ދިވެހި ޘަޤާފަތުގެ ތެރެއިން
ދިވެހި (ދިވެސް) އަކުރު ކިޔާނޭ ގޮތާއި ލިޔާނޭ ގޮތް
މި މަޒުމޫނު ނިމެންދެން ކިޔުއްވައި، ދޭހަކުރައްވައިފިނަމަ، ތިބާއަށް ދިވެސް އަކުރުގެ ތާރީޚާއި، ކިޔާނޭ ގޮތާއި ލިޔާނޭ ގޮތް އެނގިވަޑައިގަންނަވާނެއެވެ. އަދި ފައިދާ ހުރި އެތައް މަޢުލޫމާތެއް އޮޅުންފިލާވަޑައިގަންނަވާނެ އެވެ.
ދިވެހި ބަސް ލިޔުމަށް އިހުގައި ގެންގުޅުނު އަކުރުތަކުގެ ތެރެއިން، އެވޭލާ އަކުރުގެ ވާހަކަ ކުރިން ބަޔާން ކުރެވިއްޖެއެވެ. އެ މަޒުމޫނުގެ ކޮޕީއެއް މިއޮތީއެވެ. މިބާބުގައި ބަޔާން ކުރާނީ އެވޭލާ އަކުރުގެ ފަހުން، ދިވެހި ބަސް ލިޔުމަށް ގެންގުޅުނު އަކުރުގެ ވާހަކައެވެ. މިއަކުރަށް ކިޔަނީ ދިވެހި އަކުރެވެ. ނަމަވެސް، ދިވެހި ތާރީޚާ ބެހޭ ގޮތުން ލިޔެފައިވާ ބެލްގެ ފޮތުގައި، މި އަކުރަށް ”ދިވެސް އަކުރު“ ކިޔާ ކަމަށްވެސް ލިޔެފައި ވެއެވެ. ދިވެހި އަކުރު ކިޔާނޭ ގޮތާ ބެހޭގޮތުން ބޮޑުފެންވަޅުގޭ ސީދީ، ވެރިކަމުގެ ފަރާތުން އެންގެވި އެންގެވުމަކަށް ލިޔުއްވި ފޮތަށް ކިޔުއްވާފައިވަނީ ”ދިވެހި އަކުރު“ އެވެ. މިކަމުން، އަޞްލު ރަނގަޅު ގޮތަކީ ”ދިވެސް“ އަކުރަށް ވުރެ ”ދިވެހި“ އަކުރުކަމަށް ލަފާ ކުރެވެއެވެ.
އެވޭލާ އަކުރާއި ދިވެހި އަކުރަކީ ތަފާތު ދެ ބާވަތެއްގެ އަކުރެއް ނޫނެވެ. އެވޭލާ އަކުރު މަޑުމަޑުން ބަދަލުވަމުން އައިސް ދިވެހި އަކުރަށް ވީއެވެ. ބެލްގެ ފޮތުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ދިވެހި އަކުރުގެ ބައްޓަންތައް ކުޑަކޮށް ތަފާތެވެ. މިކަން މެދުވެރިވަނީ، ރާއްޖޭގައި ޗާޕުކުރުން އެ ދުވަސްވަރު ނެތުމާއި އެކު، އެންމެންނަށް ރަސްމީ ނުވަތަ ސްޓޭންޑަރޑް އަކުރުތަކުގެ ބައްޓަންތަކެއް ކަމަށް ބަލާނޭ ބައްޓަންތަކެއް ފެންނާނޭ ގޮތެއް ނޯންނާތީ އެވެ. އެހެންކަމުން، އެކި އެދުރުން އެމީހުންނަށް ރީތިގޮތަށް، މީހުންނަށް އުނގަންނައިދިނުމުން އަކުރުތައް ބަދަލުވަނީއެވެ. ފަހެ، ކުރިއާއި މިހާރުގެ ތާނަ އަކުރުތަކަށް ބަލާލުމުން ވެސް، މިތަފާތުތައް ފެންނާނެއެވެ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި، ފަހުގެ ތާރީޚް ލިޔާމީހުން، ކުރީގެ ތާނައަށް ނަމެއް ވެސް ކިޔާފާނެއެވެ. އެވޭލާ ތާނައެވެ. ނަމަވެސް ހަމަތަކަށް ބަލާއިރު، އެވޭލާ ތާނަ، މިހާރުގެ ތާނައާ އަސާސީ ގޮތުން ތަފާތެއް ނުވާނެއެވެ. އެވޭލާ އަކުރާއި ދިވެހި އަކުރާއި ދޭތެރޭ މި ނަޒަރުން ބެލުން ހެޔޮވެގެން ވެއެވެ.
ދިވެހި އަކުރުތައް އުފެދިގެން އައީ ކޮން ދުވަސްވަރެއްގައި ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ވަނީ، މާޒީގެ ފުސް ޖައްވުގެ ތެރެއަށް ގެއްލިފައެވެ. އަދި ލަފާ ކުރެވޭ ގޮތުގައި، އެވޭލާ އަކުރު ދިވެހި އަކުރަށް ބަދަލުވި ވަކި ތާރީޚެއް ނޯންނާނެއެވެ. އެއީ މަޑުމަޑުން އަކުރަތަކަށް އައި ބަދަލުތަކެއްގެ މައްޗަށް ބުރަވެ ކިޔާފައިވާ ނަމެކެވެ. އަޅުގަނޑުމެންނަށް ޔަޤީން ކަމާއެކު އެނގެނީ، ހައްދުންމަތީ ލޯމާފާނުގެ ދުވަސްވަރު، އާދެ! މީލާދީ ގޮތުން 12 ވަނަ ޤަރުނުގައި ދިވެހީން ލިޔެއުޅުނީ އެވޭލާ އަކުރުން ކަމެވެ. ދެން ޔަޤީންވަނީ މީލާދީން 14 ވަނަ ޤަރުނުގައި ދިވެހި އަކުރު ބޭނުން ކޮށްފައިވާ ކަމެވެ. ދަލީލަކީ ހިޖުރައިން 758 ވަނަ އަހަރު (މީލާދީން 1356-1357) ގައި ލިޔެފައިވާ ބޮޑުގަލު މިސްކިތު ލޯމާފާނު ލިޔެފައިވަނީ ދިވެހި އަކުރުން ކަމަށް ވާކަމެވެ. ހަމަ މިއާއެކު، ގަބުޅި ތާނަ އަކުރުތައް 16 ވަނަ ޤަރުނުގައި ތަޢާރުފު ވެފައި ވެއެވެ. ދިވެހި އަކުރުތައް ވިހިވަނަ ޤަރުނާ ހަމައަށް ބޭނުން ކުރަމުން އައިސްފައިވާ ކަން ޔަޤީން ވެއެވެ. ތިރީގައި އެވާ ކުރެހުމުން ހާމަކުރެވޭތޯ ބަލާފައި އެވަނީ އެކި އަކުރުތައް ބޭނުން ކުރެވެމުން އައި ދުވަސްވަރެވެ.
ބިދޭސީ ތާރީޚް ލިޔާ ފަރާތްތަކުން، ދިވެހި ލިޔާ އަކުރުތަކާ ބެހޭ ގޮތުން ކުރު ބަޔާންތައް ލިޔެފައިވެއެވެ. މިގޮތުން، ދިވެސް އަކުރާ ބެހޭ ގޮތުން ޔަންގ އާއި ކްރިސްޓަފަރ ކިޔާ ދެމީހެއްގެ ބަޔާން، 1836 އާއި 1838 އާ ދެމެދު ނެރުނު ބޮމްބޭ ޖިއޮގްރެފިކަލް ސޮސައެޓީގެ ޓްރާންސެކްޝަންސް ގައި ވެއެވެ. މިއޮތީ އެފޮތުގެ އެ ޞަފުޙާއެވެ. ތިރީގައި މިގެނެސްދެނީ އަކުރާ ބެހޭގޮތުން އެމީހުން ލިޔެފައިވާ ބަޔާނުގެ އިޖްމާލީ ތަރުޖަމާއެވެ.
