ތާނަ ލިއުމުގެ ޤަޥާޢިދު

ފެހެންދޫ ހޮޅުއަށި

ފެހެންދޫ ހޮޅުއަށި ހުންނަނީ އެ ރަށު މައިމަގާ ވަޑިފަތިކޮށް އޮންނަ ކަނީރު ހިނގުމުގެ ދެކުނު ކޮޅުގައެވެ. ޒަމާން ގެންނަ  ބަދަލުތަކުގެ ސަބަބުން މިހާރުގެ ހޮޅުއަށްޓަކީ އަށް އަރިއަށް، އަށް ފުރާޅަށް ހިޔާކޮށް ދިގު ގޮނޑިއާއި ޖޯލިފަތި ބަހައްޓާފައި ހުންނަ ގެޒީބޯއެއް ފަދަ ތަނެކެވެ.  ހޮޅުއަށީގެ ކަނާތްކިބައިގައި އޮންނަނީ ވަރުވާއަށް ދޫކުރާ، ބޯކޮށް ރުއް ހެދިފައިވާ ހިންނައެކެވެ. ވާތްފަރާތުގައި އޮންނަނީ އުނިމާ ގަސްތަކެކެވެ. މިއީ މިރަށު މީހުން، ކުނަލާއި ސާންތި ވިޔެ އުޅުނު ދުވަސްވަރު، އުނިގަހު މުލުން ކުނަލުގައި ކުލަ ޖައްސަންވެގެން ހައްދައިފައިވާ ގަސްތަކެކެވެ. އަދިވެސް ގަސްތައް ހެދެނީއެވެ. ހޮޅުއަށި ކުރިމަތީގައި، ލޮލުކޮޅަށް އޮބާހާ ދުރަށް ދެމިގެން ގޮސްފައިވާ ފަރެއް އޮވެ އެވެ. އެއް އިރެއްގައި ރަށުމީހުން ފަރުހިލި ފަރަކީ މިއީ އެވެ.

ދުވަސްވަރަކީ، ދިނަށަ ކަމުން، އިރު އަރަނީ ހައެއްޖަހާ ބޮޑުވާ ފަހުންނެވެ. އިރު ދަތުރުކުރަމުން ދަނީ ދެކުނު ދަނޑިންކަމަށް ވާތީ، އެހެން ދުވަސްވަރާ އަޅާ ބަލާއިރު ޖައްވު އޮންނަނީ ފިނިވެފައެވެ. ނަމަވެސް ވާރޭއެއް ނުވެހެއެވެ. ދިވެހިރާއްޖޭގައި އެންމެ މަދުން ވާރޭ ވެހޭ އެއް ދުވަސްވަރަކީ ފެބްރުއަރީ މަހުގައި އަންނަ މި ދިނަށަ ނަކަތެވެ. އިރު އުތުރުން ޖެހެމުންދާ ވައި، ރަށުގެ ތެރެއިން ލާފައި އައިސް، ހިންނައިގައިވާ ރުއްތަކުގެ އެޅުމުން، ފަތްވަތްތަކުން ރާރާކިޔަމުން ދެއެވެ. އުނިފީނިން ފޮޅިފައިވާ އުނިމަލުގެ ލުއިލުއި ވަސް، ވައިރޯޅިއާއެކު ހޮޅުއަށްޓާ ހަމައަށް ފެތުރިފައި ވެއެވެ. ފަތިހުގެ ފިނި ޒަފާ ގައިގައި ޖެހުމުން، ބައެއް ފަހަރު ހީބިހި ނަގާހައި ފިނިވެއެވެ.

ފަތިސް ނަމާދު ކޮށްލައިގެން އައިސް، ހޮޅުއަށީގައި ހުރި ޖޯއްޔެއްގައި އޮށޯވެގެން އެއޮތީ، ދަތުރުވަރެއްގައި ފެހެންދޫއަށް އައި ކ. ދިއްފުށީ އާދަނެެވެ. ބުރުސޫރަ ރީތި ފުރާވަރުގެ ޒުވާނެކެވެ. ކުރިމަތީގައި އޮތް ފަޅުގެ ބިއްދޮށުގައިވާ އުރަފަތް ކައިރިން އުފެދޭ ހުދު ހޮޅިލީ ބާނިތަކަށް ގެއްލިފައި އޮއްވައި، ހޮޅުއަށްޓާ ދިމާއަށް އަންނަތަން އެ ފެންނަނީ އެ ރަށު ރަބީޢީ މަންޒިލް ކާސިމެވެ. ފެންނަ ގޮތުން، މިހާރު 70 އަހަރަށް ވުރެ މަތިވެދާނޭ ކަމަށް ލަފާކުރެ ވެއެވެ.  ނަމަވެސް ހަށިގަނޑު ތެދުވެފައިވާ ހިނގުމުގައި ހަރުދަނާ ކަމެއް ހުރެއެވެ.

fehendhoo

އާދަނު އޮތް ޖޯއްޔާ ޖެހިގެން އެއް ޖޯލި ދޫކޮށްފައި ކާސިމު އިށީދެއްޖެއެވެ.

ކާސިމު: ކޮން ރަށަކު ކުއްޖެއްތަ؟

އާދަނު: ކ. ދިއްފުށީ އާދަނު. ދަތުރުވަރެއްގައި މިރަށަށް އައިސްލީ. ހާދަ، މީސްކޮޅު މަދު ރީތި ރަށެކޭ. މިރަށް އެންމެ މަޝްހޫރީ ކޮންކަމަކަށްތަ؟

ކާސިމު: ފެހެންދޫ އަކީ އެތައް ކަމަކަށް މަޝްހޫރު ރަށެއް. ބުނެ ކޮޅުންލާކަށް ނޯންނާނެ.

