ދަރުވޭސީންގެ އަޚްލާޤު 3

21

ބަސްމަގު ރީތިކުރުމާއި މީހުންނާ މުޢާމަލާތް ކުރުމުގެ ނިޔަނެތި ގޮތްތައް (އަދަބު) ދަސްކުރެއްވީ ކާކުގެ ކިބައިންތޯ ސުވާލުކުރެވުމުން، ލުޤްމާނު ޖަވާބުގައި ވިދާޅުވިއެވެ:

އަދަބެއް ނެތް މީހުންގެ ކިބައިންނެވެ. އެމީހުންގެ ފަރާތުން ފެންނަ ހުތުރު ކަންތައްތައް ކުރުމުން އަހުރެން އެއްކިބާވީ އެވެ.

”ބުއްދިވެރި މީހުން އެ ބަހުން ޢިބުރަތެއް ނުނަގާ ބަހެއް
މަޖަލުގައި  ވެސް މީހަކު ނުބުނެއެވެ.
އެކަމަކު ޙިކްމަތުގެ ސަތޭކަ ބާބު މޮޔައަކަށް ކިޔައިދިނަސް

އެމީހާއަށް އެ އިވެނީ މަޖަލެއްގެ ގޮތުގައެވެ“.

22

އަޅުކަން ކުރުމުގައި އެކަހެރިކޮށް އުޅޭ މީހަކު، އެއް ރެޔަކު، ދިހަ މަނުގެ ކާނާ ކައިގެން ފަތިސް ވަންދެން ކީރިތި ޤުރްއާން ކިޔެވުމުގައި ޤަރާރުވެ ވިއެވެ. އަޅުވެރި މީހަކަށް މި ޚަބަރު ލިބުމުން އޭނާ ބުންޏެވެ:

”ރޮށްޓެއްގެ ދެބައިކުޅަ އެއްބައި ކައިގެން ފަތިސްވަންދެން އޭނާ ނިދި ނަމަ މާ ރަނގަޅުވީހެވެ.“

އެތެރެ ކާނާއިން ހުސްކޮށް ބަހައްޓާށެވެ.
އެއީ މަޢުރިފާގެ އަލި އެތަނުން ފާޅުވެދާނެ ކަމަށްޓަކައެވެ.
ތިބާ ވަނީ ޙިކްމަތުން ހުސްވެގެންނެވެ.

އެއީ ނޭފަތާ ހަމައަށް ކާނާއިން ފުރިގެންވާތީ އެވެ.

23

މާ ނުބައި ނުލަފާކޮށް އުޅުނު މީހަކު އޭނާގެ ފާފަތަކުގެ ސަބަބުން ﷲ ގެ ރަޙްމަތުން އެއްކިބާވެގެން ވަނިކޮށް، އެކަލާނގެ ރަޙްމަތުގެ އަލި އޭނާގެ މަގަށް އެޅި، ހެޔޮ ލަފާ ދީންވެރި ބައެއްގެ ޖަމާޢަތަކަށް އޭނާއަށް ދެވިއްޖެއެވެ. މި ޖަމާޢަތުގެ މީހުންގެ އުޅުމުގެ ބަރަކާތުންނާއި އެމީހުންގެ މިސާލުން އޭނާގެ ނަފުސުގައިވި، ނުބައި ކަންތައްތައް ކުރުމުގެ ރޫޙު ފިލާގޮސްް، ހެޔޮލަފާ މީހަކަށް ވެއްޖެއެވެ.

އެކަމަކު، އޭނާ ކުރިން ދަންނަ މީހުން ދޫ ދިގުކޮށް އޭނާގެ ކުރީގެ އުޅުމަށް އިޝާރާތްކޮށް، އޭނާގެ އުޅުން ބަދަލުނުވާކަމަށާއި މިއީ ވަގުތީ ތަމްސީލު ކުޅުމެއް ކަމަށް ވާހަކަ ދައްކާ އަޑު މީނާއަށް އިވިއްޖެއެވެ.

ތައުބާ އާއި މަޢާފަށް އެދި ދަންނަވައިގެން ﷲ ގެ ނުރުއްސެވުމުން މީހަކަށް ސަލާމަތް ވެވިދާނެއެވެ.
އެކަމަކު އިންސާނުންގެ ދޫތަކުން ސަލާމަތެއް ނުވާނެއެވެ.

މި މީހުން ދައްކާ ވާހަކައަށް ކެތް ނުވެވިގެން، އެ ޖަމާޢަތުގެ ޝޭޚްގެ ކައިރީގައި ޝަކުވާ ކުރުމުން، ރޮއެފައި ޝޭޚް ބުންޏެވެ:

”އެމީހުން އެ ހީކުރާ މީހާއަށް ވުރެ ކަލާ ހެޔޮ ލަފާވެގެން ވީކަމަށްޓަކައި، މާތް ﷲ އަށް އެކަމާ އެކަށީގެންވާ މިންވަރަކަށް ޝުކުރު ކުރާނީ ކިހިނަކުން ހެއްޔެވެ؟“

ކިހާ ދުވަހެއް ވަންދެން ތިބާ ބުނާނަން ހެއްޔެވެ؟ ”އެމީހުންގެ ހަސަދައިންނާއި ނުބައިކަމުން އަހުރެންގެ ނިކަމެތި ނަފުސުން ނުބައި ހޯދަނީ އެވެ.
ބައެއް ފަހަރު އެމީހުން ބޭނުންވަނީ އަހުރެންގެ ލޭ އޮހޮރުވާލުމަށެވެ.
ބައެއް ފަހަރު އެމީހުން ޖަމާޢަތް ހަދަނީ އަހުރެންނަށް ލަޢުނަތް ކިޔަންށެވެ.“
ރަނގަޅު މީހެއްގެ ގޮތުގައި ވަނިކޮށް އެހެން މީހުން ގޯސްކަމަށް ވާހަކަ ދެއްކުން،
ނުރަނގަޅު މީހަކަށް ވާއިރު، ރަނގަޅުކަމަށް އެމީހުން ވާހަކަ ދެއްކުމަށް ވުރެ ރަނގަޅު ވެގެން ވެއެވެ.

އަހުރެންނާ މެދު ވިސްނާށެވެ. އަހުރެންނާ އެކު އުޅޭ މީހުން، އަހުރެންނަކީ ބަރާބަރު މީހެއް ކަމަށް ދެކެއެވެ. ނަމަވެސް، އަހަރެންނަށް އަހުރެން ފެންނަނީ އައިބެއް ކަމުގައެވެ.

