ދިވެހިބަހުން ދެވަނަ ފަރާތަށް ބޭނުންކުރާ ބަދަލުނަންތަކަށް ބަލާލުމެއް

އިބަ، ތިބާ، ކަލޭ، ކަލާ، ތަ

ތަޢާރުފު

ތިމާއަކީ ފުރަތަމަ ފަރާތް ކަމަށް ވަނީނަމަ، ދެވަނަ ފަރާތަށް އިޝާރާތް ކުރަން، ނަމުގެ ބަދަލުގައި ބޭނުން ކުރާ ލަފުޒުތަކަކީ އިނގިރޭސި ބަހުގައި ވަކި ޚާއްޞަ ގިންތިއެއް ކަމަށް ބަލަތެވެ. އެއީ ޕްރޮނައުން އެވެ. އާދެ! ނަމެއްގެ ބަދަލުގައި ބޭނުންކުރާ ލަފުޒެވެ. ބައެއް މީހުން ކިޔާގޮތުން ނަމަ ”ބަދަލުނަމެވެ.“ މިމަޒުމޫނުގެ މައިގަނޑު ބޭނުމަކީ ކިޔުންތެރިންނަށް، ދެވަނަ ފަރާތަށް ދިވެހިބަހުން ކިޔާ ލަފުޒުތަކުގެ ކުރު ޚުލާޞާއެއް ގެނެސް ދިނުމެވެ. އަދި ބަހުސްގެ ތެރޭގައި ތިންވަނަ ފަރާތަށް ބޭނުންކުރާ ލަފުޒުތައް ވެސް ގެނެސްދިނުމެވެ.  ނަމަވެސް މިކަމުގެ ތެރެއަށް ވަނުމުގެ ކުރިން، ދިވެހިބަހުގެ ލަފުޒުތައް ބަހާ ބައިތަކާ ބެހޭ ޚުލާޞާއެއް ގެނެސްދިނުމަކީ، ބޭނުންތެރިކަމެއް ކަމަށް ފެނެއެވެ.

ދިވެހިބަހުގެ ލަފުޒުތައް ބަހާ ބައިތައް ނުވަތަ ގިންތިތައް

މީހުން ލިޔެފައި ހުންނަ ލިޔުންތަކާއި ދައްކާ ވާހަކަތަކުގައި، އާދެ! ލިޔެކިޔުންތަކުގައި ހިމެނޭ ހުރިހާ ލަފުޒެއް، ބަހުގެ ޢިލްމުވެރިން އެކިބައިތަކަށް ބައި ކުރެއެވެ. މިއީ ބަސް ދަސްކުރުމަށާއި ބަހާ ބެހޭ އެކިކަންކަން އޮޅުންފިލުވުމަށް ކުރާ ކަމެކެވެ. މީހަކު ބުނާ ބުނުމެއްގައި، ލަފުޒު ހިމެނޭ ތަނަކުން ނުވަތަ ގޮތަކުން ލަފުޒު ހިމެނޭ ބައި ތަފާތު ވެދެއެވެ. އެއް ލަފުޒެއް، ޖުމުލައެއްގައި އެ ލަފުޒު އަދާ ކުރާ ވަޒީފާއެއްގެ ގޮތުން ލަފުޒު ނިސްބަތްވާ ބައި ތަފާތު ވެދެއެވެ. ލަފުޒުތައް ގިންތިކުުރުމުގައި ވެސް އޭގައި އެހެން ކޮންމެ އެއްޗެއް ކޮންމެ ގޮަތަކަށް ގިންތި ކުރުމުގައިވެސް ދިމާވާ  މައްސަލަތައް ދިމާވެއެވެ. މިސާލެއްގެ ގޮތުން އިނގިރޭސި ބަހުގައި ބޭނުން ކުރާ ލަފުޒުތައް ބެހެނީ 8 ބަޔަށް ކަމަށް ބައެއް މީހުން ބުނެއެވެ. އަނެއް ބައި މީހުން ބުނަނީ އިނގިރޭސި ބަހުގެ ލަފުޒުތައް ބެހެނީ 9 ބަޔަށްކަމަށެވެ. 

ދިވެހިބަހާ ބެހޭ އިހުގެ ފޮތްތަކުގައި، ދިވެހިބަހުގެ ލަފުޒުތައް ބެހެނީ ތިން ބަޔަށް ކަމަށް ބުނެއެވެ. އެއީ ކަމާއި ނަމާއި އަކުރެވެ. ނަމާއި ކަމާއި ފިޔަވައި ބަހުގައި ހިމެނޭ ހުރިހާ ލަފުޒަކީ ހުސް އަކުރެވެ. މިއީ ޢަރަބި ލަފުޒުތައް ގިންތި ކުރާ ގޮތެވެ. މި ދިރާސީ ކަރުދާހުގައި މިގޮތަށް އެންމެ ފުރަތަމަ އަރަބި ގިންތި ކުރެއްވީ މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ކަމަށާއި ލަފުޒުތައް ނިސްބަތްވާ ބައިތައް ލަފުޒުން ދެނެގަންނާނެގޮތް މީގެ 700 އަހަރު ކުރިން ލިޔެފައިވާ މަޝްހޫރު ޢަރަބި ގަވާއިދު ފޮތެއްގައި ވާކަމަށް ލިޔެފައި ވެއެވެ. ޢަރަބި ބަހުން ނަމަށް ކިޔަނީ އިސްމު (noun) އެވެ، ކަމަށް ފިޢުލް (verb) އެވެ. އަކުރަކީ ޙަރުފް (particle) އެވެ. ދިވެހީންގެ ކުރީގެ ޢިލްމުވެރިންނަކީ ޢަރަބި ދެނެވަޑައިގަންނަވާ ބޭފުޅުންކަމުން، ދިވެހި ލަފުޒުތައް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ އެހެން ބަހެއްގެ ގަވާއިދަށްފެއްތެވީއެވެ.

