މާލެއާއި ހުޅުލެއާ ދެމެދު މިހާރު އަޅަމުންދާ ފާލަމުގެ ސައިންސް ގެ ނަމުގައި ލިޔަމުން މިގެންދާ ސިލްސިލާގެ މައިގަނޑު ބޭނުމަކީ، އިންޖިނިއަރިންއަށް ފާގަތިނޫން ނަމަވެސް މިފަދަ ކަންކަމާ މެދު ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އެ ފާލަމާ ބެހޭ މަޢުލޫމާތު ގެނެސްދިނުމެވެ. މި މަޒުމޫނުތައް ލިޔުމުގައި އަޅުގަނޑުގެ ފިކުރުގައިވަނީ އާދައިގެ ޢާއްމު ދިވެހި ފަރުދެކެވެ. އެފަދަ ފަރާތަކަށް ފަހުމްވާގޮތަށް ޓެކްނިކަލް މަޢުލޫމާތު، ދޭހަ ފަސޭހަ ގޮތަކަށް ހުށަހެޅުމަކީ މަޤްޞަދެވެ. ކިޔާދިނުމަށް މަސައްކަތް ކުރަނީ އައްވަލުން ފެށިގެންނެވެ. ކަންކަން ދެތުމަށް ކުރިން އިތުރު ކިޔެވުމެއް ކިޔަވާފައިވާކަށް ނުޖެހޭނެއެވެ.
ސިލްސިލާގެ ދެވަނަ ބައި ލިޔުނުފަހުން ފާލަމުގެ މަސައްކަތް މިހާރުވަނީ ކުރިއަށް ގޮސްފައެވެ. މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު ތިރީގައިއެވާ ވީޑިއޯއިން ފާހަގަ ކުރެއްވޭނެއެވެ. އަދި ބައެއް މިންތައް ޔަޤީން ކުރެއްވޭނެއެވެ. ފާލަމުގެ ބޮޑެތި ބޯކުތަކުގެ ދެކޮޅުގައި ހުންނަ މަކުޑި ބަހައްޓާ މުޑިތައް ހަދަން ޖެހީ ގާތްގަޑަކަށް 200 ފޫޓު ދިގު ޑައިމީޓަރުގައި 12 ފޫޓު ހުރި ބޯމިނުގައި ދެއިންޗި ހަމަނުވާ ދަގަނޑު ހޮޅި، ތެދަށްކަން މިހާރު ޔަޤީން ވާނެއެވެ. މިފަދަ ހޮޅިއެއް ޖެހުމުން ބިމުގެ އަޑިއަށް ވަންނާނީ ގާތްގަޑަކަށް 100 ފޫޓެވެ. އެއްވެސް ހޮޅިއެއް ގުޅުވާފައެއް ނުވެއެވެ.
މި ތިންވަނަ ބައިގައި ވާހަކަދައްކާނީ ފާލަން އެޅުމަށް ބޭނުން ކުރާ ކޮންކްރީޓާ މެދުއެވެ. ވަޔާއެކު ކަނޑުގެ ލޮނު ބުރުއްސާ ހިސާބުގައި ހަދާ ތަންތަނުގައި ބޭނުންކުރާ ކޮންކްރީޓް (ޚާއްޞަކޮށް ބްރިޖް ނުވަތަ ފާލަން ފަދަތަކެތި ހެދުމަށް ބޭނުން ކުރާ ކޮންކްރީޓް) ޢާއްމުކޮށް ބޭނުން ކުރާ ކޮންކްރީޓާ ތަފާތެވެ.
ކޮންމެ ޤައުމެއްގައިވެސް، ޢިމާރާތްކުރަން ބޭނުންކުރާ ތަކެއްޗަކީ، އެތަންތަނުގެ މާހައުލުން ލިބެން ހުންނަ ތަކެއްޗެވެ. އެހެންކަމުން ރާއްޖޭގެ ޤަދީމީ ޢިމާރާތްތައް ބިނާކޮށްފައިވަނީ ލަކުޑިންނެވެ. ދިގުމުއްދަތަށް ހަދާ ތަންތަން، ބިނާކޮށްފައިވަނީ ހިރިގަލުންނެވެ. ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އުވައިގެ ޢިމާރާތަކަށް ވާނީ އެންމެ ގިނަވެގެން 150 އަހަރެވެ. ނަމަވެސް، ސިލޯނުގައި އުވަ ދަވާތާ 2000 އަހަރު ވެފައިވާތީ، އުވަ ދަވާގޮތް ރާއްޖޭގެ ބައެއް މީހުންނަށް އެނގޭނެކަން ޔަޤީންއެވެ. ނަމަވެސް، އެކަން ނުކުރަނީ ކީއްވެގެންކަން އަދި ފާހަގަކޮށްްފައެއް ނުވެއެވެ. އުވައިން ރާނާފައިވާ މިހާރު ފެންނަން ހުރި ގިނަ ދުވަސްވީ ޢިމާރާތްތަކުގެ ތެރޭގައި ދަރުމަވަންތަ ރަސްގެފާނު މިސްކިތް ހިމެނޭނެއެވެ. މާލޭގެ ބޮޑު ފާރު ޢިމާރާތްކޮށްފައިވަނީ އުވައިންނާއި ހިރިގަލުންނެވެ. ބޮޑުފާރު ލެވުނީ މުޙައްމަދު ޢިމާދުއްދީނު ގެ ރަސްކަމުގައެވެ. އެއީ މީގެ 396 އަހަރު ކުރިންނެވެ.
އުވައަކީ، އަކިރި އެންދުމުން އުފެދޭ ކުނޑިއެކެވެ. މިލިންކުން އުވަ އުފައްދާާ ގޮތާ ބެހޭ ގޮތުން ލިޔެފައިވާ މަޒުމޫނަކަށް ދެވޭނެއެވެ. މި ވީޑިއޯއިން، ސިލޯނުގައި އުވަ ހަދާގޮތް ފެންނާނެއެވެ. ރާއްޖެއާ ޚިލާފަށް ސިލޯނުގައި ގައު އަންދަނީ ފަނަރަވަރަކަށް ފޫޓު ހުންނަ ވަޅަކަށް ފަށަލަފަށަލައަށް ގަލާއި ދަރު އަޅައިގެން ތިރިން ރޯކޮށްގެންނެވެ. ވަޅަކީ ހިލަ ޖައްސައިގެން އުވައިން ހަދާފައިވާ ވަޅެއްކަމުން، އެތައް ފަހަރަކު ވަޅު ބޭނުން ކުރެވެއެވެ. އަކިރި، ހިރި އަދި ދިވެހި ވެލި އެކުލެވިގެންވަނީ ކެލްސިއަމް ކާބަނޭޓް ކިޔާ މަޢުދަނަކުންނެވެ.
އުވަ، ފެނާއެއްކޮށް ރާނަން ބޭނުން ކުރުމުން، ދިގު މުއްދަތެއްގެ ތެރޭގައި އުވަ ގަލަށް (ކެލްސިއަމް ކާބަނޭޓަށް) ބަދަލުވެއެވެ. މިކަންވަނީ ޖައްވުގައި ހުންނަ ކާބަން ޑައިއޮކްސައިޑް ކިޔާ ގޭހަކާ އެކުވެގެންނެވެ. ނަމަވެސް މި ބަދަލު އައުމަށް އެތައް އަހަރެއް ދެއެވެ. އަވަހަށް އުވަ ގަލަށްވާނީ، އޭގެ ބޭރު ފަށަލައެވެ. އެތެރެއަށް ކާބަން ޑައިއޮކްސައިޑްގެ ރާހަތްކުރަނީ އެތައް އަހަރަކުން ކަމަށްވާތީ އާއި އަދި އުވައިން ރާނާފައިވާ ފާރުތަކުގައި ހުސްތަންތަން ހުންނާތީ، އުވަ ފާރުގައި ވަކަ ގޮތެއް ހުރެއެވެ. އަދި ސިމެންތިއާ ޚިލާފަށް އަވިދިނުމުން ހޫނު ހިފަހައްޓާ ގޮތެއް ނުހުރެއެވެ. ނަމަވެސް އުވައަކީ ސިމެންތިއާ އަޅާބަލާއިރު ދެ ގައުބުރި ތަތްކުރުމަށް، ބަލި ތެރަހެކެވެ. ނަމަވެސް މިއީ ޤަދީމީ ޒަމާންތަކުގައި، އެހެން ޤައުމުތަކުގައިވެސް ޢިމާރާތްތައް ބިނާކުރުމަށް ބޭނުން ކުރި ”ތެރަސް“ އެވެ.
