ގަސް ހެދުމަށް ބޭނުންވާ ކާނާގެ ބާވަތްތަކާއި މަދުވާ ބާވަތްތައް ދެނެގަންނާނެ ގޮތް
ދުނިޔޭގައިވާ ހުރިހާ އެއްޗެއް އުފެދިފައިވަނީ ތަފާތު 100 އެއް ހާ އުންސުރު ނުވަތަ މާއްދާތަކުންނެވެ. އުންސުރަކީ، އެއަށް ވުރެ ސާދާ، މަދު ބައިތަކެއްވާ އެއްޗަކަށް ހޫނުކޮށްގެން ނުވަތަ އެހެން އެއްޗަކާ އެއްކޮށްގެން ބަދަލުނުކުރެވޭނޭ އެއްޗިއްސެވެ. މިސާލަކަށް ރަނާއި ރިއްސާއި އެލުމިނިއަމް އާއި ދިރޭ ރަހައާއި ލޮއެ އަކީ އުންސުރެވެ. ދުނިޔޭގައިވާ ހުރިހާ އެއްޗެއް އުފެދިފައިވަނީ އެކި ބާވަތުގެ އުންސުރުތައް އެކި ނިސްބަތުން އެއްވެގެންނެވެ.
ދިރުން ހުރި ކޮންމެ އެއްޗެއް ވެސް، އެ އެއްޗެއްގައި ދިރުން ދެމެހެއްޓުމަށް—ހެދިބޮޑުވުމަށާއި ގުނަންތައް މަސައްކަތް ކުރުމަށް—ބޭނުންވާ ޚާއްޞަ އުންސުރު ތަކެއް ވެއެވެ. މިއިން އުންސުރެއް މަދުވެއްޖެނަމަ، ޖަނަވާރެއް ވެސް، ގަހެއް ވެސް، ހެދިބޮޑުވުމަށް ދަތިވެއެވެ. އަދި ދިރިހުރުމަށް ހުރަސްއަޅާ ކަންތައްތައް މެދުވެރިވެއެވެ. ގަސްގަހާ ގެއްސާއި އެހެންވެސް ދިރުން ހުރި ހުރިހާ ތަކެއްޗަށް ކޮންމެހެން ބޭނުންވާ ކާނާގެ މާއްދާތަކަށް ކިޔަނީ ”ނިއުޓްރިއަންޓްސް“ އެވެ. މި އިނގިރޭސި ލަފުޒުގެ ބަދަލުގައި އަޅުގަނޑު ބޭނުންކުރާނީ ”ކަނާދު“ އެވެ.
ގަހެއް ހެދި ބޮޑުވެ މޭވާ އެޅުމަށް ބޭނުންވަނީ ޖުމްލަ 16 އުންސުރެވެ. މި އުންސުރުތައް އެދެވޭ ވަރަށް ލިބޭނަމަ، ގަސްތައް ވަރުގަދަކޮށް ހެދޭނެއެވެ. އިތުރު އެހެން އެއްވެސް އެއްޗެއް ބޭނުމެއް ނުވާނެއެވެ. މި 16 އުންްސުރުތަކުގެ ތެރެއިން، ޖައްވުން ތިން އުންސުރު ބޭނުންވަރަކަށް ލިބެއެވެ. އެއީ ކާރބަން އާއި ހައިޑްރަޖަން އާއި އޮކްސިޖަން އެވެ. ގަހަށް ބޭނުންވާ ހައިޑްރަޖަން އާއި އޮކްސިޖަން، ފެނުން ވެސް ލިބެއެވެ. ގަހެއްގެ ބަރުދަނުގެ ބޮޑުބަޔަކީ (ގާތްގަޑަކަށް %95 އަކީ) މި ތިން އުންސުރުގެ ބަރުދަނެވެ. ބަންދުވެފައި ނުވާ، ހާމަ ތަނެއްގައި ގަސް ހައްދާނަމަ، މި ތިން އުންސުރު ގަހަށް ލިބޭތީ، ގަސް ހެއްދުމުގައި ބޮަޑަށް ސަމާލުކަން ދެނީ ބާކީ 13 އުންސުރަށެވެ. އެހެންކަމުން، ގަހަށް ބޭނުންވާ ކަނާދާ ދޭތެރޭ ވާހަކަދައްކާ އަދި ވިސްނާއިރު، މީހުން އިޝާރާތް ކުރަނީ މި 13 އުންސުރަށެވެ. މި 13 އުންސުރަކީ ގަސް ފުރިހަމައަށް ހެދުމަށް ބޭނުންވާ ކަނާދެވެ. ފެނާއި ކާރބަން ޖައްވުން ނުވަތަ މާހުއުލުން ލިބޭތީ، މި ތިން އުންސުރު ޢަދަދުކުރުމުގައި ނުބަލަނީއެވެ.
ގަސް ހެދުމަށް ގިނައިން ބޭނުންވާ ކަނާދާއި މަދުން ބޭނުންވާ ކަނާދު ހުރެއެވެ. އެހެންކަމުން ގަސްގަހަށް ބޭނުންވާ ކަނާދު ދެބަޔަކަށް ބެހިގެން ވެއެވެ. އެއްބަޔަކީ ގިނައިން ބޭނުންވާ ކަނާދު ނުވަތަ މާކަނާދެވެ. އަނެއް ބަޔަކީ މަދުން ބޭނުންވާ ކަނާދު ނުވަތަ ލީކަނާދެވެ. ތިރީގައިވާ ކުރެހުމަށް ވިސްނަވާށެވެ.
މި މަޒުމޫނުގައި އެންމެ ފުރަތަމަ ބަޔާން ކުރާނީ ގަސްގަހާގެހީގެ ހެދުމަށް ބޭނުންވާ ތިން މާކަނާދުގެ މަޢުލޫމާތެވެ. ލީ ކަނާދުގެ މަޢުލޫމާތު ހިމެނެނީ މަޒުމޫނުގެ ނިމޭ ކޮޅުގައެވެ.
.
.
ނައިޓްރަޖަން
ގަސްގަހަށް ބޭނުންވާ މާކާނާދުގެ ތެރޭގައި ހިމެނެނީ ތިން އުންސުރެކެވެ. އެއީ ނައިޓްރަޖަން އާއި ފޮސްފަރަސް އާއި ޕޮޓޭސިއަމް އެވެ. ނައިޓްރަޖަން އަކީ ވައިގެ ހަތަރުބައިކުޅަ ތިންބައެވެ. ނަމަވެސް ޖައްވުގައި ހުންނަ ނައިޓްރަޖަން ގަސްތައް ހެދުމަށް ބޭނުމެއް ނުކުރެވެއެވެ. ޖައްވުގައި މި އުންސުުރު ހުންނަނީ ގޭހެއްގެ ގޮތުގައެވެ. ގަސްތައް ހެދުމަށް ނައިޓްރޮޖަން ހުންނަންޖެހެނީ ކޮންމެވެސް އެހެން އެއްޗަކާ އެކުވެގެން ދިޔާ އެއްޗެއްގެ ގޮތުގައެވެ. ނައިޓްރަޖަންގެ ރަމްޒަކީ ”އެން“ (N) އެވެ. ނައިޓްރަޖަން ލިބޭ ތަކެތީގެ ތެރޭގައި ފީ ފަތާއި ގެރިގުއި ހިމެނެއެވެ.
