ގަސްތަކަށް ޖެހޭ ބަލިތަކަށް އަމިއްލައަށް ބޭސްހަދާނޭ ގޮތް

ގަސް ހެއްދުމަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ހުރަހަކީ ގަސްތަކަށް ބާވަތް ބާވަތުގެ ބަލި ޖެހުމެވެ. މި ބަލިތައް ކޮންޓްރޯލް ނުކުރެވޭ ނަމަ، ހިނދޫ ކުރިތަކާ އެކު ފެހިކޮށް ގަސްތަކެއް ނުހެދޭނެ އެވެ. އެހެންކަމުން، ގަސް ހައްދާ ކޮންމެ މީހަކުވެސް ބަލިތައް ޖެހިފައިވާ ކަން ދެނެގަނެ ގަސްތަކަށް ޖަހާނޭ ބޭސް އަމިއްލައަށް ތައްޔާރުކުރާނެ ގޮތް ދެތުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މި މަޒުމޫނުގައި ބަޔާންކުރާނީ، ގެއިން ލިބޭ ތަކެތިން ގަސްތަކަށް ޖެހޭ ބަލިތަކަށް ބޭސް ހަދާނޭ ގޮތެވެ.

ބަޔާންކުރުމުގެ ބޭނުމެއް ނެތް ފަދައިން، ކާން ނުލިބޭ އަނަރޫފަ ކުދިންނަށް ފަސޭހައިން ބަލިޖެހޭ ފަދައިން، ގަސްތަކަށް ވެސް އެކަށީގެންވާ ކާނާ ނުލިބި ދެރަކޮށް ހެދޭ ނަމަ، ބަލިޖެހުން އަވަސް ވާނެއެވެ. ނަމަވެސް، ކިތަންމެ ރަނގަޅަކަށް ކާދު އެޅިކަމުގައި ވިއަސް ގަސްތަކަށް ބަލި ނުޖެހިއެއް ނުދާނެއެވެ. އެއީ ބައެއް ފަނިފަކުސައަށް ގަހަކީ ކާނާއާއި އެ ދިރިއުޅޭ މާހައުލަށް ވާކަމެވެ. ހުރިހާ ދިރުމެއް އެކަތި އަނެއް އެއްޗާ ގުޅި ވިޔުގަ ވެފައިވާ ފަދައިން ގަސްތައް ވެސް ވަނީ ކޮންމެވެސް ދިރުމެއްގެ ކާނާއަށެވެ.

އިނގިރޭސި ބަހުން  އިންސާނުންނަށް ނުވަތަ ގޮވާމަށް  (ބޯގައަށް) ގެއްލުންދޭ ކޮންމެ ކުދި ފަނިފަކުސައަށް ކިޔަނީ ޕެސްޓް އެވެ. މިސާލެއްގެ ގޮތުން ހުދު ކޫޑިއަކީ ޕެސްޓް އެކެވެ. ޕެސްޓް އަށް ޢަރަބި ބަހުން ކިޔަނީ އާފާތު އެވެ. ފާރިސީ ބަހުން ވެސް ކިޔަނީ އާފާތު އެވެ. ނަމަވެސް، ދިވެހިބަހުގައި އާފާތް ކިޔަނީ މުސީބާތަށް ނުވަތަ ބޮޑެތި އުނދަގުލަށެެވެ. ދަނޑުވެރިކަމާ ގުޅިގެން އާފާތް ބޭނުން ކުރާ އަޑެއް ނީވެއެވެ. ކޮންމެ އަކަސް ގަސްތަކަށް ގެއްލުންދޭ ކޮންމެ ފަނިފަކުސައަކީ ދަނޑުވެރިޔާއަށް އާފާތެކެވެ.

