ވަޒީފާގެ ކަންތައްތަކުގައި، ތަރައްޤީ ވެފައިވާ ޤައުމުތަކާ ރާއްޖެއާ އަޅާ ބަލާއިރު ފާހަގަ ކުރެވޭ އެއްކަމަކީ، ތަރައްޤީ ވެފައިވާ ޤައުމުތަކުގެ މީހުން ގިނައިރު މަސައްކަތް ކުރާކަމެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ، އެކި ޤައުމުތަކުގެ މީހުން އަހަރަކު މަސައްކަތް ކުރާ ގަޑީގެ ޢަދަދާއި ރާއްޖޭގެ މީހުން މަސައްކަތްކުރާ ޢަދަދާ އަޅާކިޔުމުންނެވެ. ތިރީގައި އެވަނީ އެފަދަ ޗާޓެކެވެ.
ފާހަގަ ކުރެއްވެނީ ކޮން ކަމެއް ތޯއެވެ؟ އާދެ! މަސައްކަތް ކުރާ ގަޑީގެ ޢަދަދުން ބަލާއިރު، އެންމެ ކުރީގައި އުޅެނީ މެކްސިކޯ ކަމެވެ. މިބައި މީހުން އަހަރަކު 2246 ގަޑިއިރު މަސައްކަތުގައި އުޅެއެވެ. ކޮރެއާ އާއި ގްރީސް ފަދަ ޤައުމުތަކުގައި ވެސް، މަސައްކަތުގައި މީހުން އުޅޭ ވަގުތު އަހަރަކު 2000 ގަޑިއިރަށް ވުރެ މައްޗެވެ. ތަރައްޤީވެފައިވާ ޤައުމުތަކުގެ ޖަމާޢަތްކަމުގައިވާ އޯ.އީ.ސީ.ޑީ.ގެ މީހުން އެވަރެޖްކޮށް 1766 ގަޑިއިރު މަސައްކަތް ކުރެއެވެ. މި ޢަދަދަށް ވުރެ ގިނައިން މަސައްކަތް ކުރާ ޤައުމުތަކުގެ ތެރޭގައި، އެންމެ ތަރައްޤީވެފައިވާ އެމެރިކާ ފަދަ ޤައުމުތައް ހިމެނެއެވެ.
އަޅާކިޔުމުގެ ގޮތުން، މި ޗާޓުގައި އަޅުގަނޑު ހިމަނާފައިވަނީ ދިވެހިރާއްޖެއެވެ. އާދެ! ދިވެހިރާއްޖޭގައި ގިނަ އިދާރާތަކެއްގެ މީހުން މަސައްކަތްކުރަން ޖެހެނީ 1139 ގަޑިއިރުއެވެ. ދިވެހިރާއްޖެވަނީ މި ޗާޓުގެ އެންމެ ފުލު ގައެވެ. އަޅުގަނޑަށް ޔަޤީންވާ ގޮތުން، ސިވިލް ސާރވިސް ފަދަ ދާއިރާތަކުގައި ދިވެހީން މަސައްކަތްކުރާ ގަޑި މިއަށް ވުރެވެސް މަދުވާނެއެވެ. އެއީ ކީއްވެގެންތޯއެވެ؟
ބައެއް ސަރުކާރުގެ އޮފީސްތަކުގައި، މުވައްޒަފުން އެވަރެޖްކޮށް އަހަރަކު 10 ދުވަހު ސަލާންބުނާކަމަށް ހޯދުންތަކުން ދައްކައެވެ. މިދުވަސްތައް ކަނޑާލުމުން ވަނީ 1084 ގަޑިއެވެ. އާއިލީ ޒިންމާއަށް އެވަރެޖްކޮށް ޗުއްޓީކުރާ ދުވަސްތައް ހިމަނާނަމަ، މިއަށް ވުރެވެސް މަސައްކަތް ކުރާ ގަޑީގެ ޢަދަދު މަދުވާނެއެވެ. ކުރިއަރާފައިވާ ޤައުމުތަކުގައި މަސައްކަތް ކުރާ ގަޑީގެ ނިސްބަތުން ރާއްޖޭގެ މީހުން މަސައްކަތްކުރަން މި ޖެހެނީ ހާދަ މަދުވަގުތުއެވެ. ތަރައްޤީވާނީ ކިހިނަކުންތޯއެވެ؟
މަސައްކަތުގައި އެކަށީގެންވާ ވަގުތު ހޭދަކުރުމުގެ މުހިއްމުކަން
ޤައުމެއް ތަރައްޤީ ވަނީ އެ ޤައުމެއްގެ ރައްޔިތުންގެ މަސައްކަތުންނެވެ. މި ނޫން ގޮތްގޮތަށް ތަރައްޤީވެފައިވާ ޤައުމުތަކަކީ، އާދަޔާ ޚިލާފު ޤުދްރަތީ މުއްސަނދިކަމެއް ލިބިފައިވާ ޤައުމުތަކެވެ. ބިމުގެ އަޑީގައި ރަނާއި ރިއްސާއި ތެލާއި މި ނޫންވެސް ތަކެތި ހުންނަ ޤައުމުތަކެވެ. މި ދެންނެވި ނޫން ޤައުމުތައް މުއްސަނދިވަނީ، އެ ޤައުމުތަކުގެ މަސައްކަތްތެރީންގެ ހިއްމަތާއި މިންނަތުންނެވެ. ދެތިން މިސާލެއް ނަގަމާތޯއެވެ؟
ދެވަނަ ބޮޑު ހަނގުރާމައިގައި، ގުޅިފައިވާ ހުޅަނގުގެ ބާރުތަކުން ޖަރުމަނުވިލާތް ބޮންއަޅައި ފުޑާލިއެވެ. ބުނެވޭގޮތުގައި 2.7 މިލިއަން ޓަނުގެ ބޮން ޖަރުމަނަށް ގުޅިފައިވާ އިއްތިހާދުން އެޅިއެވެ. ބޮންތަކުން ޢަދަދުނުކުރެވޭ ހާ ގިނަ ސަހަރުތައް ސުންނާފަތި ވިއެވެ. ހަނގުރާމައިގައި 4.3 މިލިއަން ޖަރުމަނުން މަރުވިއެވެ. ނަމަވެސް އެ ހަނގުރާމައިގެ 40 އަހަރު ފަހުން، ޖަރުމަނުވަނީ، މުޅި ޔޫރަޕުގެ އެންމެ އުފެއްދުންތެރި، އެންމެ ބާރުގަދަ ޤައުމަށް ވެފައެވެ. ސިއްރަކީ ޖަރުމަނު މީހުންގެ މުރާލިކަމާއި މަސައްކަތްތެރިކަމެވެ.
