ތާނަ: ތާރީޚާއި ބަދަލުތައް

”ތާނައަކީ ދެކުނު އޭޝިޔާގައި ބަސްލިޔެ އުޅޭ ނިޒާމުތަކުގެ ތެރެއިން އެންމެ ސައިންޓިފިކް ނިޒާމު“ ކަމަށް ބަސް ލިޔެ އުޅޭ ގޮތްތައް ދިރާސާ ކުރި ޢިލްމުވެރިއެއް ކަމުގައިވާ ޑިސިލްވާ ބަޔާން ކޮށްފައި ވެއެވެ. ދުނިޔޭގައި ލިޔެ އުޅޭ އަކުރުތަކާއި ބެހޭ ގޮތުން ދުވަސް ދުވަސް ކޮޅުން ތަފާތު ފޮތްތައް ޗާޕު ކުރެވެއެވެ. މިގޮތުން 1996 ވަނަ އަހަރުގައި އޮކްސްފޯޑްގެ ޗާޕުޚާނާއިން ޗާޕުކުރި ”ދުނިޔޭގައި ބަސްލިޔެ އުޅޭ ނިޒާމުތައް“ (ދަ ވާރލްޑްސް ރައިޓިން ސިސްޓަމްސް) ލިޔުނު ދެ މީހުން ވެސް ޑިސިލްވާގެ މި ނިންމުމަށް ތާއީދު ކޮށްފައި ވެއެވެ.

މި މޮޅު އުފެއްދުމުގެ، އާދެ! ދެކުނުއޭޝިޔާގެ އެންމެ ސައިންޓިފިކް އަކުރުތަކުގެ ފެށުމަކީ ކޮބައިތޯއެވެ؟ ތާނަ އަކުރުތައް އުފައްދައިފައިވާ ގޮތަކީ ވަރަށް ގިނަ މީހުން ދަންނަ ގޮތެކެވެ. އެގޮތް، އަޅުގަނޑުމެން  މަދަރުސާގައި އުޅުނުއިރު ކިޔަވައިދީ ހަދައެވެ. ނަމަވެސް އަކުރުތައް އުފެދިގެން އައިގޮތް ފަހަކަށް އައިސް އޮޅޭހެން އެބަ ހީވެއެވެ. މިހެން މިދެންނެވީ ތާނަ އަކުރުތަކަކީ ބަބުރުކަރައިގެ ކޮންމެވެސް ޤައުމެއްގެ ލިޔުމަކާއި ގުޅުމެއް ހުރި އަކުރުތަކެއް ކަމަށް ރާއްޖޭގެ ނޫހަކުން ފެނިފައި ވާތީ އެވެ. އަދި މި ވާހަކަ ނޫހުން ނަގައި ދަރިވަރުންނަށް ލިޔެފައިވާ ފޮތެއްގެ ދެލިކޮޕީގައި ހިމަނާފައިވާތީ ވެސް ވަނީ ފެނިފައެވެ.  ދުވަސް ކޮޅަކުން ތާނަ އަކުރުގެ ފެށުން ވެސް ބިދޭސީ ކޮންމެވެސް ބަޔަކަށް ނިސްބަތްވެ ހިނގައިދާނެ ކަމަށް ހީވެއެވެ. ވަކި ޙަޟާރަތެއްގެ ބާރު މާގަދަވުމުން ހުރިހާ އުފެއްދުންތެރިކަމެއް އެ ޙަޟާރަތެއް އަމިއްލަ ކުރެއެވެ. ނުވަތަ އެކަމަކަށް ނިސްބަތް ކުރެވެއެވެ. ޤައުމެއްގެ ރަށްވެހިކަން ކުޑަވި ވަރަކަށް މިކަން ބޮޑުވެ އެވެ.

އެހެން ކަމުން މި ހުށަހަޅަނީ ތާނަ އަކުރުތަކުގެ އަޞްލުކަމަށް އަޅުގަނޑު ޤަބޫލު ކުރާ ގޮތެވެ. މިގޮތަށް ޤަބޫލު ކުރާ ސަބަބުތަކެވެ. ކިޔުންތެރިން އަމިއްލައަށް ގޮތެއް ނިންމަވާށެވެ. ތާނަ އަކުރުގެ އަޞްލުވަނީ އެހެން ބަހެއް ލިޔެ އުޅޭ ގޮތުގައި ކަމަށް ވިދާޅުވާ ބޭފުޅުން އެކަމުގެ ހެކިތައް ހުށަހަޅުއްވާނެ ވަގުތަކަށް އަޅުގަނޑު އިންތިޒާރު ކުރަމެވެ.

ތާނަ އަކުރުތައް އުފެއްދިގޮތް

މައްސަލައަށް ވަނުމުގެ ގޮތުން މިކަމާއި ބެހޭ ގޮތުން ދިވެއްސަކު އެންމެ ފުރަތަމަ ލިޔެފައިވާ ލިޔުމަށް ބަލާލަމާ ތޯއެވެ؟ ފޮތުގެ މުޞައްނިފަކީ ދިވެހީންގެ ހިތްތަކުގައި ވަރަށް މަތިވެރި ގަދަރެއް ދެވިފައިވާ ޙުސައިން ޞަލާޙުއްދީނެވެ. ފޮތަކީ 1926 ވަނަ އަހަރު ޗާޕުކޮށްފައިވާ ”التحفة الادبية لطلاب اللغة المحلديبية“ އެވެ. އާދެ! އޭނާ ވިދާޅުވަނީ

ދިވެހި ތާނައިގައި އޮންނަނީ ސައުވީސް އަކުރެވެ. އޭގެ ތެރެއިން ފުރަތަމައަށް އޮންނަ ނުވަ އަކުރަކީ ޢަރަބި އަކައިގެ ނުވަ އަކުރެވެ. ދެވަނައަށް އޮންނަ ނުވަ އަކުރަކީ ދިވެހި އަކައިގެ ނުވަ އަކުރެވެ. ދެން އޮންނަ ހަ އަކުރަކީ ބޭރުން ވެއްދި ވިޔަނިތަކެވެ. (ޞަފުޙާ 16)

”ވިޔަނި“ އަކީ ބޯދާ ލަފުޒެކެވެ. މި ލަފުޒުގެ މާނައަކީ ލިޔަން ކިޔަން ގެންގުޅޭ އަކުރުތައް ކަމަށް ބަސްފޮތުގައި ވެއެވެ. ”ރަންތަރި“ މިފޮތުގައި ވިޔަނި ކިޔަނީ އެއަށް ވުރެ ހަނި މާނައެއްގައި ކަމަށް، އާދެ، ތާނައިގެ ކުރީގެ އަކުރުތަކުގެ ތެރެއަށް ފަހު ޒަމާނެއްގައި އިތުރުކުރި އަކުރުތައް ކަމަށް ބަޔާންކޮށްފައި ވެއެވެ. ކޮންމެއަކަސް ޙުސައިން ޞަލާޙުއްދީނު ލިޔުއްވި ފޮތުގައި، ބޭރުން ވެއްދި ވިޔަނިތަކުގެ އަކުރުތައް އުފައްދާފައި ވަނީ ފުރަތަމަ އަށާރަ އަކުރުގެ ބައްޓަންތައް ބަދަލުކޮށްގެން ކަމަށް ލިއުއްވާފައި ވެއެވެ. މިސާލަކަށް ޗ އުފައްދާފައިވަނީ ތ ގެ ކުރީކޮޅު މައްޗަށް އުފުއްލާލައިގެންނެވެ. ދެ ގޮތަކަށް ކުރިން ޗ ލިޔެއެވެ. ފަހުން އެ ކަމަށް އިންސާފު ކުރާނަމެވެ. ކުރިން ދެންނެވުނު ފޮތުގައި ތާނަ އަކުރާ ބެހޭ އިތުރު ތަފްޞީލު ހިމެނެއެވެ.

ފުރަތަމަ ނުވަ އަކުރުގެ އިތުރު ހެއްކަކަށް ބޭނުންފުޅުވޭ ތޯއެވެ؟ ނުވާނޭކަން ކަށަވަރެވެ. ޢަރަބި ވިޔަ އަކުރުތަކާއި ތާނައިގެ އަކުރުތައް އެއަށްވުރެ މާ ބޮޑަށް ވައްތަރެވެ. އަކުރުތައް އުފެދުނު އިރު އަދި އެއަށް ވުރެ މާ ވައްތަރެވެ. ކުރެހުން 1 ގައި އެވަނީ ހިސާބު އަކުރުތައް ބަދަލުވަމުން އައި ގޮތްކަމަށް ޑިރިންޖަރ ލިއެ 1968 އަހަރު ޗާޕުކުރި ”ދަ އެލްފެބެޓް“ ކިޔާ ފޮތުގެ 438 ވަނަ ޞަފުޙާގެ ފޮޓޯ އެކެވެ. ތީރުން އިޝާރާތް ކުރަނީ ތާނަ އަކުރު އުފެއްދި އިރު، މި ސަރަޙައްދުގައި ޢަރަބި އަކުރު ލިޔެ އުޅުނު ގޮތެވެ. މިހާރުވެސް އުރުދޫ އާއި ފާރިސީ ލިއާ އިރު ބޭނުންކުރަނީ މި ބާވަތުގެ ވިޔަ އަކުރެވެ. ތާނައިގެ ”ހ ށ ނ . . .“ އާއި ފާރިސީ ވިޔަ އަކުރުތަކުގެ ސިފަ ދާދި އެއްގޮތެވެ. އެއްގޮތްކަން ބޮޑަށް ފާހަގަ ކުރެއްވޭނީ އޭރުގެ ތާނަ ލިޔުންކޮޅަކާއި އަޅާ ބެއްލެވީމަ އެވެ. މިކަމަށްޓަކައި، ކުރެހުން 1 ގެ ތިރީގައި އެވަނީ އެ ދުވަސްވަރު ލިޔެފައިވާ ރާދަވަޅިއެއްގެ ސަފުހާއަކުން ތަންކޮޅެކެވެ. އެކި އަކުރުތައް އަޅާ ކިޔުއްވާށެވެ! ވިދާޅުވާނީ ކީކޭތޯ އެވެ؟

Thaana writing from a Raadhavalhi
Development of Thaana from Arabic numerals

މަތީގައި އެވާ ތާވަލުގައި އެވަނީ ޢަރަބި ވިޔަ އަކުރުތަކާއި ފާރިސީ ކަރައާއި އިންޑިޔާގައި އެ ދުވަސްވަރު ބޭނުން ކުރި ޢަރަބި ވިޔަ އަކުރުތަކާއި މި ވިޔަ އަކުރުތަކުން ކުރިއާއި މިހާރުގެ ތާނައިގެ ފުރަތަމަ ނުވަ އަކުރު އުފައްދާފައިވާ ގޮތެވެ. ކުރީގެ ތާނައިގެ އަކުރުތައް ޢަރަބި އަކުރުތަކާއި ވަރަށް ވައްތަރެވެ. ތާނައިގެ އަކުރުތައް ކޮޕީކޮށްފައި އެވަނީ ކުރިން ހިމެނި ރާދަވަޅީގެ ލިޔުމުންނެވެ. އެ ރާދަވަޅީގައި ބ ދެ ގޮތަކަށް ލިޔެފައި ވެއެވެ. މިހާރުގެ އަކުރުތަކާއި ކުރީގެ އަކުރުތަކުގެ މައިގަނޑު ތަފާތަކީ މިހާރުގެ އަކުރުތައް ކަތިކޮށް ލިޔާ ކަމެވެ.

އާދެ! ދެން އޮތް ނުވަ އަކުރޭތޯ އެވެ؟ މި އަކުރުތަކަކީ ތާނަ އުފެއްދި އިރު ލިޔަމުން އައި ދިވެހި ވިޔަ ނުވަ އަކުރެވެ. މިކަން އަޅުގަނޑުމެންނަށް ޔަޤީން ވަނީ، ދަނބިދޫ ލޯމާފާނުގައި ފޮތިތަކުގައި ޖަހާފައިވާ ނަންބަރުތަކާއި މި އަކުރުތަކުގެ ބައްޓަން އެއްގޮތް ކަމުންނެވެ. މިކަމުގެ ދަލީލެއްގެ ގޮތުގައި ތިރީގައިވާ ކުރެހުން 2 ގައި އެވަނީ ދަނބިދޫ ލޯމާފާނުގެ ފޮތިތަކުގައި 1، 2، 3 … ޖަހާފައިވާ އަކުރު ތަކުގެ ފޮޓޯ އެވެ. އަކުރުތަކާ ޖެހިގެން ތިރީގައި އެވަނީ ތާނައިގެ އަކުރުތައް ކުރިން ލިޔާގޮތާއި މިހާރު ލިޔާ ގޮތެވެ.

Dhives numerals thaana letters

މަތީގައިވާ ކުރެހުމަށް ފިކުރު ހިންގާލުމުން، ފާހަގަ ކުރެވެނީ އެވޭލާ ދިވެސް ވިޔަ އަކުރުތަކާ ތާނައިގެ އަކުރުތަކާއި ކުރިން ވަރަށް ބޮޑަށް އެއްގޮތް ކަމެވެ. ބައެއް އަކުރުތައް، މިސާލެއްގެ ގޮތުން، މ، ތ، ގ، ސ ކުރިއާ މިހާރު ވަރަށް އެއްގޮތެވެ. ރާދަވަޅި-1 ގައިވާ ތާނަ ލިޔުން، އަޅުގަނޑުގެ ނަޒަރުގައި ސާފުކަމާއި ސާދާކަން ބޮޑެވެ. މިހާރު ލިޔާ ގޮތް ހުތުރުވެފައި މުރައްކަބެވެ. ޚާއްޞަކޮށް، ފ އާއި ދ އަށް ވިސްނާއިރުއެވެ. ދެން އަޅުގަނޑަށް ފާހަގަ ކުރެވެނީ ބަރުނޫނު ނުވަތަ ނަވިޔަނި މިހާރު މުޅިން ބަދަލުވެފައިވާ ކަމެވެ. ނަވިޔަނި އަކީ ބަރު ނޫނެވެ. މިހާރު ބައްޓަމަށް ބަދަލުތަކެއް ގެނައުމަށްފަހު، އަޑުވެސް ވަނީ ބަދަލުވެފައެވެ. ނަވިޔަނީ ވަނީ ޏަވިއްޏަށް ބަދަލުވެފައެވެ. ދަނބިދޫ ލޯމާފާނުގައިވާ 9 އާ ދިމާވާ ޑަވިޔަނި، އެވޭލާ ވިޔަ އަކުރާ ވަރަށް ތަފާތެވެ. މިތަފާތު އައުމުގެ ދެތިން ސަބަބެއް ވެދާނެއެވެ. މިސަބަބުތަކުގެ ތެރެއިން އެއްކަމަކީ، ތާނަ އުފެއްދީ ދަނބިދޫ ލޯމާފާނު ލިޔުމުގެ 400 ވަރަކަށް އަހަރު ފަހުން ކަމަށްވާތީ، އެ ދުވަސްވަރު ބޭނުން ކުރާ ވިޔަ އަކުރު 9 ތަފާތީ އެވެ. އެވޭލާ 9 ލިޔަން އުނދަގޫކަމުން ބަދަލުކޮށްލީ އެވެ.