ދިވެހިރާއްޖޭގައި ހުންނަ މަހާނަގައުތަކުން ފެންނަ ތަފާތު އަކުރުތައް ތިން ބަޔަށް ބެހިގެން ވެއެވެ. އެންމެ ޤަދީމީ އަކުރުތަކަށް އަހުލުވެރިން ކިޔަނީ ދިވެހި ހަކުރަ (އަކުރު) އެވެ. ބޮޑަށް ލަފާ ކުރެވޭ ގޮތުގައި މިއީ މި ރަށްތަކުގައި ފުރަތަމަ ވަޒަންވެރިވި މީހުން ލިޔެ އުޅުނު އަކުރުތަކެވެ. މި އަކުރުތަކުގެ ޢިލްމު، މިހާރު ގާތްގަޑަކަށް ގެއްލިފައި ވެއެވެ. މަދުބަޔަކު ފިޔަވައެވެ. މި އަކުރުތަކުގެ ޢިލްމު އެންމެ ގިނަ ދުވަސްވަންދެން ދެމި އޮތީ ދެކުނުގެ އަތޮޅު ތަކުގައެވެ. އުތުރުގެ އަތޮޅުތަކުގެ މީހުންނެއް، މިއަކުރުތަކުގެ މަތިން ހަނދާނެއް މިހާރު ނުވެއެވެ. އެހެނީ މިހާރުވެސް، ދެކުނުގެ އަތޮޅުތަކަށް އަންގަންޖެހޭ އެންގުންތައް މާލޭގައި ލިޔަނީ ދިވެހި އަކުރުންނެވެ. އިހުގެ ދިވެހި އަކުރުން ލިޔެފައިވާ ފަތްފުއްތައް ރައްކާކުރެވިފައެއް ނުވެއެވެ. މި އަކުރުތަކުގެ އާދަޔާ ޚިލާފު އެއްކަމަކީ، ފިލި ޖަހާގޮތުން، ފިއްތި ބައެއް އަކުރުތަކުގެ ބައްޓަން މުޅިން ތަފާތުވެގެންދާ ކަމެވެ. މިއަކުރުތައް ލިޔަނީ ވާތުން ކަނާތަށެވެ.
ދެން ލިޔާ އަކުރަކީ ޢަރަތްބެވެ. އެ ދެގޮތަށް ލިޔެއެވެ. އިހުގެ ގޮތާއި މިހާރުގެ ގޮތެވެ. އެކަމަކު އިހުގެ ގޮތަށް މިހާރަކު ނުލިޔެއެވެ. މަހާނަގައުތަކުން އެނގޭގޮތުގައި، ދިވެހި އަކުރުތައް، ޢަރަބި އަކުރުތަކަށް ވުރެ ދޮށްޓެވެ. އެހެނީ ދިވެހި އަކުރުން ލިޔެފައިވާ މަހާނަގައުތައް، ޢަރަބިން ލިޔެފައިވާ މަހާނަގައުތަކާ އަޅާބަލާއިރު، މާ ބޮޑަށް ބައުވެފައިވާ ކަމުގައި ފެނެއެވެ. ކުރީގެ ޢަރަބި އަކުރުން ލިޔެފައިވާ މަހާނަގައުތައް ގިނަކަމުން، މި އަކުރުތައް ހުރިހާ ރަށަކަށް ފުޅާކޮށް ފެތުރިފައިވާ ކަމަށް ހެކި ދެއެވެ. ދެ ބާވަތުގެ އަކުރު ވެސް ލިޔެފައި ހުންނަނީ މަހާނަގައުގައި ފުއްޕާފައި ހުންނަ ގޮތަށެވެ (ލިޔުންގަނޑު އަޑިކޮށެއް ނޫނެވެ). ޒަމާނީީ ޢަރަބި އަކުރު ތަޢާރުފު ކުރެވުނީ، ތާނަ އަކުރު ތަޢާރުފު ކުރެވުނު ދުވަސްވަރުކަމަށް ލަފާ ކުރެވެއެވެ.
އެއް އިރެއްގައި މާލޭގައި ދިވެސް އަކުރުން ލިޔެފައިހުރި އެތައް މަހާނަގަލެއް ހުއްޓެވެ. އެހެން ނަމަވެސް، ފަހުން އައި ރަސްކަލުންނާއި ރައީސުން، ތާރީޚީ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން، އެތަކެތި ވަނީ ސުންނާފަތިކޮށްލާފައެވެ. ތިރީގައި އެވަނީ އެތެރެކޮއިލު މިސްކިތުގައިވާ މަހާނަގަލެއްގެ ފޮޓޯއާއި އޭގެ ތަރުޖަމާ އެވެ. މި މަހާނަ ގައު ތަރުޖަމާ ކޮށްފައިވަނީ އައްޑޫ އަތޮޅު ހިތަދޫ ކަތީބު ޙުސައިން ތަކުރުފާނު އެވެ. މީނާ އަކީ 1922 ގެ އަހަރުތަކުގައި ކަތީބުކަން ކުރި މީހެކެވެ. މާލޭގައި ދިވެހި އަކުރުން ލިޔެފައި ހުރި ހުރިހާ މަހާނަގަލެއް މީނާ ކިޔައި ލިޔުނެވެ. އެއީ ބެލްގެ ބޭނުމަށް، އަތިރީގޭ އަޙްމަދު ދީދީ އެދިވަޑައިގަތުމުންނެވެ. ބެލް ފާހަގަކޮށްފައިވާ ގޮތުގައި، ރަސްކަލެއް ކަމަށް ހީކޮށް، މީހެއްގެ މަހާނަ ދޮށުގައި ކިޔަވާތާ އެތައް އަހަރެއް ވީފަހުން، މީނާ އެ މަހާނަގައު ކިޔައި އެއީ ރަސްކަލެއް ނޫންކަން ފާހަގަކޮށް، އެ ގައު، ޙުސައިން ޞަލާޙުއްދީނު ވެސް ކިޔުއްވައި އެއްބަސްވެވަޑައިގަތުމުން ފާޠިހާ ކިޔެވުން ހުއްޓުނެވެ. ބެލް ބުނާގޮތުގައި މިއީ ދިވެސް އަކުރު ފަހަކަށް އައިސް މީހުންނަށް ނޭނގޭ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ދިވެހި އަކުރުތައް އުފެއްދުން
ގިނަ އުފެއްދުން ތަކަކީ، ކުރީގެ އުފެއްދުމަކަށް ބަދަލުގެނެސްގެން އުފައްދާ ތަކެއްޗެވެ. މިގޮތުގެ މަތިން އެވޭލާ އަކުރަކީ ވެސް، މީގެ 1000 ވަރަކަށް އަހަރު ކުރިން ސްރީ ލަންކާގައި ބޭނުން ކުރި އަކުރުތަކާ ވަރަށް އެއްގޮތް އަކުރުތަކެކެވެ. ސްރީލަންކާއަށް މި އަކުރުތައް އައިސްފައިވާނީ މިހާރު އިންޑިޔާ އޭ މިކިޔާ ޤައުމުގެ އެކި ހިސާބުތަކުންނެވެ. މިގޮތުގެ މަތިން އެވޭލާ އަކުރު ވެސް، އަދި ދިވެސް އަކުރުވެސް، އެތެރެވަރީގެ ބައެއް އަކުރުތަކާ އެއްގޮތް ކަމެއް ހުރެއެވެ. ތިރީގައިވާ ކުރެހުމުގައި އެވަނީ ބައެއް އެތެރެވަރީގެ އަކުރާއި ދިވެހި އަކުރާ އަޑުގެ ގޮތުން ގުޅުވާފައެވެ. ދިވެސް އަކުރުތައް އެންމެ ވައްތަރީ ކޮން ބަހެއްގެ އަކުރުތަކަކާތޯއެވެ؟