ޖަޕާނު މިސާލަކަށް ނަގަމާތޯއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ 3.5 މިލިއަން މީހުން މަރުވިއެވެ. ގިނަ މީހުން ހީކުރާ ގޮތާ ޚިލާފަށް ޖަޕާނުގެ އެންމެ ގިނަ މީހުން ކުއްލިއަކަށް މަރުވީ ނިޔުކްލިއަރ ބޮމުގެ ސަބަބަކުންނޫނެވެ. އެމެރިކާ މީހުން ތެޔޮ އަޅައި ރޯކޮށްލުމުގެ ސަބަބުން ޓޯކިޔޯގެ އެއް ލައްކަ މީހުން އެއް ރޭގަނޑެއްގައި މަރުވިއެވެ.
ދެން އޭގެ 40 އަހަރު ފަހެވެ. ޖަޕާނުވީ، ދުނިޔޭގެ ދެވަނައަށް އެންމެ ކުރިއަރާފައިވާ ޤައުމަށެވެ. ހަނގުރާމައިގައި އިނދަޖެހުނު މި ޤައުމު، ވިޔަފާރީގެ ގޮތުންނާއި ތަރައްޤީގޮތުން ކުރިއަރައިގެން ދިޔައީ ހީވެސް ނުކުރާހާ ބާރަށެވެ. ސަބަބަކީ، ރައްޔިތުންގެ މަސައްކަތުގެ އަޚްލާޤެވެ.
ޤައުމެއް ކުރިއަރާނީ ރައްޔިތުންގެ ހިތްވަރާއި ފަންވަރުންނެވެ. މުލައްދަނޑީގެ ބާރުންނެވެ.
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމަށް (ޕްރޮޑަކްޓިވިޓީއަށް) އޮތް ހުރަސް
މަސައްކަތެއްގެ ނުވަތަ ޞިނާޢަތެއްގެ އުފެއްދުންތެރިކަމަކީ، ކުރާ މަސައްކަތުގެ ނިސްބަތުން ނެރެވޭ ނަތީޖާއެވެ. މިއީ ބައެއް ޤައުމުތަކުގައި، ސަރުކާރުން ޚާއްޞަ އިދާރާތައް އުފައްދައިގެން ބަލަމުން، ވަޒަންކުރަމުންދާ ކަމެކެވެ. އުފެއްދުންތެރިކަން ދަށްނަމަ، އެ ޤައުމެއްގައި މަސައްކަތެއް ކުރުމަށް، އިންވެސްޓް ކުރުމަށް އެހެން ޤައުމުތަކަކުން ޝައުޤުވެރިއެއް ނުވާނެއެވެ. ޚާއްޞަކޮށް، ކާރުޚާނާފަދަ ތަންތަނުގައި ނޯކިރީގައި މީހުންގެންގުޅޭ ތަންތަން ހިންގުމަށް ބޭރުގެ ފަރާތުންތަކަކުން ނޫޅޭނެއެވެ. ރާއްޖޭގައި މިކަމަށްއޮތް އެންމެ ބޮޑު ހުރަހަކީ ވަޒީފާއާ ބެހޭ ޤާނޫނު އޮތް ގޮތެވެ. މި ޤާނޫނަކީ، ވަޒީފާގައި އުޅޭ ފަރާތްތަކުން ނަޒަރުން ލިޔެފައިވާ ޤާނޫނެކެވެ. މައްސަލަތައް ތަފްޞީލުކުރުމުގެ ގޮތުން، އަހަރީ ޗުއްޓީ ނަގަމާތޯއެވެ؟ ޝައްކެތް ނެތެވެ. މަސައްކަތެއް ކުރެވޭނީ އެކަމަށް ވަގުތު ހޭދަކޮށްގެންނެވެ. ވަގުތުނުދޭ ނަމަ، ކުރެވޭނީ ކޮން މަސައްކަތެއް ތޯއެވެ؟
އެހެން ޤައުމުތަކުގައި އަހަރީ ޗުއްޓީ އޮންނަ ގޮތް
ބައެއް އިދާރާތަކުން ދުނިޔޭގެ އެކި ޤައުމުތަކުގައި، އަހަރީ ޗުއްޓީގެ މުއްދަތު ހިސާބުކޮށް ބަލައި ހަދައެވެ. މިފަދަ އިދާރާއަކުން ހޭދަކޮށްފައިވާ އެއް ޗާޓު ތިރީގައި އެވަނީ އެވެ.
މަތީގައިވާ ޗާޓުން ކިޔުންތެރިންނަށް ތިންކަމެއް ފާހަގަކުރެއްވޭނެއެވެ. އެއްކަމަކީ، އެމެރިކާގައި ޤާނޫނީ ގޮތުން ޗުއްޓީގެ މުއްދަތު ކަޑައަޅާފައި ނުވާކަމެވެ. ދެވަނައަށް ފާހަގަކުރެއްވޭނޭ ކަމަކީ، ދުނިޔޭގެ އެންމެ ގިނަ ޤައުމުތަކުގައި، ޤާނޫނީ ގޮތުން އަހަރީ ޗުއްޓީގެ އެންމެ ދިގުމިނަކީ، 21 ދުވަހާއި 22 ދުވަހާ ދެމެދުގެ މުއްދަތެއް ކަމެވެ. ޗާޓުން ފާހަގަ ކުރެއްވޭނޭ އަނެއް ކަމަކީ، މަދު ޤައުމެއްގައި 23 ދުވަހާއި 28 ދުވަހާ ދެމެދުގެ މުއްދަތެއް އަހަރީ ޗުއްޓީގެ ގޮތުގައި ދިން ކަމުގައި ވިއަސް، މިއީ ނިސްބަތުން ވަރަށް މަދު ޤައުމުކަމެވެ.
