މަލަސްގެ މަންފާތައް
ކާނާގެ ގޮތުގައި މަލަސް ބޭނުން ކުރުމީ ވަރަށް ފައިދާ ހުރި ކަމެކެވެ. ކުދި އޮށްތަކުގައި، ބޮޑެތި ގަސްތަކުގައި ހިމެނޭ ވަރަށް ގިނަ ތާސީރު ކުރިން ދެންނެވިހެން 4 ގުނައާއި 20 ގުނައާ ދެމެދަށް ވެއެވެ. އެހެންކަމުން، މިސާލެއްގެ ގޮތުން 100 ގްރާމުގެ ކޮޕީފަތް ކެއުމުގެ ބަދަލުގައި، އެންމެ 5 ގުރާމުގެ ކޮޕީ މަލަހުން ހަށިގަނޑަށް އެއް މިންވަރެއްގެ މަންފާކޮށްފާނެއެވެ. މީގެ އިތުރަށް ހަށިގަނޑު ހެދި ބޮޑުވުމަށް ބޭނުންވާ ތަފާތު މާއްދާތައް (ކަނާދު ނުވަތަ nutrients) ތަރުކާރީއޮށުގެ މަލަސްގައި ހިމެނެއެވެ. މީގެ ތެރޭގައި ވަރަށް މަތީ މިންވަރަކަށް ތަފާތު ވިޓަމިންތައް ވެސް ވެއެވެ.
މަލަސް ކެއުމުން ލޭގެ ޕްރެޝަރ ދަށް ވެއެވެ. އެއީ އޭގައި ވިޓަމިން ކޭ އާއި ފައިބަރ ނުވަތަ ނަރު ގިނަވުމުން ކަމަށް ބުނެއެވެ. ލޭގައި ހުންނަކަމަށް ބުނާ ކޮލެސްޓްރޯލް ވެސް މަލަސް ކެއުމުން މަދުވާކަމަށް ބުނެއެވެ. މީގެ އިތުރަށް ބައެއް ބާވަތުގެ ކެންސަރަށް ބައެއް މަލަސް ރަނގަޅުކަމަށް ބުނެއެވެ. ހަކުރު ބައްޔަށް ވެސް މިއީ ވަރަށް ރަނގަޅު ކެއުމެއް ކަމަށް ބުނެއެވެ. ހަންގަނޑު ރީތިކޮށް ހުރުމަށް މަލަހަކީ ވަރަށް ފައިދާ ހުރި ކެއުމެކެވެ. މި ނޫނަސް މީގެ މަންފާތައް އިތުރަށް މި ޖުމުލައަށް އޮބާލުމުން ފެންނަ ލިޔުމުގައި ވެއެވެ.
މަލަސްގެ ވައްތަރުތައް
މަލަސްގެ ބާވަތްތަކުގެ ތެރޭގައި ގާތްގަޑަކަށް އިންސާނުން ބޭނުން ކުރާ ހުރިހާ ވައްތަރެއްގެ ގޮވާމާއި ތަރުކާރީ ހިމެނެއެވެ. މި ޖުމުލައިން ފިތާލުމުން ފެންނަ ވެބްޕޭޖްގައި ޖުމުލަ 87 ބާވަތްތަކުގެ މަލަސް ހިމެނެއެވެ. ތިރީގައި މި ބަޔާންކުރަނީ މި ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ބޭނުން ކުރާ ބާވަތްތަކެވެ.
އަރުގުލާ (ޖިރުޖީރު)
އަރުގުލާ އަކީ ކުއްޅަފިލާ (ގޯރަންފަ، ކަޑަފަތް) އާ ވަރަށް ވައްތަރުކޮށް ހުންނަ ތަރުކާރީ ފަތެކެވެ. މިއަށް ޢަރަބި ބަހުން ކިޔަނީ ޖިރުޖީރެވެ. އިނގިރޭސިބަހުން ރޮކިޓް ވެސް ކިޔައެވެ. ބައެއް މީހުން މިސުރުން މީގެ ފަތް ގެނެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ހައްދައި އުޅެތެވެ. މިފަތުންގެ މަލަހުގައި ކުޅި ގޮތެއް ހުރެއެވެ. އިންދާތާ ދިހަ ދުވަހުން ކެނޑޭނެއެވެ.
