މަޒުމޫނު ފަށައިގަތުމުގެ ގޮތުން، ”ކެރެކްޓަރ“ މި އިނގިރޭސި ލަފުޒު ޝަރަޙަކޮށްދޭން ބޭނުމެވެ. އަޅުގަނޑަށް ހީވާގޮތުން، ޔޫނާނީ މީހުން ލަކުޑި، ގައު، ހިލަ ފަދަ ތަކެތީގައި ބިންވަޅުނަގައި ލިޔަން ނުވަތަ ފާހަގަލުމަށް ގެންގުޅޭ ކައްޓަށް ކިޔަނީ ކެރެކްސް އެވެ. މި ލަފުޒުން ބަސް އުފައްދައިގެން މި ކަށިން ލާފައި ހުންނަ ފާހަގަ، އަކުރު، ލަކުނަ، ޢަލާމާތް، ކުރެހުން ފަދަ ނިޝާންތަކަށް ކިޔަން ފެށީ ކެރެކްޓަރ އެވެ. ޒަމާންތަކަކަށް ފަހު، ކެރެކްޓަރ ގެ މާނަ ފުޅައުކޮށް ވަކި އެއްޗެއްކަން އަންގައިދޭ ސިފަ ނުވަތަ ބައްޓަން ނުވަތަ އުޅުން ފަދަ ކަންކަމަށް ވެސް ކެރެކްޓަރ ކިޔަން ފެށިއެވެ. މިސާލެއްގެ ގޮތުން ދެ މީހެއް ފެންނަ ގޮތް ވައްތަރު ވެދާނެއެވެ. ނަމަވެސް އެ ދެމީހުންގެ އުޅުމާއި އަޚްލާޤް، ޝަޙްޞިއްޔަތާއި ޙުލްޤު، މިޒާޖާއި ޒާތްކޮޅު ތަފާތު ވެދާނެއެވެ. ޢާއްމު އިނގިރޭސި ބަހުގައި ވަކި މީހަކަށް އަދި ވަކި އެއްޗަކަށް ލިބިގެންވާ ޚާއްޞަ މާއްދީ ނުވަތަ އުޅުމުގެ ސިފަތަކަށް ކިޔަނީ ކެރެކްޓަރ އެވެ.
ކެރެކްޓަރ ގެ އެހެން މާނައެއް ވެސް އޮވެއެވެ. ތަމްސީލެއްގައި ނުވަތަ ފިލްމެއްގައި ނުވަތަ ވާހަކައެއްގައި ވަކި ޝަޚްޞިއްޔަތެއް ނުވަތަ އުޅުމެއް ހުންނަ ކަމަށް ހެދިގެން އުޅޭ މީހާއަށް ވެސް ކިޔަނީ ކެރެކްޓަރ އެވެ. ތަމްސީލުގައި ވަކި ބައެއް ކުޅޭ މީހާގެ ޙަޤީޤީ އުޅުމެއް އޭނާ ތަމްސީލުކުރާ ޒާތްކޮޅަކުން ނޭނގޭނެއެވެ.
ދިވެހިރާއްޖޭގެ ރަށްތަކަކީ، އެ ރަށްތަކަށް ޚާއްޞަ ސިފަތަކެއް ލިބިގެންވާ ރަށްތަކެކެވެ. އެ ރަށްތަކުގައި ޚާއްޞަ ކެރެކްޓަރ އެއް ހުރެއެވެ. މޭގަ ނުވަތަ މަލަމަތި ފެންނައިރު ޤުދްރަތީ ގޮތްތަކެއް ހުރެއެވެ. ނަމަވެސް، ބައެއް ރަށްރަށުގައި މިހާރު ގޮނޑު ދޮށާ ޖެހިގެން އުސް ޢިމާރާތްތައް އަޅަމުން އެބަ ގެންދެއެވެ. މިކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ ހިތްގައިމުކަން ގެއްލިދާނެއެވެ. ފަތުރުވެރީން ވެސް އައުން ހުއްޓިދާނެއެވެ. ފަތުރުވެރީންގެ ތެރެއިން ގިނަ ބަޔަކު ތަޖުރިބާކުރަން ބޭނުންވާނީ ރަށެއްގެ ކެރެކްޓަރ އެވެ. އެ ރަށުގެ ގޮތްގަނޑު އެމީހުން އާއްމުކޮށް ދިރިއުޅޭ ޤައުމަކުން ތަޖުރިބާކުރެވޭ ނަމަ، ތުރާ ދަތުރަކަށް ފަހު ދިވެހި ރަށަކަށް ދަތުރުކުރުމުގެ ބޭނުމެއް ނެތެވެ. މި ސުވާލުގެ ޖަވާބު ދެއްވަ ބައްލަވާށެވެ! ރާއްޖޭގެ ކިތައް ރިސޯޓުގައި ހައެއްކަ ބުރީގެ އުސް ޢިމާރާތް އެބަހުރިތޯއެވެ؟
ތިރީގައި މިވަނީ ރާއްޖޭގެ ބައެއް ރަށްރަށުގެ މަލަމަތި މިހާރު ފެންނަ ގޮތެވެ.
