.
ކަލާނގެ ހޯދުމުގައި . . .
ކަލާނގެއަކު ވާކަމަށް ޤަބޫލުނުކުރުމަކީ (އިލްހާދު ނުވަތަ އޭތިއަޒަމް) އަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށް މިހާރު ދިމާވެފައިވާ ގޮންޖެހުމެކެވެ. ޒުވާނުންގެ މެދުގައި މުޅި ދުނިޔޭގައި ފެތުރެމުންދާ ޚިޔާލާތެކެވެ. މަޝްހޫރު އިސްލާމީ ފަލްސަފާވެރިޔާ، މައުލާނާ ޥަޙީދުއްދީން ޚާންގެ ”އިން ސާރޗް އޮފް ގޯޑް“ އަކީ ކަލާނގެއެއް ވާކަމުގެ ހެކިތަކުގެ މައްޗަށް ޒުވާނުންނަށް އަމާޒުކޮށް އޭނާ ލިޔެފައިވާ ކުޑަކުޑަ ފޮތެކެވެ.
2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން މާލޭގައި ބޭއްވި އިސްލާމިކް ފެއަރ އެއްގައި މިފޮތް ވިއްކަން ހުއްޓައި، ޖާދުﷲ ޖަމީލު ފޮތެއް ބައްލަވައި ގަނެ، ކިޔުއްވާފައި ނިންމެވީ މިއީ ރާއްޖެއަށް ބޭނުންތެރި ފޮތަކަށް ވެދާނޭ ކަމަށެވެ. އެހެންކަމުން، ޒުވާނުންނަށް އަމާޒުކޮށް މިފޮތް ތަރުޖަމާކުރީއެވެ. މިކަމުގައި ބައިވެރިވީ ޖާދުﷲ ޖަމީލާއި ޙަސަން ޙަމީދާއި މުޙައްމަދު މުޞްޠަފާ ޙުސައިން (މެރީ ކޯނަރ) އެވެ. ފޮތް ތަރުޖަމާ ކޮށްފައި ވަނީ ޒުވާނުންނަށް ކަމުން، ތަރުޖަމާގެ ބަހުރުވަ ޢާއްމު މިފަދަ ފޮތްތަކާ ތަފާތު ވާނެއެވެ.
3 ޑިސެމްބަރު 2016
މި ފޮތުގައި ހިމެނެެނީ 6 ބާބެވެ. އެއްކޮށް ކިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކުރިއަށް ގެންދަވާށެވެ. ފުރަތަމަ ބާބު ފިޔަވައި، އެހެން ބާބުތަކުގެ ސުރުޚީއަށް ކްލިކްކުރެއްވުމުން އެ ބާބެއް ފެނިވަޑައިގަންނަވާނެ އެވެ.
ބާބު 1: އެންމެ ހާމަކަން ބޮޑު ސިއްރު
ބާބު 2: ކަލާނގެ ވޮޑިގެން ވޭ ހެއްޔެވެ؟
ބާބު 3: އިންސާނާއަކީ ހުރިހާކަމެއް ފުރިހަމަ ވެގެންވާ ދިރުމެއް ނޫން
ބާބު 4: ކަލާނގެ: އީމާން ކަމުގެ މަސްދަރު (އީމާންކަން ފެށިގެން އަންނަގޮތް)
ބާބު 5: ކަލާނގެ މަގުގައި ދިރިއުޅުން
ބާބު 6: ޖަވާބުދާރީ ވުމުގެ ފިކުރު

ބާބު 1
އެންމެ ހާމަކަން ބޮޑު ސިއްރު
އެކަމަކާ މެދު މީހަކު އެންމެ ބޮޑަށް ޔަޤީންކަން އޮންނަ ކަމަކީ އޭނާ ދުނިޔޭގައި ދިރިހުރި ކަމެވެ. އޭނާ ވާކަމެވެ. މިހެން މިކަން އޮތް ކަމުގައި ވިޔަސް، ކޮންމެ މީހަކީ ވަރަށް ބޮޑު ސިއްރެކެވެ. ބުނެދޭން ނޭނގޭ، އޮޅުންފިލުވާދޭން ނޭނގޭ އަޖާއިބެެކެވެ. ރާޒެކެވެ. އެހެނީ އިންސާނާ އަކީ، މާއްދީގޮތުން އަހަރުމެންނަށް ފެންނަ ހަށިގަނޑެއް ނޫނެވެ. އެއީ، އޭނާ ”އަހުރެން“ މިހެން ބުނެ ނިސްބަތް ކުރާ އެއްޗެވެ. އެ ”އަހުރެން“ އެއްވެސް މީހަކަށް ނުފެނެއެވެ.
މިހެންވެގެން، ފަލްސަފާ ވެރިއެއް ކަމަށްވާ ރެނޭ ޑެކާޓް (1596–1650) ދުނިޔޭގައި އޭނާ ”ވާކަން“ ނުވަތަ އުޅޭކަން ސުބޫތު ކުރަންބޭނުން ވެގެން ބުނި ބަހަކީ: ”އަހަރެން އުފެދިފައިވަނީ އެހެން މީހުންނަށް ފެންނަ ހަށިގަނޑަކުންނެވެ. އެހެން ވެގެން އަހުރެން ދުނިޔޭގަައި ވަމެވެ“ މިހެންނެއް ނޫނެވެ. އޭނާ މިހެން ބުނުމުގެ ބަދަލުގައި އޭނާ ބުނީ: ”އަހުރެންނަށް ވިސްނެއެވެ. އެހެންވެ އަހުރެން ވަމެވެ.“
ޝައްކެތް ނުވަތަ ރީބައެއް ނެތި އެނގެނީ އިންސާނާއަށް އެހެން މީހުންނަށް ފެންނަ ދިރިހުރުމެއް ވާކަމެވެ. އިންސާނާ ވާކަން އަހުރެމެންނަށް ޔަޤީން އެވެ. އެކަމަކު މި އެނގޭ އެނގުން ވަނީ ލޮލަށް ފެންނަ ފެންވަރަކު ނޫނެވެ. ފަހުމްކުރެވޭ، ވިސްނޭ ފެންވަރުން ”އަހުރެން“ ވާކަން އެނގެނީއެވެ.
ކަލާނގެ އަށް ނިސްބަތް ކުރާއިރު ވެސް، އެކަލާނގެ ވޮޑިގެންވުން ވަނީ މި ފެންވަރުގައެވެ. ކަލާނގެ އަކީ ”އަހުރެން“ ނުފެންނަ ފަދައިން އެފަދަ އަހުރެންނަށް ވުރެ ހުރިހާ ގޮތަކުން މަތިވެރިކަލާނގެ އެވެ. ކަލާނގެ އަހުރެމެންނަށް ސީދާ ލޮަލަށް ފެންނަނީ އެކަލާނގެ އުފެއްދެވި ތަކެތިންނެވެ. ނަމަވެސް އެކަލާނގެ ޒާތުފުޅު އިންސާނާއަކަށް ނުފެނެއެވެ. އަހުރެމެން އެކަލާނގެ ދެނެގަންނަންވާނީ، ޑެކާޓް އާއި ހުރިހާ އަންހެނުންނާއި ފިރިހެނުން ދުނިޔޭގައި ވާކަން ސުބޫތުުކުރަން ބޭނުންކުރާ ހަމަ ނުވަތަ މަންތިޤު ނުވަތަ ލޮޖިކް ބޭނުންކޮށްގެންނެވެ.
އަހުރެންނަށް ކަލާނގެ ފަހުމް ކުރެވެއެވެ. އެހެންކަމުން އެކަލާނގެ (ވޮޑިގެން) ވެއެވެ. ޙަޤީޤީ ތެދަކީ، ކަލާނގެ މަޢުރިފާކޮށް ދެނެގަނެވޭތީ، ކަލާނގެ ވޮޑިގެންވާކަން ފަހުމް ކުރެވޭތީ، އެއީ އެކަލާނގެ ވާކަމުގެ ކަށަވަރު ޙުއްޖަތެކެވެ. އަހުރެމެން ކަލާނގެ ނުވާކަމަށް ޤަބޫލުކުރާކަމަށް ވާނަމަ، އަހުރެމެންނަށް ޖެހޭނީ އަހުރެމެން ވެސް ނުވާކަމަށް ޤަބޫލުކުރާށެވެ. އަހުރެމެން ނުވާކަމަށް ސާބިތު ނުކޮށްދެވޭތީ، ކަލާނގެ ނުވާކަމަށް އަހުރެމެންނަކަށް ސާބިތެއް ނުކޮށްދެވޭނެ އެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް ވާކަމަށް ޤަބޫލުކުރާނަމަ، ލޮޖިކް ނުވަތަ މަންޠިޤުގެ ހަމަތަކުން އޭނާއަށް ޖެހޭނީ ބުނާށެވެ: ”އަހުރެން ވެއެވެ. އެހެންކަމުން ކަލާނގެ (ވޮޑިގެން) ވެއެވެ.“ {ކަލާނގެ އަށް ނިސްބަތް ކޮށް ވުމަށް ދިވެހި ބަހުން ބޭނުން ކުރާ ލަފުޒަކީ ވޮޑިގެންވުމެވެ.}
ބާބު 2
ކަލާނގެ ވޮޑިގެން ވޭ ހެއްޔެވެ؟
ކަލާނގެ (ވޮޑިގެން) ވޭހެއްޔެވެ؟ މި ސުވާލަށް އަހުރެންގެ ޖަވާބަކީ އާއެކެވެ. އަހުރެންގެ ދިރާސާތަކާއި އަހުރެންގެ ތަޖުރިބާތަކަށް ބަރޯސާކޮށް އަހުރެންނަށް ފުރިހަމަ ޔަޤީންކަމާއެކު ބަޔާން ކުރެވެން އޮތީ ކަލާނގެ ވޮޑިގެންވާ ކަމެވެ. މިކަމާ މެދު ރީބައެއް ނެތެވެ. ކަލާނގެ ވޮޑިގެންވެއޭ އަހަރެން ބުނާއިރު، މި މާނަކުރަނީ ސައިންޓިފިކް ނަޒަރަކުންނެވެ. ޢާއްމު މުޢާމަލާތުގައި މާނަކުރާގޮތަކަށް ނޫނެވެ.
މީހުން ޢާއްމުގޮތެއްގައި ޤަބޫލުކުރަނީ، އެކި ކަންތައްތައް ސުބޫތު (ޕްރޫވް) ކުރުމާއި ނުކުރުމުގެ މަޤާމެއްގައި އެމީހުން ވާކަމަށެވެ. ނަމަވެސް މިއީ ސައިންސްވެރިން މިކަން ދެކޭ ގޮތެއް ނޫނެވެ. މިޒަމާނުގެ ސައިންސްވެރިން ޤަބޫލުކުރާގޮތުގައި އެއްވެސް އެއްޗެއް ނުވަތަ ކަމެއް ފުރިހަމަ ޔަޤީން ކަމާއެކު ސުބޫތެއް ނުކުރެވޭނެއެވެ. ސައިންސްްވެރިންނަށް ބުނެވޭނީ ކަމެއް ވުމާ ނުވަތަ ނުވުމާމެދު އޮންނަ ގާތްކަމެވެ. ބޮޑަށް ލަފާ ކުރެވޭގޮތެވެ. އިޙްތިމާލެވެ. ފުރިހަމަ ކަށަވަރުކަމެއް އެއްވެސް ކަމެއްގައެއް ނޯންނާނެއެވެ. ކަމެއް ވާކަމަށް ގިނަ ހެކިތައް ފެންނަނަމަ، ބުނެވޭނީ އެކަން ވުން ވަރަށް ގާތްކަމަށެވެ. މިކަމަށް ބަރޯސާވެ، އެކަން ވެޔޭ މީހާއަށް ބުނެވިދާނެއެވެ.
އަހުރެމެން މި ބަހުސްކުރާ ސުވާލުން: ”ކަލަކު ވޮޑިގެން ވޭހޭ؟“ އިތުރު ސުވާލެއް އުފަން ކުރުވައެވެ. އިންސާނާއާ ބެހޭ ޢިލްމުން ނުވަތަ އެންތްރޮޕޮލޮޖީއިން ކަލަކުގެ ޚިޔާލު ނުވަތަ ފިކުރު އިންސާނާގެ ޠަބީޢަތުގައި ވާކަމަށް ދައްކައި، ބަޔާން ކުރެއެވެ. ކަލަކަށް އީމާންވުންވަނީ އިންސާނާގެ ލޭގައެވެ. ކޮންމެ ފިރިހެނަކާއި އަންހެނެއް އުފަންވަނީ މި އީމާން އާއެކު ގައެވެ. ކޮންމެ މީހަކުވެސް، ޙަޔާތުގެ ކޮންމެވެސް ހިނދަކު މި އީމާން ތަޖުރިބާ ކުރެއެވެ. ޚާއްޞަކޮށް، ބޮޑު މުޞީބާތެއް ނުވަތަ މާޔޫސްކަމެއް ކުރިމަތިވުމުން، މަތިވެރި ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުކުރެވެއެވެ. ކޮންމެ ފިރިހެނަކާއި ކޮންމެ އަންހެނެއްގެ ޙަޔާތުގެ ކޮންމެވެސް ދަނޑިވަޅެއްގައި، މަދުވެގެން އެއް ފަހަރު، މި ޠަބީޢީ ޙަޤީޤަތް ތަޖުރިބާ ކުރެއެވެ.
އެހެންކަމަށް ވަނީނަމަ، ކަލަކުވޮޑިގެންވުމާ މެދު މިކުރެވޭ ސުވާލު ކުރަންވީ ކީއްވެގެން ހެއްޔެވެ؟ ކަލެއްގެ ޚިިޔާލު އަހުރެމެންގެ ލެޔާއި މަހުގައި އެކުލެވޭނަމަ، ކަލަކު ވޮޑިގެންވޭތޯ ސުވާލު ކުރަންވީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ދޭސީ އާދައިގެ ޖަވާބެކެވެ. މީހުން ބޭނުންވަނީ، އެމީހުންގެ ކިބައިގައި ޠަބީޢީ ގޮތުން ހިމެނޭ ކަލަކު ވޮޑިގެންވާކަމުގެ އީމާނަށް ސައިންސްގެ ނަޒަރުން ސަބަބުތައް ވޭތޯ ބެލުމަށެވެ. ލޮޖިކް ނުވަތަ މަންޠިޤްގެ ހަމަތަކުން މި ޠަބީޢީ ޤަބޫލުކުރުމަށް ނުވަތަ އީމާނަށް އެއްވެސް ތަރަހައެއް (ބިންގަލެއް) ވޭތޯ ޔަޤީން ކުރުމަށެވެ.