ތަންތަން ރޭނުމަށާއި ”އުވަޖެހުމަށް“ އެހެން ޤައުމުތަކުގައި ބޭނުންކުރި އަނެއް އެއްޗަކީ ޖިޕްސަމް އެވެ. މިއީ ރާއްޖޭގައި ވިއްކާ ”ޖިޕްސަމް“ ބޯޑު ހަދާފައި ހުންނަ ބިމުގެ އަޑިން ނަގާ މަޢުދަނެވެ. ޖިޕްސަމް ބޯޑު ހަދަނީ، ޖިޕްސަމް ހޫނުކުރުމަށްފަހު މުގުރައިގެންނެވެ. ދެން ފެނާ އެއްކުުރުމުން އުވަ ގޮަަތަށް ބޭނުން ކުރެވެއެވެ. ތަޖުރިބާ ކުރެވޭނޭ ފަދައިން، ފެނުގައި ޖިޕްސަމް ޖެހިއްޖެނަމަ، ފޯވެ އެވެ. އެހެންކަމުން، މި ބާވަތުގެ އުވަ ބޭނުންކޮށްފައިވަނީ މިސުރުގައި ހުންނަ އަހުރާމުގެ އެތެރެ ފަދަ ފެނުގެ އަސަރު ނުކުރާ ތަންތަނުގައެވެ. އިންސާނުންގެ ކަށި ބިނދުމުން އޮއްޓުއަޅަން ބޭނުން ކުރަނީ ޖިޕްސަމް އެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ސިމެންތި ޢާއްމުކޮށް ގެންނަން ފެށީ ނާޞިރުގެ ވެރިކަމުގައެވެ. އެ ދުވަސްވަރު، އުވައިން ރާނާ އިރު ފަސްބައިކުޅަ އެއްބައި ނުވަތަ އެއަށް ވުރެ ގިނައިން އުވައިގެ ތެރެއަށް ސިމެންތި އަޅައެވެ. ފަހުން އުވަލިބުން ދަތިވެ، ސިމެންތި ގަދަކަމާ އެކު، ސިމެންތި ބޭނުން ކުރުން ޢާއްމުވީއެވެ. ސިމެންތިއަކީ އުވައާ އަޅާ ބަލާއިރު ގަަދަ، އަވަހަށް ހިކޭ، އަދި ފެނުގެތެރޭގައި ވެސް ބޭނުން ކުރެވޭ އެއްޗެކެވެ. ފާރެއްގައި އުވަޖަހާނަމަ، އެއް ދުވަހު އުވަޖަހާފައި، އޮމާން ކުރެވޭނީ ޖެހިގެން އަންނަ ދުވަހުއެވެ. ހިކޭލެއް ލަސްކަމާއެކު އުވަ ފާރެއް ރޭނޭނީ ދުވާލަކު ދެ ފޫޓު ވަރަށް އުސްކޮށެވެ.
މީގެ 2000 އަހަރު ކުރިން، ފެނުގައި ހިކޭ ސިމެންތިއެއް އީޖާދުކުރިއެވެ. ރޫމީންގެ ދުވަސްވަރުގެ ޢިމާރާތްތައް ކުރީ މި ސިމެންތިންނެވެ. ސިމެންތި އުފެއްދީ އުވައިގެ ތެރެއަށް އަލިފާން ފަރުބަދައިން ނުކުންނަ އަޅި އަޅައިގެންނެވެ. މިއީ ފެނުގައި ހިކޭ ސިމެންތިއެކެވެ. ފަހުން، މިއަށް ވުރެ ވަރުގަދަ ސިމެންތިއެއް ރޫމީން އުފެއްދިއެވެ. މިފަހަރު އުވައިގެ ތެރެއަށް އަޅީގެ ބަދަލުގައި އެޅީ ރަތްކުލައިގެ މަށްޓެވެ. މިއީ ސިލުނބު އަދި ފުފޭ ރުނބާ ފަދަ ތަކެތި ހަދާފައި ހުންނަ މަށްޓެކެވެ. މަށި އުވައިގެ ތެރެއަށް އެޅުމުން، ބަރުވުމާއެކު، ސިމެންތި ވަރުގަދަ ވެއެވެ. ރޫމީންގެ ޙަޟާރަތު ނެތިދިއުމަށް ފަހު މިހޯދުން ދެތިން ޤަރުނުތެރޭގައި ގެއްލުނީއެވެ. ފަހުން، ސިމެންތި ހަދާގޮތް އެނގުނީ އެ ޒަމާނުގެ ފޮތެއް 1500 އަހަރު ފަހުން ފެނި ޢާއްމުކުރުމާ ގުޅިގެންނެވެ. ރޫމީންގެ އިތުރުން އޭޝިޔާ ގެ މީހުން ވެސް 2000 އަހަރުގެ ކުރިން ސިމެންތި ގޮތުގައި ބޭނުން ކުރެވޭ ތަކެތި ހޯދާފައި ވެއެވެ.
މި މަޒުމޫނުގެ ކިޔުންތެރިއަކު، ރާއްޖޭގައި، ކުޑަގޮތަކަށް ސިމެންތި ހަދަން ބޭނުންނަމަ، އުވައިގެ ތިންބަޔަށް އެއްބައި ގޭނި ބަތާވިގައު އަޅަނިކޮށް ފެނުގައި ހިކޭ ސިމެއްތިއެއް ހެދޭނެއެވެ. އެންމެ ރަނގަޅުވާނީ އުވަ ދަމާއިރު އޭގެ ތެރެއަށް ބަތާވިގައު ލިއްޔާއެވެ. ބަތާވި ގަލަކީ، އަލިފާން ފަރުބަދައިން ފައިބާ ދިޔާ ހިލަ، ހިހޫވާއިރު އުފެދޭ ފެންމަތީގައި އޮންނަ ގަލެކެވެ. މިއީ ރާއްޖެއަށް ލައްގާ ގަލެކެވެ. އެންމެ ވައްތަރުވާނީ ރޭނުމަށް ރާއްޖެއަށް ގެންނަ ލުއިގައު (އެއިރޭޓަޑް ކޮންކްރީޓް ބްލޮކް) އާއެވެ. އަޅުގަނޑު ކުޑައިރު، އިންޑޮނީޝިއާ ކައިރީގައިވާ އަލިފާން ފަރުބަދައެއް ގޮވައިގެން ބަތާވިގައު ރާއްޖެއަށް ލައްގާ އުޅުނެވެ. ބަތާވިގައު ދިވެހީން ބޭނުން ކުރަނީ ވަޅި ތޫނުކުރުމަށާއި ފައިގެ ދަށްފުށް އުނގުޅުމަށެވެ. އެހެން ޤައުމުތަކުގައި ގަސް ހެއްދުމަށާއި ލުއި ކޮންކްރީޓް ހެދުމަށް ހިލައިގެ ބަދަލުގައި ބަތާވިގައު ބޭނުން ކުރެއެވެ.
