މަތިންދާ ބޯޓު އުދުހޭ ސަބަބު

ތިބާއަށް، މި މަޒުމޫނު މެދުވެރިކޮށް އަހުރެން ކިޔާދެން މިއުޅެނީ މަތިންދާބޯޓަކަށް އުދުހެވޭ ސަބަބެވެ. ބިންމައްޗަށް ނުވެއްޓި މަތީގައި އޮވެވޭ ސަބަބެވެ. މިކަން އޮޅުން ފިލަން މާ ބޮޑު ސައިންސެއް ހިސާބެއް އެނގޭކަށް ނުޖެހޭނެއެވެ. އަދި، ކިއެއް ހެއްޔެވެ؟  މި މަޒުމޫނު ނިމެންދެން ކިޔާ ކޮންމެ މީހަކަށްމި ބޭނުންތެރި މަޢުލޫމާތު ފުރިހަމައަށް ލިބޭނެއެވެ.

އަހުރެމެންނަށް ފާހަގަ ކުރެވެނީ މައްޗަށް އެއްލާ ކޮންމެ އެއްޗެއްހެން ބިންމައްޗަށް ވެއްޓޭ ކަމެވެ. ގައުބުރިއެއް މައްޗަށް އެއްލުމުން ތިރިއަށް އެ ވެއްޓެއެވެ. މޭޒެއްގެ މަތީގައި އޮތް ފޮތެއްވެސް، މޭޒުން ބޭރު ވެއްޖެނަމަ ވެއްޓެނީ ތިރި އަށެވެ. ގަސްތަކުގައި ހުންނަ ފަތްތަކާއި މޭވާ، ގަހުން ވަކިވުމުން ވެއްޓެނީ ތިރިއަށެވެ. މިކަމާ ވިސްނާލިން ހެއްޔެވެ؟ ގަހުން ފަތެއް ވަކިވުމަށް ފަހު، ފަތް އިންތާ ނުއިންނަނީ ކީއްވެ ހެއްޔެވެ؟ މައްޗަށް ނުވަތަ އަރިއަކަށް ނުދަނީ ކީއްވެހެއްޔެވެ؟ މިއީ އެތައް ބަޔަކަށް ފާހަގަ ކުރެވިފައިވާނޭ ކަމަކެވެ. ނަމަވެސް މިކަންކަމާ ފުންކޮށް ވިސްނަނީ ކާކު ބާވައެވެ؟

މީގެ 400 ވަރަކަށް އަހަރު ކުރިން އުޅުނު ނިޔުޓަން ކިޔާ އިނގިރޭސި ވިލާތުގެ މީހަކު، އާފަލުގަހެއްގެ ދަށުގައި ސައިބޯން އިންދައި، އާފަލެއް ބިންމައްޗަށް ވެއްޓިއްޖެއެވެ. މީނާ ހިތާހިތާ ސުވާލުކުރިއެވެ. އާފަލު އިން ދިމާލުން ސީދާ ތެދަށް ބިންމައްޗަށް އެ ވެއްޓުނީ ކީއްވެ ހެއްޔެވެ؟

newtonunderanappletreeމިކަމާ ފުންކޮށް ވިސްނުމުން ނިއުޓަން އަށް ޔަޤީންވީ، ބިން މައްޗަށް އެއްޗިހި ވެއްޓެނީ ބިމުގައިވާ ބާރެއްގެ ސަބަބުން ދަމާތީކަމަށެވެ. ދަގަތްފާނާ ދިމާއަށް ދަގަނޑު ދަމާ ފަދައިން، ބަރުދަނެއް ހުންނަ ކޮންމެ އެއްޗެއް ވެސް ބިމާ ދިމާއަށް ދަމަނީއެވެ.

newtontreeincambridgeމަތީގައި އެވާ އާފަލު ގަހަކީ، ނިއުޓަން ގެ ގޭގައި ހުރި ގަހުން ކެނޑި އޮތްޕަކުން ހައްދާފައިވާ ގަހެކެވެ. މި ގަސް ހުންނަނީ ކޭމްބްރިޖް ޔުނިވަރސިޓީ ކިޔާ ”މަދަރުސާ“ އެއްގައެވެ.

ނިއުޓަން އަށް ވިސްނުނީ ބަރުދަނެއް ހުންނަ ކޮންމެ ދެ އެއްޗެއް ވެސް އެކަތި އަނެއް އެއްޗާ ދިމާއަށް ދިއުމަށް ބާރެއް ހުންނަކަމެވެ. އެއްޗެއް ބަރުވި ވަރަކަށް މި ބާރު ގަދަވެއެވެ. އަދި ދެ އެއްޗެއް ގާތްވި ވަރަކަށް ވެސް އެ ބާރު ގަދަވެއެވެ. ކޮންމެ އެއްޗެއް ވެސް ދަމާ ގެންދަން އުޅެނީ އެ އެއްޗެއްގެ މެދާ ދިމާއަށެވެ. އެހެންކަމުން، އާއްމުކޮށް އެއްޗެއް ވެއްޓޭއިރު، އެ އެއްޗެއް ވެއްޓެން އުޅޭނީ ދުނިޔޭގެ މެދަށެވެ. އެހެންވީމާ ސީދާ ތެދަށް، އޮލަނބަށް ވެއްޓެނީއެވެ.

gravityandmountainsފަރުބަދައެއްގެ ކައިރީގައި  އޮލަނބެއް ހިފަހައްޓައިފިނަމަ، އެ އޮލަނބުގެ ބަރު އެ ފަރުބަދައާ ދިމާއަށް ކަތިވެއެވެ. އެއީ އޮލަނބުގެ ބަރު ފަރުބަދައާ ދިމާއަށް ދަމާތީ އާއި ބިމުގެ މެދާ ދިމާއަށް ދަމާތީއެވެ. އެހެންކަމުން، އޮލަނބު ހުންނަނީ ސީދާ ތެދަކަށް ނޫނެވެ. ތިބާއާއި ތިބާގެ ފޯނުވެސް އެކަތި އަނެއް އެއްޗަށް ދަމާ ބާރެއް ހުރެއެވެ. ނަމަވެސް ބިމާ އަޅާބަލާއިރު، ތިބާ އަދި ފޯނު ލުއިކަމުން މި ބާރު ކުޑައީއެވެ. ހަނދު ދުނިޔެ ދޫކޮށްނުދަނީ ހަނދު ބިމާ ދިމާއަށް ދަމާތީއެވެ. މިދަމާ ބާރަށް އިނގިރޭސިބަހުން ކިޔަނީ ގުރެވިޓީ އެވެ. ގުރެވިޓީ ގެ އަސްލު މާނައަކީ ލެޓިން ބަހުން ”ބަރު“ ނުވަތަ ބަރުދަނެވެ.  ފަހަކަށް އައިސް އެކަތި އަނެއް އެއްޗާ ދަމާ ބާރަށް ގުރެވިޓީ ކިޔަންފެށީއެވެ.