އަހުރެންނަށް ބާރުލާފައި ބަޔާން ކުރަންޖެހޭނީ، ކަލަކުވޮޑިގެންވާކަމަށް ސައިންޓިފިކް ތަރަހައެއް ވާކަމަށެވެ. މިފަދަ ތަރަހައެއް ވިޔަސް، މި ނިންމުމާ ހަމައަށް އިންސާނާ އަށް ނާދެވެނީ، ވަރަށް ދޭސީ ސަބަބަކާ ހެދިއެވެ. އޭނާ އެކަން ސުބޫތުކުރަން ބޭނުން ކުރާ ހަމައަކީ ސައިންޓިފިކް ހަމައެއް ކަމަށް ހީކުރިއަސް، އެއީ އެފަދަ ހަމައެއް ނޫނެވެ. އިންސާނާ ސަބަބު ބޭނުންވަނީ ލޮލަށް ފެންނަ ގޮތެއްގައެވެ. ނަމަވެސް، ލޮލަށް ފެންނަ ފެނުމަކީ ސައިންޓިފިކް ހަަމައެއް ނޫނެވެ. އަދި މިފަދަ ކަމަކާ ގޮތެއް ނިންމަން ރަނގަޅު ހަމައެއް ނޫނެވެ. ރަނގަޅު ހަމަ ބޭނުން ކޮށްފިނަމަ، ތިބާއަށް ޔަޤީން ކުރެވޭނީ ކަލަކުވޮޑިގެންވުމަކީ ވަސްވާހަކަށް، ރީބަައަށް ޖާގައެއް ނެތް ކަށަވަރު ޙަޤީޤަތެއް ކަމަށެވެ.
މިތަނުގައި އަހުރެންގެ ހަނދާނަށް އަންނަ ހާދިސާއެއް ލިޔެލާނަމެވެ. މިކަން ހިނގީ 1965 ގައި އަހުރެން ލަކަނޫގައި އުޅުނު ދުވަސްވަރުއެވެ. އެ ދުވަސްވަރު، ބާރޓްރަންޑް ރަސްލް އަށް ވަރަށް ލޯބިކުރާ، ޕީއެޗްޑީ އޮތް މީހަކާ އަހުރެންނާ ބައްދަލުވިއެވެ. އޭނާއަކީ ކަލަކުވޮޑިގެން ނުވާކަމަށް ޤަބޫލުކުރާ މީހެކެވެ. މުލްހިދެކެވެ. ކަލާނގެ އާ ބެހޭގޮތުން ކުރެވުނު ބަހުސްގައި އޭނާ އަހުރެންނާ ސުވާލު ކުރިއެވެ: ”ކަލަކު ވޮޑިގެންވާކަން ސުބޫތުކުރަން ތިބާ ބޭނުންކުރަނީ ކޮން މީޒާނެއް މިޢުޔާރެއް (ސްޓޭންޑަރޑްއެއް) ހެއްޔެވެ؟“ އަހުރެން ޖަވާބުގައި ބުނީމެވެ: ”އެހެން ކޮންމެ އެއްްޗެއްވެސް ވާކަމަށް ސުބޫތުކުރަން ތިބާ ބޭނުންކުރާ މީޒާނެވެ.“ މިހެން ބުނުމުން، މިބަހުސް އެހާ ހިސާބުން ނިމިއްޖެއެވެ. މިއަށް ފަހު، ޖަވާބެއް އަދި ސުވާލެއް އޭނާ ހުށައެއް ނާޅައެވެ.
މި ކިޔަވައިގެން ހުރި މީހާ ހަމަހިމޭންވީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ފަސޭހައެވެ. ގިނަ ބަޔަކަށް އެނގޭމެއެވެ. އަހުރެންގެ ޒުވާބަކީ އޭނާއަށް އޯގާތެރި ހަނދާން ކޮށްދިނުމެކެވެ. އަހުރެން އޭނާއަށް ހަނދާން ކޮށްދިނީ، އަހުރެމެން މި ދުނިޔޭގައި އުޅޭ އުޅުމުގައި، އިސްތިދްލާލް ހަމަ، ކޮންމެ ފިކުރަކަށް ބޭނުން ކުރާ ފަދައިން ކަލެއްގެ ފިކުރަށްވެސް ބޭނުން ކުރެވޭނޭ ކަމެވެ. އިސްތިދްލާލް ހަމައަކީ، ދެ ޙަޤީޤަތަކުން އިތުރު ޙަޤީޤަތެއް ނެރޭ ވިސްނުމެވެ. މިސާލެއްގެ ގޮތުން، {”ވާރޭވެހޭ ނަމަ، މަގުތައް ތެމޭނެއެވެ.“ ”މިހާރު ވާރޭ ވެހެއެވެ.“ މި ދެ ހަމައިން ދެން ނެރޭ ތިންވަނަ ކަމަކީ ”މިހާރު މަގުތައް ތެމޭނެއެވެ.“ މިއީ ކަންތައްތަކާ މެދު ވިސްނުމަށް މީހުން ގެންގުޅޭ އުޞޫލެކެވެ. އިނގިރޭސި ބަހުން މި ހަމައަށް އިންފަރަންޝަލް ހަމައޭ ވެސް ކިޔައެވެ.}
އަހުރެމެން މި އުޅޭ ޒަމާނީ ދުވަސްވަރު، ޤަބޫލުކުރަން އުނދަގޫ މިންވަރަށް ސައިންސް ކުރިއަރައިފިއެވެ. އެކަމަކު ”ޖާހިލުކަމުގެ موسوعة“ ނުވަތަ ނޭނގުމާބެހޭ މަޢުލޫމާތު ތަފްޞީލުކޮށް ލިޔެފައިވާ ފޮތް ބުނާގޮތުން، ”ޢިލްމު އިތުރުވި ވަރަކަށް އަހުރެމެންގެ ޖާހިލުކަން ވީ ބޮޑެވެ.“ އެއް ސައިންސްވެރިއަކު ތެދަށް މިކަން ބުނެއެވެ: ”މިހާރު އަހުރެމެންނަށް ގިނަ ކަންތައްތައް، މަދު ކަންކަމާ ބެހޭގޮތުން އެނގެއެވެ.“ ދުނިޔޭގެ ޙަޤީޤަތާ މެދު، ސައިންސް އިން ލިބެނީ ފަޅި މަޢުލޫމާތު ކަމީ ޔަޤީން ވެފައިވާ ތެދެވެ.
އިންސާނުންނަށް ލިބިފައިވާ ޢިލްމު، ދެ ފިޔަވައްސަކަށް ނުވަތަ ދައުރަކަށް ބަހާލެވިދާނެއެވެ. އެއީ، (ސައިންސްވެރިއެއް ކަމަށްވާ) އައިންސްޓައިންގެ ކުރީގެ ޒަމާނާއި އައިންސްޓައިން އަށް ފަހު އައި ޒަމާނެެވެ. އައިންސްޓައިންގެ ކުރީގެ ޒަމާނުގައި ޢިލްމުވަނީ ފެންނަ އަދި މިނެކިރޭ މާއްދީ ނުވަތަ ބޮޑެތި ތަކެތީގެ ދުނިޔެއަށް ފޯކަސް ކުރެވިފައެވެ. މިހެންވެ، އެދުވަސްވަރުގެ ޚިޔާލަކީ، ކޮންމެއެއްޗެއް ވެސް، ވާނަމަ، ފެންނަން ނުވަތަ ޙިއްސުތަކަށް އެނގެން ޖެހޭނެއެވެ. މިގޮތަށް ނުފެންނަ ތަކެއްޗަކީ ނެތް ތަކެއްޗެވެ. މިހެންކަމުން، ޙަޤީޤީ ދުނިޔެއަކީ ހަމައެކަނި ލޮލަށް ފެންނަ ދުނިޔެއެވެ. އަދި ނުފެންނަ ތަކެއްޗަކީ ޙަޤީޤަތެއް ނުވާ ތަކެއްޗެވެ. ނުވަތަ ފިކުރުގެ ޚިޔާލެވެ.
މި ޚިޔާލު އުފެއްދި އެއް ފިކުރަކީ ”ލޮޖިކަލް ޕޮޒިޓިވިޒަމް“ ކިޔާ ޚިޔާލެވެ. މި ފިކުރުގެ މާނައަކީ، މަންތިޤް ނުވަތަ ލޮޖިކަލް ޒުވާބުތަކުން، މާއްދީގޮތަށް ނުފެންނަ ކަންތައްތަކަކީ އެއަށް އަޞްލެއް ނުވާ ބިލާހެކެވެ. އަދި އެއީ ފެންހަރުލާ ޒުވާބެއް ނޫނެވެ.
އެކަމަކު، އައިންސްޓައިން ގެ ފަހުން އައި ދައުރުގައި، 20 ވަނަ ޤަރުނު ގެ ކުރީ ކޮޅުގެ އަހަރުތަކުގައި، އެޓަމް ނުވަތަ ޒައްރުވެސް އެކުލެވިގެންވަނީ އެތައް ކުދި ތަކެތިންކަން އެނގި އެއަށް ބަދަލުގެންނަން ފެށުމުން މުޅި މި ޚިޔާލުތައް ބަދަލުވެއްޖެއެވެ. އެޓަމްތައް އެކުލެވިގެންވަނީ އެޓަމްއަށް ވުރެ ކުދި އެތައް ބައިތަކަކުންކަން އެނގުމުން، މާއްދީ ތަކެއްޗަކީ ލޮލަށް ނުވަތަ އެހެން ޙިއްސުތަކަށް އިޙްސާސް ކުރެވޭ ތަކެއްޗަށް ވުމުގެ ޚިޔާލު ނެތިއްޖެއެވެ. މިއަށް ފަހު، ޒައްރަށް ވުރެވެސް ކުދި ތަކެއްޗަށް ދުނިޔެ ވެއްޖެއެވެ. މި ފިކުރުގައި ނުވަތަ ޚިޔާލުގައި ހުރިހާ ތަކެއްޗަކީ ލޮލަށް ނުފެންނަ ކަރަންޓު ރާޅުތަކެކެވެ. މި ރާޅުތަކަކީ ވަޒަން ނުކުރެވޭ އަދި ޙިއްސުތަކުން އިޙްސާސް ނުކުރެވޭ ރާޅުތަކެކެވެ.
ޢިލްމަށް އައި މި އިންޤިލާބަށް ފަހު، މަންތިޤް ނުވަތަ ސަބަބުތަކުގެ މައްޗަށް ބުރަވާ ޒުވާބުތައް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މި ބަދަލުވި ހާލަތު ފިލޯސަފަރުންނަށް މަޖުބޫރުކުރުވީ އެމީހުން ޒުވާބުތަކުގައި ބޭނުންކުރި ލޮޖިކަލް ޕޮޒިޓިވިޒަމް ބަދަލުކޮށް އެ ހަމަ ބަދަލުކުރާށެވެ. ފަލްސަފާވެރިން ދެން ޤަބޫލުކުރީ އިންފަރަންޝަލް ހަމަތަކަކީވެސް، ލޮލަށް ފެންނަ މަންޠިޤް ހަމަތަކާ އެއްފަދަ ޞައްޙަ ހަމަތަކެއްކަމުގައެވެ.
އައިންސްޓައިން އަށް ފަހު އައި ޒަމާނުގައި، ކުރިން ފެނުނުކަމަށް ޤަބޫލުކުރި ކަންތައްތައް ވެސް ނުފެންނަ ކަންތައްތައް ކަމަށް ނިންމައިފިއެވެ. މިހާރު ހުރިހާ އެއްޗަކީ ކަރަންޓު ރާޅެެވެ. ލޮލަށް ނުފެންނަ ރާޅުތަކެކެވެ.
މި ޒަމާނުގެ ސައިންސް ގައި އިންސާނާއަށް އިޙްސާސް ނުކުރެވޭ އެތައް އެއްޗެއް ”ވާކަމަށް“ ނިންމާފައި ވެއެވެ. މިފަދަ ތަކެތީގެ ތެރޭގައި އިލެކްޓްރޯންް އާއި، ތަކެތި ބިމަށް ދަމާ ގުރެވިޓީ ބާރާއި އެކްސް-ރޭ ފަދަ މާއްދީ ނޫން ތަކެތި ހިމެނެއެވެ. މިތަކެއްޗަކީ އިންސާނީ ޙިއްސުތަކަށް އިޙްސާސްވާ ތަކެއްޗެއް ނޫނެވެ. އެކަމަކު މިތަކެތި ނުފެނުނު ކަމުގައި ވިޔަސް، ހުރިހާ ސައިންސްވެރިން މިތަކެތި ވާކަމަށް ޤަބޫލު ކުރެއެވެ. މިކަންކަން ޤަބޫލުކުރާ ދޭސީ ސަބަބަކީ، އެ ތަކެތީގެ އަސަރު އަހުރެމެންނަށް ފެންނަ ކަމެވެ. މިސާލެއްގެ ގޮތުން، ގުރެވިޓީގެ ސަބަބުން އާފަލެއް ގަހަކުން ވެއްޓުމާއި ފޮޓޯތަކުން އެކްސް-ރޭ ވާކަން އެނގުމެވެ. މިތަކެތި ވާކަމަށް އަހުރެމެން ޤަބޫލުކުރަނީ އެތަކެތި ލޮލަށް ފެންނާތީކީ ނޫނެވެ. އެ ތަކެތީގެ އަސަރު އަހަރުމެންނަށް ފެންނާތީއެވެ. އެހެން ގޮތަކަށް ބުނާނަމަ، ނުސީދާ ޢިލްމުގެ ސަބަބުންނެވެ.
އިންސާނުންނަށް އެނގޭ އިލްމާ ބެހޭގޮތުން، މި އައި ބަދަލުގެ ސަބަބުން ލޮޖިކް ނުވަތަ މަންޠިޤްގެ ނަޒަރިއްޔާތަށް ވެސް ބަދަލުއައެވެ. މިހާރު ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި، އިންފަރަންޝަލް ހަމަތައް، ސީދާ ހެކި ފެނިގެންދާ ހަމައާ އެއްފަދައިން ޞައްޙަކަމަށް ވެއެވެ. (ތަފްޞީލު ބާރޓްރަންޓް ރަސްލް ލިޔެފައިވާ ”ހިޔުމަން ނޮލެޖް“ މިފޮތުގައި ވެއެވެ.)
