ބާބު 3

 

ޙައްޤު ހޯދަން މަސައްކަތް ކުރާ ޖަމާޢަތްތައް

އަޅުގަނޑު ތަރުޖަމާ ކުރަމުން އަންނަ ޣަޒާލީ އިމާމުގެ ”ކުށުން ރައްކާތެރިވުން“ މިފޮތުގެ ތިންވަނަ ބާބުން ބޮޑު ބައެއް މި ޕޯސްޓްގައި ހިމެނެއެވެ. މިފޮތުގެ ސުރުޚީއިން މާނަކުރަނީ ކުށް ވިސްނުމުންނާއި ނިންމުންތަކުން އިންސާނާ ރައްކައުތެރިވާނޭ ގޮތެވެ. ޣަޒާލީ އިމާމަކީ އިސްލާމްދީނުގެ އެންމެ މަޝްހޫރު އެއް ފަލްސަފާވެރިޔާއެވެ. ދިވެހީން ކުރިން ވަރަށް މާތްކޮށް ހިތައި އޭނާގެ މައްޗަށް ހެޔޮދުޢާކޮށް އުޅުނު ފަރާތެކެވެ.

އޭނާގެ މިފޮތަކީ، ދީން ޤަބޫލު ނުކުރާ މީހުންނަށާއި، އެކިއެކި ޝޭޚުންނާއި ތަފާތު ބާވަތްތަކުގެ ”ޢިލްމުވެރިންނަށް“ ހެސްގަނެގެން އުޅޭ ފަރާތްތަކަށް ދީފައިވާ ވަރުގަދަ ޖަދަލެކެވެ. މިއީ ފަލްސަފާ ފޮތެއްކަމުން، މި ޕޯސްޓް އޮޅުންފިލާނީ މަދު ބަޔަކަށެވެ. ޢުމުރުން 40 ވަރަކަށް އަހަރު ވެފައިވާ މީހުންގެ ތެރެއިން ފުންކޮށް ވިސްނަން އެނގޭ މީހުންނަށެވެ. އެހެން މީހުންނަށް ހީވާނީ ފޮތުގައި ޣަޒާލީ ”ހާސަރު“ ތަކެއް ވިދާޅުވެފައިވާ ހެންނެވެ. ނޫނީ ތަރުޖަމާ ކުރި އަޅުގަނޑަށް އިނގިރޭސި ބަހުން  އޮތް ފޮތް، ސާފު ދިވެހިބަހުން ތަރުޖަމާ ކުރަން ނޭނގެނީ ކަމަށެވެ. ފަހު ގޮތް ތެދަކަށް ވެސް ވެދާނެއެވެ.

ފޮތުގައި ދައްކާފައިވާ ވާހަކަތަކަކީ އިނގިރޭސިބަހުން  epistemology އާއި ontology މި ދެލަފުޒުން އިޝާރާތްކުރާ ފަންނުގެ ވާހަކަތަކެކެވެ.

ފޮތުގެ ކުރީގެ ބައިތަކަށް މި ލިންކުން ދެވޭނެއެވެ. މި ތިންވަނަ ބާބުގައި ވާހަކަ ދެކެވެނީ ޙައްޤު ނުވަތަ ސީދާ ތެދު ހޯދަން މަސައްކަތް ކުރާ ފަރާތްތަކުގެ ވާހަކައެވެ.

މާތް ﷲ ގެ ރަޙްމަތްފުޅުންނާއި މަތިވެރި އޯގާވަންތަކަމުން، މި ބަލިން އަހުރެން ގަދަވުމުން، ޙައްޤު ހޯދަން މަސައްކަތް ކުރާ މީހުން ހަތަރު ބަޔަކަށް ނުވަތަ ގްރޫޕަށް ގިންތިކުރެވިދާނޭ ކަމަށް ވިސްނުނެވެ. [މި ޖުމުލައިގައިި ޙައްޤު އިން މާނަކުރަނީ ސީދާ ތެދަށެވެ.] އެއީ:

  1. ދީނީ ޢިލްމުވެރިން (މުތަކައްލިމޫން): މިބައިމީހުންނަކީ ކަލާނގެ އާއި ދީނީ ކަންކަމުގެ ތެދުކަމުގެ ޢިލްމު އެބައިމީހުންނަށް ލިބިފައިވާކަމަށް ދަޢުވާކޮށް، ވިސްނުމާއި ފިކުރުން ކަންކަން އެނގޭނޭކަމަށް ބުނާ މީހުންނެވެ.
  2. ބާޠިނިިއްޔާ: މި ބައިމީހުންނަކީ ކިޔަވައިދިނުމުގެ (ތަޢުލީމުގެ) ހުނަރުވެރިންނެވެ. އެބައިމީހުން ދެކޭގޮތުގައި، ތެދު ނުވަތަ ޙައްޤު ދެނެގަތުމަށްޓަކައި،  އެއްވެސް ގޮތަކަށް ގޯހެއް ނަހަދާނެ/ކުށެއް ނުބުނާނެ އިމާމަކަށް އިންސާނާ ބޭނުން ވެއެވެ.
  3. ފަލްސަފާވެރިން: މިބައިމީހުންނަކީ ލޮޖިކް (ނުވަތަ މަންޠިޤް) އާއި ވަރުގަދަ ދަލީލާއި ސަބަބު ތަކުގެ އަހުލުވެރިންކަމަށް ބުނެތެވެ.
  4. ސޫފީން. މިބައިމީހުންނަކީ މާތް ﷲ ގެ ހަޒުރަތަށް ކުއްތަންވުމަށް މަސައްކަތް ކުރާ، އިލްހާމާއި ތަޞައްވުރު ލިބިގެންވާ ބައެއް ކަމަށް ބުނެތެވެ.

{މަތީގައިވާ ތަރުތީބުން ޣަޒާލީ ޙައްޤު ހޯދާ ފަރާތްތައް ލިސްޓުކޮށްފައި ވިއަސް، އޭނާ އެ ގުރޫޕްތައް ބަހުސްކޮށްފައިވާ ވަނީ 1، 3، 2، 4 މި ތަރުތީބުންނެވެ.}

އަހުރެން އަމިއްލަ ނަފުސަށް ބުނީމެވެ. ”މި ހަތަރު ޖަމާޢަތުން ބޭރުގައި ޙައްޤެއް ނުވާނެއެވެ. [ތެދު ނުވަތަ ޙައްޤުވަނީ މި ހަތަރު ޖަމާޢަތުން ބައެއްގެ ތެރޭގައެވެ.]  އެހެނީ އެބައިމީހުން ހިނގަނީ ޙައްޤު ހޯދުމަށް މަސައްކަތް ކުރާ މީހުން ހިނގާ މަގުންނެވެ. އެބައިމީހުންގެ ކިބައިގައި ޙައްޤު ނުވާނަމަ، ޙައްޤު ހޯދުމަށް މަސައްކަތް ކުރުމުގެ ބޭނުމެއް ނެެތެވެ.  އަދި ވަކިން ޚާއްޞަކޮށް، އެހެންމީހުން ބުނާގޮތަށް ކަންތައްތައް ކޮށްގެންނެއް (ތަޤްލީދުކޮށްގެން) ޙައްޤެއް ނުހޯދޭނެއެވެ. އެހެން މީހުންނާ އެއްގޮތަށް ކަންތައްތައް ކޮށްގެން ޙައްޤުހޯދަން ހިގާމީހާ، އޭނާ އެމަގުން އެޅި ފުރަތަމަ ފިޔަވަޅުންވެސް ވަނީ މަގު ގެއްލިފައެވެ. އެހެނީ އޭނާއަށް ޙައްޤު ހޯދޭނީ އެހެންމީހުންނަށް ތަބަޢަ ވެގެން ކަމުގައިވާނަމަ، ޙައްޤު ވާކަން އޭނާއަށް ނޭނގެނީއެވެ. މި ވިސްނުން އޭނާގެ ބުއްދިއަށް އައުމުން އޭނާގެ ބިއްލޫރި އައްޑަނަ ފުޑުފުޑުވެގެން ދާނެއެވެ. އެއަށްފަހު އެހުރިގޮތަކަށް ދެނެއް ނުހެދޭނެއެވެ. އަލުން ޖެހޭނީ ކުދިކުދިވެފައިވާ ބިއްލޫރިތައް ތަނޫރަކަށްލައިގެން  ދިޔާކޮށް އައު ބައްޓަމަކަށް އައްޑަނައެއް ވިރުވާ އަޅާށެވެ.“

އަހުރެންދެން އަވަހަށް ގަސްދުކުރީ މި ހަތަރު ބައި މީހުންގެ މަގުން ހިނގައި އެ މަގުތައް ތަޙުލީލު ކުރުމަށެވެ. އަދި މިއިން ކޮންމެ ގިންތިއެއް ނުވަތަ ގުރޫޕެއް ނުވަތަ ޖަމާޢަތެއްގެ މީހުންގެ ޢަޤީދާ ދެނެގަތުމަށެވެ. މުތަކައްލިމުން ފެށިގެން، ފަލްސަފާ ވެރިންނާއި ބާޠިނިިއްޔާއިންނާއި ސޫފީން ޤަބޫލުކުރާގޮތްތައް ދެނެގަތުމަށް އަހުރެން ނިންމައިފީމެވެ.

ފުރަތަމަ ގްރޫޕް: ޢިލްމުލް ކަލާމް— އޭގެ މަޤްޞަދާއި ކާމިޔާބީތައް

އަހުރެންގެ ދިރާސާތައް ފެށީ (ޢިލްމުލް ކަލާމް ނުވަތަ) ދީނީ ޢިލްމުންނެވެ. އަދި، މި ޢިލްމު އަހުރެން ވަރަށް ބޮޑަށް ދަސްކުރީމެވެ. މަޝްހޫރު ދީނީ އިލްމުވެރިންގެ ފޮތްތައް ކިޔައި، އަދި ބައެއް ފޮތް އަހުރެންވެސް ލިޔުނީމެވެ. އަހުރެންނަށް އެނގުނީ، މި ޢިލްމަކީ އޭގެ ޒާތީ ބޭނުމަށް އޮންނަ ޢިލްމެއްކަމާއި އެއިން އަހުރެންގެ މަޤްޞަދު ޙާޞިލް ނުވާނެކަމެވެ. އޭގެ ބޭނުމެއް ކަމަށް ފެންނަނީ އިސްލާމްދީނުގެ ޙުކުމްތައް އޭގެ އަޞްލާއެއްގޮތަށް، ޖީލްތަކަށް ދެމިގެންދާ ގޮތަށް ރައްކާތެރިކުރުމާއި، ބިދުޢަވެރިންނާއި އައުގޮތްތަކަށް ކަންކުރާ މީހުންގެ އޮޅުންބޮޅުމުން އެ ޙުކުމްތައް ރައްކާތެރިކުރުމެވެ. {ކަލާމް ނުވަތަ ދީނީ ޢިލްމު މިކިޔަނީ އިސްލާމްދީނުގެ ޙުކުމްތައް ލިޔެފައި ހުންނަ ފޮތްތަކަށެވެ. ފޮތްތަކުގައިވާ ޢިލްމަށެވެ. އިބްނު ޚުލްދޫން ބަޔާން ކުރާ ގޮތުގައި، އިލްމުލްކަލާމް އަކީ ދީނުގެ ޙުކުމްތަކާއި އޭގެ ދަލީލުތަކާއި، ބިދުޢަވެރިންގެ އައު އުފެއްދުންތަކަށް އިދި ދަލީލުތައް ބަޔާންކުރާ ޢިލްމެވެ. މި ޢިލްމު ޣަޒާލީ ދަސްފުޅު ކުރެއްވީ، ޅަ ޢުމުރުފުޅެއްގައި، ދެ ޙަރަމުގެ އިމާމުގެ ފަރާތްޕުޅުންނެވެ. އޭނާގެ އެހެން ފޮތްތަކުގައި، މި ޢިލްމުގެ މާހިރުން ކޮންމެ މުޖުތަމަޢުއަކަށް ބޭނުން ކަމަަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް، އޭނާގެ ނަޒަރުގައި، ދީނުގެ އުޞޫލުތަކަށް ވުރެ މުހިންމީ ދުވަހީ ކަންތައްތަކުގައި ބޭނުން ކުރެވޭނޭ ފިޤްހުއެވެ.}

މާތް ﷲ އެކަލާނގެ އަޅުންނަށް، އެކަލާނގެ ރަސޫލާގެ ދޫފުޅު މެދުވެރިކުރައްވައި، ދުނިޔެވީ އަދި ދީނީ ޙަޔާތުގެ ކަންތައްތައް ހިމެނޭ ތެދު ދީން، ޤުރްއާން އާއި ސުންނަތުން ވަނީ އަންގަވާފައެވެ. ދެން، ބިދުޢަވެރިންގެ ނުބައި ޚިޔާލުތައް، އިބިލީސް، ދީނުގެ ޙުކުމްތަކުގެ ތެރެއަށް ތަޢާރުފުކޮށްފިއެވެ. މި ބިދުޢަތައް ދީނަށް އުޅޭ މީހުން ގެ ކިބައިގައި އަށަގަނެ، މުސްލިމުން އެމީހުންގެ ޙަޤީޤީ ދީނުން މަގުފުރެދެން ގާތްވެފައި ވެއެވެ. ދެން މާތް ﷲ އިސްލާމްދީނުގެ ޢިލްމުވެރިން (މުތަކައްލިމުން) ނެރުއްވައި، ދީނުގެ ހަމަތައް، ވަރަށް ވަރުގަދަ ހެކި ހިމެނޭ ބަހުސްތަކުން ދިފާޢުކޮށް، މަކަރުވެރި ބިދުޢަވެރިންގެ ނޭންގާނީ އުފެއްދުންތައް ކަޝްފުކޮށްފިއެވެ. މިއީ ދީނުގެ ޢިލްމުވެރިކަން (ކަލާމް) އުފެދުނު ގޮތާއި ދީނުގެ މާހިރުން (މުތަކައްލިމުން) މަތިވި ގޮތެވެ.

