ވާހަކަ 21

މީހުންނަށް އަނިޔާދޭ ސިފައިންގެ މީހެއް، ދީންވެރިއެއްގެ ބޮލުގައި އަކިރި ގަނޑަކުން ޖަހައިފިއެވެ. ދަރުވޭސީއަށް ބަދަލުހިފޭނޭ ގޮތެއް އެ ވަގުތު ނެތަތީވެ، އަކިރިގަނޑު ފޮރުވައިފިއެވެ. ތަންކޮޅެއް ފަހުން، އެމީހާ ދެކެ ރަސްގެފާނު ކޯފާވެ ވަޑައިގެން ވަޅެއްގައި ހައްޔަރު ކުރައްވައިފިއެވެ.  ދެން ދަރުވޭސީ ވަޅުކައިރިއަށް ގޮސް ސިފައިންގެ މީހާގެ ބޮލަށް އަކިރިގަނޑު ވައްޓާލައިފިއެވެ. ވަޅުތެރެއިން ސިފައިންގެ މީހާ ގޮވާލިއެވެ.

”ތިއީ ކާކު ހެއްޔެވެ؟ އަދި މި ގައު ބުރިން އަހުރެންގެ ބޮލުގައި ޖެހީ ކީއްވެ ހެއްޔެވެ؟“

ޖަވާބު ގައި އެވެނި ދުވަހަކު ގައުގަނޑެއް އެއްލައި ދަރުވޭސީގެ ބޯ ފަޅާލި މީހާކަމަށް ބުންޏެވެ. ސިފައިންގެ މީހާ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”މިއޮއްހާ ދުވަހު ތިބާ ކޮބާ ހެއްޔެވެ؟“

ދަރުވޭސީ ބުންޏެވެ. ”ތިބާގެ ޤަދަރަށް ބިރުން އަހުރެން ހުރީއެވެ. ނަމަވެސް ވަޅުގައި އޮއްވާ ފެނުމުން ފުރުޞަތުގެ ބޭނުން ކުރީއެވެ.“

މަޤާމަށް އެކަށީގެން ނުވާ މީހަކު، ހެޔޮ ނަޞީބުގައި ވަނިކޮށް ތިބާއަށް ފެނިއްޖެ ނަމަ، ބުއްދިވެރިން ޚިޔާރު ކުރަނީ ޠާއަތާއި ބޯލެބުމެވެ.
ތިބާގެ ނިޔަފައްޗަކީ ތަކެތި ފަޅާލެވޭ ވަރުގެ މޮހޮރަށް ނުވަނީނަމަ،
އަނިޔާވެރިންނާ އަރާރުން ނުވުން މޮޅެވެ.
އެކަތަ މުލައްދަޑި ހުރި މީހެއްގެ ގައިގައި އަތުން ހިފާ މީހާއަށް،
އޭނާގެ ބާރުނެތް ކުޑަހުޅަށް އަނިޔާވުން ނޫން އެހެން ކަމެއް ނުވާނެއެވެ.
ބަދަލުވަމުންދާ ނަޞީބު އޭނާގެ އަތް ބަންނަންދެން މަޑުކުރާށެވެ.
ދެން ތިބާގެ ރައްޓެހިންގެ ހިތްހަމަ ޖެހުމަށް އޭނާގެސިކުނޑީގައި ކޮށާށެވެ.