އައިންސްޓައިން ގެ ކުރިން އައި ދައުރުގައި، ކަލާނގެ ނުވާކަމަށް ބުނާ މީހުން ދެކެނީ، ކަލާނގެ ވަނީ ޣައިބުގައި ކަމަށެވެ. ނަމަވެސް މިހެން ބުނާ މީހުންނަށް ލޮލަށް ފެންނަ އެއްވެސް ހެއްކެއް ހުށަނޭޅޭތީ މި އީމާންއަކީ ފެންހަރު ނުލާ، ސުބޫތު ނުކުރެވޭ ވާހަކައެއް ކަމަށް ޤަބޫލު ކުރެއެވެ. އެއީ ކަލަކު ވޮޑިގެންވުމާ ބެހޭ ނުސީދާ ޢިލްމަކީ އޭރުގެ ސައިންސްގައި ޤަބޫލުކުރެވޭނޭ ޢިލްމެއް ނޫނެވެ. މި ޒުވާބަކީ އިންފަރަންޝަލް ނުވަތަ އިސްތިންތާޖީ ހެއްކެވެ.
އެކަމަކު މިހާރު މުޅި ޙާލަތު ބަދަލުވެއްޖެއެވެ. އެއްވެސް އެއްޗެއް ޙިއްސުތަކުން އިޙްސާސެއް ނުވަތަ އޮބްޒާވެއް ނުކުރެވެއެވެ. އެހެންކަމުން، އެއްޗެއް ވާކަން ނުވަތަ ނުވާކަން ކަނޑައަޅަން މިޖެހެނީ ސީދާ ޒުވާބަށް ވުރެ، އިނފަރަންޝަލް ހަމަ އަކުންނެވެ.
އިންފަރަންޝަލް ހަމައަކީ، ނުފެންނަ މާ ކުދި ތަކެތި ދެތުމުގައި ޞައްޙަ ހަމައެއް ކަމުގައި ވަނީނަމަ، ކަލާނގެ ވޮޑިގެންވާކަން ކަނޑައަޅަން އެއީ ޞައްހަ ހަމައެކެވެ.
ބާރޓްރަންޑް ރަސްލް ލިޔެފައިވާ ”އަހުރެން ނަޞާރާއަކަށް ނުވީ ކީއްވެ“ މިފޮތުގައި، އެކަމަށް އޭނާ އިޢްތިރާފު ވެއެވެ. ކަލާނގެ ވޮޑިގެން ވާކަމަށް ދަލީލެއްގެ ގޮތުގައި ދީނުގެ ޢިލްމުވެރިން ހުށަހަޅާ ކާއިނާތުގެ ފުރިހަމަ ފަރުމާވެރިކަން އެއީ ސައިންސްގެ ހަމަތަކުން ޞައްޙަ ދަލީލެއްކަމަށް އޭނާ އެއްބަސްވެއެވެ.
ޤަދީމީ ޒަމާނުން ސުރެ ދީނީ ޢިލްމުވެރިން ބުނަމުން ދަނީ، ޑިޒައިންް އެއް ނުވަތަ ފަރުމާއެއް ވާނަމަ، އެ ފަރުމާ ކުރި ފަރާތެއް ވާނޭ ކަމަށެވެ. އަހުރެމެންނަށް ފެންނަ ގޮތުގައި މި ދުނިޔެ ވަނީ ވަރަށް ފުރިހަމައަށް ފަރުމާ ވެފައެވެ. އެހެންކަމުން އެ ފަރުމާ ކުރި ފަރާތެއް ވާނެކަމަށް އެ ފަރުމާ އަހުރެމެންނަށް މަޖުބޫރު ކުރުވައެވެ.
ފުންކޮށް އަހުރުމެންގެ ދުނިޔެއާ މެދު ފިކުރު ހިންގުމުން، އަހުރެމެންނަށް ވިސްނެނީ، ކާއިނާތުގެ ހުރިހާ ތަނަކު، ފުރިހަމަ ފަރުމާއާއި، ރޭވުންތެރިކަމާއި، ފިކުރާއެކު ކަންކަން ކޮންޓްރޯލްވެ ހިނގަމުންދާ ކަމެވެ. މި ތަޖުރިބާތަކުން، މި ނިޝާންތަކުން، އަހުރެމެންނަށް ޤަބޫލުކުރަން ޖެހެނީ، މި އުފެއްދުންތައް އުފަންކުރުވި، މި ފަރުމާތައް ފަރުމާކުރި، އަދި މި ދައުރުވެ ހިނގަމުންދާ ކަންތައްތައް ހިންގާ ފަރާތެއް ވާނޭ ކަމެވެ.
މިކަމަށް ދެން ދައްކާނީ ފަހެ އެހެން ކޮން ސަބަބެއް ހެއްޔެވެ؟ ދެން އަހުރެން ބަޔާން ކުރާނީ، ކާއިނާތުގައިވާ ބައެއް ނިޝާންތަކެވެ.
ކާއިނާތުގެ ފެށުން
ކާއިނާތު ފެށޭ ހިސާބުން އަހުރެމެން ފަށަމާތޯއެވެ؟ އަހުރެމެންނަށް ސައިންސް އިން ކިޔައިދެނީ މީގެ 25 ބިލިއަން އަހަރުގެ ކުރިން، ކައުނުގައި ބޮޑު ގޮވުމެއްހިނގި ކަމަށެވެ. މިއީ ”ބިގް ބޭންގ“ އެވެ. މި ބޮޑު ގޮވުމަށް ފަހު އަހުރެމެންގެ ކާއިނާތު އުފެދުނެވެ. ސައިންސްވެރިންނަށް ފެނިފައިވާ ހެކިތަކުން ޤަބޫލުކުރެވެނީ އޭގެ ކުރިން ވަނީ ކާއިނާތުގައިވާ ހުރިހާ އެއްޗެއް އެއްތަނަކަށް އެއްވެ ބޯޅައެއްގެ ގޮތަށް ވަށްކޮށް ކަމަށެވެ. ކާއިނާތުގައި މިހާރު ވާ ހުރިހާ އެއްޗެއް، އޭރުވަނީ އެކަތި އަނެއް އެއްޗާ ބާރަށް ’ބަނދެވި‘ ވަރަށް ބޮޑަށް ފިތިގެންނެވެ.
ދުނިޔެ ހިނގާ އުޞޫލުތަކަށް ބަލާއިރު، މި ބޯޅައިގައިވާ ހުރިހާ އެއްޗަކަށް ދެން ވެވޭނީ ކުޑައެވެ. އެއްވެސް އެއްޗަކަށް ބޯޅައިން ވަކިވެގެން ބޭރަކަށް ނުދެވޭނެއެވެ.
ފަލަކީ ދިރާސާތަކުން އެނގޭގޮތުގައި، ދެން މި ކޮސްމިކް ބޯލް ނުވަތަ ކައުނުގައިވާ ހުރިހާ އެއްޗެއް ހިމެނުނު ކައުނު-ބޯޅަ ކުއްލިއަކަށް ގޮވީއެވެ. ބޯޅައިގައިވާ ހުރިހާ އެއްޗިއްސެއް ބޭރަށް ބުރަބުރައިގެންގޮސް، މި ކާއިނާތު ވުޖޫދަށް އައީ އެވެ. އެއީ މަދު މިނެއްޓު ކޮޅެއްގެ ތެރޭގައެވެ.
އެއީ ވަރަށް ބާރުގަދަ ގޮވުމެކެވެ. އަހުރެމެންނަށް އެނގޭގޮތުގައި ހުރިހާ ގޮވުމަކީ ގެއްލުންދެނިވި ގޮވުމެވެ. އެއް ގޮވުން ފިޔަވައެވެ. އެ ގޮވުމަކީ ކުރިން ރޭވިފައިވާ ގޮވުމެވެ. ރަޝިޔާގެ ޗާރނިކޯ އަކީ ފަހުގެ މިސާލެކެވެ. އެއީ މުޅިން ގެއްލުން ދިން، ކުއްލި ގޮވުމެކެވެ. މިއާ ޚިލާފަށް ބިމުގެ އަޑިން ޓަނަލް ނުވަތަ އުމަގު ހެދުމަށް ބިމުގައިވާ ހިލަތައް ގޮއްވާ ގޮއްވުން ތަފާތެވެ. މި ދެވަނަ ބާވަތުގެ ގޮއްވުމަކީ، ކުރިން ރޭވިގެން ގޮއްވޭ ގޮއްވުމެކެވެ. މި ފަދަ ގޮއްވުމަކީ ބިނާކުރުވަނިވި ގޮއްވުމެކެވެ.
ބިގް ބޭންގ ގޮވުމުގެ ނަތީޖާއަކީ މިބުނާ ލަފުޒުތަކުގެ ހުރިހާ މާނައެއްގައި، ބިނާކުރުވަނިވި މައުނަވީ ގޮވުމެކެވެ. މި ޢަޖާއިބުކުރުވަނިވި ކަންތަކުން އެކަނިވެސް، ބިގް ބޭންގ އަކީ ކުރިިން ރޭވިގެން ހިނގިކަމެއްކަން ޔަޤީން އެވެ. އަދި ކުރިން ރޭވިގެން ހިނގިކަމެއް ކަން އަހުރެމެންނަށް ސުބޫތުކުރެވުމުން، އަހުރުމެންނަށް ސާބިތުވަނީ، މިކަމުގެ ފަހަތުގައި ރޭވުންްތެރިއެއް ވާނެކަމެވެ. ހުރިހާ ގޮތަކުން ދެވަނައެއް ނުވާ ފަދަ ރޭވުންތެރިއެއްކަން ޔަޤީން އެވެ. މި ދެވަނައެއް ނުވާ ރޭވުންތެރިއަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ކަލާނގެ އެވެ.
ފެތުރުން
ސައިންސްގެ ދިރާސާތަކުން ސާބިތުކޮށްދެނީ އަހުރެމެންގެ ކާއިނާތަކީ ހުރިހާ ދިމާއަކަށް ފެތުރެމުންދާ ކާއިނާތެއް ކަމެވެ. އިންސާނުން އުޅޭ ދުނިޔޭގައި، ހުރިހާ ފެތުރުމެއް ފެތުރެނީ ވަކި މިންވަރަކަށެވެ. ފުއްޕާހަމެއް ފުއްޕާއިރުވެސް، އެ ފުއްޕޭނީ ވަކި މިންވަރަކަށެވެ. ނިމުމެއް ނުވާ ގޮތަކަށް ދާއިމަކަށް ނުފުއްޕޭނެެއެވެ. ކޮންމެ ފުއްޕާހަމަކަށް އެއަށް ފުފެވޭނޭ ބޮޑުމިނެއް ކަޑައެޅިގެން ވެއެވެ. މިއަށް ވުރެ ބޮޑަށް ފުއްޕާހަން ފުއްޕުމުން އެ ފަޅައިގެން ދެއެވެ.
އިންސާނީ ތާރީޚްގައި ވެރިކަން ކުރާ އެތައް ސިޔާސީ ބޮޑު ރަސްކަންތަކެއް އުފެދިފައި ވެއެވެ. ސާމްރާޖް ތަކެވެ. ރޫމީންނާއި އުސްމާނީންނާއި މޫގަލުންނާއި އިނގިރޭސިން ފަދަ ރަސްކަންތަކެވެ. މި ބައިމީހުންގެ މަޤްޞަދަކަށް ވެފައިވީ އެބައިމީހުންގެ ރަސްކަން އިމެއްނެތި ފުޅާކުރަމުން ގެންދިއުމެވެ. ނަމަވެސް، ވަކި ވަރަކަށް ފުޅާވުމުން، މި ރަސްކަންތައް ހިންގަންދަތިވެ، އަދި ޒަމާންތަކެއް ވުމުންް ބައިބައިވެގެން ގޮސް ނެތިއްޖެއެވެ.
ކާރުޚާނާތަކާއި ތަކެތި އުފައްދާ ކުންފުނިތަކަށް ވެސް ކުރިމަތިވަނީ ހަމަ މިގޮތެވެ. މިފަދަ ތަންތަނުގެ ވެރިން ބޭނުންވަނީ އެމީހުންގެ ވިޔަފާރި ފުޅާވަމުން ފެތުރެމުން ދިއުމެވެ. އެކަމަކު އަހުރެމެންނަށް ކޮންމެ ދުވަހަކު އިވޭ ޚަބަރަކީ މި ކުންފުނި ނުވަތަ އެ ކުންފުނި ބަނގުރޫޓުވާން އުޅޭ ޚަބަރެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މިކަން މެދުވެރިވަނީ، މި ސާދާ ސަބަބާ ހެދިއެވެ. ދުވަސްކޮޅެއް ވާތަނާ، އެ ކުންފުނިތަކަށް ނުހިންގޭވަރަށް ފުޅާވެ، ފަނާވަނީއެވެ.
މިއާ ޚިލާފަށް، ކައުނުން އަހުރެމެންނަށް ފެންނަނީ އާދަޔާ ތަފާތު މިސާލެކެވެ. އިމެއް، ނިމުމެއް ނެތި ކައުނު ފެތުރެމުން ދަނީ ޙައިރާންކުރުވަނިވި ބާރުމިނެއްގައި ކަމުގައި ވިޔަސް، ކައުނު ހިނގަމުންދަނީ އޮމާންކަމާ އެކުއެވެ. ފެތުރުމެންދާތާ އެތައް ބިލިއަން އަހަރެއް ވީއިރުވެސް މެއެވެ. ކައުނެއް ނުހިންގިގެން، ސުންނާފަތި ވާ ވަރެއް ނުވެއެވެ.
ކައުނުގެ މި ނާދިރު، އާދަޔާ ޚިލާފު ޤުދުރަތީ ކަމަކީ، ދުނިޔޭގެ ހިންގުމުގެ ފަހަތުގައި، އެއާ އެއްފަދަ އެހެން ފަރާތެއް ނުވާ ކަލަކު ނުވަތަ ހިންގާ ފަރާތެއް ވާކަމުގެ ފުރިހަމަ ދަލީލެކެވެ. އެހެންނޫންނަމަ، ކައުނު ސުންނާފަތި ވީތާ އެތައް ޒަމާނެއް މިހާރު ވެދާނެއެވެ.
