ބަހުގެ ގަވާއިދު
The teacher's voice

ތައާރަފު

ބަހުގެ ގަވާއިދު އެއީ ބަހެއްގައި ހިމެނޭ އެކި ލަފުޒުތައް ގިންތިކުރެވޭ ގޮތާއި ލަފުޒުތައް ޖުމުލައެއްގައި ބަދަލުވާ ގޮތާއި އެކި ލަފުޒުން އަދާ ކުރާ ވަޒީފާއާއި ޖުމުލައެއްގައި ލަފުޒުތަކުގެ ގުޅުންހުންނަ ގޮތުގެ ޢިލްމެވެ. މި ޢިލްމަށް ދިވެހިބަހުގައި ޚާއްޞަ ނަމެއް ނުވެއެވެ. ޢަރަބި ބަހުން ބަހުގެ ގަވާއިދަށް ނަޙޫ ކިޔައެވެ. އިނގިރޭސި ބަހުން ބަހުގެ ގަވާއިދަށް ކިޔަނީ ގްރެމަރ އެވެ. ގްރެމަރ އަކީ ޤަދީމީ ޔޫނާނީ ބަހުން ލިޔުމުގެ ފަންނަށް ކިޔާ ނަމުން އުފައްދާފައިވާ ލަފުޒެކެވެ.

ބަހުގެ ގަވާއިދަށް ވަކި ލަފުޒެއް ދިވެހި ބަހުގައި ނެތަސް، އަދި އެހެން ބައެއް ބަސް ބަހުގައި ނެތަސް، ކޮންމެ ބަހެއްގައި ވެސް ގަވާއިދެއް އޮވެއެވެ. ދެމީހަކު ވާހަކަ ދައްކާ އިރު، އެކަކު ދައްކާ ވާހަކަ އަނެކާއަށް އޮޅުން ފިލަނީ ވާހަކަ ދެއްކުމުގައި ދެމީހުން ވެސް ހަމަތަކަކަށް ތަބާވާތީ އެވެ. ޖުމުލައެއްގައި ވަކި ތަރުތީބަކުން، ވަކި ހަމައަކުން ލަފުޒުތައް އަތުރާތީ އެވެ. މިސާލެއްގެ ގޮތުން، ”އަޙްމަދު، ކެއުން، މެންދުރު“ މިއީ ވަކި މާނައެއް ދޭހަ ނުވާ ވަކިވަކިން އޮތް ތިން ލަފުޒެވެ. މި ލަފުޒުތަކުން އެތައް ޖުމުލައެއް ބުނެވޭނެއެވެ. އެއް ޖުމުލައަކީ ”އަޙްމަދު މެންދުރު ކައިފި“ އެވެ. މި ޖުމުލައިން ފުރިހަމަ މާނައެއް ދޭހަވެއެވެ. މާނަ ދޭހަ ކުރުމަށްޓަކައި، ކުރީ ޖުމުލައިގައިވާ ތިން ލަފުޒު ގެ ތަރުތީބަށް ބަދަލެއް ގެނެސްފައި ވެއެވެ. އަދި މީގެ އިތުރަށް ”ކެއުން“ މި ލަފުޒު ”ކައިފި“ މިގޮތަށް ފުރޮޅާލާފައި ވެއެވެ. ޖުމުލައެއްގައި ލަފުޒުތައް ތަރުތީބު ކުރެވޭ ގޮތާއި ބަދަލުވާ ގޮތުގެ ޢިލްމަކީ ބަހުގެ ގަވާއިދުގެ ތެރޭގައި ހިމެނޭ ޚާއްޞަ ގޮތްޕެކެވެ. އިނގިރޭސި ބަހުން މި ޢިލްމީ ގޮތްޕަށް ކިޔަނީ ސިންޓެކްސް (syntax) އެވެ. ސިންޓެކްސް ކިޔަނީ ބަހަވީ އުންސުރުތައް (މިސާލެއްގެ ގޮތުން ނަން، އަކުރު، ފަދަ ބައިތައް) ޖުމުލައެއްގައި ނުވަތަ ޢިބާރާތެއްގައި އަތުރާ ގޮތުގެ ހަމަތަކަށެވެ. ބަހަވީ އުންސުރުތައް ޖުމުލައެއްގައި ތަރުތީބު ކުރެވޭ ގޮތަށެވެ. ތަރުތީބު ކުރުމަކީ ވަކި ހަމައަކަށް އިންތިޒާމް ކުރުމެވެ. ނަމަވެސް ތަރުތީބު ކުރުމޭ ބުނުމަށް ވުރެ ރަނގަޅު ގޮތަކީ ތަރުކީބު ކުރުމޭ ބުނުމެވެ. ފަހެ، ތަރުކީބުގެ މާނައަކީ އެއްޗެތި ތަކެއް އެއްކޮށްގެން ނުވަތަ ގުޅުވައިގެން އެއްޗެއް ހެދުމެވެ. އިނގިރޭސި ބަހުން ބުނާނަމަ، ސިންތެސައިޒް ކުރުމެވެ. ސިންޓެކްސް މި ލަފުޒު އައިސްފައިވަނީ ތަކެތި ގުޅުވުމަށް ލެޓިން ބަހުން ބޭނުން ކުރާ ލަފުޒުންނެވެ. ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ކުރާ ކަމަކީ ދަންނަ ލަފުޒުތަކެއް އެކި ގޮތްގޮތަށް ތަރުކީބު ކޮށްގެން އައު ޖުމުލަތައް ހެދުމެވެ. ޙަޤީޤަތުގައި، ނަޙޫ ކިޔަނީ ބަހުގެ ޤަވާޢިދުގެ މި ގޮތްޕަށެވެ. ސިންޓެކްސް އަށެވެ.