އެއްވެސް އެއްޗެއް ޖައްވުގައި ނޯންނަނީ ބިމަށް ދަމާތީއެވެ. ނަމަވެސް ބިމާ ދުރުވި ވަރަކަށް މި ބާރު ކުޑަވާތީ، ދުނިޔެއާ ވަރަށް ދުރަށް އެއްޗެއް ގެންގޮސްފިނަމަ، އެ ބިމަށް ވެއްޓޭކަށް ނޫޅޭނެއެވެ. ސެޓެލައިޓް ޖައްވުގައި ހަރުލަނީ މިހެންވެގެންނެވެ. ނަމަވެސް، ދުނިޔޭގެ ގުރެވިޓީގެ ބާރު ދަށްވަނީ ވަރަށް ދުރަށް ދިއުމުންނެވެ. ހަނދު ދުނިޔެ ވަށައިގެން ދައުރުވަނީ ދުނިޔޭގެ ގުރެވިޓީގެ ބާރު ހަނދު ހުންނަ ހިސާބުން ވެސް ހަނދަށް ކުރާތީއެވެ.

ބިމަށް ތަކެތި ދަމާ ޙަޤީޤީ ސަބަބު، ނުވަތަ ގުރެވިޓީގެ އަޞްލު ސަބަބު އަދި ސައިންސްވެރިންނަށް ހޯދިފައެއް ނުވެއެވެ. އެނގެނީ ދަމާކަމެވެ. ގައުބުރިއެއް ނުވަތަ ހޮޅިބުރިއެއް މަތީގައި އޮންނާނީ ބިމާ ދަމާބާރާ އިދިކޮޅު އެއްވަރު އެހެން ބާރެއް އެއިން އުފައްދާ ނަމައެވެ.

tugofwar

މިސާލެއްގެ ގޮތުން،  ވައު ދަމާ ބަޔަކާ މެދު ވިސްނާށެވެ. ކަނާތްފަރާތުގައިވާ ކުދިން ވަލަށްލާ ބާރު ބޮޑުނަމަ، ވައު ދާނީ ކަނާތް ފަރާތަށެވެ. ވާތް ފަރާތަށް ދަމާ ބާރު ބޮޑު ނަމަ، ދާނީ ވައަތް ފަރާތަށެވެ. ދެކޮޅަށް ދަމާ ބާރު އެއްވަރުނަމަ، ވައު އެއްވެސް ކޮޅަކަށް ނުޖެހޭނެއެވެ. ޖައްވުގައި ތަކެތި މައްޗަށްދާ ގޮތާ ވައު ދެމުމުގައި ހިމެނޭ ބާރުތަކާ ގުޅުމެއް ހުރެއެވެ.

rocketforces

ޖައްވަށް ފޮނުވާ ރޮކެޓް މައްޗަށް އަރާ ސަބަބަކީ، ރޮކެޓަށް ކުރާ ގުރެވިޓީގެ ބާރަށް ވުރެ، އޭގެ އިންޖީނުން ނުކުންނަ ގޭސްތަކުގެ ކޮށްޕުން ބޮޑުކަމުންނެވެ. ގޭސްތަކުގެ ކޮށްޕުން ހުންނަނީ ރޮކެޓް މައްޗަށް ފޮނުވާށެވެ. ބަރުދަނުން ބިމަށް ދަމާ ބާރު ހުންނަނީ ތިރިއަށް ދަމާ މިސްރާބަށެވެ. މި ދެބާރުން މައްޗަށް ފޮނުވާ ބާރު، ބޮޑުނަމަ، ރޮކެޓް މައްޗަށް އަރައެވެ. މައްޗަށް ދަމާ ބާރަށް ވުރެ ތިރިއަށް ދަމާ ބާރު ބޮޑު ނަމަ، ރޮކެޓް ތިރިއަށް ފައިބައެވެ. ދެބާރު އެއްވަރު ނަމަ، ރޮކެޓް ހުންނަ ހިސާބެއްގައި ހުންނާނެއެވެ. ގުރެވިޓީއިން ތިރިއަށް ދަމާ ބާރަކީ އެ އެއްޗެއްގެ ބަރުދަނެވެ. މި ބަރުދަން ބައެއް މީހުން މިނެކިރަނީ ކިލޯގުރާމުންނެވެ. އިންޖީނަކުން އެއްޗެއް މައްޗަށް ފޮނުވާ ބާރަށް ކިޔަނީ “ތްރަސްޓް” (thrust) އެވެ. ތްރަސްޓްގެ މާނައަކީ ކޮށްޕުމެވެ. ރޮކެޓެއް މައްޗަށް އަރާނީ އޭގެ ބަރުދަނަށް ވުރެ އިންޖީނުން އުފައްދާ ތްރަސްޓު  ނުވަތަ ކޮށްޕުން މަތިވެގެންނެވެ.

quadcopter

މަތީގައި އެވަނީ ހެލިކޮޕްޓަރު ފާޑުގެ ޑްރޯން އެކެވެ. މި ފަދަ ތަކެތި މައްޗަށް އަރާނީ، އެތީގެ ބަރުދަނަށް ވުރެ އޭގެ ބުރަފަތިތަކުން އުފައްދާ ތްރަސްޓް މަތިވެގެންނެވެ. ބަރުދަން ބަލަނީ ކިރާ މެޝިނަކުންނެވެ. ތްރަސްޓް ބަލަނީ ވެސް ކިރާ މެޝިނަކުންނެވެ. ތްރަސްޓް ބަލަން ހަދާ ގޮތަކީ، ބުރަފަތި އެނބުރުމުން އެއިން ކިރާ މެޝިނަށް ކުރާ ބާރު ބަލަނީއެވެ.  ޑްރޯން އެއްގެ ބަރުދަނުގައި އެއްކިލޯ ހުރިނަމަ، އޭގެ ތްރަސްޓް އެއްކިލޯއަށް ވުރެ މަތި ނުވާނަމަ، އެ މައްޗަކަށް ނާރާނެއެވެ. ތިރީގައި އެވަނީ، ކުޑަ ބުރަފައްޗެއްގެ ތްރަސްޓް ބަލަން ހަދާގޮތެވެ. ބުރަފަތި އެނބުރުމުން އޭގެ ކޮށްޕުން ކިރާ މެޝިނެއްގެ މައްޗަށް އޮބޭ ގޮތް ހަދަނީއެވެ.

