ރޯދައަށް ހަނދުބެލުމާއި ހަނދާ މެދު އަރައިރުންވުން
ދުނިޔޭގައި މުސްލިމުން ގިނަވެ، އެބައިމީހުންގެ މެދުގައި ޚިލާފުތައް އުފެދި ރޯދައަށް ހަނދު ބެލުމުގެ މައްސަލައަކީ ދެބަސްވުން އުފެދިފައިވާ ކަމަކަށް މިހާރުވަނީ ވެފައެވެ. ޢަރަބި ޤައުމެއްގެ މަޝްހޫރު ސަހަރެއްގައި، އެއް މިސްކިތެއްގެ މީހުންނަށް ރޯދަ މަސް ފެށޭއިރު، ޖެހިގެން ހުރި މިސްކިތުގެ މީހުންނަށް ރޯދަމަސް އަންނަނީ ޖެހިގެން އަންނަ ދުވަހުއެވެ. މިފަދަ މައްސަލަތަކަށް އިޝާރާތްކޮށް، ހަނދުބެލުމަށާއި ހަނދުފެނުމާ ދޭތެރޭ އަރައިރުންވުމަށް އިނގިރޭސި ބަހުން ”މޫންސައިޓިން“ އާއި ”މޫންފައިޓިން“ (ބަޔާންކުރި ތަރުތީބުން) ކިޔައެވެ. މޫންސައިޓިން އަކީ ހަނދުބެލުމެވެ. ނުވަތަ ހަނދުފެނުމެވެ. މޫންފައިޓިން އަކީ ހަނދު ބެލުމާ/ފެނުމާ މެދު ތަޅާފޮޅުމެވެ. މި މައުޟޫޢަށް ލިޔެފައިވާ އެތައް މަޒުމޫނެއްގެ ތެރެއިން ބައެއް، މި ލިންކުތަކުން ފެނިވަޑައިގަންނަވާނެ އެވެ. [5].[4].[3].[2].[1]
މިއަހަރުގެ ރޯދަ މަސް ވަރަށް ކައިރިވެފައިވާތީ، ހަނދުބެލުމާ ބެހޭ ގޮތުން ކިޔުންތެރިންގެ ފިކުރު މުއްސަނދިވެދާނެ މަޒުމޫނެއް ލިޔުމަށް ނިޔަތްގަނެ، ކީބޯޑުގެ މަތީގައި އަތް ބާއްވާލީމެވެ. އަޅުގަނޑުގެ މައިގަނޑު މަޤްޞަދަކީ މަދު ބަޔަކު ކިޔައިފައިވާނޭ، ހަނދު ބެލުމާބެހޭ ގޮތުން ދިވެހި ބަހުން ލިޔެފައިވާ 40 ވަރަކަށް އަހަރުވީ ތަފްޞީލީ ލިޔުމެއް ހުށަހަޅާލުމެވެ. އެ ލިޔުން ގެއްލިގެން ހިނގައިދާނެތީ ތާރީޚަށްޓަކައެވެ. ނަމަވެސް އޭގެ ކުރިން ހަނދު ބެލުމާ ބެހޭ ގޮތުން ތާރީޚީ ނަޒަރަކުންނާއި މަޢުލޫމާތު ހުށަހެޅުމުގެ ގޮތުން ދެތިން ނުކުތާއެއް ދަންނަވާލާނަމެވެ.
ތާރީޚީ ނަޒަރަކުން ހަނދުބެލުން
-
ދިވެހިރާއްޖޭގައި ރޯދަމަސް ފިޔަވައި އެހެން މަސްމަހު ވެސް މާޒީގައި ހަނދުބަލާ ހަދައެވެ. މިކަން އުވިގެން ދިޔަ ކަމަށް ފެންނަނީ ވިހި ވަނަ ޤަރުނުގެ ފުރަތަމަ ފަންސާސް އަހަރުއެވެ. މިއީ ސަގާފީ ކަންތައްތަކެއް ހިމެނޭ ކަމެކެވެ. އުތުރުގެ އަތޮޅުތަކުގައި މިކަން އޮންނަ ގޮތް، އުތީމާ އާދަމް ޢަބްދުއްރަޙްމާނު ލިޔުއްވި ”ދިވެހީންގެ ދިރިއުޅުން“ މިފޮތުގެ 7 ވަނަ ބާބުގައި ހިމެނެއެވެ. އަޅުގަނޑު އިންތިޒާރު ކުރަނީ ދެކުނުގައި މިކަން ހިނގަމުން އައިސްފައިވާ ގޮތް، ކޮންމެވެސް ބޭފުޅަކު ލިޔުއްވާނޭ ދުވަހަކަށެވެ.
-
”ހަނދުބަލާގެ“ އަކީ ހަނދު ބެލުމަށް، މާލޭގެ ހުޅަނގު ފަރާތު އަތިރިމަތީގައި އަޅާ ގެޔަކަށް ކިޔާ ނަމެކެވެ. މި ގެއާ ބެހޭ ގޮތުން ޢަލީ މޫސާދީދީ ލިޔުއްވާފައިވާ ”ދިވެހި ހިޔާވަހި“ މިފޮތުގައި ވެއެވެ:
”ފަލަކީ ޢިލްމުން ހަނދު ސާބިތު ކުރުމުގެ ޒަމާން އައުމުގެ ކުރީގައި ރާއްޖޭގައި ހަނދު ސާބިތުކޮށް ހަދަނީ ހަނދުބަލައިގެނެވެ. ތަޞައްރަފު ފުދިފައިވާ ބަޔެއްގެ ހަމަ ލޮލަށް ހަނދު ފެނުމުން އެމީހުންގެ ބަހުގެ މައްޗަށް ހަނދު ސާބިތު ކުރަނީ އެވެ. އަދި ފަޅު ރަށެއްގައި ތިބި ބަޔަކަށް ހަނދު ފެނިއްޖެ ނަމަ ހުޅު އަޅައިގެން ކައިރީގައިވާ ރަށްރަށާއި އެ ހިސާބުން ދަތުރުކުރާ އުޅަނދު ފަހަރުގައި ތިބި ބަޔަކަށް އެކަން އަންގާ ހަދައެވެ. (އާދައިގެ ގޮތުގައި ހުޅު އެޅުމަކީ ރަށެއްގެ އަތިރި މަތީގައި ނޫނީ ހޭޅިން އަތިރީގައި ތިބެ ކޮންމެވެސް އެއްޗެއްގައި ރޯކޮށްގެން އެ އަލިފާންގަނޑު ހޫރުވުމެވެ.)
މާލޭގައި ހަނދުބެލުމަށްޓަކައި، އެކަމަށް ޚާއްޞަ ކުރެވިފައި ތިބޭ ބަޔަކު ގޮސް ތިބުމަށްޓަކައި މާލޭގެ ހުޅަނގު ފަރާތު މައިފާރުން އަތިރީގައި، [މައިފާރަކީ ބިއްދޮށުގެ އިންކަމަށް ވާގޮތަށް] އަށެއްކަ ރިޔަން ދިގުމިނުގައި ހަތަރު ވަރަކަށް ރިޔަނުގެ ފުޅައުމިނުގައި (ހަމައެކަނި މަތި ހިޔާކޮށް) އަޅާ ވަގުތީ ގެއަކަށް ކިޔާ ނަމަކީ ހަނދުބަލާގެ އެވެ. ހަނދު ފެނިއްޖެނަމަ، ނުވަތަ ދެވަނައަށް ހަނދުބެލުމަށްދާ ރޭ ހަނދު ނުފެނުނު ކަމުގައި ވިޔަސް ހަނދުބަލަން ދިޔަބަޔަކު އެތަނުން ކެއުމާއި އެކު އެގެ ނުވަތަ ހަނދުބަލާގެ ރޫޅާލާނެ އެވެ.
އާދައިގެ ގޮތެއްގައި ހަނދުބަލާގެ އަޅާނީ ކޮންމެ އަހަރެއްގެވެސް ޝަޢުބާންމަހުގެ އަށާވީސް ވަނަ ދުވަހާއި ރަމަޟާން މަހުގެ އަށާވީސް ވަނަ ދުވަހުއެވެ. މި ދެމަހު ފިޔަވައި ގެއަޅައިގެން ހަނދުބަލަން ތިބުމެއް ނުއޮވެއެވެ.“
ހަނދުބަލާގެ އަޅާ ދިމާގެ އެއްގަމުގައި މިހާރުވެސް މިނަން އެޑްރެހަކަށް ކިޔާ ގެއެއް ހުރެއެވެ.
-
1960 ގެ އަހަރުތަކުގައި މާލޭގައި ހަނދު ބެލުމަށް ގިނަ ބަޔަކު ހުޅަނގު ފަރާތު އަތިރި މައްޗަށް ދެއެވެ. ސަރުކާރުގެ ފަރާތުން ދާ ބަޔަކު ވެސް ތިބެއެވެ. ހަނދުފެނުމުން، އެކަން މީހުންނަށް އެންގުމަށްޓަކައި ބޮޑުބަޑިއެއް ޖަހައެވެ. ރާއްޖެތެރޭގައި ހަނދު ފެނުމުން އެކަން އަންގަނީ ސަންގެއް ފުމެގެންނެވެ. މިކަން ހުއްޓުނީ މައުމޫން ދައުރުގައެވެ.
-
1960 ގެ އަހަރުތަކުގައި ހަނދާބެހޭ ހިސާބުތައް ހައްދަވަނީ މ.އަސުރުމާގޭ ތުއްތު ޞާޙިބެވެ. އޭނާ ގުޅީއަށް އަރުވާލެއްވުމުން ހުދުއަސުރުމާގޭ މުޙައްމަދު ޙަސަން މަނިކާއި އޯރުމާން (ގްލޯރީގޭ) ޢަލީ މާހިރެވެ.