ގަހެއް ހެދުމަށް ނައިޓްރަޖަން ބޭނުންކުރަނީ އަންނަނިވި ބޭނުންތަކަށެވެ.
- ގަހުގެ ފަތްތައް ހެދުމަށާއި، ގަހަށް ބޭނުންވާ ހަކަތައާއި ދިޔަތަކާއި ވިޓަމިންތައް އުފެއްދުމަށް
- ގަހުގެ އޮފިތައް ހެދުމަށާއި ސައިޒާއި ފެތުރުމަށް
- އައު ފަތްތައް ފޮޅި ގަސް ފެތުރުމަށް
ނައިޓްރަޖަން މަދުވުމުގެ ޢަލާމަތްތައް
- ގަސް ނެހެދި، ކުޑަކޮށް ކުރުކޮށް ހުރުން
- ގަހުގެ ކުރީގެ ފަތްތަކުގެ ކުލަ ފަނޑުވުން، އަދި ޚާއްޞަކޮށް ފަތުގެ ދަށްފަރާތުގެ ކުލަ ދަނބު ނުވަތަ މުށިކުލަ ޖެހުން.
- އޮފިތައް ވައުވެ ބަލިކޮށް ހުރުން އަދި ފެހިކުލަ ކަނޑައިގެން ދިއުން.
ފޮސްފަރަސް
ފޮސްފަރަސް އަކީ، ޚާލިސްކޮށް ހުންނަ އުންސުރެއް ނޫނެވެ. އެއީ ވައިގައި ޖެހުމުން އަލިފާން ރޯވާ އެއްޗަކަށްވާތީ، އަބަދު ވެސް ހުންނަނީ ކޮންމެވެސް އުންސުރުތަކަކާ އެކުވެފައެވެ. އަލިފާންފޮށީގެ އަރިމަތީގައިވާ ރަތްކުލައިގެ ”ދަވާދު“ގެ ބޮޑު ބަޔަކީ ފޮސްފަރަސް އެވެ. ކަރުގޮހޮރު ފަދަ ތަކެތީގައި ރެދަން ލަނީ މި އުންސުރުގެ ސަބަބަންނެވެ. މި އުންސުރުގެ ރަމްޒަކީ ”ޕީ“ (P) އެވެ. ފޮސްފަރަސް ހުންނަ ތަކެތީގެ ތެރޭގައި ކަށިކުނޑި ހިމެނެއެވެ.
ގަހެއް ހެދުމަށް ފޮސްފަރަސް ބޭނުންކުރަނީ އަންނަނިވި ބޭނުންތަކަށެވެ.
- ގަހުގެ ތެޔޮތަކާއި ފޮނި ދިޔަތައް ފަދަ ތަކެތި އުފެއްދުން
- އަލިން ގަހަށް ބޭނުންވާ ބައެއް ކާނާ އުފެއްދުން
- މޫތައް ހެދެން
- ”ނޭވާ“ ލުމަށާއި ފެން ރައްކާކުރުމަށް
- އޮށް ހެދުމަށް
- ފަނިފަކުސައިން ރައްކާތެރިވުމަށް
- މޭވާ އާއި މައު އެޅުމަށް
ފޮސްފަރަސް މަދުވުމުގެ ޢަލާމަތްތައް
- ގަސް ނެހެދި، ގުރުޑުވާގޮތް ވުން
- އޮފިތައް ވައުވެ ބަލިކޮށް ހުރުން އަދި ފެހިކުލަ ކަނޑައިގެން ދިއުން
- މައު ނުވަތަ މޭވާ އެޅުން ލަސްވުން
- ފަތްތަކުގެ ކުރި ރީނދޫވުން ނުވަތަ ކުރިން ފޮޅުނު ފަތްތަކުގައި ދަނބުކުލަ ޖެހުން
ޕޮޓޭސިއަމް
ތިންވަނަ މާކާނާދަކީ ޕޮޓޭސިއަމް އެވެ. ޕޮޓޭސިއަމްއަށް ކުރިން ކީ ނަމަކީ ކޭލިއަމް އެވެ. އެހެންވެ އޭގެ ނިޝާނަކީ ”ކޭ“ (K) އެވެ. ޕޮޓޭސިއަމް ހުންނަ ރާއްޖޭގައި ލިބެން ހުރި ތަކެތީގެ ތެރޭގައި ހިމެނެނީ އަޅިއާއި މޫދު ވިނަ އާއި ދޮންކެޔޮ ތޮށްޓެވެ. މޫދުވިނަ ބޭނުންކުރަންވާނީ ފެނުން ދޮވުމަށްފަހު އެވެ. ގެރިގުއީގައިވެސް ކޮންމެވެސް މިންވަރަށް ޕޮޓޭސިއަމް ހުރެއެވެ. ނަމަވެސް ގެރިގުޔަށް ވުރެ ދެ ގުނަހާ މިންވަރަށް ޕޮޓޭސިއަމް ކުކުޅު ގުއީގައި ހުރެއެވެ.
ގަހެއް ހެދުމަށް ޕޮޓޭސިއަމް ބޭނުންވަނީ އަންނަނިވި ކަންކަމަށެވެ.
- ގަސްބޮޑުވުމަށް ބޭނުންވާ ސެލްތައް އުފެދުމަށް
- އަވީގެ ބޭނުން ކުރުމަށް
- ވެށިން ދިމާވާ ކަންކަމަށް ރައްކާތެރިކަން ހޯދުމަށް އޮފިތައް ވަރުގަދަވުމަށް
- ގަހުގެ ދިޔަތަކުގައިވާ ފެނާއި ކެމިކަލްތައް ކޮންޓްރޯލް ކުރުމަށް
- މޭވާ އާއި މައު އެޅުމަށް
ގަހަށް ބޭނުންވާ ވަރަށް ޕޮޓޭސިއަމް ނުލިބޭ ކަމުގެ އަލާމަތްތައް
- ގަސް ބޮޑުނުވުން
- މޫތަކާއި އޮފިތަކާއި ހިނދޫކުރިތަކާއި ބަލިކޮށް ހުރުން
- ފިޔަތައް ލެނބުން
- އޮފިތައް ގުދުވެ ބާރެއް ނެތުމުން ބަލިޖެހުން
ބައެއް މީހުން ގަހަށް ބޭނުންވާ މި މާ ކަނާދުގެ ތިންބާވަތް ހަނދާން ކުރަނީ އަންނަވި ގޮތަށެވެ. ފުރަތަމަ އުންސުރު ނުވަތަ ނައިޓްރަޖަން އަކީ ގަހުގެ ކުރީކޮޅަށް، އާދެ ފަތްތަކަށާއި ގަހުގެ ހެދުމަށް ބޭނުންވާ އެއްޗެކެވެ. ދެވަނަ އުންސުރު ނުވަތަ ފޮސްފަރަސް ބޭނުންކުރަނީ މޫތަކަށައި މާއެޅުމާއި މޭވާއެޅުމަށް ބޭނުންވާ އެއްޗެއްގެ ގޮތުގައެވެ. ތިންވަނަ އުންސުރު ނުވަތަ ޕޮޓޭސިއަމް އަކީ މުޅިގަހުގެ ޞިއްޙަތަށާއި ދިރުމަށް ބޭނުންވާ އެއްޗެކެވެ.