(އިތުރު ތަފްޞީލުތައް ހޯދުމަށް ޖޯން ކްލޯވަރ މަންސޮމާ ލިޔެފައިވާ ”ކައުނު ފެތުރުމުގައި ކަލާނގެ ވޮޑިގެންވާކަމުގެ ދަލީލު“ މިފޮތް ބަލާށެވެ.)
އެންގާނިކަން
ދިރާސާތަކުން ދައްކަނީ ކައުނުގައި އެއްކަމެއް އަނެއްކަމަކާ ގުޅި އެކުލެވި އެކަމުތު (ހާމަނައިޒް) ވެގެން ވާކަމެވެ. ހުރިހާ ކަނޑެއްގެ އައްސޭރީގައިވާ ވެލިފުއްތަކަށް ވުރެ ވެސް ގިނަކަމަށް ލަފާކުރެވޭ، ޢަދަދު ނުކުރެވޭހާ ގިނަ ތަރިތަކާއި ގުރަހަލިތައް (ޕްލެނެޓްތައް) ކާއިނާތުގައި ވެއެވެ. ޤަބޫލުކުރަން ދަތި ބާރުމިނެއްގައި މިތަކެތި ދަނީ ފެތުރެމުން ދަތުރުކުރަމުންނެވެ. ނަމަވެސް ކާއިނާތުގައިވާ ދެ އެއްޗެއް ޖެހޭގޮތެއް ނުވެއެވެ.
މިފަދަ އެތައް ކަމެއް ކާއިނާތުގައި ވެއެވެ. މިސާލެއްގެ ގޮތުން ވާރެއަކީ އިރާއި ކަނޑާއި ދެމެދު އުފެދޭ މުރައްކަބު (ކޮމްޕްލެކްސް) އަސަރުތަކެއްގެ ނަތީޖާއެވެ. ވާރޭ ވެހެނީ އެތައް ކަމެއް ގުޅިގެން ހިނގާ އެކަމުތު (ހާމަނައިޒް ވެގެންވާ) ޙަރަކާތްތަކެއްގެ ސަބަބުންނެވެ.
އިންސާނާ އާއި ގަސްގަހާ ދެމެދު ކުރެވޭ މުޢާމަލާތަކީ ވެސް މިފަދަ ލާމެހިފައިވާ ގުޅުމުގެ އޮމާންކަމާއި އެންގާނިކަން (މީހުން ނުވަތަ ތަކެތި އެކަތި އަނެއް އެއްޗާ ގުޅި، އެކުގައި ހިތްގައިމުކޮށް މަސައްކަތްކުރާކަން) ހާމަކޮށްދޭ ކަމެކެވެ. އިންސާނާ އެތެރެއަށް ނޭވާލާއިރު އޮކްސިޖަން ވައިގެ ތެރެއިން އެތެރެ ކުރެއެވެ. އަދި ހަށިގަނޑުގައި އުފެދޭ ވިހަ ކާބަން ޑިއޮކްސައިޑް ބޭރަށް ނޭވާލާއިރު ވަޔާއެކު ބޭރު ކުރެއެވެ. ހަށިގަނޑުން ބޭރު ކުރާ ކާރބަން ޑިއޮކްސައިޑް ގަހުން ބޭނުންކުރުމާއި ގަހުން އުފައްދާ އޮކްސިޖަން ހަށިގަނޑަށް ބޭނުންކުރާ ކުރުމަކީ މި ދެ ގޭސް މިގޮތަށް ބަދަލުވުމުގައި މުރައްކަބު އެތައް ހަމަތަކެއް ހިމެނޭ ކަމެކެވެ. ގަހާއި އިންސާނުންނަށް ދިރިހުރެވެނީ މި މުޢާމަލާތް ހިނގާގޮތް ގުޅިފައިވާލެއް އޮމާންކަމުންނެވެ.
މުޢުޖިޒާތެއްފަދަ މިފަދަ ކަންކަން އަންގާ ދެނީ، ޝައްކެތް ނެތި ޔަަޤީންކޮށްދެނީ، މިހުރިހާ ކަމެއް ކައުުނުގައި ހިންގުމަށް ވެރި ފަރާތެއް ވާކަމެވެ. މިކަންކަން ހިންގާ (ހިންގަވާ) ފަރާތަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ކަލާނގެ ފިޔަވައި އެހެން ފަރާތެއް ނޫނެވެ.
ވަޒަންތަކުގެ ބަރާބަރުކަން
ދިރާސާތަކުން ދައްކަނީ ކާއިނާތުގައިވާ ހުރިހާ އެއްޗެއް ވަނީ ބަރާބަރު ވަޒަންތަކަކަށް ކަމެވެ. ކައުނަކީ އެއްވެސް އެއްޗެއް ކަމުނުދާގޮތަށް ނުއުފައްދާ ބާވަތުގެ ނާދިރު ކާރުޚާނާއެކެވެ.
ގަހާ މެދު ވިސްނާށެވެ. ގަސް މިހާރު ހުންނަގޮތަކީ އެންމެ ފަހު މޮޑެލް އެވެ. އެހެން އެއްވެސް ބާވަތެއްގެ މޮޑެލްއެއް ޚިޔާލަކަށް ވެސް ނުގެނެވޭނެއެވެ. އަންހެނުންނާއި ފިިރިހެނުންގެ ސިފައަށް ވިސްނާށެވެ. މިއީ ދެ ބައިމީހުންގެ އާޚިރު އެންމެ ފަހުގެ މޮޑެލް އެވެ. އެއްވެސް ކުރެހުންތެރިއަކަށް މިއަށް ވުރެ މޮޅު އަންހެނުންނާއި ފިރިހެނުންގެ މޮޑެލްއެއް ނުއުފެެއްދޭނެއެވެ.
ކަލާނގެ އުފައްދަވާފައިވާ ޢަދަދު ނުކުރެވޭހާ ގިނަ ތަކެތި ދުނިޔޭގައި ވެއެވެ. އެއިން ކޮންމެ އެއްޗެއް ވެސް އުފައްދަވާފައިވާލެއް ފުރިހަމަ ކަމުން، އެއިން ކޮންމެ އެއްޗަކީ އެންމެ އާޚިރީ މޮޑެލް ކަން ޔަޤީން އެވެ. އެކަމަކު، އިންސާނުން އުފައްދާ ކާރާ މެދު ވިސްނުމުން، ތިބާއަށް ފާހަގަ ކުރެވޭނީ އެންމެ ފުރަތަމަ ކާރު ރޭވިފަހުން، ކާރުގެ އެކި ކަންތައްތައް ރަނގަޅު ކުރުމަށް އެކި ދުވަސްވަރު އެކި އިޞްލާޙްތައް ގެނެސްފައިވާ ކަމެވެ. މިފަދަ އިޞްލާޙުތައް މިހާރުވެސް ކާރަށް ގެންނަމުން ދެއެވެ.
ދިރާސާތަކުން ދައްކާ އަނެއްކަމަކީ ކާއިނާތުގައިވާ ހުރިހާ އެއްޗެއްވަނީ ވަކި ހަމަތަކަކުން ކަމެވެ. މިސާލެއްގެ ގޮތުން އިރާއި ދުނިޔެއާ ދެމެދުވާ ދުރުމިން ނަގަމާ ހިނގާށެވެ. މިދެމެދުގެ ދިގުމިނަކީ 93 މިލިއަން މޭލެވެ. މި ދުރުމިނާއި އެހެން ދުރުމިންތަކާ އަޅާކިޔައިފިނަމަ، ތިބާއަށް އެނގޭނީ މި ދުރުމިނަކީ އަހުރެމެންގެ ބޭނުންތަކަށް އެންމެ ފުރިހަމަ އެންމެ ބަރާބަރު ދުރުމިން ކަމެވެ.
މި ބަޔާންކުރި ދުރުމިން މިހާރަށް ވުރެ ދެގުނަ ދުރުނަމަ، ދުނިޔެ ފިނިވާވަރުން، ހުރިހާ އެއްޗެއް ގަނޑުވާނެއެވެ. ދުނިޔޭގައި ދިރުމެއް ނުވާނެއެވެ. އަދި މި ދުރުމިން، މިހާރު ހުރި ވަރަށް ވުރެ ދެބައިކުޅަ އެއްބައި ކައިރި ކަމުގައިވަނީ ނަމަ (އެއީ ގާތްގަޑަކަށް 50 މިލިއަން މޭލުނަމަ)، ދުނިޔޭގެ ސަޠަޙަ ހޫނުކަމުން، ހުރިހާ އެއްޗެއް އަނދާނެއެވެ. އަދި މާ ފިނިވެގެން ދިރުންތައް ނެތިދާ ފަދައިން، ހޫނުވެގެން ދުނިޔޭގައި އެއްވެސް ދިރުމަކަށް ނޫޅެވޭނެއެވެ.
ދެން އަހުރެމެން މިސާލެއްގެ ގޮތުން، ދުނިޔޭގެ ސައިޒު ނަގަމާ ތޯއެވެ؟ މި ދުނިޔެ މިހާރަށް ވުރެ ޑަބަލް ބޮޑު ނަމަ، ދެ އެއްޗެއްގެ ދެމެދުގައި، އެކަތި އަނެއް އެއްޗަށް ދަމާ ގުރެވިޓީގެ ބާރު ބޮޑުކަމުން، އިންސާނުން ބޮޑުވުމަށް ނޭދެވޭ އަސަރެއް ކުރާނެއެވެ. ހުރިހާ ފިރިހެނުންނާއި އަންހެނުން، ގުރުޑުވެފައި ތިބޭ ކުރުން ފަދައިން، އިސްކޮޅު ހުންނާނީ ވަރަށް ކުޑަކޮށެވެ.
ދުނިޔެ މިހާރަށް ވުރެ ދެބައިކުޅަ އެއްބައިކުޑަ ނަމަ، ގުރެވިޓީގެ ބާރު ނުރައްކާވާ ވަރަށް ކުޑަވާނެއެވެ. މިހެންވުމުން، ކޮންމެ ފިރިހެނަކާއި އަންހެނެއް އިސްކޮޅުން ދިގުވާނީ އެއްވެސް މިނެއް ނެތް ގޮތުގައެވެ. ކޮންމެ މީހަކުވެސް ޤުތުބު މުންނާރުހާ ދިގުވާނެއެވެ. އެ ވާނީ ކިހާ ބިރުވެރި ދުނިޔެއަކަށް ތޯއެވެ؟
އެހެންކަމަކު، މި ޠަބީޢި ދުނިޔޭގައި، ކޮންމެ އެއްޗެއް ވަނީ ފެށުނީއްސުރެ އެންމެ ފުރިހަމަ ގޮތުގައެވެ. އެއްވެސް އެއްޗެއް އިޞްލާހުކުރާކަށް ހުރި ވަރަށް ވުރެ މޮޅު ކުރާކަށް ނުޖެހެއެވެ. ކޮންމެ އެއްޗަކީ ވެސް އެންމެ ފުރިހަމަ އެންމެ އާޚިރީ މޮޑެލް އެވެ. އެއްވެސް އެއްޗަކަށް ބަދަލެއް ގެންނާކަށް ނުޖެހެއެވެ. މި ހައިރާންކުރުވަނިިވި ފުރިހަމަ ކަމަކީ މި އުފެއްދުންތަކުގެ ފަހަތުގައި ފުރިހަމަ އުފެއްދުންތެރިއެއް ވާކަމުގެ ސާފު ދަލީލެކެވެ. މިހެން ނުވާނަމަ، މިފަދަ ފުރިހަމަ ކަމެއް ދުނިޔެއަށް ލިބިގެން ނުވީހެވެ.
ވަޒަންތައް ކޮންޓްރޯލް ވެފައިވުން
ދިރާސާތަކުން ދައްކާގޮތުގައި، ދުނިޔޭގައިވާ އުފެއްދުންތަކުގެ ވަޒަންތައް ވަނީ ވަކި ވަޒަންތަކަކަށް ކޮންޓްރޯލް ވެފައެވެ. މި ނިޒާމް ނެތްނަމަ، އިންސާނުންނަކަށް ވަޒަންވެރިވެ އަހުރެމެންގެ ދުނިޔެއަކު ނުއުޅެވޭނެއެވެ.
މިފަދަ އެއް މިސާލު ފެންނަނީ ހަފައިލީ ތިންބަދައަށް ހުންނަ މެހިފަދަ ސޫފި (އިންސެކްޓް ނުވަތަ ހަޝަރާ) ތަކުންނެވެ. ދިރުމާބެހޭ ޢިލްމުވެރިން ބުނަނީ މިފަދަ ކޮންމެ ސުއިއްޕެއް އެ ބޮޑުވުމަށް ހައްދެއް ނުވެއެވެ. މިސާލެއްގެ ގޮތުން، މަސްކާއްޓެއް ވެސް، ބޮޑުވަމުން ބޮޑުވަމުން ގޮސް ޖަމަލެއް ނުވަތަ އެތެއް ވަރު ވެދާނެއެވެ. މިކަން އެހެން މިފަދަ ހަފައި ލީ ސޫފިތަކަށް ވެސް ޠަބީޢީ ގޮތުން ލިބިގެން ވެއެވެ.
މިގޮތަށް ކަންތައްތައް ހިނގާނަމަ، އަހުރެމެންގެ ދުނިޔެވާނީ، އެތާއި ޖަމަލު ފަދަ ބޮޑެތި ހަޝަރާތަކުން ފުރިގެންނެވެ. އެހެން ވެއްޖެނަމަ، އެފަދަ ބޮޑެތި ޖަނަވާރުތައް އުޅޭ ޖަންގައްޔެއްގައި އިންސާނުން އުޅެ ޙަޟާރަތެއް ބިނާކުރުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
އިންސާނުން މިފަދަ ނުރައްކާތެރި ގިސްމަތަކުން ސަލާމަތްވީ ކީއްވެގެން ހެއްޔެވެ؟ އެކަންވީ ޤުދުރަތުގެ ސާދާ ކަމެއްގެ ސަބަބުންނެވެ. ޙަޤީޤަތަކީ ޙަޝަރާތްތަކުގެ ހަށިގަނޑަށް ކިތަންމެ ބޮޑަށް ބޮޑުވެވުނަސް، އޭގެ ނޭވާލާ ހޮޅިއަކަށް ބޮޑެއް ނުވެވެއެވެ. އެހެންކަމުން، އޭގެ ނޭވާ ހޮޅިން، މިފަދަ ސޫފި ޙައްދެއް ނެތި ބޮޑުވުން ކޮންޓްރޯލް ކޮށް މަތަކުރެއެވެ. ހަށިގަނޑު ބޮޑުވަމުން ދިޔަ ވަރަކަށް ނޭވާ ހޮޅި ހިމަވެއެވެ. ވީމާ، ހިފެހެއްޓުމެއް ނެތި ހަށިގަނޑު ބޮޑުވާނަމަ، އެ ސޫފި މަރުވާނެއެވެ.