-
މައުމޫން ދައުރުގައި ހަނދުބެލުމުގެ ގޮތްތަކަށް ބަދަލުތަކެއް އައެވެ. އެއީ މީގެ ދެތިން ދަސްއަހަރު ކުރިން އިސްލާމީ ޤައުމުތަކުގެ ބައްދަލުވުމެއްގައި ވަކިގޮތަކަށް އެކަމަށް އެއްބަސްވުމުންނެވެ. މިގޮތުގައި، ކޮންމެހެން ހަނދު އެ ޤައުމަކަށް ”ފެންނާކަށް“ ނުޖެހެއެވެ. މިހާރަކަށް އައިސް، އެ ނިންމުމަށް ޢަމަލު ކުރަނީ މަދުބައެކެވެ. އަދި މިއާއެކު ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހަނދު ފެންނާނެކަމަށް ބަލަމުން އައި ހިސާބުގެ މިންގަނޑު ބަދަލުކުރެވުނެވެ. މިކަމުގެ ތަފްޞީލު ފަހަތުގައިވާ ލިޔުމުގައި ވެއެވެ. އަދި ފަހަކަށް އައިސް، ސަޢުދީ އެރެބިއާގެ ޢީދު ދުވަހާ، ދިވެހިރާއްޖޭގެ ޢީދު ދުވަހާ އެއް ދުވަހަކަށް ހެދުމުގެ ރޫޙެއް އުފެދިގެންދިޔަކަން ފާހަގަ ކުރެވުނެވެ. [މިހާރު އަނެއްކާ މުޅި ހިޖްރީ ކަލަންޑަރު އެއްގޮތަކަށް އޮތުމަށް އިސްލާމީ ޤައުމުތަކުން އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުން ދެއެވެ. އެކަމަކު މުސްލިމް ޤައުމުތަކުގެ މެދުގައި ތަޅާފޮޅުން ބޮޑުކަމުންނާއި ފަލަކީ ނަޒަރުންނާއި ދީނީ ނަޒަރުން ބަލާއިރު މިކަމަށް ހުރަސްތަކެއް ހުންނާތީ، މިއީ ވާނޭ ކަމަކަށް ވުރެ ނުވާނޭ ކަމެއް ކަމަށް އަޅުގަނޑަށް ފެނެއެވެ. މިކަމަށް ހުރި ހުރަސްތަކުން އެއްކަމަކީ ދުނިޔޭގެ އިސްލާމީ ޢިލްމުވެރިންގެ ޖަމާޢަތެއް ކަމުގައިވާ އިސްލާމީ ފިޤުހު ކައުންސިލުން ނިންމާފައިވާ އަންނަނިވި ނިންމުމެވެ. ދެވަނައަށް މިކަމަށް އޮތް ހުރަހަކީ، ދުނިޔެ ރޮށްޓެއްހެން ފަތާކޮށް ނެތުމެވެ. ފަތާކޮށް އޮންނަ ނަމަ، ދުނިޔޭގެ ހުރިހާ ތަނަކަށް އެއް އިރަކު ހަނދު ފެނިދާނެއެވެ. އިރު އަރާ އޮއްސޭނީ ވެސް ދާދި އެއް ވަގުތަކު އެވެ. ދުނިޔެ އޮންނަނީ ވަށްކޮށެވެ. މިކަމުގެ ނަތީޖާއަކީ އެކި އެކި ހިސާބަށް އެކި ވަގުތު ހަނދު ފެނުމެވެ. ދުނިޔެ ވަށްވުމުގެ އަނެއް ނަތީޖާއަކީ ދެ ދުވަހެއް ދުނިޔޭގެ ތަފާތު ޤައުމުތަކަށް އެއް ހިނދަކު ތަޖުރިބާ ކުރެވުމެވެ. އެއް ތަނަކަށް އާދީއްތަ ނަމަ، ދުރު އެހެން ސަރަޙައްދެއް ވަނީ އޭގެ ކުރީ ނުވަތަ ފަހު ދުވަހުއެވެ.
-
ރާއްޖޭގެ އާދަކާދަތައް ދިރުވުމުގެ ގޮތުން، އަޅުގަނޑަށް ފެންނަ ގޮތުގައި، އެކި ރަށްރަށުގައި ހަނދުބަލާގެ އެޅުމާއި ހަނދުފެނުމުން ކުރިން ކުރާ ކަންތައްތައް ކުރުމަކީ އިޖްތިމާޢީ ފޭރާން ގަދާވާނޭ ކަމެއްހެން ހީވެއެވެ.
ހަނދުބެލުމާ ބެހޭ ބައެއް މަޢުލޫމާތު
- ދުނިޔެއަކީ ފުއް ގުޅައެއް ހެން ވަށްކޮން އޮންނަ އެއްޗެކެވެ. ރޮއްޓެންހެން ފަތާކޮށް އޮންނަ އެއްޗެއް ނޫނެވެ. މިހެނެއް ކަމަކު ދުނިޔެއަކީ
ފަތާކޮށް އޮންނަ އެއްޗެއްކަމަށް ގަބޫލުކުރާ ބަޔަކު މިހާރުވެސް އުޅެއެވެ. ފަތާ އެއްޗެއްގެ މައްޗަށް ހަނދު އަރައިފިނަމަ، އޭގެ ހުރިހާ ތަނަކަށް އެއް ވަގުތަކު އަލިވާނެއެވެ. ނަމަވެސް ވަށް އެއްޗެއްގެ މައްޗަށް ހަނދު އަރައިފިނަމަ، އޭގެ ވަށައިގެންވާ ހުރިހާ ހިސާބަކަށް އައްޔެއް ނުވާނެއެވެ. ދުނިޔެއަކީ ފުއްގުޅައެއް ފަދައިން ވަށް އެއްޗެއްކަމަށް އެތައް ބުރުހާނެއް ވެއެވެ. އެހެންކަމުން، ދުނިޔޭގެ ހުރިހާ ތަނަކަށް އެއް ދުވަހަކު ހަނދު ފެނުމަކީ މުސްތަޚީލު ކަމެކެވެ. މިހެންކަމުން، ދުނިޔޭގެ ހުރިހާ ޤައުމަކަށް އެއް ދުވަހަކު ރޯދަމަސް އައުމަކީ ވާނޭ ކަމެއް ނޫނެވެ.
-
އިނގިރޭސި ބަހުން ”ނިއު މޫން“ ނުވަތަ ”އައު ހަނދު“ ކިޔާ ވަގުތާއި ދިވެހިބަހުން ހުޅެވިހަނދު ނުވަތަ ޢަރަބި ބަހުން ހިލާލު ކިޔާ ވަގުތަކީ އެއް ވަގުތެއް ނޫނެވެ. މިއީ ހަނދުމަހާ ބެހޭގޮތުން ވާ އަރައިރުމުގެ ބޮޑު އެއް މައްސަލައެވެ. ހަނދު ދައުރުވާ ގޮތުން ކުޑަވަމުން ގޮސް އެންމެ ކުޑަވެފައި އަނެއްކާ ބޮޑުވެއެވެ. ހަރަށް އަރުވައި ބައިސްކަލުގެ ފުރޮޅެއް އަނބުރާލައިފިނަމަ، އެ މަޑުވަމުން ގޮސް މުޅިން ހުއްޓިފައި ނޫނީ ނުވަތަށް ނުއެނބުރެއެވެ. ހަމަ މިފަދައިން، ހަނދު ކުޑަވަމުން ގޮސް އެންމެ ކުޑަވެ، ނުފެންނަ ވަގުތުކޮޅެއް ގޮސްފައިނޫނީ ބޮޑެއް ނުވާނެއެވެ. އެއްވެސް ގޮތަކަށް އައްޔެއް ރިވެލިނުވާ ވަރަށް ހަނދުގެ އަލި ފަނޑުވާ ވަގުތަކީ ނިއު މޫން ނުވަތަ އައު ހަނދު ”އުފަންވާ“ ވަގުތެވެ. މިއީ ހަނދު ނުފެންނަ ހިނދުކޮޅެކެވެ. ހުޅެވިހަނދަކީ، ނުވަތަ ހިލާލަކީ އެއްވެސް އާލަތެއް ބޭނުން ނުކޮށް، ހަމަ ލޮލަށް ހަނދު ފެންނަ ފެނުމެވެ. މި މިންވަރަށް ހަނދުން އަލި ރިވެލިވަނީ އުފަންވާ ފަހުންނެވެ. ފަހެ، (ވަކި ތަނަކަށް) ހަނދު އުފަންވާ ވަގުތަކީ ހިސާބުކޮށް ބަރާބަރަށް އެނގޭ ވަގުތެކެވެ. ނަމަވެސް، ހަމަ ލޮލަށް އެ ފެންނަ ވަގުތު ހިސާބުކުރުމުގައި އެތައް މައްސަލަތަކެއް ދިމާވެއެވެ. ހުޅެވިހަނދު ފެންނާނީ ހަނދު އުފަންވާ ފަހުން ގާތްގަޑަކަށް އުދަރެހަށް ވުރެ 10 ޑިގްރީ މަތީގައި ހުރި ނަމައެވެ. ނަމަވެސް މި ވަގުތަކީ އުދަރެހުގައި ގަދަ ދަޅައެއް ހުންނަ ވަގުތެއްކަމުންނާއި އެހެން މައްސަލަތަކާ ގުޅިގެން ހަނދު ފެންނަ ވަގުތު ހިސާބުކުރުމުގައި ދަތިތަކެއް ދިމާވެއެވެ. ބައެއް ފަރާތްތަކުން އެތައް އަހަރެއް ވަންދެން ހަނދު ފެނޭތޯ ބަލައި، ތަޖުރިބާކޮށް ތާވަލުތައް ހަދާފައި ހުރެއެވެ. މިއޮތީ ޚުލާޞާ އެކެވެ.
-
ރޯދަމަހުގެ ހަނދު ސާބިތު ކުރުމުގައި ހަތަރު ގޮތެއް ޤައުމުތަކުން ބޭނުން ކުރެއެވެ. އެއްވަނަ ގޮތަކީ އެއްވެސް ޤައުމަކަށް ހަނދު ފެނިއްޖެނަމަ، ރޯދަމަސް ފެށުނު ކަމަށް ބެލުމެވެ. ދެވަނަ ގޮތަކީ ފަލަކީ ހިސާބުން ބެލުމެވެ. ތިންވަނަ ގޮތަކީ އެ ސަރަޙައްދަކަށް (މިސާލަކަށް ދިވެހިރާއްޖެއަށް) ހަނދު ފެނުމުން ރޯދަމަސް ދިވެހިރާއްޖެއަށް ފެށުނު ކަމަށް ބެލުމެވެ. ހަތަރު ވަނަ ގޮތަކީ މައްކާއަށް ފެނުމުން އެހެން ޤައުމުތަކަށް ވެސް ރޯދަމަސް އައީކަމަށް ބެލުމެވެ. މިއިން ކޮންމެ ގޮތަކަށް ވެސް އެކި ފިޤުހުވެރިން އެކި ޒުވާބު ނެރެތެވެ. ފަހެ، އިމާމް ޝާފިޢީގެފާނު ބުރަވެވަޑައިގަންނަވަނީ ތިންވަނަ ގޮތަށް ކަމަށް މި ލިޔުމުގައި ވެއެވެ. ހަނދުލެއްވުމަށް ބަޔާންކުރެވުނު ހަތަރު ގޮތުން ކުރެ އެކި ގޮތްގޮތަށް ހުރި ދަލީލުތައް ސަރީޙަކުރަން ދޫކޮށްލާނީ ފިޤުހުވެރިންނަށެވެ.
-
އެތައް ދުވަހެއްގެ ތަޖުރިބާތަކަށާއި ފަލަކީ ހިސާބަށް ބަލައި، ހަނދު ފެންނާނޭ ސަރަޙައްދުތައް ފާހަގަކޮށް ހަދާފައިވާ ކޮމްޕިއުޓަރު ޕްރޮގްރާމްތައް ހުރެއެވެ. [އަންނަނިވި ދެތިން ޖުމުލައަކީ މި މަޒުމޫނު 2018 ގައި ޝާއިޢުކުރި އިރު ލިޔެފައިވާ ބައެކެވެ. މިގޮތުން އެންމެ ގިނަ ދުވަސްވީ އެއް ޕްރޮގްރާމަކީ ބަންގްލާދޭޝް މީހަކު ހަދައިފައިވާ މި ޕްރޮގްރާމެވެ. ތިރީގައި އެވަނީ މިފަދަ ޕްރޮގްރާމަކުން ކުރަހާފައިވާ ޗާޓެކެވެ. މިޗާޓުން ފެންނަ ގޮތުގައި، 2018 ވަނަ އަހަރުގެ މެއި މަހުގެ 16 ވާ ބުދަ ދުވަހު ދިވެހިރާއްޖެއަށް ހުޅެވި ހަނދު ހަމަލޮލުން ފެންނާނެއެވެ. އޭގެކުރީ ދުވަހު، 15 މެއި ވާ އަންގާރަ ދުވަހު ހަނދު ނުފެންނާނެ ކަމަށް މި ލިޔުމުގައި ވެއެވެ.] 2020 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދާ ބެހޭ ގޮތުން، މި ޕްރޮގްރާމުން ދައްކާގޮތް ތިރީގައިވާ ޗާޓުން އެ ފެންނަނީއެވެ.