އަޅުގަނޑަށް ފެންނަގޮތުގައި މިފަދަ ޢިމާރާތްތަކުން ރާއްޖޭގެ ރަށްތަކުގެ ހިތްފަސޭހަ މަލަމަތި ހަޑިވެއެވެ. ފޮޓޯތަކުގައިވާ ޢިމާރާތްތަކަކީ ގެސްޓްހައުސްތަކެކެވެ. ރަށުގެ ޠަބީޢީ ރީތިކަން ހިފަހައްޓަން ބޭނުންނަމަ، ބައިބޯ ސަހަރުތަކުގައި ހުންނަހެން، އުސް ޢިމާރާތްތައް އެޅުން ކޮންޓްރޯލް ކުރަންޖެހެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސަގާފީ ބިނާވެށީގައި އުސް ޢިމާރާތްތަކެއް ނުހުރެއެވެ. މިކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އެތައް ރަށެއް ވާނީ އިޖްތިމާޢީ މައްސަލަތައް ގިނަވެފައިވާ މާފުށި ފަދަ ރަށްރަށަށެވެ. މާލެ ފަދަ، ދިރިއުޅުން ދަތި، ވައި ތަޣައްޔަރުވެފައިވާ، ފެން ދަތި ވެއްޓަކަށެވެ.
މިއީ ރަށު ކައުންސިލްތަކުން ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައިވާ ނަމަ، ރަށުގައި ޢިމާރާތްކުރެވޭނޭ އުސްމިން ކަނޑައަޅަން ޖެހެއެވެ. އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. މިއީ ދަތިކަމެކެވެ. މައްސަލައަކީ މިފަދަ ޢިމާރާތްތައް ކުރަންބޭނުންވާ ފަރާތްތަކުން ރަށު ކައުންސިލްގެ ރުހުން ހޯދަން ފަސޭހަކަމެވެ. ރަށު ކައުންސިލަށް މީހަކަށް އާދެވެނީ ރައްޔިތުންގެ ވޯޓުން ނޫން ހެއްޔެވެ؟ ރާއްޖޭގެ އިންތިޚާބުތަކުގެ ތަޖުރިބާއިން ވޯޓާއި ފައިސާއާ ވަނީ ލާމެހިފައިވާކަން ހާމަވޭ ނޫން ހެއްޔެވެ؟
ނަމަވެސް މެންބަރުންގެ ތެރޭގައި ރަށުގެ ދުރު މުސްތަޤްބަލާ މެދު ވިސްނާ ބަޔަކު އުޅޭނެއެވެ. އެފަދަ މެންބަރުން، މިކަމާ ބެހޭ ގޮތުން ފާސްކޮށް ފައުޅުކުރަންވީ ދެތިން ހަމައެއް އަޅުގަނޑު ދަންވައިލާނަމެވެ.
