
2023 ވަނަ އަހަރަކީ ނިޒާމީ ގޮތެއްގައި ސަރުކާރުން ޞިއްޙީ ޚިދުމަތްތެރީން ތަމްރީނު ކުރާތާ 50 އަހަރު ފުރުނު އަހަރެވެ. ތިރީގައި މިގެނެސްދެނީ މި މަސައްކަތް ފެށުނު ގޮތުގެ ކުރު ތާރީޚެކެވެ.
ފުރަތަމަ ބޮޑު ހަނގުރާމަ ނިމިގެން އައި އިރު، ދިވެހިރާއްޖޭގައި، އަސްކަރީންނަށް ސަރުކާރުން ހިންގަވާ ހަތަރު ”ކޮއްޓެއް“ ހުރެއެވެ. އަދި، މާލޭގެ ކޮންމެ އަވަށެއްގައި ސަރުކާރުން ކުޑަކުދީންނަށް ކިޔަވައިދޭ އެދުރުގެއެއް ހުރެއެވެ. އަމިއްލަ ގޮތުން، ނެވިކަމާއި އެހެނިހެން ކިޔަވައިދޭ އެތައް ތަނެއް ހުރެއެވެ. މިވާހަކަތައް އިތުރު ތަފްޞީލްތަކާ އެކު، އަޅުގަނޑު ބައިވެރިވެގެން ލިޔެފައިވާ، ”ދިވެހިރާއްޖޭގެ ތަޢުލީމީ ސިޔާސަތުތައް 1900—2015“ މިފޮތުގައި ވާނެއެވެ.
ބޮޑު ހަނގުރާމައާ ދިމާކޮށް ރާއްޖެއަށް މެދުވެރިވި އެއް ނަޞީބަކީ، ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިކޮށްގެން ޒުވާނުންތަކެއް އައުމެވެ. ޚާއްޞަކޮށް މުޙައްމަދު އަމީން ވަޑައިގަތުމެވެ. ރާއްޖޭގައި ފުރަތަމަ ހޮސްޕިޓަލް، ޑޮކްޓަރުގެ، ޤާއިމްކުރެވުނީ އެމަނިކުފާނުގެ ވެރިކަމުގައި، 11 ޖަނަވަރީ 1948 ގައި ބޭރުގެ ޑޮކްޓަރެއް ފަރުވާދޭ ގޮތަށެވެ. މިތަން ހުރީ ކަނބާފާނު ގަނޑުވަރުގައެވެ. ފަހުން އެތަން އެކި ގޮތްގޮތަށް ބަދަލުވެ، މިހާރު މިތަން ހުރިތަންވީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ އިރުމަތީ ބަގީޗާގައެވެ. އެތަނުގެ ހުޅަނގުން އެ ދުވަސްވަރު ހުންނަނީ އެންމެ ފަހުން ރަސްކަން ކުރެއްވި މުޙައްމަދު ފަރީދުގެ އަމިއްލަ ގެކޮޅުކަމުގައިވާ މާބަގީޗާ ގެއެވެ. މިއީ މިހާރު ރައްޔިތުން މަޖިލިސްކުރާ ގެ ހުންނަ ތަނެވެ. އަޅުގަނޑު މަޖީދިއްޔާގައި 1960 ގެ އަހަރުތަކުގައި ފަހުކޮޅުގައި އުޅުނު އިރު، އެއް ދުވަހަކު ފެންގަނޑަކުން ކައްސާލައިގެން ބިންމައްޗަށް ވެއްޓި ބޯފަޅައިގެން ދިއުމުން މި ޑަކްޓަރުގެއަށް މަދަރުސާގެ ފަރާތުން ގެންދިޔަ ހަނދާން އެބަހުއްޓެވެ. ޑަކްޓަރުގެ ހުންނަ ގޮތާއި އެތަނުގެ ހަރަކާތްތައް، ނައިފަރު މުޙައްމަދު އިސްމާޢީލް ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކާ ބެހޭ ގޮތުން ލިޔުއްވި ފޮތުގައި ބަޔާން ވެގެން ވެއެވެ. ޑަކްޓަރުގެއާ ބެހޭ ގޮތުން އަޅުގަނޑުގެ އެންމެ ކުރީގެ ހަނދާންތަކުގައި، ހާލު ބޮޑު ބަލިމީހުން، ފަތްޖެހޭ އެނދަށް ލައިގެން ހަތަރު މީހުން ހަތަރު ފައިގައި ހިފައި، ބޯމަތީގައި ޑަކްޓަރުގެއަށް ގެންނަ ހަނދާން ހިމެނެއެވެ.