މިހާ މަދު ގިންތިއަކަށް ލަފުޒުތައް ބެހީމާ، ލަފުޒަކުން ޖުމުލައެއްގައި އަދާކުރާ ވަޒީފާ އާ މެދު ވާހަކަ ދައްކަން ދަތިވެއެވެ. އެހެންކަމުން، ފަހުގެ ބައެއް ޢިލްމުވެރިން، އަކުރުތަކުގައި ހިމެނޭ ހުރިހާ ލަފުޒެއް އިތުރު ބައިބަޔަށް ބަހާފައި ވެއެވެ. އެއީ ކުރިން ބަޔާން ކުރި ތިން ބައިގެ އިތުރަށް އެހެން ފަސް ބައެވެ. އެހެންކަމުން، މިހާރު މުޅި ޖުމުލަ 8 ބައި ހިމެނެއެވެ. ނަމަވެސް، އިހުގެ ޢިލްމުވެރިންނަށް އޮންނަ ޤަދަރެއްގެ ސަބަބުންނާއި އެ ބަހަކުން ގިނަ ފޮތްތަކެއް ލިޔެފައިވާ އިނގިރޭސި ބަސް، އިހުގެ ގިނަ ޢިލްމުވެރިންނަށް ނޭނގޭތީ، އިތުރުކުރި ފަސް ބައިގެ ޙަޤީޤީ މަޤާމެއް ޔަޤީން ކަމާއެކު ބުނާކަށް ނޭނގެއެވެ. އެއީ އަކުރުތައް ހިމެނިގެންވާ ބައިތައް ކަމެއް ނުވަތަ ނަމާއި ކަން ފެންވަރުގެ ބައިތަކެއް ކަމެއް ޔަޤީން އެއް ނޫނެވެ.

މަތީގައިވާ ދިިވެހިބަހުގެ ލަފުޒުތައް ނިސްބަތް ކުރެވޭ 8 ބައިގެ މައްސަލަތަކެއް އަޅުގަނޑަށް ފާހަގަ ކުރެވެއެވެ. އެއްކަމަކީ، ނަންއިތުރުގެ ނަމެވެ. މަތީގައިވާ ކުރެހުމުގައި ވަކި ބައެއްގެ ގޮތުގައި ހިމަނާފައި ވިއަސް، އިނގިރޭސި ބަހުގައި ނަންއިތުރުގެ ނަމަކީ ނަމެކެވެ. މިސާލެއްގެ ގޮތުން ”ރީތި މޭވާ“  އޭ ބުނާއިރު، މި ޢިބާރާތުގައި ހިމެނޭ ”ރީތި “ އަކީ ނަން އިތުރެކެވެ. ”މޭވާ“ މި ނަމަށް އިތުރު ތަފްޞީލެއް ގެނެސްދޭ ލަފުޒެކެވެ. ”ރީތިކަން“ މިއީ މި ނަންއިތުރުން އުފެއްދި ނަމެކެވެ. ދިވެހިބަހުގައި، ނަންއިތުރުގެ ނަމަކީ، ވަކި ބައެއް ކަމަށް ބަލައެވެ. އިނގިރޭސި ބަހުގައި، ދިވެހިބަހުން ނަންއިތުރުގެނަން ކިޔާ ލަފުޒުތައް ނިސްބަތްކުރަނީ ނަމުގެ ގޮތުގައެވެ. މިކަމަށް ކުރީގެ ދިވެހި އަދީބެއް އެއްބަސްވެވަޑައިގަންނަވާ ކަމަށް މިރިޕޯޓް ބުނެއެވެ. ދިވެހިބަހުގައި ހިމެނޭ، އަދި އިނގިރޭސިބަހުގައި ނުހިމެނޭ ބަޔަކީ މަސްދަރު ކިޔާ ބައެވެ. މަސްދަރަކީ ޢަރަބި ލަފުޒެކެވެ. މި ލަފުޒުން އިޝާރާތްކުރަނީ ވަކި ޒަމާނަކަށް ނިސްބަތް ނުވާ ކަމަށެވެ. މިސާލަކީ ”ލިޔުން“ އެވެ. އިނގިރޭސިބަހުގައި އަދި ޢަރަބި ބަހުގައި ވެސް މި ލަފުޒު ހިމެނޭނީ ނަމެއްގެ ގޮތުގައެވެ. މަސްދަރު ވަކި ބައެއްގެ ގޮތުގައި ދިވެހިބަހުގައި ހިމެނުމުން، ބަހުގެ ޢިލްމަށް ކުރަނީ ކޮންފައިދާ އެއްތޯއެވެ؟ މިފަދަ ކަންކަމާ ހެދި ހުރިހާ ޢިލްމުވެރިން، ދިވެހި ބަހުގެ މައިގަނޑު ބައިތަކަށް މުޅިން އިންތިފާޤެއް ނުވެއެވެ. ބަސް ކުރިއަރައިގެންދާނެ ބޭނުންތެރި ގޮތަކަށް ދިވެހިބަހުގައި ހިމެނޭ ހުރިހާ ލަފުޒެއް ގިންތި ކުރެވޭނޭ ގޮތެއް ކަނޑައަޅަންވަނީ ޖެހިފައެވެ. މިއޮތީ ލަފުޒުތައް ގިންތިކުރާނެ ގޮތާމެދު އެކެއްގެ ޚިޔާލެކެވެ.