ރާއްޖޭގައި މިހާތަނަށް ބިނާވެށީގެ ރީތިކަމާއި ދިރިއުޅުމުގެ ފަސޭހަކަމަށް ބަލައި އިމާރާތްކުރާނެ ގޮތުގެ ރަނގަޅު ގަވާއިދެއް ހެދީ ހުޅުމާލެ ތަރައްޤީ ކުރި ދުވަސްވަރުއެވެ. މި ގަވާއިދުތައް އެންމެ ފުރަތަމަ އެކުލަވައިލިއިރު، ޢިމާރާތްކުރެވޭ އެންމެ އުސްމިނަކީ ހަތަރު ބުރިއެވެ. މަގުމަތިނޫން އިންތަކުން ތިން ފޫޓު ދޫނުކޮށް ޢިމާރާތެއް ނުކުރެވެއެވެ. މަގުމައްޗަށް އެންމެ އިންޗިއެއް ވެސް ބަރަފޯހެއްގެ ގޮތުގައި ނުވަތަ ބެލްކަނީއެއްގެ ގޮތުގައި ނުނެރެވެއެވެ. މިއީ އެތައް ޤައުމެއްގައި މިކަން އޮންނަ ގޮތެވެ. މާލެއަތޮޅު ވިލިގިލި އާބާދުކުރި އިރު މި ފަދަ ގަވާޢިދެއް އޮތެވެ. ދެން ދުވަސްކޮޅަކުން ފެނުނީ ސިފައިންގެ ފްލެޓްތަކެއް އެ ގަވާއިދާ ޚިލާފަށް ހެދި ތަނެވެ. ދެން ޗައިނާ ސަރުކާރުން މާ އުސްކޮށް ފްލެޓްތަކެއް އަޅައިފިއެވެ. ގިނަ ފަހަރު ގަވާއިދުތައް ބަދަލުކުރަނީ މުޖުތަމަޢުގެ މަންފާގެ ކުރިއަށް ވަކި ފަރުދެއްގެ މަޞްލަޙަތު ނެރެން ދޫދޭތީއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ހުޅުމާލޭގެ ގޯތިތަކުގައި ދިހަބުރިއަށް ވެސް ޢިމާރާތް ކުރެވޭނޭކަމަށް ރިޔާސީ ކެންޑިޑޭޓަކު ވިދާޅުވިހަނދާން ވެއެވެ. ވެރިކަމުގެ ބޭނުމުގައި، އެންމެންގެ މަޞްލަޙަތާއި ޤައުމުގެ މަޞްލަޙަތު ނަގައިލުމަކީ ދުނިޔޭގެ ސުންނަތެކެވެ. މިކަން މަތަވާނީ ހޭލުންތެރިކަން އިތުރުވެގެންނެވެ.
އުސްމިން ކޮންޓްރޯލް ކުރެވޭނޭ އެއްގޮތަކީ، ހަތަރު ބުރިއަށް ވުރެ އުސްނަމަ، ލިފްޓެއް ބެހެއްޓުން މަޖުބޫރުކުރުމެވެ. މިއާއެކު، ސިޑީގެ ފުޅާމިނާއި ހަރުފަތްތަކުގެ މިންތައް ކަނޑައެޅުމެވެ. ބައިނަލްއަޤްވާމީ ގަވާއިދަކީ، ސިޑީގެ ފުޅާމިނުގައި އެންމެ ހަނިދިމާލުގައި މަދުވެގެން 4 ފޫޓު ހުރުމެވެ. ހަރުފަތެއް އުސްކުރެވޭނީ އެންމެ މަދުވެގެން 7 އިންޗިއަށެވެ. ފިޔަވަޅުގައި މަދުވެގެން 11 އިންޗި ހުންނަން ޖެހޭނެއެވެ. އެއްވެސް ހަރުފަތެއް އެނބުރިގެން އަރާގޮތަށް ކަތިކޮށް ނެހެދޭނެއެވެ.
ހަތަރުބުރިއަށް ވުރެ އުސް ބުރިތައް އިމުން އެތެރެއަށް ޖެއްސުމަކީ ވެސް ކުރިއަރާފައިވާ ޤައުމުތަކުގައި މަގަށް އަތްވާއި ވައިލިބޭނޭ ގޮތް ފަހިކުރުމަށް ކުރާކަމެކެވެ. މިކަން ތަންފީޒުކުރެވޭނޭ އެއްގޮތަކީ ހަތަރުބުރިއަށް ވުރެ އުސްވާ ކޮންމެ ބުރިއެއް 2 ފޫޓަށް އިމުން އެތެރެއަށް ޖެއްސުމެވެ. މިހެން ހެދުމުން އުސްކޮށް ބިނާކުރުމުގެ ޝައުޤުވެރިކަން ކުޑަވާނެއެވެ.
