އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެއަށް ވައިގެމަގުން ލަފާ ދިވެހީން ގެންނަ ކުދި ގަސް ހިފަހައްޓައެވެ. މިކަން ކުރަނީ ރާއްޖެއަށް އެ ގަސްތަކާ އެކު އަތުވެދާނޭ ގަސްތަކަށް ބަލިޖައްސާ ފަނިފަކުސަ އާއި ޖަރާސީމުތަކުން ދިވެހި ދަނޑުފަނގު ރައްކައުތެރިކުރުމަށެވެ. ކަމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކުރާ ކަމެކެވެ. ނަމަވެސް، ރާއްޖޭގައި މިކަން ކުރަނީ އެހެން ޤައުމުތަކުގައި ކަންކުރާ ގޮތާ ޚިލާފަށެވެ. އެހެންކަމުން، އެތައް ބާވަތެއްގެ ފަނިފަކުސަ ރާއްޖޭގެ މާހައުލަށް އިތުރުވަމުން ދެއެވެ.

އާދޭހެވެ! ރާއްޖެއަށް ތަޢާރުފުނުވާ އެތައް ފަނިފަކުސައެއް އެހެން ޤައުމުތަކުގައި އުޅޭނެއެވެ. މި ފަނިފަކުސަތައް ރާއްޖެއަށް އެތެރެވުމަކީ، ދަނޑުވެރީންނާއި އެހުރުންނަށް ލިބޭ ބަލާ އާފާތެއް ކަމުގައި ނޫނީ ނުވާނެއެވެ. އެހެންކަމުން ކަމަކީ ކުރަން ރަނގަޅުކަމެކެވެ. ނަމަވެސް، ރާއްޖޭގައި މިކަން ކުރާ ގޮތުން އެތައް އެފަދަ ސޫފިތައް ރާއްޖެއަށް އެބަ ގިނަވަމުން ދެއެވެ. އަޅުގަނޑުގެ ހަނދާނުގައި މިގޮތުން ރާއްޖެއަށް އައި ގެއްލުންދެނިވި ދެ ފަނިފަކުސައެއް ތިރީގައި އެވަނީ އެވެ.

ހުދުކޫޑި

ހުދުކޫޑިއަކީ 1970 ގެ ދަހަރުގެ ފަހު ކޮޅުގައި ރާއްޖެއަށް އެތެރެވި އުދުހޭ ކޫޑިއެކެވެ. މިއަށް އިނގިރޭސި ބަހުން ކިޔަނީ ހުދުމެއްސެވެ. މެހި ފަދައިން އުދުހޭތީ ވަރަށް ފަސޭހައިން މި ކޫޑި ގަސްތަކަށް ފެތުރެއެވެ. މި ކޫޑި އަޅުގަނޑަށް އެންމެ ފުރަތަމަ ފެނިފައިވަނީ ފަޅޯގަހުންނާއި ފޭރުގަހުންނެވެ. ނަމަވެސް، ވަރަށް ގިނަ ބާވަތުގެ ތަރުކާރީ ގަސްތަކަށް މި ކޫޑި އަރައެވެ. މީގެ ތެރޭގައި ކަންބާ، ތޮޅި، ކޮޕީ، ބޮޑިކޮޕީ، ބަށި، ވިލާތުބަށި، ކައްޓަލަ ފަދަ ޢާއްމުކޮށް ދިވެހީން ހައްދައި އުޅޭ ގަސްތައް ހިމެނެއެވެ. ހުދުކޫޑިގެ އެތައް ބާވަތެއް ރާއްޖޭގައި އުޅެއެވެ. މީގެ ތެރޭގައި ބިންބި ފުކަކުން ފެށިގެން ހަނޑޫ ފުކެއްހާ ބޮޑެތި ހުދުކޫޑި އުޅެއެވެ. މި ސޫފީގެ އެންމެބޮޑު ނުރައްކަލަކީ ވަރަށް ގެއްލުން ދެނިވި ވައިރަސްތައް ހުދުކޫޑިން ފެތުރޭ ކަމެވެ.

