ވޭތިވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ތެދަށް ޖަހާފައި ހުންނަ ޕްލާސްޓިކް ހޮޅީގެ ވަށައިގެން ލޯވަޅު އަޅައި ގަސް ހައްދާ ހެއްދުން ގިނަވަމުން އެބަދެއެވެ. މިއީ ހައިޑްރޮޕޮނިކްސް އުސޫލުން ގަސް ހައްދާގޮތެކެވެ. އާދެ! އެއީ ގަހަށް ބޭނުންވާ ހުރިހާ ކަނާދެއް (ކާދުގެ ހުރިހާ ބާވަތެއް) ފެނަށް އަޅައިގެން އެ ފެނުން ގަހުގެ މޫތައް ތެތްމައިގެން ގަސް ހައްދާ ގޮތެކެވެ. މި އުސޫލުން ހައްދަނީ ޢާއްމުކޮށް ތަރުކާރީގެ ބާވަތްތަކެވެ. ނަމަވެސް، މިގޮތަށް ގިތެޔޮ މިރުސް ރާއްޖެ ފަދަ ހޫނު ޤައުމެއްގައި ހައްދާ ޚަބަރު ދާދި އިހަކަށް ދުވަހު ފެތުރިފައި ވެއެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާނީ މިކަން ކުރާ ގޮތެވެ. މިއީ އަޖުމަބެލުމުގެ ގޮތުން ރާއްޖޭގައި މިރުސް ހައްދަން ރަނގަޅު ގޮތަކަށް ވެދާނެއެވެ.
މިކަން ކުރާގޮތް ދެނެގަތުމަށް ފަހަކަށް އައިސް ބައެއް މީހުން ޖަޕާނު ރޯސް ހައްދާ ގޮތާމެދު ވިސްނަވާށެވެ. މަތީގައި އެވަނީ މާލޭގެ ހޮނިހިރު ގަސްބާޒާރުގައި ވިއްކަން ހުރި އެއްޗެކެވެ. އޭގައި ވަނީ ތިން އިންޗި އެސްލޯނު ހޮޅިއެއްގެ ވަށައިގެން ލޯވަޅުތޮރުފައި، ވެލިއަޅައި ޖަޕާނުރޯސް އިންދާފައެވެ. މިފޮޓޯ ނަގާފައިވަނީ ހެނދުނު 6 ޖެހިއިރެވެ. ދަމެއްހާ ތަނަށް އިރު އަރައި، މާފޮޅުމުން މި ހޮޅި ހުންނާނޭ ގޮތާ މެދު ވިސްނަވާށެވެ! އާދެ! މުޅި ހޮޅި ހުންނާނީ މަލުން ފޮރުވިފައެވެ ދެން މިފަދަ ހައެއްކަ ފޫޓު ދިގު ހަތަރު އިންޗި ފުޅާ ލޯވަޅު އެޅި ހޮޅިތަކެއް ބިމަށް ޖަހައި، މައު އެޅުމުން ހުންނާނޭ ގޮތް ޚިޔާލަށް ގެންނަވާށެވެ.
މެދުއަތި (ގަސްހަައްދާ ދޮރުމަތި) ތަނަވަސް ގޯތިތަކުގައި މިކަން ކޮށްފިނަމަ، ގަސްތައް ފެންނަ ކޮންމެ ހިނދަކު ލޮލަށާއި ރޫޙަށް ފިނިކަމާއި ތާޒާކަން ގެނުވާނެއެވެ. ރަށު ކައުންސިލްތަކާއި އެފަދަ އެހެން ތަންތަނުން، އުކާލާ އެސްލޯން ހޮޅިތައް ބޭނުންކޮށްގެން ކޮންމެ ތަނަކު ހެދޭ ޖަޕާނު ރޯސް، މަލިކުރުވާ ފަދަ ގަސްހައްދައި ވެށި ނަލަކުރަން އަތްކުރި އޮޅާލަމާ ތޯއެވެ؟
ޓަވަރުގައި (ތެދަށް ޖަހާފައި ހުންނަ ހޮޅީގައި) ނޫނަސް މަތިމައްޗަށް ގަސް ހައްދަައެވެ. މިގޮތަށް ގަސް ހެއްދުމަށް ބޭނުންކުރަނީ ކޮންމެވެސް ބާވަތެއްގެ ކަންވާރެކެވެ. އެ ދެން ފާރެއް، ފުޅަފެއް، ހަރެއް ފަދަ ތަނެއްގައި ހަރުކުރަނީއެވެ. ފަހަކަށް އައިސް ”ފެހި ފާރު“ ގެ ގޮތުގައި ބިތެއް ނިވާވަންދެން މަތި މައްޗަށް ގަސް ހައްދައެވެ. ޖާގަ ކުޑަ ނަމަ، މަތިމައްޗަށް ގަސްޖެހުމަކީ ގިނަ ގަސް ހެއްދޭނޭ ކަމެކެވެ.
