އަލަށް މި ހަދާ ލަފުޒުތަކާ މެދު
އަލަށް ހަދައިގެން ޢާއްމުކުރަމުންދާ ”އައު“ ދިވެހި ލަފުޒުތަކާ މެދު ދިވެހިބަހުގެ މީހެއްގެ ކައިރީގައި ސުވާލުކުރުމުން އޭނާ ބުނީ ”އަންނަނީ ހިނި“ ކަމަށެވެ. ”އަންނަނީ ހިނި“ މި ޢިބާރާތް، ވޭތިވެދިޔަ ދެތިންހަތަރު އަހަރުގެ ތެރޭގައި، ޞަރީޙަކޮށް ކަމަކާ މެދު ކޮމަންޓު ކުރަން ނުވަތަ ޚިޔާލެއް ފާޅުކުރަން ބޭނުން ނުވެގެން ބުނާ ޢިބާރާތެއްގެ ގޮތުގައި ކޮންމެވެސް މިންވަރަކަށް މަޝްހޫރުވެފައި ވެއެވެ. މި ޢިބާރާތް މި މާނައިގައި ނިސްބަތްވަނީ ކުރީގެ ރައީސެއްކަމަށް ވާ މައުމޫން ޢަބްދުލްޤައްޔޫމަށް ކަމަށް ވެއެވެ. އަޅުގަނޑަށް މި ޢިބާރާތް ފުރަތަމަ ފެނިފައިވަނީ މި ލިންކް އިންނެވެ.
ދިވެހި ބަސް ކޮންމެވެސް ވަރަކަށް އެނގޭ މީހުން، އަލަށް ހަދައިފައިވާ ލަފުޒުތަކާ މެދު ވިސްނާލުމުން، ފިކުރުގައި އަޅައިގަންނަ ބައެއް ކަންތައްތައް ފާހަގަކުރެވޭނެއެވެ. މި މަޒުމޫނު ލިޔުމުގައި އަޅުގަނޑުގެ މުރާދަކީ، ދިވެހިބަހުގެ ދަރިވަރުންނަށް، ބަސް ހެދުމުގެ ހަމަތަކާ ބެހޭ ބައެއް ކަންކަން ފާހަގަކޮށްލުމާ އެކު، އަލަށް ހެދި ބައެއް ބަސްތަކުގެ މިސާލުން މައްސަލަތައް ތިލަކޮށްދިނުމެވެ.
ބޭރުބަހެއްގެ ލަފުޒެއްގެ ބަދަލުގައި ނުވަތަ ޢިބާރާތެއްގެ ބަދަލުގައި ބޭނުންކުރާ ކަލިމަތަކަށް ބަސްވާރުން ކިޔަނީ ”ގްލޮސް“ އެވެ. ބައެއް ފޮތްތަކުގައި ދެ ފޮޅުވަތް ދެމެދުގައި ނުވަތަ ހަވާސާގައި ޢާއްމު ނޫން ޢިބާރާތްތަކުގެ މާނަ ނުވަތަ ބަދަލުގައި ބޭނުންކުރެވިދާނޭ ގްލޮސް ލަފުޒު ބަޔާންކޮށްފައި ހުރެއެވެ. ފޮތެއްގެ ނިމޭކޮޅުގައި ލިސްޓެއްގެ ގޮތުގައި މިފަދަ ޢާއްމު ނޫން ލަފުޒުތައް މާނައާ އެކު ބަޔާންކުރާ ނަމަ، މި ލިސްޓަށް ގްލޮސަރީ glossary ކިޔައެވެ. އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގައި، އަލަށް ހަދާފައިވާ ހުރިހާ ލަފުޒަކީ އަދި ޢިބާރާތަކީ އިނގިރޭސި ބައެއް ލަފުޒުތަކަށް ހަދާފައިވާ ގްލޮސް އެވެ. ކުރިން ހެދިފައިވާ ގްލޮސްތަކުގެ ހަނދާންތައް ނެތިގެން ނުވަތަ އެހެން ސަބަބެއް މެދުވެރިވެގެން، އެއް އިނގިރޭސި ލަފުޒަކަށް ދެފަހަރަކު ދެގޮތަށް އައު ލަފުޒު ހަދާފައި ވެއެވެ. ތިރީގައި އެވަނީ ދިވެހިބަހުގެ އެކެޑެމީގެ ވެބްސައިޓުން ނަގާފައިވާ ”ރިފްލެކްޓް“ މި އިނގިރޭސި ލަފުޒަށް ދެގޮތަކަށް މާނަ ލިޔެފަައިވާ ލިޔުމުގެ އިމޭޖެއް ނުވަތަ ސޫރައެކެވެ
އިނގިރޭސި ލަފުޒުތަކަށް ދިވެހި ލަފުޒު ހަދާ އިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުން، ބަސް ހުށަހަޅާ ފަރާތަށް އިނގިރޭސި ލަފުޒުގެ މާނަ ރަނގަޅަށް ނޭނގުމެވެ. އެހެންކަމުން، ލަފުޒުތައް ދިވެހިބަހަށް ތަރުޖަމާ ކުރުމުގައި ވަރަށް ބޮޑެތި ކުށް ޖެހުމެވެ. އަޅުގަނޑު ހަނދާން ހުންނަ އެއް ކަމަކީ، ސަރުކާރުގެ ޚާއްޞަ އިނާމު ލިބުނު ދިވެހި އަދީބަކު، ”އިންޓަރވިޔޫ“ މާނަ ކުރިއިރު ”ވިޔޫ“ އެއީ މަންޒަރުކަމަށް ހީކޮށް އިސްލާމީ މަރުކަޒުގައި އޮތް ޖަލްސާއެއްގައި ދިގުކޮށް ދެއްކި ވާހަކަ އެކެވެ. ”ވިޔޫ“ އަކީ މަންޒަރުގެ މާނައިގައި ބޭނުން ކުރެވޭ ލަފުޒެއް ކަމުގައި ވިއަސް، ޢާއްމު މާނައަކީ، އަދި ލަފުޒުގެ ޙަޤީޤީ ފުރަތަމަ މާނައަކީ ދުށުމެވެ. ބެލުމެވެ. މަޖާޒީ މާނައެއްގެ ގޮތުގައި، ކަމަކާ މެދު ފެންނަ ގޮތަށް ނުވަތަ ރައުޔު އަށް ވެސް ”ވިޔޫ“ ކިޔައެވެ. ”އިންޓަރ“ ގެ މާނައަކީ ދެމެދު އެވެ. ދެފަރާތެއްގެ ދެމެދު އެވެ. އިންޓަރވިޔޫގެ ލަފުޒީ މާނައަކީ ދެފަރާތެއް އެކަކު އަނެކަކާ ބައްދަލުކޮށް ދުށުމެވެ. މި ޚިޔާލުން ދެފަރާތެއްގެ ދެމެދުގައި ކަމަކާ މެދު ފެންނަ ގޮތަށް އަދި ޙާލަތަށް އިންޓަރވިޔޫ ކިޔަނީއެވެ. ލަފުޒުގެ ޙަޤީޤީ މާނަ އާއި އުފެދުން އެނގުމުން ދިވެހި ލަފުޒެއް ހަދަން ފަސޭހައެވެ. ފަހަކަށް އައިސް ބައެއް މީހުން އިންޓަރވިޔޫ އަކީ ”ބަސްދީ ބަސްގަތުން“ ކަމަށް ކިޔައެވެ. ނަމަވެސް ބަސްދީ ބަސް ގަތުމަކީ، ވާހަކަ ދައްކައިގެން އަނެއް މީހާގެ ހިތުގައި އޮތް އެއްޗެއް ހޯދުމެވެ. މިގޮތަށް ބަސް ގަންނަ އިރު، ސުވާލުކުރާ މީހާ، އޭނާއަށް އެނގޭ ސިއްރުތަކެއް އަނެކާއަށް ކިޔައިދޭން ޖެހެއެވެ. ނުވަތަ ހަދައިގެން ކިޔައިދެއެވެ. މިކަމުން ސުވާލު މުޚާޠަބު ކުރެވޭ މީހާއަށް މީނާއަކީ އިޚްލާޞްތެރިއެއްކަމަށް ހީވެ، ހިފެހެއްޓުންތައް ކުޑަވެ، އޭނާގެ ސިއްރުތައް ކިޔައިދޭން ފަށައެވެ. ބަސްދީ ބަސްގަތުމަކީ ސިޔާސީންގެ މެދުގައާއި ބައެއް ދޭދޭ މީހުންގެ މެދުގައިކުރެވޭ ނުރަނގަޅު މުޢާމަލާތަކަށް ނިސްބަތްކޮށް ބުނާ މިސާލު ބަހެކެވެ.
