ރާނާފައިވާ ކަމުގެ ޢަލާމަތްތައް ފެނެއެވެ. ލޮނު ޒިޔާރަތް ބުނުމުން އެންމެ ޒިޔާރަތެއް ކަމަށް އިޝާރާތްކުރާ މައި ޒިޔާރަތަކީ، ޙަޤީޤަތުގައި ޒިޔާރަތެއް ނޫނެވެ. އެއީ ބައެއް މީހުން ބުނާގޮތުން، ރާއްޖެއައި މަޝްހޫރު ދީނީ ޢިލްމުވެރިއެއްގެ މަޤާމްފުޅެވެ.
ވަށައިގެން އިންފާރު ރާނާފައިވާ ބައި ވަނީ ދެބަޔަކަށް ބަހާލާފައެވެ. ލޮނު ޒިޔާރަަތުން ކުރިއަށް ދާއިރު ވާތް ފަރާތުގައިވާ މަހާނަތަކެއް މިހާރު ފެންނާކަށް ނެތެވެ. ކަނާތް ފަރާތުގައި ދެ ބަޔަކަށް މަހާނަ ވެއެވެ. ލޮނު ޒިޔާރަތް ކިޔަނީ މި ކަނާތް ފަރާތު ބަޔަށެވެ. މި މަހާނަ ތަކުގެ ބިއްދޮށުގައި، އުސްކޮށް ފާރު ރާނާ ފާހަގަކޮށްފައިވާ ތަނެއް ވެއެވެ. އެތަނަކީ ހަބްޝީގެފާނުންގެ މަޤާމް ފުޅެވެ. އޭނާގެ ނަމުން އެއީ އެފްރިކާގެ ހަބުޝްކަރަޔަށް ނިސްބަތްވާ ބޭފުޅެއްކަން އެނގެއެވެ. އޭނާގެ އަނެއް ނަމަކީ ޝޭޚް ނަޖީބް އެވެ. ޙަޤީޤަތުގައި މިއީ އޭނާގެ ނަމަށް ނިސްބަތް ކޮށް ހަދާފައިވާ މަޤާމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ. އިނގިރޭސިބަހުން މިފަދަ ތަންތަނަށް ކިޔަނީ ސެނޯޓާފް އެވެ. އެއީ މަތިވެރި މީހެއްގެ ނަމުގައި ހަދާ ކުޑަ ޢިމާރާތެއް ފަދަ ތަނެކެވެ. މިހެން މިދެންނެވީ، ގިނަ މީހުން ބުނާގޮތުން ޝޭޚް ނަޖީބް ވަޅުފުޅުލެވިފައިވަނީ ފާދިއްޕޮޅު ކުރެންދޫ ގައި ކަމަށް ވެއެވެ. ދީން ފަތުރަން އޭނާ ވަޑައިގެން އުޅުއްވަނިކޮށް އަވަހާރަވީ އެވެ. ވަރަށް މަތިވެރި ޤަދަރެއް ދެވިފައިވާ މި ޝޭޚާ ބެހޭގޮތުން ޔަޤީން މަޢުލޫމާތެއް ނޭނގެއެވެ. އޭނާގެ ނަމުން އެއީ އެފްރިކާގެ ރައްވެއްސެއްކަން އެނގެއެވެ. އޭނާ ނިޔާވެފައިވަނީ ރާއްޖެ އިސްލާމްވިތަނާހެން މީލާދީން 12 ވަނަ ޤަރުނުގެ ފަހުކޮޅުއެވެ. އިބްނު ބަޠޫޠާ 1343 ވަނަ އަހަރު މިތަނަށް ވަޑައިގެންކަން އޭނާގެ ދަތުރުނާމާގައި ލިޔުއްވާފައި ވެއެވެ. އެއީ އަންނަނިވި ގޮތަށެވެ: ”އަހުރެން މާލެ އައި ދުވަހާ ޖެހިގެން އައި ދުވަހު، ނަވުގެ ކައްޕިތާނާއި ގާޒީ ކަމުގައި ހުންނެވި ޔަމަނުގެ ޢީސާ އާއެކު ރަށުގެ އެއްކޮޅުގައި ބިނާކޮށްފައިވާ ޝޭޚުއްޞާލިޙް ނަޖީބްގެ ޒާވިޔާ އަށް ޒިޔާރަތްކުރީމެވެ.“ ޒާވިޔާ ކިޔަނީ ﷲ ހަދުމަކުރުމަށްޓަކައި އެކަހެރިވެގެން މީހަކު އިންނަ ތަނަކަށެވެ.
ޝޭޚް ނަޖީބް ”ޒިޔާރަތަކީ“، މަތި ހިޔާކޮށްފައިވާ ފަންނީގޮތުން މާމޮޅު ނޫން ކުޑަތަނެކެވެ. އެތަނަށް ވަނުމަށް ވަނީ އެންމެ ދޮރެކެވެ. އެތަނުގެ އުތުރު ދެކުނުގައި، އެންމެ ހަރުފަތްބަރިއަކުން ތިރިއަށް ފޭބޭގޮތަށް ހިރި ކީހައިގެން ހަދައިފައިވާ ހަތަރެސްކަން ކުޑަ ވެވެއް ވެއެވެ.
