ޢަބްދުއްސައްތާރު އަވަހާރަވުން…
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުރަތަމަ ކައުންސިލްގެ ރައީސް
ރޭގެ ވަގުތެއްގައި، އާދެ! 27 ނޮވެމްބަރ 2015 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި، ރާއްޖޭގެ ކުދިބޮޑު ވަރަށް ގިނަ ބައެއްގެ އިޙްތިރާމް އާއި ލޯބި ލިބިފައިވާ، ގ. ހެލެގެލީ ޢަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ބޭންކޮކް ގައެވެ. ޢުމުރުފުޅުން 78 އަހަރުގައެވެ. އަވަހާރަވެވަޑައިގަތީ މުސްކުޅިފުޅުކަމުގެ އާލާސްކަންފުޅުގައެވެ.
ޢަބްދުއްސައްތާރު މޫސާދީދީ އަކީ ސަރުކާރުގެ މުހިއްމު މަޤާމްތަކެއް ފުރުއްވި ބޭފުޅެކެވެ. އެގޮތުން، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރުކަމާއި، ފިނޭންސް އާއި ހެލްތު އާއި ފިޝަރީޒް އާއި އެޑިޔުކޭޝަން ދާއިރާގެ ވަޒީރުކަމުގެ މަޤާމް އޭނާ ފުރުއްވާފައި ވެއެވެ. މީގެ އިތުރަށް އޭނާއަކީ އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ވައިސް ޕްރެޒިޑެންޓް ކަމަށް ހަތަރު ބޭފުޅަކު ހަމަ ޖެއްސެވިއިރު، އެ މަޤާމަށް ހަމަޖެއްސެވި ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. ނަމަވެސް ގިނަ ބަޔަކަށް އޭނާ އެނގި ވަޑައިގަންނަވާނީ، 1965 ވަނަ އަހަރު ގެ ޖުލައި 26 ވަނަ ދުވަހު ކޮޅުބުގައި، އިނގިރޭސި ވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމުގެ ރަސްމިއްޔާތުގެ ބައިވެރިއެއްގެ ގޮތުގައެވެ. މި އެއްބަސްވުމަކީ، ދިވެހީންގެ ބައެއްގެ ޚިޔާނާތުގެ ސަބަބުން، އިނގިރޭސީން “ރައްކާތެރިކުރާ” ޤައުމަކަށް ވުމަށްފަހު، ޚާރިޖީ ކަންތައްތަކުގައި ވެސް މިނިވަންކަން ހޯދުނު އެއްބަސްވުންކަމުގައި މިޒަމާނުގެ ތާރީޚް ފާހަގަކުރެއެވެ. މި އެއްބަސްވުމާ ބެހޭ ކަންކަން ހިނގިއިރު، ދިވެހި ސަފީރެއްގެ ގޮތުގައި ހުންނެވީ ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. މި އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ ވަޒީރުލްއަޢުޡަމް އަލްފާޟިލް އިބްރާހީމް ނާޞިރު ސޮއިކުރެއްވި ގަލަންކޮޅު، ޢަބްދުއްސައްތާރުއަށް ދެއްވާފައި ވެއެވެ. 2015 ވަނަ އަހަރު، ދިވެހިރާއްޖޭގެ މިނިވަންކަމުގެ 50 އަހަރުގެ މުނާސަބާ އާ ދިމާކޮށް، މި ގަލަންކޮޅުގެ ނަމޫނާއަށް ގަލަންތައް އުފައްދައިގެން ވިއްކާ ހެދިއެވެ.
