ކެސްޕިއަން ކަނޑުގެ އިފުރީތު
ދެވަނަ ބޮޑު ހަނގުރާމައިގައި އެއްކޮޅަކަށް ހަނގުރާމަ ކުރި އެމެރިކާމީހުންނާއި ރަޝިޔާމީހުން، ހަނގުރާމަ ނިމުނުތަނާ މާ ގިނަދުވަސް ނުވަނީސް ކަންތައްތަކާ ދެބަސްވެ، ދެކޮޅުވެރި ވެއްޖެއެވެ. ދެން މިދެބައިމީހުން ހަނގުރާމައަށް ހަތިޔާރު ”ތޫނުކޮށް“ އެއްބަޔަކު އަނެއްބަޔަކަށް ފާރަލާ ހަދަން ފަށައިފިއެވެ. އެއްޤައުމުގެ މީހުން އަނެއް ޤައުމަށް ޖާސޫސުން ފޮނުވާ، ޤައުމުގެ މަތިން ސެޓެލައިޓާއި މަތިންދާ ބޯޓު ފޮނުވައިގެން ސިއްރުން ފޮޓޯނަގައި ވާނުވާ ބަލަމުން ގެންދިޔައެވެ. މިގޮތަށް ބެލިބެލުމުގައި، އެމެރިކާގެ ޖާސޫސުންނަށް ރަޝިޔާގެ ކަނޑެއްގެ ތެރެއިން އާދަޔާ ޚިލާފު އެއްޗެއް ފެނިއްޖެއެވެ. އެއީ ފުރޭތައެއް ފަދައިން ކަނޑުގައި މާބާރަށް ދަތުރުކުރާ އެއްޗެކެވެ. މި އެތި ފެންނަނީ ސެޓެލައިޓަކުން ނަގާ ފޮޓޯއަކުން ކަމަށްވާތީ މާ ސާފެއް ނޫނެވެ. ފޮޓޯގެ ކޮޕީއެއް ތިރީގައި އެވަނީއެވެ. މިއެއްޗަށް އެމެރިކާމީހުން ނަންދިނީ އެ ފެނުނު ކަނޑުގެ ނަމުންނެވެ. ކެސްޕިއަން ސީ މޮންސްޓަރ އެވެ. އާދެ! ކެސްޕިއަން ކަނޑުގެ އިފުރީތެވެ. އިފުރީތު ކިޔަނީ ޖިންނީންގެ ތެރެއިން ހިމެނޭ ނުރުހެވޭ ގޮތްބޮޑު ނުލަފާ ޖިންނިއަށެވެ. މި އިފުރީތު މި ކަނޑުގެ އެއް އައްސޭރިން އަނެއް އައްސޭރިއަށް ވަރަށް ބާރަށް އުދުހޭކަން ސެޓެލައިޓު ފޮޓޯއިން އެނގުނެވެ. ނަމަވެސް އިފުރީތުގެ ސިފައެއް، ކުލައެއް ފޮޓޯނަގަންޖެހޭ މަތިކަމަކުން ނޭގެއެވެ. މަތިންދާބޯޓު ޖައްސާ ރަން-ވޭއެއް ކަނޑުގައި ނޭޅޭނެތީ މިއީ މަތިންދާ ބޯޓެއް ނޫންކަން އެމެރިކާ މީހުންނަށް ޔަޤީން ވިއެވެ. އެހެނީ މަތިންދާ ބޯޓެއްނަމަ، ހަމައެކަނި ކަނޑުގައި ދަތުރުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ކަނޑުގައި ދުއްވާ ބޯޓަކަށްވުރެ މިއިފުރީތު ދަތުރު ކުރާލެއް މާ އަވަހެވެ. މިއީ ކޮންއެއްޗެއް ބާވައެވެ؟
ޒަމާން ބަދަލުވެ އެމެރިކާ އާއި ރަޝިޔާ އާ ދެމެދު އޮތް ދެކޮޅުވެރިކަން ކުޑަވެ، އެމެރިކާ މީހުންނަށް ރަޝިޔާއަށް ދެވުމުން އިފުރީތަކީ ކޮން އެއްޗެއްކަން އެނގިއްޖެއެވެ. އެއީ ކަނޑުގައި ޖައްސާ، ރަން-ވޭ އެއް ބޭނުން ނުވާ، ކަނޑުގައި ޖެހޭނުޖެހޭ ހިސާބުން ދަތުރުކުރާ ބޯޓެކެވެ. މިކަން ސިއްރު ކޮށްފައިވާ މިންވަރީ މި ބޯޓު ބަނީ ބިދޭސީން އެރުން މުޅިން މަނާ ރަށެއްގައި ކަމެވެ. ޢާންމުންގެ ތެރޭގައި މިފަދަ ބޯޓަށް ރަޝިޔާ ބަހުން ކިޔާ ނަން، އާދެ، އެކްރަނޯޕްލޭން ބޭނުން ކުރުންވެސް މަނާކޮށްފައި ވެއެވެ. ބޯޓުގެ ދިގުމިނުގައި 300 ފޫޓު ހުރެއެވެ. ބަރުދަން 500 ޓަނެވެ. ތިރީގައި އެ ވަނީ އެ” އިފުރީތު“ ގެ ފޮޓޯއެކެވެ.
މިއީ މުހިއްމު ސުވާލެކެވެ. ބަލާބެލުމަށް މި ބާވަތުގެ” އިފުރީތު“ މަތިންދާ ބޯޓަކާ ވަރަށް ވަރަށް ވައްތަރެވެ. ދެ ފިޔަ ވެއެވެ. ނިގޫކޮޅުގައި ހުންގާނެއް ހުރެއެވެ. ބުރަފަތި ވަނީ ވައިގެ ތެރޭގައެވެ. ކަނޑަކު ނޫނެވެ. މިއީ ތެދު ވާހަކައެވެ. ނަމަވެސް މިއީ މަތިންދާ ބޯޓެއް ނޫނެވެ .މިފަދަ ބޯޓަކަށް ގަސްތަކުގެ މަތިން ނުއުދުހެވޭނެ އެވެ. ކަނޑުގެ މައްޗަށް އެރޭނީ އެތީގެ ބޮޑުކުޑަމިނުން ވަރަށް ތިރި އުސްމިނަކަށެވެ. މިއީ ކަނޑުގައި ދުއްވާ ބޯޓެއްވެސް ނޫނެވެ. އެއީ މި ދަތުރު ކޮށްފައި ދާ އިރު ކަނޑަކު ނުޖެހެއެވެ. މިފަދަ އުޅަނދަކަށް ކިޔާނީ ކޮން ނަމެއްތޯއެވެ؟
މަޒުމޫނާއިގެން ކުރިއަށް ދިއުމުގެ ކުރިން މިފަދަ އެއްޗަކަށް ކިޔާނޭ ނަމަކާ ދޭތެރޭ ކިޔުންތެރިޔާ އާއި އަޅުގަނޑު އެއްބަސްވުމަކަށް އައުމަކީ މަޒުމޫނުގެ ދޭހަ ފަސޭހަވާނޭ ކަމެއްކަން ކަށަވަރެވެ. ކަނޑުގެ މަތިން އުދުހޭ، ކަނޑުގައިވެސް ދަތުރު ކުރެވޭ މަހެއް ރާއްޖޭގެ ކަނޑުގައި އުޅެއެވެ. އެއީ ފުޅަނގިއެވެ. ފުޅަނގިއަކާ މި ވައްތަރުގެ އުޅަނދާ ވައްތަރު ގޮތެއް ހުރެއެވެ. ތަފާތަކީ، ފުޅަނގި އުދުހެން ފަށާފައި މާގިނައިރެއް ނުވަނީސް ކަނޑަށް ޖައްސަން ޖެހޭކަމެވެ. އެކްރަނޯޕްލޭން ކިޔާ ރަޝިޔާގެ މި އުފެއްދުން ކަނޑުން ވައިގެ ތެރެއަށް އެރުމަށްފަހު އިންޖީނުގައި ބާރު ހުރިއްޔާ ކަނޑުގައި އިރު އިރު ކޮޅުން ޖައްސާކަށް ނުޖެހެއެވެ. ފުޅަނގި ފަދައިން މި ފަދަ ބޯޓަކަށް މާ މައްޗަކަށް ނޭރެއެވެ. އަދި ފުޅަނގި ފަދައިން މިފަދަ އުޅަނދަކަށް ތުނޑިއެއް ހުރަސް ކުރެވޭނެ އެވެ. މިއީ ފުޅަނގި ފަދަ އުޅަނދެކެވެ. އެހެންކަމުން ފުޅަނދު ކިޔުން ކިހިނެއްވާނެ ބާވައެވެ؟ ނަމަވެސް ފުޅަނދު މި ލަފުޒު އެހެން އެއްޗަކަށް ބޭނުން ކުރެއެވެ. އާދެ! އެކި މުނާސަބަތުގައި ލޮރީއެއްގައި ދައްކައިލުމެއް ހަދައިގެން ބައެއްގެ ކުރިމަތީގައި ދުއްވާ އެއްގަމު އުޅަނދެކެވެ. އުދުހޭ ފުޅަނގިން އަކުރު ނަގައިގެން އުޅަނގި ކިއުން ކިހިނެއްވާނެ ތޯއެވެ؟ މިފަދަ އެތައް ލަފުޒަކާ އެ ލަފުޒުތައް ކިޔަން ފަސޭހަ މިންވަރާ މެދު ވިސްނާ، މި މަޒުމޫނުގައި އަޅުގަނޑު މިފަދަ އުޅަނދަށް އިޝާރާތް ކުރާނީ ފުޅަނދުންނެވެ. މިނަންކީ އިތުރު ސަބަބެއް ފަހުން ދަންނަވާނަމެވެ.