ރާއްޖޭގައި ކޮންކްރީޓް ކުރާށާއި ރޭނުމަށް ބޭނުން ކުރަނީ ކަޅުފެހި/އަޅިކުލައެއްގެ ސިމެންތިއެކެވެ. މި ސިމެންތި އަށް ކިޔަނީ ޕޯޓްލަންޑް ސިމެންތިއެވެ. އެނަން ކިޔަނީ ޕޯޓްލަންޑް ކިޔާ އިނގިރޭސި ވިލާތުގެ ހިސާބެއްގައި ހުންނަ ގަލެއްގެ ކުލަ އާއި މި ސިމެންތީގެ ކުލަ ވައްތަރު ކަމުންނެވެ. މި ސިމެންތި ހަދާނެގޮތް ހޯދުނީ، އިނގިރޭސި ވިލާތުގެ މީހަކު، ކަނޑު ދަތުރު ކުރާ މީހުންނަށް ފަސޭހައަކަށް ހަދާފައި ހުންނަ ލައިޓްހައުސް (ފަނާރު) އެއް މޫދުގައި ހެދުމަށް ބޭނުން ވެގެން، ފެނުގައި ބޭނުން ކުރެވޭ ސިމެންތިއެއް ފެނޭތޯ ބެލިބެލުމުންނެވެ. އޭނާ އުވައަށް ތަފާތު ތަކެތި އެއްކުރަމުން ދިއުމުގެ ތެރޭގައި ބާވަތެއްގެ މަށްޓެއް އުވައާ އެއްކުރުމުން ފެނުގައި ހިކޭ އުވަ (ސިމެންތި) އަކާ ދިމާވީއެވެ. މިކަމެއް ހިނގީ 1756 އަހަރު އެވެ. ދެން މާގިނަ އަހަރެއް ނުވެ، ޤުދުރަތީ ގޮތުން ކެލްސިއަމް ކާބަނޭޓް އާ މަށި އެއްވެފައި ހުންނަ ގައު ޔޫރަޕުގެ ބައެއް ހިސާބުތަކުން ފެނި އެ ބޭނުން ކުރިއެވެ. މި ގައު އަންދާފައި، ހިމުންކޮށް މުގުރަނިކޮށް ސިމެންތި އުފެދެއެވެ. މި ސިމެންތި ގެށުމުން ދިހަވަރަކަށް މިނެއްޓު ތެރޭގައި ހަރުވެއެވެ. ޤުދުރަތީ ގޮތުން ކެލްސިއަމް ކާބަނޭޓް ގަލާއި އެކުވެފައި ހުންނަ މަށި ހޯދުމަށް ވުރެ، މިތަކެތި ވަކިން އެއްކޮށްގެން ސިމެންތި ހަދާނެގޮތް ފަހުން ހޯދުނެވެ. އެއީ 19 ވަނަ ޤަރުނުގައެވެ.
ދިވެހިރާއްޖެއަށް ގެންނަ ޕޯޓްލަންޑް ސިމެންތީގެ ނަމުން މަޝްހޫރު ސިމެންތި އުފައްދަނީ، ހިރި ނުވަތަ ކެލްސިއަމްކާބަނޭޓް ގަލާއި، މަށިއެއްކޮށް ހޫނުކޮށްގެންނެވެ. ކުރިން އުފައްދާ ސިމެންތިއާއި ޕޯޓްލަންޑް ސިމެންތިއާ ހުރި މައިގަނޑު ތަފާތަކީ އުފައްދާއިރު ބޭނުން ކުރާ ހޫނު ވަރަށް ބޮޑުތަން ގަދަކަމެވެ. ބޭރު ޤައުމުތަކުގައި ކެލްސިއަމް ކާބަނޭޓް ހިމެނޭ ގަލުގެ ބޮޑެތި ސަރަޙައްދު ހުރެއެވެ. މަށިވެސް ނަގަނީ ބިން ކޮނެގެންނެވެ. (މަށީގެ ގޮތުގައި، ހިލަ ވެއްޔާއި ދަގަނޑު ހުންނަ މަޢުދަނާއި އެލްމިނިއަމް ހުންނަ މަޢުދަން ބޭނުން ކުރެއެވެ. މި މަޢުދަން ތަކަކީ ހިލަގަނޑު ގަނޑުހެން ހުންނަ ތަކެއްޗެވެ. މިތަކެތި ބޭނުން ކުރާ ނިސްބަތަކީ %63 އަށް ކެލްސިއަމް ކާބަނޭޓް ގައު، %21 އަށް ހިލަވެލި، %6.3 އަށް އެލްމިނިއަމް ހުންނަ މަޢުދަން އަދި %3.6 އަށް ދަގަނޑު ހުންނަ މަޢުދަން އެވެ.) ކުރިން ބުނި ތަކެތި އެއްކުރާ މިންވަރު ތަފާތު ކުރުމުން ނުވަތަ އައު ތަކެތި އެއްކުރުމުން ސިމެންތީގެ ބާވަތް ތަފާތުވެއެވެ. މިސާލެއްގެ ގޮތުން ކެލްސިއަމް ކާބަނޭޓް ގައު ގިނަކުރަނިކޮށް އަވަހަށް ހަރުވާ ސިމެންތި އުފެދެއެވެ. މިތަކެތި މި ނިސްބަތުން ހިމުންކޮށް މުގުރުމަށް ފަހު، 1500 ސެލްސިއަސް ހޫނުމިނުގައި ރޯކޮށްލަނީއެވެ. މިހެން ހެދުމުން މިތަކެތި އައުގޮތް ގޮތަށް އެކުވެ ކުދި ގުޅަތަކަކަށް ވެއެވެ. އެއީ ފެނަށް ވުރެ ބަރު، ނަމަވެސް ލުއި އެއްޗެކެވެ. ދެން ގުޅަތައް ގޮދަން ފުށަށް ވުރެ ވެސް ހިމުންކޮށް މުގުރުުމުން ސިމެންތި އުފެދެއެވެ. ނުމުގުރާ (ހިމުން ނުކުރާ) ސިމެންތި ގުޅައަކީ، ސިމެންތި ފަދައިން އެއް ޤައުމުން އަނެއް ޤައުމަށް އެކްސްޕޯޓް ކޮށް އުޅޭ އެއްޗެކެވެ. ބޭނުން ކުރަންވީމާ މުގުރަނީއެވެ.
ކޮންކްރީޓް
ކޮންކްރީޓަކީ ސިމެންތިއާއި ވެއްޔާއި ހިލައާއި ފެން ބޭނުންކޮށްގެން ހަދާ އެއްޗެކެވެ. އެއް ނަޒަރަކުން ވިސްނާއިރު މިއީ މަޞްނޫޢީ ނުވަތަ އާރޓިފިޝަލް ހިލަ އުފެއްދުމަށް ބޭނުން ކުރާ އެއްޗެކެވެ. ޤުދުރަތީ ހިލައާ ތަފާތުކޮށް، ކޮންކްރީޓް ތެތްކޮށް ހުންނައިރު މަޑުކަމުން، ތައްގަނޑުތަކަށް އަޅައިގެން ބޭނުން ބައްޓަމެއް ގެނެވެއެވެ. ކޮންކްރީޓް ހެދުމަށް މި ހަތަރު ބާވަތް އަޅާގޮތުން ކޮންކްރީޓްގެ ގަދަކަން ތަފާތު ވެދެއެވެ. އަދި ތަކެތީގެ ބާވަތުންނާއި ތަކެތީގެ ސިފައިން ކޮންކްރީޓު ބާރު ކުޑަވެ ބޮޑުވެއެވެ. މިސާލެއްގެ ގޮތުން، ހިލަތައް ބޮޑެތި ނަމަ، ސިމެންތި ތަތްލާނެ ޖާގަ ނިސްބަތުން ކުޑަވާނެއެވެ. އެއީ ބޮޑު ހިލައެއް އޮންނަ ޖާގައެއްގައި ކުދި އެތައް ހިލައަކަށް އޮވެވޭނެއެވެ. ކުދި ހިލަތަކުގެ ޖުމްލަ ސާރފަސް އޭރިއާ ނުވަތަ ބޭރުގެ ސަޠަހަ ނިސްބަތުން ބޮޑުވާނެއެވެ. ހިލަ އޮމާންނަމަ ސާރފަސް އޭރިޔާ ކުޑަވާނެއެވެ. މިފަދަ އެތައް ކަމެއް ކޮންކްރީޓް ގެ ބާރަށް އަސަރު ކުރުވައެވެ.