މަތީގައިވާ ކުރެހުމުގައި މަލަޔާޅަމް ބަހާ ގުޅުވައިގެން ތާނަ އަޑުތައް ލިޔުއްވައި ދެއްވީ ބޭރު ބަސްތަކާ ދޭތެރޭ ތަފާތު ފޮތް ލިޔުއްވާ އިޔާޒު ނަސީމް އެވެ. އޭނާ ވިދާޅުވިގޮތުގައި /ން*/ ޖަހާފައިވާ އަޑަކީ ދިވެހިބަހުން ”ފަންކާ“ ކިޔާއިރު ކިޔާ ނޫނު ސުކުމެވެ. މި އަޑު ”މަންނަ“ ކިޔާއިރު ނޫނު ސުކުން ކިޔޭ ގޮތާ ތަފާތު ވާނެއެވެ. ކުރިން ބަޔާން ކުރެވުނު ފަދައިން ތާނަ އަކުރުގެ ފަހަތުގައި ހ އެއް ޖަހާފައި އެވަނީ ބޭރަށް ނޭވާލަމުން ކިޔާ (އެސްޕިރޭޓަޑް) އަޑުތަކެވެ. ނޭވާލަމުން ކިޔާ އަޑުތައް މިޒަމާނުގެ ދިވެހި އަޑުތަކުން ގެއްލިފައި ވެއެވެ. މިދެންނެވީ ނޭވާލަމުން ކިޔުމާއި ނޭވާ ނުލައި ކިޔުމުން (އަޑު ބަދަލުވުމުން) މާނަ ތަފާތުވާ ލަފުޒުތަކެއް ދިވެހިބަހުގައި މިހާރަކު ނެތް ވާހަކައެވެ. އިންޑިޔާ ބައްރުގެ ގިނަ ބަސްބަހުގައި /ޒ/ ގެ އަޑެއް ނޯވެއެވެ. އެވޭލާ އަކުރުގައި އެ އަޑު ނެތީ އެހެންވެއެވެ. އިންޑިޔާގެ ބައެއް މީހުންނަށް /ޒ/ އަޑު ހިމެނޭ ލަފުޒުތައް ކިޔަން ދަތިވެއެވެ. އެމީހުން ދަންނަ އަޑަކުން އެ ލަފުޒު ކިޔައެވެ. އަޅުގަނޑު މަޖީދިއްޔާގައި ކިޔަވަން އުޅުނު ދުވަސްވަރު އިންޑިޔާގެ މުދައްރިސުން ފިޒިކްސް އަށް ކިޔަނީ ފިޖިކްސް އެވެ. ތަޞްވީރުން ފާހަގަ ކުރެއްވޭނޭ ފަދައިން، /ފ/ ގެ އަޑުވެސް، އެތެރެވަރީގެ ބަސްތަކަކު ނުވެއެވެ.
މަތީގައިވާ ތަޞްވީރާ މެދު ވިސްނުމުން އަޅުގަނޑުމެންނަށް ޔަޤީންވާނީ، އެވޭލާ އަކުރުތަކާއި ދިވެހި އަކުރުތަކަކީ ބޭރުގެ ބައެއް ބަސްބަހުގެ އަކުރުތަކާ ވަރަށް އެއްގޮތް އަކުރުތަކެއް ކަމެވެ. މިސާލެއްގެ ގޮތުން /ކ/ އަޑަށް ބޭނުން ކުރާ އަކުރު ތާވަލުގައިވާ ހުރިހާ ބަސްބަހުގައި (ތާނަ އާއި ލެޓިން ފިޔަވައި) އެއްގޮތެވެ. މިކަންކަމުން ދޭހަވަނީ ކުރިން ބަޔާން ކުރެވުނު ފަދައިން، އައު އުފެއްދުމަކީ އިހުގައިވާ އެއްޗެއްގެ މައްޗަށް ބިނާކޮށް، ގެންނަ ކުދި ބަދަލުތަކުން އުފެއްދޭ އުފެއްދުން ކަމާއި، އިންސާނީ ދަރިފަސްކޮޅަކީ އެކައްޗެއް ކަމެވެ. ފަހެ، ސިންގަޅައިންނަށް ނުވަތަ ތަމަޅައިންނަށް ނުވަތަ މަލަޔާޅީންނަށް އެމީހުންގެ އަކުރަނީ ވަކި އަކުރުތަކެއް ކަމަށް ބުނެވޭނަމަ، އެވޭލާ އަކުރަކީ އަދި ދިވެހި އަކުރަކީ ތަފާތު އަކުރެއްކަމަށް ދަޢުވާ ކުރެވޭނެކަން މަތީގައިވާ ތާވަލުން ޔަޤީން ވާނެއެވެ. މިހެން މިކަން އޮތް ކަމުގައި ވިޔަސް، ނަސްލީ ތަޢައްޞުބުގެ ސަބަބުން، ކޮންމެ ބަޔަކުވެސް އެހެން ބަޔަކަށް ވުރެ މޮޅުކަމަށް ދަޢުވާ ކުރަތެވެ.
އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި، އެވޭލާ އަކުރުތަކުގައި ހިމެނޭ ބައެއް އަޑުތަކާގުޅޭ އަކުރުތައް، ދިވެހި އަކުރުތަކުގައި ބޭނުން ކުރަމުން ގޮސްފައި ވާނެއެވެ. ނަމަވެސް، ފަހުން އަޑުތައް ބަދަލުވުމުން އަކުރުތައް ބޭނުން ކުރުން ހުއްޓުނީއެވެ. ދިވެހިބަހުގެ ތެރެއަށް އައި އައު އަޑުތަކަށް ކުރީގެ އަކުރުތައް ބޭނުންކޮށްފައި ވެސް ވެއެވެ. ޕަވިޔަނީގެ އަކުރު ފާފުގެ އަޑުގެ ގޮތުގައި ކިޔަން ފެށުނީ އެހެން ވެގެންނެވެ. މި ބަދަލު އައީ، ރާއްޖެ އިސްލާމްވުމާ ގުޅިގެން ޢަރަބި އަޑުތަކުގައި /ޕ/ ނުހިމެނި /ފ/ ހިމެނޭތީ ކަމަށް ލަފާ ކުރެވެއެވެ.
އެވޭލާއަކުރާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމުގައި އެވޭލާ އަކުރުގައި /ޗ/ އާއި /ޖ/ އާއި /ޏ/ ނުހިމެނޭ ކަމަށް ވާނީ ބަޔާން ކޮށްފައެވެ. އެއީ ލޯމާފާނުގެ ތިން ތަރުޖަމާއަކަށް ބިނާކޮށެވެ. ނަމަވެސް ތަޞްވީރަށް ބަލާލުމުން، މި ތިން އަޑާ ގުޅޭ އަކުރު، އެވޭލާ އަކުރުގައި ހިމެނޭނޭ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވެއެވެ. އެއަކުރުތައް ލޯމާފާނުތަކުގައި ބޭނުންކޮށްފައިވާ ލަފުުޒުތަކުގައި ނުވަނީއެވެ. ނޫނީ އެ ތަރުޖަމާ ކުރެއްވި ފަރާތްތަކަށް ތަފާތު އަޑެއްގެ ގޮތުގައި ފާހަގަ ނުކުރެއްވުނީއެވެ. ދިވެހި އަކުރުގައި /ޝ/ ނުހިމެނޭ ކަން ވެސް ފާހަގަ ކުރެއްވޭނެއެވެ. މިއަކުރު އެވޭލާ އަކުރުގައި ހިމެނެއެވެ. މިހެންވުމުން، ދިވެހީން ކުރިން ބޭނުން ކުރަމުން އައި /ޝ/ އާދައިގެ ސީނުގެ އަޑަށް ބަދަލުވެ އަޑު ނެތުނީކަމަށް ލަފާ ކުރެވެއެވެ. މަތީގައިވާ ތަޞްވީރުން، ކިޔުންތެރިންނަށް އެހެން ކަންކަން ވެސް ފާހަގަ ކުރެއްވޭނެއެވެ. އެކަންކަން ދެނެގަތުމަށް އަޅުގަނޑު ދޫކޮށްލާނީ ކިޔުންތެރިންނަށެވެ. ދިވެހި އަކުރުތަކާ އެހެން އަކުރުތަކާ އަޅާ ކިޔުމުގައި، އަޅުގަނޑު ބެލީ ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވާފައިވާ ”ދިވެހި އަކުރު“ މިފޮތެވެ.