މުތަކައްލިމުންގެ ތެރެއިން ބައެއް ޢިލްމުވެރިން ތެދުވެރިކަމާ އެކު އެމީހުންނަށް މާތް ﷲ މިންވަރު ކުރެއްވި މަސައްކަތް އަދާކުރިއެވެ. އަދި ސުންނަތް ދިފާޢުކޮށް، ރަސޫލާ ގެންނެވި ދީނަށް ދިން ޙަމަލާތައް ބަލިކޮށް، ބިދުޢާތަކާ ޙިލާފަށް ހަނގުރާމަކުރިއެވެ. އެކަމަކު މިކަން ކުރުމުގައި އެމީހުން ބޭނުންކުރި ދަލީލުތައް ގެނެސްފައިވަނީ އިދިކޮޅު ފަރާތްތަކުގެ ޖަދަލުންނެވެ. އަދި، މިއިން ބައެއް ދަލީލުތަކަކީ، ތަޤްލީދުކޮށްފައިވާ (ފުންކޮށް އެއާ ނުވިސްނައި މީހަކުބުނީމާ ތެދުކަމަށް ބެލެވޭ) ދަލީލެވެ. ނުވަތަ އެ ދަލީލުތައް ގެނެސްފައިވަނީ އުއްމަތުގެ ގިނަމީހުންގެ ރަޢުއާ އެއްގޮތަށެވެ. ނުވަތަ ޤުރްއާން އާއި ސުންނަތުގެ ސާދާ ބޭރުފުށުގެ މާނަ ނަގައިގެންނެވެ. މުތަކައްލިމުންގެ މަސައްކަތުގެ ބޮޑު ބައެއް ހިމެނެނީ، އެމީހުންނާ ދެބަސްވާ ފަރާތްތަކުގެ ޒުވާބުގައި ހިމެނޭ ދެކޮޅު ނުޖެހޭ ކަންކަން ފާހަގަކުރުމާއި، އެމީހުން ހުށަހަޅާގޮތަށް ކަންކަން ކޮށްފިނަމަ ނުކުންނާނޭ ތާކުންތާކު ނުޖެހޭ ނަތީޖާއަށް ބަލައި އެމީހުންގެ ޒުވާބު ބަލިކޮށްލުމުގައެވެ. މިއީ، އެއްޗެއް ނުވަތަ ކަމެއް އެ ބުނާބުނުމުން ތެދުކަން ޔަޤީންވާ އެއްޗިއްސާ ކަންކަމަށް ވުރެ އިތުރަށް ޔަޤީން ޢިލްމު ވާކަން ޤަބޫލުނުކުރާ މީހަކަށް މާބޮޑު ފައިދާއެއް ކުރާނޭ ކަމެއް ނޫނެވެ. އެހެންކަމުން، އަހުރެންނަށް މި ޢިލްމުން (ކަލާމުން) މާ ބޮޑު ހިތްހަމަޖެހުމެއް ނުލިބުނެވެ. އަދި އަހުރެންނަށް ޖެހިފައިވާ (ޝައްކު) ބަލީގެ ޝިފާއަކަށް މި ޢިލްމެއް ނުވިއެވެ.

ތެދެކެވެ. ކަލާމްގެ އަހުލުވެރިންގެ ޤަދަރު ފަހުން މަތިވުމުން، އަދި އެމީހުންގެ މަސައްކަތުގައި އެތައް އަހަރެއް ފާއިތުވީ ފަހުން، ކަންތައްތަކުގެ ފުނަށް ވިސްނައިގެން، ދުނިޔޭގެ ޙަޤީޤަތްތައް ހޯދައިގެން އިސްލާމް ދީން ދިފާޢުކުރުމަށް ކަނޑައެޅިއެވެ. އެމީހުން، މާއްދީ ތަކެތީގެ ސިފަތަކާއި ގޮތްތައް ދެނެގަތުމަށް ދިރާސާތައް ކުރިއެވެ. އަދި ޤުދްރަތީ ހަމަތައް ހޯދުމަށާއި ކުއްލިއަކަށް ދިމާވާ ކަންތައްތަކުގެ ސިއްރު ދެނެގަތުމަށް މަސައްކަތް ކުރިއެވެ. ނަމެވެސް އެމީހުންގެ ޢިލްމީ ދިރާސާތަކުގެ މަޤްޞަދުވަނީ އެހެން ކަމެއްގައެވެ. އެހެންކަމުން، އެމީހުންނަކަށް އެމީހުންގެ އަމާޒެއް ނުހޯދުނެވެ. އެކި ޢިލްމުވެރިންގެ ޚިޔާލުގެ ތަފާތުކަމުން، ކުރިމަތިވެފައިވާ އަނދިރި އޮޅުންބޮޅުން ފިލުވުމަކަށް އެ ދިރާސާތަކުން އައްޔެއް ނުލިބުނެވެ.

ބައެއް ފަރާތްތަކަށް މުތަކައްލިމުންގެ މަސައްކަތުން މަންފާއެއް ނުކުރެއެކޭ އަހުރެން ނުބުނަމެވެ. އަދި، ކިއެއްތަ! ބައެއް މީހުންނަށް މަންފާ ކުރިކަމަށް އަހުރެން ޤަބޫލުކުރަމެވެ. އެކަމަކު، އެމީހުންނަށް ކުރި މަންފާ ވަނީ، ވަކި މީހަކު ބުނީމާ ޤަބޫލުކުރާ އުޞޫލުން މި ބައިމީހުންގެ ފިކުރު ގެންގުޅުމުން، ފިކުރުގެ އަސާސީ ހަމަތަކަށް ތަބަޢަ ވެފައެއް ނޫނެވެ. މީގެ އިތުރަށް އަހުރެންގެ މިފަހަރުގެ މަޤްޞަދަކީ އަހުރެންގެ އަމިއްލަ ވާހަކަ ބުނެދިނުމެވެ. ކަލާމްއިން ފަރުވާ ހޯދި ބައެއްގެ ގޮތްތަކަށް ހިތްހަމަނުޖެހުން ފާޅުކުރުމެއް ނޫނެވެ. ބަލިތަކުގެ ބޭސް، ބަލީގެ ބާވާތުން ތަފާތުވެއެވެ. ބައެއް މީހުންނަށް މަންފާ ކުރާ ބޭހުން އަނެއްބައި މީހުންނަށް ގެއްލުން ލިބެއެވެ.

ދެވަނަ ގްރޫޕް: ފަލްސަފާ

{ފަލްސަފާ މި ލަފުޒު އައިސްފައިވަނީ ”ޙިކްމަތްތެރިކަމަށް ކުރާ ލޯބި“ މި ޢިބާރާތުންނެވެ. އަޞްލަކީ ޔޫނާނީ ބަހެވެ. މިއީ ބައެއް އަސާސީ ޚިޔާލުތައް، މިސާލަކަށް ތެދު ނުވަތަ ޙައްޤު، ޙަޤީޤަތް، ހޭ ހުރުން، ފަދަ އަސާސީ ޚިޔާލުތަކާމެދު ވިސްނާ ބަލާ ޢިލްމަށް ކިޔާ ނަމެކެވެ. މި ބަޔާނުގައި ޣަޒާލީ ލިޔުއްވާފައިވަނީ: ފަލްސަފާގެ އަޞްލު، އޭގައިވާ ތެދާއި ދޮގު، އެއަށް ތަބަޢަވާ މީހުން ކާފިރުވާ ކަންކަމާއި ނުވާ ކަންކަން. ބިދުޢަވެރިންނަށް ވާ ކަންކަމާއި ނުވާކަންކަން. ބައެއް ފަލްސަފާ ވެރިން އެހެން ޢިލްމުވެރިންގެ ފޮތްތަކުން، ފަލްސަފާ ވެރިންގެ ދޮގުތައް ފެތުރުމަށް، ހަވާލާނުދީ ވަގުލު ކުރި ތެދު ތަކެތި، ތެދުން ރޫޙް އެއްކިބާވާ ގޮތް، ފަލްސަފާވެރިންގެ ދަރުސްތަކުން ގަނޑުބަނޑުނުކޮށް ވާ ތެދު، ދޮގުންނާއި އޮޅުވާލުމުން ވަކިކުރާނޭ ގޮތް އެވެ.}

ޢިލްމުލްކަމާލް އާ މެދު ވާހަކަ ދެއްކުމަށް ފަހު، އަހުރެން ފަލްސަފާ ޢިލްމާ މެދު ވާހަކަ ދައްކަން ފައްޓަމެވެ. އަހުރެންނަށް ވަރަށް ސާފުކޮށް އެނގޭގޮތުގައި، އެއްވެސް ޢިލްމެއްގައި ހުންނަ ޢިލްމީ ކުށްތައް ހޯދުމަށް، އެ ޢިލްމެއް އެ ޢިލްމު ދަންނަ އެންމެ މޮޅު މީހާ (މާހިރު) އާ އެއްވަރަށް ދަސްކުރަންވާނެއެވެ. އަދި އޭނާއާ އެއްވަރަށް އެ ޢިލްމު ޙާޞިލްކުރުމަށް ފަހު، އޭނާގެ ފެންވަރަށް ވުރެ މައްޗަށް ކިޔަވަންވާނެއެވެ. މިފެންވަރަށް ޢިލްމު އުނގެނުމުން، ޢިލްމުގެ މާހިރަށް ވެސް ނުވިސްނޭ ޢިލްމުގެ ޙަޤީޤަތްތައް ހާމަވާން ފަށާނެއެވެ. މިފެންވަރަށް ކިޔަވައިގެން ނޫނީ، ޢިލްމެއްގައިވާ ކުށްތަކުގެ ވާހަކަ ދެއްކިއަސް، މީސްތަކުން އެއީ ކުށްކަމަށް ބަލައެއް ނުގަންނާނެއެވެ. މި މޭރުމުން މަސައްކަތް ކުރާ އެއްވެސް މުސްލިމް ޢިލްމުވެރިއެއް އަހުރެންނެއް ނުދަންނަމެވެ.

އަހުރެންނަށް ފާހަގަ ކުރެވުނު ގޮތުގައި، އިސްލާމު ދީނުގެ ޢިލްމުވެރިން (މުތަކައްލިމުން) ފަލްސަފާއަށް ސަމާލުކަމެއް ފިކުރެއް ދީފައެއް ނުވެއެވެ. ދީނުގެ އުޞޫލުތައް ބަޔާންކޮށްފައިވާ ފޮތްތަކުގައި، ފަލްސަފާވެރިން ދައްކާ ވާހަކަތަކަށް އިޖާބަ ދިނުމަށް އެއްވެސް އެއްޗެއް ސީދަލަށް ލިޔެފައެއް ނުވެއެވެ. މުތަކައްލިމުންގެ ފޮތްތަކުގައި ފަލްސަފާވެރިންނާ ބެހޭ ގޮތުންވަނީ ނުސީދާ، އޮޅުންބޮޅުންވެފައިވާ ނުސާފު ޖުމްލަތަކެކެވެ. ފަލްސަފާ އާ ބެހޭ ގޮތުން، ފަސޭހައިން ކުށް ފާހަގަވާ ދެކޮޅު ނުޖެހޭ ވާހަކަތައް އެ ފޮތްތަކުގައި ހުރުމުން، އެއިން އާދައިގެ ވިސްނުމުގެ ފަރުދަކަށްވެސް އަސަރެއް ނުކުރާނެއެވެ. މިހެންވާއިރު، ފަލްސަފާގެ އަޑި އެނގޭ މީހަކަށް ފަލްސަފާއާ އިދިކޮޅަށް މިފޮތްތަކުން ނެރެވޭނީ ކޮންހުއްޖަތެއް ހެއްޔެވެ؟

އަހަރެންނަށް ދަސްވެފައިވާ ގޮތުގައި، އެއްވެސް އިލްމެއްގެ ނުވަތަ ނިޒާމެއްގެ އުނިކަން ހާމަކުރަން ބޭނުންނަމަ، އެ ޢިލްމަކަށް މީހާ ވަރަށް ބޮޑަށް ފަރިތަނުވެ، އެ ޢިލްމުފުންކޮށް ނޭނގި، އެކަން ކުރަން އުޅުމަކީ ކަނުބަނދެގެން އަމާޒަކަށް ދުނިއުކަން އުޅުން ފަދަ ކަމެކެވެ. އެހެންކަމުން، އަހުރެން ޤަޞްދުކުރީ، ފަލްސަފާ ޢިލްމު، އެ ޢިލްމުގެ ފޮތްތައް ބޭނުންކޮށްގެން، އެ ޢިލްމުގެ މާހިރެއް ނުވަތަ މުދައްރިސެއްގެ އެހީއާ ނުލައި، އުނގެނޭށެވެ. އަހުރެން ފިޤްހު ފޮތްލިޔުމާއި ކިޔަވާދިނުމަށް ފަހު ލިބޭ ހުރިހާ ހުސްވަގުތެއްގައި، ކުރީ މިކަމެވެ. އެއިރު އަހުރެންގެ ތަޤްރީރުތަކާއި ފިލާވަޅުތައް ލިބިގަންނަން 300 ދަރިވަރުން އަހުރެން ކައިރީގައި، ބަޣްދާދުގައި އުޅުނެވެ. ސިއްރިޔާތުގައި އަހުރެން މިކިޔަވާ ކިޔެވުމުން، ދެ އަހަރު ނުވަނީސް ފަލްސަފާ ރަނގަޅަށް އެނގޭފަދަ ޙާލަތަކަށް މާތް ﷲ ގެ ރަޙްމަތްފުޅުން އަހުރެންނަށް އާދެވިއްޖެއެވެ. ދެން، އިތުރު އަހަރެއް ވަންދެން، ފަލްސަފާއާ މެދު ފުންކޮށް ފިކުރުކުރުމުގައި، އަދި އޭގެ ފުންކަމާއި ފޮރުވިފައިވާ ނުރައްކާތައް ވިސްނާ މުޠާލިއާކޮށް ކިޔެވުމުގައި، އަދި ފޮތްތައް މުރާޖަޢާ ކުރުމުގައި އުޅުނީމެވެ. މިހާތަނުން، ފަލްސަފާގައިވާ ތެދާއި ދޮގާއި، އޮޅުވާލުންތަކާއި މަކަރުތައް އަހުރެންނަށް ޔަޤީންކަމާއެކު ވަޒަންކޮށްލެވޭ ފެންވަރަކަށް އެ ޢިލްމު ދަސްވެއްޖެއެވެ.