އަހުރެން ކިޔާ ގޮތަށް އަހުރެން އުޅޭނަމަ،
އަހުރެން ވާހުށީ ރަނގަޅު ޚުލްޤު ލިބިގެންވާ އަޅުވެރިއެއް ކަމުގައެވެ.
ޙަޤީޤަތުގައި އަވަށްޓެރިންގެ ލޯތަކަށް އަހުރެން ވަނީ ފޮރުވިފައެވެ.
އެކަމަކު ﷲ އަހުރެންގެ ސިއްރުތަކާއި ބޭރުފުށުގެ ކަންތައްތައް ދެނެވޮޑިގެން ވެއެވެ.
ދޮރޯށި ވަނީ މީހުންނަށް ވަނުމަށް ތަޅުލެވިފައެވެ.
އެމީހުން އަހުރެންގެ ކުށްތައް ފަތުރަފާނެތީ އެވެ.
އެކަމަކު ތަޅުލެވިފައިވާ ދޮރޯއްޓަކުން ކުރާނީ ކޮން ފައިދާ އެއް ހެއްޔެވެ؟
ހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަލާނގެ
އަހުރެން ފޮރުވާ ކަންތައްތަކާއި ފާޅުކުރާ ކަންތައްތައް ދެނެވޮޑިގެން ވެއެވެ.

24

އަހުރެންނަކީ ޝަހްވާނީ ކަންތައްތަކުން ހައްދުފަހަނައަޅައިފައިވާ މީހެއްކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާތީ، އަހުރެން އެވާހަކައިން ޝޭޚަށް ޝަކުވާކޮށްފީމެވެ. ޖަވާބުގައި ވިދާޅުވިއެވެ.

”ކަލޭގެ ރަނގަޅު އަޚްލާޤުން އޭނާ ލަދުގަންނަވާލާށެވެ.“

ހަސަދަވެރީން ކަލޭގެ ނެތިމޮށުމުން އެއްކިބާ ކުރުވުމަށް،
ތިބާގެ އުޅުން ނިޔަނެތިކުރާށެވެ.
ކޮށްޓާފޮށީގެ ނަރުތައް ހަމައަށް ބާރުވެފައި ވުމުން
މޫސީގާރުންގެ އަތުން އެ ރަނގަޅުކުރާނީ ކިހިނެއް ހެއްޔެވެ؟

25

ސީރިޔާގެ ސޫފީ ޝޭޚެއްގެ ކައިރީގައި ސޫފީންގެ ޙަޤީޤީ ޙާލަތާ ބެހޭ ގޮތުން ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ:

”އިހު ޒަމާނުގައި އެއީ ބޭރަށް ފެންނަ ފެނުމުގައި ދަތިތަކެއްގައި، އެކަމަކު ޙަޤީޤަތުގައި ހިތްހަމަޖެހިގެން އުޅުނު ޤަބީލާއެކެވެ. އެކަމަކު މިހާރު އެބައިމީހުންނީ ބޭރުފުށުން ހިތްހަމަޖެހިގެން އެކަމަކު އެތެރެފުށުން ނުތަނަވަސްކަމެއްގައި ވާ ބައެކެވެ.“

ތިބާ ޛިކުރުކުރުމުން އަހުރެންގެ ހިތް އެއް ފަރާތަށް ކޮންމެ ސާޢަތަކު ޖެހޭނަމަ،
އެކަނިވެރިކަމުގައި ހަމަހިމޭންކަން ތިބާއަކަށް ނުހޯދޭނެއެވެ.
އެކަމަކު ތިބާއަށް ބިމާއި ޤަދަރާއި ދަނޑުތަކާއި މުދައުލިބިފައިވާ ހާލުގައި
ތިބާގެ ހިތުގައި ކަލާނގެ ވާނަމަ، ތިބާ ވާހުށީ ޚަލްވަތުގައެވެ.

26

އަހުރެން ކާރުވާނަކާއެކު މުޅި ރޭގަނޑެއްގައި ހިނގަމުން ގޮސް، ސަހަރާއެއްގެ ކައިރީގައި ނިދައިފީމެވެ. އަހުރެމެންނާއެކު ދަތުރު ކުރި މުސާފިރަކު ކުއްލިއަކަށް ހަޅޭއްލަވައިގަނެފައި، ސަހަރާގެ ތެރެއަށް ދުއްވައިގެންފިއެވެ. ކުޑަ އިރުކޮޅަކުވެސް އަރާމެއް ނުކުރެއެވެ.

ދުވާލުވުމުން، އެނާގެ ޙާލަތާ މެދު ސުވާލު ކުރުމުން ޖަވާބުގައި ބުންޏެވެ:

”އަހުރެންނަށް ފެނުނީ ބުލްބުލްތައް ގަސްތަކުގައި، ކަބަކުތައް ފަރުބަދަ މަތީގައި، ބޮއްތައް ފެންގަނޑުގައި އަދި ޖަނަވާރުތައް ސަހަރާގައި ހިތާމަކުރަން ފެށިތަނެވެ. ދެން އަހުރެން ހިތަށް އެރީ، އެ ހުރިހާ ޖަނަވާރެއް ކަލާނގެއަށް ޙަމްދުކުރާއިރު އަޅާލުންތެރިކަމެއް ނެތި ނިދީގައިވުމީ އަހުރެންނަށް ރީތި ނިޔަނެތި ކަމެއް ނޫންކަމެވެ.“

އިއްޔެ ފަތިހު ދޫންޏެއް ގޮވިއެވެ.
އެކަމުގެ ސަބަބުން ހިއްސުތަކާއި ކެތްތެރިކަމާއި ވަރާއި ހޭލުންތެރިކަން އަހުރެންނާ ވަކިވިއެވެ.
އަހުރެންގެ ގާތް ރައްޓެއްސަކު
އަހުރެންގެ ހިތާމައިގެ އަޑު އިވިފައި ކަހަލަގޮތަކަށް ސުވާލާކުރިއެވެ.
”ދޫންޏެއްގެ ގޮވުމުން، ކަލާ ތިހާ ވަރަށް މޮޔަވާނެކަމަކަށް އަހުރެން ހިއެއް ނުކުރަމެވެ.“
އަހުރެން ޖަވާބުގައި ބުނީމެވެ.
”ދޫނިތައް ﷲ ޛިކުރުކުރާއިރު އަހުރެން ހަމަހިމޭނުން ހުރުން

އިންސާނުންނަށް އެއީ ރީތިކަމެއް ނޫނެވެ.“

27

ފަޔާއި ބޯ ނިވާ ނުކޮށް ހުރި ހިނގާފައި އުޅޭ ކޫފާއިން އައި މީހެއް، ހިޖާޒުން އައި ޙައްޖާޖީންގެ ޤާފިލާ އަކާއެކު އަހުރެމެންނާ ގުޅިއްޖެއެވެ. އެކި ހިސާބުތަކަށް ހިނގަމުން ގޮވައެވެ.