- ޤައުމީ އެކުވެރިކަމަށްޓަކައި، އެންމެ ރަނގަޅު ގޮތަކީ، ކަމާ ބެހޭ ފަރާތްތަކުން ރޯދަމަހުގެ ހަނދުލެއްވުމުން ރޯދަ ހިފަން ފެށުމެވެ. ކަމަކާ މަސްއޫލުކުރެވިގެންވާ ބަޔަކު އެކަން ރަނގަޅަށް ނުކޮށްފިނަމަ، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެބައެކެވެ..
މި ޗާޓުގައި، ފެހިކޮށް އެވަނީ ހަމަލޮލަށް މޭ 24 ވާ ބުރާސްފަތި ދުވަހު ހަނދު ފެންނާނޭ ތަންތަނެވެ. މިތަންތަނުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ހުޅަނގު ބައްރުތަކެވެ. ނޫކުލައިގައި އެވަނީ އުޑުމަތި ސާފުނަމަ ހުޅެވި ހަނދު ފެންނާނޭ ސަރަޙައްދު ތަކެވެ. އަޅިކުލައިގައި އެވަނީ ދުރުމިއެއް ފަދަ އެއްޗެއް ބޭނުންކޮށްފި ނަމަ، ހަނދު ފެންނާނޭ ސަރަޙައްދުތަކެވެ. ރަތް ބައިގައި އެފްރިކާގެ ގިނަ ޤައުމުތަކާއި ސަޢޫދީ އެރެބިއާގެ ތަންކޮޅެއް އަރައެވެ. މިތަންތަނަށް ހަނދު ފެންނާނީ ބާރުގަދަ ދުރުމިއެއް ބޭނުންކުރާނަމައެވެ. އެހެންކަމުން، ދިވެހިރާއްޖެއިން ހަމަ ލޮލަށް ބުރާސްފަތި ދުވަހު ހަނދު ފެނުމުގެ ޗާންސް ވަރަށް ކުޑަކަމަށް (ނެތްކަމަށް) މި ޗާޓުން ދައްކައެވެ. މި ޙާލަތުގައި، ސަލަފުންގެ ދުވަސްވަރު، ހަނދު ލައްވާނީ ކޮން ދުވަހަކު ބާވައެވެ؟
އައު ހަނދު އުފަންވަނީ 23 އޭޕްރިލް ވާ ބުރާސްފަތި ދުވަހު ޖީއެމްޓީ ގަޑިން ދަންވަރު 2:26 ގައި ކަމަށް ޗާޓުގައި ފާހަގަކޮށްފައި ވެއެވެ. ދިވެހި ރާއްޖޭގެ ގަޑި ޖީއެމްޓީއަށް ވުރެ 5 ގަޑިއިރު އަވަސްކަމުން، ހަނދު އުފަންވާނީ ރާއްޖޭ ގަޑިން ބުރާސްފަތި ދުވަހު ހެނދުނު7:26 ގައެވެ. ހަނދު ލޮލަށް ފެންނަނީ އުފަންވާ ފަހުން 17 އާއި 23 ގަޑިއިރު ފަހުންނެވެ. ފެންނަ ގަޑި ތަފާތުވާ ސަބަބަކީ ހަނދު އަދި ދުނިޔެ އެނބުރެނީ ސީދާ ވަށްކޮށް އޮންނަ އޯބިޓެއް ނުވަތަ މަދާރެއް ގައި ނޫންކަމަށް ވާތީއެވެ. އަހަރުގެ އެކި ދުވަސް ވަރު، ހަނދާއި ދުނިޔެ އާއި އިރާ ހުންނަ ދުރުމިންތައް ތަފާތެވެ. ޔަޤީންކުރުމުގެ ގޮތުން މި ސައިޓުން ދިވެހިރާއްޖެއަށް އައު ހަނދު އުފަންވާ ވަގުތު ބެލީމެވެ. ނަތީޖާ ތިރީގައި އެވަނީ އެވެ. ކުރިއާ އެއްގޮތެވެ.
މިކަންކަމުން އަޅުގަނޑަށް ދޭހަވީ، ކޮންމެ މަހެއްގެ ހަނދު ސަރުކާރުގެ ފަރާތުން ބެލުމަކީ ޙަޤީޤަތުގައި ވަރަށް މުހިއްމު ކަމެއް ކަމެވެ. ރޯދަމަސް ފެށުމަށް ހަނދު ފެނުމަކީ މުހިއްމު ކަމެއް ކަމަށް ވާނަމަ، ރާއްޖެއަށް ހަނދު ލައްވަން ވާނީ ރާއްޖޭގެ އިރުމަތީ ބިތުގެ ކޮންމެސް ޤައުމަކަށް ހަނދު ފެނުމުންނެވެ. ރާއްޖޭގެ ހުޅަނގުގައިވާ ސަޢޫދީ އެރެބިއާއަށް މިކަމުގައި ތަބަޢަ ވުމަކީ ފަލަކީ ނަޒަރުން ހަމަބުއްދިއާ އިނދިކޮޅު ކަމެކެވެ.
އަޅުގަނޑު ދެން ނަކަލުކޮށްލާނީ ހަނދު ބެލުމާ ބެހޭ ގޮތުން ކުރިން ނަން ގެނެވުނު ލިޔުމެވެ. މި މަޒުމޫނު ލިޔުމުގެ އަޞްލު ބޭނުމަކީ އެ ލިޔުން ގެނެސްދިނުމެވެ. މި ލިޔުމަކީ ރާއްޖޭގައި ހަނދުގެ ހިސާބުތައް ކޮށް އުޅުއްވި އޯރްމާން ޢަލީ މާހިރުގެ ލިޔުއްވުމެކެވެ. ހަނދުބެލުމުގެ ކަންތައްތައް ބޮޑަށް ދެނެގަންނަން އެދޭ ފަރާތްތަކަށް އަގުހުރި ލިޔުމެކެވެ. ޢަލީ މާހިރަކީ މިޞްރުން ކިޔަވާވިދާޅުވެ، ހޭލުންތެރި މީހުން ރާއްޖޭގައި ވަރަށް މަދު އިރު، ކިޔަވައިދެއްވައި، ސަރުކާރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ވަރަށް އާލާސްކަންފުޅާ އުޅުއްވާތީ، އޭނާއަށް ހެޔޮ ރަޙްމަތަށް އެދެމުން މި ނަކަލުކޮށްލަނީ، 1 ޖަނަވަރީ 1979 ގައި ނެރުނު ”ފާގަތި“ މަޖައްލާގައި ހިމެނޭ އޭނާގެ މަޒުމޫނެކެވެ. މިފަދަ އެހެން މަޒުމޫނެއް ދިވެހިބަހަކުން ލިޔެވިފައެއް ނުވެއެވެ. މި ލިޔުމުގައި، (ހިސާބު ޢިލްމުގެ ބަހުރުވައިން ބުނާ ނަމަ) ހަނދު ފެނުމުގެ ”ޖެނެރަލް ސޮލޫޝަން“ އެއް އޭނާ ހުށަހަޅުއްވާފައި ވެއެވެ.
ހުޅެވި ހަނދާ މެދު ޚިޔާލެއް
މާ އިހު ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ތާރީޚް ޖަހާ އުޅެނީ ހިޖުރީ ސަނަތުން ކަމަށް ވުމާއެކު، ހަމަ ކޮންމެ މަހަކަށް ހަނދުބަލާ އުޅުނޫއެވެ. އެ ދުވަސްވަރު އިންޑިޔާގެ ބޮމްބޭގައި ޝާއިޢުކުރާ (ތަޤްދީމް) ގެނެސްގެން އޭން ބޭނުން މަޢުލޫމާތު ނަގާ އުޅުނެއް ކަމަކު އޭގާ އޮންނަ ގޮތަށް (ބޮމްބޭގެ لفية ގައި) ހަނދު، މި ރާއްޖޭގައި ނުފެންނަ ވާހަކަ އެއީ އޭރު ޢާއްމު ވާހަކައެކެވެ. އޭރު ހަނދު ލައްވާ އުޅެނީ ޤަޞްރުގެ ދުރުމިނަށެވެ (44 ކަނޑުގެ މޭލަށެވެ). ހަނދު ފެނުނު ބަޔަކަށް އެންމެ އަވަހަށް ދެވުނު ރަށެއްގެ ނާއިބު އޮފީހުންނެވެ. މާލޭގައި ނަމަ އުއްތަމަ ފަޑިޔާރު މަނިކުފާނެވެ. މިހެންގޮސް މީގެ ސާޅީހަކަށް އަހަރު ކުރިން އަލްމަރްޙޫމް ތުއްތު ޞާޙިބް (އިސްމާޢީލް ކަލޭގެފާނު ތުއްތު) ނަމާދު ވަގުތާއި ކަލަންޑަރ ހައްދަވަން ފެއްޓެވީއްސުރެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މީގެ 17 ވަރަކަށް [އަހަރު sic] ނުވަތަ މިއަށްވުރެ ވެސް މާކުރިއާ ޖެހެންދެން މަތީގައި ބަޔާން ކުރެވުނު ގޮތަށް ހަނދުބަލާ އުޅުނޫ އެވެ. އެ ދުވަސްވަރު ކަލަންޑަރ ހައްދަވަނީ މާލެއަށް ކަމަށް ވުމާއެކު ބައްލަވަމުން އައީ މާލެއަށް (ކަނޑުގެ ސަޠަޙައަށް) އިރު އޮއްސޭއިރު ހުޅެވި ހަނދު އުފެދިފައި، އަދި މަދުވެގެން 27 މިނިޓް ހަނދު އޮއްސޭން ހުރި ނަމަ، އެރޭ އެކެއް ކޮށެވެ. މިގޮތުން 27 މިނިޓް މަތީގައިވާ ހަނދެއް ޚުދު ތުއްތު ޞާޙިބު ވެސް ދެކެލެއްވިކަމަށް (މާލޭގައި) އަޅުގަނޑުގެ ގާތު ބުނުއްވި ހަނދާން ރަނގަޅަށް އެބަހުއްޓެވެ. ރަމަޟާން، ޝައްވާލު، ޛުލްޙިއްޖާ މި ތިން މަހަށް ނޫން އެހެން މަސްމަހަށް ކަލަންޑަރުގައިވާ ގޮތަށް ހަނދުމަސް އެކެއް ކޮށް ތާރީޚް ޖަހަން ދައުލަތުން ހަމަޖެއްސެވުމުން (އަދި ތަންކޮޅެއް ފަހުން ޛުލްޙިއްޖާ މަސްވެސް ކަލަންޑަރުގައިވާ ގޮތަށް އެކެއް ކުރުމަށް ހަމަޖެއްސެވުމުން) ހަނދުބަލަނީ ހަމައެކަނި ރަމަޟާން، ޝައްވާލު މިދެމަހަށެވެ. އޭގެ ތަންކޮޅެއް ފަހުން މި ދެމަހަށް، ރާއްޖޭގެ ސިޔާސީ ސަރަޙައްދުގެ ތެރޭގައި އެއްވެސް ބަޔަަކަށް ހަނދު ފެނިއްޖެ ނަމަ ހަނދުލައްވާގޮތަށް ހަމަޖެހިއްޖެއެވެ. އޭރު ރޭޑިއޯ ޓެލެފޯނުން (އެޓޮލްސް ޑިވިޝަން މެދުވެރިކޮށް) މަސްއަލާ އުއްތަމަ ފަނޑިޔާރުމަނިކުފާނަށް ދަންނަވައި ނިންމަވަނީ އެވެ. އުއްތަމަ ފަނޑިޔާރުކަން އުވާލެއްވުމުން، ހަނދުލައްވަނީ ރާއްޖޭގެ ތަނަކަށް ފެނިއްޖެ ނަމަ، އަތޮޅުކޯޓުންނެވެ. ނުވަތަ ނާއިބުގެ އޮފީހުންނެވެ. މާލޭގައި ނަމަ ކުރިން ފަނޑިޔާރުގޭން ހަނދުބަލަން ޚާއްޞަ ބަޔަކު ދެއެވެ. މިހާރު ޕީ.އާރ.އެފް ޑިވިޝަނުން މި ރަމަޟާން، ޝައްވާލް އަށް ހަނދުބަލަން އެތާގެ ބަޔަކު ފޮނުއްވައެވެ. ވަޒީރުލްއައުޡަމް އޮފީސް (ށ) އެތަން އުވުނު ފަހުން، ޕީ.އާރ.އެފް. [ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް] ޑިވިޝަނުންނެވެ. ޑީ.ސީ.ޑީ [ޓެލެކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓް] މެދުވެރިވެގެން ރާއްޖެތެރެއަށް ފެނިގެން ލައްވާ ހަނދު މާލޭގެ ކަމާބެހޭ ތަނަށް އަންގަވަނީ އެވެ. އެތަނުން މާލެއަށާ ރާއްޖެތެރެއަށް ރޭޑިއޯ މޯލްޑިވްސް ގެ ޛަރީޢާ އިންނާއި، ނޫސްނޫހުގެ ޛަރީޢާ އިން އިޢުލާނު ކުރައްވަނީ އެވެ. މިހާރުވެސް މިގޮތަށް މިކަން ހަމަޖެހިފައިވާ ކަމަށް ލަފާ ކުރެވެއެވެ.
