މީގެ 10 ވަރަކަށް މަސް ދުވަހުގެ ކުރިން، ގެދޮރު ވައިރުކުރުމާ ބެހޭ ވަރަށް އެދެވޭ އިޞްލާހެއް ކަމާ ބެހޭ ސަރުކާރުގެ އިދާރާއިން ގެނެސްފައި ވެއެވެ. އެއީ ވައިރުކުރާއިރު އެއް ސާކިޓް އާ ގުޅޭ ސޮކިޓްގެ ޢަދަދު ދެ ގުނައަށް ގިނަކުރުމެވެ. ބޮތްކާއި ފަންކާ ގުޅާފައިވާ ސާކިޓެއްގައި، މިތަކެތި ގުޅޭ ޢަދަދު ގިނަކުރުމެވެ. މިއީ، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ވަރަށް ފައިދާކުރާނޭ ކަމެކެވެ. މި މަޒުމޫނުގައި އަޅުގަނޑު އޮޅުންފިލުވައިދެވޭ ތޯ ބަލާނީ މި ގެނައި ބަދަލެވެ. އެއީ ވައިރުކުރުން ކިޔަވައިދޭ ފަރާތްތަކާއި ދަސްކުރާ ފަރާތްތަކުގެ މަންފާއަށެވެ.

2022 ގެ އޮގަސްޓް މަހާ ހަމައަށް ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައި އޮންނަނީ، އިލެކްޓްރިކް ޕްލަގް (ޓޮޕް) ޖަހާ ކޮންމެ ދެ ސޮކިޓަކަށް ވަކި ސާކިޓެއް ވައިރުކުރަން ޖެހޭނެކަމަށެވެ. އެހެންކަމުން، އެއްވެސް މީހަކު 3 ސޮކިޓް ހަރުކުރަން ބޭނުންނަމަ، ދެ ސާކިޓް ބޭނުންވާނެއެވެ. 4 ސޮކިޓް ގުޅޭނީ މަދުވެގެން ދެ ސާކިޓުގައެވެ. ކޮންމެ ސާކިޓަކަށް 2.5 mm2 ތިންފަށް ނަރު އަޅަންޖެހޭތީ، މިއީ ވަރަށް ޚަރަދު ބޮޑު ގޮތެކެވެ. ކޮންމެ ސާކިޓަކަށް ބުރޭކަރެއް ލާންޖެހޭތީ ސޮކިޓްތައް ގިނަ ނަމަ، ނަރުގެ ޚަރަދު ވަރަށް ބޮޑު ވެއެވެ. އަދި ބުރޭކަރު ގިނަވެ، ބުރޭކަރުތައް ހުންނަ ”ޑީބޯޑު“ [ޑިސްޓްރިބިޔުޝަން ބޯޑު] ބޮޑުކުރަން ޖެހެއެވެ. މީގެ އިތުރަށް، ނަރު ގެންދާ ހޮޅިތައް ފަލަކުރަން ޖެހެއެވެ. ދެ ސޮކިޓްގެ ބަދަލުގައި ހަތަރު ސޮކިޓް ކޮންމެ ސާކިޓަކަށް ގުޅޭގޮތަށް ނިންމުމުން ވަރަށް ގިނަ ޚަރަދުތަކެއް ކުޑަވެގެން ދާނެއެވެ.

މި މައްސަލަ އަޅުގަނޑު ވަރަށް ކުރީން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައީމެވެ. އެއިރު އެ ފަރާތްތަކުގެ ޖަވާބަކަށްވީ، އެ ގަވާއިދަކީ އެތަނުން ހެދި ގަވާއިދެއް ނޫންކަމާއި އެއީ އިލެކްޓްރިކް ސަޕްލައި ދޭ ފަރާތުގެ ގަވާއިދެއް ކަމަށެވެ. އަޅުގަނޑުގެ ނަޒަރުގައި މި ގެނައި އިޞްލާޙުގެ ސަބަބުން ރާއްޖޭގެ ވައިރުކުރުމުގެ ފެންވަރު ދަށެއް ނުވާނެއެވެ. މިހެން މިދަންނަވަނީ ބޭރު ޤައުމުތަކުގެ އިލެކްޓްރިކަލް ކޯޑުގައި (ވައިރުކުރުމުގެ ގަވާއިދުގައި) ސޮކިޓްތަކުގެ ޢަދަދު ކަނޑައަޅާފައެއް ނޯވެއެވެ. ބޭރު ޤައުމުތަކުގައި މީހުން ގިނަވެފައި، އިލެކްޓްރިކްގެ އެކި ބާވަތްތައް ބޭނުންކުރާލެއް ގިނަވާނެއެވެ. ނަމަވެސް، އެމީހުން ކަންބޮޑު ނުވާވަރަށް ދިވެހި ގަވާއިދުހަދާ މީހުން ކަންބޮޑު ވެއެވެ.  މައްޗަށް ތިރީގައި މި ގެނެސްދެނީ، ކަމާ ބެހޭ އިދާރާއިން ސޮކިޓްގެ މިންވަރާ ބެހޭ ގޮން ނެރެފައިވާ އެންގުމެވެ.

