ކޮރޯނާވައިރަސް އަށް ޓެސްޓުކުރުން 2: ޕީސީއާރު ޓެސްޓު

ކޮރޯނާވައިރަސް އަކީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައި، ދުނިޔޭގެ ގިނަ ޤައުމުތައް ހުއްޓުމަކަށް ގެނައި ވައިރަސް އެކެވެ. މި ވައިރަސް ހުރިތޯ ނުވަތަ ނޫންތޯ ބެލުމަށް ޓެސްޓުކުރާ ގޮތަކީ، ކިޔުންތެރިން ވަރަށް ޝައުޤުވެރިވާނޭ ޓެސްޓެކެވެ. އެހެންކަމުން ކުރިން ލިޔުނު މަޒުމޫނެއްގައި އެ ޓެސްޓު ކުރާ ފުރަތަމަ ގޮތް ވާނީ ގެނެސްދީފައެވެ.  މި މަޒުމޫނުގައި ބަޔާންކުރާނީ މި ޓެސްޓުކުރާ ދެވަނަ ގޮތެވެ. އެއީ އެންމެ އިތުބާރު ބޮޑު ގޮތެވެ. މިގޮތަށް ކިޔަނީ ޕީސީއާރު އެވެ. މިގޮތް ކިޔައިދޭނީ ކިޔުންތެރިއާއަށް މިކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ކަމަށް ނުބަލައި، އައްވަލުން ފަށައިގެންނެވެ. މި މަޒުމޫނު ނިމެންދެން ކިޔުއްވައިފި ނަމަ، އެއްވެސް ތަޖުރިބާއެއް ނެތި، ޕީސީއާރު ޓެސްޓްކުރާ ގޮތް އެނގޭނެއެވެ.

ކޮރޯނާވައިރަސް އާ ބެހޭ ގޮތުން ކުރިން އަޅުގަނޑު ލިޔުނު ތިން މަޒުމޫނަށް ތިރިގައިވާ ލިންކްތަކުން ދެވެއެވެ.

1. ކޮރޯނާ ވައިރަސް  — ތައާރަފެއް 2. ކޮރޯނާވައިރަސް ރޯގާ — ދެންވާނީ ކިހިނެއް؟ 3. ކޮރޯނާވައިރަސްއަށް ޓެސްޓުކުރާގޮތް — އެންޓިބޮޑީ ޓެސްޓު

ސެލް އާއި ޖީން


ދުނިޔޭގައި ލެއްވި ފުރާނަ ހުރި ހުރިހާ އެއްްޗެއް ހައްދަވައިފައިވަނީ ލޮލަށް ނުފެންނަވަރުގެ ދިރުން ހުންނަ ކުދިކުދި އެއްޗެތިތަކަކުންނެވެ. މި އެއްޗެތި ތަކަށް ކިޔާ ނަމަކީ ސެލްއެވެ. އެކި ކަންކަމަަށް އިންސާނާގެ ހަށިގަނޑުގައި އެކި ބާވަތުގެ ސެލްވެއެވެ. ގުނަވަނުގެ ބާވަތުން ސެލްތައް ތަފާތުވާނެއެވެ. ލޭގައި ހުންނަ ސެލް އާއި ނިޔަފަތީގައި ހުންނަ ސެލް ތަފާތެވެ. ސެލްތައް ކުދި ކަމުން އަންހެނުންގެ ހަށިގަނޑުގައި ހުންނަ މާބަނޑުވުމާ ބެހޭ ސެލް ފިޔަވައި އެހެން އެއްވެސް ސެލްއެއް ލޮލަކަށް ނުފެނެއެވެ.

ކުދި އެއްޗެތި ބޮޑުވަނީ ސެލްތައް ބޮޑުވެގެންނެއް ނޫނެވެ. ސެލްތައް ގިނަވެގެންެނެވެ. މިކަން ވާގޮތަކީ، އެއް ސެލް ދެބައިވެ، ދެ ސެލް އުފެދެނީއެވެ. ދެން، މި ދެސެލް ދެބައިވެ، ހަތަރު ސެލް އުފެދެއެވެ. މިގޮތަށް ގޮަސް ލޮލަށް ފެންނަހާ ހަށިގަނޑު ބޮޑުވެއެވެ. ގުނަވަންތައް ބޮޑުވެއެވެ.  އިންސާނާ ގަރުބަގަނެ ބޮޑުވަނީ ވެސް މިފަދަ ގޮތަކަށެވެ. ފިރިހެން މީހާގެ އެއް ސެލް އަންހެންމީހާގެ އެއް ސެލް އާ ޖޯޑުވެ އުފެދެނީ އެންމެ ސެލް އެކެވެ. މިއަށް ފަހު، މި ސެލް ދެބައިވެއެވެ. ދެން މިއިން ކޮންމެ ސެލް އެއް އަނެއްކާ ދެބައިވެއެވެ. އެވީ ހަތަރު ސެލްއެވެ. ދެން މި ހަތަރު ސެލް ދެބައިވެ އަށް ސެލް ވެއެވެ. މިގޮތަށް ބައިވެ ގިނަވަމުން ގޮސް ވަރަށް އަވަހަށް ސެލްތައް ގިނަވެއެވެ. އެންމެ ފަހުން ކުއްޖެއްގެ ސިފަ އައިސް، ކުއްޖާ ވިހައި ބޮޑުވެއެވެ. އެއީ ތިރީގައިވާ ސޫރައިން ފެންނަ ފަދައިންނެވެ.

އަހުރެމެން ބިންބިފުކެއް އިންދައިފިނަމަ، އެއިން ފަޅަނީ ބިންބި ގަހެކެވެ. އެ ބިންބި އޮށުން ރުކެއް ނުފަޅައެވެ. މިހެންވަނީ، ބިންބިފުކުގައި، ބިންބީގެ ހުރިހާ ސިފަތަކެއް ބަޔާންވެގެން ވާތީއެވެ. އެ ބިންބީގެ ސެލްތައް ގިނަވެގެން ބޮޑުވަމުން ދާއިރު، ކޮންމެ ސެލްއަކަށް ވެސް އެއީ ބިންބިގަހެއްކަމާއި އޭގެ ސިފަތައް އެނގޭ މާއްދާއެއް އޭގައިވާނެތާއެވެ.

އިންސާނާ އަދި އެހެން މަޚްލޫޤުންވެސް އުފެދެނީ އެންމެ ސެލްއެއް ގިނަވެގެން ކަމުގައިވާ ނަމަ، އެ އިންސާނާ ހުންނަންވީ ގޮތް އެ ސެލްގައި ބަޔާންވެގެން ވާނެތާއެވެ؟ ސެލްއަށް މިއީ އިންސާނެއް ކަމާއި ދެ ލޯ ހުންނަން ޖެހޭ ކަމާއި ބޮލެއް ހުންނަން ޖެހޭ ކަމާއި ގުނަވަންތަކާއި އޭގެ ކުލައާއި ބައްޓަމާއި މިގޮތަށް ގޮސް ބުނެކިޔާ ކޮޅުން ނުލާނެހާ ސިފަތައް ބަޔާންކުރާ އެއްޗެއް މި ސެލްގެ ތެރޭގައި ވާނެތާއެވެ؟ މި ވަނީ ސެލްގެ ކޮން ތަނަކު ހެއްޔެވެ؟ މިއީ ވަރަށް މުހިއްމު ސުވާލެކެވެ.

މި މުހިއްމު ސުވާލުގެ ޖަވާބު ލިބިފައިވަނީ 1800 ގެ އަހަރުތަކުގައެވެ. ޖަރުމަނުގެ ސައިންސްވެރިއަކު، ސެލްއަކަށް މައިކްރޮސްކޯޕަކުން ބެލުމުންނެވެ. މައިކްރޮސްކޯޕަކީ، ހޮޅިކޮޅެއްގެ ދެކޮޅަށް ދެ ބޮޑުވާ ބިއްލޫރިގަނޑު ލައިގެން ހަދާފައި ހުންނަ އެއްޗެކެވެ. އެއް ބޮޑުވާ ބިއްލޫރިކޮޅުން ބޮޑުކޮށް ފެންނަ ސޫރައަށް ދެވަނަ ބޮޑުވާ ބިއްލޫރިކޮޅުން ބަލާ އެއްޗެކެވެ. މިހެން ހެދުމުން އެތައް ގުނައަކަށް ކުދި ތަކެތި ބޮޑުކޮށް ފެނެއެވެ. ކޮންމެއަކަސް، މައިކްރޮސްކޯޕުން ސެލްއަކަށް ބެލުމުން އޭނާއަށް ފާހަގަކުރެވުނީ، ކޮންމެ ސެލްއެއްގައި، ގަނޑު އެއްޗެއް ވާކަމެވެ. އެއީ އަނބަކީ ސެލްއެއް ނަމަ، އޭގައި  މަދެއް އޮންނަ ފަދައިން ތަންކޮޅެއް ބޮޑަށް ފާހަގަވާގޮތަށް ސެލްގައި ހިމެނޭ އެއްޗެކެވެ. މީނާއަށް ފާހަގަކުރެވުނީ މި މަދު ގެ ތެރޭގައި ރޮދިތަކެއްހެން ހުންނަ ދިގު އެއްޗެތިތަކެއް ވާކަމެވެ. މިތަކެއްޗަށް އޭނާ ކީ ނަމަކީ ކްރޮމޮސޯމް އެވެ. މިހެން މީނާ ނަންކީ ސަބަބަކީ މިތަކެތި އޭނާއަށް ފެނުނީ ސެލްއަށް ކުލައެއް އެޅުމުން އެ ރޮނދިތަކުގައި ކުލަ މާބޮޑަށް ހިފީމައެވެ. ކްރޯމާ ކިޔަނީ ޔޫނާނީ ބަހުން ކުލައަށެވެ. ސޯމާ އަކީ އެ ބަހުން ވަކިން އޮންނަ ކޮންމެ އެއްޗަކަށް ނުވަތަ ޖިސްމަކަށް ކިޔާ ނަމެކެވެ.