ތުއްތު ޞާޙިބު ކަލަންޑަރ ހައްދަވާ އުޅުއްވި ދުވަސްވަރު ”ކަލަންޑަރ ގައި ހަނދު ނުފެންނަކަމަށް އޮތް ނަމަ، ހަމަ ހަނދެއް ނުފެނެއޭ — ފެންނަށް އޮތީވިއްޔާ އުޑުމަތި ސާފުނަމަ ހަމަ ފެނެއޭ“ މިއީ ޢާއްމުންގެ ތެރޭގައިވެސް ދެކެވޭ މަޝްހޫރު ވާހަކައެކެވެ. އަޅުގަނޑަށް ލަފާ ކުރެވުނު ގޮތުގާ މީގެ ދިހަވަރަކަށް ނުވަތަ (11 ވަރަކަށް އަހަރު) ކުރިން ރާއްޖޭގެ ނިސްބަތުގައި އިރު އޮއްސުނު އިރު ފެންމަތީގައި ނެތް ހަނދެއް ރަމަޟާން މަހަށް ފެނިގެން ގދ.ގައްދޫ ނާއިބު އޮފީހުން ހަނދުލައްވައި މުޅި ރާއްޖެއަށް އެގޮތަށް ރަމަޟާން 1 ކުރުމަށް އިޢުލާނު ކުރެވުނެވެ. އޭގެ ފަހުން ކަޑައެޅިގެން ދުރުމީއަށް ވެސް ނުފެންނާނެ ހިސާބު ތިރީގާ (15 މިނިޓް 14 މިނިޓް މަޘަލަން) ހުރި ބައެއް ހުޅެވި ހަނދާއި، އަދި އެންމެން ވެސް ދަންނާނޭ ފަދައިން، މިދިޔަ ފިޠުރު ޢީދުގެ ހަނދު (މުޅި ރާއްޖޭގެ ނިސްބަތުގައި އިރު އޮއްސުނު އިރު ފެނުން މަތީގައި ނެތް) ވެސް ފެނިއްޖެ ކަމަށް ބަޔަކު ހެކިދީގެން ވަނީ ލެއްވިފައެވެ. އަދި އެހެން ބައެއް އިސްލާމީ ދައުލަތްތަކުގައި ވެސް، މިދުވަސް ވަރު މިހެން ދިމާވެފައި ވެއެވެ.
މިކަމާ ބެހޭ ގޮތުން ބައެއް މީހުން ކުރި ސުވާލުގެ ޖަވާބު ދިނުމަށްޓަކައި އަޅުގަނޑު ގްރީނިޗް އޮބްޒަރވޭޓަރީގެ ޑިރެކްޓަރަށް ލިޔުނު ސިޓީގެ ޖަވާބު ގައި (އެއީ މިދިޔަ ޛުލްޤަޢިދާ މަހު ލިބުނު ޖަވާބެކެވެ) ވަނީ، އިރު އޮއްސޭއިރު އިރާ ހަނދާ ދެމެދު ޖިއޮސެންޓްރިކް އޭންގިޔުލަރ ޑިސްޓަންސް 7 ޑިގްރީ އަށް ވުރެ ގިނަ ނޫން ނަމަ، އެއްވެސް ޙާލަތެއްގައި ދުރުމީއަކަށް ވެސް ހަނދެއް ނުފެންނާނެ އެވެ.
އެ ސިޓީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އަޅުގަނޑު ވިސްނި ވިސްނުމަށް ފެންނަނީ ހަނދުބަލާ ތަނަކަށް އިރު އޮއްސޭއިރު މަދުވެގެން އިރު ހަނދާ ދެމެދުގެ ޓްރޫ ޖިއޮސެންޓްރިކް އޭންގިޔުލަރ ޑިސްޓަންސް (D) ތިރީގައިވާ ފޯރމިޔުލަރގައިވާ ވަރަށް މަދުވެގެން ވާނަމަ ނޫނީ ދުރުމީއަށް ވެސް ހަނދު (ހަނދު ހުރިތާނގައި ވިލާރޮއްޖެއް ވެސް ނެތި، ކިލަނބުކަމެއް ވެސް ނެތިވުމާއެކު) ކަޑައެޅިގެން ނުފެންނާނެ ކަމަށެވެ. (ހަނދު ބަލާ ރޭ) އިރު އޮއްސުމުގެ ކުރިން ހަނދު އެއްވެސް ޙާލެއްގައި ނުފެންނާނެއެވެ. ފެންނާނީ އިރު އޮއްސުނީމައެވެ.
D = 7° + f1 (A) + f2 (∆d) + f3 (S.D) – f4 (dip) + f5 (T.P.H) + f6 (E) + f7 (L)
މީގައި އެންމެ ބޮޑީ f1 އެވެ. އެހެން f ތައް ކުޑަކަމުން ދޫކޮށްލެވިދާނެ އެވެ. ˚F1 5 ވަރުވެސް ވެދާނެއެވެ.
(˚7 އަށް ވުރެ D މަދު ނަމަ — އެއްވެސް ޙާލެއްގައި ދުރުމީއަކަށް ނުފެންނާނެ އެވެ.) f1 ގިނަވަނީ A މަދުވި ވަރަކަށެވެ. މަދުވަނީ A ގިނަވި ވަރަކަށެވެ. A އަކީ ލޮލަށް ފެންނަ އުދަރެހުގެ މައްޗަށް ހަނދުގެ މެދުގެ އުރިޓްރޫ އެލްޓިޓިއުޑް އެވެ. މި ގާތްގަޑަކަށް ¼6 ނަމަ f1 ސުމެކެވެ. f1 އަބަދުވެސް + އެވެ. ތަނުގެ ޢަރުޟު (ލެޓިޓިއުޑް) އަދި ހަނދުގެ ޑެކްލިނޭޝަން މި ދޭތިން A ހޯދިދާނެ އެވެ. f2 ގިނަވަނީ dΔ މަދުވި ވަރަކަށެވެ. މަދުވަނީ dΔ ގިނަވި ވަރަކަށެވެ. f2 ވެސް އަބަދު + އެވެ. dΔ އަކީ އިރު ހަނދާ ދޭތީގެ ޑެކްލިނޭޝަންގެ ފަރަގެވެ. f2 ގިނަވާނީ dΔ ސުމެއް ނަމައެވެ. f2 ސުމަކަށް ވާނީ ”dΔ 5˚.08 ނަމައެވެ. f3 ގިނަވާނީ ހަނދުގެ S.D (ސެމިޑަޔަމީޓަރ) މަދުވި ވަރަކަށެވެ. f3 މަދުވާނީ S.D ގިނަވި ވަރަކަށެވެ. ސުމަކަށްވާނީ S.D (ހަނދުގެ) އެންމެ ބޮޑުކޮން ހުންނަ ދުވަސްވަރުއެވެ. f3 އެންމެ ގިނަވާނީ S.D (ހަނދުގެ) އެންމެ ކުޑަވާ ދުވަސްވަރުއެވެ. f3 ވެސް އަބަަދުވެސް + އެވެ. dip އަކީ، ބަލާމީހުންގެ ލޯ، ކަނޑުގެ ސަޠަޙަގެ މައްޗަށް ހުންނަ ވަރެވެ. (ފޫޓުންނެވެ). ކަނޑުގެ ސަޠަހަގައި ލޯ ވާނަމަ، f4 ސުމެކެވެ. f4 އަބަދުވެސް + ވުމާއެކު dip ގިނަވި ވަރަކަށް ގިނަވެއެވެ. (މި ފޮރުމިޔުލާ ކަމުދާނީ dip ދެހާސް ފޫޓަށް ވުރެ މަދުނަމައެވެ.) f5 ޓެމްޕަރެޗަރ (T) އަދި ޕްރެޝަރ (P) އަދި ރެލެޓިވް ހިޔުމިޑިޓީ (H) ގެ މައްޗަށް ބިނާވެގެން ވެއެވެ. އަދި f5 + ނުވަތަ – ވެސް ވެދާނެއެވެ. އަދި ވަކި ޚާއްޞަ H.P.T އަކަށް f5 ސުމެއް ކަމުގައި ބެލިދާނެއެވެ. E އަކީ ބަލާމީހާގެ ލޮލުގެ ތޫނުކަން ޑިގްރީ އިން (˚) އަންގާދޭ ޔުނިޓެކެވެ. F7 ވެސް + އަދި – ވެދާނެއެވެ. L އަންގާދެނީ ކަނޑުގެ ސަޠަޙަގެ ބާވަތެވެ. ކަނޑު މަތީގައި ނުވަތަ ހަނަފަސް ޞަޙަރާ ނުލާ L ވެސް ޑިގްރީއިން (˚) ބަޔާން ކުރެވިދާނެއެވެ. މި f ތައް އެއީ ފަންކްޝަން (މެތެމެޓިކަލް) ތަކެކެވެ. އޭގެ ބާވަތްތައް އެތައް އަހަރަކަށް އަދި އަހަރު ދުވަހުގެ ތެރޭގައި ތަފާތު ތަންތަނުގައި ހަނދާއި އިރު ހުންނަ އިރު، ތަޖުރިބާ ކުރުމުން އެގިދާނެ އެވެ. މީގެ ތަފްޞީލް މާ ދިގުވެދާނެތީ ނުދެންނެވީ އެވެ.
ދިވެހިރާއްޖެއަށް ޢަރުޟު ކުޑަކަމުން D (15˚–7˚N) އެއްވެސް ޙާލެއްގައި ˚8 އަށް ވުރެ ބޮޑު ވާނެކަމަކަށް ނުފެނެއެވެ. ނަމަވެސް ލަންޑަން އަށް (51° N) 10˚ ކަމުގާ ވެސް ވެދާނެއެވެ.
ވީމާ ތަފާތު ތަންތަނަށް ހަނދު ފެންނާނީ، ވިލާ ނެތްނަމަ، ތަފާތު ހިސާބު ހިސާބުގައި ހަނދު ހުރުމުންނެވެ. ދިވެހިރާއްޖެއަށް D °7 —°8 އާ ދެމެދުކަމުގާ ބެލެވިދާނެއެވެ. ނުވަތަ D °7 އަށް ވުރެ ގިނަ ނޫންނަމަ، ކަނޑައެޅިގެން ނުފެންނާނެކަމަށް، ˚8 ގިނަ ނަމަ ކަނޑައެޅިގެން ފެންނާނެކަމަށް ބެލެވޭނެއެވެ.
