ސައިންސާއި ޓެކްނޯލޮޖީ — ކޮންމެ މީހަކަށް ވެސް އޮޅުން ފިލާ ގޮތަށް
ވައުޖަހައިގެން ދަމާ ލިފްޓް މަސައްކަތް ކުރާ ގޮތް — 6
ތައާރަފު
މިފަހަރު މިގެނެސްދެނީ ވައުޖަހައިގެން ދަމާ ބާވަތުގެ ލިފްޓެވެ. މި ބާވަތުގެ ލިފްޓަށް ކިޔާ ޢާއްމު ނަމަކީ ޓްރެކްޝަން ލިފްޓެވެ. ޓްރެކްޓް ގެ މާނައަކީ ދެމުމެވެ. ޓްރެކްޓަރަކީ ދަނޑުވެރިކަމުގައި ބޭނުންކުރާ ސާމާނު ދެމުމަށް ހުންނަ އިންޖީނުލީ އުޅަނދެކެވެ. މައިބަދައަށް ތަދުވާން ފެށުމުން ނުވަތަ ބަކި ގޮތަކަށް ކަށި ބިނދުމުން ބައެއް ބަލިމީހުން އެތަންތަން ދެމޭ ގޮތަށް ބޭއްވުމަށް ކިޔަނީ ޓްރެކްޝަންގައި ބޭއްވުމެވެ. ބައެއް މަތިންދާބޯޓުގެ ބުރަފަތި ހުންނަނީ ކުރީގައެވެ. ބޯޓު ކުރިއަށްދަނީ ބުރަފަތިން ބޯޓު ދަމާތީއެވެ. މި ބާވަތުގެ މަތިންދާ ބޯޓަށް ކިޔަނީ ޓްރެކްޓަރ މަތިންދާބޯޓެވެ. އަނެއްބައި މަތިންދާބޯޓުގެ ބުރަފަތި ހުންނަނީ ފަހަތުގައެވެ. މިބާވަތުގެ ބޯޓު ކުރިއަށް ދުވަނީ ބުރަފަތިން ކޮށްޕާތީއެވެ. މިއީ ޕުޝަރ (ކޮއްޕާ) މަތިންދާ ބޯޓެވެ.
މަސައްކަތްކުރާ ގޮތް
ވައުޖަހައިގެން ދަމާ ލިފްޓްގެ ކާރު ނުވަތަ ކަމަރާ މައްޗަށް އަރުވައި ތިރިކުރަނީ ވަލެއް ޖަހައިގެންނެވެ. މި ވައު ހުންނަނީ އިލެކްޓްރިކް މޯޓަރެއްގައި ހަރުކޮށްފައިވާ ފުރޮޅެއްގެ މަތިން ގެންގޮސް އެހެން ބަރަކާ ގުޅާފައެވެ. މި މޯޓަރަކީ އެނބުރޭ ބާރުމިން ކޮންޓްރޯލް ކުރެވޭ ދެ ފަރާތަށް އެނބުރޭ މޯޓަރެކެވެ. މޯޓަރުގައިވާ ފުރޮޅުގެ މަތިން ވައު ގެންދިއުމަށް ކައްވާދުކަނޑާފައި ހުރެއެވެ. އާދެ! ފުރޮޅުގެ އެއްކޮޅުގައިވަނީ މީހުން ލިފްޓުން ދަތުރުކުރާ ކާރެވެ. އަނެއް ފަރާތުގައި، ކާރާއި އެއަށް އެންމެ ގިނައިން އެރޭ މީހުންގެ ދެބައިކުޅަ އެއްބައި ބަރުދަން ހުންނަ ބަރެކެވެ. ކާރު ފަދައިން ބަރުވެސް މައްޗަށް އަރައި ތިރިވަނީ އެ ދަތުރުކުރުމަށް ހަރުކޮށްފައިވާ ރެއިލު ނުވަތަ ދަގަނޑުގައި ޖެހިގެންނެވެ. ލިފްޓު