ފުޅަނދުގެ ސައިންސް
ކަނޑުގެ މަތީން، ކަނޑުގައި ނުޖެހި ދަތުރުކުރާ ފުޅަނދު ފަހަރަކީ މަތިންދާ ބޯޓަކަށް ވުރެ ވަރަށް ބޮޑުތަން ޚަރަދުކުޑަ، އިތުރު ބަރުދަން އުފުލޭ އުޅަނދެކެވެ. މިސާލެއްގެ ގޮތުން، ތިރީގައި އެވަނީ ރަޝިޔާ މީހުން ބޮޑެތި މިސައިލް ފޮނުވުމަށް ބަނދެފައިވާ ފުޅަނދެކެވެ.
[embedyt]https://www.youtube.com/watch?v=QiFBE2Rpa8g&width=400&height=250[/embedyt]
މިފަދަ ހައެއްކަ މިސައިލް ފޮނުވާލެވޭ ވަރުގެ މަތިންދާ ބޯޓެއް ފަރުމާކުރުމަކީ އަދި ގެންގުޅުމަކީ އިޤްތިޞާދީގޮތުން ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. މިހާރު ދުއްވާ އެންމެ ބޮޑު މަތިންދާބޯޓުގެ ތިންގުނަ ބޮޑު، ދިހަގުނަ ބަރުދަން ހިފޭ ފުޅަނދެއް ތައްޔާރު ކުރުމަކީ އެއްވެސް ކަމެއްނޫނެވެ. މިވަރުގެ ފުޅަނދެއް ދުއްވުމުގެ ޚަރަދު މަތިންދާބޯޓަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން ކުޑަވާނެއެވެ. ސަބަބަކީ ކޮބައިތޯއެވެ؟
އާދެ! މަތިންދާ ބޯޓު އީޖާދު ކުރެވުނީއްސުރެ، ޕައިލެޓުންނަށް އާދަޔާ ޚިލާފު ކަމެއް ތަޖުރިބާ ކުރެވެމުން ދެއެވެ. އެއީ، މަތިންދާ ބޯޓެއް ޖައްސަން އައިސް ބިމާ ކައިރިވުމުން، އެ ޖައްސާ ތާރުއެޅި” ރަންވޭ“ ކިޔާ މަގަށް ތިރިވާން ނޫޅޭކަމެވެ. ހީވަނީ ކޮންމެވެސް އެއްޗެއް މަތިންދާބޯޓު މައްޗަށް އުފުއްލާހެންނެވެ. ފަހުން ކުރެވުނު ތަޙްޤީޤުތަކުން އޮޅުންފިލީ ބޯޓު މައްޗަށް އުފުއްލަން ކޮށްޕާ ކޮށްޕުމުގެ އަޞްލަކީ މަތިންދާބޯޓެއް ބިމާ މާބޮޑަށް ކައިރިވުމުން އޭގެ ފިޔައިގެ ދަށުގައި ހުންނަ ވައިކަމެވެ. މި ވައި ފިޔަޔާއި ރަންވޭ އާ ދެމެދު ފިތި، ބާރު ވެ އެ ވައިގެ ފަންވަރުން ފިޔަ މައްޗަށް ކޮށްޕަނީ ކަމެވެ. ވައިއަޅާފައިވާ (ފުއްޕާފައިވާ) ފުއްޕާހަމެއް، ފިއްތާލުމުން އެ އިހުހުރި ސިފައަށް އިއާދަވާން މަސައްކަތް ކުރާފަދައިންނެވެ. މަތިންދާ ބޯޓަށް ކުރާ މިއަސަރަށް އިނގިރޭސިބަހުން ކިޔަނީ ”ވިންގ އިން ގްރައުންޑް އިފެކްޓް“ [ބިމުގެ އަސަރުގައި ފިޔަ ވާ] އެވެ. އެހެންކަމުން، އިނގިރޭސިބަހުން މި ފުޅަދަން މިދެންނެވި އަސަރުން ނަންދީ އުޅެއެވެ. ”ވިންގ އިން ގްރައުންޑް އިފެކްޓް ކްރާފްޓް“ {Wing-in Ground Effect Craft} އެވެ. ކުރުކޮށް ދަންނަވަނީނަމަ، ވިގް (WIG) ކްރާފްޓް އެވެ. ދަތުރު ކުރުމަށް ބޭނުން ކުރާ ކޮންމެ އުޅަނދަކަށް އިނގިރޭސިބަހުން ކްރާފްޓް ކިޔައެވެ.
މަތީގައި އެވާ ކުރެހުމާ ދޭތެރޭ ވިސްނަވާށެވެ. ކުރެހުމުން އެ ފެނިވަޑައިގަންނަވަނީ ރަން-ވޭ އަކަށް ބޯޓެއް ޖައްސަން އަންނަ ތަނެވެ. ކަނާތްފަރާތުގައިވާ ބޯޓުގެ ފިޔަ، ރަންވޭ އާ ގާތްވަމުން އަންނައިރު އެ ބިމާ ފިޔައާ ދެމެދު ވައި ފިތައެވެ. މި ފިތުމުން، ފުއްޕާހަމެއް އިހުއޮތް ގޮތް ވާން އުޅޭ ފަދައިން، ވައިގެ ފަންވަރުން ފިޔަ ހިއްލުވާ ބާރެއް ހުރެއެވެ. ފިޔައިގެ ވަށައިގެން ވައި ނިކުންނާނީ މިހިއްލުން ފިޔަޔަށް އިޙްސާސް ކޮށްދީފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މަތިންދާބޯޓު ވައިގައި އޮތުމަށް ކުރަންޖެހޭ މަސައްކަތް ކުޑަވާނެއެވެ. ދެ މީހަކުވެގެން ޕްލައިވުޑް ފިލައެއްގެ ހަތަރުކަނުގައި ހިފާފައި ބިމަށް ކުއްލިއަކަށް ގާތްކުރުމުން މިކަން އިޙްސާސް ކުރެވެއެވެ. ބިމާ އެންމެގާތްވާން އަންނަ ހިނދު ފިލާ ތިރިކުރަން އުނދަގޫވާ ނެއެވެ. ތުނި ފިލައެއް ފަތާކޮށް ބާއްވައި، ބިމަށް ވައްޓާލާއިރުވެސް އެ ވެއްޓޭނީ މަޑުމަޑުންނެވެ.