އިންޑޮނީސިއާގެ ބާލީއަކީ ފަތުރުވެރީން ގިނައިން ގޮސް އުޅޭ ޖަޒީރާ ރަށެކެވެ. އެ ރަށުގައި އެންމެ އުސްކޮށް ބިނާއެއް ކުރެވެނީ ދިގު ރުކަކަށް ވުރެ އުސްނުވާ ވަރަށެވެ. އެއީ 15 މީޓަރެވެ. ގާތްގަޑަކަށް 50 ފޫޓެވެ. މިކަން ހަމަޖައްސާފައިވަނީ ޤާނޫނަކުންނެވެ. ގެމީން [ރަށުގެ ރައްޔިތުން] ދެކޭގޮތުގައި ބާލީގައި ޢިމާރާތްކުރެވޭ އުސްމިން ކަނޑަނޭޅިނަމަ، އެ ރަށުގެ ކެރެކްޓަރ ނުވަތަ އެރަށަށް ޚާއްޞަ ޠަބީޢީ ސިފަ ގެއްލިއްޖައީހެވެ. ބާލީގައި މި ޤާނޫނު ހިންގަންފެށީ 1970 އިން ފެށިގެންނެވެ. އެމީހުންގެ ނަޒަރުގައި، މިފަދަ ޤާނޫނެއް ނެތް ނަމަ ފަތުރުވެރިކަން ތަރައްޤީކުރުމާ ގުޅޭ ކަންކަމާ ހެދި ރަށުގެ ޠަބީޢީ ހިތްގައިމުކަން ސުންނާފަތިކޮށްފީހެވެ. ދުނިޔޭގެ ގިނަ ސަހަރުތަކާއި ރަށްތަކުގައި އުސްކޮށް ޢިމާރާތްކުރެވޭ ހައްދު އޮންނަނީ ކަނޑައަޅާފައެވެ. [މަތީގައިވާ ފޮޓޯއަށް ފިތާލެއްވުމުން ބާލީގެ މި ޤާނޫނާ ބެހޭ އިތުރު މަޢުލޫމާތު ފެނިވަޑައިގަންނަވާނެއެވެ.]
ރާއްޖެތެރޭގެ ރަށްރަށުގައި، އުސްކޮށް ގިނައިން ޢިމާރާތްކުރަނީ ފަތުރުވެރީން ތިބޭނޭ ގެސްޓް ހައުސް އެޅުމަށެވެ. މިކަމުން ރަށަށް ވަރަށް ބޮޑު މަންފާއެއް ކުރާނެކަމަށް ލަފާކުރެވުނަސް، އެކަމުން ރަށުގެ ފަޤީރުންނާއި މުއްސަނދީންގެ ފަރަގު ބޮޑުވެއެވެ. ރަށަށް ލިބޭ މަލަމަތީގެ ގެއްލުމުން މަންފާކުރަނީ ވަރަށް މަދު ބަޔަކަށެވެ. މަލަމަތި ހިތްގައިމުވުމުން ހުރިހާ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް އެކަމުގެ މަންފާކުރެއެވެ. އަޅުގަނޑުގެ ނަޒަރުގައި ކޮންމެ ރަށެއްގެ ގޮނޑުދޮށާ ޖެހިގެން، ހޭޅިދޫކޮށް އޮންނަންޖެހޭނީ އެންމެންނަށް ހިނގާބިނގާވެވޭ ފުޅާ މަގެކެވެ.
