ކޮންމެ މީހަކަށް ވެސް އޮޅުންފިލާގޮތަށް

ވައިރުކުރުމުގެ ހަމަތަކަށް ޔޫރަޕުގައި އަންނަމުންދާ ބަދަލުތައް

In Search of God

މި މަޒުމޫނުގައި އަޅުގަނޑު މިދަންނަވާލަނީ ޔޫރަޕުގެ އެކި ޤައުމުތަކުގައި ވައިރުކުރުމުގެ ހަމައަށް ގެނެސްފައިވާ ބަދަލުތަކެވެ. މި ބަދަލުތައް ރާއްޖެއަށް ފެތުރިގެން ގޮސްފާނެތީ، މި ކަންކަމަށް އިލެކްޓްރިކް މަސައްކަތްކުރާ މީހުންނާއި ޝައުޤުހުންނަ އެހެން މީހުން ފަރިތަވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ފެނެއެވެ. މި ބަދަލުތައް ރާއްޖޭގައި ތަންފީޒުކޮށްފި ނަމަ، ވައިރުކުރުމުގެ އަގު ބޮޑުވާނެއެވެ. ނަމަވެސް، މި ބަދަލުތަކަކީ ގެންނަންޖެހޭ ބަދަލުތަކެއް ކަން ކޮންމެ ކިޔުންތެރިއަކަށް ވެސް ޔަޤީން ކުރެއްވޭނެއެވެ. ތިރީގައި މި ބަޔާންކުރަނީ މިގޮތުން އަޅުގަނޑު ފާހަގަކޮށްލާ މައިގަނޑު ފަސް ބަދަލެވެ.

ކޮންމެ ސާކިޓަކަށް ވަކި އީއެލްސީބީ އެއް ގުޅުން

ރާއްޖޭގައި ވައިރުކުރާއިރު، ގެއަށް ވަންނަ ސަޕްލައިގައި ގުޅަނީ އެންމެ އީއެލްސީބީ އެކެވެ. އީއެލްސީބީ އަކީ، ކަރަންޓު ލީކުވާން ފަށައިފިނަމަ، ސާކިޓުން ކަރަންޓު އަމިއްލައަށް ކަނޑާލާ ބުރޭކަރެކެވެ. އީއެލްސީބީއަށް އެކި ޤައުމުތަކުގައި ކިޔަނީ އެކި ނަމެވެ. ބައެއް ޤައުމުތަކުގައި މި ސާކިޓް ބުރޭކަރަށް އާރުސީސީބީ ކިޔައެވެ. އަނެއްބައި ޤައުމުތަކުގައި ޖީއެފްސީއައި ކިޔައެވެ. އަދި ބައެއް ޤައުމުތަކުގައި އާރުސީޑީ ކިޔައެވެ. މިއީ ކަނަމަދަށް ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި އެކި ނަން ކިޔާ ބީދައިން ކިޔާ ގޮތެކެވެ. އެއްޗަކީ މައިގަނޑު ގޮތެއްގައި އެކައްޗެކެވެ. ސާކިޓުގެ ތެރެއަށް ވަންނަ ކަރަންޓާއި ސާކިޓުގެ ތެރެއިން ނުކުންނަ ކަރަންޓު އެއްވަރު ނޫންނަމަ، އޭގެ މާނައަކީ ކޮންމެވެސް ގޮތަކުން ކަރަންޓު ލީކުވާކަމެވެ. އީއެލްސީބީއިން ކުރާކަމަކީ އެއްވަރު ނޫންކަން ފާހަގަވާ އިރަށް، މި ބުރޭކަރު ވައްޓާލުމެވެ. މިހާރުގެ އީއެލްސީބީ މަސައްކަތްކުރާގޮތަށް ބަލައި، އެއަށް ކިޔަން އެންމެ ރަނގަޅު ނަމަކީ، އާރު.ސީ.ސީ.ބީ.  (RCCB) އެވެ. އާދެ! ރެސިޑުއަލް ކަރަންޓް ސާކިޓް ބުރޭކަރ އެވެ. (ލީކުވުމުގެ ސަބަބުން އެނބުރި އަންނަ ކަރަންޓު މަދުވާނަމަ، ސާކިޓު ކަނޑާލާ ބުރޭކަރެވެ.)