ތިރީގައި އަހުރެން މި ހާމަކުރަނީ ފަލްސަފާވެރިންގެ އުސޫލްތަކާއި ޢަޤީދާތަކުގެ ބަޔާނެކެވެ. ފަލްސަފާވެރިންގެ ތަފާތު ގޮފިތަކާއި ގިންތިތައް ވެއެވެ. ނަމަވެސް، އެމީހުންގެ ގިންތިތައް ގިނަވިޔަސް، އެމީހުންގެ ކިބައިގައިވަނީ އިލްހާދެވެ. {އިލްހާދަކީ ކަލަކު ވޮޑިގެން ނުވާކަމަށް ޤަބޫކުރުމެވެ.} ޤަދީމީ ފަލްސަފާވެރިންނާއި ޒަމާނީ ފަލްސަފާވެރިންގެ ޚިޔާލާތުގައި ވަރަށް ބޮޑު ތަފާތެއް ވެއެވެ. ޤަދީމީ ފަލްސަފާވެރިން، ފަހުގެ މީހުންނާ އަޅާބަލާއިރު ޙައްޤު ނުވަތަ ސީދާ ތެދާއި ގާތްހެން ހީވިޔަސް، މިބައިމީހުންނަކީ ކާފިރުންނެވެ. އަދި އިލްހާދުންނެވެ.

(ހ) ފަލްސަފާވެރިންގެ ގިންތިތަކާއި އެގިންތިތަކަށް ދީން ޤަބޫލުނުކުރުން ޢާންމުވުން

ފަލްސަފާވެރިންގެ ގިންތިތައް ގިނަވިޔަސް، އެމީހުން ކަންތައްތަކާ ދޭތެރޭ ދެކޭގޮތް ނުވަތަ ނަޒަރިއްޔާއަށް ބަލައި، އެމީހުން ތިން ބަޔަކަށް ބެހިދާނެއެވެ.

ފުރަތަމަ ގިންތީގެ ފަލްސަފާވެރިން.   الدهريون ދަހުރިއްޔުން. (މެޓީރިއަލިސްޓުން)


އެންމެ ދުވަސްވީ ފަލްސަފާވެރިންނަކީ މިބައިގެ މީހުންނެވެ. ހުރިހާ އިރަކު ވޮޑިގެންވާ، އަދި ހުރިހާ ކަމަކަށް ކުޅަދުވަންތަ ި ކަލަކުވޮޑިގެންވާ ކަމަށް މިފަލްސަފާވެރިން ޤަބޫލެއް ނުކުރާނެއެވެ. އެމީހުން ދެކޭ ގޮތުގައި ކާއިނާތު އަަބަދަަށް ދެމިގެން ވެއެވެ. މި ކާއިނާތަކީ ވަކި ފަރާތަކުން ހެއްދެވި އެއްޗެއް ނޫނެވެ. މި މީހުންގެ ނަޒަރުގައި، ޖަނަވާރު އުފެދުނީ މަނިންނެވެ. އަދި މަނިން ޖަނަވާރު އުފެދެއެވެ. މިގޮތަށް ދެމިގެންދާ ގޮތަށް މިކަން ހިނގަމުން ދެއެވެ. މިބައިމީހުންނީ ކަލާނގެއަކު ވާކަމަށް ޤަބޫލުނުކުރާ “ޒަނާދިޤާ”އިންނެވެ. ދީން ގަބޫލުނުކުރާ (الزنادقة) މީހުންނެވެ. {އިނގިރޭސި ބަހުން މެޓީރިއަލިސްޓުންނަކީ، ކާއިނާތުގައިވާ ހުރިހާ އެއްޗަކީ މާއްދީ (އަތްލެވޭ ނުވަތަ ފެންނަ ނުވަތަ ވާކަން ޙިއްސުތަކުން ޔަޤީން ކުރެވޭ) އެއްޗެތިކަމަށް ޤަބޫލުކުރާ މީހުންނެވެ. ރޫޙް ފަދަ ނުފެންނަ ތަކެއްޗަކީ ނުވާ ތަކެއްޗެވެ. ހުރިހާ ކަމެއްވަނީ އެއް މާއްދީ އެތި އަނެއް މާއްދީ އެއްޗާ ގުޅޭ ގުޅުމުންނެވެ. ދަހްރު އަކީ ފެށުމެއް ނިމުމެއް ނުވާ ވަގުތެވެ. ނުވަތަ އެއްވެސް ހަމައެއް އުޞޫލެއް ނުވާ ނަޞީބެވެ. ދަހްރިއްޔުންނާ ބެހޭ ގޮތުން، މާތް ﷲ  ބާވާލެއްވި ކީރިތި ޤުރްއާނުގެ 45 ވަނަ ސޫރަތުގެ 24 ވަނަ އާޔަތުގައި ގެ މާނައިގައިވަނީ: ”އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން މެނުވީ އެހެން ދިރިއުޅުމެއް ނުތެވެ. ތިމަންމެން ދިރި ތިބެމުއެވެ. އަދި މަރުުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެއެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް ޢިލްމެއް ނުވެއެވެ. އެއުރެންނީ ހީކުރާ ބަޔަކުކަމުގައި ނޫނީ ނުވެއެވެ.“}

ދެވަނަ ގިންތީގެ ފަލްސަފާ ވެރިން. الطبيعيون ޠަބީޢީން (ނެޗުރަލިސްޓުން)


މި ގިންތީގައި ހިމެނޭ ފަލްސަފާ ވެރިންނަކީ، ދުނިޔޭގައިވާ ތަކެތި އަދި ޖަނަވާރުތަކާއި ގަސްގަހާ ގެހީގެ ހައިރާންކުރުވަނިވި ސިއްރުތައް ދެނެގަތުމަށް މަސައްކަތް ކުރިމީހުންނެވެ. މިބައިމީހުން ޖަނަވާރުތަކުގެ އެކި ގުނަވަންތައް ގިނައިން ފަޅާހެދިއެވެ. މިތަކެތިން އެމީހުންނަށް ފެނުނީ ﷲ (ސ.ވ.ތ) ގެ މަތިވެރިކަމާއި އެކަލާންގެ ޙިކްމަތްތެރިވަންތަކަމެވެ. މިކަންތައްތަކުގެ ސަބަބުން، އެމީހުންނަށް މަޖުބޫރުވީ، ޙިކްމަތްތެރި، ކަލާންގެއެއް ވާކަން ޤަބޫކުރާށެވެ. އަދި ހުރިހާ ދިރުމެއްގައި އަދި ކަމެއްގައި ބޭނުމަކާއި މަޤްޞަދެއްވާކަން ޤަބޫލުކުރާށެވެ. ކަށިތަކާ ބެހޭ ޢިލްމު (އެނެޓޮމީ) އާއި ހަށިގަނޑުގެ ގުނަވަންތައް މަސައްކަތް ކުރާ ގޮތް ދިރާސާ ކުރާ މީހަކަށް ޖަނަވާރުގެ އޮނިގަނޑު، ޚާއްޞަކޮށް އިންސާނާގެ އޮނިގަނޑު އުފެއްދެވި ކަލާންގެ ފުރިހަމަ ކުޅަދުންވަންތަކަން ދެނެނުގަނެވި މި ދިރާސާއެއްް ނުކުރެވޭނެއެވެ.

ނަމަވެސް، އެމީހުން އެކި ބާވަތުގެ ދިރުން ދިރާސާކުރުމުން މި ފަލްސަފާވެރިންނަށް ޤަބޫލުކުރެވިފައިވަނީ ޖަނަވާރެއްގެ ބާރުތައް ބިނާވެގެންވަނީ އޭގައިވާ ތަފާތު ހިޔުމަރު ވަކި ވަޒަނަކަށް ހުރުމުން ކަމަށެވެ. {ހިޔުމަރު އަކީ، ހަށިގަނޑުގައިވާ ތަފާތު ހަތަރު ދިޔައެކެވެ. އެއް ދިޔައަކީ ލެޔެވެ. އަނެއް ދިޔައަކީ އަރުދަފުހެވެ. މި ދިޔަތައް ވަކި ވަޒަނަކަށް ހުރުމުން ނޫނީ ޞިއްޙަތެއް، ފިކުރެއް އަދި މިޒާޖެއް ހަމަ ނުޖެހޭ ކަމަށް މީގެ އެއްހާހަކަށް އަހަރު ކުރީގެ މީހުން ޤަބޫލު ކުރެތެވެ. މި ދުވަސްވަރަކީ ޣަޒާލީވެސް އުޅުއްވި ދުވަސްވަރެވެ.} އިންސާނާގެ ފިކުރު ނުވަތަ ބުއްދިވެސް ބިނާވެގެންވަނީ ހިޔުމަރު ހުންނަ ވަޒަންތަކަކަށް ކަމަށެވެ. އަދި މި ހިޔުމަރު ގެ މިންތައް ހަމައިން ނެއްޓުމުން ފިކުރު ގެއްލޭކަމަށް އެމީހުން ހީކުރެތެވެ. ހިޔުމަރު ނެތިދިއުމުން، އެ އަނބުރާ ގެނައުމަކީ މުސްތަޚީލު ކަމެކެވެ. އެހެންކަމުން އެމީހުން ދެކޭގޮތުގައި، ރޫޙު މަރުވުމުން، އެ އަނބުރައެއް ނުގެނެވޭނެ އެވެ. އެހެންކަމުން، އެމީހުން ދެކޭގޮތުގައި، މަރުވުމަށްފަހު ދިރުމެއް ނުވެއެވެ. އަދި ސުވަރުގެއެއް ނަރަކައެއް، މަޙްޝަރެއް، ޤިޔާމަތެއް، ހިސާބު ބެއްލެވުމެއް ނުވެއެވެ. އެހެންކަމުން، އެމީހުންގެ ނަޒަރުގައި ދީނަށް އުޅުމުން ލިބޭނޭ މަންފާއެއް، މަގުފުރެދުމުން ލިބޭނޭ އަޒާބެއް ނުވެއެވެ. މިހެންކަމުން، ޙައްދެން ނެތި އެމީހުންގެ ހަށިގަނޑުގެ އެދުންތަކަށް ޖަނަވާރުތައް ފަދައިން އެމީހުން ދޫދެއެވެ. އެމީހުންނަކީ ދީން ޤަބޫލުުކުރާ ބައެއް ނޫނެވެ. އެހެނީ ދީން ޤަބޫލުކުރުމަކީ، ﷲ އަށް އީމާންވުމާއި އާޚިރަތެއްވާކަން ޤަބޫލުކުރުމެވެ. މި ބައިމީހުން ކަލާންގެ އާއި އެ ކަލާންގެ ސިފަފުޅުތައް ޤަބޫލުކުރިއަސް އާޚިރަތަކަށް އީމާނެއް ނުވެއެވެ. އާޚިރަތެއް އޮންނާނޭ ކަމަކަށް ޤަބޫލެއް ނުކުރެއެވެ.