ކޮންކްރީޓަކީ އެއްކުރުމަށް ފަހު، ގިނަ ދުވަސްވި ވަރަކަށް ވަރުގަދަ ވަމުން އަންނަ އެއްޗެކެވެ. ބައެއް ލިޔުންތަކުގައި 20 އަހަރުގެ ކޮންކްރީޓް، 10 އަހަރުގެ ކޮންކްރީޓަށް ވުރެ ވަރުގަދަކަމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް 28 ދުވަހުން ކޮންކްރީޓްގެ ގަދަކަން %90 އަށް އަރާކަމަށް ވެއެވެ. ކޮންކްރީޓް ގެ ގަދަކަން ބަލަނީ 28 ދުވަސް ވަންދެން ބެހެއްޓުމަށް ފަހުއެވެ. ފުރަތަމަ 10 ދުވަހު، ކޮންކްރީޓް ”ރޯފިލުވަން“ އެއަށް ފެން ލިބި ފިނިވާން ޖެހެއެވެ. މިކަމަށް އިންޖިނޭރުން ކިޔަނީ ”ކިޔޯ“ ކުރުމެވެ. ބައެއް މީހުން މިހާ ދުވަހު ކޮންކްރީޓް ފޯކޮށްފައި ބާއްވައެވެ.
ކޮންކްރީޓްގެ ގަދަކަން ބިނާވެގެންވާ ކަންތައްތަކުގެ ތެރޭގައި އެއަށް ސިމެންތި އާއި ވެއްޔާއި ހިލަ އަޅާ މިންވަރު ހިމެނިގެން ވެއެވެ. އެކި މިންވަރަށް މި ތަކެތި އެޅުމުން ކޮންކްރީޓް ބަލިވެ ގަދަވެއެވެ. ރާއްޖޭގައި އެންމެ ގިނައިން ބޭނުން ކުރަނީ އެއް ސިމެންތީގެ ވަޒަނަށް ދެވެލި އަދި ތިން ހިލަ އަޅައިގެންނެވެ. މިތަކެތި ކޮޑިމިނުން ނުވަތަ ބަރުދަން ބަލައިގެން އަޅައެވެ. މި މިންވަރު ލިޔަނީ 1:2:3 މިހެންނެވެ. އެންމެ ވާތްފަރާތުގައި ވަނީ ސިމެންތީގެ މިންވަރެވެ. ކަނާތްފަރާތުގައި ހިލައިގެ މިންވަރެވެ. ތިރީގައި މިވަނީ މިތަކެތި އަޅާ މިންވަރާއި ނަތީޖާއެއްގެ ގޮތުން އުފެދޭ ކޮންކްރީޓްގެ ގަދަކަން ލިޔެފައިވާ ތާވަލެކެވެ.
ސިމެންތި ވެލި ހިލަ ގަދަކަން(މެގަޕާސްކަލް)
1 2.5 5 20
1 2 4 25
1 1.5 3 30
1 1.5 2 35
1 1 1 40
ފާހަގަ ކުރެއްވޭނެ ކަމަކީ ނިސްބަތުން ސިމެންތި ގިނަ ނަމަ، ކޮންކްރީޓް ގަދަވާކަމެވެ. ރާއްޖޭގައި ޢާއްމުކޮށް ބޭނުން ކުރާ ކޮންކްރީޓް (1:2:3) ގެ ގަދަކަން ބަލާއިރު ހުންނަނީ 20 އާއި 28 މެގަޕާސްކަލް އާ ދެމެދުއެވެ. މި ޢަދަދުތައް ތަފާތުވަނީ ހިލައިގެ ބާވަތުންނާއި ސިމެންތީގެ ބާވަތުންނާއި ފެން އަޅާ މިންވަރުންނާއި އަދި ހިކެމުންދާއިރު ތެތްކުރާ މިންވަރުން ގަދަކަމަށް އަސަރުކުރާތީއެވެ. ލެބޯރަޓަރީތަކުން ޓެސްޓްކުރަން ޖެހެނީ މިކަންކަން އެއްގޮތަކަށް ނުހިފެހެއްޓޭތީ އެވެ. ފެން އަޅާ މިންވަރަކީ، ކޮންކްރީޓަށް އެންމެ އަސަރުކުރާ މިންވަރެވެ. މިކަން މި ލިންކްގެ 3 ވަނަ ޞަފުޙާއިން ފާހަގަ ކުރެއްވޭނެއެވެ. ސިމެންތީގެ ބަރުދަނާ އަޅާބަލާއިރު، ފެން އަޅަންވާނީ، ފެނުގެެ ބަރުދަނުގެ %40 އާއި %60 އާ ދެމެދުގެ މިންވަރަކަށެވެ. ފެން ގިނަނަމަ، ދެގުނަ ބާރު ދަށް ވެއެވެ.
ކޮންކްރީޓް ގެ ވަރުގަދަކަން ބަލަނީ ކޮންކްރީޓް ގަޑެއް މެޝިނަކަށް ލައި ފިއްތާލައިގެންނެވެ. ކޮންކްރީޓް ގަށާއިރުު ޓެސްޓު ކުރުމަށް ސާމްޕަލް އެއް ނަގައެވެ. ބައެއް ފަހަރު ފަރާތެއްގައި ހައެއްކަ އިންޗި ހުންނަ ކޮންކްރީޓް ކޮޑިއެއް ދަގަނޑު ތައްގަނޑަކަށް އަޅައިގެންނެވެ. އަނެއް ބައި ފަހަރު ދިގު ފޯއްޔެއް އަޅައިގެންނެވެ. ދެން ހައިޑްރޯލިކް ދެ ދަތުގެ ދެމެދު އެ ބާއްވައި ފަޅައިގެން ދަންދެން ފިއްތާލަނީއެވެ. ފަޅައިގެންދަނީ ކިހާ ބާރަކުންތޯ ބަލައެވެ. މިއީ ކޮންކްރީޓް ފިތުން ހިފަހައްޓާ ބާރު ބަލާ ގޮތެވެ. ކޮމްޕްރެޝަން ބާރެވެ. ކޮންކްރީޓް ދެމެން ހުންނަ ހިފެހެއްޓުން ބަލަން ވަރަށް އުދަނގުލެވެ. އެއީ ދައްޗެއްގައި ކޮންކްރީޓް ފޯއްޔެއްގެ ދެކޮޅު ހިފަހައްޓައިގެން ބުރިވަންދެން ދަމަން އުނދަގޫވާނެތީއެވެ. އެހެންވެ ދެމުން ހިފަހައްޓާ ބާރު ނުވަތަ ޓެންސައިލް ބާރުު ބަލަނީ، ނުސީދާ ގޮތަކަށް ދެކޮޅު ހިފަހައްޓާ މެދަށް ބާރުލައިގެންނެވެ. ނުވަތަ ފޯއްޔެއް ފަޅާލައިގެންނެވެ. ކޮންކްރީޓްގެ ދެމުން ސީދާ ބަލާ މެޝިން ވެސް ހުރެއެވެ. ތިރީގައި އެވަނީ ކޮންކްރީޓް ޓެސްޓްކުރާ މެޝިނެކެވެ. މާލޭގައި ކޮންކްރީޓް ޓެސްޓްކުރާ އެތައް މެޝިނެއް ހުރެއެވެ. ބައެއް ބޮޑެތި ސައިޓްތަކުގައި ވެސް ޓެސްޓު ކުރާ ލެބޯރަޓަރީ ހުރެއެވެ. ކޮންކްރީޓަށް އޮބޭ މިންވަރު ނުވަތަ ފިތޭ މިންވަރު ބަލަނީ ”މެގަޕާސްކަލް“ ކިޔާ ޖިންސަކުންނެވެ. 1 މެގަޕާސްކަލް ބާރު ހުރި ކޮންކްރީޓުން ހަދާފައިވާ ހުރަސް އޭރިއާގައި ނުވަތަ ބޮޑުމިނުގައި އެއް އަކަމީޓަރު ހުރި ތަނބެއް ފަޅައިގެން ދާނީ، އޭގެ މައްޗަށް 100 ޓަނުގެ ބަރު އެރުވުމުންނެވެ. ޓަނަކީ 1000 ކިލޯގްރާމެވެ. ޢާއްމުކޮށް ރާއްޖޭގައި ބޭނުން ކުރަނީ 25 މެގަޕާސްކަލްގެ ކޮންކްރީޓެވެ. ދުނިޔޭގެ ރެކޯޑަކީ 400 މެގަ ޕާސްކަލް ހިފާ ކޮންކްރީޓެކެވެ. މިހެދީ އީރާނުގެ ބައެކެވެ.
ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ 25 މެގަޕާސްކަލްގެ ގަދަކަން ހުންނަ ކޮންކްރީޓުން ހަދާފައިވާ 8 އިންޗި 8 އިންޗި ހުންނަ ކޮންކްރީޓް ތަނބެއް ފަޅައިގެން ދާނީ، 100 ޓަނު ބަރު އެރުވުމުންނެވެ. އުސް ޢިމާރާތްތަކުގެ ތަނބުތައް އެހާ ހިމައީ އެހެން ވެގެންނެވެ. ކޮންކްރީޓު ފިތުނަނުދޭން ހުންނަ ވަރަކީ އާދަޔާ ޚިލާފު ބޮޑު ބާރެކެވެ.
ކޮންކްރީޓު ފިއްތާލަން ކިތަންމެ އުދަނގޫ ވިޔަސް، އޭގެ ބާރު، ދެމެން ހިފާއިރު ވަރަށް ކުޑައެވެ. އެއީ ޢާއްމުކޮށް ދިހަ ގުނަ ކުޑަ ޢަދެދެކެވެ. 25 މެގަޕާސްކަލް ގެ ކޮންކްރީޓުގެ 8 އިންޗި 8 އިންޗީގެ ތަނބެއް ފިއްތާލަން 100 ޓަނު ބޭނުން ވިއަސް، ދަމައިގެން ބުރިކޮށްލަން ބޭނުން ވާނީ 10 ޓަނެވެ. ތަނބެއްގެ މައްޗަށް ބަރު އަރުވާއިރު، ތަނބަށް ބަރު އަރާގޮތުން، ތަނބުގެ ބައެއް ހިސާބުތައް ދެމެން އުޅެއެވެ. މި ބާރު ދަށްކަމުން، 8 އިންޗި 8 އިންޗީގެ ދިގު ތަނބެއްގައި، 100 ޓަނެއް އަޞްލު ނުހިފައެވެ. ކޮންކްރީޓް ދެމުމުގެ ބާރު ގަދަކުރަނީ އޭގެ ތެރެއަށް ދަގަނޑު ލައްވައިގެންނެވެ.
ކޮންކްރީޓް ދެމެން ހިފަހައްޓާ ބާރު ނުވަތަ ޓެންސައިލް ބާރު ކުޑަކަމުން، އެއަށް މި ބާރު ގަދަ ދަގަނޑު ލައްވައެވެ. ދަނގަޑުގެ ދެމުން ހިފަހައްޓާ ބާރަކީ ނުވަތަ ޓެންސައިލް ސްޓްރެންތު އަކީ ގާތްގަޑަކަށް 250 މެގަޕާސްކަލް އެވެ. ކޮންކްރީޓާ ދަގަނޑާ އެއްކޮށްގެން ހަދާ ކޮންކްރީޓަށް ކިޔަނީ ރިއިންފޯރސްޑް ކޮންކްރީޓެވެ. ރިއިންފޯސްގެ މާނައަކީ އެއްޗެއް އެއްކޮށްގެން ނުވަތަ ކަމެއް ކޮށްގެން ބާރު ގަދަކުރުމެވެ. ކޮންކްރީޓްގެ ތެރެއަށް ލައްވާ ދަގަނޑަށް ކިޔަނީ ”ރިއިންފޯސިން ބާރ“ ނުވަތަ ބާރު ގަދަކުރާ ދަނޑި އެވެ. ބާރ އަކީ ފުޅާމިނަށް ވުރެ ދިގުމިން ބޮޑު އަރިމަތި އެއްގޮތަކަށް ހުންނަ ކޮންމެ އެއްޗެކެވެ. ރިއިންފޯސިން ބާރ ދިގުކަމުން، ކޮންކްރީޓަށް ލައްވާ ދަގަނޑަށް ކިޔަނީ ކުރުކޮށްލާފައި ރިބާރ އެވެ. މިއީ ތަންކޮޅެއް ކުރިން، ފާރު ވަރުގަދަކުރުމަށް ދިވެހީން ކުރަދި ދަނޑި ފާރަށް ލެއްވިގޮތަށް ލާ އުޅޭ އެއްޗެކެވެ.
ރިއިންފޯރސްޑް ކޮންކްރީޓް އެންމެ ފުރަތަމަ އުފެއްދީ 1850 ގެ ކުރީގެ އަހަރުތަކުގައެވެ. މިއީ ސިމެންތި ޔޫރަޕުގައި ޢާއްމުވީ ދުވަސްވަރެވެ. އެންމެ ފުރަތަމަ ދަގަނޑު ލައްވައިގެން ކޮންކްރީޓުން ތަކެތި ހެދި މީހެއްކަމަށް ބުނަނީ ލެމްބޮޓް ކިޔާ ފަރަންސޭސިއެކެވެ. މީނާ އެންމެ ފުރަތަމަ އުފެއްދީ ސިމެންތިއާއި ދަގަނޑު ނަރު ލައްވައިގެން ބޮއްކުރައެކެވެ. ދެން އިތުރު ތަކެތި ހަދާނެގޮތް ލިޔެ 1861 ގައި ފޮތެއް ޝާއިޢުކުރިއެވެ. ނަމަވެސް، މި ގޮތަށް ތަފާތު ތަކެތި ހެދުމުގެ ޕޭޓެންޓް ހޯދީ މޮނިއަރ ކިޔާ ބަގީޗާގައި ހުންނަ ފަރުނީޗަރު ހަދާ ފަރަންސޭސިއެކެވެ. ޕޭޓަންޓް އަކީ ފީއެއް ނުދީ އެހެން މީހަކަށް ވަކިގޮތަކަށް އެއްޗެއް ނުހެދޭގޮތަށް ރަޖިސްޓަރީ ކުރުމެވެ. އޭނާ ހޯދި ޕޭޓަންޓްތަކުގެ ތެރޭގައި ފާލަން ނުވަތަ ބްރިޖް ވެސް ހިމެނެއެވެ. މި ވެބްސައިޓްގައި މިގޮތަށް ފުރަތަމަ އުފެއްދި ތަކެތީގެ ފޮޓޯ އާއި ދަގަނޑު ލާންޖެހޭ މިންވަރު ހިސާބުކުރާނޭ ގޮތް ހިމެނެއެވެ. ދަގަނގު ލައްވަނީ ކޮންކްރީޓަށް ދެމެން ހިފާ ތަންތައް ބަލައި އެ ތަންތަނަށެވެ. ބެރިއެއްގެ މެދު ނަމަ އޭގެ ތިރިއަށެވެ. ތަނބެއް ނަމަ، އޭގެ ވަށައިގެންނެވެ.
