ރަށްފުށުގެ ތަނަވަސް ކަމަށް އައު މަގެއް
ފެންކައްކާ ބޮލީގެ ފަޅުގޮވިކަން
ފެންކައްކާ ބޮއްޔަކީ، ދުނިޔޭގެ އެއް ޤައުމެއްގައި އާލާކޮށްގެން ކައި އެކުސްޕޯޓް ކުރާ އެއްޗެކެވެ. އެ ޤައުމަކީ ދިވެހިރާއްޖެއާ ވަރަށް ވައްތަރު ޤައުމެކެވެ. ފެންކައްކާ ބޮލި ދިވެހި ފަޅުތަކުގައި، ބިންބި ފަދަ ތަކެތި ގޮވާން ކުރާގޮތަށް، ދިރުވައި ގިނަކޮށް ބޮޑުކޮށްގެން އެކްސްޕޯޓް ކުރުމަކީ، އެކަންކުރާ ބަޔަކަށް ނުހަނު ފައިދާވާނޭ ކަމެކެވެ.
މި މަޒުމޫނުގައި ދަންނަވާލާނީ، ފެންކައްކާބޮއްޔާއި އެ އާލާކޮށް ގިނަކުރުމާ ބެހޭ މަޢުލޫމާތެވެ.
މިފޮޓޯ އަށް ބަލައިލުމުން ފެންކައްކާ ބޮލީގެ މަހުގައި ވަކިގަނޑެއްހެން ހީވާ ފައެއް ވާކަން ފާހަގަ ވެއެވެ. ބޮލި ޙަރަކާތް ކުރަނީ މި ފައިގެ ބާރުގައެވެ.
ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާ އާ ދޭތެރޭގައިވާ ކެރިބިއަން ޤައުމުތަކުގެ މައިގަނޑު އެއް ކެއުމަކަށް ވެފައިވަނީ ފެންކައްކާ ބޮލީގެ މަހެވެ. މި ބޮލީގެ މަސް ބޭރު ޤައުމުތަކަށް އެކްސްޕޯޓް ކުރެއެވެ. އަދި އެ މަސް ވެފައިވަނީ ޓުއަރިސްޓުންނަށް ވަރަށް މީރު އެއްޗަކަށެވެ. އަގުބޮޑު އެއްޗަކަށެވެ. މި ބޮލި ނަގާލެއް ގިނަކަމުން، ފަހަކަށް އައިސް، އެ ސަރަޙައްދުގެ ދިވެހިރާއްޖެއާ ވަރަށް ވައްތަރު ޤައުމެއްކަމުގައިވާ ޓާރކް އެންޑް ކެއިކޮސްގެ ފަޅެއްގައި މި ބޮލި އާލާކުރަން ފަށާފައި ވެއެވެ. އަޅުގަނޑަށް ހީވާގޮތުން، ބިންބި ފަދަ ތަކެތި ދަނޑުގައި ގޮވާންކުރާގޮތަށް، އެޖަޒީރާ ޤައުމުގެ މީހުން އެކަން ކުރާގޮތަށް ދިވެހީން ވެސް މިބޮލީގެ ފަޅުގޮވިކަން ކުރާނަމަ، ރާއްޖެތެރޭގެ ތަނަވަސްކަން އިތުރުވާނެއެވެ.