އިނގިރޭސީންގެ ބަޔަކު އައްޑޫ ގަމުގައި ޤާއިމްވުމަށް ފާމުލަދޭރި ކިލެގެފާނު، ރައްޔިތުންނާ މަޝްވަރާ ނުކުރައްވައި، ލިޔުމެއްގައި ސޮއިކުރެއްވުމާ ގުޅިގެން ހިނގި ހަމަނުޖެހުން ހައްލުކުރުމަށް ކުރެވުނު އޯލްޕޯޓް އެގްރީމަންޓް އާ ގުޅިގެން އިނގިރޭސި ސަރުކާރުން ހެންވޭރު ވައިލެޓް ފެހީގައި ބިނާކުރި ސަރުކާރުގެ ހޮސްޕިޓަލް އަށް ޑަކްޓަރުގޭގެ ކަމާކެމި ބަދަލުކުރެވުނީ 7 އޮކްޓޯބަރ 1967 ގައެވެ.
ދަންނައެވެ. ދުނިޔޭގައި އަންހެނުން ވަޒީފާތަކަށް ނުކުތުން ޢާއްމުވާން ފެށިގެން އައީ ދެވަނަ ބޮޑު ހަނގުރާމައިގައި، ފިރިހެނުން ހަނގުރާމައަށް ފޮނުވަން ކާރުޚާނާތަކުގެ މަސައްކަތަށް އަންހެނުން ނުކުތުމާ ގުޅިގެންނެވެ. ރާއްޖޭގައި ވެސް، މިކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުއެވެ. ޑޮކްޓަރުގެ ހިނގަން ފެށިތާ މާގިނަ ދުވަހެއް ނުވެ، ނަރުހުންގެ ބޭނުންތެރިކަން ފާހަގަވެގެން ދިޔައެވެ. އެންމެ ފުރަތަމަ މިކަމުގައި އުޅުނީ ސިލޯނުގެ ނަރުހުންނެވެ. އެމީހުންނަށް އެހީތެރިވުމަށާއި އަތްދަށުން ދަސްކުރުމަށް ދިވެހި ހަތަރު އަންހެނުން ނަރުހުންގެ ގޮތުގައި ގެންގުޅުނެވެ. މި މީހުންނަށް ވަޒީފާގެ ތެރޭގައި ކިޔަވައިދެމުން ގެންދިޔައެވެ.
އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސް އަށް 25 އަހަރު ފުރުމާ ގުޅިގެން ނެރެވުނު ހަނދާނީ މަޖައްލާގައި އެންމެ ފުރަތަމަ ރާއްޖޭގައި ރަސްމީގޮތެއްގައި ހިންގަން ފެށުނީ ނަރުހުންގެ އެހީތެރީންގެ ކޯސްކަމަށް ބަޔާންކޮށްފައި ވެއެވެ. އާދެ! ނާސް އެއިޑް ކޯހެކެވެ. އެއް އަހަރު ދުވަހުގެ މި ކޯސް ހިންގަން ފެށުނީ 1960 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ކޯހުން ފާސްވިކަމަށް ވަނީ 9 ދަރިވަރުންނެވެ. ކޯހަށް ވަނުމަށް ފަހު މާ ގިނަ ދުވަހެއް ނުވަނީސް، ދަރިވަރުންނަށް ވަޒީފާދީގެން ޑަކްޓަރުގޭގައި ގެންގުޅެން ފެށުނެވެ. އެހެންކަމުން، މިއީ ވަޒީފާގައި އުޅެމުން ކިޔަވާ ކޯހެކެވެ. ފަހުން، ވަޒީފާއިން ނޫޅެ، ނަރުހުންގެ އެހީތެރީންގެ ކޯހެއް ފެށުނެވެ. މިކޯސް ފެށުނީ 11 ޖެނުއަރީ 1964 ގައެވެ. މިއީ 16 މަސްދުވެހުގެ ކޯހެކެވެ. ކިޔަވައިދިނީ މިކަމަށް ޑަބްލިޔޫ.އެޗް.އޯ. އިން ފޮނުވާފައިވާ ބިދޭސީއެކެވެ. މި ފުރަތަމަ ކޯހުގައި 10 ކުދީން ބައިވެރިވެފައި ވެއެވެ. މިއީ، އެކަމަށް ދަރިވަރުން ހުސްވެގެން ތިބެގެން ހިންގަން ފެށުނު ދިގު މުއްދަތުގެ ފުރަތަމަ ކޯސްކަމަށް ލަފާކުރެވެއެވެ.
ޑަކްޓަރުގެއަށް ނަރުހުންގެ ބޭނުންތެރިކަން ބޮޑުވުމާ ގުޅިގެން، ސަރުކާރުގެ ފަރާތުން ސިލޯނުގައި ކިޔަވައިދެމުން ގެންދިޔަ ބައެއް އަންހެނުން ނަރުސްކަން ކިޔެވުމަށް އިންޑިއާއަށް ފޮނުވުނެވެ. އެންމެ ފުރަތަމަ ކިޔަވައިގެން އައީ، ފަހުން ޞިއްޙީ ދާއިރާގެ ވަޒީރުކަން ފުރަތަމަ ކުރެއްވި އަންހެން ބޭކަނބަލެއް ކަމުގައިވާ މުއުމިނާ ޙަލީމް 11 ނޮވެމްބަރު 1963 ގައެވެ. އޭގެ ފަހުން ނަސީމާ މުޙައްމަދު 1964 ގައި، އަދި ޢާއިޝަތު އިބްރާހީމް ދީދީ، 1965 ގައި، އަދި އެ ފަހުން ޢާއިޝަތު ރަޝީދު، އިންޑިއާގެ ވެލޫރުގައި ހުންނަ މެޑިކަލް ތަމްރީނު މަރުކަޒަކުން ކިޔަވައިވިދާޅުވެގެން މާލެވަޑައިގަތެވެ. މިހަތަރު ބޭކަބަލުންނަކީ، މާލޭގެ ބޮޑުންގެ ދަރިކަނބަލުންނެވެ. އަދި މިހުރިހާ ބޭކަނބަލުން ފުރަތަމަ ކައިވެނިކުރެއްވީ ސިޔާސީގޮތުން ބާރުގަދަ ބަޔަކާ އެވެ. އެހެންކަމުން،ޞިއްޙީ ދާއިރާގައި، ނަރުހުންގެ ނުފޫޒު، އެ ފަހުން 30 ވަރަކަށް އަހަރު ވަންދެން ވަރަށް ގަދަޔަށް ހިނގާފައި ވިއެވެ.