މިހާ ހިސާބުން އަޅުގަނޑުގެ ހިތަށް އަރާ ސުވާލެއް ވެއެވެ. އެއްކަމަކީ ވިޔަނީގެ މާނައެވެ. ބަސްފޮތުގައި ވިޔަނީގެ މާނަ އަކީ ތާނައިގެ އަކުރުތައް ކަމަށް ލިޔެފައި ވިޔަސް، ދިވެހިބަހުން ”ވިޔަ“ ހިސާބަށް ބޭނުން ކުރެއެވެ. ވިޔަޖެހުމަކީ ހިސާބު ޖެހުމެވެ. ވިޔަ ކުރުމަކީ ގުނުމެވެ. އެހެންކަމުން އަޅުގަނޑުގެ ހިތަށް އަރާ އެއްޗަކީ، ހިސާބުގެ ޢަދަދުތަކަށް، އިނގިރޭސި ބަހުން ”ނިއުމަރަލް“ ކިޔާ ފަދައިން، ދިވެހި ބަހުން ކިޔަނީ ވިޔަނި ބާވައެވެ؟

މިހާރު ދިވެހި ބަހުގެ އެކެޑެމީގެ ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފެއްދެވި ”ދިވެހިތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލިސް“ އެވެ. މި މަޖިލިސް އުފެއްދެވީ މައުމޫންގެ ރިޔާސީ ދައުރު ފެށުމާއި އެކު މާގިނަ ދުވަހެއް ނުވަނީ ހެވެ. އެ މަޖިލިސްގެ ރައީސް، އިބްރާހީމް ޝިހާބު، 1979 ވަނަ އަހަރު، ބޭރު ޤައުމުތަކުގައި ކިޔަވަން ތިބި ބައެއް ކުދިންނަށްސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި ވަނީ ރާއްޖޭގެ ތާރީޚާ ބެހޭ ލިޔުން، ބޭރު ޤައުމުތަކުގެ ކުތުބުޚާނާތަކުން ލިބެން ހުރި ނަމަ ހޯއްދަވައި ފޮނުއްވާދެއްވުމަށް އެދިވަޑައިގެންފައެވެ. މިސިޓީ އަޅުގަނޑަށް ލިބުނު އިރު، އަޅުގަނޑު ހުރީ އޮސްޓްރޭލިއާގައެވެ. އަޅުގަނޑު ހޯދި ހޯދުމުން ރާއްޖެއާ ބެހޭ އެންމެ ކުރީގެ ލިޔުމެއް ފެނިފައިވަނީ 1848 ވަނަ އަހަރު ސެމުއަލް ޖޯންސްޓަން ލަންޑަންގައި ޗާޕުކުރި ފޮތެކެވެ. އެ ފޮތުގެ ތާނައާ ބެހޭ ލިޔުން ހިމެނޭ އަރީގެ ފޮޓޯއެއް ތިރީގައި އެވަނީ އެވެ.

Dhives vs Thaana equivalent phonetic values

މިތާވަލުގައި ދިވެސް އަކުރާއި ތާނަ އަކުރުތައް އަޑުތަކުގެ ހަމައިން ތަރުތީބު ކޮށްފައި ވެއެވެ. ނަވިޔަނި ވަނީ ޏަވިޔަނީގެ މަޤާމުގައެވެ. ޏަވިޔަންޏެއް ނުވެއެވެ. އެހެންކަމުން، ޏަވިޔަންޏަކީ ވަރަށް ފަހުގެ އުފެއްދުމެއް ކަމަށް ލަފާ ކުރެވެއެވެ. ޗަވިޔަނި 1848 ގައި ދެގޮތަކަށް ލިޔާކަމަށް ވެއެވެ. މި ދެގޮތުން ކުރެ މިހާރު ޢާއްމުގޮތަކީ ކުރެހުމުގައިވާ ފުރަތަމަ ގޮތެވެ. ދެވަނަ ގޮތަށް ޗ ލިޔެފައިވާ ލިޔުންތަކުގެ ތެރޭގައި ކުރިން ޙަވާލާ ދެވުނު 1979 ވަނަ ޝާޢިއުކުރި ރާދަވަޅި ހިމެނެއެވެ. ޕ ކުރިން ލިޔަނީ ފ ގެ ތިރީގައި ތިން ނުކުތާ ޖަހައިގެންނެވެ. ދިވެހިބަހުގައި ކުރިން އޮންނަ މަށް ޕަވިޔަނީގެ އަޑު ފާފަށް ބަދަލުވެ، ބޭރު ބަސް ލިޔުމަށް ޕަވިޔަނި އުފައްދަން ޖެހުމުން ފާރިސީބަހުގައި ޕަވިޔަނީގައި ތިންތިކި ޖަހާގޮތަށް ލިޔަން ފެށީއެވެ. ނަމަވެސް، ފާރިސީ ބަހުގައި ޕަވިޔަނި ލިޔަނީ ޢަރަބި ބާގެ ތިރީގައި ތިން ނުކުތާ  ޖަހައި ގެންނެވެ. ދިވެހިބަހުގައި ބާގެ އަޑާއި ފާފުގެ އަޑަށް ވަކި ދެ އަކުރު އޮތުމުން (ބ، ފ) ތިން ނުކުތާ ޖެހުން މުހިއްމު ނޫންކަމުން، މި ޒަމާނުގައި ޕ ލިޔަން އެއް ނުކުތާ ޖަހަން ފެށީއެވެ. ނަމަވެސް، 1900 ވަނަ އަހަރުގެ ބައެއް ލިޔުންތަކުގައި ވެސް ޕަވިޔަނި ތިން ނުކުތާ ޖަހައިގެން ލިޔެފައި ހުރެއެވެ. ޓަވިޔަނި ލިޔާ ތިން ގޮތެއް 1848 ގައި ވާކަމަށް ވެއެވެ.  މިއިން ދެ ގޮތެއް މިހާރުވެސް ބޭނުން ކުރެއެވެ. އެއްގޮތަކީ ބ ގެ މެދުން ފެށޭ ރޮނގު އިދިކޮޅަށް ތިރިއަށް ލަބާލައިގެން ލިޔާ ޓ އާއި ބ ގެ ތިރީކޮޅު ސީނު ވައްތަރަށް ވާތް ފަރާތަށް ދަމާލައިގެން ލިޔާ ޓަވިންޏެވެ. ކުރެހުމުގައި ދެވަނައަށް ލިޔާ ޓ ލިޔާގޮތް އަދި ފޮތަކުން ފެނިފައެއް ނުވެއެވެ.

ޒ ގެ އަކުރު އުފައްދާފައިވަނީ ރ ގެ ތިރީކޮޅު އިދިފުށަށް ލަބާލައި، ރ ގެ މަތީގެ ޢަރަބި ز ފަދައިން ނުކުތާއެއް ޖަހައިގެންނެވެ. އިދިފުށަށް ލަބާލުމުން ރ ގެ ސިފަ ބަދަލުވުމުން މަތީގައި ތިކި ޖެހުމުގެ ބޭނުން ނެތި، މިހާރު ޒ ތިކި ޖަހައިގެންނެއް ނުލިޔެއެވެ. ތާވަލުން ފާހަގަ ކުރެވޭ ގޮތުގައި، އެއް އިރެއްގައި ބޭރަށް ނޭވާލަމުން ކިޔާ ގ އެ އަޑު ލިޔުމަށް (އެސްޕިރޭޓަޑް /ގ/) ލިޔުމަށް ކުރިން އަކުރެއް ހަދާފައި ވެއެވެ. އެއީ ގ ގެ ތިރީގައި ތިން ނުކުތާ ޖެހުމެވެ. މި އަކުރު އެއްގޮތަކަށް ވެސް މިހާރު ބޭނުންކޮށްފައި ހުއްޓަތީ ނުފެނެއެވެ. މިހާރު ބޭނުން ނުކުރާ އަދި އެއްވެސް ލިއުމަކުން ކުރިން ފެނިފައި ނުވާ އަކުރެއް ތާވަލުގައި ވެއެވެ. މި އަކުރަކީ ޢަރަބި ط ގެ ތިރީގައި ތިން ނުކުތާ ޖަހައިގެން ލިޔެފައިވާ އަކުރެކެވެ. މިއަކުރުން އިޝާރާތް ކުރާ އަޑަކީ ކޮބައިކަމެއް ނޭނގެއެވެ. އަކުރާ ދިމާވާ ގޮތަށް ލިޔެފައިވަނީ އިނގިރޭސި a އެކެވެ.