ސެލްއެއް ދެބައިވާ އިރު، އެންމެ ފުރަތަމަ ވާކަމަކީ ސެލްގެ މަދުގައިވާ މި ދެންނެވި ރޮނދިތައް އެންމެ ފުރަތަމަ ދެފަރާތަށް ބައިވަނީ އެވެ. ދެން ރޮނދިތައް ވަށައިގެން މަދެއްގެ ހެން ހަރު ބައެއް ލެވި، ސެލްގެ ބޭރު ދުލި ދެބައިވެ ދެ ސެލްއަށް ވެއެވެ. ތިރީގައި އެވަނީ މި ކަން ހޯދި ސައިންސްވެރިޔާ 1882 ވަނަ އަހަރު ޖަރުމަނުގައި ޝާއިޢުކުރި މަޖައްލާއެއްގައި އޭނާއަށް ފެނުނު ކަންކަން ކުރެހި ކުރެހުމެވެ.

ވިހި ވަނަ ޤަރުުނު ފެށުމާއެކު، މައިކްރޮސްކޯޕްތަކުގެ ފެންވަރު ރަނގަޅުވެ، އެހެން ސައިންސްވެރިން މި ދިރާސާތަކަށް ވަދެ، އިތުރު ހޯދުންތައް ހޯދިއްޖެއެވެ. މިގޮތުން ފާހަގަކުރެވުނީ އިންސާނާގެ ސެލްގެ ތެރޭގައި، އޭނާގެ ޖިސްމުގެ ހުރިހާ ކަމެއް ބަޔާންކުރާ އެއްޗަކީ ރޮނދިތަކެއްހެން ހުންނަ މި ކްރޮމޮސޯމްތައް ކަމެވެ. އިންސާނުންގެ ސެލްއެއްގައި ހިމެނެނީ 23 ކޭލި ހަމަވާގޮތަށް މުޅިއެކު 46 ކްރޮމޮސޯމް އެވެ.

ކޮންމެ ފިރިހެނަކާއި ކޮންމެ އަންހެނެއްގެ ސެލްއެއްގައި ޖުމުލަ 46 ކްރޮމޮސޯމް ހިމެނެއެވެ. ތުކި! މިދެންނެވުނީ ރަނގަޅަކަށް ނޫނެވެ. އަންހެނުންގެ "ބިސް" ސެލްގަ އާއި ފިރިހެނުންގެ މަނި "ސެލް" ގައި ހިމެނެނީ 23 ކްރޮމޮސޯމް އެވެ.  މިދެ ސެލް ޖޯޑުވެގެން އުފެދޭ ދަރިސެލްގައި 46 ކްރޮމޮސޯމް ހިމެނެނީ އެހެންވެގެންނެވެ. މި ދެންނެވި ދެ ސެލް އަކީ އިންސާނުންގެ ކިބައިގައި 23 ކްރޮމޮސޯމް ހިމެނޭ ހަމައެކަނި ސެލްއެވެ. މިހެންވެ، މަންމަ އާއި ބައްޕަގެ ސިފަތައް ކުއްޖަކަށް އެއްވަރަކަށް ލިބެއެވެ. މާތުރަ! ކުއްޖާގެ ޖިންސް ބަޔާން ކުރާ ސެލް ހުންނަނީ ފިރިހެން މީހާގެ ކްރޮމޮސޯމްއެއްގައެވެ. އެހެންވެ ކުއްޖެއްގެ ޖިންސް ކަނޑައަޅަނީ ފިރިހެންމީހާގެ ސެލްއެވެ. މިކަން ނުދަންނަ ފިރިހެނުން، އަންހެނަކު ވަކި ޖިންސެއްގެ ކުދިން ވިހާނަމަ، އެއީ އެ އަންހެންމީހާގެ ކުށެއްކަމަށް ހީކޮށް އޭނާއަށް އަހުވަ ދައްކާ އުޅެއެވެ. ބައެއް ފިރިހެނުންނަކީ ވަރަށް މޮޔަ ބައެކެވެ.

ޙަޤީޤަތުގައި ކްރޮމޮސޯމްތައް ވަކި އެއްޗެތިތަކެއްގެ ގޮތުގައި ފާހަގަކުރެވެނީ ސެލްއެއް ދެބައިވާން އުޅޭ އިރު، ދެ ބަޔަކަށް ބެހޭތީ އެވެ. މި ނޫން ވަގުތުތަކުގައި ކްރޮމޮސޯމްތައް ހުންނަނީ އޮޅިފައިވާ ބަރަންޏެއްގެ ރޮދިތައް ހެނެވެ.  ތިރީގައި އެވަނީ އިންސާނެއްގެ ކްރޮމޮސޯމްތަކުގެ ފޮޓޯއެކެވެ.

އަޅުގަނޑުމެން މި ވާހަކަ ދައްކަމުންދާ ކްރޮމޮސޯމްގެ ކުޑަމިނާ މެދު ފިކުރު ހިންގާލުމުން ހައިރާންވާނެއެވެ. ފަހެ، އިންސާނެއްގެ ހަމަ ލޮލަށް ފެންނަނީ އެންމެ ކުޑަކޮށް ގާތްގަޑަކަށް އިސްތައްޓެއްގެ ފަލަމިނެވެ. މިއީ އިންސާނެއްގެ ސެލްއެއްގެ ޢާއްމު ސައިޒެވެ. ކުދި ތަކެތީގެ ސައިޒު ވަޒަންކުރަން ބޭނުންކުރާ މިނަކީ ނޭނޯމީޓަރެވެ. ނޭނޯމީޓަރަކީ، މީޓަރެއް އެއްހާސް މިލިއަނަށް ބައިކުރުމަށްފަހު، އެއިން އެއް ބައެވެ. އިސްތައްޓެއްގެ ފަލަމިނަކީ ގާތްގަޑަކަށް 100000 ނޭނޯމީޓަރެވެ. ސެލްއެއްގެ ޢާއްމު ބޮޑުމިނަކީ ވެސް މިއެވެ. އޭގައިވާ މަދުކަމަށް އަޅުގަނޑު މިބުނާ ބައިގެ ބޮޑުމިނަކީ ގާތްގަޑަކަށް 6000 ނޭނޯމީޓަރެވެ. ކްރޮމޮސޯމް އެއްގެ ޑައިމީޓަރަކީ ގާތްގަޑަކަށް 30 ނޭނޯމީޓަރެވެ. އެހެންވީމާ 3000 ކްރޮމޮސޯމް ޖެހިޖެހިގެން ބޭއްވުމުން ނޫނީ ހަމަލޮލަކަށް އެއެއް ނުފެންނާނެއެވެ.

1950 ގެ އަހަރުތައް ފެށުނު އިރު، އިންސާނުންގެ ސިފަތައް ދަރިފަސްކޮޅަށް ވާރުތަވަނީ ސެލްތަކުގެ މަދުގައިވާ ކްރޮމޮސޯމް ކިޔާ މާއްދާއަކުން ކަން ވަނީ އެނގިފައެވެ. ދެން އެންމެ ބޮޑު މަސައްކަތެއް ކުރެވުނީ މި ކްރޮމޮސޯމްގައިވާ ސިފަތައް ބަޔާންކުރާ މާއްދާ އޮންނަ ގޮތް ދެނެގަތުމަށެވެ. މިކަން ކާމިޔާބުވީ 1950 ގެ އަހަރުތަކުގައެވެ. އެކްސްރޭ ބޭނުންކޮށްގެންނެވެ. އެނގި އޮޅުން ފިލީ، ކްރޮމޮސޯމްއެއް ”ނިއުޅުވާލުމުން“ އޭގައިވަނީ، ވަރަށް ދިގު ތަފާތު ޒައްރުތަކުން އެކުލެވިފައިވާ މޮލިކިޔުލް އެއްކަމެވެ. މި މޮލިކިޔުލްއަށް ސައިންސްވެރިން ނަންދިނީ ޑީ.އެން.އޭ. ގެ ނަމުންނެވެ. (ދިގުކޮށް ކިޔާނަމަ، އެއީ ޑިއޮކްސީރައިބޯނިޔުކްލިއެކް އެސިޑް އެވެ.) މޮލިކިޔުލް ކިޔަނީ އެތައް ޒައްރުތަކެއް ވަކިގޮތަކަށް ގުޅިގެން އެހެން އެއްޗަކާ ވަކި ކެމިކަލެއްގެ ގޮތުގެ މެކުވާ ޒައްރަކަށް ނުވަތަ ޒައްރުތަކަކަށެވެ.