ދިވެހި އަކުރުތައް ކިޔުމާއި ލިޔުން
ދިވެހި އަކުރު ކިޔާނޭ ގޮތާއި ލިޔާނޭ ގޮތް، އިހުގެ ބައެއް ފަރާތްތަކުގެ މަސައްކަތް ތަކުން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވެއެވެ. ދިވެހި އަކުރު އާއި ތާނައާ ބެހޭ އެންމެ ކުރީގެ ލިޔުމެއް އަޅުގަނޑަށް ފެނިފައިވަނީ ނިޔު ޒީލެންޑްގެ ލައިބްރަރީ އެއްގައިވާ ފޮތަކުންނެވެ. އެ ފޮތުގައި، ތާނައަކުރުތަކާއި ދިވެހި އަކުރުތައް ދިމާވާގޮތަށް ލިޔެފައި ވެއެވެ. ފޮތް ޝާއިޢުކޮށްފައިވަނީ 1848 ވަނަ އަހަރު ސެމުއަލް ޖޯންސްޓަން ކިޔާ މީހެކެވެ. ދިވެއްސާ ބެހޭ ޞަފުޙާ ތިރީގައި އެވަނީއެވެ.
މަތީގައިވާ ޞަފުޙާއަށް ވުރެ ތަފްޞީލުކޮށް ދިވެހި އަކުރު ކިޔާނޭ ގޮތާއި ލިޔާނޭ ގޮތުގެ މައްޗަށް ފޮތެއް ލިޔެފައި ވެއެވެ. އެއީ ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވާފައިވާ ”ދިވެހި އަކުރު“ އެވެ. ފޮތުގައި އެއީ އެއްވަނަ ބައިކަމަށް ލިޔުއްވާފައި ވެއެވެ. ނަމަވެސް މިފޮތުގެ ދެވަނަ ބައެއް ވާކަމަކަށް ނުވެއެވެ. ފޮތުގައި ވަނީ 33 ޞަފުޙާއެވެ. ފޮތް ޝާއިޢުކޮށްފައިވަނީ 1959 ވަނަ އަހަރުއެވެ. އެފޮތް ލިޔުއްވި ސަބަބު އެފޮތުގައި ބަޔާން ކުރައްވާފައި ވެއެވެ. އެއީ އެއިރު ބޮޑު ވަޒީރަކަށް ހުންނެވި އިބްރާހީމް ނާޞިރު ފޮނުއްވި ސިޓީފުޅަކާ ގުޅިގެންނެވެ. އެ ސިޓީފުޅުގައިވަނީ ”އިހުގެ މުސްކުޅި ދިވެސް އަކުރު މިވަގުތު ފެންނަމުން އަންނަ ގޮތުން ހީވަނީ ދަންނަ މީހުން ނެތި އުވި ހިގައިދާނޭ ކަމަށެވެ. ވީމާ މީހުންނަށް އެއަކުރު ދަސްކުރެވޭ ފަދަ މަގަކަށް، ވެ ވަޑައިގެން އަވަސް މުއްދަތެއްގެ ތެރޭގައި ފޮތެއް އެކުލަވައި ލިއުއްވައި ދެއްވުމަށާއި، މިކަމާ އެހީވުމަށް، މި ފޮނުވާ ކާތިބު އަލްފާޟިލް ޙުސައިން ފަހުމީއަށް، އެއަކުރު ދަސްކޮށްދެއްވުމަށް އިލްތިމާސް ކުރަމެވެ.“ މިފޮތުގެ ޕީ.ޑީ.އެފް ކޮޕީއެއް ތިރީގައިވާ ތަޞްވީރަށް އޮބާލުމުން ޑައުންލޯޑު ވާނެއެވެ. [މި ފޮތް ސްކޭން ކޮށްދެއްވައި އަޅުގަނޑަށް ފޮނުއްވީ އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް އެވެ. މި ފޮތުގެ އަޞްލު ކޮޕީއެއް ދިވެހިބަހުގެ އެކެޑެމީގެ ލައިބްރަރީގައި އަދި ޤައުމީ ކުތުބުޚާނާއިން ވެސް އަޅުގަނޑަކަށް ނުފެނުނެވެ. ފޮތް ބޭނުން ކުރައްވާ ފަރާތްތަކުން އޭނާއަށް ޝުކުރުވެރިވުން ހުއްޓެވެ.]
ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވާފައިވާ ފޮތަކީ، އެ ފޮތް ރަނގަޅަށް މުޠާލިއާ ކުރާ ފަރާތަކަށް، ދިވެހި އަކުރު ފަސޭހަކަމާއިއެކު ކިޔައިގަނެވޭ ފެންވަރަށް ލިޔުއްވާފައިވާ ފޮތެކެވެ. އެކި އަކުރުގައި ފިލިޖެހޭ ގޮތާއި، ބައެއް ޚާއްޞައަކުރާއި، ތަމްރީނުތަކެއްގެ ގޮތުގައި ކުރީގެ ބައެއް ދިވެހި އަކުރުން ލިޔެފައިވާ ފަތްތައް ދިވެހި އަކުރުން ލިޔުއްވައި އަދި ތާނައިން ކިޔާނޭ ގޮތް ވެސް ލިޔުއްވާފައި ވެއެވެ. ތިރީގައި އެވަނީ އަކުރު ވަކިން އޮންނަ އިރު ލިޔާ ގޮތް ކަމަށް ލިޔުއްވާފައިވާ އަކުރުތަކެވެ. މިއިން ކޮންމެ އަކުރެއް ކިޔާނީ އަބަފިލި ޖަހާފައިވާ ކަމަށް ބަލައެވެ.ޖުމުލަ 24 އަކުރު ވެއެވެ. ޕަވިޔަންޏެއް ނުވެއެވެ. ޕަވިޔަނީގެ ނިޝާނުގެ ގޮތުގައި އެވޭލާ އަކުރުގައި ބޭނުން ކުރި އަކުރު ދިވެހި އަކުރުގެ ދުވަސްވަރުގައި ކިޔަނީ ފާފުގެ އަޑުންނެވެ.
މަތީގައިވާ އަކުރުތަކުގެ އިތުރަށް ފޮތުގައި ބައެއް ޚާއްޞަ އަކުރުތައް ވެއެވެ. އެއީ، އެކި ފިއްޔަށް ހެދިފައިވާ އަކުރުތަކާއި ތަދު އަކުރުތަކެވެ. މިގޮތުން ލިޔުންތެރިޔާހަތަރު ބާވަތެއްގެ ނިޝާނެއް ފާހަގަ ކުރައްވާފައި ވެއެވެ. އެ ނިޝާންތައް މި ލިޔުން މޮބައިލް ފޯނަކުން ބައްލަވާ ނަމަ، މަތީގައި އެވަނީ އެވެ. ބޮޑު މޮނިޓަރަކުން ބައްލަވާނަމަ، ކަނާތްފަރާތުގައި އެވަނީއެވެ.