އުސްކޮށް ހުންނަ ހޮޅިފަދަ ތަކެތީގައި ގަސް ހެއްދުމަށް ކިޔަނީ ޓަވަރ ގާޑްނިން އެވެ. އިނގިރޭސިބަހުން ޓަވަރ ކިޔަނީ އޭގެ ފުލުގެ ބޮޑުމިނަށް ވުރެ އުސް ޢިމާރާތްތަކަށެވެ. މިސާލެއްގެ ގޮތުން މުންނާރަކީ ޓަވަރެކެވެ. ޓަވަރ އަށް ޢަރަބި ބަހުން ކިޔަނީ ބުރުޖު އެވެ. ބުރުޖު ޚަލީފާ އަކީ ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް ޢިމާރާތެވެ. މާލޭގައި ހުންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ ޢިމާރާތަކީ ޓަވަރ އެކެވެ. ދިވެހި ޅެމެއްގައި ހިމެނޭ މިރްޞާދު އަކީ ތަންތަން (މިސާލަކަށް ބަޔަކު އުޅޭގޮތް) ބަލަން މަތީގައި ހަދާފައި ހުންނަ އުސް ޓަވަރެއް ފަދަ އެއްޗެކެވެ. ޅެމެއްގައި ވެއެވެ.
ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރްޞާދުގައި
ހާލިޤުލް ކަޢުނައިނި ވާކަން ނޭނގެނީތަ، އަޖައިބެކޭ!
އޮލަނބަށް ހުންނަ ޕްލާސްޓިކް ހޮޅީގައި ގަސް ހެއްދުމުގައި — ޓަވަރ ގާޑްނިން ގައި — އެތައް މަންފާތަކެއް ވެއެވެ. ކަމާ މެދު ފިކުރުކުރެއްވުމުން މިކަމުގެ އެންމެ ބޮޑު މަންފާ ކިޔުންތެރީންނަށް ފާހަގަ ކުރެއްވޭނެއެވެ. އާދެ! އެއީ ކުޑަ ޖާގައެއްގައި ގިނަ ގަސް ހެއްދޭގޮތް ވުމެވެ. ރާއްޖެ ފަދަ ބިން މަދު ޤައުމަކަށް ވަރަށް ލާއިޤު ގޮތެކެވެ. ޓަވަރުގައި ގަސް ހެއްދުމުގައި އެހެން މަންފާތައް ވެސް ވެއެވެ. މިގޮތުން، ގަސްތައް ބެލެހެއްޓުމަށް ބޭނުންވާ މީހުންގެ ޢަދަދު މަދުވާނެއެވެ. ފެން ބޭނުންވާ މިންވަރު މަދުވާނެއެވެ. އިލެކްޓްރިކް ހަކަތަ އާއި، ގަހަށް ޖަހާ ބޭސް ބޭނުންވާ މިންވަރު ވެސް މަދުވާނެއެވެ. މީގެ އިތުރަށް، ހިޔާކުރާނަމަ، ހިޔާކުރަން ހޭދަވާ ޚަރަދުވެސް ވަރަށް ބޮޑުތަން ކުޑަވާނެއެވެ. މިފަދަ ޓަވަރުތަކުގައި ގިނައިން މީހުން ގަސް ހައްދަނީ ކަނާދުއެޅި ފެން ބޭނުންކޮށްގެން ވެއްޔާ ނުލައެވެ. މިކަމުގައި ހުރި ޚާއްޞަ މަންފާތައް ފަހުން ދަންނަވާނަމެވެ.