ރާއްޖޭގައި އެންމެ ޢާއްމު ދެ ޕެސްޓް އަކީ އޭފިޑް އާއި ހުދުކޫޑިއެވެ. އޭފިޑް އަކީ ހަފައި ހުންނަ، ފެހި/ރީނދޫ/ކަޅު/މުށި އަދި މި ނޫނަސް އެހެން ކުލަކުލައިގައި ހުންނަ ވަރަށް ކުޑަ ފަނިފަކުސައެކެވެ. ބުނެވޭ ގޮތުގައި 4000 ބާވަތުގެ އޭފިޑް އުޅެއެވެ. މީގެ ކާނާއަކީ، ފަތްތަކުގައި ހުންނަ ފެހިދިޔައެވެ. އޭފިޑް ގަހެއްގައި އަށަގަތުމުން، ފަތްތައް ގުރުޑުވެ، ރީނދޫވެ، ލައްޖަހައި، މޯޅިވެ، ވަރުދެރަވެ، އެހެން ބަލިތައް އާލާވެ ބައެއް ފަހަރު ގަސް މަރުވެއެވެ. މަދިރިން ޑެންގީ އާއި ޗިކުންގުންޔާ އާއި ފައިފަލަ ބަލީގެ ޖަރާސީމު ފެތުރޭ ފަދައިން، އޭފިޑް މެދުވެރިވެ ތަފާތު ވައިރަސްތައް ގަހަށް ފެތުރެއެވެ.

ފިނިފެންމާ ގަހާއި ކަންބާ ވެލުގައި އޭފިޑް އަޅާފައި.

ރާއްޖޭގައި އާއްމު ދެވަނަ ޕެސްޓް އަކީ، ހުދުކޫޑިއެވެ. މިއީ އިނގިރޭސިބަހުން ވައިޓްފްލައި (ހުދުމެހި) ކިޔާ މެއްސެވެ. ރާއްޖެއަށް ހުދުކޫޑި ތަޢާރުފުވީ، ލަފާ ކުރެވޭ ގޮތުން އިންޑިއާއިން، 1970 ގެ އަހަރުތަކުގައެވެ. ކޮންމެ އަކަސް، ހުދުކޫޑި މާލޭގައި ނެތް ހަނދާން އަޅުގަނޑު ހުރެއެވެ. އެ ކޫޑި މާލެއައުމުން، ވަރަށް އަވަހަށް އެ ފެތުރިގެން ދިޔައެވެ. އެއީ ހުދުކޫޑީގެ ޤުދުރަތީ ޒާތީ ދުޝްމަނުން ދިވެހި މާހައުލުގައި މަދުކަމުންނެވެ. އެންމެ ބޮޑަށް ހުދުކޫޑި އާލާވަނީ، ފަތްތަކުގެ ދަށްފުށް ރާޅުކޮށް ހުންނަ ގަސްގަހުގައެވެ. ފޭރާއި ފަޅޯ ފަދަ ގަސްގަހުގައެވެ. ހުދުކޫޑި އާއި ބައެއް އޭފިޑް އަކީ ފިޔަ ހުންނަ ހައިވާނެވެ. އެހެންކަމުން، އުދުހިފައި، އެއްގަހުން އަނެއް ގަހަށް އެއަށް ދަތުރުކުރެވޭ ކަމަކީ، މި ދެބާވަތް ފަސޭހައިން ފެތުރޭ އެއް ސަބަބެވެ.

އޭފިޑް އާއި ހުދުކޫޑި ފަދަ ތަކެތި މަރާ ބޭސް


އޭފިޑް އާއި ހުދުކޫޑި ހިމެނެނީ ދުނިޔޭގައި އެންމެ ގިނަ ހައިވާނުން ހިމެނޭ ގިންތީގެ ތެރޭގައެވެ.  އެއީ އިންސެކްޓް އާއިލާއެވެ. މިއާއިލާއަށް އިންސެކްޓް ކިޔާ ސަބަބަކީ، ލެޓިން ބަހުން ބަދަބަދަ ހުންނަ ހައިވާނަށް މިހެން ކިޔާތީއެވެ. ހުރިހާ އިންސެކްޓް އެއްގައި ވެސް ބަދަބަދަ ހުރެއެވެ. މައިގަނޑު ގޮތެއްގައި ތިން ބަދައެވެ. އެއީ ބޮލާއި މެޔާއި ބަނޑެވެ. މިއިން ކޮންމެ ދެބައެއްގެ ދެމެދު ހިމަކަމުން ތިން ބަދަ ހުންނަ ކަމަށް ފެންނަނީ އެވެ. ދޮންދޫންޏާއި މެއްސާއި ހިންޏާއި ރުކުމަޑިއަކީ ވެސް އިންސެކްޓްއެވެ. އިންސެކްޓްގެ މައިގަނޑު އަނެއް ސިފައަކީ އޭގައި ހަފައި ހުންނަ ކަމެވެ. އަރަބި ބަހުން އިންސެކްޓްއަށް ކިޔަނީ ހަޝަރާ حَشَرَة އެވެ.  ދިވެހިބަހުން 1000 ފައި ހުންނަ ކަމަށް ބުނާ ފަންޏަށް ހާސްފައި ކިޔާތީ، އިންސެކްޓް އަށް ސަފައި ކިޔުން ކިހިނެތް ވާނެތޯއެވެ؟