ގަހުގެ ބާވަތުންނާއި ގަހުގެ ޢުމުރުން އެކި އުންސުރު ބޭނުންވާ މިންވަރު ތަފާތުވެދެއެވެ. ގަހެއް ހެދޭއިރު އެންމެ ބޮޑަށް ބޭނުންވާނީ ނައިޓްރަޖަން އެވެ. މޭވާ އަޅާއިރު ފޮސްފަރަސް އެވެ. ހުރިހާ އިރަކު، ޚާއްޞަކޮށް ހެދިބޮޑުވަމުންދާއިރު ޕޮޓޭސިއަމް އެވެ.
މާކަނާދުގެ ހުރިހާ އުންސުރުތަކެއް ލިބޭ ކާދު
މި ބަޔާން ކުރެވުނު ތިން އުންސުރަކީ ގަސް ހެދުމަށް މުހިއްމު އެއްޗަކަށް ވާތީ، މި ތިންބާވަތް އެއްކޮށްފައި ވިއްކަން ހުރެއެވެ. އެކި އުންސުރު އެކި މިންވަރަށް ހުންނަ ކާދު ހުރެއެވެ. ކާދުން ލިބޭނޭ އުންސުރުގެ މިންވަރު ކާނާކޮތަޅުގެ ބޭރުގައި ލިޔެފައި ހުރެއެވެ. ނައިޓްރަޖަން އާއި ޕޮސްފޮރަސް އާއި ޕޮޓޭސިއަމް އަށް ކުރުކޮށް ކިޔަނީ އެން.ޕީ.ކޭ (N.P.K) އެވެ. ޢަދަދު ބޮޑުވި ވަރަކަށް އެ ކާދު ކޮތަޅެއްގައި ނުވަތަ ބަސްތާއެއްގައި އުންސުރު އެކުލެވޭ މިންވަރު ބޮޑުވާނެއެވެ. މިސާލެއްގެ ގޮތުން 10:10:10 ކާދު ކޮތަޅެއްގެ ބޭރުގައި ލިޔެފައިވާނަމަ، އޭގައި ގަހަށް ލިބޭގޮތަށް ތިން އުންސުރުވެސް އެއް މިންވަރެއްގައި ވެއެވެ. 0:30:0 ލިޔެފައިވާނަމަ، އޭގައި ހިމެނެނީ ހަމައެކަނި ފޮސްފަރަސް އެވެ. ކުރީގެ މިސާލުގައިވާ މިންވަރުގެ ތިން ގުނައަށެވެ.
މާ ކަނާދުގެ ޚުލާޞާ
މި މަޒުމޫނުގައި މި ހިމެނުނީ ގަހަށް ބޭނުންވާ އުންސުރުތަކުގެ ތެރެއިން ގިނައިން ބޭނުންވާ އުންސުރެވެ. ގިނައިން ބޭނުންވާ އުންސުރަށް ކިޔަނީ މާ ކަނާދެވެ. މާ ކަނާދުގެ ތެރޭގައި ހިމެނޭ ތިން އުންސުރަކީ ނައިޓްރަޖަން އާއި ފޮސްފަރަސް އާއި ޕޮޓޭސިއަމް އެވެ. ނައިޓްރަޖަން އަކީ ފަތްތަކާއި އޮފި ހެދުމަށް ބޭނުންވާ އުންސުރެކެވެ. އެހެންކަމުން، ކޮޕީފަތް، ބޮޑިކޮޕީ ފަދަ ފަތުގެ ތަރުކާރީ ހެއްދުމަށާއި، މި ނޫންވެސް ހުރިހާ ގަހެއް ހެދެމުން ދާއިރު، ނައިޓްރަޖަން ބޮޑަށް ބޭނުންވާނެއެވެ. ނައިޓްރަޖަން ރާއްޖެއިން ލިބޭނީ ފީވެފައި ހުންނަ ކީސްކުޑިއާއި ފީ ހޯލިންނާއި ފަތާއި ގެރިގުއިންނެވެ.
ދެވަނައަށް އެންމެ މުހިއްމުކަމަށް ފާހަގަކޮށްފައިވަނީ ފޮސްފަރަސް އެވެ. މި އުންސުރުބޭނުންވަނީ މައުއާއި މޭވާ އެޅުމަށާއި މޫތަކަށެވެ. ވިލާތުބައްޓާއި ބަރަބޯގައި މޭވާ މައު ނާޅާ ގަދައަށް ހެދެމުންދާނަމަ، ފޮސްފަރަސް ބޭނުންކުރުން ރަނގަޅުވާނެއެވެ. މި އުންސުރު އެންމެ ފަސޭހައިން ލިބޭނީ ދޮވެ ހިއްކާފައި ހުރި މޫދުވިނައިންނާއި، މަހުގެ ކަށިކުނޑިންނެވެ.
ތިންވަނައަށް ފާހަގަކޮށްފައިވަނީ ޕޮޓޭސިއަމް އެވެ. ޕޮޓޭސިއަމް ގަހަށް ބޭނުންވަނީ ގަސްތައް ބަލިން ދުރުކުރުމަށާއި މުޅިގަހުގެ ހެދުމަށެވެ. ކެރޮޓާއި މިނޫންވެސް އަޑިއަށް ފައިބާތަކެތި ފައިބާ ދުވަސްވަރު، އަދި ދުވަސްދުވަސް ކޮޅުން މި އުންސުރު ވަކިން އިތުރަށް ބޭނުންވާނެއެވެ.