ސަންފްލާވަރ (އިރުވަރުމާ)
ސަންފްލާވަރ ގެ މަލަސް އަކީ ހައްދަން ފަސޭހަ، ވަރަށް މުރަނަކޮށް ހުންނަ ބާވަތެކެވެ. ކުޑަކުދީން ހުހަށްވެސް ކައިއުޅޭ މި މަލަހުގެ ރަހައިގައި ކަނަމަދުގައި ހުންނަ ބާވަތުގެ ފޮނި ރަހައެއް ހުރެއެވެ. ގިނަ ބާވަތް ބާވަތުގެ ވިޓަމިންތައް ހިމެނެއެވެ. ކަށިތަކާއި ދަތްތަކަށް ރަނގަޅު މި މަލަހުން ކޮލެެސްޓްރޯލް ދަށް ކުރެއެވެ. ރާއްޖޭގައި އެންމެ ޢާއްމުކޮށް ހައްދަނީ މި ބާވަތެވެ.
ރަތް ބޮނޑިކޮޕީ (ރެޑް ކެބިޖް)
ދަނބުކުލައިގެ ބޮނޑިކޮޕީގެ މަލަސް ހުންނަނީ ދަނބުކުލައިގައެވެ. އެހެންކަމުން، ސަޓަނިފަދަ ތަކެތި ހެދުމުން ބަލައިލާން ވަރަށް ރީއްޗެވެ. މީގައި ބޮޑެތި ބޮނޑިކޮޕީއަށް ވުރެ 280 ގުނަ މިންވަރަށް ވިޓަމިން އޭ ހުރެއެވެ. ލޯ އަލިކޮށް ހުރުމަށާއި ހެދި ބޮޑުވުމަށް ވަރަށް މުހިއްމު ވިޓަމިން އެކެވެ. ކޮލެސްޓްރޯލް ވެސް މިއިން ދަށްކުރެއެވެ. އަދި ކެންސަރު ދަފަރާކުރުމަށް ވެސް މިއީ ވަރަށް ބޭނުންތެރި މަލަސް އެކެވެ. އިންދާތާ ދިހަ ދުވަހުން ކާން ލިބެއެވެ.
ގޮދަން (ޥީޓްގްރާސް)
އެކި ބާވަތުގެ ގޮވާމަކީ، މަލަސް ހެއްދުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ހުޅަނގުގެ ގައުމުތަކަކީ ގޮަދަނުގެ ގައުމުތަކެވެ. އެހެންކަމުން އެއިން މަލަސް ފަޅުވައި، އަދި އޭގެ ޖޫސް ބޮއެއް އުޅެއެވެ. ބޮނޑިކޮޕީގެ ތާސީރު މީގައި ވެސް ހުރެއެވެ. އިންދާތާ 14 ދުވަސް ނުވަނީސް ކޮށެއެވެ. ގޮދަނީ ފިނި ޤައުމުތަކުގައި ހެދޭ އެއްޗެއް ކަމުގައި ވިއަސް، ރާއްޖޭގައި ވެސް މިހެދޭނެއެވެ. ”ކަނާދު“ ކިޔާ ފިހާރައަކުން ގޮދަން އޮށް ގަނެގެން އަޅުގަނޑު ވެސް އެ ހެއްދީމެވެ. ގަސް މަރުވަނީ ފޫޓަކަށް ހެދިފައެވެ. އެހެންކަމުން، ގޮދަން މަލަސް ހެއްދުމަށް ދިވެހިރާއްޖޭގެ މޫސުން ވެސް ރަނގަޅު ކަމަށް އަޅުގަނޑަށް ފެނެއެވެ. މި ނޫނަސް ކުދިބަތް، ބިންބި ފަދަ ގޮވާމުގެ އެހެން ބާވަތްތަކުން ވެސް މަލަސް އުފެއްދޭނެއެވެ.
