ދަރުވޭސީންގެ އަޚްލާޤު
1
ދީންވެރި އަޅުވެރިއެއްގެ ކައިރީގައި، އެހެން މީހުން ނަފުރަތުކުރާ ޒާހިދު އެކަނިއުޅޭ މީހަކާ މެދު، އޭނާގެ ޚިޔާލަކީ ކޮބައިތޯ އެހުމުން ޖަވާބުގައި ބުންޏެވެ:
”އަހުރެންނަށް އޭނާގެ އައިބެއް ބޭރުފުށުން ނުފެނެއެވެ. އަދި އޭނާގެ އެތެރެފުށުގެ އައިބެއް އަހުރެންނަކަށް ނޭނގެއެވެ.“
ދީންވެރިކޮށް އުޅޭ މީހެއް ތިބާއަށް ފެނިއްޖެ ނަމަ،
އޭނާއަކީ ދީންވެރި ލަފާދާރު މީހެއްކަމަށް ބަލާށެވެ.
އޭނާގެ އެތެރޭގެ ޙާލަތު ތިބާއަށް ނޭނގޭ ނަމަ،
މުޙުތަސިބު، ގެއަށް ވަނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
{މުހުތަޞިބުންނަކީ ބާޒާރުތަކުގައި ވިޔަފާރީގެ ކަންތައްތައް ކުރަމުންދަނީ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް ވެރިފަރާތުން ލާފައި ތިބޭ ބައެކެވެ. މި މީހުން، މިނެކިރުމުގައި މީހުން މަކަރު ހަދާތޯ އާއި އަދި އެހެން ވިޔަފާރީގެ މުޢާމަލާތްތައް ރަނގަޅުތޯ ބަލައެވެ.}
2
ދަރުވޭސީއަކު، ކައުބާގެ ދޮރުކޮޅުގެ އޮޅީގައި ބޯ ޖައްސާ ރޮއިގެންފައި ގޮވާލިއެވެ.
”އޭ ފާފަތައް ފުއްސަވާ، ރަޙްމަތްވަންތަ ކަލާނގެ އެވެ.
ފާފަވެރި ޖާހިލަކު އިބަސުވާމީންގެ އަށް ހުށަހަޅާނޭ ވެދުން
އިބަސުވާމީންގެ ދެނެވޮޑިގެން ވެއެވެ.“
މިއަޅާގެ އަޅުކަމުގެ އުނިކަމުން މަޢާފަށް އެދި ދަންނަވަމެވެ.
އެއީ އުޖޫރައަކަށް އެދޭނޭ އަޅުކަމެއް، މިއަޅާގެ ފަރާތުން ވެފައި ނުވުމުންނެވެ.
ފާފަވެރިން، އެމީހުންގެ ކުށްތަކުން ތައުބާއަށް އެދެއެވެ.
ޢާރިފުން (ދަންނަބޭކަލުން) އެމީހުންގެ އަޅުކަމުގެ އުނިކަމުން މަޢާފަށް އެދެއެވެ.
އަޅުކަމުގައި އުޅޭ މީހުން އެދެނީ އެމީހުންގެ އަޅުވެރިކަމުގެ އުޖޫރައަށެވެ. ސާދާގަރުން އެމީހުންގެ މުދަލުގެ އަގަށެވެ. މިއަޅާއަކީ އިބަ ސުވާމީންގެއަށް އަޅުކަންކުރާ ފަރާތެއް ކަމުން، މިއައީ ޠާއަތުގެ ބަދަލުގައި އުއްމީދާއި ގެންނެވެ. މި އައީ ވިޔަފާރިއަކަށް ނޫނެވެ. އާދޭސް ދަންނަވާށެވެ. އިބަސުވާމީންގެ ކަންތައްތައް ކުރައްވަން ރުހިވޮޑިގަންނަވާ ގޮތަކަށް މިއަޅާއާ މެދު ކަންތައްތައް ކުރައްވާދޭވެ.