މީހަކު ގަތުލުކުރާ ގާތިލަށް، ނުވަތަ މީހާއަށް ލެޓިން ބަހުން ކިޔަނީ ސިޑާ/ސައިޑް (cida) އެވެ. މިއިން ލަފުޒު  އުފައްދައިގެން ވަކި އެއްޗެއް މަރާނަމަ، އެ އެއްޗެއްގެ ނަމުގެ ފަހަތަށް ސައިޑް ލައި އިނގިރޭސި ވަރަށް ގިނަ ލަފުޒުތައް ހަދާފައި ހުރެއެވެ. މިސާލެއްގެ ގޮތުން، ހޮމިސައިޑް އަކީ އިންސާނަކު މަރާލުމެވެ. ޕެޓްރިސައިޑް އަކީ ބައްޕަ މަރާލުމެވެ. ކުޑަކުދިން މެރުމަށް ކިޔަނީ އިންފެންޓިސައިޑް އެވެ. ރަސްކަލަކު މެރުމަށް ކިޔަނީ ރެޖިސައިޑް އެވެ. ދެން ބުނެބަލާށެވެ. އިންސެކްޓް އެއް މެރުމަށް ކިޔާނީ ކީކޭ ހެއްޔެވެ؟

ޝައްކެތް ނެތެވެ. ތިބުނީ ރަނގަޅަށެވެ. އިންސެކްޓިސައިޑް އެވެ. ފަހަކަށް އައިސް މި ލަފުޒު އެ މަރާ ބޭހަށްވެސް ކިޔަންފަށާފައި ވެއެވެ. ޕެސްޓިސައިޑް އަކީ ޕެސްޓްގެ ގާތިލެވެ. އާފާތްތަކުގެ ގާތިލެވެ. ނުވަތަ އާފާތްތައް މަރާ އެއްޗެވެ. ސިންގަޅަ ބަހާއި އިންޑިއާގެ ގިނަ ބަސްބަހުގައި އިންސެކްޓިސައިޑް އަށާއި ޕެސްޓިސައިޑް އަށާއި އެހެން މިފަދަ ބޭސްތަކަށް ނަން ކިޔާފައިވަނީ ”އެއްޗެއް ނައްތާލާއެތި ނުވަތަ މީހާ“ އަށް ކިޔާނަން ’ނާޝަކް‘ މި  ލަފުޒު އެތީގެ ނަމުގެ ފަހަތަށް އެއްކޮށްގެންނެވެ. މިސާލެއްގެ ގޮތުން ކީތުނާޝަކް އަކީ ހިންދީބަހުން ޕެސްޓިސައިޑް އެވެ. ސަފައިމަރު ނުވަތަ ސަފައިވިހަ ނުވަތަ ސަފައިފަނާ، އިންސެކްޓިސައިޑްއަށް ކިޔުން ކިހިނެތް ވާނެތޯއެވެ؟

ހަފައިލީ ހައިވާނުތައް ނުވަތަ އިންސެކްޓް ނޭވާލަނީ އޭގެ މޭގައިވާ ހިމަ ލޯވަޅުތަކަކުންނެވެ. މިލޯވަޅުތައް ފެންނާނީ ބޮޑުވާބިއްލޫރީން މެއްސެއް ނުވަތަ މަސްކާއްޓެއް ފަދަ އިންސެކްޓެއްގެ އަރިކައްޓަށް ބެލީމައެވެ. އިންސެކްޓް މަރަން އެންމެ އެދެވޭ ގޮތަކީ، ވިހައެއް ކާންދިނުމުގެ ބަދަލުގައި، ނޭވާލާ މި ލޯވަޅުތައް ބައްދާލުމެވެ. މިކަން ކުރަން ބޭނުން ކުރަނީ ތެލެވެ. ކައްކަން ބޭނުން ކުރާ ތެޔޮ ނުވަތަ އިންޖީނަށް އަޅާ ތެޔޮވެސް ރަނގަޅުވާނެއެވެ. ނޭވާ ހާސްކޮށްލައިގެން އޭފިޑް އާއި ހުދުކޫޑިއާއި އެހެން ހަޝަރާތައް މަރާލުމުގެ އުފަކާރައަކީ ވިހައިގެ ސަބަބުން އެއްވެސް އިންސާނަކަށް އަދި މާހައުލަށް ގެއްލުމެއް ނުލިބޭކަމެވެ.