އަކުރުތަކުގައި ފިލިޖެހުން
އެވޭލާ އަކުރާއި އެއްފަދައިން، ދިވެހި އަކުރުގައި ފިލިޖަހަނީ ފިލީގެ ބާވަތުން ހަތަރު ފަރާތުން ފަރާތެއްގައެވެ. ބައެއް ފިލި، އަކުރުގެ ދެފަރާތެއްގައި ވެސް ޖަހައެވެ. ތިރީގައި އެވަނީ އެކި ފިލި ޖަހާ ގޮތެވެ. ދަނބުކުލައިގައިވާ ވައްބުރަކީ އަކުރުކަމަށް ވިސްނަވާށެވެ.
އެންމެ މުހިއްމީ، އަކުރުގައި ފިލި ނުޖަހާއިރު، އެ ކިޔަނީ އަބަފިލިންކަށް ހަދުމަ ކުރެއްވުމެވެ. އެހެން ފިއްޔެއް ޖެހުމުން އަބަފިލި ނެތުނީކަމަށް ބެލެވެއެވެ.
އާބާފިއްޔާއި އިބިފިލި ވަރަށް ވައްތަރެވެ. ތަފާތަކީ އާބާފިލީގެ “މަތީ ކޮޅު އަކުރުގެ މަތީން ނުޖެހި އޮތުން” ކަމަށް ސީދީ ބަޔާން ކުރައްވާފައި ވެއެވެ. އެބެފިއްޔާއި އޭބޭފިލި މުޅިން އެއްގޮތެވެ. ތަފާތަކީ އެބެފިލި ޖަހާއިރު ފިލީގެ ފުޅާމިނަށް އޭބޭފިލި އަކުރާ ދުރުކޮށްލާފައިވާ ކަމެވެ. ސީދީގެ ފޮތުގައި އެބެފިއްޔަށް ކިޔުއްވާފައިވަނީ ފުށަތު ފިއްޔެވެ. އޮބޮފިއްޔާއި އޯބާފިލީގެ ތަފާތަކީ، އޯބޯފިލި ޖަހާއިރު، އެބެފިލީގެ ނިޝާން، އޭބޭފިލިޖަހާއިރު ދުރުކުރާ ގޮތަށް ދުރުކޮށްފައި ވުމެވެ.
އަކުރުގައި ފިއްޔެއް ނެތްކަންރަމުޒުކުރަން ނުވަތަ އެއީ ފިއްތި ނުވަތަ ކޮންސަނަންޓް އަޑުކަން (ސުކުން އަޑުކަން) އަންގަން އެވޭލާ އަކުރުގައި ބޭނުންކުރާ ނިޝާނެއް، ދިވެހި (ދިވެސް) އަކުރުގައި ވާ ކަމަކަށް ސީދީގެ ފޮތަކު ނުވެއެވެ. ލަފާކުރެވޭ ގޮތުން، ފޮތުގައި އެ ނިޝާން ގެނެވިފައި ނުވަނީ އެވެ. އެވޭލާ އަކުރުގައި ބޭނުން ކުރި ނިޝާނަކީ އެވެ. އެވޭލާ އަކުރުގެ ޒަމާނާއި ސީދީ ފޮތް ލިޔުއްވި ޒަމާނާ ދެމެދު 700 ވަރަކަށް އަހަރު ފާއިތުވެފައި ވެއެވެ. ސީދީ ފޮތް ލިޔުއްވި ދުވަސްވަރު، މި ނިޝާން ހަމައެކަނި ސުކުންކުރާ އަކުރުތަކާ ގުޅުވާފައި ވެއެވެ. އެ ނިޝާންތައް ތިރީގައި އެވަނީއެވެ. މި ސުކުންކުރާ އަކުރު ތަކުގައި ވެފައިވާ ގޮތަކީ، ދިވެހި އަކުރާއި ސުކުން ގެ ނިޝާން ގުޅުވާފައި ވުމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، މިގޮތަށް ކޮންމެ ފިއްތި އަޑެއްގެ އަކުރެއްގައި ވެސް ސުކުން ކުރެވޭނެއެވެ.
އެވޭލޭ އަކުރުގެ މައްޗަށް ލިޔެފައިވާ މަޒުމޫނުގައި، އި، އެ، އު އޮ، އޯ ފަދަ އަލިފުގައި ފިލިޖަހައި ކިޔާ އަޑުތަކަކީ ދުލުން ކިޔާއިރު، މާބޮޑު ހިފެހެއްޓުމެއް ފިއްތުމެއް ނެތި ކިޔާ އަޑުތަކެއް ކަމުން /އ/ ގެ އަޑަކީ ކޮންސަންނަންޓްް ނުވަތަ ފިއްތި އަޑު ކަމަކަށް ނުބަލައެވެ. މިހެން ކަމާއިއެކު، އެވޭލާ ލިޔުމުގައި މިފަދަ އަޑަކުން ލަފުޒެއް ފަށާނަމަ، އެ އަޑުތައް ފާހަގަ ކުރަނީ ޚާއްޞަ ނިޝާނަކުންނެވެ. ދިވެހި އަކުރުގޮތަށް ލިޔާ އެހެން ބައެއް އަކުރު ނިޒާމުތަކުގައި ވެސް މިކަން މިގޮތަށް ހިމެނިގެން ވެއެވެ. ސީދީ އެ ނިޝާންތައް ކަމަށް ފާހަގަކޮށްފައިވާ ނިޝާންތައް ތިރީގައި އެވަނީއެވެ.
ސީދީގެ ހަވާލާދެވިފައިވާ ފޮތުގައި، ކާފުގެ ތަފާތު ބައިތައްކަމަށް ބުނާ އަކުރުތައް ދަންނައެވެ. ތިރީގައިވާ ކުރެހުމުގައި، އަޅުގަނޑު 2 ޖަހާފައިވާ އަކުރުތަކަކީ، އަޅުގަނޑުގެ ނަޒަރުގައި، އެކި މީހުން ތާނަ ލިޔާއިރު އެއް އަކުރެއް ތަފާތު ގޮތްގޮތަށް ލިޔާފަދައިން ހުންނަ ތަފާތުތަކެވެ. މިއީ ފޭޑީގެ ނުވަތަ ސްޓަައިލްގެ ތަފާތެވެ. ދިވެހިއަކުރު ކިޔަން އެނގޭ މީހަކަށް މިއަކުރުތައް ކާފުގެ ގޮތުގައި ފާހަގަ ކުރެވޭނެއެވެ. އަޅުގަނޑު 1 ޖަހައި، ފާހަގަކޮށްފައިވާ ދެ އަކުރަކީ، ސީދީ /ކ/ ކަމަށް ލިޔުއްވިއަސް، އެވޭލާ އަކުރުގެ ބޭރަށް ނޭވާލަމުން ކިޔާ ކާފު ނުވަތަ އެސްޕިރޭޓަޑް ކާފުކަމަށް /ކހ/ ވަރަށް ބޮޑަށް ލަފާކުރެވެއެވެ. ޒަމާން، ކުރީގެ އަކުރުގެ ބައްޓަމަށް ބަދަލެއް ގެނައީއެވެ. ސީދީ ފޮތް ލިޔުއްވި އިރު /ކ/ އާއި /ކހ/ ކިޔާގޮތް އެއްގޮތްވެފައި ވަނީއެވެ.