އަޅުގަނޑުގެ ހިތުން ނުފިލާ އަނެއް ދިވެހި ލަފުޒަކީ ”ސިކުނޑީގެޠޫފާން“ އެވެ. މިއީ ކޮން އެއްޗެއް ތޯއެވެ؟ މި ޢިބާރާތުގެ މައްސަލަތައް ދެނެގަތުމަށް، ގިނަ ބަސްބަހުގެ ބައެއް ލަފުޒުގައި އެއް މާނައަށް ވުރެ ގިނަ މާނަ އެކުލެވޭކަން އެނގެން ޖެހެއެވެ. މިކަމަށް ބަސްވާރުން ކިޔަނީ ”polysemy“ އެވެ. ޕޮލީސެމީއަކީ އެއް ލަފުޒެއްގައި ތަފާތު މާނަ ހިމެނިގެންވުމެވެ. ޕޮލީ އަކީ ގިނަ އެވެ. ސެމީ އަކީ އިޝާރާތްތަކެވެ. މިސާލެއްގެ ގޮތުން، ”އާދަ“ މި ލަފުޒުގެ އެއް މާނައަކީ ހަމަތަކެއްގެ މަތީން ކުރަމުން އަންނަ ކަންކަމެވެ. އަނެއް މާނައަކީ ހުއްދަނޫން ތަނަކަށް ވަދެއްޖެ ނަމަ ދޭންޖެހޭ ޖޫރިމަނާ އެވެ. ހުރިހާ ބަހެއްގެ އެތައް ލަފުޒެއްގައި ޕޮލީސެމީ ހިމެނެއެވެ. ލަފުޒެއްގައި އެންމެ ޚިޔާލެއް ހިމެނޭނަމަ، ނުވަތަ ޕޮލީސެމިކް ނޫންނަމަ އެފަދަ ލަފުޒަށް ކިޔަނީ މޮނޮނިމް (mononym) އެވެ. ”ސިކުނޑީގެޠޫފާން“ މި ލަފުޒު އެވަނީ އިނގިރޭސި ލަފުޒެއް ކަމުގައިވާ brainstorm ”ދިވެހިކޮށްލާފައެވެ.“ އިނގިރޭސި ބަހުން brain ބްރެއިން ގެ މާނައަކީ ސިކުނޑިއެވެ. ސްޓޯމް storm ގެ ޢާއްމު މާނައަކީ ޠޫފާން އެވެ. ނަމަވެސް ސްޓޯމް މި ލަފުޒަކީ ޕޮލީސެމިކް ލަފުޒެކެވެ. އެ ލަފުޒުގެ އެހެން މާނައެއް ވެއެވެ. ސްޓޯމް ކުރުމަކީ، ކިއްލާއެއް ކޯއްޓޭއެއް ފަދަ ތަނެއް ފަތަޙަކުރަން، ބަޔަކު މަރުވަމުން ދިޔަ ކަމުގައި ވިއަސް، އެތައް ބައެއްވެގެން އަރައިގަތުމެވެ. ކިއްލާއެއް ސްޓޯމް ކުރާއިރު ކިއްލާގައި ތިބޭ މީހުން ދުނި އުކުމާއި ހޫނު ތެޔޮ ޖެހުމާއި މިފަދަ އެތައް ކަމެއް ކުރަމުން ދާނެއެވެ. އަރައިގަންނަ ފަހުލަވާނުން މިކަމަށް ބިރެއް ނެތި، ފާރުމައްޗަށް އެރޭތޯ މަސައްކަތް ކުރަމުންދާނެއެވެ. ތިރީގައި މިވަނީ ކިއްލާއެއް ”ސްޓޯމް“ ކުރާތަން ދައްކުވައިދޭ ކުރެހުމެކެވެ.
ބްރެއިންސްޓޯމް ކުރުމުން ނުވަތަ ސިކުނޑިއަށް މިދެންނެވި ގޮތަށް އަރައިގަތުމުން މާނަކުރަނީ، ބުއްދީގައި ”ހުރިނަމަ ހުރި އެއްޗެއް ހޯދުމަށްޓަކައި،“ ގަދަޔަށް އެކި ރޮނގުރޮނގުން ފިކުރު ހިންގުމަށެވެ. ސްޓޯމްގެ އެއް މާނަ އެނގިގެން ބްރެއިންސްޓޯމް އަކީ ސިކުނޑީގެ ޠޫފާން ކަމަށް ބުނުމުން، އެއިން ދޭހަވާ މާނަ އާއި އަޞްލު މާނައިގެ ތަފާތު ވަޒަންކުރުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަބޭފުޅުންގެ ޚިޔާލުފުޅަށެވެ.
އަލަށް މި ހަދާ ލަފުޒުތައް ހެދުމުގައި ދިމާވެފައިވާ މައްސަލައިގެ ތެރެއިން އެއް ކަމެއް މަތީގައި އެ ދެންނެވުނީއެވެ. އިނގިރޭސި ގިނަ ލަފުޒުތަކަކީ ޕޮލީސެމިކް (އެއް މާނައަށް ވުރެ ގިނަ މާނަ ހިމެނޭ) ލަފުޒުތަކަށް ވާއިރު، އައު ލަފުޒު ހެދެނީ ކޮން މާނައަކަށް ކަމެއް ބަޔާންކޮށްފައި ނުވުމެވެ. އިތުރު ތަފުސީލަށް ދިއުމުގެ ކުރިން، ފަހަކަށް އައިސް ހަދާފައިވާ ލަފުޒުތައް ތިރީގައި ލިޔެލަމެވެ.
ދިވެހިބަހުގެ އެކެޑެމީއިން، އަލަށް ހަދާ ލަފުޒުތައް އެންމެ ބޮޑަށް ޢާއްމުކުރަނީ ސޫރައެއް ނުވަތަ ތަޞްވީރެއް ގެ ގޮތުގައެވެ. އިމޭޖެއްގެ ގޮތުގައެވެ. އެހެންކަމުން، ގޫގުލް ނުވަތަ އެހެން ވެސް އިންޓަރނެޓުން މަޢުލޫމާތު ނަގާ ޕްރޮގުރާމަކަށް ނުވަތަ ”ސާރޗް އިންޖީނަކަށް“ މި ލަފުޒުތަކެއް ”ނޭނގޭނެ“ އެވެ. މި މަޒުމޫނު ލިޔުމުގެ އަޅުގަނޑުގެ އެއް ބޭނުމަކީ، މި ލަފުޒުތައް ގޫގުލް ފަދަ ސާރޗް އިންޖީނަކަށް ހޯދޭނެ ގޮތަށް ތާނަ އަކުރުން ލިޔުމެވެ. ނަތީޖާއަކަށް ވާނީ، ހަފުތާއެއްގެ ފަހުން، އަލަށް ހެދި ލަފުޒެއް ގޫގްލްގައި ޖަހައިފި ނަމަ، މި ވެބްސައިޓަށް އިޝާރާތްކުރުމެވެ. މީހުންނަށް އައު ލަފުޒުތައް ހޯދަން ވަރަށް ބޮޑަށް ފަސޭހަވުމެވެ. ތިރީގައިވާ ބަސްތޫރައިގައި ހިމެނޭ ލަފުޒުތަކުގެ ތާވަލުތަކުގައި ލަފުޒު ހޯދުމަށް ލިޔާނޭ ގޮޅިއަކާއި ތާނައާއި އިނގިރޭސި އަކުރުން ތަރުތީބު ކުރެވޭނެ ނިޝާނެއް ހިމެނީމެވެ.