މައްޗަށް އަރާނަމަ، ބަރު ތިރިވާނެއެވެ. ލިފްޓް ތިރިވާނަމަ، ބަރު މައްޗަށް އަރާނެއެވެ. މި ބަރަކީ ފުރޮޅުގެ ދެކޮޅުގެ ބަރުދަން ގާތްގަޑަކަށް ހަމަކުރުމަށް ހަރުކޮށްފައި ހުންނަ ބަރެކެވެ. މިފަދަ ބަރަށް ކިޔަނީ ކައުންޓަރވެއިޓް އެވެ. ބޮއްކުރައެއްގެ އެއްފަރާތަކަށް މީހަކު ޖެހުމުން އެ އަރިވާނަމަ، އަނެއް ފަރާތަށް އެހެން މީހަކު ޖެހިލަނިކޮށް ހަމަވާ ފަދައިން މި ކައުންޓަރވެއިޓުން އެއްކޮޅުގެ ބަރާއި އަނެއްކޮޅުގެ ބަރު ގާތްގަޑަކަށް ހަމަކުރެވެއެވެ. ކުޑަކުދިން ކުޅެން ހުންނަ ސީސޯގައި ވެސް އެއް ބަރުދަނުގެ ދެކުދިން ތިބޭނަމަ، މަތިކޮށް ތިރިކުރަން ވަރަށް ކުޑަ ބާރެއް ބޭނުންވާ ފަދައިން ކައުންޓަރވެއިޓް ގެ ސަބަބުން، މޯޓަރުން ލާންޖެހޭ ބާރު ވަރަށް ކުޑަވެއެވެ. ކައުންޓަރވެއިޓްގެ އަނެއް ބޭނުމަކީ ފުރޮޅުގައި ވައު ހިފާވަރަށް ވާންކޮށް ވައު ބެހެއްޓުމެވެ. ކައުންޓަރވެއިޓް ހަދާފައި ހުންނަނީ ދަގަނޑު ފޮތިތަކެއް ހަނިކޮށް ކަފައިގެންނެވެ. މިގޮތަށް ހެދުމުން، ވަރަށް ހަނިޖާގައެއްގައި ކައުންޓަރވެއިޓް އެލުވެއެވެ. އަދި ފޮތިތައް މަދުކޮށް ގިނަކޮށްގެން ބޭނުން ބަރުދަން ގެންނަށް ފަސޭހަވެއެވެ.
ކައްވާދު ކެނޑި ފުރޮޅުގައި ސައިކަލުގައި ހުންނަ ފަދަ ބުރަތްކެއް ހުރެއެވެ. މަޑުކުރަން ވެއްޖެނަމަ، ބުރަކި ޖެއްސިދާނެއެވެ.
ލިފްޓުން މީހަކު މައްޗަށް އަރާނަމަ، މޯޓަރު މައްޗަށް އަރާގޮތަށް އަނބުރާނީ އެވެ. ޢިމާރާތުގެ ދާންވީ ބުރިއަށް ދެވުމުން، ބުރަކި ޖައްސައި މަޑުކުރާނީއެވެ. ތިރިއަށް ދާނަމަ، އަނެއް ކޮޅަށް މޯޓަރު އަނބުރާނީއެވެ. މޯޓަރު އެނބުރޭނީ ދޮރުތައް ލެއްޕި އެތައް ކަމެއް ޗެކުކުރެވުމުންނެވެ.
ޙަޤީޤަތުގައި ޓްރެކްޝަން ލިފްޓް މަތީގައި މި ބަޔާންކުރެވުނު ގޮތަށް ވުރެ މާ މުރައްކަބެވެ. ގިނަ ބައިތަކާއި ތަކެތި ސާދާނޫން ގޮތަކަށް ގުޅާފައި ވެއެވެ. ތިރީގައި އެވަނީ ޙަޤީޤަތާ މާގާތް ކުރެހުމެކެވެ.