— — —

ބޭސް ތައްޔާރުކުރާނޭ ގޮތް 


ހަފައިލީ ހައިވާނުތައް މެރުމަށް ތެޔޮ ޖެހިދާނެއެވެ. ނަމަވެސް، މިކަމުގެ މައްސަލައަކީ، ހުސް ތެޔޮ ނަމަ، އަގުބޮޑުވުމާއި ތެލުގެ ސަބަބުން ފަތްތައް ނޭވާލާ ހޮޅިތައް ވެސް ބެދި، ފަތްތައް ވެސް މަރުވުމެވެ. ފަތްތަކުގެ ލޯވަޅުތަކޭ ތޯއެވެ؟

އާއެކެވެ. އަހުރެމެންނަށް ލޮލަށް ނުފެނުނަސް، ހުރިހާ ފަތެއްގެ މަތީގައި އަދި ބައެއް ފަތުގެ ތިރީގައިވެސް ލޯވަޅުތަކެއް ހުރެއެވެ. މި ލޯވަޅުތައް ފެންނަނީ މައިކްރޮސްކޯޕު ކިޔާ ވަރަށް ކުދި ތަކެތި ބޮޑުކޮށް ފެންނަ އެއްޗަކުން ބެލީމައެވެ. މިލޯވަޅުތަކުން ގަހަށް ބޭނުންވާ ޖައްވުގައި ހުންނަ ގޭސްތައް އެތެރެކޮށް ބައެއް ގޭސް ބޭރަށް ފޮނުވާ ހަދައެވެ. ތިރީގައި އެވަނީ މި ލޯވަޅުތައް ފެންނަ ވަރަށް ބޮޑުކޮށް، ކޮތަނބިރި ފަތެއްގެ މަތީ ފަރާތް ފޮޓޯ ނަގާފައެވެ.

ކޮތަނބިރި ފަތެއްގެ މަތީގެ މައިކްރޯގްރާފެއް. ގޭސް ނުކުންނަ އަދި ވަންނަ ލޯވަޅުތައް ރީއްޗަށް ފެނެއެވެ.

 ތެޔޮ، ފެނާ އެއްކޮށްފައި ޖެހުމަކީ މި މައްސަލައިގެ ހައްލެވެ. ނަމަވެސް، ފެނާއި ތެލަކީ އެއްވާ ދެ ދިޔައެއް ނޫނެވެ. ތެޔޮ ލުއިކަމާއި އެކު އެ ހުންނާނީ ފެނުގެ މަތީގައެވެ. އެހެންކަމުން، ފެނާއި ތެޔޮ އެއްކުރުމަށް ޖެހޭނީ ”ފަންޑިތައެއް“ ހަދާށެވެ.

ފެނާއި ތެޔޮ އެއްކުރެވޭނެ ގޮތަކީ، މި ދެ ބަޔަށް ކުޑަ ސައިބޯނިކޮޅެއް ގިރުވާލުމެވެ. ސައިބޯންޏަކީ ފެނަށް ގިރޭ އެއްޗެކެވެ. ސައިބޯނި އެޅުމުން، ސައިބޯނި ޒައްރުތައް ތެޔޮ ޒައްރުތަކާ އެކުވެ، މުޅި ފެނުގެ ތެރެއަށް ބެހިގެން ފެތުރިގެން ދާނެއެވެ. ނަމަވެސް ގިނަ އިރުވުމުން، ވަކިވެ، މައްޗަށް އަރާގޮތް ވާނެއެވެ. އެއީ ތެލަކީ ޙަޤީޤަތުގައި ފެނަށް ވުރެ ލުއި އެއްޗެއް ކަމުންނެވެ. ނަމަވެސް، ސައިބޯނި ގިނަ ނަމަ، މިހެންވާނީ އެތައް އިރަކުންނެވެ. ކުދި ތިކިތަކަކަށް ތެޔޮ ބެހިގެން ފެނަށް ގިރިފައި ހުންނަ ދިޔައަށް ކިޔަނީ އިމަލްޝަން އެވެ. ދިޔާ ގެރިކިރާއި ކާށި ކިރަކީ، އަދި ފާރުގައި ލާ ކުލައަކީ ވެސް އިމަލްޝަން އެކެވެ. ގިނައިރު ބަހައްޓައިފި ނަމަ، މީގައިވާ ތެލާއި ފެން ވަކި ވާނެއެވެ. އަދި ކުޑަ މަސައްކަތަކުން މުޅިން ވަކިކޮށްލެވޭނެ އެވެ.