ކުރީ ޕެރެގްރާފުގައިވާ ޖުމުލައަށް ރުޖޫޢަ ވަމާ ހިނގާށެވެ. ”އަޙްމަދު މެންދުރު ކައިފި“ އެވެ. ފުރަތަމަ ދެ ލަފުޒުގެ ތަރުތީބު ބަދަލުކޮށްލުމުން އައު ޖުމުލައެއް އުފެދޭނެއެވެ. އެއީ ”މެންދުރު އަޙްމަދު ކައިފި“ އެވެ. މި ދެ ޖުމުލައިގެ މާނައިގެ ތަފާތަކީ ކޮބައިތޯ އެވެ؟ އަޅުގަނޑަށް މި ދެ ޖުމުލައިގެ މާނަ ދާދި އެއްގޮތެވެ. ތަފާތަކީ ބާރުލާ ލަފުޒެވެ. ފުރަތަމަ ލަފުޒުގައި ބޮޑަށް ބާރު ލެވެނީ އަޙްމަދަށެވެ. ދެވަނަ ޖުމުލައިގައި މެންދުރަށެވެ. ނަމަވެސް، މިކަން ބިނާވާނީ ޖުމުލަ ބުނާއިރު، އަޑު ގެންގުޅޭ ގޮތުގެ މައްޗަށެވެ. ޖުމުލައެއްގެ މާނަ އާ ބެހޭ ޢިލްމަކީ ބަހުގެ ޢިލްމުގެ ޚާއްޞަ ގޮތްޕެކެވެ. މި ގޮތްޕަށް އިނގިރޭސި ބަހުން ކިޔަނީ ސެމަންޓިކްސް   (semantics) އެވެ. ސެމަންޓިކްސް އަކީ އިބާރާތެއްގެ ނުވަތަ ޖުމުލައެއްގެ ނުވަތަ އެއަށް ވުރެ ދިގު ބުނުމެއްގެ މާނައާ ބެހޭ ޢިލްމެވެ. ކުރިން ބަޔާން ކުރެވުނު ދެ ޖުމުލައިގެ މާނަ ދާދި އެއްގޮތް ވިއަސް، އެ ޖުމުލައާ ޖެހިގެން ކުރިއަށް އޮތް އަދި ފަހަތަށް އޮތް ޖުމުލަ ނުވަތަ ޖުމުލަތަކެއްގެ ސަބަބުން މާނަ ތަފާތު ވެދާނެއެވެ. ޖުމުލައެއްގެ ކުރިއާއި ފަހަތުގައިވާ ޖުމުލަތަކަށް ކިޔަނީ ޖުމުލައިގެ ”ވެށި“ ނުވަތަ ކޮންޓެކްސްޓް އެވެ. ”ކޮންޓެކްސްޓް“ އިން މާނަކުރަނީ ލަފުޒެއްގެ ނުވަތަ އެތައް ލަފުޒެއްގެ މާނަ ދެނެގަތުމަށް އެހީތެރިވެދޭ ބުނުމެއްގެ ނުވަތަ ލިޔުމެއްގެ ބަޔަށެވެ. ޖުމުލައެއް ލިޔެފައިވާ ނުވަތަ ބުނެފައިވާ ލިޔުންގަނޑުގެ މާހައުލަށެވެ.

ސިންޓެކްސް ނުވަތަ ލަފުޒުތައް ތަރުކީބުކުރުމުގެ ހަމަތަކުން ޖުމުލައެއް ރަނގަޅުވެފައި މާނަ ދޭހަ ނުވެދާނެއެވެ. ސެމަންޓިކްސް ރަނގަޅު ނުވެދާނެއެވެ. މިސާލެއްގެ ގޮތުން ”އަޙްމަދު ވިހެއީ ހުދު ފުއްލާއެކެވެ.“ ލަފުޒުތައް ތަރުކީބުކުރާ ހަމަތަކުން މި ޖުމުލަ ރަނގަޅެވެ. ނަމަވެސް މާނައަކީ ކޮބައިތޯ އެވެ؟ ޖުމުލައިގެ ވެށި އެނގެނިކޮށް ފަހަރެއްގައި މާނަ ހަމަޖެހިދާނެ އެވެ. މިސާލެއްގެ ގޮތުން މި ޖުމުލައިގެ ކުރީގެ ޖުމުލައަކީ ”ބަލިވެއިން އަންހެން ފުއްލާގެ ނަމަކީ އަޙްމަދު އެވެ“ މިހެން ލިޔެފައިވާ ނަމަ، މި ޖުމުލައިގެ މާނަ ނުވަތަ ސެމަންޓިކްސް ރަނގަޅުވެދާނެ އެވެ. ސިންޓެކްސް ރަނގަޅު ވެފައި މާނަ ނެތް މަޝްހޫރު އެއް ޖުމުލައަކީ ބަސްވާރު ޗޮމްސްކީ ގެ ”ކުލައެއް ނެތް ފެހި ޚިޔާލުތައް ރުޅިވެރިކަމާއެކު ނިދަނީ އެވެ.“

ހަމަ މި ބީދައިން، ޖުމުލައެއްގެ މާނަ ރަނގަޅުވެފައި، ސިންޓެކްސް ނުވަތަ ތަރުކީބު ގަވާއިދު ރަނގަޅު ނުވެދާނެއެވެ. މިސާލެއްގެ ގޮތުން ”ގޮނޑި އިނީ އަހަރެން މި ވިދާޅުވީ އެތެރެގޭގައެވެ.“ މާނަ ދޭހަވިއަސް — ސެމަންޓިކްސް ރަނގަޅު ވިއަސް — ލަފުޒުތައް އެތުރުމުގަ އާއި އެހެން މައްސަލަތައް މި ޖުމުލައިގައި ހިމެނެއެވެ.

ބަހުގެ ގަވާއިދުގެ މައިގަނޑު ދެބަޔަކީ ސިންޓެކްސް އާއި ސެމަންޓިކްސް ކަމުގައި ވިއަސް، މި ނޫން އެތައް ގޮފިތަކެއް ބަހުގެ ގަވާއިދުގައި ހިމެނެއެވެ. އަޑުތަކާއި އިމްލާ ފަދަ ބައިތަކެވެ.

ބަހުގެ ގަވާއިދުގެ ދެ ބާވަތް

މީހަކު ޖުމުލައެއް ބުނުމުން، އެ ބުނި ޖުމުލަ ރަނގަޅުވަނީ ނުވަތަ ނުބައިވަނީ ކީއްވެގެންތޯ އެވެ؟ ރަނގަޅިއްޔާ ރަނގަޅޭ ނުވަތަ ނުބައޭ ބުނަނީ ކާކުތޯ އެވެ؟ ކޮން ބިންގަލަކަށް ނުވަތަ ތަރަހައެއްގެ މައްޗަށް ބުރަވެތޯ އެވެ؟ މިސާލެއްގެ ގޮތުން މިހާރު ވަރަށް ގިނައިން ”އަޅުގަނޑު ވިދާޅުވީ……“ މިގޮތަށް ޖުމުލަ ފަށާ ވާހަކަ ދައްކައެވެ. ރަސްމީ ޓެލެވިޜަންގައި ވެސް ވާހަކަ ދައްކައެވެ. މި ފަދަ އައު ގޮތްގޮތަށް ބޭނުންކުރާ ޖުމުލަ ނުބައޭ ބުނާ ބަޔަކާއި ގޮތެއްގެ މައްޗަށް ބުރަވެ، ބަހުގެ ގަވާއިދުގެ ދެ ބާވަތެއް ބަސްވާރުން ކަނޑައަޅައެވެ. އެއް ބާވަތަކީ، ސިފަކުރާ ކުރާ ގަވާއިދެވެ. އަނެއް ބާވަތަކީ އަމަލުކުރަންޖެހޭ ގަވާއިދެވެ.