.

ކަރަންޓު ލީކުވުމުގެ ސަބަބުން ސާކިޓް ބުރޭކަރު ވެއްޓިއްޖެނަމަ، މުޅި ގެއިން ކަރަންޓު ކެނޑެއެވެ. އެހެންކަމުން ކަރަންޓާ ގުޅާފައި ހުރި ހުރިހާ އެއްޗެއް ކެނޑޭނެއެވެ. މިއީ ވަރަށް އުނދަގޫ ބޮޑު ގޮތެކެވެ. ބައެއް ފަހަރު، ކަރަންޓު ލީކުވަނީ ކޮން ސާކިޓަކުން ކަމެއްވެސް ނޭނގޭނެއެވެ. މި ދެ މައްސަލައާ ހެދި، ޔޫރަޕުގެ ބައެއް ޤައުމުތަކުގައި، ކުރާކަމަކީ، ކޮންމެ ސާކިޓަކަށް ވަކި “އީއެލްސީބީ” އެއް ލަނީ އެވެ. މި އީ އެލްސީބީ އަކީ، އާދައިގެ ބުރޭކަރެއް ފަދައިން ވެސް މަސައްކަތްކުރާ އެއްޗެކެވެ. އެހެންކަމުން ކަރަންޓު ލީކުވިއަސް، އަދި މާ ގަދަ ކަރަންޓެއް ނެގިއަސް މި ބުރޭކަރު ވެއްޓޭނެއެވެ.

މިފަދަ ބުރޭކަރު މިޒަމާނުގައި އާދައިގެ ކުދި ބުރޭކަރުގެ ފުޅާމިނުގައި ހަދައެވެ. އަދި ބުރޭކަރު އެކި މިންވަރުގެ ކަރަންޓަށް ހަދާފައި ހުރެއެވެ. މިސާލެއްގެ ގޮތުން 10 އެމްޕަޔަރުގެ ސާކިޓަށް ހަދާފައި ހުރެއެވެ. މި ފަދަ އެއްޗެއް ބުރޭކަރެއް ގުޅުމުން، ސާކިޓުން ލީކުވިއަސް އަދި ކަރަންޓު 10 އެމްޕަޔަރަށް ވުރެ މަތިވިއަސް ބުރޭކަރު ވެއްޓޭނެއެވެ. ގެއެއްގައި މި ފަދަ ބުރޭކަރު ހަރުކުރުމުން، ސާކިޓަކުން ލީކުވާނަމަ، ވެއްޓޭނީ އެ ސާކިޓުގެ ބުރޭކަރު އެކަންޏެވެ. މުޅިގެއަކުން ކަރަންޓެއް ނުދާނެއެވެ. ވަރަށް ފަސޭހަގޮތެއް އެހެން ނޫންތޯއެވެ. މިފަދަ ބުރޭކަރު ފާހަގަ ކުރެއްވޭނޭ ގޮތަކީ، އެ ތަންކޮޅެއް ދިގުވުމާއި އެކު (ނިއުޓްރަލް ގުޅާނެ) އިތުރު ނަރުފަށެއް އޭގައި ހުރުމެވެ.