އަޅުގަނޑުގެ މައުޟޫޢުއަކީ ލަފުޒުތައް ގިންތިކުރާ މައިގަނޑު ބައިތަކަށް އިންޞާފު ކުރުމެއް ނޫނެވެ.  އަޅުގަނޑު ގެ ބޭނުމަކީ ދިވެހިބަސް ނިސްބަތްކުރެވޭ  ބައިތަކުގައި ނުހިމެނޭ، ނަމަވެސް އިނގިރޭސި ބަހުގެ ބައެއްގެ ގޮތުގައި ހިމެނޭ ނަމެއްގެ ބަދަލުގައި ބޭނުން ކުރާ ލަފުޒުތަކާ ބެހޭގޮތުން، ޚާއްޞަކޮށް، ދެވަނަ އަދި ތިންވަނަ ފަރާތަށް ނިސްބަތް ކުރެވޭ ލަފުޒުތަކާއި އެ ލަފުޒުތަކުގެ ދަރަޖަތަކާ މެދު ބަހުސް ކުރުމެވެ.  ކުރިމަތީ ހުރި ފަރާތުގެ  ނުވަތަ މުޚާޠަބުކުރާ ފަރާތުގެ ސީދާ ނަން ކިޔުމުގެ ބަދަލުގައި ބޭނުން ކުރާނޭ ލަފުޒު، ހުރިހާ ބަހެއްގައި ވެސް ހިމެނޭނެއެވެ. އެއީ ޕްރޮނައުން އެކެވެ. ސީދާ ނަން ކިިޔުމުގެ ބަދަލުގައި އަޑުތައް މަދުކުރުމަށް ބޭނުން ކުރާ ލަފުޒެކެވެ. މި މަޒުމޫނުގައި އަޅުގަނޑު ބަޔާން ކުރާނީ، އިނގިރޭސި ބަހުން ”ޔޫ“ އޭ މިކިޔާ ދެވަނަ ފަރާތަށް ދިވެހިބަހުން ކިޔާ ނަންތަކާއި އެ ނަންތަކުގެ ދަރަޖަތަކާ ބެހޭ މަޢުލޫމާތެވެ. ނަމަވެސް މި ބައި ދެނެގަތުމަށް ދިވެހިބަހުގެ ދަރަޖަތަކާ ބެހޭ ގޮތުން ދެތިން ޕެރެގްރާފު ލިޔުމަކީ މުހިއްމު ކަމެއް ކަމަށް ދެކެމެވެ.

ދިވެހިބަހުގެ ދަރަޖަތައް

ތަރައްޤީ ވެފައިވާ އެހެން ބަސްބަހުގައި ހިމެނޭ ފަދައިން އެކި މީހުންނަށާއި އެކި ފަރާތްތަކަށް ވާހަކަ ދެއްކުމުގައި ދިވެހި ބަހުގައި ތަފާތު ދަރަޖަތައް ގެންގުޅެއެވެ. މިފަދަ ދަރަޖަތައް ހުރުމަކީ، ދިވެހި ބަހަށް ލިބިފައިވާ މުއްސަނދިކަމެއް ކަމުގައި ނޫނީ ނުވާނެއެވެ. މި ދަރަޖަތައް ފަސް ބަޔަކަށް ބެހިގެން ވެއެވެ. މާތުރަ، ޢާއްމުކޮށް ވާހަކަ ދައްކަން ގެންގުޅޭނީ ތިން ދަރަޖައެވެ.

ކަލާނގެއަށް ނިސްބަތް ކުރަން ދިވެހި ބަހުގެ ވަކި ލަފުޒުތަކެއް ވެއެވެ. މިދަރަޖަތައް ބޮޑަށް ފާހަގަ ކުރެވޭނީ 1940 ގެ އަހަރުތަކުގެ ކުރިން ލިޔެފައިވާ ފޮތްތަކުންނެވެ. މިސާލެއްގެ ގޮތުން، މާތް ﷲ ”ވުމަށް“ ދިވެހިބަހުން ކިޔަނީ ވޮޑިގެން ވުމެވެ. ދެން ފާހަގަ ކުރެވެނީ ރަސޫލު ބޭކަލުންނަށާއި ވަރަށް ޢިއްޒަތްތެރި މިފަދަ ފަރާތްތަކުގެ ދަރަޖަ އެވެ. މި ދަރަޖައަށް ޚާއްޞަ ލަފުޒުތަކުގެ ތެރޭގައި ”ހިނިވަރުނަކުރެއްވުން“ ހިމެނެއެވެ. މި ލަފުޒުގެ މާނައަކީ ހުނުމެވެ. މި ލަފުޒާއި މިދަރަޖައިގެ ލަފުޒުތައް ބޭނުންކުރަނީ ޚާއްޞަކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ނިސްބަތްކޮށް ލިޔާލިޔުމާއި ދައްކާ ވާހަކަ ދެއްކުމުގައިކަމަށް ދިވެހި ބަސްފޮތުގައި ވެއެވެ.