measuringthrust

އުޅަނދެއްގެ ތްރަސްޓް އޭގެ ބަރުދަނުން ގެއްލީމާ ނުކުންނަ ޢަދަދަށް ކިޔަނީ ތްރަސްޓް ޓު ވެއިޓް ރޭޝިއޯ އެވެ. ދެ ޢަދަދު އެއްވަރު ނަމަ، މި ރޭޝިއޯ ވާނީ 1 އަށެވެ. ތުރަސްޓް ބޮޑު ނަމަ، 1 އަށް ވުރެ މަތިވާނެއެވެ. އޮތްތާ އޮވެފައި، މައްޗަށް އެރޭ ހުރިހާ އުދުހޭ އެއްޗެއްގެ މި ރޭޝިއޯ 1 އަށް ވުރެ މަތިވާނެއެވެ. މިފަދަ ތަކެތީގެ ތެރޭގައި ހުރިހާ ބާވަތެއްގެ ހެލިކޮޕްޓަރަކާއި، އެތައް ބުރަފައްޗެއް މައްޗަށް ހުންނަ ޑްރޯން އާއި ރޮކެޓްތަކާއި ހަނގުރާމަ މަތީ ގިނަ މަތިންދާ ބޯޓުތައް ހިމެނެއެވެ. މިސާލެއްގެ ގޮތުން ތިރީގައި އެވާ ތާވަލުގައި ފާހަގަކޮށްފައިވަނީ ތުރަސްޓް، ބޯޓުގެ ބަރުދަނުން ގެއްލީމާ ނުކުންނަ ރޭޝިއޯ އެވެ. ސްޕޭސް ޝަޓްލް ފަދަ ތަކެތީގެ އިންޖީނުން އުފައްދާ ބާރު، ބިމަށް ދަމާ އޭގެ ބަރުދަނަށް ވުރެ3 ގުނަ ބޮޑެވެ. އެހެންކަމުން އެ މައްޗަށްވަރަށް ބާރަށް އަރާނެއެވެ.  ހަމަ އެގޮތަށް، އޮތްތާ އޮވެފައި ސީދާ މައްޗަށް އަރާ ޖެޓް މަތިންދާ ބޯޓެއް ކަމުގައިވާ ހެރިއަރ ގެ ރޭޝިއޯއެކަކަށް ވުރެ މައްޗެވެ. އޭގެ އިންޖީނުން މައްޗަށް އަރަން އުފައްދާ ބާރު، ބަރުދަނަށް ވުރެ ބޮޑެވެ. އެހެންކަމުން އެ ވެސް މައްޗަށް އަރާނެއެވެ. ނަމަވެސް ސްޕޭސް ޝަޓްލް އަށް ވުރެ މި ރޭޝިއޯ ކުޑަވީމާ، މައްޗަށް އަރާނީ ލަހުންނެވެ.

tableofaircraftthrust

ތާވަލުގައި ތިރީގައި އެވާ ތިން ބޯޓަކީ، ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެވެ. މި މަތިންދާ ބޯޓުތަކުގެ އިންޖީނުން އުފައްދާ ބާރު، ތިރިއަށް ދަމާ ގުރެވިޓީގެ ބާރަށް ވުރެ ނުވަތަ ބަރުދަނަށް ވުރެ ކުޑައެވެ. އެހެންކަމުން ރޭޝިއޯ އެކަކަށް ވުރެ ކުޑައެވެ. ނަމަވެސް، މި މަތިންދާބޯޓުތަކަށް މައްޗަށް އެރެއެވެ. މިސާލެއްގެ ގޮތުން ބޮއިން 400-727 ފަދަ މަތިންދޯ ބޯޓެއް މަތީގައި އުދުހެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މިކަން އޮޅުންފިލުވާދިނުމަކީ މި މަޒުމޫނުގެ ބޭނުމެވެ.

rocketvsaircraft

ދޫންޏަށް އުދުހެވެނީ އޭގެ ފިޔައިގެ ސަބަބުންކަން އެނގެއެވެ. ފިޔަ ކޮށާލައިފިނަމަ، ކާޅަކަށް ނުވަތަ ކޮތަރަކަށް ނު އުދުހެވެއެވެ. މި ޚިޔާލު މަތިންދާ ބޯޓަށް ނަޤުލުކޮށްފިނަމަ، ތި ހީކުރިގޮތް ރަނގަޅެވެ. ސްޕޭސް އަށް ދާ ރޮކެޓްގައި ފިޔައެއް ނުހުރެއެވެ. ނަމަވެސް މަތިންދާ ބޯޓުގައި ފިޔަ ހުރެއެވެ. މިކަންކަމުން މަތިންދާބޯޓަށް އުދުހެވެނީ އޭގެ ފިޔައިގެ ސަބަބުންކަން އެނގެއެވެ. ސުވާލަކީ ފިޔައިން އުދުހެވެނީ ކީއްވެ ހެއްޔެވެ؟

ކަންކަމާ މެދު ވިސްނާ މީހުން، ދޫންޏަށް އުދުހެވެނީ ފިޔައިގެ ބައްޓަމުގެ ސަބަބުންކަން ފާހަގަ ކޮށްފައި ވެއެވެ. ފިޔައިގެ ބައްޓަމަކީ  ޚާއްޞަ ބައްޓަމެކެވެ. ފިޔަ ހުރަހަށް ބުރިކޮށްލައިފިނަމަ، އެ ފެންނާނީ ތިރީގައި އެވާ ކުރެހުމުގައި ކަޅުކުލައިންވާ ފަދައިންނެވެ. ފިޔައިގެ ތިރި އޮންނަނީ އެތެރެއަށް ގޮނިވެފައެވެ.  ފިޔައިގެ މަތި، މައްޗަށް އުފުލިފައެވެ. މިއާއެކު ފިޔައިގެ ކުރި ވަށް ވެފައި ފިޔައިގެ ފަހަތް ކޮޅު ހިމަވެފައި ވެއެވެ.