”އަހުރެން ޖަމަލެއް ދުއްވަނީ އެއް ނޫނެވެ. އަދި ޖަމަލެއްހެން ބަރެއް ބުރަކައްޓަށް ލައިގެން އުޅެނީކީ ނޫނެވެ.
އަހުރެންނަކީ ރައްޔިތުންގެ ވެރިއެއް ނުމެ ނޫންމެއެވެ. އަދި ރަސްކަލެއްގެ އަޅެއް ނުމެ ނޫންމެއެވެ.
މާޒީގެ ކެކުޅުންތަކާއި މިހާރުގެ ހިތާމަ އަހުރެންނަށް އުނދަގުލެއް ނުކުރެއެވެ.

ފަސޭހަކަމާއި އެކު ނޭވާލަމުން، އަހުރެންގެ ޙަޔާތް ހޭދަކުރަމެވެ.“

ޖަމަލެއް ދުއްވަން އިން މީހަކު އޭނާއަށް ބުންޏެވެ. ”ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ؟ އަހުރެމެންގެ ކައިރިއަށް އަންނާށެވެ. އެހެންނޫނީ ދަތި އުނދަގޫ ޖެހިގެން ކަލޭ މަރުވެދާނެއެވެ. މިބުނި ބުނުމަށް ސަމާލުކަން ނުދީ އޭނާ ސަހަރާތެރެއަށް ހިނގަމުން ގޮސްފިއެވެ.

އަހުރެމެންނަށް މަޙްމޫދުގެ ކަދުރުބަގީޗާ އަށް ދެވުނު އިރު، އެ މުއްސަނދި މީހާ ވަނީ މަރުގެ ތުންފަތް މަތީގައެވެ. ދަރުވޭސީ އޭނާ އޮށޯވެގެން އޮތް ބާލީހާ ކައިރިވެލާފައި ބުންޏެވެ. ”ސަހަރާގެ އުނދަގުލަކުން އަހުރެންނެއް މަރެއް ނުވިއެވެ. އެކަަމަކު ތިބާ، ހަލުވި ޖަމަލެއްގެ މަތީގައި އިނދެ މަރުވީ އެވެ.“

ހެނދުނުގެ ބުލްބުލް އަހުރެންގެ ކައިރީގައި ބުނި އެއްޗެއް އެނގޭ ހެއްޔެވެ؟
ލޯބި އެއީ ކޮން އެއްޗެއްކަން ނޭނގޭނަމަ، ތިބާއީ ކޮންފަދަ އިންސިއެއް ހެއްޔެވެ؟
ޢަރަބި ބައިތުތަކެއް، އުފަލާއި  ވަޖްދުގެ ޙާލަތަކަށް ޖަމަލެއް ގެންދިޔައެވެ.
ތިބާގެ ކިބައިގައި ޛައުގެއް ނުވާނަމަ، ތިބާއީ އޭޑިއެއް ފޭޑިއެއް ނެތް ސޮހޮލެކެވެ.
ޖަމަލެއްގެ ކަރު، އުފަލުގެ ދީވާނާއިން އެނބުރޭއިރު
މީހަކަށް އެކަން އިޙްސާސް ނުކުރެވޭނަމަ، އޭނާއަކީ ހިމާރެކެވެ.
ހަމަ ބިމުގެ މަތިން ވައިރޯޅިތައް އުދުހިދާއިރު،
ލެނބެނީ މުރަނގަގަހުގެ އޮފިތަކެވެ. ހިލަތަކަށް އަސަރެއް ނުކުރެއެވެ.
ތިބާއަށް ފެންނަ ކޮންމެ އެއްޗެއް އެކަލާނގެ ކިބައަށް ޙަމްދު ކުރެއެވެ.
ފުރިހަމައަށް ކަންކަން ދެނެވޮޑިގަންނަވާ ކަލާނގެ މިކަން ދެނެވޮޑިގެން ވެއެވެ.
ޙަމްދު ކުރަނީ ފިނިފެންމާ ގަހުގެ އޮތްޕެއްގެ މަތީގައި އިން ބުލްބުލް އެކަންޏެއް ނޫނެވެ.
އެކަލާނގެއަށް ޙަމްދު ކުރުމަށް ކޮންމެ ކަށިކޮތަން ގަހަކަށް ދޫ ލިބިގެން ވެއެވެ.

28

ރަސްކަލަކަށް މަރުގެ އާލާސްކަންފުޅު ޖެހިވަޑައިގެން އިރު، ރަސްކަމަށް އިސްކުރާނޭ ވަލީއަހުދެއް ނެތިވިއެވެ. އެންމެ ފަހުގެ ވަސިއްޔަތެއްގެ ގޮތުން ރަސްގެފާނު ވިދާޅުވީ އަވަހާރަވެ ވަޑައިގަތުމުން، ޖެހިގެން އަންނަ ހެނދުނުގައި ރަށުގެ ރަށްބޭރު ދޮރޯށިން ފުރަތަމަ ވަންނަ މީހާއާ ރަސްކަމުގެ ތާޖު އާއި ވެރިކަން ޙަވާލުކުރުމަށެވެ.

ކަންދިމާވިގޮތުން އެ ހެނދުނުގައި ރަށްބޭރު ދޮރޯށިން ފުރަތަމަ ވަނީ ފޮތިމަތީ ފޮތިއަޅައިފައިވާ ލިބާހެއް ލައިގެން ހުރި، މުޅި ޢުމުރުގައި މީހުންދޭ އެތިކޮޅުން ކައިބޮއި އުޅޭ ދަރުވޭސީ އެކެވެ.

