ރަށްފުށުގެ ތަނަވަސް ކަމަށް

އިހި(މަސް)ވެރިކަން

އިއްސަކީ ހުރިހާ ޤައުމެއްގައިވެސް ވަރަށް އަގުގައި ވިކޭ އެއްޗެކެވެ. އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ދިރޭ އިހި ކިލޯއެއް 28 ޑޮލަރުގެ މަގުން އެތެރެ ކުރެ އެވެ. ރާއްޖޭގައި ވެސް އިހި އަގު ބޮޑު ކޮށް ވިކެއެވެ. ދިވެހިރާއްޖެ ފަދަ އެތައް ޤައުމަކުން ޓަނު ޓަނުން އިހި އެކްސްޕޯޓު ކުރެއެވެ. ދެމެހެއްޓެނިވި ގޮތަކަށް އިހިވެރިކަން ރާއްޖޭގައި ކުރެވިދާނެ ހެއްޔެވެ؟

ދާދި އިހަކަށް ދުވަހު ނޫނު އަތޮޅު ޅޮހީ ޒުވާނެއް އަޅުގަނޑާ ދެފަހަރެއްގެ މަތިން ބައްދަލު ކުރިއެވެ. އޭނާ ބޭނުންވަނީ ޅޮހީގެ އުރަފަތް ކައިރިން ފެންނަ އިހި އާލާކޮށް މިއީ ފައިސާ ލިބޭނޭ ދާއިމީ މަސައްކަތަކަށް ތަރައްޤީ ކުރާނެ ގޮތެއް އޮޅުން ފިލުވުމަށެވެ. ”އަޅުގަނޑު ރައްޓެހި ކުދިންނާއެކީ މޫދުގައި އުޅޭއިރު، ފަރުތެރެއިން ވަރަށް ގިނައިން އިހި ފެނެއެވެ. ބައެއް އިހިތަކުގައި ބަނޑުފުށުގައި އަދަދު ނުކުރެވޭހާ ގިނަ ބިސް ހުރެއެވެ. މި ބިސްތައް ނަގައިގެން އިހި އާލާ ކުރެވިދާނެ ހެއްޔެވެ؟ އިހި މަސްވެރިކަން ކުރަނީ ކިހިނެއް ހެއްޔެވެ؟ “އޭނާ ސުވާލު ކުރިއެވެ.
ކަށްދިމާވި ގޮތުން އެއިރަކީ ”ތަރައްޤީ ވަމުންދާ ޤައުމުތަކުގައި ބޭނުން ކުރެވިދާނޭ މަސްވެރިކަމާބެހޭ ޓެކްނޯލޮޖީ“ މިނަން ކިޔާ ފޮތެއް އަޅުގަނޑު ކިޔަވަމުން ދިޔަ ދުވަސްވަރެކެވެ. މިފޮތުގައި ދުނިޔޭގެ އެތައް ޤައުމެއްގައި އިހިވެރިކަން ޢަމަލީގޮތުން ކުރާގޮތް ވަރަށް ފަސޭހައިން ދޭހަވާގޮތަށް ލިއެފައިވެއެވެ. އޭގެ ދެތިން ދުވަސްކުރިން، އިހި ބޮޑެތިކުރުމަށް ޢަމަލީގޮތުން މަސައްކަތްކުރި ރައްޓެއްސަކު އޭނާގެ ތަޖުރިބާތަކުގެ ވާހަކަ އަޅުގަނޑަށް ކިޔާދީފައި ވެއެވެ. ސުވާލުކުރި ޒުވާނާގެ ޝައުޤުވެރިކަން ހުރިވަރުންނާއި މިފަދަ މަޢުލޫމާތުން އެހެން އަތޮޅުތަކުގެ ޒުވާނުންނަށް ފައިދާއެއް ކޮށްފާނެތީ މި މަޢުޟޫޢުގެ މައްޗަށް ކުރު މަޒުމޫނެއް ލިޔުމުގެ ބޭނުންތެރިކަން ވިސްނުނެވެ. މިއީ މިގޮތުން ލިޔުނު މަޒުމޫނެވެ. އަޅުގަނޑަށް މިކަމާ ގުޅިގެން ހޯދުނު މަޢުލޫމާތުން އެނގުނީ އިހިވެރިކަމަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަށް ކުރެވިދާނޭ ކަމެއްކަމެވެ.
އެއްޗެއް ޝިކާރަކުރަން ނުވަތަ ހިފަން ބޭނުންވާ މީހާއަށް އެންމެ މުހިއްމުވާނީ އެ އެއްޗެއްގެ ޠަބީޢަތާއި މާހައުލާއި ކެއުންބުޔުމާއި މިފަދަ އާދަތައް ދެނެގަތުމެވެ. އޭރުން އެ އެއްޗެއް އުޅޭނެ ތަނަކާއި ކާނެ އެއްޗަކާއި ހިފާނެ ގޮތް ޚިޔާލު ކުރެވޭނެއެވެ. އެހެންކަމުން، އަޅުގަނޑު ޤަޞްދުކުރަނީ އެންމެ ފުރަތަމަ، އިހި އުފަންވީން ސުރެ މަރުވަންދެން އޭގެ ޙަޔާތާބެހޭ ގޮތުން ކުރު މަޢުލޫމާތު ކޮޅެއް ހުށަހަޅަންށެވެ.