ވާހަކަ 22

އާދަކާދައިގެ ގޮތުން ނަން ނުގަންނަ ޒާތުގެ ނުރައްކާތެރި ބައްޔެއް ރަސްކަލަކަށް ޖެހިއްޖެއެވެ. ޔޫނާނީ ޤަބީލާގެ މީހުންނާ މަޝްވަރާކުރުމުން އެމީހުންގެ ބަހަކަށްވީ މި ބަލި ރަނގަޅުވާނީ، ވަކި ވައްތަރެއްގެ ސިފަތަކެއް ހުންނަ މީހެއްގެ މެއިން އުފައްދާ ރީނދޫ ކުލައިގެ ލޭގެ ބާވަތެއް އެޅުމުން ކަމަށެވެ. މިފަދަ މީހަކު ފެނޭތޯ ރަސްގެފާނުގެ އަމުރުފުޅު ނެރުއްވުމުން، ރަށުގެ އެންމެންހެން ބަލައި، ޔޫނާނީ ޙަކީމުން ބުނާ ޒާތުގެ ލޭ ހުންނަ މީހަކަށް ފެނުނީ ޒަމީންދާރެއްގެ ⌈ބިންވެރިއެއްގެ⌋ ފިރިހެން ދަރިއެކެވެ. މިކުއްޖާގެ މަންމަ އާއި ބައްޕަ ހާޒިރުކޮށް، އަގުނުކުރެވޭ ފަދަ މުދާ ދިނުމުން، އެކުއްޖާގެ ކިބައިން އެ ލޭ ނެގުމަށް މައިންބަފައިން  އެއްބަސް ވެއްޖެއެވެ. ރަސްގެފާނުގެ ފުރާނަފުޅު ރައްކާތެރިކުރުމައްޓަކައި،އެކުއްޖާ މަރާލުން ހުއްދަކަމަށް ގާޒީ ފަތުވާއެއް ނެރެފިއެވެ. އަދި ޖައްލާދު ކުއްޖާ މަރާލުމަށް ތައްޔާރު ވެއްޖެއެވެ. މިކުއްޖާ އުޑާ ދިމާއަށް ހިނިތުންވުމާ އެކު ބަލާލި އެވެ.

”ކަލޭ ތިޔަ ހާލަތުގައި ހިނިއަންނަން މިއީ ކޮން ވަގުތެއް ހެއްޔެވެ؟“ ރަސްގެފާނު ސުވާލު ކުރެއްވިއެވެ.

ޒުވާނާ ޖަވާބު ދިނެވެ. ”ދަރިއަކު އޭނާގެ މައްސަލަ ގާޒީއަށް ހުށަހަޅަން ބަލަނީ މައިންބަފައިންގެ ލޯތްބަށެވެ. އަދި އިންސާފު ޤާއިމު ކުރުމަށް އެދެނީ ޕާދުޝާހް ގެ އަރިހުންނެވެ. ނަމަވެސް، މިހާލަތުގައި، ބައްޕަ އާއި މަންމަ، މިދުނިޔޭގެ ކުނިބުންޏަށް އަހުރެންގެ ލޭ ވިއްކާލައިފި އެވެ. ގާޒީ އަހުރެން މަރާލުމަށް ހުކުމް ކުރައްވައިފި އެވެ. ރަސްގެފާނަށް ޝިފާއެއް ލިބޭނީ އަހުރެންގެ ހަލާކުން ކަމަށް ރަސްގެފާނު ނިންމަވައިފި އެވެ. މި ހާލަތުގައި މަތިވެރި ﷲ ގެ ކިބައިން ނޫނީ އަހުރެންނަށް ސަލާމަތެއް ނުވެއެވެ.“

”ތިބާގެ ކިބައިން އަދާލަތަށް އެދި

ތިބާގެ ފަރާތުން ލިބޭ އަނިޔާއާ ދޭތެރޭ

ޝަކުވާ ކުރާނީ އަހުރެން ފަހެ ކާކު ކައިރީގައި ހެއްޔެވެ؟“

މިވާހަކަތައް އަޑުއިވިވަޑައިގަތުމުން، ރަސްގެފާނު ކީރިތި ކުރައްވައި، ކަންބޮޑުފުޅުވެވަޑައިގެން ވިދާޅުވިއެވެ. ”މަޢުޞޫމް ލޭ އޮހޮރުމަށް ވުރެ އަހުރެން މަރުވުން މާ ހެޔޮވެގެން ވެއެވެ.“

ރަސްގެފާނު ޒުވާނާގެ ދެލޮލު ދެމެދުގައި ބޮސްދެއްވައި ހައްދެއް ނެތް މުދާ ދެއްވައިފިއެވެ. ބުނެވޭ ގޮތުގައި އެ ހަފުތާގައި ރަސްގެފާނަށް ޖެހިވަޑައިގެންފައިވާ ބަލިން ޝިފާ ލިބިވަޑައިގެންފި އެވެ.

ނީލަ ކޯރުގެ އައްސޭރީގައި އެއްގޮވި ކިޔާ ޅެން އަހުރެން ހަނދާން އެބަހުއްޓެވެ.