[ތިރީގައިވާ ގަވާއިދުގައިވާ ގޮތަށް، ޔޫ.އެސް. އިލެކްޓްރިކް ގަވާއިދުގައި އޮންނަނީ ސާކިޓަށް ކަނޑައެޅިފައިވާ ކަރަންޓުގެ  %80 އަށް ވުރެ ސާކިޓުން ނަގާ ކަރަންޓު މަތިވެގެން ނުވާނެކަމަށެވެ. އެެހެންކަމުން 16 އެމްޕިއަރ ގެ ސާކިޓަކުން ނެގޭނީ 13 އެމްޕިއަރެވެ. ކޮންމެ ސޮކިޓަކުން ނަގާނެކަމަށް ޔޫ.އެސް.ގައި އެވަރިޖްކޮށް ބަލަނީ 1.5 އެމްޕިއަރެވެ. އެހެންކަމުން 16 އެމްޕިއަރުގެ ސާކިޓަކާ ޔޫ.އެސް. ގައި ޢާއްމުކޮށްމަދުވެގެން 8 ސޮކިޓް ގުޅައެވެ.]

ކަމާ ބެހޭ ފަރާތުން ސޮކިޓާ ބެހޭ ގޮތުން ނެރެފައިވާ ބަޔާނުގައި އުނިކަމަށް އަޅުގަނޑަށް ފެންނަ އެއްކަމަކީ ދެ ސޮކިޓްގެ ދެމެދު ހުންނަން ޖެހޭ ދުރުމިން ބަޔާންކޮށްފައި ނެތުމެވެ.. ޔޫ.އެސް. ގެ އިލެކްޓްރިކް ގަވާޢިދުގައި އޮންނަނީ، ގެއެއްގެ ފާރުގެ އެއްވެސް ތަނެއް ސޮކެޓަކާ ހަ ފޫޓަށް ވުރެ ދުރުވެގެން ނުވާނެއެވެ. މީގެ މާނައަކީ ކޮޓަރިތަކުގައި ކޮންމެ 12 ފޫޓަކުން ސޮކިޓެއް ހުންނަން ވާނެއެވެ.

އިނގިރޭސި ވިލާތުގައި ކަމާ ބެހޭ ފަރާތްތަކުން ބުނެފައި އޮންނަނީ ކޮޓަރިއެއްގައި ހުންނަން ޖެހޭ ސޮކިޓްގެ ޢަދަދެވެ. އެ ޢަދަދުތައް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ. ބައެއް ލިޔުންތަކުގައި ކޮންމެ 2 މީޓަރަކުން ސޮކިޓެއް ހުންނަންވާނެކަމަށް ލިޔެފައި ވެއެވެ.

ސޮކިޓާ ބެހޭ ގޮތުން އަޅުގަނޑު ދެން ފާހަގަ ކޮށްލާ ކަމަކީ، ކަމާ ބެހޭ އިދާރާއިން، އިނގިރޭސިވިލާތުގައި ބޭނުންކުރާ ހަތަރެސްކަން ފައިކަށިލީ މަދު ވެގެން އެއް ސޮކިޓް ކޮންމެ ކޮޓަރިއެއްގައި ހުންނަން ޖެހޭނެކަމަށް ގަވާއިދުތަކުގައިވާ ވާހަކައެވެ. އަޅުގަނޑުގެ ނަޒަރުގައި އެންމެ ރަނގަޅު ސޮކިޓަކީ މި ވައްތަރެއް ނޫނެވެ. މި ވާހަކަ އިތުރު ތަފްޞީލް އާއެކު ތިރީގައިވާ ފޮޓޯއަށް ފިތާލުމުން ފެންނަ މަޒުމޫނުގައި ވެއެވެ.