އެހެން ބައެއް ނިޝާންތައް، ސީދީގެ ފޮތުގައި ވެއެވެ. އެގޮތުން އޭނާ ފާހަގަ ކުރައްވާ ފައިވާ އެއް އަކުރަކީ ”ދަ“ އަށް ބޭނުން ކުރާ އަކުރެވެ. މިއަކުރާ ދޭތެރޭ ވިސްނާލުމުން، މިއީ އެވޭލާ އަކުރުގެ /ޑހ/ އަޑަށް ބޭނުން ކުރާ ނިޝާންކަން ކިޔުންތެރިންނަށް އެނގިވަޑައިގަންނަވާނެއެވެ. ޢަލީ ނަޖީބުގެ ދަނބިދޫ ލޯމާފާނުގައި، މިއަކުރު ލިޔެފައިވަނީ ދާލުގެ ގޮތުގައެވެ. މިއީ ބޭރަށް ނޭވާލަމުން ކިޔާ އެސްޕިރޭޓަޑް އަކުރުތައް ނެތެމުންދިޔަ ކަމުގެ ދަލީލެކެވެ.އަކުރުގެ މަތީގައިވާ ދިދައެއްގެ ބައްޓަމަށްވާ ނިޝާނަކީ، މިހާރުވެސް ސިންގަޅަ އަކުރުތަކުގައި ބޭނުން ކުރާ، އަކުރު ކިޔަންވާނީ އަބަފިލި ނުޖަހާކަން ރަމްޒުކޮށްދޭ ނިޝާނެކެވެ. ދެން ސީނުގެ ގޮތުގައި ފާހަގަ ކުރައްވާފައިވާ ނިޝާން، އެވޭލާ އަކުރުގެ /ޝ/ އާއި އާދެ، ބޮޑު ސީނާ ވަރަށް ވައްތަރު އެވެ. ބޮޑު ސީނަށް އަކުރެއް ވާކަމަކަށް ސީދީގެ ފޮތުގައި ފާހަގަ ކުރައްވާފައެއް ނުވެއެވެ. ބައެއް ފަހަރު، އަޅުގަނޑުގެ ހިތަށް އަރައެވެ. ސީދީގެ ފޮތުގައި ކުށް އެބަހުރި ހެއްޔެވެ؟ މިކަމަށް ދަލީލު ކުރާ ދެތިން ކަމެއް އަޅުގަނޑަށް އޭނާގެ ފޮތުން ފާހަގަ ކުރެވިފައިވެއެވެ.
ތަޝްދީދު (ދަޝްޖީދު) އަކީ އަލިފު ސުކުނަށް އަކުރެއް ކިޔަން ޖެހޭ ކަމުގެ ނިޝާނެކެވެ. އެވޭލާ އަކުރުގައި، މި ނިޝާނަކީ، ސީދީގެ ފޮތާ ޚިލާފަށް، ވިޔަ ޢަދަދުތަކުގެ ތިނަކާ ވައްތަރު ނިޝާނެއް ނޫނެވެ. ވިޔަ ޢަދަދަތަކުގެ ތިނަކާ ވައްތަރުގެ ނިޝާން އެވޭލާ އަކުރުުގައި ބޭނުން ކުރަނީ ނޯށަން އަރުވާ އަކުރު ކިޔަންޖެހޭކަން ރަމްޒު ކުރާށެވެ. އެވޭލާ އަކުރުގައި ތަޝްދީދުގެ ގެ ނިޝާނުގައި ތުޑުތައް ގިނައެވެ. . ނޯށަން އަރުވާ ކިޔާ އަކުރުތައް ފާހަގަކުރުމަށް އެއް އިރެއްގައި، 1970 ގެ އަހަރުތަކުގައި، ހުސްނޫނެއް ރާއްޖޭގައި ވެސް ގިނައެއްކޮށް ބޭނުމެއް ނުކުރެއެވެ. އެހެންކަމުން، ފަހު ޒަމާނުގެ ދިވެހި އަކުރުގައި އެ ނިޝާން، ތަޝްދީދަށް، އަލިފުސުކުނަށް، ބޭނުން ކުރަން ފެށީބާވަ އެވެ؟ އަލިފު ސުކުނަަށް އަކުރެއް ކިޔުމަށް އެވޭލާ އަކުރުގައި ދެއަކުރު ގާތުގައި ލިޔުމާއި، ކުރިން ބަޔާން ކުރެވުނު ޚާއްޞަ ނިޝާން ވެއެވެ. ސީދީ ފާހަގަ ކުރައްވާފައިވާ ގޮތުން، ތަޝްދީދު ޖެހުމަށް އިތުރު ދެގޮތެއް ވެއެވެ. އޭނާގެ ފޮތުން، ތިރީގައިވާ ތަޞްވީރުން އެދެގޮތް ކިޔުއްވާށެވެ.
ސީދީގެ ފޮތް ނިންވަލައްވާފައިވަނީ، ތަމްރީނަށްޓަކައި، ދިވެހި އަކުރުން ލިޔެފައިވާ ފަތެއް ތާނަައިން ލިޔުއްވާފައެވެ. މި ފަތުގެ ފުރަތަމަ ޞަފުޙާ ތިރީގައި އެވަނީއެވެ. ފަތް ކިޔުއްވަން އެނގިވަޑައިގަތުމުން، ދިވެހި އަކުރަށް ކޮންމެވެސް މިންވަރަކަށް ފަރިތަވެވަޑައިގެންނެވުނީއެވެ. ނަމަވެސް، ބޮޑަށް ދެނެވަޑައިގަތުމަށް އެވޭލާ އަކުރު ލިޔާގޮތާއި ކިޔާގޮތް އެނގިވަޑައިގަންނަވަން ޖެހޭނެއެވެ.
ދިވެހި އަކުރުތައް ލިޔާނޭ ގޮތް
ކޮންމެ އަކުރެއްގައި އެކި ފިލި ޖެހޭ ގޮތާއި ކިޔާގޮތް އެނގެނިކޮށް، ދިވެހި އަކުރުން ލިޔަން އެނގޭނެއެވެ. ހުރިހާ އަކުރުތައް އެކި ފިއްޔަށް ކިޔާގޮތާއި ލިޔާގޮތް ތާވަލު ކޮށްފައި ހުރެއެވެ. މިފަދަ ތާވަލަށް ކިޔަނީ ސިލަބަރީ (syllabary) އެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ސިލަބްލް އަކީ ލީން ނުވަތަ ވަވަލް އަޑެއް ހިމެނޭ ކޮންމެ ފޮނީމް އެކެވެ. އާދެ! ތާނަ އަކުރެއްގައި (ސުކުން ފިޔަވައި) ފިއްޔެއް ޖެހުމުން އެވާނީ ސިލަބްލް އަކަށެވެ. މިސާލެއްގެ ގޮތުން ތިރީގައި އެވަނީ ސިންގަޅަ އާއި ކޮރެއާ އަކުރުތަކުގެ ސިލަބަރީ އެކެވެ. ސިންގަޅަ ތާވަލުގެ އެންމެ ކަނާތް ފަރާތުގައި، މަތިން ތިރިއަށް ވަނީ އެކި ފިލިތަކެވެ. ތާވަލު މަތީގައި ވާތުން ކަނާއަަތަަށް އެކި އަކުރުތަކެވެ. ދެން އަކުރުތަކާއި ފިލިތައް ދިމާވާ ގޮޅިތަކުގައި އެވަނީ އެ އަކުރެއްގައި ފިލިޖެހީމާ އޮންނާނޭ ގޮތެވެ. ކޮރެއާ ބަހުގެ ތާވަލުގައި ފިލިތައް ވަނީ މަތީގައި ވާތުން ކަނާއަތަށެވެ. އަކުރުތައް ވަނީ ވާތްފަރާތުގައި މަތިން ތިރިއަށެވެ. މި ދެ ތާވަލަށް ވެސް އޮބާލުމުން ބޮޑުވާނެއެވެ.