vogelflugތިރީގައި އެވަނީ ބާޒެއްގެ ފިޔައެވެ. ފާހަގަ ކުރެވެނީ، ކުރިން ބަޔާން ކުރި ފަދައިން ފިޔައިގެ ކުރި ވަށް ވެފައި، ބޯވެފައި، ފިޔައިގެ ފަހަތް ތޫނުކޮށް ތިރިއަށް ލެބިފައިވާ ތަނެވެ. ފިޔައިގެ މަތި ހުންނަނީ ވަށްކޮށްނެވެ.

airfoils

އެކި ދޫނީގެ ފިޔަ ހުރަހަށް ބުރިކޮށްލައިފިނަމަ، އެ ހުންނަނީ ތަފާތުކޮށެވެ. އެއީ އެ ދޫންޏެއް އުޅޭ ގޮތާ ގުޅިފައިވާ ކަމެކެވެ. ތިރީގައި އެވަނީ ދިވެހިރާއްޖެއިން ފެންނަ ތިން ދޫންޏެއްގެ ފިޔައިގެ ހުރަސް ބައްޓަމެވެ.

airfoilofbirdsކުރިން ބަޔާން ކުރެވުނު ފަދައިން، ދޫނީގެ ބާވަތް ތަފާތު ވިޔަސް ތިރީގައި މި ބުނާ ތިން ކަންތައް ހުރިހާ ފިޔަޔަކަށް ޢާއްމު ވެގެން ވެއެވެ.

  • ފިޔައިގެ ކުރި ހުންނަނީ ވަށްކޮށްނެވެ.
  • ފިޔައިގެ ފަހަތް ތޫނުކޮށް ތިރިއަށެވެ.
  • ފިޔައިގެ މަތި އުފުލިފައެވެ.

ދޫންޏަށް އުދުހެވެނީ މި ބައްޓަމުގެ ސަބަބުން ވާ ގޮތަކުންނެވެ. އިނގިރޭސި ބަހުން މި ބައްޓަމަށް ކިޔާ ނަމަކީ ”އެއަރފޮއިލް“ އެވެ. ހަނދާން ކުރަންވީ ދެ އެއްޗަކީ، ދޫންޏެއްގެ ފިޔަ ހުރަހަށް ބުރިކޮށްލައިފިނަމަ، އެ ފިޔައިގެ ހުރަސް ބައްޓަމަށް ކިޔަނީ އެއަރފޮއިލް ކަމާއި މަތީގައި ބަޔާން ކުރެވުނީ ހުރިހާ އެއަރފޮއިލް އަކަށް ޢާއްމު ތިން ސިފަކަމެވެ. އެއަރފޮއިލް ބައްޓަމުގެ އާދަޔާ ޚިލާފު ކަމަކީ ކޮބައި ހެއްޔެވެ؟

ސައިންސް ވެރިން އެއަރފޮއިލް ބައްޓަމުގެ  އާދަޔާ ޚިލާފު ކަންތައްތައް ބަލައިފިއެވެ. މި ވެރިން މިކަން ބަލަން ހެދި ގޮތަކީ، ބޮޑު ހޮޅިއެއްގެ އެއް ކޮޅުގައި ބޮޑު ސިންގާ ފަންކާއެއް ހަރުކޮށް އޭގެ ތެރެއިން ވައި ފޮނުވަނީއެވެ. ދެން، އެއްކަލަ ދޫނީގެ ފިޔަ ހުންނަ ބައްޓަމަށް ލަކުޑިން ނުވަތަ އެހެންވެސް ލުއި އެއްޗަކުން އެއަރފޮއިލް އެއް ހަދައި، މި ހޮޅީގައި އެތެރޭގައި ވައު  ޖަހާ ހަރުކޮށް ހޮޅީގެ ތެރެއިން ވައި ދާއިރު ފިޔައަށް ވާ ގޮތް ބަލަނީއެވެ. އެމީހުން އެއަރފޮއިލް އެލުވި ވައުތައް ހުންނަނީ ބަރުދަން ބަލަން ހުންނަ ކައްޓާ އާ ގުޅާފައެވެ. ބައެއް ފަހަރު އެއަރފޮއިލްއަށް ކުރާ އަސަރު ދެނެގަންނަނީ ހޮޅިތަކެއް ބޭނުން ކުރެއެވެ. މިގޮތަށް ކަންތައް ކުރުމުން، ފިޔައެއް ހިފައިގެން މަގުމަތީ ދުވުމަށް ވުރެ، ވަރުބަލިކަމެއް ނެތި، ވައިގައި ފިޔައަށް ވާގޮތް ބެލެއެވެ.

windtunnel

ކުރިން ބުނި ހޮޅިން ވައި ދަތުރުކުރާއިރު އެ ވައެއް ނުފެނެއެވެ. ވަޔަކީ ފެންނަ އެއްޗެއް ނޫނެވެ. އެހެންކަމުން، އެއަރފޮއިލް މަތިން ވައި ދަތުރުކުރާ ގޮތް ދެނެގަތުމަށް ހިމަ ހޮޅިތަކަކުން ދުން ފޮނުވައިގެން ބަލައެވެ. ދުން އުފައްދަނީ ޑީސަލް ތެޔޮ ހޫނުކޮށްގެންނެވެ. ތިރީގައިވާ ވީޑިއޯ އިން ފެންނަނީ ކުއްޖަކު ގޭގައި އަމިއްލައަށް ހަދާފައިވާ ވައި ފޮނުވާ ހޮހޮޅައެއް ފަދަ އެއްޗެއްގައި އެއަރފޮއިލް އެއް ޓެސްޓު ކުރާ ތަނެވެ. ވީޑިއޯގެ 1:45 މިނެއްޓުގައި އެއަރފޮއިލްއަށް ވާގޮތް ބައްލަވާށެވެ.

ފާހަގަ ކުރެވޭނީ، ވައި ޖެހެން ފެށުމުން ފިޔަ މައްޗަށް އަރާތަނެވެ. ވައި ޖެހުމުން ދޫނީގެ ފިޔަތައް މައްޗަށް އަރަނީ ކީއްވެ ހެއްޔެވެ؟ ފިޔައިގެ ބައްޓަމުގެ ސަބަބުން ވަޔަށްވާގޮތް ތިރީގައިވާ ކުރެހުމުން ފެންނާނެއެވެ.