ޝޭޚްގެ މަޤާމްފުޅަށް ދާ މަގުގެ ކަނާތްފަރާތުގައި ދެ ބަޔަކަށް މަހާނަތަކެއް ވެއެވެ. އެންމެ މަޤާމްފުޅާ ކައިރީގައިވި ތަނުގައި މަހާނަގައުތައް ވަނީ ނެތި ގޮސް ބިމާ ހަމަވެފައެވެ. ރަށާގާތުގައި، ހުޅަނގު ފަރާތުގައި، އުސް ބިމާ ގުޅޭގޮތަށް ތިރި ބިސްތާނަކާއެކު ދެ މަހާނައެއް ވެއެވެ. މި ތަންވަނީ، ވަށާ ފާރުލެވި ވަދެވޭ ގޮތަށް އެއް ދޮރުކަނޑާފައެވެ. އެއީ ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިންނެވެ.
ޝައްކެތް ނެތް ގޮތުގައި އިނގިރޭސިވިލާތުގެ އިންޑިއަން ނޭވީގެ ލެފްޓިނަންޓުން ކަމުގައިވާ އައި.އޭ ޔަންގ އާއި ޑަބްލިޔޫ. ކްރިސްޓަފަރ އަށް 1835 ވަނަ އަހަރު ފެނުނީ މި މަހާނަތަކެވެ. އެމީހުން ލިޔެއެވެ: ”އަހުރެން ފާރިސީންގެ [މިއީ ކުށެކެވެ! ނަމަވެސް އެމީހުންލިޔެފައިވާ ގޮތެވެ.] މަހާނަތައް ހުރި ތަނަށް ގޮސް މަހާނަތައް ގުނީމެވެ. އެެތަނުގައި 60 މަހާނަ ވެއެވެ. އެންމެ ދެ މަހާނަގައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔުންތަކެއް ކިޔާކަށް ނޭނގެއެވެ. އެއް މަހާނައިގައިވާ ތާރީޚަކީ ހިޖްރައިން 994 ވަނަ އަހަރެވެ. އެހެންކަމުން މިހާނަތަކަށް 257 އަހަރު ވެއްޖެއެވެ.
މީގެ ތެރެއިން އެއް މަހާނަގައު އައުކަމުން އެއީ އެމީހުންގެ ދަރިކޮޅުގެ މަހާނައެއް ކަން އެނގެއެވެ. މިހާރު މިއިން އެއްވެސް މަހާނައެއް ކިޔާކަށް ނޭނގެއެވެ.“
ހިތާމަޔަކީ، ޔަންގ އާއި ކްރިސްޓަފަރ ލިޔުނު ބަޔާނާއެކު، މަހާނަގަލުގެ ކުރެހުމެއް ބަޔާނާއެކު ޗާޕުކުރުމުގެކުރިން ބަލާ މީހުންނަށް ފޮނުވިކަމުގައި ވިއަސް، މި ކުރެހުން ބަލާފައެއް ނުވެއެވެ. އެ ކުރެހުމާ އެކު މަހާނައިގައިވަނީ 994 ގައި ވެސް ލިޔެފައި ވެއެވެ. އެހެންކަމުން އެމީހުންގެ ބަޔާނުގައި ކުށްޖެހިފައި ވެއެވެ.
އައްސުލްޠާނު މުޙައްމަދުގެ މަހާނަފުޅު
މި ރަދުންގެ ބައްޕާފުޅު ރަސްގެފާނާ ބެހޭގޮތުން ޙަސަން ތާޖުއްދީނުގެ ތާރީޚް ގައިވަނީ، ދޫދޫމަތިން އައިސްފައިވާ ވާހަކަތަކާ އެއްފަދަ ގޮތަކަށް، ނަފްރަތު ހިމެނޭ ބަޔާނެކެވެ. މި ރަދުންނަކީ މީލާދީން 1420 އިން 1421 އަށް ރަސްކަން ކުރެއްވި އައްސުލްޠާނު ދަންނަ މުޙަައްމަދު ރަސްގެފާނުގެ ރަސްކަމުގައި ގާޒީއެވެ. ރަދުން ޙައްޖަށް ވަޑައިގެން ދެވަނަ ޙައްޖަކަށް މަޑުކުރައްވައި އަނބުރާ ވަޑައިގަންނަވަމުން 70 އަޅުން ގެންނަވައި، ދިވެހީންގެ ބަދަލުގައި އެމީހުން ގަނޑުވަރުގެ ވަޒީފާތަކުގައި ގެންގުޅުއްވިއެވެ. މި އަޅުންގެ ތެރެއިން މީހަކު ދިވެއްސަކު މަރާލުމުން ދުއްތުރާ ފެށުނެވެ. ގާޒީއަކަށް އޭރު ހުންނެވި (ފާރިސީކަރައިގެ) ޝީރާޒުގެ ހަސަން ވިދާޅުވީ އަޅުކަލޭގެއަށް އަދަބުދޭން ޖެހޭނެކަމަށެވެ. އަދި މި ޙުކުމްގައި ގާޒީ ދެމިހުންނަވައި، އަދަބު ނުދެއްވައިފިނަަމަ، ރަސްގެފާނު ނަރަކައިގެ އަޒާބަށް ފުރޮޅިގެންދާނެކަމަށް ދެންނެވިއެވެ. ދެން ރަސްގެފާނު ގާޒީގެ ގައިގައި، ވާރުތަވާ ރިވާޔަތުގައިވާ ގޮތުންނަމަ، ކަފަބަނދެފައި، ރޯކޮށްލީއެވެ. މަޝްހޫރު ދީނީ ޢިލްމުވެރިޔާ، މަދީނާގެ އަލްފާޤިޙް ސުލައިމާނު އެ އިރު މާލޭގައި ހުންނެވިއެވެ. މި ކަލޭގެފާނު ރަސްގެފާނުގެ އަރިހުގައި ރަޙުމް ކުރެއްވުމަށް އާދޭސް ދެންނެވިކަމަށް ވެއެވެ. މާ ގިނަ ދުވަހެއް ނުވަނީސް މި ރަޙުމްކުޑަ ރަސްގެފާނުގެ މައްޗަށް ކަލާނގެ ބޮޑު ކޯފާއެއް ފޮނުއްވައި، ވޭން ބޮޑު، ރިހުން ގަދަ ބައްޔެއްގައި އަވަހާރަވިއެވެ. މި ވާހަކަ އާ ސިލޯނުގައި މަޝްހޫރު ރާޖަވަލިޔާ ވާހަކައާ ގާތްކަމެއް ހުރެއެވެ. [އަޑު އަހާގޮތުން ބައްޔަކީ ގައިކޮޅުން ދިލަ ނެގުމެވެ.]