މި ކޫޑި ގަަހެއްގައި އަޅައިފިނަމަ، ފަސޭހައިން ނައްތާލުމަކީ ދަތިކަމެކެވެ. ސައިމާ ފަދަ ބަގީޗާ ގަހެއްގައި އަޅައިފިނަމަ ވެކިޔުމްކޮށްގެން ނުވަތަ ފެން ބުރުއްސައިގެން މަދުކުރެވެއެވެ. ނަމަވެސް ދަނޑަކަށް އަރައިފިނަމަ، ކޮންޓްރޯލްކުރަން ދަތިވާނެއެވެ. އެއް މައްސަލައަކީ ކޫޑި ހުންނަ ފަތަކީ ކެއުމަށް ބޭނުންކުރާ ފަތަކަށް ވާތީ، ކެމިކަލް ބޭނުން ނުކުރެވޭ ކަމެވެ. ބައެއް މީހުން ހުދުކޫޑި ކޮންޓްރޯލް ކުރުމަށް ހިތި ތެޔޮ (ނީމްއޮއިލް) ފެނުގައި ގިރައި ސައިބޯނި އަޅައިގެން ޖަހައެވެ.

ފުއްކޫޑި

ފުއްކޫޑިއަކީ ކުޑަ ކަފަކޮޅުތަކެއް ހެން ފަތްތަކުގައި އަޅާ ފަންޏެކެވެ. އިނގިރޭސި ބަހުން މިބާވަތުގެ ކޫޑިއަށް ކިޔަނީ މީލީ ބަގްސް އެވެ. މީލް އިނގިރޭސިބަހުން ކިޔަނީ ގޮދަން ފުށަށެވެ. ކޮވިޑްތެރޭގައި ބޭނުންކުރި އަތްސާފުކުރަން ބޭނުންކުރާ ސެނިޓައިޒަރ ފަދަ ދިޔައެއް ޖަހައިފިނަމަ، ފަނީގެ ވަށައިގެންވާ ހުދު ކުނޑިތައް ފިލައި ފަނި ފަސޭހައިން ފެނެއެވެ. ނަމަވެސް، ގަހަކަށް ސެނިޓައިޒަރ ސްޕްރޭ ކުރުމުން މުޅިއަކުން  ނުފިލައެވެ. ލިބެނީ ވަގުތީ ހައްލެކެވެ. ފުއްކޫޑީގެ އެތައް ބާވަތެއް ރާއްޖޭގައި އުޅެއެވެ. މި ކޫޑި އަޅާ ގަސްތަކުގެ ތެރޭގައި ކުރިން ބުނި ގަސްތަކުގެ އިތުރުން ރާއްޖޭގެ މީހުން ގިނައިން ހައްދާ ބާމިޔާތޮޅި (އޮކްރާ ނުވަތަ ލޭޑީޒް ފިންގަރ) ހިމެނެއެވެ.

ހުދުކޫޑި ކޮންޓްރޯލް ކުރުމަށް ބޭނުންކުރަން ޖެހޭނީ ރައްކައުތެރި ދިޔައެކެވެ. އެއްގޮތަކީ، އަޅުގަނޑު ކުރިން ދެންނެވި ފަދައިން ސެނިޓައިޒަރ ބޭނުންކުރުމެވެ. ސެނިޓައިޒަރ އެންމެ އަގުހެޔޮކޮށް ލިބޭނީ ސާޖިކަލް ސްޕިރިޓް – އިސްޕިރޭޓް ފަދަ، ނުވަތަ ރަބިން އެލްކޮހޯލް ފަދަ އެއްޗެއްގެ ގޮތުގައި ފާމަސީތަކުންނެވެ.

އެއް ފަހަރަކު، އޭސް ހާޑްވެއަރ އިން ގަތް ޤުދްރަތީ ކޫޑިމެރިއެއް (އޯގަނިކް ޕެސްޓިސައިޑްއެއް) ގައި އޭގައި އެކުލެވޭ ބައިތައް ލިޔެފައި ވިއެވެ. އޭގެވަނީ ފެނުގެ ތެރެއަށް ތިލެޔޮ އަޅާފައެވެ. ތިލެޔޮ ކިޔަނީ ސެސަމީ ސީޑް ކިޔާ، ބައެއް ބަނަހުގެ ބޭރުގައި ހުންނަ ކުދި އޮތްތަކުން އުފައްދާ ތެލަށެވެ. މިއީ ކެއްކުމަށް ބޭނުން ކުރާ ރާއްޖޭގައި ލިބެން ހުންނަ ތެލެކެވެ. އެއް ލީޓަރުގެ ފެނުގެ ތެރެއަށް ތިލެޔޮ އަޅަނީ %5 އަށެވެ. ތެލާއި ފެން އެއް ނުވާނެތީ މި އަށް ސަމުސަލެއްގެ ސައިބޯނި އަޅައި ތަޅުވަން ޖެހޭނެއެވެ. މިބާވަތުގެ ކޫޑިމެރި ހަދާނޭގޮތުގެ ތަފްޞީލް މި ޖުމުލައަށް އޮބައިލުމުން ފެނިވަޑައިގަންނަ ވާނެއެވެ.