”އެތުގެ ފައިދަށުގައިވާ ހިނީގެ ޙާލަތު ތިބާއަށް އެނގޭނަމަ އެވެ.

އެތެއްގެ ފައިގެ ދަށުގައިވާ ހިނީގެ ޙާލަތް،

އެއީ ތިބާގެވެސް ޙާލަތެވެ.“

ވާހަކަ 23

އުމްރުލައިސްގެ އަޅުންގެ ތެރެއިން މީހަކު ފިލުމުން، ފިލިމީހާގެ ފަހަތުން އަސްވާރުން ފޮނުވައި އޭނާ ހާޒިރު ކުރެވިއްޖެ އެވެ. މީނާއާ ދޭތެރޭ ޒާތީ އަދާވާތްތެރިކަމެއް އޮތް ވަޒީރު، އެހެން އަޅުންނަށް ފިލާވަޅަކަށް އޭނާ ޤަތުލު ކުރުމަށް ހުށަހަޅުއްވައިފި އެވެ. އުމްރުލައިސްގެ ތަޚުތު ކުރިމަތީ ބިމުގައި، އަޅުކަލޭގެ އޭނާގެ ބޯ ޖައްސައި ދެންނެވިއެވެ:

”ތިބާގެ ހުއްދަ އާއެކު އަހުރެންގެ ބޮލަށް ކޮންމެ ކަމެއް ކުރެއްވުން ހެޔޮވެގެން ވެއެވެ. އަޅު ކަލޭގެ ދަންނަވާނީ ކޮން އާދޭހެއް ހެއްޔެވެ؟ ޙުކުމް ކުރައްވަނީ ސާހިބާ އެވެ.  އެކަމަކު މި ރަސްކަމުން ލިބޭ ރިޒުގުން އުމުރު މިހާ ހިސާބަށް ގޮސްފައި ވާތީ، ގިޔާމަތް ދުވަހު، މި ޤަތުލުގެ ސަބަބުން މަސާހިބަށް އަޒާބު ލިބޭކަން މިއަޅާ ނޭދެމެވެ. މާތް ސާހިބާ މިއަޅާ ޤަތުލު ކުރައްވަން ބޭނުންފުޅުނަމަ، ޝަރީޢަތާ އެއްގޮތަށް އެކަން ކުރައްވާށެވެ.“

ރަދުން ސުވާލު ކުރެއްވިއެވެ: ”ތިބަސް، އަހުރެން ތަފްސީރު ކުރަންވީ ކިހިނަކުން ހެއްޔެވެ؟“

އަޅުކަލޭގެ ޖަވާބު ދިނެވެ. ”އަހަރެން މިހިރަ ވަޒީރު މަރާލިޔަ ދެއްވާށެވެ. އޭރުން ވަޒީރުގެ މަރުގެ ދިޔައެއްގެ ގޮތުގައި، އަދުލުވެރިކަމާއެކު މަސާހިބަށް އަހުރެން ޤަތުލު ކުރެއްވިދާނެ އެވެ.“

ރަދުން ހިނިފުޅުވަޑުވައި ވަޒީރުގެ ޚިޔާލުފުޅަކަށް ދަންނަވައިފި އެވެ.

ވަޒީރު ވިދާޅުވިއެވެ. ”މާތް ސާހިބާއެވެ. މަނިކުފާނުގެ ބައްޕާފުޅުގެ ޒިޔާރަތްފުޅަށް ކުރާ ހެޔޮކަމެއްގެ ގޮތުގައި މި ހަރާން ބަކަށި މިނިވަންކޮށް ދޫކޮށްލައްވާށެވެ. އެހެން ނޫނީ އޭނާގެ އުނދަގުލުން އަޅުގަނޑު ވެސް ސަލާމަތް ވުމެއް ނެތެވެ. ޙިކުމަތްތެރިންގެ މި ބުނާ ބަސްތައް އަޑުނޭހިކަން އެއީ އަޅުގަނޑުގެ ކުށެވެ:

”ކިސަޑު ތިމާއާ ދިމާލަށް އުކާމީހަކާ ހަނގުރާމަ ކުރުމުން،
ނޭގި ހުއްޓައި ފަޅައިގެންދާނީ ތިމާގެ ބޮލެވެ.
އަދާވާތްތެރިއާގެ މޫނަށް ތިބާ ދުނި އުކާއިރު،
ހަށިރައްކާތެރިވެ ހުންނާށެވެ.
އެއީ ތިބާވާނީ އޭނާގެ އަމާޒުފަތްގަނޑަށެވެ.“

ވާހަކަ 24

ޒޫޒާން ރަސްގެފާނުގެ ޚުލްޤު ރަނގަޅު ޚާޖާ އަކު އޭނާގެ އެކުވެރިންނާ ދޭތެރޭ އެމީހުން ތިބި ތަންތާނގައި ރަނގަޅަށް ކަންތައްތައް ކުރެއެވެ. ނެތް ތަންތަނުގައި އެމީހުންގެ ރަނގަޅު ވާހަކަ ދައްކައެވެ. މިހެން ކަންތައްތައް ވަނިކޮށް އޭނާ ކުރި ކުށެއްގެ ސަބަބުން ރަސްގެފާނު އޭނާ ޖުރިމާނާ ކޮށް އަދަބު ދެއްވައިފި އެވެ. ރަސްގެފާނުގެ ކޯފާ އޭނާއަށް އަމާޒު ވެއްޖެއެވެ.

ދަރުބާރުގެ ބޮޑުން، މީނާގެ ކުރީގެ އުޅުމާއި ޢަމަލުތަކުގެ ސަބަބުން އޭނާއަށް ޝުކުރުން ދަރަނިވެރިވެފައި ވާތީ، ބަންދުގައި ހުންނަ ދުވަސްވަރު އޭނާއާ ދޭތެރޭ އޯގާތެރިކޮށް ކަންތައްތައް ކުރަތެވެ. އަދި އެއްވެސް މީހަކު، އޭނާއަށް ގޯނާ ކުރިއަކަ ނުދެތެވެ.

އަދާވާތްތެރިއެއްގެ ފަރާތުން ޞުލްޙައަށް ތިބާ އެދޭނަމަ،
އޭނާ، ތިބާގެ ކުށް ވަންހަނާގައި ހާމަކުރާ ކޮންމެ ފަހަރަކު،
ތިބާ، އޭނާއަށް ހާމައިގައި އިސްތިހްސާންގެ ބަސްތައް އިއްވާށެވެ.
ނުބައި މީހެއްގެ އަގައިންވެސް އަޑުތައް ނިކުންނަން ޖެހެއެވެ.
ހިތިބަސްތަކަށް އެއަޑުތައް ހަދަން ބޭނުން ނޫންނަމަ،
އޭނާގެ އަގަ ފޮނި ކުރާށެވެ.

ދުވަސްކޮޅެއްގެ ފަހުން އޭނާއަށް ކުރެވުނު ތުހުމަތުތައް ދޮގު ކަމަށް ހާމަ ވެއްޖެއެވެ. ނަމަވެސް ރަސްގެފާނު އޭނާ ޖަލަކުން ދުލެއް ނުކުރައްވަ އެވެ.  ސަރަޙައްދުގެ އެހެން ރަސްކަލަކު، މީނާ ޖަލުގައި ވީ ކަން އެނގިވަޑައިގެން ސިއްރުން އޭނާއަށް ފަތްކޮޅެއް ރައްދުކޮށްފިއެވެ. ފަތްކޮޅުގައިވަނީ އޭނާ ޚިދުމަތް ކުރާ މިހާރުގެ ރަސްގެފާނު އޭނާގެ މާތް ސިފަތަކަށް ޣާފިލްކަމަށާއި، އެ ސަރަޙައްދާ ދިމާއަށް އޭނާގެ ހުޝިޔާރު ސިކުނޑި މިސްރާބު ޖަހައިފިނަމަ، ހިތް ހަމަޖައްސާދިނުމަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި އެ ސަރަޙައްދުގެ ބޮޑުން އޭނާގެ މާތްސިފަތަކުގެ އަގު ވަޒަން ކުރާކަމާއި ޖަވާބަކަށް އިންތިޒާރު ކުރާ ވާހަކަ އެވެ. ޚާޖާ ސިޓީ ކިޔުމަށްފަހު، ވެދާނެ ގޮތަކަށް ބިރުގަނެ، ފަތްކޮޅު ލިޔުއްވާފައިވާ ގަނޑުގެ އަނެއް ފަރާތުގައި ކުރު ޖަވާބެއް ލިޔެ ފޮނުވައިފިއެވެ. ދަރުބާރުގެ އިސްބޮޑަކަށް މި ކަން އެނގިވަޑައިގެން، ޤައިދުގައިވާ ޚާޖާ، ޖެހިގެންވާ ސަރަޙައްދުގެ އަމީރުންނާ ސައްލާކުރާކަމަށް ރަސްގެފާނަށް ދަންނަވައިފި އެވެ. ރަސްގެފާނު ކޯފާވެވަޑައިގެން މި މައްސަލަ ބެއްލެވުމަށް އަމުރު ކުރައްވައިފިއެވެ. ސިޓީ ހިފައިގެން ދިޔަ މީހާ ތަފާސްކޮށް ސިޓީ އަތުލައިގަނެ ބެލިއިރު އޭގައިވަނީ މިފަދައިންނެވެ.