އެންމެ ފުރަތަމަ، މޯޓަރަކީ އާދައިގެ މޯޓަރެއް ނޫނެވެ. މޯޓަރު ވަރަށް ބޮޑުވެފައި، ބޭނުން ބާރުމިނެއްގައި ދެކޮޅަށް އެނބުރެއެވެ. މޯޓަރާ ގުޅާފައިވާ ފުރޮޅުގައި ހަރުކޮށްފައިވާ ބުރަކިން އެނބުރުން އެކި މިންވަރަށް ކޮންޓްރޯލް ކުރެވެއެވެ. ކައްވާދު ކެނޑި ފުރޮޅުގައިވަނީ އެންމެ ވަލެއް ނޫނެވެ. ގިނަ ފަހަރު މަދުވެގެން ހަތަރު ވައު ހުރެއެވެ. އެންމެ ވަލެއްގައި ކާރު އުފުލޭހާ ވަރު ހުއްޓަސް، ސަލާމަތަކަށް ހަތަރު ފަސް ވައު ބޭނުން ކުރަނީއެވެ. ވަލުގެ ފަލަމިނުގެ 40 ގުނަ ފުރޮޅުގެ ފުޅާމިނުގައި ހުންނަން ޖެހެއެވެ. އެއީ މާކުޑަ ފުރޮޅަކަށް ވައު އަމުނައިފިނަމަ، ކާރު ނުއުފުލި ވައު ކެހިގެން ގޮސްފާނެތީއެވެ. ވަލަކަށް ބޭނުންކުރަނީ ދަގަނޑު ވައިރެވެ. ކައްޕި ގޮތަށް ހަދާފައި ހުންނަ ކައްވާދު ކެނޑި އެތައް ފުރޮޅެއް ބައެއް ހާލަތްތަކުގައި ބޭނުން ކުރަން ޖެހެއެވެ.
މޯޓަރު އަނބުރާނެ ކޮޅާއި ބާރުމިން ދެނެގަތުމަށް އެތައް ކަމެއް ދެނެގަންނަ ސެންސަރުތައް ލާފައި ހުރެއެވެ. ކާރަށް އަރާ މީހުންގެ ބުރަދަން ބެލުމަށް ވައިރުގައި ނުވަތަ ކާރުގެ ފުލުގައި ބަރުދަން ބަލާ އެއްޗެއް ހަރުކޮށްފައި ހުރެއެވެ. ކާރަށް މާގިނަ މީހުން އަރައިފިނަމަ، ނުވަތަ އެހެންވެސް ގޮތަކުން ބަރުވެއްޖެނަމަ، މޯޓަރަކަށް ކަރަންޓެއް ނުދޭނެއެވެ. ހުރިހާ ދޮރުތަކެއް ލެއްޕިގެން ނޫނީ ވެސް މޯޓަރަށް ކަރަންޓު ނާންނަގޮތް ހަދާފައި ހުރެއެވެ. މޯޓަރާއި ކޮންޓޯލްކުރާ އެހެން ސާމާނުތައް ބަރުކަމުންނާއި ބޮޑުކަމުން މިބައި ހުންނަނީ ވަކި ކޮޓަރިއެއްގައެވެ. އެއީ ލިފްޓް ގޮޅީގެ ސީދާ ތިރީގައި ނުވަތަ މަތީގައިވާތަނެކެވެ. މިޖާގައަށް ކިޔަނީ މެޝިން ރޫމް އެވެ.
މަތީގައިވާ ކުރެހުމުގައިވާ ފަދައިން، މޯޓަރާއި ފުރޮޅުތަކާއި ކާރާއި ކައުންޓަރވެއިޓްގައި ވައު ފުރާ އެތައް ގޮތެއް ވެއެވެ. އެކި ގޮތަށް ފުރުމުން އެކި ނަތީޖާ ނެރެވެއެވެ. ބައެއް ގޮތަށް ފުރުމުން، މޯޓަރުން ލާންޖެހޭ ބާރު ވަރަށް ކުޑަވެއެވެ. ބައެއް ގޮތަށް ފުރުމުން ލިފްޓްގެ ދުވެލި ހަލުވި ވެއެވެ. ކައުންޓަރވެއިޓްގެ އެއްކޮޅުގައި ވާއުޖަހާ ލިފްޓްގެ ތިރިއާ ގުޅައިގެން ބަރުދަން ކޮންޓްރޯލް ކުރެވެއެވެ. ކުރެހުމުގައި އިތުރު ތަފްޞީލްތައް ވެއެވެ.