ތިރީގައި އެވަނީ އަޅުގަނޑު އެކުލަވާލާފައިވާ ދިވެހި އަކުރުގެ ސިލަބަރީ އެކެވެ. މިއަކުރުތައް ލިޔަން ހަދާފައިވާ ފޮންޓުން އެކި ނިޝާންތައްޖެހޭ ކޮމްޕިއުޓަރުގެ ކީބޯޑުގެ އިނގިރޭސި އަކުރުތައް ވެސް މި ތާވަލުގައި ފާހަގަކޮށްފައި ވާނެއެވެ. ބައެއް، މީހުން ތާނަ ލިޔާއިރު ދެ އަކުރު ނުވަތަ އަކުރާއި ފިލި ބައެއް ފަހަރު އެއްކުރެއެވެ. މިގޮތުން އަވަހަށް ލިޔާއިރު ސީނާއި ސީނުގެ ސުކުން އެއްކޮށްލާފައި ލިޔެއެވެ. މިއީ ހުރިހާ ބަހެއްގެ އަތުލިޔުމުގައި ހިމެނޭ ކަމެކެވެ. މިސާލެއްގެ ގޮތުން، އިނގިރޭސި ލިޔާއިރު، fi ލިޔުނީމާ އައިގެ މަތީ ތިކި އެފްއާ މާކާރީގައިވާތީ، މި ދެއަކުރު އެއްކޮށް ލިޔެއެވެ. މިގޮތަށެވެ:fi. ދެ އަކުރުނުވަތަ ތިން އަކުރު ވެސް އެއްކޮށް، ގުޅުވައިގެން ލިޔެފައި ހުންނަ ”އަކުރަށް“ އިނގިރޭސި ބަހުން ކިޔަނީ ލިގެޗާރ އެެވެ. މާނައަކީ ބަނދެވިގެންނުވަތަ އެއްސިގެން ވުމެވެ. ދަރުބޮނޑިއެއްގައި އެތައް ދަރުގަނޑެއް ހިމެނޭ ފަދައިން، ލިގެޗާރ އެއްގައި އަކުރަށް ވުރެ ގިނަ އަކުރު ހިމެނޭނެއެވެ. ދިވެހި އަކުރުގައި ވެސް ދޮޅަހަކަށް ލިގެޗަރ ވެއެވެ. އެންމެ ޢާއްމުކޮށް ބޭނުން ކުރަނީ ސުކުނާއި އެކު، އ، ސ، ނ، ތ، ށ ގައެވެ. މި ނޫން ލިގެޗާރ ތައް ފަހުން މަޝްވަރާ ކުރާ ކީބޯޑުން ފެނިވަޑައިގަންނަވާނެއެވެ. ތިރީގައިވާ ތަޞްވީރުގެ ސާފު ފައިލެއް މި ޖުމުލައަށް ފިއްތަވާލައްވަނިކޮށް ޑައުންލޯޑުވާނެއެވެ.
ދިވެހިއަކުރުގެ ފޮންޓާއި ދިވެހިއަކުރު ބޭނުންކޮށްގެން ކޮމްޕިއުޓަރުން ލިޔާނޭ ގޮތް
ދިވެހިއަކުރު ފޮންޓު ހެދުމަށް އަޅުގަނޑު ބޭނުން ކުރީ ކަނބާ އައިސާގެ ވާރުތައާ ބެހޭ ގޮތުން، މީލާދީން 1666 ވަނަ އަހަރު ލިޔެފައިވާ ފަތެކެވެ. މިފަދަ ފަތެއް ލިޔާނީ ރަދުންގެ ފަތްލިޔާ މާފަތް ކިލެގެފާނު ފަދަ ބޭކަލެކެވެ. އެހެންކަމުން، ލިޔުން ވަރަށް ރީތިވާނެ އެވެ. މިއާ ޚިލާފަށް ސީދީގެ ފޮތް ލިޔުއްވީ، އަލަށް ދިވެހިއަކުރު ލިޔުއްވަން ދަސްކުރެއްވި ފަރާތެކެވެ. އެހެންކަމުން، އަކުރުތައް މާރީތިވާނެކަމަކަށް ނުފެނެއެވެ. މި ދެއަކުރުތަކުގެ ދެމެދުގައި 300 އަހަރުގެ މުއްދަތެއް ފާއިތުވެފައިވާތީ، އަކުރުތަަކަށާއި ލިޔާގޮތަށް ވަރަށް ބޮޑު ތަފާތުތަކެއް އައިސްފައިވާތީ ތިބާއަށް ފެނިވަޑައިގަންނަވާނެއެވެ. އަޅުގަނޑު ފޮންޓު ހެދި އަކުރުތައް ތިރީގައި އެވާ ތަސްވީރުގައި އެވަނީއެވެ.
ފޮންޓު ޑައުންލޯޑު ވާނީ، މަތީގައިއެވާ ރަތްކުލައިގެ ނިޝާނަށް ކްލިކް ކޮށްލެއްވުމުންނެވެ. ދެން، ފޮންޓު ކޮމްޕިއުޓަރަށް އެޅުއްވުމަށްފަހު، އިނގިރޭސި އަކުރުތައް ލިޔާގޮތް ކޮމްޕިއުޓަރުން ޚިޔާރު ކުރައްވައި، ތިރީގައިއެވާ ކީބޯޑުން އަކުރުތައް ލިޔުއްވޭނެއެވެ. ދެ ރަމްޒު ހިމެނޭ ފިލި ޖެހޭނީ ދެ ފަހަރު ފިތަށް އޮއްބަވައިގެންނެވެ. ޚާއްޞަ އަކުރުތައް ވެސް ފޮންޓުގައި ހިމެނެއެވެ. މިއަށްވުރެ ފުރިހަމައަށް މިކަން ކުރުމަށް ފޮންޓު ޕްރޮގްރާމް ކުރަން ޖެހޭނެއެވެ. މިކަން ކުރަން މަހެއްހާ ދުވަސް ދާނެތީ އާއި، ދިވެހި އަކުރު ދަސްކުރައްވާނީ ހަމައެކަނި ޢިލްމީ ޝައުޤެއްގެ ސަބަބުން ކަމަށްވާތީ، ދެވަނަ އިސްދާރެއްގައި އިތުރު ގޮތްތައް ހިމެނުމަށް ފަސްކޮށްލީއެވެ. ފޮންޓު ބަރާބަރު ކުރުމަށް، ސަރުކާރުގެ ކަމާ ބެހޭ އިދާރާއިން، އަކުރުތަކުގެ ތަރުތީބާއި ޢަދަދާއި ހިމަނާނޭ ލިގެޗާރ އާއި އެހެން ނިޝާންތަކާއި ކީބޯޑުގެ އެތުރުން ރަސްމީކޮށް ކަޑައަޅަން ޖެހޭނެއެވެ.
ޔުނިކޯޑާއި ދިވެސް އަކުރު
ދުނިޔޭގައި އެއްވެސް އިރެއްގައި މީހުން ބޭނުންކުރި ހުރިހާ އަކުރަކާއި މިހާރުވެސް ލިޔެއުޅޭ ހުރިހާ ާ އަކުރުތަކަށް ނަންބަރުދީ، ”ޔުނިކޯޑު“ ކިޔާ އުޞޫލަކުން ކޮމްޕިއުޓަރުންލިޔެވޭ ގޮތް ހެދުމަށް މަސައްކަތް ކުރެވެމުންދާތާ މިހާރު ފަންސަވީސް ވަރަކަށް އަހަރު ވެއްޖެއެވެ. މިގޮތުން، މިހާރު 135 އަށް ވުރެ ގިނަ އަލިފުބާގެ ވައްތަރުތައް ހިމެނޭ 130000 ވަރަކަށް ބާވަތުގެ އަކުުރު ޔުނިކޯޑުގައި ހިިމެނެއެވެ. މިގޮތުން އަހްރާމުގައި ލިޔެފައި ހުންނައަކުރުތައް އަދި ތާނަވެސް ޔުނިކޯޑުގައި ހިމެނެއެވެ. މިކަން ކުރަނީ ޔުނިކޯޑު ކިޔާ ކުންފުންޏަކުންނެވެ.