ފިރިހެނުންގެ މަހާނަގައު ގޮތަށް ކުރި ތޫނުކޮށް ހުރި މަހާނަގަލަކީ އުސްމިނުގައި ތިންފޫޓު އެއް އިންޗި، ފުޅާމިނުގައި އެއް ފޫޓު އެއް އިންޗި ހުރި މަހާނަގަލެކެވެ. ނިވާނުކޮށް ހިރިގަލުން [މޫދު ކައިރީގައި] ހުރުމުން، ގައު ވަނީ ވޭތިވެދިޔަ ހަތަރެއް ބައި ޤަރުނުގެ ތެރޭގައި ވަރަށް ބޮޑަށް ގިރިފައެވެ. އޭގައިވަނީ ޢަރަބި އަކުރުން ނުވަ ފޮޅުވަތްް އަޑިން މައްޗަށް އުފުލިފައި ހުންނަ ގޮތަށް ކަނޑާނަގައިފައެވެ. ގަލުގައި ޢަރަބި ލިޔާ މީހުންނަށް ހިތްގައިމު، ގިރުމުން ހިތްހަލާކުވާހާ ކިޔަން އުނދަގޫ އަކުރުތަކެކެވެ. އަވަހާރަވެވަޑައިގެން ރަދުންނާއި އޭނާގެ ބައްޕާފުޅުގެ ނަން ރީއްޗަށް ކިޔަން އެނގެއެވެ. ރަސްކަން ވާރުތަވީ ބައްޕާފުޅު އަވަހާރަވެވަޑައިގަތުމުންނެވެ. ބައެއް ތަންތަން ގިރިފައިވާލެއް ބޮޑުކަމުން، ކިޔަން ދައްޗެވެ. އަދި ދެތިން ގޮތަކަށް ކިއިދާނެކަމަށް ފެނެއެވެ. ކްރިސްޓަފަރ، މަހާނަގަލުގެ ފަހުފޮޅުވަތުގައިވާ ދެ އަކުރު، 88 ގެ ބަދަލުގައި 99 ގެ ގޮތުގައި ކީކަމަށް ޔަޤީން ކުރެވެއެވެ. އެއީ އެ ގަލުގައިވާ ތާރީޚަކީ ހިޖްރީގޮތުން 5 ރަޖަބް 884 އެވެ. މި ދުވަސް ދިމާވަނީ މީލާދީގޮތުން 22 ސެޕްޓެމްބަރ 1479 އާ އެވެ.
މަހާނަގަލުގެ ސާފުނޫން ފޮޓޯއެއް ތިރީގައި އެވަނީއެވެ. އެ ފޮޓޯގެ ”ނެގެޓިވް“ އެއް ޖެހިގެން ވަނީއެވެ. މި ފޮޓޯ ނަގާފައިވަނީ 1922 ވަނަ އަހަރު އެވެ. މާލެއާއި ސިލޯނާއި އިންޑިއާގެ ޢިލްމުވެރިންގެ ތެރެއިން ބައެއް މީހުން ފޮޓޯ ބަލާފައި ވެއެވެ. ޖެހިގެން ދެން އެވަނީ ކުރީގެ ބަންޑާރަ ނައިބު، ގާޒީ ޙުސައިން ދީދީ (ޙުސައިން ޞަލާޙުއްދީނު) ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މިއީޝައްކު ކުރެވޭ ތަންތަން ހުރުމާއެކު ޢަރަބި ދަންނަ އިލްމުވެރިންގެ ޢިޞްލާޙަށް އެދިވަޑައިގަންނަވަމުން އެމަނިކުފާނު ލިޔުއްވި ލިޔުއްވުމެކެވެ.