ކުރެސް (ވޯޓަރކްރެސް)
އެންމެ ހަށިގަނޑަށް ފައިދާ ހުރި ތަރުކާރީއަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ އޭގެ ޖަވާބަކީ ކުރެސް އެވެ. އެމެރިކާގެ ސަރުކާރު އިދާރާއިން މި ބާވަތަށް ދޭ މާކުހަކީ 100 ކަމަށް މި ލިޔުުން ބުނެއެވެ. ނަމަވެސް ކުރެސް އަކީ ރާއްޖޭގައި ޢާއްމު އެއްޗެއް ނޫނެވެ. މިއީ ފެނުގައި ހެދޭ ބާވަތެކެވެ. ފެނުގައި މި ހައްދަން ބޭނުންވާ މީހުންނަށް އެކަން ކުރާނޭ ގޮތް މި ލިޔުމުގައި ވެއެވެ. މަލަސް ގައި މީގައި ހިމެނޭ ކަނާދު މާގިނައިން ހުރެއެވެ.
ރެޑިޝް (ރާބު)
ރާއްޖޭގައި ވެސް ފަހަކަށް އައިސް ހައްދަމުން ގެންދާ ރާބު އަކީ މަލަސް ގެ ގޮތުގައި ބޭނުންކުރާ ތަރުކާރީ އެކެވެ. އެހެން ގިނަ މަލަސް ފަދައިން 10 ދުވަހުން ކޮށެއެވެ. މިއީ ވިޓަމިންސީ ގިނައިން ހުންނަ ބާވަތެކެވެ. މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ ޒިންކް އާއި ސެލިނިއަމް ފަދަ ނާދިރު މާއްދާތައް މި ތަރުކާރިގެ މަލަސްގައި ހިމެނެއެވެ.
މަތީގައި މި ދަންނަވާލެވުނު ބާވަތްތަކުގެ އިތުރަށް ޢާއްމުކޮށް ކާ ބާވަތުގެ ހުރިހާ އޮށަކުން މަލަސް ހައްދައެވެ. މީގެ ތެރޭގައި ފިޔާ އާއި ޒުވާރި އާއި ދޮނަޅަ ފަދަ ތަކެތި ހިމެނެއެވެ. ކުރީން ހަވާލާ ދެވުނު ފަދައިން 80 އަށް ވުރެ ގިނަ ބާވަތުގެ އޮށް މަލަސް ހެއްދުމަށް ބޭނުންކުރެއެވެ.
ކެއުމުގައި މަލަސް ބޭނުން ކުރާނޭ ގޮތް
ރާއްޖޭގެ ޢާއްމުކޮށް ބޭނުން ނުކުރާ ތަރުކާރީ ބޭނުންކުރާނޭ ގިނަ ގޮތްތަކެއް ދިވެހީންނަށް އެނގުމަކީ، އެތަރުކާރީ ވިއްކުމަށް ބޭނުންތެރިކަމެކެވެ. މަލަސް އަކީ ދިވެހީންގެ ކާނާގެ ތެރޭގައި މީގެ ކުރީން ޢާއްމުކޮށް ބޭނުންކޮށް އުޅޭ އެއްޗެއް ނޫނެވެ. އެހެންކަމުން، މަލަސް ހައްދައި ވިއްކުމަށް، އެއަށް މީހުން އެދޭގޮތް ހެދުމަށް، ޑިމާންޑް އެއް އުފެއްދުމަށް، މި ތަރުކާރީ ބޭނުންކުރާނޭ ގޮތަށް ގެމީން ހޭލުންތެރިކުރަން ޖެހެއެެވެ. ތިރީގައި މި ބަޔާންކުރަނީ މަލަސް ބޭނުންކުރެވިދާނޭ ބައެއް ގޮތްގޮތެވެ.
ސޭންޑްވިޗް، ރޮށި ފަދަ ތަކެއްޗާއެކު ކެއުން
މަލަސް ކާނޭ އަނެއް ގޮތަކީ، މަސް ފަދަތަކެތި އަޅައި އޮޅާފައި ހުންނަ ރޮއްޓާއެކު ނުވަތަ ސޭންޑްވިޗް، ބާގަރ ފަދަ ތަކެއްޗާއެކު ކެއުމެވެ.