ހުރިހާ ލިފްޓެއްގައި ވެސް، ކާރުވީ ކޮން ހިސާބެއްގައިކަން ދެނެގަތުމަށް މައްޗާއި ތިރީގައިވާ ދެ ކައްޕިއަކަށް އަމުނައި ކާރާގުޅާފައިވާ ދަގަނޑު ނަރެއްނުވަތަ ނަނެއް ހުރެއެވެ. ކާރު އައުމަށް ގޮވާ (ކޯލްކުރާ) ގޮށަށް އޮނބުމުން ކާރު އެ ތަނަކަށް އަންނަން އެނގެނީ ހުރިތަން އެއަށް ދެނެގަނެވޭތީއެވެ. ކާރު ތެރެއަށް ވަދެ ވަކި ގޮށަކަށް އޮނބުމުން ވަކި ތަޅުމަކަށް ދާން އެނގެނީވެސް އެހެން ވެގެންނެވެ. ދާންވީ ތަޅުމަކަށް އާދެވެންދެން ކާރުގެ ދުވެލި ގަދަކޮށް، ދާންބޭނުންވާ ތަޅުމާ ގާތްވުމުން މަޑުކުރަން އެނގެނީ ވެސް މިނަރާ ގުޅާފައިވާ ސެންސަރެއްގެ ސަބަބުންނެވެ.
މި ޒަމާނުގެ ޓްރެކްޝަން ލިފްޓް
މި ޒަމާނުގައި، ވަރަށް ހިމަ ނަމަވެސް ވަރުގަދަ ނަރެއް އީޖާދުކޮށްގެން، ދަގަނޑު ވައިރު ވަރަށް ހިމަކޮށްފިއެވެ. މިކަމަށް ބޭނުންކުރަނީ މަސްބާނަށް ބޭނުން ކުރާ، ހިމަ ނަރުން ހަދާފައި ހުންނަ އެތައް ފަށެއް ހިމެނޭ ކެނބެކެވެ. މި ނަރު ފަލަ ނޫންކަމުން، އޭގެ 40 ގުނައަށްވާ ކައްވާދުކެނޑި ފުރޮޅު ވަރަށް ކުޑަކުރެވެއެވެ. ފޮޓޯތަކުން ފާހަގަ ކުރެއްވޭނޭ ފަދައިން، ލިފްޓްގެ މެޝިންގަނޑުގެ އެންމެ ބޮޑީ ވައު އެނބުރޭ ކައްވާދު ކެނޑި ފުރޮޅެވެ. މި ހިމަނަރުތަކުން އަނބުރާފައިވާ ވަލުގެ ދޮޅަހަކަށް ފަށް ދަބަރުޖަހާފާނެތީ، ޕްލާސްޓިކް ކަމަރެއް ފަދައެއްޗަކަށްލައި ފީތާއެއްހެން ހަދައެވެ. ކަމަރުގައިވާ ނަރުތަކުގައި ހުންނަނީ ކުޑަ ކަރަންޓެއް ދޫކޮށްފައެވެ. އެންމެ ނަރެއް ކެނޑުނަސް، ކަރަންޓު ކެނޑިގެން ކަމަރުހަލާކުވިކަން އެނގެއެވެ. ލިފްޓްގައި ބޭނުންކުރަނީ މީގެ ދެތިން ހަތަރު ކަމަރެވެ.
