ރަނގަޅީ ކޮންގޮތެއް: ކުޑަކުދިންގެ ބަގީޗާ؟   ކުޑަކުދީންގެ ބަގީޗާ؟

ދިވެހީންގެ ތެރޭގައި ފޮތްތެރިކަން ކުޑަކަމުން ދިވެހިބަހުގެ ބައެއް ހަމަތައް ގަވާއިދުގެ ގޮތުގައި އަދި ލިޔެވިފައެއް ނުވެއެވެ. އެހެންކަމުން ބައެއް ބަހުގެ ހަމަތައް ދެނެގަތުމަށް އަޅުގަނޑުމެން ދާންޖެހޭނީ އިހުގެ ލިޔުންތެރީންގެ ލިޔުމަށެވެ. އެމީހުން ބަސް ބޭނުންކޮށްފައިވާ ގޮތް ބަލައިގެން ބައެއް ހަމަތައް ގަވާއިދުގެ ގޮތުގައި ޖެހެނީ ފާހަގަކޮށް ވަކިކުރާށެވެ. މިގޮތުން މިކުރު މަޒުމޫނުގައި އަޅުގަނޑު މިގެނެސްދެނީ ޢާއްމުނޫން ހަމައެކެވެ.

ބައެއް ތަކެއްޗަށް ނުވަތަ މީހުންނަށް ނިސްބަތްކޮށް ލިޔާއިރު، އެ އެއްޗެއް ގިނަ ނަމަ ފަހުއަކުރުގައި ޖެހެނީ އިބިފިލިތޯ ނުވަތަ އީބީފިލިތޯއެވެ؟ މިސާލެއްގެ ގޮތުން ތިރީގައިވާ ފޮޓޯގައިވާ ލިޔުމަށް ވިސްނަވާށެވެ. ރަނގަޅު ގޮތަކީ މަސްވެރިންގެ ޕާކު ތޯއެވެ؟ ނުވަތަ މަސްވެރީންގެ ޕާކު ތޯއެވެ؟

މިފަދަ އެހެން އެތައް ޢިބާރާތްތައް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. މިސާލެއްގެ ގޮތުން ތިރީގައިވާ ލިސްޓަށް ނަޒަރު ހިންގަވާލާށެވެ.

އަތޮޅުވެރިންގެ ބައްދަލުވުން – އަތޮޅުވެރީންގެ ބައްދަލުވުން

ކުޑަކުދިންގެ ބަގީޗާ – ކުޑަކުދީންގެ ބަގީޗާ

ދޯނިގެ މަޅުތައް – ދޯނީގެ މަޅުތައް

ފަހާފޮށިގެ ވަތޯޑި – ފަހާފޮށީގެ ވަތޯޑި

ވިޔަފާރިވެރިންގެ މިސްކިތް – ވިޔަފާރިވެރީންގެ މިސްކިތް

މަތީގައިވާ ޢިބާރާތްތަކުން ރަނގަޅީ ކޮން ޢިބާރާތްތަކެއް ތޯއެވެ؟ ދެގޮތް ވެސް ރަނގަޅުތޯއެވެ. ނޫނީ ރަނގަޅީ ކަނާތް ފަރާތުގައިވާ ޢިބާރާތްތޯއެވެ؟

މި ސުވާލުގެ ޖަވާބު ދިނުމަށް އަޅުގަނޑުމެން ބަލަންވީ ކުށްނެތި ދިވެހި ބަސް ބޭނުންކުރާ ބޭފުޅުންގެ ލިޔުންތަކަށެވެ. ތިރީގައި އެވަނީ އަލްމަރްޙޫމް ޢަބްދުﷲ ޙަމީދުގެ ލިޔުއްވުން ކޮޅެކެވެ.

ހަމަ ގައިމުވެސް އަޅުގަނޑުމެންގެ ތާރީޚާއި ޘަޤާފަތާއި އާދަކާދަ އާ މިކަންކަމުގެ އަހުލުވެރީން އޭނާގެ ހަނދާން އައުކުރާނެ. އަދި އެކި ކަންކަމުގެ ރޭވުންތެރީންވެސް އޭނާގެ ހަނދާން އައުކުރާނެ. މަސައްކަތްތަކުގެ ފާޑުވެރީން ވެސް އޭނާގެ ހަނދާން އައުކުރާނެ.

ދެން މިގެނެސްދެނީ މުޙައްމަދު އަމީންގެ ލިޔުއްވުން ކޮޅެކެވެ.