އާދަނު: އެހެންތަ؟ އަޅެ ބުނެބަލަ، ތިތަނުން އެއްކަމެއް؟

ކާސިމު: ބައެއް ރަށްރަށް މަޝްހޫރުވޭ އެ ރަށުގައި ވަޒަންވެރިވާ މީހުންގެ ސަބަބުން. ކީރިތި ރަސޫލާ، މަދީނާ އަށް ހިޖުރަ ކުރައްވައި އެ ރަށުގައި ވަޒަންވެރިވެވަޑައިގަތުމުން، މަދީނާގެ ނަން މުޅި ދުނިޔޭގެ ހަތަރު ބިތަށް އަރައިގެން ދިޔަތާ މިވީ 1400 އަހަރު. އަދިވެސް، މަދީނާގެ މަޝްހޫރުކަން ދަނީ އިތުރުވަމުން.

އާދަނު: މިރަށަށް އަނެއްކާ މަޝްހޫރު މީހަކު އަރުވާލެވުނީތަ؟

ކާސިމު: އާނ! ކަލޭމެން ކުދިން ޅަކަމުން ނޭނގޭނެ! މިރަށަކީ ނައިބުތުއްތު އަރުވާލެވުނު ރަށް. އެއީ 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހު. ދެން އަހާ ނާއިބު ތުއްތުއަކީ ކާކުހޭ؟

އާދަނު: ނާއިބުތުއްތު އަކީ ކާކު؟

ކާސިމު: ނައިބު ތުއްތުއަކީ، ދިވެހިރާއްޖޭގެ ބޮޑު ފަޑިޔާރުކަން ކުރެއްވި ބޭފުޅެއް. އޭނާގެ މަޝްހޫރު އެއް ނަމަކީ ޝެއިޚު މުޙައްމަދު ޖަމާލުއްދީނު. އެއީ ސިޔަރަތު ލިޔުއްވި ޞަލާޙުއްދީނުގެ އެއް އެދުރު. ނައިބު ތުއްތު އަކީ، ދިވެހިބަހަށް ވަރަށް މޮޅު ބޭފުޅެއް. ޅެންވެރިކަމަށް އެ ވަރު ނެތް ބޭފުޅެއް. ”ތާނަ ލިޔުމުގެ ޤަވާއިދު“ މިފޮތަކީ ނައިބު ތުއްތު ފެހެންދޫއަށް ފޮނުއްވައިލައްވައިފައި ހުންނެވި ދުވަސްވަރު، ހިޖުރީގޮތުން 1308 ވަނަ އަހަރު، ލިޔުއްވި ފޮތެއް. އެއީ މީލާދީ ގޮތުން 1891 ވަނަ އަހަރު. މިފޮތަކީ، ދިވެހިބަހާ ބެހޭ ގޮތުން އެންމެ ފުރަތަމަ ލިޔެފައިވާ ޤަޥާޢިދު ފޮތް ކަމަށް ޙުސައިން ޞަލާޙުއްދީނު ވިދާޅުވި. އެހެންވީމާ، ދިވެހިބަހުގެ ޤަޥާޢިދާ ބެހޭ ފުރަތަމަަ ފޮތަކީ ފެހެންދޫގައި ލިޔެފައިވާ ފޮތެއް.

އާދަނު: އާނ! ތިއީ މިރަށު މީހުން ފަޚުރުވެރިވާންވީ ކަމެއް. ކާސިމަށް ތިކަން ތިހާ ބޮޑަށް އެނގެނީ ކީއްވެ؟

ކާސިމު: އެކަން އެނގޭގޮތަކީ، ނައިބުތުއްތު މިރަށުގައި ހުންނެވި ދުވަސްވަރު، އަހުރެންގެ ބައްޕަ އަކީ ފުރާވަރުގެ ޒުވާނެއް. ބައްޕަ ބުނި، ނާއިބު ތުއްތު މިރަށުގައި ހުންނެވި އިރު އަދި އިތުރު އެހެން ފޮތްފޮތް ވެސް ލިޔުއްވިކަމަށް. އެހެން ކަމުން، މިރަށް ވާނީ ޢިލްމީގޮތުން ބ. އަތޮޅުގެ، އަދި ކީއްތޯ، ދިވެހިރާއްޖޭގެ، އެންމެ މުހިއްމު އެއް ރަށަށް.