މި ޑިސްޓްރިބިއުޝަން ބޯޑުގައި (ޑީބީގައި) ކުދި ބުރޭކަރު (އެމްސީބީ) ގެ ބަދަލުގައި ވަނީ ހުސް އާރުސީބީއޯ އެވެ. ކޮންމެ ބުރޭކަރަކުން ނޫކުލައިގެ ނަރެއް ނުކުމެފައިވާކަން ފާހަގަކުރައްވާށެވެ. އެއީ ނިއުޓްރަލް އެވެ. ޔޫރަޕުގައި ނޫކުލަ ބޭނުންކުރަނީ ނިއުޓްރަލް އަށެވެ. މުށި ލައިވް އަށެވެ. ރާއްޖެއާ ޚިލާފަށް ޔޫރަޕުގައި ކަޓްއޯފް  ބުރޭކަރު ހަރުކުރަނީ ކަނާތްފަރާތުގައެވެ. އާތު ނަރުތައް ގުޅާފައިވާ ބަސްބާރ ހުންނަނީ ވާތްފަރާތުގައެވެ. ރީތިކޮށް ތަރުތީބަށް ޑީބީ ވައިރުކުރުމަކީ ރައްކާތެރި ކަމެކެވެ.

ސާޖް ޕްރޮޓެކްޝަން މަޖުބޫރުވުން

އެނގިވަޑައިގަންނަވާނޭ ފަދައިން، ގުގުރައި ވިދަން ފެށުމުން ރޭޑިއޯތަކަށް އެ އަޑު އަރައެވެ. ގާތް ހިސާބަކަށް ހޮނުއަޅާ ނަމަ، ގޭގައި ހުންނަ ޓީވީ އާއި ކޮމްޕިއުޓަރު ފަދަ ތަކެތި ހަލާކުވެއެވެ. އަދި ބައެއް މަދު ފަހަރު ގޭގައި ހުންނަ އިލެކްޓްރިކް ބައެއް ސާމާނު، ދޮންނަ މެޝިނެއް ފަދަ އެއްޗެއް ޖައްސާލުމުން ހަލާކުވެއެވެ. ގަދަ ކަރަންޓު ބޭނުންކުރާ ބައެއް ތަކެތި ޖެއްސުމުން ބުރޭކަރު ވެއްޓޭގޮތް ވެސް ދިމާވެއެވެ. މިހެން މިދިމާވަނީ ކީއްވެގެންތޯއެވެ؟

ގޭގެއަށް ކަރަންޓު ލާފައި ހުންނަނީ 230 ވޯލްޓްގެ އޭސީ ބޭނުންކޮށްގެންނެވެ. މިއީ ކޮން އެއްޗެއްކަން އައްވަލުން ފެށިގެން ކިޔާދީފައިވާ މަޒުމޫނުތަކުގެ ލިންކުތައް ތިރީގައި ވެއެވެ. ވިދުމަކީ ކަރަންޓުން ވާކަމެކެވެ. މިހެން ޖައްވުގައި ދިމާވުމުން، ކަރަންޓު ރާޅުތައް އުފެދެއެވެ. މި ރާޅުތައް އަވަހަށް ދަތުރުކޮށް، ވައިރުކޮށްފައި ހުންނަ ނަރުތަކަށް އޭގެ ބާރު އަރާގޮތް ވެއެވެ. މި ބާރު އެރުމުން 230 ވޯލްޓަށް ވުރެ މައްޗަށް ކަރަންޓުގެ ފިއްތުން މަތިވެއެވެ. ގޭގެ ގިނަ ތަކެތި އުފައްދާފައި ހުންނަނީ 230 ވޯލްޓްގެ ފިއްތުމަކުން ނުވަތަ ވޯލްޓޭޖަކުން މަސައްކަތް ކުރާ ގޮތަށެވެ. އެހެންކަމުން، ވޯލްޓޭޖް މަތިވުމުން، މި ތަކެތި ހަލާކުވާގޮތް މެދުވެރިވަނީއެވެ. މިދެންނެވިގޮތަށް ކުއްލިއަކަށް ކުރު ވަގުތުކޮޅަކަށް ވޯލްޓޭޖް މަތިވުމަށް ކިޔަނީ ސާޖް ވުމެވެ. ސާޖް ގެ ޙަޤީޤީ މާނައަކީ، ދިޔަވަރު ފަދަ އެއްޗެއް ކުއްލިއަކަށް މަތިވުމެވެ. މީހުންތަކެއް ކުއްލިއަކަށް ކުރިއަށް ޖެހިގަތުމަށް ކިޔަނީ ވެސް ސާޖްއެވެ. މި ޒަމާނުގައި ކޮންމެ އެއްޗެއް ވެސް، ކުއްލިއަކަށް މަދު ވަގުތުކޮޅަކަށް މަތިވުމަށް، މިސާލަކަށް ވިޔަފާރިއެއްގެ ނަފާ މަތިވުމަށް ވެސް، ސާޖް ކިޔައެވެ.

ވެލްޑިން ކުރުން ފަދަ ކަންކަމަށް ގަދަ ކަރަންޓު ނަގަން ފެށުމުން ވެސް، ސާޖް އުފެދެއެވެ. މި ޒަމާނުގެ ގެތަކުގައި، އިލެކްޓްރޮނިކް ވަރަށް ގިނަ ސާމާނު ބޭނުންކުރެއެވެ. މިތަކެއްޗަކީ ސާޖްގެ ސަބަބުން ވަރަށް ފަސޭހައިން ހަލާކުވާނޭ ތަކެއްޗެވެ. އެހެންކަމުން، އިނގިރޭސިވިލާތުގެ އިލެކްޓްރިކް އާ ބެހޭ ގަވާއިދު 2018 ވަނަ އަހަރު ފާޅުކުރިއިރު، އެއް ބިސީއަށް ވުރެ ގިނަ ބިސީގައި މީހުން އުޅޭ ހުރިހާ ތަނެއް ވައިރުކުރާއިރު، ސާޖްއިން ރައްކާތެރިވުމަށް ޚާއްޞަ އެއްޗެއް ކޮންމެ ޑިސްޓްރިބިއުޝަން ބޯޑެއްގައި ހަރުކުރަން ޖެހެއެވެ. ވަކި ގެއެއްގައި ނަމަވެސް، މި ހަރުކުރުމަކީ އެދެވޭ ކަމެއްކަމަށް އެ ގަވާއިދުގައި ވެއެވެ. މިގޮތަށް ހަރުކުރާ އެއްޗަށް ކިޔަނީ ސާޖް ޕްރޮޓެކްޝަން ޑިވައިސް އެވެ. އާދެ! ސާޖް އިން ރައްކައުތެރިކަން ލިބިގަންނަ އާލަތެވެ. ކުރުކޮށް ކިޔަނީ އެސްޕީޑީ އެވެ.

އެސްޕީޑީ ހުންނަނީ މުޅިންހެން އޮރެންޖުކުލައިން ނުވަތަ ރީނދޫ ކުލައިން ބުރޭކަރެއްގެ ގޮތުގައި ހަދާފައެވެ. މިއާ ތިންނަރު ގުޅަންޖެހޭނެއެވެ. އެސްޕީޑީއިން ކުރާ ކަމަކީ ނުރައްކާތެރި ސާޖް ފުރާނައި ހަމައެކަނި 230 ވޯލްޓްގެ އޭސީ ގެއަށް ވަންނަ ގޮތް ހެދުމެވެ. މި ސަބަބާ ހުރެ، އެސްޕީޑީ އަކީ ޑިސްޓްރިބުއުޝަން ބޯޑުގެ އީއެލްސީބީ ކައިރީގައި ގުޅާ އެއްޗެއެވެ. މި ގުޅަން ޖެހޭނީ ނަރުގެ އޭރިއާގައި މަދުވެގެން 4 mm2 ހުންނަ ނަރުންކަމުގައި ވެސް ގަވާއިދުގައި ވެއެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ ކުޑަ ބުރޭކަރެއް މެދުވެރިކޮށް އެސްޕީޑީ ގުޅާފައެވެ. ނަމަވެސް މިއީ ގަވާއިދުގައިވާ ގޮތުން ކުރަންޖެހޭ ކަމެއް ނޫނެވެ. ސާޖްއެއްގެ ސަބަބުން އެސްޕީޑީ ހަލާކުވެއްޖެ ނަމަ، އެކަން ބުރޭކަރުން އެނގޭގޮތް ހަދާފައި ހުރެއެވެ.