ރަބީޢުލްއައްވަލު މަހު 14 ވަނަ ދުވަހު، ވިޔަފާރިވެރީން ވެގެން ޢަރްޟީއެއް ފޮނުވައިފިއެވެ. . . . އާދެ! ސޭޓުން ތިބީ ދައުލަތުން އެންގެވި ގޮތް ޤަބޫލުކުރާށެވެ. އެކަމަކު، އެބައި މީހުންގެ ނޯކިރީން، އެ ގޮތް އެއްގޮތަކަށްވެސް ޤަބޫލްއެއް ނުކުރެއެވެ. ނޯކިރީން މަސައްކަތް ނުކުރުމަށް ޤަޞްދުކޮށްފައިވާ ކަމުގެ ސަބަބުން ވިޔަފާރިކުރަމުން ގެންދެވޭކަށް އަނެއްކާ ވެސް ނެތެވެ.

ދެން މިގެނެސްދެނީ ބޮޑުފެންވަޅުގޭ ސީދީގެ ލިޔުއްވުން ކޮޅެކެވެ.

ދެން ކަންތައްވީ ގޮތަކީ ޙުސައިން ކަލޭގެ އޮޑިދޮށުގައި، ހަ ވަޑީންގެ ބޭރުން ވަޑާންކުރަން އުޅެނީ ދެމީހުންނެވެ. އެރަށުގައި ދެން ތިބިހައި ވަޑިއަކު އުޅެނީ ބޮޑު ޢީސަގެ އޮޑިދޮށުގައެވެ. މި އެންމެން ގެނެސްގެން ސަފަރު މަހު ބާވީސް ދުވަހަށް އޮޑި ބައިލާން ތައްޔާރުވޭތޯ މަސައްކަތް ކުރިއިރު ފުރަތަމަ ގެންދިޔަ ވަޑީން އިހަށް ގެންދިޔަ ވަޑީން ކުރާ ވަރަށް މަސައްކަތެއް ނުކުރެއެވެ.

ދެން މިގެނެސްދެނީ ބާބާގޭ ދޮންމަނިކުގެ ލިޔުއްވުން ކޮޅެކެވެ.

ހަގަޑި ތިރީސް  ވާ އިރަށް ކުރީގައި ބުނެފައި އެވާ މަޖިލިސްގެ ބޭކަލުން ގަނޑުވަރު ތެރެއަށް  ނުވަތަ މުލީއާގެ އަށް ދުރުވާނެއެވެ. މި ދުރުވާއިރު ތިއްބަވާނީ ރަސްމީ ހެދުމުގައެވެ. މި މަޖިލިސް އެކުލެވިގެންވަނީ ބޮޑު ބޭކަލުން، ޚަޠީބު ބޭކަލުން ފަނޑިޔާރުގޭ ނައިބުބޭކަލުން، މަލިމް ބޭކަލުން، އަސްކަރު މުސްކުޅީން، މުދިމް ބޭކަލުން، މަޖިލީހަށް އަރާ ބޭކަލުން، އަދި ދޭވާނީންނާއި މި ބޭބޭކަލުންގެ މައްޗަށެވެ.

އިސްވެ މި ލިޔުނު ލިޔުންތައް ފަރުވާތެރިކަމާއެކު ކިޔުއްވުމުން، ތިޔަ ބޭފުޅުންނަށް ޔަޤީންވާނީ އަންނަނިވި ހަމައެވެ. އާދެ! ނިސްބަތްވާ އެއްޗަކީ ގިނަ އެއްޗަކަށް ވެފައި އެއަށް ނިސްބަތް ކުރެވޭނަމަ، ހަމައަކީ އިބިފިލި އީބީ ފިއްޔަށް ބަދަލުވުމެވެ. ޔަޤީން ކޮށްލުމުގެ ގޮތުން، ލިޔުންތެރިއެއް ކަމަށް ވާ އޭދަފުށީ ޢަބްދުﷲ އަޙްމަދުގެ އަރިހުގައި ސުވާލުކޮށްލުމުން އޭނާވެސް ވިދާޅުވީ، ޢަބްދުﷲ ޞާދިޤަށް ޙަވާލާދެއްވައި،  އަޅުގަނޑު މިދެންނެވި ގޮތަށެވެ.

DividerTransparent-1-

ތިބާއަށް މި މަޒުމޫނު ޝައުޤުވެރިކަން ހުރި އެއްޗަކަށް ވި ނަމަ، ދިވެހި ބަހާ ބެހޭ ގޮތުން ލިޔެފައިވާ މި މަޒުމޫނުތަކާއި އަކުރުތަކާ ބެހޭ ގޮތުން ލިޔެފައިވާ މި މަޒުމޫނުތައް ވެސް ކަމުގޮައްސާނެއެވެ.