މި ތިންބާވަތް އެއްކޮށް ލިބެން ހުންނަ ކާދު ހުރެއެވެ. ޕެކެޓް ކޮށްފައި ހުންނަ ކާދުގައި އެކި އުންސުރު ލިބެން ހުންނަ މިންވަރު ޕަރސަންޓުން ބަޔާންކޮށްފައި ހުރެއެވެ. މިސާލެއްގެ ގޮތުން 30:20:10 އެން.ޕީ.ކޭ ހުރި ކާދު ޕެކެޓެއްގައި %30 ނައިޓްރޮޖަން ގަހަށް ލިބޭގޮތުގައި ވެއެވެ. އޭގައި ފޮސްފަރަސް ހިމެނެނީ %20 އަށެވެ. އަދި %10 ގެ މިންވަރަށް ޕޮޓޭސިއަމް ވެއެވެ. އަދަދުތައް އެއްކުރުމުން ސަތޭކަ އިންސައްތަ ނާންނަނީކާދުގައި އެތައް އެހެން ބައިތަކެއް އެކުލެވޭތީއެވެ. ޚާލިސް ވަކި އުންސުރެއް ގަހަކަށް ބޭނުމެއް ނުކުރެވެއެވެ. އުންސުުރުައް ހުންނަން ޖެހޭނީ ކޮންމެވެސް އެހެން މާއްދާއަކާ ގުޅިފައެވެ. ވައިގައި ނައިޓްރަޖަން ހުއްޓަސް، ގަހަށް އެ ބޭނުން ކުރެވެނީ މޫތަކުން އެހެން އެއްޗަކާ އެކުވެފައިވާ މާއްދާއެއްގެ ގޮތުގައެވެ.
.
.
ގަސް ފުރިހަމައަށް ހެދުމަށްޓަކައި، ކުރިން ބަޔާން ކުރެވުނު ތިން މާކަނާދުގެ އިތުރުން 10 އެހެން އުންސުރުު ވަރަށް މަދުން ބޭނުން ވެއެވެ. މި އުންސުރުތައް ބޭނުންވަނީ ވަރަށް މަދުން ކަމަށްވާތި، މިއަށް ކިޔަނީ ލީ ކަނާދެވެ. އިނގިރޭސިބަހުން މި އުންސުރުތަކަށް ”ޓްރޭސް އެލެމެންޓްސް“ އޭ ކިޔައެވެ. ޓްރޭސް ގެ މާނައަކީ ފަސޭހައިން މިނެވޭ ނުވަތަ ފާހަގަ ކުރެވޭ މިންވަރަށް ވުރެ މަދު ނުވަތަ ކުޑަ އެވެ. ލީ ކަނާދުގައި ހިމެނޭ 10 އުންސުރާއި އެ އުންސުރުތައް ނުލިބުގެ ޢަލާމަތްތައް ތިރީގައި އެވަނީއެވެ.
1 ކެލްސިއަމް
ކެލްސިއަމް އަކީ ހުރިހާ ދިރޭ ތަކެއްޗަކަށް ވަރަށް ބޭނުން ބޮޑު އުންސުރެކެވެ. ކަށީގައި ވަރަށް ގިނައިން އެކުލެވޭ މާއްދާއެކެވެ. ގަސްގަހާ ގެއްސަށް ވެސް ބޭނުން ބޮޑު މާއްދާއެކެވެ. ރާއްޖޭގެ ވެލީގައި ވަރަށް ބޮޑު މިންވަރަކަށް ކެލްސިއަމް ހިމެނޭތީ، ރާއްޖޭގެ މި އުންސުރު މަދުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަކިރީގައި، އަދި ވަޅުތަކުން ނަގާ ފެނުގައި ކެލްސިއަމް ހިމެނޭނެއެވެ.
ބޭނުން
ގަހުގެ ހުރިހާ ބައިތަކެއް އުފެދިފައިވަނީ ކުދިކުދި އެތިކޮޅުތަކަކުންނެވެ. އިންސާނުންގެ ހުރިހާ ގުަނަވަންތަކާ އެއްފަދައިންނެވެ. މި އެތިކޮޅުތަކަށް ކިޔަނީ ސެލްއެވެ. ސެލްތަކުގެ ބޭރު ދުލި ނުވަތަ ”ފާރު“ އުފެދުމަށް ކެލްސިއަމްއަކީ ވަރަށް މުހިއްމު އުންސުރެކެވެ. ބައެއް ބަލި ޖައްސާ ޖަރާސީމު ސެލްގެ އެތެރެއަށް ވަންނަނީ ސެލްގެ ވަށައިގެންވާ ދުލި ގިރުވާލައިގެންނެވެ. ކެލްސިއަމް ރަނގަޅަށް ގަހަށް ލިބޭނަމަ، މި ފާރު ފޫދުއްވާލަން ދަތިވެއެވެ. އެއީ ފާރުގެ ބޯކަމުންނެވެ. އެހެންކަމުން ކެލްސިއަމް އަކީ ބަލިޖެހުމުން ދުރުކޮށްދޭ އުންސުރެކެވެ. މީގެ އިތުރަށް ކެލްސިއަމް ވެލިގަނޑުގައި ގިނަވުމުން، އެ ވެލިގަނޑުގައި މާކަނާދެއްކަމުގައިވާ ނައިޓްރަޖަން ފެނާއެކުވެގެން ބިންގަނޑުގެ އަޑިއަށް ދިއުމުގެ ބަދަލުގައި ހިފެހެއްޓެއެވެ. މީގެ އިތުރަށް ގަހުގެ ހިނދޫ ކުރިތައް ގުރުޑުވިޔަ ނުދިނުމަށާއި ގަހުގެ ބަރުދަން މަތިކުރުމަށާއި ފަތުން ފެން ބޭރުވާ މިންވަރު ކުޑަކުރުމަށާއި، ގަހުގެ ބައެއް ކާނާ ފަތުން މޭވާއަށް ގެންދިއުމަށާއި މޭވާ އެޅުމަށް ކެލްސިއަމް ބޭނުންވެއެވެ.
މަދުވުމުގެ ޢަލާމަތްތައް
ކެލްސިއަމް މަދުވުމުގެ ޢަލާމަތްތަކުގެ ތެރޭގައި ގަހުގެ ފަތްތަކުގެ ނުވަތަ އަޅާ މޭވާގެ ތަންތަން ހިކުން ނުވަތަ ކުނިވުން ހިމެނެއެވެ. އަދި މިކަންކަން ދިމާވުމާ ގުޅިގެން ގަސް ރަނގަޅަށް ނުހެދި ކުރުކޮށް ހުރެއެވެ. ކުރި ޖަހާފައި ނުހެދިވެސް ހުރެއެވެ. ކެލްސިއަމް އަކީ ގަހުގެ އެއްތަނުން އަނެއް ތަނަށް ފަސޭހައިން ގެންދެވޭ އެއްޗަކަށް ނުވާތީ ކުރިން ހުރި ހަރުފަތްތައް ރަނގަޅު ކޮށް ހުރެދާނެއެވެ.