މި ފަދަ ކޮންޓްރޯލްތަކުގެ އެތައް މިސާލެއް ވެއެވެ. މި ކޮންޓްރޯލްތަކުން، ދުނިޔެ ވަކި ހަމަތަކެއްގައި ހިފަހައްޓައެވެ. މިކަންކަން މިހެން ނުވާ ނަމަ، އިންސާނުންނަކަށް މި ދުނިޔޭގައި ނުއުޅެވޭނެއެވެ. (ބަލާ: ކްރެސީ މޮރިސަންގެ ”އިންސާނާ ފުދިގެން ނުވެއެވެ.“)
ކައުނުގައިވާ ގުރަހަލިތަކުގެ ތެރެއިން ދުނިޔެއަކީ ނާދިރު ގުރަހައްޔެކެވެ. ނާދިރުވާ ސަބަބަކީ، ދުނިޔެއަށް ލިބިގެންވާ ޚާއްޞަ ސިފަތަކާއި ގޮތްތަކުންނެވެ. ދުނިޔެ ފިޔަވައި، ކައުނުގައިވާ ޢަދަދުނުުކުރެވޭ ތަކެއްްޗަކީ، އަލިފާނުގެ ތަރިތަކާއި ހިލައިންް އުފެދިފައިވާ ގުރަަހައްޔެވެ. ހަމައެކަނި، އިސްތިސްނާވަނީ ތަކެތި ދިރުމަށް އެހީތެރިވާ މާއްދާތަކާއެކުވާ އަހުރެމެންގެ ދުނިޔެއެވެ. މި އިސްތިސްނާ އަކީ ވެސް، ކަލާނގެއެއް ވާކަމުގެ ދަލީލެކެވެ. ކޮންމެ އިސްތިސްނާއަކުން ޖަވާބު ލިބެން ޖެހޭ ސުވާލެއް އުފައްދަން ޖެހެއެވެ: ”މި އިސްތިސްނާ ވުމުގެ ސަބަބަކީ ނުވަތަ އިސްތިސްނާ އުފެއްދި ފަރާތަކީ ކޮބައި ހެއްޔެވެ؟“ ކޮންމެ ކަމަކަށް އޭގެ އަސަރު ނުވަތަ ނަތީޖާއެއް ވެއެވެ. މިކަން ޤަބޫލު ނުކުރާނަމަ، އިސްތިސްނާއެއް ވާކަން ތިބާ ބުނެދޭނީ ކިހިނަކުން ހެއްޔެވެ؟ ދުނިޔޭގައި ހިމެނޭ މި ނާދިރު އިސްތިސްނާ ކަންތައްތަކަކީ، ކަލާނގެ ވާކަމަށް ފުދޭ ދަލީލެކެވެ.
ނިންމާލަމުން އަހުރެން ބުނަން ބޭނުންވަނީ، މިފަދަ ޙާލަތެއްގައި އަހުރެމެންނަށް ވިސްނަން އޮތް ދެ ގޮތަކީ، ކައުނު އާއި ނުލައި ކަލާނގެ ވާކަމާއި، ކަލާނގެ އާ އެކު ކައުނު ވާ ކަމެއް ނޫނެވެ. މިއީ އަހުރެމެންނަށް ލިބިފައިވާ އިޚްތިޔާރެއް ނޫނެވެ. އަހުރެމެންނަށް އޮތް ޙަޤީޤީ އިޚްތިޔާރަކީ، ކަލާނގެ އާ އެކު ކައުނު ވުމާއި ކައުނު ނުވުމެވެ. އަހުރެމެންނަށް ކަލާނގެ އާ ނުލާ ކައުނު ވާކަމަށް ޤަބޫލު ނުކުރެވޭނެތީ، އަހުރުމެންނަށް މަޖުބޫރުވަނީ ކަލާނގެ އާ އެކު ކައުނު ވާ ކަމަށް އީމާން ވުމެވެ.
ބާބު 3
އިންސާނާއަކީ ހުރިހާކަމެއް ފުރިހަމަ ވެގެންވާ ދިރުމެއް ނޫން
ގިނަބަޔަކު ދަންނަ އިނގިރޭސި ލިޔުންތެރިޔާ ޖޫލިއަން ހަކްސީ (1887 – 1975) ކަލާނގެ އެއް ވާކަމަށް ޤަބޫލެއް ނުކުރެއެވެ. އޭނާ ޤަބޫލުކުރިގޮތުގައި އިންސާނާއަށް ކަލާނގެއެއް ބޭނުމެއް ނުވެއެވެ. މި ފިކުރު އާ ގުޅޭގޮތަށް ނަންދީފައިވާ Man Stands Alone ފޮތުގައި އޭނާގެ މި ޚިޔާލު ބަޔާންކޮށްދީފައި ވެއެވެ. ފޮތުގެ ނަމުގެ މާނައަކީ އިންސާނާ އެހެން އެއްޗަކަށް ބޭނުންވެގެން ނުވެއެވެ. އޭނާ އެހެން އެއްޗަކަށް ބޭނުން ނުވެ އެކަނި ފުދިގެން ވެއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ، މަޝްހޫރު އެމެރިކާގެ ސައިންޓިސްޓަކު، ހަކްސްލީގެ ފިކުރަށް އިދި އިޖާބައެއް ދީ ލިޔުނު ފޮތެކެވެ. އެ ފޮތުގެ ނަމަކީ Man Does Not Stand Alone އެވެ. އިންސާނާ އެކަނި ފުދިގެން ނުވެއެވެ.
ކުރިއަށް ވުރެވެސް ބޮޑަށް މި ދުވަސްވަރު، މީހުން ހާމަކުރާ ޚިޔާލަކީ އިންސާނާއަށް ކަލާނގެ ބޭނުންވެގެން ނުވާ ކަމެވެ. އަދި ހުރިހާ ކަމަކަށް ކުޅަދުންވަންތަ ކަލަކަށް އީމާން ނުވެ، އެމީހުންނަށް ކާމިޔާބު ޙާޞިލް ކުރެވިދާނެކަމެވެ. އެކަމަކު، މީހުންގެ ޚިޔާލުތައް ތިބާ ހޯދާ ބަލައިފިނަމަ ފާހަގަ ކުރެވޭނީ އެމީހުންގެ ފިކުރަކީ ތަސައްރުފު ފުދިފައިވާ ވިސްނުމާ އެކަމުތު ޚިޔާލުތަކެއް ނޫންކަމެވެ. އަދި ކިއެއް ހެއްޔެވެ؟ އެފަދަ ޚިޔާލުތައް ގިނަގިނައިން އުފަންކުރަނީ ޢުމުރުން ސާޅީސް އަހަރު ނުވާ އުމުރުފުރައިގެ މީހުންގެ ބުއްދިފުރިހަމަނުވާ ސިކުނޑިތަކުން ކަމެވެ. ނަފްސާނީ އަދި ދިރުމާބެހޭ ދިރާސާތަކުން އެނގެނީ ބުއްދި ފުރިހަމަ ވާ ވަރަށް އިންސާނުންނަށް އާދެވެނީ އެމީހުންގެ މެދު ޢުމުރުގައި ކަމެވެ. އޭގެ ކުރިން، އެމީހުން ވަނީ ދިރިހުރުމުގެ ޙަޤީޤަތްތަކާ މެދު ތެދު ޚިޔާލުތަކެއް ކުރެވޭފަދަ މަޤާމެއްގައި ނޫންކަމެވެ. ދިރާސާތަކުން ދައްކަނީ، ކަލާނގެ އާ ބެހޭގޮތުން ދޯހަޅި ޚިޔާލުތައް ފާޅުކުރާ ސިކުނޑިތައް އަދިޅަކަމެވެ. ނަމަވެސް، ތަޖުރިބާ އާއި ޢިލްމު ލިބުމުގެ ސަބަބުން، ޒުވާންކަމުން މެދުޢުމުރަށް އިންސާނާ ނަޤުލުވުމުން، އިލްހާދީންނާއި މުރުތައްދުވާމީހުން ހިމެނޭ ގޮތަށް އެތައް ބަޔަކު، ކަލާނގެ އާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ސީރިއަސް ވެއެވެ.
ވިސްނުންތެރިއަކު ބުނެފައި ވެއެވެ.
ޢިލްމުގެ ފޮދުވަރެއް ލިބުމުން އިންސާނާ ކަލާނގެއަށް އީމާންވުމުން ފޭވެއެވެ. ޢިލްމު ބޮޑަށް ލިބުމުން ކަލާނގެއާ ކުއްތަން ވެއެވެ.
ދެން މި ބަޔާންކުރަނީ މި ނުކުތާ ހާމަކުރާ ދެތިން މިސާލެވެ. ޢިޝްޤީ ޚިޔާލުތަކާއެކު، ”ލޯބީގެ ކައިވެންޏަކަށް“ ޝައުޤުވެރިކަމާއެކު ވަންނަ ޒުވާނާ މިސާލެއްގެ ގޮތުން ނަގަމާ ހިނގާށެވެ. ވަރަށް އަވަހަށް އެ ދެމަފިރިންގެ ދެމެދުގައިވާ ލޯބި ނަފުރަތަށް ބަދަލުވެ ވަކިވާ ހިސާބަށް ދެއެވެ. ދެން ފިރިމީހާއަށް އޮޅުން ފިލަނީ ލޯބި އެއީ އެންމެ މަތިވެރި އެތި ކަމުގެ ގޮތުގައި ޤަބޫލުކުރެވުނު ޤަބޫލުކުރެވުމަކީ އޭނާގެޅަކަމުގެ ނަތީޖާ ކަމަށެވެ. އިޚްތިޔާރުގައި ނުވަތަ ބޭއިޚްތިޔާރުގައި އޭނާއަށް ވިސްނެން ފަށަނީ، ދިރިއުޅުމުގެ އަޑި އެނގޭ މިންވަރަށް އޭނާގެ ވިސްނުން ސާފުނޫންކަމާއި އޭނާގެ ތަޖުރިބާ މަދުކަމުގެ އުނިކަމުން ރައްކާތެރިވުމަށް މަތިވެރި ފަރާތެއްގެ އިރުޝާދު ބޭނުންވާ ކަމެވެ.
ކުރިއަށްދާން ވަރަށް ބޮޑަށް ބޭނުންވެ ވިޔަފާރިއެއް ފަށާ ވިޔަފާރިވެރިޔާގެ މިސާލާމެދު ވިސްނާށެވެ. އޭނާގެ ވިޔަފާރި، އެކަނި މާއެކަނި ހިންގޭ ވަރަށް ވުރެ ވިޔަފާރި ފުޅާވެއެވެ. ދެން އޭނާއަށް ވިސްނެނީ، އޭނާގެ އުއްމީދުތަކާއި މަޤްޞަދުތައް ޙާޞިލްކުރުމަށް ޒާތީ ހުރަސްތަކެއް ވާކަމެވެ. އޭނާއަށް އިޙްސާސް ކުރެވެން ފަށަނީ، އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ބޮޑު ދުނިޔެއެއް ބޭނުންވާ ކަމެވެ.
ހަމަ މި ބަޔާންކުރި މިސާލާއި އެއްފަދަ މިސާލެކެވެ. ޒުވާނަކު ސިޔާސީ ޕާޓީއެއް، އޭނާގެ މަޤްޞަދުތައް ޙާޞިލްކުރުމަށް އުފައްދައިފިއެވެ. ސިޔާސީ އިސްޓޭޖުގައި މުހިއްމު ރޯލެއް އަދާކުރުމަށް އޭނާ ބޭނުންވާ ވަގުތެއް އާދެއެވެ. ދެން އޭނާއާ ބައްދަލުކުރަނީ ޖަވާހަރުލާލް ނެހުރޫ އާ ބައްދަލުކުރި ތަޤްދީރެވެ. ނެހުރޫ ފަދައިން، ބޮޑު ވަޒީރުކަމަށް އޭނާއަށް ދެވުމުން އޭނާއަށް އިޙްސާސް ކުރެވެން ފެށެނީ ހިތްހަމަ ނުޖެހުމެވެ. އޭނާއަށް ވިސްނެނީ އޭނާއަށް ވުރެ ބާރުގަދަ ފަރާތެއް ވާކަމަށާއި އެ ފަރާތުގެ އެއްބާރުލުމާ ނުލައި އޭނާގެ ރޭވުންތަކުން ނަތީޖާއެއް ނުނެރެވޭނޭ ކަމެވެ.
ގިނަ ޒުވާނުން ޙަޔާތެއް ފަށަނީ މަތިވެރި އުއްމީދުތަކަކާ އެކުއެވެ. އެކަމަކު ފަށްފަށުން އެމީހުންނަށް ކުރެވޭ ތަޖުރިބާ ތަކުން ވިސްނެނީ އެހީތެރިކަމަށް އެމީހުން ބޭނުންވާ ކަމެވެ. ބަލިމަޑުކަމާއި އެކްސިޑެންޓާއި ގެއްލުންތަކާއި ނުޚުސާންތަކުން ތަކުރާރުކޮށް އަންގައިދެނީ އެމީހުންގެ ދިރިއުޅުމަކީ ޙާޞިލްނުކުރެވޭ އުއްމީދުތަކެއް ކަމެވެ. ދެން އެމީހުންނަށް އެނގެނީ ކިތަންމެ މަތިވެރި މާއްދީ ކާމިޔާބުތަކެއް ލިބުނު ކަމުގައި ވިޔަސް ގާތްގަޑަކަށް 100 ވަރަކަށް އަހަރުގެ ތެރޭގައި އެމީހުން މަރުވާކަމެވެ. ހުރިހާ މުދަލެއް ދޫކުރަން ޖެހޭ ކަމެވެ. މި ހިތި ފިކުރުން ހާމަވަނީ ޒުވާންކަމުގެ ފޮނި އުއްމީދުތަކަކީ ނޭގުމުގެ ތެރެއިން އުފެދުނު އުއްމީދުތަކެއް ކަމެވެ. ސަބަބަކީ، މި އުނި ދުނިޔޭގައި ފުރިހަމަ ހިތްހަމަ ޖެހުން ޙާޞިލްކުރުމަކީ ވާނޭކަމެއް ނޫނެވެ.