ފެންކައްކާ ބޮއްޔަށް ދިވެހީން ކިޔާ ޚާއްޞަ ނަމެއް އޮވެއެވެ. ނަމަވެސް، މި ބޮލީގެ ޢާއްމު ނަމަކީ ފެންކައްކާ ބޮއްޔެވެ. އައްޑޫ އަތޮޅުގެ މީހުން ބޮނޑަބޮލި މިހެން ވެސް ކިޔައެވެ. ބޮނޑަ އަކީ އައްޑޫ ބަހުރުވައިން ބޮޑު އެވެ. ނަމަވެސް، މާލެބަހުން ބޮޑުބޮލި ކިޔަނީ ހަނގުބޭކަލުންނަށް މުސާރައަކަށް އަހަރަކު އެއްފަހަރު ދޭ އާދައިގެ ބޮއްޔަށެވެ. އެހެންކަމުން އައްޑޫ ބޮނޑަބޮއްޔަކީ ޚާއްޞަނަމެކެވެ. ކެރިބިއަން މީހުން މި ބޮއްޔަށް ކިޔާ ނަމަކީ ލަންބި އެވެ. މާލޭމީހުން މި ބޮއްޔަށް ކިޔާ ޚާއްޞަނަން މި ވަގުތު ހޯދަން ދަތިކަމުން އަޅުގަނޑު މި ބާވަތުގެ ބޮއްޔަށް ކިޔާނީ ލަންބި އެވެ. މަޒުމޫނު ކިޔުއްވާ ފަރާތަށް ނަން އެނގިވަޑައިގަންނަވާ ނަމަ، އަންގާލަދެއްވުން އެދެމެވެ. މާލެބަހުރުވައިން ފެންކައްކާ ބޮލި ކިޔާ ސަބަބަކީ، ކަރުވިހަ ފަދަ ވިހައަށް ބޭސްފެނެއް މި ބޮއްޔަށް އަޅައިގެން ކައްކާތީކަމަށް ބަސްފޮތުގައި ވެއެވެ. އަދި މި ބޮލި އުޅެނީ ވިލުދޮޅީގައި (ވިލާއި ފަޅު ގުޅުނު ހިސާބުގައި) ނުވަތަ ދޮންފަޅުގައި ކަމަށް ވެސް ލިޔެފައި ވެއެވެ. ދިވެހިބަހުން، މަޖާޒީ މާނައިގައި، އެމީހެއްގެ ބޭނުމެއް ޖެހުނީމާ، ކަމޭ ހިތައިގެން އުޅެފައި ބޭނުން ކެނޑުނީމާ އަޅާނުލާ ތިބޭ މީހުންނަށް ފެންކައްކާ ބޮލި ކިޔައެވެ.
ރާއްޖޭގައި ދެތިން ބާވަތުގެ ލަންބި އުޅެއެވެ. ގައިމުވެސް ދެ ބާވަތް އުޅެއެވެ. އެއް ބާވަތުގެ އަނގަމަތީގައި ކަޅުކުލައިގެ ކުރެހުންގަނޑެއް ހުރެއެވެ. އަނެއް ބާވަތުގައި ހުންނަނީ ތިކިތަކެކެވެ. ތިރީގައި އެވަނީ މި ދެބާވަތުގެ ފޮޓޯއެވެ. މި ދެބާވަތަށް ވެސް އިނގިރޭސި ބަހުން ކިޔަނީ އެއް ނަމެކެވެ. ކްއީން ހެލްމެޓް ކޮންކް އެވެ. ކުލައިން ނަން ތަފާތުކުރަނީއެވެ.
މަތީގައިވާ ދެ ފޮޓޯއަކީ އިންޓަރނެޓުން ނަގާފައިވާ ފޮޓޯކަމުން، ދިވެހި ލަންބި ހުންނަގޮތް ބެލުމަށް ޓުއަރިސްޓުންގެ ފިހާރައަކަށް ގޮސް ފޮޓޯ ނެގީމެވެ. އެ ފޮޓޯ ތިރީގައި އެވަނީ އެވެ. އެއްޗެއްގެ އަގު އެހުމުން ސޭޓުބުނީ އެއްޗެއް -/250 ރުފިޔާ އަށް ކަމަށެވެ.
މަތީގައިވާ ދެ ފޮޓޯ އަޅާކިޔުމުން މި ބާވަތުގެ ބޮއްޔަށް އިނގިރޭސިބަހުން ކިޔާ ނަމަކީ queen helmet conch ”ކްއީން ހެލްމެޓް ކޮންކް“ ކަން ޔަޤީން ވެއެވެ. މި ނަން ކިޔާ ސަބަބަކީ ހެލްމެޓަކާ ވައްތަރުކަމުން ކަމަށް ވެސް ލަފާކުރެވެއެވެ. އިނގިރޭސި ބަހުން ފަހު ލަފުޒު ch އަކުރުން ނިމުނު ކަމުގައި ވިއަސް ކިޔަނީ ކާފު ގެ އަޑުންނެވެ. ޗަވިޔަނީގެ އަޑަކުން ނޫނެވެ.
ޓާރކް އެންޑް ކެއިކޮސް ޖަޒީރާ ޤައުމުގައި ކެއުމަށް ބޭނުންކުރާ ބޮއްޔަކީ ދިވެހި ލަންބި އާ ވައްތަރު ނަމަވެސް ތަފާތު އެއްޗެކެވެ. އޭގެ ނަމަކީ ”ކްއީން ކޮންކް“ އެވެ. އޭގެ ބޮއްޔެއް ތިރީގައި އެވަނީ އެވެ.
