އަސަރުކުރާގޮތަށް ފަށުވިކޮށް ޢިބާރާތް ކުރަން މޮޅެތި މޮޅެތި އަދީބުންނަށް އެނގެނީ ކީއްވެގެންތޯ އަޅުގަނޑު ވަރަށް ކުރިން ސުރެ ޚިޔާލުކުރަމެވެ. މިއީ އެމީހުންނަށް ލިބިފައިވާ ޤުދުރަތީ ހަދިޔާއެއް ހެއްޔެވެ؟ އެބަހީ އެއީ އެމީހުން އުފެއްދެވުމުގައި ލައްވާފައިވާ ޤާބިލްކަމެއް ހެއްޔެވެ؟ ނުވަތަ މިއީ ގަދަ މަސައްކަތަކުން ދިގު ތަމްރީނަކުން އެމީހުން ދަސްކުރި ކަމެއް ހެއްޔެވެ؟ ވޭތިވެދިޔަ ދުވަސްތަކުގެ ފިލާވަޅުތަކުން އަޅުގަނޑަށް ވިސްނުނީ ރީތިކޮށް ޢިބާރާތްކުރުމަކީ އަދީބުންނާއި އެހެން ލިޔުންތެރިން ދަސްކޮށްފައިވާ ކަމެއް ކަމެވެ. އަދި މިކަން ދަސްކުރާނޭ ގޮތުގެ ދެ ލިޔުމެއް އަޅުގަނޑަށް ފެނިފައި ވެއެވެ. އެއް ލިޔުން ހިމެނެނީ ޑޭލް ކާނަގީ ކިޔާ އެމެރިކާ މީހަކު 1956 ވަނަ އަހަރު ލިޔެފައިވާ ”ޢާންމު ކޮށް ވާހަކަ ދައްކައިގެން ނަފްސުގެ އިތުބާރު ކުރިއަރުވޭނެގޮތާއި މީހުންނަށް ނުފޫޒު ހިންގާނޭ ގޮތް“ މިފޮތުގައިވާ ބާބެއްގައެވެ. ދެވަނަ ލިޔުމަކީ ”ފިރިހެންވަންތަ ކަމުގެ ފަންނު“ މި ނަމުގައި ޝާއިޢުކުރަމުންދާ މަޒުމޫނުތަކެއްގައި ”މިހާރަށް ވުރެ ރަނގަޅު ލިޔުންތެރިއަކަށް ވާން ބޭނުންތަ؟“ މި ސުރުޚީގެ ދަށުގައި 2014 ވަނަ އަހަރު އެމެރިކާގެ މީހަކު ލިޔެފައިވާ މަޒުމޫނެކެވެ. މި ދެލިޔުމުގައިވެސް ބަޔާންކޮށްފައިވަނީ އެއް އިރުޝާދެކެވެ. އެ ލިޔުންތަކުގައި ދުނިޔޭގެ މަޝްހޫރު އަދީބުން ފަށުވިކޮށް ޢިބާރާތްކުރަން ދަސްކުރިގޮތް، އެ އަދީބުންގެ އަމިއްލަ ބަސްތަކުން ކިޔާދީފައި ވެއެވެ. މިކަންކަމުން އަޅުގަނޑަށް ވިސްނުނީ ހަމަ ކޮންމެ މީހަކަށް ވެސް، މަސައްކަތާއެކު ފަށުވިކޮށް ޢިބާރާތް ކުރަން ދަސްކޮށްދެވިދާނެކަމެވެ.
އަމީނިއްޔާ ސްކޫލްގެ ވަޒީފާއަކަށް އެދުނު އިނގިރޭސި ކިޔަވާދިނުމުގެ ޑިގްރީ އެއް އޮތް މީހަކަށް އިންޓަރވިޔޫ ތެރޭގައި އިނގިރޭސިބަހުން މަޒުމޫނެއް ލިޔަން ދިނެވެ. އެ ސްކޫލްގެ ނާޒިރު އެ ވަޒީފާއަށް އެދުނު ފަރާތުން ލިޔެފައިވާ މަޒުމޫނު އަޅުގަނޑަށް ފޮނުވިއެވެ. އެ މަޒުމޫނުގައި ކުށެއްނެތް އެންމެ ޖުމުލައެއް ވެސް ނެތެވެ. މިއީ މަދަރުސާގައި 10 އަހަރު އިނގިރޭސި ކިޔަވާފައި، 3 އަހަރު ޔުނިވަރސިޓީގައި އުޅެ ޑިގްރީ ސަނަދު ހޯދާފައިވާ ދަސްވެންޏެއްގެ ފެންވަރެވެ. މިކަން މިހެން ހުރި ކަމުގައިވަނީ ނަމަ، މަދަރުސާ ނިންމާ ދަރިވަރުންގެ ޙާލަކީ ފަހެ ކޮބައިހެއްޔެވެ؟
ހަތަރު އަހަރު ދުވަހު ކިޔެވުމަށްފަހު އެމެރިކާގެ ކޮލެޖްތަކުން ނެރޭ ކުދިންގެ ކިބައިގައި އެކަށީގެންވާ މިންވަރަކަށް ފިކުރީ ހުނަރުތައް ނުހުންނަކަމަށް ދިރާސާތަކުން ދައްކައެވެ. ވަކިން ޚާއްޞަކޮށް، ދަސްވެނިވާ މީހުންގެ ލިޔުންތެރިކަމުގެ ހުނަރުދަނީ ގެނބެމުންނެވެ. ތިންބައިކުޅަ އެއްބައި ކުދިން، ކޮލެޖްގެ ފުރަތަމަ އަހަރުން ތިންވަނަ އަހަރަށް ދާއިރު މި ދެމެދުގައި ވީ ދުވަސްތަކުގައި ލިޔުންތެރިކަމަށް އެއްވެސް ކުރިއެރުމެއް ނާދެއެވެ. މިހެން މިކަން ހުރިއިރު، ވަޒީފާދޭ %80 ފަރާތްތަކުން ބުނަމުންދަނީ ދަސްވެނިންގެ ކިބައިގައި ލިޔުންތެރިކަމުގެ ހުނަރު މިހާރަށް ވުރެ ރަނގަޅުވާން ޖެހޭނެ ކަމަށެވެ.