މިއަޅާ މަރުގެންނެވިއަސް، އަދި ފާފަތައް ޢަފޫ ކުރެއްވިއަސް،
މިއަޅާގެ މޫނާއި ބޯވަނީ އިބަސުވާމީންގެ ގެފުޅުގެ އޮޅިމަތީގަ އެވެ.
އަޅަކަށް އެހެން ފަރާތަކަށް އަމުރެއް ނުކުރެވޭނެއެވެ.
އިބަސުވާމީންގެ ކުރައްވާ އަމުރުފުޅުތަކަށް ތަބަޢަވުން ވަނީ އަޅުންނަށެވެ.
މީހަކު ކަޢުބާގެ ދޮރުކޮޅުގެ ކުރިމަތީގައި ހުރެ މިހެން ކިޔާ ރޮއެހެދިތަން އަހުރެން ދުށީމެވެ: ”މިއަޅާ އެދެނީ މިއަޅާގެ އަޅުކަން ޤަބޫލުފުޅު ކުރައްވާކަށް ނޫނެވެ. ފުއްސެވުމުގެ ގަލަންކޮޅު، މިއަޅާގެ ފާފަތަކުގެ ފޮޅުވަތްތަކުގެ މަތީގައި ހިންގަވާ ލެއްވުމަށެވެ.“
3
ޢަބްދުލްޤާދިރު ޖީލާނީ، ޙަރަމްފުޅުގެ ހިލަތަކުގެ މަތީގައި ބޯ ޖައްސަވާ މިހެން ވިދާޅުވާ އަޑު އަހުރެން އެހީމެވެ.
”ޔާ ﷲ! މިއަޅާގެ ފާފަތައް ފުއްސަވާ އަދި މިއަޅާއަށް ޙައްޤު ޖަޒާ ދެއްވާދޭވެ! އަދި ޤިޔާމަތް ދުވަހު، ކަނު މީހެއްގެ ގޮތުގައި ދިރުއްވާ ދޭވެ! އެއީ އިބަސުވާމީންގެ ހަޒުރަތުގައި މިއަޅާ ގަންނަންޖެހޭ ލަދުވެތިކަމުން އެއްކިބާ ވުމަށެވެ.“
މިއަޅާގެ މޫނުވަނީ ބޭޤަރާރުކަމުގެ ބިންމަތީގައެވެ.
ކޮންމެ ދުވަހަކު ހެނދުނު ހޭލެވުމުން އަހުރެން މިހެން ކިޔާ ދުޢާކުރަމެވެ.
”އިބަ ސުވާމީންގެ ހަދުމަކުރުމުން މިއަޅާ ޣާފިލުވެގެން ނުވެއެވެ.
އިބަސުވާމީންގެ އަޅާގެ މަތިން، އިބަސުވާމީންގެ ހަނދުމަފުޅުވޮޑިގެން އެއްވެސް ވަޤުތަކު ވޭ ހެއްޔެވެ؟“
روى بر خاك عجز مى گويم
هر سحرگه كه باد مى آيد
اى كه هرگز فراموشت نكنم
هيچت از بنده ياد مى آيد؟
4
ވަގަކު އަޅުވެރިއެއްގެ ގެއަށް ވަދެ ހޯދި ހޯދުމުން ވަގަން ގެންދާނެ އެއްޗެއް ނެތުމުން، ހިތާމަ ކުރަން ފެށިއެވެ. ނިދާފައި ކަމަށް ހަދައިގެން އޮތް އަޅުވެރިޔާއަށް މިކަން އެނގި، އޭނާ ގައިމަތިން އަޅާފައި އޮތް ރަޖާގަނޑު ވަގާ ދިމާއަށް އެއްލިއެވެ. އެއީ ނާއުއްމީދާ އެކީ އޭނާ ނުކުމެން ދިޔަ ނުދިނުމަށެވެ.