ދިވެހިރާއްޖޭގެ ޙާލަތު
ދިވެހިރާއްޖޭގައި، މުވައްޒަފުންނަށް ދޭންޖެހޭ ޗުއްޓީގެ މުއްދަތު އޮންނަނީ ޤާނޫނުން ކަނޑައަޅާފައެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު މި ޤާނޫނުގައި އޮންނަނީ އަންނަނިވި ގޮތަށެވެ:
ތިޔަ ބޭފުޅުންނަށް ފާހަގަ ކުރެއްވޭނޭ ކަމަކީ، ރާއްޖޭގެ ޤާނޫނުގައިވާ ގޮތުން 30 ދުވަސް ދޭންޖެހޭ ކަމާއި މި ދުވަސްތައް ގުނާއިރު ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ކަމެވެ. އެހެންކަމުން، މި ހަމައިން މަދުވެގެން 34 ކަލަންޑަރު ދުވަސް ކޮންމެ މުވައްޒަފަކަށް ޗުއްޓީގެ ގޮތުގައި ލިބެއެވެ. އަދި ޗުއްޓީ ނަގާ ދުވަހެއްގެ ސަބަބުން، 35 ކަލަންޑަރު ދުވަސް ބައެއް ފަހަރު ލިބޭނެއެވެ. ސިވިލް ސާރވިސް އާއި އެހެން އެތައް އިދާރާއެއްގައި، ހޮނިހިރު ދުވަހަކީ ބަންދު ދުވަހެއް ކަމުން، ގާތްގަޑަކަށް 40 ދުވަހާ ގާތްކުރާ މިންވަރަކަށް އަހަރީ ޗުއްޓީ ލިބެއެވެ.
އަޅައި ކިޔުން
ދިވެހިރާއްޖޭގައި 30 ދުވަސް އަހަރީ ޗުއްޓީގައި އޮންނަ އިރު، އެހެން ޤައުމުތަކާ މި މިންވަރު އަޅާ ކިޔަމާތޯއެވެ؟ މި ލިންކުން ފެންނަ ލިޔުމުގައި، 194 ގައުމެއްގެ އަހަރީ ޗުއްޓީގެ މުއްދަތު ލިޔެފައި ވެއެވެ. ދިވެހިރާއްޖެއާ އެއްވަރަށް ނުވަތަ ގިނައިން ޤާނޫނީގޮތުން އަހަރީ ޗުއްޓީ ދޭންޖެހޭކަމަށް ލިޔެފައިވަނީ އެންމެ 7 ޤައުމެއްގައި ކަމަށެވެ. އެއީ ކުވެއިތާއި އެންޑޯރާ އާއި އަލްޖީރިއާ އާއި ބަހްރައިން އާއި ބުރުކިނާފަސޯ އާއި ޕެނަމާ އާއި އެމިރޭޓްސް އެވެ. މި ލިސްޓްގައިވަނީ ތެލުގެ މުއްސަނދިކަން އޮތް ބައެއް ޤައުމާއި ތަރައްޤީ ނުވާ ޤައުމެވެ. ދިވެހިރާއްޖެއަށް ވުރެ %98 ޤައުމުގައި އަހަރީ ޗުއްޓީ ކުރެވެ. ތިރީގައި އެވަނީ ބައެއް ޤައުމުތަކުގެ އަހަރީ ޗުއްޓީގެ ދިގުމިނެވެ.
ރާއްޖޭގެ ބަންދު ދުވަސްތައް
ރާއްޖޭގެ ބަންދު ދުވަސްތަކަކީ ވެސް ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޕްރޮޑަކްޓިވިޓީ ދަށްކުރާ ދުވަސްތަކެކެވެ. އެއީ ދުނިޔޭގެ ނިސްބަތުން ގިނަ ދުވަސްތަކެކެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި އަހަރަކު 19 ޕަބްލިކް ހޮލިޑޭ ނުވަތަ ރައްޔިތުންނަށް ޗުއްޓީ ދުވަސްތައް އާދެއެވެ. މި ޢަދަދާ ބޭރު ޤައުމުތަކުގެ ޗުއްޓީ ދުވަސްތަކާ އަޅާކިޔަމާތޯ އެވެ؟ ތިރީގައި އެވަނީ އިނގިރޭސި ވިލާތުގެ މިފަދަ ބަންދު ދުވަސްތަކެވެ.
އާދެ! އިނގިރޭސި ވިލާތުގައި ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ހިމެނެނީ 13 ދުވަހެވެ. 12 އާއި 13 އާ ދެމެދުގެ މުއްދަތަކީ، ގިނަ ޤައުމުތަކުގެ އެވަރެޖް ރަސްމީ ބަންދު ދުވަހުގެ ޢަދަދެކެވެ. ރާއްޖޭގެ ރަސްމީ ބަންދު ދުވަސްތައް އިތުރުވުމުން، މަސައްކަތް ކުރާ ދުވަހުގެ ޢަދަދު މަދުވެ، އިދާރާތަކާއި ކުންފުނިތަކަށް ދަތިވެ، ޤައުމީ އުފެއްދުންތެރިކަން ދަށް ވެއެވެ. ރާއްޖޭގެ ޤާނޫނުގައި ހުކުރު ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ލިޔެފައި އޮތުމުން، ވަޒީފާދޭ ފަރާތްތަކުން ކުރަންޖެހޭ އިތުރު ޚަރަދުތަކެއް ވެސް ހުރެއެވެ.