ދިވެސް އަކުރު ޔުނިކޯޑުގައި ހިމެނުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް ތިރީގައިވާ ތަޞްވީރަށް އޮބާލުމުން ޑައުންލޯޑުވާނެއެވެ. އަޅުގަނޑުގެ ނަޒަރުގައި އެ ޕްރޮޕޯސަލްގައި ކުށް ވެއެވެ. އަދި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެވޭލާ އަކުރާއި ދިވެސް އަކުރު ތަފާތުކަމުން، މި ދެބާވަތަށް ވަކިން ކޯޑު ދޭން ޖެހޭނެއެވެ. ރަސްމީގޮތުން، މިކަން ކުރާއިރު ދިވެހިބަހުގެ އެކެޑެމީގެ ދައުރެއް އޮންނަންވާނެއެވެ. ޔުނިކޯޑުގައި ތާނަ ހިމެނިއިރު، އެކަށީގެންވާ ވަރަށް އެކަމާ މަޝްވަރާ ކުރެވިފައި ނުވާތީ، އަދިވެސް މިއުޅެެނީ ދިމާވާ މައްސަލަތަކުން އަރައި ނުގަނެވިގެންނެވެ. ތާނަކޯޑުތަކަށް ވެސް އިސްލާޙުތަކެއް ގެންނަންވަނީ ޖެހިފައެވެ.
ނިންމާލުން
ދިވެހި ނުވަތަ ދިވެސް އަކުރުތަކަކީ މާ މޮޅު އަކުރުތަކެއް ކަމަށް ހީކޮށް، އެ އަކުރުތައް އަލުން ދިރުވަން ބައެއް މީހުން ޚިޔާލުކުރެއެވެ. ދެ ފަރާތަކުން އަޅުގަނޑުގެ ކައިރީގައި އެވާހަކަ ދައްކަވާފައި ވެސް ވެއެވެ. އަޅުގަނޑުގެ ނަޒަރުގައި، ދިވެހި އަކުރަކީ، އޭގެ ޒަމާން ފާއިތުވެފައިވާ، ލިޔުމުގެ ގޮތުން، މޮޅު އަކުރުތަކެއް ނޫނެވެ. މިކަމަށް ބޮޑަށް ތާއީދު ކުރެވޭނީ ދެތިން ހަތަރު ބަހުގެ އަކުރުތަކާއި އަކުރުތަކުގެ މޮޅުދެރަކަން ވަޒަން ކުރާ މިންގަނޑުތައް އެނގޭފަރާތްތަކަށެވެ. ދިވެހި އަކުރުތަކުގައި، ބޭނުން ނުވާ ބައްޓަންތައް ގިނައެވެ. އަކުރުތަކާއި ފިލިތަކުގައި، އޮޅޭހާ އެއްގޮތްކަމެއް ހުރެއެވެ. ބައެއް ފިލިޖަހަނީ ދެ ރަމްޒުންނެވެ. އެ އަކުރުތައް އުވުނީ، ސަބަބެއް ނެތިއެއް ނޫނެވެ.
ތާނައިން ލިޔެފައިވާ ކޮމްޕިއުޓަރު ފައިލެއް ދިވެހި އަކުރަށް ބަދަލުކޮށްލެވޭ ޕްރޮގްރާމެއް، ގާތްގަޑަކަށް ސައުވީސް ގަޑިއިރުގެ މަސައްކަތުން އަޅުގަނޑަށް ލިޔެވިދާނެއެވެ. ނަމަވެސް، މިއީ ބޭނުންތެރި ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެވޭލާ އަކުރާއި ދިވެހި އަކުރު، އެނގޭ ބަޔަކު، ދިވެހީންގެ ތެރޭގައި އަބަދުވެސް ތިބެން ވާނެއެވެ. މި އަކުރުތައް ދިވެހި ޙަޟާރަތުން ނެތި ދިޔަނުދީ، ޔުނިވަރސިޓީ ތަޢުލީމުގެ ތެރޭގައި، ތާރީޚީ ނަޒަރަކުން ނަމަވެސް، އާލާކޮށް ހިފަހައްޓަން ވާނެއެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު ހުރި އިރު، ދިވެސް އަކުރު ދަސްކޮށްދޭ ކުރު ކޯސްތައް އެތަނުން ހިންގިއެވެ. މި ކޯހުގައި ކިޔަވައިދެއްވާ އުޅުއްވީ ޢަޙްމަދު ރަޝީދު ކިޔާބޭފުޅެއްކަމަށް އެކެޑެމީގެ މުވައްޒަފު މުޙައްމަދު ނާޒިމް ވިދާޅުވިއެވެ. މި އަކުރުތައް ބޮޑަށް އުނގެނެން ބޭނުންފުޅުވާ ފަރާތްތަކުން މިފަދަ ބޭފުޅެއް ހިންގަވާ ކުރު ކޯހެއްގައި ބައިވެރިވުން ރަނގަޅުވެދާނެ އެވެ. އެއްޗެތި އުނގަންނައިދިނުމަކީ ޢިލްމު ތާޒާކޮށް އާލާވެ ހުންނަ ކަމެކެވެ.
ޝުކުރު: ބޮޑުފެންވަޅުގޭ ސީދީގެ ފޮތް ސްކޭން ކުރައްވައި އަޅުގަނޑަށް ފޮނުއްވި މުޙައްމަދު ޝާހިދު ޙަލީމް، މަލަޔާޅަމް އާއި ސިންގަޅަ ފޮނީމްތައް، ތާނަ އަކުރުތަކުގެ ފޮނީމްތަކާ ގުޅުއްވައި ދެއްވި އިޔާޒު ނަސީމް، ސީދީ ފޮތުގެ އެކެޑެމީގެ ލައިބްރަރީގައި އޮތް ފޮޓޯކޮޕީއެއް ހޯއްދަވައި ދެއްވި މުޙައްމަދު ނާޒިމް.
Also, that proposal has been updated: https://www.unicode.org/L2/L2018/18016r-dives-akuru.pdf
I disagree with the idea that Dhives Akuru had developed from Grantha, but accept that it and all the other scripts have influenced Dhives Akuru. The reason is that an inscription in something that might be “pre-eveyla” was found in Landhoo. It is more similar to Brahmi than any other script. The inscription has been dated to around the sixth-eighth centuries CE.
I also accept the theory that the “dh” and “k” ‘s alternative forms in Seedhi’s book are their aspirates, and Eveyla Akuru does have those aspirates. It actually had all the Sanskrit consonants except for aspirated “j”. Look at the section “The paleographic development of Dives Akuru” in this publication:
http://saruna.mnu.edu.mv/jspui/handle/123456789/12120
It shows the letters from the Landhoo inscription (L1). Aspirated “dh” must have later turned into “dh”. Don’t the letters clearly resemble Brahmi letters?
Its indeed an important academic writing. Last 7 days i have been learning Dhivehi (dhives) akuru through the book by Seedhee. All my doubts and misconception about it is now cleared after reading this article. My intention of learning it was for translating a “faiykolhu” which may shed some important insight about an article i am writing. Thank you for this informative article and your continuous invaluable service in the academic field. Hats off to you. May ALLAH SWT’s bless you always with good health, success & prosperity.