”އަގުވަޒަން ކުރާކަމަށް ބުނާ ފަރާތްޕުޅުގެ ޝުޢޫރުތައް ޚާދިމުގެ ޙަޤީޤީ ފެންވަރަށް ވުރެ މާ މައްޗެވެ.  އަދި އެފަރާތުން ދެއްވާނެ ކަމަށް ވިދާޅުވާ ޝަރަފު ޤަބޫލު ކުރެވޭކަށެއް ނެތެވެ. އެއީ މި ޚާންދާނުގެ ތަނަވަސްކަމުން ކައިބޮއި އުޅެފައިވާތީ، ތިރީގައި އެ ބުނާހެން، އޯގާތެރިވި ފަރާތުގެ ޝުޢޫރުތަކަށް އައި ކުޑަ ބަދަލެއްގެ ސަބަބުން އެފަރާތަށް ނާޝުކުރުވެރިވާކަށް ނެތީމެވެ.“

”ކޮންމެ ހިނދަކު ތިބާއަށް ހެޔޮ ކަންތައްތައް ދެއްވާ ފަރާތަށް، ޙަޔާތުގެ އެއްފަހަރު އެފަރާތުން ގެއްލުމެއް އަޔަސް، އެފަރާތަށް މަޢާފު ކުރާށެވެ.“

ރަސްގެފާނު ސިޓީ ވިދާޅުވެ، އޭނާގެ ޝުކުރުވެރިކަމާ މެދު ހިތްހަމަޖެހިވަޑައިގެން، ޝަރަފުގެ ހެދުންކޮޅެއް ދެއްވައި، ހަދިޔާ ބަދިޔާ ފޮނުއްވާ މަޢާފަށް އެދިވަޑައިގަތެވެ: ”އަހުރެންނަށް ކުރެވުނީ ވަރަށް ބޮޑު ގޯސް ކަމެކެވެ.“

ޚާޖާ ޖަވާބުގައި ވިދާޅުވިއެވެ. ”މާތް ސާހިބާއެވެ. މިއަޅާގެ މައްޗަށް ބަދު ނަޞީބެއް ފޮނުއްވުން އެއީ މާތް ﷲ ގެ ނިންމެވުމެވެ. މި ބަދު ނަޞީބު، މަނިކުފާނު ފަދަ ގިނަގުނަ އެތައްއެހީތަކެއް ވެދެއްވި ފަރާތަކުން ލިބުމަކީ އެންމެ ރަނގަޅު ގޮތެވެ.“

”މީހުން ތިބާއަށް ދެރަދީފިނަމަ ހިތާމަ ނުކުރާށެވެ.
އެއީ އަރާމާއި ހިތާމަ އަންނަނީ މީހެއްގެ ފަރާތަކުން ނޫނެވެ.
ހަތުރުންނާއި ޔާރުންގެ ފަރަގު އަންނަނީ ﷲ ގެ ކިބަފުޅުންކަން ހަނދާން ކުރާށެވެ.
ތީރު އަންނަނީ ދުނިދަނޑިން ކަމަށް ވިއަސް،
ޙިކުމަތްތެރިން ބަލަނީ ނައްބާލަށެވެ. [ދުނިދަނޑި ހިފައިގެން ހުރި މީހާއަށެވެ]“.