މިކަން ޢަމަލީ ގޮތުން އެތައް ބަޔަކަށް ތަޖުރިބާ ކުރެވިފައި ވެއެވެ. މަތިންދާ ބޯޓެއްގެ މަންޒިލަށް ދަތުރު ކުރެވޭނެ ތެޔޮ ނެތްނަމަ، ޕައިލެޓުން ކުރާ އެއްކަމަކީ ކަނޑާވީހާވެސް ކައިރިން ބޯޓު ދުއްވުމެވެ. އޭރުން، ބޯޓުގެ އިންޖީނުގެ ބާރު ދަށްކުރުމުން ވެސް ބޯޓު ވެއްޓޭ ގޮތެއް ނުވެއެވެ. މަތިންދާބޯޓެއްގެ ދެއިންޖީނުން ކުރެ އެއް އިންޖީނު ހަލާކު ވެއްޖެނަމަ، ކަނޑު ކައިރިން ދުއްވުމުން އެ ވެއްޓޭގޮތް ކުޑަވެއެވެ.ހަމަ މިފަދައިން، ބައެއް ދޫނި ވެސް ކަނޑާ ވަރަށް ކައިރިން އުދުހެއެވެ. ދޫނީގެ ފިޔައާއި ކަނޑުގެ ސަޠަޙާ ދެމެދު ވައި ވަނުމުން، ފިޔަ މާބޮޑަށް ނުޖެހިޔަސް އުދުހެވެއެވެ.
ރާއްޖޭގައި 1990 ގެ އަހަރުތަކުގައި ދުއްވި މަތިންދާބޯޓު ހެދި ކުންފުނި، ޑޯނިއާ އަކީ މީގެ 70 ވަރަކަށް އަހަރު ކުރިން ވަރަށް ބޮޑު މަތިންދާބޯޓެއް ހެދި ބަޔެކެވެ. ތިންބުރިއަށް ހެދި މި މަތިންދާބޯޓުގައި 12 އިންޖީނު ހުރެއެވެ. މިއެތި ޔޫރަޕުން އެމެރިކާއަށް ދުނިޔޭގެ ރެކޯޑެއް ޤާއިމްކުރަން ގިނަ ބަޔަކާއެކު ދަތުރު ކުރިއެވެ. މި ބޯޓު ބޮޑުކަމުން ދުއްވެނީ ކަނޑާ ވަރަށް ކައިރިންނެވެ. މާ މައްޗަށް އަރާހާ ވަރެއް މީގެ 12 އިންޖީނަކު ނުހުރެ އެވެ. އެތިގަނޑުވެސް ކަނޑުގައި ދުއްވާ އުޅަނދަކާ ވައްތަރު ގޮތެއް ހުރެއެވެ. ނަމަވެސް އެއީ ފުޅަނދެއް ނޫނެވެ. މިވާހަކަ ދަންނަވާލުމުގެ މަޤްޞަދަކީ މާ މައްޗަށް ނޭރޭ ބޯޓެއް ވެސް، ކަނޑުމަތީގައި ހުންނަ ވައިގެ ކޮށްޕުމުގެ ސަބަބުން ކަނޑުމަތިން ދެވިދާނޭ ވާހަކަ ދެންނެވުމެވެ. މިކަންކަމުން އޮޅުން ފިލާކަމަކީ ކަނޑުގެ ކައިރިން ދުއްވުމަށް ބޯޓަކަށް ބޭނުންވާ ހަކަތަ މަދުކަމެވެ. ފުޅަނގިއާއި ބޮޑު ދޫންޏާއި އެހެންވެސް ބައެއް ދޫނި، ކަނޑާ ވަރަށް ކައިރިން އުދުހޭ ސަބަބަކީ އެއީއެވެ. ތިރިން އުދުހުމުން، ކުރަންޖެހޭ މަސައްކަތް ލުއިވެފައި ވަރުބަލިވާލެއް ލަހެވެ.
މިދެންނެވި ކަނޑުގެ ނުވަތަ ބިމުގެ އަސަރުން މަތިންދާބޯޓެއް ހިއްލެނީ ނުވަތަ އުދުހެންވާ ބާރު ކުޑަވަނީ ކިހާވަރަކަށްތޯ އެވެ؟ އާދެ! ރަނގަޅު ފެންވަރަކަށް ބަނދެފައިވާ ފުޅަނދަކަށް އެ ބަރުދަނުގެ މަތިންދާ ބޯޓެއް ދަތުރު ކުރަންދާ ބާރުގެ% 60 އިން ދަތުރު ކުރެވެއެވެ. ކުޑަމަތިންދާ ބޯޓަކަށް 100 ހޯސްޕަވަރުގެ އިންޖީނެއް ބޭނުންވާނަމަ، އެ ބަރުދަން އުފުލޭ ފުޅަނދަކަށް ބޭނުންވާނީ 60 ހޯސްޕަވަރުގެ އިންޖީނެކެވެ.
ކުރިން ދެންނެވި ޑޯނިއާގެ ޑީ.އޯ.އެކްސް މަރުކާގެ މި ބޮޑު ބޯޓުގެ ފޮޓޯއެއްތިރީގައި އެވަނީއެވެ. ފޮޓޯ ބައްލަވާލައްވާފައި ކިއުއްވުން ކުރިއަށް ގެންދަވާށެވެ.
ފުޅަނދުގެ މަންފާތައް
ފުޅަނދުގެ މަންފާތަކާ ދޭތެރޭ ވިސްނާލާއިރު ފާހަގަ ކުރެވޭ ކަންތައްތައް ދަންނަވާލަމެވެ.
- އެންމެ މުހިއްމު އެއްކަމަކީ ޚަރަދެވެ. ގަލްކްރާފްޓްގެ ލާންޗެއް ދުއްވަނީ ޖުމްލަ 500 ހޯސްޕަވަރު ހުންނަ ދެ އިންޖީނުންނެވެ. 500 ހޯސްޕަވަރުގެ އިންޖީނު އެޅި ފުޅަނދަކުން މިފަދަ ލޯންޗަކުން ދަތުރުކުރެވޭހާ މީހުންނަށް ދަތުރުކުރެވޭނެއެވެ. ނަމަވެސް ތިން ގުނަ ބާރު މިނުގައެވެ. އެހެންކަމުން ޕެޓްރޯލް އަދާނީ، ތިންގުނަ ކުޑަކޮށެވެ.
- ކުރިން ދެންނެވިފައިވާ ފަދައިން ފުޅަނދަކީ މަތިންދާ ބޯޓެއް ނޫނެވެ. ފުޅަނދު ރަޖިސްޓްރީ ކުރަންޖެހެނީ ކަނޑުގައި ދުއްވާ އެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން، މަތިންދާ ބޯޓެއް ބަންނަ އިރު، އަދި ގެންގުޅޭއިރު، ހުންނަންޖެހޭ ސަލާމަތީ ކަންތައްތައް ހުންނާކަށް ނުޖެހެއެވެ. ދުއްވާފައިދާ ފުޅަނދެއްގެ ތިރީގައި ކަނޑު އޮންނާނީ ހައެއްކަ ފޫޓަށް ވުރެ ވެސް ތިރީގައެވެ. ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ، ވެއްޓޭނީއެހާތަނަށެވެ. މިސަބަބަށްޓަކައި މިއީ ރައްކާތެރި، ހަލުވި، ޚަރަދު ކުޑަ އުޅަނދެކެވެ.
- ކަނޑުގައި ދުއްވާ އުޅަނދަކަށް ވުމުން އެ ދުއްވަން (އޮޕަރޭޓްކުރަން) ދާ ޚަރަދު ވަރަށް ކުޑައެވެ. ޕައިލެޓެއްގެ ބަދަލުގައި ބޭނުންވާނީ ލާންޗު ދުއްވާ މީހެކެވެ. ތެލަކަށް އަޅާނީ އާދައިގެ ޕެޓްރޯލެވެ. އިންޖީނާއި ހަލް ނުވަތަ ސިންޖާލު ގަޑިންގަޑިން ސާވޭކޮށް ހެދުމުގައި ލުޔެއް އޮންނާނެއެވެ. އެއީ ސަލާމަތްވުމަށް ބޯޓު ޖައްސަންޖެހޭ ކަނޑު، ހައެއްކަ ފޫޓު ތިރީގައި އޮތީމައެވެ.