އާދަނު: ތިބުނާ ފޮތުގެ ކޮޕީއެއް މިރަށުގައި އެބަ އޮތްތަ؟

ކާސިމު: އަހުރެންގެ އަތުގައި އެ ފޮތުގެ ކޮޕީއެއް އެބައޮތް. އެ ޒަމާނަކީ ފޮތްފޮތް ޗާޕުކުރުމުގެ ބަދަލުގައި، މީހެއްގެ އަތުގައި ބޭނުން ފޮތެއް އޮވެއްޖެ ނަމަ، އެ ފޮތް ހޯދައި ފޮތް ނަކަލު ކޮށް ލިޔާ ޒަމާނެއް. މިގޮތުން ނައިބުތުއްތުގެ ދަރިވަރު، އިބްރާހީމް ކުޑަ ސީދީގެ އަތްޕުޅުން ލިޔުއްވި އެ ފޮތުގެ ނުސްޚާޔެއް ޙުސައިން ޞަލާހުއްދީނު އަތްޕުޅުގައި އޮއްވައި، އެފޮތަށް ވީގޮތެއް ނުއެގި ގެއްލި، އެ ފޮތް ފަދަ ރަނގަޅު އެއްޗެއް މިދޭހުން މުޅީން ނެތި ދިޔައީކަމަށް ހީކުރައްވައި، ޙުސައިން ޞަލާޙުއްދީނު ހިތާމަވެގެން ހުންނަވަނިކޮށް އެފޮތުގެ ކޮޕީއެއް ފެނުނީ. ފެނުނީ ކަޅު ޙުސައިން ތަކުރުފާނުން ހިޖުރީގޮތުން 1314 ވަނަ އަހަރު ލިޔެ ކުށްފިލުއްވާފައި އޮތް ފޮތެއް އޭނާގެ އަތުން. އެކަމާ ޞަލާޙުއްދީނު އުހައުކުރައްވައި، ކަލާނގެ ކިބަޔަށް ޝުކުރުކުރައްވައި އެފޮތް އަތުލައްވައިގެން އެފޮތުން ކުށްފިލުއްވައި ޙުސައިން ޞަލާޙުއްދީނު ކޮޕީއެއް ލިޔުއްވީ. ޙުސައިން ޞަލާޙުއްދީނު އެ ދުވަސްވަރު ވިދާޅުވޭ ދިވެހި ބަސް ލިޔެ ކިޔާނޭ މަގު އޮޅުން ފިލުވާކަށް އަދިޔެއް އެ ފޮތްވަރުގެ އެއްޗެއް ނެތްކަމަށް.

އާދަނު: ތިއީ ޗާޕުކުރަން ހާދަ ރަނގަޅު ފޮތަކަށް ވާނެއޭ ދޯ؟

ކާސިމު: އާނ! ޙުސައިން ޞަލާޙުއްދީނު މިފޮތް، އާދަމް އަޙްމަދު މަނިކު ލައްވައި ލިޔުއްވައި، ސަމްޝުއްދީނު ރަސްކަމުގައި، 1931 ވަނަ އަހަރު ޗާޕުކުރައްވައިފައި ވޭ. މިއީކީ ދިގު ފޮތެއް ނޫން. ފޮތުގައި އަޞްލު ހިމެނެނީ 14 ޞަފުޙާ. ފޮތެއް މޮޅުވަނީ އެ ދިގުވެގެންނެއް ނޫން. އެއިގައި ބުނާ އެއްޗެއްގެ ސަބަބުން.

އާދަނު: ތިޔަ ކިޔާދިނީ ހާދަހާ ގިނަ ތަފުސީލެކޭ. ކާސިމު ޢުމުރުން ތިޔަހާ ދޮށި އިރު، ތިޔަހާ ހަނދާން ގަދައީ ކީއްވެ؟

ކާސިމު: އެންމެންގެ ވެސް ޅައިރުގެ ހަނދާންތަކަކީ ގަދަ ހަނދާންތަކެއް. އެހެންވީމާ، ތަކެތި ދަސްކުރަން ވެސް އެންމެ ރަނގަޅު ދުވަސްވަރަކަށް ޅަ ދުވަސްވަރު ވަނީ. މީގެ އިތުރަށް،  ތަކެތި ހަނދާން ހުންނަނީ ދުވަސް ދުވަސްކޮޅުން އެކި ހަނދާންތައް އައުކުރުމުން. އާދަކޮށް ފަތާނަމަ ދުރަށް ފެތޭ ފަދައިން، ހަނދާނަކީ ވެސް ކަސްރަތުކުރަން ޖެހޭ އެއްޗެއް. އައު ތަކެތި އަބަދުވެސް ދަސްކުރަމުން ދާނަމަ، ހަނދާން ގަދަވާނެ. މިއާއެކު ފުރިހަމަ ނިދި ހޯދުމަކީ ހަނދާން ގަދަވާ ކަމެއް.

އާދަނު: ތިބުނާ ނައިބުތުއްތު ފޮތުގައި އޮތް އެއްޗެއް ހަނދާން އެބަހުރިތަ؟

ކާސިމު: އާނ. އެ ފޮތް ފެށެނީ ދިވެހި ބަހުގައިވެސް ފިސާރި ރިވެތި ޤަޥާޢިދުތައް ހުރިކަމަށާއި، ދިވެހިބަހުގެ ނަޙޫ އެނގިގެން ކަމަށް ބައެއް ޤަވާޢިދުތައް އެނގޭނީ ބުނަމުން.

އާދަނު: ނަޙޫ އޭ؟ އެއީ އަންހެން ކުއްޖެއްގެ ނަމެއްތަ؟

ކާސިމު: ނަޙޫ ކިޔަނީ ބަހުގެ ޤަޥާޢިދަށް، އެއީ ލަފުޒުތައް އެކުލެވޭ ގޮތާއި ޖުމުލައެއް އުފެއްދުމުގައި ލަފުޒުތައް އަތުރަންޖެހޭ ގޮތަށް ޢަރަބި ބަހުން ކިޔާ ނަމެއް. އޭނާ އެ ލަފުޒުގެ މާނަ ވެސް ފޮތުގައި ލިޔުއްވައިފައިވޭ. މިބުނާ ގޮތަށް. ކޮންމެ ބަހެއް ވެސް މޮށިއުޅުމުގެ އަޞްލުތަކާއި ޤަޥާޢިދުތައް ދެނެގަތުމުގެ ގޮތްތަކޭ ވިދާޅުވެފައިވަނީ. ނާއިބު ތުއްތުއަކީ ޢަރަބި ބަސް ވަރަށް މަތީ ފެންވަރަކަށް އެނގިވަޑައިގަންނަވާ ބޭފުޅެއް.