ކްވޮލިޓޭޓިވް ގޮތަށް ބަލާއިރު، ހަނދު ފެންނަނީ އެ ފެންނަ ވަގުތު ހަނދުގެ ހުންނަ އަލިކަން، އެ ހުރި ތަނެއްގެ ރަތްވިލާ އައްޔަތް ވުރެ ލޮލަށް ނުވަތަ ދުރުމިއަށް އެގޭވަރަށް ގަދަވުމުންނެވެ. ރަތްވިލާގެ އަލިކަން މަޑުވަމުންދާ ވަރު (ރަތްވިލާ އޮއްސޭވަރު) ހަނދު އޮއްސޭ ވަރަށް ވުރެ މާ އަވަސްކަމުން، ހަނދު ވަކި ހިސާބެއް މަތީގާ އިރު އޮއްސުނުއިރު ހުރިނަމަ، ހަނދު އޮއްސުމުގެ ކުރިން ހަނދު ހުރި ހިސާބުގެ އަލި ހަނދުގެ އައްޔަށްވުރެ ފަނޑުވެ (ނުވަތަ ހަނދަށް ވުރެ އަލި މަޑު ހިސާބެއް ހަނދާ ހަމައަށް އައިސް) ހަނދު ފެނިދެއެވެ. ހަނދު އޮއްސުނު އޮއްސުނުހެން، ހަނދާ އިރާ ދުރުވަމުންދާ ކަމަށްޓަކައި ވެސް، ހަނދުގެ އަލި ހިސާބަކަށް ގަދަވަމުން ދެއެވެ. މިގޮތުން އެންމެ ސާފުކޮށް ހަނދު ފެންނާނީ ހަނދުގެ ތިރީ ކައިރި އުދަރެހުގައި ޖެހިފައި ހުންނަ އިރުއެވެ. އިރު އޮއްސޭއިރު އިރުން ފެށިގެން މައްޗަށް ވަކި ރޭޓަކުން އަލި މަޑުވަމުން ދެއެވެ. އަދި އިރުގެ ދެ ފަރާތް އުދަރެސް އޮތް ގޮތަށް ވެސް ވަކި ރޭޓަކުން ފަނޑުވަމުން ދެއެވެ. ކަނޑުގެ ސަޠަޙަ އިން މީހާ ގެ އުސްމިން ބޮޑުވިވަރަކަށް އިރު އޮއްސޭއިރު ހުންނަ އަލި ފަނޑުވާނެއެވެ. ވިމާ، މާ ތިރީގައި ހުރި ހަނދެއް ވެސް، އެ އޮއްސުމުގެ ކުރިން ފެނިދެއެވެ. ނަމަވެސް ކަނޑުގެ ފެންވަރަށް ވުރެ މާ މަތީގައި (އެންމެ އުސް ފަރުބަދައަކަށް ވުރެ ވެސް) ވާނަމަ، އިރު އޮއްސޭއިރަށް ރަތްވިލާ އަލި ކެނޑިދެއެވެ. އަދި އިރު ނުއޮއްސޭއިރުވެސް އުޑުގެ އަލި މާ މަޑުވުމުގެ ސަބަބުން، ދުވާލުވެސް ހަނދު ފެނުން އެކަށީގެން ވެއެވެ. ނަމަވެސް މީ މައުޟޫޢު އިން ބޭރު ވާހަކައެކެވެ. އެއީ ބިމުގެ މަތީގާ (ފަރުބަދައެއް ނަމަވެސް) ހުރެގެން ހަނދު ފެންނާނޭ ހިސާބާ މެދު ވާ މައުޟޫޢު އެކެވެ.
މިވަގުތު ހަނދުގެ މައްސަލަ އިސްލާމީ ދުނިޔޭގެ ދައުލަތްތަކުގެ ތެރޭން، ޕާކިސްތާނާއި މިޞްރުގައި ބަލާގޮތް ނޫނީ އަޅުގަނޑަށް އެނގިފައެއް ނުވެއެވެ.
-
ޕާކިސްތާނުގައި، ރަސްމީ ޓައިމުން ހަނދުބަލާ ރޭގެ ކުރީރޭ 12 ޖެހުމުގެ ކުރިން ހުޅެވި ހަނދު ނުއުފެދުނުނަމަ، ކަލަންޑަރ ގައިޖަހަނީ އެރޭ ހަނދު ނުފެންނާނެ ކަމަށެވެ. އުފެދުނުނަމަ، ފެންނާނެކަމަށް އެކެއް ކޮށެވެ. ވީމާ، ހަނދުބަލާ ވަގުތު ޙަނދުގެ “ޢުމުރު” އަކީ އެންމެ މަދުވެގެން ވެސް ގާތްގަޑަކަށް، 18، 19، 17 ގަޑިއިރެވެ.
-
މިޞްރުގައި ހަނދުބަލާ ރޭ، އިރު އޮއްސޭއިރު، ހުޅެވި ހަނދު އުފެދިފައިވުމާއެކު ދޭތި އެކީގައި ނުވަތަ އިރުކުރިން އޮއްސޭނަމަ، އެރޭ ހަނދު ފެންނާނެކަމަށް އެކެއް ކޮށެވެ. މި ހިސާބު ހަދަނީ ކަނޑުގެ ސަޠަޙަ ގެ އުސްމިނަށެވެ. އެއީ މިޞްރުގެ ސިޔާސީ ސަރަޙައްދުގެ ތެރޭން މިގޮތަށް ބަލާނަމަ، ހަނދު ފެނުން އެންމެ ގާތް ތަނަކަށް ކަމެއް ވަކި ރަށަކަށް (ޤާހިރާ ފަދަ) ކަމެއް އެނގިފައެއް ނުވެއެވެ.
-
ދިވެހިރާއްޖޭގައި 73˚.30’E.4˚N [ބައެއް ބުރައުސަރ ތަކުގައި މިޢަދަދުތައް ތަރުތީބު ނުބައިކޮށް ދައްކަފާނެއެވެ.] އަށް، އިރު އޮއްސޭއިރު (ކަނޑުގެ ސަޠަޙައަށް) ހުޅެވި ހަނދު އުފެދިފައި ވުމާއެކު މަދުވެގެން ހަނދު އޮއްސޭން ދިހަ މިނިޓް ވާނަމަ، އެރޭ އެކެއްކޮށް ފެންނާނެ ކަމަށް މާލޭގައި މިހާރު ނުކުންނަ ކަލަންޑަރގައި ބެލެވެއެވެ. އެއީ، އަލްފާޟިލް މުޙައްމަދު ޙަސަން މަނިކު، މ. ހުދު އަސުރުމާގެ ހައްދަވާ ކަލަންޑަރެވެ. ކުރިން ތުއްތު ޞާޙިބު ކަލަންޑަރު ހެއްދެވި ދުވަސްވަރު މިގޮތަށް ހަނދު ފެންނާނެ ކަމަށް އެކެއްކޮށް ޖައްސަވަނީ 17 (27؟) މިނިޓް ވާނަމައެވެ.
ނޯޓިކަލް އޯލްމެނެކް (ގްރީނިޗް އޮބްޒަރވޭޓަރީން ނުކުންނަ) ގައި ބަލަނީ އެ އޮބްޒަރވޭޓަރީ އަށް އިރު އޮއްސޭއިރު ހުޅެވި ހަނދު އުފެދުމަށްފަހު މަދުވެގެން 30 ގަޑިއިރު ވެފައިވާނަމަ، އެރޭ ހަނދު ފެންނާނެ ކަމަށެވެ. ނަމަވެސް ލަންޑަނަށް ވެސް މިގޮތަށް (20) ގަޑިއިރުގެ ”ޢުމުރު“ ގެ ހުޅެވިހަނދު ވެސް ފެނިފައި އެބަހުއްޓެވެ.
ވީމާ، ހަނދު ފެނުން ކަލަންޑަރތަކުގައި ޖަހަނީ 3 އުޞޫލަކުންނެވެ. އެއީ:
• ގައިމު ނުފެންނާނެ ހިސާބުގައި ހަނދު ވާނަމަ، ނުފެންނާނެ ކަމަށް، ނޫނީ ފެންނާނެ ކަމަށް
• ގައިމު ފެންނާނެ ހިސާބުގައި ހަނދު ވާނަމަ، ފެންނާނެކަމަށް، ނޫނީ ނުފެންނާނެ ކަމަށް
• ބައެއް ފަހަރު 1 ގައިވާ ގޮތަށް، އަނެއް ބައި ފަހަރު 2 ގައިވާ ގޮތަށެވެ.
3 ވަނަ ގޮތަށް ކަލަންޑަރ ހަދަނީ ޕާކިސްތާނުގައެވެ. 2 ގޮތަށް ނޯޓިކަލް އޯލްމެނެކް އިންނެވެ. 1 ވަނަ ގޮތަށް ކަމަށް މިޞްރު އަދި ދިވެހިރާއްޖޭގައި މިހާރު ކަލަންޑަރ ހަދާގޮތް ނުހިމެނެއެވެ. ސަބަބަކީ 13، 14 މިނިޓް މަތީގައި ހުންނަ ހަނދު އެއްގޮތަކަށް ވެސް ކިތަންމެ އުޑުމަތި ސާފަސް ނުފެންނާތީ އެވެ. ތުއްތު ޞާޙިބު ނެރުއްވި ކަލަންޑަރ ގައިވާ ގޮތަށް ގާތްގަޑަކަށް (އޭރު އޭނާ ހައްދަވަނީ މާލޭގެ ނިސްބަތުގައެވެ) 1 ގައިވާ ގޮތުން ނުފެތެއެވެ. ނަމަވެސް ފުރިހަމައަށް 1 ގައިވާ ގޮތުން ފެތެނީ، މިހާރު، މުޅި ރާއްޖޭގެ ސިޔާސީ ސަރަޙައްދުގެ ކޮންމެ ތަނަކަށް ވެސް ހަނދު ފެނުނަސް ހަނދު ލައްވާ ކަމަށްޓަކައި މި ސަރަޙައްދު ގެ ތެރޭން ހަނދު އޮއްސޭ ތަނަކަށް، އިރު އޮއްސޭއިރު ހަނދު އުފެދިފައި ވުމާ އެކު އިރާ ހަނދާ ދެމެދުގެ ޓްރޫ ޖިއޮސެންޓްރިކް އެންގިއުލަރ ޑިސްޓަންސް ˚7 އަށް ވުރެ ގިނަ ނޫން ނަމަ ނުފެންނާނެ ކަމަށް ޖެހުމުންނެވެ. މި ހިސާބު ހަދާނީ ކަނޑުގެ ސަޠަޙަ ގެ 150 ފޫޓްގެ އުސްމިނަށެވެ. (އެންމެ އުސް ގަސްގަހުގެ ދަޑީގެ އުސްމިނަށެވެ.) ވީމާ، އަޅުގަނޑު މަޒުމޫނު ނިންމާލާނީ އަންނިވި 3 ޕޮއިންޓް އިންނެވެ.
-
އެންމެ ފަހުން މި ދެންނެވި ގޮތަށް ރާއްޖޭގައި ނުކުންނަ ކަލަންޑަރތައް ހުރުމުން ޢިލްމީ އުޞޫލް އަކަށް ފެތި މާ ފުރިހަމަވާނެ ކަމަށް ފެނެއެވެ. އެއީ 7˚ D އަށް ވުރެ ގިނަ ނޫންނަމަ ހަނދު ނުފެންނާނެ ކަމަށް އޮތުމެވެ.