އަހުރެން އަޑުއެހީމެވެ. ﷲ ގެ މަގުގައި ހިނގާ މީހުން،
އެމީހުންގެ ޢަދާވާތްތެރިންގެ ހިތަށް ވެސް ދައްޗެއް ނުކުރަތެވެ.
އެ މަތިވެރިކަން ތައަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟
ރައްޓެހިންނާ އަރާރުންވެ އެމީހުންނާ ހަނގުރާމަ ކުރާ ތައަށް،
ޠާހިރު މީހުންގެ ރަޙްމަތްތެރިކަން، ތިބާގެ ޙާޟިރުގައި ނުވަތަ ޣައިރުޙާޟިރުގައި ވިޔަސް،
ތިބާ ނެތްތަނުގައި ކުށްތައް ބޭޒާރުކޮށް، މޫނުކުރިމަތީގައި މަރުވާން ތައްޔާރެއް ނުވާނެއެވެ.
ތިބާގެ ހާޒިރުގައި ކުޑަ ކަންބަޅިއެއްހާ މަޑުމޮޅިވާނެއެވެ.
ތިބާ ނެތްތަނުގައި މީހުންކައި ޒިއުބެއް ފަދަ ވާނެއެވެ.
އެހެން މީހުންގެ ވާހަކަތައް ތިބާއަށް ޢަދަދުކޮށްދޭ މީހުން
ތިބާގެ ކުށްތަކުގެ ވާހަކަ އެހެންމީހުންނަށް ގެންގޮސްދޭނެކަން ޝައްކެއް ނެތެވެ.
5
ޖަމާޢަތެއްގެ މީހުން، އެކެއްގެ ހިތްހަމަޖެހުންތަކާއި ފިކުރުތައް އަނެކާއަށް ޙިއްޞާކުރަމުން ދަތުރެއް ކުރަމުން ދެއެވެ. އެމީހުންނާ ގުޅެން ބޭނުން ވެގެން އެހުމުން، އެމީހުން އަހުރެން ބައިވެރިކުރަން އިންކާރު ކުރިއެވެ. ދެން އަހުރެން ބުނީމެވެ. ”ފަޤީރުންގެ ރަޙްމަތްތެރިކަމުން މޫނު އަނެއް ފަރާތަށް އެނބުރުމަކީ، މަތިވެރިމީހުންގެ އަޚްލާޤަށް ބީރައްޓެހި ކަމެކެވެ. އެމީހެއްގެ ފަރާތުން ލިބިދާނޭ މަންފާއަކުން މަހުރޫމް ވާނޭ ކަމެއް މެއެވެ. އަހުރެންނަކީ އަހުރެން ދެކޭގޮތުގައި ގައިގައި ބާރުހުރި، އެހެންމީހުންނަށް ބުރައަކަށް ވުމުގެ ބަދަލުގައި ޚިދުމަތް ދެވޭނޭ ހަކަތަ ހުރި މީހަކީމެވެ. އަހުރެންގެ ސަވާރީއެއް ނެތް ކަމުގައި ވިއަސް، ރަޖާތައް ގެންދިއުމުގައި އަހުރެން އެހީތެރިވެދޭނަމެވެ.“
އޭގެ ތެރެއިން އެކަކު ބުންޏެވެ: ”ތި އަޑުއެހި ވާހަކަތަކުން ހިތް ހިތާމަ ނުކުރުވާށެވެ. ދުވަސްކޮޅެއްގެ ކުރިން، ދަރުވޭސީންގެ ހެދުމުގައި ހުރި ވަގަކު، އަހުރެމެންގެ ޖަމާޢަތާ ގުޅުނެވެ.“
ލައިގެން ހުރި ހެދުމުން އޭގައިވަނީ ކާކުކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ ފޮތުގައިވާ އެއްޗެއް އެނގޭނީ ފޮތް ލިޔުނު ފަރާތަށެވެ.