ސިފަކުރާ ބަހުގެ ގަވާއިދަކީ، މުޖުތަމަޢުގެ އެކި ފެންވަރުގެ މީހުން ދުވަހީ އެކި ހާލަތްތަކުގައި ވާހަކަ ދައްކާއިރު، ބޭނުންކުރާ ބަހުގެ ހަމަތަކާއި ބަހުގެ އޮނިގަނޑާއި އުޞޫލްތަކެވެ. މި ނަޒަރިއްޔާގައި، ބަހުގެ ގަވާއިދަކީ އެބަހެއް މޮށެއުޅޭ ގިނަ މީހުން ބޭނުންކުރާ ގޮތުގެ ސިފަކުރުމެކެވެ. އަމަލުކުރަންޖެހޭ ގަވާއިދަކީ ބަސް ބޭނުން ކުރަންޖެހޭ ގޮތްކަމަށް ބަޔަކު ކަނޑައަޅާ ގަވާއިދެވެ. ރަސްމީ ނުވަތަ ނުރަސްމީ ފަރާތަކުން ނިންމާ އެންމެން ތަބާވާންޖެހޭ ގަވާއިދެވެ. އަމަލުކުރަންޖެހޭ ގަވާއިދުގައި ޖުމުލަތައް ރަނގަޅު ވާގޮތަކާއި ނުބައިވާ ގޮތަށް ޙުކުމެއް ކަނޑައެޅެއެވެ. ސިފަކުރެވޭ ގަވާއިދުގައި ގިނަ މީހުން ބޭނުން ކުރާ ގޮތް ރެކޯޑު ކުރަނީ އެވެ. ވަކި ޖުމުލައެއް ނުބައި ވެފައި ރަނގަޅު ކަމަކަށް ކަނޑައެއް ނާޅާނެއެވެ. އިނގިރޭސި ބަހުން ސިފަކުރާ  ބަހުގެ ގަވާއިދަށް ކިޔަނީ ޑިސްކްރިޕްޓިވް ގްރެމަރ  (descriptive grammar) އެވެ. ވަކި ބަޔަކު ކަނޑައަޅައިގެން އެންމެން ތަބާވާން ޖެހޭ ގަވާއިދަށް ކިޔަނީ ޕްރިސްކްރިޕްޓިވް ގްރެމަރ  (prescriptive grammar) އެވެ.

ސިފަކުރާ ބަހުގެ ގަވާއިދު

ސިފަކުރާ ބަހުގެ ގަވާއިދަކީ ހުރިހާ ދަރަޖައެއްގެ މީހުން ދުވަހީ ގޮތެއްގައި ބޭނުންކުރާއިރު، ބަހެއް އެކުލެވިގެންވާ ގޮތާއި އޭގެ ހަމަތަކާއި އެ ބަހުގެ ޢާއްމު އަދި ޢާއްމުނޫން ބަހުރުވައިގެ ކިޔެވެއްޔެވެ (ގްރީންބައުމް އަދި ކްއާރކް، 1990). ޢާއްމު ބަހުރުވަ ކަމަށް ބުނެފައިވަނީ އާދަކޮށް ބޭނުންކުރާ ގިނަ ބައެއްގެ ރުހުންލިބިފައިވާ ބަހުރުވައަށެވެ. ސިފަކުރާ ގަވާއިދުން ކުރާކަމަކީ އެ ބަސް އެކުލެވިގެންވާ އޮނިގަނޑާއި، ޖުމުލައެއް ނުވަތަ ޢިބާރާތެއް އެކުލެވޭ ނަހޫ ހަމަތައް ބަޔާން ކުރުމެވެ. ޖުމުލައެއް ނުވަތަ ޢިބާރާތެއް ރަނގަޅުކަމަށް ނުވަތަ ނުރަގަނޅުކަމަށް މި ބާވަތުގެ ގަވާއިދަކުން ކަނޑައެއް ނާޅާނެއެވެ. ގަވާއިދަކަށް ފެތޭތޯ ނުވަތަ ނުފެތޭތޯ ނުބަލާނެއެވެ (ލީޗް، ޖިއުކަރ އަދި ހޫގެންރާޑް، 2006).

ސިފަކުރާ ގަވާއިދުތައް ޢާއްމުގޮތެއްގައި ދިރާސާ ކުރަނީ ބަސްވާރުންނާއި ސަގާފަތާބެހޭ ޢިލްމުވެރިންނާއި ސައިކޮލޮޖިސްޓުން ފަދަ މީހުންނެވެ. އެމީހުގެ މަޤްޞަދަކީ ބަހެއްގެ ޙަޤީޤީވެށީގައި އެކި ޙާލަތްތަކުގައި އެކި ބޭނުމަށް ބަސް ބޭނުންކުރާގޮތް ބަޔާން ކުރުމެވެ. މި ބާވަތުގެ ބަހުގެ ގަވާއިދު ލިޔެފައި ހުންނަ ފޮތަކީ ރެފަރެންސް ގްރެމަރ ފޮތެވެ. ބަހުގެ އަޞްލު އަހުލުވެރިން ޙަޤީޤީ ޙާލަތްތަކުގެ ބަސް ބޭނުން ކޮށްފައިވާ ގޮތުގެ ރެކޯޑެކެވެ. މި ނަޒަރުން ބަލާއިރު ”އަޅުގަނޑު ވިދާޅުވި ދޫނި ހުރީ ގޮނޑުދޮށުގައެވެ.“ މިފަދަ ޖުމުލަތައް ”ރަނގަޅު“ ވާނެއެވެ. އެ ފަދަ ޖުމުލައިން ހާމަކޮށްދެނީ ޙަޤީޤީ މީހަކު ބަސް ބޭނުންކޮށްފައިވާ ގޮތެވެ. ލީޗް އާއި އެހެން މީހުން (2006) ބުނާ ގޮތުގައި، އެކެޑެމިކް ނަޒަރަކުން ބަލާއިރު، ސިފަކޮށްދޭ ބަހުގެ ގަވާއިދަކީ ބަހެއް މަސައްކަތް ކުރާ ގޮތް ބަޔާންކުރާ ނަޒަރިއްޔާ އެކެވެ. ސަގާފީގޮތުން މި ބާވަތުގެ ބަހުގެ ގަވާއިދުން ހާމަކޮށްދެނީ މީހުން މުޢާމަލާތް ކުރަން ބަސް ބޭނުން ކުރާ ގޮތެވެ. ބަސް ބޭނުން ކުރަން ޖެހޭ ގޮތެއް ނޫނެވެ.