އިހީގެ ދިރިއުޅުން      

ރާއްޖޭގައި އިހީގެ ދެތިން ހަތަރު ބާވަތެއް އުޅެއެވެ. ފަރު އިއްސާއި ކަނޑު އިއްސެވެ. ރަތް އިއްސާއި ފެހި އިއްސެވެ. އަދި ކަކުނިއިހި ކިޔާ ބާވަތެއްގެ އިއްސެއްވެސް ރާއްޖޭގައި އުޅެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު އިއްސަށް ތަފާތު ނަން ކިޔުމަކީ އެކަށީގެންވާ ކަމެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އުޅޭ އިހީގެ ބާވަތްތައް ރާއްޖޭގައި އުޅުމަކީ ވެސް ގާތް ކަމެކެވެ. އެކަން މި މަޒުމޫނުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ބޭރު ޤައުމުތަކުގައި އެންމެ ގިނައިން ނަގާ ބާވަތުގެ އިއްސަށް ކިޔަނީ ގައުއިއްސެވެ. މިއީ 7 އަހަރާއި 10 އަހަރުގެ ދެމެދުގެ މުއްދަތުން ބޮޑުވާ އިއްސެކެވެ. ބައެއް އިހި ދެފޫޓުވަރު ހުންނަންދެން ކަނޑުގެ އަޑީ ފަސްގަނޑުގައި ނުވަތަ ކަނޑުގެ ފަސްގަނޑުގައި ދިރި އުޅެއެވެ. އިއްސަށް ސިފަގެނެސްދޭ ކަށިގަނޑު، ކަނޑު މަހާއި އިންސާނުންނާ ޚިލާފަށް ހުންނަނީ ބޭރުގައެވެ. އިންސާނުންގެ ކަށިގަނޑު ވަނީ މަހުގެ ފަށަލައިގެ އެތެރޭގައެވެ. ނަމަވެސް، އިހީގެ ކަށިގަނޑު ހުންނަނީ އެންމެ ބޭރުގައެވެ. ކަށިގަނޑުގެ އެތެރޭގައިވަނީ މަހެވެ. އެހެންކަމުން، އެހެން ސުއިއްޕަށް އެ ޝިކާރަ ކުރަން ދަތިވެއެވެ. ނަމަވެސް، މިހެން ވުމުން ކަކުނި ފަދައިން އެ ބޮޑުވުމަށްޓަކައި، ތޮށިގަނޑަށް ނުފެތޭވަރު ވުމުން އެއިން ނުކުމެއެވެ. ތޮށިގަނޑު އަނެއްކާ ހަރުވަންދެން، ކަކުނިހެން އިހި ވަރަށް މަޑެވެ. މިދުވަސް ވަރަކީ އިއްސަށް އެންމެ ނުރައްކާތެރި ދުވަސްވަރެވެ. ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާ ތޮށިގަނޑު ހަރުވެއެވެ. ކުދި އިހި އަހަރަކު އެތައް ފަހަރަކު ތޮށިގަނޑު ބަދަލު ކުރެއެވެ. ބޮޑެތި އިހި މަދުވެގެން އަހަރަކު އެއްފަހަރު ތޮށިގަނޑު  އައު ކުރެއެވެ.  ނަންނުގަތީގެ ހުސް ދުލި ފެންނަ ފަދައިން، ނުވަތަ ގައުގަލުގައި އުޅޭ ބައެއް ކަކުނީގެ ބަދަލުކުރި ތޮށިގަނޑު ފެންނަ ފަދައިން، އިހީގެ ހުސް ތޮށިގަނޑު ނުފެންނަނީ ބައެއް އިހި އެ ކައިލާތީއެވެ. އެއީ ކެލްސިއަމް ވަރަށް ގިނަ ތޮށިގަނޑެއް ކަމުން، ޅަ އިހީގެ ޞިއްޙަތަށް އެ ކެއުމުން މަންފާ ކުރެއެވެ.

ބިސް:     ބޮޑު އަންހެން އިއްސެއްގައި އައު ތޮށިގަނޑެއް އުފެދެމުންދާއިރު އިހި ޖޯޑު ވެއެވެ. އަންހެން އިއްސާއި ފިރިހެން އިހީގެ ފުޅާހުރަހުގައި އެއް މިލިމީޓަރު ހުންނަ ވަރުގެ އެތައް ލައްކައެއްހާ ބިސް އިއްސެއް އަޅައެވެ. ބިސްތައް ހުންނަނީ ނިގޫފަތުގެ ދަށްފަރާތުގައެވެ. މިކަމަށް ޚާއްސަ ”ފަޔަކުން“ ބިސްތައް ގެންގުޅެއެވެ. އަންހެން އިހި ފާހަގަ ކުރަނީ މިއިތުރު ފައިންނެވެ. ބިސްތައް ގެންގުޅުމަށްޓަކައި، އަންހެން އިހިީގެ ނިގޫ ފުޅާވެސް ވާނެއެވެ. ބައެއް އިހީގެ ބަނޑުވަތް ރަތްކޮށް ހުންނަނީ ބިހުގެ ސަބަބުންނެވެ. ޖޯޑުވާތާ ހަތަރު ވަރަކަށް ހަފުތާއިން ބިސް ފީ ވެއެވެ. ދެން އަންހެން އިހި އޮޔެ ދެމޭ ފުން ހިސާބަކަށް ނުކުމެ އޮޔެގެ ތެރެއަށް ބިސްތައް ދޫކޮށްލައެވެ.

ލާވާ ނުވަތަ ޔަރަގަ: ބިސްތަކުން ވިހަނީ ކުދި ފައިދިގު މަކުނު ވައްތަރަކަށް ހުންނަ ޔަރަގަ  ނުވަތަ ލާވާއެވެ. މި ޔަރަގަތައް ކަނޑުގެ ކުދިކުދި ދިރުންތަކާއެކު އޮޔާ ދަތުރު ކުރެއެވެ. 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށެވެ. އިހިތައް އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ފެތުރޭނެކަމަށް ދެންނެވުނު ސަބަބަކީ މިއީއެވެ. 9 ވަރަކަށް މަސްވަންދެން އެއްޗެއް އޮޔާދާއިރު އެ ގާތްނުވާ ގައުމެއް ރަށެއް ނޯންނާނެއެވެ. އެހެންކަމުން އިއްސަކީ ހުރިހާ ޤައުމަކަށް ފެތުރިފައިވާ އެއްޗެކެވެ. ޔަރަގަ ދުވަސްވަރު 11  ވަރަކަށް ފަހަރު އެއަށް ބަދަލު އާދެއެވެ. މަސްތަކާއި އެހެން ތަކެތީގެ ކާނާއަކަށް މި ޔަރަގަ ވެއެވެ.

ބިއްލޫރި ލާވާ ނުވަތަ ޔަރަގަ: ކަނޑުގެ އޮޔާއެކު އެކިހިސާބަށް ފެތުރި ބައެއް ޔަރަގައަށް އިހި އާލާވެވިދާނެ ވެއްސަކަށް ދެވެއެވެ. ޔަރަގަ ދެން ބަދަލުވަނީ ބިއްލޫރި ފަދަ ކުލައެއް ނެތް ޔަރަޤަ އަކަށެވެ. މިދުވަސްވަރު މިތަކެތީގެ ސިފަ އަޞްލު އިހީގެ ސިފައަށް ބަދަލުވެއެވެ. ނަމަވެސް އިއްސާ ޚިލާފަށް ބިއްލޫރި ޔަރަގައަށް ލޮނުގަނޑުގެ ތެރޭގައި މަސްހެން ފީނާފައި ކުރިއަށް ދެވެއެވެ. މިގޮތަށް ފީނާފައި ކަނޑުގައި އުޅެ އިހީގެ ސިފަ ފުރިހަމައަށް ދެތިން ހަފުތާއެއްގެ ތެރޭގައި އައުމުން، ފީނުން ހުއްޓި ކަނޑުގެ އަޑީ ބިންމަތީގައި ދިރިއުޅެން ފަށައެވެ. ވިހޭތާ ދެ އަހަރުވާ އިރު އެހެން އިހީގެ ޖީލެއް އުފެއްދޭ ފަދަ ފުރާވަރަށް އަރައެވެ. ބައެއް އިހި މިއަށްވުރެ މާ އަވަހަށް ފުރާ ވަރަށް އަރައެވެ.ބައެއް އިހި ބޮޑުވަނީ 7 އަހަރުންނެވެ.  މިދެންނެވުނީ ރޮކް ލޮބްސްޓަރ ނުވަތަ ގައުއިހީގެ ޙަޔާތުގެ ވާހަކައެވެ. މި ޔޫޓިއުބް ވީޑިއޯއިން އިހީގެ ދިރިއުޅުން ފެނިވަޑައިގަންނަވާނެއެވެ.