ދަރުވޭސީންނާ މެދު ބިރެއް އޮންނަން ނުޖެހޭތީ، ޝައްކުކުުރުމެއް ނެތި އޭނާއާ ދޭތެރޭ ކަންތައްތައް ކޮށް، ރައްޓެއްސެއްގެ ގޮތުގައި ޖަމާޢަތުގައި ބައިވެރިކޮށްފީމެވެ.
އާރިފުންގެ ބޭރުފުށުގެ ސޫރައަކީ ފޮތިމަތީ ފޮތިއެޅި ލިބާހެކެވެ.
މީހުންގެ މޫނަށް ދެއްކުމަށް އެ ފުދެއެވެ.
ތިބާގެ ޢަމަލުތަކުން ހެޔޮވެގަނެ، ބޭނުން ލިބާހެއް ލާށެވެ.
ތިބާގެ ބޯމަތީ ތާޖެއް އަޅައި، ފުރަގަހުގައި ދިދަ ބަހައްޓާށެވެ.
މާތްކަމަކީ ދުނިޔެ އެޅުމާއި އެދުންތަކާއި ޝަހުވަތް ދޫކޮށްލުމެވެ.
ހަމައެކަނި ލަމުން ދިޔަ ލިބާސް ދޫކޮށްލުމެއް ނޫނެވެ.
ފިރހެންކަން ދައްކަން ބޭނުންވެގެންވަނީ ހަނގުރާމައިގަ އެވެ.
ހަނގުރާމައިގެ ހަތިޔާރުން ހުންސާއަކަށް ކުރާނީ ކޮން މަންފާއެއް ހެއްޔެވެ؟
އެއް ދުވަހު ދަތުރުކޮށް، ރޭގަނޑުވުމުން، ކޯއްޓޭ އެއްގެ ކައިރީގައި އަހުރެމެން ނިދުމުން، ޝުކުރުވެރިކަމެއް ނެތް މި ވަގު ކަލޭގެ، ދަތުރުވެރިއެއްގެ ފެންފުޅި ހިފައިގެން، ވުޟޫޢުކުރުމުގެ ނަމުގައި، ވައްކަންކުރަން ގޮސްފިއެވެ.
ދަރުވޭސީންގެ ހެދުން އަޅައިގެން އުޅޭ ފޭކު ސީދީއެއް
ކައުބާގެ އުރަކޮޅުން ހިމާރުމަތީ އަޅާ ފޮތިގަނޑެއް ހަދައިފިއެވެ.
ދަރުވޭސީންނަށް ނުފެންނަ ހިސާބަށް ދިއުމުން، ކޯއްޓޭއަށް ވަދެ، ފޮއްޓެއް ވަގަން ނަގައި، ކަޅު ހިތެއްވާ މި ވަގުކަލޭގެ ފަތިސްވުމުގެ ކުރިން ދުރަށް ގޮސް ފިލައިފިއެވެ. ފަތިސްވުމުން، ނިދީގައިވާ ކުށެއްނެތް އެކުވެރިން، ކޯއްޓޭގެ ވެރިން އައިސް ހަރުގެއަށް ލައިފިއެވެ. އެދުވަހުން ފެށިގެން މަގުމަތިން ފެންނަ މީހުންގެ އެކުވެރިކަމުން އެއްކިބާވެ، މި ބުނާ ހަރުބަހުގެ ބުނާފަދައިން، އެކަހެރިކަމުގެ މަގުގައި ހިގަން ފަށައިފީމެވެ.
”ރައްކާތެރިކަން އެކަނިވެރިކަމުގައި ވެއެވެ.“
ގަބީލާގެ މޮޅުދެރަ އެންމެންގެ ޙުރުމަތް ނެތި ދެއެވެ.