މި ޒަމާނުގައި އާދަޔާ ޚިލާފު ގަދަ ދަގަތްފާނު ބޭނުންކޮށްގެން މޯޓަރުވެސް ވަރަށް ކުޑަކޮށްފިއެވެ. ތިރީގައި އެވަނީ މިޒަމާނުގެ ލިފްޓްގެ މެޝިން ގަނޑެވެ. މެޝިން ކުޑަކަމާ އެކު ވަކި މެޝިންރޫމް އެއް ބޭނުމެއް ނުވެއެވެ. އެހެންކަމުން އެއަރކޮންޑިޝަން ކޮށްފައިވާ ވަކި ކޮޓަރިއެއް ޢިމާރާތަށްވުރެ އުސްކޮށް ހަދާފައި ހުންނާކަށް ނުޖެހެއެވެ. މޯޓަރަށް ނަގާ ކަރަންޓު މަދުކަމުން، ތްރީފޭސް ވައިރިން އެއް ބޭނުމެއް ނުވެއެވެ. މިބާވަތުގެ ލިފްޓްގައި ބެޓެރީ ހުރެއެވެ. އެއިން ކަރަންޓު ކެނޑުނަސް އެތައް އިރެއް ވަންދެން މަސައްކަތް ކުރެއެވެ. ޚާއްޞަކޮށް، އޯޓިސް ސްވިޗް ކިޔާ ވައްތަރުގެ ލިފްޓްއިން ބެޓެރީން 100 ފަހަރު ކަރަންޓު ކެނޑުމުން ދަތުރު ކުރެއެވެ. ބޭނުންނަމަ، ސޯލާ ޕެނަލް ބޭނުންކޮށްގެން އަވިން އުފައްދާ ކަރަންޓު ވެސް ބޭނުން ކުރެވެއެވެ. އިތުރު މަޢުލޫމާތު މި ޖުމުލައަށް އޮބާލުމުން ޑައުންލޯޑުވާ ބްރޯޝަރގައި ވެއެވެ.
ވައުޖަހައިގެން ދަމާ ލިފްޓްގެ އުފަކާރައާއި ހިތިކާރަ
ދެން މި ބަޔާން ކުރަނީ މިބާވަތުގެ ލިފްޓްގެ ފައިދާ (އުފަކާރަ) އާއި ދިމާވާ މައްސަލަ (ހިތިކާރަ) ތަކެވެ. އެއްވެސް ބާވަތެއްގެ ލިފްޓަކީ ހުރިހާ ޙާލަތަކަށް ރަނގަޅު އެއްޗެއް ނޫނެވެ. އެކި ކަންކަމަށް ރަނގަޅީ އެކި ބާވަތުގެ ލިފްޓެވެ.
އުފަކާރަ
- ޓްރެކްޝަން ލިފްޓްގެ އެންމެ ބޮޑު މަންފާއަކީ ވަރަށް ބާރަށް ދަތުރުކުރާކަމެވެ. ސިކުންތަކު 1 މީޓަރުން ފެށިގެން 13 މީޓަރަށް ދަތުރުކުރެއެވެ. ދިހަ ބުރީގެ ޢިމާރާތެއްގެ އެންމެ މަތީ ބުރިއަށް ދެތިން ސިކުންތުގެ ތެރޭގައި އެރޭހާ ބާރަށް ލިފްޓް ދަތުރުކުރެއެވެ.
- ކިތަންމެ އުސް ތަނަކުވެސް މި ބާވަތުގެ ލިފްޓު ބެހެއްޓެއެވެ. އެހެންކަމުން ހުރިހާ އުސް ޢިމާރާތްތަކުގައި ހުންނާނީ ޓްރެކްޝަން ލިފްޓެވެ.
- ކައުންޓަރވެއިޓް އެއް ބޭނުން ކުރާތީ، ލިފްޓަށް ބޭނުންވާ މޯޓަރުގެ ސައިޒު ކުޑަވެއެވެ. މޯޓަރުން ކާރު އުފުލަން ބޭނުންވަނީ މުޅި ކާރުގެ ބަރުދަނުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ މިންވަރެކެވެ.
ހިތިކާރަ
- މި ބާވަތުގެ ލިފްޓު މުރައްކަބު ކަމުން އަނގުބޮޑެވެ. މަދުވެގެން 10000 ޑޮލަރަށް ނޫނީ ހައެއްކަ ބުރީގެ ޢިމާރާތަކަށް ބޭނުންވާ ލިފްޓެއް ނުގަނެވޭނެއެވެ.
