ރާއްޖޭގެ ގިނަ ބަޔަކަށް ލިޔަންކިޔަން އެނގޭ އެއް ސަބަބަކީ، ތާނަކަމަށް ބުނެއެވެ. އެއީ ދަސްކުރަން ވަރަށް ފަސޭހަ ލިޔުމެކެވެ. މިކަމަށް ބިދޭސީ ބަހުގެ މާހިރުން (ބަސްވާރުން) ވެސް އެއްބަސް ވެއެވެ. މިހެން މިކަން އޮތަސް ކުރެވޭ އެއް ސުވާލަކީ، ތާނަ ލިޔާގޮތް މިހާރަށް ވުރެ ފުރިހަމަ ކުރެވިދާނެ ހެއްޔެވެ؟  އަޅުގަނޑުގެ ނަޒަރުގައި، ޖަވާބަކީ ”އާނ“ އެކެވެ. ކަމާ ބެހޭ ގޮތުން، އަޅުގަނޑު ކުރިންވެސް މަޒުމޫނެއް ލިޔެފައިވާނެއެވެ. އެ މަޒުމޫނު މިއޮތީއެވެ.

ތާނަ ފޮންޓު ފަރުމާކުރުމުގައި އަޅުގަނޑު އުޅޭތާ މިހާރު ތިރީހަކަށް އަހަރު ވެއްޖެއެވެ. މި ދިގު ތަޖުރިބާގެ އަލީގައި ތިރީގައި މި ބަޔާން ކުރަނީ، ތާނަ ލިޔުން ކުރިއެރުވުމަށް ގެނެވިދާނެކަމަށް އަޅުގަނޑަށް ފެންނަ އިޞްލާޙެކެވެ. މި ވާހަކަތައް ފަށަން އެންމެ ރަނގަޅުވާނީ މައްސަލަ ބަޔާންކުރުމަށް ފަހުއެވެ.

މައްސަލަ


ތާނަ ލިޔުން އިޞްލާޙްކުރުމަށް ކުރެވިދާނެ ކަންކަމުގެ ތެރެއިން، މިފަހަރު މި ފޯކަސް ކުރަނީ އަކުރުތަކަށެވެ. އަކުރުތައް މިހާރު ލިޔާގޮތުގައި، ދެ މައްސަލައެއް ފާހަގަ ކޮށްލާނަމެވެ. ފުރަތަމަ މައްސަލަ އަކީ ފޮޅުވަތް ފުޅާވާން ޖެހޭ މައްސަލައެވެ. ލެޓިން އަކުރާއި ތާނަ އަކުރު ލިޔަން ބޭނުންވާ ޖާގައިގެ އުސްމިނަށް ވިސްނަވާށެވެ. ތިރީގައި އެވަނީ، އެއް ފަލަ މިނެއްގައި ތާނައާއި ލެޓިން އަކުރުން ލިޔެފައެވެ. ތާނަ ލިޔަންދާ ޖާގަ ވަރަށް ފުޅަލެވެ. (އުހެވެ). މިހެން މި ދިމާވާ ސަބަބަކީ، ލެޓިން އަކުރުގައި ފިލިޖަހަނީ އަކުރުގެ ކުރީގައި ނުވަތަ ފަހަތުގައި ކަމަށް ވާތީ އެވެ. އެހެނަސް ތާނައިގައި ފިލިޖަހަނީ އަކުރުގެ މަތީގައި ނުވަތަ ތިރީގައެވެ.  މިހެންކަމުން، ފިލިޖަހަން ޖާގަ ބަހައްޓަން، ތާނަ ފޮޅުވަން ވަރަށް ފުޅާވާން ޖެހެއެވެ. ފިލިޖަހަން ޖެހުމަކީ އޭގެ ޒާތުގައި އެހާ ބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް އެއް ފިއްޔެއްގެ ސަބަބުން މި މައްސަލަ ބޮޑު ކަމަކަށް ވެއެވެ. އެއީ އޯބޯ ފިއްޔެވެ. އެހެން ހުރިހާ ފިލިތަކާ ޚިލާފަށް އޯބޯފިލި ވަރަށް އުހެވެ. ނަތީޖާއެއްގެ ގޮތުން، މި ފިލި ޖަހަން ޖާގަ ބެހެއްޓުމަށް މުޅި ފޮޅުވަން އުސްކުރަން (ފުޅާކުރަން) ޖެހެއެވެ. ދެން ދިމާވާ އަނެއް މައްސަލައަކީ އީބީ ފިއްޔެވެ. މި ފިލިވެސް އެހެން ގޮތަކަށް ޖަހާނަމަ، މުޅި ފޮޅުވަތުގެ އުސްމިން، L4، ކުޑަ ކުރެވިދާނެއެވެ.