މަހާނަގަލުގައިވާ ނުވަ ފޮޅުވަތުގެ އިޖްމާލީ މާނައަކީ ”މިއީ މާތް ﷲ ގެ ރަޙްމަތްފުޅެވެ. އެކަލާނގެ އޭނާގެ ފާފަފުއްސަވައި ރަޙްމަތް ލައްވާށިއެވެ. ހިޖްރީ ސަނަތުން 884 ވަނަ އަހަރުގެ ރަޖަބް މަހުގެ 5 ވަނަ ދުވަހު، ފާފަފުއްސެވިގެންވާ އައްސުލްޠާނު މުޙައްމަދު މަތިވެރި ދީލަތިވަންތަ ކަލާނގެ ރަޙްމަތަށް ވަންނަވައިފިއެވެ. އޭނާ ޙައްޖަށް ވަޑައިގަތެވެ. ކީރިތިކަމާއި ތަނަވަސްކަން ލިބިގެން ވިއެވެ. ކަނޑިއާއި ދުނީގެ ހެވިކަމުގައި އަރާހުންނެވިއެވެ. ފޮތްތެރިއެއްކަމުގައި ވިއެވެ. އަދި ﷲ ގެ އެހީތެރިކަން ލިބިގެންވި ޙާފިޒެއް މެއެވެ. ނަޞީބުގެ ވެރިއެކެވެ. ޝަރީޢަތުގެ ޢިލްމުވެރިއެކެވެ. ގެފުޅަށާއި މާތް ﷲ ޞަލަވާތްލެއްވި ރަސޫލާގެ ޤަބުރުފުޅަށް އޭނާ ޒިޔާރަތް ކުރެއްވިއެވެ. އޭނާއީ ކީރިތިކަން ލިބިގެންވި ސުލްޠާނު ނަސްރުލް މުޚާޠިބް ޙަސަން ކިލެގެ ހާޖީގެ ފިރިހެން ދަރިކަލުންނެވެ.“ މިއީ އިނގިރޭސިބަހުން ލިޔެފައިވާ ތަރުޖަމާގެ އިޖްމާލީ މާނައެވެ. ޢަރަބި އެނގިވަޑައިގަންނަވާ ބޭފުޅުން ކުރައްވާ ތަރުޖަމާ ދިވެހި ކަންފަތްތަކަށްމާފުރިހަމަ ވެދާނެއެވެ. މިލިޔުން ކިޔުމަށް ފަހު، އަޅުގަނޑަށް ވެސް މި ރަދުންނާ ދޭތެރޭ ދެންނެވޭނީ ބެލް ވެސް ބަޔާން ކުރިގޮތަށެވެ. ހާދަބޮޑަށް މި މަހާނަގައުގައި ރަސްގެފާނަށް ސަނާކިޔާފައި ވެއެވެ.
ލޮނުޒިޔާރަތްކޮޅަށް ފަހުންވީގޮތް
މާލޭގައި ހުރި ތާރީޚީ ބިނާތައް، ހާހެއްހާ އަހަރުވަންދެން މާބޮޑު ބަދަލެއް ނައިސް ހުއްޓައި، އެތަކެތީގެ ތެރެއިން ބޮޑު ބައެއް ނައްތާލެވުނީ އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. އޭނާ ކަންކުރެއްވި ގޮތަކީ، ލޮނުޒިޔާރަތަށް ދިމާއަށް އައިފާނުމަގު އަތިރިން މަގެއް ހައްދަވައި، ރަށުތެރެއަށް ވަދެފައި އޮތް މޫދު ވަރަށް ތިލަކޮށް ހިއްކަވައި، ލޮނުޒިޔާރަތް ނެންގެވިއެވެ. މިކަމުގެ ތެރޭގައި އައްސުލްޠާނު މުޙައްމަދުގެ ތާރީޚީ މަހާނަފުޅުވެސް ނެތި ދިޔައެވެ. އެތަނުގައި ވަށައި ތޮށްޓެއް ލެއްވިއެވެ. ދެން މާލޭގައި ބޭނުން ނެތިފައިހުރި ވަށް އުންޑަ ފޮނުވާ ބޮޑުބަޑިތަކުން ދެ ދިމާއެއްގައި އިރު މައްޗަށް ތޮށިގަނޑެއް ހެއްދެވިއެވެ. އެއީ ހަޅައިގައި ލޮނުޒިޔާރަތް ހުރި، ފަހުން ހާމަކޮށް އޮތް ބިން ގިރާތީއެވެ. އެހެން ބައެއް މަހާނަ ހުރިތަން ހުސްކޮށް ބާއްވައި މަގުގެ އިން ފާހަގަވާ ގޮތަށް ކުރު ކޮންކްރީޓް މުޑިތަކެއް ޖެއްސެވިއެވެ. އަދި ލޮނު ޒިޔާރަތާ ސީދާ ދިމާވާގޮތަށް ހުޅަނގު ފަރާތުން ނަމަކަށް ”ވައިޓް ވޭވްސް“ ކިޔާ ބޮޑު ގޯއްޗެއް އަމިއްލަފުޅަށް ނެންގެވިއެވެ. ރައީސްކަން ނިމުނު އިރު އޭނާއަށް ނިސްބަތްވާ ސާޅީހަށް ވުރެ ގިނަ ފިހާރައާއި ގޯތީގެތެރެއިން އެއްތަނަކީ މިއެވެ. މި ގޯތީގެ އުތުރަށް ހުރި ބައިގައި ވަކި ގެއެއް އަޅުއްވައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށް ބިދޭސީ މުދައްރިސުން ބައިތިއްބަށް ކުއްޔަށް ދެއްވިއެވެ. ތިރީގައި އެވާ ފޮޓޯ ގައި ދެބުރިއަށް އެހުރީ އެ ގޯތީގެ ދެކުނު ފަރާތުގައި އެޅުއްވި ގެއެވެ. މައުމޫން ދައުރު ފެށުމާ ގުޅިގެން ނާޞިރު މާލެއިން ނެންގެވި ބައެއް ބިންތައް ސަރުކާރަށް ނެންގެވިއިރު، މި ގޯތި ނަންގަވައި، އެއްބައިގައި ހައިކޯޓް ފަހުން ފެމިލީކޯޓް ގާއިމްކުރެއްވިއެވެ. ދެބުރިއަށް ހުރި ޢިމާރާތް ހިމެނޭ އުތުރުބައިގައި ހިނގަމުންދިޔައީ މެރިން ރިސާރޗް ސެންޓަރ އެވެ.