- މިހާރު ދޯނި އަޅާ ފަޅު ފުޅަނދު ބާއްވަން ބޭނުން ކުރެވޭނެއެވެ. އެއަރޕޯޓެއް ހަދާ ނުވަތަ ކަނޑުގައި ދުއްވާ މަތިންދާބޯޓު ޖައްސަން ހުންނަ ފަދަ ސަރަޙައްދެއް ބޭނުމެއް ނުވާނެއެވެ.
- ދުވެލި އޮމާންކަމުން، ދަތުރުކުރާ މީހުންނަށް ހޮޑުލުމުގެ ނުތަނަވަސް ކަމާއި މައިކަށްޓަށް ލިބޭ ގެއްލުމެއް ނުލިބޭނެއެވެ. ކަނޑުގައި ދުއްވާ ތަކެތިން ރޯލުކޮށް ތަޅުވާ ގޮތަކަށް ފުޅަނދެއް ނުތަޅުވާނެއެވެ. ފުޅަނދުގެ ދަތުރަކީ އޮމާން ދަތުރެކެވެ.
އެހެން ތަކެއްްޗާ އެއްފަދައިން ފުޅަނދަކީވެސް ބަރާބަރު އެއްޗެއް ނޫނެވެ. އޭގެ މައްސަލަތަކުގެ ތެރޭގައި ވަޔާއި ރާޅުން މިއަށް ފަސޭހައިން އަސަރުކުރުން ހިމެނެއެވެ. ރޭގަނޑު އަދި ގަދަ ރާޅަކު ފުޅަނދެއް ނުދުއްވޭނެއެވެ. އަނެއް މައްސަލައަކީ މިއީ އައު އުފެއްދުމަކަށްވާތީ، ހުރިހާ މައްސަލަތަކެއް ރަނގަޅު ކުރެވިފައިވާ ކާރެއް ގަނެވޭ ފަދައިން ފުޅަނދެއް ގަންނަން ނުލިބޭކަމެވެ. މިއީ ފުރިހަމަ ކުރުމުގެ މަރުހަލާގައިވާ އީޖާދެކެެވެ.
ނަމަވެސް، އެއްޗެއްގެ މަންފާއާއި ބޭނުންތެރިކަން ބޮޑުވަނީ ފުރިހަމަވެގެން ނެއް ނޫނެވެ. އެ ބޭނުން ކުރާ ބައެއްގެ މާހައުލުންނެވެ. ދުނިޔޭގެ އުތުރު ތަނޑިކައިރީގައި ގަނޑުފެނުން ގެ އަޅައިގެން އުޅޭ މީހުންނަށް އައިސް އަލަމާރިއަކީ އެހާ ބޭނުންތެރި އެއްޗެއް ނޫނެވެ. ހުޅަނގުގެ ޤައުމުތަކުގައި، ގޭތެރެ ހޫނުކުރަން ބޭނުންކުރާ ހީޓަރުގެ އެއްވެސް ބޭނުމެއް ރާއްޖެއަކު ނޯވެއެވެ. މިފަދަ ކަންތައްތައް ތަކުން އެނގެނީ ކޮންމެ އެއްޗެއްގެވެސް ބޭނުންތެރިކަން ބިނާވެގެންވަނީ މާހައުލަށް ކަމަށެވެ. ރާއްޖޭގެ ޙާލަތަކީ އެހެން އެއްވެސް ޤައުމެއްގެ ޙާލަތާ އެއްގޮތް އެއްޗެއް ނޫނެވެ. މާލޭގައި މި ފެންނަ 800 ފޫޓުގެ ޖާގައެއްގައި ދިހަ ބުރިއަށް އަޅާފައި ހުންނަ ގެތަކެއް ދުނިޔޭގެ އެއްވެސް ޤައުމަކުން މިވަރަށް ފެންނާނެ އެކޭ އަޅުގަނޑެއް ނުދަންނަވާ ނަމެވެ. އެހެންކަމުން، ފުޅަނދަކީ އެހެން ޤައުމުތަކަށް އެހާ ބޭނުންތެރި އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް، ރާއްޖެފަދަ ތިލަތަކާއި ފަރުތައް ގިނަ، އާބާދީ 200 ވަރަކަށް ރަށަށް ބެހިފައިވާ ސަރަޙައްދުގެ %99 ކަނޑު އޮންނަ، ޢަމުދުން 20 އަކަ ކިލޯމީޓަރު ވަރު ވެސް ހުންނަ ރަށެއްނެތް ޤައުމަކަށް ފުޅަނދުވަރެއް ނޯންނާނެއެވެ. އެއްޗެއް ތަރައްޤީކޮށް ކުރިއަރުވަން ޖެހޭނީ އެއެއްޗެއްގެ ބޭނުން އެންމެ ބޮޑަށް ހިފަންވީ ބައެކެވެ. މިހާރަށްވުރެ ފުޅަނދު ފަހަރު ރަނގަޅުކޮށް އެކަން ކުރަންވީ ރަޝިޔާ މީހުންނެއް ވެސް ނޫނެވެ. ޖަރުމަނު މީހުންނެއް ނޫނެވެ. ދިވެހީންނެވެ.
ފުޅަނދު ފަރުމާކުރުން
ދެން އަޅުގަނޑު ދަންނަވާލާނީ މިހާ ހިސާބަށް ފުޅަނދު ފަހަރު ބަނދެ ތަޖުރިބާކޮށްފައިވާ ގޮތްގޮތުގެ ވާހަކައެވެ. ފުޅަނދު ފަހަރު ފަރުމާކުރުމުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވަނީ ކުރިން ދެންނެވުނު ފަދައިން ރަޝިޔާއެވެ. އަދި މިހާރު ޗައިނާއެވެ. އެންމެ ގިނަ ބާވަތުގެ ތަޖުރިބާ ތަކެއް ކޮށްފައި ވަނީ ރަޝިޔާ މީހުންނެވެ. އެމީހުން ދެމީހުންނަށް ދުއްވޭ ފުޅަނދު ފަހަރުން ފެށިގެން ފަސް ސަތޭކަ މީހުންނަށް ދަތުރުކުރެވޭ އުޅަނދު ފަހަރު ހަދާފައި ވެއެވެ. އަދި މީގެން ދެތިން އެތި މިހާރުވެސް އެތަނުގެ ކަނޑުގެ ސިފައިން ބޭނުން ކުރެއެވެ. ރަޝިޔާގައި ކުރިން އޮތް ސިޔާސީ ނިޒާމު ރޫޅުމާ ގުޅިގެން، ފުޅަނދު ބަނުމުގައި އެމީހުން ހޯދާފައިވާ ކުރިއެރުން ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަށް އައު ކުންފުއްޏެއް ހަދައި އެތަނުން ކުޑަ ފުޅަނދެއް ބަނދެ ވިއްކަމުން ދެއެވެ. މި ކުޑަ ފުޅަނދަށް ކިޔަނީ” އެކުއާގްލައިޑް“ އެވެ. މި ފުޅަނދު ހަދާފައިވާ ގޮތާ ބެހޭ ތަފްޞީލީ ކުރެހުމެއް ތިރީގައި އެވަނީއެވެ. މި ކުރެހުމުގައި އެ ފުޅަނދު އެކްސްޕޯޓު ކުރުމަށްޓަކައި 40 ފޫޓުގެ ކޮންޓެއިނަރަކަށް ލާނެ ގޮތް ވެސް ހިމެނެއެވެ. ވަރަށް ވިސްނުންތެރިކަމާ އެކު މިތަޞްވީރު ދިރާސާ ކުރައްވާށެވެ. މި ފުޅަނދަކީ ކޯރާއި ސްނޯމަތީ ދުއްވޭ އެއްޗެކެވެ. ދިގުމިނަކީ 34 ފޫޓެވެ. އިންޖީނަކީ ބެންޒް ކާރެއްގެ އިންޖީނެކެވެ. މިއީ ބޮޑު ފޮޓޯއެކެވެ. ދެފަހަރަށް ކުލިކު ކުރަނިކޮށް ބޮޑުވާނެއެވެ.