2 މެގްނީސިއަމް
މެގްނީސިއަމް އަކީ ކެލްސިއަމް ފަދައިން ގަސްތަކަށް ބޭނުންބޮޑު އުންސުރެކެވެ. ފަތްތަކުގައި ފެހިކުލަ ޖަހާ މާއްދާ އުފެއްދުމަށް މުހިއްމު ބާވަތެކެވެ. މެގްނީސިއަމް ގަހަށް މަދުވުމުން އެހެން ބައެއް އުންސުރުތައް (ދަގަނޑާއި ފޮސްފަރަސް) ގަހަށް ބޭނުން ކުރުމަށް ހުރަސްތަކެއް އަޅައެވެ. މިއީ ގަސް އަވަހަށް ފޯދުމަށް މުހިއްމު އުންސުރެކެވެ. ނަމަވެސް ރާއްޖޭގެ ވެލިގަނޑުގައި މި އުންސުރު މަދުވުން ވަރަށް ނާދިރުވާނެއެވެ. އެއީ މޫދުލޮނުގައި، ކެލްސިއަމްގެ ދެ ގުނައަށް މެގްނީސިއަމް ހިމެނޭތީއެވެ. ރާއްޖޭގައި މެގްނީސިއަމް އެންމެ ފަސޭހައިން ލިބޭނީ އެޕްސަމް ސޯލްޓްސް ކިޔާ ކުޑިއެއްގެ ގޮތުގައި ބޭސް ފިހާރަތަކުންނެވެ. އެއީ ޖުއްލާބެއްގެ ގޮތުގައި ބޭނުން ކުރި މާއްދާއެކެވެ. މީގެ އިތުރަށް ބިލިގާއިން ފެންވަރާއިރު ފެންގަނޑަށް އަޅާ ބޭހެކެވެ. ގަސްތަކަށް ބޭނުންކުރާނީ 20 ގްރާމް އެއް ލިޓަރު ފެނަށް އަޅައިގެން ފަތްތަކަށް ޖެހުމަށެވެ.
އަލާމަތްތައް
- ފަތުގެ ދެނާރު ދޭތެރެ ދޮންވުމާއި ގަސް ބޮޑުވުން ލަސްވުން
- ކުރިން ފޮޅުނު ދުވަސްވީ ފަތްތައް ރީނދޫވުން
3 ކަށްސަަނދުވާނި (ސަލްފަރ)
ކަށްސަނދުވާންޏަކީ ދިވެހި ބޭސްވެރިކަމުގައި ބޭނުން ކުރާ އުންސުރެކެވެ. މި ހުންނާނީ ރީނދޫ ކުަލައިގައެވެ. ދިވެހިބޭސް ވިއްކާ ފިހާރަތަކުގައި ހުންނަ ބާވަތެކެވެ. ގަސްތަކަށް ޢާއްމުކޮށް ބޭނުންކުރާނީ ކޮޕަރ ސަލްފޭޓް އެވެ. މިއަށް ދިވެހިބަހުން ކިޔަނީ ނޫމަދަރަކަ އެވެ. ބައެއް މީހުން ނޫ ސައްބު އޭ ވެސް ކިޔައެވެ. [ގަސްތަކާ ގުޅޭގޮތުން، ނޫ މަދަރަކައިގެ ޚާއްޞަ އެހެން ބޭނުމެއް ކުރެއެވެ. އެއީ ގަސްތަކަށް އަރާ ބައްޔެއް ކަމުގައިވާ ”ފަންގަސް“ ކޮންޓްރޯލް ކުރުމަށެވެ. ފަންގަސް އަކީ ގައިގެ ހަމުގައި ފިއްގަނޑެއް ފަދައިން ހުންނަ ދޫމި ފަދަ ގަސްތަކުގެ ފަތްތަކާއި އޮފިތަކާއި ތަނޑިތަކުގައި އަޅާ ބައްޔެކެވެ. މާލޭގައި މިހާރަކަށް އައިސް ވިއްކަންހުންނަ ޖިޕްސަމް ބޯޑު ހަދާފައި ހުންނަނީ ކެލްސިއަމް ސަލްފޭޓް، ދެ ކަރުދާސްގަނޑުގެ ދޭތެރެއަށް އަޅައިގެންނެވެ. ކެލްސިއަމް ސަލްފޭޓަކީ އަތްފައި ބިނދުމުން ޕްލާސްޓަރ އެޅުމަށް ބޭނުން ކުރާ މާއްދާއެވެ. ޖިޕްސަމް އަކީ ގަސްތަކަށް ފައިދާ ހުރި އެއްޗެކެވެ.] ނަމަވެސް، އަހުރެމެން އިސްކަންދޭނީ ކަށްސަނދުވާންޏަށެވެ.
ބޭނުން
ކަށްސަނދުވާންޏަކީ ފަތްތަކުގެ ފެހިކަން އުފެއްދުމަށް ބޭނުންވާ އުންސުރެކެވެ. އަދި ގަހުގެ ބައެއް ވިޓަމިންތަކާއި އެހެން ދިޔަތައް އުފެއްދުމަށް ބޭނުންވާ މާއްދާއެކެވެ. މިއީ އަޑިއަށް ފައިބާ ގޮޑި ހުންނަ ބާވަތްތަކަށް ވަރަށް ބޭނުންތެރި، އޮށް އުފެދުމަށް ކޮންމެހެން ބޭނުން އުންސުރެކެވެ.
މަދުވުމުގެ އަލާމަތްތައް
ކަށްސަނދުވާނި މަދުވުމުން، ފެހިކަން މަދުވެގެން ދެއެވެ. އަދި އުފެދެމުންދާއިރު، މަދުނަމަ، ގަހުން ލިބޭ މޭވާ ނުވަތަ އޮށްޓަރު މަދުވާނެއެވެ. އެންމެ ފުރަތަމަ ޢަލާމަތަކީ އަލަށް ފޮޅޭ ފަތްތައް ރީނދޫ ވުމެވެ. ދެން ދުވަސްކޮޅެއްގެ ތެރޭގައި ހަރުފަތްތައް ވެސް ރީނދޫ ވެދެއެވެ. މިއާއެކު ފަތްތަކުގެ ތަނޑުތައް ދަނބުކުލައަށް ބަދަލުވެއެވެ.
ނޯޓު: ކެލްސިއަމް އާއި މެގްނީސިއަމް އާއި ކަށްސަނދުވާންޏަކީ، ދެން ބޭނުންވާ 7 އުންސުރަށްވުރެ މުހިއްމު އުންސުރަށް ވާތީ، މި އުންސުރަށް ސާނަވީ (ސެކަންޑަރީ) އުންސުރޭ ކިޔައެވެ. އެއީ ޕްރައިމަރީ ނުވަތަ އެންމެ ބޭނުން ބޮޑު ނައިްޓްރަޖަން، ފޮސްފަރަސް އަދި ޕޮޓޭސިއަމް ފިޔަވާ ދެން ގަސް ހެދުމަށް މުހިއްމީ މިތިން އުންސުރުކަމަށް ވާތީއެވެ.