![queen-conch-half-moon-bay_540x360](https://www.hassanhameed.com/wp-content/uploads/2018/11/queen-conch-half-moon-bay_540x360.jpg)
ކެރިބިއަން ޤައުމުތަކުގައި އުޅޭ ކްއީން ކޮންކް ނުވަތަ ލަންބި އާ ދިވެހި ފެންކައްކާ ބޮއްޔާ ހުރި ތަފާތަކީ ކޮބައިތޯއެވެ؟ ކުލައަށް ބަލާއިރު، ބޭރު ވައްތަރުގައި ފިޔާތޮށިކުލަ ގިނައެވެ. ދިވެހި ބޮލީގެ ކުލައަކީ ދޮންފަޅޯ ކުލައެވެ. ކައިރިފަށަށް ބަލާއިރު، ދިވެހި ބޮލީގެ ކައިރިފަށް އޮމާނެވެ. ބޭރު ވައްތަރު ގައި ތުނޑުތުނޑު ހުރެއެވެ. އެއްވެސް ބޭފުޅަކަށް ބޭރު ބޮލި ރާއްޖޭގެ ފަޅުތަކުން ފެނިވަޑައިގެންފައި ވޭތޯއެވެ؟ ނުވާނަމަ ނެތީއެވެ. މިވީ ދިވެހިރާއްޖެއަށް އާލާކުރާށެވެ. މިއީ ރާއްޖޭގެ ފަޅުތަކާ ވަރަށް ގުޅޭ އެއްޗެކެވެ. އުފެދުނީ ކެރިބިއަން ގައި ކަމަށްވާތީ އެހެން ހިސާބުތަކަށް، ދިވެހި ބޮލި ފަދައިން، ގޮސްފައި ނުވަނީ އެވެ. ކުލައާއި ބައްޓަމާ ތަފާތު ވާގޮތަށް މި ބާވަތުގެ އަނެއް ތަފާތަކީ ލަންބި މާ އަވަހަށް ގިނަވާ ކަމެވެ. ކެރިބިއަންގެ މީހުން މި ބޮލީގެ ވިޔަފާރިކޮށް، މަސްކާތާ އެތައް ސަތޭކަ އަހަރު ވީއިރުވެސް ހުސްނުވަނީ ގިނަވާލެއް އަވަސް ކަމުންނެވެ. މި ބާވަތުގެ ބޮލީގެ އަނެއް ފައިދާ އަކީ، ބައެއް މަދު ފަހަރު، މި ބޮލީގެ ތެރެއިން މުތް (މަރުވާރީދު ނުވަތަ ލުއުލުއު) ފެންނަކެމެވެ. އެ ހުންނަނީ ފިޔާތޮށިކުލައިގައެވެ. މި ބޮލީގެ މުތެއްގެ އަގަކީ 1000 ޑޮލަރާއި 10000 ޑޮލަރާ ދެމެދުގެ އަގެކެވެ. ތިރީގައި އެވަނީ ލަންބީގެ މުތެވެ.
![conch-pearl-jewellery_20181124_103020](https://www.hassanhameed.com/wp-content/uploads/2018/11/conch-pearl-jewellery_20181124_103020.jpg)
ކެރިބިއަން ލަންބީގެ ކުލައަކީ ރީތި ފިޔާތޮށި ކުލައެއް ކަމުން، ބޮލީގެ ތޮށިގަނޑުން ގަހަނާ ހަދައި އުޅެއެވެ. މިގޮތުގެ މަތިން ކަރާއި އަތުގައި އަޅާ އެކި ބާވަތުގެ ގަހަނާ ހަދައެވެ. ލަންބީގެ ތޮށިގަނޑަކީ އާދަޔާ ޚިލާފަށް ވަރުގަދަ އެއްޗެކެވެ. އެއީ އެ އެކުލެވިގެންވަނީ އެކި ދިމާއަށް ކީލި ހުންނަ ފަށަލަތަކަކުންކަމަށް މިި ޚަބަރުގައި ބުނެއެވެ. އަޅުގަނޑަށް ވިސްނޭގޮތުން، ރާއްޖޭގެ ބޮލިންވެސް ގަހަނާ ހެދޭނެއެވެ. ރާއްޖޭގެ ބޮލިން ހަދާ ތަކެތި ހުންނާނީ ރީތި ދޮންފަޅޯ ކުލައެއްގައެވެ. ލަންބީގެ ތޮށި އަންދައިގެން އުވައާއި ކެލްސިއަމް ހިމެނޭ ބޭސް ވެސް ހަދައެވެ.