ނާސް އެއިޑް ކޯސް ފެށިގެން ދިޔަ ގޮތަކީ، ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ތަމްރީނުތައް ފެށިގެން އައި ގޮތެވެ. ކަމާ ބެހޭ ސަރުކާރުގެ އިދާރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް، އެ ފަރާތުގެ އިސްނެގުމުގެ މަތީން ކޯހެއް ހިންގަން ފަށަނީއެވެ. ގިނަ ފަހަރު މި ތަމްރީނުތައް ފަށަނީ ވަކި މަރުކަޒެއް މިކަމަށް ޤާއިމްކޮށްގެންނެވެ. ބައެއް ފަހަރު ވަކި މަރުކަޒެއް ޤާއިމްކުރަނީ ކޯސް އެ ވުޒާރާއެއްގެ ބެލުމުގެ ދަށުން ދުވަސްކޮޅަކު ހިންގުމަށް ފަހުއެވެ. ނާސް އެއިޑް ކޯސް، ކުރީން ބަޔާންކުރި ގޮތަށް 1973 އާ ހަމައަށް، ޑަކްޓަރުގޭގައި މަސައްކަތްކުރި ޑޮކްޓަރުންގެ އެހީތެރިކަމާއެކު، ޞިއްޙީ ވުޒާރާގެ ބެލުމުގެ ދަށުން ހިނގަމުން ގޮސްފައި ވިއެވެ. ހެލްތު އެސިސްޓަންޓުންނާއި ފޫޅުމައިންގެ ކޯސް ވެސް މިގޮތުގެ މަތީން ހިންގާފައި ވެއެވެ. ހެލްތު އެސިސްޓަންޓުންގެ ކޯސް ހިންގަން ފެށީ 6 އޭޕްރިލް 1960 ގައެވެ. ހެލްތު އެސިސްޓަންޓުންނަކީ ”ޑޮކްޓަރުންގެ ގޮތުގައި“ ރާއްޖެތެރޭގެ ރަށްރަށުގައި މަސައްކަތްކުރުމަށް ތަމްރީނު ކުރެވުނު ބައެކެވެ. ކިޔެވަމުން ދިޔަ ކުދީންނަށް ކޯހުގެ މުއްދަތުގައި އެލަވަންސް އެއް ދެވުނެވެ.
ރާއްޖޭގެ ގިނަ މީހުން ދިރިއުޅެނީ ވަކިވަކި ރަށްރަށުގައި ކަމަށްވުމުން، ހެލްތު އެސިސްޓަންޓުންގެ ކޯސް ވީ، ދައުލަތަށް ވަރަށް މުހިއްމު ކޯހަކަށެވެ. ރަށްރަށުގެ ރައްޔިތުންގެ އެދުންތައް، ސަގާފީ ދިވެހިބޭހުން މި ޒަމާނުގެ ބޭސްވެރިކަމަށް އެނބުރެންވަނީ ފަށާފައެވެ. މިހެން މެދުވެރިވި އެއް ސަބަބަކީ، ހެލްތު އެސިސްޓަންޓުން ރޭޑިއޯއިން ފޮނުވަމުން ދިޔަ ޕްރޮގްރާމްތަކެއްގައި، ދިވެހިބޭސްވެރިކަމަށާއި ފަންޑިތަބޭސްވެރިކަމަށް އިހާނާތްތެރި ބަސްބުނުމާއެކު، ހުޅަނގުގެ ބޭސްވެރިކަން އިސްތިހާރުކުރަމުން ދިޔުމެވެ. މިކޯސްތައް ޑަކްޓަރުގެ ނުވަތަ ހޮސްޕިޓަލްގައި ހިންގުމަށް ދަތިތަކެއް ދިމާވަމުން ދިއައެވެ. އެއް ކަމަކީ، ހޮސްޕިޓަލްއާ ސީދާ ގުޅޭ ކަމަކަށް ނުވުމާއި، ޖާގައިގެ ދަތިކަމެވެ. ނަތީޖާއަކަށްވީ، މި ކޯސް ހިންގުމަށް އެންމެ ފުރަތަމަ، މާލޭގެ އުތުރު ފަރާތު ބަނދަރާ ކައިރީގައި ހަދާފައިވާ އަތޮޅުފިހާރަތަކުން އެއް ތަނެއްގައި، ގއ. އަތޮޅުފިހާރައި ގައި، މިކަން ކުރަން ފެށުމެވެ. ހެލްތު އެސިސްޓަންޓުން ތަމްރީނުކުރުމަށް، ”އެލައިޑް ހެލްތު ސާވިސަސް ޓްރޭނިން ސެންޓަރ“ ގެ ނަމުގައި ތަނެއް ޤާއިމްކުރީ 19 ޖުލައި 1973 ގައެވެ. މިއީ އެލައިޑް ހެލްތު ސާވިސަސް ޓްރޭނިން ސެންޓަރުގެ ޙަޤީޤީ އަހަރީ ދުވަހެވެ. ތަނުގެ ފުރަތަމަ ވެރިޔަކަށް ހަމަޖެއްސެވީ ގަވަންމަންޓް ހޮސްޕިޓަލްގެ ސްޓާފް ނަރުހެއް ކަމުގައި ހުންނެވި އާމިނަތު ޖަމީލްއެވެ. އޭނާ މަރުކަޒަށް ބަދަލުކުރެއްވީ މިތަން ޤާއިމްކުރެއްވި ދުވަހުއެވެ. މިތަން ހުޅުވުނުތަނާ ދެ މަސްދުވަހެއްގެ ތެރޭގައި، ބޮޑުންނަށް ފާހަގަ ކުރެވުނީ، ނާސް އެއިޑް ކޯސް، ހޮސްޕިޓަލުން މި މަރުކަޒަށް ބަދަލުކުރުމަކީ މާ ލާއިޤް ކަމެއް ކަމަށެވެ. އެހެންކަމުން، ތަނުން ކުރަންޖެހޭ މަސައްކަތް އަލުން އެކަށައަޅައި، 1 ސެޕްޓެމްބަރު 1973 އިން ފެށިގެން ނާސް އެއިޑް ކޯހަކީ ވެސް، މި ސެންޓަރުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހަމަ ޖެއްސިއެވެ.
މި މަރުކަޒަށް 25 އަހަރު ފުރިގެން ނެރުނު ހަނދާނީ މަޖައްލާއެއްގައި، މަރުކަޒުން ފުރަތަމަ ހިންގި ދެކޯހަކީ، ކޮމިޔުނިޓީ ހެލްތު ވާކަރ ކޯހާއި ނާސް އެއިޑް ކޯސްކަމަށް ބަޔާން ކޮށްފައި ވެއެވެ. އާމިނަތު ޖަމީލާއި ބިދޭސީ ނަރުހުންގެ ތަމްރީނީ މާހިރެއް ކަމުގައިވާ މިސް ރޯވަން ފިޔަވައި، ތަނުގައި ދެން ވަޒީފާގައި ތިބީ ކާތިބަކާއި ޕިޔޯނެކެވެ. ގއ. އަތޮޅުފިހާރައިގައި ކޯސް ހިންގުމަށް ދަތިތަކެއް ހުރުމާއެކު، ސަރުކާރުގެ ހޮސްޕިޓަލް ގެ ގޯތިތެރޭގައި މަޖީދީ މަގަށް މޫނުލައި ދެބުރިއަށް ޢިމާރާތެއް ކޮށް، އެތަނަށް ކިޔަވައިދިނުން ބަދަލުކުރީ 13 ޖަނަވަރީ 1975 ގައެވެ. ކޯސްތައް ގިނަވަމުން ދިޔުމާއެކު، ޖާގައިގެ ދަތިކަން ހުރެގެން، އަކިރި ކޮންކްރީޓުން ހަދާފައިވާ މި ޢިމާރާތް ތަޅާލައި، އެތަނުގައި އަލުން ހަތަރުބުރީގެ ކޮންކްރީޓް ޢިމާރާތެއް ކޮށް، އައު ޢިމާރާތަށް ބަދަލުވީ، 21 އޮކްޓޯބަރ 1989 ގައެވެ. ބަދަލުވަންދެން ވަގުތީގޮތުން މިތަން ހިނގަމުން ދިޔައީ، ހަކުރާގޭގައެވެ. މިއީ 2000 ގެ ފުރަތަމަ ދަސް އަހަރު ރައްޔިތުންގެ މަޖިލިސް ކުރާގެ ހުރި ތަނެވެ.