”ވައިޓް ވޭވްސް“ ގެ އުތުރަށް ކުޑަ ގޯޅިއެއް ދޫކޮށް ނާޞިރު ދައުރުގައި ބިނާ ކުރެވުނީ ރޭޑިއޯ މޯލްޑިވްސް ގެ ޢިމާރާތެވެ. މިއީ އޮފީސްބައި ދެބުރިއަށް ހަދާފައިވާ ކުޑަ ޕޯޓިކޯއެއް ހިމެނޭ ޢިމާރާތެކެވެ. ކުރިމަތީގައި މަގެއް ދޫކޮށް، އޮންނަނީ މިތަނުގެ އެންޓެނާ ހަރުތައް ޖަހާފައިވާ ތަނެކެވެ. 1920 ގެ އަހަރުތަކުގައި ކުރަހާފައިވާ ޗާޓުން ފާހަގަ ކުރެއްވޭނޭ ފަދައިން ލޮނު ޒިޔާރަތް ހުންނަ ބިމުގެ އުތުރުން ރަށުތެރެއަށް ވަދެފައި އޮންނަ ތިލަ މޫދެއް އޮވެއެވެ. މިތަން ވަރަށް ތިލަކޮށް ހިއްކައި، ތިން އަރީގައި ދެ ފޫޓުބައި ހުންނަ ވަރުގެ ފާރެއް އަޑިއަށް ރާނައި މިބައި ވަކިކޮށްފައި ވެއެވެ. މި ތިލަބައިގެ ދެކުނަށް ވީ ފަރާތުގައި ހުންނަނީ ދިގު ހަރުފަތް ބަރިއެކެވެ. ލޮނު ޒިޔާރަތްކޮޅުގައި ހުރި މަހާނަތައް ވަށައިގެން ބިސްތާނަކަށް ވާގޮތަށް ކުރު ފާރުބުރިތަކެއް ރާނާފައި ވެއެވެ. މި ހުސް ބިމުގެ އިން ފާރު ވަކިކުރުމަށް ދެން ހުންނަނީ ހައެއްކަ ފޫޓު ދުރުގައި އަށާވަރަކަށް އިންޗީގެ ހުސްމިނުގައި، އަށް އިންޗި ދިގުހުރަހުގައި ހުންނަ ވަރުގެ ވަށް ކޮންކްރީޓް މުޑިބުރިތަކެކެވެ. މަތީގައިވާ ފޮޓޯއިން މި މުޑިބުރިތައް ފެނެއެވެ. ތިރީގައި އެވަނީ އަޑި ބަޔާއި ލޮނުޒިޔާރަތްތައް ހުރި އުސް ބަޔާ ދެމެދުވާ ހަރުފަތް ފެންނަ ފޮޓޯއެކެވެ. ކުރިމަތީގައި އެވަނީ ރަސްމީ ބްރޯޑްކާސްޓިން ސްޓޭޝަން އެވެ.
މަތީގައިވާ ފޮޓޯއަކީ 1990 ގެ އަހަރުތަކުގެ ފޮޓޯއެއްކަމަށް ލަފާކުރެވެއެވެ. ކުރިމަތިން އެ ފެންނަ ޢިމާރާތަކީ ”ދިވެހިރާއްޖޭގެ އަޑު“ގެ ޢިމާރާތެވެ. މަގަތުގައި އެވަނީ މި ރޭޑިއޯ ސްޓޭޝަން ގެ އެންޓެނާތަކެވެ. އެންޓެނާތައް އެހުރީ އަޑިއަށްހުރި ބައިގައެވެ. މި ފޮޓޯއިން ދެކުނު ފަރާތެއް ނުފެނެއެވެ. އެ ފަރާތުގައި ވެސް، 1980 ގެ އަހަރުތަކުގައި ހުރީ އެންޓެނާތަކެވެ. ދެން މަހާނަތަކެވެ. އެއަށް ފަހު، މައުމޫން ދައުރުގެ މެދުތެރޭގައި އެތަނުގެ ދެކުނު ފަރާތުގައި އުނދޯލިތަކެއް ހުރި ކުޑަކުދިންގެ ޕާކެއް ދުވަސްކޮޅަކު އޮތެވެ. އެ ދައުރުގައި ދެކުނަށް އޮތް އުސްތަނުގައި ފުލުހުންގެ ޕޯސްޓް އަކާއި މާލޭގެ ވިޔަފާރިވެރިއަކަށް ކޮންމެވެސް ގޮތަކަށް ދީގެން ހިންގި ރެސްޓޯރަންޓެއް ހުއްޓެވެ. އެންޓެނާގެ ލަނބުރާންތައް ކަނޑާލަފާނެތީ، ފަހަކަށް އައިސް ލަނބުރާންތަކާ ގާތްނުވެވޭގޮތަށް އުސްފާރުން ވަކިކޮށް މި ފާރުތަކުގެ ބޭރުގައި ނޭކަށޭނެ ބޮޑު މިނުގެ ކޮކޯލާ އިސްތިހާރު ޖަހާފައި ހުއްޓެވެ. މި ބަޔާންކުރެވުނު ގޮތުގެ މަތިން ތޮއްޖެހިފައިވާ މާލޭގައި ހުހަށްއޮތް ހިތް ފަސޭހަ ލޮނުޒިޔާރަތް ކޮޅު، ލޮލުރިހުމަކަށް ވެފައި ވިއެވެ.