ތިންވަނަ ގިންތީގެ ފަލްސަފާ ވެރިން: الإلهيون އިލްހިއްޔޫން ނުވަތަ ތެއިސްޓުން


އިލްހިއްޔޫން ނުވަތަ ތެއިސްޓުންނަކީ، އެންމެ ފަހުގެ ފަލްސަފާވެރިންނެވެ. މި ބައިމީހުން އެއްކައުވަންތަ ކަލާންގެ އެއް ނުވަތަ އެތައް ކަލާންގެއެއް ވާކަމަށް ޤަބޫލު ކުރެތެވެ. މި ފަލްސަފާވެރިންގެ ތެރޭގައި، ސޮކްރެޓީސް އާއި އޭނާގެ ދަރިވަރު ޕްލެޓޯ އާއި ޕްލެޓޯގެ ދަރިވަރު އެރިސްޓޯޓްލް ހިމެނެއެވެ. އެރިސްޓޯޓްލް އަކީ މި ފަލްސަފާވެރިންނަށް ލޮޖިކް ނުވަތަ މަންޠިޤް އިންތިޒާމްކޮށްދިން ފަރާތެވެ. ޢާންމުގޮތެއްގައި ބަލާއިރު، މެޓީރިއަލިސްޓުންނާއި ނެޗުރަލިސްޓުން ޢިލްމުތަކަށް ހިމަނާފައިވާ ދޮގުތައް ސާފުކޮށް، އަދި އޭރު އެނގިފައިވާ ސައިންސް ޢިލްމުތަކުގައިވާ ކުށްތައް ފިލުވައި، ތަރުތީބުކޮށް، ޝަރަހަ ކޮށްދިން ފަރާތެވެ. މިކަމުގެ ސަބަބުން މި ޢިލްމުތައް ހަރުދަނާވެ އަަރާ އަރަފޯދުނެވެ. އަދި މި މީހުން ދެއްކި ޙުއްޖަތުގެ ސަބަބުން ލިޔުންތަކުން މި ކުށްތައް ފިލުވަން ކުރަންޖެހޭނެ މަސައްކަތުން މުސްލިމުން ސަލާމަތްވިއެވެ (ޤުރްއާން 33:25 ”އަދި ﷲ، މުއުމިނުންނަށް ހަނގުރާމަކުރުން ފުއްދަވައި ދެއްވައިފިއެވެ. (އެބަހީ: އެއުރެން ގަދަ ހަނގުރާމައެއް ނުކޮށް އެކަން ނިމިއްޖެއެވެ.“)

ޕްލެޓޯ އާއި ސޮކްރެޓީސްގެ ކުށްތަކާއި އޭގެ ކުރީގެ ތެއިސްޓުންގެ ކުށްތައް، އެރިސްޓޯޓްލް ދަލީލުތައް ދައްކަައިގެން ހާމަކުރުމުގައި، ކުރަންޖެހޭ ހިއްމަތެއް ނުކޮށް ނުވެއެވެ. އަދި އެރިސްޓޯޓްލް އެމީހުންގެ ޚިޔާލާތާ ފޭވެފައި ވެއެވެ. ނަމަވެސް، އެމީހުންގެ ހުތުރު ބިދުޢާތަކާއި ލާދީނީ ބަސްތަކުން މުޅިން ރައްކައުތެރިކަން ލިބިގެން ނުވެއެވެ. އެ އެންމެން ދެކެންޖެހޭނީ، އަދި އެމީހުންގެ ޚިޔާލުތަކަށް އެނބުރުނު ފަހުގެ ފަލްސަފާ ވެރިން ކަމަށްވާ އިބްނު ސީނާ އާއި އަލްފާރާބީ ފަދަ މީހުން ދެކެން ޖެހޭނީ ދީނުގެ ހަމަތަކާ ޚިލާފު ކަންތައްތަކެއް ގެނައި ބަޔެއްގެ ގޮތުގައެވެ. އެރިސްޓޯޓްލްގެ ޚިޔާލާތު ފަތުރަން މިބުނި ދެ މުސްލިމް ފަލްސަފާ ވެރިންނަށް ވުރެ ބޮޑަށް މަސައްކަތް ކުރި ބައެއް ނުވެއެވެ. މި ފަލްސަފާވެރިންގެ ލިޔުންތައްް އެހެންމީހުން ތަރުޖަމާކޮށްގެން ފެތުރިއިރު އޭގައިވަނީ ނުސާފުކަމާއި އޮޅުންބޮޅުމެވެ. މިކަމުގެ ސަބަބުން މި ކިޔާ ދަރިވަރަކަށް އޭގައިވާ އެއްޗެއް ދޭހައެއް ނުވެއެވެ. އަދި އޮޅުން ނުފިލާ އެއްޗެއް، ޤަބޫލު ކުރާނީ ނުވަތަ އެއާ އިދިކޮޅަށް ހެކި ގެންނާނީ ކިހިނެތް ހެއްޔެވެ؟

އެރިސްޓޯޓްލްގެ އަޞްލު ފަލްސަފާތައް، އަލްފާރާބީ އާއި އިބްނު ސީނާ ގެ ތަރުޖަމާތަކަށް ބަލައި، ތިން ބަޔަކަށް ބަހާލެވިދާނެއެވެ. އެއިން އެއްބަޔަކީ ކުފުރެވެ. އަދި އެއްބަޔަކީ ބިދުޢާ އޭ ބުނެވިދާނެއެވެ. އަދި އެއްބައި އަހުރެމެންނަށް ދުލެއް ނުކޮށްލެވޭނެވެ. މިބައިތަކުގެ ތަފްޞީލު ދެން ބަޔާންކުރަމާ ހިނގާށެވެ.

(ށ) އެކި ބާވަތުގެ ފަލްސަފާ ޢިލްމުތައް

ދަންނައެވެ. ފަލްސަފާވެރިންގެ ޢިލްމު، އަހުރެމެންގެ މަޤްޞަދަށްޓަކައި، ހަ ބަޔަށް ބެހިގެން ވެއެވެ. އެއީ ހިސާބު ޢިލްމާއި ލޮޖިކް (މަންތިޤް) އާއި ފިޒިކްސް އާއި (ދިރުންނެތް ތަކެއްޗާއި އޭގެ ގުޅުންތަކާ ބެހޭ ޢިލްމާއި) ރޫޙާނީ ދީނީ ޢިލްމާއި ސިޔާސީ ޢިލްމާއި އަޚްލާޤެވެ.

ހިސާބު ޢިލްމު

ދަންނައެވެ.
ހިސާބު ޢިލްމުގައި ހިމެނެނީ ވިޔަކުރުމާއި، ޖޯމެޓްރީ އާއި އެސްޓްރޮނޮމީ (ފަލަކީ ޢިލްމު) އެވެ. މި ޢިލްމުގެ ތެރޭގައި އެއްވެސް ގޮތަކަށް ދީނީ ކަންކަމާ ބެހޭ ގޮތުން ވަކި ކަމަކާ އިންކާރު ކުރުމެއް ނުވަތަ ސާބިތުކުރުމެއް، އެެއްބަސްވުމެއް ނުވެއެވެ. މިފަދަ ކަންކަމުގެ ބަދަލުގައި ހިސާބު ޢިލްމުގައި ހިމެނެނީ، އޭގެ ހަމަތައް ކަނޑައަޅައި އެނގުމުން ސާބިތުކުރެވޭނޭ ޙަޤީޤަތްތަކެކެވެ. ނަމަވެސް މިކަމުން ނޭދެވޭ ދެކަމެއް ނުކުމެއެވެ.

ފުރަތަމަ ކަމަކީ، ހިސާބު ޢިލްމު އުނގެނުމުން، އޭގެ ތަފްޞީލުތަކުގެ ބަރާބަރުކަމާއި ސުބޫތުކުރެވޭ ކަންކަން ސާފުކަމުން، އުނގެނޭ މީހާ އެ ޢިލްމާ ދޭތެރޭ އާސޯޚުވުމެވެ. މިކަމުގެ ސަބަބުން، ހިސާބު ޢިލްމުގެ މާހިރުންގެ މޮޅުކަމާ މެދު ޢަޖާއިބުވެ، އެމީހުންގެ ކޮންމެ ޢިލްމަކީ، އެމީހުންގެ ކޮންމެ ޢަޤީދާއަކީ ހިސާބު ހާ ސާފު، އަދި ތެދު ޙަޤީޤަތްްތަކެއް ކަމަށް ދުށުމެވެ. މީގެ އިތުރަށް ހިސާބު ޢިލްމުގެ ދަރިވަރުންނަށް، ރަށުގެ ތެރޭގައި ދެކެވޭ ވާހަކަތަކުން ފާހަގަކުރެވިފައި އޮންނާނީ ހިސާބު ޢިލްމުގެ ފަލްސަފާވެރިންނަކީ، އެމީހުންގެ ކާފިރުކަމާއި ޝަރީޢަތާއި ޤާނޫނުތަކާ މެދު އެމީހުން ކުރާ ނަފުރަތާއި ނުޤަބޫލްކަން ޢާންމުވެފައިވާ ބައެއް ކަމެވެ. ދެން ހިސާބު ޢިލްމުގެ ދަރިވަރުން، މި ފަލްސަފާވެރިންނަށް ތަބަޢަވެ (ތަޤްލީދުވެ) އެމީހުން ދީނީ ކަންތައްތަކާމެދު މި ފަލްސަފާވެރިންގެ ރަޢުޔު ކޮޕީކޮށް ކާފިރުވެއެެވެ. މި މީހުން ބުނެތެވެ.: ”ދީނަކީ ތެދު އެއްޗެއްކަމުގައި ވަނީނަމަ، މި ހިސާބުގެ ފަލްސަފާވެރިންނަށް އެކަން ނުއެގިނުވާނެއެވެ. އެހެނީ އެމީހުން ހިސާބު ޢިލްމަށް ގެނައި ބަރާބަރުކަން ނިކަން ދެކެބަލާށެވެ“. ދެން މި ހިސާބުގެ ޢިލްމުވެރިން، އެމީހުންނަށް އެހެން ހިސާބު ޢިލްވެރިންގެ ކާފިރުކަމާއި ދީން ޤަބޫލު ނުކުރާކަން، އެކިމީހުންގެ ވާހަކަތަކުން އަޑުއިވުމުން، ދީން ޤަބޫލު ނުކުރުމަކީ ތެދުގޮތްކަމަށް ނިންމައެވެ. އަހުރެންނަށް، ހަމަ އެކަނި މި ސަބަބާހެދި، އެމީހުން ހިސާބު ޢިލްމުވެރިންނަށް ކުރާ ގަދަރާހެދި، ތެދު މަގުން މަގުފުރެދިފައިވާ ކިތައް މީހުން ފެނިފައިވޭ ހެއްޔެވެ؟

މިގޮތަށް މަގުފުރެދިފައިވާ މީހަކާ ދިމާއަށް އަހުރެމެން ބުނެފާނަމެވެ: ”ވަކި ރޮނގަކުން މީހެއްގެ ހުނަރު ހުރުމަކީ، އެމީހަކަށް ކޮންމެ ރޮނގަކުން ހުނަރު ލިބެންޖެހޭ ސަބަބެއް ނޫނެވެ. މިސާލެއްގެ ގޮތުން، ޤާނޫނާއި ދީނީ ޙުކުމްތަކުގެ ރޮނގުން މީހަކު މާހިރުވެފައި ވުމަކީ، އެ މީހާ ބޭސްވެރިކަމަށް މޮޅުވާނެ ކަމެއް ނޫނެވެ. އަދި މީހަކަށް، (ސައިންސް ފަދަ) ބަރާބަރު ޢިލްމުތައް ނޭނގުމަކީ އޭނާއަށް ބަހުގެ ޤަވާޢިދު ނޭނގެންވީ ކަމެއްނޫނެވެ. ޙަޤީޤަތަކީ، ވަކި ދާއިރާއެއްގެ ޢިލްމަކުން މަތީ ދަރަޖައަަކަށް ހުނަރާއި އިސްކަން ލިބިފައިވާ މީހާ، އެހެން ދާއިރާތަކުގެ ޢިލްމުތަކާއި ހުނަރުތަކަށް އޭނާ ވަރަށް ޖާހިލުވެ އެއްޗެއް ނޭނގެއެވެ. އިހުގެ އެ ފަލްސަފާވެރިން، ހިސާބުގެ މަޢުޟޫޢުތަަކަށް ގެނެސްފައި ހުންނަ ތެދު ހެކިތައް ބަރާބަރަށް ހާމަކުރެވުނަސް، ޣައިބުގައިވާ ރޫޙާނީ ކަންތައްތަކާ މެދު އެމީހުން ބުނެފައިވާ ބުނުންތަކަކީ އެފަދަ ހެކިދެއްކޭނޭ ބަސްތަކެއް ނޫނެވެ. އެއީ އެމީހުންގެ ޚިޔާލެވެ. މި ނުކުތާ ނުވަތަ ޕޮއިންޓް ފާހަގަ ކުރެވެނީ، މިކަން ހާމަވާނީ، މިފަދަ ރޫޙާނީ ކަންތައްތައް ކިޔަވާފައިވާ މީހަކަށެވެ.“

އަހުރެން މިބުނި ވާހަކަތައް، ހިސާބު ޢިލްމުގެ ފަލްސަފާ ވެރިންނަށް ތަޤްލީދުކޮށްގެން މަގުފުރެދިފައިވާ މީހާއަށް ބުނުމުން، އެމީހާ މި ވާހަކަތަކަށް އިންކާރު ކުރެއެވެ. އަދި، ޢިލްމީ ހައިބަތު ބޮޑު މީހެއްގެ ސިފަ ދެއްކުމަށް ހުންނަ ލޯތްބެއްގެ ސަބަބުން، އަދި ކިބުރުވެރިކަމެއްގެ ސަބަބުން، ފަލްސަފާވެރިންނާ މެދު އޮންނަ މަތިވެރި ޙުރުމަތުގައި ދެމި ހުރެއެވެ. ފަހެ މިއީ ވަރަށް ބޮޑު ނުބައިކަމެކެވެ. ހިސާބު ޢިލްމުކިޔަވަން ބޭނުންވާ މީހާއަށް އޮތް އިންޒާރެކެވެ. މި ފަލްސަފާވެރިންގެ ޢިލްމަކީ ދީނީ ޢިލްމަކަށް ނުވިއަސް، މި ފަލްސަފާވެރިންގެ ކާފިރުކަމުގެ ހުން، ހިސާބުގެ ދަރިވަރުންނަށް ޖެހެއެވެ. ދީނުގެ ހަމަތަކާއި ޙައްދުތައް ދޫކޮށް ނުލާ ހިސާބު ޢިލްމު ކިޔަވާ މީހުންނަކީ މަދު ބައެކެވެ.