ބޮޑެތި ކަންކަމާ ގުޅިގެން ލިބޭ ޗުއްޓީ އާއި ރޯދަމަސް
ދުނިޔޭގެ ގިނަ ޤައުމުތަކާ އެއްގޮތަށް ބޮޑެތި ކަންތައްތަކާ ގުޅިގެން 10 ދުވަހުގެ ޗުއްޓީއެއް ލިބެއެވެ. މި ޗުއްޓީ ނެގޭގޮތް ބޭރު ޤައުމުތަކުގެ ޤާނޫނުތަކުގައިވާ ގޮތާ ތަފާތެވެ. ޤާނޫނުގައިވާ ގޮތް ތިރީގައި އެވަނީ އެވެ. ޤާނޫނީ މާއްދާގެ އަރިމަތީގައި އާއިލީ ޒިންމާގެ ޗުއްޓީ ލިޔެފައި އޮތަސް، ކުރިން ނޭނގި ދިމާވާ ކޮންމެ ބޮޑުކަމަކާ ގުޅިގެން މި ޗުއްޓީ ނެގޭނެއެވެ. ބޭރު ޤައުމުތަކުގެ ޤާނޫނުތަކުގައި މި ޗުއްޓީއަށް ކިޔަނީ ކެޝުއަލް ލީވް ނުވަތަ ނުރަސްމީ ޗުއްޓީއެވެ. ސަރުކާރުގެ އޮފީހުގައި މުވައްޒަފުންގެ ކަންތައްތައް ބަލަން އުޅޭ ދެތިން މީހެއްގެ ކައިރީގައި ސުވާލުކޮށްލުމުން، އެމީހުން ބުނީ ގިނަ މުވައްޒަފުން ބޮޑެތިކަންކަމާ ގުޅިގެން ލިބޭ 10 ދުވަހުގެ ޗުއްޓީ ”ހަމަކުރާ“ ކަމަށެވެ.
ދިވެހިރާއްޖޭގައި ރޯދަމަހު މަސައްކަތް ކުރާ ގަޑި މަދުކަމަކީ، އަހަރަކު މަސައްކަތް ކުރާ ގަޑި މަދުވާންދިމާވާ ދެތިން ސަބަބުތަކުގެ ތެރެއިން އެއްކަމެކެވެ. ދީނީ ގޮތުން ބަލާއިރު، ރޯދަމަހުގައި މަސައްކަތް ކުރަންޖެހޭ ގަޑި މަދުކުރާކަށް ނުޖެހެއެވެ. މަދުކުރާނަމަވެސް، މިހާރު މަސައްކަތްކުރާހާ މަދުކުރާކަށް ކޮންމެހެން ނުޖެހެއެވެ. މަދުކުރުމަކީ ޤާނޫނީ ކަމެއް ނޫނެވެ. ފަހަކަށް އައިސް ފެށިފައިވާ އާދައެކެވެ.
އަމިއްލަ ކުންފުނިތަކާއި ޤާނޫނު
ސިވިލް ސާރވިސް އާއި އެހެން ބައެއް އިދާރާތަކުގައި، ޙަޤީޤަތުގައި މުވައްޒަފުން މަސައްކަތް ކުރާ ދުވަސްތަކުގެ ޢަދަދު އަހަރެއްގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާނެއެވެ. އެއީ އަހަރަކު 52 ހަފުތާ އޮވެފައި، ހަފުތާގައި ދެ ދުވަސް ބަންދުވާތީ، އަހަރަކު 104 ދުވަސް ބަންދު ލިބޭތީއެވެ. ދެން މީގެ ތެރެއަށް އެއްކުރަން ޖެހެނީ، ޗުއްޓީއަށް ލިބޭ 30 ދުވަހާއި ބޮޑެތި ކަންތައްތަކާ ގުޅިގެން ލިބޭ 10 ދުވަހާއި 19 ބަންދު ދުވަހެވެ. އެއިރުން ޖުމުލަ 163 ދުވަސް ވެއެވެ. ސަލާމުގައި އެވަރެޖްކޮށް މީހަކު ނަގާ 10 ދުވަސް ހިމަނާނަމަ، 173 ދުވަސް ވާނެއެވެ. 30 ސަލާން ”ހަމަކުރާ“ މުވައްޒަފުން ލައިފި ނަމަ، އަހަރަކު މަސައްކަތް ނުކުރާ ދުވަހުގެ ޢަދަދު 193 އަށް އަރާނެއެވެ.
މިހެން ކަން އޮތް އިރު، އަމިއްލަ ކުންފުނިތަކުން މުވައްޒަފުންނާ ދޭތެރޭ ޢަމަލުކުރަނީ ކިހިނަކުންތޯއެވެ؟ ޤައުމެއްގެ އިޤްތިޞާދުގެ މައިގަނޑު ޙިއްޞާ އޮންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައެވެ. ޖަޕާނުގެ ކުންފުނިތަކުގެ %90 ޙިއްޞާކުރަނީ 30 މުވައްޒަފުންނަށް ވުރެ މަދު ކުންފުނިތަކުންނެވެ. ޖަރުމަނުގެ މެދު ސައިޒުގެ ކުންފުނި މިންކުރަނީ 200 މީހުންނަށް ވުރެ މުވައްޒަފުން މަދު ތަންތަނަށެވެ. މިއީ ޖަރުމަނުގެ ކުންފުނިތަކުގެ %98 އެވެ. އަޅުގަނޑަށް ހީވާގޮތުން، ޤާނޫނުތައް އެކުލަވާލާންވާނީ، މި ފެންވަރުގެ ކުންފުނިތަކަށް ފަހިވާގޮތަށް، މުވައްޒަފުންގެ މަޞްލަޙަތު ރައްކާތެރިކުރެވޭ ގޮތަށެވެ.
މިހާރު ޤާނޫނު އޮތްގޮތަށް ބަލާއިރު، ރާއްޖޭގެ ކުންފުނިތަކުން ޤާނޫނާ އެއްގޮތަށް ޢަމަލުކުރޭބާވައެވެ؟ ދެތިން ކުންފުންޏެއްގެ ވެރީންނާ ސުވާލުކުރުމުން އެމީހުން ބުނީ، ޤާނޫނާ އެއްގޮތަށް ޢަމަލުކުރާނަމަ، އެމީހުންގެ ވަރުގެ ކުންފުނިތަކެއް ނުހިނގާނެ ކަމަށެވެ. ޤާނޫނާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން މުޅީން ޢަމަލުކުރާހެނެއް ހިޔެއް ނުވެއެވެ. ޤާނޫނުގައި އަންނަނިވި މާއްދާ އޮވެއެވެ.
ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި، ”މުވައްޒަފަކު އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށް ވުރެ ލަސްނުވާނޭ ގޮތުގެ މަތިން، އޭނާ އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިން ޖެހޭ ފައިސާގެ ޢަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭން ވާނެއެވެ.“
އަހަރީ ޗުއްޓީއަށް މުވައްޒަފަކު ދާއިރު، އޭނާއަށް ޗުއްޓީގެ ދުވަސްތަކަށް، ޤާނޫނާއެއްގޮތަށް ކުރިން މުސާރަ ދެނީ ކިތައް ތަނުން ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. މާލޭގައި ގިނަވެގެން އުޅޭ ބިދޭސީންގެ ކައިރީގައި ސުވާލުކުރުމުން ކިތަންމެ ބަޔަކު މީހުން، އެމީހުންނަށް ޙައްޤު މުސާރަ ނުދޭތާ އެތައް މަހެއް ވެފައިވާ ވާހަކަ ބުނެއެވެ. އެހެން ކަމުގައިވާނަމަ، ޤާނޫނުގެ ބަދަލުވެރި ފަރާތުން އެ ޤާނޫނު ހިންގާބާއެވެ؟ ވަޒީފާއާ ބެހޭ ޤާނޫނު ހިނގަނީ ހަމައެކަނި ދިވެހީންނަށް ހެއްޔެވެ؟
ރާއްޖޭގައި އުޅޭ ބިދޭސީން ލައްވައި، ބައެއް ކުންފުނިތަކުން ހަފުތާއަކު 48 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރުވައެވެ. ޤާނޫނުގައިވާ ގޮތުން ހަފުތާއަކު 48 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރެވޭނީ އިތުރުގަޑި ދީގެންނެވެ. މީގެ އިތުރަށް 48 ގަޑިއިރު މަސައްކަތް ކުރުވައިފިނަމަ، މަދުވެގެން 24 ގަޑިއިރުގެ ޗުއްޓީއެއް ދޭން ޖެހެއެވެ. ނަމަވެސް، ބައެއް މަސައްކަތްތެރިން ލައްވާ ހުކުރު ދުވަހު މެންދުރުފަހު ވެސް މަސައްކަތް ކުރުވައެވެ. ރާއްޖޭގައި އެންމެ ބޮޑަށް ހިމާޔަތްކުރަން ޖެހޭ ބަޔަކީ އެންމެ ނިކަމެތި މީހުންނެވެ. މި މީހުންނަށް ޤާނޫނުގެ ޚިމާޔަތް ފޯރާބާވައޭ އަޅުގަނޑު ހިތަށް އަރައެވެ.
ޤާނޫނަށް ގެންނަންވީ އިޞްލާޙުތައް
ވަޒީފާއާ ބެހޭ ޤާނޫނާއި އެހެން ޤައުމުތަކުގެ މިފަދަ ޤާނޫނު އަޅުގަނޑު ކުޑަކޮށް ބަލައިލާފީމެވެ. ރާއްޖޭގެ ޤާނޫނަށް ނަޒަރު ހިންގާލުމުން ހިތަށް އަރަނީ، މި ޤާނޫނަކީ، މުވައްޒަފުންގެ ފުށުން ލިޔެފައިވާ ޤާނޫނެއް ކަމެވެ. ޤާނޫނު އެކުލަވައިލުމުގައި ވަޒީފާދޭ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ބެލިފައިވާކަން މި ޤާނޫނު ކިޔުމަކުން އިޙްސާސެއް ނުވެއެވެ. މިއީ، އެހެން ޤައުމުތަކުގައި ހެން، ވަޒީފާ ދޭ ފަރާތްތަކުގެ ޖަމްޢިއްޔާއެއް ނެތުމުން ވީ ކަމެއް ކަމަށް ވެދާނެއެވެ. ކަމުގެ އެއް ހައްލަކީ Maldives Employers’ Association ދިވެހި ވަޒީފާދޭ ފަރާތްތަކުގެ ޖަމްޢިއްޔާއެއް ޤާއިމްކުރުމެވެ.