މަތީގައި އެވަނީ ޑީބީ އެއްގައި އެސްޕީޑީ އެއް ގުޅާފައެވެ. ކިޔުންތެރީންގެ ތެރެއިން ބައެއް ފަރާތްތަކަށް މި ގުޅާފައިވަނީ އެއް ޑީބީގައި މައި ބުރޭކަރުގެ ކުރީގައި ކަން އަދި އަނެއް ޑީބީގެ މައިބުރޭކަރުގެ ފަހުން ކަން ފާހަގަކުރެއްވޭނެއެވެ. މި ދެގޮތަށްވެސް މިގުޅައެވެ. އެންމެ މުހިއްމީ މިގުޅާއިރު އާރުސީޑީ ހިމެނޭ ތަނެވެ. 

މައި ޑީބީން ކުދި ޑީބީތަކަށް ޑަބްލް ޕޯލް ބުރޭކަރު މެދުވެރިކޮށް ކަރަންޓު ދިނުން

ގޭގެ ވައިރުކުރާއިރު، އިހުގައި ހުންނަނީ އެންމެ ޑީބީ އެކެވެ. ހުރިހާ ކޮޓަރިއެއް ވައިރުކުރަނީ މި ޑީބީއިން ގެންދާ ނަރުންނެވެ. މި ޒަމާނުގެ ގޮތަކީ ކޮންމެ ކޮޓަރިއަކަށް ވަކި ޑީބީއެއް ހުރުމެވެ. އެއީ ބައެއް ކޮޓަރިތަކުގައި ގިނަ ވައިރުތަކެއް އަޅާތީ ނަރުކުރުކޮށް، ވައިރުކުރުމުގެ އަގުހެޔޮކުރުމަށާއި ރައްކާތެރިކަމަށް ބަލައެވެ. ސްމާޓް ހޯމް ކިޔާ ބާވަތުގެ ހުރިހާ އިލެކްޓްރިކް އެއްޗެއް ރިމޯޓުން ނުވަތަ ފޯނުން ކޮންޓްރޯލްކުރާ ނަމަ، ކޮންމެ ކޮޓަރިއަކަށް ވަކި ޑީބީއެއް ހުރުން މުހިއްމުވެސް ވެއެވެ.

ޔޫރަޕުގެ ބައެއް ޤައުމުތަކުގައި (މިސާލަކަށް ސްޕެއިންގައި) މިހާރު ހަމަޖައްސާފައި އޮންނަ އުސޫލަކީ، މައި ޑީބީން ހުރިހާ ކުދި ޑީބީ ތަކަށް ޑަބަލްޕޯލް ބުރޭކަރު ބޭނުންކޮށްގެން ވައިރުކުރުމެވެ. ކުދި ޑީބީގެ އިތުރަށް، ބައެއް ސާކިޓްތަކަށް ވެސް ޑަބަލްޕޯލް ބުރޭކަރު ބޭނުންކުރެއެވެ. މިގޮތަށް ހެދުމުން، މައި ޑީބީގައި ހުންނާނީ މައި ބުރޭކަރު ފަދަ، ލައިވް އާއި ނިއުޓްރަލްވެސް ކަނޑާލަދޭ ބުރޭކަރެވެ. ޑަބަލްޕޯލް ބުރޭކަރަކީ، ދެ ނަރެއް އެހެން ދެނަރަކާ އެއް ފަހަރާ ގުޅާލައި ނުވަތަ ވަކިކޮށްލާ ބުރޭކަރެވެ.
ނިއުޓްރަލް އާއި ލައިވް ނަރު އެއްފަހަރާ ވަކިކޮށްލުމަކީ ވަރަށް ރައްކާތެރި ގޮތެކެވެ. އެހެނީ ބައެއް ހާލަތްތަކުގައި ނިއުޓްރަލް ނަރުގައި ސިހިގެންދާ ފަދަ ވޯލްޓޭޖް އެއް ހުރެދާނެއެވެ. މީގެ އިތުރަށް ނިއުޓްރަލް ނަރު އެއްވެސް ތަނެއްގައި ޖެހި އާތުވެއްޖެނަމަ، އީއެލްސީބީ ވެއްޓޭނެއެވެ.