ކުރިން ދެންނެވިހެން، ބަސްތޫރައިގެ އައު ލަފުޒުތައް އެންމެ ބޮޑަށް އާއްމުކޮށްފައިވަނީ ބަސްތޫރަ ކިޔާ ތަޞްވީރުތަކެއްގެ ގޮތުގައެވެ. މީގެ ފަސް ތަޞްވީރު މިހާތަނަށް ޢާއްމުކޮށްފައި ވެއެވެ. ”ތޫރަ“ އަކީ ބުލެޓިން ގެ މާނައިގައި ހެދި އައު ލަފުޒެއްކަމަށް މިއިން ބަސްތޫރައެއްގައި ވެއެވެ. އިނގިރޭސިބަހުން ބުލެޓިން ކިޔަނީ ރޭޑިއޯ ނުވަތަ ޓީވީ އިން ފޮނުވާ ނުވަތަ ޗާޕުކޮށްގެން ނެރޭ (ގިނަ ފަހަރު ވަކިތަނަކާ) ބެހޭ ކުރު ޚަބަރަކަށެވެ. މުއައްސަސާއަކުން އެތަނުގެ މެންބަރުންނަށް މަޢުލޫމާތުގެ ގޮތުގައި ޗާޕުކޮށްގެން ނެރޭ ލުއި ”ފޮޅިއަށް“ ވެސް ބުލެޓިން ކިޔައެވެ. ބުލެޓިން އަށް ”ތޫރަ“ އަކީ ރަނގަޅު ލަފުޒެއްތޯއެވެ؟
— — —
ބަސްތޫރަ 1
TERM | ދިވެހި ލަފުޒު / ޢިބާރާތް |
---|---|
penguin | ފީނާދޫނި |
ladybird | ނަލަމަޑި |
beetroot | ރަންގުމޫ |
zebra | ކަފިހިއަސް |
chafing fuel | އަލިފާން ޖެލް / އަނދަނަ ޖެލް |
gel | ޖެލް |
fuel | އަނދަނަ |
indoor | އެތެރެ |
outdoor | ބޭރު |
emergency | ކުއްލިޙާލަތު |
by-election | މެދައިންތިޚާބު |
internship | ދަސްވެރިކަން |
intern | ދަސްވާރު |
grievance | ޝިކާޔަތު |
bulletin | ތޫރަ |
case management procedure | މައްސަލަ ކުރިއަށް ގެންދަންވީ ގޮތް |
ground floor | ތިރީ ބުރި |
running mate | އިންތިޚާބީ ބައިވެރިޔާ |
intern | ދަސްވާރު |
response | އިޖާބަ |
responsive | އިޖާބީ |
non responsive | ނާއިޖާބީ |
flexible | ފަހެލި |
flexibility | ފަހެލިކަން |
non flexible | ނުފަހެލި |
deep state | އަޑީ ސަރުކާރު |
ambulance | އެންބިއުލަންސު |
sea ambulance | އެންބިއުލާންޗު / އެންބިއުލޯންޗު |
online | އޮންލައިން |
milestone | މޭލުގާ / މޭލުދަނޑި |
waterfall | ފެނާރު |
planet | ގުރަހަ |
farming | ދަނޑުވެރިކަން |
farmer | ދަނޑުވެރިޔާ |
ބަސްތޫރަ 2
TERM | ދިވެހި ލަފުޒު / ޢިބާރާތް |
---|---|
Diversity | ސިންދަފާތު |
Annex | އިތުރުވެނި |
Linguistic Diversity | ބަހަވީ ސިންދަފާތު |
Cultural Diversity | ސަގާފީ ސިންދަފާތު |
Agricultural produce | ޒިރާއީ އުފެއްދުންތައް |
crop | މަތިވަރު |
agricultural value addition | ޒިރާއީ އަގުއެއްކުރުން |
value chain | އަގުޗޭނު |
poultry | ކޯލި |
poultry farmer | ކޯލިވެރިޔާ |
poultry farming | ކޯލިވެރިކަން |
livestock | ދިރޭމުދާ |
harvesting | މަތިވަރުކެނޑުން |
value addition | އަގު އެއްކުރުން |
value added | އަގުއެއްކުރި |
added value | އެއްކުރި އަގު |
value added tax | އަގު އެއްކުރި ވާރު |
agriculture | ޒިރާއަތު |
agricultural | ޒިރާއީ |
classification | ގިންތިކުރުން |
bully | ގަނާ |
bullying | ގަނާކުރުން |
Dog Squad | ފާރަގެމަ |
ބަސްތޫރަ 3
TERM | ދިވެހި ލަފުޒު / ޢިބާރާތް |
---|---|
snack | ލުއިކާ |
monitor | މޮނީޓަރު |
line leader | ސަފުދާރު |
quran reciter | ކިޔެވެނި |
greeter | ސުވާސްތު |
snack helper | ލުއިކާ އެހީތެރިޔާ |
cleaner | ސާފީ |
clay | މަށި |
play dough | ފުށްމަށި |
language corner | ބަސް އަށި/ބަސް ދާލަ |
number corner | ވިޔަ އަށި / ވިޔަ ދާލަ |
manipulative corner | ހައްލު އަށި / ހައްލު ދާލަ |
play corner | ކުޅިވަރު އަށި / ކުޅިވަރު ދާލަ |
creative corner | އިޖާދު އަށި / އީޖާދު ދާލަ |
skill corner | ހުނަރު އަށި / ހުނަރު ދާލަ |
digital | ސުމޭކު |
selfie | ނަފްސީ |
reflection | ރިވެލި |
reflection/reflecting | ރިވެލިވުން |
reflect | ރިވެލިކުރުން |
refraction | ރިފެރިވުން |
refract | ރިފެރިކުރުން |
adventure | އާހިތަ |
adventurous | އާހިތަވެރި |
adventurer | އާހިތަވެރިޔާ |
adventurers | އާހިތަވެރީން |
contingency | ބަދިލީ / އިހުތިމާލީ |
contingent | ބަދލު / އިހތިމާލު |
mist | ބަނަފިނި |
outdoor | ބޭރުވެށި |
zebra | ކަފިހިއަސް |
emergency | ކުއްލި ޙާލަތު |
ramp | ކަތޭރި |
core values | އަރައިހުރި ސިފަތައް |
update (n) | އަދާހަމަ |
update (v) | އަދާހަމަކުރުން |
innovation | އީޖާދު |
indoor | އެތެރެވެށި |
online | އޮންލައިން |
prevention | ވާކީ |
resilience | ވިލުން |
platform | މަންސަ |
ecosystem | މާހައުލީ ނިޒާމް |
environmental | މާހައުލީ |
case management procedure | މައްސަލަ ކުރިއަށް ގެންދަންވީ ގޮތް |
seasonal | މޫސުމީ |
hall/lounge | މާލަން |
vision | މުހިންމަތް/ ތަޞައްވުރު |
astronomers | ފަލަކީން |
extensive | ފެތުރެނިވި |
extensive | ދަގަތަ |
haze | ދުންފުސް |
diffract | ދިފެރިކުރުން |
diffraction | ދިފެރިވުން |
preparedness | ތައްޔާރުކަން |
degradation | ލަފަސަ |
structure | ބިނާ |
baby changing area | ތުއްތު ކުދީންގެ ރީތިވެނި |
building code | ބިނާކޯޑު |
non structural | ލާބިނާއީ |
classification | ގިންތިކުރުން |
tweet | ގޮވެލި |
kiwi | ކަނބިލިދޫނި |
sun | 1. އިރު 2. ސޫރުދަ |
moon | ހަނދު |
ބަސްތޫރަ 4
TERM | ދިވެހި ޢިބާރާތް |
---|---|
academic senate | ޢުލޫމީ ސެނެޓު |
accredit | އިތުމާދުކުރުން |
accreditation | އިތުމާދު |
accreditation report | އިތުމާދީ ރިޕޯޓު |
bilingual | ދެބައްސަ |
black widow spider | ކަޅުބަދި މަކުނު |
bollard | މޫޓު |
brown widow spider | މުށިބަދިމަކުނު |