ޙަޔާތެއްގެ މަޤްޞަދު… އެއީ ފައިސާ ހޯދުން ކަމަށް ވިއަސް، ބާރާއި ޝަހުރަތު ނުވަތަ މިފަދަ އެހެން ކަމެއް ޙާޞިލްކުރުން ކަމަށް ވިއަސް، އެކަންކަންވަނީ ފުރިހަމަ މިސާލީ ކަންކަމަކަށް ނޫނެވެ. އިންސާނާ މިކަންކަން ޙާޞިލްވުމަށް ފަހު، އޭނާއަށް އިޙްސާސް ކުރެވެނީ އޭނާގެ އުއްމީދުތަކަށް ވުރެ ޙާޞިލްކުރެވުނު ކަންތައްތައް މާ ދެރަކަމެވެ. އެހެންކަމުން އެނާ ކުރިއެކޭ އެއްފަދައިން ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ޙާޞިލް ކުރެވުނު ކާމިޔާބީ އަކީ އެކަން ޙާޞިލް ނުކުރުންފަދަ މާނައެއް ނެތް ކަމަކަށް ވެދެއެވެ.
ބާބު 4
ކަލާނގެ: އީމާން ކަމުގެ މަސްދަރު (އީމާންކަން ފެށިގެން އަންނަގޮތް)
މުޅި ކައުނު ބެލޭނޭ، ދުނިޔޭގައި ނެތް ފެންވަރުގެ މޮޅުދުރުމިއެއް ލިބިގެން ކައުނަށް ބަލައިފިނަމަ، ތިބާއަށް އެންމެ ފުރަަތަމަ ފެންނާނީ މި ނާދިރު ގުރަހަލިކަމުގައިވާ ދުނިޔެއެވެ. ދިރުމެއް އެއްވެސް ގޮތަކަށް ނުވާ ކައުނުގައި، ދިރުން ހުރި ގިނަ އެތައް އެއްޗެއް މި ދުނިޔޭގައި ވާކަމާއި ދިރުމަށް ބޭނުންވާ ތަފާތު މަޢުދަންތަކާއި އުންސުރުތައް ހިމެނޭ ކަމެވެ. މި ނާދިރު، އާދަޔާ ޚިލާފު މަންޒަރުން ތިބާ އާސޯޚުވާނެއެވެ.
ތިބާއަށް ފާހަގަ ކުރެވޭނީ، ދުނިޔެ އާއި އޭގެ ހަނދާއި އެހެން ގުރަހަލިތައް ތާއަބަދު އެނބުރެމުންދާ ތަނެވެ. އޭގެ ނާރެސްގައި ދައުރުވަމުންނާއި، އިރުވަށައިގެން ދައުރާނާ ވަމުންދާ ތަނެވެ. މި ދުނިޔެ އެކުލެވޭ އިރުގެ ނިޒާމުވެސް، އެއަށްވުރެ ބޮޑު މަޑިކިލަނބުގައި ނުވަތަ ގެލެކްސީގައި އެނބުރެއެވެ. އަދި މަޑިކިލަނބު ވެސް އެހެން މަޑިކިލަނބުތަކާއެކު ބުރުޖަހައެވެ.
ނިމުމެއް ނުވާ މި ކައުނުގައި، ތަރިތަކާއި ގުރަހަލިތަކުގެ މި ޙަރަކާތްތައް ތިބާއަށް ފެންނާނީ އާސޯޚު ކުރުވަނިވި އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައެވެ. ދެން ތިބާއަށް ފެންނާނީ، ޤަބޫލުނުކުރެވޭހާ ގިނަ އަލިފާނުގެ ބޯޅަތަކެއް ފަދަ ތަރިތައް ވަރަށް ބާރަށް އެނބުރެމުންދާ ތަނެވެ. މި ފަލަކީ ތަކެތީގެ ތެރޭގައި، އަހުރެމެންގެ ދުނިޔެ، ކުޑަކުޑަ ވެލިފުކެއްހާ ވަރަށް ވެސް ފެންނަނީ ހަމަ ކިރިޔާއެވެ. މި މަންޒަރު ތަފާތުކަމުން، އަހުރެމެން ”ވުން“ ވަނީ މުހިއްމުކަމެއް ނެތް އިސްކަމެއް ނެތް ކަމެއްގެ ގޮތުގައެވެ. މި ތަޖުރިބާއިން ތިބާއަށް ދެ ނިންނުމަކަށް އާދެވޭނެއެވެ. ފުރަތަމަ ކަމަކީ، މި ކައުނު އުފެއްދެވި ކުޅަދުންވަންތަ އަދި ކައުނު ދަމަހައްޓަވާ ކަލާނގެ އެއް (ވޮޑިގެން) ވާ ކަމެވެ. މި މަންޒަރު ތިބާގެ ފިކުރަށް ގެނެސްގަތުމުން، ތިބާގެ ހިތް އެއްވެސް މީހަކު ކިޔާދިނުމެއް ނެތި ގޮވާނީ ކައުނަކީ އެ އުފެއްދެވި ކަލަކު ވާކަމުގެ ސާފު ހެއްކެއް ކަމަށެވެ. ދެވަނަ އަށް ތިބާއަށް އިޙްސާސްވާނީ، ކަލާނގެ އާ ނުލައި، ތިބާއަކީ މި ކައުނުގައި އެއްވެސް އެހީތެރިއެއް ނެތް، އެއްވެސް ސަމާލުކަމެއް މުހިއްމުކަމެއް ލިބިގެން ނުވާ މަޚުލޫޤެއް ކަމެވެ. މިއީ ޙަޔާތުގެ އެންމެ މުހިއްމު ޙަޤީޤަތެވެ. މި ޙަޤީޤަތް އިންސާނާއަށް އެނގުމުން، އިންސާނާ ކަލާނގެ ކިބައަށް އަމިއްލައަށް އެނބުރޭނެއެވެ. މުޅި ނަފުސުން ގޮވާނެއެވެ: ”އޭ ކަލާނގެއެވެ. އަހުރެންނަށް އެހީތެރިވެ ދެއްވާށެވެ. އެއީ ތިޔަ ކަލާނގެ އާ ނުލައި، ހުރިހާ ކަމެއް ވާނީ ގޯހެވެ.“
މި ބޮޑު ކައުނުގައި، އިންސާނާއަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ހަމައެކަނި ފަރާތަކީ ކަލާނގެއެވެ. އިންސާނާގެ ނައު ގޮނޑުދޮށާ ގާތަށް ރައްކާތެރިކަމާއެކު ގެނެވެނީ ކަލާނގެ އިރުޝާދުންނެވެ. ކަލާނގެ ޤަބޫލުކުރުމަކީ އިންސާނާއަށް އެންމެ މުހިއްމު ކަމެވެ. މި އީމާން އާ ނުލައި، އިންސާނާއަކީ އެއްވެސް އެއްޗެއް ނޫނެވެ.
ދުވަހީ ދިރިއުޅުމުގައި، ބައެއް ފަހަރު، ނާއުއްމީދުގެ އިޙްސާސްތައް އިންސާނާއަށް ކުރެވެ އެވެ. އެއީ، ދުރުމިއަކުން ކައުނަށް ބަލައިލުމުން، ބާރެއް އެހީތެރިކަމެއް އަމިއްލައަށް ލިބިގެން ނުވާކަމުގެ އިޙްސާސް އާ އެއްފަދަ ޝުޢޫރެކެވެ.
ހުރިހާ ފިރިހެނުންނާއި އަންހެނުންނަށް، އެމީހުން ބޭނުން ކަންތައްތައް ނުވުމުން ބޭނުން ކޮންމެ ކަމެއް ނުކުރެވޭނެ ކަމާއި އިންތަކެއްގެ ތެރޭގައި ހައްޔަރުވެފައިވާކަން އިޙްސާސް ކުރެވެއެވެ. މި އިންތަކުން އެމީހުންނަށް ބާރުވެރިކަމެއް ނެތް ކަމާއި ނުކުޅެދުންތެރިކަމުގެ އިޙްސާސް ކުރެވެއެވެ. އަހުރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް، ކޮންމެވެސް މީހަކު ނެތުން ނުވަތަ އެއްޗެއް ގެއްލުން ނުވަތަ އެކްސިޑެންޓެއް ނުވަތަ މަރު ނުވަތަ މުސްކުޅިކަން އިޙްސާސް ކުރެވިފައި ވާނެއެވެ. މި ތަޖުރިބާތައް ތަކުރާރުކޮށް އަހުރެމެންނަށް ހަނދާންކޮށްދެނީ އަހުރެމެންނަށް މަތިވެރި ބާރުވެރިއެއްގެ އެހީތެރިކަން ބޭނުން ކަމެވެ. އެފަދަ މަތިވެރި ފަރާތެއްގެ އެހީތެރިކަމާ ނުލައި، އަހުރެމެންނަށް ދިރިއުޅުމާއިގެން ކުރިއަކަށް ނުދެވޭނެއެވެ. މި އިޙްސާސްތަކަކީ ކަލާނގެ އެއް ވާކަމުގެ ނަފްސާނީ ހެކިތަކެއް ފަދަ ޝުޢޫރު ތަކެކެވެ. މިފަދަ ނަފްސާނީ ތަޖުރިބާތަކެއް އަހުރެމެންގެ ޙަޔާތުގެ ކޮންމެވެސް އިރަކު ކުރެވެއެވެ. އަހުރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމީހުންގެ ހިތުގެ އިޙްސާސްތަކުން، ކަލާނގެއެއް ވާކަމަށް ހެކިވެއެވެ.
އިންސާނާގެ ޠަބީޢަތް އޭނާއަށް ތާއަބަދު މަޖުބޫރުކުރުވަނީ ކަލާނގެއަށް ބޭނުންވެގެން ވާކަން ދެނެގަތުމަށެވެ. ކަލާނގެ ނެތި، އަހުރެމެންގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ. ކަލާނގެ އެހީތެރިކަމެއް ނެތި، އަހުރެމެންނަށް ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެ އެވެ.
ތިރީގައި މި ބަޔާން ކުރާ މިސާލުން އިންސާނާގެ މަޤާމު އިތުރަށް ތަމްސީލުވެގެން ދެއެވެ.
މީގެ 100 ވަރަކަށް އަހަރުގެ ކުރިން، އެމެރިކާއިން އެފްރިކާއަށް ދިއުމަށް ނަވެއް ދަތުރު ފަށައިފިއެވެ. ފުން ކަނޑުން މާ ދުރަށް ދެވުނުތަނާ ބޮޑު ޠޫފާނެއް ލައިގެންފިއެވެ. ނައު އުރައްޓައި (ރޯލުކޮށް) ތަޅުވަން ފަށައިފިއެވެ. ހުރިހާ ފަސިންޖަރުން ވަރަށް ބޮޑު ބިރުވެރި ޙާލަތަކަށް ގޮސްފިއެެވެ. މި ބިރުވެރި ހާލަތުގައި ފަސިންޖަރަކަށް ކުޑަ އަންހެއްކުއްޖަކު ތައްޓުމަތީ ކަނެއްގައި އިންދާ ފެނިއްޖެއެވެ. ޠޫފާނުގެ ބިރުވެރިކަމުން މުޅިން އެއްކިބާވެ، ބުދުތަކަކާ ކުޅެން އިންދައެވެ. މިތަން ފެނުމުން ފަސިންޖަރު ހައިރާންވެގެން ސުވާލު ކުރިއެވެ: ” އަހުރެމެންގެ ނަވަށް ވާގޮތް ކަލެއަށް އެނގޭ ހެއްޔެވެ؟“ އެކުއްޖާ ޖަވާބުގައި އެހިއެވެ: ”ވަނީ ކީއްހެއްޔެވެ؟” ފަސިންޖަރު ބުނީ ނައު ބޮޑު ޠޫފާނެއްގައި ޖެހިފައިވާ ކަމެވެ. މަޑުމައިތިރިކަމާ އެކު އެކުއްޖާ ބުންޏެވެ:”ކަލެއަށް އެނގޭ ހެއްޔެވެ؟ ނަވުގެ ކައްޕިތާނަކީ އަހުރެންގެ ބައްޕައެވެ. ބައްޕަ ނައު ފެތުނަކަ ނުދޭނެއެވެ.“
އަންހެންކުއްޖާ ގެ ބައްޕައަށް އެކުއްޖާގެ އޮތް އިތުބާރެއްގެ ސަބަބުން، މި އުނދަގޫ ވަގުތު، ބިރުގެ ޝިކާރައަކަށް އެކުއްޖާ ނުވިއެވެ. މިކަން ދީންވެރި މީހާއާ މެދުވެސް ތެދެވެ. ކުޑަކުއްޖެއް އޭނާގެ މައިންބަފައިންނަށް އޮންނަހާ އިތުބާރާއި އީމާން، ކަލާނގެއަށް އޭނާ އޮވެއެވެ. ނަމަވެސް ކުޑަކުއްޖަކަށް ވުރެ މާބޮޑަށް ފުންކޮށެވެ. މުޞީބާތެއް ކުރިމަތިވުމުން، އޭނާއަށް ކުޑަކުއްޖަކަށް ވުރެ ބޮޑު އީމާނަކާއެކު، އޭނާގެ ޙަޔާތުގެ ނަވުގެ ކައްޕިތާނަކީ ކަލާނގެ ކަމުގައި ބުނެވޭނެ އެވެ. އެކަލާނގެ އެއްވެސް ޙާލަތެއްގައި އެއްވެސް އިރެއްގައި ނައު ފެތުނަކަ ނުދޭނެއެވެ.