ލޮނުޒިޔާރަތްކޮޅު ގަލު ސަންދޯއް
ގަލު ސަންދޯކެއް ލޮނުޒިޔާރަތްކޮޅުގައި ހުންނަ ވާހަކައަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އަޑުއަހާ ވާހަކައެކެވެ. އެ ހުންނަ ކަމަށް ވަނީ އަޑީ ޕާކުގެ ދެކުނަށް އޮންނަ އުސްބައިގައެވެ.
އުނިމާ މުޙައްމަދު ރަޝީދަކީ، ދިވެރާއްޖޭގެ އަޑުގައި 23 އަހަރު ޓެކްނިކަލް ދާއިރާގައި މަސައްކަތް ކުރެއްވި އިންޖިނޭރެކެވެ. ފަހަކާއި ޖެހެންދެން ފެންނަން ހުރި އެންޓެނާތައް ޖެހުމުގައި ވެސް އޭނާ ޢަމަލީ ގޮތުން ބައިވެރިވެފައި ވެއެވެ. މީޑިއަމް ވޭވް އެންޓެނާ ޖަހާއިރު، އެންޓެނާގެ އުސްމިން ދިގުމިނުގައި ހުންނަ ވަރަށް އެންޓެނާ ދަނޑި ވަށައިގެން 120 ލޯ ނަރު ކޮންމެ 3 ޑިގްރީއަކުން ބިމުގައި (އާރތުމެޓެއް) ވަޅުލަން ޖެހެއެވެ. މި ނަރުތައް ވަޅުލަންވެގެން ޓްރެކްޓަރެއްގައި ދަތްގަނޑެއް ޖަހައިގެން ދެމިއިރު ވަކި ހިސާބަކުން ކުރިއަކަށް ނުދިޔައެވެ. ބެލިބެލުމުން އެއީ ހިރިގައުތަކެއްގައި ވަކި އަޅައިގެން ކުރިއަށް ނުދަނީ ކަމަށް ފެނުނެވެ. ދެން ކޮނެ ބެލިއިރު، ފާހަގަކުރެވުނީ ފުރާޅުތަކެއްގެ ސިފައިގައި ހުރި ހިރި ގައުތަކެކެވެ. އެއީ 1981 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ކޮލި ޙަސަން މަނިކަކީ އެ ދުވަސްވަރު އިންފޮމޭޝަން ދާއިރާގެ ވެރިޔާއެވެ. އޭނާ ވިދާޅުވީ އެއީ ގަލު ސަންދޯއްތައް ކަމަށެވެ. އޭނާ ވިދާޅުވެގެން އެ ގައުތައް ހުރިގޮތަށް ބަހައްޓާފައި އެތަން ފަސްއަޅާ ފޮރުވީއެވެ. އެ ގައު ސަންދޯއްތައް ރަޝީދު ސަރުކާރުން ވަކިވަންދެން (11 ޑިސެމްބަރު 2003 އާ ހަމައަށް) ކުރިން ހުރިގޮތަށް ހުންނާނެއެވެ.
ގަލު ސަންދޯކާ ބެހޭގޮތުން، އިތުރު މަޢުލޫމާތު ލިބެނީ ދިވެހިތާރީޚާ ދޭތެރޭ ޝައުޤުވެރިވެވަޑައިގަންނަވާ ނާޖިޙްގެ ފަރާތްޕުޅުންނެވެ. އޭނާ ވިދާޅުވީ ރެކޯޑްތަކުން ދައްކާގޮތުން، 8 ޖުލައި 1966 ގައި ތާރީޚް ކޮމިޓީގެ ތިން މެންބަރުން ކަމުގައިވާ އަޙްމަދު ޒަކީ އާއި މަލިން މުޙައްމަދު ދީދީ އާއި ޢަދުދާނު ޙުސައިންގެ ހާޒިރުގައި ގަލު ސަންދޯއް ހުރިތަން ކޮނެވުނު ކަމަށެވެ. އެތާނގައިވަނީ ގަލުން ހަދައިފައިވާ ހަތަރު ސަންދޯކެވެ. ސަންދޯއްތަކުގެ މަތިގަނޑު ނެގޭގޮތަށް ވެއެވެ. ޤަބުރު ވަަނީ ހަތަރު މަހާނައިގައި ވެސް ޤިބްލައަށް ކުރިމަތިވާގޮތަށް، އެކަމަކު ހަށަމަށް އަތް ނާރުވައެވެ. މަތިގަނޑުތަކުގައި ދިވެސް އަކުރުން ”ފިޔަން“ ލިޔެފައި ވެއެވެ. އެއީ ކުރީގެ ދިވެހިބަހުން ”މަތި“ އެވެ. ތާނައަކުރުތަކެއް ވެސް ފެންނަން ހުއްޓެވެ. އެއީ، މ.ފ.ދތ.ލ އެވެ. މި އަކުރުތައް ހުރުމުން އެބޭފުޅުން ވިދާޅުވީ އެއީ ކަލާފާނު ދުވަސްވަރުގެ ކަމެއް ކަމަށެވެ. [ނަމަވެސް ތާނަގެ މ.ފ…. އަކީ ދިވެސް އަކުރުގެ ވިޔަ އަކުރުތަކެކެވެ. އެހެންކަމުން ސަންދޯއްތައް ކަލާފާނަށް ވުރެ ގިނަ ދުވަސް ވެދާނެކަމަށް ޤަބޫލުކުރެވެއެވެ. ދެން އަޅުގަނޑަށް ކުރެވޭ ސުވާލަކީ އެ އަކުރުތައް ލިޔެފައިވަނީ ކޮންމެ ސަންދޯކަކު ހުރިހާ އަކުރެއް ބާވައެވެ؟ ނުވަތަ ވަކިވަކި އަކުރުތައް ބާވައެވެ؟ އަދި ލ ވޭ ހެއްޔެވެ؟ ވަކިވަކިން ނަމަ، އެ ވާނީ ސަންދޯކުތަކުގައި 1، 2، 3، 4 މިހެން ޖަހާފައި ވުމަށެވެ. ވަކި ސަންދޯކެއް ފާހަގަކުރުމަށެވެ.] ދެން އެ މަހާނަތަކުގެ ފޮޓޯ ނެގުމަށްފަހު، ފަސްލައި ފޮރުވީއެވެ. ތިރީގައި އެވަނީ ނާޖިޙް ފޮނުއްވި ފޮޓޯ އެކެވެ.