ސަޓަނި ހެދުން
އެންމެ ފަސޭހަ ގޮތަކީ، ހުހަށް މަލަސް ކެއުމެވެ. ނުވަތަ ސަޓަނީގެ ގޮތުގައި ކެއުމެވެ. މިގޮތަށް ކެއުމުން އޭގައި ހުންނަ ކަނާދަށް ތެލުލުމުގެ ސަބަބުން ފަދަ ކަމަކުން އުނިކަމެއް ނުލިބި ފުރިހަމައަށް ހަށިގަނޑަށް ލިބެއެވެ.
ޕިޒާ އާއެކު މަލަސް ބޭނުންކުރުން
ޕިޒާގެ މައްޗަށް ތާޒާ މަލަސް އަޅައިގެން ކެވިދާނެއެވެ. މިއީ ވަރަށް ފަސޭހަ ގޮތެކެވެ.
މަލަސް ޖޫސް
މަލަސް މިކްސަރަކުން މުގުރައިގެން ޖޫސް ގިރިދާނެއެވެ. މޭވާ އާއި އައިސްކްރީމް ފަދަ ތަކެތި އަޅައިގެން ހަދާ އޮލަ ޖޫހަށް ސްމޫތީ ކިޔައެވެ.
މަލަސް ފުޓުނި ސަޓަނި
މަލަސް މިކްސަރަކުން މުގުރައިގެން ހެދިދާނެ އަނެއް އެއްޗަކީ މުގުރި ސަޓަންޏެވެ. ޕާނާއި ރޮއްޓާއެކު މި ބޭނުންކުރެވޭނެއެވެ.
މަލަސް ހައްދާނޭ ގޮތް
އަޅުގަނޑު މަލަސް ހައްދާނޭގޮތް މި ލިޔަނީ، ވިޔަފާރިއަށް މިކަން ކުރާ މީހަކު، ކިޔައިދިން ގޮތަށެވެ. ރާއްޖޭގައި އެކި ދުވަސް ވަރު މަލަސް ހައްދާ އުޅެއެވެ. މީގެ ހައެއްކަ އަހަރު ކުރީން، އެސް.ޓީ.އޯ. ގެ ފިހާރައެއްގައި މަލަސް ޕެކެޓުކޮށް ވިއްކަން ހުއްޓައި އަޅުގަނޑު ދުށީމެވެ. އެ ހައްދާފައި ހުރީ މާލޭގެ ގެއެއްގައެވެ. މަލަސް އަކީ އެތައް ރިސޯޓެއްގައި ޢާއްމުކޮށް ހައްދާ އުޅޭ އެއްޗެކެވެ.
އޮށް ހޯދާނޭ ގޮތް
މާލޭގެ ބައެއް ފިހާރަތަކުގައި، މަލަސް ހެއްދުމަށް އެކަށީގެންވާ އޮށް ވިއްކަން ހުރެއެވެ. ސަންފްލާވަރ އޮށަކީ ޢާއްމުކޮށް ރާއްޖޭގައި ގެންގުޅޭ ވައްތަރެކެވެ. ކުރީން ދެންނެވިހެން ގޮދަން އޮށް ވެސް މާލެއިން ލިބެން ހުރެއެވެ. މީގެ އިތުރަށް ބިންބި ފަދަ ތަކެތީގެ އޮށް ވެސް ރާއްޖެއިން ލިބޭނެއެވެ. ވިޔަފާރިއަށް މަލަސް ހައްދާ މީހުން، ގިނައިން އޮށް ގަންނަނީ ރާއްޖެއިން ބޭރުންނެވެ. މިސާލަކަށް، އެމޭޒަން ފަދަ އޮންލައިން ފިހާރައަކުންނެވެ. އެކި ބާވަތުގެ އޮށް ވިއްކާ ވަރަށް ގިނަ އޮންލައިން ފިހާރަތައް ހުރެއެވެ.