ފަސް ލީޓަރު ފެން ފުޅިއަކުން 1 ލީޓަރު ފެން ނަގާށެވެ. އޭރުން ހުންނާނީ 4 ލީޓަރެވެ. މި ފެނުގެ ތެރެއަށް، 2 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ އަޅާށެވެ. ދެން 1 މޭޒުމަތީ ސަމުސާ ސައިބޯނިއަޅާށެވެ.

މޭޒުމަތީ ސަމުސަލަކީ ކެއުމުގައި ބޭނުންކުރާ ބޮޑެތި ސަމުސަލެވެ. ސައި ގިރަން ގެންގުޅޭ ކުދި ސަމުސަލެއް ނޫނެވެ.  [ލިބެން ހުރި ނަމަ، މަތީގައިވާ ތަކެތީގެ ތެރެއަށް 1 މޭޒުމަތީ ސަމުސާ ބޭކިން ސޮޑާ (ކޭކު އެޅުމުގައި ބޭނުންކުރާ ކުޑިއެއް = ސޯޑިއަމް ބައިކާބަނޭޓް) އެޅުމުން އިންސެކްޓް ނޫން އެހެން ފަނިފަކުސަ ފެތުރުން ކުޑަވާކަމަށް ވެއެވެ.

މިތަކެތި ފުޅިއަށް އެޅުމަށް ފަހު، ދެން ރަނގަޅަށް ތަޅުވާލުމުން، ހުރިހާ އެއްޗެއް އެކުވާނެއެވެ. ތިރީސް ސިކުންތުގެ ތެރޭގައި ތެޔޮ މައްޗަށް އަރައިފިނަމަ، ސައިބޯނި ކުޑަތަންކޮޅެއް ގިނަ ކޮށްލަންވާނެއެވެ.

މި ބޭސް ޖަހަންވާނީ، ހެނދުނު ނުވަތަ ހަވީރުގެ ވަގުތުގައި ވާރޭ ނުވެހޭ ދުވަހެއްގައެވެ. އެއީ ފަތްތައް ގަދަކޮށް، މޯޅިނުވެ ހުންނަ އިރުއެވެ. ބޭސް ޖަހަން އެންމެ ރަނގަޅު ގޮތަކީ ގުންބާލީ ފުޅިއަކުން އިސްޕްރޭ ކުރުމެވެ. ޖެހުމުގެ ކުރިން ކޮންމެ ފަހަރަކު ފުޅި ތަޅުވާ ހުރިހާ ދިޔައެއް އެއްކުރަންވާނެއެވެ. އިންސެކްޓެއްގެ ގަޔަށް މި ބޭސް ސީދާ ޖެހިގެން ނޫނީ އަސަރެއް ނުކުރާނެތީ ފަތްތަކުގެ ތިރިއާއި މައްޗަށް ޖެހުމަށް ސަމާލުވާން ވާނެއެވެ. ބަލި ނުފިލާ ނަމަ، ހަފުތާއެއް ކޮށްފައި އަލުން ޖަހާނީއެވެ.