އަޅުގަނޑަށް ޢަބްދުއްސައްތާރާ ބައްދަލުވުމުގެ ފުރުޞަތު އެންމެ ފުރަތަމަ ލިބުނީ އޭނާގެ ފިރިހެން ދަރިކަލެއް މަޖީދިއްޔާގައި ކިޔަވަން އުޅުއްވި ދުވަސްވަރުއެވެ. އެއީ 1990ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މަދަރުސާގެ އެކިއެކި ކަންތައްތަކާ ގުޅިގެން ޢަބްދުއްސައްތާރު މަޖީދިއްޔާ ސްކޫލަށް ވަޑައިގަންނަވައެވެ. އޭނާއަކީ މަދަރުސާގެ ކަންތައްތައް ރަނގަޅުކުރުމަށް އެހީތެރިވެދެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވެއެވެ. އޭނާ އަދާ ކުރައްވާފައިވާ މަތިވެރި މަޤާމުތަކާއެކު، އޭނާގެ ހިތްޕުޅު ތިރިކަމާއި މީހުންނާ ދޭތެރޭ ބަހައްޓަވާ އިޚްލާޞްތެރިކަމުން، ސްކޫލްގެ ހުރިހާ މުވައްޒަފުން އޭނާއާ ދޭތެރޭ މާތްކޮށް ހިތައެވެ. އޭރު އޭނާ ހުންނެވީ، ހެލްތު މިނިސްޓަރުގެ ވަޤާމުން އިސްތިޢުފާ ދެއްވައިގެންނެވެ. ޢުމުރުފުޅުން ވާނީ 55 އަހަރުފުޅެވެ. ހެލްތު މިނިސްޓަރު ދައުރުގައި ހިނގާދިޔަ ކަންތައްތަކުން، އަޅުގަނޑު އެންމެ ހަނދާން ހުންނަ ކަމަކީ ކުޑަކުދިންގެ ޤާނޫނާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެމަނިކުފާނު ކަމެވެ. މި ޖަލްސާ ހަނދާން ހުންނަ ސަބަބަކީ އެ ޖަލްސާ މުޅިން ނިމުނީ ދަންވަރު ކަމުންނެވެ. އާދެ! ހަނދާންވާގޮތުން ރޭގަނޑު ތިންދަން ދިޔަ ފަހުންނެވެ. ކުޑަކުދިންގެ ޤާނޫނަކީ އެއާ ދޭތެރޭ ގިނަ ބައެއްގެ ޚިޔާލުތައް މިހާރުވެސް ތަފާތުވާ ޤާނޫނެކެވެ.
މިއަށްފަހު، ޢަބްދުއްސައްތާރު އާ އަޅުގަނޑާ ބައްދަލުވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން (ފަހުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ) ގެ ކައުންސިލްގެ ރައީސްގެ މަޤާމަށް އެ މަނިކުފާނު ހަމަޖެއްސެވުމާ ގުޅިގެންނެވެ. ފިޝަރީޒް މިނިސްޓަރުކަން ފިޔަވައި، އޭނާ އެންމެ ގިނަދުވަހު އަދާ ކުރެއްވި މަޤާމަކީ މިއީއެވެ. މިއީ ނުރަސްމީ، ކޮންމެ ދުވަހަކު އޮފީހަށް ވަޑައިގަންނަވަން ނުޖެހޭ އޮނޮރަރީ މަޤާމެކެވެ. އޭރު އޭނާ ހުންނެވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ލަޤަބު ދެއްވާފައެވެ. މި މަޤާމުގައި އޭނާ ހުންނަވާތާ 6 އަހަރުވާން ގާތްވެފައިވަނިކޮށް އިސްތިޢުފާ ދެއްވިއެވެ. މި ދިގު މުއްދަތު އޭނާ އާ އެންމެ ގާތުގައި މަސައްކަތް ކޮށްފައިވާނީ ނިކަމެތި އަޅުގަނޑެވެ.