-
ކޮންމެ ޝައްވާލް، ރަމަޟާން މަހަކަށް ހަނދު މަހުގެ 30 ވިލޭރޭ ހަނދުބެލުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ކިފާޔަތުގެ ފަރުޟް އަކަށް ވުމާއެކު، އެކަން ފުރިހަމައަށް ކުރެވޭނެ ގޮތެއް {(އެކަށީގެންވާ) މަރްޞަދު (އޮބްޒަރވޭޓަރީ އެއް)} ހަމަޖެހިފައި ވުމަކީ ވަރަށް އެދެވޭ ކަމެކެވެ. އެހެނިހެން ގިނަ އިސްލާމީ ޤައުމުތަކުގައި ވެސް މިފަދަ އޮބްޒަރވޭޓަރީތައް ހުރެއެވެ.
-
ކަޑައެޅިގެން ނުފެންނަ ހިސާބުގާ ތިރީގައިވާ އަދިފެންމަތީގައި ނުވާ ހަނދު ހަނދު ”ދެކިގެން!!!؟“ ބައެއް މީހުން ”ހެކިދޭ ހެކިދިނުން“ އާއި މެދު ސުންނަތް ޖަމާޢަތުގެ 4 މަޛްހަބްގެ ދަންނަބޭކަލުން ދެއްވާ ޝަރްޢީ ފަތުވާ ތައް ވެސް އެގުން ބޭނުމެވެ. ޔަޢުނީ މިހެކިވާ މީސްމީހުންނަކީ ޝަރްޢީ ގޮތުން ޢަދުލްވެރިންތޯ ކޮންމެހެން ބެލުންބޭނުންތޯ އެވެ• އަދި މިފަދަ ”ހެކިބަސް“ ޤަބޫލްނުކޮށް ރައްދުކުރެވޭނެ ގޮތެއް އެބައޮތްތޯއެވެ•
ނޯޓް:
ހަނދު ފެނުމުގައި ހިސާބަކަށް އަސަރުފޯރުވާ ބަންޖެހޭ ދެ އައިޓަމެއް އަދި ވެއެވެ. އެއީ ބަލާމީހާގެ ކަނޑުގެ ފެންވަރުގެ މައްޗަށް ހުރި އުސްމިނާ އަދި ހަނދާ ބިމާ ދެމެދުގެ ދުރުމިނެވެ. ހަނދު ގާތްނަމަ، އަލިގަދަވުމުގެ ސަބަބުން ފެނުން ކުޑަ ތަންކޮޅެއް ގާތެވެ. މި ދުރުމިން ބިނާވެގެން ވަނީ نفشة ވެގެންވަނީ ހަނދުގެ S.D އަށެވެ. (ހޮރިޒޮންޓަލް ސެމިޑަޔަމީޓަރ) ކަނޑުގެ ސަޠަޙައިން މަތީގައި މަޘަލަން 5000 ފޫޓުގެ އުސްމިނުގައި ވާނަމަ، އަޅުގަނޑަށް ފެންނަނީ ކަނޑުގެ ސަޠަޙަގައި ހުރި މީހަކަށް ފެންނަވަރަށް ވުރެ އިރު އޮއްސޭ ވަގުތު އުދަރެހުން މައްޗަށް ހުންނަ އަލި ފުކެއް މަޑުވާނެ ކަމަށެވެ. ސަބަބަކީ T.Z.D ގިނަ ކަމަށްޓަކައެވެ. ވީމާ ފެނުން ތަންކޮޅެއް ގާތެވެ. ސަބަބަކީ ކަނޑުގެ ސަޠަޙައިގައި ބަލާ މީހާގެ ލޯ ވާނަމަ، އިރު އޮއްސުމަށް ފަހު، ރަތް ވިލާގެ އަލި މުޅިން ކެޑެނީ އިރުގެ T.Z.D 109˚ އަށް ދިޔައީމަ އެވެ. ނަމަވެސް DIP މަޘަލަން 4˚ ނަމަ، އިރުގެ T.Z.D އަކަށް 109˚ އަށް ވުމަށް ފަހުގައި ވެސް ރަތްވިލާގެ އަލިކަން ހުންނާނެ އެވެ. ނަމަވެސް ވަކި ވަރަކަށް ވުރެ T.Z.D ގިނަ ވެއްޖެނަމަ، ރަތްވިލާގެ އަލިކަމެއް ނުހުންނާނެ އެވެ. DIP ބޮޑުވެގެން އިރު އޮއްސޭއިރު އެ T.Z.D ގައި އިރު ހުންނަ ނަމަ، އިރު އޮއްސޭއިރު އުޑުމަތި އަނދިރިވެ ރަތްވިލާގެ އެއްވެސް އަލިކަމެއް ނުހުންނާނެ އެވެ.
ވީމާ، މި މަޒުމޫނުގައި އިސްވެ ބަޔާން ކުރެވުނު ހަނދު ފެނުމަށް ބޭނުންވާ އޭންގިޔުލަރ ޑިސްޓަންސް ތިރީގައިވާ ގޮތަށް ބަދަލުކުރެވިދާނެ އެވެ.
D = 7˚ + f1 (D’s True alt) + f2(D’s DEC ̴ ☉’s DEC) + f3(D’s S.D)+f4(DIP)
ނަމަވެސް، ކަނޑުގެ ސަޠަޙައިން ފެށިގެން 2000 ފޫޓު އުސްމިނަށް f4(DIP) ގެ އަޘަރެއް ނެތެވެ. f3(D’s S.D) ހަނދުގެ ހޮރިޒޮންޓަލް ސެމިޑައިމީޓަރ ގެ މައްޗަށް ބިނާވެގެން ވުމާއެކު އަޘަރު ވަރަށް ވެސް ކުޑައެވެ. ވީމާ، އޭގެ އަޘަރު ވެސް ބައެއް ޙާލަތްތަކުގައި ދޫކޮށްލެވިދާނެ އެވެ. ވީމާ ނުކުންނާނީ ކުރިން ބަޔާން ކުރެވުނު އީކްއޭޝަން އެވެ. F2 ޕޮޒިޓިވް ވުމާއެކު ބޮޑުވާނީ އޭގާވާ ފަރަގު ކުޑަވި ވަރަކަށެވެ. ފަރަގު ˚5 ނަމަ f2 ސުމެކެވެ. F1 ބޮޑުވާނީ T.alt ކުޑަވި ވަރަކަށް ޕޮޒިޓިވް ކޮށެވެ. T.alt ގާތްގަޑަކަށް ˚¼6 އަށް ވުރެ ގިނައެއް ނުވާނެއެވެ ˚7 ގެ ޑިސްޓަންސް ވާނަމަ.
(ނިމުނީ)
ބައެއް ލަފުޒުތަކުގެ މާނަ
ތިރީގައި މި ބަޔާން ކުރަނީ ޢަލީ މާހިރު ބޭނުން ކުރައްވައިފައިވާ ބައެއް ލަފުޒު އަޅުގަނޑަށް ދޭހަވާ ގޮތެވެ:
ޢަލީ މާހިރު ފެންވަރު ބޭނުން ކުރައްވާފައި ވަނީ ކަނޑުގައި ފެން ހުންނަ ވަރަށެވެ. ފެން ހަމަކޮށް ހުންނަ ”ރޮނގަ“ށެވެ. ފަހެ، ފެންވަރުގެ ފުރަތަމަ މާނައަކީ ނުބީހޭ ވަރުގެ ދިޔަވަރެވެ. މިހާރަކަށް އައިސް މި ލަފުޒު ”ކޮލިޓީ“ ގެ މާނައިގައި ބޭނުން ކުރަނީ މަޖާޒީ ގޮތެއްގައެވެ.
ޑެކްލިނޭޝަން އަކީ ދުނިޔެ ދެބައިކުރާ ޚިޔާލީ ރޮނގުން (އީކްއޭޓަރ) ހަނދު ހުންނަ އުސްމިނެވެ. މިންކުރުމުގައި މި އުސްމިން ބަލާ ޖިންސަކީ ޑިގްރީ އެވެ. އީކްއޭޓަރ ކަމަށް މި ބަލަނީ އުޑުގެ އީކްއޭޓަރއެވެ. ބިމުގެ ތަންތައް ފާހަގަކުރަން ދަމާ ރޮނގުތައް އުޑަށް ”ދިގުކުރަނިކޮށް“ ފަލަކީ ޢިލްމުވެރިން ހިސާބުކުރަން ބޭނުން ކުރާ ގިޔުގަނޑު އުފެދޭނެއެވެ. މި ލިންކުން ފެންނަ ޕޭޖްގައި މި ދަސްކުރުމާ ބެހޭ ކުރެހުމެއް ވެއެވެ.
މި ލިޔުމުގައި އަލީ މާހިރު T.Z.D ކަމަށް އެ ލިޔުއްވާފައި ވަނީ ޓްރޫ ޒެނިތު ޑިސްޓަންސް (True Zenith Distance) އަށެވެ. މި މިންވަރު، ހިސާބުކޮށްގެން ނުކުންނަ ކެލްކުލޭޓަޑް ޒެނިތު ޑިސްޓަންސް އަށް ވުރެ ކުރުވާނެއެވެ.
DIP އަކީ ފެންނަ އުނދަރެހާއި ޙަޤީޤީ އުދަރެހާ ދެމެދު ހުންނަ މިނެވެ. ތިރީގައިވާ ކުރެހުމުން ފެންނަ ފަދައިން، ކަނޑުގައި ލޯ ނުޖައްސައި އުނދަރެހަށް ބަލާތީ، ލޯ ހުންނަ އުސްމިނުން ފެންނަނީ މާ ދުރު އުދަރެހެކެވެ. މިއާ އެކު މާ ދުރުން އަންނަ އަލި ޖައްވުގެ ތެރެއިން ލެނބޭތީ (ރިފްރެކްޓް ވާތީ) މިކަމަށް ރިއާޔަތްކޮށް ލޯ ހުރި އުސްމިނަކީ Ht ކަމަށް ވާނަމަ، DIP އަކީ 0.97 ލޯ ހުރި އުސްމިނާ (Ht ފޫޓުން) ގުނަކުރުމުން އަންނަ ނަތީޖާއެވެ.
ނިންމާލުން
މަތީގައިވާ ލިޔުންތަކަށް ބަރޯސާކޮށް އަދި ފިކުރު ހިންގުމުން އީދުހަނދުބެލުމާ ބެހޭ ގޮތުން ބައެއް ކަންކަން ނިންމިދާނެއެވެ. ތިރީގައި އެވަނީ މިގޮތުން އަޅުގަނޑު ފާހަގަކޮށްލާ ބައެއް ކަންކަމެވެ.
- އަސުރުމާގޭ ތުއްތު ޞާޙިބު ކަލަންޑަރު ހެއްދެވި އިރު، ކަލަންޑަރުގައިވާ ގޮތަށް ހަނދު ފެންނަ ކަމަށް ޢަލީ މާހިރު މި މަޒުމޫނުގައި ވިދާޅުވެފައި ވެއެވެ. މަޒުމޫނުގައި ވިދާޅުވަނީ ތުއްތު ބޭނުން ކުރެއްވީ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭން 27 މިނިޓް މަތީގައި ހުރި ނަމަ ހަނދު ފެންނާނޭ ކަމަށެވެ. އެއީ ގާތްގަޑަކަށް ˚7 ޑިގްރީ އެވެ.
- މަޒުމޫނުގައި ހަނދު އުފަންވާ ވަގުތުން ފެށިގެން ނުފެންނަ ސަބަބު ފަދަ ކަންކަން އޮޅުން ފިލުވަން ޢަލީ މާހިރު އިނގިރޭސި ވިލާތުގެ މަޝްހޫރު ގްރީނިޗް އޮބްޒަރވޭޓަރީ އަށް ސިޓީއެއް ލިޔުއްވުމުން އެތަނުގެ ޑިރެކްޓަރު ގެ ޖަވާބުގައި ˚7 އަށް ވުރެ ކުޑަކޮށް ހުއްޓައި ހަނދު ދުރުމީއަކުން ވެސް ނުފެންނާނޭ ކަމަށް ލިޔުއްވާފައި ވެއެވެ.