1848 ގައި ވެސް، ޖ ލިއަނީ ދ ގެ ފައިކޮޅު އިދިފުށަށް ލަބާލައިގެންކަން ތާވަލުން ދޭހަވައެވެ. ޔ ލިޔެފައިވާ ގޮތުން، މި އަކުރު އުފައްދާފައި ވަނީ ށ ގެ ކުރީކޮޅު ތިރިއަށް ކުޑަކޮށް ލަނބާލައިގެންކަމަށް ހީވެއެވެ. ތާނަ އަކުރުގެ ޖުމުލަ ނިޝާން ތަކުގެ ޢަދަދަކީ ކުރިން 24 އެވެ. އެއީ ޢަރަބި ވިޔަ އަކުރުތަކާއި ދިވެހި ވިޔަ އަކުރުތަކާ ދާދި އެއްގޮތަކަށް އެކުލަވާލައިފައިވާ ޖުމުލަ 18 އަކުރާއި ދިވެސް އަކުރުގައި ހިމެނޭ އެހެން އަޑުތައް ހިމެނުމަށް މި 18 އަކުރުން ބައެއް އަކުރު ބަދަލުކޮށްގެން އުފެއްދި 6 އަކުރެވެ. ދިވެސް ވިޔަ އަކުރުތަކުގައި ސުމެއް ހިމެނެއެވެ. މިކަން ލޯމާފާނުގެ ފަތްތަކުގައި ތަރުތީބު ނަންބަރު ޖަހާފައިވާ ގޮތުން އެނގެއެވެ. ސުމެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ވަށްބޮޅެކެވެ. އާދެ! އިނގިރޭސީގައި ވެސް ބޭނުންކުރާ ސުމެކެވެ. ނަމަވެސް ދިވެސް ވިޔަ އަކުރުގެ ސުމެއް ތާނަ އަކުރެއްގެ ގޮތުގައި ބޭނުކޮށްފައެއް ނުވެއެވެ.  ދިވެސް އަކުރާ ބެހޭ މަޢުލޫމާތު މި ޖުމުލައަށް ފިއްތަވާލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ.

ތާނަ ލިޔުމުގައި ބޭނުންކޮށްފައިވާ ފިލިތަކަށް ވިސްނާއިރު ފާހަގަ ކުރެވޭ ކަމަކީ، އެއީ ޢަރަބި އާ ވަރަށް ވައްތަރުފިލިތަކެއް ކަމެވެ. ނަމަވެސް ފިލި ދިގުކޮށް ކިޔުމަށް އެންގުމަށް ފިލި ދެފަށް ކުރެއެވެ. ތަފާތު ފިއްޔެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އޯބޯ ފިއްޔެވެ. މި ފިލި ކުރިން ލިޔެފައިވާ ގޮތް ތިރީގައި އެވަނީ ރާދަވަޅިއަކުން ނަގާފައެވެ. އޯބޯފިލި ޖަހާފައިވަނީ ލ ގެ މަތީގައި ”ލޯ“ މިހެން ލިޔުމަށެވެ. އާދެ! އޮބޮ ފިއްޔެއް ލިޔުމަށް ފަހު، ފަހަތު އުބުފިލި މިހާރުގެ އޯބޯ ފިއްޔެއްގެ ގޮތަށް އިދިފުށަށް މައްޗަށް ދަމާލުމެވެ. ކުރީގައިޖަހާ އެބެފިލީގެ ނިޝާން ބޭނުން ނުކުރިއަސް އޯބޯފިލި ނޯޅޭނެކަން ފަހުން ފާހަގަ ކުރެވި އެގޮތަށް ލިޔަން ފެށީއެވެ.  ބައެއް ކުރީގެ ފަތްތަކުން އޯބޯ ފިލި އޮބޮފިލީގެ މަތީގައި ކޮމާއެއް ޖަހައިގެން ވެސް ލިޔެފައި ހުއްޓަތީ ފެނިފައި ވެއެވެ.

old obofili

އިހުޒަމާނުގައި ތާނަ ލިޔުމަށް ބޭނުންކޮށްފައިވާ  އެހެން ނިޝާންތަކުގެ ތެރޭގައި ހިމެނެނީ ޖުމުލަ ނިންމާ ނިޝާނާއި ކޮމާގެ ގޮތުގައި ލަފުޒުތަކެއް ލިޔުމަށްފަހު، މަޑުޖައްސާލުން އެންގުމަށްލިޔާ ނިޝާނެވެ. ޖުމުލައެއް ނިމުމުން ލިޔާ ނިޝާން (ފުލްސްޓޮޕް، ފަހު ތިކި) ކުރީގެ ލިޔުންތަކުގައި ދެގޮތަކަށް ލިޔެއެވެ. އެއްގޮތަކީ ތިރީގައިވާ ފަތުގައިވާ ފަދައިން  ޖުމުލަ ނިމުމުން ތިން ނުކުތާ ޖެހުމަށްފަހު މަތީގައި ކޮމާއެއް ޖެހުމެވެ. ދެވަނަ ގޮތަކީ، އެންމެ ފުރަތަމަ ޤާނޫނު އަސާސީގައިވާ ފަދައިން ޖެހިޖެހިގެން ދެ ތިކި ނުވަތަ ނުކުތާ ފޮޅުވަތުގައި ޖެހުމެވެ. ކޮމާގެ ގޮތުގައި ބޭނުން ކުރަނީ އެއް ތިއްކެވެ. ފަހުން ބަޔާން ކުރެވުނުގޮތް، ޞަލާޙުއްދީނު ލިޔުއްވެވި ސިޔަރަތުގައި ވެސް ވެއެވެ. މި ޖުމުލަ. މިސާލެއް ހުށަހެޅުމުގެ ގޮތުން. ލިޔެފައި މިވަނީ ސިޔަރަތުގައިވާ ނިޝާންތައް ބޭނުންކޮށްގެންނެވެ..