ވާހަކަ 25

ރަސްކަލަކު، އޭނާގެ އެހެން ޚާދިމުން މުނިފޫހިފިލުވުމާއި ކުޅިވަރުގައި ޒިންމާތަކަށް ޣާފިލުވެ އުޅޭއިރު، އެއް ޚާދިމަކު އަތުވެދާނެ އޯޑަރަކަށް ތައްޔާރަށް ހުންނާތީ އޭނާގެ މުސާރަ ދެގުނައަށް ބޮޑުކުރަން އަމުރު ކުރައްވައިފިއެވެ.

މިކަން އެނގިވަޑައިގެން ޢިލްމުވެރިޔަކު، މާތް ﷲ، އަޅުންނަށް މަތިވެރި ދަރަޖަތައް މަތީ އުޑުގައި ދެއްވަނީ މިގޮތަށް ކަމަށް ބުންޏެވެ:

”ޝާހަށް ޚިދުމަތްކުރަން މީހަކު ދެ ހެނދުނަކު އަތުވެއްޖެ ނަމަ،
ތިންވަނަ ދުވަހު، އޭނާގެ މައްޗަށް އޯގާތެރިކަމުގެ ނަޒަރަކުން ބައްލަވައެވެ.
އެއީ އަޅުވެރިންގެ އުއްމީދަކީ ﷲ އަށް ދަންނަވާ ދެންނެވުމުގައި އެމީހުން ނާއުއްމީދު ނުވުމެވެ.
މަތިވެރިވުން ވަނީ އެންގެވި ކަންތައްތައް ކުރުމުގައެވެ.
ނުކޮށްފިނަމަ، ބާކީ ވެއެވެ.
ޞާލިޙުކަމުގެ ޝަރުޠު ހަމަވާ މީހާ،
އޮޅިމަތީގައި އޭނާގެ ބޯ ޖައްސައެވެ.“

ވާހަކަ 26

ފަޤީރުންގެ އަތުން އަގު ދަށްކޮށް ދަރު ގަނެ މުއްސަނދިންނަށް ހިލޭ ދޭ ނުބައި ނުލަފާ މީހަކު އުޅުނެވެ. ތެދުވެރިޔަކު ދަމުން މިހެން ބުނެލިއެވެ:

”ތިބާއަކީ ބަލާލާ ކޮންމެ މީހަކަށް ވިހަލާ ހަރުފައެކެވެ.
ނުވަތަ އިށީންނަ ކޮންމެ ތަނެއް ހަޑިކުރާ ބަކަމޫނެކެވެ.
ތިބާގެ ދުއްތުރާތައް އަހުރެމެންނަށް ދެއްކުނަސް،
ސިއްރުތައް ދެނެވޮޑިގަންނަވާ ﷲ އަކަށް ނުދެއްކޭނެއެވެ.
އެމީހުންގެ ދުޢާތައް މަތިވެރި އުޑުތަކަށް ނުދާނެކަމަށް
ބިމުގެ ހައިވާނުންނަށް ދުއްތުރާ ނުކުރާށެވެ.“

ޖައްބާރު މިމީހާ އަޅާނުލާ އުޅެއެވެ. އެއްރެޔަކު އޭނާގެ ބަދިގެއިން ދިޔަ ކަންޏަކުން، ދަރު ގުދަނުގައި އަލިފާން ހިފައި އޭނާގެ މަޑު ގޮދަޑިން ފެށިގެން ހުރިހާ އެއްޗެއް އަނދައި ހުލި ވެއްޖެއެވެ. އެއްކަލަ އަޅުވެރިކަލޭގެ އެމަގުން ދިޔައިރު ޖައްބާރު އޭނާގެ ރައްޓެހިންނަށް ބުނި އަޑުއިވުނެވެ. ”މި އަލިފާން އައީ ކޮންތަނަކުން ކަމެއް އަހުރެންނަކަށް ނޭގުނެއެވެ.“ އަޅުކަލޭގެ ބުނެލި އެވެ. ”ދަރުވޭސީންގެ ހިތުންނެވެ.“