ރަސްކަމުގެ ތަނބުތަކާއި ބޮޑުން، ވަޞިއްޔަތް ފުރިހަމަކޮށް، ރަސްކަމާއި ޚަޒާނާގެ ވެރިކަން ދަރުވޭސީ އަށް ދީފިއެވެ. ދުވަސްކޮޅަކު ރަސްކަން ކުޅަތަނާ، ބައެއް އަމީރުން ކިޔަމަންވުމުން އެމީހުންގެ ކަރުތައް ރަސްކަމުން ދުރުކޮށްފިއެވެ. ވަށައިގެންވާ އެހެން ރަށްރަށުގެ ރަސްކަލުން، ހަނގުރާމައަށް ލަޝްކަރުތައް ތައްޔާރުކޮށް، ޢަދާވާތްތެރިވުމަށް ތެދުވެއްޖެ އެވެ. އެންމެ ފަހުން، އޭނާގެ ސިފައިންގެ ބައެއް މީހުންނާއި ރައްޔިތުން ބަޣާވާތްކޮށް، ޤައުމުން ބައެއް ފޭރިގެންފިއެވެ.

މިހެން ކަންހިނގަމުން ދިޔަތަނާ، ދަރުވޭސީއަކަށް ވެގެން ރަސްގެފާނު އުޅުނު ދުވަސްވަރުގެ ރަޙްމަތްތެރި ދަރުވޭސީއެއް، ދުރު ދަތުރަކުން ރަށަށް އެނބުރި އައިސް، މަތިވެރި މަޤާމެއްގައި ރަޙްމަތެރިޔާ ވާތީ ދެންނެވިއެވެ:

”މަތިވެރި މާތް ﷲ އަށް ޙަމްދު ހުއްޓެވެ. ތިބާގެ ފިނިފެންމާ، އޭގެ ކަށިން ނުކުމެ ފޮޅިއްޖެއެވެ. އަދި ތިބާގެ ކަށި، ފައިތިލައިން ނެގިއްޖެއެވެ. ތިމާގެ މަތިވެރި ނަޞީބު ތިބާއަށް އެހީ ވެދީފިއެވެ. އަދި ފާގަތިކަމާއި ތަނަވަސްކަން މި މަޤާމަށް ތިބާ އަށް މަގުދައްކައިފިއެވެ. ހަމަކަށަވަރުން ކޮންމެ ދަތިކަމަކަށް ފަހު ފަހިކަން ވެއެވެ.“

ބައެއް ފަހަރު މައު ފޮޅެއެވެ. ބައެއް ފަހަރު މައު މޯޅިވެއެވެ.
ބައެއް މޫސުމުގައި ގަސްތަކުން ފަތްތައް އޮހި އޮރިޔާން ވެއެވެ. ބައެއް މޫސުމުގައި ފަތްތަކުން ގަހުގައި ހެދުން ލެވެއެވެ.

ރަސްގެފާނު ޖަވާބުގައި ވިދާޅުވިއެވެ:

”މިތުރާއެވެ. އަހުރެންގެ ހިތާމައިގައި ބައިވެރިވާށެވެ. މިއީ ތަހުނިޔާގެ ވަގުތެއް ނޫނެވެ. އަހުރެންނަށް ތިބާ އެންމެ ފަހުން ފެނުނު އިރު، އަހުރެންގެ ކަނބޮޑުވުމަކަށް ވީ ކާނެ ރޮށްޓެއް ނެތުމެވެ. މިހާރު، ދުނިޔެ ފުރޭހާ ކަންބޮޑުވުމުން އަހުރެން ދީވާނާ ކޮށްފިއެވެ.“

އަހުރެންގެ އަތުގައި މުދައު ނެތުމުން ހިތާމަ ކުރަމެވެ.
މަދު މުދައު ކޮޅެއް ލިބުމުން އެއަށްޖެހޭ ލޯތްބަކުން އަހުރެން ގައިދު ވެއެވެ.
ދުނިޔޭގެ މުދަލަށް ވުރެ ބޮޑު މުސީބާތެއް ނުވެއެވެ.
އެ މިލްކުވެގެން ވުމާއި އެއަށް ބޭނުންވެގެން ވުމަކީ ބޮޑު ހިތާމައެކެވެ.
ބާރަށް ތިބާ އެދޭނަމަ، އެއްވެސް އެއްޗަކަށް ދަހިވެތި ނުވާށެވެ.
ހިތްހަމަޖެހުން ފިޔަވައެވެ. އެއީ ފުރިހަމަ އުފަލެކެވެ.
މުއްސަންޖަކު ތިބާގެ އުނގަށް ރަން އޮއްސާނަމަ،
ކުޑަ ވަގުތުކޮޅަކަށް ވެސް ތިބާ އޭނާއަށް ޝުކުރުވެރި ނުވާށެވެ.
އެއީ މޮޅު މީހުން ބުނާތީ އަހުރެންނަށް ގިނަ އިން އަޑު އިވިފައި ވެއެވެ.
ދަރުވޭސީއެއްގެ ކެތްތެރިކަން، މުއްސަންޖެއްގެ ހަދިޔާއަށް ވުރެ ފުރިހަމަ ވެގެން ވެއެވެ.

29

ރަސްރަސްކަލުންގެ ވެރި ޕާދުޝާހްގެ ދީވާންކަން (ފައިސާއާ ބެހޭ ވަޒީރުކަން) މީހެއްގެ ރައްޓެއްސަކަށް ލިބުމުން، ރަޙްމަތްތެރިޔާ އާ ބައްދަލުނުކުރަނީ ކީއްވެތޯ އެހެން މީހަކު ސުވާލު ކުރިއެވެ. ޖަވާބުގައި އޭނާ ބުންޏެވެ: ”އަހުރެން އޭނާ އާ ބައްދަލުކުރާކަށް ބޭނުމެއް ނޫނެވެ.“

ދީވާންގެ ޚާދިމަކަށް އުޅޭ އެ ތަނުގައި އެ ވަގުތު ހުރި މީހަކު ސުވާލު ކުރިއެވެ. ”އޭނާ އާ ބައްދަލު ނުކުރަން، ދީވާން ކުރީ ކޮން ކުށެއް ހެއްޔެވެ؟“

ޖަވާބުގައި ބުންޏެވެ: ”އެއްވެސް މައްސަލައެއް އޮތީކީ ނޫނެވެ. ރަޙްމަތްތެރިއަކަށް ދީވާންކަން ލިބުމުން، އޭނާ އެ މަޤާމުން ވަކިކުރުމުން ބައްދަލުކުރުން މާ ރަނގަޅެވެ.“

މަތިވެރިކަމާއި މަޤާމުގެ ޒިންމާތަކުގައި އުޅޭއިރު،
އަވަށްޓެރިން އެމީހުންނަށް އުނދަގޫ ކުރުމަށް އެމީހުން ނޭދެއެވެ.
މަޤާމު ގެއްލި ހިތާމަ ކުރިމަތިވުމުން

އެމީހުންގެ ހިތުގެ ހިތާމަ، ރަޙްމަތްތެރިންނަށް ހާމަކުރާނެއެވެ.