އާދަނު: ބަހުގެ ޤަޥާޢިދު ބެހޭ ގޮތުން ދެން ނާއިބު ތުއްތު ލިޔުއްވީ ކީކޭ؟

ކާސިމު: ނައިބު ތުއްތު ވިދާޅުވަނީ ބަސްމޮށި އުޅުމުގައްޔާއި ލިޔުމުގައި އަދި ޅެން ބަސް ކިޔައި އުޅުމުގައި ސުކުން އަރާނޭ އަކުރުތައް ވަކިކޮށް ބަލައި ވިސްނަން އުޅޭ މީހުން މަދު ވެއްޖެ ކަމަށް. އޭނާ އިޝާރާތް ކުރައްވަނީ ދިވެހިބަހުގައި اَوْبَوْ ފިއްޔާއި اَيْ بَيْ ފިލި ލިޔޭނީ ދުލުން ކިޔާ ގޮތާ ވަރަށް ތަފާތުކޮށް ކަމަށް. اَوْبَوْ ފިލި ލިޔާނީ އައުބައު މިހެންކަމަށާއި اَيْ بَيْ ލިޔާނީ އައިބައި މިހެންކަމަށް. ދެ ފިލި ވެސް ކިޔާނީ ކުރީ އަކުރު ކުޑަކޮށް ދަމާލާފައި ކަމަށް. ދެން اَيْ بَيْ ފިލި ކިޔާއިރު ކުރީ އަކުރު ދަމާލާތީ، އާބާ ފިއްޔާ އޮޅިގެން ގޮސް ބަސްތައް ހުތުރުކޮށް ކިޔޭކަން. ދެން ވިދާޅުވަނީ މި ދެފިލި  ނުއޮޅުވައި ލިޔެވޭނީ ވެސް އަދި ކިޔޭނީ ވެސް ދިވެހި ބަހުގެ ނަޙޫ ދެނެގެންވާ މީހަކަށް ކަމަށް.

އާދަނު: ތިބުނަނީ މިހާރު ގިނަ ދިވެހީން މި ފިލި ކިޔަނީ ހުތުރުކޮށޭތަ؟

ކާސިމު: އެ ދުވަސްވަރު — މީގެ 130 އަހަރު ކުރިން — ނުބައިކޮށް ކިޔާއުޅޭ ނަމަ، މިހާރު ކަންތައްތައް ހުންނާނޭ ގޮތް ވިސްނޭނެ! ބަސްތައް ފެއްޓުމުގައި ވެސް ހުއްޓުމުގައި ވެސް اَيْ بَيْ ފިލީން ކިޔާފައި އޮތް ޅެމެއް ނައިބުތުއްތު ފޮތުގައި ހިމަނާފައި ވޭ. އެ ޅެމަކީ:

         ފައިފަށަން ބާއްވައި                އައިމެ މޮޅު އިރުވަން ހައި

         ލައި އުހު ކަމަޅިމަތީގައި             ޔައިކިހެއު ފާތިޙާ ފައި

         ހައިބައިދެ ދުނިދިޔޯއިން އަ           ޅައިދުން ފޫގޮމައިން އަ

         ދިވެހިބަހުގެ މައިގަނޑު ބައެއް ކަމުގައިވާ ކަން އަމުރެއްގެ ގޮތުގައި އަންނަ ހާލަތް ނޫން އެހެން ހުރިހާ ތަނަކު، ފާއިތުވެފައިވާ ކަމެއް މީހަކަށް ނުވަތަ އެއްޗަކަށް ނިސްބަތް ވާނަމަ، އަންނާނީ اَيْ بَيْ ފިލީން.

         ކައިފި، އަޅައިފި، ތަޅައިފި، މަޅައިފި، ފަޅައިފި، ފުރޮޅައިފި ނަގައިފި، ފަހައިފި މިގޮތަށް.

އާދަނު: ދިވެހިބަހުގެ މައިގަނޑު ބައެއް ކަމުގައިވާ ނަމެއްގައި اَيْ بَيْ ފިލި ހިމެނިދާނެތަ؟

ކާސިމު: ނައިބުތުއްތު ލިޔުއްވާ ގޮތުގައި އެހެން ވެދާނެ. ބައެއް ނަންތައް ދެގޮތަކަށް ކިޔައި އުޅޭ. މިސާލަކަށް އަމާ، އަމައި، ބަފާ، ބަފައި.

އާދަނު: މިހާރު އެނގިއްޖެ ތިބުނި އެއްޗެއް. ދެން ނައިބު ތުއްތު ވިދާޅުވަނީ ކީކޭ؟

ކާސިމު: ބަހުގެ ޤަޥާޢިދު ނުދަތަސް، ބައެއް ކަންކަން ހަނދާން ކުރަނިކޮށް ސުކުން ކުރެވޭ ގޮތް ރަނގަޅަށް އޮޅުން ފިލައިފާނެ. ހުވަދޫ ކަނޑުން އުތުރުގެ މީހުން ސުކުން ކުރަނީ އެންމެ ހަތަރު އަކުރަށް. އެއީ އ، ނ، ތ، ށ. ހަނދާން ކުރަން ފަސޭހައަކަށް ”އުނިތޮށި“ ނުވަތަ ”ތޫނުއޮށި“ މީ އެ ހަތަރު އަކުރަކީ. މީގެ އިތުރަށް ހުވަދޫ ކަނޑުން ދެކުނުގެ މީހުން ލ ގައި ވެސް ސުކުން ކޮށް ކިޔައި އަދި ލިޔެ އުޅޭ.