މި ޑީއެންއޭ މޮލިކިޔުލް ދިގުކަމުން ކުޑަ ޖާގައެއް ނަގާގޮތަށް ޑީއެންއޭ އޮންނަނީ ބަރަނިދަނޑިއެއް ގައި ރޮދި އޮޅާފައި އޮންނަ ފަދައިން އެހެން އެއްޗެއްގައި އޮޅިގެންނެވެ. ޑީއެންއޭ ނިއުޅުވުމުން އެއީ ދެ ފަށް ރޯނުފަދައިން ދެ ލީލިއަށް ގިނަފަހަރު ކަނާތަށް އެނބުރިފައިވާ މޮލިކިޔުލެއްކަން އެނގުނެވެ. ވަރަށް ދިގު ހަރުގަނޑެއްގެ ދެކޮޅުގައި ހިފާ އޮޅާލުމުން އޮންނާނީވެސް މިފަދަ ގޮތަކަށެވެ.

ޑީއެންއޭ މޮލިކިޔުލަކީ ވަރަށް ދިގު މޮލިކިޔުލެކެވެ. ހުރިހާ ކްރޮމޮސޯމެއްގެ ޑީއެންއޭ ފުލުފުލުގައި ޖައްސައިފިނަމަ، ދިގުމިނުގައި މީހެއްގެ އިސްކޮޅު ހުންނާނެއެވެ. ނަމަވެސް ހިމަކަމުން ލޮލަކަށް ނުފެންނާނެއެވެ. އިންސާނާގެ ހުރިހާ ސެލްތަކެއް މަސައްކަތްކުރަންވީ ގޮތާއި މަޚްލޫޤުގެ ސިފައާއި މިފަދަ ހުރިހާ މަޢުލޫމާތެއް ވަނީ  ޚާއްޞަ ރަމްޒުތަކަކުން ޑީއެންއޭގައި ބަޔާންކުރެވިފައެވެ. ޑީއެންއޭ ގެ މުހިއްމު ކަމުން މި ބައްޓަމަށް މީހުން ފެންއަރުވާވަޑާން ނުވަތަ ފަންވާރާ ހަދައި އުޅެއެވެ. ކިޔަވައިދިނުމަށް މޮލިކިޔުލްގެ މޮޑެލް ހަދައެވެ. އެނބުރިފައިވާ ހަރުގަނޑަކާ ވައްތަރުތޯއެވެ؟

ސެލްގެ މަދުގައިވާ ކްރޮމޮސޯމްތަކުގައި ހިމެނޭ ޑީއެންއޭ ގައި އެ ސެލްއެއް ނިސްބަތްވާ މަޚްލޫޤުގެ ހުރިހާ ސިފަތަކެއް ބަޔާންވެގެން ވެއެވެ. މިކަން ބަޔާންވެގެންވަނީ ޑީއެންއޭގެ ދެ ލީލި ހުރަހަށް ގުޅޭ ހަރުތަކުގައެވެ. އާދެ! ޑީއެންއޭ ގެ ދެ ފަށް ގުޅުވާދޭ މޮލިކިޔުލްތަކުގައެވެ. މި މޮލިކިޔުލްތަކުގެ ބާވަތުންނާއި ތަރުތީބުން ވަކި ކަމެއް ސިފަވެގެން ވެއެވެ. މިސާލެއްގެ ގޮތުން، މީހެއްގެ ލޮލުގެ ކަޅުކަޅީގެ ކުލަ ހުންނަންވީ ގޮތް، ވަކި ކްރޮމޮސޯމެއްގެ ޑީއެންއޭގެ ވަކި ހިސާބަކުން ފެށިގެން ވަކި ހިސާބަކަށް ނިމޭ ތަނުގައި، ޑީ އެންއޭގެ ދެފަށް ގުޅޭ ހަރުތަކުގެ ބާވަތުންނާއި ތަރުތީބުން ކަނޑައެޅިފައި ވެއެވެ. މިގޮތަށް ވަކި ސިފައެއް ބަޔާންކުރާ ޑީއެންއޭގެ ބުރިވަރަކަށް ކިޔަނީ ޖީން އެވެ. ޖީން އަކީ ފެށުމަށް ނުވަތަ ނަސްލަށް ޔޫނާނީ ބަހުން ކިޔާ ނަމެކެވެ. ޖީން އަކުން ޢާއްމުގޮތެއްގައި ބަޔާންކުރާނީ އެންމެ ކަމެކެވެ. މީހެއްގެ އެންމެ ސެލްއެއް ލިބުނަސް އޭގައިވާ ލޮލުގެ ކުލަ ބަޔާންކުރާ ޑީއެންއޭގެ ތަންކޮޅުން އެ ސެލް ނިސްބަތްވާ މީހާގެ ލޮލުގެ ކުލަ އޮޅުން ފިލުވޭނެއެވެ.

ދެން ފަހެ ދަންނައެވެ. މީހެއްގެ ހުރިހާ ކްރޮމޮސޯމްއެއްގައިވާ ހުރިހާ ޖީންތަކަކަށް ޚާއްޞަ ނަމެއް ކިޔައެވެ. އެނަން އުފެއްދީ ޖީން އާއި ކްރޮމޮސޯމް މި ދެ ލަފުޒުގެ އެއްކޮށްލައިގެންނެވެ. ނަމަކީ ޖީނޯމް އެވެ.  GENOME = GENe+chromosOME  އިންސާނެއްގެ ޖީނޯމްގައި ތިން ބިލިއަން ޖީންއާ ބެހޭ ކޯޑުވެއެވެ. އަދި 21000 ޖީން ވެއެވެ. އިންސާނާގެ ޖީނޯމްގެ ތަރުތީބު އޮޅުންފިލުވުމަށް އެތައް ބައެއް މަސައްކަތް ކޮށްގެން 13 އަހަރު ހޭދަކުރިއެވެ. ތަރުތީބު އެނގުނަސް، އޭގެ ބޭނުން ނޭނގޭ ޖީންތައް އެނގޭ ޖީންތަކަށް ވުރެ ގިނައެވެ. ޖީނޯމް އާ ބެހޭ ކިޔެވެއްޔަށް ކިޔަނީ ޖީނޮމިކްސް އެވެ. އީކޮނޮމީ ނުވަތަ އިޤްތިޞާދާ ބެހޭ ކިޔެވުމަށް އީކޮނޮމިކްސް ކިޔާ ފަދައިންނެވެ.

ހަބަރުތަކުން އިވޭ ފަދައިން، ކުށްވެރިއެއްގެ ހަންކޮޅެއްގެ އެންމެ ސެލްއެއް ލިބުނަސް ނުވަތަ ކުޅުކޮޅެއް ލިބުނަސް އޭނާއަކީ ކާކުކަން ދެނެގަނެވޭނެއެވެ. އެއީ ކޮންމެ މީހެއްގެ ޑީއެންއޭ އެމީހަކަށް ޚާއްޞަވެގެން ވާތީއެވެ. ޑީއެންއޭގެ ބޮޑުބައި ހުރިހާ އިންސާނުންގެ އެއްގޮތްވާނެއެވެ. ނަމަވެސް އެއްމާބަނޑު ދެމީހެއްގެ ނޫނީވިއްޔާ ޑީއެންއޭ ތަފާތު ވާނެއެވެ. މި ތަފާތުތަކުން މީހާގެ ސިފަ ދެނެގަނެވެއެވެ. އެއީ ކިތަންމެ އަހަރެއް ވެފައިވީ ކަމުގައި ވިއަސް މެއެވެ. ޖިނޮމިކްސް އިން 700000 އަހަރުވީ އަހެއްގެ ފައިގެ ކަށިގަނޑަކުން އޭގެ ޖިނޯމް ހޯދިކަމަށް މި ޚަބަރު ބުނެއެވެ. އަދި 430000 އަހަރުވީ އިންސާނެއްގެ ފަަދަ ކަށިގަނޑެއްގެ ޖިނޯމް ތަރުތީބުކުރިކަމަށް މި ޚަބަރު ބުނެއެވެ.