ދެވަނަ މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަނީ، ބައެއް ފިލި އެންމެ ކުރު (ހަނި) އަކުރަށް ވުރެ ފުޅާވުމެވެ. ތާނައިގައި އެންމެ ކުޑަ (ހަނި) ދެ އަކުރަކީ ހ އާއި ޑ ކަމަށް ބައްލަވާށެވެ. އަކުރަށް ވުރެ ފިލި ބޮޑުވުމުން، ކުޑަ އަކުރެއްގައި ބޮޑު ފިއްޔެއް ޖެހުމުން އެ އަކުރަށް ވުރެ ފިލި ފުޅާވެ ދެފަރާތަށް ނުކުމެއެވެ. އެހެންކަމުން، އަކުރުގެ ފުޅާމިނުން ނައްޓާލައިގެން ގޮސް ޖެހިގެން އޮންނަ ފިއްޔާ ފުށުއަރާގޮތް ވެއެވެ. ތިރީގައިވާ މިސާލަށް ވިސްނަވާށެވެ!

ފިލި ފިއްޔާ ޖެހުން ހައްލުކުރަން އިހުގައި (އޮނުގަލަމުން ތާނަ ލިޔުނު އިރު) ފިލިތައް ހުންނަނީ އަކުރަށް ވުރެ ކުދިކޮށް ހިމަކޮށް ލިޔެފައެވެ. އެއް ފަލަމިނަކުން ލިޔެވޭ ގަލަމުން ލިޔާއިރު، އަކުރުތަކާއި ފިލިތަކުގެ ފަލަމިން އެއްވަރު ވާނެއެވެ. މައްސަލަ ހައްލުކުރަން، ހުރިހާ އަކުރެއް ދުރުކުރަން ޖެހޭނެއެވެ. އޭރުން ވަރަށް ޖާގަ ބޮޑުވެދެއެވެ. ހ އާއި ޑ އެހެން އަކުރާ ދުރުކޮށްފި ނަމަ، ލިޔުމުގެ ރީތިކަން ގެއްލެއެވެ. ވަކި އަކުރުތަކެއް ދުރުކޮށް ކައިރިކޮށްފިނަމަ، އަކުރުތަކުގެ ހާމަނީ، (ހިތްގައިމުކޮށް އެކިބައިތައް ގުޅުން، އެކަމުތުވުން) ގެއްލެއެވެ.  މި މައްސަލައިގެ ހައްލަކީ ހ ގެ ފުޅާމިނާއި ޑ ގެ ފުޅާމިނަށް ވުރެ އެއްވެސް ފިއްޔެއް ފުޅާ ނުވުމެވެ.

ފިލިތައް އިޞްލާޙު ކުރުމުގައި ހިފަހައްޓަން ޖެހޭ އުސޫލު


ތާނަ ލިޔާގޮތް، މިހާރަށް ވުރެ ފުރިހަމަ ކުރުމަށް، އިޞްލާޙެއް ހުށަހަޅާނަމަ، ހިފަހައްޓަން ޖެހޭ މައިގަނޑު ދެ އުސޫލެއް ކަނޑައެޅިދާނެއެވެ.