- މި ބާވަތުގެ ލިފްޓް ހަރުކުރުމަށް ވަރަށް ބޮޑު މަސައްކަތް ކުރަން ޖެހެއެވެ. ހަރުކުރުމުގެ އަގުބޮޑެވެ.
ނިންމުން
ލިފްޓް މަސައްކަތްކުރާ ގޮތާ ބެހޭ ގޮތުން އަޅުގަނޑު ލިޔަމުން އައި ސިލްސިލާ މިހާ ހިސާބުން ނިންމާލީއެވެ. ކިޔުންތެރިންނަށް ހުރިހާ ބާވަތެއްގެ ލިފްޓް މަސައްކަތްކުރާ ގޮތާއި ލިފްޓެއް އަމިއްލައަށް ހައްދަވަން ބޭނުންފުޅު ނަމަ، އެކަން ކުރައްވާނޭ ޚިޔާލުތަކެއް ލިބިވަޑައިގެންފިކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ. އިތުރަށް ލިޔާނަމަ، ދެން އޮތީ ލިފްޓްގެ ވަކި ބައިތައް ތަފްޞީލުކުރުމެވެ. ނަމަވެސް ގިނަ ކިޔުންތެރިން މި މަޢުލޫމާތަށް ޝައުޤުވެރިނުވާނެކަމަށް ބެލެވެއެވެ.
ނިންމާލުމުގެ ކުރިން ލިފްޓާ ބެހޭ ގޮތުން، ދެ އީޖާދެއް ދަންނަވާލާނަމެވެ. މަޝްހޫރު އެއް ކުންފުންޏަކުން، މައްޗާއި ތިރިއަށާއި ހުރަހަށް ދަތުރުކުރާ ލިފްޓް ޓެސްޓުކުރުމުން އެބަދެއެވެ. މި ދެންނެވީ، ބޮޑު ޢިމާރާތެއްގައި ލިފްޓަކަށް އަރައިގެން ވަކި ހިސާބަކަށް މައްޗަށް ގޮސް، ހުރަހަށް އެހެން ދިމާއަކަށް ގޮސް މައްޗަށް ނުވަތަ ތިރީއަށް ދެވޭ ވާހަކައެވެ.
ދެވަނަ އީޖާދަކީ، ސައިންސްގެ ހޯދުންތަކުން ޖައްވަށް އެރޭ ލިފްޓް އެއީ ކުރެވިދާނޭ ކަމެއް ކަމަށް ހިސާބުތަކުން ނިންމި ވާހަކައެވެ. މިފަދަ ލިފްޓަކުން ސްޕޭސްއަށް ދެވޭނެއެވެ. ރޮކެޓެއް ބޭނުމެއް ނުވާނެއެވެ. މިކަން ކުރެވޭ ސަބަބަކީ، މީހަކު ބާލިދީއެއްގައި ވާޖަހައިގެން ބޯމަތީ އަނބުރާ ބީދައިންނެވެ. ޖައްވުގައި ހުންނަ ބައި، ހުންނާނީ ދުނިޔެއާއެކު އެއް ބާރުމިނެއްގައި އެނބުރި އެނބުރިއެވެ. އެ ތިރިއަށް ނުވެއްޓޭނީ ދުނިޔެއާއެކު އެނބުރޭތީއެވެ. މީހުން ޖައްވަށް ދަތުރުކުރާނީ ވަލުންނެވެ.
ކަންކަމާ މެދު ޝައުޤުވެރިވާ މީހުންނަށް ލިފްޓް މަސައްކަތްކުރާ ގޮތް އެނގުމަކީ ބުއްދި ފާގަތިވާނޭ ކަމެކެވެ.
ވަރަށް އަގުހުރި މައުލޫމާތު ތަކެއް ވަރަށް ބޮޑަށް ށުކުރިއްޔާ.
Raajjeyga mivaa accident thakaa behey liumeh fennaane dhuvahehge inthizaaru kurevey shukuriyya Dr