އިހީގެ ޙަރަކާތްތައް

އިހި ރޭނގަޑާއި ދުވާލު އުޅޭގޮތް ބެލުމަށް ފަރުގެ އަޑީގައި ކެމެރާ ބަހައްޓައިގެން ހޯދި ހޯދުމުން އެނގުނީ އިހި މައިގަނޑު ގޮތެއްގައި ކައި އުޅެނީ ރޭނގަޑުކަމަށެވެ. ދުވާލުވުމުން ކުދި ހޮހޮޅަ ހަރު ފަދަ ތަންތާނގައި ފިލާ އިނދެއެވެ. އިހީގެ ކާނާގެ ތެރޭގައި ހިޔަމަ، ކުދި ކަކުނި، ތަފާތު ވައްތަރުގެ ގޮޅާ، ރިދަލި، ކުދި މަސް ހިމެނެއެވެ. ކަނޑުގެ އަޑީ ބިންމަތީގައި ހުންނަ އެހެން ތަކެތި ކައިފައި ހުންނަ ބާކީ އެއްޗިހި އިހި ކައި އުޅެއެވެ. އިހީގެ ބަނޑުގައި ހަރު ތަކެތި މުގުރާނޭ ޚާއްޞަ ބައިތަކެއް (ދަތްތަކެއް) ހުރެއެވެ. އިހި ތޮށިގަނޑު ބަދަލު ކުރާއިރު ތިލަ ހިސާބަށް އައިސް އުޅެއެވެ. ބައެއް އިހި، ނޭގޭ ސަބަބުތަކަކަށްޓަކައި، 1000 ކިލޯމީޓަރު ހުންނަހާ ދުރަށް އައިނު އައިނަށް ހިޖުރަ ކުރެއެވެ.

ދެމެހެއްޓެނިވި ގޮތަށް އިހިވެރިކަން ކުރުން

ރާއްޖޭގައި ފާނަ(މަސް)ވެރިކަން ދުވަސްކޮޅެއް ވަންދެން ވަރަށް ގަދަޔަށް ކުރުމަށް ފަހު އެކަންކުރުން މަދުވެއްޖެ އެވެ. ބޭނޭ ފާނަތަކުގެ ސައިޒަށް ނުބަލާ އެކްސްޕޯޓު ކުރަން ފެށުމުން ފާނައިގެ ސްޓޮކް އާލާވާނޭ ފުރުޞަތެއް ނުދެވެއެވެ. އިހިވެރިކަން މިފަދަ ކަމަކަށް ވެދާނެތީ އެކަން ކުރާނެގޮތް ދަންނަވާލުމުގެ ކުރިން ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރަން، ނަގާ އިހީގެ ސައިޒު ކޮންޓްރޯލް ކުރަން ޖެހޭނެ ވާހަކަ ދަންނަވާލަމެވެ. ބޭރު ޤައުމުތަކުގައި މިކަން ކުރަން ފެށީ އޭގެ ނިގުލުގެ ދިގުމިނަށް ބަލާފައެވެ. އިހީގެ ނިގުލަކީ އެންމެ މަސްގިނަ އެއްބައެވެ. މިގޮތަށް ކަންތައް ކުރަން ފެށުމުން، ދިގުމިން ބަލާއިރު، އިހިވެރިން ހަދާ ގޮތަކީ ނިގޫ ދަމާފައި މިންއަޅާ މާ ކުދި އިހިތައް ނަގަންފެށީއެވެ. ދެން އިހިތައް ހުސްވެދާނެ ކަމުގެ ބިރުބޮޑުވުމުން، އިހީގެ ނިގޫކޮޅުގެ ފުޅާމިން ވަކިވަރަކަށް ހުންނަ އިހި ނޫނީ ނެގުން މަނާ ކުރީއެވެ. މިގޮތަށް އިހީގެ ނިގޫކޮޅުގެ ފުޅާމިނުގައި މަދުވެގެން ދެ އިންޗި ނުހުންނަ އިހި ނަގާ ގަނެ ވިއްކުމަކީ މަނާކަމަކަށް ހަދާފައި ވެއެވެ. މިއީ ބޭރު ޤައުމުތަކުގައެވެ. ރާއްޖޭގައި މިފަދަ ގަވާއިދެއް ހަދަންދެން، އަމިއްލަފުޅަށް މި ގަވާއިދު ހިފަހައްޓަވަން ހަނދުމަފުޅުކޮށް އަރުވަމެވެ. އިހި ހިފާ ކޮށީގައިވެސް، މި ސައިޒަށް ވުރެ ކުދި އިހި ނިކުމެވޭފަދަ ޖާގައެއް އިނުމަކީ ބޭރު ޤައުމު ތަކުގައި މަޖުބޫރު ކަމެކެވެ.

އަޅުގަނޑަށް އިހި މަސްވެރިކަން ކިޔައިދެއްވި ޢަބްދުﷲ އިތުރަށް ވިދާޅުވިއެވެ. އޭނާ ގުރޫޕް ހަދައިގެން އިހި ނަގަން ފެށިއިރު، ފޭދޫ ފިނޮޅާއި ތިލަފުއްޓާއި ހުޅުލޭ ފަރުން ރެޔަކު 150 އިހި ނެގުނެވެ. ނަމަވެސް ފަހުން އައިސް ބައެއް ފަހަރު ދެތިން އިހި ނެގޭތަން ވެސް އައެވެ.

ބިހުން އިހި އާލާކުރުން

ބިހުން އިހި އާލާކުރުމަކީ ޢާއްމުކޮށް މި ކެޔޮޅުކަމުގައި ކުރާ ކަމެއް ނޫނެވެ. އަހަރަކު 100 މިލިއަން ޑޮލަރަށް ވުރެ ވެސް ގިނައިން އިހި ބޭރުކުރާ ޤައުމުތަކުގައި ވެސް އިހި ބިހުން އާލާކުރާ ކަމެއް އެނގިފައެއް ނުވެއެވެ. އެއީ އިހީގެ ބާވަތުން ކަމަށް ބެލެވެއެވެ. ގިނަ ޤައުމުތަކުގައި ކަނޑުން ނުވަތަ ގިރިތަކުން ބޮޑުވެފައިވާ އިހި ތަފާތު ގޮތްގޮތް ބޭނުން ކޮށްގެން ނަގަނީއެވެ. ނަމަވެސް، ވިއެޓްނާމާއި ފިލިޕީންސްގައި ކުދި އިހި ބޮޑު ކުރެއެވެ. ރާއްޖޭގައި ބިހުން އިހި އާލާކުރަން މަސައްކަތް ކުރި މީހަކު ކިޔައިދިން ގޮތުގައި އޭނާ އެކަން ކުރީ، ކުދި ގޮޅިޖެހި ދަލުން ހަތަރުފޫޓު ހަތަރު ފޫޓު އަށް ފޫޓު ހުންނަ ކޮށްޓެއް ހަދައި، ދެކޮޅު ބެއްދި ފަލަ އޮނު ބަދައެއްގައި ވަށައިގެން ބައި އިންޗި ލޯވަޅު އަޅާ، ބޮނޑިބޮނޑިއަށް ކޮށީގައި އޮނުތައް ހަރު ކޮށްގެންނެވެ. ދެން ބިސްއަޅަން ވެފައިވާ އިހި ކޮށީގެ ތެރެއަށްލައި، 12  ވަރަކަށް ފޫޓު ފުންމިނުގައި ހުންނަ ފަޅެއް، ނުވަތަ ގިރިއެއްގައި މި ކޮށިތައް ބަހައްޓަނީއެވެ. މަދުވެގެން ދުވާލު އެއްފަހަރު ކާއެއްޗިހި އަޅަން ޖެހެއެވެ. މިކަން ކުރަނިކޮށް، އިހިތައް ވަރަށް ކުދިކޮށް ތިއްބާ، ފީނާމީހަކު ވަގަށް އައިސް، ކޮށި ހަލާކުކޮށް ލީއެވެ. މިކަމާ މާޔޫސްވެގެން އޭނާ އިހި އާލާކުރުން ހުއްޓައިލީއެވެ. މިއަދު، އަނެއްކާ އޭނާ އާ ދިމާވެގެން މިއީ މިކަން ހިނގިގޮތްތޯ އަހައިލީމެވެ. އޭނާ އިތުރަށް ވިދާޅުވީ އޮނުގެ ބަދައިގެ ދެމެދުން ބުރިކުރާ ވާހަކައެވެ. އެއިރުން އެއް ކޮޅު އޮންނާނީ ބެދިފައެވެ.