ދަގަނޑު ލައްވައިގެން ކޮންކްރީޓް ކުރެވެނީ ދެތިން ސަބަބަކާ ހުރެއެވެ. ފުރަތަމަ އަދި އެންމެ މުހިއްމު ކަމަކީ ހޫނުވެފިނިވުމުން ދަގަނޑު ބޮޑުވެ ކުޑަވާ މިންވަރު ކޮންކްރީޓް ބޮޑުވެކުޑަވާ މިންވަރާ އެއްވަރީއެވެ. އެހެން ނޫންނަމަ، މި ދެއެތި ނުގުޅޭނެއެވެ. ދެވަނަ ސަބަބަކީ ދަގަނޑު ދެމުނަ ނުދޭން ހުންނަ ބާރު ގަދަކަމާއެކު އަގުހެޔޮ ކަމެވެ. ދަގަނޑަކީ ބިމުގައި އެންމެ ގިނަ އެއް މަޢުދަން އެވެ. އަނެއްކަމަކީ ސިމެންތި ދަގަނޑުގައި ހިފާލެއް ނުވަތަ ތަތްލާލެއް ގަދައީއެވެ.
ފާލަންހަދާ ކޮންކްރީޓް
ކޮންކްރީޓަށް ދަގަނޑު ލުމުގެ އީޖާދު ޕޭޓެންޓް ކުރި ފަރާތަކީ މޮނިއަރ ކިޔާ ފަރަންސޭސި މީހެއްކަމަށް ކުރިން ބަޔާން ކުރެވިއްޖެއެވެ. މި ޕޭޓަންޓް އާ ގުޅިގެން، މުޅި ޔޫރަޕުގައި ދަގަނޑު ލައިގެން ކޮންކްރީޓުން ތަކެތި ހެދުމުގެ ކަންތައްތައް ފުޅާވަމުން ދިޔައެވެ. އެންމެ ފުރަތަމަ ހިނގާއުޅުމަށް ދަގަނޑުލީ ކޮންކްރީޓް ފާލަމެއް ޔޫރަޕުގައި ހެދީ ފަރަންސޭސި މީހެއްގެ ގޯތީގައެވެ. އެއީ 1875 ވަނަ އަހަރުއެވެ. އެމެރިކާގައި އެންމެ ފުރަތަމަ އެޅި ދަގަނޑުލީ ކޮންކްރީޓް ފާލަމުގެ ފޮޓޯއެއް ތިރީގައި އެވަނީ އެވެ. މި ފާލަން އެޅީ 1889 ގައެވެ. ދެން މާގިނަ ދުވަހެއް ނުވެ ތަފާތު ބާވަތް ބާވަތުގެ ދަގަނޑުލީ ކޮންކްރީޓް ފާލަންތައް އެޅުން ގިނަވިއެވެ.
ކޮންކްރީޓުން ފާލަން އަޅާއިރު އިސްކަންދޭން ޖެހޭ އެއްކަމަކީ، ފާލަމެއްގެ އަގު ބޮޑުވުމާއެކު ގިނަ ދުވަހަށް ފާލަން ދެމިހުންނާނެ ފަދަ ގޮތަކަށް ހެދުމެވެ. ވަރަށް ގިނަ ފާލަން އަޅަނީ ކޯރެއް ނުވަތަ ކަނޑެއް ހުރަސްކޮށެވެ. މިހެން ކަމުން، ފެނާއި ލޮނުގެ އަސަރުން ކޮންކްރީޓް ހަލާކުވިޔަ ނުދޭން އެކި ކަންތައްތައް ކުރެއެވެ. މިގޮތުން ދަގަނޑުގައި ދަބަރުޖެހިޔަ ނުދޭން ދަބަރު ނުޖަހާ އެސްއެސް ދަގަނޑު ބޭނުން ކުރުމާއި ރެސިން އުގުޅި ދަގަނޑު ބޭނުން ކުރުމުގެ ވާހަކަ ދެވަނަ ބައިގައި ބަޔާން ކުރެވިފައިވާނެ އެވެ. އަނެއް ގޮތަކީ، ފެނާއި ލޮނުގެ އަސަރު ދަގަނޑަށް ކުރާވަރު ކުޑަކުރަން ކޮންކްރީޓް ގަނޑުގެ ތަންކޮޅެއް އެތެރެއަށް ދަގަނޑު ލުމެވެ. ކޮންކްރީޓްގެ ބޭރާއި ދަގަނޑާ ދެމެދު ހުންނަ ދުރުމިނަށް ކޮންކްރީޓް ”ކަވަރ“ އޭ ކިޔައެވެ. ކަވަރ އަކީ ތޮށިފަށަށް ކިޔާ ނަމެކެވެ. ލޮނާއި ފެން ކައިރީގައި ކޮންކްރީޓް ކުރާ ނަމަ، މިކަވަރު ނުވަތަ ތޮށިފަށް ބޯކުރެއެވެ. ދަގަނޑާހަމައަށް ފެނަށް ވާޞިލް ވެވޭނީ މިތޮށިފަށް ފޫއަޅުވާލާފަ އެވެ. އެހެންކަމުން މި ފަށަލަ ބޯވިވަރަކަށް ފެން ވަނުން ކުޑަވާނެއެވެ. ފެނުގެ އަސަރު ކުރާ ތަންތަނުގައި މި ފަށަލައިގެ ބޯމިނުގައި ހުންނަނީ ދެ އިނގިއްޔާއި ތިން އިނގިއްޔާ ދެމެދުގެ މިންވަރެކެވެ. ކަވަރު ބޯކުރުމަކީ ކޮންކްރީޓްގައި އަޅާ ރެނދު ބޮޑުވާކަމެކެެވެ. ނަމަވެސް، ކޮންކްރީޓްގައި ސީދާ ލޮނު ޖެހޭ ނަމަ މަދުވެގެން ½4 އިންޗި ކަވަރުގައި ހުންނަން ޖެހޭނެ ކަމަށް ބްރިޖް އެޅުމާ ބެހޭ މި ގަވާއިދުގައި ބުނެއެވެ.
މި މަޒުމޫނުގައި ބަޔާންކުރަން ޤަޞްދުކޮށްފައި ވަނީ، ފާލަން އަޅަން ބޭނުން ކުރާ ކޮންކްރީޓް، އެހެން ކޮންކްރީޓާ ތަފާތު ވާގޮތެވެ. ނަމަވެސް އެ ވާހަކަ ދެއްކުމުގެ ކުރިން މަތީގައި ބަޔާން ކުރެވިފައި އެވަނީ ތަޢާރުފެކެވެ. 2100 ލަފުޒު ލިޔެވުނު އިރު މަޒުމޫނުގެ އަޞްލަށް މިއުޅެނީ ވާޞިލު ނުވެވިގެންނެވެ. ސަބަބަކީ، މަތީގައިވާ މަޢުލޫމާތަކީ ކޮންކްރީޓްގެ ބާވަތްތައް ދެނެގަތުމަށް ވަރަށް މުހިއްމު މަޢުލޫމާތަށް ވާކަމެވެ. ދަންބެރަށް ވުރެ ތަގުޑި ދިގުވީތީ މަޢާފަށް އެދެމުން އަޞްލު ވާހަކަ އާއިގެން ކުރިއަށް ދަމެވެ.