މަތީގައިވާ  ޑީބީގައި މުޅިން ހެންވެސް ވަނީ ޑަބަލް ޕޯލް ބުރޭކަރެވެ. ކަނާތް ފަރާތު މަތީގައި ސޮކެޓެއް ވެއެވެ. މިއީ ޔޫރަޕުގެ ބައެއް ޤައުމުތަކުގެ ޑީބީ ގައި ހަރުކުރާ ސޮކެޓެކެވެ. މައިގަނޑު ބޭނުމަކީ، ޑީބީގެ މަސައްކަތް ކުރާއިރު ފަސޭހައިން ކަރަންޓު ލިބޭގޮތް ހެދުމެވެ. ރާއްޖޭގައި ގެންގުޅޭ ފަތިފައިކަށި ޕްލަގު ޖެހޭ ގޮތަށް ހުންނަ ޑީބީގައި ހަރުކުރާ ސޮކެޓް ހުރެއެވެ.

ތިން ފޭސް ކަރަންޓު ގެއަށްލުން ޢާއްމުވުން

އެނގިވަޑައިގަންނަވާނޭ ފަދައިން ގޭގެއަށް ގިނައިން ކަރަންޓު ލަނީ ސިންގްލް ފޭސްކޮށެވެ. ފޭސް އަކީ ކޮން އެއްޗެއްކަން ޞަފުޙާގެ ތިރީގައިވާ މަޒުމޫނުތަކުގައި ބަޔާންކޮށްފައި ވާނެއެވެ. ޢާއްމުގޮތެއްގައި، ތިން ފޭސް ކަރަންޓު ލާނީ ވަރަށް ގިނަ ކަރަންޓު ބޭނުންވާ ޙާލަތްތަކުގައެވެ.

ޕެޓްރޯލުގެ އަގު ބޮޑުވުމާ ގުޅިގެންނާއި ކާރުން އުފެދޭ ދުން މަދުކުރުމަށާއި އެހެން ސަބަބުތަކާ ހުރެ އެންމެ ބާރަށް ވިކެމުންދާ އެއްބާވަތުގެ ކާރަކީ ކަރަންޓުން ދުއްވާ ކާރެވެ. މި ކާރުތަކުގެ ބެޓެރީ ޗާޖުކުރުމަށް އިނގިރޭސި ވިލާތުގެ އަލަށް ހަދާ ހުރިހާ ގެއެއްގައި، ކާރު ޗާޖުކުރާނޭ ސޮކެޓެއް ހަރުކުރުމަށް ޤާނޫނުން މަޖުބޫރުކޮށްފިއެވެ. މިކަމުގެ ޚަބަރު 22 ނޮވެމްބަރު 2021 ގެ މި ބީބީސީ ޚަބަރުން ފެނިވަޑައިގަންނަވާނެއެވެ. ކާރެއް ސިންގްލް ފޭސް އިން ޗާޖުކުރާ ނަމަ ދާ ވަގުތަށް ވުރެ ތިން ފޭސްއިން ޗާޖުކުރާ ނަމަ، ދާ ވަގުތު ތިން ގުނަ އަވަސްވާނެއެވެ. އެހެންކަމުން، ބައެއް ގޭގޭގައި ތިން ފޭސް ކަރަންޓުން ކާރު ޗާޖުކުރާ ޕޮއިންޓް ހަރުކުރަމުން ދެއެވެ. ގޭގެއަށް ތިން ފޭސް ބޭނުންވާ އަނެއް ސަބަބަކީ، ބޭނުންކުރާ އިލެކްޓްރިކް ބާވަތްތައް ގިނަވުމާއި ބައެއް ގެތަކުގެ ފުރާޅުން ސޯލާ ޕެނަލް ބޭނުންކޮށްގެން ހަކަތަ އުފެއްދުން ގިނަވަމުންދާތީ އެވެ.