Grant given by Hassan Nooradhdheen

ތާނައަށް ފަހުން އަކުރުތައް އިތުރުކުރުން

ވިހި ވަނަ ގަރުނުގެ ކުރީކޮޅުގައި، ތާނައިގައި ރަސްމީ ގޮތެއްގައި ހިމެނެނީ ފާރިސީ އާއި ދިވެސް ވިޔަ ޢަދަދުތަކުގެ 18 އަކުރާއި މި އަކުރުތަކުން އުފައްދާފައިވާ ހަ އަކުރު ކަމުގައިވާ، ޒ، ޓ، ޔ، ޕ، ޖ، ޗ އެވެ. މުޅިއެކު ޖުމުލަ 24 އަކުރެވެ. ޖޯންސްޓަން ބޭނުން ކުރިކަމަށް ބުނާ ތިކިޖެހި އަކުރުތަކެއް ތާނަ ލިޔުމުގައި ރަސްމީ ގޮތެއްގައި ބޭނުމެއް ނުކުރެއެވެ. މިހެން މިކަން ހިނގަމުން ދަނިކޮށް، ވިހިވަނަ ގަރުނުގެ ފަހު ބައިގައި، ދެ ފަހަރެއްގެ މަތިން ބޭރުގެ ލަފުޒުތައް ލިޔުމަށް، އެ ލަފުޒުތަކުގެ އަޑު ތާނަ އަޑުތަކުގައި ނުހިމެނޭތީ، އަކުރު އިތުރުކޮށްފައި ވެއެވެ. މިއިން ކޮންމެ ފަހަރަކު، އަކުރު އުފައްދާފައިވަނީ، ކުރިން ބޭނުން ކުރި އަކުރަށް ކޮންމެވެސް ހަމައަކުން ނުކުތާ ޖަހައިގެންނެވެ. އަކުރުގެ މަތީގައާއި އަކުރުގެ ތިރީގައެވެ. އެންމެ ފުރަތަމަ އިތުރު ކުރެވުނީ ޢަރަބި ލިޔުމަށްޓަކައި، ދިވެހި އަޑުތަކުގައި ނުހިމެނޭ ޢަރަބި އަޑުތަކެވެ. އިތުުރު ކުރި އަކުރުތައް ހިމަނައިގެން ލިޔާ ތާނައަށް ތިކިޖެހި ތާނަ ކިޔައެވެ. ތިކިޖެހިތާނަ ލިޔުމުގެ ޤަވާޢިދު ނެރުއްވީ 13 ޝަޢުބާން 1376 (މާރޗް 1957) ގައި، ހ. މާދޫގޭ ޢަލީ އަޙްމަދުގެ ހުށަހެޅުމަކަށް ކޮމިޓީއަކުންނެވެ. މި ޢަލީ އަޙްމަދަކީ ދިވެހިބަހަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރެއްވި މީހެކެވެ. މިކަން ކުރި ގޮތާއި، މިކަމަށް ކަޑައެޅި ކޮމިޓީގެ މެންބަރުންގެ ނަންތައް ”ދިވެހި ރާއްޖޭގެ އެކިއެކި ކަންތައްތައް ހިނގިގޮތް“ މިފޮތްބައިގެ ޞަފުހާ 1235 ގައި ވެއެވެ. ތިރީގައި މިބަޔާން ކުރަނީ އަލަށް އިތުރުކުރެވުނު ތިކި ޖެހިތާނަ އަކުރުތަކެވެ. އެއީ ޖުމުލަ 12 އަކުރެކެވެ. މި ބާރަ އަކުރު ހިމެނުމުން، ތާނަ އަކުރުތަކުގެ ޖުމުލަ 36 އަށް އިތުރު ވިއެވެ. އަލަށް އިތުރު ކުރެވުނު އަކުރުތައް އިތުރުކުރެވުނީ ތާނަ އަކުރުތަކުގެ ފަހަތަށެވެ.

ح

ޙ

ط

ޠ

خ

ޙ

ظ

ޡ

ع

ޢ

ق

ޤ

غ

ޣ

ش

ޝ

ذ

ޛ

ص

ޞ

ث

ޘ

ض

ޟ

މި އަކުރުތައް ސަރުކާރުން ރަސްމީގޮތެއްގައި ތަޢާރުފުކުރުމުގެ ކުރިންވެސް، ބައެއް އަކުރުތައް ޢަރަބި އަޑުތައް ނެރުމަށްޓަކައި، ތިކިޖަހައިގެން ބޭނުން ކުރަމުން ގެންގޮސްފައި ވެއެވެ. މިކަން އޮޅުން ފިލަނީ އެ ޒަމާނުގެ ބައެއް ފޮތްތަކުގައި މަދުމަދުން ނަމަވެސް، ފާރިސީ ފަދައިން ސ ގެ މަތީގައި ތިން ނުކުތާ ޖަހައިގެން ޝ ލިޔެފައިވާތަން ފެންނާތީ އެވެ.

ދެން ދެ އަކުރު އިތުރު ކުރެވުނީ 23 މެއި 1977 ގައެވެ. އެއީ ދިވެހި ލިޔުން ލެޓިން އަކުރުން ލިޔާގޮތަށް ހަމަޖެހުމާ ގުޅިގެންނެވެ. މިގޮތަށް ހަމަޖެހުމާ ގުޅިގެން އިތުރު ކުރެވުނު ދެ އަކުރު ތިރީގައި އެވަނީ އެވެ. މި ދެއަކުރު އިތުރު ކުރުމާ ގުޅިގެން، އަކުރުތަކުގެ ޖުމުލަ 38 އަށް މަތި ވިއެވެ. މި ބަދަލާ އެކު، އަކުރުަތަކުގެ ތަރުތީބު، ބައްޓަމަށް ބަލައި، ބަދަލުކޮށްފައި ވެއެވެ. ތަރުތީބަށް ފިކުރު ހިންގާލުމުން، އަކުރުތަކުގެ ތަރުތީބު ބަދަލުކުރުމަކީ މާ ބޮޑަށް ހަމަޖެހޭ ކަމެއް ނޫންކަމަށް ތިބާއަށް ފެނިވަޑައިގަންނަވާނެއެވެ. ރަނގަޅު ގޮތަކަށް ވާނީ، އަލަށް އިތުުރު ކުރެވޭ އަކުރުތައް، ކުރީގެ އަކުރުތަކުގެ ފަހަތުގައި ހިމެނުމެވެ. މި ޖުމުލައަށް ފިއްތަވާލައްވަނިކޮށް، ދިވެހިބަސް ލެޓިން އަކުރުން ލިޔުމުގެ ގަވާއިދުފޮތް ޑައުންލޯޑުވާނެ އެވެ.

و

ޥ

ʒ

ޜ

/ޜ/ މިއަޑަކީ ފަރަންސޭސި ބަހާއި އިނގިރޭސި ބަހުގައި ޢާއްމު އަޑެކެވެ. މި އަޑު އުފައްދަނީ ދޫ މަތީ ހަރުތައްޔާއި ގާތް ކުރުމަށްފަހު، އަޑުގެ ރާރާ އަޅުވައިގެން އަނގައިން ވައިބޭރުކޮށްގެންނެވެ. ޓެލިވިޜަން، ޓްރެޜަރީ، މެޜަރ، ޕްލެޜަރ، ޔޫޜުއަލް، ވާރޜަން، ލަގްޜަރީ، ކޮންކްލޫޜަން އިނގިރޭސި ބަހުން ކިޔާއިރު މި އަޑު ހިމެނެއެވެ. ފަހެ، ޥ އާއި ޜ ދިވެހީން ލިޔެކިޔުމުގައި ބޭނުންކުރަނީ ވަރަށް ވަރަށް މަދު ފަހަރަކު އެވެ. އިނގިރޭސި ކޮންމެ އަޑަކަށް ތާނައިގެ އަޑެއް ނެތުމާއި އެކު ސަފުން /ޜ/ ހިމެނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަޅުގަނޑުގެ ނަޒަރުގައި ތިކިޖެހި ތާނަ ނުދަންނަ މީހުން ތާނަ ކިޔާއިރު ނުކުންނަ އަޑާ އެންމެ ގާތް ކުރާ ގޮތަކަށް ތިކިޖަހާނެ އަކުރުތައް ޚިޔާރުކުރުން މުހިއްމެވެ. މިހަމައިން ބަލާއިރު، ތިކިޖެހި އަކުރުތައް މިހާރަށް ވުރެ ރަނގަޅަށް ހެދޭނެއެވެ. މިސާލެއްގެ ގޮތުން ރ ގެ މަތީގައި ތިކިޖެހުމަށް ވުރެ ޒ ގެ މަތީގައި ތިކިޖަހައިގެން /ޜ/ ގެ އަޑު ނެރުން މާ ރަނގަޅުވާނެ އެވެ. މިއަކުރު ތާނައިގައި ހިމެނުމާއެކު، ޒ އާ ވައްތަރު އިތުރު ދެ އަޑެއް ތާނައިގައި ހިމެނުނީ އެވެ. އެއީ ޛ އާއި ޜ އެވެ. ޒ ހިމަނައިފިނަމަ ތިން އަޑެވެ.