4 ދަގަނޑު
ދަގަނޑަކީ ގަސްތަކަށް ފެހިކަން ގެނެސްދޭ އުންުސުރެކެވެ. ރީއްޗަށް ވިނަ ހައްދާ މީހުންގެ ސިއްރެވެ. މިކަމަށް ގިނައިން ބޭނުން ކުރަނީ ފެހި ސައްބެވެ. ފެހި ސައްބަކީ ފެރަސް ސަލްފޭޓެވެ. ފަތްތަކަށް މި ސްޕްރޭ ކުރަނީ ލިޓަރަކަށް ހަތަރު ގްރާމް ގިރުވައިގެންނެވެ.
- ގަހުގެ ފެހިކަން އުފެއްދުމަށް
- އޮކްސިޖަން ގަހުގެ އެއްބައި އަނެއް ބަޔަށް ނަގުލުކުރުމަށް
- ސެލްތައް ގިނަވުމަށް (ހެދި ބޮޑުވުމަށް)
މަދުވުމުގެ ޢަލާމަތްތައް
- ފަތްތަކުގެ މައި ނާރުތައް ފެހިކޮށް ހުއްޓައި ފަތުގެ އެހެން ތަންތަން ރީނދޫ ވުން
5 މެންގެނީޒް
އަވިން ގަސްތަކަށް ބޭނުންވާ ކާނާ އެއިން އަމިއްލައަށް އުފައްދަން ދަގަނޑާއި މެންގެނީޒް އަކީ މުހިއްމު ދެ އުންސުރެވެ. ބިންގަނޑުގެ ހުތްކަން ކުޑަނަމަ، މިކަން މެދުވެރިވުން ވަކިން ބޮޑުވާނެއެވެ. ގަހަށް ކެލްސިއަމް އާއި ފޮސްފަރަސް ބިމުން ނަގައިގަންނަން މި އުންސުރު ބޭނުންވެއެވެ.
ޢަލާމަތްތައް
ފަތުގެ ނާރުތަކުގެ ދެމެދު ރީނދޫ ވުމާއި ފަތުގެ ކައިރިފަށް ހިކުން. މިކަން ފެށޭނީ ޅަފަތްތަކުންނެވެ. ނަމަވެސް ފަހުން ހަރު ފަތްތައްވެސް މިގޮތަށް ކުލަ ބަދަލުވާނެއެވެ. ބައެއް ފަހަރު ދެ ނާރުދޭތެރެ ވެސް ތިކިތިއްކަށް ހިކެއެވެ.
6 ތުތިޔާ (ޒިންކު)
ޒިންކަކީ ބިމުން ނަގާ އަޅިކުލައިގަ މަޢުދަނެކެވެ. އަގުހެޔޮ ބެޓެރިބުރީގެ ބޭރުގައި ހުންނަނީ ޒިންކު އެވެ. އަދި ޓިނުގައި ހުންނަ އަޅިކުލަ އަކީ ޒިންކުގެ ކުލައެވެ.
ބޭނުން
- ގަހުގެ އެކި ދިޔަތައް އުފެއްދުމަށް
- ގަހަށް ބޭނުންވާ ކާނާ، އަލިން އުފެއްދުމަށް
- ގަހުގައި ހަކަތަ އުފައްދާ ފުށުގެ ބައިތަައް އުފެއްދުމަށް
- އޮށް އެޅުމަށް
މަދުވުމުގެ ޢަލާމަތްތައް
- އާ ނުވަތަ ޅަ ފަތުގެ ނާރުތަކުގެ ދެމެދު ރީނދޫވުން ނުވަތަ މަރުވުން
- އޮފިތައް ކުރުވުން
- ފަތްތައް ބޯވުން
- ފަތުގެ އެއްފަރާތް ހެދިފައި އަނެއްފަރާތް ކުރުގެޅުން
7 ކޮޕަރ (ރަތުލޯ)
ކޮޕަރ ނުވަތަ ރަތުލޯ ގިނަ މީހުންނަށް ފެންނާނީ ކަރަންޓު ވައިރު ނަރުގެ ތެރެއިންނެވެ.
ބޭނުން
- ގަހުގެ ދިރުމަށް ބޭނުން ބައެއް ކަންކަން ކުރަން
- އަވިންނާއި ފެނުން ގަހަށް ބޭނުންވާ ކާނާ އުފައްދަން
- ގަހުގައި އަޅާ ބާވަތުގެ ތަކެތީގައި ފޮނިރަހަ ގަދަކުރުމަށް
- ގަހުގެ ފަތާއި މޭވާގެ ކުލަ ގަދަކުރުމަށް
މަދުވާ ކަމުގެ ޢަލާމަތްތައް
- ޅަ ފަތްތައް ރީނދޫ ނުވެ ވަޅޯވެފައި ހުރުން.
- ގަސް ދިގުނުވުން.
- ބައެއް ބާވަތުގެ ގަސްގަހުގެ ކުރީގެ ފަތްތައް ރީނދޫވުން.
8 ބޯރޯން
- އޮށާއި ސެލްގެ ބޭރު ދުލި އުފެދުމަށް
- ގަހުގެ ޖިންސީ ގުނަވަންތައް އުފެދުމަށް
- ގަސް ބޮޑުވުމަށް
- އަވިން އުފައްދާ ގަހުގެ ކާނާ ގަހުގެ އެކި ބައިތަކަށް ގެންދިއުމަށް
މަދުކަމުގެ ޢަލާމަތްތައް
- ގަސް ބޮޑު ނުވުން
- ޅަ ފަތްތައް މުރަނަވެ، ބޯވެ، ކުދިވުން
- މުށިކުލައިގެ ލައް ޖެހުން އަދި ފަތް ރީނދޫވުން
- އޮފިތައް ކުރުވެ ކުރިމަރުވުން
9 މޮލީބްޑެނަމް
މޮލީބްޑެނަމަކީ ވަރަށް މަދުން ބިމުގައި ހިމެނޭ، ހައިވާނާއި ގަސްގަހާ ގެހީގެ ދިރުމަށް މުހިއްމު ވަރަށް މަދުން ބޭނުންވާ އުންސުރެކެވެ.
ބޭނުން
- ބައެއް ގަސްގަހުގެ މުލުގައި ހުންނަ ގޮނޑި އުފެދުމަށް. މިގޮޑިއަކީ ވައިގައި ހުންނަ ނައިޓްރަޖަން ގަހަށް ބޭނުންވާ ގޮތަށް ބަދަލުކުރާ އެއްޗެކެވެ.