ސާކިޓަކާ ގުޅޭ އެންމެ ގިނަ ދިއްލުމާއި ފަންކާ

އައު ގަވާއިދުގައި، ކުރިއާ ޚިލާފަށް 6 ދިއްލުމާއި ފަންކާގެ ބަދަލުގައި މިހާރު 10 ދިއްލުމާއި 2 ފަންކާ ބޭނުންކުރެވޭނޭ ކަމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް، މިހާރު ވައިރުކުރަން ޖެހެނީ 2.5 mm2   ގެނަރުންނެވެ. ޖުމުލަ ޕަވަރު އަކީ 1000 ވޮޓް ކަމަށް ވެއެވެ. މިގޮތަށް މި ގަވާއިދު އައުމުން ރާއްޖޭގައި 1.5 mm2 ނަރު ވައިރުކުރާއިރު ބޭނުންކުރަންޖެހޭ ޙާލަތް ނެތި ދާނެއެވެ. އިލެކްޓްރިކް ހިސާބުތައް އަޅުގަނޑަށް އެނގޭ މިންވަރުން 1000 ވޮޓްގެ ބާރަށް 1.5 mm2 ނަރު ކަމުދާނެއެވެ. އަދި ކިއެއްތަ، ތިރީގައި އަޅުގަނޑު މި ތަރުޖަމާ ކުރާ ރާއްޖޭގައި ވައިރުކުރުމުގެ ހަމަތަކުގައި ވަނީ 1000 ވޮޓް އަށް މި ވަރުގެ ނަރެވެ. ނަރު ފަލަވި ވަރަކަށް އަގުބޮޑުވެ، ރާއްޖޭއިން ކަމަކާ ނުލާ ބޭރަށްދާ ފައިސާ ގިނަވާނެއެވެ.

ދިވެހިރާއްޖޭގައި ޢަމަލުކުރަމުން ދާ ”ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު“ ގައި، ޢާއްމު ރައްޔިތުންނަށް އަންގާ ތަކެތި ހުންނަންވާނީ ދިވެހިބަހުން ކަމަށް އޮވެއެވެ. ނަމަވެސް، މި ޤާނޫނަށް ދައުލަތުގެ ބައެއް މަޙަކްމާތަކުން ޢަމަލެއް ނުކުރެއެވެ. މި މުޖުލައަށް އޮބާލައްވަނިކޮށް ޑައުންލޯޑް ވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ޢާއްމުކޮށްފައިވާ އިނގިރޭސިބަހުން ލިޔެފައިވާ އިލެކްޓްރިކް ވައިރުކުރުމާ ބެހޭ ހަމަތަކެވެ. ގިނަ ދިވެހީންނަށް އޮޅުން ފިލާނޭ ގޮތަށް، ތިރީގައި އެވަނީ އެ ގަވާއިދުގެ ގެދޮރުގެ ވައިރިން އާ އެންމެ ގުޅޭ ބައި އަޅުގަނޑު ތަރުޖަމާކޮށްލާފައެވެ.

މާއްދާ 31.     ވައިރުކުރުމުގެ ނިޒާމު

1. އިލެކްޓްރިކް ވައިރުކުރުން

1.1  އިލެކްޓްރިކް ވައިރުކުރަންވާނީ އެމް.އީ.އޭ. އިން ރުހުންދީ ލައިސަންސް ކޮށްފައިވާ މީހަކު ލައްވައެވެ.

1.2  ވައިރުކުރާ ނަރުގެ ދާފަރާގެ ކުލަ (ކުލަ ކޯޑު)

1.2.1 އެއް ފޭސް އިން ވައިރުކުރަން ބޭނުންކުރާ ނަރުގެ ދާފަރާގެ ކުލަ ހުންނަންވާނީ އަންނަނިވި ގޮތަށެވެ: ފޭސް – މުށި، ނިއުޓްރަލް – ނޫ، އާތު – ފެހި-ރީނދޫ ފަށް ދެމި.

1.2.2 ތިން ފޭސް އިން ވައިރުކުރަން ބޭނުންކުރާ ނަރުގެ ދާފަރާގެ ކުލަ ހުންނަންވާނީ އަންނަނިވި ގޮތަށެވެ: 1 ވަނަ ފޭސް – ކަޅު، ދެވަނަ ފޭސް – މުށި، ތިންވަނަ ފޭސް – އަޅި، އާތު – ފެހި-ރީނދޫ ފަށް ދެމި. {މި ކޯޑު ރަނގަޅެއް ނޫނެވެ. ނަމަވެސް މިއީ އަޞްލުގައި އޮތް ގޮތެވެ. އެންމެ ތިރީގައިވާ ކޮމަންޓްތައް ކިޔުއްވުން އެދެމެވެ.}

1.2.3 އެއްވެސް ޙާލަތެއްގައި، ނިއުޓްރަލް ނަރަށް ދާފަރާ ނޫކުލައިގައި ނުވާ ނަރާއި، އާތު ނަރަށް ދާފަރާގައި ފެއްސާއި ރީނދޫ ރޮނގު ދެމި ނަރު ނޫން އެހެން ކުލަތަކެއް ބޭނުންކޮށްގެން ނުވާނެއެވެ.