ހަށިގަނޑުގެ ހުރިހާ ސެލްއެއް ވެސް އުފެދޭ އިރު، އޭގައި ޑީއެންއޭ ހުރެއެވެ. ބައެއް މަދު ސެލް ގިނަ ދުވަސްވުމުން އޭގެ ޑީއެންއޭ ނެތި ދެއެވެ. އިންސާނުންގެ ލޭގެ ރަތް ސެލްތަކުގައި، ގިނަ ދުވަސްވުމުން މަދެއް އަދި ޑީއެންއޭ އެއް ނުހުރެއެވެ. އެއީ ހިމަ ހޮޅިތަކުން ލޭ ދަތުރުކުރުމަށް ފަސޭހައަކަށް ސެލް ކުޑަވުމަށް އޭގެ މަދު ގެއްލިދަނީއެވެ. އިސްތައްޓާއި ނިޔަފަތީގެ ސެލްތަކުގައިވެސް ޑީއެންއޭ ނުހުރެއެވެ. ހަރުވުމަށްޓަކައި، މިސެލްތަކުގެ ޑީއެންއޭ ވެސް ނެތިދަނީއެވެ. އެހެންކަމުން، މިތަކެތި ފިޔަވައި އެހެން ހުރިހާ ހަށިގަނޑުގެ ބައިތަކުން ކިތަންމެ ގިނަ ދުވެސްވެފައިވާ ޑީއެންއޭ ލިބުނަސް އެމީހާ ދެނެގަނެވޭނެއެވެ.

މި މަޒުމޫނު ލިޔަމުންދާއިރު، އަޅުގަނޑުގެ ހިތަށް އަރަނީ ކަލާނގެ ކުޅަދުންވަންތަ ކަމެވެ. އިންސާނާ އާއި ހުރިހާ ޖަނަވާރެއްގައި، އެ ޖަނަވާރުގެ ހުރިހާ ސިފަތަކެއް ރަމްޒުން ލިޔެފައިވާ ޑީއެންއޭ ގެ ކުޑަކަމެވެ. ތިނޯހެއްގެ ފަގައަށް މިލިއަން ޑީއެންއޭ ވެސް ލެވޭހާ ޑީއެންއޭގެ ކުޑަކަމެވެ. ޖީންތަކުގެ ގިނަ ކަމެވެ. އިންސާނުން ކިތަންމެ ކުރިއެއް ހޯދިއަސް ޖީންގެ ނޭނގޭ ކޯޑުތަކުގެ ގިނަ ކަމެވެ. އިންސާނުންނަށް އެތައް ލައްކަ އަހަރެއް ވެފައިވާ ޖަނަވާރެއްގެ ކަށިގަނޑުން ޑީއެންއޭ ނަގައިގެން އެ ޖަނަވާރު ދެނެގަތުމަށް ދެއްވި ބުއްދީގެ ފުރިހަމަ ކަމެވެ. ކަންކަން މިހެން ހުރިނަމަ، ތަކެތި ޚަލްޤު ކުރެއްވި ކަލާންގެއަށް އެތަކެތި އަލުން އުފެއްދެވުމަށް ފަސޭހަވޮޑިގެންވާނޭ މިންވަރެވެ. سُبْحَانَ رَبِّيَ ٱلْعَظِيمِ وَبِحَمْدِهِ

ކޮރޯނާވައިރަސް ގެ ޖީން ހުރިތޯ ޓެސްޓްކުރާ ގޮތް


މިހާ ހިސާބަށް ކެތްތެރިކަމާއެކު ވިދާޅުވި ބޭފުޅުންނަށް، ކޮރޯނާވައިރަސް އަށް ޓެސްޓުކުރާނޭގޮތް އަމިއްލައަށް ވިސްނިވަޑައިގަންނަވާނެއެވެ. ކޮންމެ ދިރުން ހުރި އެއްޗެއްގެ ޑީއެންއޭ އެ އެއްޗަކަށް ނާދިރުވެ، ޚާއްޞަވެގެން ވެއެވެ. ޑީއެންއޭ އަކީ ގާތްގަޑަކަށް ހަށިގަނޑުގެ ހުރިހާ ސެލްއެއްގައި ހިމެނޭ އެއްޗެކެވެ. ރަށެއްގައި އުޅޭ މީހަކު ތަނަކަށް ކުޅެއްޖަހާފައިވަނިކޮށް ފެނިއްޖެނަމަ، އެ ޖެހި މީހާ ވަރަށް ފަސޭހައިން ހޯދޭނެއެވެ. ހަދަންޖެހޭނެ ގޮތަކީ ކުޅުގައި ހުރި ޑީއެންއޭ ނަގައި، އެއާ ގުޅެނީ ކާކުތޯ ބެލުމަށް ރަށުގެ ހުރިހާ މީހުންގެ ޑިއެންއޭ އާ އަޅައި ބަލާނީއެވެ. ޑީއެންއޭ މެދުވެރިކޮށް ކުށްވެރިން ހޯދަނީ މިގޮތުންނެވެ.

ހުރިހާ ދިރުން ހުރި އެއްޗެއްގައި ޑީއެންއޭ ހުންނަކަމަށް އަޅުގަނޑަށް މިދެންނެވުނީ މުޅިއަކުން ރަނގަޅަށް ކަމަށް ނުވެދާނެއެވެ. އެއީ ބައެއް ވައިރަސްގައި (މިސާލަަކަށް ހެޕަޓައިޓިސް، އެބޯލާ، ރޭބީސް ފަަދަ ބަލިޖައްސާވައިރަސްގައި)، ޚާއްޞަކޮށް ކޮރޯނާވައިރަސްގައި ޑީއެންއޭ ގެ ބަދަލުގައި ހުންނަނީ ޑީއެންއޭ މޮލިކިޔުލެއްގެ އެއް ލީލި ނުވަތަ އުޅި ރޯނުގޮތަށް އެނބުރިފައެވެ. މި އުޅި ބައެއް ފަހަރު ވަށައިގެން ޖެހި ނުވަތަ އެހެން ވެސް ގޮތްގޮތަށް އޮޅިފައި އޮވެއެވެ. ނަމަވެސް އެއް ލީލިންވެސް، ޑީއެންއޭ އިން ކުރާ މަސައްކަތް ކުރެއެވެ. އެއީ ވައިރަސްގެ ޖީންތައް ހިމެނޭ މޮލިކިޔުލެވެ. އެއަށް ކިޔަނީ އާރުއެންއޭ އެވެ. ދިގުކޮށްނަމަ، ރައިބޯނިޔުކްލިއަކް އެސިޑެވެ. އާރުއެންއޭ ޑީއެންއާ ވުރެ ކުރުވާނެއެވެ. އެއް ނަޒަރަކުން ބަލާއިރު، ވައިރަސް އަކީ ދިރުން ހުރި އެއްޗެއް ކަމަކަށްނުބެލެއެވެ. އެއަށް ދިރުން އަންނަނީ ސެލްއެއްގެ އެތެރެއަށް ވަދެވުމުންނެވެ. ކަދުރުއޮށަކީ ދިރުން ހުރި އެއްޗެއްތޯއެވެ؟ 2000 އަހަރުވެފައިވާ ކަދުރުއޮށުން މީހުން ގަސްފަޅުވާފައި ވެއެވެ. ދެހާސް އަހަރު ވަންދެން، އޮށް އޭގެ ގޮތުގައި އޮތީއެވެ. ވައިރަސް އަކީ ވެސް ކަދުރު އޮށެއް ފަދަ އެއްޗެކެވެ. ސެލްއަކަށް ނުވަދެވޭނަމަ، އޭގެ ގޮތުގައި އެތައް އަހަރެއް ވަންދެން އޮވެވިދާނެއެވެ. މިގޮތުން ބަލާއިރު، ހުރިހާ ދިރުން ހުރި ތަކެތީގައި ޑީއެންއޭ ހުންނާނެކަމަށް ބުނި ބުނުން ގޯސްތޯއެވެ؟

ކޮރޯނާވައިރަސް ގެ ޖިނޯމް ހޯދުން


ކުރިން ދެންނެވުނު ހެން ދިރުން ހުރި އެއްޗެއްގެ ހުރިހާ ޖީންތަކަކަށް ކިޔަނީ ޖިނޯމް އެވެ. ޗައިނާގެ ސަހަރެއް ކަމުގައިވާ ވޫހާންގައި ކޮރޯނާވައިރަސް ފެތުރެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށުމުން، އެތަނުގެ ސައިންސްވެރިން އޭގެ ޖިނޯމް ހޯދައި، ޓެސްޓުތައް ކުރުމަށާއި އެހެން ތަޙުލީލުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް  12 ޖަނަވަރީ 2020 ގައި ފޮނުވިއެވެ. އޭގެ ކުރިން ޖަރުމަނުގެ ކުންފުންޏަކުން ވެސް މި ވައިރަސްގެ ޖިނޯމް ހޯދައި ބައެއް ލެބޯރަޓަރީތަކަށް ފޮނުވާފައި ވެއެވެ. މި ވައިރަސްގެ ޖީންތައް މަދުކަމުން، އެ ހޯދުމަކީ އެހާ އުނދަގޫކަމަކަށް ނުވިއެވެ. އޭގެ ފަހުން ކިތަންމެ ބަޔަކު މި ވައިރަސްގެ ޖިނޯމް ހޯދާފައި ވެއެވެ. މިއޮތީ ނޭޕާލުގެ ބަޔަކު ވައިރަސްގެ ޖިނޯމް ހޯދުމަށްފަހު ޝާއިޢުކުރި ލިޔުމެވެ.