ކުރުކޮށް ބުނާނަމަ ރޫޙާނީ ފިކުރުތައް އުފެދެނީ ބުއްދީގައެވެ. ރޫޙާނިއްޔަތަކީ ހުރިހާ ވަގުތެއްގައި ވެސް ވަރަށް ބޮޑު އެހީތެރި ބާރެކެވެ. އެއީ މީހާގެ ސުލޫކު ބިނާކުރުމަށް އެންމެ ރަނގަޅު ވަޒަނެވެ. ރޫޙާނިއްޔަތަކީ ހުރިހާ ރަނގަޅުކަމަކަށް މަގުދައްކާ، ހުރިހާ ނުބައިކަމެއް މަރާ އެއްޗެކެވެ. ހުރިހާ ދީނެއްގެ ޢަރަޤަކީ ރޫޙާނިއްޔަތެވެ. ދުނިޔެއަށް ޢާއްމު މި ދީން އަހުރެމެން ޤަބޫލު ކުރަމާތޯއެވެ؟
ބާބު 5
ކަލާނގެ މަގުގައި ދިރިއުޅުން
ދުނިޔެއަކީ އިރުގެ ގުރަހައްޔެކެވެ. އިރު ވަށައިގެން ދުނިޔެ ދައުރާނާ ވަމުން އަބަދުވެސް ދެއެވެ. އިރު ވަށައި ބުރެއް ޖެހެނީ އެއް އަހަރުންނެވެ. ދުނިޔޭގައިވާ ދިރުމުގައި ފުރާނަ ހުރުމަށް، މި ދައުރާނާ ވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އިރު ވަށައިގެން ދުނިޔެ ދައުރާނާ ނުވާނަމަ، ދުނިޔެ ވުމަކީ ބޭނުން ކަމެއް ނޫނެވެ. އަދި ހުރިހާ ދިރުމެއް ދުނިޔެއިން ފިލައިގެން ދާނެއެވެ.
މިއީ، ދުނިޔޭގައި އަހުރެމެން އުޅެންވީ ގޮތް ހާމަވާ މިސާލެކެވެ. އިރު ވަށައިގެން ދުނިޔެ ދައުރާނާވާ ފަދައިން، މި މިސާލުން ކަލާނގެ ވަށައިގެން އަހުރެމެން އެނބުރެން ޖެހޭނެކަން އެނގެއެވެ. މިކަމުން ދޭހަވަނީ އަހުރެމެންގެ ދިރިއުޅުން ބިނާވެގެންވާން ވާނީ، ކަލާނގެއަށް ކަމަށެވެ.
އިރުވަށައިގެން ދުނިޔެ ދައުރާނާވަނީ ޤުދުރަތުގެ ޤާނޫނުތަކުގެ ސަބަބުންނެވެ. ދުނިޔެއަށް އެނޫން ގޮތެއް ނުވެއެވެ. ނަމަވެސް، އިންސާނާ އަށް ކަމެއް ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިފައި ވެއެވެ. އަދި މި އިޚްތިޔާރުގެ ދަށުން އިންސާނާ، ކަލާނގެއަށް ކިޔަމަންވާން ވާނެއެވެ. އިންސާނާ، އޭނާގެ ދިރިއުޅުން ބިނާކުރަންވާނީ، ކަލާނގެ އެންގެވުންތަކުގެ މައްޗަށެވެ. މިކަން، އިންސާނާއަށް ފަހުމްވުމުން ނުވަތަ އިޙުސާސްވުމުން، ޙަޤީޤަތުގައި، އެހެން ދިރުން ތަކުގެ މައްޗަށް އިންސާނާ މަތިވެރިވެ އުފުލެއެވެ. ފަހެ، މި އިޙްސާސްވުމަކީ ނުވަތަ މަޢުރިފާ ވުމަކީ ހުރިހާ ކާމިޔާބެއްގެ ސިއްރެވެ.
ކަލާނގެ މަގުގައި އުޅުން ފެށެނީ، ކަލާނގެ އިލްހާމުވުމުންނެވެ. ފިރިހެނުން އަދި އަންހެނުން ވިއަސް، ކަލާނގެ މަޢުރިފާވުމުން އެމީހުންނަށް ޙަޤީޤަތާއި ތެދު ފެނެއެވެ. އަދި މި ޙަޤީޤަތް މުޅި ދިރިއުޅުމަށް އަސަރުކުރުވަ އެވެ. ޙައްޤު ނުވަތަ ޙަޤީޤަތް އެނގުމުން ނުވަތަ ދެތުމުން، އެކަންވަނީ އުފާވެރި ހިތްހަމަޖެހުން ގެނެސްދޭ ތަޖުރިބާއަކަށެވެ. އަދި މިތަޖުރިބާ، ދެމިހުންނަނިވި އީމާންކަމަކުން އެމީހުންގެ ހިތްތައް ފުރާލައެވެ. މި ދެމިހުންނަނިވި އީމާން، އެމީހުންގެ ދިރިއުޅުމުގެ ހިތްހަމަ ނުޖެހުންތަކާއި ދަތިތައް ފިލުވާލައެވެ. އެހެންކަމުން، ކުރިމަތިވާ މުޞީބާތްތައް، އިންސާނާ މާޔޫސްކޮށް ފަނާކުރުވަނިވި މުޞީބާތްތަކަކަށް ނުވެއެވެ. އެފަދަ މުޞީބާތްތަކުން، އެމީހުންނަށް ލިބިފައިވާ އީމާން— އާދެ، ކަލާނގެ އެމީހުންނާ އެކީ އަބަދުވެސް (ވޮޑިގެން) ވާކަން — އެމީހުން މާޔޫސް އެއް ނުކުރުވައެވެ.
އިންސާނާއަށް މަޢުރިފާވެރިކަން ތަޖުރިބާކުރެވެނީ، ކަލާނގެ އުފެއްދުންތަކާ މެދު ފުންކޮށް ފިކުރުކުރުމުންނެވެ. ފަހެ ޙަޤީޤަތަކީ، މި ކާއިނާތުގައިވާ ހުރިހާ އެއްޗަކީ ކަލާނގެ ސިފަތައް ހާމަކުރާ އެއްޗިއްސެވެ. މިގޮތުން، މި ދުނިޔެއަކީ ކަލާނގެ އަށް ތައާރަފެކެވެ. ކަލާނގެ އުފެއްދެވި ހުރިހާ އެއްޗަކުން ކަލާނގެ ފެނެއެވެ. ލޯގަނޑަކުން އިންސާނާގެ ސޫރަ، ރީބައެއް ނެތި އިންސާނާއަށް ހާމަވާ ފަދައިންނެވެ.
ކާއިނާތުގެ ބޮޑުކަމުން އިންސާނާއަށް އަންގައިދެނީ، އެ އުފެއްދެވި ކަލާނގެ ކުޅަދުންވަންތަކަން ވަކި އިމެއް، ހައްދެއްގެ ތެރޭގައި ނުވާކަމެވެ. އިރާއި ތަރިތަކަށް ނަޒަރު ހިންގާލުމުން ކަލާނގެ އަކީ ހުސް ނޫރުކަން އަހުރެމެންނަށް ހާމަވެއެވެ. ފަރުބަދަތަކުގެ އުސްކަން އަހުރެމެންނަށް އަންގައިދެނީ، ކަލާނގެ މަތިވެރިކަމެވެ. ކަނޑުގައިވާ ރާޅުތަކާއި ކޯރުގައިވާ އޮއެ، ކަލާނގެ އަކީ ވަޒަނެއް ނުވާ ބަރަކާތްތަކުގެ ކޮށާރެއް ކަން ބުނެދެއެވެ. އިންސާނާ ދުނިޔޭގައި ވުމަކީ، ކަލާނގެ (ވޮޑިގެން) ވާ ކަމުގެ ދަލީލަކަށް ވެއެވެ. ވައިރޯޅިތައް ގައިގާ ބީހޭ ބީހުމުން، ކަލާނގެ ކުއްތައްވުން އިންސާނާއަށް ތަޖުރިބާ ކުރެވެއެވެ. ދޫނީގެ ގޮވުންތަކުން، ކަލާނގެ ޤަޞީދާތައް އިންސާނާއަށް އިވެއެވެ.
ކަލާނގެ މަގުގައި އުޅުމަށް ފެށޭނީ، ކަލާނގެ ހަނދާން ކުރުމުންނެވެ. މި ޒިކުރުކުރުމުން އިންސާނާއަށް ކަލާނގެ ޙަޟްރަތު އިޙްސާސް ކުރެވެއެވެ. އޭނާއަށް ފެންނަ ކޮންމެ އެއްޗެއް، ކަލާނގެ މަތިން އޭނާއަށް ހަނދާން އައު ކޮށްދެއެވެ. ކަލާނގެ ހަނދާން ކުރުމުން އޭނާގެ ހިތާއި ފިކުރު ޣާފިލުވެގެން ނުވެއެވެ. ހެނދުނާއި ހަވީރުތައް އޭނާ ވޭތިކުރަން ޖެހޭނީ، އެކަލާނގެ ވެށީގައި ކުއްތަންވެ ވޮޑިގެންވާކަމަށް އޭނާވާކަމަށް ހީކޮށް ކަންތައްތައް ކުރާ ފަދައިންނެވެ. ވާރޭއިން، ދަނޑުގޮވާމަށް ދިރުން ލިބޭފަދައިން، އިންސާނާ، ކަލާނގެ ހަނދުމަކުރުމުގައި ގެނބިގެން ވާނެއެވެ.
އިންސާނާގެ ރޫޙާނީ ފޯކަސްއަކީ ކަލާނގެއެވެ. އިންސާނެއްގެ ހިތުން ކަލާނގެ ވައުފަށުގައި ހިފައިފައި ވާނަމަ، އެ އިންސާނާ ދުނިޔޭގައި ހުންނަ ކޮންމެ ހިނދަކު، އިލާހީ ތަޖުރިބާތަކެއް ކުރުމުގައި ވާނެއެވެ. ކަލާނގެއަށް ވާ އީމާން ވާނީ، އޭނާގެ ރޫޙާނީ ކުރިއެރުމުގެ ސަބަބެއް ކަމުގައެވެ. ކަލާނގެ ލޯބިން ފުރިފައިވުމުން، އޭނާ އެހެން އިތުރު އެއްޗަކަށް ބޭނުންވެގެން ނުވެއެވެ. އޭނާއަށް ކަލާނގެ ވާނީ، ނިމުމެއް ނުވާ ފަތަންވީ މާކަނޑަކަށެވެ. ރޫޙާނީ ހޭލެއްވުމުން، އޭނާއަށް ލިބޭ މުދައުވެރިކަމުގެ ބޮޑުކަމުން، އޭނާއަށް އިތުރަށް އެހެން އެއްޗަކަށް ބޭނުންވެގެން ވާކަމަށް އިޙްސާސްއެއް ނުކުރެވޭނެއެވެ.
ކަލާނގެ މަޢުރިފާކޮށް ދެނެގަނެވުނު މީހާއަށް، މުޅި ކާއިނާތު ވާހުށީ އެކަލާނގެ ފޮތަކަށެވެ. ހުޅުވިފައިވާ ފޮތަކަށެވެ. ގަހެއްގެ ކޮންމެ ފަތެއް ވާހުށީ އިލާހީ ފޮތުގެ ޞަފުޙާއަކަށެވެ.
އިރު ފެނުމުން، އޭނާއަށް އިޙްސާސް ވާނީ، އިލާހީ ފޮތުގެ ޞަފުޙާތައް ކިޔުމަށްޓަކައި، އެކަލާނގެ ނޫރުފުޅުގެ އަލިކަން ދުނިޔެއަށް ފާއްދާލިކަމަށެވެ. އޭނާއަށް ކާއިނާތުވާނީ، އާދަޔާ ޚިލާފު ޔުނިވަރސިޓީއަކަށެވެ. އަދި އޭނާ ވާނީ ކިޔަވާ ކުއްޖަކަށެވެ.
ކަލާނގެ މަޢުރިފާކޮށް ދެނެގަނެވުމަކީ އިންސާނާގެ ލޯބީގެ ނާރެސް ފެނުމެވެ. އިންސާނާއަކީ، އޭނާގެ އުފަންވުމުގައި ވެސް، އޭނާއަށް ވުރެ މަތިވެރި، ހުރިހާ ހައްދުތަކުން ބެދެވިފައި ނުވާ، އޭނާގެ ހުރިހާ އިޙްސާސްތަކެއްގެ ނާރެސްކަމަށް ހަދަން ބޭނުންވާ، މަތިވެރި ފަރާތް ހޯދުމަށް ޝައުޤުވެރިކަން ހުންނަ މީހެކެވެ. ފަހެ، އެކަލާނގެ ”ފެނުމުން“ ނުވަތަ މަޢުރިފާކޮށް ދެނެގަނެވުމުން، ބުއްދި ފުރިހަމަ ވެފައިވާ މީހާއަށް، މަންމައަކު ކުޑަ ކުއްޖެއް އުރާލުމުން ލިބޭ ހިތްހަމަ ޖެހުން ލިބެއެވެ.
ކަލާނގެ ދެނެގަނެވުމުން، އެހެން ކޮންމެވެސް އެއްޗަކީ ކަލާނގެ ކަމަށް ދެކޭ ދެކުންތަކުން އިންސާނާ ރައްކާތެރި ވެއެވެ. އަދި މިފަދަ ބިލާހީ ތަކެއްޗަކީ އޭނާގެ ޠަބީޢަތުގައިވާ ޙަޤީޤީ ކަލާނގެ ދެނެގަތުމަށްވާ އެދުންވެރިކަމުގެ ނިމުންކަމަށް ދެކޭ ކުށް ދެކުންތަކުން އޭނާ ސަލާމަތް ވެއެވެ. އޭނާގެ ޠަބީޢަތުގައިވާ ޙަޤީޤީ ކަލާނގެ ދެނެގަތުމުގެ އެދުން ފުދެއެވެ. ޙަޤީޤީ ކަލާނގެ ނުހޯދެވުމަކީ އިންސާނާގެ އެންމެ ބޮޑު އެދުން ނުފުދުމެވެ.
ކަލާނގެ ނުދަނެގަނެވުނު މީހާއަށް މަޖުބޫރުވަނީ، ކަލާނގެއަށް ދޭންޖެހޭ މަޤާމު ކަލާނގެ ނޫން އެހެން އެއްޗަކަށް އޭނާގެ ޠަބީޢީ ޖަޒުބާތުގެ ސަބަބުން ދިނުމެވެ. މި މަޤާމު ބައެއް ފަހަރު ދެވެނީ ކޮންމެވެސް އިންސާނަކަށެވެ. ނުވަތަ ކޮންމެވެސް ޖަނަވާރަކަށެވެ. ނުވަތަ ކޮންމެވެސް ޤުދުރަތީ ކަމަކަށް ނުވަތަ މާއްދީ ބާރަކަށް ނުވަތަ ޚިޔާލަކަށް ނުވަތަ އަމިއްލަ ނަފުސަށެވެ.