- މަޒުމޫނުގައި ފާހަގަ ކޮށްފައި ނެތަސް، ހަނދު އުފަންވުމުން ނުފެންނަ ސަބަބު އެހެން ފޮތްތަކުގައި ހުރެއެވެ. އެއީ ހަނދު ގައިވާ ފަރުބަދަތަކުން އެޅޭ ހިޔަނީގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ނިވާވާ ˚7 ނުވަތަ ގާތް ކުރާ މިންގަނޑަށް ކިޔަނީ ފަރަންސޭސި ފަލަކީ ޢިލްމުވެރިއެއްގެ ނަމުންނެވެ. އާދެ! ޑެންޖަން ލިމިޓެވެ. ޑެންޖަން ލިމިޓް އާ ބެހޭ ގޮތުން ފަލަކީ ޢިލްމުވެރިޔަކު ލިޔެފައިވާ ދިރާސީ ރިޕޯޓެއް މި ލިންކަށް އޮބާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ (ޙަސަންޒާދާ، 2012)
- ހަނދުގައިވާ ފަރުބަދަތައް ހުންނަތާ އެތައް ލައްކަ އަހަރެއް ވެފައިވާތީ، މުޙައްމަދު ނަބީކަލޭގެފާނު ﷺ ދުނިޔޭގައި އުޅުއްވި ދުވަސްވަރު ވެސް އެ ފަރުބަދަތައް ހަނދުގައި ހުންނާނެއެވެ. އެހެންކަމުން، އެ ދުވަސްވަރު ވެސް ހަނދު ކީރިތި ރަސޫލާ އަށް ފެނިވަޑައިގެންފައިވާނީ ބަޔާންކުރެވުނު ˚7 އަށް ވުރެ މަތީގައި ހަނދު ހުންނަ ނަމައެވެ.
- ތުއްތު ޞާޙިބު ގުޅީއަށް އަރުވާލެއްވުމުން، ކަލަންޑަރުގެ މަސައްކަތް ކުރެއްވީ އޭނާގެ ދަރިވަރު އަދި ޅިޔަނު ހުދުއަސުރުމާގޭ މުޙައްމަދު ޙަސަން މަނިކެވެ. ކުރިން ހެއްދެވި ގޮތަށް ކަލަންޑަރު ހައްދަވަމުން ގެންދަވަނިކޮށް ތުއްތު ނިޔާވެ، 1978 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުވިއެވެ. ދެން ވެރިކަމަށް އިސްކުރެވުނީ މަޢުމޫން ޢަބްދުލްޤައްޔޫމެވެ. މައުމޫން އަކީ ފަލަކީ ކަންތައްތަކަށް ކޮންމެވެސް ވަރެއްގެ ޝައުޤުވެރިކަމެއް ހުންނަ ފަރާތެކެވެ.
- މައުމޫން ދައުރުގެ މެދެއްހާ ހިސާބުގައި، ހަނދުބެލުމަށް ފަލަކީ ހިސާބުތަކާ ބެހޭ ކޮމިޓީއެއް އޮވެއެވެ. އެ ކޮމިޓީގެ ލިޔުންތަކުގައި މުޙައްމަދު ޙަސަން މަނިކު 1991 ވަނަ އަހަރުން ފެށިގެން ކުރިން ހިސާބުކުރައްވަމުން އައި ގޮތަށް ބަދަލު ގެންނެވިކަމަށް ޔައުމިއްޔާ ކުރެވިފައި ވެއެވެ. ފަލަކީ ކޮމިޓީގައި ފަހުން ހިމެނުނު މެންބަރެއް، މުޙައްމަދު ޙަސަން މަނިކު އަރިހުގައި ބަދަލުގެންނެވީ ކީއްވެގެންތޯ، ކާކު ވިދާޅުވެގެންތޯ ތަކުރާރުކޮށް ސުވާލުކުރެއްވުމުން ޖަވާބު ދެއްވުމަށް އިންކާރު ކުރެއްވިކަމަށް އެ މެންބަރު އަޅުގަނޑުގެ ކައިރީގައި ބުނެފައި ވެއެވެ. [މުޙައްމަދު ޙަސަން މަނިކު ހަނދު ފެންނާނެކަމަށް ފަހުން ކަލަންޑަރު ހެއްދެވީ އެންމެ 2 މިނިޓް އަށް ވުރެ މަތީގައި ހުރި ނަމައެވެ. އެއީ އެއް ޑިގްރީއަށް ވުރެ ވެސް ކުޑަ މިނެކެވެ. ޑެންޖަން ލިމިޓަށް ވުރެ ހަތް ގުނަ ކުޑަމިންވަރެކެވެ. މި މިންވަރުން ދުވަހަކުވެސް ހަނދުފެނިފައިވާ ކަމަށް ރެކޯޑު ކުރެވިފައެއް ނެތެވެ. (ޙަސަންޒާދާ، 2012)]
- 1990 ގެ އަހަރުތަކުން ފެށިގެން، އުޑުމަތިން ފެންނަ ހަނދާ ހިޖުރީ ކަލަންޑަރާ ބަރާބަރަށް ގުޅުން ކެނޑިފައި ވިއެވެ. މި މައްސަލާގައި ފަހުން ކޮމިޓީގައި ހިމެނުނު މެންބަރަކު އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީސްގެ ރައީސް އަށް ފޮނުއްވި ހަތަރު ގަނޑު ހިމެނޭ ސިޓީ މި ލިންކުތަކުން ފެނިވަޑައިގަންނަވާނެ އެވެ. [1]، [2]، [3]، [4]. އެ މަޖިލީސްގެ ނާއިބު ރައީސް އެ ސިޓީއަށް ދެއްވި ޖަވާބު ތިރީގައ އެވަނީ އެވެ. މި ޖަވާބު ދެއްވުމަށްފަހު، ކޮމިޓީއިން ސިޓީ ލިޔުނު ފަރާތް ވަކިކުރެއްވިއެވެ. އެ ސިޓީގައިވާ ޖަވާބަށް ފަލަކީ ޢިލްމު ދެނެވަޑައިގަންނަވާ ޝޭޚުންގެ ތެރެއިން ގިނަފަރާތްތައް އިންކާރު ކުރައްވާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ.
- މި ކަން ހިނގި ދުވަސް ވަރު ރޯދައަށް ހަނދުބެލުމުގައި ސަރުކާރުން ޢަމަލުކުރަން ހަމަޖައްސާފައިވާ ގަވާއިދު މިއޮތީ އެވެ. | ފުރަތަމަ ޞަފުޙާ | ދެވަނަ ޞަފުޙާ|
- ޒަމާން ބަދަލުވެ، މައުމޫން ދައުރު ނިމި، ނަޝީދު ދައުރު ފެށުމުން، ކުރިން ސިޓީ ލިޔުނު ފަރާތް ހަނދުބެލުމާ ބެހޭގޮތުން އަލަށް ޢައްޔަނު ކުރެވުނު ވަޒީރަށް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގައި، މައްސަލަ ތިލަކޮށް ބަޔާންކޮށްފައި ވެއެވެ. އެ ސިޓީއަށް ޖަވާބެއް ލިބިފައި ނުވާކަމަށް ވެއެވެ. | މިއޮތީ ސިޓީގެ ފުރަތަމަ ޞަފުޙާއެވެ. | މިއީ ދެވަނަ ޞަފުޙާ އެވެ. | ތިން ވަނަ ޞަފުޙާ މިއޮތީ އެވެ. | ހަނދުބެލުމާ ބެހޭގޮތުން ސިޓީ ލިޔުނު ފަރާތުގެ ޝައުޤުވެރިކަން ބޮޑުކަމުން، ކުރިން ނަންގަނެވުނު، ހަނދުބަލާ ކޮމްޕިއުޓަރ ޕްރޮގްރާމް ހެދި ބަންގްލާދޭޝްގެ ޑރ މަންޒޫރު އަޙްމަދާއި ދިރާސާކުރާ މި ދާއިރާގެ އެހެނިހެން ބޭރުގެ ފަރާތްތަކާ ސިޓީބިޓީ ފޮނުވާ ޚިޔާލުބަދަލުކޮށްފައި ވެއެވެ.
- ހަނދު ފެންނަ މިންގަނޑުތަކަކީ ރަސޫލު ޒަމާނުއްސުރެ ބަދަލުވުމެއް ނެތި ހިނގާކަމެކެވެ. ނަމަވެސް، ސިޔާސީ ކަންތައްތަކަކީ އަވަހަށް ބަދަލުވަމުންދާ ކަންކަމެވެ. ހެނދުނު ހޭލާފައި، މިއަދު ވަޒީރުންނަށް ތިބީ އަނެއްކާ ކޮންބައެއްތޯ ޖެހެނީ ބަލާށެވެ. ނަމަވެސް ހަނދު އަރާ އޮއްސުމަކަށް ބަދަލެއް ނާދެއެވެ. ކުރިން ވެރިންނަށް ތިބި ފަރާތްތައް މިހާރުވީ ހުރަގޭގައެވެ. މިހާރު ހުރަގޭގައި ތިބި ފަރާތްތައް މާދަމާ ވެރިކަމަށް ވެސް އައިސްފާނެއެވެ. ހަނދުބެލުމުގެ މިންގަނޑުތައް އެކި ޒަމާނުގައި ބަދަލުވަނީ މިފަދަ ގޮތަކަށެވެ. އެންމެ ޚިލާފުބޮޑުވެފައި ވަނީ ވޭތިވެދިޔަ 50 ވަރަކަށް އަހަރު ގައެވެ.
- ދިވެހިރާއްޖެއަށް ޒިޔާރަތް ކުރި ދަޢުވާގެ އިސް ފަރާތެއް ކަމަށްވާ ޒާކިރު ނައިކް، ތާއީދު ކުރައްވަނީ ރޯދަ އަދި ޢީދު ހަނދުގެ ކަންތައްތަކުގައި އިމާމް ޝާފިޢީ ގެފާނަށެވެ. އޭނާގެ ޒުވާބުގެ މަންޠިޤް ނުވަތަ ލޮޖިކަކީ (މިސާލަކަށް) ދިވެހިރާއްޖޭގެ މީހުން މަޣްރިބް ނަމާދު ކުރަނީ ދިވެހިރާއްޖެއަށް އިރު އޮއްސުނީމައެވެ. މައްކާ އަށް ނުވަތަ އެހެން ވެސް ޤައުމަކަށް އިރު އޮއްސުނީމައެއް ނޫނެވެ. އެހެން ނަމާދުތަކުގެ ވަގުތު ވެސް ކަނޑައަޅަނީ އެ ތަނަކަށް އިރުގެ އަލިކަން ލިބޭ ގޮތަކުންނެވެ. އިރާ މެދު މިގޮތަށް ކަންތައްތައް ކުރާނަމަ، އޭނާ ވިދާޅުވަނީ ހަނދާ ދޭތެރޭ ވެސް ކަންތައްތައް ކުރަންވާނީ ހަމަ އެގޮތަށް ކަމަށެވެ. އޭނާ ވިދާޅުވާ މައިގަނޑު ދަލީލުތަކަކީ ބައެއް ޞަޙީޙު މިފަދަ ހަދީސެވެ.