ހިސާބު ޢިލްމު ކިޔެވުމުގެ ސަބަބުން ދެވަނަ ނުބައެއް ނުކުންނަނީ، އަހުރެމެންގެ ތެރެއިން، އިސްލާމްދީނުގެ ހަމަތައް ރަނގަޅަށް ނުދަންނަ، ޖާހިލު މުސްލިމް ރަޙްމަތްތެރިޔާގެ ސަބަބުންނެވެ. އޭނާ ދެކޭ ގޮތުގައި އިސްލާމްދީން ކުރިއަރުވަންވާނީ، ފަލްސަފާވެރިންނަށް ނިސްބަތްވާ ހުރިހާ ޢިލްމަކަށް އިންކާރުކޮށްގެންެނެވެ. އެހެންކަމުން، އޭނާ ފަލްސަފާވެރިންގެ އެއްވެސް ޢިލްމެއް ޤަބޫލެއް ނުކުރެއެވެ. އަދި އޭނާ ދަޢުވާ ކުރާގޮތުގައި، އެމީހުންގެ ހުރިހާ ޢިލްމެއްގައިވަނީ އޮޅުމާއި ނޭނގުމެވެ. އޭނާ އިންކާރު ކުރާ ކަންތައްތަކުގެ ތެރޭގައި އިރާއި ހަނދުގެ ކޭތަހިފުން ވެސް ހިމެނެއެވެ. އަދި އޭނާ ސަބަބެއް ނުދައްކާ ބުނަނީ އެކަންކަން ޤަބޫލުކުރުން ދީނާ ޚިލާފުކަމަށެވެ. މިފަދަ އަޑުތައް، ހެކިތަކާއިއެކު ކަންކަން ޤަބޫލުކޮށް ދަންނަމީހާގެ ކަންފަތަށް ފޯރުމުން، އެމީީހާ ދެކެނީ އިސްލާމް ދީން ބިނާވެގެންވަނީ ޖާހިލުކަމުގެ މައްޗަށް ކަމަށެވެ. އަދި، ހާމަ، ފެންނަ ހެކިތަކަށް އިންކާރު ކުރުމުގެ މައްޗަށް ކަމަށެވެ. މިއަޑުތައް އިވުނު މީހާގެ ހިތް، އިސްލާމްދީނުގެ މައްޗަށް ބުރަވެ، ފަލްސަފާއަށް ލުއިވެއެވެ. އިސްލާމް ދީން ކުރިއަރުވަންވާނީ، ހިސާބު ޢިލްމަށް އިންކާރުކޮށްގެންކަމަށް ދެކޭ މީހާ، އިސްލާމްދީނާ ދެކޮޅަށް އެކުރާ ކުށް ބޮޑުވެގެން ވެއެވެ. އެހެނީ، ބާވާލެއްވި ދީނުގެ އެއްވެސް ބައެއްގައި، މިފަދަ ދުނިޔެވީ ޢިލްމުތަކަށް އިންކާރު ކުރުމަށް އަންގަވާފައެއް ނުވެއެވެ. އަދި، އެ ދުނިޔެވީ ޢިލްމުތަކުގެ އެއްވެސް ބައެއްގައި، ދީނީ ކަންތައްތަކާ ބެހޭ މަޢުޟޫޢުތަކެއް ނުހިމެނެއެވެ.

{މާތް ﷲ ސަލާމާއި ޞަލަވާތް ލެއްވި} މުޙައްމަދު ގެފާނު ކުރެއްވި ހަދީސް ”އިރާއި ހަނދަކީ ކުޅަދުންވަންތަ ﷲ  ގެ ދެ ނިޝާނެވެ: އެ ދޭތި ކޭތަ ހިފަނީ އެއްވެސް މީހެއް މަރުވުމަކުން ނުވަތަ އުފަންވުމަކުން ނޫނެވެ. ތިބާއަށް ކޭތައެއް ފެނިއްޖެނަމަ، މަތިވެރި ރަސްކަލާނގެ ހަނދުމަކުރުމާއި ދުޢާކުރުމުން ރައްކާތެރިކަން ހޯދާށެވެ“ ގައި، އިރާއި ހަނދުގެ ދައުރުވާ ގޮތާއި އެ ދޭތި އެއް ދަނޑިއަކަށް އަރާ ވަގުތާއި އެކަތި އަނެއްކައްޗާ ނިވާވާ ނުވަތަ ހިޔަނި އެޅޭ ވަގުތު ހޯދާ ހިސާބުތައް، ދޮގުކުރުުމާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އަދި މާތް ﷲ ސަލާމާއި ޞަލަވާތްލެއްވި އެކަލޭގެފާނަށް ނިސްބަތްކޮށް، ކުރިން ފާހަގަކުރި ހަދީސަށް އެއްކުރާ ”މާތް ﷲ އެއްޗަކަށް ހާމަވުމުން، އެއް އެއްޗެއް އެކަލާނގެ ކުރިފުޅުމަތީގައި ސަޖިދަޖަހާކަމަށް“ ޢިބާރާތަކީ ތެދު، ހުރިހާ ހަދީސް ފޮތްތަކުގައިވާ ބައެއް ނޫނެވެ. (( إن الشمس والقمر آيتان من آياتِ الله تعالى لا ينخسفانِ لموتِ أحدٍ ولا لحياته فإذا رأيتم ذلكفافزعوا إلى ذكر الله تعالى وإلى الصلاة ))    (( لكن الله إذا تجلى لشيءْ خضع لهُ ))

ދެންފަހެ، މިއީ، ހިސާބު ޢިލްމުގެ ޠަބީޢަތާއި އޭގެ ނުބައި ނަތީޖާ އާ ދޭތެރޭ އަހުރެންގެ ޙުކުމެވެ.

 

ލޮޖިކް (المنطقيات):

{ލޮޖިކަކީ ކަންކަމާ މެދު، ދަލީލުތަކުގެ ޢަލީގައި ވިސްނުމަށްފަހު ނިންމާ ނިންމުމާ ބެހޭ ޢިލްމަށް ކިޔާ ނަމެކެވެ.} ލޮޖިކްގައިވާ އެއްވެސް އެއްޗެއް، ދީނުގެ ކަމަކަށް ތާއީދެއް ނުވަތަ އިންކާރެއް ނުކުރެއެވެ. މިއާ ޚިލާފަށް، އެއީ ފިކުރާ ބެހޭ އަންނިވި ކަންކަމާ ބެހޭ ޢިލްމެވެ: ކަންކަން ސާބިތުކުރާ ގޮތް، ސިލޮޖިޒަމް، ތެދެއް ސާބިތުކުރަން ބޭނުންކުރާ ދަލީލު ނުވަތަ މުޤައްދިމާގެ ސިފަތައް، މުޤައްދިމާތައް ނުވަތަ ދަލީލުތައް ގުޅުވާނެ ގޮތް، ވަކި އެއްޗެއް ކަނޑައަޅަން ޢިބާރާތް ކުރާއިރު (ތަޢުރީފުގައި) ހުންނަން ޖެހޭ ސިފަތައް އަދި މިގޮތަށް ކަނޑައަޅާ ކަނޑައެޅުންތައް ނުވަތަ ތަޢުރީފު އެކުލަވާލާނޭ ގޮތްް އެވެ. {ސިލޮޖިޒަމް އަކީ ދެ ޢިބާރާތެއް ބުނުމުން އޭގައި ނުހިމެނޭ އިތުރު ”ތެދު“ ނެރުމެވެ. މިސާލަކަށް ހުރިހާ އިންސާނުންނަކީ ދަހި މީހުންނެވެ. އިބްރާހީމަކީ އިންސާނެކެވެ. އެހެންވީމާ، އިބްރާހީމަކީ ދަހި މީހެކެވެ. މިފަދަ ސިލޮޖިޒަމްއެއްގައި ފުރަތަމަ އަދި ދެވަނަ ޢިބާރާތަށް ކިޔަނީ މުޤައްދިމާ އެވެ. ތިންވަނަ ޢިބާރާތައް ކިޔަނީ ނިންމުމެވެ. މުޤައްދިމާ ދޮގު ނަމަ، ނިންމުން ދޮގުވާނެއެވެ.}

ޢިލްމު ބިނާވެގެންވަނީ ދެކަމެއްގެ މައްޗަށެވެ: (ހ) އެއްކަމަކީ ތަޞައްވުރެވެ. ކޮންސެޕްޓް ނުވަތަ މަފްހޫމެވެ. މި މަފްހޫމް ނުވަތަ ފިކުުރުގައި ހިމެނޭ ޚިޔާލު ބިނާވެގެންވަނީ އެ ޢިބާރާތުން ކަޑައަޅާ ގޮތް ނުވަތަ ތަޢުރީފަށެވެ. (ށ) ދެވަނަ ކަމަކީ ނިންމާ ނިންމުން ނުވަތަ ޙުކުމެވެ. މިކަން ބިނާވެގެންވަނީ ތެދުކަމުގެ ދަލީލު ނުވަތަ ޕްރޫފަށެވެ. އޭގެ ތަޞްދީޤެވެ. މީގައި މުސްލިމުން އިންކާރު ކުރަންވީ އެއްވެސް ކަމެއް ނުވެއެވެ. އަދި ކިއެއްތަ، މުތަކައްލިމުން ނުވަތަ ދީނުގެ ޙުކުމްތައް ދަންނަ ފަރާތްތައް ކަންތައްތައް ސާބިތުކުރުމަށް ލޮޖިކް ބޭނުން ކޮށްފައި ވެއެވެ. ފަލްސަފާވެރިން މުތަކައްލިމުންނާ ތަފާތުވަނީ އެމީހުން ބޭނުން ކުރާ ލަފުޒުތަކުންނާއި (ޢިބާރާތްތަކާއި އިސްތިލާޙުތަކުންނާއި) އެމީހުންގެ (ފަލްސަފާވެރިންގެ) އޮޅުންފިވުލާދިނުމާއި ގިންތިކުރުމުގެ ތަފްޞީލު އިތުުރު ކަމުންނެވެ. އެމީހުން މަޝްވަރާ ކުރާ ގޮތުގެ މިސާލެއްގެ ގޮތުން، ފަލްސަފާވެރިންގެ ހުށަހެޅުމެއް ކަމަށްވާ ”ކޮންމެ <ހ> އެއްގައި <ށ> ވާކަން ސާބިތުކުރެވޭނަމަ ، ބައެއް <ށ> އަކީ <ހ> ކަން ލާޒިމެވެ.“ މިސާލެއްގެ ގޮތުން، ކޮންމެ އިންސާނަކީ ހައިވާނެއްކަން ލާޒިމް ނަމަ، ބައެއް ހައިވާނަކީ އިންސާނުންކަން ޔަޤީނެވެ. އެމީހުން މި މަހްފޫމް ބަޔާންކުރަނީ، ތެދު ޢާންމު ބުނުމެއް، ޚާއްޞަ ތެދު ބުނުމަކަށް ބަދަލުކުރެވިދާނެއޭ ބުނެއެވެ. މިކަންކަން ތެދުކުރަން ނުވަތަ ދޮގުކުރަން، ދީނުގެ ކަންތައްތަކާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ މިފަދަ ހާމަކަން ބޮޑު ޙަޤީޤަތްތަކަށް އިންކާރު ކުރުމުން، ނުކުންނަ ހަމައެކަނި އަސަރަކީ ލޮޖިކް ޢިލްމުވެރިޔާގެ ފިކުރުގައި، އިންކާރު ކުރިމީހާގެ ސޭކުކަން ބޭޒާރުވުމެވެ. އަދި މިއަށްވުރެ ނޭދެވޭ ކަމަކީ، އޭނާއަށް ދީނީ މީހުންގެ ޢަޤީދާ އަކީ މިފަދަ އިންކާރުކުރުންތަކުގެ މައްޗަށް ބިނާވެެގެންވާ ކަމެއް ކަމުގައި ދުށުމެވެ.