ފަހެ، 1998 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު، ސަރުކާރުގެ އެކި ވުޒާރާތަކުން ހިންގާ ތަފާތު ތަމްރީނުދޭ މަރުކަޒުތައް އެއް ކުނޑައެއްގެ ދަށަށް ގެނެވުނެވެ. މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އުފެދުނީ މިގޮތުންނެވެ. ބައެއް ވުޒާރާތަކުން ހިންގާ ތަންތަން ވަކި މުއައްސަސާއެއްގެ ދަށަށް ދޫކޮށްލުމަށް އެތަންތަނުގެ ވަޒީރުން ހިތްހަމަޖެހިވަޑައިނުގަންވާތީ، ސަރުކާރުން މި އުފެއްދެވި ކޮލެޖް ހިންގާ ގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބެލެހެއްޓެވި ކޮމިޓީއަކުން، ރާއްޖޭގައި މި އުފެއްދި ކޮލެޖް ހިންގުމަށް އަސާސީ ޤަވާޢިދެއް އެކުލަވާލެއްވިއެވެ. މި ޤަވާޢިދު އެކުލަވާލާ ނިންމައި، އެކަން ކޮލެޖަށް އެންގީ 12 ޖުލައި 2001 ގައެވެ. ފާސްކުރެވުނު ޤަވާޢިދުގެ މަތިން، ކޮލެޖްގެ ހުރިހާ ކަމަކަށް ޒިންމާވާގޮތަށް އޮންނަ ކޮލެޖް ކައުންސިލް އެކުލަވާލައްވައި އެ ކައުންސިލްގެ ރައީސްއަކަށް ހަމަޖެއްސެވީ ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. މި މަޤާމުގައި ޢަބްދުއްސައްތާރު އެންމެ ފަހުން ރިޔާސަތު ބެލެހެއްޓެވި ޖަލްސާއަކީ ކޮލެޖް ކައުންސިލްގެ 187 ވަނަ ޖަލްސާއެވެ. އެ ޖަލްސާގެ ޔައުމިއްޔާއެއް މިއޮތީއެވެ. އެދުވަސްވަރު ވެސް ދޭތެރެ ދޭތެރެއިން ބޭންކޮކް އަށް ބޭސްފަރުވާ އަށް އެ މަނިކުފާނު ވަޑައިގަންނަވައެވެ. މިފަދަ ޒަރޫރީ ކަންތައްތަކާ ގުޅިގެން 187 ޖަލްސާއަށް ވަޑައި ނުގެންނެވުނަސް، މަދުވެގެން 160 އަށް ވުރެ ގިނަ ޖަލްސާގެ ރިޔާސަތު، އެމަނިކުފާނު ބަލަހައްޓަވައިފައި ވާނެއެވެ. މި ޖަލްސާތަކުގައި، ނާއިބު ރައީސެއްގެ ހައިސިއްޔަތުން، އަޅުގަނޑު އިންނަނީ އެ މަނިކުފާނާ ޖެހިގެންނެވެ. ކޮލެޖާ ކުރައްވަން ޖެހޭ މުޢާމަލާތްތައް ކުރައްވާނީ އަޅުގަނޑާއެވެ. އެހެންކަމުން، އެމަނިކުފާނުގެ އުޅުއްވުން އަޅުގަނޑަށް ކޮންމެވެސް ވަރަކަށް އެނގޭނެއެވެ.
ޢަބްދުއްސައްތާރު މޫސާ ދީދީ އަޅުގަނޑު ސިފަ ކުރަން ބޭނުން ކުރާނީ އެކަމަށް ދިވެހިބަހެއް ނޭނގޭތީ އިނގިރޭސި ބަހެކެވެ. އާދެ! އޭނާއަކީ “ޖެންޓްލްމަން” އެކެވެ. ޖެންޓްލްމަން އަކީ، އެމީހުންގެ ކިބައިގައި މަދުވެގެން 8 ސިފައެއް ހުންނަ ބައެކެވެ. އެންމެ ފުރަތަމަ ސިފައަކީ ތާހިރުފާހިރުކަމެވެ. އާދެ! އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ވަރަށް ސާފުކޮށް ފެންވަރުއްވައިގެންނެވެ. ގިނަ ދިވެހީންނަށް ވުރެ އިސްކޮޅުން ދިގުކަމާއެކުވެސް، ހަށިކޮޅު ހުންނަވާނީ އަބަދުވެސް ތެދަށް ބަހައްޓަވާފައެވެ. ހެދުންކޮޅުން ދުވާނީ މީރު ވަހެވެ.