މީހަކަށް ކަލާނގެ ދެނެގަތުމުގައި ނާކާމިޔާބު ވިޔަސް، އަދި ކަލާނގެއަށް އިންކާރު ކުރާ މީހަކަށް އޭނާ ވިއަސް، އޭނާގެ ޠަބީޢަތުގައިވާ ކަލާނގެ މަޢުރިފާކޮށް ދެނެގަތުމުގެ ބާރު ނުވަތަ އެދުމެއް ކަނޑުވައެއް ނުލެވެއެވެ. މިއީ، ކަލާނގެ ހޯދުމުގައި ނާކާމިޔާބު ވެފައިވާ މީހުން، ކޮންމެވެސް އެއްޗަކަށް އާޚިރުގައި ކަލާނގެއަށް ދޭންޖެހޭ މަޤާމުދޭ ސަބަބެވެ.
އިންސާނާގެ ޠަބީޢަތުގެ ސަބަބުން ޙަޤީޤީ ކަލާނގެ އެއީ ކަލާނގެ ކަމުގައި ޤަބޫލުނުކޮށްފާނެ އެވެ. އެހެން ކަމަކު، ކަލާނގެއަށް ދޭންވީ މަޤާމު އެހެން ކޮންމެވެސް އެއްޗަކަށް ނުދީއެއް އޭނާއަކަށް ނުވާނެއެވެ.
މީހާގެ އަޅުކަމުގެ ފޯކަސް އަކީ ކަލާނގެ ކަމުގައި ހެދުމުން މީހާގެ މަޤާމު އުފުލެއެވެ. މިއާ ޚިލާފަށް، ޙަޤީޤީ ކަލާނގެ ނޫން އެހެން އެއްޗަކަށް، ކަލާނގެއަށް ދޭންވީ މަޤާމު ދިނުމުން، އިންސާނީވަންތަ ކަމުގެ ފެންވަރުން އޭނާ ތިރިވެއެވެ.
ކަލާނގެ އަށް އީމާން ވުމަކީ، އިންސާނާއާއި ކާއިނާތަށް ދިރުންލިބޭ ހަމައެކަނި ގޮތެވެ.
ބާބު 6
ޖަވާބުދާރީ ވުމުގެ ފިކުރު
އިންސާނާއަށް ކަލާނގެ ކޮންމެހެން ބޭނުމެވެ. ކަލާނގެ އާ ނުލައި އޭނާގެ ދިރިއުޅުން ފުރިހަމަ ނުވާނެއެވެ. ފަލްސަފާވެރިޔަކު މިކަމާ ބެހޭގޮތުން ބުނެފައި ވެއެވެ: ”ކަލާނގެ އެއް ނުވާނަމަ، އަހުރެމެންނަށް ޖެހޭނީ ކަލާނގެއެއް އުފައްދާށެވެ.“ ނަޞީބަކުން ޙަޤީޤަތުގައި ވެސް ކަލާނގެ ވެއެވެ. އަހުރެމެންނަށް ޙަޤީޤަތެއްގެ ގޮތުގައި، ޚިޔާލެއް ނޫންގޮތަށް، ކަލާނގެ ވާކަމަށް ޤަބޫލު ކުރެވިދާނެއެވެ. އަދި އަހުރެމެންގެ ދިރިއުޅުމުގައި އެކަލާނގެއަށް ދޭންޖެހޭ މަޤާމު އަހުރެމެންނަށް ދެވިދާނެއެވެ.
އިންސާނާގެ ދިރިއުޅުން ނިރުވާނޭ (އިދާރީގޮތުން ރާވާ ހިންގާނޭ ނުވަތަ މެނެޖްކުރާނޭ) އުޞޫލުތަކެއް، އޭނާއަށް ލިބިގެންވުމީ ކޮންމެހެން ބޭނުން ކަމެކެވެ. ކަލާނގެ މިފަދަ އޫޞޫލުތަކެއް ކަނޑައަޅުއްވައެވެ — އެއީ ދިރިއުޅުން ހިންގާނޭ ނުވަތަ ނިރުވާނޭ އުނި ކަމެއް އެއްވެސްގޮތަކަށް ނެތް ފުރިހަމަ އުޞޫލުތަކެކެވެ.
އިންސާނުން ކޮންޓްރޯލް ކުރަނީ މެޝިން ހިންގާ މެކެނިކަލް ނިޒާމާއި ޙައިވާނުތައް ޙަރަކާތްތެރިކުރާ ޠަބީޢީ ޣަރީޒާތަކާ ތަފާތު ގޮތަކަށެވެ. އިންސާނުންނަށް މިނިވަންކަން ލިބިގެން ވެއެވެ. އެމީހުން ޙަރަކާތްކުރާނޭ ގޮތް ކަނޑައެޅުމުގެ އިޚްތިޔާރު އެމީހުންނަށް ލިބިގެން ވެއެވެ. ދެން ކުރެވޭ ސުވާލަކީ، ކޮންމެ ފަހަރަކު، އިންސާނާ ސީދާ މިސްރާބުގައި ހިފަހައްޓާނީ ކިހިނަކުންތޯ އާއި އޭނާގެ ސުލޫކު އަބަދު ރަނގަޅަށް ހަމަޖައްސާނީ ކިހިނަކުން ތޯއެވެ؟ ތާރީޚުން އެނގެނީ ދުނިޔެވީ ހުރިހާ ފިޔަވަޅުތަކެއް ރަނގަޅު ގޮތަށް މީހުން ބައްޓަން ކުރުމުގައި ނަތީޖާއެއް ނެރެވިފައި ނުވާކަމެވެ. މިފަދަ ފިޔަވަޅުތަކުގެ ތެރޭގައި އިޖްތިމާޢީ ފިއްތުންތަކާއި ރަށުގެ ޤާނޫނު ހިންގުމާއި އިޞްލާޙަށް ގޮވާ މީހުންގެ އާދޭސްތައް ހިމެނެއެވެ.
ތަޖުރިބާއިން އެނގެނީ ޖަމާޢަތުގެ ފިއްތުންތައް، މުޅިން ފޭލިވެފައި ނުވާނަމަ، އެ ފިއްތުންތައް ވަނީ ވަކި ޙައްދެއްގެ ތެރޭގައި ކަމެވެ. ޤާނޫނުތަކުގައިވާ ބާގަނޑުތައް ގިނަކަމުން، ކުށްވެރިންނަށް ކަންކަމުން ރެކުމަށް ދައްޗެއް ނުވެއެވެ. އިސްލާޙަށް ގޮވާ މީހުންގެ އިލްތިމާސް ތަކަކީ ހަމައެކަނި އިލްތިމާސްތަކެކެވެ. އިންސާނާގެ ދިރިއުޅުމަށް ހަމައެކަނި އިލްތިމާސްތަކަކުން ބޮޑު ބަދަލެއް ނުގެނެވޭނެއެވެ.
ރަގަނޅު ސުލޫކެއް ލިބިގަތުމަށްޓަކައި، ޙަޤީޤަތަކީ، އިންސާނާއަށް ވުރެ ބާރުގަދަ ފަރާތެއް ވާކަމަށް އީމާން ވާންޖެހެއެވެ. އެފަދަ މަތިވެރި ފަރާތެއްގައި ހުންނަން ޖެހޭ ސިފަތަކުގައި، ކޮންމެ ހިނދަކު މީހާގެ ހަރަކާތްތައް އެނގޭ (ދެނެވޮޑިގެންވާ)، އަދި މީހާއަށް ސަވާބާއި އަޒާބު ދެއްވޭ، އަދި އެފަރާތަކުން މީހާއަށް ނުވިލޭ، ނުފިލޭ ފަރާތަކަށް ވާންޖެހޭނެއެވެ.
މިފަދަ ސިފަތައް ވަނީ އެންމެ ފަރާތަކުއެވެ. އެއީ ކަލާނގެއެވެ. ކަލާނގެ އަށް އީމާންވުމުން، ދެ ފެންވަރެއްގައި އިންސާނާގެ އުޅުމަށް ބަދަލުތައް ގެނެއެވެ. ކަލާނގެ އިންސާނާއަށް ވަނީ، އިންސާނާ އުޅޭ ހުރިހާ ގޮތެއް އެނގޭ (ދެނެވޮޑިގެންވާ) އަދި ސަވާބާއި އަޒާބު ދެއްވުމަށް ކުޅަދުންވަންތަ، މަގުދައްކަވާ މުރުޝިދަކަށެވެ. އިންސާނާއަށް ކަލާނގެ ދެއްވާ ޖަޒާއިން ރައްކާތެރިއެއް ނުވެވޭނެއެވެ. ކަލާނގެއަށް އީމާން ވުމުން، ކަލާނގެ ވޮޑިގެންވާކަމަށް ޤަބޫލުކުރުމުން، އެހެން މީހުންނަށް އެނގޭ ހާލަތްތަކާއި ތިމާއަށް އެކަނި އެނގޭނޭ ޙާލަތްތަކުގައި، އުޅުން ތެދުވެރިކޮށް ބަހައްޓަން އިންސާނާއަށް މަޖުބޫރުކުރެއެވެ. އިންސާނާއަށް ކަލާނގެ ކޯފާއިން ސަލާމަތް ވެވޭނީ އޭރުންނެވެ.
އަނެއް ނުކުތާއަކީ، ކަލާނގެއަށްވާ އީމާން، ޙައްދެއްނެތް އުއްމީދުގެ ކޮށާރަކަށް ވާކަމެވެ. މިދުނިޔޭގައި އިންސާނާއަށް ޙައްޤު ތެދުގެ މަގުގައި ހިނގުމުގެ ސަބަބުން ނުވަތަ މުޞީބާތްތަކެއްގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިއްޖަނަމަ، އޭނާއަށް އެކަންކަމަށް ކެތް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮންނާނެއެވެ. ތެދުގެ މަގުގައި ހިނގުމުން، ކަލާނގެ އޭނާއަށް ދެމިހުންނަނިވި ސުވަރުގެދެއްވާނެއެވެ. މިއަށްވުރެ ހެޔޮ ޖަޒާއެއް ނުވެއެވެ.
އިންސާނާއަކަށް އަޚްލާޤީ ހަމަތަކާއި ޢަދާލަތަށް އަމިއްލައަށް ބެނދެވިގެން ނޫޅެވޭނެއެވެ. މިގޮތަށް އޭނާއަށް އުޅެވޭނީ އޭނާއަކީ ބާރުގަދަ ފަރާތެއްގެ ދަށުގައިވާ ކަމަށް ޤަބޫލު ކުރެވޭނެ ނަމައެވެ. އަދި އެ ބާރުވެރި ފަރާތަކީ، ފުރިހަމަ ކަމާ ހަމައަށް އިންސާފު ހިންގާ ފަރާތަކަށް ވާނަމައެވެ. މީގެ އިތުރަށް އެފަރާތަކީ އިންސާނާއަށް ތެދު މަގަށް މަގު ދެއްކޭނެ ފަރާތަކަށް ވުމާއެކު، ތެދުމަގުން އެއްކިބާވާ މީހުންނަށް އަޒާބު ދެވޭނޭ ފަރާތަކަށް ވާނަމައެވެ.
ތަފާތު ހައްދުތައް ހިމެނޭ މި ދުނިޔޭގައި މި ޒަމާނުގައި އަދި މިހާރަކު، އެއްވެސް ގޮތަކަށް ކުށްވެރިއަކަށް އަދަބެއް ނުދެވޭނެއެވެ. ހަމަ މިގޮތަށް މީހަކު ކުރާ ހެޔޮ ޢަމަލުތަކަށް މަތިވެރި ނިޢުމަތްތަކެއް މިދުނިޔެއަކު ނުދެވޭނެއެވެ. ކަލާނގެއެއް ވާކަމުގެ ފިކުރުން އަހުރެމެންނަށް އަންގައިދެނީ މި ދުނިޔޭގައިވާ ހައްދުތައް ނުހިމެނޭ މާ ފުރިހަމަ ދުނިޔެއެއް ކަލާނގެ އަށް އުފެއްދެވޭނެކަމެވެ. އެތަނުގައި އަޒާބާއި ސަވާބު އިންސާފުވެރިކޮށް ދެވޭނެެއެވެ.
ދިރިހުރި އަދި ބާރުވެރި (ދިރިދެމިވޮޑިގެންވާ އަދި ކުޅަދުންވަންތަ) ކަލާނގެ އެއްގެ ފިކުރާ ގުޅިފައިވާ އަނެއް ފިކުރަކީ އަމަލުތަކަށް ޖަވާބުދާރީ ވާން ޖެހޭ ފިކުރެވެ. މި ފިކުރުން އިންސާނާއަށް ރަނގަޅު ވިސްނުމަށާއި ހެޔޮ ޢަމަލުުތަކަށް މަގުދައްކައެވެ. ކަލާނގެ ދެއްވާނޭ އަޒާބާއި ސަވާބުގެ މަތިން އިންސާނާއަށް ހަނދާންކޮށްދެނީ މި ފިކުރެވެ. މީގެ އިތުރަށް ހުރިހާ ހާލަތެއްގައި، އަދި ހުރިހާ ކަމަކާއެކު، ތެދުމަގުގައި ހުރި މީހަކަށް ކަލާނގެ ދެއްވާނޭ ނިޢުމަތްތަކުގެ އީމާން އުފެދެނީ ޢަމަލުތަކަށް ޖަވާބުދާރީ ވުމުގެ ފިކުރުންނެވެ.
ކަލާނގެ އެއް ވާކަމުގެ ފިކުރުން ނުވަތަ ނަޒަރިއްޔާއިން އިންސާނާއަށް ލިބޭ ގެއްލުން ފައިދާއަށް ބަދަލުވެ މުޞީބާތްތަކާއެކު ހެޔޮ ޖަޒާގެ ޚަބަރުތައް ވެއެވެ.
u mentioned some books in this book……
but it was mentioned in Dhivehi
by any chance can you give the English names
alhamdhu lillahi