އޮށް އިންދުން
އޮށް އިންދުމަށް ގިނަ މީހުން ބޭނުންކުރަނީ ތަބަކެކެވެ. މި ތަބަކުގެ ފުންމިނުގައި ގާތްގަޑަކަށް ދެ އިންޗިވަރު ހުންނަން ވާނެއެވެ. މަލަސް ހެއްދުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ތަބަކުގެ ފުލުގައި ހުންނަނީ ވަރަށް ގިނަ ލޯވަޅުތަކެއް އަޅާފައެވެ. އެއީ ފަހުން ބަޔާންކުރާނޭ ސަބަބަކަށްޓަކައެވެ. އަޖުމަބެލުމަށް މިކަން ކުރުމަށް، ޕްލާސްޓިކް ކޮންމެ ބާވަތެއްގެ ވެސް ތައްޓެއް ބޭނުންކުރެވިދާނެއެވެ. ބޭނުންވާނީ އޭގެ ފުލުގައި ވިދުތަކެއް އެޅުމެވެ.
ފަހުގެ ގޮތުގައި، އެތައް އެއްޗެއް ބޭނުންކުރެވިދާނެއެވެ. ބޮނބިކުޑިއަކީ މިކަމަށް ޢާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ. ގަސް ހެއްދުމަށް ޕެކެޓްކޮށްފައި ހުންނަ ވެލިވެސް ރަނގަޅުވާނެއެވެ. މި ނުލިބުނުނަމަ، ގަސް ހެދޭ ކޮންމެ ވެއްޔެއްވެސް ކަމުދާނެއެވެ. ވެލި ތަބަކުގެ ތެރެއަށް އަޅާނީ އެއް އިންޗި ފުންމިނަށެވެ. ދެން މައްޗަށް ސަމުސަލަކުން އޮށްތައް ބުރުއްސާލައި، އޮށްތައް ގާތްގަޑަކަށް ނިވާވާ ވަރަށް ބޮނބިކުޑި ނުވަތަ ވެލި އަޅައި، ފެން ބުރުއްސާލައި ކޮންމެވެސް ވަރަކަށް ތެތްމާލާނީއެވެ.
ފެންދިނުން
މަލަސް ފެޅުމުން ފެންދެނީ، އެ އިންދާފައި ހުންނަ ތަބަށް ފެން އެއްޗަކަށް ބާނައިގެންނެވެ. މިހެން ހެދުމުން، ފެން ބުރުއްސައިގެން މަލަހަށް ފެންޖެހުމަށް ވުރެ، ބަލި ޖެހުން ދުރުވާނެއެވެ. ހުރިހާ ގަހެއްގެ މޫތަކަށް ފެން ރަނގަޅަށް ލިބޭނެއެވެ.
މަލަސް ކެނޑުން
ކާވަރަށް މަލަސް ހެދެނީ އޮށުގެ ބާވަތުން އެއް ހަފުތާ އާއި ތިން ހަފުތާ އާ ދެމެދުއެވެ. މަލަސް ކަނޑަނީ، ކަތުރަކުންނެވެ. ގިނަ ދުވަހު ބަހައްޓަން ބޭނުން ނަމަ، ފުޅިއަކަށް އަޅައި ރަނގަޅަށް މަތިޖަހައި ބަހައްޓާނީއެވެ.
މަލަސް ވިއްކުން
މަލަސް ވިއްކުމަށްޓަކައި، އެ ޕެކެޓު ކުރަންޖެހޭނެއެވެ. ޕްލާސްޓިކް މިފަދަ ފޮށި މާލޭގައި ވިއްކަން ހުރެއެވެ. ގިނަައިން ގެންނަނަމަ، އަލީއެކްސްޕްރެސް ފަދަ ތަނަކުން ގެނެވިދާނެއެވެ. ޕެކެޓްގެ މަތީގައި ނަންޖަހައި ސްޓިކަރ އެއް ތަތްކުރަން ޖެހޭނެއެވެ. މަލަސް ޕެކެޓްކޮށް އެސްޓީއޯ ސްޕަރމާކެޓްގައި ވިއްކަން ހުއްޓައި އަޅުގަނޑު ދުށީމެވެ. މަދު ބަޔަކު، މާލޭގައި މިކަން ކުރެއެވެ. މިއީ ރާއްޖެއަށް ފުޅާކޮށް ތައާރަފުކުރަން ރަނގަޅު މަސައްކަތެކެވެ.