ފިޔައިން މައްޗަށް  އަރާ ބާރު ނުވަތަ ”ލިފްޓް“ ދެނެގަތުމަށްޓަކައި، ދެ އެއްޗެއް އެނގެން ޖެހެއެވެ. އެއްކަމަކީ، ފެނުގެ އޮއިވަރަކަށް އެއްޗެއް ބޭނުމުން، ފެން ދަތުރުކުރަނީ އޭގެ ބައްޓަމާ އެއްގޮތަށް ކަމެވެ. އެންމެ ފަސޭހައިން މިކަން ފާހަގަ ކުރެވޭނީ، އިސްކުރަކުން ފައިބަމުންދާ ފެނަށް ސަމުސަލެއް ދިއްކުރުމުންނެވެ. ސަމުސާ ފެނުގައި ޖެހުމުން ފެން ތިރިއަށް ފައިބަނީ ސަމުސަލުގެ ބައްޓަމުގައި ކޭއްތިގެން އެވަށާލައިފައެވެ. ސީދާ ތިރިއަކަށް ނުފައިބައެވެ.

imagesމިކަން ގިނަ މީހުންނަށް މިހާރުވެސް ތަޖުރިބާ ކުރެވިފައި ވާނެއެވެ. ބޯތަށްޓެއްގައި ހުރި ފެން އެއްޗަކަށް އަޅާއިރު، މަޑުމަޑުން އަޅާނަމަ، އެ އެއްޗެއް ފައިބަން އުޅޭނީ ބޯތަށީގެ ބޭރުގައި ޖެހިގެންނެވެ. ސަމުސަލުގެ ބޭރުގައިޖެހިގެން ފައިބާނީ، ސަމުސާގާތުގައި ޕްރެޝަރު ދަށްވެފައި ދުރުގައި ޕްރެޝަރު މަތިވީމައެވެ.  އެހެނީ، އެއްޗެތި ދަތުރުކުރަނީ ޕްރެޝަރު މަތީ ހިސާބަކުން ދަށް ހިސާބަކަށެވެ. މިއީ މަތިންދޯބޯޓު އުދުހޭ ސަބަބު ދެނެގަތުމަށް އެނގެންޖެހޭ ދެވަނަ މުހިއްމު ކަމެވެ. ތިރީގައިވާ ބައްޓަމާ ދޭތެރޭ ވިސްނާށެވެ. ވައި ޖެހުމުން މި އެއަރފޮއިލް އުޅޭނީ މައްޗަށް އަރާށެވެ. އެއީ ފިޔަ ދަށުގައި ޕްރެޝަރު މަތިވެފައި ފިޔައިގެ މަތީގައި ޕްރެޝަރު ދަށްވުމުންނެވެ.

dhivehiairfoilފިޔައިގެ ދަށުގައި ޕްރެޝަރު މަތިވާ ސަބަބަކީ، ފިޔަ ކޮންމެވެސް މިންވަރަކަށް މައްޗަށް ޖެހިފައިވާތީ ކުރިއަށް ދާއިރު ވައި ތާށިވާ ތާށިވުމެވެ. ފިޔައިގެ މަތީގައި ޕްރެޝަރު ދަށްވަނީ، ވައި ދަނީ ފިޔައިގެ މަތީގަިއވާ ބައްޓަމުގައި ކޭއްތިގެން ކަމަށްވާތީއެވެ. މިގޮތަށް ކޭއްތިގެން ވަޔަށް ދެވޭނީ، އެތަނުގެ ޕްރެޝަރު މަތީގެ ޕްރެޝަރަށް ވުރެ ދަށް ވެގެންނެވެ. އެހެންކަމުން ފިޔައިގެ ދަށުގެ ޕްރެޝަރު މަތިވެފައި ފިޔައިގެ މަތީގެ ޕްރެޝަރު މައްޗެވެ. އެއްޗިހި ދަތުރުކުރަނީ ޕްރެޝަރު މަތީ ހިސާބަކުން ދަށް ހިސާބަކަށް ވާތީ، ފިޔަ މައްޗަށް އުފުލޭނެއެވެ. މިއީ ލިފްޓެވެ. ނުވަތަ މައްޗަށް އެެރުމުގެ ބާރެވެ. ތިރީގައި އެވަނީ މިކަން އިތުރަށް ސާފުކޮށް ކިޔައިދީފައިވާ ވީޑިއޯ އެކެވެ. އިތުރު މަޢުލޫމާތު މި ވީޑިއޯއިން ފެންނާނެއެވެ.

ހުރިހާ މަތިންދާ ބޯޓެއްގެ ފިޔަ ހުންނަނީ ކުރިން ބުނި ފަދަ ބައްޓަމަށެވެ. ތިރީގައި އެވަނީ ކުޑަ ބޯޓެއްގެ ކުރެހުމެކެވެ. އަދި މަތިންދާބޯޓުގެ ތިން ބާވަތުގެ ފިޔައެވެ. ފިޔަ ހަދަނީ ލަކުޑިން ނުވަތަ އެލްމިނިއަމުން ނުވަތަ ފައިބަރުންނެވެ. އެއީ ލުއިކުރުމަށްޓަކައެވެ. ބޯޓުގެ ބާވަތުން ފިިޔައިގެ ބައްޓަން ވަރަށް ތަފާތު ވެއެވެ. ހަނގުރާމަ މަތީ ބޯޓު ފަހަރުގެ ބައްޓަމާއި ފަސިންޖަރުން އުފުލާ މަތިންދާ ބޯޓުގެ ބައްޓަން ތަފާތެވެ. މަތިންދާ ބޯޓުގެ ފިޔައިގެ ބޭރުފުށުގައި ޖަހަނީ ފޮތި ނުވަތަ އެލްމިނިއަމް ނުވަތަ ފައިބަރެވެ.

b4ceeb0d6d82bfcce270df8549031282

ރޮކެޓާއި މަތިންދާ ބޯޓާ ހުރި މައިގަނޑު ތަފާތަކީ، ރޮކެޓާއި ހެލިކޮޕްޓަރު ފާޑަށް ހުންނަ ޑްރޯން މައްޗަށް އެރުމަށް އެއަށް ގުރެވިޓީއިން ބިމަށް ދަމާ ބާރު ކެންސަލް ނުވަތަ ނަފީކުރެވޭ ފަދަ، އެބާރާ އެއްވަރުގެ އިންޖީނެއް އަޅަން ޖެހޭކަމެވެ. އެހެންކަމުން މިތަކެތި ދުއްވުމުގެ ޚަރަދު ބޮޑެވެ. މަތިންދާ ބޯޓުން ލިފްޓު ނުވަތަ މައްޗަށް އުފުލޭ ބާރު އުފައްދަނީ އޭގެ ފިޔައިންނެވެ. އިންޖީނުން ކުރާ ކަމަކީ  ފިޔަ މައްޗަށް ވައި ފޮނުވުމެވެ. މިކަމަށް ބޭނުންވާ  އިންޖީނުގެ ބާރު، ހެލިކޮޕްޓަރުގެ އިންޖީނަކަށް ވުރެ ފަސް ގުނަ ކުޑަވާނެއެވެ. އެހެންކަމުން މަތިންދާ ބޯޓު ދުއްވުމުގެ ޚަރަދު، ހެލިކޮޕްޓަރު ފަދަ ފިޔަ ނެތް އެއްޗެއް ދުއްވުމުގެ ޚަރަދާ އަޅާ ބަލާއިރު ފަސްގުނަ ކުޑަވާނެއެވެ.