އާދަނު: އުނިތޮށި ކިޔާ އިރަކު ސީނު ސުކުނެއް ނެތެއްނު؟

ކާސިމު: ޙަޤީޤަތުގައި، ޢަރަބި ބަހުގައި މަޚްރަޖަ ފާޅުކޮށް ކިޔާ ގޮތަށް ދިވެހިބަހުގައި ހިމެނޭ ސުކުނަކީ ހަމައެކަނި ސީނު ސުކުން. ދެން ދެކުނުގެ އަތޮޅުތަކުގައި ބޭނުންކުރާ ލ ސުކުން. މިނޫނީ ދެން ވާހަކަ ދެއްކުމާއި ލިޔުމުގައި މި ބޭނުންކުރަނީކީ މަޚްރަޖައިގެ ގޮތުން ބަލާއިރު ސުކުން އަޑުތަކެއް ނޫން. އެއީ އެހެން އަޑުތަކެއް.

އާދަނު: ތި ބުނަނީ އ ށ ތ ނ ގައި މިކުރެވެނީ ޢަރަބީގެ އުޞޫލުން ބަލާއިރު ފާޅުވާ ސުކުނެއް ނޫނޭދޯ! އ ސުކުނާއި ށ ސުކުނަކީ މިހާރު ވަރަށް ގިނަ ބަޔަކަށް އޮޅޭ އެއްޗެއް. ރަނގަޅު ގޮތަކީ ކޮބާ؟

ކާސިމު: ނައިބުތުއްތު ވިދާޅުވާ ގޮތުގައި، އ ސުކުނާއި ށ ސުކުން ކިިޔާނީ ޢަރަބި ބަހުގައި ތަޝްދީދު ކިޔާ ގޮތަށް. ށ ސުކުން ކުރާނީ ހަމައެކަނި ށ މަތީގައި ތެދު ފިއްޔެއް، އެބަހީ، އަބަފިއްޔެއް ޖެހުމުން ބަސް ގޯސް ނުވާނޭ ބަސްބަހުގައި. ށ ސުކުނެއް އަރާ ކޮންމެ ތާކުމެ އަޞްލަކީ ތެދުފިލި ނުވަތަ އަބަފިލި ލިޔުން. ކިޔާ ގޮތުގައި އެއްވެސް ތަފާތެއް ނުހުންނާނެ! މިސާލަކަށް ”އަހުރެން މިދަނީ ގައަށް“ ކުރިން ބުނަނީ މިގޮތަށް: ”އަހުރެން މިދަނީ ގެއަށަ“.

އާދަނު: ތިޔަހެން ވިއްޔާ ހުސް އ ސުކުން ބޭނުން ނުކުރަނީ ކީއްވެ؟ ށ ސުކުން އުވާލަންވީނުން؟

ކާސިމު: ފެހެންދޫ ގިނަ މީހުން ވެސް ހީކުރަނީ ތިޔަހެން. އެކަމަކު ތިއީ ކުރެވޭނޭ ކަމެއް ނޫން. ޙަޤީޤަތުގައި ރަނގަޅުގޮތަކީ، ށަވިޔަނީގައި އަބަފިލި ޖެހުން. އެންމެ އިހުގެ ފަތްތައް ބަލައިފި ނަމަ، އެއިން ށ ސުކުނެއް ނުފެންނާނެ… ނަމަވެސް ޒަމާނަށް އައި ބަދަލުގެ ސަބަބުން، މީހުންނަށް ސުކުން ރިވެތިވެގެން ށ ސުކުނަށް ކިޔާ އުޅެނީ. މައްސަލަ ޖެހެން ފަށާނީ ބައެއް ޅެންތައް ފުރޮޅައި ކިޔާއިރު. މިކަމުގެ މިސާލެއް ނައިބުތުއްތު އެ ފޮތުގައި ދެއްވައިފައިވޭ. އެ ޅެމަކީ

          މަށް މީހު ވިލިގިލީ ވެދު     ކަށް މިކަމަގެން ނުވޭ ވާދޮ

          ށަށް އަރުމާދު  އަތުވާދޮ

           މި ޅެމުގައި ދެވަނައަށް ވާ ށ ސުކުނުގައި އަލިފެއް ނުވަތަ ނޫނެއް އެޅުމުން ލިޔުމުގެ މަގު ގޯސްވާނެ. އެއީ އަކުރު ފުރޮޅައިގެން ލިޔެފައިވާއިރު، ށ އެހެން އެއްވެސް އަކުރަކަށް ބަދަލުވި ނަމަ، ބަހަކަށް ނުވާ ބަހެއް އުފެދޭނެތީ. މާނައެއް ދޭހަ ނުވާނެތީ.

އާދަނު: ނޫނު ސުކުނޭ؟ ށ ސުކުން ނޫނު ސުކުނަކަށް ކިޔޭގޮތެއް އޮވޭތަ؟

ކާސިމު: އާނ! ށަވިޔަންޏަށް ސުކުން އަރައިފައިމެ ކިޔާއިރު ނޫނު ސުކުނެއްހެން ހީވާގޮތަށް ޣުންނައިގެ މަޚްރަޖުން ށ ސުކުން ކިޔާ ގޮތެއް އޮވޭ.