“ޖެންޓްލްމަން” އެއްގެ ދެވަނަ ސިފައެއްކަމަށް އަޅުގަނޑު ފާހަގަ ކުރާނީ ވަގުތަށް ތަންތަނަށް ހާޒިރުވުމެވެ. ފަހެ އެއްވެސް ޖަލްސާއަކަށް، ނާދިރު ހާލަތެއްގައި ނޫނީ ގަޑިޖެހިގެން އެމަނިކުފާނު ހާޒިރުވެފައެއް ނުވެއެވެ. ކިތަންމެ ފަހަރަކު، އެންމެ ފުރަތަމަ ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅަކަށް އެމަނިކުފާނު ވާނެއެވެ. “ޖެންޓްލްމަން”ގެ ތިންވަނަ ސިފައަކީ އަބަދަވެސް، ހުރިހާ ޙާލަތެއްގައިވެސް، އަޚްލާޤު ރިވެތިވުމެވެ. ފަހެ، ކަންކަމަށް އެދިވަޑައިގަންނަވާނީ ރަނގަޅު ސުލޫކާ އެކުއެވެ. ކަމެއް ބަޔަކުކޮށްދެއްވައިފި ނަމަ، ޝުކުރުވެރިވެވަޑައިގަންނަވާނެ އެވެ. ރައްޓެހިން ނިޔާވުމުން، މޫނުދެކެވަޑައިގަތުމަށް ވަޑައިގަންނަވާނެއެވެ. ދަޢުވަތެއް ލިބިވަޑައިގެންފިނަމަ، ވަޑައިނުގެންނެވޭނެނަމަ، އެކަން އަންގަވާނެއެވެ.
ޖެންޓްލްމަން ގެ ހަތަރުވަނަ ސިފައަކީ ހެދުން އެޅުމުގައި އަމިއްލަ ގޮތްތަކެއް، ނުވަތަ ސްޓައިލެއް ގެންގުޅުމެވެ. އެ މަނިކުފާނު ޖަލްސާތަކަށް ވަޑައިގަންނަވާނީ ވަރަށް ރީތިކޮށް އިސްތިރިކޮށްފައިވާ ހެދުންކޮޅު ތުރުކުރައްވައިގެން ޓައީ އަޅުއްވައިގެންނެވެ. ބޭރަށް ވަޑައިގަންނަވާނަމަ، އަވި އައިނެއް އަޅުއްވާނެއެވެ. އެއީ “ވޭފެއަރަރ” ކިޔާ ސްޓައިލްގެ އަވިއައިނެކެވެ. މި ސްޓައިލް 1950 ގެ ތެރޭގައި ތައާރަފުވުމަށް ފަހު، ދެން “އެވިއޭޓަރ” އާއި “ރެޕް” ފަދަ އެހެން ސްޓައިލްތައް އައިސް، އަނެއްކާ ވޭފެއަރަރ ސްޓައިލް މަޝްހޫރުވިއިރު ވެސް އަޅުއްވަނީ ހަމަ ވޭފެއަރަރ އަވިއައިނެވެ. ފަޓުލޫނު ކޮޅު ވެސް އެފަދައެވެ. 1970 ގެ އަހަރުތަކުގައި، ބެލް ބޮޓަމްސް ފަޓުލޫނު ފެޝަނަށް ވީއިރުވެސް ތުރުކުރައްވަނީ ކުރީގެ ސްޓައިލެވެ. ބެލްބޮޓަމްސް އުވި ގޮސް، އަނެއްކާ ފައިކުރި ހިމަ ސްޓައިލް އައިއިރުވެސް ހަމަ ކުރީގެ ސްޓައިލެވެ. ވިއްސާރައިގެ އަސަރު އުޅޭނަމަ، ކުޑައެއް ގެންގުޅުއްވާނެއެވެ.