ލިފްޓު ނުވަތަ އުފުލުމުގެ ބާރަށް އަސަރު ކުރާ ފިޔައިގެ ސިފަތައް

ކުރިން ބުނި ފަދައިން، ފިޔައެއް ހުރަހަށް ބުރިކުރުމުން ހުންނަ ބައްޓަމަށް ކިޔަނީ އެއަރފޮއިލް އެވެ. އެއަރފޮއިލް ހުންނަ ގޮތުން، ފިޔައިން އުފައްދާ އުފުލުގެ ބާރަށް ނުވަތަ ލިފްޓަށް އަސަރު ކުރެއެވެ. މިގޮތުން އުފުލުމަށް އަސަރުކުރާ ކަންތައްތައް ތިބާއަށް ވިސްނާލުމުން އެނގޭނެއެވެ. ފިޔައިގެ އެކި ސިފަތައް ބަދަލުކޮށް، ސައިންސްވެރިން ވަރަށް ގިނަ ތަޙުލީލުތަކެއް ކޮށްފައި ވެއެވެ. އަދި، އެއް ހާހަށް ވުރެ ގިނަ ތަފާތު ވައްތަރުގެ އެއަރފޮއިލްގެ ސިފަތައް ދިރާސާކޮށްފައި ވެއެވެ.

ފިޔައިން އުފުލުމުގެ ބާރު އުފައްދަނީ އޭގެ ތިރީގައި ވައި ފިތިގެން އުފެދޭ ޕްރެޝަރު މަތިވުމުންނާއި، ފިޔައިގެ މަތީގައި ވައި ކޭއްތިގެން ތިރިއަށް ވައިދާތީއެވެ. އެހެންކަމުން ފިޔަ ބޮޑުވި ވަރަކަށްއެއިން އުފައްދާ ލިފްޓު މަތިވާނެއެވެ.  އެހެން އިބާރާތަކުން ބުނާނަމަ، ފިޔައިގެ އޭރިއާ (A) ބޮޑުވި ވަރަކަށް އޭގެ ލިފްޓު މަތިވާނެއެވެ. ތިބާގެ ހިތަށް އަރާފާނެއެވެ. ފިޔައިގެ އޭރިއާ ބޮޑުވި ވަރަކަށް ލިފްޓު މަތިވަންޏާ ވީހާ ބޮޑު ފިޔައެއް މަތިންދާބޯޓުގައި ހަރުނުކުރަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ ފިޔަ ބޮޑުވި ވަރަކަށް، މަތިންދާ ބޯޓު ބަރުވާތީ އާއި ކުރިއަށް ދާއިރު، ވައިގައި ޖެހޭތަން ބޮޑުވާނެތީ ވައިން ހިފަހައްޓާ ހިފެހެއްޓުން ނުވަތަ ޑްރޭގް މަތިވާތީއެވެ.

މަތިންދާ ބޯޓު ބާރަށް ދުއްވި ވަރަކަށް ފިޔަ ދަށުގައި ވައި ފިތޭލެއް  ނުވަތަ ޕްރެޝަރު ބޮޑު ވާނެއެވެ. ހަމަ އެފަދައިން ފިޔައިގެ މަތީގައި ވައި ކޭއްތިގެން ފިޔަ މަތީ އުފެދޭ ޕްރެޝަރު ދަށް ވެސް ވާނެއެވެ. އެހެންކަމުން މަތިންދާ ބޯޓެއް ބާރަށް ދުއްވިވަރަކަށް ފިޔައިން އުފައްދާ ލިފްޓު މަތިވާނެއެވެ. މިގޮތުން އުފައްދާ ލިފްޓު މަތިވަނީ ވަރަށް ބޮޑަށެވެ. މަތިންދާ ބޯޓުގެ ދުވެލި ދެ ގުނައަށް ޖައްސައިފިނަމަ، ލިފްޓު މަތިވަނީ ހަތަރު ގުނައަށެވެ. ހިސާބުން މިކަން ވާގޮތް ލިޔަނީ ދުވެއްޔަކީ v ކަމުގައި ވާނަމަ،  v² މިހެން ލިޔެގެންނެވެ. މަތިންދާ ބޯޓަކަށް އުދުހިގަންނަން ރަންވޭ އެއް ބޭނުންވާ ސަބަބަކީ، އުދުހިގަންނަން ބޭނުންވާ ލިފްޓު އުފެއްދެނީ ވަކި ދުވެއްޔެއް ލިބުމުން ކަމަށްވާތީ، އެ ދުވެލި ހޯދުމަށް ރަންވޭގައި ބޯޓު ބާރަށް ދުއްވުމަށެވެ. މަތީގައި އޮތް ބޯޓެއް މާ މަޑުން ދުއްވާނަމަ، ފިޔައިން އުފައްދާ ލިފްޓު ކުޑަވެގެން އެ ބިމަށް ވެއްޓޭނެއެވެ.