ވައިރަސްއެއް ނުވަތަ މީހެއް ނުވަތަ އެހެން ދިރުމެއް ދެނެގަތުމަށް ހުރިހާ ޖީންތަކެއް ޓެސްޓެއް ނުކުރެއެވެ. މިސާލެއްގެ ގޮތުން ފިރިހެނަކު ވައްކަން ކޮށްފިކަން އެނގިއްޖެނަމަ، އަންހެނުންނާ އަޅާކިޔުމުގެ ބޭނުމެއް ނެތެވެ. ހަމަ މިފަދައިން، ޑީއެންއޭ ނުވަތަ އާރުއެންއޭ ޓެސްޓް ހަދާއިރު، ސަމާލުކަން ދެނީ ވަކި ޖީން ތަކަކަށެވެ. އެންމެ ނާދިރުކަމަށް ފެންނަ ދެތިން ޖީނަށެވެ. މަދު ޖީންތަކެއް އަޅާ ކިޔުމަށް ފަސޭހަވާނެއެވެ.

އާރުއެންއޭ ޑީއެންއޭ އަށް ބަދަލުކުރުން

ކޮރޯނާވައިރަސް އަށް ޕީސީއާރު ޓެސްޓް ހެދުމަށް އެންމެ ފުރަތަމަ ޖެހެނީ ވައިރަސްގައި ޖީންތައް ހިމެނޭ އާރުއެންއޭ ޑީއެންއޭ އަށް ބަދަލުކުރާށެވެ. އެއީ ޕީސީއާރު ޓެސްޓަކީ ޑީއެންއޭ ބަލާ ޓެސްޓެކެވެ. އެހެންކަމުން އަޅުގަނޑު މި ދަންނަވާލަނީ މިކަން ކުރާ ގޮތެވެ.

އާރުއެންއޭ ޑީއެންއޭއަށް ބަދަލުކުރުމަށް ޑީއެންއޭ މަސައްކަތް ކުރާ ގޮތް އެނގެންޖެހެއެވެ. ޑީއެންއޭ މަސައްކަތްކުރަނީ އެއިން އެކި ބާވަތުގެ ކެމިކަލް އުފައްދައިގެންނެވެ. ޚާއްޞަކޮށް ޕްރޮޓީން އުފައްދައިގެންނެވެ. އެކި ކަންކަމަށް އެކި ޕްރޮޓީން އުފައްދައެވެ. މިއިން އެއްވެސް އެއްޗެއް އުފައްދާއިރު، ޑީއެންއޭ އަށް ބަދަލެއް އައިސްގެނެއް ނުވާނެއެވެ. އެ އޮންނަންޖެހޭނީ އެ އޮންނަ ގޮތުގައެވެ. އެހެންކަމުން، ޑީއެންއޭ އިން ހަދާގޮތަކީ، ބޭނުންވާ ޖީންތައް ހިމެނޭ ޑީއެންއޭގެ ތަންކޮޅުގެ ކޮޕީއަކުން އާރުއެންއޭ އެއް އުފައްދަނީއެވެ. ބޭނުންވާ ޕްރޮޓީން އުފައްދަނީ މި އާރުއެންއޭ އިންނެވެ. ޕްރޮޓީން އުފެއްދުމުގައި އާރުއެންއޭ ގެއްލިދެއެވެ. މި އާރުއެންއޭ އަށް ކިޔަނީ މެސެންޖަރ އާރުއެންއޭ އެވެ. އިނގިރޭސިބަހުން އެއްޗެއް އެހެން އެއްޗެއްގައި ލިޔުމަށް ނުވަތަ ނަކަލުކުރުމަށް”ޓްރާންސްކްރައިބް“ކުރުން ކިޔައެވެ. އެހެންވެގެން މި ފިޔަވަޅަށް ޓްރާންސްކްރިޕްޝަން (ކޮޕީކުރުން ނުވަތަ ނަކަލުކުރުން) ކިޔައެވެ. ބޭނުންވާ ޕްރޮޓީން އުފައްދަނީ މި އާރުއެންއޭ އިންނެވެ.

ދެން އޮތީ ވަރަށް މުހިއްމު ސުވާލެކެވެ. އާދެ! އާރުއެންއޭ ޑީއެންއޭ އަށް ބަދަލުކުރެވިދާނެ ހެއްޔެވެ؟ މި ސުވާލުގެ އެއް ޖަވާބަކީ ނޫނެކެވެ. އެއީ އާރުއެންއޭ އަކީ ޑީއެންއޭ އާ އަޅާބަލާއިރު ކުރު އެއްޗެކެވެ. ޑީއެންއޭގައި ހިމެނޭ އެތައް މަޢުލޫމާތެއް އާރުއެންއޭގައި ނުހިމެނޭނެއެވެ. އެހެންކަމުން އެއީ ވާނޭ ކަމެއް ނޫނެވެ. ނަމަވެސް އެހެން ނަޒަރަކުން ބަލާއިރު، ޑީއެންއޭ ގެ ބައްޓަމަށް— ރޯނުކޮޅެއްގެ ދެ ލީލި އޮންނަ ގޮތަށް — އާރުއެންއޭގެ އެއް ލީލިން ދެލީލި އުފައްދައި ޑީއެންއޭ ގެ ބައްޓަން ގެނެވިދާނެއެވެ. ބައެއް ބާވަތުގެ ވައިރަސްތައް ހަށިގަނޑަށް ގެއްލުންދެނީ މިގޮތުގެ މަތިން ސިފަ ބަދަލުކޮށްގެންނެވެ. ހަދާ ގޮތަކީ، ސެލްގެ ތެރެއަށް ވައިރަސް ވަދެ، ޑީއެންއޭ އަކަށް ބަދަލުވެ، ސެލްގެ މަދުގެތެރެއަށް ވަދެ، ޑީއެންއޭ އެއްގެ ގޮތުގައި ވައިރަސްގެ އާރުއެންއޭ އުފައްދަނީ އެވެ. ތިރީގައިވާ ކުރެހުމުގައި އެވަނީ ވައިރަސް އިން މިކަން ކުރާގޮތުގެ ކުރެހުމެވެ.

ޑީއެންއޭ ގެ ދެލީލިއަށް އާރުއެންއޭ ބަދަލުކުރެވޭ ދިޔައެއް ވާނެކަން ސައިންސްވެރިން ބުނާތާ އެތައް އަހަރެއްގެ ފަހުން ޖަޕާނާއި އެމެރިކާގެ ދެ ސައިންސްވެރިންނަށް މި ދިޔަ ހޯދުނީ 1970 ގައި އެކުއެކީގައެވެ. މި ދިޔައަށް އެމީހުން ދިން ނަމަކީ ރިވާރސް ޓްރާންސްކްރިޕްޓޭސް އެވެ. ރިވާރސް ގެ މާނައަކީ އިދިކޮޅު ނުވަތަ ފަހަތެވެ. ޓްރާންސްކްރިޕްޓޭސް އިން އިޝާރާތް ކުރަނީ ޑީއެންއޭ އިން އާރުއެންއޭ އުފައްދާ ގޮތުގެ އިދިކޮޅަށްކަމެވެ. ތަފާތަކީ މިފަހަރު މިނަން ދިޔައަކަށް ކިޔާކަމެވެ. ޓްރާންސްކްރިޕްޝަން އަކީ ކަމެއް ކުރާ ގޮތެކެވެ. ނުވަތަ ކަމެއް ކުރާ މަގެކެވެ. ޕްރޮސަސް އެކެވެ.

ޑީއެންއޭ ގިނަކުރުން


ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ޕީސީއާރު ޓެސްޓު ހެދުމަށް އެމީހުންގެ ގައިން ކުޅު ނުވަތަ އަރުދަފުސް ނަގަނީ ކަފަބުރެއް ކަރުގެ އެންމެ އަޑިއަށް ބާނައިގެން ނުވަތަ ނޭފަތުގެ އެންމެ އެތެރެއަށް ކޮށްޕައިގެންެނވެ. އެންމެ އެތެރެއަށް ވަނުމުން ކަފަބުރު އަނބުރާލާނެއެވެ.  މި ޓެސްޓް ފޭލިވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި، ކަފަބުރުން ވައިރަސް އެއް ނުނެގުން ހިމެނެއެވެ. އެއީ ބޭނި ފުންމިން ތިލަކަމުން ނުވަތަ ބަލީގެ ކުރީކޮޅުގައި ކަމުން ވައިރަސް މަދުން ހުރުމުންނެވެ.

