ދިރިއުޅުން ހޭދަކުރާނޭ ގޮތުގެ ހަމަތައް (ބާބު 8، ހަތް ވަނަ ބައި)
މީގެ 760 އަހަރު ކުރިން ލިޔެފައިވާ ފާރިސްކަރައިގެ ސަޢުދީ (ابومحمد مصلحالدین بن عبدالله شیرازی) ގެ ”ގުލިސްތާނު“ (ފިނިފެންމަލުގެ ބަގީޗާ) ގެ ބޮޑުބައި މިހާރު ވަނީ ތަރުޖަމާ ކުރެވިފައެވެ. ބާކީ އޮތީ ފޮތުގެ 8 ވަނަ ބާބެވެ. އެއީ އެންމެ ފަހު ބާބެވެ. ނަމަކީ ދިރިއުޅުން ވޭތިކުރާނޭ ގޮތުގެ ގަވާއިދެވެ. މި ބާބުގައި ހިމަނާފައިވަނީ، ޅެންބަހުން ދިރިއުޅުމުގެ ހަމަތަކެކެވެ. ނުވަތަ ގަވާއިދުތަކެކެވެ. ތިރީގައި މި ތަަރުޖަމާ ކުރަނީ މިގޮތުން، އެ ބާބުގައިވާ ވާހަކަތަކުގެ ތެރެއިން 71 ވަނަ ވާހަކައިންފެށިގެން ފޮތް ނިމެންދެނެވެ.
71
72
ރަން ހޯދަނީ މަޢުދިން ކޮނެގެންނެވެ. ދަހިމީހެއްގެ އަތުން އޭނާގެ ރޫޙް ކޮނެގެންނެވެ.
(މަޢުދިން އަކީ، ބިމުގެ އަޑިން ތަފާތު މަޢުދަންތައް ނެގުމަށް ކޮންނަ ވަޅުގަނޑެކެވެ. ބިންގަރާސްގޮތަށާއި ހާމަކޮށް މިތަންތަން ހުރެއެވެ.)
73
ނުމީހުންނަށް ހަމްދަރުދީއެއް ނެތް މީހާއަށް ޚާއްޞުންގެ އަނިޔާގެ ވޭން ލިބޭނެއެވެ.
74
ޙިކްމަތްތެރިއަކަށް ހުރަސްތަކާ ދިމާވުމުން، އޭނާ ފުންމައިގެން އެއްކާރިއަށް ޖެހެއެވެ. އަދި ރަނގަޅު ފުރުޞަތު ލިބުމުން ނަގިލި ލައެވެ.
އެހެންކަމުން، ފުރަތަމަ ޢަމަލުން އޭނާ ގޮނޑުދޮށުން ރައްކާތެރިކަން ހޯދައެވެ. އަދި ފަހު ޢަމަލުން އޭނާ އުފާ ލިބިގަނެއެވެ.
75
ހަރާދުކިޔާ މީހާ ބޭނުންވަނީ ބާޖީ ކާމިޔާބުކުރަން ހަމައެކަނި ތިން ހަޔަކާއި ތިން މަންނަ ގަނޑު ފުށުން ޖަހަންށެވެ.
ހިކާޔަތު (ވާހަކަ)
ދަރުވޭސީއަކު މިގޮތަށް ދުޢާ ކުރިއެވެ:
”ޔާ ﷲ އެވެ. ނުބައި ނުލަފާ މީހުންނަށް އިބަރަސްކަލާނގެ ރަޙްމަތް ލައްވާދޭވެ. އެހެނީ ރަނގަޅު މީހުން ރަނގަޅު ގޮތުގައި ވުޖޫދުކުރެއްވުމުން އިބަ ރަސްކަލާނގެ އެބައިމީހުންނަށް ރަޙްމަތް ވަނީ ލައްވަވާފައެވެ.“
76
ރަސްރަސްކަލުންގެ ތެރެއިން ތުރުކުރައްވާ ލިބާސްކޮޅުތަކަށް އެންމެ ފުރަތަމަ އިސްކަން ދެއްވައި، ވައަތުގައި އަނގޮޓިފުޅު އެޅުއްވީ ޖަމްޝީދު ރަސްގެފާނެވެ. ރަނގަޅުކަން ވަނީ ކަނާތްޕުޅުކަމުގައި ވާއިރު، ވައަތްޕުޅު އިނގިލިފުޅުތައް ޒީނަތްތެރިކުރެއްވީ ކީއްވެގެންތޯ އެ ރަސްގެފާނާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ:
”އޭގެ ރަނގަޅު ކަމުން ކަނާއަތް ވަނީ ޒީނަތްތެރި ކުރެވިގެންނެވެ.“
ސީނުގެ ތިނޯހު މަސައްކަތުގެ ފަންނުވެރިން ލައްވައި ފަރީދޫން އަންގަވައިގެން އެރަސްގެފާނުގެ ފޭލިގެކޮޅު ވަށައިގެން މިހެން ލިއުއްވިއެވެ.