  1. ފުރަތަމަ އުސޫލަކީ، ގެންނަ ބަދަލެއްގެ ސަބަބުން، މިހާރު ލިޔަން ކިޔަން ދަންނަ މީހުންނަށް މާބޮޑު އިތުރު ދަސްކުރުމަކާ ނުލައި، ތާނަ ކިޔަން އެނގެން ވާނެއެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ، ބަދަލު ވާންވާނީ، ކުޑަ ބަދަލަކަށެވެ. އަދި، އަމިއްލައަށް ދެނެގަނެވޭ ފަދަ ފަސޭހަ ބަދަލަކަށެވެ.
  2. ދެވަނަ އުސޫލަކީ، ފިލިތައް ލިޔުމުގައި ހަމަތަކެއް ނުވަތަ ލޮޖިކެއް (ސަބަބުވެރި ގޮތެއް) ހުރުމެވެ.

މި ދެ އުސޫލަށް ގަދަރުދެމުން، މި ހުށަހަޅަނީ ވަރަށް އާދައިގެ ކުޑަ ބަދަލެކެވެ. ތިބާއީ ބަސްވާރެއް ނޫންނަމަ، ޖެހިގެން އޮތް ޕެރެގްރާފު ވިދާޅުނުވާށެވެ.

ތާނައިގެ އަކުރުތަކާއި ފިލިތަކަކީ ތަފާތު އަޑުތަކެކެވެ. މިއަޑުތަކުގެ ތެރެއިން އަކުރުތަކުގެ އަޑު ނެރެނީ އަނގައިގެ ކޮންމެވެސް ދެތަނެއް ފިއްތައިގެންނެވެ. އެހެންވެ މި އަޑުތަކަށް ކިޔަނީ ފިއްތި އަޑެވެ (ސާކިން ނުވަތަ ކޮންސޮނަންޓް އެވެ). ތާނައިގެ ސ ފަދަ އަކުރެއްގައި ސުކުން ކުރުމުން (ސް) ކިޔޭނީ ފިއްތި އަޑުންނެވެ. ލް އަކީ ފިއްތި އަޑެކެވެ. މިއަޑު ނެރެނީ ވެސް އަނގައިގެ ކޮންމެވެސް ދެތަނެއް (މި ޙާލަތުގައި ދުލާއި މަތީދަތްޕިލައިގެ އެތެރެފުށް) ފިއްތައިގެންނެވެ. ޖެހިގެން ”ގޭނި“ ގެންނެވެ. އަކުރުތަކުގެ އަޑުތަކާ (ފިއްތި އަޑުތަކާ) ޚިލާފަށް ފިލީގެ އަޑުތަކަކީ އެފަދަ ފިއްތުމެއް ހިފެހެއްޓުމެއް ނެތި ނެރޭ އަޑެވެ. ވިސްނަވަމުން ”އާ“ ވިދާޅުވެ ބައްލަވާށެވެ.   މިފަދަ ފިލީގެ އަޑުތަކަށް ކިޔަނީ ހުޅުވިފައިވާ، ފިއްތުމެއް ނެތް އަޑެވެ. ލީން އަޑެވެ. އިނގިރޭސި ބަހުން ނަމަ ވަވަލް އަޑެވެ. ވައި ނުކުންނަ މަގުގައި މާބޮޑު ހިފެހެއްޓުމެއް ނުވާކަން ޔަޤީން ކުރައްވާށެވެ. [ތާނައިގެ ސުކުނަކީ ފިއްޔެއް ކަމުގައި ވިއަސް އެއީ ލީން އަޑެއް ނޫނެވެ.] އަކުރަކަށް ފަހު، ފިއްޔެއް ޖަހައި ކިޔާއިރު، ކަރާއި ދުލާއި ތުންފަތް ޙަރަކާތްކުރާ ގޮތުން ފިއްތި އަޑަށް ބަދަލެއް ގެނުވާހެން ހީވާނެއެވެ. މިސާލެއްގެ ގޮތުން ލެޓިން އަކުރުން ބ ގެ އަޑަކީ /b/ އެވެ. ބް އެވެ. މިއީ ސުކުން އަޑެކެވެ. މި އަޑު އޭގައި ޖަހާ ފިލިން ނުވަތަ އިނގިރޭސި ނަމަ، ޖެހިގެން އޮންނަ ފިލީގެ އަކުރު ނުވަތަ ލީން އަކުރުން ބަދަލުވެދެއެވެ. މިސާލެއްގެ ގޮތުން ba އެއީ ބަ އެވެ. އެ ފިލި ދަމާނަމަ، ލީން އަކުރު (ވަވަލް) ދެފަށް ކުރެއެވެ. Baa އަކީ ބާ އެވެ. ބ ގައި ޖެހި އަބަފިލި ދަމަން އަންގަން، ލިޔާ އެހެން ގޮތެއް އޮވެއެވެ. އެއީ ލީން އަކުރު ”a“ ގެ މަތީގައި ރޮނގުބުރިއެއް ދެމުމެވެ. މިސާލަކަށް baa ލިޔަން ބޭނުން ކުރާ އަނެއް ގޮތަކީ bā އެވެ. އަދި ވެސް އިތުރު ގޮތެއް އޮވެއެވެ. އެއީ ba ލިޔުމަށް ފަހު، ދަމަން ޖަހާ ނިޝާން ޖެހުމެވެ. އެ ނިޝާނަކީ ދެތިކި (ކޯލަން) ގޮތަށް ޖަހާ ދެ ތިނެސްކަނެވެ. މިސާލަކީ baː އެވެ. ކޯލަން އެންހެން މި ނިޝާން ހީވަނީ ތިނެސްކަން ކުދި ކަމުންނެވެ. [ދަންނަައެވެ. ބަސްވާރުންގެ ނަޒަރުގައި، އިނގިރޭސި ބަހުގައި ވިއްސަކަށް ލީން އަޑު ނުވަަތަ ވަވަލް ވެއެވެ. ދިވެހިބަހުގައި އައިބައި ފިލި ފަދަ ދެ ފިލީގެ އަޑުތަކަކީ ވެސް ލީން އަޑެވެ. މީގެ އެތައް ލީން އަޑެއް ދިވެހިބަހުގައި ވެއެވެ.]

ތާނައިގައި ފިލިތައް ލިޔެފައިވާ ހަމައަކީ ނުވަތަ ލޮޖިކް އަކީ ފިއްޔެއް ދެ ފަށްކޮށްފި ނަމަ (ދެ ފަހަރު ޖަހައިފި ނަމަ) އެ ލީން އަޑު ދިގުކުރަނީ އެވެ. ދަމަނީ އެވެ. މިސާލެއްގެ ގޮތުން، އިބިފިލި ދިގު އީބީފިއްޔަށް ބަދަލުވަނީ ދެ ފަހަރު ޖެހުމުންނެވެ. އުބުފިލި ދެ ފަހަރު ޖެހުމުން ދިގު އޫބޫފިލީގެ އަޑަށް ބަދަލުވެއެވެ. އެބެފިލި ދެ ފަހަރު ޖެހުމުން ދިގު އޭބޭ ފިއްޔަށް ބަދަލުވެއެވެ. ނަމަވެސް، ހުރިހާ ފިއްޔެއްގައި މި ހަމަ ނުވަތަ ލޮޖިކް ހިފެހެއްޓިފައެއް ނެތެވެ. މިސާލަކަށް އޮބޮފިލި އޭގެ ދިގު އަޑު ކަމުގައިވާ އޯބޯފިިލިކަން އަންގަން އޮބޮފިލި ދެ ފަހަރު ލިޔަނީކީ ނޫނެވެ. އޯބޯފިއްޔަށް ބޭނުންކުރަނީ އެހެން ނިޝާނެކެވެ. ހަމަ ހިފެހެއްޓިފައިވާ ނަމަ، ”ބޮޑު ރޯގާ“ ލިޔަން ޖެހޭނީ ތިރީގައިވާ ގޮތަށެވެ. އޮބޮފިލި މަތީގައި އޮބޮފިލި ޖަހައެވެ. އޮބޮފިލި ދެ ފަށްކޮށެވެ.