1.2.4 ވަގުތީ ގޮތުން، އެމް.އީ.އޭ. އިން ހުއްދަ ދޭނަމަ، ތިން ފޭސް ވައިރިން ކުރަންޖެހޭ ތަންތަނުގައި، ކަނޑައެޅިފައިވާ ކުލައިގެ ނަރު ނުލިބިއްޖެ ހާލަތެއްގައި ހުރިހާ ނަރެއްގެ ކޮޅުތަކަށް ހުންނަންވާނީ 1.2.2 ގައި ބަޔާން ކޮށްފައިވާ ކުލައިގެ ހޮޅިކޮޅެއް މަހާފައެވެ.

1.3 ތިން ފޭސް ވައިރުކޮށްފައިވާ ތަނެއްގެ ކޮންމެ ފޭސް އަކުން ނަގާ ކަރަންޓު އެއްވަރު ވާން ވާނެއެވެ. [ތިން ފޭސް ހުންނަންވާނީ ބެލެންސް ކޮށްފައެވެ.] 1.4  ފޭސް ނަރުތަކުގެ ސައިޒު ކަނޑައަޅަންވާނީ އެ ފޭސް އަކުން ނަގާނެކަމަށް ލަފާކުރާ ޖުމުލަ ކަރަންޓު ގެ ބޮޑުކުޑަމިނަށް ބަލައެވެ. ލައިސަންސް ދީފައިވާ އިންޖިނޭރު ނުވަތަ އިލެކްޓްރީޝިއަން ނަރުގެ ސައިޒު ރަނގަޅުކަމަށް ހެކިވާން ޖެހޭނެއެވެ.

1.5 ގޭބިސީތަކާއި މީހުން ދިރިއުޅޭ ޢިމާރާތްތަކުގައި ބޭނުންކުރާ އާތު ލީކިޖް ސާކިޓް ބުރޭކަރ (އީ.އެލް.ސީ.ބީ.) ގެ ފާލު ނެއްޓެންވާނީ (ޓްރިޕް ވާންވާނީ) އާދަކޮށް  30 މިލިއެމްޕެއަރުގެ ކަރަންޓު ނެގުމުންނެވެ. އެހެނަސް، މި މިންވަރު،  ބޭނުންވާ ބައެއް ޙާލަތްތަކުގައި ތަފާތުކުރެވިދާނެއެވެ. މި އީ.އެލް.ސީ.ބީ. ވާންވާނީ، 240 ވޯލްޓްގައި، 30-63 އެމްޕިއަރ ނެގޭ 2 ތަނޑީގެ ކަރަންޓުން މަސައްކަތްކުރަން އުފައްދާފައިވާ އާލަތަކަށެވެ. ތިން ފޭސް ސާކިޓްތަކުގައި ބޭނުންކުރާ އީ.އެލް.ސީ.ބީ. ވާންވާނީ، 30-63 އެމްޕިއަރ ކަރަންޓު ނެގޭ، 380-400 ވޯލްޓް ގައި މަސައްކަތްކުރާ 4 ތަނޑީގެ އާލަތަށެވެ. މި ބުރޭކަރުތަކުން ކަރަންޓު ނެގޭ މިންވަރު، ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބޮޑު ވެގެން ނުވާނެއެވެ. އަދި ފާލު ނެއްޓޭ ކަރަންޓު 30 މިލިއެމްޕިއަރަށް ވުރެ މަތިވެގެން ނުވާނެއެވެ. ކޮންމެހެން ބޭނުންޖެހޭ ހާލަތްތަކުގައި އީ.އެލް.ސީ.ބީ. ގެ ފާލުނެއްޓޭ ކަރަންޓު 30 މިލިއެމްޕިއަރ އަށް ވުރެ ކުޑަކުރެވިދާނެއެވެ. މި ގަވާއިދަށް އިސްތިސްނާއެއް ދެވޭނީ، ޢިމާރާތްތަކުގައި އެހެން މަރުކަޒީ ކަރަންޓު ނިޒާމުތައް ހުރުމުންނެވެ. މި ޙާލަތުގައި 30 މިލިއެމްޕިއަރ އަށް ވުރެ މަތީ ކަރަންޓަކުން އީ.އެލް.ސީ.ބީ. ގެ ފާލު ނެއްޓުނަސް، 100 މިލިއެމްޕިއަރ އަށް ވުރެ އެ ކަރަންޓު މަތިވެގެން ނުވާނެއެވެ.