ލޮޖިކް ފަލްސަފާވެރިން ވެއްޓޭ ފިކުރުގެ އަނދަވަޅެއް ވެއެވެ. އެމީހުން ކަންތައްތަކުގެ ދަލީލުތައް ނެރެން ބޭނުން ކުރަނީ ޔަޤީންކަން ސުބޫތުކުރެވޭނޭ ޝަރުޠުތަކެވެ. އެއާ މެެދު ޝައްކެއް ނޯންނާނެ ހަމަތަކެވެ. އެކަމަކު ދީނުގެ ކަންތައްތަކާމެދު މަޝްވަރާކޮށް ބަހުސްކުރާއިރު، މި ހަރުދަނާ ޝަރުޠުތަކެއް ބޭނުމެއް ނުކުރެއެވެ. އެމީހުންގެ ޚިޔާލުތައް ބިނާކުރާ ދަލީލުތަކަކީ ނިކަމެތި ހަރުދަނާކަމެއް ނެތް ދަލީލުތަކެކެވެ. މީގެއިތުރަށް ލޮޖިކްއަށް ލޯބިޖެހިފައިވާ ދަރިވަރުން އޭގެ ސާފުކަން ފެނި، ފިލޯސަފަަރުންނާ މެދު ދެކެވޭ އެކިއެކި ނޭދެވޭ ވާހަކަތަކަކީ، ލޮޖިކްގެ ވަރުގަދަ މީޒާނުން މިންކުރެވި ބުނެފައިވާ ކަންކަމަށް ދެކެއެވެ. އަދި އަވަސްކަމާއެކު، ކާފިރުކަމުގެ ތެރެއަށް ފިކުރުކައްސާލައެވެ. އެއީ ދީނީ ޢިލްމު ނުވެސް އުނގެނީހެވެ. އެހެންކަމުން، ލޮޖިކްއަކީ ވެސް އޭގައި ނުރައްކާތަކެއް ނުހިމެނޭ ޢިލްމެއް ނޫނެވެ.

ދިރުންނެތް ތަކެއްޗާ ބެހޭ ޢިލްމު

މި ޢިލްމުގެ  ތެރޭގައި ހިމެނެނީ އުޑާއި އޭގައިވާ އެކިއެކި ގުރަހަ، ތަރި ފަދަ އެއްޗިއްސާއި، އުޑުގެ ތިރީގައިވާ ތަކެއްޗެވެ. ފެނާއި ވަޔާއި އަލިފާނާއި އަދި އެހެން ތަކެތި ހިމެނިގެން އުފެދިފައިވާ އެކުވެނި ތަކެތިކަމުގައިވާ ހައިވާނާއި ގަސްގަހާ ގެއްސާއި މަޢުދަން ތަކާއި މިތަކެތި އެކި ތަކެއްޗަށް ބަަދަލުވެ ގުޅޭ އެކުވާ ގޮތްގޮތެވެ. މިއީ ބޭސްވެރިކަމުގައި އިންސާނާގެ ހަށިގަނޑާާއި އޭގެ ކުޑަ ބޮޑު ގުނަވަންތަކާއި ހަށިގަނޑުގައިވާ ދިޔަތައް ބަދަލުވާ ގޮތް ކިޔަވާ ފަދައިންނެވެ. އިސްލާމް ދީނުގައި ބޭސްވެރިކަމުގެ އިލްމަށް އިންކާރު ކުރަން ނުޖެހޭ ފަދައިން، މި ބަޔާންކުރި ޢިލްމުތަކަށް އިންކާރު ކުރާކަން ނުޖެހެއެވެ. އިންކާރު ކުރަން ޖެހެނީ، މި ބުނި ޢިލްމުތަކުގެ ތެރެއިން، އަހުރެންގެ ”ފަލްސަފާވެރިންގެ ހަމަނުޖެހޭ ކަންތަައްތައް“ (تهافت الفلاسفة) މިފޮތުގައި ވަކިވަކިން ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވެއެވެ. މި ގިންތީގެ ފަލްސަފާވެރިންނާ ދެބަސްވާންވީ އެހެންކަންކަން، އަހުރެން އެ ފޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނިގެންވާ ކަމަށް، އެކަންކަމާ ވިސްނުމުން ތިލަވާނެއެވެ. ދިރުންނެތް ތަކެއްޗާ ބެހޭ ޢިލްމުގެ ފަލްސަފާވެރިންނާ ދެބަސްވާންޖެހޭ ކަންކަމުގެ އަޞްލު ބިނާވެގެންވަނީ، މާތް ﷲ އަށް ޢާލަމްތައް ކިޔަމަންވެގެން ވުމުގެ ތަރަހައަށެވެ. އެއްވެސް އެއްޗެއް އޭގެ ޒާތުގައި ޙަރަކާތެއް ނުކުރެއެވެ. އެތަކެއްޗަކީ އެތަކެތި އުފެއްދި ކަލާނގެ އާލާތެވެ. އިރާއި ހަނދާއި ތަރިތަކާއި ހެއްދެވި އެހެންތަކެތި ވަނީ މާތް ﷲ ގެ އަމުރުވެރިކަމުގައެވެ. އޭގެން އެއްވެސް އެއްޗެއްގެ ނުފޫޒެއް އެހެން އެއްޗަކަށް ނުވަތަ އެއަށް ލިބިގެން ނުވެއެވެ.

ކަލާންގެއާ ބެހޭ ޢިލްމު ( الإلهيات)

ފަލްސަފާވެރިންގެ ގިނަ ކުށްތައް ހިމެނެނީ މިޢިލްމުގައެވެ. މިޢިލްމުގެ އެކިކަންތައްތަކާ މެދު އެކި ފަލްސަފާވެރިންގެ ޚިޔާލު ތަފާތެވެ. އެއީ އެމީހުންނަށް ދުނިޔެވީ ޢިލްމާ ޚިލާފަށް، ފެންނަ ދަލީލުތަކެއް ނުވަތަ ބުރުހާނެއް ނުދެއްކޭތީއެވެ. އަލްފާރާބީ އާއި އިބްނު ސީނާ، ޔޫނާނީ ކުރީގެ ފަލްސަފާވެރިއެއް ކަމަށްވާ އެރިސްޓޯޓްލްގެ ބަޔާންތައް އަހުރެމެންނަށް ތަރުޖަމާކޮށް ގެނެސްދިން ގޮތް، އިސްލާމީ ފަލްސަފާވެރިންގެ ޚިޔާލާ ދާދި އެއްގޮތެވެ. މިމީހުންގެ ކުށްތައް 20 ސުރުޚީއަކަށް ގިންތި ކުރެވެއެވެ. މީގެ ތެރެއިން ތިން ގިންތިއެއްގައި އެމީހުން ކާފިރުންގެ ގޮތުގައި ބެލެވެއެވެ. ކުފުރުވެފައިވާ ތަކްފީރީންގެ ގޮތުގައި ބެލެވެއެވެ. އަދި 17 ކަމެއްގައި އެމީހުންނަކީ ބިދުޢާވެރިންގެ ގޮތުގައި ހިމެނޭނެއެވެ. އަހުރެންގެ ފޮތް ”ފަލްސަފާވެރިންގެ އޮޅުން“ ލިޔެފައިވަނީ އެމީހުންގެ މި 20 މައުޟޫޢުއަށް ޖަދަލެއް ދިނުމުގެ ގޮތުންނެވެ. އެމީހުން މުސްލިމުންނާ ޚިލާފުވާ، އެ ފަލްސަފާވެރިން ޤަބޫލުކުރާ، އަހުރެން ކުރިން އިޝާރާތްކުރި ތިން ކަން ތިރީގައި ބަޔާން ކުރަމެވެ. (ހ) މަޙުޝަރު ދުވަހުގައި، މީހުން އެއްކުރެވޭއިރު އެއްކުރެވޭނީ އެމީހުންގެ ހަށިގަނޑެއް (ޖިސްމެއް) ނޫނެވެ. އެމީހުންގެ ރޫޙެވެ. އަދި ސަވާބާއި އަޒާބު ދެއްވާނީ ރޫޙަށެވެ. ޖިސްމަކަށް ނޫނެވެ. ފަހެ، ރޫޙަށް ސަވާބާއި އަޒާބު ދިނުމުގެ ވާހަކައިގައި އެމީހުން އެބުނަނީ ތެދެވެ. އެކަން ޔަޤީން ވެގެން ވެއެވެ. އެކަމަކު އެމީހުން ޖިސްމަށް، ހަށިގަނޑަށް ސަވާބާއި އަޒާބު ދެއްވާނެކަމަށް އިންކާރުކުރާތީ، އެމީހުންގެ ބަޔާނުން އެމީހުން ޝަރީޢަތާ ޚިލާފުވެއެވެ. (ށ) ދެވަނަ މައްސަލައަކީ އެމީހުން ”މާތް ﷲ ދެނެވޮޑިގެންވަނީ ޢާންމު ކަންތައްތަކެވެ. ޚާއްޞަ ކަންތައްތަކެއް ނޫނެވެ.“ ބުނާ ބުނުމުން، އެމީހުން ކާފަރު ވެއެވެ.

( إن الله تعالى يعلم الكليات دون الجزئيات ) ޙަޤީޤަތަކީ ”އުޑުތަކާއި ބިމުގައިވާ ޒައްރެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާންގެއަށް ވަންހަނާވެގެން ނުވެތެވެ.“ (34:3). (ނ) ތިންވަނަ މައްސަލައަކީ، ފެށުމެއް ނިމުމެއް ނެތި، ދުނިޔެެ ތާ އަބަދަށް ދެމިގެންދާނެ ކަމަށް އެމީހުން ބުނާ ބުނުމެވެ. މިއަކީ އެއްވެސް މުސްލިމަކު ޤަބޫލުކުރާ ވާހަަކައެއް ނޫނެވެ.

އެހެން އިތުރު ކަންތައްތައް، މިސާލަަކަށް، ﷲ ގެސިފަފުޅުތަކަށް ކުރާ އިންކާރުގައި (އަދި އެމީހުން ﷲ ދެނެވޮޑިގެންވަނީ އެކަލާންގެ ޒާތުފުޅުންކަމަށާއި އެކަލާނގެ ޒާތުފުޅަށް ލިބިވޮޑިގެންވާ ޢިލްމަކުން ނޫންކަމަށާއި މިފަދަ އެހެން ކަންކަމުގައި) އެމީހުންގެ ފިކުރު މުޢުތަޒިލާއިން (المعتزلة) ގެ ޚިޔާލާ އެއްގޮތެވެ. މިހެންކަމަކު، އަދި މިފަދަ ޚިޔާލާތްތަކުން، މުޢުތަޒިލާއިންނަކީ ކާފަރުންކަމަކަށް ނުގުނޭނެއެވެ. އަހުރެންމެންގެ ފޮތުގައި ”އިސްލާމް އާއި ކާފަރުކަން ވަކި ކުރާނޭ ސާފު ޝަރުޠުތައް“ (فيصل التفرقة بين الإسلام والزندقة ) ބަޔާންވެގެން ވެއެވެ. މިފޮތުގައި ތިމާ ޤަބޫލުކުރާ ޢަޤީދާ އާއި ތިމާ އުޅޭ އަޚްލާޤާ އެއްގޮތަށް ނޫޅޭ މީހަކީ ކާފަރެއްކަމަށް އަވަހަށް ކަނޑަ އަޅާ މީހުންގެ ޚިޔާލަކީ ފަސާދައެއްކަން ބަޔާންކޮށްފައި ވާނެއެވެ.

ސިޔާސަތު

ސިޔާސަތާ ބެހޭ ޢިލްމުގައި ފަލްސަފާވެރިން ކަޑައަޅަނީ ސަރުކާރުގެ ވެރިން، ދުނިޔެވީ ކަންކަމުގައި، އިދާރީ ގޮތުން ކަންތައްތައް ކުރަންވީ މަޞްލަޙަތު ރަނގަޅު ގޮތްގޮތެވެ. މި ގޮތްތައް އެމީހުން ހޯދަނީ، މާތް ﷲ ރަސޫލުންނަށް ބާވާލެއްވި ފޮތްތަކުންނާއި ނަބީ ބޭކަލުންގެ ކުރިން ދުނިޔެއަށް ވަޑައިގެންނެވި ފަރާތްތަކުންނެވެ.

އަޚްލާޤު

އަޚްލާޤާ ބެހޭ ގޮތުން ފަލްސަފާވެރިން ކުރާ ކަންކަމީ، ނަފްސުގެ އާދަތަކާއި ސިފަތައް ބަޔާންކުރުމާއި، އޭގެ ޢާންމު އަދި ޚާއްޞަ ވައްތަރުތައް ރިކޯޑުކޮށް ރަނގަޅު އަޚުލާޤް ލިބިގަންނާނެގޮތާއި ނުބައި އަޚްލާޤު އިން ވަކިވެގަންނާނެގޮތް ބަޔާންކުރުމެވެ. މިތަކެތި އެމީހުން ނަގާފައިވަނީ ސޫފީންގެ ފަރާތުންނެވެ. ސޫފިންނަކީ ﷲ އަށް ޒިކުރުކުރުމުގައި އާއި، ހަށިގަނޑުގެ އެދުންތަކާ ދެކޮޅު ހެދުމުގަ އާއި، ﷲ އަށް ކުއްތަންވާ މަގުން ހިނގުމުގައި ދުނިޔެވީ އުފާތަކުން އެއްކިބާވެ އުޅޭ، އަބަދުމެ މިކަންކަމުގައި ގަދަޔަށް މަސައްކަތްކުރާ ދީންވެރި ބައެކެވެ. ހަވާނަފުސާ މިކުރާ ހަނގުރާމައިގައި އެމީހުންނަށް ނަފުސުގެ ރަނގަޅު އަޚްލާޤު ހާމަވެ، ނަފުސު ނިކަމެތިކުރާ ކަންތައްތައް ފާހަގަވެފައި ވެއެވެ. ފަލްސަފާވެރިން މި ޚިޔާލުތައް އެމީހުންގެ ފަރާތުން ނަޤުލުކޮށް، އެމީހުންގެ ޚިޔާލުތަކާ އެއްކޮށްގެން އެއަށް އޮފުކަން ގެނެސްގެން އެމީހުންގެ ނޭދެވޭ ދަރުސްތައް ފެތުރުމަށް އުޅެތެވެ. އެމީހުންގެ ދުވަސްވަރުގައި ވެސް، އަދި ކިއެއްތަ، ކޮންމެ ދުވަސްވަރެއްގައި ވެސް، މާތް ﷲ މި ބިމުން، ﷲގެ މަގަށް އުޅޭމީހުން މުޅިން ނެތި ނުކުރައްވައެވެ. އެހެނީ އެމީހުންނަކީ ދުނިޔޭގެ ތަނބުތަކެއް ފަދަ ބައެކެވެ. އެމީހުންނަށް ލައްވާ ރަޙްމަތުން، ﷲ ގެ ރަޙްމަތްފުޅު ދުނިޔޭގައި އުޅޭމީހުންނަށް ފޯރަތެވެ. އެއީ މާތް ﷲ ޞަލަވާތާއި ސަލާމް ލެއްވި މުޙައްމަދުގެފާނުންގެ އަންނަނިވި ހަދީސްފުޅުގައިވާ ފަދައިންނެވެ. ”އެމީހުންނާ ހެދި، ތިޔަބައި މީހުންނަށް ވާރޭފެން ލިބެއެވެ. އެމީހުންގެ ފަރާތުން ތިޔަބައިމީހުންނަށް ރިޒުޤު ލިބެއެވެ. އެމީހުންގެ ތެރޭގައި ހޮހޮޅައިގެ އެކުވެރިން ހިމެނެއެވެ.“ އެފަދަ މީހުން އެންމެ ޤަދީމީ ޒަމާންތަކުގައި ވެސް އުޅެތެވެ. އެއީ މާތް ﷲ ކީރިތި ޤުރްއާންގެ 18 ވަނަ ސޫރަތުގައި އަންގަވާފައިވާ ފަދައިންނެވެ.