vietnam farm of lobster

އިހި ހިފުން

އަޅުގަނޑު ދެން ދަންނަވާނީ އިހި ބޮޑު ކުރުމުގެ ބަދަލުގައި އިހި ހިފަން ހަދާނެ ގޮތްގޮތުގެ ވާހަކައެވެ. ރާއްޖޭގައި އިހި ނަގަނީ ކޮންމެވެސް ފަރަކަށް އެރި ފީނައި އިއްސަށް ދަގަނޑެއް ޖަހައިގެންނެވެ. ނުވަތަ އަތުންނެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ، ހިފާ މީހާ ކޮންމެ އިއްސެއްގެ ކައިރިއަށް ދަނީއެވެ. މީގެ ބަދަލުގައި ވަކި ތަނަކަށް އިހި އަންނަ ގޮތް ހެދިއްޖެނަމަ، އިހި ހިފުން މާ ކާމިޔާބު ވާނެކަން މިކަމާ ފިކުރު ކުރާ މީހަކަށް އޮޅުން ފިލާނެއެވެ. ރާއްޖޭގައި މިހާރަކަށް އައިސް މަސްވެރިކަން ކުރާއިރު، މަސް އުޅޭ ހިސާބު ހިސާބަށް ދިއުމުގެ ބަދަލުގައި، މަސް އެއްތަނަކަށް ޖަމާކުރާ ކަނދު ފައްޗެއްގެ ކައިރިއަށް ގޮސް މަސްބާނައެވެ. މިއީ އަވަހަށް މަސް ބޭނޭ ފަސޭހަ ގޮތެކެވެ.

މޫސުމީ ގޮތުން ރާއްޖެ ފަދަ ޤައުމުތަކުގައި، އިހި އެއާ ދިމާލަށް އަންނަ ބާވަތުގެ އެއްޗިހި ހަދާ ފަރަށް ފައްތާފައި ހުރެއެވެ. އަޖުމަ ބެލުމުގެ ގޮތުން މިފަދަ އެއްޗެއް ހައްދަވާފާނެ ބޭފުޅެއްގެ މަޢުލޫމާތަށް އެކަން ކުރާ ގޮތުގެ ވާހަކަ ދަންނަވާލާނަމެވެ.

އިހީގެ ޠަބީއަތް ދިރާސާ ކުރި އިހުގެ ކިޔުބާގެ މީހުންނަށް އެނގުނީ އިހި އުޅޭހިތްވަނީ އޭގެ ހަށިގަނޑަށްވުރެ ވަރަށް ކުޑަ ތަންކޮޅެއް ބޮޑު ޖާގަތަކެއްގައި ކަމެވެ. މިކަން ވިސްނުމުން ސިމެންތިއާއި ދަގަނޑުން ފަރުހަދައިގެން ކިޔުބާގައި އިހި ހިފާ އުޅެއެވެ.

ކިޔުބާގައި މިކަން ކުރާ ގޮތަކީ ދިގުމިނުގައި ގާތްގަޑަކަށް ހަތްފޫޓު އަށްފޫޓޫ ހުންނަ، ދިގުހުރަހުގައި ހަތަރު އިންޗި ހުންނަވަރުގެ ގަސްކަނދު ހޯދައި، ދެ ކަނދު ދުރުމިނުގައި 6 ފޫޓު ހުންނަވަރަށް ދުރުގައި ބާއްވަނީއެވެ. ދެން އޭގެ މަތީގައި ދޭތި ހުރަހަށް ކުރެހުމުގައި ވާގޮތަށް ބާއްވައި މޮހޮރު ޖަހައިގެން ގޮޅިއެއް ވާގޮތަށް ހަރުކުރަނީއެވެ. ވަލުން އެއްސިޔަސް ރަނގަޅު ވާނެ އެވެ. ދެން ތިރީގައިވާ އެތިގަނޑާ އެއް ދިމާއަކަށް މަތީގައި ހުރަހަށް ގޮފި ނުވަތަ ކަނދު އަޅައި ހަރުކުރަނީއެވެ. ދެކަނދުގެ ދޭތެރޭގައި އެތެރެއަށް އަލިވަންނާނޭ ދުރުމިނެއް ހުރުމަކީ ރަނގަޅު ކަމެކެވެ. މިގޮތަށް ދެތިން ފަށަލައަށް މިކަން ކުރެވިދާނެއެވެ. ނިންމާ އެތީގައި ބިތެއްގައި ގާތްގަޑަކަށް 8 ފޫޓު ހުރެއެވެ. އަޅުގަނޑަށް ލަފާ ކުރެވޭގޮތުގައި، ބައު ހަތަރު އިންޗި އެސްލޯނު ހޮޅި ފަދަ އެއްޗެއްވެސް މީގެ އެއްޗެއް ހެދުމަށް ބޭނުން ކުރެވިދާނެ އެވެ.

އިހި އުޅެން ހަދާ މި ކަނދުފަތި ވައްތަރުގެ ”ގެ“ ފައްތަނީ ފުންމިނުގައި ބާރަ ފޫޓާއި ވިހި ފޫޓު ހުންނަހާ ފުން ނަމަވެސް ބާރަށް އޮއެ ނުދެމޭ ތަނަކަށެވެ. ލަކުޑި އަޑީގައި ބޭއްވުމަށް ހަދާނެގޮތް ތިޔަބޭފުޅުން ވިސްނަވާށެވެ. ކިޔުބާގައި ގެންގުޅެނީ ފައުގައި ހެދޭ އަޑިއަށްދާ ލަކުޑިއެކެވެ. މިފަދަ ”ކަނދުފަތީ“ ގައި ފެހި ޖެހުމުން އިހި ވަރަށް ގިނައިން އައިސް އުޅެން ފަށައެވެ.