އަދަބީ ލިޔުންތެރިއަކަށް ވުމަށް ތިބާ ޝައުޤުވެރިކަން ނެތަސް، ފަށުވިކޮށް ޢިބާރާތްކުރަން އެނގުމަކީ، ތިބާއަށް ޙާޞިލްކުރެވޭނޭ ހުނަރުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ހުނަރެވެ. ފޭސްބުކް ނުވަތަ ބްލޮގެއްގައި އެއްޗެއް ލިޔުމުން ފެށިގެން ކުންފުނިތަކުގައި ނުވަތަ އޮފީސްތަކުގައި ލިޔަންޖެހޭ މެމޯ އާއި ރިޕޯޓްތަކާ ހަމައަށް، ނުވަތަ ދަރިފުޅުގެ މައްސަލައެއްގައި ސްކޫލަށް ނުވަތަ އެހެންކަމަކު އޮފީހަކަށް ލިޔަންޖެހޭ ސިޓީއެއް ނުވަތަ އީމެއިލަކުން ފެށިގެން ކައްކާ އެއްޗެއް ހަދާނޭ ގޮތް ރައްޓެއްސަކަށް މެސެޖްކުރުމާ ހަމައަށް ލިޔުންތެރިކަމުގެ ހުނަރުވާނީ ތިބާއަށް ބޭނުންތެރި ޔާރަކަށެވެ. ލިޔުންތެރިކަމުގެ ހުނަރަކީ ކޮންމެ އަންހެނަކާއި ފިރިހެނެއް، ޢުމުރުގެ ހުރިހާ ދުވަސްވަރަކު ކުރިއަރުވަން މަސައްކަތް ކުރަންޖެހޭނޭ ހުނަރެކެވެ.
މި މަޒުމޫނުގައި އަޅުގަނޑު މި ޚުލާޞާކޮށްލަނީ، ފަށުވިކޮށް ޢިބާރާތްކުރަން ފަށައިގަންނާނޭ ގޮތެވެ. އެ ގޮތަކީ، އެހެންމީހުންގެ އަދަބީ ލިޔުންތައް ނަކަލުކުރުމެވެ. މިކަމަށް އިނގިރޭސިބަހުގައި ޚާއްޞަ ލަފުޒެއްވެސް އޮވެއެވެ. އެއީ ”ކޮޕީވާރކް“ އެވެ. ކޮޕީވާރކް ނުވަތަ އެހެންމީހުންގެ ލިޔުންތައް ނަކަލުކުރުމަކީ ވަރަށް ފަހާ ޖެހޭންދެން ދަރިވަރުން ޢިބާރާތްކުރަން ދަސްކުރި ގޮތެވެ. އަދި އެއީ މާޒީގެ އެންމެ މޮޅެތި އަދީބުން މި ހުނަރަށް ފާގަތިވި ގޮތުގެ ”ސިއްރު“ އެވެ. އެންމެ ފުރަތަމަ މިވާހަކަ އަޑުއިވުމުން، އެއީ ހެއްވާ އަދި އިތުބާރެއްނެތް ގޮތެއްކަމަށް ހީވެދާނެއެވެ. ނަމަވެސް، މި މަޒުމޫނު ނިމެންދެން ކިޔާފިނަމަ، އެ ވަސްވާސްތައް ހިތުން ފިލައިގެން ގޮސްފާނެއެވެ.
ނަކަލުކުރުމުގެ ތާރީޚް
ނަކަލުކުރުމަކީ، އަށާރަވަނަ ޤަރުނާއި ނަވާރަވަނަ ޤަރުނުގައި، އެމެރިކާގެ ކިޔަވާ ކުދިންނަށް ޢިބާރާތްކުރަން ދަސްކޮށްދިން ޢާންމު ގޮތެވެ. އެގޮތްވެފައިވަނީ، އަތުލިޔުމާއި، ބަހުގެ ގަވާއިދާއި ލިޔުމުގައި ބޭނުންކުރާ ޚާއްޞަ ނިޝާންތައް ދަސްކޮށްދޭން ފަސޭހަ އަދި ބޭނުންވާ ނަތީޖާ ހަލިކޮށް ނެރެވޭ ގޮތަކަށެވެ. ނަމަވެސް، ވިހިވަނަ ޤަރުނު ފެށުމާއެކު، ދަރިވަރުންނަށް ޢިބާރާތް ކުރަން މިގޮތުން ދަސްކޮށްދިނުމާ ދުރަށް މުދައްރިސުން ދާން ފަށައިފިއެވެ. ބައެއް މުދައްރިސުންނަށް ގަބޫލުކުރެވެން ފެށީ، ކޮޕީކުރުމަކީ ނުވަތަ ތަޤްލީދުކުރުމަކީ ޢިބާރާތްކުރަން ދަސްކޮށްދޭން އެންމެ ރަނގަޅު ގޮތް ނޫންކަމެވެ. މިގޮތް ކިޔަވާދިނުމުގައި ބަދަލުގައި، މުދައްރިސުން ހަދަން ފެށިގޮތަކީ، ރަނގަޅު ޢިބާރާތްތަކުގައި ހުންނަ އާއްމު ސިފަތައް ކިޔަވާދީފައި، ދަރިވަރުން އެފަދަ ސިފަތައް ހިމެނޭ ގޮތަށް ޢިބާރާތްކުރަން ދޫކޮށްލީއެވެ. މިގޮތަކީ، ތިއަރީގައި ނުވަތަ ޚިޔާލުގައި ރަނގަޅު ގޮތެއްކަމަށް ވެދާނެއެވެ. ނަމަވެސް، އަމަލީގޮތުން މިއުޞޫލުން އެދެވޭ ނަތީޖާ ނެރެވޭހެނެއް ހިއެއް ނުވެއެވެ. ކުރިން ބަޔާން ކުރެވުނު ފަދައިން މަދަރުސާ ނިންމާ ދަރިވަރުންގެ ލިޔުންތެރިކަމުގެ ނިކަމެތިކަމުން މިކަން ދޭހަވެއެވެ. ނޫސްތަކުގެ ޚަބަރުތައް ކިޔާލުމުންނާއި ޚަބަރުތަކާ ގުޅިގެން ކިޔުންތެރީން އެމީހުންގެ ޚިޔާލުތައް ބަޔާންކޮށް ލިޔާ ކޮމަންޓްތަކުގެ ބަހުގެ ފެންވަރަށް ނަޒަރު ހިންގާލުމުން މިކަން ޔަޤީންވެއެވެ. ކަން މިހެން ހުރުމުން، ކާބަފައިން ޢިބާރާތްކުރަން ދަސްކޮށްދޭން ބޭނުންކުރި ގޮތުގައި، މަންފާތަކެއް ހުރިކަމަށް ފެނެއެވެ. ނަކަލުކުރުމުގެ ބޭރު ތޮށިފަށަށް ބަލާލުމުން، އެއީ ފޫހި، އަދި ނާކާމިޔާބު ވާނެ ގޮތެއްކަމަށް ފެންނާނެއެވެ. އެކަމަކު، އިންސާނުން ދަސްކުރާ ހުރިހާ އެއްޗެއް