ފަހެ، ވެލި ނުލާ ކޮންކްރީޓް ހަދައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ . . . . . ތިޔަ ހީކުރީ ރަނގަޅަށެވެ. އޭރުން ހިލަަތައް ސިމެންތިން ތަތްވާނީއެވެ. ނަމަވެސް، ހިލަތަކުގެ ތެރޭގައި ވަރަށް ހުސް ތަންތަން އޮންނާނެއެވެ. އެހެންކަމުން މިފަދަ ކޮންކްރީޓް ބަލިވާނެއެވެ. އަދި ފެނެއް އެއްވެސް ގޮތަކަށް ހަރެއް ނުލާނެއެވެ. މިފަދަ ކޮންކްރީޓް މީހުން ހަދާ އުޅެއެވެ. ބޭނުމަކީ ފެން އަޑިއަށްދާ ތަޅުންގަނޑެއް ފަދަ ތަނެއް އެޅުމެވެ. ތިރީގައި އެވަނީ މިފަދަ ކޮންކްރީޓު އަޅާފައިވާ މަގެއްގެ ވީޑިއޯ އެކެވެ. ފެން ކިތަންމެ ވަރަކަށް އެޅިޔަސް ފެންބޮޑުވާގޮތެއް ނުވެއެވެ. ނަމަވެސް، ބިންގަނޑު ގަދައެވެ. މިބާވަތުގެ ތަޅުން މާލޭގައި އަޅާފައި އޮންނާނީ ދިވެހިރާއްޖޭ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގެ ދޮރުމަތީގައި ދުރުދުރުގައި މުށިޖެހުމުން ހުންނަ ދޭތެރޭގައެވެ. ވާރޭފެން އެތަނަކު ބޮޑެއް ނުވެއެވެ. ވެލިހުރުމުގެ ސަބަބުން ދިމާވާ އުނދަގޫތަކެއް ދިމަލެއް ނުވެއެވެ. މިތަޅުމުގެ މައްޗަށް ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިން ވަނީ އަކިރި އަޅާފައެވެ.
މިއީ މާލޭގެ ބައެއް ޕޭވްމަންޓްތަކާއި ބައެއް އެހެން ތަންތަން ހަދަން ވަރަށް ރަނގަޅު ބާވަތެއްގެ ކޮންކްރީޓްއެއް، އެހެން ނޫންތޯއެވެ؟
ދެން ރާޅު ވެލި އަޅައިގެން ކޮންކްރީޓް ހެދުމުން ވާނެ ގޮތް ޚިޔާލަށް ގެންނާށެވެ. އޭރުން ވެސް، ކުޑަ ވެލިފުކަކަށް ނުވަދެވޭ ފަދަ ޖާގަތައް ކޮންކްރީޓްގައި ހުންނާނެއެވެ. އެހެންކަމުން، ކޮންމެސް ވަރަކަށް ކޮންކްރީޓްގެ ތެރެއަށް ފެން ވަންނާނެއެވެ. ޙަޤީޤަތަކީ، ކިތަންމެ ހިމުން ހިލަ ވެލި އަޅައިގެން ކޮންކްރީޓް ހެދިޔަސް އޭގައި ވެސް ވެލިފުކަކަށް ނުވަދެވޭ ލޯވަޅުތައް ކޮންމެވެސް ވަރަކަށް ހުންނާނެއެވެ. ތިރީގައި އެވަނީ ކޮންކްރީޓް ގަނޑެއް ކީހާލާފައި، މައިކްރޮސްކޯޕަކުން ބޮޑުކޮށްގެން ނަގާފައިވާ ފޮޓޯއެކެވެ. ކަޅުކޮށް މަތީގައި އެވަނީ ކޮންކްރީޓްގެ ބޭރު ފަށަލައެވެ.
ފޮޓޯއިން ޔަޤީން ކުރެވެނީ ކޮންކްރީޓްގައި ކޮންމެވެސް ވަރަކަށް ކުދި ހޮއިތައް ހުންނަ ކަމެވެ. މިހޮއިތައް ކޮންކްރީޓްގެ ބޭރުފަރާތާ ކައިރިވި ވަރަކަށް ގިނައެވެ. މި ކުދިކުދި ލޯވަޅުތައް ބައްދާލަން ބޭނުންވާނީ ހިމުން ވެއްޔަށް ވުރެވެސް ހިމުން އެއްޗެކެވެ. ވެއްޔަށް ވުރެ ހިމުން އެއީ ކޮންފަދަ އެއްޗެއް ބާވައެވެ!
ރޫމީން ޕެންތިއަން ކިޔާ 142 ފޫޓު ޑައިމީޓަރު ނުވަތަ ދިގުހުރަހުގައި ހުންނަ ގުއްބެއް ލާފައި ހެދި ޢިމާރާތެއްގެ ވާހަކަ ކުރިން ބަޔާން ކުރެވިފައި ވާނެއެވެ. އެ ޢިމާރާތަށް 2000 އަހަރު ވީ އިރުވެސް އަދި ހަމަ ބޭނުން ކުރެވޭ ވަރު ވެއެވެ. އެތަން ކޮންކްރީޓް ކުރަން ބޭނުން ކޮށްފައިވަނީ، އުވައިގެ ތެރެއަށް އަޅި އަޅައިގެން ކަމަށާއި ހިލައިގެ ގޮތުގައި ބޭނުންކޮށްފައިވަނީ ބަތާވިގައު ކަމަށް ބުނެފައި ވާނެއެވެ.
އަޅިއަކީ އޭގެ ފުށްތައް، ވެއްޔަށް ވުރެވެސް ހިމުން އެއްޗެކެވެ. އެހެންކަމުން، ހިމުން ވެލިފުކަކަށް ނުވަދެވޭ ކޮންކްރީޓްގައި ހުންނަ ޖާގަތަކަށް އަޅީގެ ފުށްތަކަށް ވަދެވެއެވެ. މިގޮތަށް ވަނުމުގެ ސަބަބުން ލޯވަޅުތައް ބެދެއެވެ. އެހެންކަމުން، ފެނާއި ލޮނު ކޮންކްރީޓްގެ ތެރެއަށް ވަނުން މަދުވެއެވެ. ހަމައެކަނި ލޯވަޅުތަކަށް ވަންނަނީކީ ނޫނެވެ. ސިމެންތިއާ މިއެކުވެ މުޅިން ތަފާތު އެއްޗަށް ބަދަލުވެސް ވަނީއެވެ.
މިޒަމާނުގައި އަލިފާން ފަރުބަދައިގެ އަޅީގެ ބަދަލުގައި ބޭނުން ކުރަނީ، ބޯޓުދެލި އަންދާ އިންޖީނުގެތަކުން ދުމާއެކު ނުކުންނަ އަޅިއެވެ. މިއަށް އިނގިރޭސިބަހުން ކިޔަނީ ”ފްލައި އޭޝް“ އެވެ. އުދުހޭ އަޅި އެވެ. އެއީ އަންދާއިރު ވަޔަށް ބުރައިގެން މައްޗަށް އަރާތީ ކިޔާ ނަމެކެވެ. ދުންހޮޅިން މިތަކެތި އަރަމުން ދާއިރު، އަޅިތައް ކަރަންޓު ފުރޭންޏަކުން ފުރާނައިގެން ނަގައެވެ. މިތަކެތި އެކްސްޕޯޓް ކުރާ އެއް ޤައުމަކީ ޗައިނާއެވެ. ބޮމްބޭގައި ހަދާފައިވާ ހައެއްކަ ކިލޯމީޓަރު ހުންނަ ބަންޑްރާވޯލީ ފާލަން ހަދަން އަޅި އިމްޕޯޓު ކުރީ ވެސް ޗައިނާ އިންނެވެ. (ކުރިއަށް ދިއުމުގެ ކުރިން ފެން ގިނަވުމުން، ކޮންކްރީޓް ބަލިވާ ސަބަބު ބުނެލާނަމެވެ. ކޮންކްރީޓްގެ ބައިތައް ތަތްވާން ބޭނުންވާ ފެނަށް ވުރެ ގިނަ ފެން ބޭނުންކޮށްފި ނަމަ، އެ ފެންތިކިތައް ކޮންކްރީޓްގެ ތެރޭގައި ހުންނާނީއެވެ. ކޮންކްރީޓް މުޅިން ހިކުމުން މި ފެންތިކިތައް ހުރި ޖާގަތައް ހުންނާނީ ހުސް ކޮށެވެ. ކޮންމެ ފެންތިއްކެއް އިން ތަަނަކީ ކުޑަ ލޯވަޅެކެވެ. އެހެންކަމުން ލޯވަޅު ހެދުމުން ކޮންކްރީޓް ބަލިވަނީއެވެ.)