ދިގުކޮށް ހުންނަ ކޮޅަށް ޖެހޭ ހޮއެ ހުންނަ ކޮންމެ އެއްޗަކުން ޓަވަރެއް ހެދިދާނެއެވެ. ޕްލާސްޓިކް ގޯންޏާއި ޕްލާސްޓިކު ހަމުންނެވެ. ދިގު ހޮޅިންނެވެ. ބޭނުންވާނީ ވެލި އަޅައި، އަރިމަތީގައި ގަސް އިންދާނޭ ލޯވަޅު ކެނޑުމެވެ. ބައެއް މީހުން ޕްލާސްޓިކް ފުޅިފަދަ ތަކެތި އެކަތި މަތީ އަނެކަތި ޖަހައި ހަދަތެވެ. ނަމަވެސް އެންމެ ގިނަ މީހުން ޓަވަރު ހަދަނީ ޕްލާސްޓިކް ހޮޅިންނެވެ. މި ހޮޅި ހުންނަނީ އަވިން ހޫނުވުން ކުޑަކުރުމަށް ހުދު ކުލަ ލާފައެވެ. ހުދުކުލައިގެ ހޮޅިވެސް މިކަމަށް ބޭނުން ކުރެއެވެ.
އޮލަނބަށް ހުންނަ ޕްލާސްޓިކް ހޮޅީގައި ގަސްހޮޅިތައް ބިމަށް ޖެހުމަށް ފަހު، ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދެވޭގޮތަށް ބޮޑު ބާލިދީއެއްފަދަ ކަންވާރަކަށް ޖެހުމަށް ފަހު، ވެލިއަޅައި ގަސް އިންދަނީ އެވެ. ފެން އަޅަނީ ހޮޅީގެ މައްޗަށެވެ. ބައެއް މީހުން ހޮޅިއަށް ވެލި އެޅުމުގެ ކުރިން ގަހަން ފެން ޖެހޭގޮތަށް އެތެރެއަށް ހިމަ ހޮޅިއެއް ލައެވެ.
ބިމުގައި ޖަހަން ހޮޅި ހަދާނަމަ، ހޮޅީގެ މައްޗަށް ފެން އަޅަން އުނދަގޫވާނެތީ، ބައި އިންޗީގެ އެސްލޯން ހޮޅިއެއް ލުން ބޭނުންތެރިވާނެއެވެ. މި ހޮޅި އިސްކުރެއްލައި ގުޅާނީ ފެން ހުންނަ ހޮޅިއަކާއެވެ. ހޮޅީގެ ތެރެއަށް ހުސް ވެލި އެޅުމަށް ވުރެ ބޮނބިކުނޑި ފަދަ އެއްޗެއް ވެއްޔާ އެއްކޮށް އެޅުމުން ވެލިގަނޑު ހަރުވުން ކުޑަވާނެއެވެ.
ޓަވަރުގައި ގިނަ މީހުން ގަސް ހައްދަނީ ހައިޑްރޮޕޮނިކްސްގެ އުސޫލުންނެވެ. ވެލި އެއްވެސް ގޮތަށް ބޭނުމެއް ނުކުރެއެވެ. އެހެން ކަމުން ދެން ދަންނަވާނީ ޓަވަރުގައި ހައިޑްރޮޕޮނިކްސްގެ އުސޫލުން ގަސް ހައްދާ ގޮތެވެ.