![conch_shell_jewellery](https://www.hassanhameed.com/wp-content/uploads/2018/11/conch_shell_jewellery.jpg)
ކާނާގެ ގޮތުގައި ލަންބި
ކްއީން ކޮންކް ނުވަތަ ކެރިބިއަން ލަންބި އެ ސަރަޙައްދުގެ އަހުލުވެރީން މައިގަނޑު ކެއުމަކަށް ކާތާ މިހާރު އެއް ހާސް އަހަރު ވެއްޖެއެވެ. ފޮތްތަކުގައި ލިޔެފައި ހުންނަ ގޮތުން، މި ސަރަޙައްދުގެ ޤައުމުތަކަކީ ޖަޒީރާ ޤައުމުތަކެއް ކަމުގައި ވިއަސް، ކިތަންމެ ޤައުމެއްގައި މައިގަނޑު މަހެއްގެ ގޮތުގައި ބޭނުން ކުރަނީ މި ބޮއްޔެވެ. ލަންބީގެ މައިގަނޑު ބޭނުމަކީ ވެސް ކެއުމަށް ބޭނުން ކުރުމެވެ. މީގެ މަހަކީ ހުދުކުލައިގައި ހުންނަ ހަރު މަހެކެވެ. ދިވެހީން ކަޅުބިލަ މަހުން ތަފާތު އެކި ކާނާ ތައްޔާރު ކުރާ ފަދައިން، އެމީހުން އެތައް ބާވަތެއްގެ ކާތަކެތި ލަންބިން ތައްޔާރުކުރެއެވެ. ސުރުވާ އާއި ސަޓަންޏެވެ. ރިހަ އާއި ހެދިކާއެވެ. އަދި މި ނޫންވެސް އެތައް ބާވަތެކެވެ.
އެކްސްޕޯޓް ކުރަން ފެށުމުން، ކެރިބިއަން ލަންބި މަދުވާތީ، މިހާރު މި ބޮލި ނެގުންވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި ފަޅުގޮވިކަމުން މިތަކެތި ބޮޑުކުރަންވަނީ ފަށާފައެވެ.
ލަންބި ވިހައި ބޮޑުވާ ގޮތް
![growth-of-queen-conch](https://www.hassanhameed.com/wp-content/uploads/2018/11/growth-of-queen-conch.jpg)
ކެރިބިއަން ލަންބީގެ ޙަޔާތުގެ ބުރު
ލަންބި ޢާއްމުކޮށް އުޅެނީ ތިން ފޫޓާއި ފަސްދޮޅަސް ފޫޓާ ދެމެދުގެ ފުންމިން ހުންނަ ވިނަހެދިފައި ހުންނަ ފަޅުފަޅުގައެވެ. އެއްޗެއް ބޮޑުވަނީ ހަތަރު އަހަރުންނެވެ. ނަމަވެސް، ވިހި އަހަރު ވަންދެން ބައެއް ބޮލި ދިރިއުޅެއެވެ. ބޮލީގެ ބޮޑު ވަކިގަނޑު ބޭނުން ކުރަނީ ބިމުގައި ވިއްދައިގެން އެއްތަނުން އަނެއް ތަނަށް ނަގުލުވާށެވެ. ލަންބީގެ އަންހެން އެއްޗިއްސާއި ފިރިހެން އެއްޗެތި ވަކިކުރަނީ ފިރިހެން އެއްޗެތީގައިވާ އިތުރު ގުނަވަނަކުންނެވެ. ޖޯޑުވަނީ ހޫނު މޫސުމުގައެވެ. އެ ފަހުން ދެ ދުވަހާއި ދެ ހަފުތާ ދޭތެރޭގެ މުއްދަތުގައި ބިސް އަޅައެވެ.