ބީން ސްޕްރައުޓްސް (މުގު ކޯދު)
ފެހިކަން ނުހުންނަ މުގުގެ މަލަހަކީ، ބޭރު ޤައުމުތަކުގެ ކެއުންތަކުގައި ޢާއްމު އެއްޗެކެވެ. މިކަމަށް ބޭނުންކުރާ ރޯމުގު ފިހާރަތަކުން ލިބެން ހުރެއެވެ. ސަނާމުގު ވެސް މިކަމަށް ބޭނުންކުރެއެވެ. ދިގުތޮޅީގެ އޮށް ވެސް މިކަމަށް ބޭނުން ކުރެވިދާނެއެވެ. ހަދާނެ ގޮތަކީ، އޮށްތައް ފެނުލައި 12 ގަޑިއިރު ބެހެއްޓުމަށް ފަހު، ފުޅިއެއްގެ ތެރެއަށް އަޅައި މަތީގައި ފޮތިގަނޑެއް އަޅަނީއެވެ. ފެން ހުސްކުރި ފުޅިއެއްގައި މިކަން ކުރާނަމަ، ފުޅީގައި ވިދުތަކެއް އަޅައި އޮށް އެތެރެއަށް އަޅާނީއެވެ. އެންމެ މުހިއްމު ކަމަކީ، ދުވާލަކު ދެތިން ފަހަރު، ފެން ފުޅީގައި ހުރި ފެންތައް އުކާލައި އައު ފެން އެޅުމެވެ.
ބޭރު ގައުމު ތަކުގެ ފިހާރަތަކުގައި ބީންސްޕްރައުޓްސް ވިއްކަން ހުރެއެވެ. ދަޅުގައި ބަންދުކޮށް ރާއްޖޭގައި ވިއްކައެވެ. ނަމަވެސް ރާއްޖޭގައި ހައްދައިގެން ވިއްކަންހުއްޓައި އަޅުގަނޑަށް ފެނިފައެއް އަދި ނުވެއެވެ. އަޖުމަ ބަލާލުމަށް މަލަސް ހެއްދުން ކިހިނެތްތޯއެވެ؟
ވިއްކުމަށް މަލަސް ހައްދާ މީހުން މިކަން ކުރަނީ ކުޑަ ފެހިގެއެއްގައެވެ. ބައެއް މީހުން ގޭގެ ކޮޓަރިއެއްގައި ވެސް މިކަން ކުރެއެވެ. ކޮޓަރިއެއްގައި މިކަން ކުރާނަމަ، ގަސްތައް ހެދުމަށް އަލި ބޭނުންވާނެއެވެ. އެހެންކަމުން، 12 ވަރަކަށް ގަޑިއިރު ގަސްތަކުގެ މަތީގައި ހޫނު ނުވާ ޒާތުގެ ބޮކި ހަރުކޮށް، ކޮޓަރީގައި ވައި ދަތުރުކުރާގޮތަށް ފައްކާއެއް ހަރުކުރަން ވާނެއެވެ.
އަޅުގަނޑުގެ ނަޒަރުގައި، މަލަސް ވިޔަފާރި ވައިގައި ހިއްޕުމަށް އޮތް ހުރަހަކީ ދިވެހި ކާނާގައި އެ ބޭނުން ނުކުރާ ކަމެވެ. ޕާން ވެސް، މީގެ ކުރީން ދިވެހީން ކާނާގެ ގޮތުގައި ވަރަށް ބޭނުން ނުކުރެއެވެ. ނަމަވެސް، މިހާރު އެ ވަރަށް ޢާއްމު ވެއްޖެއެވެ. މަލަސް ހައްދައި ވިއްކަން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، މަލަސް އަށް ރައްޔިތުން ހިތްކިޔާގޮތް ހެދުމެވެ. ޑިމާންޑް (ނުވަތަ ކެދުން) އުފެއްދުމެވެ. {ކެދުން: 1. އެދުން. 2. އެތައް ފަހަރެއްގެ މަތިން ކަމަކަށް އެދުން. 3. އާދޭސްކުރުން.}
ފައިދާހުރި ލިޔުމެއް
Very informative
I will try a pilot project.
Thank you Dr.
Salaam
imlaa eh kuh.
ohtaru beynun kohfaeh neiy
kanaadhu e ee rangalhu baheh. malas ves.