މަރުކަޒުގެ ފުރަތަމަ ކޯސް، ކޮމިޔުނިޓީ ހެލްތު ވާކަރ ކޯސް (18 މަސް) ފުރަތަމަ ފެށުނީ، 9 ސެޕްޓެމްބަރ 1973 ގައެވެ. ނާސް އެއިޑް ކޯސް (12 މަސް) ވެސް ފެށުނީ ހަމަ މިދުވަހުއެވެ. ވަނުމުގެ ފެންނަރަކީ ގްރޭޑް 5 ގެ ފެންވަރު ހުރުމެވެ. މި ކޯހުން އެކި އަހަރު ދަސްވެނިވި ދަރިވަރުންގެ ޢަދަދު ތިރީގައި އެވަނީއެވެ.
ކޮމިޔުނިޓީ ހެލްތު ވާކަރ ކޯސް:
1975-13, 1976-8, 1978-11, 1981-9, 1982-12, 1983-10, 1985-13, 1987-10, 1989-8, 1992-6, 1994-6, 1997-6
ނާސް އެއިޑް ކޯސް:
1974-6, 1976-7, 1979-12, 1980-15, 1981-9, 1982-7, 1983-8, 1984-2, 1985-17, 1986-35, 1987-18, 1988-15, 1989-13, 1990-22, 1991-15, 1992-12, 1993-10, 1994-14, 1995-14, 1996-17, 1997-23.
ތަނަށް ދެން އައި ބޮޑުކުރިއެރުމަކީ، 15 އޮކްޓޯބަރ 1991 ގައި ޑިޕްލޮމާ އިން ނާސިން އެންޑް މިޑްވައިފަރީ ކޯސް ތަޢާރުފުކުރުމެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ހިންގި ޙަޤީޤީ ޑިޕްލޮމާ ކޯހެވެ. ކޯސް ފެށުމުގެ ރަސްމިއްޔާތުގައި، މަރުކަޒުގެ ނަން، އެލައިޑް ހެލްތު ސާވިސަސް ޓްރޭނިން ސެންޓަރުން، އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސް (އައި.އެޗް.އެސް) އަށް ބަދަލުކުރެވުނެވެ. ޑިޕްލޮމާ ކޮސް ހިންގީ އަތޮޅުތަކާއި މާލޭގެ ހޮސްޕިޓަލްއަށް ބޭނުންވާ ނަރުހުން ތަމްރީނުކުރުމަށް، އޯލެވެލް އިނގިރޭސިއާއެކު ސައިންސް ދެ މާއްދާއަކުން ފާސްވާ ދަރިވަރުންނަށެވެ. 1996 ގެ ޑިސެމްބަރު މަސް ނިމުނުއިރު، އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސް އިން އެކި ކޯސްތަކުން ދަސްވެނިވެފައިވާ ދަރިވަރުންގެ ޢަދަދުތައް ތިރީގައި އެވަނީއެވެ.