ހިތުން އުފެދޭ ދުމާ ދޭތެރޭ ސަމާލު ވާށެވެ.
ހަށިގަނޑުގެ އެތެރޭގައި އުފެދޭ ޒަޚަމެއް އެންމެ ފަހުން ހަންގަނޑު ފަޅާލާފައި ބޭރަށް ނުކުމެއެވެ.
ހިތް އުފުރާލުމަށް ކެތްތެރިވާށެވެ. އެއީ އެންމެ އާހް އެއް ބިން އުފުރާލާފާނެ އެވެ.
ކައިކުސްރޫގެ ހަށިގަނޑާ އެކު ވަޅުލެވިފައިވާ ތާޖުގައި މިބުނާ ޢިބާރާތް ލިއެފައި ވެއެވެ.
”އަހުރެންގެ ބޯމަތިން މި ފަސްގަނޑުގައި މީހުން ހިނގާނީ
ކިތައް އަހަރާއި ކިތައް މީހުންގެ ޢުމުރުގެ މުއްދަތަށް ހެއްޔެވެ؟
އެކި މީހުންގެ އަތްމަތިން ރަސްކަން އަހުރެންނާ ހަމައަށް އައި ފަދައިން
އެހެން މީހުންގެ އަތްމައްޗަށް އެވެރިކަން ދާނެއެވެ.“

ވާހަކަ 27

މީހުންނާ ބެއްދުމުގެ ހުނަރުން މީހަކު ވަރަށް ކުޅަދާނަވެ މޮޅު ވެއްޖެއެވެ.  އޭނާއަށް މިކަމުގެ 360 ހުނަރު އެނގެއެވެ. އަދި ކޮންމެ ދުވަހަކު ހުނަރުތަކުގެ ތެރެއިން އައު ކަމެއް ދައްކާލައެވެ. މީނާގެ ކައިރިއަށް ދަރިވަރުވާން އައި ކުދިންގެ ތެރެއިން އެއް ކުއްޖަކާ މާބޮޑަށް ޤަބޫލުވެ 359 ހުނަރު އެކުއްޖާއަށް ދަސްކޮށްދީފިއެވެ. އޭނާއަށް ދަސްކޮށްނުދީ ވަނީ އެންމެ ހުނަރެކެވެ. ދެން ފަހެ މިޒުވާނާ އަރާއަރަފޯދި، ހަށިގަނޑުގެ ބާރު ފުރިހަމަވެ، އެއްވެސް މީހަކަށް އޭނާ ބަލި ނުކުރެވޭ ވަރަށް ކުރި އަރައިފިއެވެ. އެންމެ ފަހުން ޒުވާނާ ރަދުންނާ ބައްދަލުކޮށް ދެންނެވިއެވެ.