ދަސްކުރަނީ މައިގަނޑު ގޮތެއްގައި ތަޤްލީދުކޮށްގެންނެވެ. ކޮޕީ ކޮށްގެންނެވެ. އަޅުގަނޑުމެން ކުޑައިރު، އަޅުގަނޑުމެން ވާހަކަދައްކަން ދަސްކުރީ އެހެން މީހުން ވާހަކަ ދައްކާ ގޮތަށް ބަސްބުނަން ދަސްކޮށްގެންނެވެ. ހިނގަން ދަސްކުރަނީ ވެސް އެހެންމީހުން ހިނގާ ގޮތް ބަލައިގެންނެވެ. ކަސްރަތުގެ ހުނަރެއް ދަސްކުރަނީ ވެސް، އެހެންމީހުން އެކަން ކުރާ ގޮތް ބަލައިގެންނެވެ. އެކި ޙާލަތްތަކުގައި، ކަންކުރާނޭ ގޮތް އަޅުގަނޑުމެން ދަސްކުރަނީ އެ ޙާލަތްތަކުގައި އެހެންމީހުން ޙަރަކާތްކުރާ ގޮތް ބަލައިގެންނެވެ. މިހެން މިކަން ހުރި އިރު، ޢިބާރާތްކުރަން ދަސްކުރަން، ކޮޕީކުރަން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟ މިއީ އަޅުގަނޑުމެން މިއުޅޭ ޒަމާނުގެ ޚިޔާލާތްތަކުން އަޅުގަނޑުމެންގެ ފިކުރަށް ކުރާ އަސަރެއް ހެއްޔެވެ؟ އީޖާދުކުރުމާއި އަމިއްލަގޮތްތައް އިސްކުރުމަށް މި ޒަމާން ޖެހިފައިވާ މަންޖޯޅިޖެހުމުގެ ނަތީޖާ ހެއްޔެވެ؟ ކަމަކާ ދޭތެރޭ ޝައުޤުވެރިކަން ހުރިނަމަ، އެ ޝައުޤުގެ ސަބަބުން، ކޮންމެ ފަންނެއްގެ ހުނަރުތައް ވެސް އާރަކުން ފެން ކޯދުލާ އަރާހެން އަޅުގަނޑުމެންގެ ގުނަވަންތަކުން ފާޅުވާނެކަމަށް އަޅުގަނޑުމެންނަށް ހީވާ ކަހަލައެވެ. ޙަޤީޤަތަކީ، މާޒީގެ މޮޅެތި މޮޅެތި އަދީބުން އެމީހުން ހޯދާފައިވާ މަތިވެރި މަޤާމު ހޯދީ މިފަދަ ވަސްވާސްތައް އަޑުއަހައިގެންނެއް ނޫނެވެ. އަދި ކިއެއްތަ، އެހެންމީހުންގެ އަދަބީ އުފެއްދުންތައް، ފޫހިކަމެއްނެތި ހިތްވަރާއެކު މަސައްކަތުން ކޮޕީކޮށްގެންނެވެ.
ނަކަލުކޮށްގެން މޮޅެތި އަދީބުންނަށްވި ލިޔުންތެރިން
އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ ތާރީޚްގެ މަޝްހޫރު އަދީބުން، ގަލަން ނަގާ ކަރުދާހުގައި ޖައްސާލުމުން، އެމީހުންގެ ޠަބީޢީ ހުނަރުގެ ފަންވާރާއިން، ރީތި ޢިބާރާތްތައް އުތުރެމުން އަރާނެ ކަމަށެވެ. އަޅުގަނޑުމެން ޤަބޫލުކުރަނީ، އެހެން މީހުންގެ ލިޔުންތައް ކޮޕީކޮށްގެން ދަސްކުރަންޖެހޭނީ އެއްވެސް ހުނަރެއް ނެތް މީހުން ކަމަށެވެ. ނަމަވެސް، ޙަޤީޤަތަކީ މޮޅެތި ލިޔުންތެރިން، ލިޔަން ދަސްކުރަނީ އެމީހުންގެ ކުރިން ދުނިޔެއަށް އައި ލިޔުންތެރިންގެ ލިޔުންތައް އުނދަގުލާއެކު އަތުން ލިޔެގެންނެވެ. މި ލިޔުންތެރިންނަށް އެނގޭ ކަމަކީ، ކޯދުގައި ކުރުނބާ ނުގަންނަ ފަދައިން، މީހެންގެ ލިޔުމުގެ ފުރިހަމަ ވެފައިވާ ސްޓައިލް ނުވަތަ ފޭޑި އާއި ޚާއްޞަ ގޮތްތައް ކުއްލިއަކަށް އުފަން ނުކުރެވޭނެ ކަމެވެ. ކުރުނބާ ބޭނުންނަމަ، ކާށި ވަޅުލައިގެން ކޯދު އަރުވައިގެން، ރުއް ހައްދައިގެން ނޫނީ ކުރުނބައެއް ނުލިބޭނޭ ކަމެވެ. އެހެން ލިޔުންތެރިއެއްގެ ލިޔުން ކޮޕީކުރުމުގެ މަޤްޞަދަކީ، އެމީހެއްގެ ލިޔުމުގެ ފޭޑި ކޮޕީ ކުރުމެއް ނޫނެވެ. ލިޔުމުގެ އަމިއްލަ ސްޓައިލެއް އުފަން ކުރުމެވެ. މޮޅެތި މޮޅެތި ކެއްކުންތެރިން، އެހެން ކެއްކުންތެރިންގެ އުފެއްދުންތަކުގެ ރަހަތައް ބަލައި، އެމީހުންގެ އަމިއްލަ ކެއްކުންތައް ކުރިއަށް ވުރެ ފުރިހަމަ ކުރެއެވެ. މޮޅެތި ލިޔުންތެރިން، އެހެން މީހުން ޢިބާރާތްކޮށްފައި ހުންނަ ގޮތުގެ ހަމަތައް ބަލައި، އެ ހަމަތައް އެމީހުންގެ ލިޔުންތަކުގައި ބޭނުންކޮށްގެން މުޅިން އަމިއްލަ ގޮތެއް ލިޔުމުގެ ފޭޑިއަށް ގެނެއެވެ. ދެން މި ހުށަހަޅާލަނީ އިނގިރޭސި ބަހުން ލިޔެފައިވާ ބައެއް މަޝްހޫރު ލިޔުންތެރިން ލިޔުމުގެ ހުނަރު ދަސްކުރިގޮތާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކައެވެ. މީގެ ތެރޭގައި ދިވެހި އަދީބެއްގެ ވާހަކަ ނުހިމެނެނީ އެފަދަ ލިޔުމެއް އަދި އަޅުގަނޑަށް ފެނިފައި ނުވާތީއެވެ.