ފަލްސަފާގެ ނުރައްކާތައް


އިސްލާމީ ފަލްސަފާވެރިން، ރަސޫލުންގެ ބަސްފުޅުތަކާއި ސޫފީންގެ ބުނުންތައް އެއްކޮށް ލިޔުންތައް ލިއުމުން، ދެ ނުބައެއް ނުކުމެއެވެ. އެއް މައްސަލަ ނިކުންނަނީ އެމީހުން އަޚްލާޤާ ބެހޭ ގޮތުން ބުނާ ބުނުންތައް ޤަބޫލުކުރާ މީހާގެ ފަރާތުންނެވެ. އަނެއް ނުބައި ނުކުންނަނީ އެ ވާހަކަތަކަށް އިންކާރު ކުރާ މީހާގެ ފަރާތުންނެވެ. ދެން މި ދެ މީހުންގެ ވާހަކަ ބުނަމެވެ.

(ހ) ފަލްސަފާވެރިންގެ އަޚްލާޤީ ޢިލްމަށް އިންކާރު ކުރާ މީހުންގެ މައްސަލަ ވަރަށް ސީރިއަސް އެވެ. މި މީހުންގެ ތެރެއިން ފިކުރު ގަނބުބައެއް، ނަބީ ބޭކަލުންނާއި ވަލީވެރިންގެ ވާހަކަތައް، ފަލްސަފާވެރިންގެ ލިޔުންތަކުގައި އަމިއްލަ ނުބައި ޚިޔާލާއެކު މަސްހުނިކޮށް ލިޔެފައި ހުންނާތީ، އެތަކެއްޗާ ދުރަންދާން ޖެހޭ ކަމަށް ބުނެއެވެ. އަދި އެ ލިޔުންތަކަށް ޙަވާލާދޭ ކޮންމެ މީހަކީ ދޮގުވެރިއެއްކަމަށް ކަނޑައަޅަންޖެހޭ ކަމަށް ބުނެއެވެ. މިހެން ވާންޖެހެނީ އެމީހުންނަށް މިފިކުރު އެންމެ ފުރަތަމަ އިވުނީ ފަލްސަފާވެރިންގެ ފަރާތުން ކަމަށްވާތީ އެވެ. އެހެންކަމުން، އެމީހުންގެ ގަނބު ފިކުރުން މި ކަންކަމަކީ ކުށްކަމަށް ޙުކުމްކުރެއެވެ. އެއީ ފަލްސަފާވެރިން އެހެންކަންކަމުގައި ނުބައި ހަދާތީ އެވެ. މިއީ ނަޞާރާދީނުގެ މީހެއް، ”ﷲ ނޫން އެހެން ކަލާންގެއެއް ނުވެއެވެ. އަދި ޢީސާގެފާނަކީ ﷲ ގެ ރަސޫލާއެވެ.“ މިހެން ބުނާ އަޑު މުސްލިމަކު އެހުމުން ވަގުތުން އެކަމަށް އިންކާރުކޮށް ”މިއީ ނަޞާރާއިން ބުނާ ގޮތޭ“ ބުނާ ފަދައިންނެވެ. މިގޮތަށް ކަންކުރާ މީހާ އެ ޢިބާރާތް ބުނި މީހަކީ ކާފަރެއްކަމަށް އެ ޙުކުމް ކުރަނީ އޭނާ ފާޅުކުރި އެ ޚިޔާލުންތޯ ނުވަތަ މާތް ﷲ ޞަލަވާތާއި ސަލާމް ލެއްވި މުޙައްމަދު ގެފާނުގެ ރަސޫލުކަމަށް އިންކާރު ކުރާތީތޯ ވިސްނާލަން ލަސްކޮށްލުމެއް ނެތިއެވެ. އެ ނަޞާރާ މީހާ، ކާފަރަކަށް ވަނީ ހަމަ އެކަނި އޭނާ މުޙައްމަދުގެފާނުގެ ރަސޫލުކަމަށް އިންކާރު ކުރާތީކަމަށް ވާނަމަ، އޭނާ ޤަބޫލުކުރާ ކަންތައްތައް ފިޔަވައި އެހެން ކަންތައްތަކުގައި އޭނާއާ ދެ ބަސްވެގެން ނުވާނެއެވެ. މިބުނީ، އެއްޗެއް ތެދުނަމަ، ނަޞާރާ މީހާ އެއީ ތެދުކަމަށް ޤަބޫލުުކުރިއަސް، އެވާނީ ތެދަކަށެވެ.

ގަނބުމީހުން ކަންތައްކުރާގޮތަކީ، ތެދަށް ބަލައި މީހާ ދެނެގަތުމުގެ ބަދަލުގައި މީހާއަށް ބަލައި ތެދު ދެނެގަތުމެވެ. ވިސްނުންތެރިން، މިއާ ޚިލާފަށް، ފިކުރު އެންމެ ރަނގަޅު މީހުންގެ ސާހިބާ ޢަލީގެފާނުން (މާތް ﷲ އޭނާއަށް ރުއްސުން ލައްވާށިއެވެ!) ވިދާޅުވެދެއްވި ނަޞީޙަތް އަޑުއަހާނެއެވެ: ”މީހުންނަށް ބިނާކޮށް ތެދު ދެނެ ނުގަންނާށެވެ. ތެދު ދެނެގަތުމުން އޭގެ އަހުލުވެރިން ތިބާއަށް އެނގޭނެއެވެ.“ ބުއްދިވެރިޔާ، އެންމެ ފުރަތަމަ ދެނެގަންނަނީ ތެދެވެ. ޙައްޤެވެ. ދެން އޭރުން ވަކި މީހަކު ބުނި އެއްޗަކަށް އޭނާއަށް ފިކުރު ހިންގޭނެއެވެ. ބުނާ މީހާ އެކި ކަންތައްތަކުގައި ބުނާ އެތި ތެދުވިޔަސް، ނުވަތަ ދޮގުވިޔަސް، ތެދެއް ބުނާކަން އެނގޭނަމަ، ބުއްދިވެރިޔާ އެ ޤަބޫލުކުރެއެވެ. އަދި ކިއެއްތަ، އެފަދަ މީހަކު ސަމާލުވެގެން ހުންނާނީ ދޮގު ހަދަމުންދާ މީހާ ބުނާބަސްތަކުން، ތެދުބަސްތައް ވަކިކޮށް ދެނެގަތުމަށެވެ. އެއީ އޭނާއަށް، ރަން ހުންނަނީ ކިސަޑާ އެއްވެފައިކަން އެނގޭތީއެވެ. މަކަރުވެރިޔަކު ގެންނަ ކީސާއަކަށް އަތްބާނާ އޭގެތެރޭގައިވާ ނަގްލީ ފައުނާއި ރަން ފައުނުތަކުގެ ތެރެއިން، އޭނާގެ ވިސްނުމާއި ތަޖުރިބާގެ މައްޗަށް ބަލައި، ތަޖުރިބާ ހުރި ފައިސާ މާރުކުރާ މީހަކަށް، ރަން ފައުނު ނެގުމުގައި ގެއްލުމެއް ނުވެއެވެ. މިފަދަ މަކަރުވެރިންނާ މުޢާމަލާތް ކުރުމުން ދުރުކުރަން ޖެހޭނީ ތަޖުރިބާ ހުރި ފައިސާ މާރުކުރާ މީހާގެ ބަދަލުގައި ތަޖުރިބާ ނެތް، ރަށްފުށުމުގެ (ނާތަހުޒީބު) މީހުންނެވެ. މޫދާ ކައިރި ނުކުރަން ޖެހެނީ، މޮޔަ ފަތަންނޭނގޭ މީހުންނެވެ. ތަޖުރިބާ ހުރި ފެތުންތެރިންނެއް ނޫނެވެ. އަދި، ހަރުފައާ ކާރިވިޔަ ނުދޭންވީ ކުޑަކުދިންނެވެ. ހަރުފަ ޖާދޫގައި ޖައްސާ ތަޖުރިބާ ހުރި ސަޕީރާއިންނެއް ނޫނެވެ.

އަހުރެންނަށް ޔަޤީންއެވެ. ގިނަ މީހުންނަށް އެމީހުންގެ އަމިއްލަ ކާމިޔާބުތަކާއި އަމިއްލަ ހުނަރުތަކުގެ ފެންވަރު ބެލެނީ ވަރަށް މަތިވެރިކޮށެވެ. އެމީހުންނަށް ހީވެފައި އޮންނަނީ ދޮގުން ތެދު ވަކިކޮށް ދެނެގަތުމުގެ ބުއްދި އެމީހުންގެ ކިބައިގައި ވާކަމަށެވެ. އެހެންކަމުން، ކުށްތައް ފަތުރާ ފަލްސަފާވެރިންގެ ފޮތްތަކުން، ވެވުނު މިންވަރަކުން، އާންމު މީހުން ރައްކާތެރިކުރަން ޖެހެއެވެ. ފަލްސަފާވެރިން ފަތުރާ ކަންތައްތަކުން ނުކުންނަ މި ގޯސްކަމުން ޢާންމު ފަރުދުން ރައްކައުތެރިކޮށް ސަލާމަތް ކުރެވުނަސް، އަހުރެން ދެން ބަޔާންކުރާ ފަލްސަފާވެރިންގެ ދެވަނަ ގޯސްކަމުން ޢާންމު ފަރުދުންނެއް ރައްކައުތެރިއެއް ނުކުރެވޭނެއެވެ.

އަހުރެންގެ ދީނީ ފޮތްތަކުގައި ހިމެނިފައިވާ ބައެއް ރާޒުތަކާއި ސިއްރުތަކަށް، އެ ޢިލްމު ފުރިހަމައަށް ދެނެ ނުގަނެވޭ ފަރާތްތަކުން އަދި އެބައެއްގެ ފިކުރު އަހުރެމެންގެ ދީނީ ޢިލްމުތަކުގެ ބޭނުންތަކަށް ނުފޯރާ ބައެއް މީހުން، އިޢުތިރާޟް ކުރެއެވެ. އެމީހުން ބުނަނީ އެފޮތްތަކުގައިވާ ބައެއް ވާހަކަތައް ނަގުލުކޮށްފައިވަނީ ޤަދީމީ ފަލްސަފާވެރިންގެ ފޮތްތަކުން ކަމަށެވެ. ޙަޤީޤަތަކީ އެވާހަކަތަކަކީ އަހުރެންގެ އަމިއްލައަށް ފިކުރުކޮށްގެން ނެރެފައިވާ ޚިޔާލުތަކެވެ. އެވާހަކަތައް އެހެން ބަޔަކު ބުނެފައިވާ ތަކެއްޗާ އެއްގޮތްވުމަކީ، ނާދިރުކަމެއް ނޫނެވެ. ބައެއްފަހަރު، އަސް ދުވެފައިދާ އިރު، އޭގެ އެއް ފިޔަވަޅު، ކުރިން ބިމުގައި އަޅާފައިވާ ފިޔަވަޅެއްގެ މައްޗަށް އެޅެއެވެ. އެފޮތްތަކުގައި އަހުރެން ބަޔާންކުޅަ ބައެއް ތަކެއްޗަކީ، ކުރިން ބާވާލެއްވި ފޮތްތަކުގައިވާ ތަކެއްޗެެވެ. އަދި އަހުރެން ބަޔާންކުޅަ ތަކެތިން ބޮޑު ބައެއް، ސޫފީ ދަންނަބޭކަލުންގެ ފޮތްތަކުގައި ވާނެއެވެ.