އިހި އުޅޭ މި ހިޔާވަހިން އިހި ހިފުމަށްޓަކައި، އިހިވެރިން ބޮއްކުރައެއްގައި އެއާ ގާތަށް ގޮސް، ބުޅިއެއް އަޅުވާ ”ކަނދުފަތި“ ތަޅުވާލަނީ އެވެ. ދެން އެކި ދިމަދިމާއަށް ފިލަންދާން ފެށުމުން، ގޮށިފާޑަށް ހަދާފައި ހުންނަ ދާގަނޑެއް ޖަހައި ނަގަނީއެވެ. ބައެއް މީހުން ފީނާފައި ގޮސް ދާގަނޑުން އިހި ނަގައެވެ. މިކަން ކުރާ މިންވަރަކީ ކިޔުބާގެ އެއް ހިސާބެއްގައި މީގެ 120000 އެތި ބަހައްޓައިގެން 7000 ޓަނުގެ އިހި އަހަރަކު ނަގައެވެ.

މިޒަމާނަކަށް އައިސް ލަކުޑީގެ ބަދަލުގައި ފެރޯސިމެންތިން ހިޔާވަހި ހަދައެވެ. ފެރޯސިމެންތި ކިޔަނީ ނަރުދަލުގައި ދެފަރާތުން ސިމެންތި ޖަހައިގެން ބައެއް ރަށްރަށުގައި ތާނގި ހަދާފައި ހުންނަ ގޮތަށް ހަދާ ކޮންކްރީޓްގެ ވައްތަރަކަށެވެ. ލަކުޑިއަށް ވުރެ ގިނަދުވަހު ފެރޯސިމެންތި ހިޔާވަހި ހުރެއެވެ. ފެރޯ ސިމެންތިން ހަދާ ސިމެންތި ފިލާގަނޑު ދެ ލަކުޑިގަނޑުގައި ހަރުކޮށް އަޑިއަށް ފައްތައެވެ. މި ސިމެންތި ގައުގެ ދަށުގައި އިހި އުޅެވޭނެ ޖާގަ އޮވެއެވެ. ފޮޓޯއިން އިތުރަށް ސާފު ވެ ވަޑައިގަންނަވާނެއެވެ. ރާއްޖެއާ ވައްތަރު ކެރީބިއަން ރަށްތަކުގައި 1960 ވަނަ އަހަރުން ފެށިގެން މީގެ ހިޔާވަހިން އިހި ނަގައެވެ. ބިތެއްގައި ހަތަރު ފޫޓު ހުންނަ ދިހަހާސް އެތި ކެރިބިއަންގެ ފަރުތަކަށް ފައްތާފައި ހުރެއެވެ. ލަކުޑި ފަތިގަނޑަކަށް ބޭނުން ކުރަނީ ވަކަރެވެ. މަތީގައި ވަކަރު ޖަހައިގެންވެސް ހަދާފައި ހުރެއެވެ.  ޓިނާއި ފީފާގެ މައްޗާ މިފަދަ ތަކެތި ޖަހާ އުޅެއެވެ. މިފަދަ އިހި ވަންނަ ހިޔާވައްސަށް އެހިސާބު ގަނޑުގެ މީހުން ކިޔަނީ ކަސިތައެވެ. ދިވެހި އަޑުތަކާ އެއްގޮތަށް ދަންނަވާނަމަ ކަސިދައެވެ. ކަސިދަތައް އެއްގަމުގައި ތައްޔާރުކޮށް، ބޭނުންވާ ހިސާބަށް ގެންގޮސް ފައްތަނީއެވެ. މިތަކެތި ބަހައްޓަނީ އެކަތި އަނެއް އެއްޗާ 100 ފޫޓު ދުރުގައެވެ.

  1.  ދުނިޔޭގައި ގާތްގަޑަކަށް 30 ބާވަތުގެ އިހި އުޅެއެވެ.
  2. މީގެ 300 ވަރަކަށް އަހަރު ކުރިން ހުދު މީހުން އެމެރިކާއަށް އަރައިގެން އިރު، އެތަނުގެ އަހުލުވެރިން ދަނޑުތަކަށް ކާދެއްގެ ގޮތުގައި އިހި އަޅައެވެ.
  3. އެމެރިކާ އަށް އަރައިގެން މީހުން އިއްސަކީ ދަށްފެންވަރުގެ ކާނާއެއް ކަމަށް ދެކެ އެ ކާންދީ އުޅުނީ ގޭގެ ނޯކަރުންނަށާއި ޖަލުމީހުންނަށެވެ.
  4. އިހި ހިފުމަށް ބުޅި ބޭނުން ކުރެއެވެ. ކުރީ ދުވަސްވަރުގައި އިހިމަސް، އެހެން މަސް ބޭނުމަށް އެމަކަށް ބޭނުން ކުރެއެވެ.
  5. އިހީގެ ދަތްތައް ހުންނަނީ އޭގެ ބަނޑުގައެވެ.
  6. އިހީގެ ސިކުޑި، މަސްކާށްޓެއްގެ ސިކުޑިއާ އެއްވަރެވެ. އެއީ އާދަޔާ ޚިލާފަށް ވިސްނުން ދަށް، އިޙްސާސްތައް ކުޑަ ހައިވާނެކެވެ.
  7. މިހާ ހިސާބަށް ހިފުނު އެންމެ ބޮޑު އިހީގެ ދިގުމިނުގައި ހުރީ ގާތްގަޑަކަށް ދެ ފޫޓެވެ. ބަރުދަނުގައި 15 ވަރަކަށް ކިލޯ ހުއްޓެވެ.
  8. އިހީގެ ފައެއް ފަދަ ގުނަވަނެއް، ހޯނެއްގެ ނިގޫ ފަދައިން، ބުރި ވެއްޖެނަމަ، އަލުން ފަޅައެވެ.
  9. ފިނިޤައުމުތަކުގައި އުޅޭ އިހީގައި ވަރަށް ވަރުގަދަ ދެ ދަތްގަޑު ހުރެއެވެ. ބޮޑުވާން 7  އަހަރަށް ވުރެ ގިނަދުވަސް ދެއެވެ. މިއާ ޚިލާފަށް ރާއްޖެފަދަ ޤައުމުތަކުގައި އުޅޭ އިހި މާއަވަހަށް ބޮޑުވެއެވެ.
  10. ކާނާ އާއި ނުރައްކާތެރިކަން އިހި  ދެނެގަތުމަށް ވަސް ބޭނުން ކުރަނީ އާދަޔާ ޚިލާފު ބޮޑު މިންވަރަކަށެވެ.

އަނދަކޮށި

ކޮށްޓަކީ ކޮންމެވެސް އެއްޗެއް ބަންދުވާގޮތަށް ހަތަރެސްކަނަށް ހަބިތަށް ނުވަތަ އެހެންވެސް ސިފައަކަށް ހަދާފައި ހުންނަ އެއްޗެކެވެ. މިސާލަކަށް ގުރާކޮށްޓަކީ ގެންގުޅޭ ގުރާތަކަށް އުދުހިފައި ނުކުމެގެން ނުދެވޭ ގޮތަށް ހަދާފައި ހުންނަ އެއްޗެކެވެ. މަސް ހިފުމުގައި އަދި އެހެން އެއްޗެތި ހިފުމުގައި އެހެން ބާވަތެއްގެ ކޮށްޓެއް ގެންގުޅެއެވެ. އެއީ  ބޭނުންވާ ވައްތަރުގެ ޖަނަވާރު ނުވަތަ އެހެންވެސް މަޚުލޫޤެއް އެއަށް ވަނުމުން ހައްޔަރުވެ، ނުނިކުމެވޭ ގޮތަށް ހުންނަ ކޮށްޓެވެ. މިފަދަ ކޮށްޓަށް މި މަޒުމޫނުގައި އަޅުގަނޑު ކިޔާނީ އަނދަކޮށްޓެވެ. މީދާ ހިފަން ގެންގުޅެނީ އަނދަކޮށްޓެކެވެ. ސައިންސްގެ އެއް އާދަކާދައަކީ ބޭނުންވާ ޚިޔާލު އޮޅުމެއް ނާރާގޮތަށް ބަޔާންކޮށް ދޭހަކޮށްދޭ ލަފުޒުން ވާހަކަ ދެއްކުމެވެ.