ގެސްޓްހައުސް ހެދުމުގެ މަންފާ ލިބިގަތުމަށް، ގެސްޓްހައުސްތައް ހަދާނަމަ، އެކަމަށް ވަކި ސަރަޙައްދެއް ކަނޑައަޅަން ޖެހެއެވެ. އެއީ ގެމީންނާ ދުރުގައި އޮންނަ ތަނަކަށް ވާންޖެހެއެވެ. ދެން އޮތް ގޮތަކީ، ގެސްޓް ހައުސް އެޅުމަށް ރަށުކައުންސިލްގެ ބާރުދަށުގައި އޮތް ވަކި ރަށެއް ކަނޑައެޅުމެވެ. އެރަށުގައި ބޭރު ޤައުމުތަކުގައި ހުންނަ ފަދައިން، އުސް ޢިމާރާތްތައްކޮށް ކޮންކްރީޓް ޖައްގައްޔަކަށް ހެދިދާނެއެވެ. މިގޮތަށް ވަކި ސަރަޙައްދެއްގައި ޢިމާރާތްކުރެވޭ ގޮތް ތަފާތުކުރާ ހަމައަށް ކިޔަނީ ޒޯން ކުރުމެވެ.
ގެސްޓްހައުސް އެއް ހިންގުމަށް ބޭނުންވަނީ ކިހާ ޖާގައެއް ތޯއެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ގެސްޓްހައުސް ހިންގާ ޤައުމަށް ބަލައިލަމާ ތޯއެވެ؟ އެއީ ޖަޕާނުގެ ރިޔޮކަން ކިޔާ ބާވަތުގެ ގެސްޓްހައުސް އެވެ. މި ބާވަތުގެ ގެސްޓްހައުސް ޖަޕާނުގައި ހުންނަތާ މިހާރު 1200 ވަރަކަށް އަހަރު ވެއްޖެއެވެ. މި މީހުގެ ތަޖުރިބާގައި، ގެސްޓް ހައުސްއެއް ކާމިޔާބު ކަމާއެކު ހިންގެނީ މަދުވެގެން 6 ކޮޓަރި ހުންނަ ނަމައެވެ. ރާއްޖޭގައި އެންމެ ތިން ކޮޓަރި ހުރި ކަމުގައި ވިޔަސް ގެސްޓްހައުސްއެއް ހިންގެއެވެ. ސްރީ ލަންކާ އާއި ބައެއް އެހެން ޤައުމުތަކުގައި، 10 ކޮޓަރިއަށް ވުރެ ގިނަނަމަ، އެތަން ސިފަކުރަނީ ހޮޓަލެއްގެ ގޮތުގައެވެ. ހޮޓަލެއް ހިންގުމުގެ ގަވާއިދުތައް ގެސްޓް ހައުސް އާ ތަފާތުވާނެއެވެ. ދިވެހިރާއްޖޭގެ ގެސްޓްހައުސްއާ ބެހޭ ގަވާއިދު މިއޮތީއެވެ. ރާއްޖޭގެ ގެސްޓްހައުސް އެއްގެ ކޮޓަރީގެ އޭރިއާގައި ހުންނަން ޖެހެނީ މަދުވެގެން 120 އަކަ ފޫޓެވެ. ގިނަ ޤައުމުތަކުގައި (މިސާލަކަށް އޮސްޓްރޭލިއާގައި) ކޮޓަރީގެ ޖާގަ ކަނޑައަޅަނީ ނިދާމީހުންގެ ޢަދަދުންނެވެ. އެއީ އެކަކު ނަމަ 80 އަކަފޫޓެވެ. ދެ މީހުން ނަމަ، 110 އަކަފޫޓެވެ. ތިން މީހުންނަމަ، 150 އަކަފޫޓެވެ. [މިގޮތަށް ދިވެހި ގަވާއިދު ބަދަލުކޮށްފާނެތީ ހުޝިޔާރު ގޮތަކަށް ވާނީ މަދުވެގެން 150 އަކަފޫޓު ކޮޓަރީގައި ބެހެއްޓުމެވެ.] ފާޚާނާގައި މަދުވެގެން 38 އަކަފޫޓު ހުންނަން ޖެހެއެވެ. ރާއްޖޭގައި ފާޚާނާގެ އޭރިއާ ކަނޑައަޅާފައެއް ނުވެއެވެ. ގެސްޓް ހައުސްއެއްގައި އެންމެ ގިނައިން ތިބެވޭ ޢަދަދުގެ ދެބައިކުޅަ އެއްބަޔަށް އެއްފަހަރާ ކާން ތިބެވޭނޭ ރެސްޓޯރަންޓެއް ހުންނަން ޖެހެއެވެ. ވޭތިވެދިޔަ ޒަމާންތަކުގައި ގެސްޓްކޮޓަރިތަކުގެ ތަޖުރިބާތަކަށް ބަލައި، މިހާރު އެތަންތަން ހަދާފައި ހުންނަގޮތް ހުރިހާ ޤައުމެއްގައި ވެސް ވަރަށް އެއްގޮތެވެ. އެއީ ތިރީގައިވާ ގޮތެވެ.