އެއް ގޮންގަނޑުގެރި ދަނޑަށް ހަދާގޮތުން
ވިލީގެ ހުރިހާ ގެރިއެއް މުޑުދާރު ވާތީ ކަލާ ނުދެކެން ހެއްޔެވެ؟
އަހުރެން ޖަވާބުގައި ބުނީމެވެ: ”މަތިވެރިކަމާއި މާތްކަމުގެ ކަލާނގެއަށް ޝުކުރު ހުއްޓެވެ. ދަރުވޭސީންނަށް ދެމުން ގެންދާ މާތްކޮށް ހިތުމުން އަހުރެން އެއްކިބާ ކުރެވިފައެއް ނުވެއެވެ. އެކަމަކު އެމީހުންގެ ޖަމާޢަތުން އަހުރެން ވަކިވެއްޖައީމެވެ. އަހުރެން ތި ކިޔައިދިން ވާހަކައިން މަންފާލިބިގަނެފީމެވެ. އަދި ތިދިން ނަސޭހަތުން އަހުރެންފަދަ މީހުންނަށް މުޅި ޢުމުރަށް ފައިދާކުރާނެއެވެ.“
މަޖިލިހުގައި ހިމެނޭ ގޮތެއްނެތް އެއް ކެނާއެއްގެ ސަބަބުން
ބުއްދިވެރިންގެ ހިތަށް ބޮޑަށް ތަދު ލިބެއެވެ.
ވެވެއް ފިނިފެންމަލުގެ ފެނުން ފުރާފައި ހުއްޓައި
އެންމެ ކުއްތާއެއް އެއަށް ވެއްޓުމުން މުޅި ވެވުގެ ފެން ތަޣައްޔަތު ވެއެވެ.
6
އެކަހެރިކޮށް އުޅޭ ޒާހިދު މީހަކު، ރަސްކަލެއްގެ މެހެމާނަކަށްވެ، ގަނޑުވަރުގެ ސުފުރާމަތިން ކޭއިރު، އޭނާ ކެއީ އެހެންޏާ ކާވަރަށް ވުރެ މާ މަދުންނެވެ. އަދި ކައި އަވަދިވުމުން، އޭނާގެ ތަޤުވާވެރިކަމާ މެދު ރަސްގެފާނު ދެކޭގޮތް ރަނގަޅު ކުރުމަށް، އެހެންޏާ ހޭދަކުރާ ވަގުތަށްވުރެ ގިނަ ވަގުތު ނަމާދުގައި ހޭދަ ކޮށްފިއެވެ.
”އޭ ސަހަރާގެ ޢަރަތްބާއެވެ!
އަހަރެންނަށް ހީވަނީ ތިބާއަށް ގެފުޅަށް ނުދެވޭނެ ހެންނެވެ.
އެއީ، ތިބާ ތި ދަތުރު ކުރަމުންދާ މަގު އޮންނަނީ ތުރުކިސްތާނަށެވެ. [ނުވަތަ ކާފަރުންގެ ސަރަޙައްދަށެވެ.]“
ޒާހިދުމީހާ ގެއަށް ދެވުމުން، އޭނާއަށް އަލުން ކާން ހެދުމަށް އެދެފިއެވެ. މީނާގެ ބުއްދިވެރި ފިރިހެން ދަރިއަކު ހުރެއެވެ. އެ ސޮރު ބުންޏެވެ: ”ބައްޕަ ރަސްގެފާނުގެ ޖާފަތުން އެއްވެސް އެއްޗެއް ނުކަން ހެއްޔެވެ؟“ ޒާހިދުވެގެން އުޅޭ މީހާ ބުންޏެވެ. ”ރަސްގެފާނުގެ ކުރިފުޅުމަތީގައި އަހަރެން ބަނޑުފައިވުން ފިލަންދެން ނުކެއީ ވަކި ބޭނުމެއްގައެވެ“. ދަރިފުޅު ބުންޏެވެ. ”ތިޔަހެންވިއްޔާ އަލުން ނަމާދު ކުރާށެވެ. އެއީ ގަނޑުވަރުގައި ކުރި ނަމާދު ކުރީ އެހެން ބޭނުމެއްގައި ކަމަށްވާތީއެވެ.“
”ތިބާގެ ރަނގަޅު ސިފަތައް އަތުގެ ހުދުހަމުން ދައްކާ މީހާއެވެ.