ދުނިޔޭގެ ޖައްވުގައި ވައި ހުންނަނީ އެއްވަރަކަށް ނޫނެވެ. ވައިގައި ބަރުދަނެއް ހުންނާތީ، ބިމާ ކައިރީގައި ވައި މާ ގިނައެވެ. އެއީ ބިމަށް އެއްޗެތި ދަމާ ބާރު ބޮޑުވަނީ ބިމާ ކައިރިވި ވަރަކަށް ކަމަށް ވާތީއެވެ. މައްޗަށްދިޔަ ވަރަކަށް ވައި ހުންނަނީ މަދުންނެވެ. ވައި ނެތްނަމަ، މަތިންދާ ބޯޓެއްގެ ފިޔައިން އެއްވެސް ވަރަކަށް ލިފްޓެއް ނުއުފައްދާނެއެވެ. ވައި ގިނަވި ވަރަކަށް ފިޔައިން އުފައްދާ ލިފްޓު ބޮޑު ވާނެއެވެ. ވައި ހުންނަ ވަރު ބަލަނީ ކޮންމެ ކޮޑި މީޓަރެއްގައި ހުންނަ ވައިގެ ބަރުދަން ބަލައިގެންނެވެ. މިވަޒަނަށް ކިޔަނީ ޑެންސިޓީ އެވެ. ޑެންސިޓީ މަތިވި ވަރަކަށް ލިފްޓު މަތިވާނެއެވެ. ޑެންސިޓީ ބަޔާން ކުރާ ނިޝާނަކީ ρ އެވެ. މިއީ ޔޫނާނީ އަލިފުބާގެ ’ރ‘ ގެ އަޑު ނުކުންނަ އަކުރެވެ. ކިޔަނީ ރޯ އެވެ. ބިމާ ކައިރީގައި ޑެންސިޓީ މަތިނަމަ، މަތިންދާ ބޯޓު މާ އުހުން އުދުހެނީ ކީއްވެހެއްޔެވެ؟ ތިރިން އުދުހޭނަމަ، ލިފްޓު މަތިވާތީ އިންޖީނުގެ ބާރު ކުޑަވާނެ ނޫން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ، ޑެންސިޓީ މަތިނަމަ، ނުވަތަ ވައި ގިނަ ނަމަ، ކުރިއަށް ދިއުން ހިފަހައްޓާ ބާރު ނުވަތަ ޑްރޭގް ވެސް މަތިވެއެވެ. ގިނަ ވައި ހުންނަ ހިސާބަކު މަތިންދާބޯޓު ކުރިއަށް ދިޔަ ނުދޭން ބޯޓުގެ އެކި ތަންތަނުގައި އަޅައިގަންނަ ވައިގެ މޮލިކިޔުލްތައް ގިނަވާނެތާއެވެ. ތަނބިކައްޓާ ހަމައަށް ލޮނު ހުރި މޫދެއްގައި، ކަރުތާފެނަށް ލޮނު ހުރި މޫދަކަށް ވުރެ ބާރަށް ހިނގޭނޫން ހެއްޔެވެ؟ މަތިންދާ ބޯޓު ދުއްވުން ރަނގަޅީ ވަރަށް މަތިން ދުއްވުމެވެ. ގިނަ މަތިންދާ ބޯޓު ދުއްވަނީ ދިހަ ވަރަކަށްކިލޯމީޓަރު މަތިންނެވެ. މި ހިސާބުގައި ވައި މަދުކަމުން، ދުވެލި ހިފަހައްޓާ ޑްރޭގް ކުޑައެވެ. އެހެންކަމުން، މާ ބާރަށް ދުއްވެއެވެ. ބާރަށް ދުއްވޭތީ، އުފެދޭ ލިފްޓު، ޑެންސިޓީ ދަށްވުމުން ކުޑަވާ މިންވަރަށް ވުރެ މާ ބޮޑެވެ.

މި ބަޔާން ކުރެވުނީ ފިޔައިން އުފައްދާ ލިފްޓު އަށް އަސަރު ކުރާ ތިން ކަމެވެ. އެއީ ފިޔައިގެ އޭރިއާ އާއި، ދުވެއްޔާއި ވައިގެ ޑެންސިޓީއެވެ. ދެން އެންމެ މުހިއްމީ ފިޔަ، ވައިގައި އަޅައިގަންނަ އޭންގަލް އެވެ. ކަތި މިނެވެ. ސީދާ ރަހައަށް ހުރި ފިޔައެއްގައި މާ ގިނަ ވަޔެއް އަޅައެއް ނުގަންނާނެއެވެ. ނަމަވެސް ކަތިވި ވަރަކަށް ވައި އަޅައިގަންނަ ވަރު ގިނަވާނެއެވެ. ފިޔައެއް ވަޔަށް ދިއްކޮށްފައި ހުންނަ ކަތިމިނަށް ކިޔަނީ އޭންގަލް އޮފް އެޓެކް އެވެ.  މިކަތިމިނާއި އެއަރފޮއިލްގެ އެހެން ޚާއްޞަ ސިފަތައް ހިމެނޭ ކަންތައްތައް އެއްކޮށް ބަޔާން ކުރަނީ C  ނިޝާނުންނެވެ. މިއީ ފިޔައެއްގެ ލިފްޓް އާ ގުޅޭ ވަޒަނެއްކަން އަންގަން C ގެ ތިރީގައި ކުޑަކުޑަ L އެއް ލިޔެއެވެ. އޭންގަލް އޮފް އެޓެކް މަތިވި ވަރަކަށް ލިފްޓް މަތިވާނެއެވެ. ހަމަ އެފަދައިން ބޯޓު ކުރިއަށް ދިއުން ހިފަހައްޓާ ޑްރޭގް ވެސް މަތިވާނެއެވެ. އެއީ ގިނަ ވައި ފިޔައިގައި އަޅައިގަންނާނެތީއެވެ. މާ މަތިކޮށްފިނަމަ، ފިޔައިގެ މަތިންދާ ވައި، ފިޔައާ ވަކިވެ، އެއްވެސް ލިފްޓެއް ފިޔައިން ނުއުފެދި ބޯޓު ވެއްޓޭގޮތް ދިމާވެއެވެ. މިކަން މި ވީޑިއޯ އިން ފެންނާނެއެވެ.