ހުރިހާ ހޮޓަލެއްގެ ވެސް ގެސްޓްރޫމްތައް ދާދި އެއްގޮތްވާނެއެވެ. އެއީ އެތައް އަހަރެއްގެ ތަޖުރިބާއިން އެންމެ ރަނގަޅުކަމަށް ފެންނަ މިންތައް ދެނެގަނެވިފައިވާތީއެވެ. ފާޚާނާގެ ބޮޑުމިނަކީ ގާތްގަޑަކަށް 38 އަކަފޫޓެވެ. ކޮޓަރީގެ ފުޅާމިނަކީ 12 ފޫޓެވެ. ބައެއް މީހުން މިމިން 13 ފޫޓަށް ބޮޑުކުރެއެވެ. އަދި ’13 a އަށް ވުރެ ފުޅާކުރުމުގެ މަންފާއެއް ނޯވެއެވެ. ދިގުމިން ހުންނަންޖެހޭ އެންމެ ކުރުމިނަކީ 12 ފޫޓެވެ. ދިގުމިން 15 ފޫޓުން ފެށިގެން 20 ފޫޓަށް (ބެލްކަނީއާ އެކު) ބަހައްޓައެވެ.
ގެސްޓްހައުސް އެއްގެ ޝަރުޠުތަކަށް ވިސްނުމަށް ފަހު، ގެސްޓްހައުސް އެއް އެޅޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ އެންމެ މަދުވެގެން، 40 ފޫޓު 60 ފޫޓު ހުންނަ ވަރުގެ ބިމެއްގައެވެ. ގާތްގަޑަކަށް 2500 އަކަފޫޓުގެ ބިމެއްގައެވެ. މިވަރުގެ ބިމެއްގައި ގެސްޓް ހައުސް އެއް އަޅާނަމަ، ފައިދާއެއް ކުރާނީ މަދުވެގެން ދެ ބުރިއަށް އެތަން ހަދައިގެންނެވެ. ގިނަ ވަސީލަތްތައް ހުރި ހިތްގައިމު ގެސްޓް ހައުސްއެއް ހެދުމަށް 5000 އަކަފޫޓު ބޭނުން ވާނެއެވެ. ދިހަ ކޮޓަރިއަށް ވުރެ ގިނަ ނަމަ، އެ ހެދެނީ ގެސްޓް ހައުސްއެއް ނޫނެވެ. ގެސްޓް ހޮޓަލެކެވެ.
ރާއްޖޭގެ ގެސްޓް ހައުސް އާ ބެހޭ ގަވާއިދުގެ އުނި އެއްކަމަކީ، އެންމެ ގިނަވެގެން ހުންނަން ޖެހޭ ކޮޓަރީގެ ޢަދަދު ކަނޑައެޅިފައި ނުވާކަމެވެ. ބޭރު ޤައުމުތަކުގައި ގެސްޓް ހައުސް އެއްގައި އެންމެ މަދުން އެއް ކޮޓަރި ވެސް ބެހެއްޓެއެވެ. ނަމަވެސް ގިނަ ވެގެން ބެހެއްޓޭނީ 10 ކޮޓަރިއެވެ. 10 ކޮޓަރިއަށް ވުރެ ގިނަ ނަމަ، އެއީ ހޮޓަލެކެވެ. ފަރަންސޭސި ވިލާތުގައި ގެސްޓް ހައުސްއެއްގައި އެންމެ ގިނައިން ބެހެއްޓެނީ 5 ކޮޓަރިއެވެ. ގިނަވެގެން ބެހެއްޓެނީ 15 މީހުން ނިދާނެ ޖާގައެވެ. އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ގެސްޓްހައުސްތައް އަލުން ގިންތިކޮށް، ހޮޓަލުގެ ގިންތިއެއް އުފައްދައި، މި ގިންތިއަށް ބައެއް ގެސްޓް ހައުސް ފައްތަން އެބަޖެހެއެވެ. ހޮޓަލުގެ ޝަރުޠުތައް ތަފާތުވާނެއެވެ. މިއާއެކު ގެސްޓް ހައުސް ގެ ފެންވަރުން އެ ގެސްޓް ހައުސްއަށް ތަރިދެވޭ މީހުން ބަލައިގަންނަ އުސޫލެއް ވެސް ހަމަޖައްސަން ޖެހެއެވެ. މި ވާހަކަތައް މި ލިންކުން ހުޅުވޭ ޞަފުޙާގައި ވެއެވެ. އަދި މީގައި ވެއެވެ.