އެމެރިކާއަށް އިހި އެތެރެ ކުރި ކަމުގައި ވިއަސް، އިހި ނަގާ ޢަދަދަށް ބަލާއިރު، އެ ޤައުމަކީ އިހިވެރިކަމުގައި ވަރަށް ކުރީގައިވާ ޤައުމެކެވެ. ކޮންމެ އަހަރަކު  50000 ޓަނުގެ އިހި އެމެރިކާއިން ހިފައެވެ. އެމެރިކާގައި އިހިނަގަނީ އަތުން ހިފައިގެންނެއް ނޫނެވެ. ޔޫރަޕުގައި އިހި ހިފަން މީގެ އެތައް ޒަމާނެއްގެ ކުރިން ގެންގުޅުނު އަނދަކޮށްޓެއް އިތުރަށް ތަރައްޤީކޮށް އެ ބޭނުންކޮށްގެންނެވެ. އެމެރިކާއާއި ނިއުޒިލެންޑާއި އިހި ވެރިކަން ކުރާ އެހެން ޤައުމުތަކުގައިވެސް ،އަނދަކޮށި ބޭނުންކޮށްގެން އިހިވެރިކަން ކުރެއެވެ. މިއީ އެންމެ ކާމިޔާބުކޮށް އިހިވެރިކަން ކުރާ ގޮތެވެ.

އަނދަކޮށްޓަކުން އިހިވެރިކަން ކުރާއިރު، މޫދަކަށް އެރޭކަށް ނުޖެހެއެވެ. އިހި ހޯދާކަށް ތަންތަނަކަށް ދުއްވާކަށް ނުޖެހެއެވެ. ވަކި ވަގުތަކު އިހިވެރިކަން ކުރާކަށް ނުޖެހެއެވެ. މިފަސޭހަތަކަށްޓަކައި އަނދަކޮށި ބޭނުންކޮށްގެން އިހިވެރިކަން ކުރެވޭތޯ ރާއްޖޭގައި ތަޖުރިބާތަކެއް ކޮށްލުމަކީ ބޭނުންތެރި ކަމަކަށް ވެދާނެއެވެ.

އަނދަކޮށްޓަކީ ލަކުޑިން ހަދާފައި ހުންނަ ފޮށިގަނޑެކެވެ. އިއްސަށް ވަދެވޭވަރުގެ ދެބާގަނޑެއް މީގައި ހުރެއެވެ. އިހި ހިފުމަށްޓަކައި ކޮށީގެ ތެރޭގައި ކުޑަ ކޮތަޅެއްގައި ނުވަތަ އެހެންވެސް އެއްޗެއްގައި ކޮންމެވެސް އެމެއް (މުށިމަސް) ހަރުކުރެއެވެ. ކޮށި 20 ފޫޓު ފުންމިނުގައި އިހި އުޅޭ ހިސާބުގައި ފައްތާފައި ބަހައްޓައެވެ. ކޮށީގައި ވަލެއް އައްސާ ވައުގައި ބޮއެއެއް ހަރުކޮށް ކޮށިހުރިތަން ފާހަގަ ކުރެއެވެ. އެއްދުވަސް ނުވަތަ އެއަށް ވުރެ ގިނަދުވަސް ކޮށްފައި ކޮށިނަގާއިރު، ކޮށީގައި އިހި ހައްޔަރުވެފައި ތިބެއެވެ. ކޮށީގެ ސައިޒުގެ ގޮތުން ހައެއްކަ އިހި ތިބެދާނެއެވެ.

lobster traps

މަތީގައިވާ ކުރެހުމުގައި އެވަނީ ދެންނެވުނު ފަދަ އިހި އަނދަކޮށި ހެދިދާނޭ ގޮތެކެވެ. ބޭރު ޤައުމުތަކުގައި ކުދި އިހި ހިފުމަކީ މަނާކަމެކެވެ. އެހެންވެ އިހިކޮށީގައި ކުދި އިހި ނިކުމެވޭ ވަރުގެ ޖާގައެއް ބައިންދަން ޖެހެއެވެ. އެއީ ގާތްގަޑަކަށް ދެ އިންޗި އުސް، ދިގުމިނުގައި ދޮޅުފޫޓު ހުންނަވަރުގެ ޖާގައެކެވެ. މި ޖާގަ ބިމަށްވުރެ ހަތަރު އިންޗި އުސްވެގެންނެއް ނުވާނެއެވެ. ކޮށި ނަގާއިރު ބިސްހުރި އިއްސެއްވާނަމަ، އެ އިހި ދޫކޮށްލަންވެސް ޖެހެއެވެ.

އިހި ވަންނަން ހަދާފައި ހުންނަ ލޯވަޅަކީ ހަތަރު އިންޗި އެސްލޯނު ހޮޅިއެއްގެ ފަލަމިނުގައި ހަދާފައިވާ ލޯވަޅެކެވެ. މި ލޯވަޅު ހުންނަނީ އެތެރެފަރާތަށް ގޮނިކޮށް ނުވަތަ އަޑިކޮށްލާފައި ހުންނަ ދާގަނޑެއްގެ ކޮޅުގައެވެ. ހީވާނީ ދޯރިއެއް ނުވަތަ ކޯރިއެއް ހެންނެވެ. ކުރިން ދެންނެވުނުހެން އަނދަކޮށްޓެއްގައި އިހި ވަނުމަށް މިފަދަ ދެ ޖާގައެއް ހުރެދާނެއެވެ. މިޖާގަ ތަކުން ވަދެވޭނީ ކޮށީގެ ”މެދުގެ“ ތެރެއަށެވެ. ހިފިފައިވާ އިހި ތިބެން ހުންނަ ”ކޮޓަރި“ އަށް ވަދެވެނީ އަދި މިފަދަ ދޯރިއެއްހެން ހުންނަ އިތުރު ލޯވަޅަކުންނެވެ. މިގޮތަށް ދެދޯރިއެއް ލުމުން ކޮށިން ހިފޭ އިހިގިނައެވެ.  މަތީގައިވާ ފޮޓޯތަކުން މިކަން ބޮޑަށް ސާފުވެ ވަޑައިގަންނަވާނެއެވެ. ބައެއް އަނދަކޮށި ވަށްކޮށް ހަދާފައި ހުރެއެވެ. އަދި މިހާރަކަށް އައިސް ސައުތު އެފްރިކާގައި ޕްލާސްޓިކް އަނދަކޮށި ބޭނުން ކުރެއެވެ. ނަމަވެސް އެންމެ ގިނައިން އިހި ހިފާމީހުން ގެންގުޅެނީ މަތިވަށްކޮށް ތިރި ހަތަރެސްކަނަށް ހުންނަ ކޮށްޓެކެވެ. މިއީ އާދައިގެ ލަކުޑިން ހަދާ އެއްޗެކެވެ. ފެނުގެ އަޑީގައި ބާއްވަނީ ކޮށީގައި ދެ އެޅިގަލެއް އައްސައިގެންނެވެ.