ޖެންޓްލްމަންގެ ފަސް ވަނަ ސިފައަކީ މީހުންނާ ދިމާއަށް ނުވަތަ ކަމަކާ ހިތްހަމަ ނުޖެހިގެން އަމިއްލައަށް ނަމަވެސް އަގުރާނަ ނުގޮވުމެވެ. ފަހެ، އެމަނިކުފާނު އެފަދަ އެއްވެސް ބަހެއް ވިދާޅުވިއަޑެއް އަޅުގަނޑު ނާހަމެވެ. ހަވަނަ ސިފައެއް ކަމަށް އަޅުގަނޑު ފާހަގަ ކުރާނީ ހުރިހާ ޙާލަތެއްގައިވެސް ރުޅިނައިސް ކޮންޓްރޯލް ހިފެހެއްޓުމެވެ. އެހެން މީހުން ރުޅިއަރާ ބާވަތެއްގެ އެއްޗެއް ބުނި ކަމުގައި ވިއަސް، އެ މަނިކުފާނު ޖަވާބު ދެއްވާނީ މަޑުމައިތިރިކަމާ އެކުއެވެ. ކަންތައްތައް މާ މައްޗަށް ދާނަމަ، މިފަދަ ބޭފުޅުންގެ ގޮތަކީ މަންޒަރުން ބޭރުވުމެވެ. ނުވަތަ ބައްދަލުވުން މެދުކަޑާލުމެވެ.
ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ މީހުންނަށް އޯގާތެރި ބޭފުޅެކެވެ. މިއީ ޖެންޓްލްމަން ކިޔާ ބާވަތުގެ މީހުންގެ ހަތްވަނަ ސިފައެވެ. މީހުންނާ ބައްދަލުވުމުން، ހިނިތުންވެވަޑައިގަތުމާއެކު އޭނާގެ ނަމުން މުޚާޠަބު ކުރައްވާނެއެވެ. މީހުންނަށް އެހީތެރިވުމުގައި އެކިކަންކަން، ކޮންދެވެން އޮތް މިންވަރަކުން، ފާޅާއި ސިއްރުގައި ކުރައްވާނެއެވެ. ފަހެ، މީހުންގެ ޤަދަރު ހޯދަން އެދޭ މީހާ މިކަން ދަންނާށެވެ. ޙުޞައިން ޞަލާޙުއްދީނު ގެ ޅެމެއްގައިވާ ފަދައިންނެވެ: “އަދަބުވެރިކަން ނެތުނު މީހާ ދެދުނިޔޭން ގެއްލި ނިމިދާނޭ، މަދަރުވެރިކަން (ދަރުމަވެރިކަން=އަމިއްލަ އެދުމެއްނެތި ހެޔޮކޮށް ހިތާކަން) ނެތީވިއްޔާ ޤަދަރު ނެތިގެން ހިނގައިދާނޭ”. އޯގާތެރިކަމާ ގުޅިފައިވާ އަނެއް ސިފައަކީ އެހެންމީހުންގެ އިޙްސާސްތައް ވަޒަންކުރުމެވެ. އެހެން މީހުންގެ ޚިޔާލުތަކާއި ފިކުރުތަކަށް ބެލުމެވެ. މިސާލެއްގެ ގޮތުން ކުޑަ ކަމެއް ދަންނަވާލާނަމެވެ. ކޮލެޖްގެ ފަރާތުން ކޮންމެ ރޯދަ މަހަކު ހުރިހާ މުވައްޒަފުންނަށް ތަރާވީހެއް ބާއްވައެވެ. މި ތަރާވީސް ދެނީ ރެކްޓަރާއި އަދި އެހެން ބައެއް ވެރިން ޚަރަދުކޮށްގެންނެވެ. މި ތަރާވީހަށް ޢަބްދުއްސައްތާރު ވަޑައިގަންނަވާ ކޮންމެ ފަހަރަކު، އިންތިޒާމް ސެކްރެޓަރީއަށް 100 ރުފިޔާ ދެއްވައެވެ. އެއީ އެ މަނިކުފާނަކީ ޔުނިވަރސިޓީގެ މުސާރަވެރިއަކަށް ނުވާއިރުއެވެ. އަދި އަޅުގަނޑުމެން ދެއްވާނެކަމެއް ނެތޭ ބުނާއިރުއެވެ.
ޢަބްދުއްސައްތާރު މޫސާ ދީދީގެ ރަނގަޅު ސިފަފުޅުތަކުގެ ތެރެއިން، ޖެންޓްލްމަންގެ އަށްވަނަ ސިފައަކީ އެހެންމީހުންނަށް އިޙްތިރާމް ކުރުމެވެ. އެމަނިކުފާނަކީ މީހުންނާ ދޭތެރޭ ރަނގަޅަށް ހީކުރައްވާ، މުވައްޒަފުންނަށް ވެސް އިޙްތިރާމްކުރައްވާ ބޭފުޅެކެވެ. ސެކްރެޓަރީންނާއި ވެރިންނާ ދޭތެރޭ ވެސް މާތްކޮށް ހިތްތަވާނެއެވެ.