ޢަމަލުކުރަންޖެހޭ ބަހުގެ ގަވާއިދު

ޢަމަލުކުރަން ޖެހޭ ބަހުގެ ގަވާއިދުން ކަނޑައަޅަނީ ބަސް ބޭނުން ކުރަންޖެހޭ ގޮތާއި ބަސްބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ހަމަތަކެވެ. މި ގަވާއިދުން އިޝާރާތް ކުރަނީ ބަސް ބޭނުން ކުރުމުގައި ”ރަނގަޅު ގަވާއިދު“ އަކާއި ”ނުބައި ގަވާއިދެއް“ ވާކަމަށެވެ. ޢަމަލުކުރަންޖެހޭ ބަހުގެ ގަވާއިދުގެ ފޯކަސް އަކީ ރަސްމީ ފަރާތްތަކުން ނުވަތަ ބާރުވެރިން ބޭނުން ކުރާ ބަހުގެ ގަވާއިދުތަކާއި ސިންޓެކްސް އުޞޫލުތަކެވެ. މަޤްޞަދަކީ މި އުޞޫލުތަކަށް އެންމެން ބޯލެންބުމެވެ. ކޮންމެ ބަހަކުން ވާހަކަ ދެއްކިއަސް، ބަސް ބޭނުންކުރުމުގައި އެތައް ހަމަތަކަކާއި ޚިޔާލުތަކަކާއި ގޮތްތަކެއް ވާކަމަށާއި މިއިން ކަމަކަށް ޖުމުލައެއް ނުފެތިއްޖެ ނަމަ، ޖުމުލަ ރަނގަޅު ނުވާނޭ ކަމަށް މި ގަވާއިދުގެ ޢިލްމުވެރިން ބުނާނެއެވެ. މިސާލެއްގެ ގޮތުން، ”އަޅުގަނޑު ވިދާޅުވި ދޫނި ހުރީ ގޮނޑުދޮށުގައެވެ“ މި ޖުމުލަ ދެގޮތަކުން ގަވާއިދަށް ތަބާނުވާކަމަށް ވާނެއެވެ. ތިމާއަށް ނިސްބަތްކޮށް މާތް ބަހުރުވަ ބޭނުން ނުކުރެވޭތީ ގަވާއިދަށް ނުފެތޭ ކަމަށް ބުނާނެއެވެ. އަދި ދޫނި ފަދަ ދެފައިލީ ދިރޭ ތަކެތި ގޮނޑުދޮށުގައި ”ހުރީ“ ކަމަށް ބުނުމަކީ ކުށެއްކަމަށް ބުނާނެ އެވެ. ޢާއްމުގޮތެއްގައި، މަދަރުސާ ތަކުގައި ކިޔަވައިދެނީ ޢަމަލުކުރަން ޖެހޭ ބަހުގެ ގަވާއިދެވެ. ބަސް ދަސްކުރަން އެކުލަވާލައިފައިވާ ފޮތްތަކުގައި ގިނައިން ހުންނާނީ އަމަލުކުރަންޖެހޭ ގަވާއިދެވެ. މި ގަވާއިދުތަކަކީ ފަސޭހައިން ދަސްކުރަން ދަތި، ޢަދަދު ގިނަ ހަމަ ތަކެކެވެ.

ބަހުގެ ދެބާވަތުގެ ގަވާއިދާ މެދު ބަސްވާރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުން

ބަހުގެ ދެބާވަތުގެ ގަވާއިދާ މެދު ބަސްވާރުންގެ މެދުގައި ދެބަސްވުންތައް އުފެދިފައި ވެއެވެ. ދެން މިބަޔާން ކުރަނީ މި ދެބަސްވުންތަކުގެ އަސާސްތަކެވެ.

ޑިސްކްރިޕްޓިވް ގްރެމަރ ނުވަތަ ސިފަކުރާ ބަހުގެ ގަވާއިދު

އިނގިރޭސި ބަހަކީ، އެ ބަހުގެ ރަނގަޅުގޮތާއި ނުބައިގޮތް ކަނޑައަޅާ އެއްވެސް އެކެޑެމީއެއް ނެތް، އެންމެ ގިނަ މީހުން ވާހަކަ ދައްކާ ބަހެވެ. ފަރަންސޭސި ބަހާއި އެހެން ޔޫރަޕުގެ ބަސްބަހުގެ ރަނގަޅު ގޮތް ކަނޑައަޅާ އެކެޑެމީތައް ޤާއިމްކުރިތާ އެތައް ޤަރުނެއް ވެފައި ވެއެވެ. އަށާރަވަނަ (1712މ) ޤަރުނުގައި، އިނގިރޭސި ވިލާތުގައި ވެސް، ބަސް ކޮންޓްރޯލް ކުރާ، އަމަލުކުރަންޖެހޭ ގަވާއިދު ކަނޑައަޅާނެ މުއައްސަސާއެއް އުފައްދަން ބަޔަކު މަސައްކަތް ކުރިއެވެ. ނަމަވެސް، ގިނަ ބަޔަކު ޤަބޫލުކުރީ ގިނަމީހުން ވާހަކަ ދައްކާ ގޮތަކީ ރަނގަޅު ގޮތް ކަމަށެވެ. އަށާރަވަނަ ޤަރުނުގެ ކުރިން، ބޭފުޅުންނާއި ދީނީ މީހުންނަކީ ބަހުގެ ރަނގަޅުގޮތާއި ނުބައިގޮތް ކަނޑައަޅާ ފަރާތްތަކެވެ. މިމީހުންނަށް ކުރެވޭ އިޙްތިރާމެއްގެ ސަބަބުން، އެމީހުން ބަސް މޮށެއުޅޭގޮތަކީ ގަވާއިދުކަމަށް ވިއެވެ. މިހެން ކަން ހިނގަމުން ދަނިކޮށް، ތަޢުލީމު ފެތުރުމުގެ ސަބަބުން ބޭފުޅުންނަށް ނުވާ ބަސްވާރުން އުފެދި، މީހުން ބަސް ބޭނުން ކުރާގޮތް ރެކޯޑުކޮށް ބަސްފޮތްތަކާއި ގަވާއިދު ފޮތްތައް އުފައްދަން ފަށައިފިއެވެ. މިގޮތްގޮތަކީ ބަހުގެ ހަމަތައް ދެނެގަތުމަށް ރައްޔިތުންގެ ބައިވެރިވުން ބޮޑު، ގިނަދުވަހަށް ދެމިގެންދާނޭ ގޮތްކަމަށް ވެއްޖެއެވެ. ނަސަބުގެ ގޮތުން ގަވާއިދު ކަނޑައެޅުމުގެ ބަދަލުގައި، މީހުންގެ ޤާބިލިއްޔަތާއި ރައްޔިތުން ބަލައިގަންނަ ގޮތް މުހިއްމު ކަމަށް ވެފައި ވެއެވެ. އެކެޑެމީ ނުހެދުމަކީ މިނިވަން އިނގިރޭސި ސަގާފަތާ މާބޮޑަށް ގުޅޭ ގޮތެއް ކަމަށް ވާހަކަ ދެކެވި ބަހުގެ އެކެޑެމީއެއް އުފެއްދުން ހުއްޓުނެވެ (ނުންބާރގް، 1983).

އަށާރަ ވަނަ ޤަރުނަކީ ޔޫރަޕުގައި ފިކުރުގެ ދައުރުކަމަށް ނުވަތަ އޭޖް އޮފް ރީސަން ކަމަށް ނިސްބަތް ކޮށް ވާހަކަ ދައްކައެވެ. މި ދުވަސްވަރު، ފިކުރީ ހަމަތަކުން ބަހުގެ ގަވާއިދުން ކަނޑައެޅެން އޮތް ބައި ކަނޑައަޅައި، ފިކުރީ ހަމަތަކެއް ނުވާ ކަންތައްތައް އެބަޔަކު ބޭނުން ގޮތަކަށް ބޭނުން ކުރުމަށް ދޫކޮށްލެވުނެވެ. ދޫކޮށްލި ކަންތައްތަކުގެ ތެރޭގައި އިނގިރޭސި ބަހުގެ ލަފުޒުތައް ކިޔާގޮތް ހިމެނެއެވެ. މަންޠިޤް ނުވަތަ ލޮޖިކް ގެ ހަމަތަކުން އިނގިރޭސި ބަހުގެ ބަހާއި ބެހޭ ކަންކަން ކަނޑައަޅައި، ބައެއް ކަންކަން ގިޔާސްގެ ހަަމަތަކުން ނިންމައި، އަދި ބައެއް ކަންކަން އިހުގެ ފޮތްތަކަށް ޙަވާލާދެވި ދިރާސީގޮތަކަށް ބަހާ މެދު އިނގިރޭސި ބަހުން ކަންކަން ފެށުނީ މިދުވަސްވަރު އެވެ. އަދި، އިނގިރޭސި ބަހުގެ އަމަލުކުރަންޖެހޭ ގަވާއިދުގެ ގިނަ ފޮތްތަކެއް ލިޔެވެން ފެށުނީ ވެސް މިދުވަސްވަރު އެވެ.