ވާހަކަ ކުރިއަށް ގެންދިއުމަށްޓަކައި، ކަންދިމާވި ގޮތުން ނެގުނީ އެންމެ ވައިރަސް އެއް ކަމަށް ބަލަމާ ހެއްޔެވެ؟ އެންމެ ފުރަތަމަ ވައިރަސް އަކީ ވެސް ލޮލަށް ނުފެންނަ ވަރުގެ ކުޑަ އެއްޗެކެވެ. އޭގައިވާ އާރުއެންއޭ އަދި އެއަށް ވުރެ ކުޑަވާނެއެވެ. މިހާ ކުޑަ އެއްޗަކުން ޓެސްޓެއް ހަދާނީ ފަހެ ކިހިނަކުން ހެއްޔެވެ؟

ޓެސްޓު ހެދުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުރިން ބަޔާންކުރި ގޮތަށް ވައިރަސްގެ އާރުއެންއޭ، ޑީއެންއޭ އަށް ބަދަލުކުރުމަށް ފަހު، މި ޑީއެންއޭގެ އެތައް މިލިއަން ކޮޕީއެއް އުފެއްދުމެވެ.  ޓެސްޓެއް ކުރެވޭ ވަރަށް ޑީއެންއޭ ގިނަކުރުމެވެ. މިކަން ކުރަނީ ކިހިނަކުން ހެއްޔެވެ؟ މަޒުމޫނުގައި ކުރިން ވިދާޅުވިފަދައިން، އިންސާނާ އުފެދެނީ އެންމެ ސެލްއެއް ދެބައިވެ، މި ދެސެލް އަލުން ދެބައިވެ މިގޮތަށް ގިނަވަމުންނެވެ. މިހެން ގިނަވާ ކޮންމެ ފަހަރަކު، ސެލްގެ މަދުގައިވާ ޑީއެންއޭ ދަރިސެލްތަކަށް ނަކަލުވަމުން ދެއެވެ. އެއްވެސް ބަދަލެއް ނާންނަ ގޮތަށެވެ. މިހެން މިވަނީ ކޮން އެއްޗެއްގެ ސަބަބުންކަމެއް ނޭނގިގެން އުޅެނިކޮށް 1956 ވަނަ އަހަރު، މިއީ ސެލްއިން އުފައްދާ ބާވަތެއްގެ ކެމިކަލެއްގެ ސަބަބުން ވާކަމެއްކަން ފާހަގަކުރެވިއްޖެއެވެ. މިކެމިކަލަށް ނުވަތަ ދިޔައަށް ކީ ނަމަކީ ޕޮލީމަރޭސް އެވެ.  އިނގިރޭސިބަހުން ޕޮލީ ކިޔަނީ ވަރަށް ދިގު މޮލިކިޔުލްތައް ހުންނަ ނުވަތަ އެފަދަ މޮލިކިޔުލް އުފައްދާ ދިޔަތަކަށް ނަންދޭއިރު ލަޒުފުގެ ފުރަތަމަ ކޮޅަށެވެ. ޕޮލިތީން، ޕޮލީސްޓަރ، ޕޮލީވިނީލް ކްލޮރައިޑް (ޕީވީސީ) ފަދަ ތަކެއްޗަކީ ޑީއެންއޭ ފަދަ ދިގު މޮލިކިޔުލުން އުފެދިފައިވާ ތަކެއްޗެވެ.

މިހާ ހިސާބުން ޑީއެންއޭ މޮލިކިޔުލަކުން ދެވަނަ ކޮޕީއެއް ނުވަތަ ނަކަލެއް ހަދާގޮތަށް ކުރުކޮށް އަލިއަޅުވާލަން އެބަޖެހެއެވެ. ކުރިން ދެންނެވިހެން، ޑީއެންއޭ މޮލިކިޔުލަކީ ރޯނުކޮޅެއްހެން ދެ ލީލި ހިމެނޭ އެނބުރިފައި އޮންނަ މޮލިކިޔުލެކެވެ. ދެ ލީލި ހުންނަނީ ތަންތަންކޮޅުން އެހެން ކުދި މޮލިކިޔުލުތަކުން ގުޅިފައެވެ. ރޯނުފަށެއްގެ ސިފަ،  މިއަށް ގެނެވެނީ މިގޮތުންނެވެ. ނަނު ނުވަތަ ވަލަކުން ހަދާފައިވާ ހަރުގަނޑެއްގެ އެއްކޮޅުގައި ހިފައި އޮޅާލައިފިނަމަ އޮންނާނީ މިފަދަ ގޮތަކަށެވެ.

ޑީއެންއޭ ނަކަލުކުރުމަށް އެންމެ ފުރަތަމަ ވާގޮތަކީ ދިޔައެއްގެ ސަބަބުން، އޮޅިފައިވާ މިހަރުގަނޑު ނުވަތަ ދެފަށް ރޯނުގެ އުޅި ސީދާ ވަނީއެވެ. މިހެންވަނީ ޚާއްޞަ ދިޔައެއްގެ ސަބަބުންނެވެ. މިހެންވުމުން ޑީއެންއޭ ތެދު ހަރުގަނޑަކާ ވައްތަރުވެއެވެ. ދެ ދަނޑި ގުޅިފައިވަނީ ހަރުތަކަކުންނެވެ. މިހަރުތަކުގެ އަދަދު އެތައް ބިލިއަނަށް ވުރެ ގިނަވާނެއެވެ. ދެ ދަނޑި ދެމެދުގައިވާ ހަރުތަކަށް ނަޒަރު ހިންގާލުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭނީ، ހަރުތަކުގެ މެދުން ސީދަލަށް ކަފާލައިފި ނަމަ، ދެފަރާތުގައިވާ ހަރުގެ ބުރިވަރުތަކުގައި ތަރުތީބެއް ވާކަމެވެ. މިސާލެއްގެ ގޮތުން C ޖަހާފައިވާ ހުރިހާ ބުރިވަރުތަކެއް ގުޅެނީ G ޖަހާފައިވާ ބުރިވަރަކާއެވެ. A ޖަހާފައިވާ ހުރިހާ ބުރިވަރެއް ގުޅެނީ T ޖަހާފައިވާ ބުރިވަރަކާއެވެ. އެހެންކަމުން، ހަރުގަނޑުގެ އެއް ދަނޑި އާއި އެ ދަނޑިއާ ގުޅިފައިވާ ބުރިވަރުތަކުގެ ތަރުތީބު އެނގެނިކޮށް، އަޅުގަނޑުމެންނަށް އަނެއް ފަރާތުގެ ދަނޑިއާއި ބުރިވަރުތައް އަތުރަން އެނގޭނެއެވެ. [މި ހަތަރު ބާވަތުގެ މޮލިކިޔުލަށް ކިޔަނީ ނައިޓްރޯޖެނަސް ބޭސް އެވެ.]

ޑީއެންއޭ ނަކަލުކުރަން ވާގޮތަކީ، ސެލް އިން އުފައްދާ ޚާއްޞަ ދިޔައެއްގެ ސަބަބުން ޑީއެންއޭ މޮލިކިޔުލް މެދުން ދެބައިވަނީއެވެ. ދެން އެއަށް ފަހު ސެލްއިން އުފައްދާ ދިޔަތަކަކުން ހަރުގަނޑުގެ އަނެއް ފަރާތް ހެދި ކުރިން އޮތް ގޮތަށް ޑީއެންއޭ އޮޅެނީއެވެ. މިހެންވުމުން ދެ ޑީއެންއޭ މޮލިކިޔުލް އުފެދުނީއެވެ. ޙަޤީޤަތުގައި ޖީން އަކީ މި ޑީއެންއޭ ހަރުގަނޑުގެ ވަކި ހިސާބަކުން ވަކި ހިސާބަކަށެވެ. މިސާލެއްގެ ގޮތުން މީހެއްގެ ކަނާއަތުގެ ކުޑަވައި އިނގިލީގެ ނިޔަފަތީގެ ފުޅާމިންވަނީ މި ހަރުތަކުގެ ވަކި ހިސާބަކުން ވަކި ހިސާބަކަށް A, C, G, T މި އަކުރުތައް ހުރި ތަރުތީބަކުން ރަމްޒުން ލިޔެވިފައެވެ.

މަތީގައި ބަޔާންކުރި ގޮތަށް އެއް ޑީއެންއޭ އިން ދެ ޑީއެންއާ އުފެދި ދެބައިވެއެވެ. ދެން މި ދެ ޑީއެންއޭ އިން ހަތަރު ޑީއެންއޭ އުފެދެއެވެ. ހަތަރު ޑީއެންއޭ އިން އަށް ޑީއެންއޭ އުފެދި މިގޮތަށް ގޮސް ގަޑިއެއްގެ އިރުގެ ތެރޭގައި އެތައް މިލިއަން ޑީއެންއޭ އުފެދެއެވެ.