ބިސް އަޅަނީ ލޮނދިގަނޑަކާ އެކު އެވެ. މި ލޮނދިގަނޑުގައި ވެލި ތަތްލުމުން، ބިސްތަކަށް ރައްކާތެރިކަން ލިބެއެވެ. އެހެންނޫނީ ކަނޑުގެ އުޞޫލުން އެހެން ތަކެތި ބިސްތައް ކައިލާނެއެވެ. މޫސުމަކު ފަސް ލައްކަ ބިސްއަޅައެވެ. އެހާ ގިނަ ބިސް އެޅިކަމުގައި ވިއަސް އެކަތި ދޭތި ނޫނީ ބިސްއަޅާ ފަހަރަކުން ބޮޑެއް ނުވެއެވެ. އެހެން ތަކެތީގެ ޝިކާރައަށް ކުދި ލަންބި ވެއެވެ.
ލޮނދިގަނޑުގައި އޮވެ، ބިސްތަކުގެ ސެލްތައް ގިނަވެ (ފޮޓޯ 1) ދެތިން ހަތަރު ދުވަހުގެ ތެރޭގައި، މުޅި ޢުމުރުގައި އޭގެ ތޮށިގަނޑުކަމުގައިވާ ބޮލީގެ ހަރުބައި އުފެދެއެވެ. ބިހުން ނުކުތުމުން އެއަށް ކިޔަނީ ވެލިޖަރ (ފޮޓޯ 2) އެވެ. ބޮޑުމިނަކީ ގަލަމަކުން ޖެހޭ ތިއްކެއްގެ ސައިޒެވެ. މީގައި ވިހާއިރު ފައިގޮތަށް ތެޅުވޭ ދެ ބައި ހުރެއެވެ. މިއިންކޮންމެ ބައެއްގައި އިސްތަށިހެން ހީވާ ތެޅުވޭ ނަރުތަކެއް ހުރެއެވެ. މިތަކެތި ލޮނުގަނޑުގައި ފައިތަޅުވަމުންނާއި ނަރުތައްތަޅުވަމުން ދައުރު ކުރެއެވެ. ކެއުމަކަށް ބޭނުން ކުރަނީ އެލްޖީ އެވެ. ނޭވާ ލަނީ ފައިގޮތަށްވާ ބައިންނެވެ.
ފަސްދުވަސް ވުމުން ފައިގެ ގޮތަށް ވާ ދެ ގުނަވަން ހަތަރު ގުނަވަނަށްވެ، އަދި ދިހަ ދުވަސް ފަހުން ހަގުނަވަނަށް (ފޮޓޯ 3) ވެއެވެ. ތިން ހަފުތާ ވާއިރަށް ފައިގެ ގޮތަށް ނުކުމެފައިވާ ތަންތަން ދިގުވެ، ވެލިގަނޑަށް ފައިބައި، ވެލިގަނޑުގައި ހުންނަ ކާނާ ކާން ފަށައެވެ. މާ ގިނަ ދުވަހެއް ނުވެ، ފައިގެ ގޮތަށް ހުންނަ ބައި ވަކިވެ، ބޮލީގެ ތެރޭގައި ނޭވާލުމަށް ބޭނުންވާ ބައި އުފެދި، ކެއުމަށް ބޭނުންވާ ހޮޅިއެއް ފަދަ އަނގައެއް އުފެދެއެވެ (ފޮޓޯ 4). އެ އިރު އޭގެ ބޮޑުމިނަކީ އަފުނޯސް ކައްޓެއްގެ ބޮލުގެ ސައިޒެވެ. ތިން ހަފުތާވުމުން ކުޑަ ލަންބިއެއްގެ ސިފަ ޖަހައެވެ.
ކުދި ލަންބި، އޭގެ އަސްލު ސޫރަ ޖެހުމަށް ފަހު، ވެލިގަނޑުގެ ތެރޭގައި ލޯ މައްޗަށް ދިއްކޮށްގެން ފިލާއޮވެއެވެ. އެއް އަހަރު ދުވަސް ވަންދެން މި ތަކެތި ދިރިއުޅެނީ ކަށިވެއްޔާއި ކުދި ގައު ހުންނަ ތަންތަނުގެ އަޑީގައެވެ. ބޭނުމަކީ، އެ ޝިކާރަކުރާ ތަކެތީން ރައްކާތެރިވެގެން އުޅުމެވެ. ކަހަނބާއި، އިއްސާއި މަޑި އާއި ހަތާ އަދި ރިނދަ ފަދަ އެއްޗެތީގެ ކާނާއަކަށް ކުދި ލަންބި ވެއެވެ.