އާދެ! މަތީގައި މި ދަންނަވާލީ އެމަނިކުފާނުގެ އުޅުއްވުމާއި ގުޅުއްވުންތަކުން އަޅުގަނޑަށް ސިފަވި ބައެއް ކަންކަމެވެ. އެމަނިކުފާނު ފަދަ ހަރުދަނާ ޢަޚްލާޤެއްގެ މީހުންނަކީ ހުވަދޫ ކަނޑުން މާވަހަރު ފެންނަ ނާދިރުކަމާއެކު ރާއްޖޭގެ ރަށްތަކުން މިހާރު ފެންނަ ބައެކެވެ. އެމަނިކުފާނުގެ ރަނގަޅު ސިފަތަކުން ރަނގަޅު އަޚްލާޤެއް ލިބިގަންނަ ކޮންމެ ކުއްޖަކަށް އެމަނިކުފާނަށް ލިބިވަޑައިގެންނެވި އިޙްތިރާމާއި ލޯބި، އެކުއްޖެއްގެ މާހައުލުން ލިބޭނޭ ކަން ޔަޤީނެވެ.
ކޮލެޖް ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވި އިރު، އެ މަނިކުފާނަކީ، ޑްރާފްޓް ޔައުމިއްޔާ ކުރިން ރަނގަޅަށް ކިޔުއްވައި، ކުށްފިލުއްވާ މެންބަރުންނަށް ފޮނުއްވި ބޭފުޅެކެވެ. ރިޔާސަތު ބަލަހައްޓަވާއިރު، ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވައި، އިއްތިފާޤުން ކަންތައްތައް ނިންމެވޭތޯ ބައްލަވައެވެ. ކޮލެކް ކައުންސިލަކީ، ރާއްޖޭގެ ފަހު ޒަމާނުގައި ޑިމޮކްރެސީ ތަޢާރުފުވުމުގެ ކުރިން، ޑިމޮކްރެސީގެ އުޞޫލުތަކަށް ކަންތައްތައް ހިންގި ތަނެކެވެ. ހުރިހާ ޚިޔާލުތަކަށް ފުރުޞަތު ދެއްވާތީ، ކަންތައްތައް ނިންމުމުގައި ލަސްވިއަސް، ނިންމާ ކަންތައްތައް ހަރުދަނާ ވެފައި މަޤްބޫލުވެއެވެ.
އެ މަނިކުފާނު ކޮލެޖް ކައުންސިލުން އިސްތިޢުފާ ދެއްވި ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ސަބަބު ދަންނަވަމެވެ. 14 ޑިސެމްބަރ 2005 ގައި ބޭއްވުނު ކޮލެޖްގެ ދަސްވެނިވުމުގައި ރައީސުލްޖުމްހޫރިއްޔާ ކޮލެޖް ޔުނިވަރސިޓީއަކަށް 1 ޖަނަވަރީ 2007 ގައި ބަދަލުކުރައްވާނޭކަން އިޢުލާނު ކުރެއްވިއެވެ. މިކަން އިޢުލާނު ކުރެއްވުމާ އެކުވެސް، އަދި އޭގެ ކުރިންވެސް އެ މަނިކުފާނު ކޮލެޖް ކައުންސިލްގެ ނިންމުންތައް، ރައީސުލްޖުމްހޫރިއްޔާއަށް ކޮންމެ ހަތަރު މަހަކުން އެއްފަހަރު ފޮނުއްވައެވެ. މިގޮތަށް ފޮނުއްވި ކަމުގައި ވިއަސް، ރައީސް އޮފީހުން އެއްވެސް ކަމަކާ އެއްވެސް އެއްޗެއް ނާންގަވައެވެ. މި ދުވަސްކޮޅުގެ ތެރޭގައި، މުވައްޒަފުންގެ މުސާރައިގެ މައްސަލަ ސަރުކާރަށް ހުށަހެޅި އެކަން ލަސްވާތީ އާއި “ޖީ” ބްލޮކުން ޔުނިވަރސިޓީގެ ގޮފިތަކެއް، ވަންނާނޭ ތަނެއް ނުދައްކަވައި މިނިސްޓްރީއަކުން ނެރުއްވަން އުޅުއްވާތީ، ރައީސުލްޖުމްހޫރިއްޔާގެ އެޕޮއިންޓްމަންޓްއަކަށް އެމަނިކުފާނު އެދި ވަޑައިގެންނެވިއެވެ. މުސާރައިގެ ކަންތައްތަކީ، ކެބިނެޓްގެ ކޮމިޓީއަކުން ފާސްކޮށްފައިވާ ކަމެކެވެ. އެކަން ތަންފީޒުކުރުން ލަސްކުރަމުން ދިޔައީ އެތަނުގައި އުޅުއްވާ ދެ ބާރުވެރި މުވައްޒަފެކެވެ. ޖީ ބްލޮކުން ނިކުތުމަކީ، އެ ވަގުތު ކޮލެޖްގެ ޖާގަތައް ހުރިގޮތުން ކުރެވޭނޭ ކަމެއް ނޫނެވެ. މިކަންކަން ދަންނަވަން އެޕޮއިންޓްމަންޓްއަށް އެދިވަޑައިގެންތާ އެތައް މަހެއްވީ އިރުވެސް ޚަބަރެއް ނުވެއެވެ. އެ މަނިކުފާނު ރިޔާސަތު ބެލެހެއްޓެވި އެންމެ ފަހު ޖަލްސާ (25 ޑިސެމްބަރ 2006) ގެ ޔައުމިއްޔާގައި، 2007 ވަނަ އަހަރު ކޮލެޖް ހުޅުވޭނީ ޔުނިވަރސިޓީގެ ނަމުގައި ކަމަށް ޤަބޫލުކުރެވޭ ކަމަށް ލިޔެފައި ވެއެވެ. އޭރު، ޔުނިވަރސިޓީގެ ޤާނޫނު އެކުލަވާލައި ރައީސް އޮފީހަށް ހުށަހެޅުނުތާ 6 މަސް ވެއްޖެއެވެ. ޤަރާރަކުން ޔުނިވަރސިޓީ އުފެއްދެވުމަށް ވެސް ހުށަހެޅިފައިވެއެވެ. އެ މަނިކުފާނު ކޮލެޖް ކައުންސިލްއިން އިސްތިޢުފާ ދެއްވިތާ ދެމަހެއްހާ ފަހުން، އަޅުގަނޑަށް ފޯނުކުރައްވާފައި، ރައީސް އޮފީހުން “އަދިވެސް އެޕޮއިންޓްމަންޓް ބޭނުންފުޅުތޯ” ސުވާލު ކުރެއްވި ވާހަކަ ވިދާޅުވިއެވެ.
އެ މަނިކުފާނަކީ ނަސަބުން މޮޅުވިއަސް، ބޮޑާކަމެއް ނެތް، މަޤާމު މަތިވެރިވިއަސް، ދެއްކުންތެރިކަމެއް ނެތް، ފުރުޞަތު ލިބުނަސް، ޚިޔާނަތްތެރިކަމެއް ނެތް ބޭފުޅެކެވެ. މިކަންކަމާއެކު، ދުނިޔޭގެ ދަޅަތަކަށް ނުހެއްލޭ ޒާހިދު ބޭފުޅެކެވެ. ކައިވެނީގެ އަހުދަށް ވަފާތެރި ބޭފުޅެކެވެ. މިހާރުގެ ޒުވާނުންނަށް ރަނގަޅު ނަމޫނާއެކެވެ.
ޢަބްދުއްސައްތާރުގެ ހަނދާން
މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، އާދެ! މިހާރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އެމަނިކުފާނު މާ ގާތުން ނޫނަސް ނިސްބަތްވާކަމީ، އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފަށް ވުރެ، ޔުނިވަރސިޓީއަށް ލިބޭ ޝަރަފެކެވެ. އެހެނީ އެ މަނިކުފާނަކީ ޔުނިވަރސިޓީގައި ކިޔަވާ ކުދިންނަށާއި އަދި މުވައްޒަފުންނަށް ރަނގަޅު ނަމޫނާއެކެވެ.