ނުންބާރގް (1983) ބަޔާންކުރާ ގޮތުގައި، ބަހަވީ އަގުކުރުންތަކުގައި އެއްގޮތްވުމަކީ ބޭނުން އަދި އެދެވޭ ގޮތެއްވެސް ނޫނެވެ. ސަބަބަކީ، ކުދިކުދި ބަހަވީ މައްސަލަަތަކަކީ (މިސާލަކަށް އިނުން، ހުރުން ފަދަ ކަންކަމަކީ) ބަސްބޭނުން ކުރާ ގޮތުން މާބޮޑު ބަދަލެއް އަންނާނޭ ކަންކަމެއް ނޫނެވެ. ޢަމަލުކުރަންޖެހޭ ގަވާއިދުތަކެއް ތަންފީޒުކުރެވޭނީ ވަރަށް ހަރުކަށި ގިޔުގަނޑަކަށް ބަސް ފައްތައިގެންނެވެ. އެފަދަގޮތަކަށް ބަސް ފެއްތުމަކީ ބަހުގެ ދިރުން ގެއްލި ކަންކަން ބަހުސް ކުރުމުގެ ފުރުސަތު ގެއްލޭނޭ ކަމެކެވެ. މަދަރުސާތަކުން މިފަދަ ހަމަތައް ކިޔަވައިދޭން ދަތިވާނެއެވެ. ބަސް ބޭނުންކުރުމުގެ އެފަދަ ހަމަަތަކަށް މީހަކު ފަރިތަވަނީ ވަރަށް ގިނަ ދުވަހުންނެވެ.

ޢަރަބި ބަހުގެ ގަވާއިދަކީ އިނގިރޭސިބަހަށް ވުރެ އެތައް މިންވަރެއް ދޮށީ އެއްޗެކެވެ. މިހެން ދިމާވި އެއް ސަބަބަކީ އިސްލާމް ދީނުގެ ސަބަބުން ކަމަށް ލަފާކުރެވެ އެވެ. ކީރިތި ޤުރްއާން އަކީ ދިގު ފޮތަކަށް ވެފައި، ދުވަހަކު ވެސް ބަދަލުނުވާ އެއްޗަކަށް ވާތީ، ޢަރަބި ބަހުގެ އެތައް ހަމަތަކެއް ކީރިތި ޤުރްއާން، މަސްދަރަކަށް ބަލައިގެން ދިރާސާކޮށްފައި ވާނެއެވެ. ނަމަވެސް ވޭތިވެދިޔަ ޒަމާންތަކުގައި، މީހުން އެކި ޤައުމުތަކަށް ބައިބައިވެ، ވާހަކަ ދައްކާ ޢަރަބި ބަސް ތަފާތު ވެ، އައު ގޮތްގޮތަށް ބަސް ބޭނުން ކުރަން ފަށާފައި ވެއެވެ. މި ޖުމުލައިން ދެވޭ ލިންކްގައި ބަސް ނިޔާމަނަ ކުރާ (ރެގިޔުލޭޓް ކުރާ، އަމަލުކުރަންޖެހޭ ގަވާއިދު ކަނޑައަޅާ) ޢަރަބި ބަހުގެ 13 އެކެޑެމީގެ ނަން ހިމެނެއެވެ.

ދިވެހިރާއްޖޭގައި ރައްޔިތުން ބޭނުން ގޮތަކަށް ބަސް ބޭނުންކުރަން ދޫކޮށްލެވިފައިވަނިކޮށް، ބަހުގެ ހަމަތަކެއް ކަނޑައަޅާ ޤައުމީ މުއައްސަސާއެއް އުފެދުނީ މައުމޫން ދައުރުގައި، 1979 އަހަރު ގައެވެ. މި މުއައްސަސާ އުވި، ދިވެހިބަހުގެ އެކެޑެމީ ގެ ނަމުގައި ދިވެހި ބަސް ނިޔާމަނަކުރާ ސަރުކާރުގެ އޮފީހެއް އުފެދުނީ ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު 11 މެއި 2011 ގައި ހިންގަން ފެށުމުންނެވެ. މި ޤާނޫނުން ބަސް ނޭދެވޭ ގޮތަށް ބޭނުން ކުރާނަމަ، ގިނަވެގެން 5000 ރުފިޔާއިން ޖުރުމާނާ ކުރުމުގެ އިޚްތިޔާރު އެކެޑެމީއަށް ދީފައި ވެއެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، އެހެން ބަސްބަހުގެ އެކެޑެމީތަކަށް ވެސް މިފަދަ ތަންފީޒީ ބާރެއް ދީފައި ވާނެއެވެ.

ޕްރިސްކްރިޕްޓިވް ގްރެމަރ ނުވަތަ އަމަލުކުރަންޖެހޭ ބަހުގެ ގަވާއިދު

އަމަލުކުރަންޖެހޭ ގަވާއިދާ ދެކޮޅަށް ބަސްވާރުން ނެރެފައިވަނީ މައިގަނޑު ދެ ޒުވާބެކެވެ (ހެލްޕާރން، 1997). މީގެ ތެރެއިން އެއް ޒުވާބުގައި ބުނަނީ ބަސް ބަދަލުވަމުން ދިއުމަކީ، މީހުން މުސްކުޅި ވަމުންދާ ފަދައިން، އެކަމަށް ހުއްޓުވުމެއް ގެނެވޭނޭ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ވަކި ތައްގަނޑަކަށް އެ ފެއްތުމަކީ ޠަބީޢީ ކަމެއް ނޫންކަމަށެވެ. އަދި ބަހުގެ ހަމަތަކަކީ އެއްވެސް ސައިންޓިފިކް ހަމައެއްވާ އެއްޗެއް ނޫންކަމަށް ވެސް ބުނެއެވެ. ދެވަނަ ޒުވާބަކީ، ޢަމަލުކުރަންޖެހޭ ބަހުގެ ގަވާއިދަށް ތާއީދުކުރާ މީހުންނަކީ އެމީހުން ބަސްމޮށެއުޅޭ ގޮތްތައް، ހޭލުންތެރިކަން ކުޑަ ތަނަވަސްކަން ނެތް މީހުންގެ މައްޗަށް ފަތުރާ ބައެއް ކަމަށެވެ. ގިނަ ފަހަރު، މިކަމަށް ތާއީދު ކުރާ މީހުންނަކީ ޙަސަބުގެ ގޮތުން ނުވަތަ ތަނަވަސްކަމުގެ ގޮތުން ނުވަތަ ތަޢުލީމީ ގޮތުން މަތީ ދަރަޖަތަކުގެ މީހުންނެވެ. ދެން މި ކަންކަމަށް ދޭ ހެލްޕާރން ދޭ ރައްދަށް ބަލައިލަމާ ތޯއެވެ؟