ޖެކް ލަންޑަން: (ޖެކް ލަންޑަން އަކީ 50 އަށް ވުރެ ގިނަ ވާހަކަ ލިޔުނު އެމެރިކާގެ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާގެ ޢުމުރުގެ ފަހުކޮޅުގައި ދުވާލަކު 1000 ލަފުޒު ލިޔާކަމަށް ބުނެވެއެވެ. މީނާއަކީ (ކޮލެޖަކަށް ނުގޮސް) އަމިއްލައަށް ކިޔަވައިގެން މޮޅުވި މީހެކެވެ.) ލިޔުންތެރިކަން ދަސްކުރަން އޭނާ ހެދިގޮތަކީ އެހެން މޮޅެތި ލިޔުންތެރިންގެ ވާހަކަ ފޮތްތައް ދިރާސާކުރީއެވެ. އޭނާއަށް އެންމެ މަޤްބޫލު ލިޔުންތެރިއަކީ ރުޑްޔާރޑް ކިޕްލިންގ އެވެ. ކިޕްލިންގ އަކީ އިންޑިޔާއަށް އުފަން ޅެންވެރިއެކެވެ. އަދި ނޮބެލް އިނާމު ލިބުނު ލިޔުންތެރިއެކެވެ. ދުވާލަކު އެތައް ގަޑިއިރެއް ވަންދެން، އަދި އެތައް ދުވަހެއް ވަންދެން، ޖެކް ލަންޑަން އޭނާ އަމިއްލަ އަތުން، ކިޕްލިންގެ ފޮތްތައް ކޮޕީކުރިއެވެ. މި މަސައްކަތުން އޭނާ ޢުއްމީދުކުރީ، މަޤްބޫލު މި ލިޔުންތެރިޔާގެ ޢިބާރާތްތަކުގައި ހުންނަ މިޔުޒިކީ ހަމަތަކާއި ބާރުގަދަ ތާލު އޭނާގެ އަމިއްލަ ލިޔުންތެރިކަމުގައި ހަރުލެއްވިދާނެ ކަމަށެވެ. ޖެކް ލަންޑަންގެ މި މަސައްކަތް ބޭކާރެއް ނުވެއެވެ. އޭނާގެ ޙަޔާތުގެ ފަހުކޮޅުގައި، މި މަސައްކަތުން ކުރި ފައިދާ ޝުކުރުވެރި ހިތަކުން އޭނާ ފާޅުކުރިއެވެ: ”އަހުރެންގެ ނަޒަރުގައި، އަހުރެންގެ އުފެއްދުންތަކުގައި ކިޕްލިން ގެ ޢިބާރާތްތަކުގެ ފޭޑިއަށް ނިމުމެއް ނެތެވެ. އަހުރެން އޭނާއަށް ހަވާލާދީވެސް ބައެއް ޢިބާރާތް ހިމަނާފައިވާނެއެވެ. ކިޕްލިން ނުވާނަމަ، އަހުރެންގެ ލިޔުންތައް މިހާރު އެހުރި ފެންވަރާ ގާތް ފެންވަރަކަށް ވެސް ދުވަހަކުވެސް ނުލިޔެވުނީހެވެ. ތެދެކެވެ. މުޅީން ތެދެވެ. މިއިން ކޮންމެ ބަހަކީ ހަމަ ތެދެވެ.“
ރޮބަރޓް ލުއިސް ސްޓީވަންސަން: (ސްޓީވަންސަން އަކީ އިނގިރޭސި އަދަބީ އުޑުގައި ގަދަޔަށް ފިޔަޖެހި ގުރަހައްޔެކެވެ. އޭނާގެ މަޝްހޫރު ފޮތްތައް، މިސާލަކަށް ”ޓްރެޜަރ އައިލަންޑް“ ފަދަ ވާހަކަތަކަކީ މިހާރުވެސް ރާއްޖޭގައި އިނގިރޭސި އަދަބިއްޔާތު ކިޔަވާދިނުމުގައި ބޭނުންކުރާ ފޮތްފޮތެވެ.) މި ވަރުގަދަ ލިޔުންތެރިޔާ، ލިޔުންތެރިކަން ދަސްކުރަން، މަޝްހޫރު އަދީބުންގެ ވާހަކަތައް، ލަފުޒުން ލަފުޒަށް އަތުން ލިޔުނެވެ. އޭނާ މަޝްހޫރު ލިޔުންތެރިއެއްގެ ލިޔުންކޮޅެއް ނަގައި، ދެފަހަރަށް ފަރުވާތެރިކަމާއެކު ކިޔާލައެވެ. އެއަށްފަހު، ދެން ފޮތް ނުބަލައި ކަރުދާސް ގަނޑެއްގައި ކީ އެއްޗެއް ހިތުން ލިޔެވޭތޯ ބަލައެވެ. އަކުރުން އަކުރަށް، ލިޔުމުގައި ބޭނުން ކުރާ ނިޝާންތަކާ އެކުއެވެ. ފުރަތަމަ ކޮޅުގައި މިކަންވީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި އޭރު ހިތުން އޭނާ ލިޔުނު ލިޔުންތަކުގައި އަޞްލާ ތަފާތު އެތައް ތަނެއް ހުރެއެވެ. އެކަމަކު، ދުވަސް ކޮޅަކުން ކަމަށް ފަރިތަވުމުން، އޭނާއަށް ދިގު ލިޔުމެއް ކިޔާލާފައި، އަޞްލާ އެއްގޮތަށް ހިތުން ލިޔެވެއެވެ. މަޝްހޫރު ލިޔުންތެރިއަކަށް ވުމަށް ފަހުގައިވެސް ނަކަލުކުރުން އޭނާ ދުލެއް ނުކުރެއެވެ.