މިހާރު މި ހަތަރު ގައު ސަންދޯއް ކޮބައިބާވައެވެ؟ ސަންދޯއްތައް ހުރި ސަރަޙައްދުގައިމާލޭ ހުޅުލޭ ފާލަން އަޅަން އައި މީހުން އާދަޔާ ޚިލާފު ބަރު ތަކެތި ދުއްވައި، ދިހަވަރަކަށް އިންޗީގެ ބޯ ކޮންކްރީޓް ޝީޓެއް އަޅައި، އެ ޝީޓް ތަޅައި ނަގައި، އަދި އެތައް ބޮޑެތި ދަގަނދު މުޑި ޖަހައި އުފުރާފައި ވެއެވެ. އެ ސަންދޯއްތައް އެތަނުގައި ވާނަމަ، މިހާރު ހުންނާނީ ކުދި ހިރިގަލަށް ވެފައެވެ. ނޫނީ އެ ސަންދޯއްތައް ތަރިކަ ރައްކާތެރިކުރާ މީޙުން އެހެން ތަނަކަށް ގެންދިޔައީ ބާވައެވެ!
2016 ވަނަ އަހަރު އައި އިރު، މާލޭ ހުޅުލޭ ފާލަން އެޅުމުގެ ކަންތައްތައް ކުރިއަށް ދިޔައެވެ. ފާލަމުގެ މަސައްކަތް ކުރަމުން ދިޔަ ޗައިނާގެ މީހުންނަށް ފާލަމާެ ބެހޭ ތަކެތި ބެހެއްޓުމަށް އަޑިއަށް އޮތް އެންޓެނާ ދަނޑުން ބަޔަކާއި އެއާ ޖެހިގެން މަހާނަތައް ހުރި އުސްބައި ދެވުނެވެ. އެމީހުން އެތަނުގެ މަސައްކަތް ކޮށް އުޅުނު އުޅުމުގެ ތެރޭގައި ލަނބުރާނެއްގައި އުޅަނދަކުން ޖެހި އެ ކެނޑިގެން އެއް އެއްޓެނާ ވެއްޓުނެވެ.
ފަހެ ދަންނައެވެ. ރާއްޖޭގައި އެންމެ ގިނަ ދުވަހު ރޭޑިއޯ ބްރޯޑްކާސްޓް ކުރީ މީޑިއަމް ވޭވް ކިޔާ ބޭންޑަކުންނެވެ. މިއީ އަޑު ދުރަށް ފޮނުވޭ، ސާފު ބޭންޑެކެވެ. މީޑިއަމް ވޭވްގެ ރޭޑިއޯ ރާޅުތައް އެންމެ އެންޓެނާ އަކުން ފެތުރޭނީ ވަށައިގެން އެއްވަރަކަށެވެ. ޤުދްރަތީގޮތުން ރާއްޖެ ހެދިފައި އޮންނަނީ އުތުރުން ދެކުނަށް ކަމުން، އެންމެ އެންޓަނާއަކުން ރޭޑިއޯ ފޮނުވާނަމަ، ބޮޑު ކަރަންޓެއް ޚަރަދުވާނީ ރަށެއް ނެތް ސަރަޙައްދަކަށް ފޮނުވުމަށެވެ. އެހެންކަމުން، މީޑިއަމް ވޭވް އިން ބްރޯޑްކާސްޓް ކުރަމުން ދިޔައީ އުތުރާއި ދެކުނަށް ރޭޑިއޯ ރާޅުތައް ބޮޑަށް ފެތުރޭގޮތަށް ދެ އެންޓެނާ ބޭނުންކޮށްގެންނެވެ. ފުރަތަމަ އެންޓެނާ ނެގިތާ އަހަރެއްގެ ތެރޭގައި ދެވަނަ އެންޓެނާވެސް ނެގި މީޑިއަމް ވޭވް އިން ”ދިވެހިރާއްޖޭގެ އަޑު“ ފޮނުވުން ހުއްޓުނެވެ. މި މަޒުމޫނު ލިޔަމުން މިދާ ދުވަސްވަރަކީ 2019 ވަނަ އަހަރުގެ ކުރީކޮޅެވެ. މިހާތަނަށް މީޑިއަމް ވޭވް އިން ބްރޯޑްކާސްޓް ނުކުރާތާ ހައެއްކަ މަސް ވެދާނެކަމަށް ”އަޑު“ގައި މަސައްކަތްކުރި ކުރީގެ މުވައްޒަފެއް ބުނެފައި ވެއެވެ. މިއީ ވޭތިވެދިޔަ 50 ވަރަކަށް އަހަރުގެ ތެރޭގައި ވެފައިނުވާ ކަމެކެވެ. ވަކި ރަށްރަށަށް ރާއްޖޭގެ ރަސްމީ ރޭޑިއޯ މީޑިއަމް ވޭވް އިން ނުލިބޭތާ ހަމަސްވީ އެވެ. މިކަން މުހިއްމުވަނީ އެފް.އެމް ރޭޑިއޯ އަކީ ދުރަށް ފެތުރޭ އެއްޗެއް ނޫންކަމުންނެވެ.