އެކްއާގްލައިޑް ކިޔާ މި ފުޅަނދަކީ މިހާރު ފެކްޓަރީއަކުން ސިލްސިލާ އުޞޫލުން އުފައްދާ އެއްޗެކެވެ. ސިލްސިލާ އުޞޫލަކީ އެތައް އެއްޗެއްގެ މަސައްކަތް އެއްފަހަރާ ފަށައިގެން ވަކި މީހަކު އެއްކަމެއް ކުރާގޮތަށް ހަމަޖެއްސުމެވެ. ރަޝިޔާގައި ކޯރުތަކުގެ ފެންގަނޑުގައި ދުއްވަން ހުންނަ އެހެން ފުޅަނދުވެސް ހުރެއެވެ. ތިރީގައި އެވަނީ އެފަދަ ދެ އުޅަނދެކެވެ. ފާހަގަ ކުރެވޭނޭ ކަމަކީ މިއީ ފައިބަރުދޯނި ބަނުން ފަދަ ކަމެއް ކަމެވެ.
ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުން ބަލިވުމުން، ޖަރުމަނުގެ ސައިންސްވެރިން އެމެރިކާއަށް ގެންދިޔައެވެ. އޭގެ ތެރޭގައި ހިމެނޭ އެކަކީ ލިޕިޝް ކިޔާ މަތިންދާ ބޯޓު ފަރުމާކުރުމުގެ ގޮތުން ލާމަސީލު މީހެކެވެ. މީގެ 60 ވަރަކަށް އަހަރު ކުރިން މީނާގެ ކައިރީގައި ރޭޑިއޯ އިސްޓޭޝަނެއް ހިންގާމީހަކު އޭނާއަށް ބާރަށް ދުވާ ލާންޗެއް ހަދާ ދިނުމަށް އެދުނެވެ. ލިޕިޝް އެންމެ މަޝްހޫރު ވެފައިވަނީ ތިނެސްކަން ފިޔަ ހަރުކޮށްފައި ހުންނަ މަތިންދާ ބޯޓު އުފެއްދުމަށެވެ. ލިޕިޝް ފަރުމާކޮށްދިން ލާންޗު އުފެއްދުމަށް އޭނާ ބޭނުންކުރީ މަތިންދާބޯޓު ފަރުމާކުރުމުގެ ތަޖުރިބާއެވެ. ލާންޗެއްގައި ތިނެސްކަން ފިޔައެއް ހަރުކޮށް އެ ވައިގައި ހުންނަ ގޮތް ހަދައިގެން އޭނާ އުފެއްދި ލާންޗު ދުވަސްކޮޅަކު ދުއްވުމަށްފަހު، އެ ލާންޗުގެ ވެރިމީހާ މި އުފެއްދުން ޖަރުމަނުގެ ކުންފުންޏަކަށް ވިއްކާލިއެވެ. މި ޖަރުމަނުގެ ކުންފުނިން ތަފާތު ބާވަތްތަކުގެ ފުޅަނދު ފަރުމާކޮށް، އެންމެފަހުން ވިޔަފާރިއަކަށް އެކަން ކުރެވޭނެވަރަށް ތަރައްޤީ ކުރިއެވެ. ތިރީގައި އެވަނީ ލިޕިޝް ގެ އެންމެ ފުރަތަމަ ތަޖުރިބާއެވެ.
[embedyt]https://www.youtube.com/watch?v=wlIK-xViG_4&width=400&height=250[/embedyt]
ލިޕިޝް ބާވަތުގެ ފުޅަނދާ ރަޝިޔާގެ ފުޅަނދާ ދެމެދު ތަފާތު ތަކެއް ހުރެއެވެ. އެއްކަމަކީ ބޮޑު ރާޅެއް އަންނަނަމަ، 15 ވަރަކަށް ފޫޓު މައްޗަށް ވަގުތީގޮތުން ލިޕިޝްގެ ފުޅަނދަށް އެރޭގޮތް ވުމެވެ.އެހެންކަމުން ސަލާމަތްތެރިކަން ބޮޑުކަމެވެ. ދެވަނަ ކަމަކީ އަނބުރަން، ”ގޯޅިއަޅަން“ ފަސޭހަ ކަމެވެ. ޖަރުމަނު ކުންފުނިން އެންމެ ކާމިޔާބުކޮށް އުފެއްދި ފުޅަނދަށް ކިޔަނީ”އެއަރފިޝް-3“ އެވެ. އެއަރފިޝް ގެ މާނައަކީ”ވައިމަސް“ އެވެ. މިވައްތަރުގެ އުޅަނދަށް ފުޅަނ[ގި]ދު ކީ އެއްސަބަބަކީ މިއީއެވެ. އެއަރފިޝް 3 ފަރުމާ ކުރެވުނީ އެއަރ ފިޝް 1 އަދި އެއަރފިޝް 2 ފަރުމާކޮށް ޓެސްޓު ކުރުމަށްފަހު ލިބުނު ފިލާވަޅުތަކުގެ މައްޗަށެވެ. އެއަރފިޝް 1 އަކީ އެންމެ މީހަކަށް ދަތުރު ކުރެވޭ އެއްޗެކެވެ. މި ފުޅަނދު ގަޑިއަކު 100 ކިލޯމީޓަރު ބާރުމިނުގައި ދިއުމަށް ބޭނުންވަނީ އެންމެ 21 ހޯސްޕަވަރުގެ އިންޖީނެކެވެ. އެއަރފިޝް 3 އަކީ ދެ މީހުންނަށް ދަތުރު ކުރެވޭ އުޅަނދެކެވެ. އާދެ! ފުޅަނދެކެވެ.
[embedyt]https://www.youtube.com/watch?v=Rw69O_AQU1A&width=400&height=250[/embedyt]
ލިޕިޝް މި އީޖާދުކުރި ފުޅަނދުގެ ދުވެލި އޮމާންކަމާއިރައްކާތެރިކަމުން އެ ބާވަތުގެ އެކި ޢަދަދުގެ މީހުންނަށް ދުއްވޭ ވަރުގެ އުޅަނދު ބަނދެފައި ވެއެވެ. ތިރީގައި މިވަނީ މިފަދަ ބައެއް ފުޅަދެވެ.
ފުޅަނދު ވިޔަފާރިއަށް ވަޑައިގަތުމުގެ ކުރިން ރާއްޖެފަދަ މީސްކޮޅު މަދު ޤައުމެއްގައި، ވިޔަފާރީގެ އުޞޫލުން ފުޅަނދު ދުއްވުމުގައި އެންމެ ފައިދާހުރީ ކިތައްމީހުންނަށް ދަތުރު ކުރެވޭ އެއްޗެއްތޯ ބަލަން ބޭނުންވާނެއެވެ. ބުނެވޭގޮތުގައި ބަގުރޫޓުވި އެއަރމޯލްޑިވްސް ގެ ރާއްޖެތެރޭގެ އުދުހުންތަކުންވީ ގެއްލުމެވެ. ނަމަވެސް، ކުދިމަތިންދާ ބޯޓު ދުއްވާ ފަރާތްތަކުގެ ޢަދަދާއި ދަތުރުތައްވީ ގިނައެވެ. އެމީހުންގެ ވިޔަފާރިވީ ފުޅަލެވެ. އެހެންކަމުން އެންމެ ފައިދާބޮޑުވާނީ ކިހާވަރެއްގެ ފުޅަނދެއް ދުއްވިއްޔާތޯއެވެ؟
މިސުވާލުގެ ފުރިހަމަ ޖަވާބެއްދޭނޭ މަޢުލޫމާތު ހޯދުމަށް އަޅުގަނޑު ދޫކޮށްލާނީ ކިޔުންތެރިޔާ އަށެވެ. އަޅުގަނޑަށް ލަފާކުރެވެނީ 8 މީހުންގެ ޖާގައަކީ ރަނގަޅު މިންވަރެއް ކަމެވެ. ކޮންމެއަކަސް އެއަރފިޝް 3 ގެ ކާމިޔާބު ތަޖުރިބާތަކަށްފަހު، އެމީހުން ޤަޞްދުކުރީ އެއަރފިޝް 8 އުފެއްދުމަށެވެ. އެއީ 8 މީހުންގެ ޖާގައިގެ ފުޅަނދެކެވެ. މި ފުޅަނދު ފަރުމާކޮށް، ޓެސްޓް ކުރުމަށްފަހު ސިލްސިލާ ގޮތުގައި އުފެއްދުމަށް އޮސްޓްރޭލިއާއާއި ސިންގަޕޫރުގެ މީހުން ބައިވެރިވާ ފްލައިޓްޝިޕް ކިޔާ ކުންފުއްޏަކަށް ހަނދާނެގޮތް ވިއްކާލިއެވެ. އަދިމީގެ ނަން އެއަރފިޝް 8 ކުން ފްލައިޓްޝިޕް 8 އަށް ބަދަލުކުރިއެވެ. މިއުފައްދާމީހުން ރާއްޖެއަށް މި ވިއްކަން އައިސް ބައެއް މީހުންނާ ބައްދަލުކޮށް ހެދިއެވެ. އެއް ރިސޯޓެއް ހިންގާ މީހަކު ފުޅަނދު ގެނައީމާ ބާއްވާނޭ ތަނެއް ވެސް ހެދިއެވެ. ދުވަސްކޮޅަކުން އިވުނީ ވިޔަފާރީގެ މައްސަލައެއްގައި ފްލައިޓްޝިޕްއިން ފުޅަނދު އުފެއްދުން ހުއްޓުނު ވާހަކައެވެ. އަދި އެއަރފިޝް 8، ސިންގަޕޫރުގެ ވިޖެޓްވާރކްސް ކިޔާ ކުންފުއްޏަކުން ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުން ދާ އަޑެވެ. ދިވެހި އެއް ޕައިލެޓަކު، އޮސްޓްރޭލިއާއަށް ގޮސް މި އެއަރފިޝް 8 ދުއްވިކަމަށް ވެސް އަޅުގަނޑުގެ ކައިރީގައި ބުންޏެވެ. އެއަރފިޝް 8 ގެ ފޮޓޯ ތިރީގައި އެވަނީއެވެ. މި ލިންކުން މީގެ ވީޑިއޯ އެއް ފެނިވަޑައިގަންނަވާނެއެވެ.