30

އަބޫ ހުރައިރާ (މާތް ﷲ އެކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ.) ކޮންމެ ދުވަހަކު އިތުރު އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވުމުގައި ވިއެވެ.

މާތް ﷲ ޞަލާވާތާއި ސަލާމް ލެއްވި އެކަލޭގެފާނުން ހަދީސް ކުރެއްވިކަމަށް ވަނީ އަޅުގަނޑުމެން ދެމެދުގައިވާ ލޯބި އިތުރުވިޔަ ދިނުމަށް ދެދުވަހުން އެއް ދުވަހު ޒިޔާރާތް ކުރެއްވުމަށެވެ.

އަޅުވެރިއަކަށް މީހަކު ބުންޏެވެ: ”އިރު އެހާ ފުރިހަމަ ކަމުގައި ވިއަސް،  މީހުން އެއީ ރައްޓެއްސެއް ކަމުގައި ބަލައި ނުވަތަ އެއަށް ލޯބި ޖެހިގެން އުޅުނު ވާހަކަ އަހުރެން އަޑެއް ނާހަމެވެ.“

އަދި އޭނާ ބުންޏެވެ: ”މިއީ އިރު ކޮންމެ ދުވަހަކު ފެންނާތީ އެވެ. ފިނި މޫސުން އައިސް އިރު ފޮރުވިފައިވުމުން އެއަށް އަހުރެމެން ލޯބިކުރަމެވެ.“

މީހުންނަށް ޒިޔާރަތް ކުރުމުގައި ގޯހެއް ނުވެއެވެ.
އެކަމަކު އެއީ އެމީހުން ”ފުދިއްޖެއޭ“ ބުނަން ނުޖެހޭ ވަރަށެވެ.
ތިބާގެ ކުށް އަމިއްލައަށް ހޯދާނަމަ،

އެހެން މީހުން ތިބާއަށް އެއްޗެތިގޮވާ އަޑެއް ނީވޭނެއެވެ.

31

މީހަކު ބަނޑުގައި ވަރަށް ބޮޑަށް ވައި ހެދި، ހިފެހެއްޓޭނޭ ބާރެއް ނެތިގެން ބޭއިޚްތިޔާރުގައި ވައި ބޭރުކޮށްލައިފި އެވެ. އޭނާ ބުންޏެވެ:

”ރަޙްމަތްތެރިންނޭވެ! އަހުރެން ކުރިކަމަށް އަހުރެންގެ އެއްވެސް އިޚްތިޔާރެއް ނެތެވެ. މިކަމުގެ ކުށް އަހުރެންނަށް ރައްދު ނުކުރުން އެދެމެވެ. މިކަމުގެ ސަބަބުން އެތެރެހަށި ޞުލްޙަ ވެއްޖެއެވެ. އޯގާތެރިކަމާ އެކު އަހުރެންނަށް މަޢާފު ކުރާށެވެ.“

ބުއްދިވެރިޔާ އެވެ. ބަނޑަކީ ވައިގެ ޖަލެކެވެ.
ބުއްދިވެރިއަކު ވަޔެއް ބަނޑުގައި ގައިދެއް ނުކުރާނެއެވެ.
ވައިގެ ސަބަބުން ބަނޑު ބަޅުވާނަމަ، އެ ދޫކޮށްލާށެވެ.

އެއީ ބަނޑުގައި ވައި ހުރުމަކީ ހިތަށް ލިބޭ ބުރައެކެވެ.

32

 ދިމިޝްޤުގެ ރައްޓެހީންގެ މަތިން ފޫހިވެގެން، އަހުރެން ޤުދުސްގެ ކައިރީގައިވާ ސަހަރާތެރެއަށް ގޮސް، ޖަނަވާރުތަކާ އެކު އެއް ދުވަސްވަރަކު އުޅުނީމެވެ. މިހެން އުޅުމުގެ ތެރޭގައި އަހުރެން ފަރަންޖީންގެ އަތް ދަށުގައި ޤައިދުވެއްޖެއެވެ. ޓަރަޕޮލިސް ވަށައިގެން ކަންޒެއް ކޮނުމަށް އުޅުނު ކާފަރުންގެ ބައިގަނޑެއްގެ ތެރޭގައި އަހުރެން ލައްވާ މަސައްކަތް ކުރުވަން އުޅެނިކޮށް، ކުރިން ރައްޓެހި ޙަލަބުގެ ވެރިއަކަށް އަހުރެން ފާހަގަ ކުރެވިގެން އޭނާ ސުވާލު ކުރިއެވެ: ”ތިބާ މިވަނީ ކޮންފަދަ ޙާލަތެއްގައި ހެއްޔެވެ؟“

އަހުރެން ޖަވާބުގައި ބުނީމެވެ:

”މީހުންގެ ފަރާތުން ވަކިވެ އަހުރެން ފަރުބަދަ ތަކާއި ސަހަރާއަށް ދިޔައީމެވެ.
ﷲ ފިޔަވައި އެހެން ފަރާތެއްގެ ޚިދުމަތުގައި ނޫޅެން ވެގެންނެވެ.
އަހުރެންގެ މިހާރުގެ ހާލަތާ މެދު ވިސްނާލަ ބަލާށެވެ.
ޖަނަވާރުންތަކެއްގެ ކޮށްޓެއްގައި އަހުރެންވަނީ ގައިދު ވެފައެވެ.
ރައްޓެހީންގެ ފަޔާ ހިލިހިލާއިން ބެދެވުން

ބީރައްޓެހީންނާ އެކު މާބަގީޗާއެއްގައި ވުމަށް ވުރެ ރަނގަޅެވެ.“

އަހުރެންގެ ޙާލަތާ މެދު އޭނާ ސަހަރޯވެރިވެ، ފަރަންޖީންގެ އަތުން 10 ދީނާރަށް ގަނެގެން ގެންގޮސް، ހަލަބުގައިވި އޭނާގެ އަންހެން ދަރިއަކާ 100 ދީނާރުގެ ރަނަށް އަހުރެން ކައިވެނި ކުރުވައިފިއެވެ. ދުވަސްކޮޅެއް ވީ ފަހުން، އެ އަންހެންމީހާ ވީ، ޒުވާބު ކުރާ، އަނގަހުތުރު، ކިޔަމަންނުވާ، އަހުރެންގެ ޙަޔާތް ހިތިކުރާ އަނތްބަކަށެވެ.