ނަމަވެސް މިގޮތަށް އޮބޮފިލި ލިޔެފައިވާ އެއްވެސް ލިޔުމެއް އަޅުގަނޑަށް ފެނިފައެއް ނުވެއެވެ. އެގޮތަށް އޮބޮފިލި ޖެހުމަށް ކުރަންޖެހޭ މަސައްކަތް ބޮޑުކަމުން އެންމެ ކުރީގެ ފޮތްތަކުގައި އޮބޮފިލި ލިޔެފައިވަނީ އަންނަނިވި ގޮތަށެވެ. އާދެ! އޮބޮފިލި ދެފަހަރަށް މަތިމަތީގައި ޖެހުމުގެ ބަދަލުގައި، އޮބޮފިލީގެ މަތީގައި އެބެފިއްެޔެއް އެއްފަހަރު ޖަހަނީއެވެ.

ދެން ފަހުން އައިސް، މިގޮތަށް ލިޔާއިރުވެސް ފިލިޖަހަން ދެ ފަހަރު ކަރުދާހުން ގަލަން ނަގަން ޖެހޭތީ، އޮބޮފިލީގެ އެއް ބައިކަމުގައިވާ ފަހަތު އުބުފިލީގެ ފައިކޮޅު މައްޗަށް ލަނބާލަނީއެވެ. އެއީ ތިރީގައިވާ ލިޔުމުން ފެންނަ ފަދައިންނެވެ. މިއަށް ފަހު، ފަސޭހަ ކުރުމުގެ ގޮތުން ހަމައެކަނި ފަހަތުބައި (އެބެފިލި) މައްޗަށް އުފުލާލައި، އޯބޯފިލީގެ ގޮތުގައި ބޭނުން ކުރަން ފެށީއެވެ.

ފިލިތައް ލިޔާގޮތް ސާދާ ކުރުމަށް އަޅުގަނޑުގެ ހުށަހެޅުން


ކުރިން ދެންނެވިހެން، ތާނަ ލިޔުމުގައި ފިލިޖަހާއިރު ގެންނަންވީ މައިގަނޑު ދެ ބަދަލަކީ، ފިލިތައް ހަނިކުރުމެވެ. އެއީ ހ އަދި ޑ ފަދަ އަކުރުތަކުގެ ފުޅާމިނަށް ވުރެއެވެ. އަނެއް ބަދަލަކީ އޯބޯފިއްޔާއި އީބީފިލި ލިޔަން ނަގާ ޖާގަ ކުޑަކުރުމެވެ. މިކަން ކުރާއިރު، ފިލިތައް ޖަހާ ނިޒާމު ކުރިއަށް ވުރެ ފަސޭހަ ވާން ވާނެއެވެ.