- ފޮސްފަރަސް ގަހަށް ބޭނުން ކުރެވޭ ގޮތަށް ބަދަލުކުރުމަށް
މަދުވުމުގެ ޢަލާމަތްތައް
މޮލީބްޑެނަމް މަދުވުމުން ގަހަށް ވާ ގޮތް، ދަގަނޑު މަދުވުމުން ވާ ގޮތާ އެއްގޮތެވެ. ފަތްތަކުގެ ފެހިކަން ކަނޑައިގެން ދެއެވެ. އަދި ފަނޑު ފެހިކުލައަކާއި ރީނދޫކުލައެއް ޖެހެއެވެ. މިކަން އެންމެ ފުރަތަމަ ފާހަގަ ކުރެވޭނީ ފަތުގެ ނާރުތަކުގެ ދޭތެރެއާއި ފަތުގެ ކައިރިފަށުގައެވެ. ގިނަ ދުވަސްވުމުން، ކައިރިފަށް މަރުވެއެވެ. ފަތްތައް ހަނިވެ ގުރުޑު ވެއެވެ. ފަތްތަކުގެ އަރިމަތި މައްޗަށް އޮޅެއެވެ.
10 ކްލޮރީން
ރާއްޖޭގެ ހާލަތުގައި ބިންގަނޑުގައި ކްލޮރީން މަދުވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެނީ މިއީ މޫދު ލޮނުގައި ވަރަށް ގިނައިން ހުންނަ އެއްޗެކެވެ. އަދި ގަސްތަކަށް ރާއްޖޭގައި ޖަހާ ފެނުގައި ލޮނު ގިނަކަމާއެކު ކްލޮރީން މަދުވުމަކީ ދުރުކަމެކެވެ. ކްލްރީން ގިނަވުމުން ފަތްތަކުގެ ކާރި ހިކުމާއި ޚާއްޞަކޮށް ކުރީ ތުނޑު ހިކުމާއި ފަތްތައް ކުދިވުން ހިމެނެއެވެ. މޫދުލޮނުގައި ކްލޮރީން ހިމެނެނީ ގަސްތަކަށް ބޭނުންކުރެވޭ އެހެން އުންސުރާ އެކުގައެވެ.
ބޭނުން
ކްލޮރިން ބޭނުުންވާ ސަބަބުތައް އަދި މުޅިން ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް، ކްލޮރީން މަދުވުމުން ފޮސްފަރަސް ބިމުން ގަހަށް ނެގުން އުނދަގޫ ވެފައިވާ ކަމާއި ބައެއް ގޮވާންތައް ހަރުވުމަށް ހުރަސް އެޅޭކަން އެނގިފައި ވެއެވެ.
މަދުވުމުގެ ޢަލާމަތްތައް
ކްލޮރިން މަދުވުމުގެ ޢަލާމަތްތައް، އެހެން ބައެއް އުންސުރުތައް މަދުވީމާ ވާގޮތްތަކާ އެއްގޮތްކަމުން، ދެނެގަންނަން ފަސޭހައެއް ނޫނެވެ. ނަމަވެސް ޢާއްމުކޮށް ފެންނަ ކަންތައްތަކުގެ ތެރޭގައި، ފަތްތަކުގެ ކައިރިފަށް ހަނިކޮށް މަރުވުމާއި ފަތުގެ އެތެރެއިން ވަށްކޮށް ތިކިތިއްކަށް ތަންތަން މަރުވުމާއި މިގޮތަށް މަރުވާ ބަޔާއި ދިރުން ހުރި ބައިތައް ގުޅޭތަންތަން ރަނގަޅަށް ވަކިކޮށް ހުރުމާއި، ފަތުގެ ކުރި ލެނބުމާއި ނުވަތަ މަރުވުން ހިމެނެއެވެ.
ޚުލާޞާ
ގަސް ހެދުމަށް ބޭނުންވާ ހުރިހާ އުންސުރެއް ލިބޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ކާދު ހުރެއެވެ. މިފަދަ އެންމެ މަޝްހޫރު އެއްޗަކީ ”އެލްބާރޓް ސޮލޫޝަން“ ކިޔާ ދެ ކޮތަޅެއްގައި ހުންނަ ކުނޑިއެކެވެ. މި ބޭނުންކުރާނަމަ، ގަސް ހައްދަން ދެން އިތުރު ކާދެއް ބޭނުމެއް ނުވާނެއެވެ. މިހެން ދެންނެވިއަސް އެކި ގަސްގަހަށް ކާދު ބޭނުންވާ މިންވަރު ތަފާތުވުމާއި ގަސް ހެދެމުން ދާއިރު އެކި އިރަށް ބޭނުންވާ އުންސުރުތައް ތަފާތުވުމުން، އެންމެ ފުރިހަމައަށް ހައްދަން ބައެއް އުންސުރު މަދުކޮށް ގިނަކުރަން ޖެހިދާނެއެވެ. ހުސް ފެނުގައި ގަސް ހައްދަން ނުވަތަ ވައިގައި ގަސް ހައްދަން ބޭނުން ކުރަން ހަދާފައި ހުންނަ ކުޑިކާދުގައި ވެސް ހުރިހާ ކަނާދެއް ހިމެނެއެވެ.
ތިރީގައިވާ ދެ ޗާޓުގައި މި ހިމަނަނީ، އެކިއެކި އުންސުރުތައް މަދުވިކަން ދެނެގަންނާނޭގޮތުގެ ކުރު ޚުލާޞާއެކެވެ. މި ޗާޓު ”ކިޔުމުގައި“ ބަލަނީ ގަހުގެ ހަރުފަތްތަކާއި ޅަ ފަތްތަކަށް ވާގޮތަށެވެ. ފުރަތަމަ އެވަނީ ހަރުވެފައިވާ ކުރިން ފޮޅުނު ފަތްތަކަށް ބަލައި މަދުވާ އުންސުރުތައް ދެނެގަންނާނޭ ގޮތެވެ. ފަހު ޗާޓުގައި ވަނީ ހިނދޫ ޅަ ފަތްތަކަށް ބަލައި މަދުވާ އުންސުރުތައް ދެނެގަންނާނޭ ގޮތެވެ. މި ޗާޓުތައް ބެލުމުގައި ދެކަމެއް ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. އެއްކަމަކީ، ގަހުގެ ބާވަތުން އެކިއެކި އުންސުރު މަދުވުމުން ނުވަތަ ގިނަވުމުން ވާގޮތް ކުޑަކޮށް ތަފާތުވާ ކަމެވެ. އެހެންކަމުން، މަދުވާ އުންސުރުތައް ދެނެގަތުމަށް ތަޖުރިބާ ބޭނުންވެއެވެ. ދެވަނަ މުހިއްމު ކަމަކީ މަދުވަނީ ކޮން އުންސުރުތަކެއް ކަން ދެނެގަތުމަށް ވެލިގަނޑު ޓެސްޓް ކުރުމުގެ މުހިއްމު ކަމެވެ. މިއީ އެހެން ޤައުމުތަކުގައި ސަރުކާރުން ފީ އަކަށްކޮށްދޭ ކަމެކެވެ. ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރައި ކަންކަން ކުރަން ތިބޭ މީހުން ހޭލުންތެރިވުމުން މިކަންވެސް ރާއްޖޭގައި ކުރެވޭ ގޮތް އަދި މެދުވެރިވާނެއެވެ.