ކާމިޔާބުކޮށް އެއަރފިޝް 8 އުފެއްދުމަށްފަހު، މި އުޅަނދު ބަން މީހުން ތިބީކީ ނޫނެވެ. އެވެސް ކުރިއަށްވުރެ ރަނގަޅު ކުރެވޭނޭ ގޮތެއް އޮތްތޯ ބެލުމަށްޓަކައި އެތައް ވިސްނުމެއް ވިސްނިއެވެ. ދުއްވާމީހުންނަށް ފާހަގަ ކުރެވުނީ އިންޖީނުން އެންމެ ބޮޑު ބާރެއް ލާންޖެހެނީ، ފުޅަނދު އުދުއްސާގަންނަ އިރުކަމެވެ. ހޯރައިގައި އޮންނައިރު ހަށިގަނޑުން މާބާރެއް ލާކަށް ނުޖެހެއެވެ. ފުޅަނދު ފަހަރުވެސް، އޭގެ އިންޖީނުން އެންމެ ބޮޑު ބާރެއްލާން ޖެހެނީ ކަނޑުން ނައްޓާލުމަށެވެ. ފުޅަނދަކީ ކަނޑުގެ ލޮނުގަނޑުގައި އޮންނަ އެއްޗެއްކަމުން، ލޮނުގަނޑުގެ ހިފެހެއްޓުން “ ރަން-ވޭ “އެއްގައި އޮންނަ މަތިންދާބޯޓެއް އުދުހިގަންނަން ވާ ދައްޗަށްވުރެ ބޮޑެވެ. މިކަމުގެ މައްސަލައަކީ ކޮބައިތޯއެވެ؟
މައްސަލައަކީ ފުޅަނދަށް ބޭނުން ނުވާ އިތުރު ބާރެއް އިންޖީނުގައި ހުންނަން ޖެހުމެވެ. ހަމައެކަނި އުދުހިގަތުމަށެވެ. މިބާރެއް އުދުއްސައިގަތުމަށް ފަހު ބޭނުމެއް ނުވާނެއެވެ. އެހެންކަމުން، އުދުހިގަންނަން ބޭނުންވާ ބާރު އުފައްދަން ހަރުކުރި އިންޖީނުގެ އިތުރުބަރުދަން ފުޅަނދުން ޖެހެނީ އުފުލައިގެން އުދުހޭށެވެ. މިކަމުގެ ސަބަބުން އިންޖީނު ބޮޑުވުމާއި އޭގެ އަގުބޮޑުވުމާއި ތެޔޮ ޚަރަދުބޮޑުވުމާއި ގެންދެވޭ މުދާ/މީހުން މަދުވުން ހިމެނެއެވެ. މިސަބަބާހެދި، އުދުހިގަންނަށް ބޭނުންވާ ބާރު، ލުއިވާގޮތްތައް ހޯދުމަށް ތަފާތު ތަޖުރިބާތައް ކޮށްފައި ވެއެވެ. ރަޝިޔާގެ ބޮޑެތި ފުޅަނދުތަކުގައި ހަދާފައި ހުންނަ ގޮތަކީ ދެތިން ހަތަރު ކުޑަ އިންޖީނު ކުރީކޮޅުގައި އަޅަނީއެވެ. މި އިންޖީނުތައް ބޭނުން ކުރަނީ ހަމައެކަނި އުދުހިގަންނަންށެވެ. އުދުހިގަތުމަށްފަހު، މިއިންޖީނުތައް ހުއްޓާލައެވެ. ރަޝިޔާގެ ކުދި ފުޅަނދުގައި ބުރަފަތިތައް ހުންނަނީ ކުރީގައި ހަރުކޮށްފައެވެ. އުދުހިގަންނަން ވުމުން، މި ބުރަފަތިތައް ފިޔައިގެ ދަށަށް ވައިވަންނަ ގޮތަށް އަރިކޮށްލެވެއެވެ. މިހެން ހެދުމުން ފުޅަނދު މައްޗަށް ފަސޭހައިން ހިއްލެއެވެ. އެއަރފިޝް ވައްތަރުގެ ފުޅަނދު ތަކުގައި މިބައެއް ނުހުރެއެވެ.
އެއަރފިޝް އީޖާދު ކުރި މީހުން މި މައްސަލަ ހައްލުކުުރުމަށް އައު އީޖާދެއް ކުރިއެވެ. އެމީހުން ފުޅަނދު ބަނީ ދެ ހަލުގެ ނުވަތަ ބަރާގެ މައްޗަށެވެ. ފަހަތް އޮންނަނީ ކަނޑުގައި ޖެހިފައެވެ. ކުރި ހިއްލިފައެވެ. ދެން ހަދާގޮތަކީ ދެހަލުދޭތެރޭގައި ވައި ބަންދުވާގޮތަށް، އުޅަނދުގެ ދިރުބާކޮޅު ކުރި ދޮރުފަތަކުން ބަންދުކޮށް، ބުރަފަތިން އަންނަ ވައި، ހޮޅިއަކުން ގެނެސް އެތެރެއަށް ފޮނުވަނީއެވެ. ބުރަފަތި އެނބުރެން ފެށުމުން ޖެހޭވައިން ފުޅަނދު އޮތްތާއޮވެ މައްޗަށް ވަރަށް ބޮޑަށް ހިއްލެއެވެ. މި ހިއްލުމުގެ ސަބަބުން އުދުހިގަންނަން ބޭނުންވާ ބާރު ކުޑަވެއެވެ. މިހެން ހެދުމުން މާދުރަށް ނުދުވެ މައްޗަށް އަރައެވެ . އުދުހިގަތުމަށްފަހު، ދެހަލުދޭތެރޭ ހުރި ދޮރުފަތާއި ބުރަފަތި ފަހަތުގައި ހުރި ދޮރުފަތް ބަންދުކޮށްލަނިކޮށް އިންޖީނުގެ ހުރިހާ ބާރެއް ކުރިއަށް ދިއުމަށް ބޭނުން ކުރެވެއެވެ. މިއޮތީ މީގެ ވީޑިއޯ އެކެވެ.