އަޅުގަނޑުގެ ހުށަހެޅުމަކީ ކުރު ފިލިތައް ދިގުކޮށް ކިޔަންޖެހޭކަން އަންގަން ނިޝާނެއް ބޭނުން ކުރުމެވެ. އޭރުން، ދެފަށް ކޮށްފައި ހުންނަ ފިލި މިސާލަކަށް    ާ، ީ،  ޫ،  ޭ ފަދަ ފިލީގެ ބަދަލުގައި ލިޔާނީ އެ ފިއްޔަކާއި އަދި އެއާ ޖެހިގެން ދިގުކޮށް ކިޔަން ޖެހޭ ކަން އަންގައިދޭ ނިޝާނެވެ. ކުރިން ބަޔާން ކުރި ލެޓިންއަކުރުގެ މިސާލުތަކުގައިވާ ފަދައިންނެވެ. އެއް މަޤްޞަދަކީ ފިލީގެ ފުޅާމިން ހަނިކުރުން ކަމަށް ވާތީ، މާ ބޮޑު ނިޝާނެއް ކަމަކު ނުދާނެއެވެ. އެންމެ ކުރު ނިޝާނަކީ ތިއްކެކެވެ. ނުކުތާއެކެވެ. އެހެންކަމުން އަބަފިލި ދިގުކޮށް ކިޔަން އާބާފިލި ޖަހަން ބޭނުންކުރާނީ އަބަފިއްޔަށް ފަހު އެ ނިޝާނެވެ. ތިރީގައި އެވަނީ މިސާލެވެ.

ފިލިތަކަށް ނަޒަރު ކުރެއްވުމުން ފާހަގަކުރެއްވޭނީ މިހާރު ލިޔާ ގޮތަށް ވުރެ މި ހުށަހެޅުމުގައި، އުފަކާރައާއި ހަމަ ބޮޑު ކަމަށެވެ. ފުރަތަމަ މަންފާއަކީ ދެމޭ ހުރިހާ ފިއްޔަކާއި އޮބޮފިލި ވަނީ ހަނިކުރެވިފައެވެ.  ދެވަނައަށް، އޯބޯފިއްޔާއި އީބީފިލި ޖަހަންދާ ޖާގަ ކުރިއަށް ވުރެ ކުޑައެވެ. އެހެންކަމުން ތާނަ ލިޔަން ހަނި ފޮޅުވަތްތަކެއް ބޭނުން ކުރެވޭނެއެވެ. ވީމާ އަކުރުތައް ބޮޑުކުރެވޭނެއެވެ. ތިންވަނައަށް، ގިނަ ފިލިތައް މިހާރު ލިޔާގޮތާ އެއްގޮތެވެ. އެންމެ ބޮޑު ތަފާތެއް ގެނެސްފައިވަނީ އޮބޮފިއްޔަށެވެ. އެ ފިއްޔަކީ ކުރީގެ އޯބޯފިލީގެ ހަމައެކަނި ތިރީ ބައެވެ. ހަތަރުވަނައަށް، ކުރިއަށް ވުރެ ފިލިތައް ލިޔާ ނިޒާމު މާ ލޮޖިކަލް އެވެ. މަންޠިޤީ (ބުއްދީގެ) ހަމަތަކަށް ފެތެއެވެ. ދެމޭ ކޮންމެ ފިއްޔެއްގައި ތިއްކެއް ޖަހާފައި ވެއެވެ. އަލަށް މީހާ ދަސްކުރަން ޖެހޭނީ ހަމައެކަނި އޮބޮފިލީގެ ނިޝާނާއި ދެމޭ ފިއްޔެއްކަން އަންގަން ޖަހާ ނިޝާނެއެވެ.

އާދެ! ތާނައިގެ ފިލިތައް އިޞްލާޙް ކުރުމުގެ ގޮތުން އަޅުގަނޑުގެ ހުށަހެޅުން މި ދެންނެވުނީއެވެ. ރީތި ހުތުރު ވަޒަން ކުރެއްވުމުގެ ގޮތުން، ތިރީގައި އެވަނީ މި އުޞޫލް ބޭނުންކޮށްގެން ލިޔެފައިވާ ޕެރެގްރާފެކެވެ. ކިޔުއްވަން ދަތި ތޯއެވެ؟