ވައިރަސްގެ ގެ ވަކި ޖީންތަކެއް ގިނަކުރުން


ކޮރޯނާވައިރަސްއަށް ޓެސްޓުކުރާއިރު ބަލަނީ އެ ވައިރަސް އަށް ޚާއްޞަ ޖީންތަކެއް މީހާގެ ކުޅުގައި ހިމެނޭތޯއެވެ. މީހެއްގެ ކުޅުގައި އެ ޖީންތައް ހުރިނަމަ، އެއީ ކޮރޯނާވައިރަސް ޔަޤީނުންވެސް އެމީހާގެ ގައިގައި ހުރިކަމުގެ ދަލީލެކެވެ. ދެތުން ފަސޭހައަކަށް ޓެސްޓުކުރާއިރު ބަލަނީ ކޮރޯނާވައިރަސްއަށް ޚާއްޞަ އެންމެ ޖީނެއް ހުރިތޯ ކަމަށް ވިސްނަވާށެވެ. މި ޖީންއަށް ކިޔަނީ ޓާގެޓް (އަމާޒުކުރާ) ޖީންއެވެ. މި ޖީން ގިނަކުރަން ހަދާ ގޮތަކީ ޑީއެންއޭގައި މި ޖީން ފެށޭ ހިސާބާއި ނިމޭ ހިސާބު ފާހަގަކުރަނީއެވެ. ދެން އެއަށްފަހު، ޑީއެންއޭ ”ހަރުގަނޑު“ގައިވާ މި ޓާގެޓް ޖީން ފެށޭތަނުގެކުރިއަށާއި ފަހަތަށްވާ ވިއްސަކަށް ”ހަރު“ ފާހަގަކުރަނީއެވެ. ކުރިން ދެންނެވިހެން މިއީ ކެމިކަލްތަކެކެވެ. ކެމިކަލް ދިޔައެވެ. މި ދިޔައަށް ކިޔަނީ ޕްރައިމަރ އެވެ. މި ޕްރައިމަރ ނުވަތަ ދިޔަ އަކީ ކޮރޯނާވައިރަސްގެ ބޭނުންވާ ޖީންތަކުގެ ދެކޮޅުގައިވާ ”ހަރުތަކެވެ.“

ދެން މިއަށް ފަހު، މި ޕްރައިމަރއާއި ހަރުތައް ހެދިފައި ހުންނަ މާއްދާތަކާއި ފެނެއް ކުޑަ ފުޅިއަކަށް އަޅަނީއެވެ. މިފުޅިއަށް ދެން އަޅަނީ، ޕޮލީމަރޭސް އެވެ. މި ޕޮލީމަރޭސްއަކީ، ހޫނު ފެންގަނޑުގައި އުޅޭ ޖަރާސީމަކުން ނަގާ ޕޮލީމަރޭސްއެކެވެ. އެކަމުގެ ސަބަބުން، ޕޮލިމަރޭސް ހޫނުކުރުމަކުން ހަލާކެއް ނުވެއެވެ. މިއަށް ފަހު، މިފުޅި ގާތްގަޑަކަށް 96 ދަރަޖައަށް ހޫނުކުރަނީއެވެ. މިވަރަށް ހޫނުކުރުމުން، ޓެސްޓުކުރާ ކުޅުގައި ހުންނަ ވައިރަސްގެ ޑީއެންއޭގެ ދެލީލި ގުޅިފައިވާ ގުޅުން ހަލާކުވެ ދެ ލީލި ވަކިވެއެވެ. ނުވަތަ ހަރުގަނޑު މެދުން ކެފިގެން ދެއެވެ. މިއަށްފަހު، ދެން ހަދާ ގޮތަކީ، ހޫނުކަން ގާތްގަޑަކަށް 55 އާއި 65 ދަރަޖައަށް ތިރިކުރަނީއެވެ. ހޫނު ދަށްކުރުމުން، ޑީއެންއޭގެ ލީލިއެއްގައި މި ބައި ހުރިނަމަ، ގުޅި މެކުވެއެވެ.

މިއަށްފަހު، އަނެއްކާ ފުޅިއަށް ހޫނުކުރަނީއެވެ. މިފަހަރު ހޫނުކުރަނީ، ގާތްގަޑަކަށް 72 ދަރަޖައަށެވެ. މިވަރަށް ހޫނުކުރުމުން ޑީއެންއާ ގުޅިފައިވާ ޕްރައިމަރގެ ދެމެދުގައިވާ ޖާގައަށް ފުޅީގައިވާ ހަރުގެ ކުދިބައިތައް އެކުވެ، ފުރިހަމަ ޑީއެންއޭ އެއް އުފެދެއެވެ. މިހެންވުމުން ދެ ޑީއެންއޭ އުފެދުނީއެވެ.

ދެން ހަދާގޮތަކީ، އަނެއްކާ 96 ދަރަޖައަށް ހޫނުކުރަނީއެވެ. ހޫނުކުރުމުން މި ދެ ޑީއެންއޭގައިވާ ލީލިތައް ވަކިވެ ހަތަރު ލީލިއަށް ވެއެވެ. ދެންކުރިން ބަޔާންކުރެވުނު  ގޮތަށް ހޫނުދަށްކޮށް މަތިކުރުމުން، ހަތަރު ޑީއެންއޭ ވެއެވެ. ތިންވަނަ ފަހަރު ތަކުރާރުކުރުމުން 8 ޑީއެންއޭ، ހަތަރުވަނަ ފަހަރުން 16 މިހެންގޮސް ދާދިއަވަހަށް ބޭނުންވާ ޓާގެޓް ޖީން ހިމެނޭ އެތައް ޑީއެންއޭ އެއް އުފެދެއެވެ.

މަތީގައިވާ ކުރެހުމުން، ޑީއެންއޭ ގިނަކޮށް ޓެސްޓުކުރާ މި ގޮތަށް ޕީސީއާރު ކިޔާ ސަބަބު އެނގިވަޑައިގަންނަވާނެ އެވެ. އެއް ޑީއެންއޭ އިން ދެ ޑީއެންއޭ އުފެދި މިގޮތަށް ދާދިއަވަހަށް ޑީއެންއޭ ގިނަވެއެވެ. މިގޮތަށް އެއްކަމަކާ ގުޅިގެން ވަރަށް އަވަހަށް ކަމެއް ފެތުރި ގިނަވާ ޢަމަލަށް ކިޔަނީ ޗެއިން ރިއެކްޝަން އެވެ. ޗެއިން ކިޔަނީ ސިލްސިލާ ނުވަތަ ހިލިހިލައަށެވެ.  ރިއެކްޝަން އަކީ އެއްޗެތިތަކެއްމެހުމެވެ. ނުވަތަ މެކުމެވެ. އެއްކަމެއް އަނެއްކަމަކާ ގުޅިފައިވާތީ މިހެން ކިޔަނީއެވެ. މި ގިނަވުން ބިނާވަނީ ޕޮލިމަރޭސްގެ ސަބަބުން ކަމަށްވާތީ، މި ގިނަވުމަށް ޕޮލިމަރޭސް ޗެއިން ރިއެކްޝަން ކިޔަނީއެވެ. ކުރުކޮށްނަމަ، ޕީސީއާރު އެވެ.

އާދެ! މިހާ ހިސާބުން، ކުޅު ނަގާ ޓެސްޓު ކުރި މީހާގެ ޑީއެންއޭގައި ކޮރޯނާވައިރަސް ހުރިނަމަ އެވާނީ ގިނަ ކުރެވިފައެވެ. ގިނަވާލެއް އަވަސްމިނީ ދޮޅުގަނޑިއިރެއްގެ ތެރޭގައި އެތައް ބިލިއަން ޑީއެންއޭ އުފެދިދާނެއެވެ. ގިނަ ޓެސްޓުތަކަށް 30 ބުރުން ފުދެއެވެ. އެކި މިންވަރަށް ހޫނުކަން ބަދަލުކޮށް ހަދަނީ މެޝިނަކުންނެވެ. މި މެޝިނަށް ކިޔަނީ ތާރމަލް ސައިކްލަރ އެވެ. ހޫނު ބުރުޖަހާ އާލަތެވެ. ޕީސީއާރު މެޝިން ވެސް ކިޔައެވެ.