ފިހާރަތަކުގައި ތައްޔާރީ މި ބޭސް ވިއްކަން ހުރެއެވެ. ނަމަކަށް ކިޔާނީ ހޯޓިކަލްޗަރަލް އޮއިލް އެވެ. [ހޯޓިކަލްޗަރ އަކީ ބުސްތާނުގައި (ގާރޑްންގައި) ގަސް ހެއްދުމުގެ ޢިލްމާއި ޢަމަލެވެ.] ކައްކަން ގެންގުޅޭ ތެލުގެ ބަދަލުގައި، ކަރާސީނު ތެޔޮ، ޑީސަލް ތެޔޮ ވެސް ބޭނުން ކުރެވޭނެއެވެ. މި ބާވަތުގެ ތެލަކީ މިނަރަލް އޮއިލް ކިޔާ ތެލެވެ. މިއީ ބިމުގެ އަޑިން ނަގާ ތެލެވެ.

މަތީގައި ބަޔާން ކުރެވުނު ތެޔޮ ހަދާފައި ވިއްކަން ހުރެއެވެ. ނަމަވެސް، އެ ގަނެވެނީ ބޮޑުބައި ސާފު ފެނެވެ. ތާސީރު ރަނގަޅުވާނީ އަމިއްލައަށް ހެދިއްޔާއެވެ.

ތެޔޮ ނެތް، ހަމަ އެކަނި ސައިބޯނި ފެން ވެސް، އިންސެކްޓިސައިޑް އެއްގެ ގޮތުގައި ބޭނުން ކުރެއެވެ. އަޅުގަނޑު ކުޑައިރު، ދިވެހީން ބައެއް ގަސްގަހަށް ޖަހަން އޯމޯ ފެން ބޭނުން ކުރެއެވެ. އޯމޯ އަކީ ދޮންނަ ކުނޑިއެކެވެ. މިއިން، އިންސެކްޓް މަރުވާ ސަބަބު ދަންނައެވެ. ކޮންމެ އިންސެކްޓެއްގެ ބޭރުގައި، ތުނި އުށް ފަށަލައެއް ހުރެއެވެ. މި އުށް ފަށަލައިގެ ސަބަބުން، އޭގެ ތޮށިގަނޑުން ފެން ބޭރުވިޔަ ނުދީ ހިފަހައްޓައެވެ. ސައިބޯނި ފެން ޖެހުމުން، މި އުށް ފަށަލަ ގިރެއެވެ. މިހެން ވުމުން، އިންސެކްޓްގެ ތޮށިގަނޑުން ފެން ބޭރުވެ، އެ ހިކޭގޮތް ވެގެން މަރުވެއެވެ. ސައިބޯނި ފެން ހަދާނަމަ، ފަސް ލީޓަރުން ފެން ފުޅިއަކުން އެއް ލީޓަރު ފެން ނަގައި، އެއަށް 4 ސައިސަމުސާސައިބޯނި އަޅައި ގަސްތަކަށް ހެނދުނު ނުވަތަ ހަވީރު ޖަހާނީއެވެ. އިންސެކްޓް ނޫން އެހެން ކޫޑި ފިލުވުމަށް މީގެ ތެރެއަށް ސައިސަމުސަލެއްގެ ރާހުތް ނުވަތަ ލޮނުމެދު ދިޔަ އެޅިދާނެއެވެ.

ލޮނުމެދު އެކަނި ވެސް އިންސެކްޓިސައިޑް އެއްގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ. މިކަން ކުރަން ހަދާ ގޮތަކީ، ފަސް ލީޓަރު ފެން ފުޅިއަކުން އެއް ލީޓަރު ފެން ނަގާނީއެވެ. ދެން ހުންނާނީ ހަތަރު ލީޓަރެވެ. އެއީ 1 ގެލަނެވެ. ދެން އެއް ބޮނޑި ލޮނުމެދުން ތޮށިނެގުމަށް ފަހު، މިކްސަރަކަށް އަޅައި ކުޑަ ފެން ކޮޅެއް އަޅައި މުޅިން ގިރިގެން ދަންދެން މުގުރައި، ދެ ދުވަހެއް ވަންދެން ބަހައްޓައި، ފުރާނައި ފެންފުޅިއަށް އަޅާނީއެވެ. މިކްސަރުގެ ތެރެއަށް ދެ ގިތެޔޮ މިރުހެއް ވައްޓާލުމުން، ބޭހުގެ އަސަރުގަދަވެއެވެ.

ހަދަން މަސައްކަތަކަށް ވާނަމަ، ތައްޔާރީ ލޮނުމެދު ބޭސް ވިއްކަން ހުރެއެވެ.