ވާހަކަ
މޮޅު މީހެއްގެ ކައިރީގައި، ކަނާ އަތް މަތިވެރިވެގެންވާ އިރު ވައަތުގައި އަނގޮޓި އަޅަނީ ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ:
”މަތިވެރިކަން ޙައްޤުމީހުން އަބަދުވެސް އެކަމުން އިޙްމާލުކުރެވިފައިވާތީ ތިބާ ނުދެކެން ހެއްޔެވެ؟“
77
މަރުވެދާނެތީ ބިރު ނުގަންނަ މީހާ އާއި ރަނަށް އުއްމީދު ނުކުރާ މީހާއަށް، ޖެހިލުމެއް ނެތި މިނިވަންކަމާއެކު ނަޞޭޙަތާއި އިންޒާރު ދެވިދާނެއެވެ.
78
ރަސްކަލުންނަށް އޮތީ އަނިޔާވެރީން ދުރުކުރުމެވެ: ފުލުހުންނާއި ޤާތިލުންނެވެ. ގާޒީންނަށް އޮތީ ވަގުންނާ ބެހޭ ޝަކުވާ އަޑުއެހުމެވެ. ނަމަވެސް ދެ ހަތުރަކު ރަނގަޅުކަމަށް އެއްބަސްވާކަމަކަށް ގާޒީންނެއް ނުވަންނާނެއެވެ.
79
ހުރިހާ މީހުންގެ ދަތްތައް ހުތްކަމުން ކޮށިވެއެވެ. އެކަމަކު ގާޒީންގެ ދަތްތައް ކޮށިވަނީ ފޮނިތަކެތީންނެވެ.
80
އަދި މުސްކުޅި ފުލުހަކަށް މީހުންނަށް އަނިޔާކުރުމުން އެއްކިބާވުން ފިޔަވައި ކުރެވޭނީ ކޮން ހުވައެއް ހެއްޔެވެ؟
81
ބުއްދިވެރިއެއްގެ ކައިރީގައި ސުވާލުކުރެވުނެވެ.
މަޝްހޫރު އުހަށް ހެދޭ އަދި އެތައް ބާވަތެއްގެ މޭވާ އަޅާ ގަހެއް މަތިވެރި ﷲ ހެއްދެވި އިރު، ސިޕްރަސް (ސަރުވި) ގަސް ފިޔަވައި އެހެން ގަހެއް މިނިވަން ކަމަކަށް ނުވެއެވެ. އެކަމަކު މިގަހަކު މޭވާއެއް ނާޅައެވެ. މިކަމުގެ ސަބަބަކީ ކޮބައިތޯއެވެ؟
އޭނާ ޖަވާބު ދިނެވެ:
ކޮންމެ ގަހަކަށް ވެސް މޭވާއެޅުމުގައި މޫސުމެއް ވެއެވެ. މޭވާ އަޅާދުވަސްވަރު އެ ގަސް މަތިވެރިއެވެ. އެހެން ދުވަސްވަރު މޭވާ ނެތުމުން އެ ނިކަމެތިވެއެވެ. އެކަމަކު ސަރުވި ގަހަށް މި މޫސުންތަކެއް ނާދެއެވެ. ހުރިހާ އިރަކުވެސް އެ ތާޒާކޮށް ހެދެއެވެ. މިއީ މިނިވަންކަމުގެ އެއް ސިފައެވެ. {ސަރުވިގަހަކީ، ބޭނުންތެރި ތެލަކާއި ލަކުޑިއެއް ހުންނަ މެދުއިރުމަތީގައި ހެދޭ ގަހެކެވެ.}
82
ދެމީހަކު ހިތާމަ ބަރުދާސްތުކުރަމުން މަރުވެގެން ދިޔައެވެ. އެކަކު މުދައު ލިބި އެއިން އުފަލެއް ނުލިބިއެވެ. އަނެކަކު ޢިލްމު ލިބި، އޭގެ ބޭނުން ނުހިފިއެވެ.