މި މަސައްކަތުން ސްޓީވަންސަން އަށް ލިޔުމުގެ ފޭޑިއާއި ބަހުގެ ޤަވާއިދު ދަސްވުމުގެ އިތުރަށް، އެކަން ކުރާ ގޮތުން — ދެ ފަހަރު ކިޔާފައި ހިތުން ލިޔާތީ — ކިޔާއިރު ފަރުވާތެރިވުމަށް އޭނާ އަށް ދަސްވިއެވެ. މިކަންކަމުން، އޭނާވީ ކުރިއަށްވުރެ ވެސް ރަނގަޅު ލިޔުންތެރިއަކަށެވެ. މަޝްހޫރު އެހެން ލިޔުންތެރިއަކު ރޮބަރޓް ސްޓީވަންސަން އާ ބެހޭ ގޮތުން ބުނެފައި ވެއެވެ: ”ވަކި ތަނެއްގައި ބޭނުންކުރަންވީ ރަނގަޅު ލަފުޒު، ސްޓީވަންސަން ގެ ޤަލަމުގެ ތުޑުގައިވާ ފަދައެވެ.“ ޙަޤީޤަތަކީ ސްޓީވަންސަންގެ ޚާއްޞަ ލިޔުންތެރިކަމާއި ލިޔުމުގެ ފޭޑީގައި ހިމެނޭ ހުނަރަކީ އެތައް ދުވަހެއް ވަންދެން މޮޅެތި ލިޔުންތެރިންގެ ލިޔުންތައް ނަކަލުކޮށްގެން ހޯދާފައިވާ ޤާބިލްކަމެކެވެ.
ބެންޖާމިން ފްރެންކްލިން: (ބެންޖާމިން ފްރެކްލިން އަކީ އެމެރިކާގެ މަޝްހޫރު ސައިންސްވެރިއެކެވެ. ސިޔާސީ މީހެކެވެ. އަދި ގިނަ ލިޔުންތަކެއް ޝާއިޢު ކުރި މީހެކެވެ.) ލިޔުންތެރިކަމުގެ ހުނަރު އުނގެނެން ވެގެން ފުރާވަރުގައި އޭނާ ކަންކުރިގޮތާ ބެހޭ ގޮތުން އޭނާ ބުނެއެވެ: ”މި ދުވަސް ވަރު އަހުރެންނަށް ‘ދަ ސްޕެކްޓޭޓަރ’ ކިޔާ ފޮތުގެ ކޮޕީއެއް ލިބިއްޖެއެވެ. އޭގައިވާ ލިޔުންތައް ކިޔާލުމުން އެއީ ވަރަށް ފުރިހަމަ ލިޔުންތަކެއްކަން ފާހަގަ ކުރެވި، އެގޮތަށް ލިޔެވޭތޯ ބަލަން ބޭނުން ވެއްޖެއެވެ. މި ޚިޔާލުގައި އޭގައިވާ ޖުމުލަތަކެއް ފާހަގަކޮށް، އެ ޖުމުލަތަކުގައި ހިމެނޭ ދެތިން ލަފުޒެއް ލިޔެލާފައި ދެތިން ދުވަސް ވަންދެން ބާއްވާއި، ހިތުން މުޅި ޖުމުލަ ލިޔެވޭތޯ ބަލަމެވެ. މިގޮތަށް ލިޔާއިރު ކޮންމެހެން އަޞްލު ޖުމުލައިގައިވާ ހުރިހާ ލަފުޒެއް ހަނދާން ނުވާނަމަ، އަމިއްލަ ލަފުޒު ހިމަނައިގެން ޖުމުލަ ނިންމާ، ފޮތުގައިވާ ޖުމުލައާ އަޅާ ކިޔަމެވެ. މިގޮތުން އަހުރެންނަށް ހެދުނީ ކޮންކޮން ކުށެއްތޯ ބަލައި ކުށްތައް ރަނގަޅު ކުރީމެވެ. މި މަސައްކަތުން އަހުރެންނަށް އެނގުނީ އިތުރު ލަފުޒުތައް އަހުރެންނަށް އެނގެން ޖެހޭ ކަމެވެ. ނޫނީ ލަފުޒުތައް ހަނދާނަށް އަވަހަށް ގެނެސް އެ ލަފުޒުތައް ބޭނުންކުރާ ގޮތް އެނގެންޖެހޭކަމެވެ. މިކަން ކުރުމަށް، ބައެއް ވާހަކަތައް އަހުރެން ޅެމަށް ބަދަލުކުރަމެވެ. ދެން އަހުރެން އެ ޅެން، ކުރީގެ ޖުމުލަތައް ހަނދާން ނެތޭހާ ދުވަސް ކޮށްފައި، އަލުން އާދައިގެ ޖުމުލައަށް ބަދަލުކުރަމެވެ. ބައެއް ފަހަރު، އަހުރެން ކުރީގެ ޖުމުލަތައް ހަނދާން ކުރަންވެގެން ފާހަގަ ކުރާ ލަފުޒުތައް ތަރުތީބެއް ނެތި އޮޅުވާލަމެވެ. ދެން ދުވަސްކޮޅެއް ކޮށްލާފައި، ލަފުޒުތައް އެންމެ ފުރިހަމަ ތަރުތީބަށް އަތުރާލައިގެން ރީތި ޖުމުލައެއް ހެދޭތޯ ބަލަމެވެ. މިއީ ޚިޔާލުތައް ތަރުތީބަކަށް އަތުރަން ދަސްކުރަން އަހުރެން ކުރި ކަމެކެވެ. ފަހުން ލިޔުނު ޖުމުލަތައް ކުރީގެ ޖުމުލަތަކާ އަޅާ ބެލުމުން، އަހުރެންނަށް ހެދިފައިވާ ކުށްތައް ފާހަގަކުރެވިގެން ޖުމުލަ ރަނގަޅު ކުރަމެވެ. ބައެއް ފަހަރު، ލަފުޒުތައް އަހުރެންނަށް އެތުރިފައިވާ ގޮތަކީ އަޞްލު ޖުމުލައިގައި އޮތް ގޮތަށް ވުރެ ވެސް ރަނގަޅު ގޮތްހެން ހީވެއެވެ.“
ފްރެކްލިން ޢިބާރާތް ކުރަން ދަސްކުރަން ނަކަލުކުރަން ހެދިގޮތް، ކުރިން ބުނެވިދިޔަ އެހެން އަދީބުން ކަންތައްތައް ކުރި ގޮތާ ކުޑަކޮށް ތަފާތެވެ. އެގޮތް ތިރީގައި މި ޚުލާޞާކޮށްލަނީއެވެ.