އާދެ! މައުޟޫޢުއަށް އެނބުރިދަމާ ތޯއެވެ؟ ރާއްޖެއަށް އަންނަ މީހަކު ގަހެއް ގެނައިކަން އެނގިއްޖެނަމަ، ކަސްޓަމްސް އިން އެ ހިފަހައްޓާނެއެވެ. އެ ދޫކުރާނީ ގަސް އެތެރެކުރާއިރު، އެ ގެންނަ ޤައުމެއްގެ ސަރުކާރުގެ ފަރާތަކުން ގަހުގައި ބައްޔެއް ނެތް ކަމަށް ދޭ ލިޔުމެއް އޮތް ނަމައެވެ.  މިފަދަ ލިޔުމެއް ނެތްނަމަ، ކަސްޓަމްސް އިން ގަސް ހިފަހައްޓާނެއެވެ. ދެން ކަންކަންވާ ގޮތަކީ ވެސް ގިނަބަޔަކަށް ވަހުމްތަކެއް ގެނުވާ ކަމެކެވެ.

މިކަމުގެ މައްސަލައަކީ، ރާއްޖެއަށް އެތެރެވެފައިވާ ގިނަ ބަލިތަކާއި ފަނިފަކުސަ އެތެރެވެފައިވަނީ، ވަރަށް ބޮޑަށް ޔަޤީންވާ ގޮތުން، ދަތުރުވެރީން ގެންނަ ގަހަކުން ނޫނެވެ. ރާއްޖެއަށް އެއްވެސް ކޮންޓްރޯލެއް ނެތި އެތެރެކުރާ ރޯ ގެރިގުއިންނާއި ފަތްތަކާއި ދަނޑުތަކުން ކަނޑާލައިގެން ގެންނަ ތަރުކާރީގެ ބާވަތްތައް ފަދަ އެއްޗެތީންނެވެ. މިއީ، ބަލި ކޮންޓްރޯލްކުރާ އެއްވެސް ޤައުމަކުން ހުއްދަކުރާނޭ ކަމެއް ނޫނެވެ.

އާދެ! ވިސްނަވާށެވެ. ގެރިބަކަރިއާއި ކުކުޅުހާ ގެ ގުޔަކީ، ކާދުގެ ގޮތުގައި އެތައް ޤައުމެއްގައި ބޭނުންކުރާ އެއްޗެކެވެ. ގެރިގުއި ދަނޑުތަކުގައި ހުންނަ އިރު، ދަނޑުތަކުގެ ގިނަ ފަނިފަކުސައާއި ޖަރާސީމަށް އެ ވާނީ ވަރަށް ރަނގަޅު ވާސައަކަށެވެ. ވަޔާ އެކު ބައެއް ބާވަތުގެ ފަނިފަކުސަ ގެރިގުއީގެ ތެރެއަށް ވަންނާނެއެވެ. ދެން ދަނޑުން މިތަކެތި ހޮވައި، ފުނި ޖަހައި، އެއަށް ފަހު ގޯނި ގޯންޏަށް އަޅައިގެން ރާއްޖެ ގެނެސް ރާއްޖޭގެ ދަނޑުތަކަށް ގެރިގުއި އެޅުމުން އެ ގެރިބަކަރި އުޅުނު ހިސާބުގެ ގިނަ ބަލިތައް ރާއްޖެއަށް ނަޤުލްވާނެއެވެ. އެހެންކަމުން، ރާއްޖެއަށް ރޯ ގެރިގުއި އިމްޕޯޓުކުރެވޭ ގޮތަށް އޮންނަ އޮތުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ރާއްޖެއަށް ވައިގެ މަގުން އަންނަ ފަސިންޖަރުން ގެންނަ ގަސްގަހަށް ވުރެ ބަލި ހުންނަ ގެރިގުއި އެތެރެކުރުމުގެ ނުރައްކާތެރިކަން އެތައް ސަތޭކަ ބައެއް ބޮޑުވާނެއެވެ. ހަމަ މިއާއެކު ރާއްޖެއަށް އެތެރެކުރާ ގެރިގުއި އެއްކުރި ގަސް ހައްދާ ވެލިވެސް އެތެރެކުރުން ކޮންޓްރޯލް ކުރަން ޖެހެއެވެ.