އެ މަނިކުފާނު ފަތިހު ހިންގަވަން ވަޑައިގަންނަވާތަން ދެކެފައި، އެ ތެދު ހަށިކޮޅަށް ޒަމާން ގެންނަ ބަދަލުތައް ފެނުމުން، އެ މަނިކުފާނުގެ އަޖަލު ގާތްވާކަން އެނގުނެވެ. އަވަހާރަވެވަޑައިގަތުމުން ޔުނިވަރސިޓީއިން އެ މަނިކުފާނުގެ ޒިކުރާ އިޙްޔާ ކުރާނޭ ގޮތަކާ މެދު އޭރު އަޅުގަނޑު ޚިޔާލު ކޮށްލީމެވެ. އަޅުގަނޑަށް ވިސްނުނީ އެހެން ޔުނިވަރސިޓީތަކުގައި ކަންކުރާ ފަދައިން ޔުނިވަރސިޓީގެ ކޮންމެވެސް ތަނަކަށް އޭނާގެ ނަމުން ނަން ކިޔާށެވެ. މިގޮތުން، އަޅުގަނޑަށް އެންމެ ރަނގަޅު ކަމަށް ފެނުނީ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމް އަށް “ޢަބްދުއްސައްތާރު އޮޑިޓޯރިއަމް” ކިޔާ ނަން ދިނުމަށެވެ.
ރަނގަޅު ރަނގަޅު މީހުންގެ ނަންތައް، ޔުނިވަރސިޓީގެ ތަންތަނަށް ކިޔުމީ، އެތަންތަން ބޭނުންކުރާ މީހުންނަށް އެކަމުން ކޮންމެވެސް އަސަރެއްކޮށް، އެމީހުންގެ އަޚްލާޤު ރަނގަޅުވެދާނޭ ކަމެކެވެ. ފަހެ، މީސްމީހުންނަށް ވެސް ރަނގަޅު ނަން ކިޔުމީ ސުންނަތެކެވެ. އެކަން ކުރަނީވެސް އެ ނަމުން ކޮށްފާނެ އަސަރަކަށްޓަކައެވެ.
މާތް ﷲ އެ މަނިކުފާނަށް ރުއްސެވުމާއި ފުއްސެވުން ލައްވާށިއެވެ! ކިލާވެފައިވާ ހުދު ފޭރާމެއް ދޮވުމުން ސާފުވާ ފަދައިން، ކުރެވިފައިވާ ކުށްތަކުން ދިންނަވައި، ޤިޔާމަތް ދުވަހު، ކަނާތަށް ފަތްލިބޭ، ސުވަރުގެވަންތަ ވެރިއެއްކަމުގައި ލައްވާށިއެވެ. އެ މަނިކުފާނުގެ ރަނގަޅު އަސަރުތަކުން، ދިވެހި އުދަރެސް ނޫރާނީ ކުރައްވާށިއެވެ! އާމީން.
In 1978, during my first of many visits to Maldives, I had the honor to meet Abdul Sattar in what would become a long working relationship. Of the many Fisheries Ministers I have met in my life around the world he stood out as a man of absolute integrity, who always had the future of his country foremost in mind. During the crucial period of the early development of the modern fishing sector he was considerate and balanced in dealing with politically sensitive or difficult issues, providing practical guidance and support to developments that would fundamentally change the future of the sector. Most important, I remember Abdul Sattar as a kind man, hospitable and generous in providing his time and highly vaunted judgement. His stature in the community provided stability to the difficult process of sector adjustment. The memory of this impressive man, a symbol of rectitude of the Maldives, will stay with me as long as I live.
I have read this article with a very heavy heart and i am grateful to Dr.Hassan Hameed for this very factual piece of text. I hold Abdulsattar very high in my heart as does almost all Maldivians. He was a noble man, a man from whom we all see an example of life.May Allah grant Abdusattar janathul firdaus. aameen
Thank you sir