ފުޅަނދެއް ބަނުން
ފުޅަނދު ބާޒާރަށް ނެރެވޭތޯ މަސައްކަތް ކުރާ މީހުންގެ އަމާޒަކީ ރާއްޖެ ފަދަ ޓޫރިސްޓުން އަންނަ ޤައުމުތަކަށް އެ ވިއްކުމެވެ. އެހެންކަމުން، އެމީހުންގެ އެތައް ފޮޓޯއެއްގައި ހުންނަނީ ދިވެހިރާއްޖޭގެ ގޮނޑުދޮށެއްފަދަ ތަނެއްގައި ފުޅަނދެއް އޮންނަ މަންޒަރެވެ. އެމީހުން ރާއްޖެއަށް އެ ވިއްކަން އައުމުގެ ކުރިން، ދިވެހީން މީގެ އެއްޗެއް ބަންނަމާތޯއެވެ؟
މަޒުމޫނާއިގެން މިހާ ހިސާބަށް ވަޑައިގެންނެވުނު ބޭފުޅުން ފުޅަނދެއް ބަނުމާ ނުވަތަ ބައްލަވައި ގަތުމާ ދޭތެރޭ ވިސްނަވާ ވަޑައިގެންފާނެއެވެ. ބޮޑެތި ރާޅުތަކުގެ މަތިން އުދުހުމުގެ މުހިއްމުކަން ރާއްޖޭގައި ބޮޑުކަމުން، އަޅުގަނޑަށް ފެންނަނީ 8 މީހުންނަށް އެރޭވަރުގެ އެއްޗެއް އެންމެ ފުރަތަމަ ބެންނެވުމެވެ. އެއީ ފަށައިގަންނަން އެކަށީގެންވާ ޢަދަދެކެވެ. ވިހި މީހުންގެ ފުޅަނދެއް ޖަރުމަނުގައި މިހާރު ބަންނަމުން އެބަ ގެންދެއެވެ. އަދި 50 މީހުންގެ ފުޅަނދެއް ސައުތު ކޮރެއާގައި ޓެސްޓް ކޮށްފިއެވެ.
މި ދެންނެވިފަދަ ފުޅަނދެއް ބަންނަވަން ޤަޞްދު ކުރައްވާނަމަ، އެއްގޮތަކީ އޭގެ އުޞޫލުތަކާއި ފޮޓޯތައް ބައްލަވައިގެން އެއްޗެއް ފަރުމާ ކުރެއްވުމެވެ. އަމިއްލައަށް ހައްދަވަން ބޭނުންފުޅުވާ ފަރާތްތަކަށް މި ފަދަ އެއްޗެއް ހެއްދެވުމަށް ހިތްވަރަކަށް ވާނޭ ފޮޓޯތަކެއް މި މަޒުމޫނު ނިންމާލަމުން ހިމަނާލަމެވެ. ފުޅަނދަކީ މަތިންދާބޯޓެއް ނޫންކަމުން އެ ބަންނަނީ މަތިންދާބޯޓުހާ ދަތިގޮތަކަށް ނޫނެވެ. އެއަރފިޝް 8 ބަނުމަށް ބޭނުންކޮށްފައިވަނީ ފައިބަރު ގުލާސް އާއި މެރިން ޕްލައިވުޑެވެ. ބައްޓަންތައް ގެނައުމަށް އާދައިގެ ޕްލައިވުޑުން ތައްގަނޑުތަކެއް ހަދަން ޖެހިދާނެއެވެ. މިއީ ފައިބަރު ލާންޗު ބަންނައިރު ވެސް ބޭނުން ކުރާ އުޞޫލެކެވެ. އިންޖީނަކަށް ހަރުކުރާނީ ކާރެއްގެ އިންޖީނެކެވެ. އެންމެ ފުރަތަމަ ކުޑަ އެއްްޗަކުން ފައްޓަމާތޯއެވެ؟
ބައެއް ބޭފުޅުން ހީފުޅު ކުރައްވާފާނޭ ގޮތާ ޚިލާފަށް މީގެ 80 އަހަރު ކުރިން މަތިންދާބޯޓު ބަނުމަށް ޢާއްމުކޮށް ގެނގުޅެނީ ލަކުޑިއެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި ބޭނުން ކުރި ހުރިހާ މަތިންދާބޯޓަކީ މާވަޑިން ލަކުޑިން ބަނދެފައިވާ ތަކެއްޗެވެ. މިއަދާ ހަމައަށް ބަނދެފައިވާ އެންމެ ބޮޑު މަތިންދާ ބޯޓަކީ، ”ސްޕްރޫސް ގޫސް“ ކިޔާ ދެފިޔަދެކޮޅު ދިގުމިނުގައި 230 ފޫޓު ހުންނަ ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުން ކުރުމަށް ބަން މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުން 750 މީހުން ނުވަތަ ހަނގުރާމައިގެ ދެ ޓޭންކު ގެންދެވެއެވެ. ފިޔައިގެ ބޯމިނުގައި 11 ފޫޓު ހުރެއެވެ. ޖަމްބޯ ޖެޓަކަށްވުރެ މިއީ ދެގުނަ ބޮޑު ބޯޓެކެވެ. މިބޯޓުގެ ފޮޓޯއެއް ތިރީގައި އެވަނީއެވެ. އަށް އިންޖީނުލީ މިބޮޑު ބޯޓު ބަނދެފައިވަނީ މުޅިން ޕްލައިވުޑުންނެވެ!
އަޅުގަނޑަށް ފެންނަ މުސްތަޤްބަލްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ދެތިން ފުޅަނދު އޮންނާނެއެވެ. މުނިފޫހި ފިލުވުމަށް ދުއްވުމަށާއި، އިމަރޖެންސީގައި ބޭނުންކުރުމަށެވެ. ރަށްރަށުގައި ހައްދާ ތަކެއްޗާއި އެކި ރަށްރަށުގެ ޚިދުމަތްތައް އެހެން ތަންތަނަށް ގެންދިއުމަށެވެ. ގަލްފްކްރާފްޓް ލޯންޗް ޢާއްމުވެފައިވާ މިންވަރަށް ފުޅަނދު ޢާއްމުވާނެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަކު އަމިއްލައަށް، ގޭގައި، މުނިފޫހި ފިލުވުމުގެ ގޮތުން މަތިން ބޯޓު ބަނދެއެވެ. މިއީ ތިބާއަށް ވެސް ކުރެވޭނޭ ކަމެކެވެ. ބޭނުންވަނީ ހިތްވަރެވެ. މިކަމަށް ބޭނުންވާ އިތުރު މަޢުލޫމާތު، މި ވެބް ޕޭޖްގައި ހިމެނެއެވެ. ތިޔަބޭފުޅާ ފުޅަނދެއް ބަންނަވަން ޤަޞްދު ނުކުރެއްވިއަސް، އަޅުގަނޑުމެން އުއްމީދުކުރަނީ މި މަޒުމޫނަށް ފަހު، ރާޅުތަކުގެ މަތީގައި، މިނިވަން ކަމާއެކު އެ އުދުހޭ ދޫނިތައް ދެން ފެނިވަޑައިގަތުމުން، ފުޅަނދު މަތިން ހަނދުމަފުޅު ވާނޭ ކަމަށެވެ. ފިޔަޔާއި ކަނޑާއި ދޭތެރޭ ވައި ތާށިކޮށްގެން ދޫނި އުދުހޭގޮތަށް އަޅުގަނޑުމެންނަށް ވެސް އުދުހެވި ދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާނޭ ކަމަށެވެ. މިކަން ކުރާނޭ ސައިންސާއި ޓެކްނޯލޮޖީއަކީ ދިވެހި ކިއްސަރުވަޑިންގެ އަތްފޯރާ ހިސާބުގައި ވާކަމެއްކަމަށް ތާއީދު ކުރައްވާނޭ ކަމަށެވެ.
ފުޅަނދެއް ބަނުމަށް އެންމެ ބޮޑަށް ބޭނުންވަނީ އެކަން ކުރެވިދާނޭކަން އަމިއްލަފުޅު ނަފުސަށް ޤަބޫލުފުޅު ކުރެއްވުމެވެ. މިފަދަ ކަމެއް އަލަށް ކުރައްވާއިރު ވަގުތީގޮތުން ބައެއްފަހަރު ނަޞީބު ނުރުހުންވިއަސް، ތަޤްދީރަކީ އެއީ ނޫންކަމަށް ވިސްނެވުމެވެ.