ފޮތް ނިންމައިލުން
ގުލިސްތާނު ފޮތް ލިޔެ އަވަދިވެއްޖެ އެވެ. އަދި އެހީތެރިވެވަޑައިގަންނަވާ ﷲ ގެ ނަންފުޅު ތައުފީޤަށް އެދެވި ނަންގަނެވިއްޖެއެވެ. އެކަލާނގެ ރަޙްމަތްފުޅުން، އާދަކާދަމަތިން އެހެން ލިޔުންތެރީން ފަދައިން، ކުރީ މީހުންގެ ބައިތުތައް ފޮތްތަކުގައި ހިމަނާ އުޞޫލުން އަހުރެން ކަންތަކެއް ނުކުރަމެވެ.
މީހެއްގެ ހެދުމެއް އާރިޔާއެއްގެ ގޮތުގައި ހޯދަން އުޅުމަށްވުރެ،
ޒީނަތްތެރިވުމަށް ތިމާގެ ބައު ލިބާސް މާ ރަނގަޅެވެ.
(އާރިޔާއަކީ އަނބުރާ ދައްކަން ހޯދާ އެއްޗިއްސެވެ.)
ސައުދީގެ ގިނަ ބުނުންތައް ހުންނަނީ ވިސްނުންތޫނުކުރާ ޙިކްމަތްތަކާއި ސަމާސާ ވާހަކަތަކާ މެކުވެފައިވާތީ، ދުރުނުފެންނަ މީހުން ތުހުމަތުގެ ދޫ ދިގުކޮށް ބުނެއެވެ. ވިސްނުންތެރީންނެއް މަންފާއެއް ނުކުރާ ބައްތީގެ ދުމެއް ނުކައެވެ. އަދި ބުއްދީގެ ޖައުހަރު ބޭކާރު ކަންތަކަށް ހޭދައެއް ނުކުރެއެވެ. އެކަމަކު ބުނަން ހެއްޔެވެ. ކިޔުންތެރީންގެ ސިކުނޑި ވަރުބަލިނުކުރުމަށާއި ރަނގަޅު އިރުޝާދު ބަލައިގަތުމުގެ ފައިދާއިން އެއްކިބާވިޔަ ނުދިނުމަށް، ނަސޭހަތުގެ ހިތި ބޭސް ހުންނަނީ ބުއްދިވެރިކަމުގެ މާމުއިއާ އެއްކޮށްފައެވެ. އަދި މަންފާކުރާ ނަސޭހަތްތަކުގެ މުތީތައް ހުންނަނީ އޮޅުންފިލުވަން ފަސޭހަ ރޮއްޖަށް އަމުނާފައެވެ. މިކަންކަން ދުރުވިސްނޭ މީހުންނަށް ފަރުދާވެގެންނެއް ނުވެއެވެ. އާލަމްތަކުގެ ވެރި ﷲ އަށް ޙަމްދު ހުއްޓެވެ.
އަހުރެން ދަންނަވާނީ، ޔާ ﷲ އެވެ.
އަޅާއީ ފާފަވެރިޔާއީމެވެ. ތިބާއީ ރަޙްމަތްވަންތަ ސާޙިބެވެ.
އަޅާއަށް ކުރެވުނު ހުރިހާ ފާފައަކަށް އަޅާ އެދެނީ ތިބާގެ ދީލަތިވަންތަކަމަށެވެ.
ginafaharah fennanee rangalhu masaiykaiy nunimi vaathaneve.
ekamaku mi tharujamaa ninmaalevuneve. mee shukuru kuranjehey kamekeve.