- މަޒުމޫނުގައި ޢަލީ މާހިރު ފާހަގަ ކުރައްވާފައިވާ ފަދައިން، ރާއްޖޭގައި ހަނދުބަލާ ދާއިމީ ގެއެއް ހުރުމަކީ ވަރަށް ބޭނުން ތެރި ކަމެކެވެ. މޫސުމާ ބެހޭ ކަންކަން ކުރާ އޮފީސްތައް ހުޅަނގު ފަރާތު އަތިރިމަތީގައިވާ ނަމަ، މިކަން އެތަންތަނުގެ މަސްއޫލިއްޔަތަކަށް ހެދިދާނެއެވެ.
- މާލޭގެ ޖައްވަށް ފޮނުވާފައިވާ އަލިތައް ގިނަކަމުންނާއި ޢިމާރާތްތައް އުސްކަމުން، ތަރިތައް މިހާރު ފެންނަނީ ވަރަށް ފަނޑު ކޮށެވެ. ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި، ރޭގަނޑުގެ އަދިރިކަން ރައްކާތެރިކުރުމަށް، ޖައްވަށް އަރައިގެން ދާގޮތަށް ތަންތަނުގައި ބައްތި ދިއްލުން މަނާކޮށްފައި ވެއެވެ. ތަރިތަކާއި އުޑުގެ ރީތިކަމުން މާލޭގެ މީހުންވަނީ މަޙުރޫމް ކުރެވިފައެވެ. ތަރިތައް ބަލަންޏާ މިހާރު ދާން ޖެހޭނީ މާލޭގެ އަލި ނުފެންނަ ހިސާބު ދުރަށެވެ.
- 1920 ގެ އަހަރުތަކުގައި، ދިވެހި ތާރީޚް ލިޔުނު މީހެއް، (ބެލް، 1940) މާލޭގައި އެކަނިވެސް 18 ނެވިކަމާ ބެހޭ މަދަރުސާ ހުރިކަމަށް ބުނެފައި ވެއެވެ. މިހާރު 70 ވަރަކަށް އަހަރު ވެފައިވާ ކުރީގެ ހޭލުންތެރި މީހުންނަށް އެތައް ތަރިތަކަށް ކިޔާ ނަންތަކާއި ނަކަތްތަކާއި ގުރަހަލިތައް (ޕްލެނެޓްތައް) އުޑުމަތިން ވަކިވަކީން ފާހަގަ ކުރަން އެނގެއެވެ. މިޒަމާނުގެ ކުއްޖަކަށް އަދި މުދައްރިސަކަށް ރޭގަނޑުގެ އުޑުމަތިން ދެ ތަރި ނުވަތަ ގުރަހަލި ނަމާއެކު ފާހަގަކޮށް ބުނަން އުނދަގޫވާނެ އެވެ. މިއީ ވެސް ތަރައްޤީ އެވެ.
ފަހަކަށް އައިސް އީދުރޯދައަށް ހަނދުބެލުމަކީ، އެކަމުގައި ދެބަސްވުންތަކަކާއި ޚިލާފުތަކެއް އެކުލެވިފައިވާ ކަމަކަށް ވަނީ ވެފައެވެ. ބައެއް މީހުން ބޭނުންވަނީ އިސްލާމީ ދުނިޔޭގެ ހައިބަތު ހާމަކުރުން ފަދަ، އަޅުގަނޑަށް މާ ތާކުންތާކު ނުޖެހޭ ސަބަބުތަކަށްޓަކައި، ދުނިޔޭގެ އެންމެން އެއް ދުވަހަކު ރޯދަ ހިފަން ފެށުމަށެވެ. ނަމަވެސް ދުނިޔެއަކީ ވަށް އެއްޗެކެވެ. ފަތާކޮށް އޮންނަ އެއްޗެއް ނޫނެވެ. ވަށް ދުނިޔެއަކަށް ހަނދު ފެންނާނީ އެކި ސަރަޙައްދުތަކަށް އެކި އިރުއެވެ. އެކި ހިސާބަށް އިރު އަރަނީކީ ވެސް އެއްވަގުތެއް ގައެއް ނޫނެވެ. މީލާދީ ގޮތުން އައު އަހަރު ފެށެނީ ވެސް، އެކި ޤައުމުތަކަށް އެކި އިރުއެވެ. މީގެ އިތުރަށް، ހަނދު އުފަންވުމާ އެކު ދުނިޔެއަކަށް ހަނދެއް ނުފެނެ އެވެ. ހަނދު ފެންނަނީ އައު ހަނދު އުފަންވާތާ މަދުވެގެން 17 ވަރަކަށް ގަޑިއިރު ފަހުންކަމަށް ކުރީ ލިޔުމުގައި ޢަލީ މާހިރު ބަޔާން ކުރައްވާފައި ވެއެވެ. ހުޅެވި ހަނދަކީ އިނގިރޭސިބަހުން ކިޔާ ”ނިއުމޫން“ އެއް ނޫނެވެ. ކީރިތި ޤުރްއާން އާއި ހަދީސްގައި ނަންގަނެވިފައިވަނީ ހުޅެވި ހަނދުގެ (ހިލާލްގެ) އެވެ. ޤަމަރު ޖަދީދުގެ ނަމެއް ނުވެއެވެ. މިވާހަކަ އާއި ސަޢޫދީ އެރެބިޔާގައި ވޭތިވެ ވެދިޔަ 60 ވަރަކަށް އަހަރު ހަނދުބެލުން ބައެއް ފަހަަރު ގޯހުން ގޯހަށް ގޮސްފައިވާ ގޮތް މި ދިރާސާގައި، އެތަނުގެ ޢިލްމުވެރިންގެ ފަތުވާ ތަކާ އެކު ހިމެނެއެވެ. މި ރިޕޯޓަކީ މައްސަލައަށް ރަނގަޅު ޚުލާޞާއެކެވެ.
ރާއްޖޭގައި ހަނދުބަލަމުން އައިގޮތަށް 1990 ގެ އަހަރުތަކުގައި ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސް ފައެވެ. ފަހަކަށް އައިސް ހަނދު ފެނުމާއި ހިޖްރީ މަސް ފެށުމާ ހުންނަ ގުޅުން ކުޑަކޮށް ކެނޑިފައި ވެއެވެ. މިކަމަށް އެތައް ސަބަބުތަކެއް މެދުވެރިވެފައި ވެއެވެ.
މި މަޒުމޫނު އެންމެ ފުރަތަމަ ޝާއިޢު ކުރުމާ ގުޅިގެން، މަލިކު މުރައިދުގަނޑުވަރު ޢަލީ މަނިކުފާނު، ހަނދުބެލުމާއި ހިޖްރީ ތާރީޚު ޖެހުމާ ބެހޭގޮތުން ވިދާޅުވެފައިވާ ބައެއް ތަކެތި، އަޭނާގެ ގާތް ބޭފުޅަކު އަޅުގަނޑަށް ފޮނުއްވިއެވެ. އެ ފޮނުވިތަކެތީގެ ތެރެއިން، ޔޫޓީއުބް ވީޑިއޯ މިއޮތީ އެވެ. އިންޓަރނެޓް މަޒުމޫނަކާ ގުޅޭ ލިންކް މިއޮތީ އެވެ. ދެން މިއޮތީ ދިވެހި ގިނަ ފަރާތްތަކަކަށް ކޮޕީކޮށް އޭނާ ފޮނުއްވި ސިޓީއެކެވެ. މި ލިންކްތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް މަޒުމޫނު ދިގުވާތީ ކޮމަންޓް ކުރެވޭކަށް ނެތެވެ.
ޙަވާލާ ލިސްޓް
Bell, H.C.P. (1940). The Maldive Islands. Monograph on the history, archeology and epigraphy. Colombo: Ceylon Government Press.
Hasanzadeh, A. (2012). Study of Danjon limit in moon crescent sighting. Astrophysics and Space Science, 339. DOI: 10.1007/s10509-012-1004-y
Mahir, A. (1979). Hulhevi han’dhaamedhu khiyaaleh, Faagathi, Jan, 12 – 16, 45.
Ramadan Kareem!
According to the calculations by ICOP using their software, Maldives will see the moon on Sunday evening and Monday will be 1st of Ramazan.
http://www.icoproject.org/icop/ram40.html#whenwaxing
However, according to the graph generated by another software you included here, it won’t. Would you care to explain why?
Thank you
The proof is in the fact that Sri Lanka, Bangladesh, Pakistan and most parts of India never saw it. According to Quran, the hilal (crescent) must be seen with eyes without using binoculars or other aids. Allah does not make religion difficult for muslims and so for Salaf only human visibility was the criterion, if day is not Shaubaan 30th. Ten degrees is the minimum for seeing. People are using aids to see… this is not in the Tradition. If you have a powerful enough telescope, you can see the moon as long as it is above horizon. Actually, Shaubaan did not begin on the right day in the Maldives so the possibility of making Tuesday as 1st of Ramazan will open a can of worms. Those who argue for calculations refer to the word hisaab in the relevant ayah. And they think of calculations. In fact, some translations give the meaning as calculations. Many others give the meaning as “a-reckoning” meaning that the moon can be used to count the days, months and years. One meaning of hisaab may be calculations but for me, and the most authentic translations give it as reckoning.
Actually, some Arab countries use motorized telescopes connected to a computer. When date and coordinates are entered, the telescope points itself to the position of the moon and follows it automatically. This way, you would see even the new moon in the background of the stars if the telescope is powerful enough and the moon is above visible horizon.
The position I take is that of Ali Mahir… that moonsighting must be carried out for every month by the relevant authorities.
dear hassan,
In your article the map showing the global scan of hilaalu indicates it is from a computer program of a bangladeshee. You may mean it is of MoonCalc from
Dr Monsoor Ahmed. I want you to recheck the source. When I last communicated with him years ago he was using Yallop Criteria not Sayed Shoukath.
Sayyed Khalid Shaukath is of MCW Moonsighting Committee Worldwide. He is a consultant for Fiqh Council of North America. Probably this committee came into existence after the ICOP Islamic Crescent Observation Project in which Dr Monsoor was an active member and a consultant.
Mi hurihaa vaahakaeh liyuvvi iru Maliku ge ilmuveriyaa Ali Manikfan 40 aharu vaandhen kurevvi dhiraasaage vaahaka bayaan kuravvaafai nethumun liyun alhugan’dakah furihama eh nuvi. Ali Manikfan vanee 2 faharegge mathin Raees Maumoonge dhauruga aai Raees Nasheed ge dhaurugai Maale vadaegen eyruge Islaamee Kanthahthakaa behey mathee Majileehuge isverinnaai adhi fahun Islamic Minister aai Falakee Kometeeah eynaage dhiraasaa hurhahalhai adhi eyruge Maldives College of Higher Education arhaai Mauhadharhaai siyaasee party thakuge dheenee gofithakarhaai dheenee jamiyyaa thakah ekamaa gulhey sitee fonuvaafa. E hurihaa thanakah siteethah lee Ali Manikfan ge faraathun khudhu alhugan’du.
Naajih, thi vidhaalhuvaa liyumeh alhugan’dah fenifaeh nuve-eve. Mi surukhee ah dhiraasee paper eh liyaathee sitee thakuge kopee oiy nama fonuvvaa dhevvun edhemeve.
Iraadhakurevviyyaa fonuvaalaanan.
Shukuriyyaa
Ninmaalumuge 8 vana nanbarugai vaa 2 safhaa in eh safhaage link ran’galheh noon
varah faidhaa huri mauloomaathuthakeh
Varah muhimmu Mazumoonek
Thankyou sir.
Looking forward for a new article. Ramadam Mubarak in advance.
Thankyou sir.
Very informative and interesting article.
Looking forward for a new article. Ramadam Mubarak in advance.
Nothing more to say, but SIMPLY Thanks in MILLION!
Speechless & frozen to have every article from Dr. Hassan Hameed.
Thanks for the great work done. An enriching and thought provoking article!