/ޥ/ މި އަޑަކީ، ދެ ތުންފަތް އޫކޮށް ބަހައްޓައިގެން، މަޑު ތައްޔާއި ދޫ ކައިރިކޮށް ހަމައެކަނި އަނގައިން ވައި ބޭރުކުރަމުން ނެރޭ އަޑެކެވެ. މިއަޑު އިނގިރޭސި ބަހުގެ /w/ ގެ އަޑާއި އަދި ޢަރަބި و ގެ އަޑާ އެއްގޮތެވެ. ދިވެހި ވާވު ކިޔަނީ، އިނގިރޭސި /v/ ކިޔާ ފަދައިން ތިރީ ތުންފަތުގައި ”ދަތްއަޅައިގެން“ނެވެ. ގިނަ ދިވެހީން އިނގިރޭސި ބަހުގެ w އިން ފެށޭ އަޑުތައް ކިޔަނީ ދިވެހި ވ ގެ އަޑުން ނުބައިކޮށެވެ.

މީހުން އެކި ބަސްބަހުން ވާހަކަ ދައްކާ އިރު 100 އަށް ވުރެ ގިނަ އަޑު ބޭނުން ކުރެއެވެ. އެހެންކަމުން، ބޭރު ބަސްބަހުން ވާހަކަ ދައްކާ އިރު ބޭނުން ކުރާ ހުރިހާ އަޑެއް ތާނައިގައި ހިމެނުމަކީ ކޮޅުންލާނޭ ކަމެއް ނޫނެވެ. ބޭރު ބަސްލިޔުމަށް އެންމެ މުހިއްމީ އިތުރު ފިއްޔެއް ހިމެނުމެވެ. ފަހެ، އިނގިރޭސި ބަހުން ވާހަކަ ދައްކާއިރު ބޭނުން ކުރާ a ފިލި ދިވެހިބަހުގައި މިހާރު ނެތުމުން، ގިނަ ދިވެހީންނަށް އިނގިރޭސި ބަސް ރަނގަޅަށް ކިޔަން އުނދަގޫ ވެއެވެ. މިސާލެއްގެ ގޮތުން ވަރަށް ގިނަ ދިވެހީން apple މި ލަފުޒު ކިޔަނީ އެޕަލް ނުވަތަ އެޕްލް މިހެންނެވެ. ފަށާއަކުރު އަޞްލު ކިޔާގޮތަށް ޖަހާ ފިއްޔެއް ދިވެހިބަހުގައި ނުހިމެނޭތީ ދަންނަ ގާތް ފިއްޔެއް ޖަހައިގެން ފުއްދާލަނީ އެވެ.

ކުރިން ދިވެހިބަހުގައި ހިމެނޭ ނަވިޔަނި ނުވަތަ ބަރު ނޫނު އުތުރުގެ ދިވެހި އަޑުތަކުން ނެތި ގޮސް 100 ވަރަކަށް އަހަރުވީ ފަހުން އެ އަޑު ތާނައިގެ އަކުރެއްގެ ގޮތުގައި ”ނުރަސްމީ ގޮތެއްގައި“ ހިމެނުނެވެ. ތާނަ އަކުރުތަކުގެ ތަރުތީބުގައި ކުރިން ނަވިޔަނީގެ ގޮތުގައި ބޭނުން ކުރި އަކުރު ހިމެނޭ ޖަގަހަ ފަހުން ޏ ގެ ޖަގަހަށް ވިއެވެ. ފަހު ޒަމާނެއްގައި ނަވިޔަނި ހިމެނެން މެދުވެރިވީ 2001 ވަނަ އަހަރުގެ އޯގަސްޓް މަހު ވިންޑޯސް އެކްސް ޕީ (Windows XP) ކިޔާ ކޮމްޕިއުޓަރ އޮޕަރޭޓިންގ ސިސްޓަމެއް ތައާރުފު ވުމާ ގުޅިގެންނެވެ. މި ސިސްޓަމްގައި ތާނަ ހިމެނި އިރު، ނަވިޔަނި (ބަރުނޫނު – ޱ) ވަނީ ހިމަނާފައެވެ. އޮޕަރޭޓިން ސިސްޓަމްގައި ހިމަނާނޭ އަކުރުތައް ކަޑައެޅީ އަކުރުތަކާ ބެހޭ ޖަމްޢިއްޔާ އަކުންނެވެ. އެ ޖަމްޢިއްޔާއިން (ޔުނިކޯޑް ކޮންސޯޓިއަމްއިން) ބަހެއްގެ އަކުރުތައް ރަސްމީ ގޮތެއްގައި ކަނޑައަޅަނީ ބަހުގެ ދެތިން މާހިރުންގެ މަޝްވަރާގެ މަތިންނެވެ. ޔުނިކޯޑްގައި ތާނަ އަކުރުތައް ހިމެނިއިރު، ދިވެހި ކޮމާ އާއި ފަހުތިކި ނެތުމާއި ތަރުތީބު އެންމެ އިހުގެ ގޮތަށް ނެތުމާއި އެކު، ދިމާވާ މައްސަލަތައް އެނގޭނީ އަކުރުތަކާއި އަޑުގެ ވެހިންނަށެވެ. އެހެންކަމުން، މިކަމާ ބެހޭ ރަސްމީ ފަރާތްތަކުން ޔުނިކޯޑުގައި ތާނަ ހިމަނާފައިވާ ގޮތް އިޞްލާޙު ކުރަން ޖެހިފައި ވެއެވެ.

ފޮނެޓިކްސްގެ ޢިލްމުވެރިން ބުނާގޮތުން، އަދިވެސް ދެކުނުގެ ބައެއް ހިސާބުތަކުގައި ދިވެހިބަހުން ވާހަކަ ދެއްކުމަށް ބޭނުން ކުރާ ބައެއް މަދު އަޑު ތާނަ އަކުރުތަކަކުން ނުލިޔެވެއެވެ.

ތިކި ޖެހި ތާނަ އަކީ ރާއްޖޭގެ މަދަރުސާތަކުގައި ހަރުދަނާ ގޮތެއްގައި ކިޔަވައިދޭ އެއްޗެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން، އެކާވީސް ވަނަ ޤަރުނުގެ ކުރީކޮޅު، ތިކިޖެހި ތާނަ އަކުރުތައް ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި ވެސް ނުބައިކޮށް ޢާއްމުކޮށް ލިޔެފައި ހުރެއެވެ.