ރަނގަޅު މީހެއްގެ ގޭގައި ނުބައި އަނތްބެއް ވުމަކީ
މިދުނިޔެ މަތީގައި ނަރަކައިގައިވުމެވެ.
ނުބައި ބައިވެރިއެއް ލިބިއްޖެ ނަމަ ހިތާމަ ހުއްޓެވެ.

މާތް ﷲ އެވެ. އަޅަމެން އަލިފާނުގެ އަޒާބުން ރައްކާތެރި ކުރައްވާށިއެވެ.

އެއް ފަހަރަކު އެ ކަބުލޭގެ ޒުވާބުގެ ދޫ ދިގުކޮށް ބުންޏެވެ: ”ތިބާއީ އަހުރެންގެ ބައްޕަ، ފަރަންޖީންގެ އަތުން 10 ދީނާރަށް ގަތް އަޅެއް ނޫން ހެއްޔެވެ؟“ އަހުރެން އެކަބުލޭގެއަށް ޖަވާބު ދިނީމެވެ: ”އާއެކެވެ. އޭނާ އަހުރެން ގަތީ 10 ދީނާރަށެވެ. އަދި ތިބާގެ މުށުތެރެއަށް 100 ދީނާރަށް އަހުރެން ވިއްކައިލީއެވެ.“

އަހުރެން އަޑު އެހީމެވެ. މޮޅު މީހަކު ގެންގުޅުނު ކަންބަޅިއެއް،
ޒިއުބެއްގެ ދަތްދޮޅިންނާއި ބާރުން ސަލާމަތް ކުރުމަށް ފަހު،
ހަވީރުވުމުން، އޭގެ ކަރުގައި ޚަންޖަރު ހިންގާލުމުން
ކަންބަޅީގެ ރޫޙް މިގޮތަށް ޝަކުވާ ކުރިއެވެ:
ޒިއުބެއްގެ ވަކިތަކުން ތިބާ އަހުރެން ދަމައިގަތެވެ.

އެކަމަކު އަހުރެންނަށް މިހާރު ފެންނަނީ ތިބާއީ ޒިއުބެއް ކަމުގައެވެ.

33

އެކަހެރިކޮށް އުޅޭ އަޅުވެރިއެއްގެ ކައިރީގައި، ރަސްރަސްކަލުންގެ ވެރި ޝަހެންޝާހެއް ސުވާލު ކުރިއެވެ: ”އަގުހުރި ވަގުތު ކަލާ ހޭދަކުރަނީ ކިހިނެއް ހެއްޔެވެ؟“

އޭނާ ޖަވާބު ދިނެވެ: ”މުޅި ރޭގަނޑު އަހުރެން ހޭދަކުރަނީ އަޅުކަމުގައެވެ. ހެނދުނުގެ ވަގުތުތައް ދުޢާކުރުމުގައެވެ. އަދި ބާކީ ވަގުތު، ޚަރަދު ކުޑަކުރުމުގައެވެ.“

ދެން ޝަހެންޝާހް، މިމީހާގެ އާއިލާގެ ޚަރަދުތައް ހަމަޖެއްސުމުގެ ފިކުރުން އެކަހެރިކުރުވުމަށް، އެހީއެއްގެ ގޮތުގައި އެކަށީގެންވާ ފައިސާކޮޅެއް ދިނުމަށް އަމުރު ކުރެއްވިއެވެ.

އާއިލާއެއްގެ ބުރައިން ބަދެވިފައިވާ މީހާ އެވެ.
މިނިވަންކަމާ މެދު ނުވިސްނާށެވެ.
ހެދުމާއި ކާނާއާއި ދަރިންގެ ފިކުރުން
އިލާހީ ޕާދުޝާހަތުން ތިބާ ދުރުކުރެއެވެ.
ރޭގަނޑު ވަންދެން ޒިކުރުކުރުމުގައި ވުމަށް
ކޮންމެ ދުވަހަކު އަހުރެން ޢަޒުމް އައު ކުރަމެވެ.
ރޭގަނޑުގެ އަޅުކަމުގެ ގޮށް ޖަހަމުން ދާއިރު،

މާދަމާ ދަރިން ކާނެ އެއްޗަކާ މެދު ފިކުރު ކުރެވެއެވެ.

34

އަޅުވެރިއެއް ކަމަށް ބުނާ ޢާބިދު މީހަކު، ސީރިޔާގެ ސަހަރާގެ ތެރޭގައި، އޭނާގެ އަޅުކަމާއިގެން އުޅެތެވެ. ކާނާއަކަށް ވެފައިވަނީ ސަހަރާގައި ހެދޭ ގަސްތަކުގެ ފަތެވެ. ސަހަރާއިން ޙައްޖަށް ދިޔަ ރަސްކަލަކަށް މީނާ ފެނިވަޑައިގެން ވިދާޅުވިއެވެ: ”ތިބާ އެއީ ރަނގަޅު ކަމެއް ކަމަށް ދެކޭނަމަ، ސަހަރުގެ ތެރޭގައި ތިބާއަށް އަޅުކަމުގައި އުޅެވޭނޭ ތަނެއް ހަދައިދީފާނަމެވެ. އެއިރުން، ތިބާގެ ފަރާތުން ރޫޙާނީ އިރުޝާދު ސަހަރުގެ މީހުންނަށް ލިބި، އެމީހުން ތިބާގެ ރަނގަޅުގޮތްތައް ކޮޕީކޮށްފާނެެވެ.“ މި މީހާ، ރަސްގެފާނުގެ ދަޢުވަތަށް  އިންކާރު ކުރުމުން، ވެރިކަމުގެ ތަނބުތައް ވިދާޅުވީ ރަސްގެފާނުގެ ހިތްހަމަޖެހިވަޑައިގަތުމަށް، ދުވަސްކޮޅެއް ވަންދެން ސަހަރުގައި މަޑުކޮށްލުމަށެވެ. ސަހަރުގެ ޙާލަތު ދެނެގަނެ، އޭނާގެ ވަގުތުގެ ސާފުކަން ބީރައްޓެހިންނާ ގުޅުމުން ކިލަނބުވެދާނެ ކަމަށް ފެނިއްޖެނަމަ، އިންކާރު ކުރުމުގެ ފުރުޞަތު އޮންނާނޭ ކަމަށެވެ.