ޤާނޫނު އެކުލަވާލުމުގައި އުޅުނު މެންބަރަކާ އަޅުގަނޑު ބައްދަލުވި ފަހަރަކު، ޤާނޫނުގެ ބައެއް މައްސަލަތަކާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ޖަވާބުގައި ބުނީ، މައްސަލަތައް ހުރިކަން އެނގޭކަމަށާއި ނަމަވެސް، ފަހުން އިޞްލާޙްކުރުމަށް މިހާރު ފާސްކޮށްލީ ކަމަށެވެ. މި ޤާނޫނު ފާސްވީ، ސިޔާސީ ގޮތުން ހަލޮބޮލިވި މަޖިލިސްއެއްގައި 2008 ވަނަ އަހަރުގެ ކުރީ ކޮޅުއެވެ. ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި އެހެން ޤައުމުތަކުގައި ނުހުންނަ غريب މާއްދާތައް ހުރެއެވެ. ކަމާ ނުގުޅޭ ވަކި ދިވެއްސަކަށް އަމާޒުކޮށް މާއްދާއެއް ހަދައިފާނެއެވެ. ފަހަކަށް އައިސް ވަކި މީހަކު ރައީސްކަމަށް ވާދަނުކުރެވޭ ގޮތަށް ވެސް މާއްދާއެއް ފާސްކުރިއެވެ. އެހެން ބައެއް ޤާނޫނުތަކުން ވެސް މިކަން ފެނެއެވެ. ވަޒީފާއާ ބެހޭ ޤާނޫނުގައި، މުވައްޒަފަކު ގަޑިޖެހުމުން، އެމުވައްޒަފެއްގެ މުސާރައިން ކެނޑޭނީ ހަމައެކަނި އެގަޑިއަށް ޖެހޭ މިންވަރުކަމަށް ބަޔާންކޮށްފައި ވެއެވެ. ޤާނޫނު ފާސްވުމުގެ ކުރިން ގަޑިޖެހުމުން މުސާރައިން ކެނޑޭ މިންވަރު، ވަގުތަށް މުވައްޒަފު ހާޒިރުވުމަށް ބާރަކަށް، ނިސްބަތުން މިނެއްޓަށް ބަލައި ބޮޑެވެ. އަޅުގަނޑު ސުވާލުކުރި މީހަކީ އޭނާ ސަރުކާރުގައި އުޅުނު އިރު އަބަދުހެން ގަޑިޖެހޭ މީހެކެވެ. އާދަކޮށް ގަޑިޖެހޭނަމަ ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް އޮންނަކަމަށް ބޭރު ޤައުމުތަކުގެ ޤާނޫނުތަކުގައި ލިޔެފައި އޮވެއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައި، އިތުރުގަޑީގެ ފައިސާ ނުވަތަ އޯވަރޓައިމް ޕޭ ލިބޭނޭ އެންމެ ގިނަ އިރު ބަޔާންކޮށްފައި އޮވެއެވެ. ޖަރުމަނު ޤާނޫނުގައި ޢާއްމު މަސައްކަތު ގަޑިއަށް ވުރެ އިތުރަށް ދުވާލަކު ދެ ގަޑިއިރު ނޫނީ އޯވަރޓައިމް ލިބޭގޮތަށް މަސައްކަތް ނުކުރެވޭނޭ ކަމަށް ބަޔާންކުރެއެވެ. މިގޮތަށް އޮތުމުން، މުވައްޒަފަކު ލައްވާ ޢާއްމުކޮށް ކުރާ 8 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރެވޭނީ 2 ގަޑިއިރު އެވެ. މިއަށް ވުރެ އިތުރަށް ޢާއްމުކޮށް މަސައްކަތް ކުރަންޖެހޭ ނަމަ، އެއިން ދޭހަވަނީ އެހެން ވަޒީފާއެއް އުފެއްދުމަށް ފުރުޞަތު އޮތްކަމެވެ. މީގެ އިތުރަށް މިހެން އޮތުމުން ވަޒީފާދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނުޙައްޤު އުފަކާރައަށް މުވައްޒަފުން ބޭނުންކުރުމުން ނުވަތަ އިކްސްޕްލޮއިޓް ކުރުމުން ޙިމާޔަތް ކުރެވެއެވެ. ޖަރުމަނުގެ ޤާނޫނުގައި އޮންނަ އަނެއް ހަމައަކީ، 24 ގަޑިއިރުގެ ތެރޭގައި، އަރާމުކުރުމަށް މެދުކެނޑުމެއް ނުވާ 11 ގަޑިއިރު ނުދީ މަސައްކަތް ނުކުރެވޭނޭ ކަމެވެ. ޗުއްޓީގެ ހަމަތަކުގެ އިތުރަށް މި ދެންނެވީ ވެސް ޤާނޫނަށް ގެނެވިދާނޭ އިސްލާހެވެ.
ޖަރުމަނުގެ ޤާނޫނުގައި، މުވައްޒަފަކު ލައްވައި އަރާމު ކުރާނޭ ވަގުތު ނުދީ އެންމެ ގިނައިރު ވަޒީފާ އަދާކުރެވެނީ 6 ގަޑިއިރު އެވެ. ރާއްޖޭގެ ޤާނޫނުގައި 4 ގަޑިއިރު އެވެ. ތަންތަނުގެ ފާރައަށް ތިބޭ މީހުން ހަތަރު ގަޑިން އަރާމުކުރާނޭ ވަގުތުދީގެން ވަޒީފާގައި ގެންގުޅެން ހާދަ ދަތިވާނެއެވެ. ބިދޭސީން ވޮޗަރުންގެ ގޮތުގައި ގެންގުޅޭ ކުންފުނިތަކުން ޤާނޫނުގެ މި މާއްދާއަކަށް ޢަމަލެއް ނުކުރެއެވެ. ވޮޗަރުންނަކީ އޮށްދާހިއްލާ ކަހަލަ މަސައްކަތެއް ކުރާ ބައެއް ނޫނެވެ. ކުންުފުނިތަކުން އެމީހުން 4 ގަޑިއިރަށް ވުރެ މާ ގިނައިރު ވޮޗަރުކަމުގައި ބަހައްޓައެވެ. ޤާނޫނުތަކަށް މީހުން އުޅެން ބޭނުން ވާނެއެވެ. ނަމަވެސް، ޤާނޫނާ އެއްގޮތަށް އުޅެން ދަތިނަމަ، މީހުންގެ ޢަމަލުތައް ހުންނާނީ ”ޣައިރުޤާނޫނީ“ ގޮތަށެވެ.