case | ވޭދަނަ |
chancellor | ޗާންސެލަރު |
charter | ޗާޓަރު |
community conference | ވިލީ ސިންތާ |
community conferencing | ވިލީ ސިންތާކުރުން |
conference | ސިންތާ |
conferencing | ސިންތާކުރުން |
counselling | ވަސޭހަތް |
counsellor | ވަސޭހަތްތެރިއާ |
countdown | ގުނާނަ |
decade | ދަހަރު |
deputy | ވަކީލު |
deputy vice chancellor | ނައިބު ޗާންސެލަރުގެ ވަކީލު |
embassy | ސަފާރާ / އެމްބަސީ |
fruit fly | މޭވާމެހި |
general store | ގުދަން / ފިހާރަ |
institute | މައުހަދު |
juvenile offender | ޔަވާންގުނާވެރިޔާ |
kiosk | ކިއޮސްކް / މެޝިން |
laundry | ދޮވަތި |
lecture | ދަރެސް |
lecturer | ދާރިސް |
librarian | ކުތުބުދާރު |
lingual | ބައްސަ |
maxilla | ތަލިކަށިގަނޑު |
medical store | ބޭސް ގުދަން/ ބޭސް ފިހާރަ |
monolingual | އެއްބައްސަ |
multilingual | ގިނަބައްސަ |
national service | ޥަޠަނީ ޚިދުމަތް |
password | ފާސްބަސް |
peephole | ދޮރުކަޅި |
procedure | އިޖުރާތު / ލުއިފަރުވާ |
procedure room | ލުއިފަރުވާ ކޮޓަރި |
reception | އިސްތިޤްބާލު |
rector | އަމީދު |
registrar | ދަފްތާރު |
restorative justice | ރުޖޫޢީ އިންސާފު |
scarecrow | ކާމާ/ވާފަހާ/ވާފެއްސި/ދަނޑިމާލި |
status | ހާލަތު |
subsidy | ވިނަވި (ނަން) |
tag | ޓެގު |
telemedicine room | ދުރުތާފަރުވާކޮޓަރި |
tertiary | ތިނެވި |
tertiary education | ތިނެވި ތަޢުލީމު |
training centre | ތަމްރީނު މަރުކަޒު |
vice chancellor | ނާއިބު ޗާންސެލަރު |
widow spider | ބަދި މަކުނު |
ބަސްތޫރަ 5
TERM | އަލަށް ހެދި ލަފުޒު/ޢިބާރާތް |
---|---|
antonym | އިދި |
audition | ހޮވެލި |
blog | ބުލޮގު |
bridge | ދާލަން/ބުރިޖު |
bulldozer | ގެންޑާ |
casualty | އަވަތޭރި |
casualty medical officer | އަވަތޭރި ޑަކުޓަރު |
casualty nurse | އަވަތޭރި ނަރުސް |
corpus (language) | ބަސްމާފާނު |
dinosaur | ސާރު |
dissertation | ދެނަބަސް |
embassy | ސަފާރާ/އެންބަސީ |
festival | މަހާސަމާ |
haemoglobin | ރަތަނި |
home remedy | ގެވެށި ފަރުވާ |
hydrometeorological | ފެންސުމީ |
hydrometeorological hazard | ފެންސުމީ އަރައްކާ |
institute | މައުހަދު |
invest | ވުނަ |
investment | ވުނަކުރުން |
investor | ވުނޭރު |
laundry | ދޮވަތި |
librarian | ކުތުބުދާރު |
memorandum of understanding | ފަހުމުނާމާ (ފނ) |
monument | ހަނދާނީ ބިނާ |
network | ވިއުގަ |
pavilion | ފަވީލާ |
red blood cells | ރަތުލޭހަތާ |
rhinoceros | ގެންޑާ |
social media | މީސްމީޑިއާ |
social network | އިޖްތިމާޢީ ވިއުގަ /މީސް ވިއުގަ |
stake | މަސްލަހަތު |
stakeholder | މަސްލަހަތުވެރިޔާ |
stakeholders | މަސްލަހަތުވެރިން |
sub-class | އަފިގިންތި |
synonym | ދާދި |
telemedicine | ދުރުތާފަރުވާ |
thesis | ފިކުރާތު |
ward | ޖަނަލު |
white blood cells | ހުދުލޭހަތާ |
wrap | ރަންދު |
wrapping | ރަންދުކުރުން |
ބަސްތޫރަ 6
TERM | އަލަށް ހެދި ލަފުޒު |
---|---|
wifi | ވައިފައި |
early warning | ދުރާ އިންޒާރު |
early warning system | ދުރާ އިންޒާރީ ނިޒާމު |
swimming noodle / pool noodle | ކަސަރަތު ފޯލި |
triage | ދަނެގަތި |
speech therapy | ކަލާނު ފަރުވާ |
therapist | ފަރުވާވެރިޔާ |
therapy | ފަރުވާ |
apprentice | ހުނަވަރު |
apprenticeship | ހުނަވަރުކަން |
appointment | މިވާދު |
virtual (computing) | ދާދިވަރު |
ring road | ވަށަމަގު |
highway | ހަލިމަގު |
laser | ލޭޒަރު |
profile | ފުރަމަލަ |
booth | ކުށި |
toll booth | އަރަދުކުށި |
goodwill ambassador | އައިތަ ސަފީރު |
morpheme | އެކަ |
current / contemporary | އާދީ |
leader | އިސްވާރު |
leadership | އިސްދާނަ / އިސްދާނަކަން |
parliament | ބަރުލަމާނު |
parliamentary | ބަރުލަމާނީ |
parliamentary system | ބަރުލަމާނީ ނިޒާމު |
presidential | ރިޔާސީ |
presidential system | ރިިޔާސީ ނިޒާމު |
candidate (electoral) | ފުރަދާރު |
candidacy | ފުރަދާރުކަން |
web (internet) | ޖާލު |
shortlist | ކުރުލިސްޓު |
shortlisting | ކުރުލިސްޓުކުރުން |
screening | ފުރޭނުން |
technology (study - machinery and devices) | ފަންނިޔާތު |
— — —
ކުރިއަރާފައިވާ ގިނަ ބަސްތަކަށް ޚާއްޞަ ބަސް ފޮތް ފޮތް ހުރެއެވެ. އެއް ބާވަތަކީ، ލަފުޒެއް އުފެދުނު ގޮތް ބަޔާންކޮށްފައި ހުންނަ ބަސްފޮތެވެ. ލަފުޒެއް އުފެދިފައިވާ ގޮތް އަންގައިދޭ ޢިލްމަށް ކިޔަނީއެޓިމޮލޮޖީ (etymology) އެވެ. އެއީ ކަލިމައެއްގެ ނުވަތަ ލަފުޒެއްގެ އަޞްލާއި ތާރީޚާ ބެހޭ ދިރާސާއެވެ. ބައެއް ބަސްފޮތްތަކުގައި ލަފުޒެއް އެފުދުނުގޮތް ލަފުޒެއްގެ މާނައާ ގުޅިގެން ލިޔެފައި ހުރެއެވެ. އައު ލަފުޒެއް ހަދާއިރު، އެ ލަފުޒު ހެދިގޮތް ބަޔާންކުރުމަކީ، ދިވެހިބަހުގެ އެޓިމޮލޮޖީ ބަސްފޮތެއް ހަދަން ފަހުން އަންނަ ބަޔަކަށް ވަރަށް ފަސޭހަވާނޭ ކަމެކެވެ. ލަފުޒު ބޭނުންކުރަންޖެހޭ ރަނގަޅުގޮތް އޮޅުން ފިލާނޭ ކަމެކެވެ. ނަމަވެސް، ދިވެހި އައު ލަފުޒުތައް ހަދާއިރު، އައު ލަފުޒު ހެދިގޮތާއި ތާރީޚާއި ބޭނުންކުރާނޭ ގޮތް ލިޔެކިޔުމުން ޢާއްމުވެފައި ނެތުމަކީ އެދެވޭ ގޮތެއް ނޫނެވެ. އެންމެ ފަނޑު ދެލިވެސް، އެންމެ ގަދަ ހަނދާނަށް ވުރެ ގިނަ ދުވަހު ދެމި ހުރެއެވެ.