އާދަނު:   ޣުންނައޭ؟ އޭގެ މާނައަކީ ކޮބައި؟

ކާސިމު:   ތަޖުވީދެއް ނުކިޔަވަންތަ؟ އެއީ ޢަރަބި ނޫނު ނުވަތަ މީމުގައި ތަޝްދީދު ޖެހުމުން، ދެ ޙަރަކާތަކަށް ދަމައި ނޭފަތުން މި ދެއަކުރު ކިޔުން.  ޢަރަބި ބަހުން ”އަންނަ“ ކިޔާއިރު އެގޮތަށް ކިޔާނީ. ނޫނުގެ އަބަފިއްޔަށް އަޑު ހިފަހައްޓައި ނޭފަތުން ކިޔާނީ. ދިވެހިބަހުން ށ ގެ ސުކުން ނ ސުކުނުގެ ޣުންނައިގެ ގޮތުގައި ކިޔޭނީ އ ސުކުން ނުވަތަ ށ ސުކުން ކިޔާއިރު ފަހަތަށް ހ، މ، އ ނ މި ހަތަރު އަކުރުން އަކުރެއް އައުމުން. ހަނދާންކުރަން ފަސޭހައަކަށް އެ ހަތަރު އަކުރަކީ މި ބަސްތަކުގައި ހިމެނޭ އަކުރުތައް: ”ހޯމައިން“ ނުވަތަ ”ހެއުނަމަ“ ނުވަތަ ”އުހާނަމަ“. މި ހަތަރު އަކުރުން އަކުރެއް ފަހަތަށް އަންނަ ހިނދަކުގައި އ ސުކުން އަދި ށ ސުކުން ޣުންނައިގެ ނ ސުކުނެއްގެ ގޮތުގައި ކިއިދާނެ. ކުރިން ބުނި ޅެމުގެ ތިން ފޮޅުވަތް ކިޔާއިރު މިގޮތަށް ކިޔޭނެ.

އާދަނު:   ކާސިމު ތި ބުނާ އެއްޗަކީ، ކިޔުމުގައި އ ސުކުނާއި ށ ސުކުނާ ތަފާތެއް ނެތޭ. ޅެންވެރިކަމުގައި، ބަސް ފުރޮޅޭ ގޮތުން ށ ސުކުންޖަހަންޖެހޭ ތަނަކު އ ސުކުން ޖަހައިފިނަމަ، އެއްވެސް މާނައެއް ދޭހަނުވާ ބަސްބަސް އުފެދެއޭ. އެހެންވެ ށ ސުކުން އުވާލެވޭކަށްނެތޭ. ދެން ތި ބުނަނީ ށ ސުކުނުގެ ފަހަތުގައި ”ހޯމައިން“ މި ހަތަރު އަކުރުން އަކުރެއް އަތުވެއްޖަނަމަ، ނ ސުކުން ގޮތަށް ކީދާނޭ. ބަސް ފުރޮޅޭ ވާހަކައަކީ ކޮން ވާހަކައެއް؟

ކާސިމު: ބަސް ފުރޮޅޭ ގޮތުގައި ށ ސުކުން މުހިއްމުކަން އޮޅުން ފިލާނެ މި ޅެމުން:

          ނާސަބުނެ ރެދުންނަށް .  ލާށައެކުލެމަހަދައިކަށް

          މާދުނަން ވާގޮތުން ރަށް.  ދާހެން ހަމަވެ ޢިއްޒަތަށް

           ވާވަރަށް ބެއް ތަނަކު އައިނު. ތާކުޅަދާނަ ދުލައައިނު

          މި ޅެމުގައި ކުރީ ހަތަރު ބަސް ހުއްޓިފައި އެހުރީ ހައްތާވެސް ށަވިޔަނީގެ ސުކުން ޞުލްޙަވެ ހަމަވާނޭ ހެން. ލިޔުމުގައި މީހަކު އަލިފެއް ލިޔުނަސް ކުށެއް ނުފެންނާނެ. އެކަމަކު އަނެއްކޮޅަށް ފުރޮޅާ ކިޔޭކަށް ނޯންނާނެ.  މިޅެން ފުރޮޅޭނޭ ގޮތީ:

         ނަށަރަދުންބުނެ ސަނާ.  ކަށަޅެ މަށައެކު ހަދައިލާ

         ރަށަދުނަށް ވާގޮތުންމާ.  ތަށަ ޢިއްޒަހެން ހަމަވެދާ

         ދެން ކުރީ ޅެމުގައި ށ ސުކުން ހުރިތަންތަނުގައި އަލިފުސުކުން ކޮށްގެން ޅެން ފުރޮޅޭތޯ ބަލައިބަލަ. އެކަމެއް ނުކުރެވޭނެ. އެހެންވެގެން ށ ސުކުން މުހިއްމުވަނީ.

އާދަނު: ކާސިމުގެ ތި ވާހަކައިގައި ތި ބުނަނީ ށ ސުކުނަކީ ކުރިން  އޮންނަ އެއްޗެއް ނޫނޭ. އަބަފިލި ޖެހޭ ތަންތަނުގައި، ފަހަކަށް އައިސް ސުކުން ކުރަން ފެށީ ރީއްޗަކަށޭ. އަބަފިލި ފިޔަވައި އެހެން ފިއްޔެއް ޖެހޭ ތަންތަން ށ ސުކުނަށް ބަދަލުވެފައިވޭތަ؟

ކާސިމު: އާނ. ހުވަދޫ ކަނޑުން އުތުރުގެ މީހުން މޮށޭ ބަހުރުވައިގައި، ށ ގައި އުބުފިިލި ޖެހޭ ބައެއް ބަސްބަސް، ސުކުންކޮށްގެން ކިޔާ. މިސާލެއް ބުނާނަމަ، އުތުރުގެ މީހުން ކަށުނަމާދަށް ކިޔާނީ ކަށް ނަމާދު، އަށު އަޑުބާ އަށް ކިޔާނީ އަށް އަޑުބާ، އަށުބާގަ އަށް ކިޔާނީ އަށް ބާގަ. މި  ތަންތަނުގައި ލިޔާނީ ށ ގައި ސުކުން ކޮށް.