ޖަދަލަށްޓަކައި ވިސްނަމާ ހިނގާށެވެ. އަހުރެން ބުނެފައިވާ ތަކެތި ފަލްސަފާވެރިންގެ ފޮތްތަކުގައި ވަނީއެވެ. އެހެން ކަމުގައި ވިޔަސް، އެތަކެއްޗަކީ، ބުރުހާނަށް ވަނީނަމަ (ވަރުގަދަ ދަލީލުތަކެއްގެ މައްޗަށް ބުނެފައިވާ ތެދަކަށްވަނީ ނަމަަ)، އަދި އެ ތަކެތި ކީރިތި ޤުރްއާން އާއި ސުންނަތާ ޚިލާފު ނުވާކަމުގައި ވަނީނަމަ، އެއަށް އިންކާރުކޮށް އެއާ ފޭވާންވީ ކީއްވެ ހެއްޔެވެ؟ މި ބުނި ދޮރު ހުޅުވައިލައިފި ނަމަ، އެބަހީ، ދޮގެއްހަދާފައިވާ މީހަކު، ހޯދާފައިވާ ކޮންމެ ތެދަކަށް އިންކާރު ކުރަނީނަމަ، އަހުރެމެންނަށް ޖެހޭނީ، ޢިލްމުގެ ވަރަށް ބޮޑުބައެއް ދޫކޮށްލާށެވެ. މީގެ ތެރޭގައި ޤުރްއާންގެ އާޔަތްތަކާއި މާތް ﷲ ޞަލަވާތާއި ސަލާމްލެއްވި ރަސޫލާގެ ޚަބަަރުތަކާއި ޤަދީމީ ވާހަކަތަކާއި ބުއްދިވެރިންނާއި ސޫފީންގެ ބަސްތައް ހިމެނެއެވެ. (ولزمنا أن نـهجر جملة آيات من آيات القرآن وأخبار الرسول صلى الله عليه وسلّم وحكايات السلف وكلمات الحكماء والصوفية). ސަބަބަކީ، ”އިޚްވާނުއް ޞަފާ“ (إخوان الصفا) ގެ މުޞައްނިފު މިތަކެތި އޭނާގެ ފޮތުގައި ހިމަނާފައި ވެއެވެ. {އިޚްވާނުންޞަފާ އަކީ އިސްލާމީ ހަމަތައް، ހިންދީ އަދި ޔޫނާނީ އަދި ފާރިސީ ފަލްސަފާއާ ”ރައްޓެހިކުރަން ލިޔެފައިވާ ފޮތަކަށް ކިޔާ ނަމެކެވެ.} އަދި އޭނާގެ ޖަދަލު ބިނާކުރަނީ އޭގެ މައްޗަށެވެ. އަދި މިކަމުން އޭނާގެ ދޮގުތައް، ވިސްނުންކޮށި މީހުން ޤަބޫލުކުރެއެވެ. އަދި މިގޮަތަށް ކަންކުރާކަމުގައި ވަނީނަަމަ، އެކަންވާނީ، އަހުރެމެންގެ އަތުން ތެދު ދަމައިގަނެ އެމީހުން ފޮތްތަކުގައި ހިމަނަށް ދޮގުވެރިންނަށް ދެވޭ ދަޢުވަތަކަށެވެ.

”ޢިލްމުގެ އެންމެ މަދު މިންވަރަކީ އާދައިގެ މީހަކާ ތަފާތުވުމެވެ. މި ފެންވަރުގެ މީހަކަށް ވެސް، މާމުއި، ކަވާ ޖަހާމީހެއްގެ ފުޅީގައި ހުއްޓަސް، އޭގެ ޠަބީޢަތް ބަދަލުނުވާނެކަން ދަންނާނެއެވެ. {ކަވާ ޖެހުމަކީ، ބޭސް ފަރުވާއަކަށް، ބޮތްކެއްހެން ބޮޑު އަގައެއްލީ ފުޅިއެއް ހޫނުކޮށް ހަންގަނޑުގައި ޖެހުމެވެ. މިހެން ހެދުމުން އެ ހަންގަނޑު އުފުލި، ފުޅީގައި ހަރުލާނެއެވެ. އަދި ކައްޓަކުން ހަންގަނޑު ތޮރުފާލައިފިނަމަ، ފުޅިއަށް ލޭ އެޅޭނެއެވެ.} މި ވައްތަރުގެ ފުޅީގައި ހުންނަ މާމުއިއަށް ނުރުހެވޭނެ ސަބަބަކީ ނޭނގުމުގެ ސަބަބުން، ކަވާފުޅި ހަދާފައިވަނީ ނުތާހިރު ލެޔަށް ކަމަށް ޤަބޫލުކުރެވުމެވެ. ބައެއް މީހުން ހީކުރަނީ ލޭ ނުތާހިރުވަނީ އެ ފުޅީގައިވާތީ ކަމަށެވެ. ލޭގައިވާ ސިފައަކުން ކަމެއް ހިއެއް ނުކުރެއެވެ. މި ނުތާހިރުކަމުގެ ސިފަ، މާމުއީގައި ނުވާތީ، މާމުއި އެފުޅީގައި ވުމަކުން މާމުއިއަށް އެ ސިފައެއް ނުލިބެއެވެ. ނުސާފުކަން މާމުއިއަށް ލިިބިގެންވާކަމަކަށް ނުބުނުވޭނެއެވެ. މިގޮތަށް ބުނެފިނަމަ، އެވާނީ، މޮޔަ ދޮގު ޚިޔާލަކަށެވެ.
މިހެން މިކަން އޮތްކަމުގައި ވިޔަސް، މި ޚިޔާލަކީ ގިނަ ބައެއްގެ ތެރޭގައި ހިމެނޭ ޚިޔާލެކެވެ. މީހާ ރުހޭ މުޞައްނިފަކަށް ވަކި ޚިޔާލަކަށް ހަވާލާދެވޭނަމަ، އެ ކުށަކަށް ވިޔަސް އޭނާ ޤަބޫލު ކުރެއެވެ. އަދި ޚިޔާލެއް، ތިމާމެން ނުރުހޭ މުޞައްނިފަކަށް ނިސްބަތްވާނަމަ، އެއީ ތެދެއްކަމުގައި ވިޔަސް އެމީހުން އެ ދޮގު ކުރެއެވެ. ބުނި މީހާ، ތެދެއްތޯ ނުވަތަ ދޮގެއްތޯ ވަޒަންކުރުމުގެ ތަރާދަކަށް އެމީހުން ހަދައެވެ. އަދި ތެދު، މީހާ ވަޒަން ކުރުމަކަށް ނުބަލައެވެ. މިއަށް ވުރެ ބޮޑު ފިކުރީ ކުށެއް ނުވެއެވެ. ފަލްސަފާވެރިންގެ އަޚްލާޤީ ހުރިހާ ވާހަކައަކަށް އިންކާރު ކުރުމުގެ ގެއްލުމަކީ މިއީއެވެ.

(ށ) ފަލްސަފާވެރިންގެ އަޚްލާޤީ ޢިލްމަށް ތާއީދުކޮށް ޤަބޫލު ކުރުމުން ނުކުންނަ ނުބައި ދަންނައެވެ. ފަލްސަފާވެރިންގެ ފޮތްތައް، މިސާލަކަށް ”އިޚްވާނުއް ޞަފާ“ އާއި އެހެނިހެން ފޮތްތައް، ކިޔަވާ މީހާ އަށް ފާހަގަ ކުރެވޭނީ، ފަލްސަފާވެރިންގެ އަމިިއްލަ ޚިޔާލުތައް ވަނީ ރަސޫލުންގެ ބަސްފުޅުތަކާއި ސޫފީންގެ ހަރުބަސްތަކާ މަސްހުނިކޮށްފައި ކަމެވެ. އަދި މިފަދަ ބަސްފުޅުތައް ވަގުތުން ޤަބޫލުކޮށް އެ ފޮތްތަކަށް ވަރަށް ބޮޑު ޙުރުމަތެއް ދެވެއެވެ. ދެން، އެމީހުން އެ ފޮތްތަކުގައިވާ ފަލްސަފާވެރިންގެ އަމިއްލަ ޚިޔާލުތަކަށް ތާއީދު ކުރެވެއެވެ. އެއީ ކުރިން ބުނި ޢިލްމުވެރިންގެ ބަސްފުޅުތައް އެ ފޮތްތަކުން ޤަބޫލުކޮށްފައިވާތީއެވެ. މިއީ މީހާ، ވާވައްދާލެވޭ،  މަގު ގެއްލޭ ގޮތެވެ.

މި ސަބަބުތަކަށްޓަކައި، ފަލްސަފާވެރިންގެ ފޮތްތަކުގައިވާ ކުށްތަކާއި އޮޅުވާލުމުގެ ސަބަބުން، އެ ފޮތްތައް ކިޔުން މަނާކުރަން ޖެހެއެވެ. ފަތަން ނުދަންނަ މީހާ، ކޯރެއްގެ ކައްސާ ގޮޑުދޮށުން ދުރުގައި ބަހައްޓަން ޖެހޭ ފަދައިންނެވެ. އަދި ކުޑަކުދިން، ހަރުފައިގައި އަތްލިޔަ ނުދޭންޖެހޭ ފަދައިން، މީހުންގެ ކަންފަތްތައް، މި ފޮތްތަކުގައިވާ ހަމަނުޖެހޭ ހާސަރުތަކުން ރައްކާތެރިކުރަން ޖެހެއެވެ. ހަރުފަ ގެންގުޅޭ ސަޕީރާ، އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ހަރުފައިގައި އަތްނުލާންޖެހޭ ފަދައިން، ފެންވަރު ރަނގަޅު ޢިލްމުވެރިން ޢަމަލުކުރަންޖެހޭނީ މިފަދައިންނެވެ. އެހެނީ ސަޕީރާގެ ޙަރަކާތްތައް، އޭނާގެ ދަރިފުޅު ކޮޕީކުރާނެކަން ސަޕީރާއަށް އެނގޭތީ، ދަރިފުޅަށް އިންޒާރުދީ، ދަރިފުޅު ކުރިމަތީގައި އުޅޭނީ ހަރުފައާ މެދު ރައްކާތެރިވެގެންނެވެ. އަދި މީގެ އިތުރަށް، ހުނަރުވެރި ސަޕީރާއެއް ހަރުފައަކުން އޭގެ ވިހައާއި މާރަކަ ނެރެ، ވިހަގައި ބާރު ކަޑުވާލައެވެ. އަަދި އޭނައަށް، ވިހައިގެ މައިތިރި، ނުވަތަ މާރަކަ، އެ ބޭނުންވާ އެއްވެސް މީހަކަށް ނުދީ ނުބަހައްޓައެވެ. އަދި މަކަރުވެރިއެއްގެ ކީސާއެއްގެ ތެރެއަށް އަތްބާނާ، ދަންނަ މީހާ ފައުނުތައް ނަގައި، ނަގްލީ ލާރިތައް އުކާލައި، ބޭނުންވާ މީހާއަށް ނުދީ، ރަނގަޅު ލާރި ނުބަހައްޓައެވެ. ޙަޤީޤީ ޢިލްމުވެރިންވެސް މިފަދައެވެ.

މީގެ އިތުރަށް ހަރުފައެއް މީހެއްގެ ގަޔަށް ވިހަ ލައިފިނަމަ، އަދި މާރަކަ ބޭނުންވާނަމަ، މާރަކަ، ހަރުފައިން ނެގީތީ އެއަކަށް އޭނާއެއް އިންކާރެއް ނުކުރެއެވެ. ވިހަ ލީ ހަރުފަ ކަމުގައި ވިޔަސް، އަދި މާރަކަ ނެގީ ހަރުފައިން ކަމުގައި ވިޔަސް އޭނާ ބޭނުންވަނީ މާރަކަގައި ފައިދާ ހާމަކޮށްދިނުމަށެވެ. ފައިސާ ބޭނުންވެފައިވާ ފަގީރު މީހާ، މަކަރުވެރިއެއްގެ ކީސާއަކުން ފައުނު ނެގީތީ އޭނާ އެ ބޭނުންނުވާނަމަ، އެއީ އޭނާއަށް ނޭގޭކަމާއި މިކަމުގެ ސަބަބުން ބޭނުންވާ ފައިސާއިން މަޙްރޫމްވާނެކަން އޭނާއަށް އަންގަންވާނެއެވެ. އޭނާއަށް އޮޅުންފިލުވާދޭން ޖެހެނީ، އަޞްލު ފައުނާއި ނަގުލީ ފައުނު ކިތަންމެ ގާތުގައި ވުމަކުން، އަސްލު ފައުނު ނަގުލީ ފައުނަކަށް ނުވާކަމާއި ނަގުލީ ތަޒުވީރު ފައުނު އަސްލު ފައުނަކަށް ނުވާނޭކަމެވެ. ހަމަ މިސަބަބަށްޓަކައި، ތެދާއި ދޮގު ގާތްގާތުގައި ވުމުން، ތެދެއް ދޮގަކަށް ނުވާނެއެވެ. އަދި ދޮގެއް ތެދަކަށް ނުވާނެއެވެ.

މިއީ އަހުރެން ފަލްސަފާގެ ގެއްލުމާއި ފަސާދަވެރި ނުފޫޒާ ބެހޭ ގޮތުން މިވަގުތު ބުނަން ބޭނުންވާ ވަރެވެ.

(އަދި ތިންވަނަ ބާބު ނުނިމޭ،)