- މަޒުމޫނު ނުވަތަ ލިޔުން ކިޔުން.
- ކޮންމެ ޖުމުލައަކާ ގުޅޭގޮތުން ނޯޓުލިޔުން.
- ނޯޓުތައް ބަލައިގެން ކުރިން ކީ މަޒުމޫނު އެ އޮތްގޮތަށް ލިޔެވޭތޯ ބެލުން. ބައެއްފަހަރު މިގޮތަށް އެކުލަވާލާ ނޯޓުތައް އުނދަގޫކުރުމަށް ތަރުތީބު އޮޅުވާލައެވެ.
- އަޞްލް އާއި ފަހުން ލިޔުނު ލިޔުމާ ހުރި ތަފާތު ބެލުން.
- ފަހުން ލިޔުނު ލިޔުން ރަނގަޅު ކުރެވޭތޯ ބެލުން.
ކުރިއަށް ވުރެ ރަނގަޅު ލިޔުންތެރިއަކަށް ވުމަށް ނަކަލުކުރުން އެހީތެރިވެދެނީ ކީއްވެ؟
ހަންޓަރ ތޮމްސަންއަކީ މަޝްހޫރު ލިއުންތެރިއެކެވެ. އޭނާ އެންމެ މަޝްހޫރުވަނީ، ޙަޤީޤަތަށް ވުރެ ބޮޑަށް ނޫސްވެރިޔާގެ ނަޒަރުން ޚަބަރު ލިޔުން ނުވަތަ ”ގޮންޒޯ ޖާރނަލިޒަމް“ ތަޢާރުފު ކުރުމާ ގުޅިގެންނެވެ. ”ޓައިމް މެގެޒިން“ ކިޔާ މަޝްހޫރު މަޖައްލާގެ އޮފީހުގައި އޭނާ މަސައްކަތް ކުރިއިރު، ލިޔަން ދަސްކުރަން ހެދިގޮތަކީ، ”ދަ ގްރޭޓް ގެޓްސްބީ“ އާއި ”އަ ފެއަރވެލް ޓު އާރމްސް“ މި ދެފޮތް އަމިއްލައަށް ޓައިޕު ޖަހައިގެން އެއްކޮށް ނިންމީއެވެ. ތިރީގައި އެވަނީ ނަކަލުކުރުމުން ތިމާގެ ލިޔުންތެރިކަމުގެ ހުނަރު ކުރިއަރާ ސަބަބު ތަކެވެ.
ލިޔުމުގެ ސްޓައިލް ނުވަތަ ފޭޑި ރަނގަޅުވުން: މަޝްހޫރު ލިޔުންތެރިންގެ ލިޔުންތައް ނަކަލުކުރަން ފެށުމުން، ތިބާއަށް އެމީހުންގެ ލިޔުންތަކުގައި ގެންގުޅެފައިވާ އެމީހުންނަށް ޚާއްޞަ ފޭޑި ފާހަގަކުރެވޭނެ އެވެ. އަދި ތިބާ އަމިއްލައަށް ކުރާ ޢިބާރާތްތަކުގެ ތެރެއަށް އެމީހުން ގެންގުޅޭ ޚާއްޞަ އަދަބީ ގޮތްތައް މަޑުމަޑުން ވަންނަމުން ދާނެއެވެ.
ޢިބާރާތް ކުރުމުގައި ބޭނުންކުރާނޭ އެންމެ ފުރިހަމަ ލަފުޒުތައް ޚިޔާރުކުރަން އެނގުމާއި ބަހުގެ ގަވާއިދަށް ފަރިތަވުން: ލިޔުންތެރިންގެ ސްޓައިލް ނުވަތަ ފޭޑީގެ މުހިންމު ދެ ސިފައަކީ އެމީހުން ބޭނުންކުރާ ލަފުޒުތަކާއި އަދި ލަފުޒުތައް އަތުރާފައިހުންނަ ގޮތެވެ. ފަރުވާތެރިކަމާއެކު އަދީބުންގެ ލިޔުންތައް ކިޔައި، އަތުލިޔުމުން އެ ނަކަލުކުރުމުން، ލަފުޒުތައް ޖުމުލައިގައި އެންމެ އަސަރުކުރާ ގޮތަށް ހިމަނާ ތަންތަނާއި ލަފުޒުތައް ބޭނުންކުރާ ގޮތް ދަސްވަމުން ދާނެއެވެ. މި މަޒުމޫނު އަޅުގަނޑު ލިޔުނީ ދިވެހި ތިން އަދީބެއްގެ ފޮތް، އެހެންކަމަކާ ގުޅިގެން، ކިޔުމަށް ފަހުއެވެ. މިކަމުގެ ސަބަބުން، މިމަޒުމޫނު ލިޔުމަށް އެކަމުން ކުރާ އަސަރު އަޅުގަނޑަށް ލިޔަމުންދާއިރު ފާހަގަވަމުން ދެއެވެ. އެ ފޮތްތައް ނަކަލުކުރި ނަމަ ކުރާނޭ އަސަރު ކިހާ ބޮޑުވާނެ ހެއްޔެވެ؟
ޕެރެގްރާފު ލިޔުމަށް ފާގަތިވުން: ފަށައިގަންނަ ލިޔުންތެރިންނަށް އެންމެ އުނދަގޫ ދެކަމަކީ ޚިޔާލުތައް ޕެރެގްރާފުތަކަށް ބެހުމާއި އެއް ޕެރެގްރާފު އަނެއް ޕެރެގްރާފާ ގުޅުވުމެވެ. ނަކަލުކުރުމުން، މަޝްހޫރު ލިޔުންތެރިން އެމީހުން މިކަން ކޮށްފައިވާ ގޮތް ދެނެގަނެވި އެ ކަން ކުރާގޮތަށް ތިމާއަށް ވެދެވިދާނެއެވެ.