އާދެ! ދެން އިހި އަނދަކޮށްޓެއް ހަދަމާ ހިނގާށެވެ. ބައެއް ބޭފުޅުންނަށް މީގެ އަނދަކޮށްޓެއް ފޮޓޯތައް ބައްލަވައިގެން ހައްދަވަން އެނގިވަޑައި ގަންނަވާނެއެވެ. އެންމެ ޢާއްމު ސައިޒަކަށް ބޭނުންކުރަނީ ދިގުމިނުގައި 36 އިންޗި، ފުޅާމިނުގައި 24 އިންޗި އަދި އުސްމިނުގައި 17 އިންޗި ހުންނަ އަނދަކޮށްޓެވެ. މަތި ހުންނަނީ ވަށްކޮށެވެ.

  • ވަލުތެރެއަށް ވަނދެ ފަސޭހައިން ލެނބޭ ގަހަކުން ފަލަމިނުގައި ދޮޅު އިންޗި ހުންނަ ވަރުގެ، އަދި ދިގުމިނުގައި ތިންފޫޓު ހުންނަ ގޮފިކަނޑެއް ކަނޑާލާށެވެ. އަނދަކޮށި ހެދުމަށް މީގެ 4 ބުރިވަރު ބޭނުން ވާނެއެވެ.
  • ދެގަނޑިއިރު ވަންދެން އާވިން ހޫނު ކޮށްގެން، މި ބުރިވަރުތައް ވަށްކޮށް ލަބާލާށެވެ. މިއީވަށްކޮށް ހަދާ ”ފުރާޅު ގެ ފައިދޮށަށް“ ހަދާ ބައެކެވެ.  ލަބާލުމަށް ރުކެއްގެ ގަސްކަނދު ބޭނުން ކުރެވިދާނެއެވެ.
  • ދެއިންޗި ދެއިންޗީގެ ދެ ފޫޓު ދިގު ހަތަރު ބުރި ފަތި ހޯދާށެވެ. މި ފަތިތަކުގެ ކޮންމެ ކޮޅެއްގައި  ކޮޅުން އިންޗިއެއް ދޫކޮށް 4/3 އިންޗީގެ ލޯވަޅެއް ކޮޅުގައި އަޅާށެވެ.
  • ދުނިކޮށް ލެބި ގޮފިތަކުން ކޮޅެއް ލޯވަޅަށް ބާނައި އަރިމަތިން އިސްކުރު ޖަހައިގެން ދުނިތައް ހަރުކުރާށެވެ.
  • މިގޮތަށް 4 އެތި ތައްޔާރު ކުރާށެވެ.
  • ބައި އިންޗި ބޯ،  3  ފޫޓު ދިގު ދޮޅު އިންޗި ފަތިބުރިތަކެއް މޮހޮރު ޖަހައިގެން ދުނިތަކުގަ އާއި  ތިރީގައިވާ ފަތިތަކުގައި ހަރުކުރާށެވެ.
  • ހިފޭ އިހިތައް ނަގަން ދޮރުފަތެއް ލާން ޖެހޭނެއެވެ. މިހަދާނީ ފަތިތައް ވަށް ތިނެތިކޮޅުގައި ހަރުކޮށް، ރަބަރުކޮޅަކުން ހުޅެއް ހަދައިގެންނެވެ.
  • އިހި ވަންނަން ބާގަނޑެއް ހެދުމަށް ފަތިތައް ކީހާލާށެވެ.
  • އަރިމަތީގައި ޖަހާނީ ދަލެވެ. އިހި ވަންނަންޖެހޭ ވަށް ލޯވަޅު ނަރުދަލުން ހައްދަވާށެވެ. މިފަދަ ދެލޯވަޅުން ވަދެގެން ނޫނީ އެމާހަމައަށް އިއްސަށް ދެވިގެން ނުވާނެއެވެ.

ސީނުކަރައިގެ ހަރުބަހެއްގައި އެންމެ ތަޞްވީރެއްގައިވެސް 1000 ލަފުޒުގެ ބަރުދަން ހުންނަ ކަމަށް ބުނެއެވެ. އެހެންކަމުން، ލަފުޒުން ސިފަކުރުމަށްވުރެ ގިނަ މައުލޫމާތު ފޮޓޯތަކުން ލިބިވަޑައިގަންނަވާނެ އެވެ.

އިހިކޮށީގައި ޖަހާ ވަލުގެ ދިގުމިނުގައި ހުންނަނީ ބަހައްޓާ ތަނުގެ ފުންމިނުގެ ދޮޅު ގުނައެވެ. ވަލުގެ ކޮޅު އައްސާ ބޮއެއަކީ ލަކުޑިން ވަށްކޮށް ލިއެފައި އޮންނަ އެއްޗެކެވެ. ދިގުމިނަކީ 11 އިންޗިއެވެ. ފަލަމިނުގައި ހައެއްކަ އިންޗި ހުރެއެވެ. މި ބޮއެތައް ހުންނަނީ ރަނގަޅަށް ދަވާދުލާފައެވެ.

މި ޖުމުލައަށް ފިއްތަވާ ލައްވަނިކޮށް، އިހިކޮށި ހަދާގޮތުގެ ޔޫޓިއުބް ވީޑިއޯ އެއް ފެނިވަޑައިގަންނަވާނެއެވެ. އަދި މި ޖުމުލައަށް ފިއްތަވާލައްވަނިކޮށް، ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާއިން ހުށަހަޅާ ކޮށިތަކެއް ފެނިވަޑައިގަންނަވާނެއެވެ.

lobster buoys

އިހިވެރިކަމަށް ގަވާއިދު ހެދުމާއި ރަށު ކައުންސިލް

ކުރިން ދެންނެވިހެން، މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ފާނަވެރިކަން ރަނގަޅަށް ކުރިއެވެ. މާގިނަ ދުވަހެއް ނުވަނީސް، ފާނަތައް ފަރުތަކުން ހުސްވެއްޖެއެވެ. ހުއިފިލަޑާ ނެގި ދުވަސް ވަރެއްވެސް ދިޔައެވެ. މި މަސައްކަތް ކުރާތާ މާ ގިނަ ދުވަހެއް ނުވަނީސް އެކަންވެސް ހިނދެން ފަށައިފިއެވެ. މިކަންކަން ހިނގާ ގޮތާ ދޭތެރޭ ވިސްނާއިރު ފާހަގަ ކުރެވެނީ، އެ މަސައްކަތްތައް ކުރުމަށް ހަމަތަކެއް ހުންނަން ޖެހޭ ކަމެވެ. ފާނަވެރިކަމުގައި އެމަސައްކަތަށް އެތައް ބައެއް ނުކުމެ ހިފޭ ކޮންމެ ސައިޒެއްގެ ފާނައެއް ހިފުމުން މަސްތައް އާލާނުވެ މަސައްކަތް ހުއްޓެއެވެ. ވަގުތީ މުއްސަނދިކަމެއް ލިބުނަސް ދާއިމީ ވަޒީފާ ގެއްލެއެވެ.