ޢާއްމުކޮށް ވާހަކަ ދެއްކުމުގައި ބޭނުން ކުރަނީ ތިން ދަރަޖައެވެ. މި ދަރަޖަތަކަށް ކިޔާ ޚާއްޞަ ނަމެއް ނުވެއެވެ. ދަރަޖަތަކަށް އިޝާރާތް ކުރަނީ ދަރަޖަބަހުރުވައިގެ ދެ ލަފުޒެއް ބޭނުންކޮށްގެންނެވެ:  ”އާދެ، ވަޑައިގެންނެވުން“ ، ”ލައްބަ ދުރުވުން“ އަދި އާދައިގެ ބަހުރުވައެވެ. ރަނގަޅު ގޮތަކަށް ވާނީ ތިންވަނަ ދަރަޖައަށް ”ހޫނ އަންނަން“ ކިޔުމެވެ. ނޫނީ ތިން ދަރަޖައަށް ބޭފުޅުންގެ ބަހުރުވަ އާއި ބޭކަލުންގެ ބަހުރުވަ އާއި ޢާއްމުންގެ ބަހުރުވަ ކިޔުމެވެ.

މީގެ އިތުރަށް ދުނިޔޭގެ އެހެން ބަސްބަސްތަކުގައި ހުންނަ ”ސްލޭންގ“ ކިޔާ ލިޔުމުގައި ބޭނުން ނުކުރާ، ބައެއް ގުރޫޕުތަކަށް ޚާއްޞަ ލަފުޒުތައް ހުރެއެވެ. އަދި ތުއްތު ކުދިންނާ ވާހަކަ ދައްކަން ޚާއްޞަ ލަފުޒުތަކެއް ހުރެއެވެ. ދަރަޖަތަކާ ބެހޭގޮތުން އެއްބޭފުޅަކު ލިޔުއްވާފައިވާ ކުރު ޚުލާޞާއެއް މި ލިންކުން ފެނިވަޑައިގަންނަވާނެ އެވެ.

ދިވެހިބަހުގެ މުޤައްރަރުގެ ތެރޭގައި މި ދަރަޖަތަކަށް ދެވިފައިވާ ސަމާލުކަން ކުޑަކަމުން، މަދަރުސާ ނިންމާ ގިނަ ދަރިވަރުންނަށް އޮމާންކަމާއެކު، ތިން ދަރަޖައިން ވާހަކަ ދައްކާކަށް އަދި ލިޔާކަށް ނޭނގެއެވެ. ހުރިހާ ދަރަޖައަކުން ވާހަކަ ދައްކާ އިރުވެސް ތިމާއަށް ނިސްބަތްކުރަން ބޭނުން ކުރަންވާނީ އާދައިގެ ބަހުރުވައެވެ. ނަމަވެސް،  ޤައުމީ ޓެލިވިޜަން ގެ މުވައްޒަފުން ވެސް ”އަޅުގަނޑު ވަޑައިގަންނަވަނީ“ އޭ ކިޔާ ދަރަޖަތަކުގެ ހަމަތަކާ ޚިލާފަށް ވާހަކަ ދައްކަތެވެ. މިކަންކަން ރަނގަޅުކުރެވޭނީ، މަދަރުސާތަކުގައި ދަރަޖަތަކުގެ ހަމަތަކަށްދޭ ސަމާލުކަން މިހާރަށް ވުރެ މަތިކުރެވިގެންނެވެ. ދެން މައިގަނޑު  މައުޟޫޢުއަށް ދަމާތޯއެވެ؟

ދެވަނަ ފަރާތަށް އިޝާރާތް ކުރާ ލަފުޒުތައް

ދެވަނަ ފަރާތަކީ ވާހަކަދައްކާ އިރު މުޚާޠަބު ކުރާ ފަރާތެވެ. މި ފަރާތަށް އިޝާރާތްކުރާ ލަފުޒުތަކަކީ، ސާފުކޮށް ސީދާކޮށް ވާހަކަ ދެއްކުމަށް ވަރަށް މުހިއްމު ލަފުޒެވެ. ދެވަނަ ފަރާތަށް ނިސްބަތްކުރަން ބޭނުން ކުރާ އެތައް ލަފުޒެއް ދިވެހި ބަހުގައި ވެއެވެ. ނަމަވެސް،  ތަފާތު ސަބަބުތަކަށްޓަކައި މިހާރަކަށް އައިސް ބައެއް މީހުން ވާހަކަ ދައްކާއިރު ”ޔޫ“ ވެސް ބޭނުން ކުރެއެވެ. އިނގިރޭސި ބަހުގެ ލަފުޒެއް ބޭނުންކުރުމުގެ މަޤްޞަދަކީ، ދިވެހިބަސް ނޭގުމާއެކު، ބައެއް ލަފުޒާ ގުޅިފައިވާ އިޖްތިމާޢީ ދަރަޖަތަކުގެ މައްސަލައަށް ނުވަނުމެވެ. ފޯމުތަކާއި ބައެއްލިޔުންތައް ލިޔުމަށް ދެވަނަ ފަރާތަށް ނިސްބަތްކުރާ ލަފުޒަކީ މުހިއްމު ލަފުޒެކެވެ.  ބޭނުންތެރި ލަފުޒެކެވެ. ތިރީގައި މިދަންނަވާލަނީ ދެވަނަ ފަރާތަށް ނިސްބަތް ކުރަން ބޭނުން ކުރާ ދިވެހި ބައެއް ލަފުޒާއި އޭގެ ދަރަޖައެވެ.

އިބަ


ހައްދުންމަތީ (ލާމު އަތޮޅު) މީހުން، ވާހަކަ ދެއްކުމުގައި ދެވަނަ ފަރާތަށް އިޝާރާތްކުރަން ބޭނުން ކުރާ ލަފުޒަކީ ”އިބަ“ އެވެ. ބައެއް މީހުން އަލިފުކިޔަނީ ނޯށަށް އަރުވައެވެ. މިއީ އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން، ކުރީ ޒަމާންތަކުގައި ދެވަނަ ފަރާތަށް އިޝާރާތްކުރަން ބޭނުން ކުރި ޢާއްމު ލަފުޒެވެ. މިހެން މިދެންނެވީ ސިންގަޅަ ބަހުން ބޭނުން ކުރާ ލަފުޒަކީ އިބަ އާ ވަރަށް ވައްތަރު ލަފުޒެއް ކަމަށްވާ އޮބަ (ඔබ) އެވެ. ދިވެހި ބަހާއި ސިންގަޅަ ބަހާ ވަރަށް ގާތް ގުޅުމެއް ހުރެއެވެ. އަދި ބައެއް ބަހުގެ ޢިލްމުވެރިން މި ދެބަސް އުފެދިފައިވަނީ އެއް މަންމަ ބަހަކުން ކަމަށް ބުނެއެވެ. މި މަޒުމޫނުގައި މިވާހަކަ އަޅުގަނޑު ލިޔެފައިވާނެ އެވެ.  މި ލަފުޒުގެ އާދަޔާ ޚިލާފު އެއްކަމަކީ، ހުރިހާ ދަރަޖަތަކަށް މި ލަފުޒު ބޭނުން ކުރާކަމެވެ. އާދެ! ދަރަޖަ ކަނޑައެޅިގެން ނުވުމެވެ. މިކަމުގެ ދަލީލެއްގެ ގޮތުން، އެންމެ މަތިވެރި ފަރާތްތަކުން ފެށިގެން ދަށު ފަރާތްތަކަށް އިޝާރާތްކޮށް ލިޔެފައި ހުންނަ ލިޔުންތަކުގައި ”އިބަ“ ހިމެނެއެވެ. ތިރީގައި އެވަނީ ޙުސައިން ޞަލާޙުއްދީނު، ސިޔަރަތުއްނަބަވިއްޔާ ނިންމަވަމުން ލިޔުއްވާފައިވާ ދުޢާ އެކެވެ.

ހައްދަވައި ބޮޑު ކުރެއްވި އޯގާވަންތަ މާތް ރަސްކަލާކޮ. އިބަ ސުވާމީންގެ ނިޔާފުޅާއި، މިންވަރުފުޅާއި އިރާދަފުޅާއި ނުލައި އެއްވެސް ކަމެއް މީހަކުގެ ކިބައިން ކުޑަވެސް ކަމެއް ނުހިގާ ހުއްޓެވެ . . . ފަހެ އިބަ ސުވާމީންގެ ފަޟްލުވަންތަ ކަމުން މި ނިކަމެތި އަޅާޔަށް އިބަސުވާމީންގެ މުޙައްމަދު ޙަބީބާގެ ސިޔަރަތު ދިވެހިބަހުން ލިޔެ ނިންމުމަށް ތައުފީޤު ދެއްވައި ދަރުމަކުރެއްވިކަން މައްޗަށް މި ނިކަމެތި އަޅާ ޝުކުރު އަދާކުރާހުށީ ކޮންފަދައަކުންތޯއެވެ؟

ކީރިތި ޤުރްއާންގެ ބައެއް ތަރުޖަމާ ތަކުގައި ރަސޫލުންނަށް އިޝާރާތްކޮށް ވެސް ”އިބަ“ ބޭނުން ކޮށްފައި ވެއެވެ. ހައްދުންމަތީ މީހުންގެ އާއްމު މުޢާމަލާތްތަކުގައި، މައިންބަަފައިންނާއި ތިމާގެ މީހުންނަށް ވެސް މި ލަޒުފު ބޭނުން ކުރެއެވެ. މިކަމުން ދޭހަވަނީ، އިބަ އަކީ، ހުރިހާ ފެންވަރެއްގެ މުޢާމަލާތްތަކުގައި ބޭނުން ކުރާ ލަފުޒެއް ކަމެވެ. ނަމަވެސް، ފަހަކަށް އައިސް، މިލަފުޒަކީ ހައްދުންމަތީ ބަހުރުވައިގެ ޚާއްޞަ ލަފުޒަކަށް ވެފައި ވެއެވެ. ނަމަވެސް ކަލާނގެ އަށް އިޝާރާތް ކުރުމަށް ހުކުރު ޚުޠުބާ ތަކުގައި މި ލަފުޒު މިހާރުވެސް ބޭނުން ކުރެއެވެ. ދެވަނަ ފަރާތް، އެކަކަށް ވުރެ ގިނަ ނަމަ، މި ލަފުޒުތައް އެނބުރޭ ތަފާތު ގޮތްތައް ހުރެއެވެ. އެގޮތުން، އިބަ ބަދަލުވަނީ އިބަމެން ނުވަތަ އިބުރަމެން އަށެވެ. ބައެއް މީހުން ”އިނބޭން“ ވެސް ކިޔައެވެ.