މި ހަތަރުކަމުން ފިޔައަށް އަސަރު ކުރާ ކަންތައްތައް ބަޔާން ކޮށް، ފިޔައަކުން އުފައްދާ ލިފްޓް (L) ވަކި ފޯމިޔުލާއެއްގެ ގޮތުގައި ބަޔާން ކުރެވިދާނެއެވެ.  އެ ފޯމިޔުލާ ތިރީގައި އެވަނީއެވެ. graphic13liftމި ފޯމިއުލާއިން އެކި އެއަރފޮއިލްތަކުން ފިޔަ މައްޗަށް އެރުމަށް ހިފާ ބާރު ބަޔާން ކުރެއެވެ. ގިނަ ބޯޓުތަކުގެ ފިޔައިގައި ހުންނަނީ އެންމެ އެއަރފޮއިލް އެއް ނޫނެވެ. ފިޔައިގެ ކުރީގައި (ޓިޕް ގައި) ވަކި ވައްތަރެއް، މެދުގައި ވަކި ވައްތަރެއް އަދި ބޯޓާ ގުޅޭ ހިސާބުގައި (ވިންގު ރޫޓު ނުވަތަ ފިޔަބުޑުގައި) ވަކި ވައްތަރެކެވެ. އަދި ބޯޓުގައި ފިޔަ ހުންނަނީ ކުޑަކޮށް އަނބުރާ ހަރުކޮށްފައެވެ. އުޞޫލެއްގެ ގޮތުން ބުޑުގެ އޭންގަލް އޮފް އެޓެކް މަތިވާނެއެވެ. އަދި ކޮޅަށް ދިޔަވަރަކަށް މި އޭންގަލް ކުޑަވާނެއެވެ. މިކަން ކުރަނީ ބޯޓު އެނބުރޭ ގޮތަކުން ފިޔައިން ލިފްޓު އުފެއްދުން އެއްވެސް އިރެއްގައިކެނޑިގެން ދިޔުން ކުޑަކުރުމަށެވެ.  އެކި ބޯޓުފަހަރުގައި ބޭނުން ކުރާ އެއަރފޮއިލްތައް މި ލިންކުން ފެންނާނެއެވެ. އެއަރފޮއިލްތަކަށް ނަންދީފައި ހުންނަނީ ކޯޑެއް ދީގެންނެވެ.

މަތިންދާ ބޯޓަށް އުދެހެވެނީ ފިޔައިން ކަމުގައި ވާނަމަ، އެންމެ އަގުހެޔޮކޮށް ދަތުރު ކުރެވޭ މަތިންދާ ބޯޓުގައި ހުންނާނީ ހުސް ފިޔައެވެ. މިއީ މުސްތަޤްބަލްގައި މަތިންދާ ބޯޓު އުފައްދާނޭ ގޮތެވެ. މިހާރުވެސް މި ބާވަތުގެ މަތިންދާ ބޯޓު ހުރެއެވެ. ތިރީގައި އެވާ ފޮޓޯގައިވަނީ މިފަދަ  މަތިންދާ ބޯޓެކެވެ. އޭގައި މީހުން ތިބެނީވެސް ފިޔައިގެ ތެރޭގައެވެ. ”އުދުހޭ ފިޔަ“ އީޖާދުކުރީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނުންނެވެ. ގިނަ ވަގުތު އުދުހޭ ދޫނީގެ  ފިޔަގަނޑު ވެސް އޭގެ ހަށިގަނޑުގެ ނިސްބަތުން ވަރަށް ބޮޑެވެ. flyingwing2

ބާރަށް ދުއްވާ މަތިންދާ ބޯޓުގެ ފިޔަ، ނިސްބަތުން ކުޑަވާނެއެވެ. އެއީ ބާރަށް ދުއްވުމުން ފިޔައިން އުފައްދާ ލިފްޓުން ބޯޓަށް މަތީގައި އޮވެވޭނެތީއެވެ.ކުރިން ބަޔާން ކުރި ފަދައިން ދުވެލި ދެގުނައަށް ބޮޑު ކޮށްފިނަމަ، ހަތަރު ގުނައަށް ލިފްޓު މަތިވާނެއެވެ.

ބައެއް މަތިންދާ ބޯޓު އުފައްދަނީ ނުވެއްޓި  މަޑުން ދުއްވުމަށެވެ. މިފަދަ މަތިންދާ ބޯޓުގެ ފިޔަ ބޮޑުވާނެއެވެ. ބޯޓަށް މާ ބޮޑު ރަންވޭ އެއް ބޭނުމެއް ނުވާނެއެވެ. ރަށެއްގެ ގޮޑު ދޮށުގައިވެސް ބޯޓަށް ޖެއްސިދާނެއެވެ. އަދި ފުޓުބޯޅަ ކުޅޭ ތަނެއްގައި ވެސް ޖެއްސިދާނެއެވެ. އެންމެ މަޑުން ދުއްވާ އެންމެ މަޝްހޫރު މަތިންދާ ބޯޓަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުން އުފެއްދި ބޯޓެކެވެ. މިބޯޓަށް ކިޔަނީ ސްޓޯކު އެވެ. ތިރީގައި އެވަނީ އެ ބޯޓުގެ ފޮޓޯއެކެވެ. މިބޯޓަށް އާދައިގެ ދުވެއްޔެއްގައި ސައިކަލެއް ދުއްވާފައި ދާހާ މަޑުން (ގަޑިއަކު 32 ކިލޯމީޓަރުގައި)  ނުވެއްޓި އުދުހެވެއެވެ. އެންމެ ބާރަށް ގަޑިއަކު 175 ކިލޯމީޓަރަށް ދެވެއެވެ.  ބޯޓު އުދުހިގަންނަން ބޭނުންވަނީ 200 ފޫޓުގެ ރަންވޭ އެކެވެ. ރާއްޖެއާ ވަރަށް ގުޅޭ މަތިންދާބޯޓެކެވެ.

f-156

ގިނަ މީހުން ހީކުރާ ގޮތާ ޚިލާފަށް މަތިންދާ ބޯޓެއް ކޮންމެ މީހަކަށް ވެސް ހެދިދާނެއެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށެންދެން، ގިނަ މަތިންދާ ބޯޓު ހެދީ ލަކުޑިންނެވެ. ފިޔަތަކުގައި ހުންނަނީ ފޮތި ޖަހައި ދަވާދުލާފައެވެ. މަތީގައިވާ، މަޑުން ދުއްވާ މަތިންދާ ބޯޓު ހަދަން ބޭނުންވާ މީހުންނަށް އެކަކަށް އެރޭ އެފަދަ  ބޯޓެއް ހަދާނެ އިތުރު މަޢުލޫމާތު މި ލިންކުން ލިބޭނެއެވެ.  ލިންކުން ހުރިހާ ކުރެހުންތަކެއް ޑައުންލޯޑު ކުރެވޭނެއެވެ.

comment_opinion_line

ތިބާ މި މަޒުމޫނާ ގަޔާވިނަމަ،  ”ފުޅަނދު“ އާބެހޭ މި މަޒުމޫނާވެސް ތިބާ ގަޔާވާނެއެވެ.

 

Free Web Syndication
Some Dhivehi news websites make requests to republish articles on this website. For FREE you can republish this or any article with proper attribution provided that you use:

  • a rel=canonical tag to tell search engines that the article is a syndicated copy.
  • a NoIndex tag to prevent syndicated copy being indexed by search engines.
  • a direct link to this original content so that the most recent version, revised based on reader feedback, can be accessed.