މި މީހާއަށް ރަސްގެފާނު ހަމަޖެއްސެވީ، ބަގީޗާެއެއްގެ ތެރޭގައިވާ ގެއެކެވެ. އެއީ މޭ ހެޔޮކުރާ، ރޫޙު ތާޒާކުރާ ހިސާބެއްގައިވާ ގެއެކެވެ.

އެތަނުގެ ފިނިފެންމާތައް ޅަ އަންހެންކުދިންގެ ކޯތާފަތް ފަދައެވެ.
އެތަނުގެ ހަޔަސިންތުތައް، މަޢުޝޫޤާ އިންގެ ބުޅި އިސްތަށިގަޑު ފަދައެވެ.
ފިނިމޫސުމުގެ މެދު ދުވަސްވަރުގެ ހިިކިކަމުން ރައްކައުތެރި ކުރެވިފައި ވެއެވެ.

ކިރުކަމަނާއިންގެ ގާތުން އަދި ކިރުނުބޯ ޅަކުދިން ފަދަައެވެ.

އަންނާރު ގަހުގެ ގޮފިތަކުގައި އަންނާރުތައް އަޅައިފައިވާ ގޮތުން،

ފެހި ގަސްތަކުގެ އޮފިތަކުގައި ހުޅުރޯވެފައިވާ ކަހަލައެވެ.

ރަސްގެފާނު އޭނާއަށް ޚިދުމަތް ކުރުމަށް ވަރަށް އަވަހަށް ރީތި އަންހެން އަޅަކު ފޮނުއްވައިފިއެވެ.

ޢާބިދު މޮޔަކުރާ ހުޅެވިހަނދު ފެނިފައި
މަލާއިކަތެއްގެ ސިފައިގައި، ސާމަރާ ދޫންޏެއްގެ ރީތިކަމުގައި
ޢާބިދެއްގެ ޠަބީޢަތާ އެއްގޮތަށް ކެތްތެރިވުމީ

އެކަބުލޭގެ ފެނުމުން މުސްތަޚީލު ކަމެކެވެ.

އެކަބުލޭގެއަށް ފަހު ރަސްގެފާނު ފޮނުއްވީ އާސޯޚު ވާފަދަ ފުރިހަމަކަމަކާއި މާތް މަޑުމައިތިރިކަމެއް ހުރި ފިރިހެން ކުއްޖެކެވެ.

އޭނާގެ ވަށައިގެންވާ މީހުން ކަރުހިއްކައިގަނެގެން މަރުވަނީ އެވެ.

އެކަމަކު، ތަށި ހިފައިގެން ހުރި މީހާ ފެނެއް ނުދެއެވެ.

ފުރާތު ކޯރުގެ އައްސޭރީގައިވާ ދުޅަވެފައިވާ މީހެއް ފަދައިން

އޭނާ ފެނުމަކުން ހިތްހަމައެއް ނުޖެހޭނެއެވެ.

ޢާބިދު މީރު ކާނާއާއި ޒީނަތް ތެރި ހެދުންލައި، މޭވާތަކާއި ހުވަދުލެވިފައިވާ ގަނާދީ އިން އުފާހޯދައި، އަޅު ފިރިހެންކުއްޖާ އާއި އަންހެންކުއްޖާގެ ރީތި ކަމާ މެދު ވިސްނަން ފެށިއެވެ. ބުއްދިވެރިން މިހެން ބުނެފައިވާ ފަދައިންނެވެ. ”އަންހެން ކުދިންގެ އިސްތަށިގަނޑުގައިވާ ބުޅިތަކަކީ، ބުއްދިވެރިންގެ ފައި ހައްޔަރު ކުރެވޭ ކަސްތަޅުތަކަކާއި ޙިކްމަތްތެރި ދޫނިތަކުގެ ކޮށްޓެކެެވެ.“

ތިބާގެ ޚިދުމަތުގައި އަހުރެންގެ ހިތާއި ދީނާއި ހުރިހާ ކިޔެވުމެއް ގެއްލިއްޖެއެވެ.

އަހުރެންނީ ޙިކްމަތްތެރި ދޫންޏެވެ. ތިބާއީ މަޅިފައްޗެވެ.

ކުރުގޮތަކަށް ބުނާނަމަ، ކުރީ ދުވަސްވަރުގެ ހިތްހަމަޖެހުން ނިމުމަކަށް އައިސް ފިއެވެ. އެއީ މިހެން ބުނާ ފަދައިންނެވެ.

ކޮންމެ ފަޤީހެއް، ޕީރެއް މުރީދެއް
އަދި ބުއްދި ސާފު ވާއިޒެއް
ޝަހުވަތުގެ ދުނިޔެއަށް ވެއްޓުމުން

މާމުއިގައި ތާށިވަނީ މެހިފަދައިންނެވެ.

އެއް ފަހަރަކު ރަސްގެފާނު އޭނާއަށް ޒިޔާރަތް ކުރުމަށް ނިންމައި ވަޑައިގެންނެވި އިރު، ޢާބިދު އޭނާގެ ކުރީގެ ހާލަތުން ބަދަލުވެފައިވާ ކަން ފާހަގަ ކުރެއްވުނެވެ. އޭނާ ވަނީ ހަން ރަތްވެ، ބޯ ހުދުވެ، ފަލަވެފައެވެ. ރަސްގެފާނު ގެޔަށް ވެދެވަޑައިގެންނެވިއިރު، ފެނިވަޑައިގަތީ އާބިދު ސަރަންފީ އެއްގައި ރަން ކަސަބު އަޅައިފައިވާ ހެދުމެއް ލައިގެން އޮއްވައެވެ. އެއް ފަރާތުގައި ފިރިހެން ކުއްޖެއް، އަނެއް ފަރާތުގައި އަންހެން ކުއްޖެއް ސާމަރާ ދޫނީގެ ފަންކާއަކުން ވިހޭން ތިއްބެވެ. އެހާ ހިތްހަމަޖެހިގެން ޢާބިދު ވާތީ ރަސްގެފާނު އުފާފުޅުވާ ވާހަކަ ވިދާޅުވެ، އެކިއެކި މައުޟޫޢުތަކާ މެދު ވާހަކަފުޅު ދެއްކެވިއެވެ. އަދި ޒިޔާރަތް ނިންމާލައްވަމުން ވިދާޅުވިއެވެ: ”ޝޭޚުންނާއި ދަރުވޭސީންގެ ދެ ޖަމާޢަތާ  މެދު އަހުރެން އަބަދުވެސް ބިރު ގަނެއެވެ.“
ރަސްގެފާނާއި އެކު ވަޑައިގެން ވަޒީރަކީ ފަލްސަފާ ވެރި، ދުނިޔޭގެ ހަމަތަކާ މެދު ތަޖުރިބާ ލިބިފައިވާ މީހެކެވެ. އޭނާ ދެންނެވިއެވެ: ”ރަސްގެފާނެވެ. ރަޙްމަތްތެރިކަމުގެ ޝަރުޠުތައް، މި ދެޖަމާޢަތާ މެދު ރަނގަޅަށް ކަންތައްތައް ކުރުމަށް ލާޒިމު ކުރެއެވެ. އެބައިމީހުން އިތުރަށް ކިޔުމަށް، ޝޭޚުންނަށް ރަން ދޭށެވެ. ނަމަވެސް، ޢާބިދުން، އެމީހުންގެ ގޮތުގައި ތިބުމަށް އެއްވެސް އެއްޗެއް ނުދޭށެވެ.“