ލަފުޒެއްގައި އަޑުތައް ތަރުތީބުކުރެވޭ ގޮތަކީ އައު ލަފުޒެއް ހަދާއިރު، ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ލަފުޒެއްގައި އަޑުތައް ހުންނަ ގޮތުގެ ޢިލްމަށް ކިޔަނީ ފޮނޯޓެކްޓިކްސް (phonotactics) އެވެ. ތިރީގައިވާ ކުރެހުމަށް އޮބާލުމުން، މިމައުޟޫޢުއަށް އަޅުގަނޑު ލިޔެފައިވާ ކުރު މަޒުމޫނެއް ފެނިވަޑައިގަންނަވާނެއެވެ. މި ވާހަކަ މި ދަންނަވާލީ، އަލަށް ހަދައިފައިވާ ލަފުޒުތަކަށް އަޅުގަނޑު ފާޑުކިޔުމުގެ ނަޒަރަކުން ބަލާލާއިރު، މިކަމަށް ދެން ނުބަލާނެތީއެވެ. ލަފުޒުގެ އަޑުތައް އެބަހެއްގެ އަޑުތަކާ އެކަމުތުވާގޮތަށް ނުވަތަ ހާމަނައިޒް ވެގެން ވުމަށް ކިޔަނީ ޔޫފޮނީ (euphony) އެވެ.
— — —
އަލަށް ހަދައިފައިވާ ލަފުޒުތަކަށް ބަލައިލުމެއް
އަލަށް ހަދައިފައިވާ ލަފުޒުތައް ކިޔުމަށް ފަހު، އަޅުގަނޑުގެ ކައިރީގައި އެއް ލިޔުންތެރިއަކު ވިދާޅުވީ އެއީ ”ބޮލުގައި ރިއްސުމެއް“ ކަމަށެވެ. އޭނާ ފާހަގަކުރެއްވި އެއް މައްސަލައަކީ ލަފުޒުތައް ހެދުމުގައި އުޞޫލެއް، އެއްގޮތްކަމެއް ހިފެހެއްޓިފައި ނެތުމެވެ. މިސާލެއްގެ ގޮތުން އިނގިރޭސި ބަހުން ”ޖެލް“ ކިޔާ ލަފުޒަށް، ބަސްތޫރައިގައި ބޭނުންކޮށްފައިވަނީ ޖެލް އެވެ. ނައިބުތުއްތު، އޭނާގެ ”ތާނަލިޔުމުގެ ގަވާއިދު“ ފޮތުގައި ބުނާގޮތުން، ހުވަދޫ ކަނޑުން އުތުރުގެ މީހުން ސުކުން ކުރަނީ ހަމައެކަނި ހަތަރު އަކުރަށެވެ. އެއީ ”އުނިތޮށި“ ނުވަތަ ”ތޫނު އޮށި“ މި ދެ ޢިބާރާތުގައިވާ ހަތަރު އަކުރެވެ. ހުވަދޫ ކަނޑުން ދެކުނުގެ މީހުން މި އަކުރުތަކަށް ލ އިތުރު ކުރެއެވެ. [މި އަކުރުތަކުގައި ސ ނެތް ސަބަބު، އަޅުގަނޑުގެ މި މަޒުމޫނުގައި ވެއެވެ.] އެހެންކަމުން ޖެލް އަކީ ތާނައިގެ އަޑުތަކުގެ ހަމަތަކަށް ފެތޭ އިނގިރޭސި ކުރު ލަފުޒެކެވެ. ދިވެހި ބަހުގެ ތެރެއަށް ލޯނު ލަފުޒެއްގެ ގޮތުގައި ހިމަނަން އެންމެ އެކަށީގެންވާ ލަފުޒެކެވެ. މައްސަލައަކީ، އިނގިރޭސި ލަފުޒެއް ކަމުގައިވާ ”ސެލް“ އަށް ހަތާ ކިޔާފައިވާ ކަމެވެ. އިނގިރޭސިބަހުން ސެލް ކިޔަނީ ކުދި ކޮޓަރިއަށް ކިޔާ ނަމުން ސިފަ ގެނެސްގެން، ގަސްގަހާގެއްސާއި ޖަނަވާރާއި ފުރާނަ ހުންނަ އެހެންތަކެތީގައި ދިރުން ހުންނަ އެންމެ ކުޑަ ބަޔަށެވެ. ބަސްތޫރައިގެ red blood cells އަށް ކިޔާފައިވާ ނަމަކީ ”ރަތް ލޭ ހަތާ“ އެވެ. ގިނަ ދިވެހީންނަށް މި ޢިބާރާތް އަޑުއިވުމުން، ހީވާނީ މޫދުގައި ހުންނަ ހަތާގެ ބާވަތެއްގެ ވާހަކަ ދައްކަނީ ކަމަށެވެ. އަަޅުގަނޑުގެ ނަޒަރުގައި، ޖެލްއަށް ޖެލް ކިއިފައި، ސެލް އަށް ސެލް ނުކިޔެންވީ ސަބަބެއް ނެތެވެ. ލޭގައި ހުންނަ ސެލް ހަތާއާ ސިފަ އެއްގޮތްކަމަށް ވިއަސް %99 ސެލް ހުންނަނީ މިގޮތަކަށް ނޫނެވެ. ޗާޕުކޮށްގެން ވިއްކާ ފޮތެއްގައި ސެލް އަށް ”ދިރު“ މިހެން ކިޔާފައި ވެއެވެ. ދިރުގެ މައްސަލައަކީ ގިނަ ސެލްތަކަކަށް ނިސްބަތްކޮށް ވާހަކަ ދައްކާއިރު، ދިރުން ބޭނުންކުރަން ޖެހޭ ވަގުތު، އެހެން ދިވެހި ލަފުޒަކާ އޮޅުން އަރާކަމެވެ. ޓާރމިނޯގްރަފީ ގައި، ބަހެއްގައި އޮންނަ ލަފުޒެއް އޭގެ އަޞްލު މާނައާ ތަފާތު ގޮތަކަށް އެހެން އެއްޗަކަށް އިޝާރާތް ކުރުމަށް ބޭނުން ކުރުމަކީ އައު ލަފުޒެއް ހެދުމެއް ނޫނެވެ. ޓާރމިނޯގްރާފީ އަކީ ބަހަވީ ޢިލްމުގައި، އައު ތަކެއްޗާއި ކަންތަކަށް ލަފުޒު ހެދުމާބެހޭ ދިރާސީ ޢިލްމެވެ. މިކަން ކުރާ މީހުންނަށް ކިޔަނީ ޓާރމިނޯގްރާފަރ އެވެ.
ކުރިން ތަފާތު ތަކެއްޗަށް ކިޔާ ލަފުޒުތައް އައު ކަންތައްތަކަށް އިޝާރާތް ކުރަން ބޭނުންކުރުމަކީ، ބަސް ބޭނުން ކުރާ މީހުންނަށް ދޭހަ އޮޅި، ފަހުން ވަރަށް ބޮޑެތި ދެތުމުގެ މައްސަލަތަކެއް ނުކުމެދާނޭ ކަމެކެވެ. އެޔަކީ ބަސް މުއްސަނދިވާ ކަމެއް ނޫނެވެ. ލަފުޒެއްގެ އަޞްލު މާނަ މިގޮތަށް އޮޅުވާލުމަކީ، އޭގެ އާޚިރު ނަތީޖާއަށް ބަލާއިރު ބަހެއްގައި ހިމެނޭ ލަފުޒުތައް މަދުވެ، ބަސް ފަގީރުވާނޭ ކަމެކެވެ. މިސާލެއްގެ ގޮތުން ބަސްތޫރައިގައި ކްރޮޕް (crop) މި ލަފުޒަށް ބޭނުންކޮށްފައިވާ ލަފުޒާ މެދު ވިސްނަވާށެވެ. ކްރޮޕް އަކީ، ބިމުގައި ހައްދާ ގަސްގަހާ ގެހީން އުފެދޭ ބޭނުންކުރެވޭ ތަކެއްޗަށް ޖުމުލަކޮށް އިޝާރާތް ކުރާ ލަފުޒެކެވެ. ކްރޮޕް އަށް ”އަލަށް ހެދި“ ލަފުޒަކީ ”މަތިވަރު“ އެވެ. އެކަމަކު މަތިވަރަކީ ދިވެހި ބަހުގައި މައިގަނޑުގޮތެއްގައި ދިވެހި ރުކުގައި ގަންނަ އެއްޗިއްސެވެ. ބަސް ފޮތުގައި، އެއް ވަރިއަށް ގަސްގަހާގެހީގައި އަޅާ އެއްޗިއްސަށް ވެސް މިހެން ކިޔާކަމަށް ވެއެވެ. ނަމަވެސް އެއް ވަރިއަށް ނާޅާ، ބިމުގެ އަޑިއަށް ފައިބާ ތަކެއްޗަށް ވެސް، އަދި މަންފާއެއް ހޯދުމަށް ހައްދާ، ކައިބޮއި ނޫޅޭ ކަފަ ފަދަ ތަކެއްޗަށް ވެސް ކިޔަނީ ކްރޮޕް އެވެ. އެހެންކަމުން މަތިވަރަކީ، ކްރޮޕް އަށް ގްލޮސްއެއް ނޫނެވެ. އަޞްލު ދިވެހި ބަަހަކީ، އަޅުގަނޑަށް ވިސްނޭގޮތުން ބޯގަ އެވެ. މިކަން އަޅުގަނޑަށް ޔަޤީންވަނީ ކްރޮޕް އަށް ކިޔާ ސިންގަޅަ ބަހުންނެވެ.