2019 ވަނަ އަހަރު ލޮނު ޒިޔާރަތްކޮޅު ފެންނަނީ މަތީގައިވާ ފޮޓޯއިން ފެންނަ ގޮތަށެވެ. އައިފާނު އަތިރީ މަގުން ދެކުނަށް ދާއިރު މޫނުމަތީގައި އެތިފަހަރެއް ޖަހާގޮތަށް ފެންނަނީ ކަޅު ޢިމާރާތެކެވެ. ކަނާތްފަރާތުގައި އެވާ ހަރުފަތްބަރިއަކީ މާލޭ-ހުޅުލޭ ފާލަން އަޅަމުން ދިޔައިރު، އެ މަސައްކަތް ބަލަންދާ މީހުން ތިބެން ކަމަށް ބުނެ ހެދި ތަނެކެވެ. ފާލަން ހެދިއިރު، އަޅުގަނޑު އެ ދިމާއަށް ޢާއްމުކޮށް ގޮސް ފޮޓޯ ނަގާ އުޅެމެވެ. ހަރުފަތްބަރިއަށް ފާލަން ބަލަންދާ މީހުން އަރައެއް ނޫޅެއެވެ. ބައެއް ސިޔާސީ މުފައްކިރުން ބުނާގޮތުގައި، އެ ދުވަސްވަރު ވެރިކަމުގައި ހުރި ފަރާތާ ގުޅުމެއް އޮންނަ ބަޔަކަށް ބިއްދޮށުން ފެންނަ ބިން ދިނުމަށްޓަކައި، ހަރުފަތްބަރި ހެދުން ޝަރުޠުކޮށް އެމީހުންނާ ބޮޑުބައި ޙަވާލުކުރީއެވެ. އެ ދުވަސްވަރު، ދައުލަތުގެ މުދަލާއި ބިން އެކި ބައި މީހުންނަށް ކުއްޔަށާއި އެހެން ގޮތްގޮތަށް ދީ އުޅުނީ ޢާއްމުކޮށް އިޢުލާނު ނުކޮށް، ރައްޔިތުންނަށް ސިއްރުންނެވެ.
އެތައް ބައެއްގެ ޙުރުމަތް ލިބިގެންވާ ހިތްފަސޭހަ ލޮނުޒިޔާރަތްކޮޅަށް ވޭތިވެދިޔަ 1000 އަހަރު ވީގޮތް ކުރުގޮތަކަށް މިދަންނަވާލެވުނީއެވެ. ވޭތިވެދިޔަ 60 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ތާރީޚީ މުހިއްމު އެތައް ތަރިކައެއްވާ ހިތްފަސޭހަ ލޮނުޒިޔާރަތްކޮޅު، މިހާރު ވެފައިވަނީ ކުރިން ދެންނެވި ފަދައިން ލޮލުރިހުމަކަށެވެ. ތާރީޚް އެތަނުން ވަނީ މުޅީން ފުހެލާފައެވެ.
މި މަޒުމޫނު ލިޔުމަށްޓަކައި އަޅުގަނޑު ބެލި ގިނަ ލިޔުންތަކުން އެނގި އޮޅުން ފިލި އެކައްޗަކީ އިންސާނުންގެ ހަނދާނަކީ ވަރަށް ވަގުތީ އެއްްޗެއްކަމާއި ކަރުދާހަށް ނުނެގޭ ލިޔުމާއި ފޮޓޯ އަކީ ހަމަ އެފަދަ އެއްޗެއް ކަމެވެ. ކަންކަން ހިނގަމުންދާއިރު އެކަންކަން ލިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމެވެ. ލޮނުޒިޔާރަތުގެ ބޮޑުމިނާއި ސިފަ އަޅުގަނޑުމެންނަށް މި އެނގެނީ ބެލްގެ ޑައެރީގައި އޭނާ ލިޔުނު ނޯޓުތަކަކުންނެވެ. އަދި ފޮޓޯއިންނެވެ. އައްސުލްޠާނު މުޙައްމަދުގެ މަހާނަގަލުން ލިބުނު މަޢުލޫމާތަކީ ވެސް ބެލް ލިޔެފައިވާތީ އެނގުނު އެއްޗެކެވެ.
ސާބަހޭ ތިކަހަލަ ދިވެހިން ބޭނުންވަނީ މިޤައުމަށް
Mauloomaathun furigenvaa liymeh
varah bodah shukriyya