ހައިޑްރޮޕޮނިކްސް ޓަވަރު
ހައިޑްރޮޕޮނިކްސް ޓަވަރު ހަދާފައި ހުންނަ ގޮތުގައި، ހޮޅީގެ ތެރެއަށް އެއްވެސް ގޮތަކަށް ވެއްޔެއް ނާޅައެވެ. ހޮޅި ހުންނަނީ އިހުގައި ހެދުން ދޮންނަން ގެންގުޅޭ ފަދަ ބޮޑު ތައްޓެއްގައި ބަހައްޓާފައެވެ. ތަށީގައި މަކުޑިން ނުވަތަ އިސްކުރުން އަރިނާޅާނޭ ގޮތަށް ހޮޅި ހަރުކޮށް ތަށީގައި މަތިޖަހައެވެ. އެއީ ތަށީގެ ތެރެއަށް އެއްވެސް ބަލި ޖެހޭ ބާވަތުގެ ސުއިއްޕެއް ވަނަ ނުދިނުމަށެވެ. މަސް ޓޭންކަށް ލާބާވަތުގެ ކުޑަ ޕަންޕެއް ތަށީގެ ތެރެއަށް ލައެވެ. ޕަންޕުގެ ފެންބޭރުވާ ކޮޅު ހުންނަނީ ޓަވަރުގެ އެންމެ މަތީގައިވާ ލޯވަޅު ތޮރުފި ތައްޓަކަށް ލާފައެވެ. ތަށީގެ ތެރެއަށް ހުންނަނީ ހައިޑްރޮޕޮނިކްސްގައި ބޭނުން ކުރާ ބާވަތުގެ ކަނާދު ފެން އަޅާފައެވެ. ޕަންޕު ހިންގާލުމުން މަތީގައިވާ ލޯވަލު ތޮރުފި ތަށިން މަޑުމަޑުން ތިކިތިއްކަން ފެން ފައިބައެވެ. ހޮޅީގައި އިންދާފައި ހުރި ގަސްތަކުގެ މޫތަކުގައި މި ފެން ޖެހި، ގަހަށް ބޭނުންވާ ކަނާދާއި އޮކްސިޖަން ގަހަށް ލިބެއެވެ. ތިރީގައިވާ ކުރެހުމަށް ވިސްނަވާށެވެ. ފޮޓޯ ޑައުންލޯޑުވާން އިރުކޮޅެއް ނަގާނެތީ ކެތްތެރިކަން އިސްކުރައްވާށެވެ.
ޓަވަރުގައި ގަސް ހައްދާއިރު އޭގެ ޕަންޕު ހިންގަނީ އިރުއިރު ކޮޅާއެވެ. މިކަން ކުރަނީ ޓައިމަރެއް ބޭނުންކޮށްގެންނެވެ. ޕަންޕު ހިންގަނީ 3 މިނެއްޓު ވަންދެންނެވެ. ދެން ޖެހޭނީ 12 މިނެއްޓު ވަންދެން ނުޖެހި ހުރުމަށް ފަހުއެވެ. އެހެންކަމުން ގަޑިއެއްގެ ތެރޭގައި ޕަންޕު ހިނގާނީ 12 މިނެއްޓުއެވެ. ޕަންޕު ނުހިނގާއިރު، ގަހުގެ މޫތައް ހުންނާނި ހޮޅީގެ ތެރޭގައިވާ ތެތް ވައިގައި އެލިފައެވެ. މި ވައިގައި އޮކްސިޖަން ހުންނާތީ މޫތަކުން ގަހަށް އޮކްސިޖަން ލިބޭނެއެވެ. ފެން ތިކިތައް ފައިބަނީ ވައިގެ ތެރެއިން ކަމަށްވާތީ ފެންތިކިތަކުގައި ވެސް އޮކްސިޖަން ގިނަވާނެއެވެ. އެހެންކަމުން މޫތަކަށް ވަރަށް އޮކްސިޖަން ލިބޭނެއެވެ. މިގޮތަށް އޮކްސިޖަން ގިނަ ތެތްވައިގައި މޫތައް ހުންނަ ހައިޑްރޮޕޮނިކްސް ނިޒާމަކީ، ފެނުގައި މޫތައް ހުންނަ ނިޒާމުތަކަށް ވުރެ ގަސްހެދުން ރަނގަޅު ބާވަތެކެވެ. ވައިގައި ތެރޭގައި ގިނައިރު މޫތައް ހުންނަ ނިޒާމަށް ކިޔަނީ އެއިރޮޕޮނިކްސް (aeroponics) އެވެ. މި ބާވަތުގެ ނިޒާމުގައި ހައްދާ ގަސްގަހުގައި، ހަށިގަނޑު ބަލިތަކާ ދުރުކުރާ މާއްދާތައް (antioxidants and phenolics) ގިނައެވެ. ގަސް ހެދޭ މިންވަރު %35 އިތުރެވެ. ފެން ބޭނުންކުރަންޖެހޭ މިންވަރު އެހެން ނިޒާމުތަކާ އަޅާ ބަލާއިރު %40 ދަށެވެ. މިވާހަކަތައް މިއަށް ވުރެ ތަފްޞީލްކޮށް މި ލިންކުން ފެންނަ މަޒުމޫނުގައި ވެއެވެ.