ދިވެހި ބަސްފޮތުގައި، ބޯގައަކީ މިސްކިތް މިސްކިތާއި ޒިޔާރަތް ފަދަ މުގައްދަސް ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަސް ކަމަށް ލިޔެފައި ވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މިއީ މި ލަފުޒުގެ ޚާއްޞަ މާނައެކެވެ. އިހުގެ ފަތްތަކުގައި މި ޚާއްޞަ މާނަ ދޭހަވާގޮތަށް ލިޔެފައިވުމުން، ބަސް ފޮތުގައި މާނަ ލިޔުނު ފަރާތުން، ލަފުޒުގެ މާނަ އެގޮތަށް ލިޔުނީކަމަށް ލަފާކުރެވެއެވެ. މުޤައްދަސް ތަންތަން ބެލެހެއްޓުމަށް، އޮންނަނީ ކަނޑައެޅިފައިވާ ބިމެއްގައި ހައްދާ އަދި ހެދޭ ތަކެތީން ވަކި މިންވަރެކެވެ. މިކަމަށް ހެކިދޭ ލިޔުމެއް ބެލް ލިޔުއްވި Excerpta Maldiviana މިފޮތުން ފެނިފައި ވެއެވެ. އަޅުގަނޑުގެ ނަޒަރުގައި، ކްރޮޕް އަކީ ބޯގައެވެ.
ދިވެހި ބަސްފޮތުގައި، ލަފުޒުތަކުގެ މާނަ ލިޔުމުގައި ކުށް ޖެހިފައިވާކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. ދިވެހި ބަސްފޮތް އެކުލަވާލަން ފެށީ 1365 ވަނަ އަހަރު (މ. 1946) ވަޒީރުލްމަޢާރިފު ކަމުގައި މުޙައްމަދު އަމީން ހުންނެވި ދުވަސްވަރުއެވެ. ފެށުނު ކޮޅުގައި ވަރަށް ފޯރި އާ އެކު މަސައްކަތް ކުރިއަށް ގެންދެވުނަސް، ފަހަކަށް އައިސް، އަދި އަމުދުން އޭގެ ހައެއްކަ އަހަރު ފަހުން އޭނާ ނިޔާވުމާ ގުޅިގެންނާ އެކު، ބަސްފޮތުގެ މަސައްކަތް ވަޅުޖަހާގޮތް ވިއެވެ. މިވާހަކަ، މަލިމް މޫސާ މާފަތްކަލޭގެފާނު ލިޔުއްވި ”ދިވެހިބަހުގެ ރަންތަރީ“ގައި ލިޔުއްވާފައިވަނީ މިގޮތަށެވެ: ”އެކަމަކު އެ ކަންތައް [ބަސްފޮތް އެކުލަވާލުމުގެ މަސައްކަތް] ކުރެވެމުންދާ އިހްމާލުކަމުން އަޅުގަޑުގެ ޙަޔާތުގައި އެފޮތް މީސްތަކުންގެ މެދަށް ނެރެވޭނެކަމަކަށް ނުފެނެއެވެ. މިހެން ކަމުން އަޅުގަނޑު ޤަޞްދުކުރަނީ، މިފަދަ ކަމަކަށް އެކަށީގެންވާ މީހަކު ކަމުގައި ނުވިޔަސް، ދުނިޔޭގައި ހުރެ ވެވުނު މިންވަރަކުން ދިވެހިބަހަށް ކުޑަ ޚިދުމަތު އެއް ކޮށްލުމަށެވެ.“ މަލިމް މޫސާ ގެ ވާހަކަފުޅުން އެ މަސައްކަތް އިހްމާލުކަމާއެކު ކުރެވޭކަން ފާހަގަކުރެވެއެވެ. މި އިހްމާލުކަން އެތައް ލަފުޒެއް ބަސްފޮތުގައި ހިމެނިފައި ނެތުމާއި މާނަ ލިޔުމުގައި ކުށްޖެހިފައިވާނޭ ކަމަށް އިޝާރާތް ކުރެއެވެ. އެހެންކަމުން ބަސްފޮތުގައިވާ މާނަތަކަކީ، މުޅީން ޞައްޙަ މާނަތަކެއްކަމަށް ލަފައެއް ނުކުރެވެއެވެ.
މިވާހަކަ މި ދަންނަވާލީ ބަސްތޫރައިގައި އިނގިރޭސިބަހުން farmer މި ލަފުޒަށް ދަނޑުވެރިޔާ ލިޔެފައި ވާތީއެވެ. އަޅުގަނޑަށް ވިސްނޭގޮތުން ދަނޑުވެރިޔާ އަކީ، ދަނޑުގެ ވެރި ފަރާތެވެ. ދަނޑުގައި ތަކެތި ހައްދާ މީހުންނަށް އަޅުގަނޑަށް ހީވަނީ ކިޔަނީ ގޮވި ހެންނެވެ. ތެދެކެވެ. ދިވެހި ބަސްފޮތުގައި، ގޮވި ކިޔަނީ ގެރިބަކަރި ޖަމަލު ފަދަ ޖަނަވާރު ގެންގުޅޭ މީހާއަށް ކަމަށް ލިޔެފައިވެއެވެ. މިހެން ލިޔެފައިވަނީ ސިޔަރަތު ފަދަ މުހިއްމު ފޮތްތަކުގައި، މި މާނަ ދޭހަވާގޮތަށް ލިޔެފައިވާތީކަމަށް ލަފާކުރެވެއެވެ. ސިންގަޅަ ބަހުން ދަނޑުވެރިޔާއަށް ކިޔާނަމަށް ވިސްނާލުމުން އަޅުގަނޑު މި ދެންނެވި އެއްޗެއްގައި ބުރަދަނެއް ހުންނަކަމަށް ޤަބޫލުކުރެއްވޭނެއެވެ.