1.6  6 ދިއްލުންތައް ހުރި ސާކިޓެއް 1.5 mm2 ނަރުން ވައިރުކޮށްފައިވާ ނަމަ، މުޅި ސާކިޓުން ނަގާ ކަރަންޓުގެ ޕަވަރު 1000W އަށް ވުރެ މަތިވެގެން ނުވާނެއެވެ.

1.7  ދިއްލުމުގެ ސްވިޗް ހުންނަ ފޮއްޓެއް ވައިރުކޮށްފައި ހުންނަން ވާނީ އެންމެ ފޭސް އަކުންނެވެ.

1.8  ވައިރުކުރަންވާނީ،  ހޮޅިއަށް ނުވަތަ ކޭސިން އަށް ނަރު ލައިގެންނެވެ.

1.9  ވިޔަފާރިއާއި ސިނާއީ ކަންކަމުގައި ބޭނުންކުރާ އިލެކްޓްރިކް މެޝިންތައް ވައިރުކުރަންވާނީ އެކަށީގެންވާ ސައިޒުގެ ނަރުން، އިސްޓާޓާޓަރެއް ނުވަތަ މައި ސްވިޗެއް ބޭނުންކޮށްގެންނެވެ. މިފަދަ އިސްޓާޓުކުރާ ސުވިޗެއް ހަރުކޮށްފައި ހުންނަންވާނީ، މިފަދަ މެޝިނާ ގާތުގައި، ފަސޭހައިން ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.

1.10  ފެން ޖެހިދާނެ ފަދަ ތަނެއްގައި ހަރުކުރާ ސްވިޗްތަކާއި ސޮކިޓްތައް ވާންވާނީ ފެން ނުވަންނަ ތަކެއްޗަށެވެ. އާދައިގެ ސްވިޗާއި ސޮކިޓް ހަރުކުރާނަމަ، އެ ހަރުކުރަންވާނީ ފެން ނުޖެހޭ ހިސާބުގައެވެ.

1.11  ހުރިހާ ވައްތަރުތަކެއްގެ ސޮކިޓް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ކޮންމެ ކޮޓަރިއެއްގައި G ވައްތަރުގެ BS-1363 ގެ ސޮކިޓެއް ހުންނަން ވާނެއެވެ.

1.12  އިލެކްޓްރިކް ވައިރުކޮށްފައިވާ ތަނެއްގެ އިންސިއުލޭޝަން ރެސިސްޓަންސް (ފޭސް އާއި ނިއުޓްރަލް އާ ދެމެދު، ފޭސް އާއި އާތު އާ ދެމެދު، ނިއުޓްރަލް އާ އާތު އާ ދެމެދު) މަދުވެގެން 1 މެގައޯމް ހުންނަންވާނެއެވެ. [މި ޓެސްޓު ކުރަންވާނީ މަދުވެގެން 500 ވޯލްޓް ގެ އޭ.ސީ. ބޭނުން ކޮށްގެންނެވެ.]

1.13  އިލެކްޓްރިކް ސަޕްލައި ލާފައިވާ ގޭބިސީއެއްގެ މީހަކު، އިމަރޖެންސީ ޖެނެރޭޓަރެއް ސަޕްލައި އާ ގުޅަން ބޭނުންނަމަ، ޗޭންޖްއޯވަރ ސްވިޗެއް ހަރުކުރަން ވާނެއެވެ. މި ޗޭންޖް އޯވަރ ސްވިޗުން، ހުރިހާ ފޭސް ނަރުތަކާއި ނިއުޓްރަލް ކަނޑާލެވެން ވާނެއެވެ. އަދި، ސްވިޗްގެ ރޭޓިން، ތަނަށް ބޭނުންވާ ލޯޑް އާ އެކަށީގެން ވާން ވާނެއެވެ.

1.14  އަލަށް ވައިރުކުރި ހުރިހާ ތަނަކަށް ކަރަންޓު ދިނުމުގެ ކުރީން،  ލައިސަންސް ދޫކުރެވިފައިވާ އިންޖިނޭރެއް ނުވަތަ އިލެކްޓްރީޝިއަނެއް ޓެސްޓުކޮށް ރުހުންދޭން ވާނެއެވެ.    އަދި ޑިސްޓްރިބިއުޝަން ބޯޑުން ފެށިންގެން ކޮށްފައިވާ ވައިރިންގައި މައްސަލައެއް އުޅޭ ނަމަ، ޓެސްޓުކުރި ފަރާތް އެ މައްސަލަތަކަށް ޒިންމާ ވާން ވާނެއެވެ.