އަހަރެއް ވަރުވުމުން ވިނަ ފަޅާފައި ހުންނަ ހިސާބުގައި ދިރިއުޅެއެވެ. އޭރު ލަންބީގެ ތޮށިގަނޑު ވަރުގަދަކަމުން، ރައްކާތެރިކަން ލިބިގެން ވެއެވެ. މިކުދި ލަންބި ދަރިމައިވާ ވަރަށް ބޮޑުވަނީ ތިން އަހަރު ނުވަތަ ހަތަރު އަހަރުންނެވެ. ތިރީގައިވާ ކުރެހުމުގައި އެވަނީ ލަންބީގެ ޙަޔާތުގެ ބުރެވެ.
![life-cycle-of-queen-conch](https://www.hassanhameed.com/wp-content/uploads/2018/11/life-cycle-of-queen-conch.jpg)
ލަންބީގެ ފަޅުގޮވިކަން ކުރުން
ކުދި ލަންބިތައް، ރާއްޖޭގެ ފަޅަކަށް ދޫކޮށްލައިފިނަމަ ވާނީ ކިހިނަކުންތޯއެވެ؟ ރާއްޖޭގައި 100 އަށް ވުރެ ގިނަ ރިސޯޓް ހުރުމާ އެކު، އަދި ބޯވަ އާއި ކަހަނބާއި އިހީގެ ޝިކާރައަކަށް މިވާތީ، މިތަކެތި ދެމެހެއްޓެނިވި ގޮތަކަށް އާލާވާނޭ ކަމަކަށް ލަފައެއް ނުކުރެވެއެވެ. އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ ޓާރކް އެންޑް ކެއިކޮސް ޖަޒީރާ ޤައުމުގައި މި ގޮވިކަން ކުރާގޮތަށް ލަންބި ގެންގުޅުމެވެ. މިކަންކުރާގޮތް ދަންނައެވެ.
ފަޅުން މީގެ ބިސްތައް ހޮވައިގެން ގެނެސް، ލޮނު އަވަހަށް ބަދަލުވާގޮތަށް ހަދާފައި ހުންނަ ތިލަ ޓޭންކަކަށް އަޅައި އެއަށް ބޭނުންވާ ކާނާ ދެނީއެވެ. މިގޮތުގައި މިކަން ހައެއްކަ މަސް ވަންދެން ކުރެއެވެ. ދެން އެއްގަމުގައި ހުންނަ ވަޅުބުރިތަކެއްގައި އަހަރެއް ވަންދެން ގެންގުޅެފައި، ފަޅުގައި ކޮށިއަޅައި މިތަކެތި ކޮށީގައި ތިން އަހަރު ވަންދެން ގެންގުޅެނީއެވެ. ކާންދީގެންނެވެ. ތިން އަހަރުވުމުން، މިތަކެތި ކެއުމަށާއި އެހެންތަކެތި ހެދުމަށް ބޭނުން ކުރެވޭނެއެވެ. މި ޒަމާނުގައި ފިޔާތޮށި މުތް ހެއްދުމަށް މީގެ ތެރެއަށް ކުދި ވެލިފުއްލައި ހަދައެވެ. އޭރުން މިތަކެތީގެ އަގު ވަރަށް ބޮޑުތަން ބޮޑުވެއެވެ. ތިރީގައިވާ ފޮޓޯތަކުން އެ ފެންނަނީ މިކަން ކުރާ ގޮތެވެ.
![queen-conch-indoor-tank](https://www.hassanhameed.com/wp-content/uploads/2018/11/queen-conch-indoor-tank.jpg)
ފީނާމީހުން ފަޅުން ލަންބީގެ ބިސްތައް ނަގައިގެން ގެނެސް ލަނީ ލޮނުފެން ބޮޑަށް ދައުރުވާގޮތަށް ހަދާފައި ހުންނަ ފުން ތަބައްތަކަކަށެވެ. މި ބިސްތައް ފީވެ ކުދި ލަންބި އުފެދުމުން އެއަށް ކާންދީ ހަދަނީ މި ތަބައްތަކުގައި ބަހައްޓައިގެންނެވެ. ހަމަސް ވަންދެން މިގޮތަށް ބަލަހައްޓައެވެ. ތަބައްތައް ހުންނަނީ މަތި ހިޔާކޮށްފައި ހުންނަ ކޮންމެވެސް މިންވަރަކަށް އަލިވާ ތަނެއްގައެވެ.