އިމްލާ ރަނގަޅުވުން: އަދީބުންގެ ފޮތްތައް ޗާޕާ ހަމައަށް ގޮސްފައި ހުންނަނީ ގިނަ ފަހަރު އެހެން މީހަކު ފޮތްތައް އެޑިޓް ކުރުމަށްފަހުއެވެ. އެހެންކަމުން ޕުރޫފްބަލާފައި ހުންނަ މިފަދަ ފޮތްތަކުގައި ކުށްތައް މަދުވާނެއެވެ. ފޮތްތައް ނަކަލުކުރުމުން، ބަހުގެ ގަވާއިދާއި ލިޔުމުގެ ނިޝާންތަކާއި އިމްލާއަށް ތިބާ މޮޅުވާނެއެވެ.
ނަކަލުކުރުމުގެ އެހެން މަންފާތައް
ނަކަލުކުރުމުން ލިޔުން ރަނގަޅުވުމުގެ އިތުރަށް އެހެން މަންފާތައް ތިބާއަށް ކުރާނެއެވެ.
ހަނދާން ގަދަވުމާއި ކަންކަމަށް ސަމާލުކަން ދިނުން ފަހިވުން: ކުރިން ބަޔާންކުރެވުނު ސްޓީވަންސަންގެ ގޮތަށް ނަކަލު ކުރާނަމަ، ތިބާގެ ހަނދާން ގަދަވާނެކަން ޔަޤީންއެވެ. ދެފަހަރަކު ޕެރެގްރާފެއް ކިޔުމަކީ އަދި އެއަށް ފަހު ހަނދާނުން ލިޔުމަކީ ސިކުޑިއަށް ކުރަންޖެހޭ ވަރަށް ބޮޑު މަސައްކަތެކެވެ. އަހަރެން މިކަން އެންމެ ފުރަތަމަ ފަހަރު ކުރަން އުޅުމުން ވަރަށް ބޮޑަށް ނާކާމިޔާބު ވިއެވެ. އެންމެ ޖުމުލައެއް ވެސް ނުލިޔެވުނެވެ. އެކަމަކު ފަހުން، އެއް ޖުމުލަ، ދެން ދެ ޖުމުލަ ލިޔެވެމުން ގޮސް އެންމެ ފަހުން ޕެރެގްރާފެއް ހިތުން ލިޔެވޭ ވަރަށް ހަނދާން ގަދަވިއެވެ. ތިބާ އުޅެނީ މަދަރުސާގައި ކަމަށްވާ ނަމަ، ފިލާވަޅުތަކުގެ ނޯޓުތައް ނަކަލުކުރުމަކީ ނުވަތަ އަލުން ލިޔުމަކީ އެ ނޯޓުތައް ފަސޭހައިން ހަނދާން ހުންނާނޭ ކަމެކެވެ.
ވަކިކަމަކަށް ވިސްނުން ފޯކަސްކޮށް، ސަމާލުކަން އިތުރުކުރުން: ދުނިޔޭގައި އުޅުމުގައި މީހާގެ ފިކުރު ވަކި މިސްރާބަކަށް ފޯކަސްކޮށްލަން އެނގުމަކީ ނުވަތަ ތަރުކީޒުކުރަން އެނގުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިއީ ދިޔާނާ ނުވަތަ މެޑިޓޭޝަންގެ ބާވަތެކެވެ. ކަމެއް ކުރާއިރު އިންސާނާގެ ފިކުރުގައި އެތައް ޚިޔާލުތަކެއް އެނބުރެއެވެ. މި ޚިޔާލުތަކުގެ ހަޅޭކުގެ އަޑު ކަނޑުވާލައި އެއްކަމަކަށް ނަޒަރު ހުއްޓާލަން އެނގުމަކީ މީހާއަށް ރޫޙާނީ ހިތްހަމަޖެހުމަކާ އުފަލެއް ލިބޭ ކަމެކެވެ. ނަކަލުކުރަން ފަށައިގަންނަ އިރު، އެންމެ ފުރަތަމަ ތިބާ ވަރަށް ފޫހިވެ ނިދިއަންނާނެއެވެ. ނަމަވެސް ދުވަސްކޮޅަކުން މިކަމުން ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެއެވެ. ތާޖު މަހަލް ބިނާކުރި ޝާހް ޖަހާން ގެ ދަރިފުޅު އައުރެންޒެބް ރަސްގެފާނަކީ ޤުރްއާން އަތުންލިޔުއްވި ރަސްކަލެކެވެ. ބުނެވޭ ގޮތުގައި އޭނާ ކަފުންކުރީ އަތުން ލިޔާ ޤުރްއާންގެ ކޮޕީތައް ވިއްކައިގެން ލިބުނު ފައިސާއިންނެވެ. އޭނާއަކީ ޤުރްއާން ހިތުދަސް ރަސްކަލެކެވެ.
އަތުލިޔުން ރީތިވުން: އަތުލިޔުން ރީތިކުރަން ބޭނުންނަމަ، ނަކަލުކުރުމަކީ މިކަމަށް އޮތް ފަހިމަގެވެ. އެއީ އެންމެ ކުރީ ޒަމާނުއްސުރެ އަތުލިޔުން ރީތިކުރަން ދަރިވަރުން ކަންކުރި ގޮތެވެ. ކުރީ ޒަމާންތަކުގައި ރާއްޖެއާއި އެހެން ޤައުމުތަކުގެ މަދަރުސާތަކުގައި ރީއްޗަށް ލިޔަން ކިޔަވައިދިނީ ނަކަލުކުރުން މެދުވެރިކޮށެވެ. ނަކަލުކުރަމުން ދާއިރު، އަވަހަށް ލިޔުމުގެ ބަދަލުގައި ކޮންމެ އަކުރެއްވެސް ފަރުވާތެރިކަމާއެކު ބައްޓަންތަކަށް ސަމާލުކަން ދީގެން ލިޔަމުން ގެންދާށެވެ. މިގޮތަށް ކަންތައްކުރުމުން ނަކަލުކުރުން ލަސްވިޔަސް އެކަމާއަޅާ ނުލާށެވެ. ދުވަސްކޮޅަކުން ތިބާއަށް ފާހަގަކުރެވޭނީ އަތުލިޔުން ރީތިވަމުން އަންނަކަމެވެ.