ރާއްޖޭގެ ގެތަކުގައި އެއަރ ކޮންޑިޝަނަރ ތަކާއި ފެން ހޫނުކުރާ ތަކެއްޗާއި ކާނާ ކައްކައި ފިހަން ގެންގުޅޭ ތަކެތި ގިނަކަމުން ބޭނުންކުރާ ކަރަންޓު މަތިވަމުން އަންނާތީ، ތިން ފޭސް ސަޕްލައި ލުމަކީ ބޭނުންތެރިކަމެކެވެ. ނަމަވެސް، މިކަމުގެ އަގު ސިންގްލް ފޭސް އާ އަޅައިބަލާއިރު ހައެއްކަ ގުނަ ބޮޑު ވާނެއެވެ.

އިސްކުރުން ނަރުގުޅުމުގެ ބަދަލުގައި ފިއްތައިގެން ނަރުގުޅުން

އިލެކްޓްރިކް ގިނަ ސާމާނުގައި ނަރުގުޅަނީ އެއެއްޗަކާ ގުޅަން ހުންނަ ޓާރމިނަލް އަކާ (ނުވަތަ މުޑިއަކާ) އިސްކުރަކުން ބާރުކޮށްގެންނެވެ. ނަމަވެސް، ފަހަކަށް އައިސް، ނަރުގުޅަނީ ފަންވަރު ހުންނަ ދުނިކޮޅެއްގައި ނަރު ފިއްތާލައިގެންނެވެ. މިގޮތަށް ނަރުގުޅާ ހުރިހާ އެއްޗެއްހެން ފަހަކަށް އައިސް ހަދަމުން ގެންދެއެވެ.

މިދެންނެވި ގޮތަށް ނަރުގުޅަން އެންމެ މަޝްހޫރު ކަނެކްޓަރަކީ ވޭގޯ ކުންފުނިން އުފައްދާފައިވާ ކަނެކްޓަރެވެ. އޭގެ ކަނެކްޓަރު ތިރީގައި އެވަނީއެވެ. ބައެއް ކިޔުންތެރީންނަށް މި ގޮތަށް ނަރުގުޅުމަކީ ދޭސީ ގުޅުމެއްކަމަށް ހީވެދާނެއެވެ. ނަމަވެސް ޓެސްޓުކުރުމުން ޔަޤީންވަނީ އިސްކުރުބާރުކޮށްގެން ނަރު ގުޅުމަށް ވުރެ މިގޮތް ބައެއް ހާލަތްތަކުގައި ރަނގަޅު ކަމެވެ.

މިހާރު މިކަން ފެތުރިފައިވާ މިންވަރަކީ ސޮކެޓްތަކާއި އެހެން ކަރަންޓުލުމުގައި ބޭނުންކުރާ ސާމާނު، ދުނިކޮޅެއް ފިއްތައިގެން ގުޅާގޮތަށް، އިސްކުރު ނުހުންނަގޮތަށް އުފައްދަމުންދާ ކަމެވެ. މިކަމުގެ ސަބަބުން ކަރަންޓުލުމުގެ މަސައްކަތް %50 އަވަސްވެއެވެ. އަދި ނަރު ނައްޓާ ގުޅާއިރު ނަރަށް ލިބޭ ގެއްލުން ކުޑަވެއެވެ. ތިރީގައި އެވަނީ އެބާވަތުގެ ސޮކެޓެކެވެ.