![queen-conch-outdoor-tank](https://www.hassanhameed.com/wp-content/uploads/2018/11/queen-conch-outdoor-tank.jpg)
ހަމަސް ވުމުން ދެން ލަނީ އެއްގަމުގައި ހަދާފައި ހުންނަ ބޮޑެތި ތިލަ ވަޅުބުރިތަކަކަށެވެ. މި ވަޅުބުރި ތަކުގައި އެއް އަހަރު ކާންދީގެން އެ ގެންގުޅެއެވެ. ވަރަށް ބޮޑަށް ފެން ދައުރުވާގޮތް ހަދާފައި ހުރެއެވެ.
![queen-conch-outdoor-tank-2](https://www.hassanhameed.com/wp-content/uploads/2018/11/queen-conch-outdoor-tank-2.jpg)
ބިސް ފީވެ، ވިހޭތާ ދޮޅު އަހަރުވުމުން، ގޮނޑުދޮށުގައި ހަދާފައި ހުންނަ ކޮށިތަކަކަށް ލަންބިތައް ލައި، ކާންދީ އިތުރު ދޮޅު އަހަރު ނުވަތަ ދެ އަހަރު ފަޅުގައި ގެންގުޅެއެވެ. މިހާ ދުވަސްވުމުން މަސްކާ ވަރަށް އެތަކެތި ބޮޑުވެއެވެ. އިތުރު ތަފުސީލުތައް ތިރީގައިވާ ވީޑިއޯގައި ވެއެވެ.
![small-conchs_1600x533](https://www.hassanhameed.com/wp-content/uploads/2018/11/small-conchs_1600x533.jpg)
ކެރިބިއަން ކްއީން ކޮންކް ނުވަތަ ލަންބީގެ ގެ ކުދި ތަކެތި ފެނުމުން (މަތީގައި ފޮޓޯ)، އަޅުގަނޑަށް ވިސްނުނީ، ރާއްޖޭގައި މި އުޅޭ ދޮންއަނގަ ކިޔާ ފޫއެނބުރި ބޮއްޔަކީ ޙަޤީޤަތުގައި، ފެންކައްކާ ބޮލީގެ ކުދި އެއްޗެތި ކަމެވެ. ފެންކައްކާ ބޮއްޔަށް އެވަނީ ބޮޑުވުމުންނެވެ. ފެންކައްކާ ބޮލި ބޮޑުވި ވަރަކަށް އުޅެނީ ފުން ތަންތަނުގައެވެ. އަޅުގަނޑު ކުޑައިރު ދޮންއަނގަތައް މާލޭ ފަޅުގައި ގިނަ ޢަދަދަަކަށް އުޅެއެވެ. މިތަކެތި ފިހެގެން މީހުން ކައިވެސް އުޅެއެވެ. ދިރޭތަކެތީގެ ޅަ ތަކެތި ކަންޏާ ބޮޑުވާނެ އެއްޗެތި މަދުވާނެއެވެ.
ކެރިބިއަން ލަންބި ރާއްޖެއަށް ތަޢާރުފުކުރުން
މި ބާވަތުގެ ފަޅުގޮވިކަން ކުރުމަށް ސަރުކާރު މެދުވެރިވާން ޖެހޭނެއެވެ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، ކަމާ ބެހޭ ވުޒާރާއިން ބަޔަކު ނުވަތަ އެހެން ވެސް ޝައުޤުވެރިވާ ބަޔަކު، ޓަރކް އެންޑް ކެއިކޮސްއަށް ދަތުރުކޮށް ލަންބީގެ ފަޅުގޮވިކަމުގެ ކަމާކެމި ބަލައި، މިއީ ދިވެހިރާއްޖޭގައި ކުރެވޭނޭ ކަމެއްކަން ޔަޤީން ކުރަންވީއެވެ. އަދި އައު ބޮއްޔެއް ތަޢާރުފުކުރުމުން ރާއްޖޭގެ ފަޅުތަކަށް ކުރާނޭ އަސަރު ދެނެގަންނަންވީ އެވެ. މިއަށް ފަހު ސަރުކާރު މެދުވެރިވެގެން މި ބާވަތުގެ ބޮލި ރާއްޖޭގެ ކޮންމެވެސް ފަޅަކަށް ތަޢާރުފުކުރަންވީއެވެ. ދެން ކަން ވާގޮތް ބަލައި، ވިޔަފާރީގެ ގޮތުގައި މިކަން ފަށައިގަންނާނީއެވެ.