”އެނދުރުބެ މޮޅުކަމަށް އަހުރެން ބަލަނީ އަހުރެންނަށް އިރުޝާދު ދީ މިހާ ހިސާބަށް މޮޅުކޮށްދިނީމަ އާއި އޭނާގެ ދޮށީ ޢުމުރަށް ކުރާ އިޙްތިރާމެއްގެ ގޮތުންނެވެ. އެހެންނޫނީ އަހުރެން، އޭނާ އާ ބާރުގެ ގޮތުން ދަށެއް ނޫނެވެ. ހުނަރުގެ ގޮތުން އެއްވަރެވެ.“ ރަދުން، މިޒުވާނާގެ އަދަބެއް ނެތް ކަމަށް ހިތްހަމަޖެހިވަޑައި ނުގަންނަވައި އެދުރުބެ އާއި ޒުވާނާ  ބަނޑުމުސާރައަށް ބެއްދުމަށް އަމުރު ކުރައްވައިފިއެވެ. އަދި މިކަމަށް ޖާގަ ބޮޑު މައިދާނެއް ހަމަޖައްސަވައި، ދަރުބާރުގެ ބޮޑުންނަށް ދަޢުވަތު ދެއްވައިފި އެވެ. ދެން އަމީރުންނާއި ވަޒީރުންނާއި އެހެނިހެން ވެރިންނާއި ރަދުން ހާޒިރުވެވަޑައިގަތުމުން ހިފުން ފަށައިފިއެވެ. ޒުވާނާ، މޮޔަވެފައިވާ އެތެއް ފަދައިން އެދުރުބެއާ ދިމާއަށް ފުންމައިގަތެވެ. ރަންވަންލޯ ފަރުބަދައެއްގައި ވައު ޖަހާ ވަލުގެ ކޮޅު ޒުވާނާގެ އުނަގަނޑުގައި އައްސައިފައިވީ ނަމަ، ފަރުބަދަ ވެސް ވިއްސައިގެން އަންނަހާ ކުއްލިއަކަށެވެ. އެދުރުބެއަށް ޒުވާން ދަރިވަރުގެ ބާރު އޭނާއަށް ވުރެ ބޮޑުކަން އެގޭތީ، އޭނާ ނުކިޔަވާދީއޮތް އުކުޅު ބޭނުން ކޮށް ޒުވާނާއާ ދިމާއަށް ދުއްވައިގަނެ، ދިން ޙަމަލާއަށް ޒުވާނާއަކަށް ރެކި ނުގަނެވުނެވެ. ދެން އެދުރުބެ، ޒުވާނާ ބިމުން ނަގާ، ބޯ މައްޗަށް އަތުން އުފުލާ ބިމަށް ޖަހައިފިއެވެ. އެދުރުބެއަށް ސާބަސް ދިނުމަށް މީހުންގަޑު ލެވި ހަޅޭކުން މައިދާން ގުގުމައިގެން ދިޔައެވެ. ރަސްގެފާނު އާދަކާދައިގެ މަތިން އެދުރުބެއަށް ޢިއްޒަތުގެ ފޭލި ދެއްވައި އަގުބޮޑު އިނާމު ދެއްވުމަށް އަމުރު ނެރުއްވައިފި އެވެ. އަދި ޒުވާނާ އަށް، އޭނާގެ އެދުރާ ހިފުމަށް އެއްބަސްވެ ބަލިވުމުން ނުރުހިވަޑައިގަތުމުގެ ބަސްތައް އިއްވެވި އެވެ.

ޒުވާނާ ޖަވާބު ދިނެވެ. ”މަސާހިބެވެ. އޭނާ އަހުރެން ބަލިކުރީ އޭނާގެ ބާރު ބޭނުން ކޮށްގެންނެން ނޫނެވެ. އެކަމަކު ހިފުމުގެ އެއް އުކުޅު އޭނާ އަހުރެންނަށް ނުކިޔަވައިދީ ބާއްވައި، އެ ބޭނުން ކޮށްގެންނެވެ.“

އެދުރުބެ ޖަވާބު ދިނެވެ. ”އަހުރެން އެ ނުކިޔަވާ ދިނީ މިފަދަ ދަނޑިވަޅެއް އަތުވެދާނެ ކަމަށެވެ. އެހެނީ ބުއްދިވެރިން ބުނެފައި ވެއެވެ. ”އޭނާ ހަތުރަކަށް ވެއްޖެނަމަ، ތިބާއަށް އަށް ގެއްލުމެއް ދެވިދާނެ ފަދަ ބާރެއް، ތިބާގެ އެކުވެރިޔަކަށް ނުދޭށެވެ. ކިޔަވައިދިން ދަރިވަރުގެ ސަބަބުން އަނިޔާ ލިބުނު މުދައްރިސް ބުނި ވާހަކަ ތިބާ ނުއައްސަވަން ތޯއެވެ؟“

”ވަފާތެރިކަން މިދުނިޔޭގައި ނުވަނީ އެވެ.
ނޫނީ އަހުރެމެންގެ ޒަމާނުގައި އެގޮތަށް އެއްވެސް ބަޔަކު ނޫޅެނީ އެވެ.
އާޚިރުގައި، އަހަރެން މީ އަމާޒުފަތްގަޑަށް ނުހަދާ ދަރިވަރަކު،
އަހުރެންގެ ކިބައިން ދުނިއުކަން ދަސްކޮށްފައެއް ނުވެއެވެ.“

 

DividerTransparent-1-

މި ސިލްސިލާގެ އެހެން ބައިތައް މިއޮތީ އެވެ.

ހުރިހާ މަޒުމޫނެއްގެ ސުރުޚީތައް ހިމެނޭ މޭނޫ ޞަފުޙާ މިއޮތީއެވެ.