ނޯޓު: މި މަޒުމޫނު ފުރަތަމަ ޝާއިޢުކުރީ 2004 ވަނަ އަހަރު އެވެ. އެއީ ”ދަރުމަ“ގެ ޢަދަދެއްގައި ފުޅަނދެއްގެ ފޮޓޯއެއް ޖެހުމާ ގުޅިގެން މީހަކު އޭގެ އެއްޗެއް ބަންނަންވެގެން މަޖައްލާގެ އެޑިޓަރާ ގުޅުމުންނެވެ. ތަފްޞީލީ މަޒުމޫނު ޝާއިޢުކުރުމުން، އެކިޔުއްވުމަށް ފަހު، [މިހާރު ނިޔާވެފައިވާ] (އެލިއާ) ޢަލީ ޢަބްދުﷲ، ކުޅުދުއްފުށީގައި އަޅުގަނޑު 2004 ގައި ހުއްޓައި ގުޅުއްވައި، ފުޅަނދެއް ބަނުމަށް އޭނާ ފަންޑުކޮށްދެއްވާފާނެ ކަމަށް ވިދާޅުވިއެވެ. އެދުވަސްވަރު، އަޅުގަނޑުގެ މަސައްކަތް ހުރިގޮތުން، މި ދީލަތި ދަޢުވަތަށް އިޢުތިރާޟް ކުރަން ޖެހުނަސް، އެކަމުން އޭނާގެ ފިކުރު ހާމަވެއެވެ. ބުއްދިވެރިއަކަށް، ކަމެއް އެނގުމުން އޭގެ ޕޮޓެންޝަލް ނުވަތަ މުސްތަޤްބަލްގައި އެކަމުގައި ހިމެނޭ މަންފާ ވިސްނެ އެވެ.
އޭގެ 11 ވަރަކަށް އަހަރު ފަހެވެ. 2015 ވަނަ އަހަރެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި، 2017 ވަނަ އަހަރު ފެށޭއިރު މެޑިސިން ކިޔަވާދިނުމަށް ފަށަން ހުރިހާކަމެއް ރާވާ، ރައީސްއޮފީހުގެ ހުއްދައަށް އެދި ފޮނުވުމުން، އިތުރު މަޢުލޫމާތު ހޯދުމަށް، އެ އޮފީހުން އައި ދެ މުވައްޒަފަކަށް ޔުނިވަރސިޓީގެ ކުރު ތަޢާރުފެއް ހުށަހެޅީމެވެ. އޭގެ ތެރޭގައި ރިސާރޗް ފެށުމުގެ ގޮތުން، ކުޑަ ފުޅަނދެއް ބަނުމަށް ކުރެވިފައިވާ ތިރީގައިވާ ވީޑިއޯ ގައިވާ ތަޖުރިބާ ވެސް ހިމެނެއެވެ. [މި ވީޑިއޯ ޗެނަލްގައި ކަނޑުގައި ދުއްވުމުގެ ޓެސްޓެއްވެސް ހިމެނެއެވެ.][embedyt]https://www.youtube.com/watch?v=RHVUjfoVTEc&width=400&height=225[/embedyt]
މީގެ ތެރެއިން އެކަކުު އަޅުގަނޑުގެ ރައްޓެއްސަކު ކައިރީގައި ފަހުން ބުނިކަމަށް ވެއެވެ. ”މިހާރު . . . . . . ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅެނީ ކުޑަކުދިން ދުއްވާ މަތިންބޯޓު ދުއްވާށެވެ.“ މި ދެވާހަކަ މި ދަންނަވާލީ ކޮންމެ މީހަކަށް ވެސް ކަމަކާ ދޭތެރޭ ފިކުރު ކުރެވެނީ އޭނާގެ ވިސްނުމުގެ ފެންވަރުންކަށް ދަންނަވާލުމަށެވެ. ޙުސައިން ޞަލާޙުއްދީނު، ސިޔަރަތުގައި އަންނަނިވި މޭރުމުން ނަޞީހަތް ދެއްވާފައި ވެއެވެ. މިހާރު މިދުއްވާ މަތިންދާ ބޯޓުތަކުގެ ވާހަކަ، އަބޫޖަހުލު ކައިރީގައި ބުނެފިނަމަ، ރަސޫލުކަން ފަދައިން އޭނާ އެކަންވެސް ދޮގުކުރާނެކަން ކަށަވަރެވެ. ފަހެ ރަނގަޅު ގޮތަކީ، ތިމާގެ ވިސްނުން ނުފޯރާވަރުގެ ކަމެއްގެ ވާހަކަ މީހަކު ބުނެފިނަމަ، އެކަމުގެ ތަރަކަ (މަންޠިޤް ނުވަތަ ލޮޖިކު) އާ މެދު ވިސްނައި، އަންނަނިވި ދުޢާ ކުރުމެވެ: وَقُل رَّبِّ زِدْنِي عِلْمًا (އަޅުގެ ވެރި ރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކުރައްވާދޭނވެ!)
Hi, Is this text also available in english?
Maldivian seas are not violent compare to the Atlantic and other big oceans. so therefore, i think its v much reasonable for maldives.
Its a good article, but i could not understand the reason that you relate it to Maldivian seas. Its not usable in such violent seas like Maldives. Its for lakes and calm sea. May be my mind is not up to the level you mentioned here.
Male hulhumale faalamuge link ah fithaaleema fennanee fulhandhuge vaahakaeve
20 Hp ge Outboard engin akun adhi dhane tho mee ge ache
Dear Ah,
Hiyeh nuvey… Ekan binaavanee etheege barudhanah. Kobaa barudhanakee?
Intresting article.
I read the article in 2004, was really interested in building one.
Someday I’ll make it happen.
thiothy america in russia meehun barahanaa kollaafa ennu
inspirational article
1990 ge aharu thakugai resort operator aku mikahala boateh genna vaahaka noohugai oiy, fahun eyruge sarukaarun huhdhanulibigen nugenevunee. Dhivehi raajeyga konme aafeshumakee vakibayaku kurun laazimu kamakah hadhaathee massala akee, misaalakah, private alarm system adhi alifaan nivaa aalaaiy vikkumah fahu ebeynun kuraane goiy dhasskoh dhinimakee min of defense ekani mass ooliyathaka othun nimumakah genaee Alarms Pvt. Ltd ge owner Umaru Naseeru vee varah bodu qurubaanee akun. Raaje ah Tourist Submarine eh tha aaraf kuree vess ehaame bodu massakathun. Siyaasee beynun thakah takai Raajjeyga Ilimee hunaru verin vanee control koh monopolize kurevifa. Raaje akeevess aa eejaadha eejaadhu thrahqee kurumuge qaabil kan huri rayyithaku ulhey qaumeh. Shkuriyya Hmeedhuge massakathah .
Miee alhugandu v kurinsure ufadhadhan beynun v ulhandheh. Car engine eh ga badhaluga alhugandu visnee vina kosha mechin ehge engine. Ekamaku fulhandhu nattaalan beynunvaa hakatha hoadhaan kurin othy ehaa rangalhu solutioneh nulibi. Namaves mi liyumun rangalhu idea thakeh libijje. Thank you
Very very interested
At least i would like to talk with you Sir
Very interested.. Thank you Hassan.
Manufacture of such an aircraft has to be approved through Maldives Civil Aviation Authority, specially if it is to carry passengers and operate commercially. However the authority does not have the expertise nor the regulations in place to approve such aircraft. I once contacted them to bring a FIB (Flying Inflatable Boat) to the Maldives. They simply rejected since they did not have a regulation in place.
Dear qr10s,
Thank you for your comment.
The advantage of WIG is that it is not considered an aircraft and therefore, it is not subject to civil aviation rules. It is subject to shipping rules which are less stringent. You can read about it here from the International Maritime Organization website: http://www.imo.org/en/OurWork/safety/regulations/pages/wig.aspx
IMO recognizes three types of WIGs: Types A, B, and C. Russian large ekranoplans are of A type. Airfish is of B type. Type C classes WIGs that can fly both in wing-in-ground effect and out of ground effect for a long time. An example is ARON-7.
Once again thank you for your comment.
Interesting… Tku
TheHQ
Intresting