އާދަނު: ތި ބުނާ ގޮތުން، ށ ގައި އަބަފިލި ޖެހޭ ބަސްބަސް ށ ގައި ސުކުން ކޮށް ކިޔާ އަދި ލިޔެ އުޅޭ. ދެން ތިބުނަނީ އުތުރުގެ މީހުން ށ ގައި އުބުފިލި ޖެހޭ ބައެއް ލަފުޒުގައި ވެސް ސުކުން ކުރެއޭ. ކަށު ނަމާދަށް ކަށް ނަމާދު ކިޔައޭ. ސީދާ އަލިފު ސުކުން ރަނގަޅު ބަސްބަހުގެ މިސާލެއް ބުނެބަލަ.

ކާސިމު: އައްޑަނަ، ފައްޓަރު، ކައްޗޭ، ބައްތެލި، މައްޗަންގޮޅި، ރައްކައު، ފައްކާ މިއީ ހައްތާ ވެސް އަލިފު ސކުން ވާ ބަސްބަސް.

އާދަނު: ތިޔަހެން ވިއްޔާ ށ ސުކުން އަދި ށ ގައި ތެދުފިލި ނުވަތަ އަބަފިލި ޖެހޭ ބަސްތަކެއް ކިޔާދީބަލަ.

ކާސިމު: އެޔަށް–އެޔަށަ، މިޔަށް–މިޔަށަ، ގެޔަށް–ގެޔަށަ، ބަދިގެޔަށް–ބަދިގެޔަށަ، ރަޔަށް–ރެޔަށަ، މަށަށް–މަށަށަ ތަށަށް–ތަށަށަ، ހުތަށ–ހުތަށަ، ފޮތަށް–ފޮތަށަ މިއީ ހައްތާވެސް ށ ގައި ސުކުން ކުޅަޔަސް އަދި އަބަފިލި ޖެހިޔަސް ރަނގަޅު ބައެއް ބަސްބަސް.

އާދަނު: ކާސިމު ދިވެހިބަހަށް ހާދަ މޮޅޭ. މިއޮށް ކުޑަކުޑަ ރަށުގައި ތިޔަ ކަހަލަ މޮޅު މީހަކު ހުރީތީ އަހުރެން މުޅީން ހައިރާން ވެއްޖެ.

ކާސިމު: މިއީ މަގޭ މޮޅުކަމެއް ނޫން. މިއީ ނައިބުތުއްުތުގެ މޮޅުކަން. އޭނާ ފެހެންދޫގައި ހުންނެވި އިރު ލިޔުއްވި ފޮތް، އަހުރެންްގެ ބައްޕަަގެ އަލަމާރިން ފެނުމުން އެ ފޮތް ކިޔާކިޔާ ދަސްވީ.

އާދަނު: ދެން ނައިބުތުއްތު ފޮތުގައި ވިދާޅުވަނީ ކީކޭ؟

ކާސިމު: އެ ފޮތަކީ، މައިގަނޑު ގޮތެއްގައި ސުކުންތަކުގެ ހަމަތައް ކިޔާދީފައިވާ ފޮތެއް. ފޮތުގައި ދެން އޭނާ ފާހަގަ ކުރައްވާފައިވަނީ ސުކުން ބަދަލުނުވާ ބައެއް ބަސްބަސް. ގުދަން، ދުރަން، ބަދަން،މާދަން، ދަންތުރަ، ލަންކަންފުށި، ފަންޑިތަ، މިއީ ހައްތާވެސް ނޫނު ސުކުން ކުރެވޭ ބަސްބަސް. އަލިފުސުކުނުގެ މިސާލީ ނެރުއްވާ، ފޮނުއްވާ، ލިއުއްވާ، ބައްލަވާ، އެއްލަވާ. ތާ ސުކުނުގެ މިސާލީ އަތް، ބަތް، ފަތް، އޮތް، ނެތް، ފޮތް، ގޮތް، ރަތް، ތަތް، ހަތް، ދަތް، ދަތްދޮޅި،ބަތްފޮޅި، ބިލަތް، ހަތްތަރި.

އާދަނު: އައްދޭ! ތިއީ އަހުރެންނަށް ވެސް އެނގޭ ކަންތައްތައް. އާދަޔާ ޚިލާފު އެހެން ޤަޥާޢިދެއް އޭނާ ފާހަގަކޮށްފައެއް ނުވޭތަ؟

ކާސިމު: މިހާރުގެ ބައެއް ކުދިންނަކަށް ނޭނގޭނެ ކާން، ދާން، ދުފާން، ބުނާން، އުރާން، ކުރާން، ދެކޭން، ފުރާން، ނެރޭން، ވާރޭ ވެހޭން މިފަދަ ލަފުޒުތަކުގައި ނޫނު ސުކުނުގެ ބަދަލުގައި ށަވިޔަނީގައި އަބަފިލި ޖެހިޔަސް ރަނގަޅުކަމެއް. މިބުނީ މި ލަފުޒުތައް ކާށަ، ދާށަ، ދުފާށަ، ބުނާށަ، އުރާށަ މިގޮތަށް ށަވިޔަނީގައި އަބަފިލި ޖަހައި ކިޔަސް ރަނގަޅުވާނެ. ށަވިޔަނީގެ އަބަފިއްޔަށް ހަމަވާގޮތީ:

            ކާށަމަށަދީ އުޅުނުތުންއަ. މާބަފަޔާއި އުޚުތުން އަ

           މިފަދަ ގޮތްތައް ޞުލްޙަވާތީ.