ބަސްތޫރައިގައި ހިމެނޭ ލަފުޒުތަކުގައި ދާޚިލީ އެއްގޮތްކަމެއް (އިންޓާރނަލް ކޮންސިސްޓަންސީ) ނެތް ކަމަށް އަޅުގަނޑު ބުނާ އެއް ސަބަބަކީ، އިނގިރޭސި ލަފުޒެއް ކަމުގައިވާ livestock އަށް ދިރޭ މުދާ ކިޔާފައިވާ ކަމެވެ. އިނގިރޭސިބަހުގައި ލައިވްސްޓޮކް ގެ ތެރޭގައި ހިމެނެނީ ދަނޑެއްގައި ގެންގުޅޭ ދޫންޏާއި ޖަނަވާރުތަކެވެ. ލައިވްސްޓޮކްގެ ތެރޭގައި މީހުން ކެއުމަށް ބޮޑުކުރާ މަހެއް ނުހިމެނޭނެއެވެ. ނަމަވެސް ދިރޭމުދާ ތެރޭގައި، މި ތަކެތީގެ އިތުރުން ގަސްގަހާގެހިވެސް ހިމެނޭކަމަށް ދޭހަވެއެވެ. ދެން ކުކުޅު އަސްދޫނި ފަދަ ތަކެއްޗަށް ނިސްބަތްކޮށް ހަދައިފައިވާ ”ކޯލި“ އަށް ވިސްނަވާށެވެ. poultry އަކީ ކޯލި އެވެ. އެކަމަކު، poultry farmer އަކީ ކޯލިވެރިޔާއެވެ. ބަސްފޮތުގައި ގޮވީގެ މާނަ ހިމެނޭގޮތުން، ރަނގަޅު ލަޒުކަށް ވާންވާނީ ކޯލިގޮވި އެވެ.
ބަސްތޫރައިގައި ވާ ވަކި ލަފުޒުތަކަށް ކޮމަންޓް ކުރުމަކީ ކޮޅުންލާނޭ ކަމެއް ނޫނެވެ. ދިހަ އަހަރަށް، decade އަށް، ކިޔާފައިވާ ”ދަހަރު“ އަށް ވިސްނާލަމާތޯއެވެ؟ މި ލަފުޒު އަޑު އިވޭ މީހާއަށް ކުރެވޭނީ ކޮންމެވެސް ހަރަކާ ބެހޭ ޚިޔާލެކެވެ. ލަފުޒުތައް ކުރުކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ނަމަވެސް އަހަރަކީ އެ ލަފުޒު ކުރުކުރުމުން މާނަ ގެއްލޭނޭ ލަފުޒެކެވެ. އަޅުގަނޑަށް ހީވާގޮތުން، ރަނގަޅު ލަފުޒަކަށް ވާންވާނީ ދަސްއަހަރު އެވެ. ”ދަސް“އަކީ ވެސް ކުރުކުރެވޭނޭ ލަފުޒެއް ނޫނެވެ. ދިހަ އަހަރުގެ މުއްދަތަށް އެހެން ދިވެހިބަހާ ގާތް ބަސްބަހުން ކިޔާ ނަންތަކަށް ނަޒަރު ހިންގާލާއިރު، ދަސް މި މޮނީމް ކޮންމެވެސް ސިފައެއްގައި ހުރިހާ ލަފުޒެއްގައިހެން ހިމެނެއެވެ. ކުރުކުރުމަށް ދީފައިވާ ސަމާލުކަން ބޮޑުކަމުން، ބަސްތޫރައިގައިވާ ބައެއް އައު ލަފުޒުތަކުގެ މާނަ އޮޅެއެވެ. މިސާލެއްގެ ގޮތުން އެންޓަނިމް antonym އާއި ސިނޮނިމް synonym އަށް ލިޔެފައިވާ ލަފުޒަށް ވިސްނަވާލަ ބައްލަވާށެވެ. ލަފުޒެއްގެ އިދިކޮޅު މާނަ ހިމެނޭ ލަފުޒަށް އިނގިރޭސިބަހުން ކިޔަނީ އެންޓަނިމް އެވެ. މިސާލެއްގެ ގޮތުން ރީތީ ގެ އެންޓަނިމް އަކީ ހުތުރު އެވެ. ބަސްތޫރައިގައިވަނީ މި ލަފުޒަށް ”އިދި“ އެވެ. ހަމައެކަނި އިދި އިން އަޞްލު ލަފުޒުގެ މާނަ ނުކުމޭތޯއެވެ؟ އިނގިރޭސި ލަފުޒު އެކުލަވާލާފައިވަނީ ދެ މޮނީމް އެއް ބޭނުންކޮށްގެންނެވެ. އިދިކޮޅުގެ މާނަ ހިމެނޭ ”އެންޓަ“ އާއި ލަފުޒުގެ މާނަ ހިމެނޭ ”ނިމް“ ބޭނުންކޮށްގެންނެވެ. އެއް މާނައެއް ހިމެނޭ ލަފުޒަށް ކިޔާ ސިނޮނިމް އަށް ކިޔާފައިވަނީ ”ދާދި“ އެވެ. ދާދި ގެ މާނައަކީ ވަރަށް އެވެ. ދާދި އެއީ ސިނޮނިމް ކަމަށް ނިންމޭނީ ކޮން އުޞޫލަކުން ބާވައެވެ؟
އައު ބަސްތަކާ މެދު ފާހަގަކުރެވޭ އެއްކަމަކީ، ކަންކަން އަލުން ކުރަންޖެހޭ މައްސަލައެވެ. 1980ގެ ދުވަސްވަރު، ޢާއްމުކޮށް ގްރޭޑް 7 ގެ ފެންވަރަށް ހިސާބުގައި ހިމެނޭ ހުރިހާ ޚާއްޞަ ލަފުޒުތަކަށް ދިވެހި ލަފުޒުތައް ހެދިއެވެ. މި ލަފުޒުތަކުގެ ތެރޭގައި އިދި ޢަދަދު ބޭނުންކޮށްފައިވަނީ ޢަދަދެއްގެ އިދިކޮޅު ޢަދަދަށެވެ. 1990 ގެ ފަހު އަހަރުތަކުގައި ގްރޭޑް 7 ގެ ފެންވަރަށް ސައިންސްގައި ހިމެނޭ ހުރިހާ ޚާއްޞަ ލަފުޒުތަކަށް ދިވެހި ލަފުޒުތައް ހެދިއެވެ. މިގޮތުން ލިޔެފައިވާ ފޮތުގެ ދެލިކޮޕީ އަޅުގަނޑު ދުށީމެވެ. އެކަން ކޮށްފައި ވަނީ އެއިރު ދިވެހިބަހަށް ފާގަތި އެތައް ބަޔަކާ މަޝްވަރާކޮށްގެންނެވެ. މިހާރު މި ފެންނަނީ ހަމަ އެ ލަފުޒުތަކަށް އަނެއްކާ ލަފުޒު ހަދަމުންދާ ތަނެވެ. ޝާއިޢުކުރުމާއި ފޮތްތެރިކަން ދަށްކަމުން ކުރި ކަންތައްތައް އަލުން ކުރާތަނެވެ. ފަހަތަށް ފިޔަވަޅެއް ކުރިއަށް ފިޔަވަޅެއް އަޅާތަނެވެ.
ބަސްތޫރައިގައި ހިމެނޭ ގިނަ ލަފުޒުތަކަށް ވިސްނާލުމުން، އަޅުގަނޑުގެ ހިތަށް ބައެއް ސުވާލުތައް އަރައެވެ. މި ބަސްތައް ހެދުމުގައި ބައިވެރިވާ ކިތައް މީހުން ދިވެހި ބަސްފޮތް އެއްކޮޅުން އަނެއް ކޮޅަށް ކީބާވައެވެ؟ އިނގިރޭސި ލަފުޒަކަށް ބަސްހެދުމުގެ ކުރިން، އިނގިރޭސި ލަފުޒު އުފެދިފައިވާ ގޮތާއި އޭގެ ތާރީޚް ދިރާސާކުރި ބާވައެވެ؟ އަޅުގަނޑު މި ދެންނެވި ކަންތައްތަކަކީ، މަސައްކަތުގެ ބާވަތުން ކަންކުރާ ބަޔަކަށް ލާޒިމްކުރާ ކަންތައްތަކެވެ. އެނގިހުރި އެއްޗެއްގެ މައްޗަށް ބިނާކޮށް، ހޯދާ ނުބަލައި، ދިވެހިބަހާ ބެހޭގޮތުން ގޮތްތައް ނިންމުމަކީ އެންމެ އެދެވޭގޮތެއް ނޫނެވެ. ކޮންމެއަކަސް، އަޅުގަނޑުގެ ނަޒަރުގައި، ބަސްތޫރައިގައި ހިމެނޭ ގިނަ ލަފުޒުތަކުގައި ބޮޑެތި މައްސަލަތައް ވެއެވެ. މި މަޒުމޫނު 2500 ލަފުޒަށް ކުރުކުރާތީ ތަފްޞީލުތަކަށް ދާނޭ ތަނެއް ނެތެވެ. ބަސްތޫރައިގައިވާ މަދު ލަފުޒެއް ނޫނީ، ޒަމާންތަކަށް ދެމިގެންދާނޭ ކަމަށް، ވައިގައި ހިފާނޭ ކަމަށް، ލަފައެއް ނުކުރެވެއެވެ.