ގެރިގުއި އެތެރެކުރަންވާނީ ކިހިނެއް؟

ވަރަށް މަދު ނޫން ގައުމެއް ފިޔަވައި، ހުރިހާ ޤައުމަކުންހެން ކާދު ގެ ގޮތުގައި ބޭނުންކުރާ ތަކެތި އިމްޕޯޓު ކުރެއެވެ. ރާއްޖެއަށް ވެސް ކާދު އެތެރެ ކުރަން ޖެހޭނެއެވެ. މިހެނީ ރާއްޖޭގެ ބިންގަނޑަކީ ކާނާގެ ގޮތުން ފަޤީރު ބިންގަނޑެކެވެ.

އެހެން ޤައުމުތަކުގައި ޖަނަވާރުގެ ގުއި، ކާދުގެ ގޮތުގައި އެތެރެކުރެވޭނީ އެއިން ބަލިޖެހޭ ސޫފިތައް މަރާލައިގެންނެވެ. މިކަން ކުރާ ދެތިން ގޮތެއް އޮވެއެވެ. އެއްގޮތަކީ ކުކުޅު ނުވަތަ ގެރިގުއި 60 އާއި 90 ސެލްސިއަސް ހުންނަ ވަރަށް ހޫނުކުރުމެވެ. މި ހޫނުކަން 6 ގަޑިއިރާއި 24 ގަޑިއިރު ހިފަހައްޓަން ޖެހެއެވެ. އަނެއް ގޮތަކީ، ގެރިގުއި ކަމީރު ކުރުމެވެ. މިގޮތުގައި ހިޔަލުގައި އެ ބަހައްޓައި އޭގެ ދެބައިކުޅަ އެއްބަޔަށް ފެން މަދުކޮށް ފުށުންޖަހައި ހަދަތެވެ. މިގޮތަށް ބަދަލުގެނެސްފައި ހުންނަ ކުކުޅު/ގެރި ގުއި ގިނައިން ވިއްކާނީ ޕްލާސްޓިކް ކޮތަޅުގައި، ކުދި ފޯލިތަކެއްގެ ގޮތަށެވެ. ރާއްޖެއަށް އެތެރެކުރާ ގިނަ ގެރިގުއިއަކީ ތަފާތު ބަލިތައް އެއިން ދަނޑުފަނގަށް ފެތުރޭނޭ ގޮތަށް ހުންނަ ގެރިގުޔެވެ.

ގެރިގުޔާއި ކުކުޅުގުއި ފޯލިތަކަށް ހަދާފައި ހުންނަ ގަސްކާނާ ރާއްޖޭގައި ވިއްކަން ހުރެއެވެ. މަތީގައިއެވާ ދެ ބާވަތަކީ ޔޫރަޕުގައި އެއް ޤައުމުން އަނެއް ޤައުމަށް އިމްޕޯޓު/އެކްސްޕޯޓު ކުރެވޭގޮތަށް ހޫނުކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކާދެވެ. ފާޓިސޮލް އުފައްދަނީ ކުކުޅުގުއިންނެވެ. ފާޓިޕްލަސް އަކީ ގެރިގުއިން އުފައްދާ އެއްޗެކެވެ.

މައްސަލަތަކުގެ ހައްލަކީ ކޮބައިތޯއެވެ؟

ދިވެހިރާއްޖެއަށް ގަސް އެތެރެކުރުމާ ބެހޭ ވަރަށް ވަރުގަދަ ގަވާއިދެއް އެކުލަވައިލާފައި ވެއެވެ. އެ ގަވާއިދު މި ޖުމުލައަށް އޮބައިލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ. މިއީއަކީ،  އެހެން މިފަދަ ގަވާއިދުތައް ފަދައިން ތަންފީޒުކުރެވޭ ގަވާއިދެއް ނޫނެެވެ.

ރާއްޖެއަށް ގެންނަ ދޮންކޭލާއި އެހެން ބާވަތުގެ ދިރުން ހުންނަ ކާތަކެތިވެސް ކަރަންޓީނުކުރަން ޖެހޭނެއެވެ. ސާމްޕަލް ނަގައި، އޭގައި ހުރި ކެމިކަލްތަކާއި ސޫފާސޫފި ދެނެގަންނަން ޖެހޭނެއެވެ.