އާދަނު: މި ޒަމާނުގެ ކުއްޖެއްގެ ކައިރީގައި މިދަނީ ކާށަ އޭ ބުނެފިއްޔާ އޭނާއަށް ބުނި އެއްޗެއް ދޭހައެއް ނުވާނެ. ތި ފޮތުގައި ދެން އިތުރު ވާހަކައެއް ނެތްތަ؟

ކާސިމު: ފޮތުގައި ނައިބުތުއްތު ދެން ފާހަގަކޮށްފައި އޮވޭ އެއް ވާހަކައެއް. އެއީ ރާއްޖޭން، މިހެން ކިޔުމުގައި ބަދަލުގައި ރާއްޖެއިން މިގޮތަށް އިބިފިލިޖެހި އަލިފެއް ހިމަނައިގެން ލިޔުނަސް އަދި ކިޔަސް، ދެގޮތް ވެސް ފުރިހަމަ ކަމަށް. އެހެން މިސާލު ތަކަކީ، މާލޭން…މާލެއިން، ދުނިޔޭން…ދުނިޔެއިން، ހުޅުލޭން…ހުޅުލެއިން، މަތިޖެހިދެކޭން…މަތިޖެހިދެކެއިން، އެއްބަޑު ދެބޭން… އެއްބަޑު ދެބެއިން… މިއީ ދެގޮތްވެސް ފުރިހަމަވެގެންވާ ބައެއް ބަސްބަސް.

މިހާތަނަށް އާދަނު އާއި ކާސިމުގެ ވާހަކަ ދިޔަތަނާ، ހޮޅުއައްޓާ ކައިރިއަށް ހިނގާފައި އައިސް މަޑުކޮށްލީ ފެހެންދޫ ރަބީޢީ މަންޒިލް ނަޖުފާ ފަޒީލެވެ.

ނަޖުފާ: ސައި ހަދައިގެން ހުރެހުރެ ކާފަ ލަސްވާތީ ހޯދާލަން މިއައީ.

ކާސިމު: އާދަނު ދެން މިދަނީ. މިރަށުގައި މަޑުކޮށްލަންޏާ އަދި ބައްދަލުކޮށްލަން ވާނެ.

އާދަނު: އާނ… އަދި އެއް ސުވާލެއް އެބައޮތޭ. ނައިބުތުއްތު އަރުވާލީ ކީއްވެގެންތަ؟

ކާސިމު: ތިއީ ވަރަށް ދިގު ވާހަކައެއް. އެހެން ދުވަހަކުން ތިވާހަކަ ދައްކާނީ.

ދެން ކާސިމު ނަޖުފާ އާއެކު ގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

ނައިބު ތުއްތު ލިއުއްވި ”ތާނަ ލިއުމުގެ ޤަޥާޢިދު“ މިފޮތް ސްކޭންކޮށް ސާފުކޮށްގެން އަޅުގަނޑު ހެދި ޕީ.ޑީ.އެފް ކޮޕީއެއް ކަނާތް ފަރާތުގައިވާ ފޮޓޯއަށް ކްލިކްކޮށްލެއްވުމުން ޑައުންލޯޑު ވާނެއެވެ. މި މަޒުމޫނުގައި ގެނެސްދެވިފައިވަނީ މިފޮތުގައި ހިމެނޭ ވާހަކަތަކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާއިމް ކުރުމުގައި އަޅުގަނޑު މަސައްކަތްކުރި ދިގު މުއްދަތުގައި، އެއް ފަހަރަކު މަރުކަޒީ އިދާރާގެ ދޮރެއްގައި ”ކޮއްޕާލާ“ ޖަހަންވެގެން، ލިޔާނީ އ ސުކުނެއްތޯ ނުވަތަ ށ ސުކުނެއްތޯ ދެބަސް ވުމެއް އުފެދި، ޙައްލެއް ލިބޭތޯ ޑޭޒީމާގޭ އާމިނަތު ފާއިޒާ އާ ގުޅާލައިފީމެވެ. ސުވާލު ކުރުމުން، ވަގުތުން މިކަމުގެ ހަމަ ވިދާޅުވިއެވެ. ވިދާޅުވީ އެއްވެސް ވިޔަންޏެއްގެ ކުރިއަށް ށ ސުކުނެއް ނާރާނެ ކަމަށެވެ. ފޮށި – ފޮއްޓެއް ކިޔާއިރު ޖަހާނީ ށ ސުކުނެއްތޯ އަޅުގަނޑު ސުވާލުކުރުމުން ވެސް ވިދާޅުވީ ފޮށި ކިޔާއިރު ށ އޮތް ކަމުގައި ވިއަސް، ހަމައަކީ ކުރިން ބަޔާންކުރި ހަމަކަމަށެވެ. ވިޔައްޏެއްގެ ކުރިއަކަށް ށ ސުކުނެއް ނޯންނާނެއެވެ. ނައިބުތުއްތު ވިދާޅުވާ އެއްޗަކާ ފާއިޒާގެ ވާހަކަފުޅާ އެއްގޮތެވެ. މާތް ﷲ މި ދެ އަދީބުންނަށް ރަޙްމަތް ލައްވާށިއެވެ. އާމީން.