ތާނަ: އުފެއްދި ސަބަބާއި ތާރީޚާއި ލަފުޒުގެ މާނަ

ތާނަ އުފެއްދި ދުވަސްވަރެއް ކަމަށް ލަފާކުރެވެނީ ބޮޑު ތަކުރުފާނު (ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު) ގެ ދުވަސް ވަރެވެ. އެ ރަދުން ރަސްކަން ކުރެއްވީ މީލާދީން 1573 އިން ފެށިގެން 1585 އަށެވެ. މި ދުވަސްވަރުކަމަށް ލަފާ ކުރެވޭ ސަބަބުތަކުގެ ތެރޭގައި، އޭގެ 200 ވަރަކަށް އަހަރު ކުރިން ރާއްޖެ އައި އިބްނު ބަޠޫޠާގެ ދަތުރުނާމާގައި  ތާނައިގެ ވާހަކަ ނެތުމާއި، 1602 ގައި ރާއްޖެއަށް ބެހުނު ”ކޯބިން“ ކިޔާ ނަވުގެ ނެވި، ޕިރާޑް، ތާނައިގެ ވާހަކަ އަށް އިޝާރާތް ކޮށްފައި ވުމާއި، ރާއްޖެއިން ފެނިފައިވާ އެންމެ ދުވަސްވީ ތާނަ ލިޔުމަކީ 1599 ވަނަ އަހަރަށް ނިސްބަތްވާ ލިޔުމަކަށް ވާކަމެވެ. ފަހެ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ނެރުއްވި ”ދިވެހި ތާރީޚަށް އައު އަލިކަމެއް“ (1990) މިފޮތުގެ 41 ވަނަ ޞަފުޙާގައި ތާނައިން ލިޔެފައިވާ އެންމެ ކުރީގެ ލިޔުމަކަށް އަދި ފެނިފައިވަނީ ހިޖުރައިން ހާހާއި އަށްވަނަ އަހަރު (މީލާދީން 1599 އަހަރު) ލިޔެފައިވާ ފިލައެއްކަމަށް ލިޔުއްވާފައި ވެއެވެ. މިފިލައަކީ މިލަދުންމަޑުލު އުތުރުބުރީ ކަޑިތީމު ހުކުރު މިސްކިތުގެ އުތުރު ފަރާތު ދޮރެއްގެ ކައިރީގައިވާ ބައެކެވެ. މާލޭގައި ފަސޭހައިން ފެންނަގޮތަށް ހުރި އެންމެ ގިނަދުވަސްވީ ތާނަ ލިޔުމެއް ފެންނަންހުރީ ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތުގެ އެތެރޭ ބިތުގެ ކަނާތްފަރާތުގައެވެ. އެއީ ހިރިގަލުން ކަނޑާނަގާފައިވާ ލިޔުންކޮޅެކެވެ. މިލިޔުންކޮޅަކީ 1789 ވަނަ އަހަރު ލިޔެފައިވާ ލިޔުންކޮޅެކެވެ. މި މިސްކިތްވަނީ 2013 ވަނަ އަހަރު ރައީސްކަމަށް އިސްވި ޔާމީންގެ ދައުރުގައި، 2017 ވަނަ އަހަރު އެތަނުން ނަގާފައެވެ. މި ލިޔުންކޮޅުގެ ފޮޓޯއެއް މީގެ ދިހަވަރަކަށް އަހަރު ކުރިން އަޅުގަނޑު ނަގާފައި ވެއެވެ.

old tomb stone of Maldives

މިހާތަނަށް ބަޔާން ކުރެވުނު މަޢުލޫމާތުން،  ތާނަ އުފެއްދީ ބޮޑުތަކުރުފާނުގެ ދުވަސްވަރުކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވެއެވެ. ބިދޭސީ ތާރީޚް ލިޔާ ފަރާތްތަކުން، ދިވެހި ލިޔާ އަކުރުތަކާ ބެހޭ ގޮތުން ކުރު ބަޔާންތައް ލިޔެފައިވެއެވެ. މިގޮތުން، ތާނަ އަކުރާ ބެހޭ ގޮތުން ޔަންގ އާއި ކްރިސްޓަފަރ ކިޔާ ދެމީހެއްގެ ބަޔާން، 1836 އާއި 1838 އާ ދެމެދު ނެރުނު ބޮމްބޭ ޖިއޮގްރެފިކަލް ސޮސައެޓީގެ ޓްރާންސެކްޝަންސް ގައި ވެއެވެ . މިއޮތީ އެފޮތުގެ އެ ޞަފުޙާއެވެ.  ތިރީގައި މިގެނެސްދެނީ ތާނަ އަކުރާ ބެހޭގޮތުން އެމީހުން ލިޔެފައިވާ ބަޔާނުގެ އިޖްމާލީ ތަރުޖަމާއެވެ.

History of Thaana

މި ޒަމާނުގެ އަލިފުބާގައި ހިމެނެނީ އަށާރަ އަކުރެވެ. އަދި އެއަށް އަހުލުވެރިން ކިޔަނީ ގަބުޅި ތާނަ އެވެ. ޢަރަތްބާއި ފާރިސީ އަކުރުން އެކުލަވާލައިފައިވާ ބައެއް އަކުރު ތާނައިގައި ޢާއްމުކޮށް ބޭނުން ކުރެއެވެ. ނަމަވެސް، އެމީހުން އެއީ ތާނަ އަލިފުބާގެ އަކުރުތަކެއް ކަމަށް ނުބަލަތެވެ. ތާނަ ލިޔަނީ ކަނާތުން ވާތަށެވެ. އަދި ތާނަ ތައާރަފު ކުރެވުނީ އުތުރު އަތޮޅުތަކުން އައި  ފުރަދާނަ ވެރިޔަކާއި އޭނާގެ ބައިވެރިން ޕޯޗުގީޒުންގެ ކިއްލާ ފަޠަޙަކޮށް އިސްލާމް ދީން އަލުން ޤާއިމްކުރުމުންނެވެ. މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭނުންކުރަނީ ތާނައެވެ.

ޔަންގ އާއި ކްރިސްޓަފަރ އަށް މިވާހަކަތައް ކިޔާދޭނީ ރާއްޖޭގެ ކޮންމެވެސް ވެރިއެކެވެ. އެ ދެމީހުންގެ ބަޔާނުންނާއި ރާއްޖޭގެ ތާރީޚުން އަޅުގަނޑުމެންނަށް އޮޅުން ފިލަނީ ޕޯޗުގީޒުން ވެރިކަން ކުރި 17 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި އިސްލާމް ދީނުގެ އަސަރު ވަރަށް ކުޑަވެފައިވާ ކަމާއި، އިސްލާމް ދީން އަލުން ޖެހުނީ ޤާއިމްކުރަން ކަމެވެ.

އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި، ތާނަ އީޖާދު ކުރަން ޖެހުނީ ދެ ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ، ލިޔުންތެރިކަން ކުރީ ޒަމާންތަކުގައި އޮންނަނީ ދީނީ ޢިލްމުވެރިންގެ ތެރޭގައި ކަމަށްވާތީ، ދީނީ ލިޔުންތައް ލިޔުމުގައި، ދިވެސް އަކުރާއި ޢަރަބި އަކުރުތައް އެކުގައި ލިޔުން ދަތިކަމުންނެވެ. މިހެން މިދެންނެވީ ޢަރަބި ލިޔަނީ ކަނާތުން ވާތަށެވެ. ދިވެސް އަކުރު ލިޔަނީ ވާތުން ކަނާތަށެވެ. އެހެންކަމުން ޢަރަބި ލަފުޒުތައް ހިމެނޭ ލިޔުމެއް ލިޔާއިރު، ދިވެސް އަކުރުން ލިޔާ މީހާ ޖެހޭނީ ޢަރަބި ލަފުޒުތަކުގެ ދިގުމިން ކުރިން ވަޒަންކޮށް، ތަންދޫކޮށް ޢަރަބި ލިޔަން ފަށަންށެވެ. މިއީ ލިޔާ މިސްރާބު ތަފާތުވީމާ ޖެހޭނޭ މައްސަލައެކެވެ. މިކަން ތިރީގައިވާ ފަތް ލިޔަމުން ގެންދިޔައިރު ލިޔުންތެރިއާ ރާވަންޖެހޭ ރޭވުމަށް ވިސްނާލުމުން އޮޅުންފިލާވަޑައިގަންނަވާނެއެވެ.