ވަރަށް އިތުބާރު ހުރި ގޮތެއްގައި، ކާފީ ހެކިތަކާއެކު އެނގޭގޮތުގައި، ދަތުރުވެރީން ބޭރު ގައުމުތަކުން ގެންނަ ގަސް ކަސްޓަމުން ހިފަހައްޓައި، ދެން ދެތިން ދުވަހެއްގެ ތެރޭގައި ރަށުތެރެއިން އެ ގަސް ވިއްކަން ބަހައްޓާފައި ހުރިކަން އެނގެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ކަސްޓަމާމެދު މީހުންގެ އިތުބާރު ގެއްލިފައި ވެއެވެ. މި މައްސަލަ ހައްލުކުރެވޭނޭ އެއްގޮތަކީ، މަތިންދާ ބޯޓަކުން އެތެރެކުރި ސެޓިފިކެޓު ނެތް ގަހެއް ނަމަ، ފަސިންޖަރުގެ ކުރިމަތީގައި ގަސް އަންދާލުމެވެ. ނުވަތަ ގަދަ ލޮނުފަދަ އެއްޗަކަށް އަޅައި ވަގުތުން މަރާލުމެވެ. މިކަން ކުރަން ބޭނުންވާ ވަސީލަތްތަކަކީ ވަރަށް ކުޑަ އެއްޗެކެވެ. އެހެން ނޫންނަމަ، މި ތުހުމަތުތަކުން ކަސްޓަމުގެ އޮފިސަރުންނަށް ނިވާކަމެއް ނުލިބޭނެއެވެ. އަނެއް ގޮތަކީ، މި ފަދަ ގަސްތައް ހިފަހައްޓައި (ކަރަންޓީނުކޮށް) އޭގައި ބައްޔެއް ވާކަން ބަލައި ތަޙްޤީޤުކޮށް ގެނައި މީހާއަށް ގަސްތައް އަނބުރާ ދިނުމެވެ. ޙަޤީޤަތުގައި ކަރަންޓީނުކުރުމަކީ މިއީ އެވެ. މިކަމަށް ހިނގާ ޚަރަދެއް، ގަހުގެ ވެރި ފަރާތުން ހޯދިދާނެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ސެޓިފިކެޓާއެކު ގެންނަ ކާތަކެއްޗާއި ގަސް ވެސް މިގޮތަށް ތަޙްލީލު ކުރެއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ނެތް، ވަރަށް ނުރައްކާތެރި ބަލިތައް ކައިރި ޤައުމުތަކުގައި ވެއެވެ. މިސާލެއްގެ ގޮތުން އުތުރުކަރައިގެ ކެރަލާގައި އުޅޭ ކުރުނބާއަށް ކުޑަ މަކުނެއްގެ ސަބަބުން ޖެހޭ ބައްޔެއް ރާއްޖެއަކުން ޢާއްމުކޮށް ނުފެނެއެވެ. މި ބައްޔަކީ ރަށްރަށުގައި އާލާވެއްޖެނަމަ، އެ ރަށެއްގެ ރުއްތައް ހަލާކުކުރާނޭ ބައްޔެކެވެ. އެހެންކަމުން، ކާއްޓާއި ގަސްގަހާގެއްސާއި ގެރިގުއިއާއި އެހެންވެސް އެތެރެކުރާ ތަކެއްޗާ މެދު ރައްކައުތެރިވާން ޖެހެއެވެ. ނަމަވެސް، ރޯ ގެރިގުއި ޓެސްޓުތަކާ ނުލައި އެތެރެކުރުމަކީ، އަދި ބޭރުގެ ސެޓިފިކެޓުތަކަށް ބަރޯސާ ވުމަކީ، ގަސް އެތެރެކުރުމަށް ވުރެ ނުރައްކައުތެރި، ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.

ރާއްޖޭގެ ރަށްތަކަކީ ވަކިވަކީން އޮންނަ ޖަޒީރާ ރަށްތަކަކަށް ވާތީ، އެކި ބާވަތުގެ ބަލިތައް ކޮންޓްރޯލްކުރުމަކީ ފަސޭހަކަމަކަށް ވާން ޖެހޭނެއެވެ. މިކަން ކުރުމަށް ރަށްރަށުގެ ކައުންސިލްތައްވެސް ހޭލުންތެރި ކުރުވަން ޖެހެއެވެ.

ދިވެހިއްޔަތާ ބެހޭ މަޒުމޫނުތައް

މުޅި ވެބްސައިޓްގެ ފިހުރިސްތު