މުހިއްމު ނޯޓެއް
ވަރަށް މުހިއްމު ނުކުތާއެއް އަދި އެންމެ ފަހު ކަމެއްގެ ގޮތުގައި ނޯޓުކޮށްލަން ޖެހެއެވެ. އެއީ އެކި ގަސް ހެދެނީ ބިމުގައި ހުންނަ ހުތްކަން ވަކި މިނެއްގައި ހުރުމުންނެވެ. ބިމުގައި ހުންނަ ހުތްކަން ބަލާ މީޓަރު ހުރެއެވެ. މި ބާވަތުގެ މީޓަރެއްގެ ދަނޑި ބިންގަނޑަށް ޖެހުމުން އެ މީޓަރުގެ ކަށިން ބިންގަނޑުގެ ހުތްކަން ދައްކާނެއެވެ. ޢާއްމުގޮތެއްގައި ރާއްޖޭގެ ބިންގަނޑު ހުތެއް ނުވާނެއެވެ. ހުތްކަން ބަލަނީ ޕީއެޗް ކިޔާ ޖިންސަކުންނެވެ. ގިނަ ގަސް ހެދެނީ ހުތްކަން 6.5 ގައި ހުރުމުންނެވެ. މިވާހަކަތައް ވަރަށް ތަފްސީލުކޮށް ކުރީ މަޒުމޫނެއްގައި ބަޔާން ކުރެވިއްޖެއެވެ. އެ މަޒުމޫނު، މި ވެބްސައިޓުގެ ”އެގްރިކަލްޗަަރ“ ބައިގައި ވެއެވެ. ބިމުގައި ހުރިހާ އުންސުރެއް ހުއްޓަސް ގަހަށް އެކި އުންސުރު ބޭނުން ކުރެވެނީ، އާދެ! މޫތަކުން ގަހަށް އުންުސުރުތައް އެތެރެކުރެވެނީ، ހުތްކަން ވަކި މިންވަރެއްގައި ހުރުމުންނެވެ. އެއީ ތިރީގައިވާ ޗާޓުގައިވާ ފަދައިންނެވެ.
Tke
Albert solution mirusgahah beynun kurevayne goi kiya dheeba
Alhugadu hadhaa bell pepper gasthah hunany kuree faiythah guruduvefa. Can u tell me a cure for this. Baeh meehun buney lonumedhu fen spray kuraashey. Mi ragalhu ehchehtho.
Ragalhu vedhaane. Hithifathu fen, eyge oshuge fen, dhufathu fen, jahanvee noon thoa?
Thi achehinn fen hadhanee kihine n dheyneenee kihaa minvaraka tho
Thank you
Really v informative and useful
Copy fai gahuge faithah bodu nuvy reedhoo vanee. Ehkamu baraabarah kuri laa. Mi kevegen thw???
Fen dheveyleh gina tha? Nitrogen madhuvanee kamah lafaa kurevey.
Gasthakuge photo eh fonuvumah email nuvatha whatsApp dhevvidhaane thoa
Bouganvilla leaves thah yellow vany. Minimal blooming.. Kihineytho dhen hadhaany.
“Most agree that the bougainvillea color best when the plants are subjected to dry periods. To force bougainvillea into bloom for nursery sales, growers often withhold water for up to three months.” Repot and try keeping in the sun…. then again this is not my subject area… I just read about it.
އަޅުގަނޑު ހައްދަމުން ގެންދާ މިރުސް ގަސްތަކެއްގެ ކުރިތަކުގެ ފެހިކަން މަޑުވެ އަދި ބައެއްގަސް ގަހުގެ ކުރީ ފަތް ތަކުގައި ބްރައުން ކުލައިގެ ލައްތަކެއް ޖަހާފަައި ދޮންވެގެން ވެއްޓެނީ މީކިހިނެތް ވެގެން ވާކަމެއް ތޯ؟
ބައެއް ބާވަތުގެ ލީކަނާދު މަދުވުމުން ދިޔަހެން ވެދާނެ. އަޖުމަ ބެލުމުގެ ގޮތުން، ބައްޔެއް ޖެހިފައި ނުވާނަމަ، އެލްބާރޓް ސޮލިއުޝަން ފަދަ ހުރިހާ އުންސުރެއް ހުންނަ ކާދެއް ސްޕްރޭކުރުމުން ޔަޤީން ކުރެވޭނެ
Oh thanks dear
Alhugandu ganegen genai rosemerry gaheh hedhey gotheh nuvey. Gaiy iruves baeh faiythakuge kolhu huree hikifa, adhi kurithah huree moalhivegen lenbifa. Adhives kurithah rangalheh nuvey, kuriyahvure gina faiythah hikikamahves faahagavey. Mikan hallu kuraanee kihinehtho? Gas bahattaafa huree belcony gai, ekamaku direct sunlight eh nulibey.
Lafaa kurevenee fen dheveylleh ginaee kamah. Rosemary hedhenee fen harunulaa fahugai
މިކަމުން ދިވެހި ރައްޔިތުންނަށް ފައިދާ ލިބޭނެ ކަން ޔަޤީނެވެ. އަދި މީ ހަސަން ހަމީދު ދިވެހިންނަށް ދޫކޮށްދެއްވާފައިވާ ދެމިހުންނަނި ޞޮދަގާތެއްކަމުގައި ވާނެކަމަށް އުންމީދު ކުރަން ﷲ ކަލޭގެފާނަށް ހެޔޮރަހުމަތް ލައްވާށި ޢަމީން
A very useful article.I am not a gardening person but would like to get into gardening.
Alhugandu Varah beynunvey Aquaponics system gai gas hadhaane gothuge mauloomaathu
this is good in general. but there are some incorrect information in this. say dilution rate of ferous sulphate for instance. if you dilute 10g of ferous in 1 liter of water and spray, your plants definitely will get burned.
Latheef, thank you for your comment. The data for the article come from reputable sources. Foliar treatment of chlorosis by ferrous sulphate is from the following: http://extension.usu.edu/files/publications/publication/AG-SO-01.pdf
The dosage depends on the purity of ferrous sulphate and the form in which the compound is supplied: concentrated liquid, hydrated or anhydrous; and assuming that the readily available ferrous sulphate is hydrated and granular, the values have been modified. It now assumes that the available Fe in FeSO4 is 19% and the plants are vegetables. Other values in the article have been re-checked, including the value given for magnesium sulphate. It is correct.
Thank you, once again, for your comment.
Pls send me a good information about firming.
this is very good
thank you