ކިހިލިފަތީގައި ނުރަގަނޅު ސިފަތައް ފޮރުވާ މީހާއެވެ.
އޭ މުނާފިގު މޮޔަޔާއެވެ.
ބޭނުންޖެހޭ މަޙްޝަރުގެ ބިންމަތީގައި، ތިބާއަށް ގަނެވޭނީ
ވަގުނޫޓުން ކޮންއެއްޗެއް ހެއްޔެވެ؟“
7
ޒުވާން ދުވަސްވަރު، އަހުރެންނަކީ ވަރަށް ދީންވެރިކޮށް، އަޅުކަމުގައި އުޅުނު މީހަކީމެވެ. ފާފައިން ދުރުވުމަށާއި ނަމާދު ބަރާބަރަށް ކުރުމަށް ސަމާލުވަމެވެ. އެއް ރެއަކު ބައްޕައާ އެކު އަހުރެން ދަންވަރު ހޭލާ އިނީމެވެ. މާތް ﷲ ބައްޕައަށް ރަޙްމަތް ލައްވާށިއެވެ. ކުޑައިރުކޮޅަކަށްވެސް ލޮލު ފިޔަ ނުޖަހަމެވެ. ކީރިތި ޤުރްއާން އުނގުން ދުލެއް ނުކުރަމެވެ. އަހުރެމެންގެ ވަށައިގެންވާ އެންމެން ތިބީ ގަދަ ނިދީގައެވެ. ބައްޕައަށް އަހުރެން ބުނީމެވެ. ”ނަމާދެއް ކުރުމަށް، މީގެ ތެރެއިން އެކެއްގެވެސްބޯ ތަޅުމުން ހިއްލާ ނުލައެވެ. އެމީހުން މަރުވެފައިވާ މީހުންފަދައިން ނިދީގައި ޣާފިލު ވެފައި ވެއެވެ. “ ބައްޕަ ބުންޏެވެ: ”ދެލޯފަދަ ދަރިފުޅާ އެވެ. އިންސާނުން ކުށްވެރިކޮށް ދަށްކުރުމަށް ވުރެ، ދަރިފުޅު ނިދީގައިވާ ނަމައެވެ.“
8
މޮޅު މީހެއްގެ މާތްކަމުގެ ވާހަކަ ޖަލްސާއެއްގައި ބަޔަކު ދެއްކުމުން، އޭނާ ތެދުވެ ބުންޏެވެ: ”އަހުރެންނަކީ އަހަރެންގެ ނަފުސު އަހަރެންނަށް އެނގޭފަދައިން ވާ މީހަކީމެވެ.“
އަހުރެންގެ ރަނގަޅު ކަމުގެ ވާހަކަ ދައްކާ މީހާ އެވެ.
އަހުރެންގެ ހިތަށް ތަދު ކުރުމުން އެއްކިބާ ވާށެވެ.
ތިބުނާ ކަންތައްތައް ތަކަކީ ހާމަވެގެންވާ ކަންތައްތަކެވެ.
ތިޔަބައިމީހުންނަށް ނޭނގޭ އަހުރެންގެ ފޮރުވިފައިވާ ސިފަތައް ވެއެވެ.
ދުނިޔެއަށް އަހުރެންނަކީ ރަނގަޅު މީހަކަށް ވެދާނެއެވެ.
ތިބާމެން ނުދަންނަ އަހުރެންގެ ޢަމަލުތަކަށްޓަކައި އަހުރެންގެ ބޯ ލަދުވެތިކަމާއެކު ތިރިކުރަމެވެ.
ސާމަރާދޫނީގެ ފަތްތަކުގެ ރީތިކަމަށް، މީހުން އެއަށް ސަނާ ކިޔައެވެ.