ނިންމައިލުން
ރާއްޖެތެރޭގެ ހިތްގައިމު ރަށްތަކުގެ މަލަމަތި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ހަޑިވަމުންނެވެ. އުސް ޢިމާރާތްތައް ކުރުމުގެ ސަބަބުންނެވެ. މިކަން ކޮންޓްރޯލް ކުރެވޭނީ، ރަށުގައި ޢިމާރާތް ކުރެވޭނޭ އުސްމިން ކޮންޓްރޯލްކޮށްގެންނެވެ. ގިނަ ރަށްތަކުގައި އެންމެ އުސްކޮށް ބިނާކުރަނީ ގެސްޓް ހައުސްގެ ނަމުގައި ހޮޓަލެވެ. މިތަންތަން ބިނާކުރާއިރު ޢަމަލުކުރަންޖެހޭ ގަވާއިދު ހަރުދަނާ ކުރަން އެބަ ޖެހެއެވެ. ގެސްޓްހައުސް އެއްގައި 50 މީހުންނަށް ތިބެވޭ ނަމަ، އެ ތަނަށް ގެސްޓް ހައުސް (މެހުމާނުންގެ ގެ ނުވަތަ މެހުމާންސަރާ) ކިޔުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެއްގޮތަކީ 10 ކޮޓަރިއަށް ވުރެ [ނުވަތަ ކަނޑައަޅާ އެހެން މަދު މިންވަރަކަށް ވުރެ] ކޮޓަރި ގިނަ ނަމަ، ހޮޓަލް ކިޔުމެވެ. މިފަދަ ހޮޓާތައް ހެދޭނޭ ގޮތާއި ހިސާބު، ޢާއްމު ގެމީން އުޅޭ ބަސްތީ އާ ދުރުގައިވުމަކީ ވެސް ރަނގަޅު ކަމެކެވެ. އެންމެ ރަނގަޅީ މުޅީން އެހެން ސަރަޙައްދެއްގައި މިފަދަ ތަންތަން ހެދުމެވެ. ބަސްތީ ތެރޭގައި ހަދާނަމަ، ހަދަން ޖެހޭނީ މަލަމަތިން އެތަން ނުފެންނަ ތިރިމިނުގައެވެ. އެހެން ނޫނީ ރަށުގެ ހިތްގައިމުކަން ގެއްލޭނެއެވެ.
ހިތާމައަކީ މާލޭގެ ހަޑި، ހުތުރު ބިނާވެށި ބައެއް މީހުންނަށް ރީތިކަމަށް ފެނުމެވެ. މިކަން ބަދަލުވާނީ ރައްޔިތުންގެ މެދުގައި މަދަނިއްޔަތާއި ތަހުޒީބު ކުރިއަރައިގެންނެވެ. علم الجمال އަށް ގެމީން ފާގަތިވެގެންނެވެ. [ބޯދާ ދިވެހިބަހުން ގަމު ނުވަތަ ގަން ކިޔަނީ ވިލެޖަށެވެ. ނުވަތަ ބަސްތީއަށެވެ. ގެމިއަކީ އެ ވިލެޖުގައި ނުވަތަ ބަސްތީގައި ދިރިއުޅޭ އަހުލުވެރީންނެވެ.]
Varah gina mauloomath libigen dhiya liyuneh
Shukuriyya Dr.Hassan
Kuriah oiy thanugaives mifadha ithuru liyun allah ge iraadha fulhun fennnaane kamah ummedhu kuran
Aameen
At least one new word.