ބަހުގެ ގަވާއިދުގެ ހަމަތަކަކީ އެއަށް އެެއްވެސް ސައިންޓިފިކް އަދި މަންޠިޤީ (ލޮޖިކަލް) ހަމަތަކެއްވާ އެއްޗެއް ނޫންކަމަށް ނުންބާރގް (1983) އާއި އެހެން ބައެއް ބަސްވާރުން ބުނެއެވެ.  އެމީހުން ބުނަނީ އެއީ ކޮންމެވެސް މީހެއްގެ ޚިޔާލުތަކެއް ކަމަށެވެ. ޢަމަލުކުރަން ޖެހޭ ގަވާއިދަށް ތާއީދުކުރާ ފަރާތްތަކުން މި ޒުވާބުގެ ރައްދުގައި ބުނަނީ އެއީ ”ބާވާލެއްވި“ ހަމަތަކެއް ނޫންކަމަށް ގަބޫލުކުރާ ކަމަށާއި އެއީ މީހުން ހަދަައިފައިވާ ގަވާއިދުތަކެއް ކަމަށާއި ސައިންސްގެ ހަމަތަކެއް ނޫންކަމަށް އެއްބަސްވާ ކަމަށެވެ. އަަދި އިންސާނުން ހަދާ އެހެން ޤާނޫނުތަކާއި ގަވާއިދުތައް ދުވަސް ދުވަސްކޮޅުން މުޠާލިއާކޮށް މުރާޖަޢާ ކުރަންޖެހޭ ފަދައިން ބަހުގެ ގަވާއިދުތައް ވެސް ބަދަލުކުރަން ޖެހޭނޭ ކަމަށެވެ. މަގުމަތީގައި ދުއްވާ އެއްޗެތި ދުއްވުމުގެ ގަވާއިދު ފަދައިން ބަހުގެ ގަވާއިދުތަކަކީ އެކި ކަންކަމާ ގުޅިގެން ބަދަލުވާނެ، ބަދަލުކުރަންޖެހޭނޭ ގަވާއިދުތަކެއް ކަމަށެވެ. ސައިންސްގެ ޤާނޫނެއް ކަމަށް ވާ ގްރެވިޓީ ނުވަތަ ހުރިހާ އެއްޗެއް ބިމަށް ދަމާފަދަ އިލާހީ ޤާނޫނެއް ނޫންކަމަށެވެ. ބިމަށް ތަކެތި ދަމާ ބާރަކީ ސައިންސްގެ ހަމައެކެވެ. އެކަން ކުރިއަރުވާކަށް ނުވަތަ ބަދަލުކުރާކަށް ނުވަތަ ހަމައަކަށް އަޅުވާކަށް އިންސާނުންނަށް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެ އެވެ. ނަމަވެސް، ދުއްވާ އެއްޗެތި ދުއްވުމުގެ ގަވާއިދު ތަންފީޒުކުރަން ވަރަށް ބޮޑު ސަމާލުކަން ހުރިހާ ފަރާތަކުން ދޭން ޖެހޭނެ އެވެ.

އަނބުއޮށެއް އިންދައިފިނަމަ އެ އަނބުއޮށް، ދުވަސްކޮޅެއްގެ ފަހުން އަނބުގަހަކަށް ވެއެވެ. ސައިންސްވެރިއަކު، އަނބުއޮށެއްގެ ޖީންތައް ބަދަލުކޮށްގެން އަނބުގަހުގެ އޮށުން ރާގޮނޑިއެއް އުފަން ކޮށްފިނަމަ، އޭނާ އަނބު އޮށުގެ ޠަބީޢަތާ ކުޅުނީ ކަމަށް، އުފެދިބޮޑުވުން ބަދަލުކުރީކަމަށް، ބުނެވިދާނެއެވެ. އެއްވެސް ބަޔަކު އެއާ ނުބެހިފިނަމަ ވާހަކަ ދައްކާ ބަހަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް ބަސްވާރަކު އަދި އެ ނޫން މީހަކު އަދިއެއް، ބަހެއް އުފެދި ނެތިދާ ޙަޔާތުގެ ބުރާ މެދު ރީބައެއްނެތް، ޝައްކުނުހިމެނޭ އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ބަހެއް ބޭނުން ކުރާގޮތަށް ބަދަލުތަކެއް ގެނެސްފިނަމަ، އެކަމުން އެއްވެސް ނުބައެއް ނުކުންނާނޭ ކަން ސުބޫތުކޮށްދީފައެއް ނުވެއެވެ. މީގެ އިތުރަށް، ބަސް ބޭނުން ކުރާ ގޮތަކީ ކޮށްގެން ނުވާނޭ ކަމެއްކަމަށް ބުނަނީ ކީއްވެގެން ހެއްޔެވެ؟ އެކަން ކުށަކަށްވަނީ، އިންސާނިއްޔަތާ ދެކޮޅުވަނީ ނުވަތަ ފާފައަކަށްވަނީ ކީއްވެގެން ހެއްޔެވެ؟

ބަސް ބޭނުން ކުރާގޮތް ވަކި ގޮތަކަށް ހަމަ ޖެއްސުމަށް، ގަވާއިދުތައް ކަނޑައެޅުމަށް، ކުރެވުނު މަސައްކަތްތަކުން ބައެއް މަސައްކަތް ވަނީ ކާމިޔާބު ވެފައެވެ. އަނެއްބައި މަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ. ކާމިޔާބުވި މަސައްކަތްތައް ކާމިޔާބުވީ ބަހުގެ ޙަޤީޤީ ޠަބީޢަތާ އެއްގޮތަށް ކަންތައްތައް ކުރުމުން ކަމެއް ޔަޤީނެއް ނޫނެވެ. ބަހެއް ކުރިއަރައި ތަރައްޤީވާ ގޮތަކީ ކަށަވަރުކަމާ އެކީ އެނގޭ ކަމެއް ނޫނެވެ. އަމަލުކުރަންޖެހޭ ގަވާއިދަށް އިންކާރުކުރާ މީހުން، އެކަންކުރަނީ އެމީހުން ޤަބޫލުނުުކުރާ ކަންތައްތައް އެ ގަވާއިދުތަކުގައި ހިމެނޭތީ އެވެ. ބަހުގެ ޠަބީޢީ ސަބަބުތަކަކަށްޓަކައެއް ނޫނެވެ.

 އިންސާނާގެ ޠަބީޢަތަކީ އޭނާއަށް ފެންނަ ތަކެއްޗާއި ދަންނަ ތަކެތި، ހަމަތަކަކާއި އުޞޫލުތަކަކަށް ފެއްތުމެވެ. ގިންތި ކުރުމެވެ. މިގޮތުގެ މަތިން ދުވަސްތައް ހަފުތާއަށް ބަހައި، އަހަރު މަސްތަކަށް ބަހާފައި ވެއެވެ. ކަންކަމާއި ތަކެތި ފަސޭހައިން ދެތުމަށް، މިފަދަ ހަމަތައް ހެދުމަކީ އިންސާނާގެ ޠަބީޢަތެވެ. އިންސާނާގެ ޠަބީޢަތުގައި ހުންނަ މި ސިފަ، ވާހަކަ ދައްކާ ބަހުގެ މައްޗަށް ގެނެސްގަތުމަކީ އިންސާނިއްޔަތު ކަމުގެ ސިފައެކެވެ. އެއީ ޤުދުރަތީ ގޮތް ނޫންކަމަށް، ޠަބީޢީ ކަމެއް ނޫންކަމަށް، ބުނުމަކީ ތެދެއް ނޫނެވެ. ގަވާއިދުތައް އެކަށައެޅުމުން، މިޢުޔާރު ނުވަތަ މިންގަނޑެއް ކަނޑައަޅައި ރަނގަޅު ބުނުންތައް އޮޅުންފިލުވައިދޭން ފަސޭހަ ވެއެވެ.