މިހާތަނަށް ކުރި މަސައްކަތުން ބިލިއަން ޑީއެންއޭ އުފެއްދިއްޖެއެވެ. ނަމަވެސް ޑީއެންއޭ ގިނަވިކަން އަޅުގަނޑުމެންނަށް އެނގޭނީ ކިހިނަކުންތޯއެވެ؟ މިކަން ދެނެގަންނަން ހަދާގޮތަކީ، ގިނަކުރަން ފެށުމުގެ ކުރިން ޕްރައިމަރއާ އެކު ސާމްޕްލްގެ ތެރެއަށް ނުވަތަ ކުޅުތެރެއަށް ފެނެއް އަޅަނީއެވެ. މި ފެނުގެ އާދަޔާ ޚިލާފު ކަމަކީ، ވަރަށް ގަދަޔަށް ދެފަށަން ހުންނަ ޑީއެންއޭގައި އެ ހިފާކަމެވެ. އަދި ހިފުމުން އެއަށް ނޫކުލައިގެ އައްޔެއް އަޅުވައިފިނަމަ، ފެހިކުލައިން އެ ދިއްލެއެވެ. ފުލުއޮރަސަންޓް ދެލިން ކުރަހާފައި ހުންނަ ފައިސާގެ ނޫޓަށް އަލްޓްރާވައިލެޓް އަލި އެޅުމުން ދިއްލޭ ފަދައިންނެވެ. ބޮޑަށް ހޫނުކޮށްލުމުން ޑީއެންއޭ ގެ ދެ ފަށް ދުރުވުމުން އަލިއުފައްދާނީ ވަރަށް ފަނޑުކޮށެވެ. ޑީއެންއޭ ނެތް ނަމަ ވެސް އަލިއުފައްދަނީ ވަރަށް ފަނޑުކޮށެވެ.  އެހެންކަމުން، ދެފަށް ނުވަތަ ލީލި ހުންނަ ޑީއެންއޭ ގިނަވަމުންދާ ވަރަކަށް އަލިކަން ދާނީ ގަދަވަމުންނެވެ. ޕީސީއާރު މެޝިނުން ހޫނުކޮށް ފިނިކޮށް ހަދާ ކޮންމެ ބުރެއް ނިމުމުން އަލި އުފައްދާ ވަރު ބަލައި ޗާޓެއް ކުރަހައެވެ. ދެން ޗާޓުން ބަލާއިރު އަލި ގަދައަށް އުފައްދާނަމަ، ސާމްޕްލް ބައްޔަށް ޕޮޒިޓިވް ވީއެވެ. ޑީއެންއޭ ގިނަވަމުން ދާއިރު، ވަގުތުން އޭގައި ހުންނަ ޑީއެންއޭ މިނެވޭތީ މި ބާވަތުގެ ޓެސްޓަށް ރިއަލް-ޓައިމް Real Time (ވަގުތުން) ބެލޭ، މިންވަރު ވިޔަކުރެވޭ (quantitative) ޕީސީއާރު ކަމަށް ބުނެއެވެ. ކުރުކޮށް ލިޔަނީ RT-qPCR އެވެ. މިހާރު މި ޓެސްޓަށް RT-qPCR  ކިޔާ ސަބަބު އެނގިވަޑައިގަންނަވާނެއެވެ.

ތިރީގައި އެވަނީ މިކަން ހިނގާގޮތް ދައްކައިދޭ ވީޑިއޯ އެކެވެ.

ޕީސީއާރު ޓެސްޓުކުރާ މެޝިނަކީ، ކުރިން ދެންނެވިހެން، ކުދި  ޕްލާސްޓިކް ފުޅިތަކެއްގައި އަޅާފައި ހުންނަ ޑީއެންއޭ އެކި ވަރުވަރަށް ހޫނުކޮށް ފިނިކޮށް ހަދާ މެޝިނެކެވެ. ރިއަލް ޓައިމް ޕީސީއާރު މެޝިނުގެ މަތީބައި ގައި ހުންނާނީ، މި ޕްލާސްޓިކް ފުޅިތަކަށް އަލިފޮނުވާ ބަޔަކާއި ފުޅިން ނުކުންނަ އަލި މިނޭނެ ސާމާނުތަކެކެވެ. ދެން ކޮމްޕިއުޓަރަކުން ހިސާބުތައް ކޮށް ޗާޓުކުރެހޭ ގޮތް ހަދާފައި ހުރެއެވެ. އަތުން ހިފާ ގެންގުޅެވޭ ވަރުން ފެށިގެން މޭޒުމަތީ ބަހައްޓާ ބޮޑެތި ޕީސީއާރު މެޝިން ހުރެއެވެ. އެންމެ ގިނައިން ބޭނުންކުރާ ސައިޒުން އެއްފަހަރާ 96 ޓެސްޓު ހެދޭނެއެވެ. އެފަދަ މެޝިނެއް 15000 ޑޮލަރަށް ވުރެ އަގުބޮޑެއް ނުވާނެއެވެ. ނަމަވެސް، ސާމްޕްލް ނަގާ ތަކެއްޗާއި ޕޮލީމަރޭސް އާއި މި ނޫނަސް އަޅާ ދިޔަތައް އަގުބޮޑުކަމުން ޓެސްޓެއްގެ އަގު އުޅޭނީ 50 އާއި 60 ޔޫއެސް ޑޮލަރާ ދެމެދުއެވެ. މިތަކެއްޗަކީ ކަނޑާލުމަށްފަހު އެއް ފަހަރު ބޭނުންކުރެވޭ ތަކެއްޗެވެ.

މަޢާފުކުރައްވާށެވެ. 96 ކުދި ފުޅި ލެވޭގޮތަށް ހުއްޓަސް، އެއްފަހަރާ ޓެސްޓު ކުރެވޭނީ 92 ވަރަކަށް ޓެސްޓެވެ. ޕީސީއާރު ޓެސްޓުން، ޓެސްޓުކުރާއިރު، އެއަށް އަޅާ ދިޔަތައް ގަޑުބަޑުވެ، ބާރުކެޑިފައި ހުރެދާނެތީ ރަނގަޅުތޯ ބެލުމަށް ހަތަރު ވަރަކަށް ފުޅި އަޅާކިޔުމަށް — ކޮންޓްރޯލަކަށް — ބޭނުން ކުރާނެއެވެ. އެއް ދެ ފުޅީގައި ހުންނާނީ ގައިމުވެސް ކޮރޯނާ ވައިރަސް ގެ ޑީއެންއޭ ނެތް ސާފު ފެނެވެ. މި ފުޅިއަށް ކިޔަނީ ނެގެޓިވް ކޮންޓްރޯލް އެވެ. އަނެއް ދެ ފުޅީގައި ހުންނާނީ ޔަޤީނުންވެސް ކޮރޯނާ ވައިރަސް ހުރި ދިޔައެވެ. މި ދެފުޅިއަށް ކިޔަނީ ޕޮޒިޓިވް ކޮންޓްރޯލެވެ. ދެން އަނެއް 92 ފުޅީގައި ޓެސްޓް ކުރަންބޭނުންވާ ސާމްޕްލްތަކެވެ. އެމެރިކާގައި ޓެސްޓުތައް ފެށުން ލަސްވީ، އެތަނުން އެކި ސަހަރުތަކަށް ސަރުކާރުގެ ކަމާ ބެހޭ މައި އިދާރާއިން ފޮނުވި ސާފު ފެން (ނެގެޓިވް ކޮންޓްރޯލް) ގަނޑުބަނޑު ވެފައިވުމުގެ ސަބަބުން ޓެސްޓު ނުބައިވުމުންކަމަށް ޚަބަރުތަކާއި އެމެރިކާގެ ރައީސް ވިދާޅުވެފައި ވެއެވެ. ޕީސީއާރުން ގިނަ ކުރަނީ އެންމެ ޖީނެއް އެތައް މިލިއަން ފަހަރު ވަންދެންނެވެ. އެހެންކަމުން، ނުބައި ޖީނެއް ސާމްޕަލްތަކާ އެކުވެއްޖެ ނަމަ، އެ ގިނަވެ، ޓެސްޓު ގޯސްވެދާނެތީ މި ޓެސްޓަކީ ވަރަށް ފަރުވާ ތެރިކަމާ އެކު ވަރަށް ސާފުތަނަކު ކުރަންޖެހޭ ޓެސްޓެކެވެ. އެކި ބައިތައް އެއްކުރަންޖެހޭނީ ވެސް އެކި ކޮޓަރީގައި ކަމަށް ބައެއް ފޮތްތަކުގައި ހުރެއެވެ. ކުރިން ދެންނެވިހެން، ޓެސްޓުން އަލިއުފައްދަން އަޅާ ދިޔައަކީ (ޕްރޯބްއަކީ) ކޮންމެ ޑީއެންއޭ އަކުން ވެސް އަލި އުފައްދާ އެއްޗެކެވެ. އެހެންކަމުން، އެހެން ވައިރެސްއެއްގެ ނުވަތަ އެހެން ދިރުމެއްގެ ޑީއެންއޭ ގިނަވިޔަސް އަލި އުފައްދާނެއެވެ. ވީމާ، ޓެސްޓު ބަރާބަރަށް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިހާ ހިސާބުން ކޮރޯނާވައިރަސް އަށް ޓެސްޓް ކުރާ ގޮތް ދަންނަވައި ނިމުނީއެވެ. މިއީ ޙަޤީޤަތުގައި ކޮވިޑް-19 ބަލި ޖައްސާ ކޮރޯނާވައިރަސްގެ ޖީން މީހާގެ ކުޅުގައި ނުވަތަ އަރުދަފުހުގައި ހުރިތޯ ބަލާ ޖެނެޓިކް ޓެސްޓެކެވެ. މި މަޒުމޫނުގައިވާ މިންވަރު ތިބާއަށް އޮޅުން ފިލައިފިނަމަ، ރާއްޖޭގައި މި މިންވަރަށް މިކަން ދަންނަ 300 ވަރަކަށް މީހުންގެ ތެރޭގައި ތިބާ ހިމެނޭނެއެވެ. މަރުޙަބާއެވެ!