އޭގެ ފައިގެ ހަޑިކަމުން އޭތި ލަދުން އުޅެއެވެ.
9
ލެބަނަންގެ ފަރުބަދަތަކުގައި އުޅޭ އަޅުވެރިންގެ ތެރެއިން އެކަކު ދިމިޝްޤްގެ ބޮޑު މިސްކިތަށް އައިސްފި އެވެ. މިމީހާގެ މާތްކަން މުޅި ޢަރަބި ސަރަޙައްދަށް މަޝްހޫރުވެފައި ވެއެވެ. މިސްކިތު ވެވުން ވުޟޫ ކުރަނިކޮށް އެ އިސްކޮޅު ކާވަރުގެ ފުންމިނުގެ ވެވަށް މީނާ ވެއްޓި ވެޔޮތެރެއިން އެރުނީ ވަރަށް އުނދަގުލުންނެވެ. ޖަމާޢަތުގެ ނަމާދު ނިމުމުން އެކުވެރިންގެ ތެރެއިން މީހަކު އޭނާއަށް ބުންޏެވެ. ”އަހަރެންނަށް އޮޅުމެއް އަރައްޖެއެވެ“.
އަޅުވެރިޔާ ބުންޏެވެ: ”އެއީ ކޮން ކަމެއް ހެއްޔެވެ؟“
ސުވާލު ކުރިމީހާ ކުރިއަށް ގެންދިޔައެވެ: ”އަހުރެން ހަނދާން ހުންނަ ގޮތުން ޝޭޚު އެފްރިކާގެ ކަނޑުގެ މަތީގައި ފައި ނުތެމި ހިގިއެވެ. އެކަމަކު މިއަދު މީހެއްގެ އިސްކޮޅަށް ވުރެ ފުންނޫން މި ވެވަށް ވެއްޓި މަރުނުވީ ކިރިޔާއެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟“
މިސުވާލު އިވުމުން ޝޭޚު، ފިކުރުގެ މޭމަތީގައި ބޯއަޅައިގެން އެތައް އިރެއް ވަންދެން އިނދެފައި ބުންޏެވެ:
مرد صالح پس از فكر و تامل بسيار به او گفت : آيا نشنيده اى كه خواجه عالم ، سرور جهان رسول خدا صلى الله عليه و آله فرمود:
لى مع الله وقت لا يسعنى فيه ملك مقرب ولا نبى مرسل :
مرا با خدا وقتى هست كه در آن وقت آن چنان يگانگى وجود دارد كه فرشته ويژه و پيامبر مرسل در آن نگنجند.
ولى نگفت على الدوام هميشه بلكه فرمود: وقتى از اوقات . آن حضرت در يك وقت چنين فرمود كه جبرئيل و ميكائيل به حالت او راه ندارند ولى در وقت ديگر با همسران خود حفصه و زينب ، دمساز شده ، خوش مى گفت : و مى شنيد.
مشاهدة الابرار بين التجلى و الاستتار:
مشاهده و ديدار نيكان ، بين آشكارى و پوشيدگى است .
مشاهده الابرار بين التجلی و الاستار. می نمايد و می ربايند.
ديدار می نمايی و پرهيز می کنی
بازار خويش و آتش ما تيز مى كنى
اشاهد من اهوی بغير وسيله
فيلحقنی شان اضل طريقا
[މަތީގައިވާ އަޞްލު ޅެމުގެ ހައެއްކަ ބައިތު އެކަށީގެންވާ ގޮތަށް ދިވެހިބަހުން ތަރުޖަމާ ނުކުރެވިގެން ދޫކޮށްލަމެވެ.]
10
އޭނާގެ ފިރިހެން ދަރިފުޅު މަރުވި ބައްޕައެއްގެ ކައިރީގައި ސުވާލު ކުރެވުނެވެ.
އޭނާ ޖަވާބު ދިނެވެ.
Leave A Comment