ކަލޭ އަދި ކަލާ


ދެވަނަ ފަރާތަށް އިޝާރާތް ކުރަން، މާލޭގެ ބަހުރުވައިގައި އެންމެ ގިނައިން ބޭނުން ކުރާ ލަފުޒަކީ ”ކަލޭ“ އެވެ. ޢާއްމުކޮށް މި ލަފުޒު ބޭނުންކުރަނީ، ދަށް ފެންވަރުގެ މުޢާމަލާތްތަކު ގައެވެ. ޚާއްޞަކޮށް، އެކަކު އަނެކަކު ދެކެ ނުރުހުން ވެގެން ވާހަކަ ދައްކާއިރު އެވެ. ތަހުޒީބު މީހުންގެ މުޢާމަލާތްތަކުގައި މި ލަފުޒު ބޭނުމެއް ނުކުރެއެވެ. މާތްކޮށް ކަލޭ އޭ ބުނަން ބޭނުން ކުރަނީ ”ކަލާ“ އެވެ. ދިވެހި ބަސްފޮތުގައި މި ލަފުޒުގެ މާނަ ވެސް ލިޔެފައި އޮންނަނީ ”ކަލޭ“ މާތްކޮށް ބުނުމަށެވެ. މިހެން މިކަން އޮއްވައި، 1960 ގެ އަހަރުތަކުގައި ޢިޝްޤީ ޅެންތަކުގައި ޢާޝިޤުންނާއި ޢާޝިޤާއިންނަށް ނިސްބަތްކޮށް ”ކަލާ“ ބޭނުން ކުރަން ފެށިއެވެ. ޅެންތައް ”ވައިގައި“ ހިފުމާ ގުޅިގެން، މަތީ ދަރަޖައިގެ ބަހުރުވައިން ވާހަކަ ދައްކާއިރު ”ކަލާ“ ބޭނުން ކުރުންމަދުވާން ފެށިއެވެ. ނަމަވެސް، ބަޔަކު އެގޮތަށް ބޭނުން ކުރިއަސް، ކަލާ އަކީ ކަލޭގެ ރީތި ގޮތް ނޫންކަމަކަށް ނުވާނެއެވެ. މިސާލެއްގެ ގޮތުން ތިރީގައި އެވަނީ މަލިންގޭ ޙުސައިން ދީދީ ކީރިތި ޤުރްއާންގެ ޙައްޖު ސޫރަތުގެ 22 ވަނަ އާޔަތް ތަރުޖަމާ ކުރައްވާފައިވާ ގޮތެވެ.

ކަލޭ އާއި ކަލާ އަކީ ދެވަނަ ފަރާތަކީ އެކަކު ނަމަ ބޭނުންކުރާ ލަފުޒެވެ. ގިނަ ކުރަން މި ލަފުޒާ ގުޅުވަނީ ”މެން“ އެވެ: ކަލޭމެން އާއި ކަލާމެން އެވެ.

ތިބާ


ތިބާ އަކީ، ބަސް ފޮތް ބަޔާން ކުރާ ގޮތުން، މަތީ ދަރަޖައިގެ ބަހުރުވައިގައި ދެވަނަ ފަރާތަށް ބޭނުން ކުރާ ލަފުޒެކެވެ. މި ގޮތުން، ދިވެހި ބަހުން ލިޔެފައި ހުންނަ ބައެއް މައުލޫދުތަކުގައި، ރަސޫލުންނަށް އިޝާރާތްކޮށް މި ލަފުޒު ބޭނުން ކޮށްފައި ހުރެއެވެ. ފޮތުގައިވާ ގޮތުންނާއި ބޭނުން ކުރާ ގޮތުން، މިއީ ދަރަޖަ މަތި ބަހެއްކަން ޔަޤީން ވެއެވެ. ގިނަ ބަޔަކަށް މުޚާޠަބު ކުރާނަމަ، ބޭނުން ކުރަނީ ”ތިބާމެން“ އެވެ.  ދިވެހި ބަސްފޮތުގައިވާ ގޮތުން “ތިބާހުން” އަކީ ވެސް ހަމަ މިމާނައިގައި ގިނަ ފަރާތްތަކަށް އިޝާރާތް ކުރަން ބޭނުން ކުރާ ލަފުޒެކެވެ.