ދެން ވާންވީ ކިހިނެއް؟


ތާނައަކީ، ވޭތިވެދިޔަ 450 ވަރަކަށް އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ލިޔުމެކެވެ. މީގެ ސަތޭކަ ފަންސާހަކަށް އަހަރުގެ ކުރިއާ އަޅާ ބަލާއިރު، ތާނަ ލިޔާގޮތަށް ވަނީ އެދެވޭ ބަދަލުތަކެއް އައިސްފައެވެ. ބަދަލުތައް އަދިވެސް އަންނަމުން ދާނެއެވެ. ދިވެހީން ކުރަންވީ ކަމަކީ، މިހާރަށް ވުރެ ތާނަ ލިޔާ ގޮތް މޮޅުކުުރުމަށް، ރަނގަޅުކުރުމަށް، ފިކުރާއެކީ މަޝްވަރާކޮށް މަދު ރަނގަޅު ބަދަލުތައް ފައުޅުކުރަމުން ދިއުމެވެ. މިގޮތުން އަޅުގަނޑު މި ބަޔާންކުރީ، ފިލިތައް ޖަހާ ގޮތަށް ގެނެވިދާނޭ މަދު ބަދަލެކެވެ. އެހެން ކަންކަން ކުރިން ހަވާލާ ދެވުނު މަޒުމޫނުގައި ވެއެވެ. ތާނަ ލިޔާއިރު، އަކުރުގެ ތިރީގައި ޖަހާ ދެ ފިލި، މަތީގައި ޖަހާގޮތަށް ހަމަޖައްސައިފިނަމަ، ތާނަ ލިޔުމަށް ވަރަށް އެދެވޭ ކުރިއެރުމެއް ލިބޭނެއެވެ. ނަމަވެސް، މި ވާހަކަ ލިޔަން ޤަޞްދުކުރަނީ ފަހު މަޒުމޫނެއްގައެވެ.

މި ބަދަލުތައް ވައިގައި ހިފާތޯ ބެލުމަށް، އަޅުގަނޑު ވަނީ ”އެމްވީ ފަސޭހަ“ ފޮންޓުގެ ފިލިތައް މި ހުށަހެޅުމާ އެއްގޮތަށް ބަދަލުކޮށްލާފަ އެވެ. މި ބަދަލުތައް ހިމެނޭ ފޮންޓަށް ކީ ނަމަކީ ”އެމްވީ ފަސޭހަ އައު“ އެވެ. މި ފޮންޓު ބަޔަކު ބޭނުންކުރަން ފަށައި، ގިނަ ބަޔަކަށް ފެނި ހޭނުމުން މި ހުށަހެޅިގޮތް ވެސް ކަމުގޮއްސާނެ އެވެ. ”އެމްވީ މިދިލި“ ފޮންޓު ތަޢާރުފުކުރި އިރު، ރަސްމީ ލިޔުންތަކުގައި އެ ފޮންޓު ބޭނުންކޮށްފާނެ ކަމަށް އަޅުގަނޑު ހިޔެއް ނުކުރަމެވެ. ނަމަވެސް، މިހާރު އެ ފަދަ ލިޔުންތަކުގައި ވެސް އެ ފޮންޓު ބޭނުންކުރާތީ އެބަ ފެނެއެވެ. ބައެއް ކަންކަން، ލަސްލަހުން ބަދަލުވަމުންދާ ނަމަ، އެ ބަދަލުތައް މީހުން ބަލައިގަންނަ ގޮތް ވެެއެވެ. ތާނަ ލިޔާ ގޮތް އިޞްލާޙުކުރަން އެންމެ އެދެވޭ ގޮތަކަށް ވާނީ، މިފަދަ ކަންކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އިސްނަންގަވައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު، ނިންމުންތަކެއް ނިންމައި އެކަންކަން ތަންފީޒުކުރުމެވެ.

”އެމްވީ ފަސޭހަ އައު“ ޑައުންލޯޑު ކުރެއްވުމަށް ތިރީގައިވާ ގޮށަށް އޮބާލައްވާށެވެ!