ނަކަލުކުރަން ފަށައިގަންނާނޭ ގޮތް
ތިބާއަށް މަޤުބޫލު ލިޔުންތެރިއެއް ޚިޔާރުކުރާށެވެ. ފޮތެއް ނަކަލުކުރުމަކީ ވަރަށް ގިނަ ވަގުތު ދާނޭ ކަމަކެވެ. އެހެންކަމުން ޚިޔާރުކުރާ ލިޔުންތެރިޔާ ވާންވާނީ އެމީހެއްގެ ލިޔުންތަކަކީ ތިމާ ރުހޭ، އެއިން ތިމާގެ ލިޔުންތަކަށް އިލްހާމުލިބޭ، ފޫހިވުމެއް ނެތި ނަކަލުކުރެވިދާނޭ ފަދަ ލިޔުންތައް ލިޔެފައިވާ ލިޔުންތެރިއަކަށެވެ. ތިމާ ބޭނުންވަނީ ވާހަކަ ލިޔަން ކަމުގައި ވަނީނަމަ، ޚިޔާރު ކުރާނީ ވާހަކައެވެ. މަޒުމޫނު ލިޔަން ބޭނުންނަމަ، ނަކަލުކުރާނީ މަޒުމޫނެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ”ރަހަ ތަފާތު“ ކޮށްލަން ވާނެއެވެ. މިކަމުން، ކޮންމެ ބާވަތެއްގެ ލިޔުމެއް ލިޔަން ޖެހުނަސް، ޔަޤީންކަމާއި ފުރިހަމަ ކަމެއް އެ ލިޔުމަށް ގެނެވޭނެއެވެ.
ޓައިޕްކުރުމުގެ ބަދަލުގައި އަތުން ނަކަލުކުރާށެވެ. އަތުލިޔުމަކީ ފިކުރީ ގޮތުން އެތައް މަންފާއެއް ތިމާއަށް ކުރާ ކަމެއްކަން ދިރާސާތަކުން ހާމަވެއެވެ. އަތުން ތަކެތި ލިޔުމުން، އަޅުގަނޑުމެން ކަންކަމާ މެދު މާ ފުންކޮށް އަދި ފުރިހަމަކޮށް ވިސްނައެވެ. އެހެންކަމުން، ޓައިޕްކުރާ ހިތްވިއަސް، މި އެދުމުގެ މައްޗަށް ސިކުޑީގެ ބާރު ގަދަކޮށް، ގަލަމާއި ކަރުދާސް ބޭނުން ކުރާށެވެ.
ކުރު މަޒުމޫނުތަކުން ނަކަލުކުރަން ފަށާށެވެ. ސިޔަރަތު ނަކަލުކުރަން އެންމެ ފުރަތަމަ ނޫޅޭށެވެ. މިކަމުން ތިބާގެ ހިތްވަރު އެލި ނަކަލުކުރަން ފޫހިވެދާނެއެވެ. ކުރު މަޒުމޫނުތަކުން ނުވަތަ ވާހަކަތަކުން ދިގު ވާހަކަތަކަށް ނުވަތަ ފޮތްތަކަށް ކުރިއަރައި ދާށެވެ. ޅެމާއި ކުރު ވާހަކައަކީ ފަށައިގަތުމަށް ބޭނުން ކުރެވިދާނޭ ލިޔުމެވެ.
ކޮންމެ ދުވަހަކުވެސް ކަނޑައެޅޭ ވަގުތެއް ނަކަލުކުރުމަށް ހުސްކުރާށެވެ. ޑަޔަރީ ލިޔުން ފަދައިން ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް ނަކަލުކުރުމުގެ މަސައްކަތަށް އާދަކޮށް ހޭދަކުރާށެވެ. ކަންކަމަށް އާދަ ހިފުމަކީ އެކަމެއް ދާއިމަށް ކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
ނަކަލުކުރުމުން މަންފާއެއް ނުކުރާނޭ ކަމަށް ހީނުކުރާށެވެ. މިއީ ވަރަށް އާދައިގެ ކަމެއްކަމަށް ވިއަސް، މިކަމުން ތިބާގެ ލިޔުންތެރިކަމަށް ވަރަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ.
ޙަޤީޤތުގައި މަނިކުފާނުންގެ ދިރާސާ ވަރަށްފުރިހަމަ އެވެ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އޭރުކިޔަވާދެވެމުން އައީ މިގޮތަށެވެ. ގިނަފަހަރަށް ކޮންމެ ދަރިވަރަކަށް ފޮތެއް ނޯންނާތީ ، ނަމޫނާ ލިޔުންތައް ކިޔައިދެއްވާނީ މުދައްރިސް އަނގަބަހުންނެވެ ދަރިވަރުން ފިލާވަޅު ނަގަމުން ދިޔައި . އޭގެ ސަބަބުން އޭރުގެ މީހުންގެ ލިޔުންތަކުގައި ކުށް މަދުވެފައި ޢިބާރާތްކުރުމުގެ ފެންވަރުވެސް ރަނގަޅެވެ. އިމްލާ ލިޔާ އުސޫލުންނެވެ.
massala akee namoonaa negifai huree USA in kamah vaathee
الله ތިބާއައް ހެޔޮޖަޒާ ދެއްވާށި އަދި ތިބާގެ ލިޔުމުގެ ހުނަރު އިތުރުކޮއްދެއްވާ
ބަރަކާތް ލައްވާށި
އާމީން
ވަރަށް މުހިންމު މަޢުލޫމާތުކޮޅެއް، ޝުކުރިއްޔާ ސަރ
Thank you, sir. Your post was another excellent read. I truly appreciate your insights and the valuable information you share.
V rangalhu mauloomaathu hinenunu liumeh. V shauguverikoh kiyaalevunu.
އާ ލިޔުންތެރިން ކިޔާލަން ރަނގަޅު ލިޔުމެއް
ވަރަށް މުހިންމު ލިޔުމެއް… މާތް ﷲ ހެޔޮ ދަރުމަ ދެއްވާށި… އާމީން!