— — —
ޒިމްބާބުއޭގެ ބަހެއް ކަމަށްވާ ޝޯނާ އަށް އައު ލަފުޒު އެއްކޮށްފައިވާ ހަމަތަކާ ބެހޭ ގޮތުން މީހަކު ހަދައިފައިވާ ޕީ.އެޗް.ޑީ ދިރާސާއެއްގައި، އައު ލަފުޒު އުފައްދާގޮތާ ބެހޭ ގޮތުން ބަސްވާރުން ގެންގުޅެފައިވާ ހަމަތަކުގެ ބަޔާނެއް ހިމެނެއެވެ. އަޅުގަނޑު ފުރަތަމަ ޤަޞްދުކުރީ މި މަޒުމޫނުގައި އެ ހަމަތައް ޚުލާޞާކޮށްލާށެވެ. ނަމަވެސް، މާ ދިގުވާތީ އެބައި ނުހިމެނީއެވެ. ޝައުޤުވެރިވާ ފަރާތްތަކުން، މި ލިންކުން އެ ޕީއެޗްޑީ ތީސިސް ހޯދޭނެއެވެ.
ވަރަށް މަދުން އަޑުއަހާ ލަފުޒު، ބައެއް ރަށްރަށުގައި ބޭނުންކުރެއެވެ. ތިރީގައި އެވަނީ ބައެއް މިސާލެވެ.
ފަރިދޮގު – މަޖަލަކަށް ނުވަތަ މަޞްލަޙަތަށް ބަލާ ހަދާ ދޮގު. (white lie) [ލަފުޒު ބުނެދެއްވީ އަޙްމަދު ޝިޔާމް]
އިދިކޮޅު ޢަދަދަށެވެ. 1990 ގެ އަހަރުތަކުގައި ގްރޭޑް 7 ގެ ފެންވަރަށް ސައިންސްގައި ހިމެނޭ ހުރިޚާއްޞަ ލަފުޒުތަކަށް ދިވެހި ލަފުޒުތައް މިގޮތުން ލިޔެފައިވާ ފޮތުދެލިކޮޕީ އަޅުގަނޑު ދުށީމެވެ
މީގެ ނަކަލެއް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް އެދި ދަންނަވަމެވެ.
alhugandah engifaivaa gothun, Interview ah kiyanee Bas dhee bas gathumeh nooneve. E ee basdheegathumeve. aneh kamakee dhanduveriyaa aa dhanduge veriyaa aa e ee dhe maana eh dheyhavaa echchekey.. alhugandu men aammu koh beynun kuraa gothun, dhandeh gai dhanduverikan kuranee dhanduveriyaa eve. Radheef gai ves eyge maana akee dhandu hadhdhaa meehaa ey..
aa bas hedhey iru aammuge khiyaalaa fannee meehun ge khiyaalu hoadhu makee alhugandu dhekey gothugai kan kuran vee gotheve.
Varah furihama. Haalathaai gulhey adhi nuhanu ottaru huri liyumeh.
baraabaru mazmooneh
Dhivhei bauge ekadamee in anekka mi mazmoon aai medhu fiyavalhu naalhaane kamh heekuramu… everinnah faadu kiyun balai nuganeveythee mihen mibunee
އާ ލަފުޒު ހަދައިގެން ބަސް ދިރުވަނީތޯ ބަސް މަރަނީތޯ ސުވާލު އުފެދެއެވެ. ނޫސްތަކުގައި ބޭނުންކޮށްފައި ހުންނަ ގޮތުން ބުނަން އުޅޭ އެއްޗެއް ސާފެއް ނުވެއެވެ. އަޅުގަނޑަކީ ކިޔަވައިދިނުމުގައި 41 .
ހޭދަކޮށްފައިވާ ، މިހާރު ރިޓަޔަރ ކޮށްފައިވާ މީހެކެވެ. ގިނައިން ކިޔަވައިދިނީ ދިވެހި ބަހެވެ. ދިވެހި ބަހުން ދިވެހި ނޫސްތަކުގައި ބުނާއެއްޗެއް ، މިހާރު، އޮޅުން ފިލާލެއް ވަރަށް ކުޑައެވެ.
ނޭންގޭ އެތައް ލަފުޒެއް ހުރެއެވެ. ފިލިތަކާ އަކުރުތައް އޮޅިފާވާކަމަށްވެސް ހީވެއެވެ. ޚަބަރު ލިޔާ އިބާރާތާ މަޒްމޫނު، ރިޕޯޓް، ވާހަކަ ފަދަ ލިޔުންތަކަށް ވަކި އިބާރާތެއް ބަހުގާ އޮންނަ އިރު ހުރިހާ ޚަބަރެއްވެސް ފެންނަނީ މަޒްމޫނު ލިޔާ އިބާރާތާ ގާތް ގޮތަކަށް ހުންނަ ތަނެވެ.
Varah bodah shukriyya, varah furihama khiyaalufulhu thakeh
މިއަދު އަޅުގަނޑަށް ވިސްނުނީ ދިވެހިބަސް ދަސްވާނީ އިނގިރޭސި ބަސް ރަގަޅަށް ދަނެގެން ކަމެވެ. މިހެން ދެންނެވީ މިހާރުގެ އެއްވެސް ލަފުޒެއްގެ މާނަ ދެނެގަންނަން އޭގެ އިނގިރޭސި ލަފުޒު ބޭނުންކުރާ ޙާލަތު ދެނެގަންނަން ޖެހޭ ކަމަށް އަޅުގަނޑަށް ވިސްނޭ ތީ އެވެ.
Invest ވުނަ
Investmentވުނަކުރުން
ކަމާއި ނަން އޮޅިފައި އޮތް ކަމަށް ބެލެވެނީ
އެއީ ރަސްމީ ތަޞްވީރުގައި އޮތް ގޮތެވެ. އަޅުގަނޑު ވެސް އެ ބަލާފައި ތި ސުވާލު ހިތާހިތާ ކުރެވުނެވެ.
Mi bas thakuge beynumeh neiy kan veythuve dhiya sarukaruga MMA ge governor 500 Rufiya in dhahkuvala dheefi.
ފުރިހަމަ މަޒުމޫނެއް
Thiya dhevvi filaavalhu thakah varah bodah shukuriyya. Aau lafuzu ufadhdhaa nuvatha ufadhdhan beynun vaa faraaiy thakah aguhuri filaavalhu thakeh. Bahuge academeen mi mazumoonaai medhu samaalu kan dhevvaane kamah ummeedhu kuran.
Rangalhu bas hedhifai ebahuri, namaves ingireysi bahakah bas uffedhumugai, e bas uffadhaafa vanee kon maana aku tho research kurun muhimmu. Kommehen bahun bahah tharujamaa kuraakah nujehey. Mi kan kurumugai aanmunge khiyaalu ves hoadhi dhaane. Mioh tharaggee vefaivaa zamaanugaa technology ge beynun hifun kihinetho? Amilla ah nurangalhu kameh kurevuneema ekan gaboolu kurumee rangalhu sifaeh kamah dhekemaatho.
ޝައުގުވެރިކަމާއެކު ކިޔާލަން ދިގު
as onnan jeheynee gaadiyaluge kureegaa kamah ekademee engey nama iskan deynvee foiy kiyumah.
au bas hadhaanee eyge fahun
This article was really helpful for me…I was searching for the newly introduced dhivehi words and couldn’t find it anywhere…..The author has done a great work…
lafzeh hadhan jeheny ingireysi bahah binaa kohgen heyyeve?
thiya glossary akee bolugaa rihumekeve.
bas hedhun liun thereenah dhookoh laasheve.
emeehun hadhaa baheh/lafzeh kamudhaanama dhivehi basfothah ithurukuraasheve.