ދެކުނުގެ އަތޮޅުތަކުގައި ދެވަނަ ފަރާތަށް ނިސްބަތްކުރަން ބޭނުން ކުރާ ލަފުޒުތައް


ދެކުނުގެ އަތޮޅުތަކުގެ އަހުލުވެރިން، އެއް ރަށުން އަނެއް ރަށަށް ދިއުން މަދުކަމާއި އެކަހެރިކަން ބޮޑުކަމުން، ބަހުރުވައިގެ ގޮތުން އެންމެ މުއްސަނދީ ދެކުނުގެ އަތޮޅުތަކެވެ. ދެކުނު އެއް އަތޮޅެއްގެ އެކި ރަށްރަށުގައި ވެސް، ބަހުރުވައިގެ ތަފާތުތައް ބޮޑެވެ. ތިނަދޫއާއި ނަޑެއްލާއަށް ނިސްބަތްވާ ދެ ފަރާތަކާ ސުވާލުކުރުމުން އެމީހުން ދެވަނަ ފަރާތަށް ނިސްބަތްކޮށް ކީ ލަފުޒުތައް ގިނައެވެ. ދެވަނަ ފަރާތުގެ ޖިންސުންނާއި ޙާލަތުން ބޭނުންކުރާ ލަފުޒު ތަފާތު ވެދެއެވެ. އެއީ: ތަ، ތޯ، ތޯކެ، ތަޓެ، ތައު، ތޮއި، ތޮއިކެ، ތީނަ އެވެ. ދެވަނަ ފަރާތް އެކަކަށް ވުރެ ގިނަ ނަމަ، ބޭނުން ކުރާ ލަފުޒުތައް ސަފުން ގިނައެވެ. މި ލަފުޒުތަކުގެ ތެރޭގައި ޙާލަތާއި ޖިންސުން ވާ ތަފާތުތަކާއެކު އަންނަނިވި ލަފުޒުތައް ހިމެނެއެވެ: ތަހެލާނެ ، ތަހެލާން، ތެހެލާނެ، ތެހެލާ، ތަމެން، ތާމެން، ތެހެލާން، ތޮފެލާނެ، ތޮހެލާން، ތޮފެލާ، ތަފެން، ތޮފެން، ތޮފެނެ، ތަހެނެ، ތަފިރިން، ތަހެން، ތަހެންނެ، ތަހެރި، ތެހެރި، ތެހެނެ، ތެހެން، ތެހެން ތެފެނެ، ތެފެން. އަދި މި ނޫންވެސް އިތުރު ލަފުޒު ހުރުމަކީ ގާތްކަމެކެވެ. ގުޖުރާތީ ބަހުން ކަލެއަށް ކިޔަނީ ”ތަމޭ“ તમે އެވެ. ދެކުނުގެ ބައެއް ރަށްރަށުގައި ބޭނުން ކުރާ ލަފުޒާ ވަރަށް ވައްތަރު، ދޮގެއްތޯއެވެ؟ ދެކުނުގެ ލަފުޒުތައް، މަތީ ދަރަޖައިން ވާހަކަ ދައްކާއިރު ބޭނުން ކުރާތީ އަޅުގަނޑަށް އަޑުއިވިފައެއް ނުވެއެވެ.

މަތީގައިވާ ބަޔާނަށް ބަރޯސާކޮށް، ދެވަނަ ފަރާތަށް ނިސްބަތް ކުރަން އަޅުގަނޑަށް އެންމެ ރަނގަޅު ކަމަށް ފެންނަ ލަފުޒަކީ ތިބާ އެވެ. މުޚާޠަބު ކުރެވޭ ފަރާތް އެކަކަށް ވުރެ ގިނަ ނަމަ، ތިބާމެން ނުވަތަ ތިބާހުންނެވެ. ދެވަނަ އަށް އެންމެ ރަނގަޅުކަމަށް އަޅުގަނޑަށް ފެންނަނީ ކަލާ އެވެ. ގިނަ ބައެއްނަމަ، ކަލާމެން އެވެ.  އިބަ އަކީ ހުރިހާ ދަރަޖަތަކަށް ބޭނުން ކުރާ ރީތި ލަފުޒެކެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ މިލަފުޒު ”ވައިގައި“ ހިފާނެކަމަށް ލަފާނުކުރެވެނީ އެވެ.

ތިންވަނަ ފަރާތަށް އިޝާރާތް ކުރާ ލަފުޒުތައް

ދެމީހަކު ވާހަކަ ދައްކާއިރު، ތިންވަނަ ފަރާތެއްގެ ވާހަކަ ބައެއް ފަހަރު ދައްކަން ޖެހެއެވެ.  ކޮންމެ ފަހަރަކު ނަން ނުބުނެ، ތިންވަނަ ފަރާތަށް އިޝާރާތް ކުރަން ދިވެހިބަހުގައި ބަދަލު ނަމެއްގެ ގޮތުގައި ބޭނުން ކުރަނީ އޭނާއެވެ.  އޭނާއަކީ ޖިންސަކަށް ދަރަޖައަކަށް ނުބަލާ ބޭނުން ކުރާ ލަފުޒެކެވެ.

ދެކުނުގެ އަތޮޅުތަކުގެ ބަހުރުވަތަކުގައި، ތިންވަނަ ފަރާތަކީ އަންހެނެއްނަމަ، ބޭނުން ކުރާ ލަފުޒާއި ފިރިހެނެއް ނަމަ ބޭނުން ކުރާ ލަފުޒު ހުރެއެވެ.  ތިރީގައިވާ ތާވަލުން ދައްކާދެވޭތޯ މަސައްކަތް ކޮށްފައި އެވަނީ އަޅުގަނޑު މި ލަފުޒުތައް ހޯދަންވެގެން ތިން ރަށެއްގެ މީހުންނާސުވާލު ކުރުމުން އެމީހުން ދިން ޖަވާބު އަޅުގަނޑަށް އަޑުއިވުނު ގޮތެވެ.

މަތީގައިވާ ތާވަލުން ފާހަގަ ކުރެވޭ ގޮތުގައި، ދެކުނުގެ އަތޮޅުތަކުގައި ތިންވަނަ ފަރާތަށް އިޝާރާތް ކުރާ ލަފުޒުތައް މާ ގިނައެވެ. އަދި އެކި ރަށްރަށުގައި ލަފުޒުތަކުގައި ކުދި ތަފާތު ހުރެއެވެ. މިއީ މާލޭ ބަހުރުވައިގައި ހިމެނޭ ލަފުޒުތަކެއް ނޫނެވެ.މި ލަފުޒުތަކުން ސިންގަޅަ ބަހާއި ދިވެހިބަހާ ހުންނަ ގުޅުން ހާމަވެގެން ދެއެވެ. އެހެނީ އަންހެން އެކަކަށް ސިންގަޅައިން އިޝާރާތްކޮށް ކިޔަނީ އޭޔަ (ඇය) އެވެ. އެއް ފިރިހެނެއް ނަމަ، އޮހު (ඔහු) އެވެ.