ފަހެ، ދިވެހިރާއްޖޭގައި މިހާރުވެސް އުޅޭ ކްއީން ހެލްމެޓް ކޮންކް ނުވަތަ ފެންކައްކާ ބޮލީގެ ފަޅުގޮވިކަން ކޮންމެ މީހަކަށް ވެސް ކުޑަގޮތަކަށް ފެށިދާނެއެވެ. މިފަދަ ކުދި އެއްޗެތި، ކޮށްޓަކަށް ލައިގެން އިއްސާއި ބޯވަ ފަދަ ތަކެތި ނުވަދެވޭ ގޮތަށް ކޮށިހަދައި ކާންދީގެން މަސްކެއުމަށް ވިއްކާނީއެވެ. ބޮލިން ވެސް ތަކެތި ހަދާނީއެވެ. ނަމަވެސް ދިވެހި ބާވަތް، ކެރިބިއަން ކްއީން ކޮންކް ނުވަތަ ލަންބި ގިނަވާ ވަރަށް ގިނަވާ ކަމެއް ނޭނގެއެވެ. މަހުގެ ރަހަވެސް ބެލިފައެއް ނުވެއެވެ.
ކަމެއް ކުރެވޭނީ އެކަމަކާ އުޅެގެންނެވެ. ޚިޔާލުތައް ޙަޤީޤަތަކަށް ހެދުމަށް ޙަރަކާތްތެރިވެގެންނެވެ.
ވަރަށް ފުރިހަމަ އާރޓިކަލްއެއް. ރާއްޖޭގެ ބައެއް ރައްތަކު ބޭރުން މަދުން ކުއީން ކޮންކް ފެނެއެވެ. ނަމަވެސް ގިނއީ ރާކަނީގެ 2 ވައްތަރެވެ. މިހާރަކައް އައިސް އެބެލޯނި ވެސް ފެންނަމުން ދެއެވެ.
Alhugandakee varah ginain raakani (ha’ingili) nagaigen eyge mas kai ulhey meehekeve. Mi mazumoonugai evaa lanbee ge mahaa raakani mahaa varah vaththaru gotheh hure eve. Adhi alhugandah lanbi bodah vaththaree ves raakanyaa eve. Namaves raajjeyga hunna raakani mi hunnanee thiya vidhaalhuvaa lanbi ah vure thankolheh fathaa koh thirikosheve. Alhugandah yageen vaa ekkamakee alhugandumen mi nagaa raakanee ge masgandaa mi mazumoonugai evaa lambee ge masgandaa evves thafaatheh netheve. Ekahala niyafathi gandeh ves innanee raakaneegaeve. Namaves mi mazumoonugai bodu boli kamah bunefai evaa boli varah madhun namaves rashuge farumachchah gos ulhey iru alhugandah fene eve. E boli innanee rai kulaigaeve. Eyge masgandugai niyafathigandeh innakan faahaga kurevifaeh nuveve. Alhugandah bodah heevanee eygai innanee ehn bolithakugai inna kahala masgadeh ekanyeve. Meege boli kuni filuvumaffahu kureega alhugandumen geyge dhorufai vayaa leppuna nudheynvegen baregge gothugai dhorufathugai jassaafai huri eve. Adhi baeh ehn geygeygaves ekan egothah koffa huttaa dhusheemeve.
Kiyuntherinnah manfaa kuraane comment ah takai shukuruveri vameve. Lanbi ulhey falhuthah hunnnanee raajje aa varah dhurugaeve. Raajjeygai lanbi tha-aaraf vefai vumuge furusathu varah kuda eve. Namaves qabool kurevey gothugai mi sarahadhdhugai e aalaa vaane eve. Raakani akee in’gireysi bahun SPIDER SHELL nuvatha faidhigumakunu boli eve. Eyge scientific namakee lambis lambis kamugai viyas, e-ee queen conch eh noone. Queen conch ge scientific namakee Lobatus gigas eve.