ބްރިޖް ހަދާއިރު ކޮންކްރީޓަށް އަޅި އަޅަނީ ކިހާވަރަކަށް ހެއްޔެވެ؟ އެއީ މުޅިން ސިމެންތި އަޅާނަމަ އަޅަން ޖެހޭ މިންވަރުގެ %10 އާއި %30 އާ ދެމެދުއެވެ. އަޅިއަކީ ޢާއްމުކޮށް އުކާލާ އެއްޗަކަށް ވާތީ، ސިމެންތި މަދުކުރުމަށް އަޅި ބޭނުން ކުރުމުން ކޮންކްރީޓް އަގުހެޔޮ ވެއެވެ. ނަމަވެސް އެހެން ފައިދާތައް މާގިނައެވެ. މި ދިރާސީ ކަރުދާހުގައި އެ ފައިދާތައް ބަޔާންކޮށްފައި ވެއެވެ. ނޯވޭގެ މި ރިޕޯޓްގައި އިތުރު ތަފްޞީލު ހިމެނެއެވެ. އަޅުގަނޑު ތިރީގައި މިނަކަލު ކޮށްލަނީ ފައިދާތަކުން ބައެކެވެ.
އާދައިގެ ކޮންކްރީޓާ އަޅާބަލާއިރު އަޅި އެއްކުުރުމުން ކުރާ މަންފާ
- ކޮންކްރީޓް އަޅަން/ޕަންޕުކުރަން: ފަސޭހަ
- ގެންގުޅެ ވައިބްރޭޓްކުރަން: ފަސޭހަ
- ފޭބުން: ކުޑަ
- ހިކުން: ދެ ގަޑިއިރަށް ލަސް
- ގަދަކަން: ގިނަ ދުވަސްވުމުން މާ ގަދަ ފުރަަތަމަ ހަތް ދުވަހު ކުޑަކޮށް ބަލި
- ރެނދުއެޅުން:ކުޑަ
- ލޮނުވަނުން: ވަރަށް ބޮޑަށް ކުޑަ
- ކަރަންޓު ދަތުރުކުރުން: ވަރަށް ކުޑަ
- ގިރުން: ވަރަށް ކުޑަ
- ދަގަނޑުގައި ދަބަރު ޖެހުން: ވަރަށް ކުޑަ
- އަގު: ވަރަށް ހެޔޮ
- ތިމާވަށްޓަށް ކުރާ އަސަރު: ވަރަށް ރަނގަޅު
ނިންމާލުން
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ފާލަމުގެ ސައިންސް އާ ބެހޭ ސިލްސިލާގެ ތިންވަނަ ބައިގައި މި ގެނެސްދިނީ ފާލަން ހަދާ ކޮންކްރީޓްގެ ޚާއްޞަ ސިފަތަކެވެ. އަދި ސިމެންތި އާއި ކޮންކްރީޓާ ބެހޭ ތާރީޚީ އަދި ބޭނުންތެރި އެހެން މަޢުލޫމާތެވެ.
ހަތަރުވަނަ ބައިގައި ގެނެސްދޭނީ، ފާލަން ހެދުމަށް ޖަހާފައިވާ މުޑިތަކުގެ މަތީގެ ބައެއް ބައިތަކުގެ ސައިންސް އެވެ. إن شاء الله
މި މަޒުމޫނުން ތިބާގެ މަޢުލޫމާތު މުއްސަނދިވި ނަމަ، ފާލަމާ ބެހޭ މި ފުރަތަމަ މަޒުމޫނަށް ވެސް ޝައުޤުވެރި ވެދާނެއެވެ. އަދި ދެވަނަ މަޒުމޫނަށް ވެސް ޝައުޤުވެރި ވެދާނެ އެވެ.
when is part 4 :)
Shukuriyya sir Hassan Hameed alhugadu ah varah gina muhinmu mauloomaath thakeh mi aatical in libihge. Thank,you.
ތިޔަކުރައްވާ ބުރަމަސައްކަތްޕުޅާއި ތިޔަދެއްވި އަގުހުރި މައުލޫމާތަށް ފައްފަށުން ސުކުރިއްޔާ
Thank you so much. Informative, research-based rich articles like this really helps students like me who are studying Civil Engineering. And I am sure other students who study areas related to construction field will find articles like this extremely helpful. Moreover, even graduates who are breaking out in the field can learn a lot from experienced experts’ words. You, Sir, are a Legend. Every Maldivian should be proud of people like you. Your words are so simple, just like you stated, so that even the people who have no knowledge on this area can fully understand what the works are about. Your blog is certainly amazing. Thank you again.
Thank you and all for your kind words and gracious appreciation. From the some 2600 words, if a reader has learned something new, my purpose is fulfilled. But the purpose of knowing is action and I trust you would use it in your thinking… A mind never returns to its original size, once expanded by new thoughts.
Nice article. It would be great if you could analyse design of the bride. This bridge looks little curved, rather than straight. Addu link road has many curves and bends. One of the reasons to have so many accidents seem to be this flaw in design. People want to ride or drive fast on highways and bridges. If this bridge is in fact curved, what are the chances of accidents at high speed, lets say 60 mph. thanks
The article I read notes that bridges are usually never made straight which is for aesthetics. Nature abhors straight lines. The reason why M-H bridge is curved is explained in the second article. It is following the shallowest areas — the ring around Male’ atoll. With regard to the Link Road, a map of accident points in the past will show what the real issue is. Some say the cause is not the curved nature of the Road.
Thanks. Dr. Hassan.
Thanks for your teaching. I am a student
V bauvaru mauloomaathu libijje. Shukuriyyaa Dr Hassan.
Dr Hassan Dharuma Majallaagai shaaiu kuravvaafai huri ethah dhiraasaa thakeh,Qaunee ufedhdhun theri kamuge thereygai viyafaaree ge usoolun bayaku beynun kuraane nama haadha rangalhuveeheve.
Addu link rd aa gulhigen moodhuge oivarun ufedhdheyne karant , dhoanifaharugai alhaa injeenuge badhalugai Generator fadha ethah liuneh.
Assaribahaai Saabas Dr Hassan.
Great job. Love to read your articles
Very informative article. Thank you sir
شكرًا
This is an infomative article. Thanks a lot
very informative. Thank You
hope many commoners will read this article which is very informative. Lots of people viewing the development of CMFBridge share their thoughts on chit-chats are very misleading to listeners. It is obvious that many do not have a clue of what is going on. No doubt at least few of us will read this and get informed of our new changing world. Thank you Hassan for the information, in Dhivehi, where many words are challenging; but you have done fair in delivering the best anyone in our language so far.
Very Informative in deed
alhugandu v kudairussure hassan hameed ge liun thah kiyan. mihaa informative dhivehi liun theriaku adhi nudheken, masha allah.
Informative article. Look forward for more.
Very informative
ވަރަށް ގިނަ މައުލޫމާތް ލިބިއްޖެ މީ މައުލޫމާތުގެ ހަޒަނާ މުއްސަނދިކޮށްލަން ވަރަށް މުހިންމު ލިޔުމެއް މާތްﷲ ހަސަންގެ އިލްމު އިތުރު ކުރުރަށްވާށި އާމީން
ބަތާވިގަލަށް އަޅޫގަނޑުމެން ރަށުގައި ކިޔަނީ ހުލިގާ ވަރަށް ގިނައިން ގޮޑުދޮށަށް ލަގާފައި ހުރޭ ބަތާވިގާ މިނަން އަޑުއެހިތާ އަޅުގަނޑު މިހުރީ ޝައްކުވެގެން ދިވެހި ބަސް ފޮތް ވެސް ބަލާލެވިއްޖެ
who is reading this sir.
ppl are too lazy to read this out. why don’t u put an audio or video of this essay so that i can listen
There is a video with essential summary at the beginning… ;-)
Thanks
Very informative