ހެލްޕާރން (1997) ފާހަގަކޮށްފައިވާ ގޮތުގައި، އިނގިރޭސިބަހުން ބަހުގެ ގަވާއިދަށް މި ކިޔާ ލަފުޒު – ގްރެމަރ – ގެ ދެ މާނައެއް ވެއެވެ. އަމަލުކުރަންޖެހޭ ގަވާއިދާއި ސިފަކުރާ ގަވާއިދާ ދެމެދު ބައެއް ބަސްވާރުންގެ މެދުގައި ދެ ބަސްވުން އުފެދިފައިވަނީ ގްރެމަރ މާނަ ކުރާ ގޮތެއްގެ ސަބަބުންނެވެ. ގްރެމަރ ގެ އެއް މާނަައަކީ، އިންސާނާގެ ސިކުނޑީގައި ތަފާތު ޖުމުލަތައް ހެދުމަށް ހުންނަ ޤާބިލްކަމެވެ. ކުޑަކުދިން ދެތިން އަހަރު ވުމުން، ބުނަން ބޭނުންވާ ކިތަންމެ އެއްޗެއް ބުނެވެނީ ޖުމުލަތައް އުފެއްދުމުގެ މި ޠަބީޢީ ޤާބިލްކަމުންނެވެ. މިކަމުގެ ސިއްރެއް ސައިންސްވެރިންނަށް އަދި ހޯދިފައެއް ނުވެއެވެ. އިނގިރޭސި ބަހުން މި ޤާބިލްކަމަށް ޖެނެރޭޓިވް ގްރެމަރ މިހެން ކިޔައެވެ. ކުރުކޮށް ކިޔަނީ ގްރެމަރ އެވެ.  ސިފަކުރާ ގަވާއިދުން، ބައެއް ބަސްވާރުން މާނަކުރަނީ މި ގާބިލްކަމެވެ. ނަމަވެސް، އަމަލުކުރަންޖެހޭ ގަވާއިދުން ބައެއް ބަސްވާރުން، ޚާއްޞަކޮށް ބަހުގެ އަދީބުންނާއި ގިނަ ޢާއްމު މީހުން މާނަ ކުރަނީ، ޖުމުލައެއް ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައަޅާ، މަދަރުސާ ތަކުގައި ކިޔަވައިދޭ ބަހުގެ ހަމަތަކެވެ. ބައެއް ބަސްވާރުންގެ މެދުގައި، ގަވާއިދާ މެދު އުފެދިފައިވާ ދެބަސްވުމަކީ ދެ ފަރާތުން މާނަ ކުރާގޮތް ތަފާތުވުމުން ވެފައިވާ ކަމެކެވެ.

ބަސް އުނގަންނައިދިނުމުގައި ގަވާއިދުގެ ބާވަތްތައް

އަމަލުކުރަން ޖެހޭ ގަވާއިދަކީ، ފަސޭހައިން އޮޅުން ފިލާގޮތަށް މުޢާމަލާތް ކުރުމަށް، މުޖުތަމަޢުގެ ގިނަ ބައެއްގެ ރުހުމާއި މަޤްބޫލްކަން ލިބިފައިވާ، ބަސް މޮށެއުޅޭ ގޮތާއި ފޭޑިއަށް މިސްރާބު ދައްކާ އުޞޫލްތަކެކެވެ (ހިންކަލް ،2004). މަދަރުސާތަކާއި އިމްތިޙާނުތަކާއި ފޮތްލިޔުމާއި އެޑިޓް ކުރުން ފަދަ އެތައް އަދަބީ ކަމެއްގައި ބޭނުން ކުރަނީ އަމަލުކުރަން ޖެހޭ ގަވާއިދެވެ. މިފަދަ ކަންކަމުގައި މި ގަވާއިދު ބޭނުންކުރާ އެއް ސަބަބަކީ، ލިޔުންތެރިޔާގެ ދަރަޖަ އާއި ތަޢުލީމީ ފެންވަރާއި ވަޒީފާގެ ކުރިއެރުންތަކާއި އިޖްތިމާޢީ އަދި އިޤްތިޞާދީ އުއްމީދުތަކަށް، އެ ހަމަތަކަށް ލިޔުމުން، ފުރުޞަތު ތަނަސްވާނެތީ އެވެ. ވަޒީފާއަކަށް އަންނަ މީހަކު، އިންޓަރވިޔޫއެއްގައި އަމަލުކުރަންޖެހޭ ގަވާއިދާ ޚިލާފަށް ވާހަކަ ދައްކަމުން ގެންދާ ނަމަ، އިންޓަރވިޔޫ ކުރާ މީހާއަށް އޭނާގެ ތަޢުލީމީ ފެންވަރާއި އާއިލީ ދަރަޖައާ މެދު ގިނަ ހީކުރުންތަކެއް އުފެދިގެން ދާނެއެވެ.

ކުރުގޮތަކަށް ބުނާ ނަމަ، އަމަލުކުރަންޖެހޭ ގަވާއިދަކީ މީހާގެ އިޖްތިމާޢީ ދަރަޖަ (މުޖުތަމަޢުއެއްގައި އޭނާ ހުރި ހަރުފަތް) އަންގައިދޭ ދިދައެކެވެ. ބީއޭ، އެމްއޭ ޕީއެޗްޑީ ފާހެއް އޮތަސް، ވާހަކަ ދައްކާ ގޮތް، އޭނާގެ ޙަޤީޤީ އިޖްތިމާޢީ ދަރަޖަ ހާމަކުރަމުން ގެންދާނެއެވެ. ގިނަ ދުވަސްތަކެއްގެ ފުން ތަޢުލީމަކުން ނޫނީ ވާހަކަ ދެއްކުމަކަށް  ބަދަލެއް ނުގެނެވޭނެއެވެ. މި ނަޒަރުން ބަލާއިރު، އަމަލުކުރަން ޖެހޭ ގަވާއިދަކީ، މަތީ ވަޒީފާތަކަށް ވަންނަން ހުންނަ ދޮރޯށީގެ ކުރިމަތީގައި ހުންނަ ”ދޮރުވާނެ“ކެވެ. ވަކި ގޮތަކަށް ވާހަކަ ދައްކާ މީހެއް ނޫންނަމަ، އެ ދޮރޯއްޓަކުން ވަނުމަކަށް ފުރުސަތެއް ނުލިބޭނެއެވެ. މަތީ ތަޢުލީމުގެ ދާއިރާގައި، އަދި އެކި މަހާސިންތާ ތަކުގައި ހުށަހެޅޭ ކަރުދާސްތަކުގައި، އަމަލުކުރަންޖެހޭ ގަވާއިދާ ޚިލާފަށް ލިޔެފައި ހުންނަ ލިޔުންތަކާއި ކަރުދާސްތައް ފެންނާނީ ވަރަށް މަދުންނެވެ. މީހެއްގެ ތަޢުލީމީ ފެންވަރާއި އޭނާ ބޭނުންކުރާ އަމަލު ކުރަންޖެހޭ ގަވާއިދާ ވަރަށް ބޮޑު ގުޅުމެއް ހުރެއެވެ. މި ހަމަތަކަށް ނޫން ގޮތަކަށް ބަސް ބޭނުން ކުރާ ނަމަ، އެކަމުގެ އިޖްތިމާޢީ ނޭދެވޭ އަސަރު އޭނާއަށް ކުރާނެއެވެ. އެއީ ރަނގަޅު ޚުލްޤު ނެތްނަމަ، އެކަމުގެ ނޭދެވޭ އަސަރު ފަރުދުންނަށް ކުރާ ފަދައިންނެވެ (ހިންކަލް، 2003).