Dhives Akuru Faiy with Arabic

ތާނަ އުފައްދަން ޖެހުނުކަމަށް ބެލެވޭ ދެވަނަ ސަބަބަކީ، ދިވެސް އަކުރަކީ ދަސްކުރަން އުނދަގޫ އަކުރަކަށް ވާކަމެވެ. ދިވެސް އަކުރު ކިޔާނޭ ގޮތާއި ލިޔާނޭ ގޮތާ ބެހޭ ގޮތުން އަޅުގަނޑު ލިޔެފައިވާ ލިޔުން ކިޔުއްވި އެއްވެސް ފަރާތެއް މިކަމަކަށް އިންކާރެއް ނުކުރައްވާނެއެވެ. މިއާއި އެކު ޢަރަބި ފިލިތައް ދިވެސް ފިލިތަކާ ވަރަށް ތަފާތެވެ. އެހެންކަމުން، މީހުންނަށް ދިވެސް އަކުރާއި ޢަރަބި އަކުރު ދަސްކުރަން އުނދަގޫ ވާނެއެވެ. ޢަރަބި ފިލިތަކާއި ދާދި އެއްގޮތަކަށް ފިލިޖަހާ ތާނަ އަކުރުތައް އުފެއްދުމުން، ތާނަ އާއި ޢަރަބި ލިޔެކިޔަން ވަރަށް ފަސޭހަ ވާނެއެވެ. ލިޔާ މިސްރާބު އެއްގޮތްކަމުން ދެ ބަހުގެ ލަފުޒު ގުޅުވާ ލިޔަން ފަހި ވާނެއެވެ. ތާނައަކީ ލިޔެފައިވާ ގޮތަށް ކިޔާ، ކިޔާ ގޮތަށް ލިޔާ ރަނގަޅު ހަމަތަކެއް ހިމެނޭ އަކުރުތަކެކެވެ. ބަސް ލިޔެ އުޅޭ ގޮތުގެ މާހިރުން، ތާނައަކީ ދެކުނު އޭޝިޔާގެ އެންމެ ސައިންޓިފިކް އަކުރުތަކޭ ބުނަނީ އެހެން ވެގެންނެވެ. ފަހަރެއްގައި، ދުނިޔޭގައި ވެސް، މިފަދަ މޮޅު އަކުރުތަކެއް ނުވެދާނެއެވެ. މިހެން ދެންނެވިއަސް، އެންމެ މޮޅު އަކުރުތަކަކީ ކޮރެއާ އަކުރުތައް ކަމަށް ސައުތު ކޮރެއާގެ މީހުން ދަޢުވާ ކުރަތެވެ. އެމީހުން ތާނަ ނުދަންނަނީ ކަންނޭޭނގެއެވެ. މިހެން މިކަން އޮތަސް، ތާނަ އިތުރަށް ތަރައްޤީކުރަން ޖާގަ އެބައޮތެވެ.

ތާނައަށް ތާނަ ކިޔަނީ ކީއްވެގެންތޯ އެވެ؟ މިހާރު ދިވެހި ލިޔާ އަކުރުތަކަށް ކިޔަނީ ގަބުޅި ތާނައެވެ. ތާނައިގެ މާނައާ ބެހޭ ގޮތުން 1999 ވަނަ އަހަރު ނަސީމާ މުޙައްމަދު ލިޔުއްވައި ނޭޝަނަލް ސެންޓަރ ފޯރ ލިންގުއިސްޓިކްސް އެންޑް ހިސްޓޮރިކަލް ރިސާރޗް އިން ޗާޕުކޮށްފައިވާ ދިވެހި ލިޔާ ގޮތްތަކާ ބެހޭ ފޮތެއްގައި ތާނައިގެ މާނައާ ބެހޭ ޚިޔާލެއް އޭނާ ހުށަހަޅުއްވާފައި ވެއެވެ. ނަމަވެސް، އަޅުގަނޑުގެ ނިންމުމަކީ، ތާނައިގެ މާނަ ދެނެގަތުމަށް އިތުރު ދިރާސާ ބޭނުންވާ ކަމެވެ. ހަމަ މިފޮތުގައި، ގަބުޅި ތާނަ ކިޔާ ގޮތާ ބެހޭ ގޮތުން ޚިޔާލެއް ހުށަހަޅުއްވާފައި ވެއެވެ. އެއީ ”ފުރިހަމަ ނޫން“ މި މާނަ ދޭހަ ކުރުމަށެވެ. އަޅުގަނޑު ބޮޑަށް ބުރަވަނީ، ގަބުޅި ތާނަ، ތާނައަށް ކިޔަނީ ކޮންމެ މީހަކަށް ވެސް އެ ކިޔަން އެނގޭތީ އެވެ. ތާނަ ލިޔަންކިޔަން ފަސޭހަ ކަމުންނެވެ. މިހެން މިދެންނެވީ، ދިވެހިބަހުގައި ”ގަބުޅިބަނޑު ކިޔަނީ ތަޢުލީމެއް، ތަރުބިއްޔަތެއް ނެތި ބޮޑުވާ މީހާ އަށެވެ. ބައެއް ފަހަރު، ރަށްފުށުގެ ގޮތެއް ފޮތެއް ނުދަންނަ މީހުންނަށް ގަބުޅި އޭ ކިޔާ އަޑު އިވެއެވެ. ގަބުޅި ތާނަ ކިޔަނީ، އަޅުގަނޑުގެ ނަޒަރުގައި، މާ ބޮޑު ފޮތްތެރިކަމެއް ޢިލްމެއް ނެތް މީހުންނަށް ވެސް، ފަސޭހައިން ދަސްކުރެވޭ އަކުރުތަކަކަށް ތާނަ ވާތީ އެވެ. ދީނީ ޢިލްމުގެ ހޭލުންތެރި މީހުންގެ ތެރޭގައި ދިވެހި ލިޔެކިޔުން ޚާއްޞަ ވެފައިވަނިކޮށް، ޢާއްމު މީހުންނާ ހަމައަށް ދިވެހި ލިޔެކިޔުން ގެނެސްދިނީ ތާނަ އެވެ. ދިވެހިރާއްޖޭގެ ލިޔެކިޔަން ދަންނަ މީހުންގެ ނިސްބަތް އެހާ މަތީ ތާނައިގެ ސަބަބުންނެވެ.

ތާނަ އާއި ޚިލާފަށް ލެޓިން އަކުރުތަކުން ލިޔެފައި ހުންނަ އިނގިރޭސި ބަސް، ރަނގަޅަށް ކިޔުމަކީ ވަރަށް ދަތި ކަމެކެވެ. އިނގިރޭސި ބަހަކީ، ކޮންމެ ލަފުޒެއް ކިޔާގޮތް ވަކިން ދަސްކުރަންޖެހޭ ފަދަ ކިޔަން ދަތި ބަހެކެވެ. ދިވެހީން ބެޗްލަރ، މާސްޓަރޒް އަދި ޕީއެޗްޑީ ހެދުމުން ވެސް އިނގިރޭސި ބަހުން ވާހަކަ ދައްކާއިރު ލަފުޒުތައް ކިޔުމުގައި ވަރަށް ބޮޑެތި ކުށްތައް ޖެހޭކަން ފާހަގަ ވުމަކީ ޢާއްމު ކަމެކެވެ. މިކަމުން ވެސް ތާނައިގެ މޮޅުކަމަށް އިޝާރާތް ކުރެއެވެ.

މި މަޒުމޫނު މިހާތަނަށް އައި އިރު މާ ބޮޑަށް ދިގުވެފައި ވާތީ، ދެވަނަ ބައި ފަހުން ގެނެސް ދޭނަމެވެ.