އެކަހެރި އަޅުވެރިއަކު ދިރުހަމެއް ދީނާރެއް ބޭނުމެއް ނުވާނެއެވެ.

އެފަދަ މީހަކު މިތަކެތި ޤަބޫލުކޮށްފި ނަމަ، އެހެން އަޅުވެރިއަކު ހޯދާށެވެ.

ވަގުފު ރޮށްޓާއި ސަލާން ޖަހައިގެން ހޯދާ ކާތަކެތި ނެތަސް،

ރަނގަޅު ޚުލްޤެއް ހުރި، ސިއްރިޔާތުގައި އަޅުވެރި މީހަކީ ސޫފީ އެކެވެ.

ފީރޯޒު ޖެހި އަނގޮޓިއާއި ހާރު ނެތަސް
ހިތް ފަޅާލާ ކަންފަތު ފޫޅާއި ހިތްގައިމު ވަނާތަކެއް ހުރި ނަމަ،

އަންހެން ކުއްޖަކީ ރާނީ އެކެވެ.

ރަނގަޅު އުޅުމަކާއި އުފާވެރި ޝަޚްޞިއްޔަތެއް ލިބިފައިވާ ދަރުވޭސީއަކު

ރިބަތުގެ ޕާނާއި ސަލާންޖަހައިގެން ހޯދާ ތަކެތި ބޭނުމެއް ނުވާނެއެވެ.

ރީތި ވަނާތަކަކާއި މަޢުޞޫމް މޫނެއް ލިބިފައިވާ އަންހެނެއް

ފީރޯޒު އަނގޮޓީއާއި، ގަހަނާތަކާއި މޭކަޕެއް ބޭނުމެއް ނުވާނެއެވެ.

އަހުރެންގެ އަތުގައި ހުރެ އަދި އިތުރަށް އެދޭނަމަ،

ދަރުވޭސީއެކޭ އަހަރެންނަށް ކިޔުން ހެޔޮވެގެން ނުވެއެވެ.

35

މަތީގައިވާ ވާހަކައިގާ ޚިޔާލު ހިމެނޭ އެހެން ވާހަކައެކެވެ. ރަސްކަލަކަށް އެއްފަހަރު ބޮޑު ކަމެއްދިމާވުމުން، ނަދުރެއް ވިދާޅުވެއްޖެއެވެ. އެއީ އެދިވަޑައިގަންނަވާ ގޮތަށް ކަންތައްތައް ނިމިއްޖެނަމަ، ކޮންމެވެސް މިންވަރެއްގެ ފައިސާއެއް އަޅުކަމުގައި އުޅޭ މީހުންނަށް ދެއްވުމަށެވެ. ރަސްގެފާނު އެދިވަޑައިގެންނެވިގޮތަށް ކަންތައްތައް ވުމުން، ނަދުރު ފުއްދަން ޖެހިވަޑައިގެންފިއެވެ. އެހެންކަމުން، ދިރުހަމްތަކެއް އަޅައިފައިވާ ކީސާއެއް އިތުބާރު ކުރެވޭ ޚާދިމަކަށް ދެއްވައި ދަރުވޭސީންނަށް ބަހަން ފޮނުއްވައިފިއެވެ.

ބުނެވޭގޮތުގައި އެ ޚާދިމަކީ ޙިކްމަތްތެރި ބުއްދިވެރި މީހެކެވެ. ރޭނގަޑުވުމުން، ގަނޑުވަރަށް އެނބުރި އައިސް، ދިރުހަމްތަކުގައި ބޮސް ދެއްވައި، ރަސްގެފާނުގެ ކުރިފުޅުމަތީ ބަހައްޓަވައިފައި ދެންނެވީ ދަރުވޭސީ އަކު ނުފެނުނު ކަމަށެވެ. ރަސްގެފާނު ޖަވާބު ދެއްވިއެވެ: ”ތިއީ ކޮން ހަމަ ނުޖެހޭ ވާހަކައެއް ހެއްޔެވެ؟ މި ސަހަރުގައި މަދުވެގެން 400 ދަރުވޭސީން އުޅެއެވެ.“

ޚާދިމު ޖަވާބުގައި ދެންނެވިއެވެ: ”ދުނިޔޭގެ ވެރި ރަސްގެފާނެވެ. ދަރުވޭސީންނެއް ފައިސާއެއްގައެއް ނުހިފިއެވެ. ފައިސާގައި ހިފަން ބުނި މީހުންނަކީ ދަރުވޭސީންނެއް ނޫނެވެ.“

ރަސްގެފާނު ހިނިފުޅުވަޑުވާފައި ދަރުބާރަށް އެންގެވިއެވެ: ”ﷲ އަށް އަޅުކަން ކުރާ އެ ޖަމާޢަތުގެ މީހުންނަށް އަހަރެން  ހެޔޮކޮށް ކަންތައް ކުރަން ބޭނުން ވިއަސް، މި ލުއްޗާ އެމީހުންނާ ދޭތެރޭ ހަސަދަވެރި ވެއެވެ. އެކަމަކު ޙަޤީޤަތް ވަނީ އޭނާ ބުނި ބަހުގައެވެ.“

ދިރުހަމާއި ދީނާރުގައި ދަރުވޭސީއަކު ހިފައިފިނަމަ،

އޭނާއަށް ވުރެ އަޅުވެރި ދަރުވޭސީއަކު ހޯދާށެވެ.