ދިވެހިބަހުން ތިންވަނަ ފަރާތަށް ނިސްބަތްކޮށް ކިޔަން އަޅުގަނޑަށް ފެންނަނީ ”އޭނާ“ އެވެ. ކުރިން ދެންނެވިހެން މިއީ ދަރަޖަ ކަނޑައެޅިގެންވާ ލަފުޒެއް ނޫނެވެ. މިކަން ބޮޑަށް އޮޅުން ފިލުވުމަށް، ކުށެއްނެތި ދިވެހިބަހުން ވާހަކަ ދައްކަވާ، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތަކާ މިސުވާލު ކުރުމުން އޭނާ ދެއްވި ޖަވާބަކީ:

އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑު ގަބޫލު ކުރާގޮތުގައި އޭނާ ހަމަ ބޭނުން ކުރެވޭނެ މަތީ ފެންވަރުގެ ބޭފުޅުންނަށްވެސް. އެއީ އެ އެބޭފުޅުންނަށް ބޭއިޙްތިރާމް ކުރެވެނީއެއް ނޫން. ދެން އަޅުގަނޑުމެން ރާއްޖޭގައި ވަރަށް ތަފާތު ގޮތަކަށް މި މީހުންނާ ވާހަކަ ދައްކަނީ.  އެއީ ތިން ބަހުރުވައަކަށް، ތިން ދަރަޖައަކަށް. އެއީ ހޫން، އަންނަން ކިޔާ ގޮތާ، ލައްބަ ދުރުވަން ކިޔާ ގޮތާ، އާދެ ވަޑައިގަންނަން ކިޔާގޮތާ. މީން ކޮންމެ ގޮތެއްގައިވެސް އޭނާ ކިޔޭނެ. އެގޮތުން އަޅުގަނޑު އޭނާ މި ކިޔަނީ. ފަހަކަށް އައިސް ދެން މިހާރު މަތީ ބޭފުޅަކަށް ވެއްޖިއްޔާ މިކިޔަނީ މަނިކުފާނު. އެހެން ކިޔުން ކޮންމެހެން ލާޒިމެއްނޫން. އޭނާ ހަމަ ކިޔޭނެ އަޅުގަނޑު ދެކޭގޮތުގައި. މަނިކުފާނުވެސް އެއީ ގޯސްއެއްޗެއް ނޫން. އެހެންކީމާ ގިނަމީހުން ހިއްހަމަޖެހެންޏާ އެހެން ކިޔަންވީ.

އަޅުގަނޑަށް ވިސްނޭގޮތުގައި، ”އެ ބެއިކަލުން، އެ ކަލުން، އެ ކިލެގެއިން، އެ ބޭފުޅުން، އެގޮމައިން، އެމަނިއްޕުޅުން“ ފަދަ ޢިބާރާތްތަކަކީ އެކި ގިންތީގެ މީހުންނަށް އިޝާރާތްކޮށް ބުނާ ދެ ލަފުޒު ހިމެނޭ ޢިބާރާތެވެ. އިތުރެއްކަމުގައިވާ ”އެ“، ނަމެއްގެ ކުރިއަށް ލައިގެން އުފައްދާ ދެ ލަފުޒު ހިމެނޭ ޢިބާރާތެވެ. ”އެ ގޮނޑި، އެ ކުންނާރު، އެ ދޯނި“ ފަދަ ދެ ލަފުޒު ހިމެނޭ ބަސްބަހެެވެ.   އެކަމަކު، ”އޭނާ“ އަކީ ވަކި ލަފުޒެކެވެ. މި ލަފުޒު އިތުރަށް ބައިބައެއް ނުކުރެވޭނެއެވެ.

ތިންވަނަ ފަރާތަކީ ގިނަ ބައެއް ނަމަ، ޢާއްމުކޮށް އަޑުއިވެނީ ”އެއުރެން“  ކިޔާތީ އެވެ. ”ތިއުރެން، މިއުރެން“ ކިޔާ އަޑުއިވޭތީ، ”އުރެން“ ކިޔަނީ މީހުންނަށް ކަން ލަފާ ކުރެވެއެވެ. ނަމަވެސް ބަސްފޮތަކުން އަޅުގަނޑަކަށް މި ލަފުޒެއް ނުފެނުނެވެ. އެއުރެން ގެ މާނައަކީ އެމީހުން ނުވަތަ އެބައިމީހުންނެވެ. ”އެ މީހުންނާއި އެބައި މީހުންނަކީ“ ދެ ލަފުޒުގެ ބަސްބަހެވެ. އަކުރަކާއި ނަމެއް ހިމެނޭ مُرَكَّبُ ލަފުޒެވެ.  މަތީގައި ބަޔާން ކުރެވުނު ސަބަބުތަކަށް ބަރޯސާކޮށް، ބުނަން ޖެހެނީ އޭނާ އާއި އެއުރެންނަކީ ކޮންމެ ދަރަޖައަކަށް ވެސް ބޭނުން ކުރެވޭނޭ ދެ ލަފުޒެވެ. މިގޮތަށް ކުރީގެ ދިވެހި ޢިލްމުވެރިން ބޭނުންކޮށްފައި ވެސް ވެއެވެ. މިގޮތްގޮތާ ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ނަމަ، ދެން އޮތީ ދެކުނުގެ އަތޮޅެއްގެ ބަހުރުވައިން މި މާނަ ހިމެނޭ ލަފުޒެއް ރަސްމީ ދިވެހިބަހުރުވައަށް  ޢާއްމުކުރުމެވެ.