ތައްޔާރީ ލޮނުމެދު ބޭސް ގަތުމަށް ވުރެ ރަނގަޅުވާނީ އަމިއްލައަށް ތައްޔާރު ކުރިއްޔާއެވެ. ތައްޔާރީ ލޮނުމެދު ބޭސް ގަންނަ އިރު އެ ގަނެވެނީ ބޮޑަށް ހުސް ފެނެވެ. ގިނަ ބޭސްތަކުގައި ކުޑަ މިންވަރަކަށް ނަމަވެސް ސައިބޯނި ހުންނާނެއެވެ. ސައިބޯނީގެ ބޭނުމަކީ އިންސެކްޓް އާއި ފަތްތަކުގައި ކޮންމެވެސް ވަރެއްގެ ތެޔޮ ކަމެއް ހުންނާތީ، އެ ތެޔޮކަން ފުހެލުމެވެ. އޭރުން ބޭސް ފަތްތަކަށް އަދި އިންސެކްޓަށް ބޮޑަށް ފެތުރިގެން ދާނެއެވެ.

ނިންމާލުން 


މަތީގައި މި ބަޔާން ކުރެވުނީ ގޭގައި ބޭނުން ކުރާ ތަކެތީން، ދަނޑުތަކަށާއި ބުސްތާނުތައް އާފާތްތަކުން ދުރުކުރުމަށް ޖަހާނޭ ބޭސް ތައްޔާރު ކުރާނޭ ގޮތެވެ. ޕެސްޓިސައިޑް އުފައްދާނޭ ގޮތެވެ. މި ބޭސްތަކަކީ، ތިމާވެއްޓާ ރައްޓެހި، ކެވުނަސް ކެންސަރު ފަދަ ބައްޔެއް ނުޖެހޭ ރައްކާތެރި ބޭހެވެ. ބޭސް މަސައްކަތް ކުރާގޮތް ވެސް ބަޔާން ކުރެވިފައި ވާނެއެވެ. މި ބޭސްތައް އެންމެ ރަނގަޅުވާނީ ހަފައިލީ ހައިވާނު  ނުވަތަ އިންސެކްޓް ނުވަތަ ސަފަޔަށެވެ. މިބޭހަކީ އެ ހައިވާނުތަކުގެ ގާތިލެވެ.  ތެލާއި ސައިބޯނި އަޅާނޭ މިންވަރު ބުނެފައިވަނީ ކަމުގެ މާހިރުންގެ ލިޔުންތަކަށް ބުރަވެއެވެ. އެކި ކޫޑިއަށް ސަކުދަނަ* ތެޔޮ އަދި ސައިބޯނި ކަނޑައެޅުމަށް ކުޑަ ތަޖުރިބާއެއް ކޮށްލަން ޖެހިދާނެއެވެ.

ގަސްތަކަށް ޖެހޭ ބައެއް ބަލިތަކަކީ ވައިރަސް އާއި ފަންގަސް ކިޔާ ކޫޑިއެވެ. ފަންގަސްއަށް މަތީގައިވާ ބޭހުން އަސަރެއް ކުރިއަސް، ވައިރަސް ބަލިތަކަށް ބޭނުންވާ ބޭސް ހަދާނޭގޮތެއް މި މަޒުމޫނަކު ނުވެއެވެ. މި ކޫޑިއަށް ބޭސް ހަދާނޭ ގޮތް ފަހުން ލިޔާ މަޒުމޫނެއްގައި ބަޔާން ކުރާނަމެވެ. މިހެން ދެންނެވިއަސް، ވައިރަސް ބަލިތައް ޖެހެނީ ބައެއް އިންސެކްޓް މެދުވެރިކޮށް އަންނަ ޖަރާސީމުން ކަމަށްވާތީ، އިންސެކްޓްތައް ދަނޑުތަކުގައި މަދުނަމަ، ވައިރަސް ބަލިތައް ވެސް ގަސްތަކާ ދުރުވާނެއެވެ.

 

*ސަކުދަނަ: މި ލަފުޒުގެ މާނައަކީ އެދޭ ނުވަަތަ ބޭނުންވާ ވަރަށް އަދަދަުގެ ގޮތުން ނުވަތަ ކުޑަބޮޑުމިނުގެ ގޮތުން އެކަށީގެންވާ އެވެ. އިނގިރޭސި ބަހުންނަމަ enough އެވެ،