މި ސުވާލުގެ ޖަވާބަކީ ކޮބައި ހެއްޔެވެ؟
ވަޒީފާއާ ބެހޭ ޤާނޫނާއި، ޓްރައިބިޔުނަލް އާއި ސިވިލް ސާރވިސް އައުމުން، ވޭތިވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން ވީ ރަނގަޅު ހެއްޔެވެ؟
ވަޒީފާގެ ޤާނޫނުގެ ސަބަބަކުން — ސިވިލް ސާރވިސް ކޮމިޝަން އުފެދުމަކުން — އަޅުގަނޑު ސުވާލުކުރި ބައެއް މީހުންގެ ނަޒަރުގައި، މުވައްޒަފުންގެ އުފެއްދުންތެރިކަމެއް މައްޗެއް ނުވެއެވެ. މިހާރު ދައުލަތުގެ ގިނަ ތަންތަނުގައި މަސައްކަތް ކުރަނީ ހަފުތާއަކު 27.5 ގަޑިއިރުއެވެ. މާޒީ އާ އަޅާބަލާއިރު، މިއީ ދަށް މިންވަރެކެވެ. ސަލާންބުނުން ސަފުން މަދުވެފައެއް ނެތެވެ. ގަޑިޖެހުން ޢާއްމެވެ. ބައެއް ތަންތަނުގައި ގަޑިއަށް ހާޒިރުވަނީ ސޮއެވެ. މުވައްޒަފުން ބައެއް ފަހަރު ސޮއިކޮށްފައި ދަނީ ބޭރަށެވެ. ކުދިން ބެލުމަށް ސްކޫލްދޮށަށް ދިއުމާއި ސައިބުޔުމަށް ބޭރަށް ދިއުމުގައި ފިސާރިއެވެ. ދައުލަތުން މުސާރަދޭ ގަޑީގައި ރައްޓެހީންނާއެކު ގަހުވަ ބޯން ތަންތަނަށް ދިއުމަކީ އާދައެކެވެ. މިފަދަ މުވައްޒަފުންނާ ސުވާލުކުރުމުން އެމީހުންގެ ބަހަނާ އެއްގޮތްވާނެއެވެ: ”ގަޑިޖެހިގެން އަޔަސް، ސަލާން ގިނައަސް، އަޅުގަނޑު އޮފީހުގައި އުޅޭ އިރު އެހެން މުވައްޒަފުންނަށް ވުރެ އުފެއްދުންތެރިކަން މާ މަތިވާނެއެވެ.“ އެއީ ތެދެއް ހެއްޔެވެ؟ އެމީހުން ބުނާކަހަލައެވެ: ގަބުރުސްތާނުގައި މީހުން އެތިބެނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ މަސައްކަތް ކުރޭ ހެއްޔެވެ! އޮފީސް ވަގުތުގައި އަމިއްލަ މަސައްކަތް ކުރުމާއި މޮބައިލް ފޯނާ ކުޅުމުގައި ވަގުތު ބޭކާރުކުރުން ބޮޑަށް ފެތުރިފައި ވެއެވެ. ސިޔާސީ ސަބަބުތަކާ ގުޅިގެން ސިވިލް ސާރވިސް އިން ވަޒީފާއިން ވަކިކުރުމުން، ވަޒީފާ އަނބުރާ ދިނުމަށް ކޯޓުން އެތައް ބަޔަކަށް ހުކުން ކޮށްފައި ވެއެވެ. ކޮމިޝަން ގެ ނިންމުންތަކަށް ސިޔާސީ ނުފޫޒު ކޮށްފައިވާކަން ކޯޓުގެ ނިންމުމުން ޔަޤީން ވެއެވެ.
މަޢާފުކުރައްވާށެވެ! އަޅުގަނޑު މި ވަކާލާތު ކުރަނީ ސިވިލް ސާރވިސްގެ މުވައްޒަފުންގެ އަހަރީ ޗުއްޓީ ކުރުކުރާކަށެއް ނޫނެވެ. އަޅުގަނޑުގެ ކަންބޮޑުވުމަކީ އެންމެ ގިނައިން ޗުއްޓީ އޮންނަ ތެލުގެ މުއްސަނދިކަން ހުރި ޤައުމުތަކުގެ ހަމަތައް ރާއްޖޭގެ ވަޒިފާގެ ޤާނޫނުގައި އެންމެ މަދުން ދޭންޖެހޭ މިންވަރުގެ ގޮތުގައި ކަނޑައެޅުމެވެ. ޤައުމެއްގެ އިޤްތިޞާދުގެ އިންޖީނަކީ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ވާއިރު، އެ ކުންފުނިތަކަށް އޮބިނޯންނަ ގޮތަށް ޤާނޫނުގައި ކަންކަން އޮތީމައެވެ. ކުންފުނިތައް ހިންގަން ބޭނުންނަމަ، ޤާނޫނާ ޚިލާފުވާން ޤާނޫނު މަޖުބޫރުކުރުވާތީއެވެ. އަހަރީ ޗުއްޓީއަކީ 20 ދުވަސްކަމުގައި އޮތަސް، ސިވިލް ސާރވިސް ކޮމިޝަނުން އެއަށް ވުރެ ގިނައިން ޗުއްޓީ ދިނުމަށް ހުރަހެއް ނެތެވެ. މިހާރު އަހަރީ ޗުއްޓީގައި އޮންނަ ބަންދު ދުވަސްތައް ނުލާ 30 ދުވަހުގެ ބަދަލުގައި، ކޮމިޝަނުން ބޭނުންނަމަ، އަހަރީ ޗުއްޓީގެ ގޮތުގައި 60 ދުވަސް ހަމަޖެއްސުމަށް ހުރަހެއް ނެތެވެ. އެގޮތް ރަނގަޅުވެސް ވެދާނެއެވެ. ބައެއް މީހުން ދެކޭގޮތުގައި، ކަންތައްތައް ރަނގަޅުވާނީ ކަންކަން އިތުރަށް ގޯސްވެ، ދުރު ނުވިސްނޭ މީހުންގެ ގޯއްޗާ ހަމައަށް އުދައެރުމުންނެވެ.