މުޢާމަލާތް ކުރުމުގައި، މުޖުތަމަޢުއެއްގެ ހުރިހާ ދަރަޖައެއްގެ މީހުންނާ ވާހަކަ ދެއްކުމަށް، ސިފަކުރާ ގަވާއިދު ވެސް އެނގުމަކީ ވަރަށް ބޭނުން ތެރި ކަމެކެވެ. އެމެރިކާގެ ބަބުރުންގެ ދަށުދަރަޖައިގެ މީހުން ވާހަކަ ދައްކާ ހަމަތައް، އެހެންމީހުން ބޭނުންކުރާ ހަމަތަކާ ވަރަށް ތަފާތެވެ. މިކަން، ބައެއް ރެޕް ލަވަތައް އަޑުއަހާލުމުން ޔަޤީން ވާނެއެވެ. އެއްވެސް މީހަކު ދިރާސާއެއް ކޮށްފައި އަދި ނުވިއަސް، ރާއްޖޭގެ ގޭންގުތަކުގެ ބަސްމަގު ހުންނާނީ ވެސް މިފަދަ ގޮތަކަށް ކަން ޔަޤީން އެވެ. އެހެންކަމުން، މުޖުތަމަޢުގެ އެކި ދަރަޖައިގެ މީހުން، ވާހަކަ ދެއްކުމުގައި ބަހުގެ ގަވާއިދު ތަފާތު ވެދެއެވެ. މިިހެން ކަމަކު، އެ ގަވާއިދުތަކަކީ ބަހުގެ ގަވާއިދުތައް ނޫންކަމަކަށް ނުވާނެއެެވެ. ކިޔަވާ ދިނުމުގައި، ސިފަކުރާ ގަވާއިދު ކިޔަވާ ނުދިނުމަކީ، އެ ހަމަތަކަށް ވާހަކަ ދައްކާ ޖަމާޢަތްތައް ހަވާސާކޮށް އެކަހެރިކޮށްލުމެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގެ އެކި ފަންތިތަކުގެ ފަރަޤު ބޮޑުވާނެއެވެ. މިއީ، ދުރު މުސްތަޤްބަލްގައި ޤައުމެއްގެ ހަމަހިމޭންކަމާއި އެކުވެރިކަން ގެއްލޭނޭ ކަމެކެވެ.

މަތީގައި ބަޔާން ކުރެވުނު ވާހަކަތައް ކުރުގޮތަކަށް ޚުލާޞާކޮށްލާނަމެވެ. ސިފަކުރާ ގަވާއިދުގެ ބަސްވާރުން ދިފާއުކުރާ އެއް ޒުވާބަކީ، އަމަލުކުރަންޖެހޭ ބަހުގެ ގަވާއިދުގައި އެއްވެސް ސައިންޓިފިކް އަދި މަންޠިޤީ (ފިކުރީ ހަމަތަކަށް ފެތޭ) ސަބަބެއް ނުވާކަމެވެ. އެ ގަވާއިދު ”ޞައްޙަ“ ކަމަށް ބުނާ ހަމައެކަނި ސަބަބަކީ، މަތީ ދަރަޖައިގެ މީހުން، މާޒީގައި، އެގޮތަށް ވާހަކަ ދައްކައިފައި ނުވަތަ ލިޔެފައި ވާކަމެވެ. ބައެއް ބަސްވާރުން ބުނަނީ ”ރަސްމީ“ ބަހުގެ ބާރާއި ތަނަވަސްކަމުގެ ފާރަވެރީން، ހަމަ ރަނގަޅު ބަހުރުވަތަކެއްގެ މައްޗަށް އެމީހުންގެ ނަޒަރިއްޔާ ފަތުރަނީ ކަމަށެވެ. އަދި އެއް ބަޔަކު، އަނެއް ބައެއްގެ މައްޗަށް ގަދަބާރުކަން ދައްކަން ބޭނުންކުރާ ބަހުގެ ގަވާއިދެއް މަަދަރުސާތަކުގައި ކިޔަވައިދީގެން ނުވާނޭ ކަމަށެވެ.

މިކަމާ އިދިކޮޅަށް ވާހަކަ ދައްކާ މީހުންގެ ޒުވާބަކީ، ފެންވަރު މަތީ ރެސްޓޯރަންޓެއްގައި ކެއުމަށް އުލުގައި ހިފަންޖެހޭ ރަނގަޅު ގޮތެއް އޮންނަ ފަދައިން، ބަސް ބޭނުންކުރަން ޖެހޭ ރަނގަޅު ގޮތެއް ވާކަމަށެވެ. އަދި، ކުޑަކުދިންނަށް ކާން އުލުގައި ހިފާގޮތް ދަސްކޮށްދޭ ފަދައިން، ކާމިޔާބަށްޓަކައި އެ ކުދިންނަށް ބަހުގެ އެ ހަމަތައް އޮޅުންފިލުވައިދޭން ޖެހޭ ކަމަށެވެ.

ޙަވާލާދެވޭ ލިޔުންތައް

Greenbaum, S. & Quirk, R. (1990). A student’s grammar of the English language. London: Longman.

Halpern, M. (1997). A war that never ends. The Atlantic Monthly, 279 (3), 19—22. Downloaded from https://www.theatlantic.com/magazine/archive/1997/03/a-war-that-never-ends/376801/

Hinkel, E. (2003). Simplicity without elegance: Features of sentences in L2 and L1 academic texts. TESOL Quarterly, 387, 275–301.

Hinkel, E. (2004). Teaching academic ESL writing. Practical techniques in vocabulary and grammar. Mahwah, NJ: Lawrence Erlbaum.

Leech, G.N., Deuchar, M. & Hoogenraad, R. (2005). English grammar for today (2nd ed.). London: Macmillan.

Nunberg, G. (1983). The decline of grammar.The Atlantic Monthly, 252 (6), 31–46.  Downloaded from https://www.theatlantic.com/daily-dish/archive/2008/04/the-decline-of-grammar/218042/

ދިވެހިބަހާ ބެހޭ ބައެއް ލިޔުންތަކަށް ވަޑައިގަތުމަށް އޮބާލައްވާ!
ވެބްސައިޓްގެ ފިހުރިސްތަށް ވަޑައިގަތުމަށް އޮބާލައްވާ!