އެކްސްޕޯޓު ކުރުމަށް އިހިވެރިކަން ކުރުމުގައި ފާނަވެރިކަމުގައި ދިމާވި މައްސަލަތައް ތަކުރާރު ވެދާނެބާވައެވެ؟

ދެމެހެއްޓެނިވި ގޮތަށް އިހިވެރިކަން ކުރުން ބިނާވެފައިވަނީ އެ މަސައްކަތް ކުރުމަށް އުޞޫލްތަކެއް ޤާއިމް ކުރުމުގެ މައްޗަށެވެ. ބޭރު ޤައުމުތަކުގައި އިހިވެރިކަން ކުރުމުގެ ގަވާއިދުތަކާއި ތަޖުރިބާތަކުގެ މައްޗަށް ބަލައި މިފަދަ އުޞޫލްތަކެއް ހުށަހެޅިދާނެއެވެ. ތިރީގައި މި ދަންނަވާލަނީ މިފަދަ އުޞޫލްތަކެއްގެ ދެލިކޮޕީއެކެވެ.

  • ކޮންމެ ރަށެއްގެ ކޮންމެ ދިމާއެއްގެ ގޮނޑުދޮށުން ފެށިގެން 3 މޭލު ބޭރަށްވާ ސަރަޙައްދަކީ އެ ރަށެއްގެ ރައްޔިތުންގެ މަސްވެރިކަމަށް އޮންނަ ހިސާބެކެވެ. މި ސަރަޙައްދުން އިހި ހިފަންވާނީ ކައުންސިލްގެ ހުއްދަ ލިއުމުން ލިބިގެންނެވެ.
  • ވިޔަފާރި ނޫންގޮތަކަށް އިހި ހިފޭނީ މީހަކަށް ގިނަވެގެން ދުވާލަކު ދެ އިއްސެވެ.
  • ވިޔަފާރީގެ ގޮތަށް އެ ރަށެއްގެ ސަރަޙައްދުން އިހި ހިފުމަށް ރަށު ކައުންސިލުން ލައިސެންސެއް ހޯދަން ޖެހޭނެއެވެ.
  • ލައިސެންސް ދޫކުރެވޭނީ ރަށުގެ ވަށައިގެންވާ ސަރަޙައްދުގެ ޙާލަތުގެ މައްޗަށް ބިނާކޮށް ވަކި ޢަދަދަކަށެވެ.
  • ކޮންމެ މީހެއްގެ އިހިކޮށިތައް ފާހަގަ ކުރުމަށް ވަކި ކުލައެއް ޖެއްސި ބޮއެ އެއް ކޮށީގައި ހަރުކުރަންވާނެއެވެ.
  • ބޮއެ ނެތް އިހިކޮށްޓަކީ ކައުންސިލްގެ އިހިކޮށްޓެކެވެ.
  • އެއް އިހިކޮށްޓާއި އަނެއް އިހިކޮށްޓާއި ދެމެދު މަދުވެގެން 100 ފޫޓު ހުންނަން ވާނެއެވެ.
  • އެއްވެސް ބިހެއްވާ އަންހެން އިއްސެއް ހިފިއްޖެނަމަ އެ ދޫކޮށްލަން ޖެހޭނެއެވެ.
  • އިހީގެ ނިގޫކޮޅުގެ ފުޅާމިނުގައި މަދުވެގެން 2 އިންޗި ނުހުންނަ އިހި ހިފައި، ގަނެ ވިއްކާ ހަދައިގެން ނުވާނެއެވެ.
  • ކޮންމެ އިހިކޮށްޓެއްގައި 18 އިންޗި ދިގު ދެއިންޗި އުސް ޖާގައެއް، ކުދި އިހި ނިކުތުމަށް ހުންނަން ޖެހޭނެއެވެ.

ރާއްޖެއަށް ވުރެ ކުދި ޕެސިފިކްގެ ޖަޒީރާ ޤައުމުތަކުގައި އިހިވެރިކަން ކުރެއެވެ. މިކަމުން ދޭހަވަނީ ރާއްޖޭގައި ވެސް، ވަޒީފާއާއި ތަނަވަސްކަމަށްޓަކައި މިކަން ކުރެވިދާނޭ ކަމެވެ. މިއީ އެކަމުގައި އެތައް ފައިދާތަކެއް އެކުލެވޭ ކަމެކެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފުރިހަމަ ތަނަވަސްކަމެއް ލިބޭނީ އެކްސްޕޯޓު ގިނަ ކޮށްގެންނެވެ. ރާއްޖޭގެ ކޮންމެ ރަށަކީ ރިސޯޓެއް ކަމުގައިވިއަސް، އެކަމުން ގިނަ ދިވެހީންނަށް ކުރާ މަންފާއަށް ވުރެ ރަނގަޅު މަންފާއެއް ކަނޑާ ބެހޭ މަސައްކަތްތަކުން ހޯދިދާނެއެވެ. ރިސޯޓެއްގެ ނޯކިރީކަމާ ކުރިމަތިލާ މީހުން ވިސްނަންވީ، ރިސޯޓުތައް ހިންގާ މީހުން ބޭނުންވާނީ މުވައްޒަފުންގެ ޚަރަދުތައް ވީ އެންމެ ކުޑަ ކޮށް، އެމީހުންނަށް ލިބޭ ފައިދާ އިތުރު ކުރަން ކަމެވެ. ދުނިޔޭގެ ސިޔާސީ އަދި އިޤްތިޞާދީ މަސްރަހަށް އަންނަ ހެލުމަކުން، ރިސޯޓް ވަޒީފާ ވަރަށް ފަސޭހައިން ގެއްލިދާނެއެވެ. ކުރިއަރާފައިވާ ޤައުމުތަކާ އަޅާ ބަލާއިރު، ބޭރު މަސައްކަތު މީހުން ރާއްޖެއަށް ގެނެވޭލެއް ފަސޭހަ ކަމުންނާއި އެހެން ސަބަބުތަކާހެދި، މަދުބައެއް ފިޔަވައި ގިނަ ދިވެހީންނަށް ރިސޯޓު ނޯކިރީ ކަމަކީ އެންމެ އެދެވޭ، ދިރިއުޅުމަށްޓަކައި ކުރަން ރަނގަޅު ދާއިމީ ވަޒީފާއަކަށް ވެފައެއް ނެތެވެ.

އަޅުގަނޑުމެންނަކީ ކަނޑުގެ އަހުލުވެރިންނެވެ. ހާތަކުގެ މީހުންނެވެ. ފަރުވެރިންނެވެ. އަޅުގަނޑުމެން އެނބުރެންވީ ކަނޑާ ދިމާ އަށެވެ. ގިނަ ދިވެހީންގެ ރޯދި ބަރަކާތާއި ރިޒުގުވަނީ އެދިމާގައެވެ.

More traps of lobster