ވަރަށް ގިނަ ބަޔަކު ހީކުރީ، ސިވިލް ސާރވިސް ކޮމިޝަން އުފެދުމުން، މުވައްޒަފުންގެ މަސައްކަތު އަޚްލާޤު (ވާރކް އެތިކްސް) ވަރަށް ބޮޑަށް ރަނގަޅުވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ވަރަށް އަވަސްވެ، އުފެއްދުންތެރިކަން އިތުރުވާނެ ކަމަށެވެ. ތަނުގެ ތެރޭގައި އެސްޕްރި ޑި ކޯ (روح الجماعة esprit de corps) ނުވަތަ އެކުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުން އުފެދޭ ޤައުމީ ޖޯޝާއި ހިތްވަރާއި ކެރުން އިތުރުވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ދައުރުގައި، ސިވިލް ސާރވިސްގެ މުވައްޒަފުންގެ މަސައްކަތު ގަޑި ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 4:00 އަށް ބަދަލުކުރެއްވިއެވެ. މެންދުރު ކެއުމަށް 1 ގަޑިއިރުގެ ހުސްވަގުތު ކޮޅެއް ދެވެއެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ސިވިލް ސާރވިސްގެ ވަގުތު ހަމަޖެހިފައި އޮންނަ ގޮތެވެ. ހަފުތާއަކު ޖުމުލަ 35 ގަޑިއިރެވެ. ރައީސް ނާޞިރުގެ ދައުރުގައި ވެސް މިގޮތަށް ގަޑިތައް އެއް އިރަކު އޮތެވެ. ބައެއް ޤައުމުތަކުގައި އޮފީސްތައް ހެނދުނު 9:00 ގައި ފަށައެވެ. ޖަޕާނުގައި ފަށަނީ ހެނދުނު 10:00 ގައެވެ. ނިމޭނީ 7 ގަޑިއިރުގެ މަސައްކަތަށް ފަހުއެވެ. މެންދުރު ކެއުމަށްދޭ 1 ގަޑިއިރަކީ ބައެއް ޤައުމުތަކުގައި މުސާރަދޭ ގަޑިއެއް ނޫނެވެ. މިކަމުގެ މަންފާއަކީ، އިތުރުގަޑިއަށް ޖެހޭ ފައިސާ ހިސާބުކުރާ އިރު، މުވައްޒަފަށް ގަޑިއަކަށް ޖެހޭ މިންވަރު ބޮޑުވާކަމެވެ.
ސިވިލް ސާރވިސް އަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ނޯކިރީގައި އުޅޭ ދާއިރާކަމުން، އެ މުވައްޒަފުންގެ އުޅުންތަކާއި ގުޅުންތައް އެހެން ތަންތަނުގެ މުވައްޒަފުން ނަމޫނާއަކަށް ނަގާނެއެވެ. އެހެންކަމުން، ސިވިލް ސާރވިސް ހަރުދަނާވުމަކީ، ވަޒީފާދޭ ހުރިހާ ފަރާތްތަކެއްގެ މަޞްލަޙަތު އެކަމުގައިވާ ކަމެކެވެ. ސިވިލް ސާރވިސް ގެ އީތޮސް ނުވަތަ މަސައްކަތުގެ އާދަކާދަތަކާއި ރޫޙް ރަނގަޅުކުރެވޭނީ ވެސް، ވަޒީފާގެ ޤާނޫނަށް އިޞްލާޙްތަކެއް އައިސް ގެންނެވެ.
އަޅުގަނޑު ދެން މިގެނެސްދެނީ ރަސްމީ ގަޑިތަކާ ބެހޭގޮތުން، ޝާއިޢުކޮށްފައިވާ ތާރީޚީ ދެ ލިޔުމެއްގެ ފޮޓޯއެވެ. މި ލިޔުން އަޅުގަނޑަށް ފޮނުއްވީ، އަޅުގަނޑުގެ ރައްޓެއްސެއްކަމުގައިވާ މުޞްޠަފާ އެވެ. އޭނާއަށް އެ ލިޔުން ލިބުނީ ދިވެހި ތާރީޚްގެ ދަރިވަރެއްކަމުގައިވާ ޝާޠިރުގެ ފަރާތުންނެވެ.
Varah furihama liyumeh
This article, I humbly think, makes a fundamental error in assuming that the number of statutorily prescribed work-time will be equal or equivalent to the number of actual work done by the employees. I do not think it is reasonable to assume that, the longer the duration of work is, the more work people will do. You can prescribe a 10 hour work day. But it does not mean people will work 10 hours. Rather, it is the discipline, attitude, and honesty of the worker, and his professionalism and capacity developed through his education, training, and work incentives, which will make him productive. If he becomes such a capable and professional worker, he will do in six ours, the work that someone lacking that professionalism will do in 10 hours. Also, we must seriously consider the possibility that, more work hours can dampen the spirit of workers, by depriving them of time that must be devoted to some other necessities, thus making him a comparatively unproductive person. In other words, increasing the daily working hours may have opposite of the desired effect. It is, to me, uncharacteristic of Dr. Hassan, to suggest that our “jobs” must be accorded more and more time out of our daily schedule, with the implication that our spiritual, familial, and social life must be pushed even further to the margins. By the way, I am a committed admire of your work, sir, and this article, and the fact that I disagree with it, does in no way make me admire you any less. I just happen to have a different opinion here.
ބޭނުންތެރި މައުލޫމާތުކޮޅެއް
ވަރަށް ފުރިހަމަ ލިޔުމެއް!
ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ޗުއްޓީތަކާއި އެތަނުން ޗުއްޓީއާއި ގުޅޭގޮތުންމް ހަދާފައިވާ ޤާނޫނުތައް ހެދުމުގައި މަސްދަރެއް ކަމުގައި ބަލާފައިވާ މިންގަނޑުތަކަކީ ކޮބައިބާވައެވެ؟
Totally enjoyed reading this article. Something worth sharing with the relevant authorities.
އެމެރިކާގައި އަހަރީ ޗުއްޓީ ނުދެނިކީނޫން ކަންނޭގެ ދެއްތޯ! އެތަނުގައި އެކި ސްޓޭޓްގެ ގާނޫނު ތަފާތުވީމަ ތިޗާޓުގަނެތީހެން ހީވަނީ. ބައްލަވާލައްވާ. އެއީ ލާމަރުކަޒީ ގޮތުން ގުޅިފައިވާ ސްޓޭޓްތަކެއް
See: https://www.cnbc.com/2018/07/05/heres-how-many-paid-vacation-days-the-typical-american-worker-gets-.html
އެމެރިކާގައި އަހަރީ ޗުއްޓީ ޤާނޫނެއްގައި ލިޔެފައި ނެތަސް އޮންނާނެއެވެ. ނަމަވެސް، އެކަން ދޫކޮށްލާފައި އެވަނީ ވަޒީފާދޭ ފަރާތާއި ވަޒީފާ ޤަބޫލުކުރާ ފަރާތުން ނެގޯޝިއޭޓް ކުރުމަށެވެ. ބައެއް މީހުންގެ ނަޒަރުގައި ޤާނޫނުތައް މަދުވުމަކީ މިނިވަންކަން އިތުރުވުމެވެ.