ޞިނާޢީ ފެންވަރުގައި މިކަން ކުރާނަމަ، ހުރިހާ ބުޑުތަކަށް ފެން އަޅަނީ ބޮޑު ޓޭންކަކުންނެވެ. މިގޮތުގައި އެކި މާއްދާތައް ކޮންޓްރޯލް ކުރަން ފަސޭހަވާނެއެވެ.
ޓަވަރުގައި ގިތެޔޮ މިރުސް ހެއްދުން
ޓަވަރުގައި ފަސޭހަ ކަމާއެކު ގިތެޔޮ މިރުސް ހެއްދެއެވެ. އަޅުގަނޑު މި ވާހަކަ އެންމެ ފުރަތަމަ ދުށި ރާއްޖެ ފަދަ ޖަޒީރާ ޤައުމެއް ކަމުގައިވާ ޖެމެއިކާގައި ފަގުޑި ގިތެޔޮ މިރުސް (scotch bonnet) ހައްދަމުން ގެންދާ ވާހަކަ ލިޔެފައިވާ ޚަބަރަކުންނެވެ. ޖެމެއިކާގައި މިކަން ކުރަނީ ގްރީން ހައުސް އެއްގައެއް ވެސް ނޫނެވެ. ސާފުކޮށްފައި އޮންނަ ހުސް ބިމެއްގައެވެ. އެހެންކަމުން، މިކަމަކީ ރާއްޖޭގައި ވެސް ކުރެވިދާނޭ ކަމެއް ކަމަށް ލަފާ ކުރެވެއެވެ.
މިރުސް ހެއްދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަކީ ބަލިތަކުން ރައްކާތެރިވުމަށް މިހައްދާ ތަނަށް ވަދެ އުޅުމުގައި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމެވެ. އެންމެ ރަނގަޅުވާނީ ފެހިގެއެއްގައި ހެއްދުމެވެ. އޭރުން ބަލިޖެހުން ސަފުން ދުރުވާނެއެވެ.
ޓަވަރު ވިއްކަނީ އުސްމިން މަތިވި ވަރަކަށް އަގު ބޮޑުވާ ގޮތަށެވެ. އަލީއެކްސްޕްރެސް އިން އަގު ބެލިއިރު، ފަސް ފޫޓު ހުންނަ ވަރުގެ އެއްޗެއް (ޕަންޕާއި އެހެން ސާމާނުތަކާ އެކު) ދިވެހި 1000 ރުފިޔާއަށް ލިބެއެވެ. ނަމަވެސް ޕޯސްޓުގެ އަގު އެތީގެ އަގަށް ވުރެ ފަސްގުނަ ބޮޑެވެ. ސްރީ ލަންކާ ފަދަ ކައިރި ޤައުމަކުން އަގުހެޔޮވާނެކަމަށް ލަފާ ކުރެވެއެވެ. އަޖުމަ ބަލަން އެންެމެެ ރަނގަޅުވާނީ އަމިއްލައަށް އެއްޗެއް ހެދުމެވެ.
Leave A Comment