ޑިޕްލޮމާ އިން ނާސިން އެންޑް މިޑްވައިފަރީ – 16
ކޮމިޔުނިޓީ ހެލްތު ވާކަރ – 113
އޮގްޒިލިއަރީ ނާސް އެއިޑް – 34
ނާސް އެއިޑް – 255
ފާމަސީ އެސިސްޓަންޓް – 76
ފެމިލީ ހެލްތު ވާކަރ – 510
ފޫޅުމައި – 267
ފަސްޓް އެއިޑް – 348
ކޮމިޔުނިޓީ ހެލްތު ވާކަރ އަޕްގްރޭޑިން – 26
ފެމިލީ ހެލްތު ވާކަރ އަޕްގްރޭޑިން – 108
އަތޮޅުތަކުގެ ފެމިލީ ހެލްތު ވާކަރ އަޕްގްރޭޑިން – 13
ކޮމިޔުނިޓީ ހެލްތު އެއިޑް – 64
އަތޮޅުތަކުގެ ފޫޅުމައިން – 299
ގުރައިދޫ ހޮސްޕިޓަލް އެއިޑް – 4
ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ އުސޫލުތަކާ އެއްގޮތަށް ކަންތައްތައް އިންތިޒާމުކުރެވިގެން ހިނގަމުން އައި އެންމެ ފުރަތަމަ ތަނަކީ އައި.އެޗް.އެސް. އެވެ. މިތަނުގެ ތަފާސް ހިސާބުތަކާއި އެހެނިހެން މުހިއްމު މަޢުލޫމާތުތައް އެތަނަށް 25 އަހަރުވެގެން ނެރުނު ”ޚިދްމަތުގެ 25 އަހަރު“ މިފޮތުގައި ވެއެވެ. މި 25 އަހަރުގެ ތެރޭގައި، އެތަނުގެ ވެރިއަކަށް ފަސް ބޭފުޅަކު ހަމަޖައްސާފައި ވިއެވެ. ފެށުނު އިރު ހުންނެވި އާމިނަތު ޖަމީލް އެތަނުގައި ހުންނެވީ 1973 އިން ފެށިގެން 1982 އާ ހަމައަށެވެ. ދެން ވެރިޔަކަށް ހުންނެވީ މޫސާ އަންވަރު (ތުއްތީދީ) އެވެ. އޭނާ އެތަނުގައި ހުންނެވީ 1982 ވަނަ އަހަރުން ފެށިގެން 1986 އަހަރަށެވެ. ނަމަވެސް 1983 ވަނަ އަހަރު ޑެޕިއުޓީ ޑިރެކްޓަރެއްގެ ހައިސިއްޔަތުން ޢަބްދުއްލަޠީފް ޤާސިމް އެތަން ހިންގެވިއެވެ.
{މިއީ ޔުނިވަރސިޓީގެ އެކި ގޮފިތަކާއި ކަންހިނގާ ދިޔަ ގޮތާއި ދިމާވި ކަންކަމާއި މީހުންނާ މެދު ކުރެވުނު ތަޖުރިބާތަކާ މެދު އަޅުގަނޑު ލިޔެފައިވާ ޔުނިވަރސިޓީގެ ތާރީޚާ ބެހޭ ފޮތެއްގެ ދެތިން ޞަފުހާއެވެ. ފަހުބައި ޝާއިޢުކުރާނީ ފަހުންނެވެ. ތިރީގައި މި ގެނެސްދެނީ 1996 ވަނަ އަހަރު އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސްގައި ތިއްބެވި ބައެއް މުވައްޒަފުންގެ ފޮޓޯއެވެ.}
1. Ms Fathimath Shareef, 2. Mr. Ahmed Saleem, 3. Mr. Abdulla Latheef, 4. Ms. Zubaida Ali, 5. Ms. Aminath Waheeda, 6. Ms. Majda Shakir, 7. Ms. Mariyam Shafeeg, 8. Ms. Aishath Ahmed Didi, 9. Ms. Aishath Shaheen Ismail, 10. Mr. Sabarathnam Mageshvaram, 11. Ms. Aminath Faiz, 12. Ms. Elizabeth Banks, 13. Ms. Celia Willis, 14. Ms. Laleetha Gurunani, 15. Ms. Christy Yasudian, 16. Mr. Stuwart Kell, 17. Mr. Rajiv Vijayadhas
1. Husna Razee, 2. Mohamed Ismail Fulhu, 3. Aishath Naeem, 4. Aneega Easa, 5. Aishath Waheeda, 6. Mariyam Jeeza, 7. Shimla Latheef, 8. Mariyam Saudiyya , 9. Aminath Riyaz, 10. Aishath Shabana, 11. Raeefa Moosa, 12. Naazneena Yoosuf, 13. Nazeeha Hussain, 14. Moomina Adam, 15. Aminath Mohamed, 16, Hassan Mohamed, 17. Mariyam Moosa, 18. Aishath Moosa
Leave A Comment